ޒާޔާ – 2 (ބާރަވަނަ ބައި)
ޒަމްލާގެ ޙަޔާތަށް އަންނަން އުޅޭ ވަރުގަދަ ތޫފާނުގެ ވާހަކަ ޒާޔާ ގާތުގައި ބުނާނީ ކިހިނެތް ހެއްޔެވެ؟ ލިއަމް ގާތުގައި އެވާހަކަ ބުނާނީ ކިހިނެތް ހެއްޔެވެ؟ ވިސްނަންޖެހޭ ކަންތައް އިންތިހާއަށް ގިނައެވެ. ކުރިއާ ޚިލާފަށް މިއަދު މަލައިކާ ބަލިކަށިވީ ހިނދު އޭނާ ގާތުގައި ހިތްވަރުދޭކަށް މާލިކެއް ނެތެވެ. މަލަކާއެއް ނެތެވެ. މަލައިކާގެ ބާރުތައް ކިތަންމެހާ ގަދަވިޔަސް، އެ ހިތް ބަލިކަށިވެގެން ދިޔުމުގެ ސަބަބުން ނާއުއްމީދުގެ ބަނަ ވިލާތަކުން މަލައިކާގެ ޙަޔާތް އަނދިރިވެގެން ހިނގައްޖެއެވެ.
ޒާޔާގެ ފަރުވާ ފެށި ރަނގަޅު މިޞްރާބަކަށް ޒާޔާގެ ދިރިއުޅުން ވާޞިލުވަމުން ދަނިކޮށް ދެންވެސް ޒާޔާ އެ ބަލިމަޑުކަމުގެ ތެރެއަށް ވެއްޓިގެން ދާކަށް މަލައިކާ ނޭދެއެވެ. އަދި ޒާޔާގެ އާއިލާ އަށް އެއްވެސް ދެރައެއް ލިބުމަކަށް ނޭދެއެވެ. ޒާޔާއެކޭ އެއްފަދައިން ރަނގަޅު އެހެން އިންސިއަކަށް ވެސް ދެރައެއް ލިބުމަށް އެ ހިތެއް ނޭދެއެވެ.
އުމެއިރާ ހަނގުރާމަކުރުމަކީ މަލައިކާ ކިތަންމެ ބާރުގަދަ ވިޔަސް އޭނާއަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަން އެނގެއެވެ. ކޮންމެވެސް ބައެއްގެ އެހީތެރިކަން އޭނާއަށް ވެސް ބޭނުމެވެ. ރުޤްޔާ ކޮށްދޭ މީހެއްގެ ގާތަށް ގޮސް އެހީއަށް އެދުމަށް މަލައިކާ ހިތަށް އެރިއެވެ. އެކަމަކު އެހެން ކަންތައް ކޮށްފިއްޔާ ޒާޔާގެ ނަން އެހާ ރީއްޗެއް ނުވާނެކަން ދެވަނަ ސިކުންތުގައި މަލައިކާއަށް ވިސްނިއްޖެއެވެ.
ހަދާނެ ގޮތެއް ނޭނގި މާޔޫސްވެ އުއްމީދު ކެނޑުނު ހިނދު އެ އުއްމީދަށް ދިރުން ގެނުވައިދިނީ މަލައިކާގެ ބޯ މަތިން އުދުހެމުން ދިޔަ ވަރުދާއެވެ. މަލައިކާ މައްޗަށް ނުބެލި ގޮތުން ކޮންމެވެސް ކަމެއް ވެގެން މަލައިކާއަށް ވަރުދާ މަތީގައި ހުރިކަން ނޭނގުނީކަން އޭނާއަށް އެނގިއްޖެއެވެ. އެހެންނޫނީ މަލައިކާއަކީ، އެހެން މަޚުލޫޤާތެއްގެ ހިލަމެއް ވިޔަސް އެކަން އެނގޭ ޖިންނިއެކެވެ.
ފިޔަގަނޑު ލައްޕައިލަމުން މަލައިކާގެ ކުރިމައްޗަށް ތިރިވި ވަރުދާ ފެނުމާއެކު މަލައިކާ އިސްޖަހައިލިއެވެ. ސިއްރު ސިއްރުން ކަރުނަތައް ފުހެލީ ވަރުދާ ކުރިމަތީ ބަލިކަށި ޖިންނިއަކަށް ނުވުމުގެ ބޭނުމުގައެވެ. “ކީއްކުރަން ތި އައީ؟” މަލައިކާ އެހިއެވެ. އެ އަޑުގައި ކުރަކިކަން ވިއެވެ.
“މާޔޫސްނުވޭ މަލައިކާ. އެހީވެދޭން މި އައީ.” ވަރުދާ ބުންޏެވެ. މަލައިކާއަށް އެ ވާހަކަ ޤަބޫލުކުރަން ދަތިވިއެވެ. “ތިހާ އަމިއްލަ އެދުން ބޮޑު ޖިންނިއެއް ކިހިނެތް އަހަންނަށް އެހީވާނީ؟” މަލައިކާ އެހިއެވެ. “ތިހެން ނުބުނޭ މަލައިކާ. އިނގޭތަ؟ މަލައިކާއަށް ލިބިފަ ތިހިރަ ބާރުތަކާ، ރިވެތި ސިފަތައް ފެނިއްޖެއްޔާ ހިތެއް އޮތް ޖިންނިއަކު ވެސް ބަދަލުވެދާނެ.” ވަރުދާގެ ފަރާތުން އެ އިވުނު ވާހަކަތަކުގެ ސަބަބުން މަލައިކާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ.
“އަހަރެން ދިރިހުރިހާ ހިނދަކު އެ އުމެއިރަކަށް އެއްވެސް އިންސިއަކާ ކައިރިއެއް ނުވެވޭނެ.” ވަރުދާ ބުންޏެވެ. އޭރު އޭނާގެ އަޑުގައި ރުޅިވެރިކަމުގެ އަސަރުތައް ވިއެވެ. “އުމެއިރު ދަންނަންތަ؟” މަލައިކާއަށް ސުވާލުކުރެވުނެވެ. “މާ ރަނގަޅަށް ވެސް ދަންނަން. އަހަންނަށް ދޯކާ ދީފަ ހުރި ޖިންނިއެއް އެއީ. ލޯބިވަނީ އަހަރެންދެކެއޭ ބުނެ އެހެން އިންސިން ފަހަތުން އޭނަ ދުވީ ސިހުރުވެރިން އޭނައަށް ކިޔަމަންވާކަމަށް ބުނެ.” ވަރުދާ ބުނި ވާހަކައިން، ވަރުދާ އިންސާނުންނަށް އެހާ ނަފްރަތުކުރާ ސަބަބު މަލައިކާއަށް ސާފުވެއްޖެއެވެ.
ދެ މަޚުލޫޤުން އެކީ އުޑާއި ދިމާލަށް އުދުއްސައިގަތީ ދުވަހުގެ ޢިޝާ ނަމާދަށް ބަންގި ގޮވަން ގާތްވެފައިވި ވަގުތުގައެވެ.
***********
ރޭގަނޑުގެ ވަގުތު ޒާޔާގެ ގޭގެ ހަމަޖެހުން ނަގާލާފައިވީ ގޭތެރެއަށް ވެރިވެފައި އޮތް މަޑުމޮޅިކަމެއްގެ ސަބަބުންނެވެ. ޒާޔާގެ ކޮޓަރީގައި އެ ގޭގައި ދިރިއުޅޭ އެންމެންގެ އިތުރުން ޝަޒާ އާއި ހަސްނައިން ވެސް ހުއްޓެވެ. ޒާޔާއަށް ނިދިފައި އޮތްއިރު ޒާޔާގެ ގާތުގައި ޒާޔާގެ ބޮލުގައި ފިރުމައިދޭން ނިހާން އިނެވެ. އެހެން އިންއިރު ދޭތެރެއަކުން އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވެ އެ ކަރުނަތައް އޮހޮރިގެން ދެއެވެ. ލާއިމް މަންމަ ކައިރީ އެނދުގައި އިށީންދެލައިގެން އިންއިރު ޒާމިލްމެން ތިބީ ކޮޅަށެވެ.
އެންމެން ވެސް ތިބީ ބުނެދޭން ނޭނގޭހާ ހިތްދަތި ޙާލެއްގައެވެ. ދަރިފުޅު ކުރަމުންދާ ހިތާމަތަކާއި ތަޙައްމަލު ކުރަމުންދާ ވޭންތައް ފެނި ބައްޕަގެ ހިތުގައި ރިއްސާ ރިއްސުމާއެކީ އެ ދެލޮލުން ދަރިފުޅަށް ޓަކައި ކަރުނަ އޮހޮރޭ މަންޒަރު ބަލަން އެ ކޮޓަރިތެރޭ ތިބި އެކަކަށް ވެސް ފަސޭހައެއް ނޫނެވެ. ޒާޔާގެ ދަރިންގެ ޙާލަކީތޯއެވެ. ލޮލުން ކަރުނަ ތިއްކެއް ނުފެނުނަސް މަންމައަށް ޓަކައި ދެ ދަރީންގެ ހިތް ވެސް ރޮނީއެވެ.
މީގެ އެއްގަޑިއިރު ކުރިން ނިދިޖެހިފައި އޮތް ނިހާނަށް މީހަކު ބާރަށް ރޮމުންދާ ކަހަލަ އަޑެއް އިވިގެން ހޭލެވުނީއެވެ. އެއީ ޒާޔާގެ އަޑުކަން އޭނާއަށް އެނގުނު ހިނދު ހުރެވުނުތަން ވެސް އޭނާއަށް ނޭނގުނު ފަދައެވެ. ފަޔަށްވަމުން ދިޔަ ތަދަކަށް ނުބަލާ ކޮރު ޖަހަމުން ވިޔަސް ކޮޓަރިން ނުކުމެ ޒާޔާގެ ކޮޓަރިއާ ހަމައަށް ދިޔައެވެ. އޭރު އެ ކޮޓަރިތެރެއިން ވަރަށް ރީތިކޮށް ޒާޔާގެ އަޑު އިވެމުން ދެއެވެ. އެ އަޑު ކަންފަތުގައި ޖެހުނު ހިނދު ޒާޔާ ރޮނީއެއް ނޫންކަން ނިހާނަށް އެނގިއްޖެއެވެ. އެ ދޮރު ތަޅުލާފައި ހުރުމުގެ ސަބަބުން ނިހާން ޒާޔާއަށް ގޮވަން ފެށިއެވެ. ގޮވާ ގޮވާ ޒާޔާ ދޮރު ނުހުޅުވުމުން ނިހާންގެ ހާސްކަން ދެގުނަވެގެން ދިޔަ ފަދައެވެ. އޭނާ އަވަހަށް ޒާމިލްމެނަށް ގުޅިއެވެ.
ނިހާން ގުޅި ފަހުން ދިހަ މިނެޓްތެރޭ ޒާމިލް ގެއަށް އައެވެ. ޒާމިލް ވެސް ހުރީ ހާސްވެފައެވެ. މަންމަގެ އަޑު އިވެމުން ދިޔަ ގޮތުން މަންމައަށް ކަމެއް ދިމާވެއްޖެކަން ޒާމިލަށް ޔަޤީންވެގެން ދިޔައެވެ. ކާފަ ކައިރީ ޝަޒާމެނަށް ގުޅަން ބުނުމަށް ފަހު ޒާމިލް އެ ދޮރުގައި، އޭނާއަށް ލެވުނު ބާރެއް ލާފައި ފައިން ޖަހަން ފެށިއެވެ. ދޮރު ވައްޓައިލުމުގެ ބޭނުމުގައެވެ. ހަތަރުވަނަ ފަހަރަށް ޖަހާ ފަސްވަނަ ފަހަރަށް އެ ދޮރުގައި ފައިން ޖެހި އިރު ބާރު އަޑަކާއެކީ އެ ދޮރު ހުޅުވިގެން ދިޔައެވެ. ޒާޔާ އިން ޙާލު ފެނި ޒާމިލް ދުވެފައި ޒާޔާ ގާތަށް ދިޔައެވެ.
ދަރިފުޅު އިންގޮތް ލޮލަށް ފެނި ނިހާނަށް ޝޮކެއް ނުޖެހުނީ ކިރިޔާއެވެ. ނިހާންގެ ދެލޮލަށް ޒާޔާ ފެނުނުއިރު ޒާޔާ އުޅެނީ ނޭވާ ނުލެވިގެންނެވެ. ބާރުބާރަށް ޒާޔާ ނޭވާ ލަމުން ދިޔަޔަސް ނޭވާ ހަމައަކަށް ނޭޅެއެވެ. މޭމަތީ ބާރަށް ހިފަހައްޓައިގެން ނޭވާނުލެވިފައި އިން ޒާޔާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.
ޒާމިލް، އޭނާގެ މަންމަ ނަގައި އެނދުގައި ބޭއްވި ވަގުތަކީ ޝަޒާ، ޑޮކްޓަރަކާއެކީ ދުވެފައި އެކޮޓަރިއަށް ވަތް ވަގުތެވެ. އޭރު ހަސްނައިން ވެސް ހާސްކަންމަތީ ހުރެ އެމީހުންގެ ފަހަތުން އެ ކޮޓަރިއަށް ވަނެވެ. ލާއިމަށް އާދެވުނީ ވެސް އެވަގުތުގައެވެ.
ޑޮކްޓަރުގެ އެހީތެރިކަމާއެކީ ޒާޔާ ހަމައަކަށް އަޅުވަން ޝަޒާ އުޅުނެވެ. ދަރިފުޅަށް ވަމުން ދިޔަ ގޮތްތައް ބަލަން ނިހާންގެ ދެލޮލަކަށް ކުޅަދާނަކަމަކަށް ނުވިއެވެ. ޒާމިލާއި ލާއިމް ކާފަގެ ގާތުގައި ހުއްޓުނެވެ. އަދި މަންމައަށް މާބޮޑުކަމެއް ނުވެއޭ ޒާމިލް ބުންޏެވެ. ކާފަގެ މޫނުމައްޗަށް ވެރިވެފައިވި ހާސްކަން އެއްފަރާތްކޮށްލުމުގެ ނިޔަތުގައެވެ. ހަސްނައިންއަށް ވެސް ދެރަވެފައި ޒާޔާއަށް ބަލަން ހުރެވުނީއެވެ.
މަޑުމަޑުން ޒާޔާ ހަމައަކަށް އެޅެމުން ގޮސް އެއްކޮށް ނޭވާ ހަމައަކަށް އެޅިއްޖެއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޒާޔާ ކުރާ ފިކުރުތަކުން ޒާޔާގެ ސިކުނޑި ދުރުކުރަން އެބަޖެހޭކަމަށް ޝަޒާ ބުންޏެވެ. ޝަޒާގެ އިރުޝާދާ އެއްގޮތަށް ޑޮކްޓަރ، ޒާޔާގެ އަތަށް ނިންދަވާ އިންޖެކްޝަނެއް ޖެހިއެވެ. މިނެޓްތަކެއްގެ ތެރޭ ޒާޔާގެ ދެލޯ މަޑުމަޑުން މެރެމުން ގޮސް، އޭނާއަށް ނިދިއްޖެއެވެ.
********
“ޒާމިލް. ކޭން ޔޫ ކަމް ވިތް މީ؟” ޒާޔާއަށް ބަލަން ހުރެ ޝަޒާ އެހިއެވެ. ޒާމިލަށް ޝަޒާގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު އެ ދެލޮލުން ވަރުބަލިކަމާ ހިތްދަތިކަމުގެ އަސަރުތައް ޝަޒާއަށް ފެނުނެވެ. ޝަޒާ އެ ކޮޓަރިން ނުކުތުމުން ޒާމިލް ވެސް މަންމައަށް ނަޒަރެއްދީފައި އެ ކޮޓަރިން ނުކުތެވެ. ޒާމިލް ނުކުތުމާއެކު ލާއިމް ވެސް އެ ކޮޓަރިން ނުކުތެވެ.
“ވަރަށް ބޮޑުކަމަކާ ޑިސްކަސް ކުރަން ވެފަ އޮތީމަ. ލާއިމް ވެސް އާދޭ.” ދުރުގައި ހުއްޓި ހުރި ލާއިމް ފެނުމާއެކު ޝަޒާ ބުންޏެވެ. “ދައްތައަށް ޕެނިކް އެޓޭކެއް އެ ޖެހުނީ. ދައްތަގެ މައިންޑް އަމިއްލައަށް ކޮންޓްރޯލް ނުކުރެވުނީމަ މާ ބޮޑުވަރު އެވީ. ކުރިން ވެސް ދައްތަ އެގޮތަށް ހާސްވޭތަ؟” ޝަޒާ އެހިއެވެ. އެއާއެކު އެކަހަލަ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ޒާމިލް ބުންޏެވެ.
“ފެންނަ ފެނުމަށް މަންމަ ރަނގަޅުކަމަށް ދައްކަނީ މިހުރިހާ ދުވަހު. ދެން ކީއްވެ ކުއްލިއަކަށް އެހެން ވާނީ؟” ލާއިމް ސުވާލު ކުރިއެވެ. “ވެދާނެ. މާ ބޮޑަށް މީހާ ސްޓްރެސް ވެގެން އަމިއްލައަށް މައިންޑް ކޮންޓްރޯލް ނުކުރެވިއްޖެއްޔާ އެކަހަލަ ޙާލަތަކަށް ގޮސްފާނެ. އެންޒައިޓީ ތަހައްމަލު ކުރާ މީހުނަށް ވެސް އެކަހަލަ ޙާލަތަކާ ކުރިމަތިވެދާނެ.” ޝަޒާ ކިޔައިދިނެވެ.
އެއްވެސް މީހަކު ވާހަކައެއް ނުދައްކާ މިނެޓްތަކެއް ހޭދަވެގެން ދިޔައެވެ. އަނެއްކާވެސް ޝަޒާ ވާހަކަދައްކަން ފެށިއެވެ. ޝަޒާ ވާހަކަދައްކަމުން ދިޔައިރު، ޒާޔާ އޭނައާ ޚިއްޞާކޮށްފައިވާ ވާހަކަތަކާ، ޝަޒާއަށް ޝައްކު ކުރެވޭ ކަންތައްތައް ޒާމިލްމެނަށް ސާފުކޮށް ކިޔައިދިނެވެ. އެ ވާހަކަތައް ކިޔައިދެމުންދިޔަ ވަރަކަށް ޒާމިލްގެ ހިތުގައި އިޒްވާއާމެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބިގެން ހިނގައްޖެއެވެ. އެހެނަސް، އަދިވެސް ޔަޤީނާ ގާތަށް އެއްވެސް ކަމެއް ވިސްނައެއްނުގަނެވުނެވެ.
“ކާކު ފުލުހުންގެ މީޑިއާ ކަންކަމާ ހަވާލުވެ ހުންނަނީ؟” ޝަޒާ އެހިއެވެ. “ބަލަން ޖެހޭނީ. އަހަރެން މަސައްކަތްކުރަނީ ވަކި ޑިޕަރޓްމެންޓެއްގަ..” ޒާމިލް ބުންޏެވެ. “އެހާވަރަކަށް ނުބަލަން ވެބްސައިޓެއް. އެކަމަކު ވެބްސައިޓެއްގައި ވެއްޖެއްޔާ ހުރިހާ މައުލޫމާތުތަކެއް ފުރިހަމައަށް ހުންނަން ވާނެ.” ޒާމިލް އިތުރަށް ވާހަކަދެއްކިއެވެ. ޒާމިލް އާއި ޝަޒާއާ ދެމެދު ދެކެވެމުން ދިޔަ ވާހަކަތައް ކަނުލައި އަޑުއަހަން ލާއިމް އިނެވެ.
“ބަލާލަދެއްޗެ ކާކުތޯ ހުންނަނީ… ކާކު ކޮމިޝަނަރ އަކީ؟” ޝަޒާ ސުވާލުކުރުމާއެކީ ޒާމިލްގެ ހިތުގައި އިޒްވާގެ ސޫރަ ކުރެހުނެވެ. އިޒްވާއާމެދު ޒާމިލްގެ ހިތުގައި ޝައްކުތަކެއް ވެސް އުފެދިގެން ހިނގައްޖެވެ. “އިޒްވާ. ފުރިހަމަ ނަމެއް ނޭނގެ.” ޒާމިލް ބުންޏެވެ. ދެމީހުންގެ ވާހަކަތައް އަޑުއަހަން އިން ލާއިމަށް ވެސް ވާހަކަ ދެކެވުނީ އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދެމުން ދިޔައީތީއެވެ. “ހާދަ އެހެންކަހަލަ ކަމެކޭ. ގައިމު ކޮމިޝަނަރ އެއް. އަނެއްކާ ވެބްސައިޓުގަ ވެސް އެމީހަކާ ބެހޭ އެއްވެސް މައުލޫމާތެއް ނެތޭ ތިބުނީ.” ޝަޒާ، ލާއިމްއާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
ތިން މީހުން މަޝްވަރާ ކުރަން އިންދައި ހަސްނައިން ޝަޒާއަށް ގޮވާ އަޑު އިވުމުން ޝަޒާ އަވަހަށް ޒާޔާގެ ކޮޓަރިއަށް ދިޔައީއެވެ.
ޒާމިލް އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ލާއިމް ވެސް އިނީ ބުނާނެ ބަހެއް ނޭނގިފައެވެ. މަންމައަށް އެ ދިމާވި ކަންތައްތަކަކީ އެމީހުން ގާތުގައި ބުނެފައިވާ ވާހަކަތަކެއް ނޫނެވެ. ބުނިހާ ވެސް ވާހަކައަކީ ބައްޕަމެން ގެއްލުނު ވާހަކައެވެ.
“ޒާބޭ. ޝަޒާ ބުނިހެން ކޮންމެވެސް ބަޔަކު މިކަމުގެ އަޑީގަ އެބަތިބި. އަނެއްކާ އެ ބުނީތާ ކޮންމެވެސް އަންހެނެކޭ މަންމަ މަގާމުން ވަކިކުރިކަމުގެ ލިޔުން ދިނީ.” ލާއިމް ބުންޏެވެ. ޒާމިލް ވިސްނަން އިނދެފައި ލާއިމަށް ބަލައިލިއެވެ. “ކޮންމެވެސް އަންހެނެއް ދޯ. އަހަންނަށް އިޒްވާއާ ދޭތެރޭ ޝައްކުވޭ އެބަ. މަގޭ ނަން އޭނާއަށް އެނގުނީމަވެސް އޭނަ މޫނުމައްޗަށް އެރި ކުލަ އަހަރެން ދުށީމޭ.” ޒާމިލް ބުންޏެވެ. އޭނާގެ އަޑުގައި ކޮންމެވެސްވަރަކަށް ނުރުހުންވުމުގެ އަސަރުތައް ވިއެވެ. “އިންވެސްޓިގޭޓް ކުރޭ. ހުރިހާ ކަމެއް ބަލާ ރަނގަޅަށް. ހަނދާންކޮށް ކަމެއް ޔަޤީން ނުވަނީސް އެއްވެސް މީހެއްގެ ބޮލުގަ ތުހުމަތެއް ނާޅުވާތި.” ލާއިމް ބުންޏެވެ. ޒާމިލް ބޯ ޖަހައިލިއެވެ.
************
ޒާޔާ ގާތުގައި އިރުކޮޅަކު މަޑުކޮށްލުމަށް ފަހު ޒާމިލް އޭނާގެ ކޮޓަރިއަށް ވަނެވެ. ފެންވަރާ ތާޒާ ވެލައިގެން އޮށޯވެ ފޯނު ހުޅުވައިލީ އެ ވެބްސައިޓް ބަލައިލުމުގެ މަޤްޞަދުގައެވެ. ޝަޒާމެން އެ ބުނީ ތެދެކެވެ. ކޮމިޝަނަރާ ގުޅޭ އެއްވެސް މައުލޫމާތެއް އޭގެން އެނގޭކަށް ނެތެވެ. ކުޑަމިނުން ފޮޓޮއެއް ވެސް ‘އަޕްލޯޑް’ ކޮށްފައި ނެތެވެ.
އިޒްވާއާ ދޭތެރޭ އުފެދެމުން ދިޔަ ޝައްކު ޔަޤީނާ ގާތްކުރަން ޒާމިލް ބޭނުންވެފައިވިއެވެ. އެކަން ވާނީ އޭނާ ވެސް ގަދައަޅައި މަސައްކަތްތަކެއް ކޮށްގެންކަން އެނގެއެވެ. ބައްޕައާއި ކޮއްކޮ އެއްދުވަހެއްގައި ގެއްލުމާ، މަންމަ އެދުވަހު މަޤާމުން ވަކިކުރުން، މިހިރަ މިހިރަ ކަންތައްތަކަކީ އިއްތިފާޤެއް ނޫންކަމަށް ޒާމިލްގެ ހިތާއި ސިކުނޑި އެއްބަސްވެއެވެ. އެރެއިން އެރެއަށް ޒާމިލްގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނީ އޭނާގެ އާއިލާއަށް ކުރިމަތިވެފައިވާ ކަންތައްތަކުގެ ފަހަތުގައި ތިބި މީހުން ހޯދާ އެމީހުންނަށް ޙައްޤު އަދަބު ދިނުމަށެވެ.
**********
ފުރަ މެންދަމުގެ ވަގުތު މުޅި ‘މޫންލައިޓް’ ހީވަނީ ނިދާފައިވާހެނެވެ. އެއްވެސް އިންސާނެއްގެ ހިލަމެއް ނެތެވެ. އަނދިރިކޮށްފައިވި ގޭތެރެއަށް ބޭރުން އުދުހެމުން އައި އުމެއިރު ވަދެގަތެވެ. އޭތީގެ ނަޒަރު ސީދާވެފައިވީ ޒަމްލާގެ ކޮޓަރި ދޮރާ ދިމާލަށެވެ.
**********
ފިކުރުތަކުން ފުރި ބާރުވެފައިވި ސިކުނޑިއަށް ވަރުބަލިކަން އިޙުސާސްކުރެވުމުން ޒަމްލާ އޮތީ ނިދިޖެހިފައެވެ. ދޭތެރެއަކުން އެ ދެލޯ ހުޅުވޭގޮތުން ޒަމްލާއަށް ރަނގަޅަށް ނުނިދޭކަން އެނގެއެވެ.
ސިހިފައި ޒަމްލާއަށް ދެލޯ ހުޅުވައިލެވުނީ ކޮޓަރި ދޮރު ލެއްޕި އަޑު އިވުނީމައެވެ. ކާކުތޯ ބަލައިލަން ބޯ ހިއްލައިލިއިރު ޒަމްލާއަށް ބިރުން އޮތްތަނުން ތެދުވެވުނެވެ. އެއީ އޭނާއަށް ދުވަހަކުވެސް ފެނިފައިވާ ސޫރައެއް ނޫނެވެ. އަނެއްކާ އިޒްވާ ބުނެގެން މި ކޮޓަރިއަށް ވަތް މީހަކީބާވައެވެ؟
އެ ޒުވާނާ ހުރީ ޒަމްލާއަށް ބަލަހައްޓައިގެންނެވެ. ރީތި ހިނިތުންވުމެއްގައެވެ. ޒަމްލާ ބިރުން އެ ޒުވާނާއަށް ބަލަހައްޓައިގެން އިން ގޮތް އޭނާއަށް ލޯބިވިއެވެ. ޒަމްލާގެ މޫނުމަތިން ވަރުބަލިކަމުގެ ލިސާންތައް ފެންނަން ހުއްޓަސް، އެ ދެލޯ ފެނުމުން ހީވީ ދަމާބާރަކުން އެ ޒުވާނާ ޒަމްލާ ކައިރިއަށް ގެންދަން އުޅޭހެންނެވެ.
ޒަމްލާއަކަށް ހަދާނެ ގޮތެއް ނޭނގުނެވެ. އެނގޭކަމަކީ އޭނާ ބިރުގަންނަކަމެވެ. ކުރިމަތީ އެހުރީ ކޮންތާކުން އައި މީހެއް ކަމެއް ޒަމްލާއަކަށް ނޭނގެއެވެ. ޒަމްލާ އިތުރަށް ބިރުގަންނަން ފެށީ އެ ޒުވާނާ މަޑުމަޑުން އެނދާ ގާތަށް ފިޔަވަޅުތައް އަޅަން ފެށީމައެވެ.
ދެ ތިން ފިޔަވަޅު އުމެއިރަށް އެޅުނު ހިނދު ކުއްލިއަކަށް ޒަމްލާ ނިދިގެން އެނދަށް ވެއްޓިއްޖެއެވެ. ހައިރާންވެފައި ހުރި އުމެއިރަށް ވީގޮތް ނަގައިގަންނަން ސިކުންތުކޮޅެއް ނެގިއެވެ. އެހިނދު އޭނާގެ ރުޅިގަނޑު ހީވީ ފަޅައިގެންދިޔަހެންނެވެ. އައި ރުޅިގަނޑުގައި އޭތީގެ އަސްލު ސޫރައަށް ރުޖޫޢަވެއްޖެއެވެ.
އޭތީގެ ފޭރާ ދަތްތައް ނެރެމުން ހަށިގަނޑުގައި ބޯވެފައި ހުރި ކެހެރިތައް ވިނަވައިލިއެވެ. އަމިއްލަ މޭމަތީ ޖަހަޖަހާފައި އޭތި ހަޅޭއްލަވަން ފެށިއެވެ. “ބުނިން ކަންނޭނގެ އަހަރުން ދެމީހުން ދެމެދަށް ނުވަންނަން!” އުމެއިރުގެ އަޑު ބަރުވެފައި، ވަރުގަދައެވެ. “މައުސޫމް އިންސާނެއްގެ ދިރިއުޅުން ހަލާކު ކުރަން ނޫޅޭ.. އެތައް ބައެއްގެ ދިރިއުޅުން ހަލާކުކޮށްލެވުނުއިރު ވެސް ތި ހިތެއް ނުފުރޭތަ؟” ވަރުދާ ވާހަކަދެއްކިއެވެ. ވަރުދާ ހުރީ އުމެއިރަށް ނުފިލޭނެހެން އުމެއިރާ ޒަމްލާގެ މެދުގައި އަލި ހުރަސްކޮށްގެންނެވެ.
އަލިގަދަ އައްޔަކުން އެ ދެމެދު ފަރުދާވެފައި ވިޔަސް އުމެއިރަށް އަލިގަނޑުގެ ފަހަތް ފެންނަމުން ދިޔައެވެ. ޒަމްލާ ނިދާފައި އޮތް އެނދު ވަށައިގެން ޖިންނީންގެ ބައިގަނޑެއް ކޮޅަށް ތިއްބެވެ. ހީވާގޮތުން އެއީ ވަރުދާ ގެންގުޅޭ ލަޝްކަރުގެ ބައެކެވެ. ޖިންނީން އެނދުގެ ވަށައިގެން ތިބިއިރު ހަނި ދޭތެރެއަކުން ޒަމްލާ ގާތުގައި މަލައިކާ އިން ތަން އުމެއިރަށް ފެނުނެވެ.
“އެންމެން މަރާލާނަން. ޒަމްލާ ލިބޭނީ އަހަންނަށް. މަގޭ މިލްކެއް އެއީ.” މަލައިކާ ފެނުނު ހިނދު އައި ރުޅިގަނޑުގައި އުމެއިރު ހަޅޭއްލަވަން ފެށިއެވެ. “ދޮގު ނުހަދާ. ކަލޭގެ މިލްކަކަށް އެކުއްޖާއެއް ނުވޭ.” ވަރުދާ ބުންޏެވެ. ވަރުދާ ވާހަކަދެއްކިއިރު އޭނާގެ އަޑު އައީ ދެ އަންހެން އަޑު އެކުއެކީގައެވެ.
މަންޒަރު ބަލަން ނުހުރެ އުމެއިރު އޭނާގެ ކެހެރި ބޯ އަތުން ބިންމަތީގައި ޖެހިއެވެ. އެހިނދު، ވަރުދާ ދޫކޮށްގެން ހުރި އަލިގަނޑު އެކީ ނިވިއްޖެއެވެ. ވަރުދާ ވެސް ބަލަން ނުހުރެ އޭނާގެ ހުދު އިސްތަށިގަނޑު ދިގުކޮށް އުމެއިރުގެ ކަރުގައި އޮޅަން ފެށިއެވެ. އުމެއިރުގެ ކަރަށް ތަދު އިޙުސާސް ނުވާ ފަދައެވެ. އެހުރިގޮތަށް އޭނާ ހުރީއެވެ. އުމެއިރަށް އެއްވެސް ކަމެއް ނުވާކަން އެނގުމުން ވަރުދާ އިތުރަށް އޭނާގެ އިސްތަށިގަނޑުން އުމެއިރުގެ ކަރަށް ބާރުކުރަމުން ދިޔައެވެ. އުމެއިރު ބަލަން ނުހުރެ އޭތީގެ ނިޔަފަތިގަނޑުން، އޭތީގެ ކަރުގައި އޮޅެމުން ދިޔަ އިސްތަށުގަނޑު ބުރިކޮށްލިއެވެ. ބޮލަށް އެރި ކުއްލި ތަދާއެކު ވަރުދާ ހުރިތަނަށް ވެއްޓުނެވެ.
ވަރުދާއަށް ސަމާލުވެގެން ތިބި ބައިގަނޑަށް ވަރުދާ ކައިރިއަށް ދެވުމުގެ ކުރިން މަލައިކާ ވަރުދާ ކައިރިއަށް ދިޔައެވެ. މަލައިކާއަށް ލިބިފައިވާ އެންމެ ބޮޑު ބާރަކީ އެއީއެވެ. އެއީ، އަލި ދަތުރުކުރާހާ ބާރުމިނުގައި، އޭނާއަށް ތަންތަނަށް ދެވުމެވެ.
ވަރުދާ ކައިރިއަށް ތިރިވެ އިން މަލައިކާގެ ރުޅިވެރި ނަޒަރު އަމާޒުވީ ނުލަފާ ހީނލުމަކުން ހީލައިގެން ހުރި އުމެއިރަށެވެ. އެ ދެލޯ ރަތްވެ ދިއްލުނުއިރު ހީވީ ރަތްކުލައިގެ ބޮތްކެއް ދިއްލިފައިވާހެނެވެ. މަލައިކާގެ ސޫރަ، ބިރުވެރި ސޫރައަކަށް ބަދަލުވެގެން ދިޔަ ހިނދު އޭނާގެ މުޅި ހަންގަނޑުގައި، ފާރުގެ ތަންތަން ކަނޑައިގެންދާ އުސޫލުން، ރެނދު އެޅިއްޖެއެވެ.
އުމެއިރުގެ ތޫނު ނަޒަރު އެނދަށް އަމާޒުވީއިރު އެނދުގެ ވަށައިގެން ތިބި ޖިންނީން ދުރަށް ވިއްސައިގެން ދިޔައެވެ. އެންމެން ކަހަލަ ގޮތަކަށް އެ ކޮޓަރީގެ ފާރުތަކުގެ ތެރެއިން ފޭދިގެން ދިޔައީއެވެ. އުމެއިރު އެނދާ ދިމާލަށް ދުއްވައިގަތެވެ. އެހިނދު މަލައިކާ ކިޔަވަން ފެށިއެވެ.
މަލައިކާ ބަޤަރާ ސޫރަތް ކިޔަވަން ފެށުމުން ވީ އުނދަގުލާއެކު އުމެއިރު ބިންމައްޗަށް ތިރިވެއްޖެއެވެ. އޭރު ޒަމްލާގެ އެނދާ، އުމެއިރާ ދެމެދު މާ ބޮޑު ދުރުމިނެއް ނެތެވެ. މަރަށް ތެޅޭހެން އުމެއިރު މުށިތަކު މަތީ ތެޅިފޮޅެމުން ދިޔައެވެ. އެވަރުންވެސް އޭތި މަސައްކަތްކުރަމުން ދިޔައީ ޒަމްލާއާ ހަމައަށް ދެވޭތޯއެވެ.
މަލައިކާ ކިޔަވަމުން ދިޔައިރު ވަރުދާއަށް ވެސް އުނދަގޫތައް ވަމުން ދިޔައެވެ. ވަރުދާއަށް އުނދަގުވަމުން ދިޔައީތީ މަލައިކާ ވަރުދާއާ ދިމާލަށް އަތް ދިއްކޮށްލިއެވެ. އޭރުވެސް، އޭނާގެ ކިޔެވުން ހުއްޓައެއް ނުލައެވެ. މަލައިކާ މަޑުމަޑުން އޭނާގެ އަތް މައްޗަށް ނަގަމުން ދިޔައެވެ. އެއާއެކު، ވަރުދާ މައްޗަށް އަރަން ފެށިއެވެ.
ކޮޓަރީގެ ސީލިންގް ތެރެއަށް ވަރުދާ ފޭދިގެން ދިޔުމުން މަލައިކާ، ތެޅިފޮޅެމުން ދިޔަ އުމެއިރަށް ބަލައިލިއެވެ. އޭރު އޭތި ކިޔެވުން ހުއްޓައިލުމަށް ބުނެ ހަޅޭއްލަވަމުން ދިޔައެވެ. މަލައިކާ އަޅައެއްނުލިއެވެ. ހައްތަހާ އޭނާގެ އަޑު ބާރުކުރަމުން ދިޔައީއެވެ. މަލައިކާ ކިޔަވަމުން ދިޔައިރު ދޭތެރެއަކުން އެނދުގައި އޮތް ޒަމްލާއަށް ނަޒަރެއް ދެއެވެ. އޭގެން ކޮންމެ ފަހަރަކު އެ މައުސޫމް އަންހެން ކުއްޖާ އޮންނަނީ ފުން ނިންޖަކުން ނިދިފައެވެ.
ހިނދުކޮޅަކަށް މަލައިކާ ކިޔެވުން ހުއްޓައިލިއެވެ. ގޮތް ބަލައިލުމުގެ ނިޔަތުގައެވެ. މަލައިކާ ހުރީ އުމެއިރު ޒަމްލާއާ ދިމާލަށް ހިނގައިދާނެކަމަށް ބަލައި، ވަރަށް ސަމާލުވެގެންނެވެ. އެހެން ހުއްޓައި އުމެއިރު ކުއްލިއަކަށް ތެދުވި ބާރު، މަލައިކާގެ ވަށައިގެން އެނބުރެން ފެށިއެވެ. ނަގޫރޯޅިއެއް އެނބުރޭހާ ބާރުމިނުގައި މަލައިކާ ވަށައިގެން އޭތި އެނބުރުނީ މަލައިކާއަށް ނުނުކުމެވޭނެހެން ތާށިވެދާނެކަމަށެވެ. ނަމަވެސް، އުމެއިރު ހީކުރިވަރަށްވުރެ މަލައިކާ ބާރުގަދައެވެ. މަލައިކާގެ ވަށައިގެން އެނބުރެމުން ދިޔަ އިފުރީތު އެނބުރޭ ގޮތް ދެނެގަންނަން ނެގީ ސިކުންތުކޮޅެކެވެ. ކުއްލިއަކަށް މަލައިކާ އަތްދިއްކޮށްލުމާއެކު ހީވީ އެ އަތުތެރޭ އުމެއިރު ތާށިވީހެންނެވެ. މަލައިކާ ހުރީ އުމެއިރުގެ ކަރުގައި ހިފައިގެނެވެ.
މަލައިކާ މަޑުމަޑުން އުމެއިރު އޭނާއާ ގާތަށް ގެންނަން ފެށިއެވެ. އޭރުވެސް އެ ދެލޯ ރަތް އަލިން ދިއްލިފައިވީއިރު ރުޅިވެރިކަމުގެ އިންތިހާ އެ ދެލޮލުން ފާޅުވަމުން ދެއެވެ. އުމެއިރު މޫނުމަތިން ޖެހިލުންވުމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. މަލައިކާއާ ކައިރިވަމުން ދިޔަ ވަރަކަށް އޭތި ނުތަނަވަސްވަމުން ދިޔައެވެ.
“ގޯނާ ކުރާނަން؟ އޭނ!” ނުތަނަވަސްވެފައި ހުއްޓަސް، އުމެއިރު ގަދަދެއްކުމުގެ ނިޔަތުގައި އާނއެކޭ ބުންޏެވެ. “ޒަމްލާގެ ހަށިތެރެއަށް ވެސް ވަންނާނަން. އެ ހަށިގަނޑަކީވެސް އަހަރެންގެ މިލްކެއް. އެކުއްޖާގެ ރީތިކަން ވެސް..” އުމެއިރަށް އެހެން ބުނެވުނު ހިނދު، އައިނައިތަނެއް ނޭނގި އޭތީގެ ކަނާތު ލޮލު ތެރެއަށް މަލައިކާގެ އަތް ވަދެއްޖެއެވެ. އެ ސިކުންތުގައި އެ ލޮލުގެ ގޮބޮޅި ވެއްޓިއްޖެއެވެ. ގޮބޮޅި ވެއްޓުނީ މަލައިކާގެ ފައި ކައިރިއަށެވެ. ބަލާކަށް ނުހުރެ އެއަށް ފައިން އަރާ ޗިސްކޮށްލިއެވެ.
އުމެއިރު ދިޔައީ ހަޅޭއްލަވަމުންނެވެ. އޭތި ހަޅޭއްލަވަން ހުއްޓާ މަލައިކާ އޭތީގެ ކަރުން އަތް ދޫކޮށްލިއެވެ. އެއާއެކު އުމެއިރު މުށިތަކު މައްޗަށް ތިރިވެއްޖެއެވެ. އުމެއިރާ ދިމާލަށް ބަލަހައްޓައިގެން ހުރެ އުމެއިރާ ސީދާވާ ގޮތަށް އުމެއިރާ ތަންކޮޅެއް ދުރުގައި މަލައިކާ ހުއްޓުނެވެ. ލުއި ނަޒަރެއް ޒަމްލާއަށް ދެމުން މަލައިކާ އުމެއިރަށް ބަލައިލިއެވެ. އަދި ކުރިމައްޗަށް ވާގޮތަށް މަލައިކާ އަތް ހުރަސްކޮށްލުމާއެކު މުށިތަކުމަތީ އޮތް އުމެއިރުގެ ހަށިގަނޑު ދެފަޅިވެގެން ދިޔައެވެ. ދެފަޅިވެފައިވި އުމެއިރުގެ ހަށިގަނޑަށް މަލައިކާގެ ދެލޮލުން ދޫކޮށްލި ގަދަ އަލިގަނޑާއެކު އެ ހަށިގަނޑު އަނދައިގެން ދާން ނެގީ ސިކުންތުކޮޅެކެވެ.
“ބޮޑު އިފުރީތެއްގެ ޒަމާން ތި ދުއްވާލީ. އެ ވެސް މަލައިކާ އެކަނި. ތިހާ ބާރުގަދައިރު ކީއްވެބާ އެހާ މާޔޫސްވާންވީ؟” ސީލިންގު ތެރެއިން އިވުނީ ވަރުދާގެ އަޑެވެ. “ވަރުދާއަށް އެނގޭނެ. ދުލުން ބުނެލާ ބަހަކުން ހިތަށް ބަލިކަށިކަން އިހުސާސްވީމަ ދެން ވާނެގޮތް… އަވަހަށް ދޭ ވަރުދާ. އިސްތަށިގަނޑަށް ފަރުވާ ކުރޭ.” މަލައިކާ ބުންޏެވެ.
ވަރުދާ ދިޔުމުން މަލައިކާ އެނދާ ދިމާލަށް ހިނގައިގަތެވެ. މަޑުމަޑުން ހިނގަމުން ދިޔަވަރަކަށް އޭނާގެ ސޫރަ، ކުރިން ހުރި ރީތި ސޫރައަށް ބަދަލުވަމުން ދިޔައެވެ. އިސްތަށިގަނޑު ބިންމައްޗާ ހަމައަށް ދިގުވެ، ލައިގެން ހުރި ރަތް ހެދުން ދިގު ހުދުކުލައިގެ ހެދުމަކަށް ބަދަލުވެއްޖެއެވެ. ހަންގަނޑު އޮމާންވެ ރިހިކުލައިގެ ގަހަނާތަކުން އަތާއި ފައި ފަޅުފިލުވާލެވިއްޖެއެވެ. ބޮލުގެ ވަށައިގެން އެޅުނު ރިހިކުލައިގެ ގަހަނާ ދިއްލިއްޖެއެވެ.
މަލައިކާ މަޑުމަޑުން ޒަމްލާ ގާތުގައި އެނދުގައި އިށީނެވެ. އަދި ޒަމްލާގެ ބޮލުގައި ފިރުމައިލުމަށްފަހު ދުރުގައި ހުރި މޭޒަށް ބަލައިލިއެވެ. މަލައިކާގެ ތޫނު ނަޒަރު އަމާޒުވީ އެ މޭޒުމަތީ އޮތް ރަތްކުލައިގެ ފޮތަށެވެ. އެއާއެކު، މަލައިކާގެ ލޮލުގެ ބާރުގައި އެ ފޮތް މަލައިކާގެ އަތާ ހަމައަށް އައެވެ. އަދި އެ ފޮތް ހުޅުވި، ޒާޔާގެ ސޫރަ ކުރެހިފައިވި ޞަފްޙާ ހުޅުވުނެވެ.
ޒަމްލާގެ ހިތަށް ސިފަވި ގޮތަށް ކުރަހާފައި އިން ސޫރައަށް ބަދަލު ގެނުވީ މަލައިކާއެވެ. އެއީ ޒަމްލާއަށް، ޒަމްލާގެ މަންމަ ހުންނަ ގޮތް އަންގައިދިނުމަށް ޓަކައެވެ. “ދަރިފުޅުގެ މަންމައަކީ މިއީ ދޮންދޫންޏާ. ދެމައިން ވަރަށް އަވަހަށް ބައްދަލުވާނެ! ވަރަށް އަވަހަށް ބައްދަލުވާނެ. އިންޝާﷲ!” އެއްފަހަރު ޒާޔާގެ ސޫރައަށް، އަނެއްފަހަރު ޒަމްލާއަށް ބަލައިލަމުން، މަޑު އަޑަކުން މަލައިކާ ބުންޏެވެ.
*********
ދެ މަޚުލޫޤުންގެ ދެމެދު ކުރެވުނު ހަނގުރާމަ ނިމުމަކަށް އައި ފަހުން ދުވަހުގެ އިރުއެރުމާ ހަމައަށް އަމާންކަން ފެތުރިފައިވިއެވެ. މާލޭގެ މަލަމަތިން، ނުބައި އެއްވެސް މަޚުލޫޤެއްގެ ހިލަމެއްވާކަށް ނެތެވެ. ދުވަހުގެ އިރު އަރައިގެން ދިޔައިރު ވެސް މުޅި މާލެ ހީވީ ނިދާފައިވާހެނެވެ.
އިރުގެ އަލިން އަލި އެޅެމުން ދިޔަ ކުދި މާގަސްތަކަށް ފެންދޭން ޒާޔާ ހުއްޓެވެ. ފެން ތިކިތަކުން ގަސްތައް ތެމެމުން ދިޔައިރު ހީވީ އިރުގެ އަވިން ގަސްތަކުގައި ދަޅަ އަޅަމުންދިޔަހެނެވެ. ހިތްތަކަށް ހަމަޖެހުން ގެނުވައިދެމުން ގަސްތަކުގައި އެކި ކުލަކުލައިގެ މާތައް ފަރިވަމުން ދިޔައެވެ.
ޒާޔާއަށް ގޭތެރެއަށް ވަދެވުނުއިރު ޒާމިލް ގެއިން ނުކުތްތަން ފެނުނެވެ. ފުލުހުންގެ ޔުނީފޯމު އަޅައިގެން ހުރުމުން ނިކަން ހަރުދަނާކަމަށް ދައްކައެވެ. އެހެނަސް، އެކަން ޒާޔާގެ ހިތަކަށް ބަލައެއްނުގަނެވެއެވެ. އޭގެ ބަދަލުގައި އެ ހިތުގައި ރިއްސަނީއެވެ. ހީވަނީ ހިތުގައިވި ކޮންމެ ނާރަކަށް ކޮންމެވެސް ވިހައެއްގެ އަސަރުކުރާހެނެވެ.
ޒާމިލްގެ ކޮންމެ ހަރަކާތެއް ވެސް ލިއަމް އާ ދާދި އެއްގޮތެވެ. ދާދި ދެންމެއަކު ޒާމިލް ހިނގާފައި ދިޔައިރު ހަމަ ހީވީ ލިއަމް ހިނގާފައިދިޔަހެނެވެ.
*********
ފުލުހުންގެ މައި އިމާރާތާ ތަންކޮޅެއް ދުރުގައި ސައިކަލު ޕާކު ކުރުމަށްފަހު ޒާމިލް އިމާރާތަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް، ވަކި ހިސާބަކުން ޒާމިލްގެ ހިނގުން މަޑުވެލީ ތަންކޮޅެއް ދުރުން އިޒްވާ އެ އިމާރާތަށް ވަންނަތަން ފެނުނީމައެވެ. ޒާމިލްގެ ހިތަށް އުނދަގޫގޮތެއް ވެގެން ދިޔައެވެ. އެބަޔަކަށް ޓަކައި އެ ހިތުގައިވި އިޚްތިރާމާ ޤަދަރު ކުޑަވެގެން ހިނގައްޖެއެވެ. މަތީ މަޤާމެއް ލިބުމުން، އިންސާފާ ހަމަހަމަކީ ކޮބައިކަން މި މީހުނަށް އޮޅެނީ ހެއްޔެވެ؟
އިމާރާތަށް ވަންނަން ޒާމިލް ހިނގައިގަތީ، ހިތުން އިޒްވާއާ ދިމާލަށް އެތައް އެއްޗެއްސެއް ގޮވަމުންނެވެ. މިހާރުން މިހާރަށް އިޒްވާއާ ދިމާލަށް އެއްޗެހި ގޮވަން ޒާމިލް ބޭނުންވެފައިވިއެވެ. އެކަމަކު، ތަހުޤީޤީ ފުލުހެއްގެ ޙައިޞިއްޔަތުން ޒާމިލަށް ކުރިން ދަސްވެފައިވި ކަންކަން އޭނާގެ ސިކުނޑި ހަނދާންކޮށްދޭން ފެށިއެވެ. އެއީ ހިތުގައި ޝައްކު އުފެދިފައިވާނަމަ އެ ޝައްކު ފިލުވައިލުމަށެވެ. އަދި އެއްފަހަރާ ހުރިހާ ކަމެއް ހޯދަން އުޅުމުގެ ބަދަލުގައި މަޑުމަޑުން ކަންކަން ތަހުޤީޤު ކުރަމުން ދިޔުމަށެވެ.
ހިތުތެރޭ އެތައް ކަމެއް ރާވަމުން ޒާމިލް އޭނާގެ ކެބިން އަށް ވަންނަން ދިޔައެވެ. އަދި ފޯނު ނަގައި ނަމްބަރުތަކަށް ފިތައިލަމުން ފޯނު ކަންފަތުގައި ޖައްސައިލިއެވެ.
-ނުނިމޭ-

