Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެންލޯބި

އިންތިހާ ލޯބި ވެވޭތީ – އެއްވަނަ ބައި (1)

Rehendhi
Rehendhi Level 1
July 9, 2026 9 Mins Read
0 Comments

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ

ނޯޓް: މިއީ އެއްވެސް އިރެއްގައި ހިނގާފައިވާ، ނުވަތަ ހިނގަމުންދާ، ނުވަތަ ހިނގާފާނެ ކަމަށް ލަފާކޮށް ލިޔެފައިވާ ވާހަކައެއް ނޫނެވެ. މި ވާހަކަ އަކީ އަމިއްލަ ޚިޔާލެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

 

==================== ނައިރާ =======================

އަވަސް ހިނގުމެއްގައި މަގުގެ ދުވާރުމަތިން ހިނގާފައި ދަމުން އަހަރެން، އަތުގައިވި ގަޑިއަށް އަވަސް ނަޒަރެއް ދިނީމެވެ. ހާސްކަން އަހަރެން ވަށާލުމާއެކު މަޑު މަޑުން އަހަރެންގެ ހިނގުން ބާރުވެ، ދުވުމަކަށް ބަދަލުވެގެން ދިޔައެވެ. ބަސް ހުއްޓިއާއި ހަމައަށް އަހަރެންނަށް ދެވުނީ ބަރާބަރު ވަގުތަށެވެ. އަވަސް އަވަހަށް ބަހަށް އެރުމާއެކު، ގޮނޑީގައި އިށީނުމަށްފަހު އަހަރެންގެ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރީމެވެ. ފޯނު ނެގުމަށްފަހު މެސެޖުތައް ބަލައިލީމެވެ. ފޯނުން އެލާމުގެ އަޑު އިވުމާއެކު އަވަސް އަވަހަށް އޭގެ އަޑު ކަނޑާލީމެވެ. ހަމަޖެހިލުމަށްފަހު ހަސްފަތާލަށް ދެވެންދެން ފޯނަށް ގެއްލިގެން އިނީމެވެ.

އަހަރެންނަކީ އުމުރުން ފަންސަވީސް އަހަރުގެ ޒުވާނެކެވެ. އަހަރެންނަށް ބަލާ މީހަކަށް، އަހަރެންނަކީ އެ އުމުރުގެ މީހެއް ހެން ހީނުވެދާނެއެވެ. އިސްކޮޅުން ކިރިޔާ ފަސް ފޫޓު ހަމަވާ ކަމެވެ. އަނދިރި ކުލައިގެ ހަންގަޑެއް އަހަންނަށް ވަނީ ލިބިފައެވެ. މީހުން އަބަދުވެސް އަހަރެންގެ ރީތި ކަމަށް ހުޝާމަދުކޮށް ހަދައެވެ. އަހަންނަކީ އަހަރެންގެ މަންމަ އާއި ބައްޕަގެ އެންމެ ހަގު ދަރިއެވެ. އަހަރެންގެ ބޮޑަށް ދެ ބެއިން ހުންނަ އިރު، އެންމެ ބޮޑުވާނި ބޭބެ ނިހާނެވެ. އޭގެ ކުޑައަށް ދައްތަ ނަޔާރާ ހުންނަ އިރު، ދެން ހުންނަނީ އަހަންނެވެ. ނަމަކީ ނައިރާއެވެ. ބޮޑުވަމުން އައި އިރު ދެކެމުން އައި އެތައް ހުވަފެނެއް ފުރިހަމަ ކުރެވިއްޖެއެވެ. ސާނަވީ ތައުލީމު ނިންމައި، މަތީ ސާނަވީ މަރުހަލާ ވެސް ކަޑައްތުކުރުމަށް ފަހު، މަތީ ތައުލީމު ވެސް ހާސިލު ކުރެވިއްޖެއެވެ. މައިންބަފައިން ފަޚުރުވެރިވާ ފަދަ ދަރިއަކަށް ވެވުނު ކަމުގެ އިހުސާސް އަބަދު ވެސް އަހަންނަށް ކުރެވެއެވެ. މަންމައާއި ބައްޕަގެ އުންމީދުތަކުގެ ތެރެއިން އަހަންނަށް ފުރިހަމަ ނުކުރެވި އޮތީ އެންމެ އުންމިދެކެވެ. ކައިވެންޏެއް ކުރުމެވެ. ނަޔާރާ އާއި ނިހާން މީހުންނާއި އިނދެ ދަރިން ވެސް ލިބިފައި ހުރި އިރު އަހަރެން އަދި މީހަކާ ވެސް ނީންނަމެވެ. އެކަން ވެސް ލަހެއް ނުވެ އިރާދަކުރެއްވިއްޔާ ވެދާނެތާއެވެ.

ބަހުން ފައިބައިގެން އަހަރެން ހަސްފަތާލަށް ވަދެގެން ދަމުން ކަރުގައި އަޅަން ޖެހޭ ކާޑު އަޅައިލީމެވެ. އެތައް ދުވަހެއްގެ ހުވަފެނަކަށް ފަހު މި ހަސްފަތާލުގައި މަސައްކަތް ކުރަން ލިބުނު އިރު، އަހަރެން މިތަނުގައި ވަޒީފާ އަދާކުރާތާ މިއަދަށް ބަރާބަރު އެއް އަހަރު ވީއެވެ. ނަރުހެއްގެ ގޮތުގައި ބަލި މީހުންނަށް ޚިދުމަތް ދިނުމަކީ އަހަރެން ވަރަށް ކުރިންސުރެ ކުރާ ހިތްވާ ކަމެކެވެ.

ވަޒީފާއިން ލިބުނު ހުސް ވަގުތުގައި އަހަރެން ވަނީ ހަސްފަތާލު ކައިރީގައި ހުރި ކެފޭއަކަށެވެ. ކޮފީ ބޯ ހިތްވާ މީހަކަށް ނުވުމާއެކު، އަހަރެން ބުނީ “މިލްކްޝޭކް” އެއް ގެނެސްދިނުމަށެވެ. ބުއިން އަންނަންދެން މަޑުކޮށްގެން އިން ވަގުތު އަހަރެންގެ ފޯނަށް ބޭރު ނަންބަރަކުން ގުޅަން ފެށިއެވެ. ހީނލެވުމާއެކު ފޯނު ނަގައި ކަންފަތުގައި ޖަހައިލީ ހިތްހަމަޖެހިގެން އިނދެއެވެ.

“ބްރޭކްގަ ކަން އިނގޭތީ މި ގުޅީ” އެ ކޮޅުން އަހަންނާ ވާހަކަ ދެއްކި ފިރިހެން ކުއްޖާ ބުނި އެއްޗަކުން އަހަންނަށް އިތުރަށް ހީނލެވުނެވެ.

“އެނގޭ…ބޯކޮޅު ބަލަމުން ފަހަތުން އަބަދުވެސް ދުވާ މީހެއްނު ތީ..ހެހެ..ތިއެއް ނޫނޭ..ޒުކަން މަންމަ ބުނި..ޒުކަން އަންނަން އުޅޭ ވާހަކަ. އެއީ ތެދެއްތަ؟” އަހަރެން އަހާލުމާއެކު ޒުކަން ހީނލި އަޑު އިވުނެވެ. އެ ހީނލުމަކި އަހަރެންގެ ހިތުގެ ނާރުތަކާއި ކުޅޭ ޖާދުލެއްކަން އަހަރެން އަބަދުވެސް ދަންނަމެވެ.

“ކީއްކުރާނީ..ނުބުނަން ހުއްޓަވެސް ތި އިނގުނީނުން. އާން. އަންނަ ހަފްތާގަ އަހަރެން ދާނަން ރާއްޖެއަށް. މިފަހަރު ގޮސް އަންނާނީ ނައި ގޮވައިގެން” ޒުކަން ބުނެލިއެވެ.

“ނައި އޭ؟ ނައިރާ ކީއްކުރަން ދަނީ. މަންމަމެން އޯކޭ އެއް ނުވާނެ ޒުކަންއާއެކު ދާކަށް އެކަނި. އެހެން ނޫނަސް އަހަރެން ވެސް ހިތްހަމަ ނުޖެހޭކަން ޒުކަންއަށް އިނގޭނުން. އައި ޑޯންޓް ލައިކް ދެޓް އައިޑިޔާ ޒުކަން. ޒުކަން ބުންޏަސް ނުދެވޭނެ” ސީރިއަސް ރާގެއްގައި އަހަރެން ޖަވާބު ދިނީމެވެ.

“ސާބަހޭ. މަ އަސްލުވެސް ހިތާ ވެގެން މި އުޅެނީ ކުޑަކޮށް މޮޔަ ކުއްޖަކާ ދޯ. މަށަށް އެނގޭ ނައި އަކީ ކޮން ކަހަލަ ކުއްޖެއްކަން. ދެން މަ ކިހިނެއް ރާއްޖެ އިން ބޭރަށް އަދި ގެންދަނީ. މަ މި ބުނީ މި ފަހަރު ގޮސް ނައިގެ ބައްޕަ ކައިރީގަ ބުނާނަމޭ މަށަށް ނައި އެއްކޮށް ދޭށޭ” ޒުކަން ބުންޏެވެ.

ޒުކަން ބުނެލި ޖުމްލައިގެ މާނަ ދޭހަ ވުމާއެކު އަހަރެން ކުޑަކޮށް ލަދުގަންނަ ގޮތް ވެސް ވިއެވެ. “ސީރިއަސް އެއްޗެއްތަ ތި ބުނީ؟ މިބުނީ ޖޯކެއް ނޫންދޯ ތީ؟ ޒުކަން ވިއްޔާ ބައްޕަ އުފަލުން ދޭނެ ވިއްޔާ” ހީނލާފައި އަހަރެން ބުނީމެވެ.

‘އެނގެޔޭ ދޭނެކަން. އެހެން ވެގެންނު އެހާ ފޮނިވެފަ މި ހުންނަނީ. އެންޑް ޔެސް. ކައިވެނީގެ ވާހަކަ އަހަރެން މިދައްކަނީ ވަރަށް ސީރިއަސްކޮށް. އަހަރެން ވަރަށް ވިސްނައިފިން. މިހެން ހުރެ މަށަށް ކިތަންމެ ވަރަކަށް ވެސް ކިޔެވިދާނެ. އަހަރެން ދެން ވާނީ ވެސް މުސްކުޅި. މަ ބޭނުން ޕްރޮޕާރ ލައިފްއެއް. މިހާރު ކިޔެވިފަ ހުރި ވަރުން ވެސް މަށަށް ނައި ބެލޭ ވަރަށް ރުފިޔާ ހޯދި ދާނެ. މަ މިބުނީ ކިޔެވުން ހުއްޓާލާ ވާހަކަ އެއް ނޫން އަނެއްކާ. ބާކީ އޮތް ވަން އިޔާ މަށަށް ނައި ގޮވައިގެން ވެސް ކިޔެވިދާނެއްނުން. އެކަމް މަ ބޭނުން މިޔައްވުރެން މުސްކުޅި ނުވަނީ މަ މީހަކާ އިންނަން. އޭރުންތާ ބުނެވޭނީ ތިރީސް ވުމުގެ ކުރިން މަ މީހަކާ އިނީމޭ..ހެހެ” ޒުކަން ކިޔައިދިނުމާއެކު އަހަރެން ވެސް ހީނލީމެވެ.

ތެދެކެވެ. އަހަރެމެން ދެން އިތުރަކަށް ޒުވާނެއް ވެސް ނުވާނެއެވެ. ޒުކަން އާއި ކައިވެންޏެއްކޮށް ދިރިއުޅުމެއް ފެށުމަކީ އަހަރެން ދުށް ވަރަށް ބޮޑު ހުވަފެނެކެވެ. އެ ހުވަފެން ހަޤީޤަތަކަށް ވަނީ އޭ ހިތް ބުނެލުމާއެކު އަހަރެންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.

ވަޒީފާ ނިންމުމަށް ފަހު އަހަރެން ގެޔަށް ދާން ނުކުތީމެވެ. ބަހަށް އެރޭނެ ގޮތް ނުވުމާއެކު އަހަރެން ފައިމަގުގައި ގެޔަށް ދާން ހިނގައިގަތީމެވެ. މީހުން ގިނަ މަޖީދީ މަގުން ދިޔުމުގެ ބަދަލުގައި އަހަރެން ގޯޅިތަކަށް އަޅަމުން ކުރިޔަށް ދިޔައީ މަޖީދީ މަގަށް ވުރެ ހިނގަން ފަސޭހައީ އެ ގޯޅިތަކުގައި ކަމަށް ވުމުންނެވެ. ގެ އާއި ކައިރީގައި އޮތް ގޯޅިއަކަށް އަޅައިލެވުނު ވަގުތަކީ އަންހެން ކުއްޖެއްގެ ތޫލި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނު ވަގުތެވެ. ގޯޅިގަނޑު ތެރެއަށް ރަނގަޅަށް ބަލައިލެވުމާއެކު ފެނުނު މަންޒަރަކުން އަހަރެން ހާސްވިއެވެ. އަންހެން ކުއްޖަކު ރަހީނުކޮށްގެން އެތަނުގައި އޮތް ކާރަކަށް އަރުވަން މަސައްކަތް ކުރި އިރު އެ ކާރާ ތަންކޮޅެއް ދުރުގައި ބަޔަކު މީހުން ފިރިހެނެއްގެ ގައިގައި ތަޅަމުން ގެންދިޔައެވެ. ވަށައިގެން އ ގޯޅިއަށް އަހަންނަށް ނަޒަރެއް ދެވުނީ އިތުރު މީހަކު ހުރި ނަމަ އެހީ އަކަށް އެދުމަށެވެ. އެ ދެ މީހުނާއި، އެ ގްރޫޕުގެ އިތުރުން އަހަރެން ނޫން އެހެން އެއްވެސް މީހެއް ނުފެނުމާއެކު އަހަރެން ފޯނު ނަގައި ޕޮލިހަށް ގުޅީމެވެ. އެ ގްރޫޕުގެ މީހުންގެ ތެރެއިން މީހަކަށް އަހަރެން ފެނުމާއެކު ވަގުތުން ހަޅޭތްލަވައިގަތެވެ. އައި ކޮޅަށް އަހަންނަށް ދުއްވައިގަންނަން މަޖުބޫރުވިއެވެ. ދުވަމުން، ފޯނުން ވާހަކަ ދައްކަމުން މީހުން ތިބި މަގަކަށް ނުކުތީމެވެ. އެންމެނަށް ގޮވާ އެއްކުރަން ވެސް ހިތަށް އެރިއެވެ. ނަމަވެސް އަހަރެންގެ ފަހަތުން އައި މީހުންގެ ހިލަމެއް ނުވުމާއެކު އަހަރެންނަށް އެ އަންހެން ކުއްޖާ އާއި މެދު ވިސްނާލެވުނެވެ. ޕޮލިހުންނަށް އެ ކުއްޖާ ސަލާމަތް ކުރެވޭތޯ ހިތާއި ހިތުން އަހަރެން ދުއާ ކުރާ ހާލު އަނެއްކާ ވެސް ފުލުހުންނަށް ގުޅައިލީމެވެ. ރަހީނުކޮށްގެން ގެންދިޔަ އަންހެން ކުއްޖާ ސަލާމަތް ކުރެވުނު ވާހަކަ ބުނެލުމާއެކު ހަމަޖެހުމުގެ ނޭވާއެއް އަހަންނަށް ދޫކޮށްލެވުނެވެ. އަހަރެންގެ ހެކިބަސް ބޭނުންވާނެ ކަމަށް ބުނުމުން އެކަމާއި އެއްބަސްވެ އަހަރެން ފޯނު ކަނޑައިލީމެވެ. ހިނގާފައި ދާން ނުކެރުމުން ދެން އަހަރެން އެރީ ޓެކްސީއަކަށެވެ.

ނިދުމަށް ޓަކައި ތައްޔާރު ވެގެން އެނދަށް އެރުމަށް ފަހު ފޯނު ހުޅުވައިލައި ޒުކަންއަށް މެސެޖެއް ލިޔުނީމެވެ. މިރޭ ކަންތައް ވީ ގޮތް އޭނައަށް ކިޔައިދިނުމަށެވެ. މެސެޖު ލިޔުމަށް ފަހު ޖަވާބަކަށް އިންތިޒާރު ނުކޮށް އަހަރެން ފޯނު ނިވާލީ ޒުކަން މި ވަގުތު އޮންނާނީ ނިދާފަ ކަން އެނގޭތީއެވެ.

ޒުކަން އަންނަނީކަން ހަނދާންވުމާއެކު އަހަންނަށް އަނެއްކާ ވެސް ހީނލެވުނެވެ. ބަލާ މީހަކު އަހަރެން މިއީ މޮޔައެކޭ ވެސް ހީކޮށްފާނެއެވެ. ޒުކަން އަންނަން ބާކީ އޮތް ދުވަސްތައް ގުނާލެވުމާއެކު މޫނަށް ވައްތަރެއް ވެސް ޖައްސާލެވުނެވެ. އަދި ނުވަ ދުވަސް އެބަ އޮތެވެ. އަންނަ ހަފްތާގެ ހޯމަ ދުވަހެވެ. ހާދަ އިންތިޒާރެއް ކުރަން ޖެހެޔޭ އަހަރެންގެ ހިތަށް އެރިއެވެ. ބޯ އަނބުރާލުމާއެކު އަހަރެން ނިދޭތޯ ބެލީމެވެ. ނިދުމުގެ ބަދަލުގައި އަހަރެންގެ ސިކުނޑީގައި ޒުކަންގެ ޚިޔާލުތައް ޓަކި ދިނެވެ. އެ ޚިޔާލުތަކަށް އަހަރެން ފުރުސަތު ދިނީ އުފަލުންނެވެ.

ޒުކަން އާއި އަހަރެން އެންމެ ފުރަތަމަ ބައްދަލުވީ މަދަރުސާގައި އުޅުނު ދުވަސްވަރު، ގުރޭޑް ނުވައެއް ގައެވެ. އެސެމްބްލީ ހުށަހަޅަން ޖެހުނު ދުވަހެއްގައެވެ. އަހަރެންގެ ފަހުން އެސެމްބްލީގައި ވާހަކަ ދެއްކީ ޒުކަންއެވެ. މާ ބޮޑު ސަމާލުކަމެއް ނުދެވުނު ނަމަވެސް އޭނާ ދެއްކި ވާހަކަތައް އަހަންނަށް ކަމުދިޔައެވެ. އެއީ ގަޔާ ވެގެން ވީ ކަމެއް ނޫނެވެ. ދެއްކި ވާހަކައިގެ އޮށްޓަރު ހުރުމުންނެވެ. ގަޔާވާނީ ވެސް ކިހިނެއް ހެއްޔެވެ؟. އޭރު އަހަރެން އުޅުނީ ކުއްޖަކާ ހެދި އާވާރާ ވެގެންނެވެ. ޒުކަންއަށް ސަމާލުކަމެއް ވެސް ނުދޭނެތާއެވެ.

މަސްތައް ފާއިތު ވަމުން ގޮސް ގުރޭޑް ނުވައެއް ނިމި، ގުރޭޑް ދިހައަކަށް ދިޔަ އިރު، އަހަންނާއި ޒުކަން ދިޔައީ އެއް ކުލާހަކަށެވެ. މާހިލް، އެހެން ގޮތަކަށް ބުނާ ނަމަ އަހަރެންނަށް ކަމުދިޔަ ފިރިހެން ކުއްޖާ، ކުއްޖަކާ ރައްޓެހި ވެގެން އުޅޭކަން އިނގުނީ ވެސް ގުރޭޑް ދިހަ އެއްގައެވެ. ވީ ފޫހިން ދުވަހަކު ވެސް ފިރިހެން ކުއްޖަކު ދެކެ ހިތާ ނުވާން އަމިއްލަ ނަފްސަށް ހުވާކުރީމެވެ. ގުރޭޑް ދިހައެއްގެ ދެވަނަ ޓަރމު ފެށުނު ތަނާހެން، އެކުވެރިއެއްގެ ޒަރިއްޔާއިން އަހަންނަށް ކަމެއް އިނގުނެވެ. ޒުކަން އަހަރެންނާ ގަޔާވެގެން އުޅޭ ކަމެވެ. އެއް ކުލާހެއްގައި ކިޔެވުން ވެސް އަހަންނަށް އުނދަގޫ ކަމަކަށްވީ އެ ހިސާބުންނެވެ. ޒުކަން ކަމެއް ކޮށްގެނެއް ވެސް ނޫނެވެ. އޭނަ އިންނަ ތަނެއްގައި އިންނަން ވެސް ބޭނުން ނުވީއެވެ. ގުރޭޑް އެގާރަ ވެސް އަހަރެން ކިޔެވީ ޒުކަން އާއި އެއް ސުކޫލެއްގައި، އެއް ކުލާހެއްގައެވެ. އަހަރެންނަށް ޒުކަންގެ އިހުސާސްތައް ބަންޑުން ޖެހީ އަހަރެންގެ އުމުރުން ސަތާރަ އަހަރު ވި ދުވަހުއެވެ. އަހަރެން ދެކޮޅު ހެދީމެވެ. ކިޔަވާ ކުއްޖެކޭ ބުނެ ބަހަނާ ދެއްކީމެވެ. އަހަރެމެން ކިޔަވާ ނިމޭ ދުވަހަކަށް ޒުކަން އިންތިޒާރު ކުރާ ވާހަކަ އެކުވެރިއެއް އަހަންނަށް ބުނެދިނެވެ. ނޭނގި ހުއްޓާ މަޑު މަޑުން އަހަރެންގެ ހިތުގައި އައު އިހުސާސްތަކެއް އުފެދެން ފެށީ އޭގެ ފަހުންނެވެ. ކުލާހުގައި މަޑު މަޑުން އިންނަ ފިރިހެން ކުއްޖާ އަހަރެންގެ ލޮލުގައި އަޅައިގަންނަން ފެށިއެވެ. ކިޔެވުމަށް އޭނަ ދޭ ސަމާލުކަމާއި، އޭނާގެ ވިސްނުންތުނުކަން ފެނިފަ އަހަރެން ހިތާއި ހިތުން ތައުރީފު ކުރާހާ އާޝޯޚުވިއެވެ. ޒުކަންގެ ހީނލުން އަހަންނަށް ކަމުދާން ފެށީ ކޮން އިރަކު ކިހިނެއް ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް ޒުކަން ކަމުދިޔައީ ކީއްވެ ކަމެއް ވެސް އަދި އަދަށް ދާން ވެސް އަހަންނަކަށް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ އުމުރުން ސަތާރަ އަހަރުގައި އަހަރެންގެ ހިތުގައި ޖެހި ވިންދު، އަދި އަދަށް ދާންދެންވެސް ފަނޑު ނުވާކަމެވެ. އޭރަށް ވުރެ މިހާރު އެ އިހުސާސްތައް ފުންވެފައި ވަރުގަދަކަން ވެސް ގައިމެވެ. މީ ރޭގަނޑު ފަދައިން އަހަންނަށް އެނގި ސާފު ވަނީ އަހަރެން ޒުކަން ބޭނުން ކަމެވެ. ވަރަށް ބޭނުން ކަމެވެ. ވަރަށް ބޮޑަށް ބޭނުން ކަމެވެ.

ސުކޫލުގެ ފަހު އިމްތިހާނު ނިމި، އަހަރެމެންގެ “ގްރެޖުއޭޝަން” ހަފްލާ ނިމުނު ވަގުތު، ޒުކަން އަހަރެންނާ ބައްދަލު ކުރިއެވެ. ހަފްލާގައި ޒުކަން ކާން އިށީނީ އަހަރެން ވެސް އިން މޭޒު ދޮށުގައެވެ. ނުކެރި އިނދެފަ ވެސް ވީ ކީއްތޯ އަހަރެން އެހީމެވެ. އެހިކަން އެއީ އަހަރެންގެ ނަސީބު ފަދައެވެ. ޒުކަންގެ ހިތުގައި އުތުރި އަރަމުން ދިޔަ އިހުސާސްތައް އޭނާ އަހަރެންގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. ޒުކަންއަށް އަހަރެން ވަރަށް ކަމުދާ ކަމަށް ތަކުރާރުކޮށް އަހަރެންގެ ގާތު އެރޭ ބުންޏެވެ. އޭނާ އެ ކުރީ ސަމާސާއެއް ނޫން ކަމާއި، އަހަރެންނާއި މެދު އޭނާ ދެކެނީ ވަރަށް ސީރިއަސްކޮށް ކަން ޒުކަން އަހަންނަށް ކިޔައިދިނެވެ. މަހެއް ފަހުން އެ ކިޔައިދިން ވާހަކަތަކަށް ޖަވާބުދާރީ ވާނަން ކަމަށް އަހަރެން ވައުދުވުމަށް ފަހު އެރޭ ދިޔައީއެވެ.

ލިބިފަވައި ތަރުބިއްޔަތުގެ ސަބަބުން ރައްޓެހިވާން އަހަރެން ދެކޮޅު ހެދީމެވެ. ރައްޓެހިވެގެން މީހުން އުޅޭ ގޮތަށް ނޫޅެވޭނެ ކަން އަހަރެން ޒުކަންއަށް އަންގައިދިނީމެވެ. ޒުކަން ކައިވެނި ކުރަން ބޭނުން ނަމަ އެ ފުރުސަތު އޮތް ވާހަކަ ވެސް އަހަރެން ސާފުކޮށް ދިނީމެވެ. ރައްޓެހިވެގެން އަހަރުތަކެއް ދުއްވާލުމަކީ އަހަރެން ޤަބޫލު ކުރާ ކަމެއް ނޫނެވެ. އަހަރެންނާއި ގުޅެން ޒުކަން ބޭނުންވެފައި ހުރި މިންވަރު އަހަންނަށް އަންދާޒާ ކުރެވުނީ އެ ހުރިހާ ކަމަކާއި ޒުކަން ރުހި ޤަބޫލު ވީމައެވެ. މައިންބަފައިންނަށް ހުރިހާ ވާހަކައެއް ކިޔައި ދިނުމާއެކު، އަހަރެންގެ ބައްޕަ ޒުކަންއަށް ޚިޔާލު ދިނީ އަހަރެން ގެންގުޅެވޭ ފެންވަރުގެ ހަރުދާނާ ޤާބިލު މީހަކަށް ވާން މަސައްކަތް ފެށުމަށެވެ. ސުކޫލު ނިމުނުތާ ބަރާބަރު ހަ މަސް ފަހުން ޒުކަން ސިފައިންގެއަށް ވަނީ އަހަންނާއެކު ދިރިއުޅުމެއް ފެށުމުގެ ހުވަފެނުގައި ކުލަ ޖެއްސުމަށެވެ. ބާވީސް އަހަރު ވުމުން ކައިވެނި ކުރަން އަހަރެމެން ދެ މީހުން ވެސް އޭރު ވަނީ ނިންމާފައެވެ. ނަމަވެސް އިންސާނުން ރާވާ ގޮތަކަށް ހުރިހާ ކަމެއް ވެސް ނުދާނެތާއެވެ. ސިފައިންގޭގައި އުޅެނިކޮށް ބޭރަށް ކިޔަވަން ދާނެ ފުރުސަތު ލިބުމާއެކު ޒުކަންގެ އާއިލާ އިން ބޭނުންވީ ޒުކަން ކިޔަވަން ދާށެވެ. އަހަރެން ވެސް އެ ގޮތާއި ރުހި ޤަބޫލުވީ ޒުކަންއަށް އެންމެ ރަނގަޅު ވާނީ އެ ގޮތް ކަމަށް ނިންމަމުންނެވެ.

ވިހި އަހަރުގައި ޒުކަން ކިޔަވަން ފުރައިގެން ދިޔައި، ދުނިޔޭގައި ހުރި ނަމަ އިރާދަކުރެއްވިއްޔާ، އެނބުރި އައިސް އަހަންނާއި ކައިވެނި ކުރަން ވައުދުވެފައެވެ. އެ ވައުދު ފުއްދަން ޒުކަން އަންނަނީ އޭ، ހިތް އަނެއްކާ ވެސް ބުނެލިއެވެ. ބާލީހުގައި ބައްދާލުމަށްފަހު އަހަރެން ބާލީހުގައި މޫނު އަޅައި މޫނު ފޮރުވާލީމެވެ. އުފަލުން މާ ބޮޑަށް ހެވެން ފެށުމުން އަހަރެން އިތުރަށް ބާލީހުގައި ބައްދާލުމަށްފަހު ނިދޭތޯ އުޅުނީމެވެ.

***************************

ހަތަރު ދުވަސް ފަސް

ޕޮލިސް ސްޓޭޝަނުން އަހަރެން ނުކުތީ އެ މީހުން ކުރި ހުރިހާ ސުވާލަކަށް ޖަވާބު ދިނުމަށް ފަހުއެވެ. އެރޭ ކަންތައް ވީ ގޮތް ހިތައް އެރިޔަސް އަހަރެންގެ ގައިން ހީބިހި ނަގައެވެ. ބައްޕަ އާއި މަންމައަށް އެ ވާހަކަތައް ކިޔައިދިނުމުން އެކަނި ބޭރަށް ފޮނުވަން ދެކޮޅު ހެދިއެވެ. އަހަރެން ވެސް މައްސަލަ ނުޖެއްސީ ދުވަސްކޮޅަކަށް ނަމަވެސް އަހަރެން ހަމަޖެހެންދެން އެކަން އެ ގޮތަށް ބޭނުންވީތީއެވެ.

ސާޅީސް އަށްގަޑި އިރުގެ ތެރޭގައި އެރޭ އަންހެން ކުއްޖާ ރަހީނު ކުރަން  މަސައްކަތް ކުރި މީހުންގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. ނަމަވެސް އެރޭ ޖުމްލަ ދިހަ މީހަކު އެ ގޯޅީގެ ތެރެއިން އަހަރެން ދެކުނީމެވެ. މާ ބޮޑަށް އެކަމާމެދު ނުވިސްނަން ބައްޕަ ބުނުމުން އަހަރެން ހުރީ އެކަމާމެދު ނުވިސްނާށެވެ. ފުލުހުންނަށް އެ މީހުންގެ މަސައްކަތް ކުރަން ވަގުތު ދޭން ބައްޕަ ބުންޏެވެ.

********************************

އިރުއެރުމާއެކު ކޮޓަރިން ނުކުމެގެން އަހަރެން ބައްޕަ ކޮޓަރިއަށް އައިސް ވަނީމެވެ. ހުއްދައެއް ހޯދުމަށެވެ. ޓަކި ޖަހާލުމާއެކު ވަންނަން ހުއްދަ ލިބުނެވެ.

“ބައްޕާ…މި..އަނެއް..” ބުނަން ނުބުނަން އުޅޭ ފަދައަކުން އަހަރެން ފެށީމެވެ.

“ބައްޕައަށް އެނގޭ ޒުކަން އަންނާތީކަން ތި އުޅެނީ. ކިހިނެއްވީ؟ އެއަރޕޯޓަށް ބަލާ ދާން ބޭނުމީތަ؟” ހެމުން ހެމުން އަހަރެންގެ ބައްޕަ އަހަރެން ކުރެން އެއްސެވެ.

ލަދުން އިނދެ އަހަރެން ބޯ ޖަހާލީމެވެ. ގެންގޮސްދޭނެ ކަމަށް ބައްޕަ އެއްބަސް ވުމުން އަހަރެން ޝުކުރު އަދާކުރުމަށް ފަހު ކޮޓަރިން ނުކުތީމެވެ. ދެން އޮތީ ވަގުތު ގުނުމެވެ. މިރޭ އަށެއްގެ ފަހުން، އަނެއްކާ ވެސް ފަސް އަހަރު ފަހުން އަހަންނަށް ޒުކަން ފެންނާނެއެވެ. އުފަލުގެ ކޮޅެއްވެސް ނެތް ފަދައެވެ.

*********************************

އިޝާ ނަމާދުން ފައިބައިގެން ބައްޕަ ގެއަށް އައުމުގެ ކުރިން އަހަރެން އިނީ ތައްޔާރު ވެގެން ނުކުމެ ބޮޑު ކޮޓަރީގައެވެ. ބޭބެ އެކަމާ އަހަންނާއި ދިމާ ވެސް ކޮށްލިއެވެ. މޫނަށް ވައްތަރެއް ޖައްސާލަމުން އަހަރެން އެއްޗެކޭ ނުބުނެ އިނީއެވެ. ބޭބެގެ ދިމާކުރުންތައް ގިނަ ވާން ފެށުމުން ޅަ ކުއްޖެއް ހެން އަހަރެން މަންމައަށް ގޮވީމެވެ.

“ނިހާނު ދެން. ނައިރާ ބަހައްޓަބަލަ. ދަރިފުޅު ވެސް އެހާ ދީވާނާ ވެގެން އުޅެ އުޅެފަ އެއްނު އިރުޝާ އާ ކައިވެނި ކުރީ. ކައިވެންޏަށް ހަ އަހަރު ފުރި ދެ ކުދިން ލިބުނު އިރު ވެސް، އަދިވެސް ހެނދުނު ގަޑީގަ ޓައި ހޯދަން ތި ގޮވަނީ އެ މަންޖެއަކަށް ނޫންތަ؟ އެހެންމަ ކޮއްކޮއާ ދިމާ ކުރާކަށް ނިހާން ކުފޫ ހަމައެއް ނުވޭނުން” ހެމުން ހެމުން އަހަރެންގެ މަންމަ ބުނެލުމާއެކު އަހަރެންނަށް ހިނިގަނޑު މަތައެއް ނުކުރެވުނެވެ. ހެމުން ހެމުން ބޭބެގެ އަންހެނުން އިރުޝާއަށް ކަޅިއެއް އެއްލީމެވެ. ރަކި ވެގެން އޭނާގެ މޫނު ހީވަނީ ރަތް ޖަންބެއް ހެނެވެ.

“ހަ އަހަރު ވީ އިރުވެސް އެކަހަލަ ކަންކަން ބަދަލު ނުވެ ހުންނާތީ އޭ މިހާ ލޯބިން އަދިވެސް އަހަރެމެން މި އުޅެނީ. ދޯ އިރޫ؟” އިރުޝާގެ ކޮނޑަށް އަތް ވައްޓައިލުމަށް ފަހު އޭނަގެ ބޮލުގައި ބޮސްދެމުން ބޭބެ ބުނެލިއެވެ.

“އާން ދެން އަނގައިން ދެރަ ނުވާން ވެގެން ދޮންބެ ވެސް ތިހެން ތި ބުނީ” ދުލުން އެހެން ބުނި ކަމުގައި ވިޔަސް ބޭބެ އެ ބުނީ އަހަރެން ވެސް ޤަބޫލު ކުރާ ކަމެއްގެ ވާހަކައެވެ. އެފަދަ ކުދި ކުދި ކަންކަމަކީ ދެ މީހުންގެ ލޯބި އިތުރުވާ ކަންކަމެވެ. އެއާއެކު އަހަރެންނަށް ވިސްނުނީ ޒުކަން މަތިންނެވެ. ކިޔަވަން ދިޔުމުގެ ކުރިން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ޒުކަން އަހަންނަށް އެންމެ ރީތި މަލާއެކު “އައިސް ކްރީމް” ތަށްޓެއް ގެނެސްދޭ ހަނދާން އައު ވެގެން ދިޔައެވެ. އެ ޚިޔާލަށް ހިނިތުން ވެގެން އިންދާ ބައްޕަ އައިސް ދާން ބުންޏެވެ.

ކާރު ގޮސް އެއަރޕޯޓުގެ ޕާކު ކުރާ ސަރަހައްދަށް ވަނުމާއެކު ލަސް ވެގެން އުޅޭ މީހަކު ފަދައިން އަހަރެން ކާރުން ނުކުތީމެވެ. ވާނީ ވެސް އެހެންތާއެވެ. މަތިންދާބޯޓު ޖެއްސި ގަޑި އަވަސް ވުމުން ޒުކަން މިހާރު ނުނިކުންނާނެ ކަމެއް ވެސް ނޭނގެއެވެ. ނުވިތާކަށް މަގުގައި ދުއްވާ އެއްޗެހި ގިނަ ކަމުން ވެސް ލަސްވާ ގޮތް ވީއެވެ. އަތުގައި އޮތް މާ ބޮނޑި ރީތިކޮށްލުމަށްފަހު އެއަރޕޯޓުގެ މައިދޮރަށް މިސްރާބު ޖަހަންދާ ވާހަކަ ބުނެލުމާއެކު، ކާރު ޕާކުކޮށްފައި އަންނާނެ ވާހަކަ ބައްޕަ ބުނެލިއެވެ.

އަވަސް ހިނގުމެއްގައި ގޮސް ކަފިހިހުރަސް ކުރިމަތީގައި ހުއްޓިލި ވަގުތަކީ ކަންފަތުގައި ފޯނު ޖަހައިގެން ހުރެ ޒުކަން ވެސް މައިދޮރާއި ހަމަވި ވަގުތެވެ. އޭނާގެ ލޮލުގައި އަހަރެން އަޅައިގަތް ހެނެއް ހިއެއް ނުވެއެވެ. ޒުކަންގެ އިސްކޮޅާއި ރޫފައަށް އައިސްފައި ހުރި ބަދަލުން އަހަރެންނަށް ކަޅި އެހެން ދިމާއަކަށް އަނބުރާލަން ނޭނގުނު ފަދައެވެ. އެއީ މީގެ ފަސް އަހަރު ކުރިން ފެނުނު ޒުކަން އެއް ނޫނޭ އަހަރެންގެ ހިތް ބުނެލިއެވެ. ހެޔޮވަރު ވަރަކަށް ޒުކަންގެ އިސްތަށިގަނޑު ވަނީ ބެހެއްޓިފައެވެ. ގަމީހުގެ އަތްކުރި އޮޅާލައިފައި ހުރި އިރު އަތުގެ މުލައްދަނޑި އޮތީ ހާމައަށެވެ. އަތުކުރީގައި ކަޅު ކަމަރުގެ ގަޑިއެއް ވަނީ އަޅާފައެވެ. އަހަރެންގެ ހެޔަށް ގޮތް ވާން އުޅުނުހެން ވެސް އަހަންނަށް ހީވިއެވެ. ރީތި މީހުންގެ ލިސްޓުގެ އެއް ވަނައިގައި ޒުކަން ނުހިމެނިދާނެއެވެ. އެކަމަކު، ކޮންމެ ބަދަލެއް އެ ސޫރައަށް އަޔަށް ހަމަ ގައިމުވެސް ފޫހި ނުވެ އޭނާއަށް ބެލޭނެ ކަން އަހަންނަށް ގައިމެވެ. ދުނިޔޭގެ އެންމެ ރީތި މީހާއަށް އޭނާ ނުވިޔަސް، އެއީ އަހަންނަށް އެންމެ ރީތި މީހާއަށް ވީ ކީއްވެ ކަމެއް ނޭނގެއެވެ. ފަސް އަހަރު ވަންދެން އަހަންނަށް އެ ސޫރަ ނުފެނުނު އިރު، ފެނުނު ކިތަންމެ ބަޔަކު ތިބޭނެއެވެ. އެ އެންމެނާމެދު ހިތުގައި ކުޑަ ހަސަދަވެރިކަމެއް ވެސް އުފެދިއްޖެއެވެ. އަހަރެންގެ ވިސްނުން ހުރި ގޮތާމެދު އަހަރެންނަށް އަމިއްލަ އަމިއްލައަށް ހީނލެވުނެވެ. މި މިންވަރަށް އިންސާނަކަށް އެހެން އިންސާނެއް ދެކެ ލޯބި ވެވިދާނެ ހެއްޔެވެ؟. އަހަންނަށް އެނގޭހާ ވެސް ކަމަކީ، އަހަންނަށް ވާ ނަމަ، މިވަގުތު ވެސް ދުވެފައި ގޮސް ޒުކަންގެ ގައިގައި ބައްދާލަފާނަން ކަމެވެ. ޓްރެފިކް ފުލުސް އޮފިސަރު ދާން ހުއްދަ ދިން ވަގުތަކީ އަހަންނާއި ޒުކަންގެ ހަތަރު ކަޅި ހަމަވި ވަގުތެވެ. ވަގުތުން މޮޔައެއް ހެން އަހަރެން އަތް ނަގާ ވިހުރާލީމެވެ. އަތުގައި އޮތް މާ ބޮނޑިއާއި ވެސް އެކީއެވެ. ޒުކަން ހީނލުމާއެކު ދުނިޔޭގެ ހިނގުން މަޑުޖެހިލި ހެންވެސް އަހަންނަށް ހީވިއެވެ. ލަސް ލަހުން އަތް ތިރިކޮށްލުމާއެކު ޒުކަންއާއި ހަމައަށް ދާން ހިނގައިގަތީމެވެ.

ކުއްލިއަކަށް އިވުނު އަޑާއެކު އަހަރެންގެ ހިނގުން މަޑުޖެހިގެން ދިޔަ އިރު ކަނާތް ފަރާތައް ބަލާލެވުނު ވަގުތަކީ ބާރަށް އައި ކާރު އައިސް އަހަރެންގެ ގައިގައި ޖައްސާފައި ދުއްވާލި ވަގުތެވެވެ. ވިއްސައިގެން ގޮސް އަހަރެން ދުރަށް ވެއްޓުނުކަން އަހަންނަށް އެނގެއެވެ. ތެތް ކަމެއް އަހަރެންގެ ބޮލާއި ދިމާލުން އިހުސާސް ކުރެވުނު އިރު މަޑު މަޑުން އަހަރެންގެ ލޯ މެރެންދިޔައެވެ.

“ނައިރާ!!!!!!”

ބާރަށް އަހަރެންގެ ނަމުން ޒުކަން ގޮވި އަޑު އަހަންނަށް އިވުނެވެ. ލައްބައޭ ބުނެ ޖަވާބު ދޭން ހިތް ރޮއެގަތް ނަމަވެސް އިތުރު އެއްވެސް ހަރަކާތެއް މުޅި ހަށިގަނޑަށް ވެސް އަހަންނަކަށް ނުގެނެވުނެވެ. އަހަރެންގެ ނިމުންބާއޭ ހިތަށް އެރި ވަގުތު ލޮލުން ކަރުނަ އައި ކަން އަހަރެން ދެނެހުރީމެވެ. ޒުކަން އާއި ކައިވެނި ކުރުމުގެ ނަސީބު އަހަރެންގެ ތަޤުދީރުގައި ނެތީތޯ އެ ކުޑަ ކުޑަ ވަގުތު ކޮޅު ވެސް ހިތް ސުވާލު ކުރީ ކިތައް ފަހަރުކަން އެނގޭނީ އަހަރެންގެ ވެރި އިލާހަށެވެ. ޤަދަރަށް އީމާންވުމަށް ފަހު، ކަންހުރީ މިހެން ކަމަށް ނިންމައި ހިތާއި ހިތުން ޒުކަންދެކެ ލޯބިވާ ވާހަކަ ބުނީމެވެ. ފަހު ވަގުތު ކަމަށް ނިންމާ ޝަހާދަތުގެ ދެކަލި އަހަރެންގެ ދުލާއި ހަމައަށް ގެނެވޭތޯ އަހަރެން ކުރި ހިއްވަރު އެނގޭނީ ހެއްދެވި ފަރާތަށެވެ. ފިނި ފިނި އަތްތިލައަކުން އަހަރެންގެ ބޮލުގައި ހިފަހައްޓާލިކަމުގެ އިހުސާސާއެކު ކަރުނައިން ތެމިފައިވާ އަހަރެންގެ ދެލޯ މެރިގެން ދިޔައެވެ.

(ނުނިމޭ).

Share Article

Rehendhi
Follow Me Written By

Rehendhi

Level 1

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (18)

Next

ފުރަތަމަ ލޯބި

Next
July 9, 2026

ފުރަތަމަ ލޯބި

Previews
July 9, 2026

މި ލޯތްބާއި ތި ވަޢުދު (18)



All Right Reserved!