އިންތިހާ ލޯބި ވެވޭތީ – ދެވަނަ ބައި (2)
====== ޒުކަން ========
މަތިންދާބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމާ އެކު ކެތްތެރިކަމެއް ނެތި އަހަރެން އިންތިޒާރު ކުރީ ބޯޓުން ފޭބޭނެ އިރަކަށެވެ. އެ ސޫރައެއް ދުށުމަށް އަހަރެންގެ ހިތް ކެތްނުވާ މިންވަރަށް އިންތިޒާރު ކުރާ ސޫރަ އަހަންނަށް ފެންނާނީ މި ބޯޓުން ފޭބުނު އިރަކުންނެވެ. ފޮށި ނަގައި ތަނުން ފޮށި ހިފައިގެން “ޗެކް-އައުޓް” ވުމަށް ފަހު އަވަސް ހިނގުމެއްގައި އަހަރެން “އެރައިވަލްސް” އިން ބޭރަށް ނުކުތީމެވެ. ވަށައިގެން ނަޒަރެއް ހިންގާލި އިރު ވެސް އަހަރެން ހޯދަން ބޭނުންވާ ސޫރަ ނުފެނުމާއެކު އަހަރެން ފޯނު ނެގީ ނައިރާއަށް ގުޅާލުމަށެވެ. ނަމަވެސް ޖީބުން ފޯނު ނެގި ވަގުތު މަންމަ ގުޅުމާއެކު ހީނލާފައި އަވަސް އަވަހަށް މަންމަގެ ފޯނު ކޯލު ނަގައި ކަންފަތުގައި ފޯނު ޖައްސާލަމުން ފޮށްޓާއެކު އަހަރެން ހިނގައިގަތީމެވެ. އެއަރޕޯޓުގެ މައިދޮރުން ބޭރުވެ ކަފިހި ހުރަސް ކުރިމަތީގައި މަޑުކޮށްލަން ޖެހުނީ ޓްރެފިކް ފުލުސް އޮފިސަރުގެ އިޝާރާތާއެކުއެވެ. ގެއަށް ދަނީ ކަމަށް ބުނެ ފޯނު ކަނޑާލުމަށް ފަހު ޖީބަށް ފޯނުލާފައި އިސް އުފުލާލި ވަގުތަކީ އަހަންނާ ނައިރާގެ ލޮލާއި ލޯ އަމާޒުވި ވަގުތެވެ.
ހުދު ކުލައިގެ ޝޯލް އެއް ވަށައިލެވިފައިވި އެ ކުޑަކުޑަ މޫނުން ފައުޅުވި ހިނިތުންވުން ފެނިފައި އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔަ ފަދައެވެ. އަތް ހޫރަމުން ނައިރާ ހެމުން ދިޔަ އިރު، އެ ހިނިތުންވުން ފެނިފައި އަހަރެންނަށް ވެސް ހީނލެވުނެވެ. ފުލުސް މީހާ ކޮށްލި އިޝާރާތާއެކު އަހަރެންގެ ގާތަށް އަންނަން ނައިރާ ހިނގައިގަތް ވަގުތާއި ނައިރާގެ ކަނާތް ފަރާތުން ކާރެއް އައި ވަގުތާއި އެއް ވަގުތަކަށް ވެގެން ދިޔައެވެ. އައި ބާރު މިނުގައި ކާރުން ޖެހި ނައިރާ ވިއްސައިގެން ދިޔަ ވަގުތު އިޚުތިޔާރެއް ނެތި ނައިރާގެ ނަމުން ގޮވާލެވުނު އިރު އަހަރެންގެ ހިއްސުތައް މަސައްކަތް ކުރުން ވެސް ހިނދުކޮޅަކަށް މަޑުޖެހިލިހެން އަހަންނަށް ހީވިއެވެ. ވަށައިގެން ފެންނަމުން ދިޔަ މަންޒަރު ފުސްވެ މުޅި ނަފްސުގެ ސަމާލުކަން ހުއްޓުނީ އަހަންނާއި ދިހަ ވަރަކަށް ފޫޓު ދުރުގައި ވެއްޓިފައި އޮތް އަންހެން ކުއްޖާއަށެވެ. ހޭވެރިކަން ވެގެން ދިޔަ އިރު ލޭގެ ކޯރެއް ބިމުގައި ދެމިގެން ހިނގައްޖެއެވެ. އެ ނިކަމެތި އަންހެން ކުއްޖާއާއި ހަމައަށް ވާސިލުވުމަށް ޓަކައި އަހަރެންގެ ހަށީގައި ހުރި ހުރިހާ ބާރެއް ލާންޖެހުނު ފަދަ އިހުސާސެއް އަހަންނަށް ކުރެވުނެވެ. ތުރު ތުރު އަޅަމުންދިޔަ އަތުން ނައިރާގެ ބޮލުގައި މަޑު މަޑުން އަހަރެން ހިފާލި އިރު، އަތުގައި ވި ތުރުތުރުލުން މުޅި ހަށިގަނޑަށް ފެތުރިގެން ދިޔަ ފަދައެވެ. އެ ކުޑަ ހަށިގަނޑުގައި އަހަރެންގެ އަތް ވަށާލުމަށްފަހު އަތް ދަނޑި މައްޗަށް ނަގައިގެން ތެދުވި ވަގުތަކީ ނައިރާގެ ބައްޕަ “މަގޭ ދަރިއޭ” ކިޔަމުން އަހަރެންގެ ގާތަށް އައި ވަގުތެވެ.
ހަސްފަތާލުގެ ސަރައްކާލި ތެރޭގައި ދުއްވަމުން ދިޔަ އެނދުގައި ހިފަހައްޓައިގެން ހުރި އަތަށް އަހަންނަށް ބާރު ލެވުނީ ނައިރާ ހެޔޮ ހާލުގައި ލެއްވުމަށް އެދި ކުރެވުމުން ދިޔަ ދުއާގެ ސަބަބުންނެވެ. އޮޕަރޭޝަން ތިއޭޓަރު ތެރެއަށް ނައިރާ ވެއްދިގެން ދިޔަ ވަގުތު އެ ދިމާއަށް ބަލަން އަހަންނަށް ހުރެވުނީ ގަބު އަރާފައެވެ. ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލު އެއް ފަރާތް ކުރެވޭތޯ ކުރި މަސައްކަތް ބޭކާރުވެގެން ދިޔައެވެ. އެ ވެއްދި ކޮޓަރިއަކީ ނައިރާގެ ފަހު ނޭވާ ދޫކުރާ ކޮޓަރި ކަމުގައި ވެއްޖެނަމަ ދެން އަހަރެން ހަދާނި ކިހިނެއް ހެއްޔެވެ؟. އެ ޚިޔާލާއެކު ވެސް އަހަންނަށް ބޯ ހޫރުވާލެވުނެވެ. ދެން އަހަންނަށް ނައިރާ ނުފެނިދާނެޔޭ ހިތް ބުނެލި ވަގުތު އަހަރެންގެ ގައިން ވަރު ދޫވެދާ ގޮތްވިއެވެ. ތިއޭޓަރުގެ ބޭރުން ފާރު ކައިރީގައި އަހަރެން އިށީނީމެވެ. ދެ ކަކުލަށް މުލައްދަނޑި ދޫކޮށްލައިގެން އިން އިރު، އަހަރެންގެ އަތުގައި ހޭކިފައި ލޭގެ އަސަރުތައް ހުރީތީ ފެނުނެވެ. ލޯ ފުސްވެގެން ދިޔުމާއެކު މޫނުގައި އަހަންނަށް އަތް އަޅައިލެވުނީ ދުނިޔެއަށް ފޮރުވިގަންނަން ބޭނުންވެފައި ހުރެއެވެ. އަހަރެންގެ ދިގު އިންތިޒާރުގެ ނިމުން ހިތި ވަނީތޯ ހިތް ސުވާލުކޮށްލުމާއެކު އިތުރަށް މޫނު ފޮރުވާލަން އަހަރެން ބޭނުންވިއެވެ.
ދެ ގަޑި އިރު ފަހުން ތިއޭޓަރުން ޑޮކްޓަރުން ނުކުތުމާއެކު އަހަރެން ތެދުވީމެވެ.
“ފުރާނަ ސަލާމަތް ކުރެވުނު. ޕޭޝަންޓް ހޭ އަރަން ދެން މަޑުކޮށްލަން ދެން ޖެހޭނީ. އޭގެ ފަހުން އިތުރު ތަހުލީލު ތަކެއް ހެދޭނީ ވެސް. ފަހަރެއްގައި ޕޭޝަންޓް ޓެމްޕޮރަރީ ނުވަތަ ޕާރމިނަންޓް ކޯމާއަކަށް ދިޔުމަކީ ވެސް އެކަށީގެން ވާ ކަމެއް” ޑޮކްޓަރުގެ ދުލުން ނުކުތް ކޮންމެ ބަހެއް އަހަންނަށް އިވުނީ ހޮނު ގުގުރީގެ ގޮތުގައެވެ.
ދެން އަހަންނަށް އޮތީ ކެތްކުރުމެވެ. އިންތިޒާރުކުރުމެވެ. ދުއާ ކުރުމެވެ. ނައިރާއަށް ޓަކައި ކޮންމެ ކަމެއް ވެސް ފުއްދަ ދޭން އަމިއްލަ ނަފުސަށް ވައުދުވެގެން ހުރެ އަހަރެން ވަގުތު ގުނަން ފެށީމެވެ.
މިނެޓުތައް ގަޑިއިރުތަކަށްވެ، ގަޑިއިރުތައް ދުވަސްތަކަށްވެ ފާއިތުވަމުން ދިޔައެވެ. ހޭ ހުސްވެފައި އޮތް ނައިރާ ފެންނަ ކޮންމެ ފަހަރަކު މާޔޫސްކަން އަހަރެން ވަށާލާފަދައެވެ. ކޮންމެ ދުވަހަކުމެ ވެރި އިލާހުގެ ހަޟްރަތަށް އަހަރެންނަށް ދުއާ ކުރެވޭ މިންވަރު ޚުދު އަހަންނަށް ވެސް ނޭނގެއެވެ. ސަޖިދައިގައި އޮވެ ސިއްރުން އަހަރެން އާދޭސް ދަންނަވާ މިންވަރު އެނގޭނީ ހެއްދެވި އިލާހަށެވެ. މޮޔައެއް ހެން އިނދެ ނައިރާ ގާތު ހޭލާށޭ ކޮންމެ ދުވަހަކު އަހަރެން ބުނަމެވެ. އަހަރެންގެ ބުއްދި ގޯހެއް ނޫނެވެ. މިގޮތުގައި މަހެއް ފާއިތުވެ ދާން ބާކީ އޮތީ ދެ ދުވަހެވެ. ހިތުގައި ވޭން އަޅަނީއެވެ. ޖިސްމާނީ ގޮތުން އަހަރެން ބަލިކަށިވެ ރުޅި ގަދަވާން ވެސް ފަށައިފިއެވެ. ކިތަންމެ ހާލަތު ދެރަވިޔަސް އަހަރެންގެ ވެރި އިލާހުގެ ރަހުމަތުން އަހަރެން އުންމީދެއް ކަނޑައެއް ނުލާނަމެވެ. ކޮންމެ ގޮތަކުން ވިޔަސް އަހަރެން ކެތްކުރެވެން އޮތް އެންމެ މަތި ދަރަޖައަކަށް ކެތް ކުރާނަމެވެ. އެ ނޫން އިތުރު ގޮތެއް އަހަންނަށް ދައްކަވަންދެން އަހަރެން ކެތްކުރާނަމެވެ.
======== ނައިރާ ===========
މަޑު މަޑުން އެސްފިޔަ ތަޅުވާލުމަށް ފަހު އަހަރެން ދެ ލޯ ހުޅުވާލީމެވެ. މޫނުގައި އަޅައިފައިވާ އޮކްސިޖަން މާސްކުގެ އިހުސާސް ކުރެވުމާއެކު ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އޮއެވުނީ ހަސްފަތާލެއްގައި ކަން އަހަންނަށް އެނގެއެވެ. ނަމަވެސް ކީއްވެ ހެއްޔެވެ؟. ވިންދު އަންގައިދޭ މެޝިނުގެ އަޑު ތަކުރާރުކޮށް އިވި އިވި ހުރި އިރު ބޮލަށް ބަރުކަމެއް އަހަންނަށް އިހުސާސް ކުރެވުނެވެ. އޮތް ގޮތަށް އޮވެ ވަށައިގެން ކަޅި ހިންގާލި އިރު ދުރުގައި ހުރި ސޯފާއެއްގައި ބައްޕަ ނިދާފައި އޮއްވާ އަހަންނަށް ފެނުނެވެ. ގޮވާލަން ވެގެން އަނގަ ހުޅުވާލި ނަމަވެސް އަނގައިން އެއްވެސް އަޑެއް ނުނިކުތެވެ. އަރުތެރެ ހިކިފައި ވުމާއެކު ހިކި ކެއްސުމެއް އަހަންނަށް ކެއްސާލެވުނެވެ. އެވަގުތު އަހަރެން އޮތް އެނދުގެ މަގަތުގައި ބޯ އަޅައިގެން ނިދިޖެހިފައި އޮތް ޒުވާނާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ދޮރު ހުޅުވުނު އަޑަށް އަހަރެންގެ ބޯ އެ ދިމާލަށް އަނބުރާލެވުމާއެކު ވަދެގެން އައި އަހަރެންގެ މަންމަ ހުއްޓުން އެރިއެވެ.
“ޚަލީލް!!” އަހަރެންގެ ބައްޕަގެ ނަމުން ގޮވުމަށްފަހު މަންމަ ރޮއެގަތް އަޑަށް އެނދުގައި ބޯ އަޅައިގެން ނިދިފައި އޮތް ޒުވާނާ ވެސް ބޯ ހިއްލާލިއެވެ. އެ ޒުވާނާއާއި އަހަރެންގެ ހަތަރުކަޅި ހަމަވި ވަގުތު އަހަރެންގެ މެޔަށް ތަދެއް އެރީ ކީއްވެ ކަމެއް އަހަންނަކަށް ވެސް ނޭނގެއެވެ. ކަށްޓެއް ހެރުނު ފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ.
ޑަކުޓަރުންގެ ޓީމެއް އަހަރެން އޮތް ކޮޓަރި ތެރެއަށް ވަދެގެން އައެވެ. އަހަރެން ބެލުމަށްފަހު ބައްޕައާއި އެ މީހުން ވާހަކަ ދެއްކި އިރު، އެ ޒުވާނާ ހުރީ އަހަރެންގެ އެނދު ކައިރީގައެވެ. ގޮތް ނޭނގޭ އުނދަގޫތަކެއް އޭނާގެ ސަބަބުން އަހަންނަށް ވަމުން ދިޔަކަން ގައިމެވެ. އިތުރު ތަހުލީލުތަކެއް ހަދަން ޖެހޭ ވާހަކަ ބުނުމަށްފަހު ޑޮކްޓަރުން ދިޔުމުން ބައްޕަ އައިސް އަހަރެންގެ މަގަތުގައި އިށީނދެ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.
“ދަރިފުޅު ރަނގަޅުތަ؟ ތަދުވޭތަ؟” ލޯބިން ފުރިގެންވި އަޑަކުން ބައްޕަ ވާހަކަ ދެއްކި އިރު ބައްޕަގެ އަޑު ކުރެހިގެން ދިޔައެވެ.
ވަށް ކަޅިން ގާތުގައި ހުރި ޒުވާނާއަށް ނަޒަރެއް ދިނުމަށްފަހު އަހަރެން ބައްޕަގެ ކަންފަތާއި ކައިރިވެލުމަށްފަހު ތަދު ނުވާ ވާހަކަ ބުނީމެވެ.
“ބައްޕާ..އެކަމު..މިހިރީ ކާކުތަ؟” ސިއްރު ސިއްރުން އަހަރެން ބައްޕަގެ ގާތު އަހާލުމާއެކު ބައްޕަގެ މޫނުން އަހަރެން ހައިރާންކަން ދުށީމެވެ.
“ތިބުނީ..މީ ކާކުތޯތަ ތި އެހީ؟” ގާތުގައި ހުރި އިސްކޮޅުން ދިގު ޒުވާނާއަށް އިޝާރާތްކޮށް ބައްޕަ އެއްސެވެ.
އަހަރެން ބޯ ޖަހާލުމާއެކު، ކައިރީގައި ހުރި ޒުވާނާއަށް ބަލާލުމާއެކު މަންމަ އަނގަ މަތީގައި އަތް އަޅައިލިއެވެ. ކައިރީގައި ހުރި ޒުވާނާގެ މޫނަށް އަހަންނަށް ނަޒަރެއް ދެވުނީ އެހެންވެއެވެ. ބަސް ހުއްޓިފައި އަހަރެންނާއި ދިމާލަށް ބެލި އިރު އޭނާގެ ލޮލުން އަހަރެންނާ ވާހަކަ ދެއްކިހެން އަހަންނަށް ހީވީ ކީއްވެ ހެއްޔެވެ؟ އެ ޒުވާނާގެ ހަށިން ވަރު ދޫވީ ކަމަށް ވެސް ވެދާނެއެވެ. ކައިރީގައި ހުރި ފާރުގައި އޭނާގެ އަތް އަޅާލުމާއެކު އޭނާ ހުރިތަނަށް ތިރިވީއެވެ. މިވާ ގޮތެއް ހަމަ އެއް ގޮތަކަށް ވެސް އަހަންނަކަށް ނޭނގުނެވެ.
“ނަ..އި…ނައ…ނައިރާ..” ލަސް ލަހުން އެ ޒުވާނާ އެ ކީ އަހަރެންގެ ނަމެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ އެއީ އަހަރެން ދަންނަ މީހެއް ނޫނެވެ. ނޫނެކެވެ. ދަންނަހެން އެބަ ހީވެއެވެ. ގައިމު އަހަރެންގެ ނަން އެނގޭނީ އަހަރެން ދަންނާތީ ނޫން ހެއްޔެވެ؟. އެކަމަކު ވެސް އެއީ ކާކު ކަމެއް އަހަންނަކަށް ނޭނގުނެވެ. މަންމަ ކޮޓަރިން ނުކުތުމަށް ޑޮކްޓަރު ގޮވައިގެން އައުމާއެކު ޑޮކްޓަރު އަހަންނާއި ސުވާލު ކުރިއެވެ. އަހަރެން މިތާ އޮތް ސަބަބު އެނގޭތޯ އެހުމުން ނޫނެކޭ ބުނީމެވެ. އެ ޒުވާނާއަށް އިޝާރާތްކޮށް އެއީ ކާކުކަން އެނގޭތޯ އެހުމުން ދެން ވެސް ނޫނެކޭ ބުނީމެވެ. އެއީ އަހަރެންނަށް އެނގެން ޖެހޭ މީހަކީ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ތަހުލީލުތަކެއް ކުރުމަށް ޓަކައި އަހަރެން ގެންދެވުނެވެ. ތަހުލީލުތަކުގެ ނަތީޖާ ލިބުމާއި ހަމައަށް ބައްޕަ އާއި މަންމަ ތަކުރާރުކޮށް އަހަރެންގެ ގާތު އެ ޒުވާނާ އެނގޭތޯ އެހި އަދަދެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަޖައިބެކެވެ. އެއީ މުހިންމު މީހެއް ހެއްޔެވެ؟.
ޑޮކްޓަރު އައިސް ކޮޓަރިއަށް ވަނުމަށްފަހު ވާހަކަދެއްކިއެވެ. ކީ އެއްޗެއް ކީ އަހަންނަށް ނީވޭ ހިސާބެއްގައެވެ. ދައްކަމުން ދިޔަ ވާހަކައިގައި އެއްކަހަލަ ޒުވާނާ ބައިވެރި ކުރާ މަންޒަރު އަހަންނަށް ފެނުނެވެ. ވަކި ހިސާބަކުން ގޮތް ހުސްވީ މީހެއް ފަދައިން ކައިރީގައި ހުރި ސޯފާއަށް އެ ޒުވާނާ ވެއްޓުނެވެ. އިހުސާސެއް ނުވާ ލޮލަކުން އޭނާ އަހަންނަށް ނަޒަރެއް ދިނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެ ދެ ލޯ ފެނުމާއެކު އަހަރެންގެ މެއަށް އެނގުން ވެގެންދިޔައެވެ. ހިތް ފިތުނު ފަދަ އިހުސާސެއް ކުރެވުނެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟. ވާނުވާ ނޭނގޭ މީހަކަށް އިނީ އަހަރެން އެކަންޏެވެ. ވަނީ ކީއްކަން އަހަރެން ވެސް އެނގެން ބޭނުމެވެ.
========== ޒުކަން ===========
ދުއްވަމުން ދިޔަ ކާރުގެ ފަހަތު ސީޓަށް އަހަރެން ބަލައިލީމެވެ. ބިއްލޫރި ގަނޑުގައި ބޯ ޖައްސައިގެން އިން ނައިރާއަށް އަހަރެންގެ ސަމާލުކަން ދޭން ބޭނުންވިއެވެ. ނަމަވެސް ކާރު ދުއްވަން އިނީ އަހަންނެވެ. ކުރިއަށް ނަޒަރު ހުއްޓަލުމާއެކު ޑޮކްޓަރު ދެއްކި ވާހަކަތައް ތަކުރާރުކޮށް ސިކުނޑީގައި ގުގުމަމުން ދިޔައެވެ.
“އެމް. އާރ. އައި. ސްކޭންއާ ބައިވަރު އެހެން ތަހުލީލުތަކެއް ވެސް ކުރެވިއްޖެ. ނައިރާގެ އުޅުމާއި ބުނާ ބަސްބަހުން އަޅުގަނޑުމެންނަށް އެބަ އެނގޭ އޭނާގެ ހަނދާނުގައި ކަންކަން ނެތް ކަން. ސުވާލަކީ މީ ދާއިމީ ކަމެއްތޯ އޭ ނޫނީ ވަގުތީ ކަމެއްތޯއޭ. ފަހަރެއްގައި ވަގުތީ ކަމަކަށް ވުން ވެސް އެކަށީގެންވޭ. ކުއްލިއަކަށް ހުރިހާ އެއްޗެއް ނައިރާއަށް ކިޔައިދީފަނަމަ ފަހަރެއްގަ އޭނާގެ ސިކުނޑި ޝޮކަކަށް ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް. އެހެންމަ ނައިރާއަށް ބޭނުން ވަނީ ޓައިމް. އޭނައަށް ވަގުތު ބޭނުންވާނެ. އެހެންމަ ނައިރާއަށް ވަގުތު ދޭންޖެހޭނީ”
ދެ ފަރާތަށް ބޯ ހޫރުވާލުމާއެކު އަހަރެން މަގަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރީމެވެ. ކާރު އައިސް ނައިރާގެ ގޭގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު، ނައިރާ ގޮވައިގެން އޭނާގެ ބައްޕައާއި މަންމަ ކާރުން ނުކުތެވެ. ނައިރާގެ ބައްޕަ ފަހުން ގުޅާނެ ކަމަށް ބުނުމުން ބޯ ޖަހާލައިފައި އަހަރެން ކާރު ދުއްވާލިމެވެ.
========= ނައިރާ ===========
*ހަ މަސް ފަސް*
ވަޒީފާއަށް ދިޔުމަށް ޓަކައި އަހަރެން ގެއިން ނުކުތީމެވެ. މަގުގެ އަނެއް ފަރާތުގައި މަޑުކޮށްގެން ހުރި ޒުވާނާ ފެނުމާއެކު އަހަންނަށް ދެލޯ ކުޑަ ކޮށްލެވުނެވެ. ވަޒީފާއަށް އަހަރެން ދާން ފެށީއްސުރެ ކޮންމެ ދުވަހަކު އެ ޒުވާނާ އަހަރެން ހަސްފަތާލަށް ދަންދެން ފަހަތުން އާދެއެވެ. ޖެއްސުމެއް ވެސް އުނދަގުލެއް ވެސް އަހަންނަކަށް ނުފޯރުވައެވެ. އަޖައިބުވާ ތަންކޮޅަކީ އެކަމުގެ ސަބަބުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭހެން ހީވާތީއެވެ. އަހަރެން ވަޒީފާއަށް ގެންގޮސްދީ، ގެނެސްދޭ މީހެކޭ އޭނާ އެކޭ ތަފާތެއް ނެތެވެ. ބައްޕަ ކައިރީގައި ޝަކުވާ ކުރެވުނު އަދަދެއް ވެސް ނޭނގެއެވެ. ގޮތް ނޭނގޭ މީހެކޭ ބުނާ އިރަށް އޭނާ އަކީ ނުރައްކަލެއް ނޫންކަން ދޭހަ ވާ ފަދައިން ބައްޕަ ވާހަކަ ފަށާނެއެވެ. މިއަދު އަހަރެން މި ނުކުތީ އެއީ ކާކުތޯ ބަލާފަ ނޫނީ އެނބުރި ގެޔަށް ނުވަނުމަށެވެ. އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮން ކަމެއްތޯ އޮޅުންފިލުވަން އަހަރެން ބޭނުމެވެ. އެއްޗެއް ނުވިސްނޭހާ އަހަރެން ޅަ އެއް ވެސް ނޫންތާއެވެ. އެގޮތަށް ފިރިހެނަކު އުޅޭ ނަމަ މާނަ އަކީ ކަމެއް ބޭނުން ވެގެން އުޅުމެވެ. ނުވަތަ އަޅައިގަނެގެން އުޅުމެވެ. އެނގިދާނެތާއެވެ.
އަހަރެން މަޑު މަޑުން ހިނގައިގަތީމެވެ. އޭނާ އާދޭތޯ ފަސް އެނބުރި ބަލާލީމެވެ. އެނބުރު މަންޒަރު އޭނާއަށް ފެނުނީ ކަންނޭނގެއެވެ. އަހަރެންނަށް އޭނާ ހީނލިއެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ވެސް ހީނލެވުނީއެވެ. އަހަންނަށް ނޭނގޭ ހިއްސެއް ހަށިގަނޑުގައިވާ ފަދައެވެ. އެ ވަގުތު އެ ޒުވާނާގެ މޫނުން ހައިރާންކަން ފައުޅުވެލިހެން އަހަންނަށް ހީވިއެވެ. ކުޑަކޮށް ލަދުގަންނަ ގޮތް ވުމާއެކު އަހަރެން ކުރިއަށް ބަލައިލުމަށް ފަހު ހިނގައިގަތީމެވެ. އޭރު އަހަރެންގެ ހިތް ބާރު ބާރަށް ތެޅެއެވެ. ކީއްވެ ކަމެއް ނޭނގެއެވެ.
ކާޑު ޖައްސާލުމަށްފަހު ބަހުގެ ސީޓުގައި އިށީން ވަގުތަކީ އެއްކަލަ ޒުވާނާ ވެސް ބަހަށް އެރި ވަގުތެވެ. މީ އައު ކަމެވެ. އަހަރެން ބަހަށް އަރާނަމަ އޭނާ އަންނާނީ ސައިކަލުގައެވެ. ދުވަހަކު ވެސް އަހަންނާއެކު ބަހަކަށް ނާރާނެއެވެ. ފިރިހެނަކު އެ ފަދައިން ފަހަތުން އަންނަ ނަމަ އަހަރެން ޖެހިލުންވާން ޖެހޭކަން ސިކުނޑި ހަނދާންކޮށްދިނެވެ. ނަމަވެސް ހިތް އެކަމާ އެއްބަސް ނުވާ ފަދައެވެ. އެ ޒުވާނާގެ ފަރާތުން އަހަންނަށް ރައްކާތެރިކަމެއް އިހުސާސް ކުރެވެން ވީ ކީއްވެ ހެއްޔެވެ؟. އެ ޒުވާނާ އިށީނީ އަހަރެން އިން ސީޓާއި ޖެހިގެން ހުރި ސީޓުގައެވެ. ނޭވާލާން އަހަރެން ހަނދާން ނެތުނުހެން ވެސް ހީވިއެވެ. ހިތުގެ ވިންދު އަވަސްވިހެން ވެސް އަހަންނަށް ހީވާން ފަށައިފިއެވެ. އިޚުތިޔާރަކާއި ނުލާ އަހަންނަށް އެ ޒުވާނާއަށް ނަޒަރެއް ދެވުނު ވަގުތު އެ ޒުވާނާ ވެސް އަހަންނަށް ނަޒަރެއް ދިނެވެ. ހަތަރު ކަޅި ހަމަވުމާއެކު އަނެއް ފަރާތަށް އަހަރެންގެ މޫނު އަނބުރާލީމެވެ.
“މިއަދު މާ ގިނައިން އަހަންނަށް ތި ބަލަނީ ކީއްވެ؟. ތީ އާންމު ކަމެއް ނޫން” އެ ޒުވާނާ ބުނެލިއެވެ.
އަހަރެން އަޖައިބުވިއެވެ. ވަޒީފާއަށް އަހަރެން ދާން ފެށީ މީގެ ތިން މަސް ކުރިންނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ޒުވާނާ އަހަރެންގެ ފަހަތުން އާދެއެވެ. ހަށިފާރަވެރިއެކޭ ވެސް މީހަކަށް ހީވެދާނެއެވެ. ނަމަވެސް މިވީ ތިން މަސްތެރޭގައި ވެސް އެ ޒުވާނާ އަހަންނާއި ވާހަކަ އެ ދެއްކީ އަލަށެވެ.
ހައިރާންވެފައި އަހަރެން އެ ޒުވާނާއަށް ބަލައިލީމެވެ. އޭނާއަށް ނުބަލަމޭ ބުނަން ހިތަށް އެރިއެވެ. ނަމަވެސް އެއީ ދޮގެކެވެ. މި ވޭތުވެ ދިޔަ ތިން މަހު ވެސް އޭނާ އަހަރެންގެ ފަހަތުން އާދޭތޯ އަހަރެން ބެލީމެވެ. ނޭނގި ނަމަވެސްއެވެ. މިއަދު މާ ބޮޑަށް ފައުޅުގައި ބެލުނީ ކަންނޭނގެއެވެ. އެއްޗެކޭ ނުބުނެ އިންނަން ފެށުމުން އެ ޒުވާނާ ހީނލި އަޑު އިވުނެވެ. ލަދު ގަންނަގޮތް ވުމާއެކު އަހަރެން މަގަށް ނަޒަރު ހުއްޓާލީމެވެ.
“ޒުކަން. އަބްދުﷲ ޒުކަން ޒާހިދު” އެ ޒުވާނާ ބުންޏެވެ. އެ ބުނީ ވެސް އަހަރެން ކުރަން ބޭނުން ވެގެން އުޅުނު ސުވާލެއްގެ ޖަވާބެވެ. އެކަމަކު އެ ނަމެވެ. އަހަރެން އެ ނަން ދަންނަހެން ހީވީ ކީއްވެ ހެއްޔެވެ؟. އެ ނަމާމެދު ވިސްނަން އިންދާ އެ ޒުވާނާ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.
“އަމިނަތު ނައިރާ ޚަލީލް. އުމުރުން ފަންސަވީސް އަހަރު. މަސައްކަތް ކުރަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ނަރުހެއްގެ ގޮތުގަ. މޮޅު ދޯ އަހަރެން” ޒުކަން އެއް ލޯ މަރައިލިއެވެ.
އަހަރެން އިނީ އަޖައިބުވެފައެވެ. އޭނާއަށް އެ މައުލޫމާތު އެނގެނީ ކިހިނެއް ހެއްޔެވެ؟. ހިތަށް އެރި ސުވާލު ދުލުން ބޭރުވިކަން އެނގުނީ އޭނާ އަނެއްކާ ވެސް ހީނލީމައެވެ.
“ބިކަޒް..ވެން ސަމްބަޑީ ބިކަމްސް ޔުރ އެވްރީތިން..އެއް އިންސާނަކަށް އަނެއް އިންސާނަކު ދުނިޔޭގެ ހުރިހާ އެއްޗަކަށް ވުރެ ވެސް މުހިންމު ވީމަ..އެ އިންސާނަކު ދަސްކުރާނެ. އެހެންވެ އަހަންނަށް ނައިރާ ދަސްވީ. ނައިރާ އަހަންނަށް މުހިންމު ވީމަ”
މަޑު މަޑުން ޒުކަން ބުންޏެވެ.
“ތީ ސްޓޯކް ކުރާ މީހެއްތަ؟” ޖެހިލުންވުމެއް ނެތި އަހާލެވުނީތީ އަހަރެން ވެސް ހައިރާންވިއެވެ. އަހަރެން މިހާ ޖެހިލުންވުން ކުޑަވީ ކޮން އިރަކު ހެއްޔެވެ؟.
“ނައިރާއަށް މީ ސްޓޯކް ކުރުން ކަމަށް ވަންޏާ ޔޫ މޭ ކޯލް އިޓް ސްޓޯކިންގް. ބަޓް އަހަރެންނަށް މީ..ނައިރާއަސް އެއްޗެއް އަންގައިދިނުން. ކޮންމެސް ދުވަހަކަން ވިޔަސް އަހަރެން މީ ކާކުކަން ނައިރާއަށް އެނގޭތޯ އަހަރެން ކުރާ ކަމެއް. އިތުރު އެއްވެސް ޗޮއިސްއެއް އަހަންނަށް އޮތް ނަމަ އަހަރެން އެ ގޮތެއް ޚިޔާރު ކުރީމުސް. އެކަމު އަހަރެން ބޭނުން ނައިރާއަށް އަހަރެން މީ ކާކުކަން އެނގެން” ޒުކަން ބުންޏެވެ.
“ތީ ކާކު ކަން އެހެންވިއްޔާ ބުންދޭންވީނުން. އަޑު އަހަން މީނީ. ތީ ކާކު؟ ކީއްވެ އަހަރެންގެ ފަހަތުން ކޮންމެ ދުވަހަކު އަންނަނީ؟ ކޮން ކަމެއް އަހަރެންގެ ފަރާތުން ބޭނުމީ؟” އަހަރެން އެހީމެވެ.
“އަހަންނަކީ ޒުކަން. ނައިރާއަށް ފަހަރެއްގައި ނޭނގިދާނެ. އެކަމަކު އަހަންނާ ނައިރާ އާ..ކީކޭ ބުނާނީ..ނައިރާގެ ހަޔާތުގަ އަހަންނަކީ ވަރަށް މުހިންމު މީހެއްކަމަށް ނައިރާ ދެކުނު. މިހާރު ނޭނގުނަސް. އަހަރެންގެ ބޭނުމަކީ ނައިރާ އަހަންނަށް ސަމާލުކަން ދޭތޯ ބެލުން. އަހަރެން މީ ކާކު ކަން ދެނެގަނޭ ނައިރާ. މަ މީ ކާކުކަން އެނގޭކަށް ބޭނުމެއް ނޫންތަ؟. ޓޯކް ޓު މީ..ޓޯކް ޓު މީ އެންޑް އައިލް ލިސެން..އެއްވެސް ޝަކުވާއެއް ނެތި އަހަރެން ނައިރާ ދައްކާ ކޮންމެ ވާހަކައެއް ވެސް އަޑު އަހާނަން. ޕްލީޒް” ޒުކަން ބުންޏެވެ.
ވިސްނާލުމަށް ފަހު އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
“އަހަރެންނަށް އެނގޭ އަހަރެންގެ ހަނދާނުގަ އެއްބައި ނެތްކަން. ތީ..އޭގެން އެއްބައިތަ؟. މިބުނީ އަހަންނަށް ބައްޕަ ކިޔައިދިން ގޮތުން ވިއްޔާ އަހަރެން އެކްސިޑެންޓެއް ވި. އެ އެކްސިޑެންޓުގަ އަހަންނަށް ލިބުނު އަނިޔާ އަކުން އަހަރެންގެ ހަނދާނުން އެއްބައި ގެއްލުނު ކަމަށްވޭ. ޒުކަން ތި ބުނަނީ އަހަރެން ޒުކަން ހަނދާން ނެތުނު ވާހަކައެއްނު. އެހެން ވިއްޔާ ބުނެބަލަ. ތީ އަހަރެންގެ ކާކު؟” އަހަރެން އެހީމެވެ.
ޒުކަން އަހަންނަށް ބަލަން އިނެވެ. އަހަރެން ކުރި ސުވާލަށް ޖަވާބު ދިނުމެއް ނެތިއެވެ. އެ ދެލޮލުން އާދޭސް ކުރާތީ އަހަންނަށް ފެނުނެވެ. އެކަމަކު ކޮން ކަމަކަށް ހެއްޔެވެ؟. ފުން ނޭވާއެއް ލުމަށްފަހު ޒުކަން ވާހަކަ ދައްކަން ފެށިއެވެ.
“ނައިރާއަށް އަހަރެންމީ ކާކު ކަމެއް އަހަންނެއް ނުބުނެދޭނަން. ނައިރާ އަހަންނަށް ބުނެދޭންވީ އަހަރެން މީ ނައިރާގެ ކާކު ކަން. އަހަރެން މީ ކާކު ކަމާއި، އަހަރެންގެ ގޮތް ދެނެގަންނަންވީ ނައިރާ އަމިއްލައަށް. ނައިރާ ވިސްނާ. އަހާ އަހަރެން ގާތު. އަހަރެންގެ ކަންކަމާ ބެހުނަސް ވެސް މައްސަލައެއް ނެތް. އަހަރެން ކުރާ ހިތްވާ ކަންކަމާ، ގަޔާވާ ކަންކަމާ، ގަޔާ ނުވާ ކަންކަން ނައިރާ އަހަރެން ގާތު އަހާ. އަހަންނަށް ނައިރާ އެނގޭ ފަދައިން ނައިރާ ވެސް އަހަރެން ދެނެގަނޭ. ބީ ކިއުރިއަސް އަބައުޓް މީ ޓު ދި ޕޮއިންޓް ޔޫ ވޯންޓު ނޯ އެވްރީތިންގް އަބައުޓް މީ. ލައިކް ހައު އައި ވޯންޓު ނޯ އެވްރީތިންގް އަބައުޓް ޔޫ” ކުރިއަށް ނަޒަރު ހުއްޓައިގެން އިނދެ ޒުކަން އެހެން ބުނުމަށް ފަހު ތެދުވިއެވެ. މަންޒިލަށް ވާސިލުވެވުނު ކަން އަހަންނަށް އެނގުނެވެ.
ޒުކަން ދެއްކި ވާހަކަތަކާއި މެދު ވިސްނި ވަރަކަށް އަހަންނަށް ވިސްނުނީ ހަމަ އެންމެ ކަމެކެވެ. ނޭނގި ނަމަވެސް އަހަންނާއި ޒުކަން އާއި ގުޅުމެއް އެބަ އޮތެވެ. އަހަންނަށް އެއީ މުހިންމު މީހެއްކަން އަމިއްލައަށް ވެސް އިހުސާސް ކުރެވެއެވެ. އެކަމާމެދު ވިސްނެއެވެ.
ދުވަހަކަށް ފަހު ދުވަހެއް ފާއިތު ވަމުން ދައުރުވަމުން ދިޔައެވެ. ޒުކަން އާއި އަހަރެމެން ދެ މީހުންގެ ދެމެދުގައި ވަނީ އެކުވެރިކަމުގެ ގުޅުމެއް އުފެދިފައެވެ. ކޮންމެ ދުވަހަކު ވެސް އޭނާ އަހަންނާއެކު ބަހަށް އަރައެވެ. އަހަންނާ ވާހަކަ ދައްކައެވެ. އެއީ ކޮން ކަހަލަ މީހެއްކަން ކޮންމެސް ވަރަކަށް އަހަންނަށް އެނގިއްޖެއެވެ. އޭނާ ބުނާ ގޮތުން ނަމަ އަހަންނާ އޭނައާ ކިޔެވީ އެއް ސުކޫލަކުންނެވެ. ތައުލީމު ހާސިލު ކުރީ އެކީގައެވެ. އެހެންނަމަ އެއީ އަހަރެންގެ ކުޑަ އިރުގެ ރަހުމަތްތެރިއެއްތާއެވެ. ނަމަވެސް ބައެއް ފަހަރު އަހަރެންގެ ހިތް އެކަމާ ދެކޮޅު ހަދާކަން އަހަންނަށް އެނގެއެވެ. ރަހުމަތްތެރިއެއް ނަމަ އަހަރެންގެ ހިތަށް އަސަރު ކުރަނީ ކީއްވެ ހެއްޔެވެ؟. ޒުކަން ކިޔައިދޭ މިންވަރަށް ވުރެން އިތުރަށް އެނގެން ބޭނުންވަނީ ކީއްވެ ހެއްޔެވެ؟. ޒުކަން އެނގެން ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހިތް އޭނާ ބަލައިގަންނަ ގޮތް ތަފާތުކަން އަހަންނަށް ގައިމެވެ. އެހެން އެކަކަށް ވެސް ނުދޭ ސަމާލުކަމެއް އަހަންނަށް އޭނާއަށް ދެވޭކަން އެނގެއެވެ. އޭނާގެ ކޮންމެ ސިފައެއް ވަކި ވަކިން އަހަރެންނަށް ހިތުދަސް ކުރެވޭ ފަދައެވެ. ޒުކަން ހީނލާއިރު އެ ލޮލުން ފައުޅުވާ ބެބުޅުން އަހަންނަށް ރީތީވެއްޖެއެވެ. އަހަރެން ކިޔައިދޭ ކުދި ކުދި ވާހަކަތަކަށް އޭނާ ހީނލާތީ އަބަދުވެސް އޭނާ ހެއްވަން ބޭނުންވެއެވެ. އަހަންނަށް އޭނާ ބަލައިލާ ގޮތް ތަފާތުކަން އަމިއްލަ ނަފުސަށް ވިސްނައިދީ އެކަމާ އުފާކުރެވެއެވެ. ޔަޤީނުން ވެސް ތަފާތުކަމެއް އަހަންނަށް އިހުސާސް އެބަ ކުރެވެއެވެ. ނޭނގެނީ އެއީ ކޮން ކަމެއް ކަމެވެ. އަހަރެންގެ ހިތަށް ވާ ގޮތާއި، ވިސްނޭ ވިސްނުމަށް ދޭނެ ނަމެއް ޚުދު އަހަންނަށް ވެސް ނޭނގެއެވެ.
***************************************
ގެއިން ނުކުތުމަށް ފަހު އަހަރެން ވަށައިގެން ނަޒަރު ހިންގާލީމެވެ. އަހަރެންގެ އިންތިޒާރުގައި އަހަރެންގެ “އެކުވެރިޔާ” ހުރިތޯއެވެ. ހައިރާންވާ ގޮތްވީ އޭނާ ފެންނަން ނެތުމުންނެވެ. ގަޑި ޖެހެން ކައިރިވި އިރު ވެސް އޭނާއެއް އަހަންނަކަށް ނުފެނުނެވެ. އެންމެ ފަހުން އަހަރެން ހިނގައިގަތީމެވެ. ބަހަށް އެރުމަށެވެ. އޭނާ ބަހުގައި ވެސް އިނދެދާނެ ނޫން ހެއްޔެވެ؟. ނޫނެކެވެ. ބަހަށް ވެސް އެރިއްޖެއެވެ. އޭނާއެއް ނެތެވެ. ޒުކަން ކޮބާތޯ އަހަރެންގެ ހިތް ސުވާލު ކުރިއެވެ. ހާސްކަމާއެކު އަހަރެން ފައި ތަޅުވާލަ ތާޅުވާލަ އިނީމެވެ. ބަހުން ފޭބުމުން އޭނާ ފެންނާނެޔޭ ހިތަށް ވިސްނައިދިނީމެވެ. ނޫނެކެވެ. ބަހުން ވެސް ފޭބިއްޖެއެވެ. ޒުކަން އެއް ނުފެނުނެވެ. ހާސްވާން ވެސް އަހަރެން ފެށިއެވެ. ވަށައިގެން ހޯދަމުން އަހަރެން ކުރިއަށް ހިނގައިގަތީމެވެ.
ކަފިހި ހުރަސް ކުރިމަތީގައި ހުއްޓުނު ވަގުތު އަހަންނަށް ތަފާތު ކަމެއް އިހުސާސް ކުރެވިއްޖެއެވެ. ކުޑަކޮށް ހިތް ބިރުގަންނަ ކަން އަހަންނަށް އިހުސާސް ވިއެވެ. ދެއަތް މުއްކަވާލެވުނެވެ. އަހަރެންގެ ނޭވާ ފުންވާން ފެށިއެވެ. ނޭވާ ކުރުވާ ހެން ވެސް އަހަންނަށް ހީވިއެވެ. ކަފިހި ހުރަހުން ކުރިއަށް ދާކަށް އަހަންނަކަށް ނުކެރުނެވެ. ނޫނެކެވެ. މިދިޔަ ފަސް މަހުގަ ވެސް އަހަރެން މިތަން ހުރަސް ކުރީމެވެ. މިއަދު ވަކި ތަފާތު ވާންވީ ކީއްވެ ހެއްޔެވެ. ދެ ލޯ މަރައި ތަގުޅި ކޮށްލުމަށްފަހު އަހަރެން އިސްޖަހާލީމެވެ. އަހަންނަށް ކަމެއް ވިސްނުނެވެ. އެކްސިޑެންޓް ވިއޭ ބުނި ދުވަހުން ފެށިގެން އަދި ހަމަ އެންމެ ފަހަރަކު ވެސް އަހަރެން އެކަނި މަގު ހުރަހެއް ނުކުރަމެވެ. ކޮންމެ ދުވަހަކު ވެސް ޒުކަން އަހަންނާއެކު މި މަގު ހުރަސް ކުރެއެވެ. މިއަދަކު ޒުކަންއެއް ނެތެވެ. ޒުކަން ގެނެސްދެއްވުމަށް އެދި އަހަންނަށް އެ ވަގުތު ދުއާ ދެންނެވުނެވެ. އަޖައިބުވިއެވެ. ޒުކަން ކީއްވެ ހެއްޔެވެ؟. އޭނާ ނޫން މީހެއް ކިހިނެއް ވީ ހެއްޔެވެ؟. ބޯ ހޫރުވާލުމަށްފަހު އަހަރެން އިސް އުފުލާލީމެވެ. މީ ދުވާލުކަން އަހަންނަށް ކަށަވަރެވެ. އެކަމަކު އަހަންނަށް މަންޒަރު ބަދަލުވިއެވެ. ދުވާލާއި ރޭނގަޑާއި އެއްވިއެވެ. ދެ މަންޒަރު އެއްވާން ފެށިއެވެ. އެއަރޕޯޓު ކުރިމަތީގައި ހުރެވުނީ ކީއްވެ ހެއްޔެވެ؟ މީ ރޭގަނޑެއް ވެސް ނޫނެވެ. މަންޒަރު ކުއްލިއަކަށް ބަދަލުވެއްޖެއެވެ. ކުރިމަތީގައި އެ ހުރީ ހަސްފަތާލެވެ. ވާނުވާ އަހަންނަށް އޮޅިއްޖެއެވެ. އަހަންނަށް ރޮވިއްޖެއެވެ. ނޭވާ ލާންވެސް އުނދަގޫ ވާން ފަށައިފިއެވެ. ލޯ ކުރިމަތިން މަންޒަރު ބަދަލުވެ ރުޖޫއަވަމުން ދާން ފެށުމާއެކު އަހަރެންގެ ހަށިން ވަރު ދޫ ވާން އުޅުނުހެން އަހަންނަށް ހީވިއެވެ.
(ނުނިމޭ).
One Comment
Comments are closed.

Varahreethi