ޒާޔާ – 2 (ސާދަވަނަ ބައި)
“ބަލަ.. އަނެއްހެން ބުނަންޏަ އެކުއްޖާ ނުވެސް ދަންނަ މީހެއް ދޯ ދައްތައަކީ. އެކަމަކު އެކުއްޖާއަށް ހުރިހާ ވާހަކައެއް ދައްތައަށް ކިޔާދޭން ފަސޭހަވީ ކީއްވެ؟ އެ ކުއްޖާއާމެދު ދައްތަގެ އަމަލުތައް ބެހެއްޓި ގޮތުން. އަދިވެސް ދައްތަދެކެ ލޯބިވާ އެތައް ބައެއް ތިބޭނެކަން ޔަގީން.. ޝެލީން ދޯ އެކުއްޖާއަށް ކިޔަނީ؟”
ޒާޔާއަށް އެކުއްޖާއަށް ކިޔާ ނަން ނޭނގޭ ކަމަށް ބުންޏެވެ. ޝަޒާ ދެއްކި ވާހަކަތަކާމެދު ޒާޔާއަށް ވިސްނެމުން ދިޔައެވެ. ޝަޒާ ބުނިހެން އޭނާދެކެ ލޯބިވާ އެތައް ބަޔަކު އެބަ ތިބި ހެއްޔެވެ؟ ޒާޔާއަށް އެކަމާމެދު މިހާރު ޝައްކު ކުރެވެއެވެ. ބަޔަކު ޙަޤީޤަތުގައި އޭނާއަށް އިޚްތިރާމާ ޤަދަރު ކުރި ނަމަ އޭނާގެ ދިރިއުޅުން މިއަދު މި ފައްތަރުގައި ނުވީހެވެ.
ކޮންމެއަކަސް ޒާޔާއަށް އިނދެވުނީ ޝައްކެއްގެ މަތީގައެވެ. ޒާޔާ އެހެން އިންދާ ސިޓިންގް ރޫމަށް ވަތް ޒުވާން އަންހެން ކުއްޖާ ފެނި، ކޮޅަށް ތެދުވެވުނެވެ. ނުވެސް ދަންނަ މީހަކު އެ ގޭތެރެއަށް ވަނުމުން ޒާޔާގެ ހިތުގައި ސުވާލުތައް އުފެދިއްޖެއެވެ. އަނެއްކާ އޭނާ ކުރިމަތީ އެ ހުރީ އޭނާ މަޤާމުން ވަކި ކުރިކަމުގެ ލިޔުން އޭނާގެ މޭޒުމައްޗަށް ޖެހި މީހާ ހެއްޔެވެ؟
ކަޅުކުލައިގެ އަބާޔާއަކާއި ކަޅު ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި ޝެލީންގެ ތުންފަތުގައިވަނީ ރީތި ހިނިތުންވުމެކެވެ. ޝެލީންއަށް ޒާޔާ ފެނުނު ހިނދު އޭނާގެ ދެ ލޯ ހީވީ ވިދަމުން ދިޔަހެންނެވެ. ހީވީ ޒަމާންތަކަކަށް ފަހު ވަރަށް ލޯބިވާ މީހަކާ ބައްދަލުކުރެވުނުހެންނެވެ.
ޝަޒާ ކޮށްލި އިޝާރާތާއެކު ޝެލީން ޒާޔާގެ ގާތަށް އައެވެ. ޒާޔާއަށް އެ މޫނު ކޮންމެވެސް ތަނަކުން ދުށް ހަނދާނެއް ވިއެވެ. އެކަމަކު އަދިވެސް އެއީ ކާކުކަން ނަގައިގަންނަން އޭނާއަށް ދަތިވިއެވެ.
“ދައްތާ މީ ޝެލީން. ދެންމެ ދެއްކީމެއްނު ދައްތަ އެޓެންޑްވި ކޭސްއެއްގެ ވާހަކަ. މީ އެކުއްޖާ.” ޝަޒާ، ޝެލީންގެ ކުޑަ ތަޢާރަފެއް ދިނެވެ. ޝެލީންއަކީ ކާކުކަން ޒާޔާއަށް އެނގިގެން ދިޔަ ހިނދު އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އޭނާގެ ކުރިމަތީ މިހުރީ ހަމަ އަސްލުވެސް އެދުވަހު އޭނާ ސަލާމަތްކޮށްދިން އަންހެން ކުއްޖާ ހެއްޔެވެ؟
“ޒާޔާ މޭމް.” ޝެލީން ޒާޔާއާއި މުޚާތަބު ކުރިގޮތުން ޒާޔާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް އިޙުސާސް ކުރެވުނެވެ. ‘މޭމް’ އޭ ކިޔާ އޭނާއަށް މުޚާތަބު ކުރެވުނު އަޑު އޭނާގެ ކަންފަތަށް މި އިވުނީ ހާދަ ޒަމާނަކަށްފަހުގައެވެ.
“އާދޭ އިށީންނަން. ދައްތާ.. ޝެލީން ދައްތަ ގާތުގަ ވާހަކައެއް ދައްކަންވެފަ އޮތީމަ އެ އައީ އަސްލު.” ޝަޒާ ބުންޏެވެ. ޝެލީން އިށީންނަން ތަން ދެއްކުމަށްފަހު ޝަޒާ ވަކިން ހުރި ސޯފާގައި އިށީނެވެ. އަދި ޝެލީނަށް އޭނާގެ ލޮލުން އިޝާރާތް ކޮށްލީ ވާހަކަ ދައްކަން ފަށާށޭ ބުނާ އުސޫލުންނެވެ.
“މޭމް.. ވަރަށް އުފާވެއްޖެ މޭމްއާ ބައްދަލުވީމަ.. ޝެލީން އެއްގޮތަކަށް ވެސް ހީކޮށްގެން ހުރި ކަމެއް ނޫން މީ.” ޝެލީން ބުންޏެވެ. ޝެލީންގެ އަޑާއި ރާގުންވެސް އޭނާ އުފާވެފައިހުރި ވަރު ހާމަވެގެން ދެއެވެ. ރޮއެފައި ހުރިކަމުގެ އަސަރުތައް ޒާޔާގެ ލޮލުން ފެންނަން ހުއްޓަސް އެ ތުންފަތުގައި ވެސް ވީ ރީތި ހިހިތުންވުމެކެވެ. ޝެލީން އޭނާއާ ވާހަކަ ދެއްކި ގޮތުން ހިނދުކޮޅަކަށް އޭނާއަށް މި އިނދެވުނީ ކޮމިޝަނަރެއްގެ މަޤާމުގައި ކަމަށް ހީވިއެވެ.
“ކޮން ވާހަކައެއް ދައްކާލަން ޝެލީން ބޭނުމީ؟” ޒާޔާ އެހިއެވެ. އޭނާގެ އަޑު އައީ ކުރެހިގެންނެވެ. “ޝެލީން ބުނަން ބޭނުމީ ޝެލީން މިއަދު މި ހުރި ހިސާބަށް މި އާދެވުނީ މޭމްގެ ސަބަބުންނޭ. އެދުވަހު މޭމް ޝެލީން ސަލާމަތް ނުކޮށްދިންނަމަ މިއަދު ޝެލީންގެ ދިރިއުޅުން ފަސޭހަނުވީސް… އެންޑް.. ވީ ރިއަލީ ނީޑް ޔޫ. ވީ ރިއަލީ ޑޫ.” ޝެލީން ބުނެލި ފަހު ޖުމުލައާއެކު ޒާޔާގެ ހިނިތުންވުން މަޑުމަޑުން ފޭދެމުން ދިޔައެވެ. އޭރު ޝަޒާ އިނީ ޒާޔާގެ މޫނަށް ބަލާށެވެ. ޒާޔާގެ މޫނުމައްޗަށް އަރަމުންދާ ކުލަވަރުތައް ދެނެގަންނަފަދަ ގޮތަކަށެވެ.
“ވަޓް ޑޫ ޔޫ މީން ޝެލީން؟ ޝެލީން ތީ ޕޮލިހެއްތަ؟” ޒާޔާ ސުވާލުކުރިއެވެ. ޝެލީން ނޫނެކޭ ބުންޏެވެ. “ނޯ މޭމް. ޝެލީން މަސައްކަތް ކުރަނީ ކްލިނިކެއްގަ. އެކަމަކު ޝެލީންގެ ބޭބެއާ ކަޒިންސް އުޅޭ އެ އިދާރާގަ.. ބުނާނެ މިހާރު ވަރަށް އުނދަގުލޭ.. ކޮމިޝަނަރ ބަދަލުވިފަހުން އެތަނުގަ ހަމަޖެހުމެއް ނެތޭ އެމީހުން ބުނޭ. އެމީހުނަށް ވެސް ޓްރީޓް ކުރަނީ ރަނގަޅަކަށް ނޫނޭ އެމީހުން ބުނާ އަޑު އަހަނީ.” ޝެލީން ކިޔައިދިނެވެ. ޝެލީންގެ ވާހަކަތައް އަޑުއިވެމުން ދިޔަ ވަރަކަށް ޒާޔާގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ވީ އިތުރެވެ.
ސުވާލު އުފެދިފައި އިން ޒާޔާ ކުޑަކޮށް ސިހިގެން ދިޔައީ ޝެލީން އޭނާގެ އަތްތިލައިގައި ހިފައިލުމުންނެވެ. “ލުކް މޭމް. މި ވާހަކަތައް ދައްކަން ޝެލީން މީ އެންމެ އެކަށޭނަ މީހާއަށް ނުވެދާނެ. އެކަމަކު އެ އިދާރާގަ މޭމް ހުރުން ވަރަށް މުހިއްމު. ޝެލީންގެ ސިބްލިންގްސް އެކަންޏެއް ނޫން. އެތައް ބައިވަރު އޮފިސަރުން މޭމްގެ ވާހަކަ ދައްކާ. އެ މީހުނަށް މޭމް ވަރަށް މުހިއްމު. ފުލުހުންނަށް އެކަންޏެއް ނޫން. ޝެލީންއަށް އިނގޭ ޝެލީންމެން ރަށުގަ ވެސް އެންމެން ވެސް ވަރަށް ދައްކާނެ މޭމްގެ ވާހަކަ. މޭމް މިއަދު އެ މަޤާމުގަ ހުރިނަމަ މިހެން ކަންތައް ނުވީހޭ.. އެހެން ވަރަށް ކިޔާނެ. މޭމް ހުރި ނަމަ މިއަދު އެއްވެސް މީހަކަށް ނުހައްގު އަނިޔާއެއް ނުލިބުނީހޭ ކިޔާނެ.” ޝެލީން ވާހަކަދައްކަމުން ދިޔަ ވަރަކަށް އެއްވެސް އިޚްތިޔާރަކާ ނުލާ އޭނާގެ ދެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. ޒާޔާއަކީ ދަށް މީހެއް ނޫންކަމާ ޒާޔާއަކީ، ކިހާ މުހިއްމު މީހެއްކަން ޒާޔާގެ އަމިއްލަ ނަފްސަށް އިހުސާސް ކުރެވުނީއެވެ.
ޝަޒާ، ޒާޔާއަށް ނޭނގޭނެ ފަދައިން ޝެލީނަށް އޭނާގެ އަތުން އިޝާރާތެއް ކޮށްލިއެވެ. ޝަޒާ ކޮށްލި އިޝާރާތް ފަހުމުވުމުން ޝެލީން މަޑުމަޑުން ބޯ ޖަހައިލިއެވެ. “މޭމް.. އައި ވޯންޓް ޓު ތޭންކް ޔޫ ފޯ އެވްރީތިންގް ޔޫ ޑިޑް. ވީ ލަވް ޔޫ.. އަ ލޮޓް…. ކޭން އައި ގިވް ޔޫ އަ ހަގް؟” ޝެލީން ކޮށްލި ސުވާލާއެކު ޒާޔާއަށް ހިނިތުންވެލެވުނެވެ. މަޔަކު އޭނާގެ އަންހެން ދަރިފުޅުގެ ގައިގައި ބައްދާލާހައި ލޯބިން ޒާޔާ ޝެލީން ގައިގައި ބައްދައިލިއެވެ.
“ހައު ޑޫ ޔޫ ފީލް ނައު ސިސް؟” ޝެލީން ދިޔުމާއެކު ޝަޒާ ސުވާލުކުރިއެވެ. ޒާޔާގެ މޫނުމަތިން އުފާވެރިކަން ފެނުމުން ޝަޒާގެ ހިތަށް ވެސް އުފާވެރިކަން އިޙުސާސް ކުރެވުނެވެ. އޭނާއަށް މި ކުރެވުނީ ރަނގަޅުކަމެކޭ އަމިއްލަ ނަފްސަށް އިވޭވަރަށް ކިޔައިލެވުނެވެ.
“ޝަޒާ ކިހިނެއް ޝެލީން ދަންނަނީ؟” ޒާޔާއަށް އަހައިލެވުނެވެ. “ހެހެ.. ޝަޒާ ސުވާލެއް ކޮށްފިން ދައްތައާ.” ޝަޒާ ބުންޏެވެ. “ޔެސް.. ނޭނގެ ކިޔާދޭކަށް. ވަރަށް ތަފާތު އުފާވެރިކަމެއް. ދައްތަ ހީ ނުކުރަން ދައްތަ މީ މީހުނަށް އެހާ ކަމުދިޔަ މީހެއް ކަމަކަށް. އަނެއްކަ.. ދައްތަ އަށް މޭމްއޭ ކިޔާފަ ގޮވި އަޑު މި އިވުނީ.. އައި ފެލްޓް ލައިކް އައިމް އަ ކޮމިޝަނަރ އެގެއިން.. ކޮމިޝަނަރ އޮފް ޕޮލިސް.” ޒާޔާގެ ހިތުގައިވި ޝުޢޫރުތައް ފާޅުކޮށްލިއެވެ.
**********
ނާއުއްމީދުން ފުރިގެންވި ޒާޔާގެ ހިތަށް ދިރުން ލިބުނީ އޭނާއަކީ މުހިއްމު މީހެއްކަމާ، އަގެއް ހުރި މީހެއްކަން އެ ހިތާއި ސިކުނޑިއަށް ވިސްނުމުންނެވެ. މި ފާއިތުވެގެން ދިޔަ ކޮންމެ ދުވަހެއްގައި ވެސް ޒާޔާއަށް އޭނާގެ އަމިއްލަ ނަފްސާ ދޭތެރޭ ދެކެވިފައިވަނީ މުޅިން ގޯސްކޮށެވެ. މަލައިކާއާއި ޝަޒާގެ ވާހަކަތަކުން އަމިއްލަ ނަފްސަށް ހިތްވަރު ލިބިފައިވިޔަސް، އެ ހިތްވަރާއި އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ޔަޤީންކަން ގެއްލިގެން ދާން ނަގަނީ ހިނދުކޮޅެކެވެ. އެހެންނަމަވެސް، މިއަދު އޭނާގެ އަމިއްލަ ނަފްސަށް ވަރަށް ބޮޑު ޔަޤީންކަމެއް ލިބިގެން ހިނގައްޖެއެވެ.
*********
ސެޝަން ނިންމައިލުމަށްފަހު ޝަޒާ ނުކުތްއިރު، މަޖީދީ މަގަށް ނުކުމެވެން އޮންނަ މަގުގެ އެއްފަރާތުގައި ކަޅު ކުލައިގެ ކާރެއް ޕާކުކޮށްފައި އޮތްތަން ޝަޒާއަށް ފެނުނެވެ. ކާރާއި ދިމާލަށް ޝަޒާ ހިނގައިގަތީ އެއީ ޝެލީންގެ ކާރުކަން ޔަޤީން ކުރުމުގެ ނިޔަތުގައެވެ. ނަޞީބުކަން ދިމާކުރިގޮތުން އެ ގަޑީ ޝެލީން ކާރުން ފޭބިއެވެ. އަދި ޝަޒާއަށް ހަނާއަޅައިލުމުން ޝަޒާ، ފޯނުން ގަޑި ބަލައިލުމަށްފަހު ހިނގުން ބާރުކޮށްލީ ޑިއުޓީއަށް ދާން ގަޑިޖެހޭތީވެއެވެ.
ކާރަށް އަރައި ހަމަޖެހިލެވުމާއެކު ޝެލީން ކާރު ދުއްވައިލިއެވެ. އޭނާގެ މިޞްރާބަކަށް ވެފައިވީ ‘ކެއަރ ކްލިނިކް’ އެވެ. ދެ މީހުންވެސް މަސައްކަތް ކުރަނީ އެ ކްލިނިކުގައެވެ. ޝެލީންއަކީ އެ ކްލިނިކުގެ ރިސެޕްޝަނުގައި އިންނަ މީހެކެވެ. އެހެންކަމުން، ޝަޒާ އެ ކްލިނިކުގައި މަސައްކަތް ކުރަން ފެށީއްސުރެ ދެ މީހުން ވެސް އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަނެއެވެ.
**********
ޤައުމީ ޗެނަލުން ހުށަހަޅާ ޕްރޮގްރާމްގައި ގެނެސްދޭ ޚާއްޞަ ބަސްދީގަތުމަށް އިޒްވާ ދިޔައިރު ޒާމިލްމެން ބްރޭކް ވަގުތަށް ބޭރަށް ނުކުމެ އުޅެއެވެ. ދެ މީހުންވެސް ސައިކަލު ދުއްވަން ނުކުމެ އުޅުނުއިރު އެމީހުނާއެކީ އިތުރު ދެ ފުލުހުންވެސް އުޅުނެވެ. އެކި މަގުތަކުން ސައިކަލު ދުއްވަމުން ގޮސް އެމީހުން މަޑުކޮށްލީ ‘ކެއަރ ކްލިނިކް’ ކައިރީ ހުންނަ ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ.
***********
ލާއިމް ޑިއުޓީއަށް ދާން ތައްޔާރުވާން ދިޔައީ މަންމަގެ ކޮޓަރީ ދޮރުގެ ތަޅު މަރާމާތުކޮށްދީފައެވެ. ލައިގެން ހުރި ނޫކުލައިގެ ޓީޝާޓު މަތިން ގުރާފެހި ކުލައިގެ ވެސްޓް ލަމުން ހެލްމެޓް ހިފައިގެން ގެއިން ނުކުންނަން ހިނގައިގަތެވެ. ގެއިން ނުކުތުމުގެ ކުރިން މަންމަ ކުރާ ކަމެއް ބަލައިލާނަމޭ ހިތާ އެ ކޮޓަރި ދޮރުގައި ހިފައިލިއިރު ކޮޓަރި ހުރީ ތަޅުލާފައެވެ. އަދި ކާފަ ކޮޓަރި ދޮރު މަޑުމަޑުން ހުޅުވައިލިއިރު ކާފަ ހުރީ ނަމާދަށް އަރައެވެ.
ނަމާދުކޮށް ނިމިގެން ޒާޔާއަށް ކޮޓަރިން ނުކުމެވުނުއިރު ލާއިމް ހިނގައްޖެއެވެ. ބަދިގެއާއި ސިޓިންގް ރޫމް ބަލާލައިފައި ދެން ޒާޔާ ދިޔައީ ނިހާން ގާތަށެވެ.
“ދަރިފުޅު! އާދޭ..” ކޮޓަރި ދޮރުމަތީ ހުރި ޒާޔާ ފެނުމުން ނިހާން ބުންޏެވެ. އޭރު އޭނާ ކިޔަވަން އިން ޚަތިމް ލައްޕައިލުމަށްފަހު އެނދު ކައިރީ ހުރި ކުޑަ މޭޒުމަތީ ބާއްވައިލިއެވެ. “ބައްޕަ ބުނީތަ ލާއިމް ގާތުގަ މިއަދު ކައްކާށޭ؟” ނިހާން ކައިރީ އިށީންނަމުން ޒާޔާ އެހިއެވެ. “އެއީ އެ ދަރި އަމިއްލައަކަށް. ދަރިފުޅަށް ކަމުނުދަނީތަ އެގޮތް؟” ނިހާން އެހިއެވެ. ޒާޔާ ނޫނެކޭ ބުންޏެވެ. އަދި އޭނާ ކުރަން ޖެހޭ ކަމެއް އޭނާގެ ދަރިން ލައްވާ ކުރުވަން ޖެހޭތީ ހިތަށް އުނދަގޫވާކަމުގައި ބުންޏެވެ.
“ތިހެންވެސް ވާނެ. ޒާޔާ އުފާކުރަން ވާނެއްނު އެ ދަރިން ޒާޔާއަށް އަޅާލާތީ.” ނިހާން ބުންޏެވެ. “ތިކަން އެނގޭ ބައްޕާ. އަހަރެން ހަމަ އަސްލުވެސް ވަރަށް އުފާވޭ ޒާމިލްމެން ހަރުދަނާ ވީމަ.” ޒާޔާ ބުންޏެވެ. “އެކުދިން ރަނގަޅު ކުދިންނަށް ވެސް ވީ ބައްޕަގެ ދަރިފުޅު ވެސް ރަނގަޅުވީމައެއްނު.” ޒާޔާގެ ބޮލުގައި ފިރުމައިލަމުން ނިހާން ބުންޏެވެ. ޒާޔާ ހިނިތުންވެލިއެވެ.
ބައްޕައާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ޒާޔާ ގެއިން ނުކުތީ ކައިރީ ހުރި ފިހާރައަށް ދިޔުމުގެ ބޭނުމުގައެވެ. ކައިރީގައި ހުރި ފިހާރައިން ބޭނުންވާ އެއްޗެހި ނުލިބުމުން ތަންކޮޅެއް ދުރުގައި ހުރި ފިހާރައަކަށް ދާން ޖެހުނެވެ. އެކަނި ދާން ޖެހޭތީ ކަންބޮޑުވިޔަސް ޒާޔާ އެ ހާސްކަން ފިލުވާލެވޭތޯ މަސައްކަތްކުރިއެވެ. މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންގެ ނަޒަރުތައް އޭނާއަށް އަމާޒުވަމުން ދާ ގޮތުން އުނދަގުވީތީ ތަންކޮޅެއް ހިނގުން ބާރުކޮށްލިއެވެ.
ގަންނަން ބޭނުންވާ ސާމާނުތައް ގަނެގެން ގެއަށް ވަތް ޒާޔާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އަދި އަރައިގެން ހުރި ބޫޓު، ރެކް ތެރެއަށް ލުމަށްފަހު ކޮތަޅުތައް ހިފައިގެން ބަދިގެއަށް ވަނެވެ. ޒާޔާ ގެނައި ދެ ކޮތަޅުން ކުރެ އެއްކޮތަޅުގައި ހުރި ސާމާނުތައް ފްރިޖުތެރޭ ތަރުތީބުކޮށްލިއެވެ. އަދި ބާކީ އިން ކޮތަޅު ހިފައިގެން އޭނާގެ ކޮޓަރިއަށް ވަދެ ރީތިވާ ސާމާނުތައް ޑްރެސިންގް ޓޭބަލް މަތީގައި އަތުރައިލިއެވެ. އެއްޗެހިތައް ތަރުތީބުކުރުމަށްފަހު ޒާޔާ ނިހާންގެ ކޮޓަރިއަށް ދިޔައީ އޭނާ ބައްޕައަށް ގަނެދިން އަތަރު ފުޅިއަކާއި، ސެންޓް ފުޅި ބައްޕައަށް ދިނުމަށް ޓަކައެވެ.
***********
މަޤާމުން ވަކިކުރެވުނު ފަހުން ޒާޔާ ގެއިން ބޭރަށް ނުކުމެލަނީ މަދު ފަހަރެއްގައެވެ. ޒާޔާ ގެއިން ބޭރަށް ނުކުންނަނީ ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެންނެވެ. ނުވަތަ ޒާމިލް އާއި ލާއިމްއާ އެކީގައެވެ.
**********
އިރު އޭގެ އެންމެ ފަހުގެ އަލްވަދާޢު ކިޔަން ފަށައިފިއެވެ. އިރު އޮއްސެމުން ދިޔަވަރަކަށް އުޑުމަތީ ރަތް ވިލާތައް ލެވި އަލިފާން ކުލަ އަރަން ފަށައިފިއެވެ. މޮޅު ކުރެހުންތެރިއަކަށް ސިފަނުކުރެވޭނެވަރަށް އަޖައިބުން ފުރިގެންވި އެ ޤުދުރަތީ މަންޒަރު ރީތިވެފައި ފުރިހަމައެވެ. އުޑުމަތީ ވިލާތައް ދައުރުވެ ކުލަ ބަދަލުވަމުން ދިޔަ ގޮތުން ޚާލިޤުވަންތަ މާތްﷲ ގެ ކުޅަދުންވަންތަކަން ހާމަވެގެން ދެއެވެ.
ހިތަށް ފިނިކަން ލިއްބައިދޭ މަންޒަރަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ޒާމިލް އިނެވެ. އޭނާ އިނީ ދަރުމަވަންތަ ހޮސްޕިޓަލާ ކައިރި ހިސާބެއްގައެވެ.
ޒާމިލް ގެއަށް ދިޔައީ ދުވަހުގެ މަޣްރިބް ނަމާދު އަދާކުރުމަށްފަހުގައެވެ. ގެ ކައިރި ހިސާބެއްގައި ސައިކަލު ޕާކު ކުރުމަށްފަހު ޒާމިލް ގެއަށް ވަނެވެ. އެންމެ ފުރަތަމަވެސް ޒާމިލް ބަލައިލީ މަންމަ ކޮބައިތޯއެވެ. މަންމަގެ ކޮޓަރި ދޮރު ލެއްޕިފައި ހުރިގޮތުން އެ ދޮރުގެ ތަޅު ހަދައިފިކަން ޒާމިލަށް އެނގިއްޖެއެވެ. ކާފަ އުޅޭތޯ ބަލައިލުމަށްފަހު ޒާމިލް ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ.
ޒާމިލް ތާޒާ ވެލައިގެން ނުކުތްއިރު ޒާޔާ ބަދިގޭގައި އުޅެއެވެ. މަންމަ ގާތުގައި ކީއްކުރަނީތޯ އަހައިލުމުން ކޮފީއެއް ބޯލަން އުޅެނީކަމަށް ބުންޏެވެ. “ދަރިފުޅު ކޮފީއެއް ބޭނުންތަ؟” ޒާޔާ އެހިއެވެ. ޒާމިލް އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު ވާހަކަދެއްކިއެވެ. “ކޮފީއަކަށް ދިޔައިއްޔާ ކިހިނެތްވާނެ؟” ޒާޔާއަށް ޒާމިލްގެ މޫނަށް ބަލައިލެވުނެވެ. އަދި ހިނިތުންވެލިއެވެ. “ދާންވީ ހަމަ.” ޒާޔާ ބުންޏެވެ. “އެހެންތަ.. މަންމަ ދާނަންތަ؟” ޒާމިލް އެހެން އެހުމާއެކު ޒާޔާ ނޫނެކޭ ބުނެލީ ނިކަން ހަމަޖެހިފައި ހުރެއެވެ.
ޒާޔާ ކޮފީބޮއެ ނިމެންދެން ޒާމިލް ބަދިގޭގައި އިނެވެ. އެއީ ދެމައިންގެ ދެމެދު އެތައް ވާހަކަތަކެއް ދެކެވިގެން ދިޔަ ވަގުތެކެވެ. ޒާޔާގެ ޅަ އުމުރުގެ ވާހަކަތަކާ، ޒާމިލްމެން ކުޑައިރުގެ ވާހަކަތަކެވެ.
***********
ޒާމިލްމެންގެ އަންނައުނުތައް ދޮވެ ހިއްކަން އެޅުވުމަށްފަހު ޒާޔާ ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށްވަދެ ދޮރު ލެއްޕި ވަގުތު ތަންކޮޅެއް ދުރުގައި މަލައިކާ ހުރިތަން ފެނުމުން ޒާޔާ ކުޑަކޮށް ސިހިގެން ދިޔައެވެ. “މަލައިކާ.. ކިހިނެތްވީ؟” ޒާޔާ އަހައިލިއެވެ. “އިށީންދެލާ.. ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އޮތީމަ.. އެއްވެސް ކަމެއް ޒާޔާއަށް ސިއްރުކޮށްފަ ބާއްވާކަށް ބޭނުމެއްނޫން.” މަލައިކާ ބުނެލި ވާހަކައިން ޒާޔާ ނުތަނަވަސްވާގޮތްވިއެވެ. އަނެއްކާ މަލައިކާ ދައްކަން މިއުޅެނީ ކޮން ވާހަކައެއްބާއެވެ؟ ހިތް ނުތަނަވަސްވެ، ސުވާލު އުފެދިފައި ހުރި ޒާޔާ، މަޑުމަޑުން އެނދުގައި އިށީނެވެ.
ޒަމްލާއަށް ދިމާވި ކަންތައް މަލައިކާ ކިޔައިދޭން ފެށިއެވެ. މަލައިކާ އެ ވާހަކަތައް ކިޔައިދޭން ފެށީ ޒާޔާގެ ސިކުނޑިއަށް އުނދަގޫނުވާނޭހެން ވަރަށް ވިސްނައިގެން ހުރެއެވެ. ޒަމްލާއާ ހެދި އުޅުނު މަޚުލޫޤަށް ޒަމްލާއާ ކައިރި ނުވެވޭ ކަމަށާ، އޭތީގެ ޒަމާން ދުއްވައިލި ވާހަކަ ވެސް މަލައިކާ ކިޔައިދިނެވެ. އަދި މަލައިކާ ދިރިހުރިހާ ހިނދަކު، ޒަމްލާ ހިމާޔަތްކޮށްދޭނެކަމަށް ބުންޏެވެ.
“މަލައިކާއަށް އެނގޭނެ އަހަރެންގެ ހިތަކަށް ކުޅަދާނެއްނުވާނެ އެ ދަރިއަށް ދެރަގޮތެއް ވެއްޖެއްޔާ.” ޒާޔާއަށް ބުނެވުނެވެ. މަލައިކާ ޒާޔާ ގާތުގައި ހާސްނުވުމަށް ބުންޏެވެ. މަލައިކާއަށް އިތުބާރު ކުރުމަށް ބުންޏެވެ. “އިތުބާރުކުރަން… މަލައިކާއަށް އެނގޭނެ އެ ދެބަފައިން ވީތަން.. ބުނެދީ އަހަރެން ގާތުގަ.” ޒާޔާ ވާހަކަދެއްކިއިރު ޒާޔާގެ އަޑުގައި އާދޭހުގެ އަސަރުތައްވިއެވެ.
ބުނަން ނުބުނަން ހުރެފައިވެސް މަލައިކާ އެންމެ ފަހުން ޒާޔާ ގާތުގައި ދެބަފައިން ވީތަން ބުނެފިއެވެ. “ޒަމްލާ ހުރީ އިޒްވާގެ ގޭގަ. ލިއަމް… ލިއަމް އޮތީ ޖަލުގަ.” ޒާޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޤަބޫލުކުރަން ދަތިވެފައި އިނދެވުނީއެވެ. ޒަމްލާ މާލޭގައި ހުރިއިރު ވެސް، މިހުރިހާ ދުވަހު އޭނާއަށް ޒަމްލާ ހޯދޭ ކަމަކަށް، ނުވަތަ ފެންނަ ކަމަކަށް ނުވިއެވެ. ލިއަމް ވެސް ހަމަ ބަންދުވީހެއްޔެވެ؟ އަނެއްކާ އެ ބުނި އިޒްވާއަކީ ކާކު ހެއްޔެވެ؟ އެ ނަމަކީ ޒާޔާއަށް އަޑު އިވިފައިވާ ނަމެކޭ އޭނާގެ ހިތް ބުނަންފެށިއެވެ. އެހެނަސް، އެއީ ކާކުކަމެއް އޭނާގެ ސިކުނޑިއަށް ދެނެގަނެވޭ ގޮތެއް ނުވިއެވެ.
-ނުނިމޭ-

