Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ – 2 (ތޭރަވަނަ ބައި)

H noora Level 110 Stories
July 1, 2026 9 Mins Read
0 Comments

އިމާރާތަށް ވަންނަން ޒާމިލް ހިނގައިގަތީ، ހިތުން އިޒްވާއާ ދިމާލަށް އެތައް އެއްޗެއްސެއް ގޮވަމުންނެވެ. މިހާރުން މިހާރަށް އިޒްވާއާ ދިމާލަށް އެއްޗެހި ގޮވަން ޒާމިލް ބޭނުންވެފައިވިއެވެ. އެކަމަކު، ތަހުޤީޤީ ފުލުހެއްގެ ޙައިޞިއްޔަތުން ޒާމިލަށް ކުރިން ދަސްވެފައިވި ކަންކަން އޭނާގެ ސިކުނޑި ހަނދާންކޮށްދޭން ފެށިއެވެ. އެއީ ހިތުގައި ޝައްކު އުފެދިފައިވާނަމަ އެ ޝައްކު ފިލުވައިލުމަށެވެ. އަދި އެއްފަހަރާ ހުރިހާ ކަމެއް ހޯދަން އުޅުމުގެ ބަދަލުގައި މަޑުމަޑުން ކަންކަން ތަހުޤީޤު ކުރަމުން ދިޔުމަށެވެ.

 

ހިތުތެރޭ އެތައް ކަމެއް ރާވަމުން ޒާމިލް އޭނާގެ ކެބިން އަށް ވަންނަން ދިޔައެވެ. އަދި ފޯނު ނަގައި ނަމްބަރުތަކަށް ފިތައިލަމުން ފޯނު ކަންފަތުގައި ޖައްސައިލިއެވެ.

 

*******

 

ހެނދުނުގެ ސަޔަށް އިންސާފުކުރުމަށް ފަހު ޒާޔާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމާއެކު ރޭގައި ވީ ކަންތައް ހަނދާން އާވާން ފެށިއެވެ. ރޭގައި އަލަމާރި ތަރުތީބު ކުރުމުގެ މަސައްކަތުގައި ޒާޔާ އުޅުނީ އެކިއެކި ފިކުރުތަކުން އޭނާގެ ސިކުނޑި ފުރެމުން ދިޔައީތީއެވެ. އެރެއަކީ އަމިއްލަ ނަފްސަށް ވިސްނައިދިނުމުގައި ޒާޔާއަށް ނާކާމިޔާބުވި ރެއެކެވެ. އެހެންވެ ކުރެވޭ ފިކުރުތަކުން ދުރުވުމަށް ޓަކައި ކޮންމެވެސް މަސައްކަތެއް ކުރަން ޒާޔާ ނިންމީއެވެ.

 

އަލަމާރި ތަރުތީބު ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ފަތްޖަހާފައިވި ސިފައިންގެ (ޗީފް އޮފް ޑިފެންސް ފޯސް) ޔުނީފޯމެއް ފެނުނެވެ. އަދި އޭގެ ކައިރީ ފަތްޖަހާފައި އޮތް ފުލުހުންގެ (ކޮމިޝަނަރ އޮފް ޕޮލިސް) ޔުނީފޯމެއް ވެސް ފެނުނެވެ. އެ ދެ ޔުނީފޯމު އެކީ ފެނުމުން ލިއަމްގެ ހަނދާންތަކުން އެ ހިތަށް ރިހުން ގެނުވިއެވެ. އެހެންކަމުން ދެ ޔުނީފޯމު އޮތްތަނުގައި ބާއްވާފައި އެހެން އެއްޗެހި ތަރުތީބު ކުރުމައިގެން އުޅުނެވެ.

 

އަލަމާރީގެ ވަތްގަނޑު ހުޅުވައި އެ ތަން ތަރުތީބު ކުރަން އުޅެނިކޮށް އޭގެ ތެރޭ އޮތް ފޮޓޯ އަލްބަމް ޒާޔާއަށް ފެނުނެވެ. އެ ނަގައިގެން ޒާޔާ އެނދުގައި އިށީނީ އެ ބަލައިލުމުގެ ނިޔަތުގައެވެ. އަލްބަމްގެ ފަހަރަކު ގަނޑެއް ބަލަމުން ދިޔަވަރަކަށް ޒާޔާއަށް ރޮވެމުން ދިޔައެވެ. އޭގައި ހުރީ ޒާޔާގެ ފުރާވަރު ދުވަސްވަރު ނެގިފައިވާ އެކިއެކި ފޮޓޯތަކާއި ކައިވެނި ކުރެވުނު ދުވަހުގެ ފޮޓޯތަކެވެ. އަދި ދަރިންނާއެކީ ނަގާފައިވާ ފޮޓޯތަކެވެ.

 

ޒާޔާގެ ނޭވާ ހާސްވާން ފެށީ ހުރިހާ ކަމެއް އެއްފަހަރާ އޭނާގެ ބޮލަށް ވަދެ އެ ސިކުނޑި ފުރި ބާރުވުމުންނެވެ. ފިރިމީހާއާއި އަންހެން ދަރިފުޅު ގެއްލުމާ، މަޤާމުން ވަކިކުރުމާ، އަދިވެސް އޭނާގެ ޙަޔާތުގައި ހިނގި އެތައް ކަމަކުން އެ ސިކުނޑި ދިޔައީ ފުރެމުންނެވެ.

 

*********

 

އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު ޒާޔާ އެނދުގައި އޮށޯވެލިއެވެ. އަދި ފިކުރު ބޮޑުވެފައިވާ ޙާލަތުގައި ކިޔަން ވާރިދުވެފައިވި ދުޢާ ކިޔައިލަމުން ދެ ލޯ މަރައިލީ ކުޑަ ވަގުތުކޮޅަކަށް ނިދަން ބޭނުންވެފައިވީތީއެވެ.

 

**********

 

އަރާމު ނިންޖަކަށްފަހު ދެ ލޯ ހުޅުވައިލެވުނު ޒަމްލާއަށް އެއްވެސް ކަމެއް ވެފައި ހުރިކަމުގެ އަސަރެއް އެ މޫނުމަތިން ފެންނާކަށް ނެތެވެ. ރޭގައި ހިނގި އެއްވެސް ކަމެއް ޒަމްލާގެ ހަނދާނުގައި ނެތީއެވެ.

 

އާދައިގެ މަތިން ތާޒާވެލުމަށް ފަހު ފިޔާތޮށި ކުލައިގެ ޕިޖާމާއެއް ލައިގެން ޑްރެސިނގް ޓޭބަލް ކައިރިއަށް ދިޔައެވެ. ބޮލުގައި ތެޔޮ ލުމަށްފަހު އެ ދިގު އިސްތަށިގަނޑުގައި ފުނާ އަޅަން އިން ޒަމްލާއަށް ލޯގަނޑުން އޭނާގެ ސޫރައަށް ބެލެމުން ދިޔައެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު އެ ދެލޮލުގައިވާ ދުޅަކަން ކުޑަވެފައިވާ ކަމަށް ފާހަގަކުރެވުނެވެ.

 

ލުއި މޭކަޕެއް ކޮށްލުމަށްފަހު ޒަމްލާ އެނދުގައި އިށީނެވެ. އަދި އުނގު މަތީ ބާލީހެއް ބާއްވައިލިއެވެ. ޒަމްލާ އެހެން އިންއިރު އޭނާއަށް އެތައް ކަމަކާ މެދު ވިސްނެމުން ދިޔައެވެ.

 

އިޒްވާގެ ސަބަބުން ހިތާމައާއި ހިތްދަތިކަމާ ކުރިމަތިލާން ޖެހުނަސް، އަންހެން ކުއްޖަކަށް ބޭނުންވާނެ އެތައް އެއްޗެއް ޒަމްލާއަށް މަދުނުވާނެހެން ހޯދައިދީފައިވެއެވެ. އުޅެން ލިބިފައި އެހުރީ ކުޑަ ވިޔަސް، ރީތި ކޮޓަރިއެކެވެ. އެހެނަސް، އެ އެއްޗެހިތައް ޒަމްލާއަށް ހޯދައިދިނުމުގެ ބޭނުމަކީ ކޮބާބާއޭ ޒަމްލާގެ ހިތަށް އަރައެވެ. ވިސްނަމުން ދިޔަ ވަރަކަށް ޒަމްލާއަށް އެނގުނު ކަމަކީ، ތިމާ ދެކެ ލޯބިނުވާ މީހަކު ވެސް ބުނީމަ ބުނާ އެއްޗެއް ހޯދައިދީފާނެކަމެވެ.

 

ޒަމްލާ ބޭނުންވަނީ އަގުބޮޑެތިހާ އެއްޗެއްސެއް ނޫނެވެ. މުއްސަނދި ދިރިއުޅުމެއް ވެސް ނޫނެވެ. ޒަމްލާ ބޭނުންވަނީ މައިންބަފައިންގެ ލޯތްބެވެ. މައިންބަފައިން ކައިރިއަށް ދާށެވެ. ޒަމްލާގެ މަންމަ އާއި ބައްޕައާއެކު ދިރިއުޅޭށެވެ. ޒަމްލާ ޤަބޫލުކުރާގޮތުގައި އާއިލާއެއްގެ ފުރިހަމަ ލޯތްބާ ކުލުނުގެ ހިޔާވެއްސެއްގައި ދިރިއުޅެވޭނަމަ، އެއީ ކިތަންމެހާވެސް ތަނަވަސް އަދި އުފާވެރި ދިރިއުޅުމެކެވެ. މި ކަމަކީ ޒަމްލާ ކިޔެވި ދުވަސްވަރު އޭނާއަށް ދަސްވެފައިވާ ކަންތައްތަކެވެ.

 

ޒަމްލާގެ ތަޢުލީމީ ދަތުރު ނިމުމަކަށް އައީ ޒަމްލާ ގްރޭޑް އަށެއްގައި ކިޔަވަމުން ދަނިކޮށެވެ. އެއީ ހަމަ ހުރެފައި ކުއްލިއަކަށް ވީކަމެއް ނޫންކަން ޒަމްލާގެ ސިކުނޑިއަށް ވެސް ވިސްނެއެވެ. އެހާ މޮޅަށް ކިޔަވަމުން ދަނިކޮށް އިޒްވާ އޭނާގެ ދަތުރަށް ހުރަސް އެޅިކަން ވެސް ޒަމްލާއަށް އެނގެއެވެ.

 

އެގެއަށް ގެނެވުނު ދުވަހުން ފެށިގެން ޒަމްލާ، އިޒްވާ ގާތުގައި އާދޭސްކުރަމުން ދިޔައީ މަންމަމެން ގާތަށް ފޮނުވައިދިނުމަށެވެ. އެކަމަކު އެ އަޑެއް އިޒްވާ ނޭހިއެވެ. ފުރަތަމަކޮޅު އެއްޗެކޭ ނުބުންޏަސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޒަމްލާއާ ދިމާލަށް އެތައް އެއްޗެއް އިޒްވާ ގޮވަމުން ދިޔައެވެ. ޒަމްލާ ނަފްސާނީ ގޮތުން ބަލިކަށިވީ އެ ހުރިހާ ކަމަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުންނެވެ. ޒަމްލާއާއި ދިމާލަށް ބާރަށް އެއްޗެހި ކިޔާއިރު، ޒަމްލާގެ މައިންބަފައިންނޭ ކިޔައިގެން ވެސް އެތަކެއްޗެއް އިޒްވާ ޒަމްލާއާއި ދިމާލަށް ގޮވާފައިވެއެވެ. އެއިން ކޮންމެ ފަހަރަކު ޒަމްލާގެ ހިތް ދަނީ ފިސްފިސްވެގެންނެވެ.

 

ވިސްނުމުގެ ފުން ކަނޑަށް ގެއްލިފައި އިން ޒަމްލާ ސިހިގެން ދިޔައީ ކޮޓަރީ ދޮރުގައި ޓަކި ދިން އަޑަށެވެ. ޒަމްލާގެ ހިތް ތެޅެން ފެށިއެވެ. އޭނާއަށް އެ ކޮޓަރި ދޮރު ހުޅުވަން ދާކަށް ނުކެރުނެވެ. އެހެނަސް، އަނެއްކާވެސް ޓަކި ދިނުމުން ޒަމްލާ މަޑުމަޑުން އެނދުން ތެދުވިއެވެ. އަދި ނިކަން ބިރުން ހުރެ ގޮސް ދޮރު ހުޅުވިއެވެ.

 

ޒަމްލާ ހީކުރި ގޮތާ ޚިލާފަށް އެ ކޮޓަރިއަށް ވަނީ އަމާނާއެވެ. އަމާނާ އައީ ޒަމްލާއަށް ސައި ހިފައިގެންނެވެ. އެނދު ކައިރީ ހުރި ކުޑަ މޭޒުމަތީ ތަބައް ބަހައްޓާފައި އަމާނާ ދިޔުމުން ޒަމްލާ ދޮރު ލައްޕާ ތަޅުލިއެވެ. އަތުގައި އަޅުވާފައި އޮތް ވޫލު ނަގައި އިސްތަށިގަނޑު އައްސައިލަމުން ޒަމްލާ އެނދުގައި އިށީނެވެ.

 

މޭޒުމަތީ ހުރި ތަބައް ފެނި ބަނޑުހައިވެފައި ހުރި ޒަމްލާއަށް އިތުރަށް ހައިހޫނުކަން އިޙުސާސް ކުރެވުނެވެ. ކިތަންމެ ބަނޑުހައި ވިޔަސް ކާ އެއްޗެއް ކެއުމަކީ އުނދަގޫކަމަކަށް ވުމުން ޒަމްލާއަށް އެއްފަހަރުވެސް ރަނގަޅަކަށް ނުކެވެއެވެ.

 

ތަބަކުގައި ހުރި ރޮށި ތަށިން ރޮށިކޮޅެއް ނެގުމަށް ފަހު މަސްހުންޏާ ލައިގެން ކާން ފެށިއެވެ. މަސްހުންޏާއި ރޮއްޓަކީ ޒަމްލާއަށް މީރު ކެއުމެއް ކަމުގައި ވިޔަސް ޒަމްލާއަށް ތަށީގައި ހުރި އެތިކޮޅު ހުހެއް ނުކުރެވުނެވެ. ޒަމްލާއަށް ރަނގަޅަށް ނުކެވޭތީ އަމާނާ ކޮންމެ ފަހަރަކު ގެންނަނީ ޒަމްލާއަށް ކެވޭނެކަމަށް އޭނާއަށް ލަފާކުރެވޭވަރުގެ ކުޑަ އެތިކޮޅެކެވެ. އެހެނަސް، އެ ވަރުވެސް ޒަމްލާއަށް ވަނީ ގިނައެވެ.

 

********

 

ކާން އުނދަގޫވުމަކީ، ގިނަ ފަހަރަށް ނަފްސާނީ އުނދަގޫތައް ތަޙައްމަލު ކުރަމުންދާ މީހުނަށް އާއްމުކޮށް ވާކަމެކެވެ. މި ބަލި ތަޙައްމަލު ކުރަމުންދާ މީހެއްގެ ކެއުމުގެ ވައްޓަފާޅި އެހެން މީހުނާ ތަފާތުވެދާނެއެވެ. އެހެންކަމުން އެއީ އެކަމަށް ފާޑުކިޔަންވީ ކަމެއް ނޫނެވެ. ފާޑު ކިޔުމުގެ ބަދަލުގައި އެމީހަކަށް އެހީތެރިވެދީ އުޅޭނަމަ ހުރިހާ ކަމަކުންވެސް އެމީހަކު މަޑުމަޑުން ކުރިއަށް ދާނެކަން އެއީ ޝައްކެއް އޮތްކަމެއް ނޫނެވެ.

 

********

 

ހެނދުނުގެ ސައިބޯން ލިބުނު ރޮއްޓާއި މަސްހުނި ހުސްކުރުމަށް ފަހު، ހުސްވެފައި ހުރި ތައްޓަށް ބަލަހައްޓައިގެން ލިއަމް އިނެވެ. ލިއަމްގެ މޫނުމަތިން ހިތްދަތިކަން ފެންނަން ހުއްޓެވެ. ބަންދުވެފައި އިނދެ އެއްވެސް އެއްޗެއް ކާކަށް ލިއަމް ބޭނުމެއްނޫނެވެ. އޭނާ ބޭނުންވަނީ އޭނާގެ އަނބިމީހާއާއި ދަރިންނާއެކު މީރު އެއްޗެހި ކާށެވެ.

 

އެހެނަސް، މިއަދު އެ ނަޞީބު ލިއަމްއަށް ލިބިފައެއް ނެތެވެ. އަނބިދަރިންނަށް ޚަރަދު ކުރުމަށް އޮތް ހުރިހާ ދޮރެއް ބަންދުވެގެން ދިޔައީއެވެ. ލިއަމް ނޫނަސް އެހެން ޤައިދީން ޖަލުގެ ތޭރިތަކު ތެރޭ ބަންދުގައި އެބަ ތިއްބެވެ. އަނބިދަރިން ތިބި ބައެއް ވިއްޔާ އެމީހެއްގެ މިލްކިއްޔާތުގައިވާ އެއްޗަކުން ޚަރަދުކުރެއެވެ. އެ ނަޞީބު ލިބިފައި ނެތީ ލިއަމްއަށެވެ.

 

ލިއަމް ބަންދު ކުރެވުނީއްސުރެ އޭނާގެ ބޭންކް އެކައުންޓް ބެލެހެއްޓުމާ ޙަވާލުވީ ފުލުހުންގެ މީހެކެވެ. އެ މީހަކު، މިހާރު ލިއަމްގެ ހަނދާނުގައި ނެތަސް، އެކައުންޓްގެ ‘އެކްސެސް’ އެ މީހަކަށް ލިބޭގޮތް ހަދައިފައިވިއެވެ. ފުލުހުން ލިއަމް ގާތުގައި ބުނެފައިވާގޮތުން، އެމީހުން އެގޮތަށް އެކަން ކުރީ އަނބިދަރިންނަށް ކުރަން ޖެހޭ ޚަރަދުތައް ލިއަމް ރަނގަޅަށް ނުކުރާތީއެވެ. އެ އަޑު ލިއަމްގެ ކަންފަތަށް އިވިގެން ދިޔަ ހިނދު ލިއަމް ހަމަ ރަނގަޅަށް އަޖައިބުވީއެވެ. އެއީ އާއިލާއެއް އެހާ ރަނގަޅަށް ބަލަހައްޓަމުން ދިޔައިރު އެވަރުގެ އިލްޒާމެއް އޭނާގެ ބޮލުގައި އެޅުވީމައެވެ.

 

އެ ނޫނަސް އެތައް އިލްޒާމެއް އޭނާގެ ބޮލުގައި އަޅުވާފައި އެބަހުއްޓެވެ. ސިފައިންގެ ޗީފެ އެއްގަ މަޤާމުގައި ހުރެ މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމާ، އެކި ކަންކަމު އެކި މީހުނަށް ރިޝްވަތު ދީފައިވާ ކަމާއި، ޤާނޫނާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށް ބުނެ ފުލުހުން އޭނާއަށް ތުހުމަތު ކުރިއެވެ.

 

ކޯޓު މަރުޙަލާތަކުގައި ވެސް އެތާ ތިބި ކޮންމެ ފަނޑިޔާރަކަށް ލިއަމް އަކީ މައުސޫމް މީހެއްކަން ނޭނގިއެއް ނުތިބޭނެއެވެ. ލިއަމް ދަންނަ ކިތަންމެ ބަޔަކު ކޯޓުތަކުގައި އުޅެއެވެ. ލިއަމް އެންމެ ދެރަވީ، ހުރިހާ ކަމެއް އެނގިހުރެ ލިއަމްއާ ދެކޮޅަށް ޣާޒީން ޙުކުމް ކުރީމައެވެ.

 

މި ޒަމާނުގައި މައުސޫމް މީހަކު އެ މީހެއްގެ އަމިއްލަ ނަފްސު ދިފާއު ކުރަން ކިތަންމެ މަސައްކަތެއް ކުރިޔަސް، އެކަން ވުމަށް ވުރެ ނުވުން ގާތެވެ. ޙައްޤަށްވުރެ ބާޠިލް ކުރިއަރައިގެން ދާލެއް އަވަސްކަމުން ހުރިހާ މަޅިއެއްގައި ބެދެނީ މައުސޫމް މީހާއެވެ. ކުށްވެރިޔާ ކުށުން ބަރިއްޔަވެ، މައުސޫމް މީހާގެ ބޮލުގައި އިލްޒާމް އެޅި، ކެހިވެރިކަމާ އަނިޔާއާ ކުރިމަތިލާންޖެހެއެވެ.

 

*********

 

ކުށުން ބަރިއްޔަވެގެންވި ކުށްވެރިޔާގެ އެކައުންޓަށް ފުލުފުލުން ފައިސާ ޖަމާވަމުން ދަނީއެވެ. މަތީ މަޤާމުގައި އިނދެގެން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މި ހޯދެނީ ޙަރާމް ލާރިކަމެއް އިޒްވާއަށް ނޭނގޭ ފަދައެވެ. ސިއްރިއްޔާތުގައި އޭނާ ވިއްކަމުންދާ ޕެކެޖްތައް ގަންނަ މީހުން ގިނަވިވަރަކަށް އިޒްވާގެ ޖީބަށް ވަންނަ ރުފިޔާ ގިނަވަމުން ދެއެވެ.

 

ކެބިން ތެރޭ ފޯނާ ކުޅެން އިންދައި ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުނެވެ. އެތެރެއަށް ވަނުމަށް ބުނުމުން އެމީހަކު ސަލާމް ގޮވައިލަމުން ކެބިން ތެރެއަށް ވަނެވެ. ފައިލް ތަކެއް ހިފައިގެން އެ ކެބިންއަށް ވަތް ފުލުހަކީ އިޒްވާއާ އެންމެ ގާތުން މަސައްކަތްކުރާ ފުލުހެކެވެ.

 

“މީ ކޮން ފައިލްތަކެއް؟” އިޒްވާ އެހިއެވެ. “މޭމް.. މިއަދު އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެވުނު ބައެއްގެ މައުލޫމާތުތައް މީގަ ހުންނާނީ.” މިހާދު ބުންޏެވެ. ފައިލްތައް މޭޒުމަތީ ބެހެއްޓުމާއެކު މިހާދު ދިޔަޔަސް އެންމެ ރަނގަޅުކަމަށް އިޒްވާ ބުންޏެވެ. “މޭމް.. އަދި އެއް ވާހަކަ.. މޭ އައި ކޮންޓިނިއު؟” މިހާދު ސުވާލު ކުރުމާއެކު ކުރިއަށް ގެންދިއުމަށް އިޒްވާ އެދުނެވެ. “ޤައުމީ ޗެނަލުން ހުށަހަޅާ ޕްރޮގްރާމެއްގަ މޭމްގެ ބަސްދީގަތުމެއް ގެނެސްދިނުމަށް އެ ޗެނަލުން ނިންމާފަވަނީ.” މިހާދަށް އެހިސާބަށް ވާހަކަ ދެކެވުމާއެކު އިޒްވާ އަތް ހިއްލައިލިއެވެ. އެއާއެކު މިހާދު އިތުރަކަށް ވާހަކައެއް ނުދެއްކިއެވެ. “އައި ސޯ ދި މެއިލް މިހާދް… ދެން އެންމެ ރަނގަޅު ދިޔަޔަސް.”

 

*********

 

ފުން ނިންޖަކުން ނިދިފައި އޮތް ޒާޔާއަށް ދެ ލޯ ހުޅުވައިލެވުނު އިރު ބާރަ ޖަހައިފިއެވެ. އަވަހަށް ތެދުވެ ފޯނު ބަލައިލިއިރު ޒާމިލް ގުޅާފައި އޮތްތަން ފެނުނެވެ. އަދި މިއަދު ތެރަޕީ ސެޝަން އޮންނާނެކަމަށް ބުނެ ޒާމިލް ފޮނުވާފައި އޮތް މެސެޖް ވެސް ފެނުނެވެ.

 

ފެންވަރާ ނަމާދުކޮށް ހަދައިގެން ޒާޔާ ކޮޓަރިން ނުކުތީ މެންދުރުގެ ކެއުން އަވަހަށް ތައްޔާރުކުރުމުގެ ނިޔަތުގައެވެ. އެހެނަސް، ޒާޔާއަށް ބަދިގެއަށް ވަދެވުނުއިރު ކެއުން ތައްޔާރުވެފައި ހުރި މަންޒަރު ފެނި ޙައިރާންވިއެވެ. ޒާޔާ އެހެން ހުއްޓާ ގޭގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ސިޓިންގް ރޫމަށް ނުކުތްއިރު ލާއިމް އާއި ނިހާން ގެއަށް ވަންނަނީއެވެ.

 

ގެއަށް ވަތް ނިހާނަށް ދަރިފުޅުގެ މޫނު ފެނުމާއެކު އެ ހިތަށް ހަމަޖެހުން ގެނުވައިދިނެވެ. ސުވާލު އުފެދިފައި ހުންނަ ފަދައިން ދެބުމަ ގޮށް ޖެހިފައިވީއިރު މައުސޫމްކަން އެ މޫނުމަތިން ފެނިގެން ދެއެވެ.

 

ޒާޔާ ބަލަބަލާ ހުއްޓާ ލާއިމް ނިހާން ގޮވައިގެން ދިޔައީ ބަދިގެއަށެވެ. ބައްޕަމެންގެ ފަހަތުން ޒާޔާ ބަދިގެއަށް ވަތްއިރު ތަށިތައް ހިފައިގެން ލާއިމް ކާމޭޒު ކައިރީ އިށީންދެއްޖެއެވެ. “ލާއިމް. ކާކު ކައްކާފަ މިހުރީ؟” ޒާޔާއަށް ސުވާލު ނުކޮށް ނުހުރެވުނެވެ. ލާއިމް މަންމަގެ މޫނަށް ބަލާލާފައި ހިނިތުންވެލިއެވެ. އަދި މަންމަ ގާތުގައި އެމީހުނާ އެކީ ކާން އައުމަށް ބުންޏެވެ.

 

“މިއަދު ޑިއުޓީ އިނީ ހަވީރަށް. އަނެއްކާ މަންމައަށް ނިދިފަ އޮތީމަ އަހަރެން ކެއުން ހެދީ.” ލާއިމް ބުންޏެވެ. އެއްފަހަރު ބައްޕަގެ މޫނަށް އަނެއްފަހަރު ލާއިމްގެ މޫނަށް ޒާޔާއަށް ބަލައިލެވުނެވެ. “ދަރިފުޅު މަންމައަށް ގޮވާލިނަމައެއްނު. ތީ ދަރިފުޅު ކުރަން ޖެހޭނެ ކަމެއް ނޫނޭ.” ޒާޔާއަށް ބުނެވުނެވެ. އޭނާގެ އަޑުގައި ކޮންމެވެސްވަރަކަށް ޝަކުވާގެ އަސަރުތައް ހުއްޓެވެ.

 

“އެ ބުނީނު ދަރިފުޅު ނިދިފަ ވީމައޭ.” ނިހާން ބުންޏެވެ. “މަންމާ. އެއީ ބޭސިކް ސްކިލްސް. ފިރިހެނަކު ކައްކާ، ތަށި ދޮވެ ހެދިޔަސް، އެއީ އަންހެނަކަށްވީކީއެއް ނޫން. އަހަންނަށް ވެސް ފިއުޗަރ ގަ ވައިފް އެއް ލިބުނިއްޔަ ވައިފް ބަލިވާ ދުވަހު އަހަންނެއްނު މިކަންތައްތައް ކޮށްދޭނީ.” ލާއިމަށް އެހެން ބުނެވުނީ ވިސްނާނުލާ އިނދެއެވެ. ބުނެވުނު އެއްޗެއް އޭނާއަށް ފަހުމްވީ ޒާޔާ ބަލަހައްޓައިގެން އިން ގޮތުންނެވެ.

 

“ކޮބާ ފިއުޗަރ ވައިފް؟ ހްމްމް؟” ޒާޔާ އެހިއެވެ. ކާން އިން ނިހާނަށް ހީނލެވުނީ ޒާޔާ ސުވާލު ކުރުމާއެކު ލާއިމް ރަކިވީމައެވެ. “ކާފާ. މަންމަ ފެށީއޭ އެ.” ވަރަށް ނޫންކަމަށް ހެދެމުން ލާއިމް ބުންޏެވެ. “އެބުނާހެން ކޮބާ އެ ކުއްޖަކީ؟”

 

“ކާފަ ވެސް ފެށީ؟”

 

“އާނ އެހެންނުން ވާނީ.”

 

“އެކަހަލަ އެއްވެސް ކަމެއް ނެތް ކާފާ.”

 

“އެކަމެއް ނޭނގެ. ޝަޒާ އަންނަން އުޅުނު ދުވަހު ދަރިފުޅަށް ވީ ގޮތް މަންމައަށް ފެނުނޭ.”

 

ޒާޔާ އެހެން ބުނުމާއެކު ލާއިމް މަންމައާ ދިމާލަށް ދެލޯ އަޅައިލިއެވެ. ޒާޔާ ދެ ލޯ ބޮޑުކޮށްލަމުން ތުންފަތް މަތީ އަތް އެޅީ ދެން އެ ވާހަކަ ނުދައްކާނަމޭ ބުނާ އުސޫލުންނެވެ. ދެމައިން ޖަހަމުން ދިޔަ ސަކަރާތަށް ބަލަން ހެވިފައި ނިހާން އިނެވެ.

 

*********

 

މެންދުރު ފަހު ދޭއް ޖެހުމާއެކު ލާއިމް ނިހާން ގޮވައިގެން ދިޔައީ ނިހާންގެ ރައްޓެއްސެއްގެ ގެޔަކަށެވެ. ލާއިމްމެން ދިޔުމާއެކު ޒާޔާ ގޭތެރެއަށް ވަދެ ސޯފާތައް ރީތިކޮށްލީ އިރުކޮޅަކުން ޝަޒާ އަންނާނެތީއެވެ. ކުޝަންތައް ތަރުތީބު ކުރަން ހުރެ ވެސް، ޒާޔާ ދިޔައީ މިއަދުގެ ސެޝަންއަށް އޭނާގެ ސިކުނޑި ތައްޔާރުކުރަމުންނެވެ. ހިތާއި ސިކުނޑީގައިވާ ހުރިހާ ކަންކަން ޚިއްޞާ ކުރަން އަމިއްލަ ނަފްސު ފުރިހަމައަށް ތައްޔާރުވެފައިވާކަން ޔަޤީން ކުރިއެވެ.

 

ޝަޒާ އައުމާއެކު ސެޝަން ފެށިއްޖެއެވެ. ޒާޔާއާ އެކި ވާހަކަތައް ދައްކަމުން ގޮސް ރޭގައި ވީ ކަންތަކާ ބެހޭގޮތުން ސުވާލުކުރިއެވެ. ރޭގައި ޒާޔާއަށް އެގޮތަށް ކަންތައް ދިމާވި ސަބަބު ކިޔައިދިނުމުން ޝަޒާ އިރުޝާދު ދިނީ ކުރެވޭ ފިކުރުތަކުގެ މައްޗަށް އަމިއްލައަށް ބާރު ނުފޯރުވޭނަމަ އެ ތަކެއްޗާ ދުރުވެލުމަށެވެ.

 

ކުރީ ދުވަހެކޭ އެއްފަދައިން މިއަދު ވެސް ވާހަކަ ދެއްކުނީ ޒާޔާގެ ކެރިއަރ އާ ބެހޭގޮތުންނެވެ. ޝަޒާ ބޭނުންވެފައިވީ ޒާޔާ ހިތްހަމަޖެހޭފަދަ ވާހަކަތައް ދައްކައިގެން ޒާޔާގެ އަމިއްލަ ‘ކެރިއަރ’ އާ މެދު އެ ހިތުގައި އުފެދިފައިވި ނަފްރަތު ފިލުވާލުމަށެވެ.

 

“ދައްތަގެ ކެރިއަރގަ އެތައް ބައިވަރު މަސައްކަތްތަކެއް ކުރެވިފަ ހުންނާނެތާ ދޯ. މިސާލަކަށް މިހާރު ދައްތައަށް ފުރުސަތެއް ލިބުނީއޯ ކޭސްއަކަށް އެޓެންޑް ވާން؟ އެޓެންޑް ވާނަންތަ؟” ޝަޒާ އެހިއެވެ. “އެޓެންޑް ވިޔަސް ނުވިޔަސް ވާނީ ހަމަ އެއްގޮތެއްނު. ދައްތަގެ އެއްވެސް ބޭނުމެއް އެމީހުނަކަށް ނުޖެހޭނެއެއްނު.” އެއްވެސް އަސަރެއް ނެތްފަދަ ގޮތަކަށް ހިނިތުންވެގެން އިނދެ ޒާޔާ ބުންޏެވެ. ޒާޔާގެ ޖަވާބު އައި ގޮތުން ޒާޔާއަށް މުސްތަޤުބަލުގައި ކުރިއެރުން ލިބިދާނެކަމަށް އޭނާ އުއްމީދު ނުކުރާކަން ޝަޒާއަށް އެނގިއްޖެއެވެ. ފުލުހުންގެ އިދާރާގައި ޒާޔާއަކީ ކިހާ މުހިއްމު މީހެއްކަން ޒާޔާއަށް ވިސްނައިދޭން ޝަޒާ ބޭނުންވިއެވެ.

 

“ދައްތަ އެޓެންޑް ވެއްޖެއްޔާ ގައިމުވެސް ތަފާތު ފެންނާނެ. ބުނެދީބަ ދައްތަ އެޓެންޑްވި އެއްވެސް ކޭސްއެއް ކާމިޔާބެއް ނުލިބި ނިމިގެން ދިޔަތަ؟” ޝަޒާގެ ސުވާލު އަޑުއިވި މާޒީވި ދުވަސްތަކުގެ ހަނދާންތައް އާލާވާން ފެށިއެވެ. ކާމިޔާބުކަމާއެކު ކުރެވުނު ހުރިހާ މަސައްކަތްތަކެއް ޒާޔާގެ ހަނދާނަށް އަންނަން ފެށިއެވެ. އެހެނަސް، އެވާހަކަތައް ޒާޔާ މިހާރަކަށް އައިސް ނަންގަންނަން ވެސް ބޭނުން ނުވަނީ އޭނާއަކީ ވަރަށް ދަށް މީހެއްގެ ގޮތުގައި ޤަބޫލުކުރެވިފައިވާތީއެވެ. “ގިނަ ކޭސްތައް ވަރަށް ކާމިޔާބު.” ނުބުނަން ހިތުލައިގެން އިނދެ ވެސް ޒާޔާ ޖަވާބު ދިނެވެ. އެހިނދު، ޒާޔާ ޖަވާބު އެ ދިނީ ގަދަކަމުން ކަން ޝަޒާ ދެނެގަތެވެ.

 

“ދައްތަގެ ކެރިއަރ އަށް ދައްތަ ނަފްރަތު ކުރާއިރު ދައްތައަށް އިނގޭތަ…. ދައްތަގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ފަސޭހަވެގެން ދިޔަކަން؟” ޒާޔާގެ ލޮލުން އެހިނދު ކަރުނަ ތިއްކެއް ވެއްޓުނެވެ. “އެމީހުންގެ ދިރިއުޅުން ފަސޭހަވީމައެއްނު އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނީ.” ޒާޔާއަށް ރޮވެން ފެށުނެވެ. ޒާޔާ ރޯން އިން މަންޒަރު ބަލަން ޝަޒާގެ ދެލޮލަށް ފަސޭހައެއް ނުވިއެވެ. އެހެންވެ ޒާޔާގެ ގާތުގައި އިށީންދެ ޒާޔާގެ ބޮލުގައި ފިރުމައިދޭން ފެށިއެވެ.

 

“ހުއްޓާލަ ދައްތާ. ޝަޒާ ބުނާ ވާހަކައެއް ދައްތަ އަޑުއަހާނަންތަ؟” ޒާޔާގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލައިދެމުން ޝަޒާ އެހިއެވެ. ޝަޒާގެ ޢަމަލުތަކާއި ވާހަކަ ދެއްކުމުގެ ރާގުގައި އޯގާތެރިކަމާއި ކުލުނު އެކުލެވިގެންވެއެވެ. ޒާޔާ އެ އިން ގޮތަށް އިނދެ ބޯ ޖަހައިލިއެވެ.

 

“އެނގޭތަ ދައްތައަށް؟ ދައްތަ އަންހެނަކަށްވެ ހުރެ ދައްތައަށް ކޮމިޝަނަރެއްގެ މަޤާމް ލިބުނީ. އަނެއްކާ ދައްތަ ހުރިއިރު އެ އިދާރާގަ ކަންކަން ދިޔައީ ހާދަ ރަނގަޅަށޭ. އާއްމުންގެ ފަރާތުން ދައްތައަށް ދިޔައީ ތައުރީފު އޮހެމުން. ދައްތަ ރަށަކަށް ގޮއްސިއްޔާ އެރަށެއްގެ ބަޔަކު މަލުގެ ގުލްދަސްތާތައް ހިފައިގެން ދައްތަ ގާތަށް އަންނަނީ ދައްތަ ތީ ކިހާ މުހިއްމު މީހަކަށް ވީމަ.”

 

ޝަޒާ ވާހަކަދައްކަމުން ދިޔަ ވަރަކަށް ޒާޔާއަށް އެ ދުވަސްތައް މަތިން ހަނދާންވަމުން ދިޔައެވެ. ޝަޒާ އެބުނީ ތެދެކެވެ. ފިލްމީ ތަރިއަކަށް ނުލިބޭ ފަދަ މަޝްހޫރުކަމެއް ޒާޔާއަށް ލިބިފައިވާ ފަދައެވެ. އެންމެންގެ ލޯތްބާ އިޚްތިރާމް ޒާޔާއަށް ލިބިފައިވަނީ ޒާޔާގެ ރިވެތި އަޚްލާޤާ، އަމާނާތްތެރިކަމުގެ ސަބަބުންނެވެ. ވަކިން ޚާއްޞަކޮށް ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި ޒާޔާއަކީ މަޤުބޫލު ޝަޚްޞިއްޔަތެކެވެ.

 

“މިހާރު ދައްތަގެ ހިތުގަ ޝަކުވާތައް ވާނެ. ޝަޒާއަށް އެނގޭ އެކަން. އަޑުއަހައްޗޭ ދައްތާ.. މަދު ބައެއްގެ ސަބަބުން ތިމާ އަށް ދެރައެއް ލިބިފަވިޔަސް އޭގެ މާނައެއް ނޫން ބާކީ ތިބި އެންމެން އެގޮތް އެދޭނެޔޭ… މި ބުނަން އުޅޭ ވާހަކައަކީ، އެ އިދާރާގަ އުޅޭ ގިނަ މީހުން ދައްތަ އަލުން އަނބުރާ އެ މަޤާމަށް ގެންނަން ބޭނުންވޭ. ދައްތަ އިން މަޤާމަށް އެހެން މީހަކު އައުމުން އެމީހުނަކަށް ވެސް ކަމަކު ނުދޭ.” ޒާޔާއަށް ޝަޒާގެ މޫނަށް ބަލައިލެވުނެވެ. ޒާޔާގެ މޫނުމަތީގެ ކުލަވަރުތަކުން އެކަން އެހެނެއް ނުވާނެޔޭ ބުނާ ފަދައެވެ. ޒާޔާގެ އަތްތިލައިގައި މަޑުމަޑުން ހިފައިލަމުން ޝަޒާ ބޯ ޖަހައިލީ އޭނާ ބުނީ ތެދު ވާހަކައެއްކަން އަންގައިދިނުމަށެވެ.

 

“ނިކަން ވިސްނާލާފަ ބުނެދީބަ. ފަނަރަ އަހަރުގެ އަންހެން ކުއްޖަކު މަގުމަތީ ދަމަމުން ގެންދިޔަ ވަގުތު ދައްތަ އެތާ ހުރިންތަ؟” ޝަޒާ އެހިއެވެ. ޝަޒާ ކޮށްލި ސުވާލާއެކީ އިއްޔެ ވީ ކަމެއް ފަދައިން އެ ދުވަސް ޒާޔާގެ ސިކުނޑީގައި ކުރެހިގެން ދިޔައެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ ޒާޔާއަށް އާނއެކޭ ބުނެވުނީ އޭނާ ސަލާމަތްކޮށްދިން އަންހެން ކުއްޖާ މަތިން ހަނދާންވީމައެވެ.

 

“އެދުވަހު ދައްތަ ކަންތައް ކުރީ ކިހިނެއް؟” ޝަޒާ އެހިއެވެ. ދެ ލޮލުން ކަރުނަތައް ފުހެލުމަށް ފަހު ޒާޔާ އެދުވަހު އޭނާ ކަންތައް ކުރި ގޮތް ކިޔައިދޭން ފެށިއެވެ.

 

“ދައްތަމެނަށް އެތަނަށް ދެވުނީ ބޮޑު ފިރިހެނަކު އެކުއްޖާ މަގުމަތީ ދަމަމުން ގެންދަނިކޮށް. އާއްމުން ވެސް އެތަނަށް އެއްވެ ތިބި. އޭގެން އެކަކު ވެސް ނުބަލާ އެކުއްޖާ ސަލާމަތްކޮށްދެވޭތޯއެއް. ފަހަރުގަ އެ ފިރިހެންމީހާ ދެކެ ޖެހިލުންވާތީ ކަންނޭނގެ.. އެކަމަކު ގިނަ މީހުން ބެލީ އެ މަންޒަރު ވީޑިއޯ ކުރެވޭތޯ. ދައްތަ ވަގުތުން އެންގިން ވީޑިއޯ ކުރުން ހުއްޓައިލުމަށް. ސޯޝަލް މީޑިއާއަށް ވީޑިއޯ ލައިފި މީހަކަށް ފިޔަވަޅު އަޅާނަން ކަމަށް ވެސް ބުނިން. އަންހެން ކުއްޖާގެ ކުށެއް އޮތަސް ނެތަސް، އެކުއްޖާގެ ނަން ހަޑިވާނީ.. އަންހެން ކުއްޖާ ލަދެއްގަ ބެދިގެންދާނީ… ފިރިހެނެއް ވެއްޖެއްޔާ އެމީހަކު ބޭޒާރެއް ނުވާނެ.” ޒާޔާ ކިޔައިދެމުން ދިޔައެވެ. ފުން ވިސްނުމަކަށް ގެއްލެން އުޅުނުހެން ހީވި ވަގުތު، ޝަޒާ ކުރިއަށް ގެންދިއުމަށް ބުނުމުން އަނެއްކާވެސް ޒާޔާ ވާހަކަދައްކަން ފެށިއެވެ.

 

“ދައްތަ އެންގީ އޮފިސަރުންނަށް އަންހެން ކުއްޖާ ގައިގަ އަތް ނުލާ އެ ފިރިހެން މީހާ އެކުއްޖާގެ އަތުން ދޫކުރުވަން. ދައްތަ އެކަނި އަންހެނަކަށް ހުރީ ފުލުހުންގެ ތެރޭ. އެ މީހާގެ އަތުން އަންހެން ކުއްޖާ މިނިވަންވުމާއެކު ދުވެފަ އައީ ދައްތަ ގާތަށް. ދެންވެސް ފޯނުތައް ދިއްކޮށްގެން ތިބި ބަޔަކަށް އިންޒާރު ދީފަ ދައްތަ އެކުއްޖާ ގޮވައިގެން ދިޔައީ. ހުރިހާ ވާހަކައެއް އެކުއްޖާ ދައްތަ ގާތުގަ ތެދަށް ކިޔާދިން. އެ ކުއްޖާއަށް ކުރެވުނު ކުށް އެކުއްޖާ ޤަބޫލުކުރިކަން އެނގުނީމަ ދައްތަ ވަރަށް ލޯބިން އެކުއްޖާއަށް ވިސްނަދިނިން.” ޒާޔާ ކިޔައިދިނެވެ.

 

“ބަލަ.. އަނެއްހެން ބުނަންޏަ އެކުއްޖާ ނުވެސް ދަންނަ މީހެއް ދޯ ދައްތައަކީ. އެކަމަކު އެކުއްޖާއަށް ހުރިހާ ވާހަކައެއް ދައްތައަށް ކިޔާދޭން ފަސޭހަވީ ކީއްވެ؟ އެ ކުއްޖާއާމެދު ދައްތަގެ އަމަލުތައް ބެހެއްޓި ގޮތުން. އަދިވެސް ދައްތަދެކެ ލޯބިވާ އެތައް ބައެއް ތިބޭނެކަން ޔަގީން.. ޝެލީން ދޯ އެކުއްޖާއަށް ކިޔަނީ؟”

 

ޒާޔާއަށް އެކުއްޖާއަށް ކިޔާ ނަން ނޭނގޭ ކަމަށް ބުންޏެވެ. ޝަޒާ ދެއްކި ވާހަކަތަކާމެދު ޒާޔާއަށް ވިސްނެމުން ދިޔައެވެ. ޝަޒާ ބުނިހެން އޭނާދެކެ ލޯބިވާ އެތައް ބަޔަކު އެބަ ތިބި ހެއްޔެވެ؟ ޒާޔާއަށް އެކަމާމެދު މިހާރު ޝައްކު ކުރެވެއެވެ. ބަޔަކު ޙަޤީޤަތުގައި އޭނާއަށް އިޚްތިރާމާ ޤަދަރު ކުރި ނަމަ އޭނާގެ ދިރިއުޅުން މިއަދު މި ފައްތަރުގައި ނުވީހެވެ.

 

ކޮންމެއަކަސް ޒާޔާއަށް އިނދެވުނީ ޝައްކެއްގެ މަތީގައެވެ. ޒާޔާ އެހެން އިންދާ ސިޓިންގް ރޫމަށް ވަތް ޒުވާނާ ފެނި ކޮޅަށް ތެދުވެވުނެވެ. ނުވެސް ދަންނަ މީހަކު އެ ގޭތެރެއަށް ވަނުމުން ޒާޔާގެ ހިތުގައި ސުވާލުތައް އުފެދިއްޖެއެވެ. އަނެއްކާ އޭނާ ކުރިމަތީ އެ ހުރީ އޭނާ މަޤާމުން ވަކި ކުރިކަމުގެ ލިޔުން އޭނާގެ މޭޒުމައްޗަށް ޖެހި މީހާ ހެއްޔެވެ؟

 

-ނުނިމޭ-

 

 

 

 

Share Article

Follow Me Written By

H noora

Level 110 Stories

Reading and writing is my passion. What motivates me more is the comments I get from readers & their support. Lots of love to the readers <3 <3 <3

Other Articles

Previous

ތިޔަ ނަން މި ހިތުގާ 28

Previews
July 1, 2026

ތިޔަ ނަން މި ހިތުގާ 28



All Right Reserved!