ތަޤުދީރު-15
ނުނިދިގެން އެނދުގެ ދެފަރާތައް ފުރޮޅި ފުރޮޅި އޮތް ޔަލްވީ އިރުއިރު ކޮޅާ ފޯނު ނަގާ ބަލާލައެވެ. ފަހަކަށް އައިސް ޔަލްވީގެ ހާލަކީ އެއީއެވެ. މުޅި ރޭ ހޭދަވެގެން ދަނީ ވިސްނާ ފިކުރު ކުރުމުގައެވެ. ހަމަހިމޭން ކަމާއެކު ލޮލު ފިޔަ ޖަހާލާ އެންމެ ރެއެއް ވެސް ނާދެއެވެ. ޔަލްވީއަށް ކުރިމަތިވި ހާދިސާ ހިނގިތާ މިއަދަށް މީ ހަފްތާއެއްވީއެވެ. ރޭގަނޑުގެ އަރާމު ނިންޖުން މަހްރޫމްވެ ޔަލްވީގެ ހިތުގެ ހަމަޖެހުން ނަގާލާފައި ވަނީ އެހާދިސާގެ ސަބަބަކުންނެއް ނޫނެވެ. އޭގެ އެންމެ ބޮޑު ސަބަބު ގުޅިފައިވަނީ ލިއަމް އާއެވެ. އެދުވަހުގެ ހާދިސާއަކީ ބިރުވެރި އަދި ހިއްދަތި ހާދިސާއެކެވެ. ނަމަވެސް އެކަންކަމަކީ ޔަލްވީ މާބޮޑަށް ބިރުގަންނަ ކަންކަން ކަމުގައި ނުވިއެވެ. އަދި ޙާއްސަކޮށް އެކަމުގެ ފަހަތުގައި ވަނީ ހާޒިމް އަދި މެހެކް ކަން އެނގުނު ފަހުން ޔަލްވީގެ ހިތުގައިވީ ބިރުވެރިކަން ވެެސް ފިލައި ގޮއްސިއެވެ. އެވަގުތު ކޮޅުގައި އެކަނިވެރިކަމާއި އަނދިރިކަމުން ހިތުގައި ބިރުވެރި ކަމެއް އުފެދުނަސް މިހާރު އެކަމާ ޔަލްވީ ބިރެއް ނުގަނެއެވެ. އެހެންމީހުން ހީކުރި ވަރަށް ވުރެ ޔަލްވީ ހިތްވަރުގަދައެވެ. އެހިތުގެ ހަމަ ޖެހުން ނަގާލައިފައި ވަނީ ލިއަމްގެ ޙިޔާލު ތަކެވެ. އެނުލަފާ މީހުންގެ އަތްދަށުން ސަލާމަތް ކޮއްދިން މީހަކީ ލިއަމް އެވެ. އެދުވަހު ޔަލްވީއާއި ބެހެއްޓި ގާތް ކަމާއި އޯގާތެރިކަމުގެ މާނަ ނަގަންވީގޮތެއް ޔަލްވީއަކަށް ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދާއިރުވެސް ނުވިސްނުނެވެ. އެސުވާލުގެ ޖަވާބު ލިއަމްގެ ފަރާތަކުން ނުލިބުނެވެ. ކޮންމެފަހަރަކުވެސް އެސުވާލު ކުރިމަތި ކޮއްލާ ހިނދު ލިއަމް ހަމަހިމޭންވެއެވެ. މެހެކް އާއި ލިއަމްގެ ގުޅުމާއި މެދު ވިސްނުމަށް ފަހު ޔަލްވީ ނިންމީ އެމީހުނާ ވީހާވެސް ދުރުން އުޅުމަށެވެ. މެހެކް ހާޒިމް އާއި ގުޅިގެން ޔަލްވީ ރަހީނު ކުރީވެސް ޔަލްވީ ލިއަމް އާއި ގާތްވާން އުޅޭކަމުގެ ކުއް ހީއެއް މެހެކްއަށް ވެގެންނެވެ. މީގެ ފަހުން ލިއަމް އާއި ދޭތެރޭ ވެރިމީހާގެ ހައިސިއްޔަތުން ނޫން ގޮތަކަށް ނުދެކުމަށް ޔަލްވީ ނިންމީ ވަރަށް ވިސްނާފައެވެ. ލިއަމްގެ އުޅުން ހުރި ގޮތުން އޭނާއަށް ނުބައި ގޮތަކަށް މާނަ ނެގުނީއެވެ. ދެން އެހެން ވިޔަކަ ނޫދޭނެއެވެ. ހުރިހާ ގޮތަކަށް ވިސްނުމަށްފަހު ޔަލްވީ ރަހީނު ކުރުމުގައި މެހެކްގެ އަތެއް ވާކަން ނުބުނުމަށް ނިންމީވެސް އެސަބަބާހުރެއެވެ. ޔަލްވީގެ ބަހެއް ލިބުމުން ހާޒިމް އަދި މުފީދު ހައްޔަރު ކުރެވިގެން ދިޔައެވެ.
ފުރޮޅި ފުރޮޅި އޮވެފައި ޔަލްވީ ތެދުވީ ފަތިސް ނަމާދުގެ ބަންގި ގޮވުމުންނެވެ. ތެދުވެ ނަމާދު ކޮއްލައިގެން ޔަލްވީ ނިންމީ ބޯހަމަޖައްސާލުމަށް ދުވެލަން ދާށެވެ. ދެހަފްތާއަށް ގޭގައި މަޑުކުރުމަށް ލިއަމް އޮތީ އަންގާފައެވެ. އެހެންކަމުން ކުރާނެ ކަމެއް ނެތި ޔަލްވީ ގޭގައި ހުންނަނީ ފޫހިވެފައެވެ. އެތައް ދުވަހަކަށް ފަހު ދުވެލަންދާން ނިންމީވެސް އެހެންވެއެވެ.
ދުވެފައި އައިސް ފެންވަރާލައިގެން ކޮފީއެއް ގިރާލައިގެން ޔަލްވީ ’ފްރުޓް ޔޯގަޓް ބޯވްލް‘ އެއް ހަދާލައިގެން އައިސް އިށީނީ ޓީވީ ހުޅުވާލަމުންނެވެ. ”ޔަމް….ދެޓް ލުކްސް ސޯ ގުޑް“ ޔަލްވީ ކާން އިން ތަށި އަތުލަމުން އާޔަތު އައިސްޔަލްވީގާތު ސޯފާގައި އިށީނެވެ. ”ދެން……އާޔޫގަނޑާ ދެޓްސް މައިން….ހުނަނާނޭ އާޔޫ އަށް ވެސް ބޯވްލް އެއް ހަދާފަ ފްރިޖްއަށް ލާފަ“ ޔަލްވީ އާޔަތުގެ އަތުން ތަށި ޖަހައިގަތެވެ. ” ޔޫ ލުކް ޓަޔާޑް….ރޭގަ އާޔޫ ވެސް ނުނިދަން ތަ؟“ އާޔަތުގެ މޫނަށް ނަޒަރު ހިންގާލަމުން ޔަލްވީ ބުންޏެވެ.
”ޔާ ކިހިނެއް ނިދާނީ…..މިއުޅެނީ ވަރެއްގެ ކޭސް އަކާ ހަވާލުވެގެން….މަގޭ ބޯ ގޮވާ ވިސްނާ ވިސްނާ….ޔަޤީން މެންޓަލް ހޮސްޕިޓަލަކުން ޖާގައެއް ހޯދަން ޖެހޭނެ މަށަށް މި ކޭސް ނިމޭއިރު…އަދި މިއަދު ޖެހޭ ކްލައިންޓް އާއި މީޓް ވާންވެސް…… ޔަލް ވެސް ހީވަނީ ނުނިދާ ހުރިހެން….އަދިވެސް އެކަމާ ވިސްނެނީ ދޯ“
”ނޫން ޔަލް ނޫޅެން އެކަމާ ބިރަކުން….ހަހަހަ ހީވަނީ ފިކްޝަނަލް ސްޓޯރީއެއްހެން ދޯ….ކިޑްނެޕިން ސީން އެއްވިއްޔާ“ ޔަލްވީ ހީގަތެވެ. ”ހުމްމްމް….ދެން ޔޯ މޯރަލީ ގްރޭ މޭން އެއައީ އެންނު ސޭވް ކުރަން“ އާޔަތު އެއްލޯ މަރާލީ ޔަލްވީ އާ ދިމާކޮށްލާށެވެ. ޔަލްވީ މޫނަށް ވައްތަރުތަކެއް ޖައްސާލީއެވެ. އާޔަތު އޮފީހަށް ދިޔައީ ޔުވާން އާއެކުއެވެ. އޭރު މަހީރް ހޭލައިގެން ލޯ އުނގުޅަމުން އައިސް ޔަލްވީ ގާތު ސޯފާގައި އޮށޯތެވެ. ”ކޭން އައި ޓްރައި ދިސް ކޮފީ“ ޔަލްވީއަށް އެއްޗެއް ނުބުނެވެނީސް މަހީރް ޔަލްވީގެ ކޮފީ ތަށިން އެތިފޮދެއް ދަމާލިއެވެ.
”އައްޗީ މިންމިގަނޑު ދަތް ވެސް ނޫގުޅާ…..މިމީހުން އަހަރެންގެ އެއްޗެހި އެބަ ހުސްކުރެޔޭ….އާޔޫވެސް އެދިޔައީ މީގެން ކައިފަ“ މަހީރްގެ ފުއްކިބައިގައި ޔަލްވީ ބޮނޑިއެއް އަޅުވާލިއެވެ. ”އައްދޯއި…..ޔަލް ހަދާ ކޮފީ އޭ އެންމެ މީރީ….އެހެން ނޫނަސް މިންމި މީ ކޮފީ ޕާސަން އެއްވެސް ނޫން….ޔަލް ހަދާ ކޮފީ އެކަނި މިންމި ލައިކް ވަނީ“ މަހީރް ބޮލުގައި ފިރުމަމުން ބުންޏެވެ. ”ހޫމް ދެން ހެޔޮ ގޯނި ފުލަށް ނުލިއަސް…ދޭ ދަތް އުނގުޅައިގެން ސައިބޯން“
…………………..
މެންދުރުގެ 12 ގަޑި ބައިވީއެވެ. އާޔަތު މަސައްކަތް ކުރާ ކެބިންގައި އިނެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން މޭޒުގައި ދެއަތް ވިއްދައިލައިގެން އިންގޮތުން ހީވަނީ ބޯހާސްވެފައި އިންހެނެވެ. މޭޒުމަތީގައި ލެޕްޓޮޕް ހުރިއިރު ގަނޑުތައް މުޅި މޭޒުމަތީގައި ފަތުރާފައި ހުރިއެވެ.
”ވަދޭ!“ ދޮރުގައި ޓަކިދިން އަޑުއިވުމުން އެ އިން ގޮތަށް އިނދެ އާޔަތު ޖަވާބުދިނެވެ. ”ޔާރައްބީ….މިތަނަށް މިއޮތީ ސުނާމީއެއް އަރާފަތަ ނޫނީ ވަލު ޖަނަވާރަކު ޝިކާރައަށް ނުކުމެފަތަ“ އާޔަތު އިން ގޮތުން އެތެރެއަށް ވަދެގެން އައި މަލީހް ހުރީ ހިނިއައިސްފައެވެ. ”އެއްވެސް މަޖަލެއް ނޫން“ އާޔަތު ތުންކޮޅު ދަމާލިއެވެ. ”އޯކޭ ސޮރީ….އަސްލު މިއައީ ކުއިކް މީޓިން އަކަށް ކިޔަންވެގެން….ބޮސް ބޭނުންވަނީ ދެ ޑިޕާޓުމެންޓުގެ އެންމެން ހަވާލުވެފައި ހުރި ކޭސްތަކުގެ ސްޓޭޓަސް ބަލާލަން…ސޯ އަވަހާ އާދޭ މީޓިން ފެށޭނެ 10 މިނެޓް ތެރޭގަ“ މަލީހް ނުކުމެގެން ދިއުމުން އާޔަތު ފޯނުގެ ކެމެރާ ހުޅުވައި މޫނު ބަލާލަމުން ލެޕްޓޮޕް ހިފައިގެން ގޮސް މީޓިން ރޫމަށް ވަނެވެ.
އޮފީހުގެ އިސް ލޯޔަރު އަދި ތަނުގެ މެނޭޖަރު ރިފްދާން އައިސް ވަނުމާއެކުހެން ފަހަތުން އަޒާންވެސް އައިސް ވަނެވެ. އާޔަތުގެ ނަޒަރު އަމާޒުވީ ދޮރުން ވަތް އަޒާން އާއެވެ. ”މީނަ ކީއްކުރަން ތަ މިތަނަށް މިއައީ….އައި ވަންޑާ ހީ ނޯޒް އެނީތިންގް އެބައުޓް ލޯ“ އާޔަތު އަމިއްލަ ނަފްސަށް އިވޭވަރަށް ކުދި ކިޔާލިއެވެ. ބޮޑެތިން އައިސް އިށީނުމުން ބައްދަލުވުން ފެށިގެން ދިޔައެވެ. ފަހަރަކު މީހަކު ހަވާލުވެފައިވާ މައްސަލަ އާއި މައްސަލަ ކުރިއަށް ދާ ގޮތް ހުލާސާ ކޮށްލަދިނެވެ. އާޔަތުގެ ނަން ގޮވުމާއެކު އާޔަތު ތެދުވިއެވެ. އަޒާން އިން ދިމާއަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. އެހެން ދުވަސްތަކާ ޙިލާފަށް އަޒާން އާޔަތު ދިމާއަށް ބަލާވެސް ނުލައެވެ. އެހެންޏާ އަޒާން ބަލާވަރުން އާޔަތު ހުންނަނީ އުނދަގޫ ވެފައެވެ. ޔަލްވީ ހޯދައިގެން ގެއަށް ގެނައި ދުވަހަށް ފަހު އާޔަތަށް އަޒާން ފެނުނު މީ ފުރަތަމަ ފަހަރެވެ. އެހެންޏާ މާބުރެއްހެން އަޒާން އުޅޭނީ އަބަދުވެސް އާޔަތު ފެންނަ ހިސާބުގައެވެ.
”ސަލާމް….އަޅުގަނޑު މީ އާޔަތު…އަޅުގަނޑު ހަވާލް ވެފައިވާ ކޭސްއަކީ ބިން ވިއްކަން އެއްބަސް ނުވިކަމުގައި ބުނެ ކޮއްފައިވާ ދައުވާއެއް… މައްސަލައިގެ ތަފްސީލަށް ބަލާލާއިރު އަޅުގަނޑުގެ ކްލައިންޓް އަކީ މަޝްހޫރު ވިޔަފާރިވެރިޔާ މަޖުތަބާ މުހަންމަދު… މުޖުތަބާގެ ކުންފުނިން މީގެ 7 އަހަރު ކުރިން ގަނެފައި އޮތް ބިމެއްގައި އަލަށް ޝޮޕިން މޯލެއް އެޅުމަށް ނިންމާފައި ވަނީ….އެބިމުގައި މިވަގުތު ގެދޮރު އަޅައިގެން އާއިލާއެއް އުޅޭ…. ދެކޮޅުންވެސް ބުނަނީ ބިމަކީ އެމީހުންގެ މިލްކިއްޔާތުގައިވާ ތަނެއް ކަމަށް….ލިޔުމަށް ބަލާއިރުވެސް ދެފަރާތުގެ އަތުގައި ވެސް ލިޔުން އެބައޮތް….ދެލިޔުމަކީ ވެސް ބެލިގޮތުގައި އަސްލު ލިޔުން….. ދެން އަޅުގަނޑު މިދަނީ އެންމެ ކުރީގެ ރެކޯޑުތަކާއި ޑޮކިއުމެންޓުތައްވެސް ބަލަމުން“ ކުރުގޮތަކަށް އާޔަތުވެސް ލިބިފައިވާ މައްސަލަ ހުށަހެޅިއެވެ. އާޔަތު ގޮނޑީގައި އިށީނދެލަމުން އަޒާންއަށް ފަހު ފަހަރަށް ބަލާލިއެވެ. އަޒާން އަދިވެސް އިނީ އިސްޖަހާލައިގެންނެވެ. އާޔަތުއަށް ނުބަލަން ހުވާކޮށްގެން އިން ކަހަލައެވެ. މީޓިން ނިމުމާއެކު ގޮނޑިން ތެދުވެ ހަރުކޮށް ހިނގާލާފައި އަޒާން ނުކުމެގެން ދިޔައީއެވެ. އާޔަތު ކަޅިމައްޗަށް އަނބުރާލަމުން ދެފަރާތަށް ބޯހުރާލާފައި ކެބިންއަށް ދިޔައީ ކްލައިންޓް އާއެކު ބަދަލުވުމެއް އޮތުމުން ކުޑަކޮށް ތައްޔާރު ވެލާށެވެ.
އޮފީސް އިމާރާތުން ނުކުމެ ޓެކްސީއެއް ލިބޭތޯ އާޔަތު އަތް ހިއްލާލިއެވެ. ބާރު ސްޕީޑުގައި އާޔަތު އާއި ދިމާއަށް އައި ކާރު ފެނި މޫނުމަތިން ދެއަތް ހުރަސްކޮއްލިއިރު މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ކާރުގެ ބުރަކި ޖައްސާލައި މަޑު ކޮއްލީ އާޔަތު އާއި ޖެހޭ ނުޖެހޭ ހިސާބުގައެވެ. މޫނުން އަތް ނަގަމުން ބަލާލިއިރު ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލައިގެން އަޒާން އިނެވެ. ބޮލުގެ އިޝާރާތުން ކާރަށް އެރުމަށް އަޒާން ބުންޏެވެ. އާޔަތު ބޯހޫރާލަމުން އިންކާރު ކޮށް އަލުން ޓެކްސީއެއް ލިބޭތޯ އުޅުނެވެ. ކާރުގެ ދޮރު ހުޅުވާފައި ނުކުތް އަޒާން އާޔަތުގެ އަތުގައި ހިފައި ގަދަކަމުން ކާރަށް އެރުވިއެވެ.
”ކިހިނެއް ވެގެންތަ ތިއުޅެނީ ހުރިހާ ކަމެއް ގަދަކަމުން ތިކުރުވަނީ ކީއްވެތަ؟ ނޫނެކޭ ބުނީމަ ކީއްވެގެންތަ ގަބޫލު ނުކުރެވެނީ“ އާޔަތު ހިތްހަމަ ނުޖެހިގެން ކާރުން ނުކުންނަން އުޅުނެވެ. ނަމަވެސް އަޒާން ހުރީ ކާރު ތަޅުލާފައެވެ. ”ދޮރު ހުޅުވާށޭ އަހަރެން ޖެހޭ ކްލައިންޓަކާ ބައްދަލު ކުރަން ދާން…..ލަސްވެޔޭ އަޒާން އަޑެއް ނީވޭތަ“ އާޔަތުގެ އަޑު ބާރުވިއެވެ. އަޒާން އަދިވެސް އަނގައިން އެއްޗެއް ނުބުނެއެވެ. ކާރު ދުއްވާލި އިރުވެސް އާޔަތު ދިޔައީ ކުދި ކިޔަމުންނެވެ.
ކާރު މަޑުކޮށްލުމަށްފަހު ދޮރު ހުޅުވާލަ ދިނުމުން އާޔަތު ކާރުން ފޭބިއެވެ. އަޒާން އާޔަތު ގޮވައިގެން އެ އައީ އާޔަތު ދާން ބޭނުންވި މަންޒިލަށެވެ. ކުރިމަތިން ފެންނަން ހުރި ބޮޑު ގަނޑުވަރެއްފަދަ އިމާރާތަކީ މުޖުތަބާގެ ގެއެވެ. އާޔަތު ކާޑު ދައްކާލުމުން ގޭޓު ކައިރީ ހުރި ދޮރުވާނު އާޔަތު ވަނުމަށް ގޭޓު ހުޅުވާލިއެވެ. އަޒާން ކާރުގައި މަޑުކުރީއެވެ.
ގޭގެ ބަގީޗާ ތެރެއިން ވަތްއިރު އާޔަތު ހުރީ އާޝޯހުވެފައެވެ. މުޅި ގޯތިތެރެ ޒީނަތްތެރި ވެފައިވަނީ މާމެލާމެލީން ބަރާވެފައިވާ ފެހި ގަސްތަކުންނެވެ. ބަލާލި ކޮންމެ ތަނަކުން ފެންނަނީ އެކި ޒާތްޒާތުގެ މާގަސްތަކެވެ. ގޭގެ ބެލް އަޅާލުމުން އައިސް ދޮރު ހުޅުވީ ގޭގައި މަސައްކަތް ކުރަން ގެންގުޅޭ ކުއްޖެކެވެ. އާޔަތު ގާތު ސޯފާގައި އިށީނުމަށް ބުނެފައި އެކުއްޖާ ގޮސް ސިޑިން މައްޗަށް އެރިއެވެ. މުޅި ގޭތެރެއިން ފެންނަނީ ޝާހީކަމެވެ. ސިޑިން ފޭބި މުޖުތަބާ ފެނުމުން އާޔަތު ހިނިތުންވެލާފައި ސަލާމް ކޮށްލިއެވެ. މައްސަލަ އާއި ބެހޭގޮތުން އެތައް މަޝްވަރާއެއް ކުރުމަށް ފަހު އާޔަތު އެގެއިން ނުކުތެވެ. އޭރު ކާރުގައި ލެގިލައިގެން އަޒާން ހުރީ ފުރަގަސްދީގެނެވެ. ހިލަމެއްވެސް ނުވެ މަޑުމަޑުން އައި އާޔަތަށް ފުރަތަމަ ވެސް ފެނުނީ އަޒާންގެ ފޯނުން ވީޑިއޯ ކޯލްކޮއްގެން ހުރި އަންހެން ކުއްޖާއެވެ. އަޒާން ފޯނު ހިފައިގެން ހުރިގޮތުން އެކުއްޖާގެ މޫނު ރަނގަޅަށް ފެންނަގޮތެއް ނުވިއެވެ. އާޔަތު ކަރުކެހިލުމުން އަޒާން ކޯލު ކަނޑާލާފައި އަވަހަށް ފޯނު ޖީބަށްލިއެވެ. އަދި އާޔަތަށް ކާރުގެ ދޮރު ހުޅުވާލަދިނެވެ.
”އަހަރެން ހީކުރީ އަޒާންގެ ގާލް ފްރޭންޑެއް ނުހުންނަ ކަމަށް އެހެންވެ ކަމަށް އެހެން މީހުން ކައިރީ ޑޭޓަށް ދާން އެވަރަކަށް ތި ކިޔަނީ“
”އެއީ އަހަރެންގެ ގާލް ފްރެންޑެއް ނޫން“ ފުރަތަމަ ފަހަރަށް އަޒާން ވާހަކަ ދެއްކިއެވެ. ”ދެން އެހެންވީރު ފަހަރަކު މީހަކާ ޕްލޭ ކުރަނީ ދޯ…..ކީއްކުރާނީ ފިރިހެނުންގެ ގޮތް ހަމަ…އެއް އަންހެނަކުން ނުފުދޭނެ…. ދުވާލަކަށް ކުއްޖެއް ގެންގުޅޭނީ….މިދިޔަ ދުވަސްތަކު ވެސް އަންހެން ކުދީންނާއެކު އުޅެފަ ދޯ ތިއައީ…..ވަޓް އެލްސް ކުޑް އަ ގާލް އިވެން އެކްސްޕެކްޓް…..އޯލް މެން އާ ސޭމް….ވަރަަށް ފޫ…“ އާޔަތުގެ އަޑު ކެނޑުނީ އަޒާން ކާރުގެ ސްޕީޑު ބާރުކޮށްލުމުންނެވެ. ދަތްކުނޑި ވިކައިގެން އިން އަޒާން ހުންގާނުގައި ބާރަށް ހިފަހައްޓާލިއެވެ. އާޔަތު އިނީ ހިމޭން ވެފައެވެ. ސީޓުގައި ބާރަށް ހިފަހައްޓާލައިގެން އިންއިރު އަޒާން އިނީ ރުޅިއައިސްގެން ކަން އާޔަތުއަށް ވިސްނުނެވެ. ކުއްލިއަކަށް ކާރުގެ ބުރަކިޖައްސާލުމުން ނުވިސްނާއިން އާޔަތު ގޮސް ޑޭޝް ބޯޑުގައި ނުޖެހި ސަލާމަތްވީ ހުޝިޔާރު ކަމާއެކު އަޒާން އާޔަތު ހިފެހެއްޓުމުންނެވެ. ދެލޯ ހުޅުވާލަމުން އާޔަތު ފުންނޭވައެއް ދޫކޮށްލިއިރު އަޒާން ކާރުން ފައިބައިފިއެވެ. އާޔަތު ކާރުގެ ދޮރުހުޅުވާފައި ނުނުކުމެވެނީސް އަޒާން އައިސް އާޔަތު އަތުގެ ކުޑަހުޅާ ދިމާލުގައި ބާރަށް ހިފާލިއެވެ. އަދި ކުރިމަތިން ފެންނަން ހުރި އިމާރާތަށް ވަދެ ލިފްޓަށް އެރިއެވެ. ލިފްޓު ހުއްޓުނީ ހަތްވަނަ ފަންގިފިލާއަށެވެ. ބާރު ހިނގުމުގައި ލިފްޓުން ނުކުތް އަޒާން އަދިވެސް އާޔަތުގެ އަތުން ދޫކޮށެއް ނުލައެވެ. އެފަންގިފިލާގައި ހަމައެކަނި ހުރި އެޕާޓުމެންޓަށް ވަނެވެ. އޭރުވެސް އާޔަތު ދިޔައީ އަޒާންގެ އަތުތެރެއިން އަތް މިނިވަން ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ސިޓިން ރޫމު ހުރަސްކޮށް ގޮސް ސޯފާ ބިއްދޮށުގައި ހުރި ކޮޓަރީގެ ދޮރު ހުޅުވާލައި އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.
މުޅި ކޮޓަރިއަށް ވެރިވެފައި އޮތީ އަނދިރިކަމެވެ. އަޒާން ކޮޓަރީގެ ހޮޅިބުރި ޖައްސާލިއިރު މުޅިތަނަށް އަލިވެގެން ދިޔައެވެ. އެނދު ބިއްދޮށުގައި މުށިގަނޑު މަތީގައި އިން އަންހެން ކުއްޖާ މަޑުމަޑުން ތެދުވެ އާޔަތު އާއި ކުރިމަތިލީ ހިނދު އަޒާން އާޔަތުގެ އަތުން ދޫކޮށްލިއެވެ. އެއަންހެން ކުއްޖާ ދުވެފައި އައިސް އަޒާންގެ ގައި ބައްދާލިއެވެ. އާޔަތު ހުރީ ބުނާނެ އެއްޗެއް ނޭނގީ ގަބު ވެފައެވެ. އަޒާންގައި ބައްދާލައިގެން އެހުރި އަންހެން ކުއްޖާއަކީ ކުރިން ދުވަހަކުވެސް ދެކެފައިނުވާ ކުއްޖެކެވެ. ބޮލުގެ އެއްފަޅީގައި އިސްތަށި ނެތްއިރު އަނެއްފަޅީގެ އިސްތަށިގަނޑު ތުނިކޮށް ކޮށާފައި ހުރިއެވެ. މޫނުމަތިން ބޮޑުބައެއް ކަޅުފައި ހުރިއިރު އެފަރާތުގެ ހަންގަނޑު ހުރީ ކުރަކި ވެފައެވެ. އަތްކުރު ޓީޝާޓެއް ލައިގެން ހުރިއިރު އަތުގެ ބޮޑުބައިވެސް ހުރީ މޫނުގައި ހުރިގޮތަށް ކަޅުވެފައެވެ. ބޮޑު ލަކުނެއް ލާފައި ހުރި ފަދައިންނެވެ. ބަލާބެލުމަށް އެއަންހެން ކުއްޖާ ވާނީ އާޔަތު އާއި ދާދި އެއް އުމުރެކެވެ.
”އަޒާން“ އާޔަތު ގޮވާލުމުން އަޒާން އެ އަންހެން ކުއްޖާ ދުރުކޮށްލައިފިއެވެ. ”މީ ހައިކާ…އަހަރެންގެ ކޮއްކޮ…. އަހަރެން އުޅުނީ އަންހެން ކުދިން ކައިރިއަށް ގޮސް އެއްނޫން…..އައި ވޯޒް ސްޕެންޑިން ޓައިމް ވިތް ހާ… މިއަދު ގުޅައިގެން ވެސް ހުރީ ހައި އަށް“ އަޒާން ސާފުކޮށްދިނެވެ.
”ދޮންބޭ…މީ ތަ ދޮންބެ ކީ ގާރލް އަކީ؟ ދޮންބެގެ ލިލީ ދޯ ތީ؟“ ހައިކާ އައިސް އާޔަތު ގާތު މަޑުކޮށްލިއެވެ. އާޔަތު އެއްވެސް އެއްޗެއް ނުބުނެ ހުރުމުން ހައިކާ ޖެހިލުންވެ ފަހަތަށް ފިޔަވަޅު އަޅާލިއެވެ. އެ މޫނު މަތީގައި ހުރި ހިނިތުންވުން ވެސް ފިލައި ދިޔައެވެ.
ހައިކާއަށް އައި ބަދަލު ފެނި އާޔަތު ކުރިއަށް ޖެހިލަމުން ހައިކާގެ އަތުގައި ހިފާލިއެވެ. ”އަމް އާޔަތު“ އާޔަތު ހިނިތުން ވެލުމުން ހައިކާވެސް ހިނިތުން ވެލިއެވެ. ހައިކާ އުފަލުން ހުރެ އާޔަތުގެ އަތުގައި ހިފާލައިގެން ގޮސް އެނދުގައި އިށީނެވެ. އަދި އަޒާންއަށް ބޮލުން އިޝާރަތް ކޮށްލީ ބޭރުގައި މަޑުކޮށްލާށޭ ބުނާ ފަދައިންނެވެ. އަޒާން ހައިރާން ކަމާއެކު އާޔަތުއަށް އަދި ހައިކާއަށް ބަލާލުމަށްފަހު ކޮޓަރިން ނުކުތެވެ. 24 އަހަރު ތެރޭގައި ވެސް އެއީ އަލަށް ފެނުނު މަންޒަރެކެވެ. ހައިކާ އަކީ މީހުންނާ ދުރުގައި އެކަހެރިކޮށް އުޅެން ބޭނުންވާ ކުއްޖެކެވެ. ކުޑައިރުން ފެށިގެންވެސް މީހުން ހައިކާގެ ސިފައަށް އެއްޗެހި ކިޔާ ގަނާ ކޮށް ހެދުމުގެ ސަބަބުން މީހުންނާ ކުރިމަތިލުމަށް ހައިކާ ފަސްޖެހެއެވެ. އަމިއްލަ ނަފްސު ކޮޓަރީގެ ހަތަރު ފާރު ތެރޭ ގައިދުކޮށްގެން އުޅެއެވެ. އަޒާން ނޫން އެހެން މީހަކާ ރުހުމުގެ ނަޒަރަކުން ވެސް ބަލާނުލާނެއެވެ. ހައިކާ ރުޅި އިސްކޮށްފިނަމަ އަޒާން ނޫން އެހެން މީހަކަށް ހައިކާ މައިތިރިއެއް ނުކުރެވެއެވެ. ނަމަވެސް މިއަދު އޭނާ އާޔަތު އެ ގެނައީ އެއްވެސް ވަރަކަށް ހައިކާ އާޔަތު އާއި ގަޔާވާނެ ކަމަށް ވިސްނާފައެއް ނޫނެވެ. އެހެން މީހުނެކޭ އެއްފަދައިން އާދައިގެ ދިރިއުޅުމެއް ހައިކާ އުޅޭތަން ދެކުމަށް އަޒާން ކޮންމެފަދަ ކަމެއް ވެސް ކޮއްފާނެއެވެ.
”އޯކޭތަ އާޔާ ކިއަސް؟ އަހަރެން ހީކުރީ އެހެން މީހުން ހެން އާޔާވެސް އަހަރެން ފެނުނީމަ ބިރު ގަނެ ފަކުރު ގަންނާނޭ….ދޮންބެ ނޫން އެންމެން އަހަރެން ފެނިފަ ހަމްދަރުދީ ވާނީ އެހެންޏާ ބިރުން އުޅެނީ އެހެންވެ ވަރަށް ފޫހިވޭ….ހައިގެ ފްރެންޑެއް ވެސް ނުހުރޭ އެހެންވެ….އާޔާ އެކަނި ރިއެކްޓް ނުކުރީ…ދޮންބެ ވެސް ހައި އާ ދޭތެރޭ ހަމަ ނޯމަލް މީހެއް ހެން ޓްރީޓް ކުރާނީ“ އާޔަތު އައުމުން ހައިކާ ހުރީ ނުހަނު އުފާވެފައެވެ. ”ޑޯންޓް ބީ ސޭޑް ހައި….އެމީހުން އެހެން އެއުޅެނީ ނުވިސްނޭތީ….އަހަރެން މިހުރީނު ހައިގެ ފްރެންޑަކަށް….ޔޫކޭން ޓްރަސްޓް މީ“ އާޔަތު ހައިކާގެ ދެއަތުގައި ހިފާލަމުން ހިނިތުން ވެލިއެވެ.
”އެނގޭތަ ދޮންބެ ވަރަށް ކިޔާނެ އާޔާގެ ވާހަކަ އެހެންވެ ހައި އަށް އެހާ ފަސޭހައިން އާޔާ އެނގުނީ….ދޮންބެ ބުނާނެ ތީ ދޮންބެގެ ލިލީ އޭ…އަސްލުވެސް ޔޫ އާ ސޯ ޕްރިޓީ“
”އެހެންތަ؟ ވަޓް އެލްސް ޑަޒް ހީ ސޭ އެބައުޓް މީ“ އާޔަތު ޝައުގުވެރިވެލިއެވެ. ހައިކާ އާއި އާޔަތު އެކުވެރި ވުމަށް ނެގީ މަދު ވަގުތު ކޮޅެކެވެ. އެތަށް އިރަކު ވާހަކަ ދައްކަން ތިއްބެވެ. ކޮޓަރިއަށް ވަދެގެން އައި އަޒާންއަށް އެމަންޒަރު ފެނި އިރުކޮޅަކު މަޑުވެސް ކޮށްލެވުނެވެ. އެދެމީހުން ވާހަކަ ދައްކަން ތިބިއިރު ދެންމެ ދިމާވި ބައެއް ހެން ވެސް ހީނުވެއެވެ. ހައިކާ އަކީ އެހެންމީހުން ކުރިމަތީ ބަސްމަދު ކުއްޖެކެވެ. އެހެން މަޖާކޮށް ސަކަރާތް ޖަހާއުޅެނީ ހަމައެކަނި އަޒާން އާއެވެ.
”ކޮބާ ވާހަކަ ފަތި ނިމޭކަށް ނޫޅޭތަ؟ އަހަރެން އެބަޖެހޭ އޮފީހަށް ދާން ވަރަށް އަވަހަށް….ހިނގާ ޑްރޮޕެއް ދޭނަން“ އަޒާން ހައިކާއަށް ހިނިތުން ވެލާފައި އާޔަތުއަށް ބަލާލިއެވެ. ފަހުން އަންނާނެކަމުގައި ބުނެ އާޔަތު އަޒާންގެ ފަހަތުން ނުކުތެވެ. ސިޓިން ރޫމުގެ ސޯފާގައި އިން ނަސްރާ ހައިރާން ކަމާއެކު އާޔަތު އަށް ބަލާލުމަށް ފަހު އަޒާން އާ ވާހަކަ ދެއްކިއެވެ.
”ދަރިފުޅު މީ ކޮން ކުއްޖެއް؟“ ނަސްރާ އެއްޗެއް ބުނި އަޑު އަޒާންއަށް ނީވޭ ކަހަލައެވެ. ބޮޑުދޮރުން ނުކުމެގެން ދިޔައީއެވެ. ”އަޅުގަނޑު މީ އަޒާން އަދި ހައިކާގެ ދަންނަ ކުުއްޖެއް“ އަޒާން ދިޔަ ދިމާއަށް ބަލަން ހުރި ނަސްރާ އާ އާޔަތު ވާހަކަ ދެއްކިއެވެ. ”އެހެންތަ….މީ އަޒާން ގެ މަންމަ“ ނަސްރާވެސް ހިނިތުން ވެލަމުން އާޔަތު އާއި ސަލާމް ކޮށްލިއެވެ.
އާޔަތު ބޭރަށް ނުކުތް އިރު ކާރު ކައިރީ އަޒާން ހުއްޓެވެ. އާޔަތު އެރުމަށް ދޮރު ހުޅުވާލަދީފައި އަޒާން ވެސް ކާރަށް އެރިއެވެ. ”ތޭންކްސް ފޯ އޯލް ދެޓް….ހައިކާ އަލަށް އަދި އަހަރެން ނޫން މީހަކާ އެހެން ވާހަކަ ދެއްކީ….އަހަރެން ބުންޏަސް ޤަބޫލު ނުކުރާކަން އެނގޭތީ ގެއަށް ގެންނަން ޖެހުނީ“ އަޒާން ޝުކުރު އަދާކުރިއެވެ. ”އޯކޭ އައިކޭން ފޮގިވް ގަދަކަމުން ގެނައިމަ….އެންޑް އައި ރިއަލީ ލައިކް ހައި….ޝީ އިޒް ސޯ ޕްރިޝިއަސް….އެކަމް ވަޓް ވޯޒް ދެޓް ވިތް ޔޯ މޯމް؟ ހާދަ ރޫޑް އޭ އަޒާން“ ނަސްރާގެ ވާހަކަ ދެއްކުމުން އަޒާންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަޒާން ވަގުތުން ހިމޭންވީއެވެ. މުޅި ދަތުރުގައި ވެސް އިތުރަށް އެއްޗެއް ނުބުނެއެވެ. އާޔަތު ވެސް އަޅާނުލީ އަޒާންގެ އަނގައިން އެއްޗެއް ނެރެން އުޅުމަކީ ބޭކާރު ކަމެއް ކަން އެނގޭތީއެވެ. އަޒާން ބޭނުންވާ ވަރަށް ނޫނީ އަޒާންގެ ދިރިއުޅުމުގެ ކަންކަން އެހެން މީހުނަކަށް ނޭނގޭނެއެވެ.
ކާރުގޮސް އާޔަތު އުޅޭ ގޭގޭ ކުރިމައްޗަށް މަޑު ކޮށްލުމުން އާޔަތު ކާރުން ފޭބިއެވެ. އަޒާން އިންގޮތަށް އިނީ ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެނެވެ. އާޔަތު ފޭބުމުން ބާރު ސްޕީޑުގައި ކާރު ދުއްވާލިއެވެ.
……………………
އާދައިގެ މަތިން ޔުވާން އެކުވެރިންނާއެކު ވަގުތު ހޭދަކޮށްލުމަށް ގޭމު ކުޅެން އައި ރެއެކެވެ. ބެޓްލް ޒޯން ހަބް ގެ ވީއައިޕީ ކޮޓަރިއެއްގައި އަޒާން އާއެކު ޔުވާން އިނީ ލިއަމްގެ އިންތިޒާރުގައެވެ. ”ޔޫވީ ހާދަ ކަޓާފައޭ ތި އިންނަނީ ކަމެއް ގޯސްކޮށް ދަނީ ތަ؟“ އެހެން ރޭ ތަކާ ހިލާފަށް ޔުވާން މާ މަޑުން އިނުމުން އަޒާން ސުވާލު ކުރިއެވެ. ”ދެން އަނެއްހެން ކަމެއް ނުވޭ….މަންމަ އަބަދު ކިޔަނީ ރަށަށް ޖައްސާލަން….މަ ބޭނުން މަންމަމެން ގާތަށް ވެސް ގޮސްލަން އެކަމް ކިހިނެއް ކޮއްކޮމެން އެކަނި ދޫކޮށްލާނީ…..އެނގެ އެއްނު ޔަލް އަށް ވެސް އިހަށްދުވަހު ކަންތައް ވީގޮތް….އަހަރެން ބޭނުމެއް ނޫން އެކުދީނަށް އެއްވެސް ގެއްލުމެއް ވާކަށް….. ފެމެލީ އެންމެން ވެސް އަހަރެންނަށް ވަރަށް ޓްރަސްޓް ކޮށްފަ އެ ރެސްޕޮންސިބިލިޓީ އެ ހަވާލުކުރީ“
”ތީ ތަ ތިހާ ކަންތައް ބޮޑު ވެފަ ތި އިންނަ ކަމަކީ….ނޯ ވޮރީސް ބްރޯ ތިކަން ހަމަ ޖެހޭނެ“ ޔުވާންގެ ކޮނޑުގައި ޖަހާލަމުން އަޒާން ބުންޏެވެ.
”ކޮން ކަމެއްތަ ހަމަ ޖެހެނީ؟“ ލިއަމް އައިސް އިށީނަމުން ޔުވާންގެ ކޮނޑަށް އެއް އަތް ވައްޓާލިއެވެ. ލިއަމް އާއެކު މީކައިލް ވެސް ވަނެވެ. މީކައިލް އަކީ ވެސް މިހާރު އެ އެކުވެރިންގެ ގުރޫޕުގެ ހިއްސާއެކެވެ. ލިއަމް އާއެކު އެކި ކަންކަމުގައި އައިސް އުޅޭއިރު ޔުވާން އާއި އަޒާން އާ ވެސް ގާތް ގުޅުމެއް އުފެދިފައި ވެއެވެ. އެހެން ކަމުން އެމީހުންގެ ކޮންމެ އެއްވުމަކަށް މީކައިލް އަށް ވެސް ދައުވަތު ދެއެވެ.
”ޔޫވީ އެކިޔަނީ ރަށަށް ދާން މަންމަ ކިޔާވަރުން….ކޮއްކޮމެން އެކަނި ދޫކޮށްފަ ދާން ނުކެރޭތީ މީނަ މިހުންނަނީ ރަށަށް ވެސް ނުދާން…..މަ ބުނީ އެކަމަށް ހައްލެއް ލިބިދާނުން ހެއްޔޭ…..ކޮއްކޮމެން ގޮވައިގެން ދެވިދާނެ ދޯ ރަށަށް…..އަހަރުންވެސް ދާ ކަހަލަ އެއްނު ޗުއްޓީ ހަދާލަން…..މިހާރު ކޮން ދުވަހެއް ދޯ އެކަހަލަ މަޖާ ކަމެއްގަ ނޫޅޭ ތާ…..އެންމެ ފަހުން ވެސް އޭގެ ދަތުރެއް ދިޔައީ 2 އަހަރު ކުރިން“ އަޒާން ޙިޔާލު ދިނެވެ.
”އާން ޒާންޓެ އެބުނީ ދޮގެއް ނޫން…..ވަރަށް މިސް އޭގެ ދަތުރު ތައް…..އޭރު އަހަރުން ކިހާ މަޖާ ދޯ….ދާ ޖަހައިގެން މަސް ހިފައިގެން އައިސް ވަގުތުން ފިހެލައިގެން ކެއުން އިޒް ސަމްތިންގް އެލްސް“ ލިއަމް ވެސް އަޒާން އާއި ބައިވެރި ވެލިއެވެ. ”އާން ދޯ….ތީ ރަނގަޅު ކަމެއް….ހިނގާ އަހަރުން އެންމެން ރަށަށް ޓްރިޕެއް އަޅަން….މައިކް ވެސް ދާންވާނެ….ގޭންގް ގެ އެންމެ ނިއު މެމްބާރ ވިއްޔާ“ ޔުވާން އަށް ވެސް ހިޔާލު ކަމުދިޔައެވެ.
”ލިއަމް ސާރ އޯކޭ ވަންޏާ ދާންވީ ހަމަ….އަހަރެންވެސް ވަރަށް ރާއްޖެ ތެރެއަށް ދާން ބޭނުން“
”ސާބަސް މިހިރަ މީހަކަށް….ދެން ތި އޯކޭ ވާނޭ ސާރ ނުކިޔަސް އަބަދު….ސިފައިންގެ ތެރެއަކު ނޫނެއްނު މިއުޅެނީ…. މި މީހުން ކިޔާހެން ކީމަ ރަނގަޅު ވާނެ“ ލިއަމް ހިނިގަނޑެއް ޖަހާލަމުން މީކައިލްގެ ބުރަކަށީގައި ބޮނޑިއެއް އަޅާލިއެވެ.
ލިއަމް އަކީ މީހުން ކުރިމަތީގައި މިޒާޖުގެ ގޮތުން ބަސް މަދު މީހެކެވެ. ވާހަކަ ދައްކަން ޖެހޭ ތަނެއްގައި ނޫނީ އެއްޗެއް ނުބުނާނެއެވެ. ނަމަވެސް އެކުވެރިންގެ ތެރޭގައި ވަރަށް މަޖާ މީހެކެވެ. ލިއަމްގެ އެ ސިފަ ހަމައެކަނި ފެނިފައިވާނީ ޔުވާން އާއި އަޒާން އަށެވެ. އަދި މިހާރު މީކައިލް ވެސް މެއެވެ. އެ ތިން އެކުވެރިންނަކީ އެންމެ ކުރިން ސުރެވެސް އެކުގައި އުޅެމުން އައި ތިން މީހުނެވެ. އަޒާން އާއި ޔުވާން އަކީ ކޮލެޖު ދުވަސްވަރުން ފެށިގެން ވެސް އެކުވެރިންނެވެ. ލިއަމް އާއި ދިމާވީ މީގެ ހަތަރު އަހަރު ކުރިން ލިއަމްގެ ހޮސްޕިޓަލް ހެދުމަށް އަޒާން އާއި ޔުވާންގެ ކުންފުންޏަށް ހަވާލު ކުރި ހިސާބުންނެވެ. މަސައްކަތުގެ ކަންކަން މަޝްވަރާ ކޮށް ކޮފީތަކުން ބައްދަލު ކުރަމުން ގޮސް އެދެމެދުގައި އެކުވެރިކަން ބަދަހިވީއެވެ. އެތިން އެކުވެރިންނަކީ އެކުވެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އެކަކު އަނެކަކަށްޓަކައި ކިތަންމެ ބޮޑު ގުރުބާނީއެއް ދޭން ވެސް ފަހެއް ނުޖެހޭނެއެވެ.
ހަތަރު އެކުވެރީން މުޅި ރޭ ހޭދަކުރީ ގޭމު ކުޅުމުގަޔާއި ލާމު އަތޮޅަށް ދިއުމަށް ދަތުރު ރޭވުމުގައެވެ.
One Comment
Comments are closed.


Woww, mi bai ves vrh salhi 😍😍