
ހާދަހާވޭ ކުރާހިތް ސަމާސާ 34 ވަނަ ބައި
ދޮރުން ވަދެގެން އައިސް ޒެކްމެން ކައިރީ މަޑުކޮށްލި މީހަކު ފެނުމުން އެންމެންގެ ލޯތަށް އެދިމާލަށް އަމާޒު ވިއެވެ. އަދި ފައުޒާންއަށް ވެސް އިންތަނުން ތެދުވެވުން އިރު ޒެކް ވެސް ހުރީ ހައިރާން ވެފަ އެވެ.
ދޮރުން ވަދެގެން އައިސް ޒެކް ކުރިމަތީ ހުއްޓިގެން ހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ޖަމާލް އެވެ. ޖަމާލް ޒެކްއާއި ސަލާން ކޮށްލި އެވެ. ޒެކް ހުރީ ގަބޫލު ނުކުރެވިފަ އެވެ.
“ޒެކް، ބޭބެއަށް މި އާދެވުނީ ކައިވެނިކޮށް ނިމުނީމަ ދޯ. އަސްލު ބޭބެ އަންނަން ބޭނުންވީ ޒެކްގެ ކައިވެނި ކުރާތަނަށް. އެކަމަކު ފްލައިޓް ޑިލޭ ވީ.” ޒެކްގެ އަތުގައި އަދިވެސް ހިފަހައްޓާލައިގެން ހުރެ ޖަމާލް ބުންޏެވެ.
“އަޅުގަނޑަކަށް ނޭގެ ބޭބެ ވަޑައިގަންނަވާނެ ކަމެއް. ކުޑަކޮންވެސް އިނގުނު ނަމަ ކައިވެނި ލަސްކޮށްލީމުސް.” އަދިވެސް ހައިރާން ވެފައި ގަބޫލު ނުކުރެވިފައި ހުރެ ޒެކް ބުންޏެވެ.
“ޒެކްގެ ފަރާތުން އެކަކުވެސް ނުހުންނާނެކަން އިނގޭތީ އެހާވަރުން ބޭބެ މިއައީ. ހިބާ ވެސް ވަރަކަށް އަންނަން އުޅުން.” ޖަމާލް އަދިވެސް ހުރީ ޒެކްގެ އަތުގައި ހިފައިގެނެވެ.
“ބައްޕާ،” ކައިރީގައި ހުރި ރަޝީދުއަށް ޒެކް ގޮވާލި އެވެ. “މި ހުންނެވީ ޒެކް ބަލާ ބޮޑުކުރި ބޭބެ ޖަމާލް. މީ ހިބާގެ ބައްޕަ. ބޭބޭ، މީ އަޒޫގެ ބައްޕަ ރަޝީދް.” ރަޝީދު އަދިވެސް ކައިރިވެލުމުން ޒެކް ބުންޏެވެ.
“އަވަހަށް މިކޮޅަށް ދުރުވޭ. އަޅުގަނޑު ވަރަށް އުފާ ވެއްޖެ ޖަމާލްއާއި ބައްދަލު ވީތީ.” ރަޝީދު ވަރަށް އަދަބު ވެރިކަމާއި އެކު ޖަމާލް ގޮވައިގެން އެތެރެއަށް ވަންނަން ހިގައި ގަތެވެ.
އެވަގުތު ޖަމާލް ލޮލުގައި ފައުޒާން އަޅައިގަތެވެ. ފައުޒާން ޖަމާލްއަށް ބަލަން ހުރިގޮތުން ޖަމާލްގެ ހިތަށް އަސަރުތަކެއް ކުރިކަމުގައި ވިއަސް އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލަމުން އެތަނުން ދުރަށް ދިޔަ އެވެ. ޖަމާލް ފަހަތުން ދިއުމަށް ފައުޒާން ވެސް ހިގައިގަންނަން އުޅެނިކޮން އަޒްމީލް އައިސް ފައުޒާން އަތުގެ މުލައްދަނޑީގައި ހިފަހައްޓާލި އެވެ. ފައުޒާން އަޒްމީލްއަށް ބަލައިލި އެވެ. އަޒްމީލް ބޯ ހޫރާލި އެވެ. ނަމަވެސް ފައުޒާން މަޑުން ހުންނާކަށް ބޭނުމެއް ނުވި އެވެ. ފައުޒާންއާއި ދުރުކޮށްގެން ހިބާ ގެންގުޅޭނެ ހައްގެއް ބައްޕައަކަށް ވިއަސް ޖަމާލްއަކަށް ނޯނާންނެ އެވެ. ފައުޒާން ހިތްހަމަ ނުޖެހިފައި ހުރިވަރުން އަޒްމީލްގެ އަތްވެސް ފޮޅުވާލުމަށް ފަހު ޖަމާލް އާއި ދިމާލަށް ދާން ފެށިއެވެ. މޭޒެއް ކައިރީ ޖަމާލް އާއި އެކު ރަޝީދް ވެސް އިށީނެވެ.
“އަދި ހުންނާނެ އަޒްމީލް ކިޔާ ފިރިހެން ކުއްޖެއްވެސް. އޭނަ ވެސް މީހަކާ އިނދެގެން އުޅެނީ.” ޖަމާލް ކުރި ސުވާލަކަށް ޖަވާބު ދެމުން ރަޝީދް ބުންޏެވެ. އެވަގުތު މޭޒު ކައިރިއަށް އައިސް ފައުޒާން ހުއްޓުނެވެ. ފައުޒާންގެ މޫނުމަތިން ފެންނަން ހުރީ ހިތްހަމަ ނުޖެހުމާއި މާޔޫސް ކަމެވެ. ޖަމާލް ފައުޒާންއަށް ބަލައި ލާފައި ވެސް އަޅާވެސް ނުލާ މޭޒުމަތީ ދާދި ދެންމެ ގެނެސް ބެހެއްޓި ފިނި ޖޫސް ތަށީގައި ތުންޖަހާ އެތިފޮދެއް ބޯލި އެވެ.
“ހިބާ ބައްޕާ،” ފައުޒާން ހިތްހަމަ ނުޖެހިފައި ހުއްޓެއްކަމަކު ވާހަކަ ދެއްކީ ވަރަށް މަޑުމައި ތިރިކޮންނެވެ. “އަޅުގަނޑުގެ ކުށަކީ ކޮބައިތޯ. ހިބާއާއި އަޅުގަނޑާ ދުރު ކުރުމެގެ ހައްގެއް ބައްޕައަށް ލިބިލައްވާފައި ވޭތޯ؟ ތިގޮތަށް ކަންތައް ކުރުމުން ބަރުބާދު ވެގެން މިދަނީ ހަމަ އެކަނި އަޅުގަނޑުގެ ލައިފްއެއް ނޫނެއްނޫންތޯ. ތިގޮތަށް ކަންތައް ކުރެއްވުމުން ހިބާއާއި އަޅުގަނޑުމެންގެ ދަރިފުޅަށް ތި ދެއްވަނީ ކިހާ ބޮޑު އަނިޔާއެއް ކަމެއް އިނގި ނުލައްވަނީތޯ؟” ފައުޒާންގެ ލޮލުން ކަރުނަ ނިރާލި އެވެ. ފައުޒާން ހިންދިރުވާލައިފައި އަނެއްކާވެސް ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ޖަމާލް ވާހަކަ ދައްކަން ފެށި އެވެ.
“ތި ހުރިހާ އެއްޗެއް ކިއުމުގެ ކުރިން ފައުޒާން ވިސްނާލުން މުހިންމު ކަންތައް ތަކެއް ވެސް އެބަހުރިނު. އެންމެ ފުރަތަމަ ފައުޒާން ކީއްކުރަން ސިއްރުކުރީ؟ ސިއްރުކުރުމުގެ ސަބަބުން މި ހުރިހާ ކަމެއް މިގޮތަށް މި ވީ. އިހުސާސް ވޭތަ އަމިއްލައަށް ކުރި ކަންތައް؟” ޖަމާލް ކައިރިއަށް ރުޅި އަންނަގޮތް ވިއެވެ.
“އާން، ވަރަށް ބޮޑަށް އިހުސާސް ކުރެވޭ. އަޅުގަނޑުގެ ކުށުން ވީ ގޮތެއްކަން އަޅުގަނޑު ގަބޫލު ކުރަން. އަޅުގަނޑަށް މާފްކުރައްވާ.” ފައުޒާންގެ ލޮލަށް ގިނަވެފައި ވާ ކަރުނަތަށް ކޯތާފަތަށް ފައިބައިގަންތަން ޖަމާލްއަށް ފެނުނެވެ. ޖަމާލްގެ ހިތަށް އަސަރު ކުރި އެވެ. ނަމަވެސް އެކަން ފޮރުވުމަށް ޓަކައި ގޮޑިން ކުއްލިއަކަށް ތެދުވި އެވެ.
“ރަޝީދް. އަޅުގަނޑު މިވަގުތު ގޮސްލަނީ.” ޖަމާލް ހުރީ ނުރުހުން ވެފަ އެވެ.
“ބައްލަވާ ކޭންވެސް ނުބައްލަވައިތޯ ދުރުވަނީ؟” ރަޝީދް ކަންބޮޑުވެފައި އަހާލި އެވެ.
“އާން، މިކަހަލަ މާހައުލެއްގައި ކިހިނެއް ކާނީ؟ އަދި މިތާ އެންމެ އިރުކޮޅަކުވެސް މަޑުކުރާކަށް އަޅުގަނޑު ބޭނުމެއްނޫން.” ޖަމާލް ތެދުވެގެން ހިގައި ގަންނަނަމުން ބުންޏެވެ.
“ބައްޕާ، ޕްލީސް ތިހެން ނަހައްދަވާ. ޒެކް ވަރަށް ދެރަވާނެ ތިހެން ހައްދަވައިފިއްޔާ. އަޅުގަނޑު ހިގައިދާނަން ދުރަށް.” ފައުޒާން އެހެން ބުނަމުން މޫނު ފޮހެލަމުން އެތަނުން ދިއުމަށް ހިގައިގަތެވެ. ޖަމާލް މަޑުކޮށްލައިގެން ފައުޒާން ދާ ދިމާލަށް ބަލަން ހުއްޓެވެ. ފައުޒާންގެ އަދަބާއި ރަގަޅުކަމަށް ޓަކައި ހިތާހިތުން ޖަމާލް އުފާ ކުރިއެވެ. ނަމަވެސް ގޮތުގައި އަދިވެސް ހިފަހައްޓާލައިގެން ޖަމާލް ހުއްޓެވެ. ފައުޒާން އެތަނުން ނުކުމެގެން ގޮސް ދަރުބާރުގޭ ބިއްދޮށުގައި އޮތް އުސްފަސްގަނޑު މަތިން ގޮސް ތޮށިގަނޑުގައި އިށީދެލައިގެން އިނެވެ. މިއަދު ފައުޒާން އަޑުގަދަކޮން ވާހަކަ ނުދެއްކީ އަޒްމާއާއި އަޒްކާއަށް ޓަކައެވެ. މާޒްއާއި ޒެކްއަށް ޓަކައެވެ. އެހެން ނޫންނަމަ މިރޭ ޖަމާލް ގެއަށް ވެސް ދިޔަ ނުދިނީހެވެ. ކޮންމެސް އެއްގޮތަކަށް ކަންތައް ނިންމަން ފައުޒާން ބޭނުމެވެ. ޖަމާލް އެގޮތަށް ދެކޮޅު ހަދަންޏާ ކޯޓަށް ގޮސްގެން ވެސް އެކަން ނިންމަން ފައުޒާން ބޭނުމެވެ.
ދެމަސް ކުރިން ފައުޒާން ވަނީ ޒެކް ކައިރީ ހިބާއާއި ފައުޒާންގެ ދަރިފުޅަށް ކިޔާނެ ނަމެއް ބުނެފަ އެވެ. އެއީ ރަހާ ފައުޒާން އެވެ. މާނަ އަކީ އަމާން ކަމެވެ. “ޕީސްފުލް” އެވެ. އަދި ހިބާ ކައިރީވެސް އެއީ ފައުޒާން ދިން ނަމެއްކަމުގައި ޒެކް ބުނެފައި ވާނެ ކަމަށް ވެސް ޒެކް ވަނީ ބުނެފަ އެވެ. އަދި ޖަމާލްއަށް ވެސް އެނަން ރީތިވެގެން އެނަން ކިޔާފައި ވާކަމަށް ޒެކް ބުންޏެވެ. ނަމަވެސް ނަން ނުކިޔާތާ ގިނަދުވަސް ވެގެން ރަހާއަށް އެންމެން ކިޔަން ފެށި ކޮއްކޮ މިހާރު ވަނީ ހަރުލާފަ އެވެ. ހިބާއާއި ދަރިފުޅު ރަހާ ކައިރިއަށް ދާން ފައުޒާން ބޭނުމެވެ. ނަމަވެސް ޒެކް ބުނެގެން ފައުޒާން މަޑުކޮށްލައިގެން ހުރީ އެވެ. މިހާރު ކިހާ ދުވަހެއް ހެއްޔެވެ. ރަހާ ދެކިލާ ހިތުން ފައުޒާންއަށް ހުރެވެނީކީ ނޫނެވެ. ވަރަށް އަވަހަށް މާލެ އަންނާނެ ކަމަށް ޒެކް ބުނެ އެވެ.
ފައުޒާން އެކި ހިޔާލުގައި ތޮށިގަނޑު މަތީ އިށީދެގެން އިނެވެ. ޒެކްގެ ފަރާތުން ހިބާގެ ހަބަރު މަދުމަދުން ލިބެއެވެ. ނަމަވެސް އަދިވެސް ހިބާއާއި ވާހަކަ ދައްކާ ލެވޭނެ ގޮތެއް ނުވެ އެވެ.
ވަރަށް ލަސްވިފަހުން ފައުޒާން އައިސް މާލަމަށް ވަނެވެ. އޭރު މެހެމާނުންތައް ގޮސް އެތާ ތިބީ ހަމަ އެކަނި އާއިލާ މީހުންނެވެ. އެންމެން ވެސް އުޅެނީ ހާސްވެގެން ނެވެ. ކޮންކަމެއް ދިމާވީ ބާއެވެ.
“އެހެރީ.” ދޮރުކައިރީ އެންމެނާއި ދިމާއަށް ބަލަހައްޓައިގެން ހުރި ފައުޒާން ފެނުމުން ރަޝީދް ބުންޏެވެ. އެންމެން އެދިމާލަށް ބަލައިލި އެވެ. ހަފީޒާއާއި އަލީ ފައުޒާންއާއި ދިމާއަށް ދުއްވައިގަތެވެ.
“ކޮންތާކުން ތިއައީ؟ ކީއްވެތަ ފޯނު ނުނަގަނީ؟ ކިހާ އިރެއްވެއްޖެ ޒާން ގެއްލިގެން އުޅޭތާ؟” ފައްޗަކަށް ސުވާލުތަށް ހަފީޒާ އަމުނާލި އެވެ. އަލީ ވެސް ފައުޒާންއަށް ބަލަހައްޓައިގެން ހުރީ ކަންބޮޑު ވެފަ އެވެ.
“މިތާ އަތިރިމަތީ ތޮށިގަނޑުމަތީ އިނީ،” ފައުޒާން ޖީބުން ފޯނުނަގާ ބަލައިލި އެވެ. ފަންސާހަކަށް މިސްކޯލް އައިސްފައި ވެއެވެ. “ފޯނު މިއޮތީ ސައިލެންޓަށް ލެވިފަ. ސޮރީ.” ފައުޒާން ފޯނަށް ބަލައިލާފައި ހަފީޒާ ކައިރީ ބުނެލި އެވެ. އަދި އެހެން މީހުނަށް ބަލައިލި އެވެ. އެންމެންގެ މޫނުމަތިން ވެސް ކަންބޮޑުވެފައި ވާކަން ފާޅުވާން ހުއްޓެވެ.
“ޖަމާލް ވެސް ކަންބޮޑުވެލައްވާފައި ހުރެ އެދުރުވީ ދާދި ދެންމެ މަންމަ ކައިރިން މާފަށް ވެސް އެދިލައްވާފަ،” ހަފީޒާ ބުންޏެވެ. “ފައުޒާން ތީ އެހާ ފިޑި މީހެއް ކަމަކަށް ހިޔެއް ނުކުރަމޯ ވެސް ޖަމާލް ބުނުއްވި.” ފައުޒާން ހައިރާން ވެފައި ހަފީޒާއަށް ބަލަން ހުއްޓެވެ. އެހެން ހިބާގެ ބައްޕަ ބުނެފާނެ ހެއްޔެވެ. އެހެން ވިއްޔާ ހިބާގެ ބައްޕަގެ ހިތް ސާފެވެ. ފައުޒާން ހިތަށް އެރިއެވެ. ދެރައީ ގޮތްދޫ ނުކުރާ ގޮތެއް ހުންނަނީތާ އެވެ. ފައުޒާންގެ ހިތުގައި އުންމީދު އާވެގެން ދިޔައެވެ. އަދި ފަނޑު ހިނިތުން ވުމެއް ތުންފަތަށް ވެރި ވިއެވެ.
“އެހާ އިރު ވަންދެން ތޮށީމަތީ އިނީ؟” އަލީ ހުރީ ހައިރާން ވެފަ އެވެ. ފައުޒާންއަށް ވަމުންދާގޮތް އަލީއަށް ވެސް ފެނެއެވެ. ފައުޒާންއަށް ނަފްސާނީގޮތުން އަސަރު ކުރަނީ ކަމުގައި އަލީ ވަނީ ޖަމާލް ކައިރީ ބުނެފަ އެވެ.
“ދެން ހިންގާ ކާން. އަޒޫ އާއި އަޒްކޮ މެންވެސް އެތިބީ ނުކައި ޒާންގެ ހަބަރެއް ނުވެގެން.” ހަފީޒާ ބުންޏެވެ. ފައުޒާން އެންމެން ކައިރިއަށް އައުމުން އަޒްމާ އެ ބޮޑު ކައިވެނީގެ ހެދުމުގައި ހިފަހައްޓާލައިގެން އައިސް ފައުޒާން ކުރިމައްޗަށް ހުއްޓުނެވެ.
“އަހަރުމެން މީ އެއްވެސް ބައެއްނޫން ދޯ؟ އަހަރުމެން ހިތަށް އަރާނެ އެއްޗަކާ މެދު ވިސްނާލިންތަ؟ ޒާންއަށް ގޮތެއް ވެއްޖެއްޔާ ރޯން ތިބިހާ މީހުން މިތިބީ.” އަޒުމާ އެތާތިބި އެންމެނާއި ދިމާއަށް އިޝާރާތް ކޮށްލި އެވެ.
“އަޒޫ، އައި އަންޑަރސްޓޭންޑް. ދެން އެހެނެއް ނުވާނެ. އެހާ ގިނައިރު ވީކަމެއް އަސްލު ނޭގުނީއޭ. ހިނގާ ކާން ދަމާ.” ފައުޒާން އަޒުމާގެ އަތުގައި ހިފައިގެން ކާއެއްޗިހި ހުރި މޭޒާ ދިމާލަށް ދާން ހިގައި ގަތެވެ. އެމީހުން ފަހަތުން ދެން ތިބި މީހުންވެސް ހިގައި ގަތެވެ. ނަދުވާ ދުރުގައި އެ ހުރިހާ ކަމެއް ބަލަން ހުއްޓެވެ. ފައުޒާންއަށް ގޮތެއް ވީކަމަށް ހީކޮށް އެންމެން އުޅުން އިރު ނަދުވާގެ ހިތުގެ ހިގުންވެސް ބާރުވެފައި ވިއެވެ. ކޮންމެސް ވަރަކަށް ބިރުގަތެވެ. ނަމަވެސް އެކަން މީހުނަށް ނުދައްކާ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ނަދުވާ ހުރީ އެވެ. ޒޭބާ ބެލީ ނަދުވާއާއި ވީހާވެސް ދުރުން އުޅޭވޭތޯ އެވެ. އަދި ޖަމާލް އައި ވަގުތު ޒޭބާ ވެސް އަވަހަށް ގެއަށް ދިޔައީ ޖަމާލްއަށް ޒޭބާ ފެނިދާނެތީ އެވެ. އޭރުން ދެން ޖަމާލްމެންގެއަކަށް ޒޭބާއަކަށް ނުވަދެވޭނެހެން ޒޭބާއަށް ހީވީ އެވެ.
ކާ އެއްޗިހި އަޅައިގެން އައިސް ޒެކްއާއި އަޒްމާއާއި މާޒްއާއި އަޒްކާއާއި ނިހާނީއާއި އަޒްމީލްއާއި އަދި ފައުޒާން މޭޒެއް ކައިރީ އިށީނެވެ. އެންމެން މިހާރު ތިބީ ވަރަށް ހަމަ ޖެހިފަ އެވެ.
“އެނގޭތަ،” އަޒްކާ ވާހަކަ ދައްކަން ފެށި އެވެ. “ހިބާގެ ބައްޕަ ހުރީ ވަރަށް ދެރަވެފަކަން މޫނުމަތިން އެގުންދޯ.” ފައުޒާން އަޒްކާއަށް ބަލައިލި އެވެ.
“އަސްލުވެސް. އާން. އޭނަ ހުރީ ވަރަށް ސީރިއަސް ވެފަ. ބުނި ޒާން އައިމަ އަންގައްޗޯވެސް ދޯ.” ނިހާނީ ބުންޏެވެ.
“ޒެކް ގުޅާފަ ބުނެފި މިހާރު.” އަޒްމާ ބުންޏެވެ.
“ބޭބެ އަކީ ގޯސް މީހެއް ނޫނޭ. ބޭބެ ވަރަށް ދެރަވެފަ ހުރީ ދޯ. ބޭބެ އަސްލު ބޭނުމެއް ނުވާނެ މީހުން ދެރަކުރާކަށް ވެސް. އެކަމަކު ބޭބެ ބޭނުމެއް ނުވާނެ ބަލި ގަބޫލު ކުރާކަށްވެސް. ފާޑެއްގެ ގޮތެއް ބޭބެގެ ހުންނާނެ. ތަންކޮޅެއް ގިނައިން ކިޔާ އާދޭސް ކުރީމަ ބޭބެގެ ހިތް މަޑުވެދާނެ.” ޒެކް ފައުޒާންއަށް ބަލައިލަމުން ވާހަކަ ދައްކަމުން ދިޔައެވެ. ހީވަނީ ފައުޒާންއަށް ކަމެއް އަންގަން އުޅޭ ހެނެވެ. “ޒާންގެ ކަންތަކުގަ އެކަމަކު ހިބާ ވާހަކަ ނުދައްކާތީ މައްސަލަ އަކީ. ހިބާ ބޭބެ ކައިރީ ހިބާގެ ހިތުގެ ހާލަތު ކިޔާދޭ ނަމަ ބޭބެ މިހާރު ޒާން ގެންގޮސް ދާނެ ސިންގަޕޫރަށް ވެސް. ހިބާ އެއްވެސް ގޮތަކަށް ވާހަކަ އެއް ނުދައްކާ ވިއްޔަ. ހިބާއަށް ކައުންސެލިން ދީގެން ވަރަށް ބޮޑަށް ރަގަޅު މިހާރު. އެކަމަކު އަދިވެސް މާ ގިނައިން ވާހަކަ ދައްކައެއް ނޫޅޭ. މުޅިން އެހެން ހިބާއެއް އެއީ މިހާރު. ކޮއްކޮއާއި އެއްކޮން އުޅޭ ވަގުތު ތަންކޮޅެއް ރަގަޅު ހެން ހީވޭ. ހީލާ ހަދާނީ ވެސް އެގަޑި ތަކުގަ. މޫމިނާއްތަ ވެސް ހިބާއަތަށް ކޮއްކޮ ދެނީވެސް ފީޑް ކުރަން ވީމަ އެކަނި. މިހާރު ޑޮކްޓަރ ބުނެފި އެއްކޮން ހިބާ ގެންގުޅެން ކޮއްކޮ ދޭށޭ. އޭރުންނޭ ރަގަޅުވާނީ. މިހާރު އެހެން ހަދަން ފެށީމަ ރަގަޅު ކަމަށް މޫމިނާއްތަ ބުނި.” ޒެކް ކަމުން ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައީ ފައުޒާންއަށް ބަލަން އިނދެއެވެ. އެއީ ފައުޒާންއަށް މާކުރިންވެސް އަންގަން ޖެހޭ ވާހަކަ ތަކެއްކަން ޒެކްއަށް އިހުސާސް ވީ އެވެ.
“ކޮން އިރަކުން ހިބާމެން އަންނަނީ؟ ގިނަދުވަސް ވަންޏާ ޒާން އެކޮޅަށް ދާން ގަސްތުކުރަނީ.” ފައުޒާން ބުންޏެވެ. ޒެކް ފައުޒާންއަށް ބަލަން އިރުކޮޅަކު އިނެވެ.
“ވަރަށް އަވަހަށް ހިބާ އަންނާނެ. ގިނަ ދުވަސް ވަންޏާ ޒެކްގެ ހަރަދުގަ އިރާދަކުރެއްވިއްޔާ ޒާން އެކޮޅަށް ފޮނުވާނަން.” ޒެކް ބުންޏެވެ. ޒެކް ބުނި ގޮތުން ވަރަށް އަވަހަށް ދެން ހިބާ އައިސްދާނެ ކަމުގެ އުންމީދު ފައުޒާންގެ ހިތުގައި ބޮޑުވެގެން ދިޔަ އެވެ.
އެރޭ ގެއަށްގޮސް ޖަމާލް ވަރަށް ވިސްނަން އިނެވެ. މޫނުމަތިން ހިސާބެއްގެ މާޔޫސް ކަމެއްވެސް ފާޅުވާން ހުއްޓެވެ. ޒެކްމެން އުޅެން ހަމަޖައްސާފައި ވަނީ ޖަމާލްމެންގޭގައި ކަމުން ޒެކްމެން އަންނަން ދެން ޖަމާލް ނުނިދާ އިނެވެ. ޒެކްމެން އައީ ވަރަށް ލަސްވި ފަހުންނެވެ. ޒެކްގެ އެދުމުގެ މަތިން އެރޭ އެހެން އެކަކުވެސް އެގެއަކަށް ނުވަދެ އެވެ. އަޒްމީލުމެން އަންނަން އުޅުމުންވެސް ޖަމާލް ނުރުހުން ވެދާނެތީ އެކަން ޒެކް މަނާ ކުރީ އެވެ.
ޖަމާލް ޒެކްއާއި ބައިވަރު ވާހަކަ އެރޭ ދެއްކި އެވެ. އަޒްމާވެސް ކައިރީގައި ބައިންދައިގެނެވެ.
“ޒެކް، އަހަރެންނާއި ޒެކްގެ ލޭގެ ގުޅުމެއް ނެތަސް އަހަރެންގެ ދަރިއެއްގެ ގޮތުގަ އަހަރެން އަބަދުވެސް ޒެކް ބަލަމުން އައީ. ޒެކް ވެސް މިހާރު ތި މީހަކާ އިނދެ އާއިލާއެއް ފެށީ. އަހަރެން ބޭނުންވަނީ ޒެކް މިގޭގަ އުމުރަށް ވެސް އުޅެން. އެކަމަކު އަހަރެން ނެތް ދުވަހަކުން ވާނެ ގޮތެއް ނޭގެ. ޒެކްގެ ގެ އެހެރީ ހަމަ ޒެކްއަށް. އެތަނުން އެއްބުރި އަހަރެން އެހެރީ އަބްޔާންއަށް ދީފަ. ދެން ހުރިހާ ބުރިއެއް އެއީ ޒެކްގެ. ޒެކް ބޭނުމިއްޔާ އެގޭގަވެސް އުޅެވިދާނެ. ކުއްޔައްދީފަ ހުރި ތަންތަނުން ލިބޭ ފައިސާވެސް އަންނަ އަހަރުން ފެށިގެން ޒެކްގެ އެކައުންޓަށް ދާނެ،” ޖަމާލް ބުންޏެވެ. ޖަމާލް ދެން ދެއްކީ ބައްޕަ އަކު ދައްކަން ޖެހޭކަހަލަ ވާހަކަ ތަކެކެވެ. ދެމަފިރިން އެކަކު އަނެކަކަށް އަޅާލަން ޖެހޭނެ ވާހަކައާއި ކަންތައްތައް އެކަކު އަނެކަކާ ހިއްސާ ކުރަން ޖެހޭނެ ވާހަކަ އެވެ. ޖެހިގެން އައި ދުވަހު ޖަމާލް ފުރައިގެން ދިޔައީ އޮސްޓްރޭލިޔާއަށެވެ. އެއީ ލަޔާންއާއި ބައްދަލު ކުރާށެވެ. ލަޔާންއާއި ބައްދަލު ނުވާތާ ގިނަދުވަސް ވެފައި ވާތީ އެވެ. އޮސްޓްރޭލިޔާއިން ޖަމާލް ދާނީ އަނެއްކާވެސް ހިބާކައިރިއަށް ސިންގަޕޫރަށެވެ.
އެއްމަސް ފަހުން ފައްވާޒްއާއި ރިފާ އެމީހުންގެ ކުޑަކުޑަ އެއް އަހަރުގެ ޒާދް ގޮވައިގެން މާލެ އަންނާތީ ފައުޒާން ހުރީ ހުޅުލޭ އެއަރޕޯރޓްގަ އެވެ. އެއީ ފައުޒާންއަށް ޒާދް ފެންނަ ފުރަތަމަ ފަހަރެވެ. އެމީހުން އަންނަމީހުންގެ ދޮރުން ނުކުތުމާއި އެކު ފައުޒާން އަވަހަށް ގޮސް ޒާދް އުރާލި އެވެ. ފައުޒާން އުރާލުމުން ޒާދް ރޯން ފެށިއެވެ. ދުވަހަކުވެސް އަދި ނުފެންނަ މީހަކު އައިސް ޒާދް އުރާލުމުން ޒާދް ބިރުގަތީ އެވެ.
“ޒާންބެޔޭ މީ.” ޒާދް ރޯން ފެށުމުން ފައުޒާން ދެރަވި އެވެ.
“އަދި ޒާންބެޔާ ރައްޓެހިވާނެޔޭ ދޯ.” ރިފާ ފައުޒާން އަތުން ޒާދް އުރަމުން ބުންޏެވެ.
“ނުފެންނަ މީހުންދެކެ ވަރަށް ބިރުގަންނާނެ.” ފައްވާޒް ހެވިފަ ހުރެ ބުންޏެވެ.
“ކޮބާ ފިޒް؟” ފައުޒާން އަހާލި އެވެ. އެމީހުނާއި އެކު ފިޒާވެސް އޮތީ އަންނަ ގޮތަށެވެ. ނަމަވެސް އަދި ދޮރުން ބޭރަށް ނުނިކުންނާތީ އަހާލީ އެވެ.
“އެބައާދެ. މިފަހަރު މެރީ ކުރާނެ ތޯއްޗެ. އާން އެހެންޏާ ފަހެ އެދެމީހުން ހީވަނީ ދުރުނުވެވިގެން އުޅޭހެން ވިއްޔަ.” ފައްވާޒް އެހެން ބުނުމުން ފައުޒާން ހައިރާން ވެފައި ފައްވާޒްއަށް ބަލަން ހުއްޓެވެ. ފައްވާޒް އެ ދައްކާ ވާހަކަ ރަގަޅަށް ނޭގިފައެވެ. އެވަގުތު ދޮރުން ނުކުމެގެން އައީ ފިޒާއެވެ. އަދި ޓްރޮލީ ހިފައިގެން ފިޒާއާއި އެކު ނުކުމެގެން އެ އަންނަނީ ހިބާގެ ކޮއްކޮ ލަޔާން އެވެ. ފައުޒާން އެދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“ޒާންބޭ،” ފައުޒާން ފެނުމުން ފިޒާ އައިސް ފައުޒާން ގައިގައި އޮޅުލައިގަތެވެ. ލަޔާން ވެސް ފަައުޒާންއަށް ހީލަމުން ސަލާން ކޮށްލުމުގެ ގޮތުން އަތުން އިޝާރާތެއް ކޮށްލި އެވެ. ފައުޒާން ހީލި އެވެ. “ލަޔާންއާ ފިޒްއާ މިހާރު އެންގޭޖް ކޮށްގެން މިއުޅެނީ.” ފިޒާ އަތުގައި އޮތް އަނގޮޓިއެއް ފައުޒާންއަށް ދައްކާލަމުން ފިޒާ ބުންޏެވެ.
“އެހެންތަ. އެންމެކުރިން ލަޔާން ބައްޕަގެ ރުހުން ހޯދަން ފެންނަނީ. އެހެން ނޫނީ ތިކަމެއް ނުވާނެ.” ފައުޒާން މާނަފުން ބެލުމަކުން ލަޔާންއަށް ބަލައިލަމުން ބުންޏެވެ.
“ޔާން ބައްޕައަށް އިނގޭ. ފިޒްއާ މީޓްކޮށްފަ ބުނުއްވީ ވަރަށް އުފާވެ ލައްވަޔޯ ފިޒްމެން އާއިލާ ކަހަލަ ރަގަޅު އާއިލާއަކުން ޔާންއަށް ކުއްޖަކު ލިބުނީމަ.” ފިޒާ ބުންޏެވެ. ފައުޒާން ހައިރާން ވެފައި ފިޒާއަށް ބަލައިލި އެވެ.
“އެއީ ތެދެއް. އަދި ޒާންބެއަށް ވަރަށް ތައުރީފްވެސް ކުރެއްވި އެދުވަހު. އޮސްޓްރޭލިޔާއަށް ގޮސް ހުންނެވި ދެދުވަހަކު. ބައްޕަ ބުނުއްވި ހިބްވެސް އޮސްޓްރޭލިޔާގަ ސެޓްލް ކުރާ ވާހަކަ. އެކަމަކު ފަހުން ބުނުއްވި ޒާންބެއަށް ދޯ އޯ އިނގޭނީވެސް،” ލަޔާން ބުންޏެވެ. ފައުޒާން ހައިރާން ވެފައި ހުރެ ލަޔާންއަށް ބަލައިލި އެވެ. ޖަމާލް އެހެން ބުނެދާނެ ހެއްޔެވެ. “ބައްޕަ މިހާރު ހުންނެވީ ވަރަށް ދެރަވެލައްވާފަހެން ހީވަނީ. ޒާންބެ އެކަމާ ބޮޑަށް އުޅުނީމަ ބައްޕަ ހަމަޖެހިލައްވާނެ. ބައްޕައަށް މާގިނަ ދުވަހު އެގޮތަށް ހިފަހައްޓައެއް ނުލެއްވޭނެ. ބައްޕަގެ ހިތްޕުޅު ވަރަށް ބަލިވާނެ،” ލަޔާން ބުންޏެވެ. އަދި އެންމެން ޓްރޮލީ ދަމަމުން ހިގައި ގަތެވެ. “ހިބް ޒާންބެގެ ވާހަކަ ތަންކޮޅެއް ބޮޑަށް ދައްކާނަމަ ހިބް މިހާރު ހުރީހީ ޒާންބެ ކައިރީގަ.” ލަޔާން ބުންޏެވެ. ޒެކްވެސް މީގެކުރިން ވަނީ އެހެން ބުނެފަ އެވެ.
މިހާރު އާއިލާގެ އެންމެން ހަމަވީ އެވެ. މުޅި ގޭތެރެއަށް ވަނީ ހަލަބޮލިކަން ވެރިވެފަ އެވެ. އަޒްމާވެސް ދުރުގައި އުޅުނެއް ކަމަކު ކޮންމެ ދުވަހަކު ގެއަށް އާދެ އެވެ. އަޒްމާގެ ރޭވުމުގެ މަތިން އެކި ކަހަލަ ކަންތައްތައް ގޭތެރޭ ރާވަމުން ދިޔަ އެވެ. ފިޒާއާއި ބައްދަލު ކުރަން ކޮންމެ ރެއަކު ލަޔާން އައުން ވެސް ވަނީ އާދައަކަށް ވެފަ އެވެ. ފައްވާޒްއާއި ރިފާ ވެސް އެންމެނާއި އެކު ކަންކަމުގައި ބައިވެރިވެގެން ތަންތަނަށް ދާއިރު ދަނީ ޒޭބާއައި ޒާދް ހަވާލުކޮށްފަ އެވެ. ޒޭބާ މިހާރު އެހަވަރަކަށް ބޭރަކަށް ނުދެ އެވެ. ޒޭބާއަށް މިހާރު އައިސްފައިވާ ބަދަލުން ހަފީޒާމެން ސުވާލުވެސް ކުރެ އެވެ. ޒޭބާ ހިނިތުން ވެލާފައި އެކަމަކަށް ޖަވާބެއް ނުދެ އެވެ. ފައުޒާން ވެސް ކަންކަމުގައި ބައިވެރިވަނީ ހިތަށް ވެރިވެފައިވާ ހިތްދަތިކަމަށް ކޮންމެސް ވަރެއްގެ ލުޔެއް ލިބޭތޯ އެވެ. ނަދުވާވެސް މަދު މަދުން ކަން ކަމުގައި ބައިވެރި ވެއެވެ. އެއީ އަޒްމާ ކިޔާވަރުންނެވެ. ނަދުވާ ބައިވެރިވުމުން އަޒްމީލްއާއި ފައުޒާންއައި އަޒްކާވެސް ތިބެނީ ހިތްހަމަ ނުޖެހިފަ އެވެ. ނަމަވެސް އެކަން ނުދައްކަނީ އަޒްމާއަށް ޓަކަ އެވެ.
އެގޮތުގައި ދުވަސްކޮޅެއް ފާއިތުވެގެން ހިގައްޖެ އެވެ. އެދުވަހު ލިފްޓް މަރާމާތު ކުރާތީ ފައުޒާންއާއި ހަފީޒާ ޑިއުޓީ ނިމިގެން އައިސް މައްޗަށް އެރީ ސިޑިންނެވެ. ނަދުވާމެން ބަޔާއި ހަމައަށް އަރާފައި ދެމީހުނަށް ވެސް މަޑުކޮށްލެވުނީ ކުޑައްތައޭ ބުނި އަޑު އިވުމުންނެވެ. ދޮރު ހިސާބަކަށް ހުޅުވާފައި ހުރުމުން އެތެރެއިން ދައްކަމުން ދާ ވާހަކަ ވަރަށް ރީއްޗަށް ސިޑިމައްޗަށް އަޑު އިވެއެވެ.
“ނަދޫ ތި ބުނަނީ ކުޑައްތައަށް އަދި އެކަމެއް ނޭގޭނެޔޭތަ؟” އެއީ މިންހާޖްގެ އަޑެވެ. ހަފީޒާއަށް ފައުޒާންއާއި ދިމާއަށް ބަލައިލެވުނެވެ. އޭރު ފައުޒާންވެސް ހުރީ ހަފީޒާއަށް ބަލަހައްޓައިގެނެވެ.
“އާން. ކުޑައްތައަދިވެސް ހުރީ ނަދޫއާ އެއްކޮޅަށް. ކުޑައްތަ އަދިވެސް ނަދޫދެކެ ވަރަށް ލޯބިވާނެ. ނަދޫ ކޮންމެ ކަމެއް ކުރިއަސް ކުޑައްތަ ހީކުރަނީ ނަދޫގެ ނަފްސާނީ ބަލި ހުރީމަ ކުރާކަމެއް ކަމަށް. އެވަރު ކަމެއް ނަދޫ ކޮށްފާނެ ކަމަކަށް ކުޑައްތަ އުންމީދެއް ނުކުރާނެ.” ނަދުވާ ބުނާއަޑު އިވުނެވެ. ހަފީޒާގެ ލޯބޮޑުވެގެން ދިޔައެވެ. ނަދުވާ އެއީ އެހާ ގޮތްކުޑަ ކުއްޖެއް ހެއްޔެވެ. މިފަހަރު ހަފީޒާއަށް މަޑުން ހުރެވޭނެ ހެއްޔެވެ. ފައުޒާންގެ އަތް މުއްކެވިއްޖެ އެވެ. ފައުޒާން ކައިރިއަށް ރުޅި އައެވެ. ފައުޒާން އެގެއަށް ވަންނަން ދާން ބާރުލާފައި ހިގައި ގަތުމުން ފައުޒާން އަތުގައި ހަފީޒާ ހިފެހެއްޓިއެވެ. އަދި ބޯހޫރާލި އެވެ.
“ކުޑައްތަ ހިތަށް ވެސް ނާރާނެ ނަދޫއަކީ ކިހާވެރެއްގެ މީހެއްކަމެއް. ނަދޫއަދި މިހެން މަޑުން ހުއްޓެއް ކަމަކު އަދި އެގޮތަށް ހިބާއަކަށް ނޫޅެވޭނެ. މިހާރު ވަޒީފާ ވެސް މި ހަމަޖެހުނީ. ދެން މިޖޭ ބަލަން ހުރޭ އަހަރެން ކުރާ ކަންތައް. ހިބާގެ ބައްޕައާއި ހިބާއާއި ޖައްސާލާ ގޮތް ދެކެން ހުރޭ. ހިބާ އެގެއިން ވެސް އަހަރެން ބޭރުކޮށްލާނަން. ހަހަހަހަ.” ވިހަ ގޮތަކަށް ހިނިގަނޑެއް ޖަހާލަމުން ނަދުވާ ބުނާއަޑު އިވުނެވެ. މިފަހަރު ފައުޒާންއަށް މަޑަކުން ނުހުރެވުނެވެ. ކުއްލިއަކަށް ދޮރުން އެތެރެއަށް ވަދެ ނަދުވާގެ މޫނުމަތީ އެތިފަހަރެއް ޖެހިއެވެ. ނަދުވާއަށް ވީ ތަދުން ސޯފާ މައްޗަށް ވެއްޓުނެވެ. މިންހާޖް އައިސް ފައުޒާންގެ އަތުގައި ހިފެހެއްޓުމުން މިންހާޖްވެސް ދުރަށް ކޮށްޕާލި އެވެ. ހަފީޒާ ވެސް ވަދެ ބިރުން ހުރީ ފައުޒާން ރުޅިއައިސްފައި ހުރިވަރުން ހަދާނެ ގޮތެއް ނޭގިފަ އެވެ.
“ބުނަންތަ. ހިބާގެ ނަންވެސް ތި މުޑުދާރު ދުލުން ބުނެގެން ނުވާނެ. ކަލޭ ހީކުރާ ގޮތްދޯ. ތީ އަހަރެންގެ އާއިލާ ކުއްޖެކޭ އަހަރެން ހިތަކަށްވެސް ނާރަ މިހާރަކު. މިހާރު މި އާއިލާގެ އެންމެނަށް ވެސް ކަލޭގެ ގޮތް އިނގޭ. އަދި ނުވިތާކަށް ހިބާގެ އާއިލާ އެންމެނަށްވެސް އިނގޭ. ކަލޭ ދައްކާ ވާހަކަ އަޑު އަހާނެ މީހަކަށް ހުރީ ހަމައެކަނި މިހިރަ މިންހާޖް. އޭނަ ވެސް އެއުޅެނީ އޭނަގެ އަމިއްލަ ފައިދާއަށް. މާ ގިނަދުވަހަކު ކަލޭ ފަހަތަކުން އޭނައެއްވެސް ނުދާނެ.” ފައުޒާން ރުޅި އައިސްފައި ހުރެ ބާރަކަށް ހަޅޭއްލަވަމުން ދިޔަ އެވެ. ނަދުވާއަށް ވީ ތަދުން ނުތެދުވެވިފައި އޮތެވެ.
“ކަލޭ ލަދެއް ނުގަނޭތަ އަންހެނެއް ގައިގަ ޖަހާކަށް.” ނަދުވާ ބޯ ހިއްލާލަމުން އެހެން ބުނިއިރު ވީ ތަދުން ނަދުވާގެ ލޮލުން ވަނީ ފެން އައިސްފަ އެވެ.
“އަހަރެން ކަލޭގައިގަ ޖަހަންވިތާ ކޮން ދުވަހެއް. މާކުރިން ކުރަން ޖެހޭ ކަމެއް އަދި މި ކުރެވުނީ. މީގެ ފަހުން ހިބާއަށް ލަޑެއް ދޭން ކަލޭ ހިތަށްވެސް އަރުވައިގެން ނުވާނެ.” ފައުޒާން އަދިވެސް ހުރީ ރުޅި އައިސްފަ އެވެ. އިތުރު ގޯހެއް ނުހަދަނީސް ހަފީޒާ އައިސް އަވަހަސް ފައުޒާން އެތަނުން ގެންދެވޭތޯ މަސައްކަތް ކުރަން ފެށި އެވެ. ނަމަވެސް ފައުޒާން އެތަނުން އަދިއެއް ދާކަށް ހިޔާލެއް ނުކުރި އެވެ.
“މަންމަވެސް ދެން މަޑުން ހުންނާނެ ކަމެއް ނެތް. މިހިރަ ނަދުވާއަކީ އާއިލާ ކުއްޖެކޭ ކިޔާފަ އެކަމަށް ބަލައިގެން ތުއްތައްތަ ދެރަވެދާނެތީ ހުންނާކަށް މަންމައަކަށް ވެސް ނުޖެހޭނެ. އަދިވެސް ގަސްތުކޮށްގެން އެއުޅެނީ ހިބާއަށް ލަޑެއް ދޭން. މަންމަގެ ފައިސާތައް ވަގަށް ނަގައިގެން ހިބާއާއި ދިމާއަށް ވަގެކޭ އަމިއްލަ އަނގައިން ގޮވި އަންހެނެއް ހިމާޔަތްކުރަންތަ މަންމަ ތި އުޅެނީ؟ މަންމައަށް އަދިވެސް މިހިރަ ނަދުވާތަ ރަގަޅީ.” މީގެ ކުރިން ދުވަހަކު ހަފީޒާއާއި ދިމާއަށް ބާރަށް އެއްޗެއް ނުބުނާ ފައުޒާން މިއަދު އައިސްފައި ހުރި ރުޅިން ހަފީޒާއާއި ދިމާއަށްވެސް އެދަނީ އެއްޗިހި ކިޔަމުންނެވެ. ތިރިއާއި ހިސާބަށް ފައުޒާން ހަޅޭއް ލަވާއަޑު އިވެއެވެ. އެހެންކަމުން އަޒްކާއާއި ޝަކީލާވެސް އެތަނަށް އައިސްފި އެވެ. މިންހާޖް އެތާ ހުރީ ހަދާނެ ގޮތެއް ނޭގިފަ އެވެ. ނަދުވާ އިސް ޖަހައިގެން ކޮލުގައި އަތް އަޅައިގެން އިނެވެ.
“ހާދަ އަޑުގަދައޭ. ކިހިނެއްތަ މިވަނީ؟ ނަދީމާ ކޮބާ؟” ޝަކީލާ އައިސް ހަފީޒާ ކައިރީ ހުއްޓިލަމުން އަހާލި އެވެ.
“މީގެ ފަހުން މަންމަވެސް ނަދުވާއާއި ވަހަކަ ދައްކައިގެން ނުވާނެ. ޒާންއަށް ހެޔޮއެދޭ އެކަކުވެސް މިހިރަފެންނަ ގޮތެއްނެތް މީހާއާއި ވާހަކަ ދައްކައިގެން ނުވާނެ.” ފައުޒާން އެހެން ބުނެފައި އެތަނުން ނުކުމެގެން ހިގައްޖެ އެވެ. އަޒްކާ ހަފީޒާ ކައިރިއަށް ޖެހިލި އެވެ. ވީގޮތެއް ނޭގުމުން ހުރީ ކަންބޮޑު ވެފަ އެވެ.
“މިގޭގަ މުޅިންވެސް އުޅޭނީ ފައުޒާންއަށް ހެޔޮއެދޭ މީހުން. ނަދޫއާ އެއްބައިވާނެ އެކަކުވެސް ނުހުންނާނެ.” ނަދުވާ އިނދެފައި އެހެން ބުނުމުން ނުރުހުން ވެފައި ހަފީޒާ ނަދުވާއަށް ބަލައިލި އެވެ.
“ކުޑައްތަ ހިޔެއް ނުކުރަން ނަދޫ ތިހާ ދަށުފެންވަރަކަށް ވެއްޓިދާނެ ކަމަކަށް. ޒާން އެހާ ބާރަށް ޖެހީމަވެސް ނަދޫއަށް ކުރެވުނު ކަންތައް ނަދޫއަށް އިހުސާސްއެއް ނުކުރެވުންދޯ. އާން ނަދޫގެ ނަފްސާނީ ކަމެއް ހުންނާތީ ކުޑައްތަ މި ހުރިހާ ދުވަހު ހުރީ. އެކަމުން ވެސް ފައިދާ ނަގައިގެން ނަދޫ ތި އުޅުނީ. ދެން ނަދޫއާއި އެއްބައި ވެވޭނީ ކިހިނެއް؟ އެއްބައި ވެވޭނީވެސް ނަދޫ ކުރިކަންތައް ރަގަޅު ނަމަނު. އަދި ނަދޫ މިހާރު ކުރަން ތި ގަސްތުކުރި ކަންތައް ވެސް ރަގަޅުނަމަނު. މިހުރިހާ ކަމެއް މިގޮތަށް ވީ ނަދުވާއާއި ހެދި. އެކަމަކުވެސް އަހަރުމެން ތިބެންވީ ނަދުވާ ކޮޅަށްތަ؟” ހަފީޒާއަށް ރޮވެން ފެށި އެވެ. ނަދުވާއަށް އޭނަ އެހާދުވަހު ކުރި އިތުބާރު ހަދާން ވުމުންނެވެ. ނަދުވާ އެއީ އެވަރުގެ ކުއްޖެއް ކަމަކަށް ހަފީޒާ ހިތަށްވެސް ނާރަ އެވެ. ނަދުވާ ކުރިން ކުރި ކަންތަކާއި މެދު ނަދުވާ ދެރަވެފައި ވާކަމުގައި ހަފީޒާ ހީކުރި އެވެ. ނަމަވެސް އާ ފެށުމަކުން ނަދުވާއެވަނީ އެސިލްސިލާ ފަށަން ރާވާފަ އެވެ.
“ދޮންބެދައްތައަށް…. އިންގޭތަ؟” ހަފީޒާ ރޮމުން ރޮމުން ވާހަކަ ދައްކަން ފެށި އެވެ. “މި ނަދުވާ އަހަރެންގެ ލާރިތައް ނެގާފަ ހިބާގެ މަތި އަޅުވައިގެން އޭނަ މިގެއިން ބޭރުކުރީ. އަޅެ އަހަރެންގެ ފައުޒާންގެ އަންހެނުންނޭ އޭރުވެސް އެއީ. މިހާރު ގަސްތުކޮށްގެން އެއުޅެނީ ހިބާއަށް ލަޑެއްދޭން. ހިބާގެ ބައްޕަ ކައިރިން ވަޒީފާ ހޯދައިގެން ހިބާގެ ބައްޕައާއި ހިބާއާއި ޖައްސަންށޯ މިއުޅެނީ. އަހަރެން ކިހިނެއް މިވަރުގެ ކުއްޖަކަށް މާފުކުރާނީ؟” ހަފީޒާއަށް ބާރަށް ރޮވެން ފެށި އެވެ. “އަހަރުމެން މިކުއްޖާއަށް ކިހާ އިތުބާރެއް ކުރިން. ފައުޒާން މިކުއްޖާއާއި ދުރުވިކަން އެއީ ހަމަ ނަސީބޭ ބުނެވޭނީ.” ޝަކީލާ ހަފީޒާ ގައިގައި ހިފަހައްޓާލި އެވެ. ޝަކީލާވެސް ހުރީ ފެންކަޅި ވެފަ އެވެ. އަޒްކާގެ ލޮލުން ވެސް ވަނީ ކަރުނަ ނިރާލާފަ އެވެ.
އެވަގުތު ނަދީމާ ނަވާ ގޮވައިގެން އައިސް ގެއަށް ވަދެއްޖެ އެވެ. ގޭގެ މާހައުލު އޮތްގޮތުން ކޮންމެސް ކަންތައް ގަޑެއް ވެއްޖެކަން ނަދީމާއަށް އިގުނެވެ. އެންމެންގެ މޫނަށް ބަލަހައްޓައިގެން ނަދީމާ ހުއްޓެވެ.
“މަންމާ!” ނަދުވާ ރޯންފެށި އެވެ. “ކުޑައްތަމެން ނަދޫއާއި ދިމާއަށް އެއްޗިހި ކިޔަނީ.” ނަދުވާ ވާހަކަ ދެއްކޭތޯ ބެލީ މައުސޫމް ގޮތަކަށެވެ. ނަމަވެސް ނަދީމާއަށް ނަދުވާގެ އެކަންތައް ހަފްތާއެއް ކުރިން ވަނީ އަޑު އިވިފަ އެވެ. ނަދުވާ ޒޭބާ ކައިރީ ދެއްކި ވަހަކަތަކަކުންނެވެ. ޒޭބާ އެދުވަހު ނަދުވާއާއި ދިމާއަށް އެއްޗިހި ކިޔާފައި ދުވަހަކުވެސް ނަދުވާއާއި ވާހަކަ ނުދައްކާނަން ކަމަށްވެސް ޒޭބާ އެދުވަހު ބުނި އަޑު ނަދީމާ އެހި އެވެ.
“އެއްޗިހި ކިޔަން ވީމަ އެއްޗިހި ވެސް ކިޔާނެނު. ނަދީމާ އަދިވެސް ނަދީމާ ހުރޭ އެމަންޖެ ރަންފުތުކޮށްގެން. ހިބާއަށް…” ޝަކީލާއަށް ބުނެވުނީ އެހިސާބަށެވެ. ނަދީމާ ވާހަކަ ދައްކަން ފެށި އެވެ.
“އެއްޗިހި ކިޔަން މާ ލަސްވެސް ވެއްޖެ. އެއްޗިއްސެއްނޫން ކިޔަންވީ ފުލުހުންނާވެސް ހަވާލު ކުރަންވެފަ އިން އަންހެނެއްތީ.” ނަދީމާ ވެސް ހުރީ ރުޅި އައިސްފަ އެވެ.
“މަންމާ!” ނަދުވާއަށް ރުޅި އައިސްގެން ގޮވާލެވުނެވެ. ނަދީމާ އެގޮތަށް ބުނެފާނެ ކަމަކަށް ނަދުވާ ހިތަކަށް ވެސް ނާރަ އެވެ.
“މަ ލަދުގަނޭ ނަދުވާ މަށަށް މަންމަ ކީމަވެސް. އަހަރުމެން އުޅޭގޮތްތަ ތީ. އަހަންނަކަށް ނޭގެ ނަދުވާ ކޮންތާކުން ދަސްކޮށްގެން އުޅޭ ގޮތެއްކަމެއްތީކީ. އެ ކުޑަކުޑަ ހިބާއަކީ އެއްވެސް މީހަކާ މެދު ދެރަގޮތް ވާން ނޭދޭ ހިތްހެޔޮ ކުއްޖެއް. އޭނައަށް ދެރައެއް ދިނީމަ ނަދުވާއަށް ވާނެ ފައިދާއެއް އެބައޮތްތަ؟” ނަދީމާ އެއްޗިހި ކިޔަން ފެށުމުން ނަދުވާ ހައިރާން ވިއެވެ. ނަދީމާއަށް އެހުރިހާ ވަހަކައެއް އިނގުނީ ކިހިނެއް ހެއްޔެވެ. ނަދީމާ މިއޮއް ހުރިހާއިރު ބޭރުގައި މަޑުކޮށްގެން ހުރީހެއްޔެވެ. “ޒޭބާ ކޮބައިތަ؟ ޒޭބާއަށް އިނގޭނެ ހުރިހާ އެއްޗެއް. ޒޭބާވެސް އެންމެ ފަހުން މީނައާ ރުޅިވީ މީނަގެ ރޭވުންގަނޑު ކިޔައިދިނީމަ އެކަމާ ރުޅިއައިސްގެން.” ނަދީމާ އިތުރަށް ބުންޏެވެ. ނަދުވާ އިންތާ އިންގޮތަށް އިނީ އެވެ. އެގެއިން އެންމެ ފުރަތަމަ ނިކުތީ މިންހާޖްއެވެ. ދެން އަޒްކާއާއި ޝަކީލާ އެވެ.
“މަންމާ، ދޮންތައާ ހެދިތަ ހިބާއްތަ މިގެއިން ދިޔައީ؟ ދޮންތަ ކީއްތަ ކުރީ؟ ޒާންބެ ދޮންތައާ ރުޅިވީތަ؟” ނަދީމާ ނަވާ ގޮވައިގެން ކޮޓަރިއަށް ދިޔައިރު ނަވާ ދިޔައީ ނަދީމާއާއި ސުވާލުކުރަމުން ނެވެ.
* * * * * * * * * * * * * * * * * * * * * * * * * * * * *
ބަންދު ދުވަހަކާއެކު ހަފްތާ ބަންދު އައުމުން ގޭ ހުރިހާ ޒުވާނުން ނިންމީ ރިސޯޓަކަށް ދާށެވެ. ރިސޯޓަށް ދިއުމަށް ހުރިހާ އިންތިޒާމެއް ކުރީ ޒެކްއާއި އަޒްމާއެވެ. މިފަހަރު ދިއުމަށް ހަމަޖެއްސީ ހިބާ ބައްޕަގެ އެންމެ ބޮޑު ރިސޯޓަށެވެ. އެއީ އަލިފު އަތޮޅުގައި އޮންނަ ރިސޯޓެއް ކަމުން ލޯންޗުގައި ދެގަޑިއިރު ނަގައެވެ. ޒެކްއާއި އަޒްމާ އެދުވަހު އުޅެނީ ވަރަށް ފާޑަކަށެވެ. ކަމެއް މީހުނަށް އިނގިދާނެތީ އުޅޭކަހަލަ ގޮތަކަށެވެ. އެކަން އެންމެ ކުރިން ފާހަގަ ކުރެވުނީ އަޒްމީލްއަށެވެ.
“ކޮންކަމަކާ ތި އުޅެނީ. ސަރޕްރައިސްއެއް ދޭން އުޅޭހެން ހާދަ ހީވެޔޭ.” އަޒްމީލް އަޒްމާއާއި ދިމާއަށް ބުންޏެވެ. އަޒްމާ ފާޑަކަށް އަޒްމީލްއަށް ބަލައިލި އެވެ. އަޒްމީލް ވެސް އެކަމުގެ ތެރެއަށް ވައްދަން އަޒްމާ ހިތަށް އެރިއެވެ.
“އާން، ވަރަށް ބޮޑު ސަރޕްރައިސްއެއް ދޭން މި އުޅެނީ.” އަޒްމާ ބުންޏެވެ. އެހެން މީހުނަށް އަޑު ނީވޭ ގޮތަށް އަޒްމީލް ކައިރީ އެވާހަކަ ދެއްކުމުން އަޒްމީލް ހުރީ ވަރަށް އުފާ ވެފަ އެވެ. އަދި އެހެން އެކަކަށްވެސް އެކަން ނޭންގުމަށް އަޒްމާ އެދުނެވެ.
އެދުވަހު މެންދުރު އެންމެން އަތިރި މައްޗަށް ގޮސް ތިބީ ލޯންޗްގެ އިންތިޒާރުގަ އެވެ. ބައިވަރު ފަތުރު ވެރިންނާއި އާންމު ދެތިން މީހުން އަތިރިމަތީ ތިއްބެވެ. އެއާއިލާގެ ޒުވާނުންކޮޅު އައުމުން މުޅިތަނަށް ހަލަބޮލިކަން ގެނުވި އެވެ. އެކަކު އަނެކަކަށް ސަކަރާތް ޖެހުމާއި ދިމާކުރުމުގައި އުޅެއެވެ. ފައުޒާން ހުރީ ޒާދް އުރާލައިގެނެވެ. ޒާދް މިހާރު ފައުޒާންއާއި ވަރަށް ރައްޓިއްސެވެ.
“ކިހާ އިރަކުންތަ ލޯންޗް އަންނާނީ؟” ލޯންޗް ލަސްވާން ފެށުމުން ފައްވާޒް ޒެކް ކައިރީ އަހާލި އެވެ.
“އެއަރޕޯރޓުން ގެސްޓުން ނަގައިގެން އަންނާނީ. މިހާރު މިކޮޅަށް އަންނާނެ.” ޒެކް ބުންޏެވެ.
“ވަރަށް ބޮޑު އެއްޗެއްތަ؟” ރިފާ އަހާލި އެވެ.
“އާން، ބޮޑު އެއްޗެއް.” ޒެކް ބުންޏެވެ. އަދި ފޯނު ނަގާ މީހަކަށް ގުޅާލި އެވެ. “ޔާން؟ ކިހާ ހިސާބެއްގަ؟ އޯކޭ!”
“ޔާން މިހާރު ހުރީ ލޯންޗުގަ ދޯ. މަ މި ހިތަށް އަރަނީ ލަޔާން މިދަތުރުގަ ބައިވެރި ނުވަނީ ބާއޭ.” ފައުޒާން ހުރެފައި ފިޒާއަށް ބަލައިލަމުން ބުންޏެވެ.
“އާން، ޔާން މިވަގުތު ހުރީ މެނޭޖަރަކަށް. ހެހެހެ.” ޒެކް ހެމުން ބުންޏެވެ.
ވަރަށް ބޮޑު ލޯންޗެއް އައިސް ތޮށިގަނޑާއި ކައިރި ކުރުމުން އެންމެން ލޯންޗަށް އަރަން ދިމާ ކުރިއެވެ. ރިފާއާއި ފައްވާޒް އެރުމުން ފައުޒާން އުރުގައި އިން ޒާދް ފައްވާޒް އަތަށް ފައުޒާން ދިނެވެ. އެއަށްފަހު ފައުޒާން އެރި އެވެ. އެންމެން ގަސްތުކުރީ ލޯންޗުގެ ބޭރުގައި ހުރި ތަންކޮޅުގައި ތިބޭށެވެ. ނަމަވެސް ފައުޒާން ކައިރީ ޒެކް ބުނީ އެތެރެއަށް ވަނުމަށެވެ. ފައުޒާން ހައިރާން ވެފައި ޒެކްއަށް ބަލައިލި އެވެ.
“ކީއްވެ ޒާން؟” ފައުޒާން އަހާލި އެވެ.
“މިތާގަ ނެތޭ އެންމެންނަކަށް ޖާގަ އެއް.” ޒެކް ބުންޏެވެ. ފައުޒާން ފާޑަކަށް ޒެކްއަށް ބަލައިލި އެވެ. “މިތާ މިތިބީ ހުސް ކަޕްލްސް. އެހެންވެ ޒާން އެތެރެއަށް ވަންނާށޭ މިބުނީ.” ޒެކް އަނެއްކާވެސް ބުންޏެވެ. ފައުޒާން އެތެރެއަށް ވަންއިރު ލަޔާން އެތެރޭގައި މީހަކާ ވާހަކަދައްކަން ހުރެފައި ފައުޒާން ފެނުމުން އެތެރެއަށް އައުމަށް ލަޔާން އަތުން އިޝާރާތް ކޮށްލި އެވެ. ފައުޒާން އެތެރެއަށް ވަނުމުން އެބަ އަންނަމޭ ކިޔާފައި ލަޔާން ނުކުތީ ބޭރަށެވެ. ފައުޒާން ލަޔާންއަށް ބަލަން ހުރެލާފައި އެތަނުން ޝީޓެއްގައި އިށީނެވެ. ފައުޒާންގެ ލޮލުގައި އަޅައިގަތީ ދެގޮނޑީގެ ފަހަތުގައި ނޫކުލައިގެ ޝޯލްއެއް ބޮލުގައި އޮޅާލައިގެންއިން ހުދު ކުލައިގެ ކުރުތާއަކާއި ސްކިނީ ޖީންސްއެއް ލައިގެން އިން ދޮން އަދި ހިކި އަންހެން ކުއްޖާ އެވެ. އުންގުގައި ނިދާލާފައި އޮތް ތުއްތު ތުއްތު ކުއްޖެއް އޮތެވެ. ފައުޒާންއަށް އެދިމާއަށް ބަލަހައްޓައިގެން އިނދެވުނީ ގަބޫލު ނުކުރެވިފަ އެވެ. އިރުކޮޅަކުން އެ އަންހެން ކުއްޖާ ކައިރީ ހުރި ހުސް ގޮނޑީގައި އައިސް އެ އިށީނީ ބިޔަ ވަރުގަދަ ދޮން ފިރިހެން މީހެކެވެ. ހީވާ ގޮތުން އެއީ ފަތުރު ވެރިއެކެވެ. އެމީހާ އެތަނަށް އައުމުގެ ކުރިން ފައުޒާންއަށް އެގޮނޑިއަށް ދެވުނު ނަމައޭ ހިތަށް އެރީ މާ ފަހުންނެވެ. ދެން އިތުރު ކަމެއް ނުކުރެވުނެވެ. ލޯންޗު ނައްޓާލި އިރުވެސް ހިބާއާއި ދިމާއަށް ބަލަހައްޓައިގެން ފައުޒާންއަށް އިނދެވުނީ އެވެ.
11 Comments!
Comments are closed.
Haadha reehchey. Dhen part ves thankolheih avahah upload kohlahchey. Waiting for the next part
Varah varah reethi mi vaahaka
When is next part
Wow! Vaahaka hama v salhi
Wow… varah salhi…. waiting for the next part❤
haadha inthizaareh kohfiymey mi bayah dhen in part ves avahah up kohla dheychey pls
wow! salhi
Sarah.reethi.good
Warah.reethi.good
Wow haadharecy kiyainimunu iruves nengunu???
aslu ves mivaahaka varah reethi “D
މިވާހަކައިގެ 33 ވަނަބަޔާއި ފަހުބައި ކިޔާލަން ލިބޭނީ ކޮން އިރަކުންބާވައޭ ހިތަށް އަރައެވެ.