
ހާދަހާވޭ ކުރާހިތް ސަމާސާ 31 ވަނަ ބައި
ޖަމާލްއާއި އަބްޔާން ވާހަކަ ދައްކަން ތިބެފައި އަބްޔާން ކޮޓަރިއަށް ދިއުމަށް ތެދުވެފައި ބޭރުދޮރަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“ހިބް؟” އަބްޔާންއަށް ބުނެވުނެވެ. އަބްޔާން އެހެން ބުނުމުން ޖަމާލްވެސް ދޮރާއި ދިމާއަށް ބަލައިލި އެވެ. އަދި ކޮޅަށް ތެދުވެވުނެވެ. އޭރު ފިކުރީއާއި އެކު ހިބާ ހުއްޓެވެ. ފިކުރީ އަކީ އެގޭ ދޮރުކައިރީ ހުންނަ ގާޑެކެވެ. ފިކުރީ ހުރީ ހިބާގެ ފޮށި ހިފައިގެނެވެ.
“ދަރިފުޅާ؟ މިގަޑީގަ؟” ސުވާލުން ފުރިގެންވާ ބެލުމަކުން ބަލައިލަމުން ޖަމާލްއަށް ވެސް ބުނެވުނެވެ. “ކިހިނެއްވީ؟” ފޮށްޓާއިދިމާއަށް ބަލައިލަމުން ޖަމާލް ބުންޏެވެ. ހިބާ ހިފަހައްޓައިގެން ހުރި ކަރުނަތަށް ބޭރުވާން ފެށިއެވެ. ގިސްލާފައި ހިބާއަށް ރޯން ފެށުނެވެ. ޖަމާލް އަވަހަށް ހިބާ ގެނެސް ސޯފާގައި ބޭންދިއެވެ. ކަންތައް ބޮޑުވެފައި ޖަމާލްއާއި އަބްޔާން ތިބީ ވީގޮތެއް ނޭގޭތީ އެވެ. ޖަމާލް މޫމިނާއަށް ގުޅާލި އެވެ. ހަފީޒާގެ ނަންބަރު ޖަމާލްއަށް ނޭގޭތީ އެވެ.
“މޫމިނާ، ނިކަން އަވަހަށް ހަފީޒާއަށް ގުޅާލަ ބަލަ.” ޖަމާލް މޫމިނާ ކައިރީ ބުންޏެވެ. އަދި ހިބާ ކުއްލިއަކަށް އެގަޑީގައި ފޮށި ހިފައިގެން އައި ވާހަކަ މޫމިނާއަށް ޖަމާލް ކިޔައިދިނެވެ. މޫމިނާވެސް ހާސްވެފައި އަވަހަށް ހަފީޒާއަށް އެގަޑީގައި ގުޅި އެވެ. ނަމަވެސް ހަފީޒާ ފޯނެއް ނުނެގި އެވެ. ދެތިން ފަހަރަކަށް ގުޅުމުން ވެސް ފޯނެއް ނުނެގި އެވެ. މޫމިނާ ޖަމާލްއަށް ގުޅާފައި ހަފީޒާ ފޯނު ނުނެގި ވާހަކަ ބުނުމުން ޖަމާލް އަވަސްވެގަތީ އަބްޔާން އެގެއަށް ފޮނުވާށެވެ. ހިބާ އަދިވެސް ވާހަކައެއް ނުދައްކައެވެ. ހަމަ ރޮނީ އެވެ. އަބްޔާން ގޮސް ދޮރުގައި ޖަހާލުމުން ދޮރު ހުޅުވީ ހަފީޒާ އެވެ. ހަފީޒާ ހުރީ އެއީ ކާކުކަން ނޭގިފަ އެވެ.
“މީ އަބްޔާން. ހިބާގެ ދޮންބެ.” އަބްޔާން އަމިއްލައަށް ތަޢާރަފް ވެލި އެވެ. “ހިބާ ކުއްލިއަކަށް ގެއަށްގޮސް ރޯތީވެ ވީ ކިހިނެއްކަމެއް ނޭގޭތީ މިއައީ.” އަބްޔާން ހުރީ ކުޑަކޮން ޖެހިލުން ވެފަ އެވެ.
“އާދޭ އެތެރެއަށް.” ހަފީޒާ އަބްޔާން އެތެރެއަށް ވަންނަން ތަން ދައްކަމުން ބުންޏެވެ. އޭރުވެސް ނަދުވާ އެގޭގައި އިނެވެ. އަބްޔާން ވަނުމުން ފަރިގޮތަކަށް ސޯފާގައި ނަދުވާ ހަމަޖެހިލި އެވެ. އެއީ ކާކުކަމެއް އޭރު ނަދުވާއަކަށް ނޭގެ އެވެ. “އިށީނދޭ.” ހަފީޒާ ސޯފާ ދައްކަމުން ބުންޏެވެ.
“ކިހިނެއްތަ ވީ؟” އަބްޔާން ބޭނުންވީ އަވަހަށް ވެގެން އުޅޭގޮތް އޮޅުން ފިލުވާށެވެ. “ހިބާ ވާހަކައެއްވެސް ނުދެއްކި ވިއްޔަ.” އަބްޔާން ބުންޏެވެ. ނަދުވާއަށް އަބްޔާންއަކީ ހިބާގެ ފަރާތުން އައި މީހެއްކަން އިނގުނީ އަބްޔާން އެހެން ބުނީމަ އެވެ. ނަދުވާ ނުރުހިފައި އަބްޔާންއަށް ބަލައިލި އެވެ.
“އަހަރުމެން ހީކުރި ކަހަލަ ކުއްޖަކަށް ހިބާ ނުވި.” ހަފީޒާ ވާހަކަ ފެށި އެވެ.
“ހިބާ ވީ ބޮޑު ވަގަކަށް.” ނަދުވާއަށް ނީދެވިގެން ބުންޏެވެ.
“ވަޓް؟” އަބްޔާންއަށް ނަދުވާ ބުނި އެއްޗެއް ގަބޫލު ނުކުރެވިގެން ބުންޏެވެ.
“މިބުނީ އެއީ ބޮޑު ވަގެކޭ. ކުޑައްތަގެ އަށްހާސް ރުފިޔާ ނަގައިގެން އެތަށް ބައިވަރު އަގުބޮޑު އެއްޗިހި ގަނެ ބޭނުންކުރި ފަހުން އިނގުނީ. ނުވިތާކަށް ފިރިހެން ކުދިން ގޮވައިގެން މާލެތެރޭ އެތަން މިތާ އުޅެނީ އަހަރުމެންގެ އަގުވައްޓާލަން ވެގެން އުޅޭ މީހެއްހެން ހީވަނީ. މިގޭގަ ހުރެގެން އެގޮތަށް އުޅުނީމަ ހުރިހާ ހުތުރު ނަމެއް ލިބެނީ މިގޭ މީހުނަށޭ.” ނަދުވާ ހުރިހާ ވާހަކައެއް ގޮވާ ނިންމާލީ އެއް ނޭވައިންހެން ހީވިއެވެ. އަބްޔާންއަށް އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދެ އެވެ. އަބްޔާންއަށް ކޮޅަށް ތެދުވެވުނެވެ. ހަފީޒާ އަނގައިންވެސް ނުބުނެ ހުރިތާ ހުރީ އެވެ.
“ހިބާ؟” އަބްޔާން އަށް އެހުރިހާ ވާހަކައެއް ގަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ. ހިބާ ބޭނުންވާ ވަރަށް ލާރި ހިބާއަށް ލިބޭނެ އެވެ. ބޭނުން އެއްޗެއް ބުނާއިރަށް ލިބޭނެ އެވެ. ދެން ވައްކަން ކުރަންވީ ކީއްވެ ހެއްޔެވެ. ހިބާ ފައުޒާންއާއި އިނދެގެން އުޅެމުން އެހެން ފިރިހެނުން ފަހަތުން ދާނެ ހެއްޔެވެ. އަބްޔާން ހުރީ ހިބާއޭ ކިޔައިގެން ނަދުވާ އެގޮތަށް ވާހަކަ ދެއްކުމުން ވަރަށް އެވެ. “ހިބާ ތިގޮތަށް އުޅެންވީ ކީއްވެ. ތިކަހަލަ ބޮޑު ތުހުމަތެއް ހިބާގެ ބޮލުގައި އަޅުވަން ޖެހުނީ ކީއްވެ؟”
“ލޮލުންފެނި އަތުން ހިފައިގެން މިހެން މިކިޔަނީ.” ނަދުވާ ބުންޏެވެ. “އެއޮށް އަގުބޮޑު އައިޕެޑެއް މިއަދުވެސް ގަނެގެން އެއައީ ކުޑައްތަ އަށް އަލީބެ ދިން ލާރިން ވިއްޔަ. އަޅެ ފަހެ މީހަކު ރުޅިއެއް ނާންނާނެތަ؟” އަބްޔާން ހުރީ ހައިރާން ވެފައެވެ. މިމީހުން ހަމަ ގަސްތުގައި ހިބާ އެގެއިން ނެރެންވެގެން ހަދައިގެން އުޅޭ ވާހަކަތަކެއްކަން އަބްޔާން އަށް ވިސްނުނެވެ. އައިޕެޑް ދިނީ އަބްޔާން އެވެ. އެކަމަކު މިމީހުން އެކިޔަނީ ކީކޭ ހެއްޔެވެ. “މިހާރު އެ ލެޕްޓޮޕެއް ވެސް ގެންގުޅޭތާ ކިހާ ދުވަހެއް. އެވެސް ނޭގެ ގަތީ ކޮންތާކުން ނެގި ލާރިއަކުން ކަމެއްވެސް. ވައްކަން އެކަންޏެއް ނޫނޭ. އެއުޅޭ ވައްތަރު…” އިތުރަށް ނަދުވާއަށް އެއްޗެއް ނުބުނެ ވުނެވެ.
“ހުއްޓާލާ!” އަބްޔާންއަށް ހަޅޭއްލަވައި ގަނެވުނެވެ. “ހިބާއޭ ކިޔައިގެން ތިގޮތަށް ވާހަކަ ހަދަހަދައިގެން ތި ދައްކަނީ އަހަރުމެން ގަބޫލު ކުރާނެ ކަމަށްތަ؟ ދުވަހަކުވެސް ގަބޫލެއް ނުކުރާނަން. އަދި ހިބާ ދެން ދުވަހަކުވެސް މިގެއަކަށްވެސް ނުގެންނާނަން. ތިމީހުނަށް ހެޔޮ ވިސްނިގެން އާދޭސް ކުރިއަސް ހިބާއެއް ތިމީހުނަކަށް ދެނެއް ނުދައްކާނަން. އެގިއްޖެތަ؟” އަބްޔާން ހުރީ ވަރަށް ރުޅިއައިސްފަ އެވެ. އެހެން ކަމުން ވާހަކަވެސް ދެއްކުނީ އެހާ ބާރަށެވެ. ދުވަހަކުވެސް އަދި އެހާ ބާރަށް އަބްޔާން މީހަކާ ދިމާލަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. “ތި ބުނާ ލެޕްޓޮޕާ ތި އައިޕެޑްއާ އަދި ހިބާ ގެންގުޅޭ އައި ފޯނަކީ އޭނަގެ އާއިލާއިން އޭނައަށް ލިބުނު އެއްޗިހި. އެކަމަށް އަހަރެން ހެކިވަން.” އަބްޔާން އެހެން ބުނެ އެންމެ އިރުކޮޅަކުވެސް އެގޭގައި މަޑުނުކޮށް ނިކުމެގެން ދިޔައީ އެވެ. އެހުރިހާ އިރު ހަފީޒާ އަންގައިން ވެސް ނުބުނެ ހުރީ އެވެ. ބުނާނެ އެއްޗެއް ވެސް ނޭގެ އެވެ. އަދިވެސް ހިބާ ކުރި ކަންތަކާއި މެދު ހަފީޒާގެ ހިތްވަނީ ދެފިކުރުގަ އެވެ. ދަރިއަކަށް ބައްޕަ އަކު ނޫނީ ބޭބެ އަކު އެފަދަ އެއްޗެއް ދީފާނެ އެވެ. ހަފީޒާއަށް މިހެދެނީ ރަގަޅަކަށް ނޫންކަމުގެ އިހުސާސް ވާން ފެށިއެވެ. އަދި މިހާރު އަބްޔާން ބުނެފައި އެދިޔަ އެއްޗަކުން ހަފީޒާ ލަދުގަންނަގޮތްވެސް ވެއްޖެ އެވެ. ހިބާއާއި މެދު ގޯސްކޮން ކަންތައް ކުރެވިއްޖެ ކަމުގެ އިހުސާސް ވެސް ކުރެވެން ފެށި އެވެ.
“ވަރަށް ފުއްޕާފަ ގޮއްސިނު. އަމުދަކުން އޭނަ ވެސް ވާނީ ބޮޑު ވަގަކަށް. މިހާ އަގުބޮޑު އެއްޗިހި އޭނަގެ އާއިލާމީހުނަށް ގަންނަން ލިބޭނެތަ؟ ރާއްޖެތެރޭ ކަޓު ބައެއް.” ނަދުވާ ރުޅިއައިސްފައި ހުރެ ބުނަމުން ސޯފާ މައްޗަށް ޖެހިގަތެވެ.
އަބްޔާން ގެއަށް ދިޔައިރު ޖަމާލް ކިޔައިގެން ގީތާއާއި އެކު ހިބާ ކޮޓަރިއަށް ގެންގޮއްސިއެވެ. އޭރުވެސް ހިބާގެ ލޮލުން އިރުކޮޅަކާ ކަރުނަ އާދެއެވެ. އަބްޔާން ގޮސް ޖަމާލްއަށް ނަދުވާ ކީ ހުރިހާ ވަހަކައެއް ކިޔައިދިނެވެ. ޖަމާލް ހުރީ ވަރަށް ނުރުހިފަ އެވެ. އޭނާގެ ދަރިއަކު އެހާ ދަށު ދަރަޖައަކަށް އެމީހުން ވައްޓާލަފާނެ ކަމަކަށް ޖަމާލް ހީވެސް ނުކުރެ އެވެ. ޖަމާލް މޫމިނާއަށް ވެސް ގުޅާފައި އެވާހަކަ ކިޔައި ދިނެވެ. މޫމިނާވެސް ހުރީ ގަބޫލު ނުކުރެވިފަ އެވެ.
“ދެން ދުވަހަކުވެސް ބޭރު މީހެއް ކައިރީ އުޅޭކަށް މަގޭ ދަރިއަކަށް ނުދެވޭނެ.” ޖަމާލް އެންމެ ފަހުން ބުންޏެވެ. “އަދި އަމުދުން އެގެއަށް ހިބާއަށް ދެވިގެން ނުވާނެ. އެގޭ މީހަކު އަޔަސް މިގެއަށް ނުވައްދާތި.” އަބްޔާންއާއި ފިކުރީއަށް އަޑު އިވޭވަރަށް ޖަމާލް ބުންޏެވެ.
ޖެހިގެން އައި ދުވަހު ހެދުނާ ނާސްތާކުރަން ޖަމާލްއާއި އަބްޔާން އައިސް ކާމޭޒުކައިރީ ތިބީ ހިބާގެ އިންތިޒާރުގަ އެވެ. މިހާރު ގީތާ ދެފަހަރަށް ހިބާއަށް ގޮވަން ފޮނުވައިފި އެވެ. ނަމަވެސް އަދި ހަބަރެއް ނުވެއެވެ. އެންމެ ފަހުން ޖަމާލް ތެދުވެގެން ގޮސް ހިބާ ކޮޓަރީގައި ޖަހާލި އެވެ.
“މި އަންނަނީޔޭ ބުނެބަލަ.” އެތެރޭން ހިބާ ގޮވާލި އަޑު އިވުނެވެ.
“ދަރިފުޅާ! ހާދަ އިރެއް ތި ނަގަނީ.” ޖަމާލް ދޮރުކައިރީ ހުރެ ގޮވާލި އެވެ. ހިބާއަށް އޭނަ ބައްޕަގެ އަޑު އިވުމުން އަވަހަށް ދޮރު ހުޅުވިއެވެ. ރޭގައި ރޮއެރޮއެ ހިބާގެ ދެލޯ ހުރީ ދުޅަވެފަ އެވެ. “ދަރިފުޅާ؟ ރޭގަ ފަހުންވެސް ރުއީތަ؟” ޖަމާލްއަށް ހިބާގެ މޫނު ފެނުމުން އަހާލި އެވެ. ހިބާ ފަނޑު ހިނިތުން ވުމެއް މޫނަށް ވެރިކޮށްލީ ގަދަކަމުންނެވެ.
“ދެން ނުރޯނަމޭ.” ހިބާ ބުންޏެވެ. ޖަމާލް ހީލަމުން ހިބާގެ ކޮނޑުގައި އަތް ބާއްވާލަމުން ހިބާ ގޮވައިގެން ހިގައިގަތެވެ.
ކާން އުޅެއުޅެ ހިބާއަށް ކެވޭގޮތެއް ނުވިއެވެ. ރޭގައިވެސް ނުކައި ހުރުމުގެ ސަބަބުން ހިބާ ވަނީ މާބޮޑަށް ބަނޑުހައި ވެފައެވެ. ހޮޑުވެސް ލަވަނީ އެވެ. އެހެން ކަމުން ނުކެވޭނެ ކަމަށް ބުނަމުން ތަށިތައް ދުރުކޮށްލި އެވެ. ޖަމާލް ވެސް ގަދަކަމުން ހިބާއަށް ކާންދޭކަށް ގަސްތެއް ނުކުރި އެވެ. ނަމަވެސް ހަމައެކަނި ސައިތަށި ބޯލުމަށް ޖަމާލް އެދުނެވެ. ހިބާ ސައިތަށިން އެތިފޮތެއް ބޯލައިގެން އަވަހަށް ދިޔައީ ކޮޓަރިއަށެވެ. ދަބަހުން ސުޕާރީ ޕެކެޓެއް ނަގައިގެން އެ ހަފަން ފެށީ ހޮޑު ލަވައިގަނެގެނެވެ.
ފޮށިން އެއްޗިހި ނަގާ އަލަމާރީގައި އަތުރާލާ ތަރުތީބުކޮށްލުމަށް ފަހު ހިބާ ކޮޓަރީގައި ކުރާނެ ކަމެއް ނެތިފައި އޮތެވެ. ފޯނެއް ނެތެވެ. ނުވިތާކަށް ހިބާގެ ލެޕްޓޮޕްވެސް ނެތެވެ. ހިބާއާއި ފައުޒާންއާއި ހަނީމޫންގައި ނަގާފައިވާ ފޮޓޯތަށް ލެޕްޓޮޕްގައި ހުންނާނެ އެވެ. ހިބާ ހާހެއް ނުވެ އެވެ. އެއީ ލެޕްޓޮޕްގެ ޕާސްވޯރޑް ހަމައެކަނި އިނގޭނީ ހިބާއާއި ފައުޒާންއަށެވެ. އިތުރު މީހަކަށް ނޭގޭނެ އެވެ. ނަމަވެސް މޮޅު މީހަކު ގެނެސްގެން ހުޅުވަން އުޅެފިއްޔާ ހުޅުވޭނެތާއެވެ. އެކަމަކުވެސް ހިބާ ހާހެއް ނުވެއެވެ.
“ހިބް!” ބޭރުން އަބްޔާން ގޮވާލިއަޑު އިވުނެވެ. ހިބާ ބޯދިއްކޮށްލި އެވެ. “ސިމީއާ އެއްކޮން ގާޑްން ތެރެ ސާފުކުރަންވީ ނޫންހޯ ބައްޕަ ބުނުއްވީ. ތިހެން އަބަދު ކޮޓަރީގައި ނޯންނާށޯ.” އަބްޔާން ބުންޏެވެ.
“ކާކު ސިމީ އަކީ؟” ހިބާއަށް އަހާލެވުނެވެ.
“އެއީ މަސައްކަތް ކުރަން ގެންގުޅޭ ލަންކާ މީހެއް. ގީތާއާއި ސިމީ އުޅޭނީ ބޭރުމީހުނަށް. ދެން އުޅޭނީ ހުސް ރާއްޖޭ މީހުން.” އަބްޔާން ބުންޏެވެ. “މިގޭ މީހުނަށް ވުރެން މިގޭގައި ގެންގުޅޭ މީހުން މާ ގިނަ ވާނެ.”
“ހިބާ ދަންނަނީ ފިކުރީބެ އެކަނި.” ހިބާ ބުންޏެވެ.
“އަދި އުޅޭނެ ކަލީމްއާ ވާރިސްއާއި މަޖްދާ ވެސް. ކަލީމް އަކީ ބައްޕަގެ ޑްރައިވަރު. ވާރިސް ވެސް ކާރު ދުއްވާނެ. އެކަމަކު ވާރިސް އަކީ އަބަދު ވިޔަފާރިކޮށް ކަންކަމުގައި އަބަދު ތަންތަނަށް ފޮނުވަން ބައްޕަގެންގުޅޭ ކުއްޖެއް.” އަބްޔާން ހިބާއާއި އެކު ކޮރިޑޯއިން އައިސް ސިޑިން ފައިބަމުން ކިޔައި ދިނެވެ. “މަޖޫ އަކީ ހަމަ މިގޭގައި ކިޔަވަން ހުންނަ ކުއްޖެއް. ބައްޕަގެ ރައްޓިއްސެއްގެ ދަރިއެއް. މަޖޫ ހަދަނީ ނާސިން.” އަބްޔާން އިތުރަށް ކިޔައިދެމުން ދިޔައެވެ.
ހިބާ ގޮވައިގެން ބޭރު ފެންޑާއިން ލާފައި ގޮސް ދެމީހުން ބަގީޗާއަށް ނުކުތްއިރު ސިމީ އުޅެނީ ގަސްތަކަށް ފެންދޭށެވެ. ސިމީ އަކީ އިސްކޮޅުން ދިގު ހިކި އަންހެނެކެވެ. ލައިގެން ހުރީ ލަންކާ މީހުން ލާކަހަލަ ބްލައުސް އަކާއި ދިގު ހިމަ ސްކާރޓެކެވެ. ފެންނައިރު ހިތްހެޔޮ ފާޑު ޖަހައެވެ.
“ސިމީ، މިހިރީ ހިބާ. އަބޫގެ ކޮއްކޮ.” ސިމީ ބަލައިލާފައި ހީލުމުން އަބްޔާން ސިމީ ކައިރީ ބުންޏެވެ.
“އެހެންތަ. ކުޑަ މެޑަމް ދޯ.” ސިމީ ހީލަމުން ބުންޏެވެ.
“ދީބަލަ ތި ހިބާ އަތަށް. ހިބާ ވަރަށް މޮޅުވާނެ ގަސްތަކަށް ފެންދޭން.” އަބްޔާން ބުންޏެވެ. ހިބާ ހޮޅިގައި ހިފުމުން ސިމީ ހޮޅިން ދޫކޮށްލާ ދުރުގައި ބަލަން ހުއްޓެވެ. ހިބާ ގަސްތަކަށް ފެންދެމުން ގެންދިޔަ އެވެ. ރީތިމާތަށް ފޮޅިފައިވާ ބަގީޗާއެކެވެ. އެކިކުލަކުލައިގެ މާތަކުން މީރުވަސް ވަނީ މުޅިތަނަށް ފެތުރިފައެވެ.
“މިއޮއްގެން އައީ ވާރިސް.” އެވަގުތު ބޭރުދޮރުން ވަދެގެން އައި ވާރިސް ފެނުމުން އަބްޔާން ބުންޏެވެ. ވާރިސް އަކީ ކުޑަކޮން ހުރި މީހެކެވެ. މޫނުމަތިން ހިބާމެން ވަރު ދެއްކި އަސް ހުންނަލެއް ކުޑަކަމުން ހީވަނީ ހިބާއަށް ވުރެންވެސް ކުޑަހެނެވެ.
“އައްސަލާމް އަލައިކުމް.” ހިނިއައިސްފައި ހުރެ ވާރިސް އައިސް ހިބާއާއި ދިމާލަށް ހީލަމުން ސަލާން ގޮވާލި އެވެ. “ތީ ދޯ ހިބް. ކުރިން ދައްތަ ނިޔާވެގެން އައިއިރު ވެސް ދިމާވިދޯ. ހިބްއަށް އެކަމަކު ނޭގޭނެ ކަންނޭގެ.” ވާރިސް ބުނަމުން ދިޔައެވެ. ތެދެކެވެ. ދައްތަ ނިޔާވެގެން އައި ފަހަރު އެގޭ ހުރިހާ ގެންގުޅޭ މީހުނާ ދިމާވި އެވެ. ނަމަވެސް މިހާރު ހިބާއެއް ހަދާނެއް ނެތެވެ.
އެގޭގައި އުޅޭ އެންމެންވެސް ހިބާ އެކަނިވިޔަކަ ނުދެއެވެ. އެއީ ޖަމާލް އަންގާފައި ވާގޮތެވެ. ހިބާ އެކަނި ވުމުން ދެރަވެގެން ރޯނެތީ އެވެ. އެހެން ކަމުން ހިބާ ކައިރީ މިވަގުތު ވެސް ވާރިސް އާއި ސިމީ ތިއްބެވެ. އެމީހުން ތިބީ އެގޭ ބިއްދޮށް ފަރާތުގައި ހަދާފައިވާ ކުޑަ އެޕާރޓްމެންޓެއްގަ އެވެ. އެއީ އެގޭގައި އުޅޭ ކުދިން އުޅެން ވަކިން ހަދާފައިވާ ތަނެކެވެ. އެތާގައި ހުރީ ހަތަރު ކޮޓަރިއާއި ބޮޑު ފެންޑާއެކެވެ. އެތަންވެސް ވަނީ އެންމެ މިޒަމާނާއި އެއްގޮތަށް ހަދާފައެވެ.
ވާރިސްއާއި ސިމީ ހިބާއަށް ވަރަށް ހެވެވެ. އެގޭގައި ފަހީމާ އުޅުން އިރުގެ ވާހަކަ ވާރިސް ކިޔާދެމުން ދިޔަ އެވެ. އޭރު އެގޭގައި މީހުން މަދުނުވާކަމާއި، އަބަދުވެސް ކޮންމެ މީހަކުވެސް ކޮންމެސް ކަމެއްގައި އުޅެންޖެހޭ ވާހަކަ އެވެ. ނަމަވެސް ފަހީމާ ނިޔާ ވުމުން އެކަމުގެ އެންމެ ބޮޑު އަސަރެއް ކުރީ އެގޭގައި ގެންގުޅޭ ކުދިންނަށް ކަމަށް ވާރިސް ބުންޏެވެ. ފަހީމާއަކީ ރަގަޅު ހީވާގި މީހެއްކަމަށް ވެސް ވާރިސް ބުންޏެވެ. އަދި ލަޔާންދެކެ ފަހީމާ އެހާ ލޯބިވާ ވާހަކައާއި ޖަމާލްވެސް ލަޔާންދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ވެސް ވާރިސް ބުންޏެވެ.
އެގޮތަށް ވާހަކައަިގައި ތިއްބާ މަޖްދާ އައިސް ވަނެވެ. މަޖްދާއަށް ހިބާ ފެނުމާއި އެކު ހިބާ އެގިއްޖެ އެވެ. ހިބާގެ ވާހަކަ އަބަދު ޖަމާލްއާއި ޒެކްއާއި ދައްކާތީ މަޖްދާއަށް ހިބާވަރަށް ރަގަޅަށް ވެސް އެނގެ އެވެ.
“ހިބާ!” މަޖްދާއަށް ގާތް ގޮތަކަށް ގޮވާލެވުނެވެ. ހިބާ ބަލަހައްޓައިގެން އިނީ އެވެ. އެއީ ކާކުކަމެއް ހިބާއަކަށް ނޭގެ އެވެ.
“މީ މަޖޫ،” ވާރިސްއަށް ހިބާއަށް ނޭގިފައި އިންހެން ހީވެގެން ބުންޏެވެ. “މަޖޫއަކީ މި އަހަރު މިގެއަށް ކިޔަވަން އައި ކުއްޖެއް. ނާސިންކޯސް ހަދަނީ.” ވާރިސް އިތުރަށް ތަޢާރަފް ކޮށްދިނެވެ.
“އާން، ދޮންބެ ބުންޏޭ.” ހިބާ ހަދާން ވެގެން ބުންޏެވެ. މަޖޫވެސް ވީ ހިބާއަށް ވަރަށް ހެޔޮ ކުއްޖަކަށެވެ.
އަޒްކާ މައްޗަށް އަރަން ދިޔައީ ހިބާއަށް ދޭން ބުނެފައި އޮތް ފޯނު ދޭންވެގެންނެވެ. ނަމަވެސް ލިފްޓުން ނުކުތް ވަގުތު ޒޭބާއާއި ދިމާވި އެވެ. ޒޭބާ އަޒްކާކައިރީ ހިބާ އެގެއިން ކުޑައްތަ ފޮނުވާލީ ކަމުގައި ބުނުމުން އަޒްކާއަށް ލިބުނީ ސިހުމެކެވެ. ހައިރާންވެ ގަބޫލު ނުކުރެވިފައި އަޒްކާއަށް ހުރެވުނީ އެވެ.
އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އަޒްކާ ހަފީޒާ މެންގެއަށް ވަނީ ޒޭބާވެސް ގޮވައިގެނެވެ. އޭރު ހަފީޒާ ބަދިގޭގައި އުޅެއެވެ.
“ކުޑައްތާ!” އަޒްކާ ގޮވާލަމުން ބަދިގެއަށް ވަނެވެ. “ތެދެއްތަ؟ ހިބާ މިގޭން ދިޔައީތަ؟” އަޒްކާއަށް އަހާލެވުނެވެ.
“އާން.” ހަފީޒާގެ ޖަވާބު ވަރަށްވެސް ކުރެވެ.
“އެއީ ކީއްވެ؟” އަޒްކާއަށް އަހާލެވުނެވެ. ޒޭބާ އޭރު ހުރީ އެތަނުން ނުދެވިފައެވެ. ޒޭބާއަށް އުދަގޫ ވަނީ އެވެ. ހިބާދެކެ ކިތަންމެ ރުޅިއަޔަސް ނަދުވާ ގޮތަށް ޒޭބާއަކީ މީހުން ކައިރީ ދޮގުހަދައިގެން ވާހަކަ ދައްކާ މީހެއް ނޫނެވެ. މީހުންގެ ފަރާތުން އިވިފައި ހުރި ވާހަކަ ދެއްކިއަސް ކަނޑައެޅިގެން ދޮގެއްކަން އެނގޭ ވާހަކަ ދައްކަން ޒޭބާ ޖެހިލުންވެ އެވެ. އެހެންކަމުން ހިބާއޭ ކިޔައިގެން ނަދުވާ ދެއްކި ވާހަކަތަކާއިމެދު ޒޭބާ ހުންނަނީ ކަން ބޮޑުވެފަ އެވެ. “ކުޑައްތާ؟ ކީއްވެތަ؟” ހަފީޒާ އަނގައިން ނުބުނެ ހުރުމުން އަޒްކާ އަނެއްކާވެސް އަހާލިއެވެ.
“އަހަންނަށް ނުބެލިގެން.” ހަފީޒާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.
“ކިހިނެއް ނުބެލިގެން؟” އަޒްކާ ހުރީ ހުރިހާ ވާހަކައެއް އޮޅުން ފިލުވަން ބޭނުންވެފަ އެވެ. އެންމެފަހުން ހަފީޒާ އަޒްކާއަށް ހބާގެ ހުރިހާ ވާހަކައެއް ކިޔައިދީފި އެވެ. އަޒްކާ ގަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ. އަޒްކާ ގަބޫލު ނުކުރާނެކަން މާކުރިން ވެސް ޒޭބާއަށް އެނގެ އެވެ. އެއީ ހަގީގަތެއްނެތް ވާހަކަ ތަކެކެވެ.
“ކުޑައްތަ ތި ގޮތަށް ގަބޫލު ކުރަނީތަ؟ ތީ ކިހިނެއް ވާނެ ކަމެއް. ކުޑައްތަ ކައިރީ ނަދުއްތަ ދައްކައިގެން އުޅޭ ވާހަކައެއްދޯ ތީ. ނަދުއްތަ އެއުޅެނީ ޖޭ ވެގެން.” އަޒްކާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ އެވެ. އަދި އެހާމެ ދެރަވެފަ އެވެ. ހަފީޒާ ދެންމެ އަޒްކާ ކައިރީ ދެއްކި ވާހަކަތައް ހުދު ހަފީޒާވެސް ހިތުގެ އަޑިން ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ނަދުވާ ދައްކާފައި ވާ ވާހަކަތަކަކަށް ވީމައި އެއީ ދޮގަކަށް ހަދަންވެސް ހަފީޒާ ބޭނުން ނުވަނީ ކަންނޭގެ އެވެ.
“ކުޑައްތައަކަށް ނޭގެ ދޯ ނަދުއްތަޔާ ޒާންބެޔާ ރުޅި ކަމެއް؟ އަދި ޒާންބެއާ ހިބާއާ ރައްޓެހިވެގެން އުޅޭ ކަމެއް؟” އަޒްކާ ބުނުމުން ހަފީޒާއަށް ހީވީ ދުނިޔެ މާ ބާރަށް އެނބުރިގަތް ހެނެވެ. އަޒްކާ މިކިޔަނީ ކީކޭ ހެއްޔެވެ. އެއީ ކޮންއިރަކު ވީ ކަމެއް ހެއްޔެވެ. ހަފީޒާ ގަބޫލު ނުކުރެވިފައި ހުރެ އަޒްކާއަށް ބަލައިލި އެވެ. “ކުޑައްތާ! ޒާންބެ ކޯމާގައި އޮތްއިރު ޒާންބެއަށް އެކަން އެނގުނީ. ޒާންބެ ކައިރީ ޑިއުޓީގައި އިންނައިރު ނަދުއްތަ ކޮންމެސް ބޯއީއެއް ގޮވައިގެން އުޅެފައި ހުރީ ވަރަށް ހަޑިކޮން. އެހެންވެ ޒާންބެ ކޯމާއިން ރަގަޅުވެގެން އައިސް ނަދުއްތައާއި ރުޅިވީ. އެދުވަހު ނަދުއްތަގެ އެދުމުގެ މަތިން ޒާންބެ އެކަކު ކައިރީވެސް ނުބުނެ ހުރީ.” އަޒްކާ ބުންޏެވެ.
ހަފީޒާއަށް ވީގޮތްވެސް ނޭގުނެވެ. މޭޒުކައިރީ ހުރި ގޮނޑިއެއްގައި ހަފީޒާއަށް އިށީނދެވުނެވެ. ނަދުވާ އެކަހަލަ ކަމެއް ކޮށްފާނެކަމަކަށް ހަފީޒާ ހިތަށްވެސް ނާރަ އެވެ.
“މިހާރު ޒާންބެ ހިބާއާ ރައްޓެހިވެގެން އުޅެނީ. ކުޑައްތަމެން އައިމަ އެވާހަކަ ބުނަން ޒާންބެ ހުރީ. އެކަމަކު ޒާންބެ ދާން ޖެހުނީމަ ފަހުން ޒާންބެ އައިސްސަ ބުނަން މަޑުކުރީ.” އަޒްކާ ބުންޏެވެ. ނަދުއްތަ ހިބާދެކެ ޖޭ ވެގެން ހަދަހަދައިގެން އެވާހަކަތަށް އެދައްކަނީ. މިހިރަ ޒޭބާ ކައިރީ އަހާބަލަ. ޒޭބާއަށް ވެސް އެނގޭނެ.” އަޒްކާ ޒޭބާއަށް އިޝާރާތް ކޮށްލި އެވެ.
“އެއީ ތެދެއް ކުޑައްތާ!” ޒޭބާއަށް އިތުރަށް ދެން ނުކިޔާދީއެއް ނުހުރެވޭނެ އެވެ. އަޒްކާއަށް ވެސް ނޭގޭ ވާހަކައެއް ޒޭބާއަށް އެނގެއެވެ. “ނަދޫއާ އަހަންނާ އޭރު ކުޑައްތަ ނާންނަނީސް މިގޭން ނުކުތީ ފޫހިވެގެންނޭ ނަދޫ އެބުނީނު. އެއީ ދޮގެއް. އަސްލު ވީގޮތަކީ ޒާން ކައިރިއަށް ރުޅިއައިސް ގެން އަހަރުމެން ބޭރުކުރީ. ނަދޫ ހިބާގެ އިސްތަށިގަނޑު ބުރިކޮށްލީމަ.” ޒޭބާ ވަރަށް ތަފްސީލްކޮން އެވާހަކަ ކިޔައިދިނެވެ. ހަފީޒާއަށް ނަދުވާދެކެ ވަރަށް ރުޅި އާދެވުނެވެ. އެހާ ދަށުދަރަޖައަކަށް ނަދުވާ ގޮސްދާނެ ހެއްޔެވެ.
“އެހެންވެ ދޯ ހިބާ ކުއްލިއަކަށް ބުރުގާ އެޅީ.” އަޒްކާއަށް ބުނެވުނެވެ. ހަފީޒާ ހުރީމިހާރު ވަރަށް ދެރަވެފަ އެވެ. ހިބާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުންނެވެ. ހަމައެކަނި ނަދުވާގެ ބަސް ގަބޫލުކޮށްގެން ހަފީޒާއަށް އުޅެވުނީތީ އެވެ. ކަމުގެ ދެކޮޅު ނުބެލުނީތީ އެވެ. ހަފީޒާ ފެންކަޅިވެފައި އިނެވެ. އެވަގުތު މޭޒުމަތީ އޮތް ހަފީޒާގެ ފޯނު ރިންގުވާން ފެށި އެވެ. އެއީ ހިބާގެ މަންމަ މޫމިނާއެވެ. ހަފީޒާ ފޯނަށް ބަލަހައްޓައިގެން އިނެވެ. މޫމިނާއަށް ހަފީޒާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. އެތަށް އިރަކު ރިންގުވީ ފަހުން ފޯނު ކެނޑުނެވެ. ހަފީޒާއަށް ހިން ދިރުވާލެވުނެވެ. މޫމިނާ ހިތަށް އަރާނެ އެއްޗެކާއި މެދު ވިސްނެން ފެށީ އަދިކިރިޔާ އެވެ. ހިބާއާއި އަބްޔާން ދައްކާފައިވާ ވާހަކަތައް ސިކުނޑިތެރޭގައި އެގޮތް މިގޮތަށް ދުވަން ފެށިއެވެ. ހަފީޒާއަށް ނިތްކުރީގައި ހިފަހައްޓާލެވުނެވެ. އަނެއްކާވެސް މޫމިނާ ގުޅަން ފެށިއެވެ. މިފަހަރު ހަފީޒާ ފޯނުނަގާ ލަދުން ހުރެ ޖަވާބުދިނެވެ.
“ހަފީ؟ އަހަރެން ހީވެސް ނުކުރަން ހަފީ އެފަދަ އިލްޒާމެއް ހިބާގެ ބޮލުގަ އަޅުވަފާނެ ކަމަކަށް.” އެންމެ ފުރަތަމަ ވެސް މޫމިނާއަށް ބުނެވުނީ އެހެންނެވެ. ހަފީޒާ ހުރީ ވާހަކަ ނުދެއްކިފަ އެވެ. ހަފީޒާ ބުނާނީވެސް ވަނި ކީކޭ ހެއްޔެވެ.
“ހަފީ، އަހަރެން ހީކުރީ ހަފީ ހިބާ ބަލަމުން އައީ ހަފިގެ އަމިއްލަ ދަރިއަކު ފަދައިން ކަމަށް. އަމިއްލަ ދަރިއަކު އެކަހަލަ ކަމެއް ކޮށްފި ނަމަހީ ވެސް ހަފީ އެހެންތަ ހަދާނީ. ގެއިން ނެރޭނީތަ؟ ހަފީ، އެކަމަކު ހިބާ އެކަހަލަ ކަމެއް ނުވެސް ކުރޭ. ކުރާކަށް ނުވެސް ކެރޭނެ. އަދި އެގޮތަށް ލާރި ނަގާކަށް ހިބާ ބޭނުން ވާނީވެސް ކިހިނެއް. ހިބާއަށް ހިބާ ބައްޕަ ކޮންމެ މަހަކު އެހާވަރަށް ލާރި ދޭ. ހިބާ އެލާރި ބޭނުން ކޮށްފަ ބާކީވެސް ވާނެ. ފައުޒާންއާއި ހިބާއާއި ގުޅިގެން އުޅޭކަން އެނގުނީމަތަ ހަފީ އަނެއްކާ ރުޅި އައީ؟ އެއީ އެކުދިން އަމިއްލައަށް ނިންމި ނިންމުމެއް. އެކަމުގަ އަހަރުމެންނަށް ކުރެވޭނީވެސް ކީއްތަ. އެކަމަކު ފައުޒާން އައިމަ އަހަރެން އެދޭނަށް ހިބާއާއި ދުރުވާން. ހަފީމެން ތިހާ ނުގަބޫލު ކުއްޖަކަށް ހިބާ ވާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން. މޫމިނާ ދެރަވެގެން ހަފީޒާ އާއި އެތަކެއް ވާހަކަ ދެއްކި އެވެ. ހަފީޒާގެ އަޑު ބެދިފައި ލޮލުން ކަރުނަ ފޫދިގެން ފައިބައި ގަތެވެ. މޫމިނާއަށް ދޭނެ ޖަވާބެއްވެސް ނޭގެ އެވެ.
“މޫމީ، އަހަންނަށް….މާފް ކުރޭ!” ވަރަށް ހިތްވަރު ކޮށްފައި ހަފީޒާ ބުނި އިރު މޫމިނާ ފޯނު ކަނޑާލައިފި އެވެ. ހަފީޒާ ފޯނު ކަންފަތުން ވަކިކޮށް މޭޒުމަތީ ބޭއްވި އެވެ. އަޒްކާއާއި ޒޭބާ ދެރަވެފައި ހަފީޒާއާއި ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.
އަޒްކާ އެގެއިން ނިކުމެގެން ގެއަށް ގޮސް ވަންތަނާހެން ނުދަންނަ ބޭރު ނަންބަރަކުން އަޒްކާއަށް ގުޅަން ފެށިއެވެ. އަޒްކާ ފޯނު ނެގިއެވެ.
“ހެލޯ! އަޒްކޯ؟” ފައުޒާންގެ އަޑު އެކޮޅުން އައެވެ.
“ޒާންބޭ!” އަޒްކާއަށް ބުނެވުނެވެ. ފައުޒާން އެގުޅީ ހިބާއަށް ނުގުޅިގެންކަން އަޒްކާއަށް އެނގުނެވެ.
“ހިބާ ފޯނު ނިވާލާފަ އޮތީ. ހިބާ ކޮބައިތަ؟” ފައުޒާން ހުރީ ވަރަށް އަވަސް އަރުވާލާފަ ހެން ހީވެއެވެ.
“ޒާންބޭ، ހިބާ އުޅެނީ ފޯނު ހަލާކު ވެގެން. އަދި މި ދުވަސްކޮޅު ހިބާ ވީ ވެސް ހިބާ ބައްޕަ މެންގެއަށް ގޮސް. ވަރަށް ދެރަވެގެން އުޅުން ޒާންބެ ގުޅާއިރު ފޯނު ހަލާކުވެފަ އޮތީމަ.” އަޒްކާ ބުންޏެވެ. ހަފީޒާމެން ހިބާއަށް ކަންތައްކުރި ގޮތުގެ ވާހަކަ ދައްކާކަށް އަޒްކާއަކަށް ނުކެރުނެވެ. ފައުޒާން ދެރަވާނެ ވަރު ހިތަށް އަރާފަ އެވެ.
“ހިބާއަށް މި ނަންބަރު ދެއްޗޭ. އެންމެނަށް ވަރަށް ސަލާން އިނގޭ. ބާއި.” ފައުޒާން އަވަހަށް ފޯނު ބޭއްވިއެވެ. އަދި ބޫތުން ނުކުތީ ފައުޒާންއަށް ކަނޑަ އަޅާފައި ވާ ގަޑި ޖެހުމުންނެވެ. އޭރު ކިއުގައި އެތަކެއް މީހުން ތިއްބެވެ.
އެއީ ފައުޒާން މެންގެ ކުރޫގެ ފޯނުކުރާ ދުވަހެއްވެސް ނޫނެވެ. އެ ކޭމްޕްގައި ހަމަ ޖެހިފައި އޮންނަނީ އެކި ގުރޫޕް ތަކަށް އެކި ދުވަހު އާއިލާ މީހުނާ ވާހަކަ ދެއްކޭ ގޮތަށް ހަމަ ޖައްސާފަ އެވެ. ފައުޒާން ހުރީ ފަޅާ އަރާ ފާނެތީވެސް ވަރަށް ޖެހިލުން ވެފައެވެ.
ފައުޒާން ގޮސް ޓެންޓަށް ވަދެ ބަންކު އެނދުގެ މަތީބުރީ ޖައްސާލި އެވެ. އެއީ ފައުޒާންގެ އެނދެވެ. ފައުޒާންގެ ފޯނުގައިވާ ހިބާގެ ފޮޓޯތަކަށް ބަލަން ފައުޒާން އޮތެވެ. އެތާކަށް އިންޓަނެޓެއް ނުލިބެ އެވެ. ސިމް ގެންގުޅުން ވެސް އޮންނަނީ މަނާކޮށްފަ އެވެ. އެހެން ކަމުން ގުޅޭނެ އެއްގޮތެއްވެސް ނެތެވެ. ހިބާގެ ހިޔާލުގައި ފައުޒާން އޮތެވެ. ހިބާ މާބޮޑަށް ޒާން މަތިން ހަދާންވާތީ ހިބާ އަމިއްލައަށް ހިބާ ބައްޕަ މެންގެއަށް ދިޔައީ ކަންނޭގެ އެވެ. ހިބާއަށް ފޯނެއް މިހާރު ހިބާ ބައްޕަ ގަނެވެސް ދީ ފާނެއެވެ. އަނެއްކާ ލައިނެއް ނަގައިގެން ނަންބަރު ބަދަލުވީ ކަންނޭގެ އެވެ. އެކަހަލަ ހިޔާލު ތަކެއްގައި ފައުޒާން އޮތެވެ.
ދެތިން ދުވަސް ފާއިތުވެގެން ހިގައްޖެ އެވެ. އަޒްކާ ކަންބޮޑުވަމުން ދިޔައީ ހިބާ ކްލާހަށް ވެސް ނާންނާތީ އެވެ. ފައުޒާންގެ ނަންބަރު ދެވެން އޮތީވެސް ހިބާ ކްލާހަށް އައީމަ އެވެ. އަޒްކާ ޒެކްއަށް ގުޅި އެވެ. ޒެކް އޭރުވެސް ހުރީ ހިބާމެން ރަށުގައެވެ. ހިބާމެންގެ ގެ ހެދުމުގެ ކަންތަކުގަ އެވެ. އަޒްކާ ޒެކްއަށް ގުޅައިގެން އެވާހަކަތަށް ކިޔައިދިނެވެ. ޒެކްއަށް އިނގުނީ އަޒްކާ ކިޔައި ދިނީމަ އެވެ. ޒެކް ހުރީ ނަދުވާ ދެކެ ވަރަށް ރުޅިއައިސްފަ އެވެ.
ނަދުވާ ހަފީޒާއާއި ވާހަކަ ދައްކަން ވަރަށް ގިނައިން އުޅެއެވެ. ނަމަވެސް ހަފީޒާ މިހާރު ބަލަނީ ނަދުވާއާއި ވީހާވެސް ދުރުން އުޅެވޭތޯ އެވެ. ކުއްލިއަކަށް ހަފީޒާއަށް އައި ބަދަލު ނަދުވާއަށް ފާހަގަ ކުރެވުނެވެ. ވީ ކިހިނެއްކަމެއް ނަދުވާއަށް ނޭގުނަސް ކޮންމެސް ގޯހެއް ވެއްޖެކަމުގެ އިހުސާސް ނަދުވާއަށް ކުރަމުން ދިޔަ އެވެ. ޒޭބާވެސް ނަދުވާއާއި ދުރުވީމަ އެވެ. ހަފީޒާ ނަދުވާއާއި ދިމާއަށް އެއްޗެއް ނުބުނެ ހުރީ ނަދީމާމެން ވެސް ރަށުގައި ނެތުމާއި އެކު ނަދުވާގެ ހުންނަ ގޮތުންވެސް ކޮނެމެފަދަ ކަމެއްވެސް ކޮށްފާނެތީ އެވެ. ހަފީޒާ މިހާރު ބަލަނީ ވީހާވެސް ގިނައިރު ހޮސްޕިޓަލުގައި އުޅެވޭތޯ އެވެ.
ހިބާ އެއްގޮތަކަށްވެސް ރަގަޅަކަށް ނުކައެވެ. އެކަމާއި ޖަމާލް ހުންނަނީ ކަންބޮޑުވެފަ އެވެ. ހިބާގެ ހަށިގަނޑުންވެސް އެކަން ފާހަގަ ކުރެވެމުން ދިޔަ އެވެ.
ހަވީރުގެ ގަޑިއެކެވެ. ހިބާ ބަގިޗާގައި ހުރި އުނދޯލީގައި އިނީ އެކަނިމާ އެކަނި ކުރާނެ ކަމެއް ނޭގިފަ އެވެ. އަބްޔާންވެސް އެއްދުވަސް ކުރިން ވަނީ ފުރާފަ އެވެ. ޖަމާލް ވެސް ހިބާއަށް ފޯނެއް ގަނެދޭން ހިބާ ގޮވައިގެން ދާން އުޅުމުން ހިބާ އެއްގޮތަކަށް ވެސް ދާ ހިޔާލެއް ނުކުރި އެވެ. ޖަމާލް ގެންނަ ކޮންމެ ފޯނެއްވެސް ކަމުދާނެ ކަމަށް ހިބާ ބުންޏެވެ. ހިބާ އުނދޯލީގައި ހެއްލާލަ ހެއްލާލަ އިނެވެ.
ދޮރުން ވަދެގެން އައި މަޖުދާ ފެނުމުން ހިބާ އެދިމާއަށް ބަލައިލި އެވެ. ހިބާއަށް ކޮޅަށް ތެދުވެވުނީ މަޖުދާއާއި އެކު ހުރި ޒޭބާ ފެނުމުންނެވެ. ޒޭބާއާއި މަޖުދާ ހަދަނީ އެއް ކޯހެކެވެ. އެހެންކަމުން ކްލާސް ނިމިގެން މީގެ ކުރިންވެސް މަޖުދާއާއި އެކު ޒޭބާ އެގެއަށް އައިސް ފައި ވެއެވެ. ޒޭބާއަށް ވެސް ހިބާ ފެނިފައި ހުއްޓިގެން ހުރެވުނީ އެވެ.
“ހިބާ، ހިބަ ކީއްވެ މިގޭގަ؟” ޒޭބާއަށް މަޖުދާ ކައިރީ އަހާލެވުނެވެ.
“ހިބް ދަންނަންތަ؟” މަޖްދާ ވެސް ކުރީ ސުވާލެކެވެ. ނަމަވެސް ޒޭބާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮން މަޖުދާ ވާހަކަ ދައްކަން ފެށި އެވެ.
“އެއީ ޖަމާލްބޭގެ އަންހެން ދަރިފުޅު. ލަކީ ކުއްޖެއްނު. އެކަމަކު އެހެރީ ހުންނަލެއް ކަޓުކަން ދޯ. މަށަށް އެގޮތަށް ލާރި އޮހޭ ނަމަ ލާރި މަތީ ފަތާނީ.” މަޖުދާ ހަމަ އެކަނި ޒޭބާއަށް އަޑު އިވޭވަރަށް ބުންޏެވެ. އަދި ޒޭބާގެ އަތުގައި ހިފައިގެން ހިބާ ކައިރިއަށް އައެވެ.
“ހިބް، މީނަ ދަންނަންތަ؟” މަޖުދާ ޒޭބާ ގެނެސް ހިބާ ކައިރީ ބަހައްޓަމުން އެހިއެވެ.
“އާން، ހިބާމެން މަންމަ ރަށު ކުއްޖެއް ތީ.” ހިބާ ބޯ ޖަހާލަމުން މަޑުމަޑުން ބުންޏެވެ.
“އެހެންތަ. އެހެންވެ ދޯ އިނގެނީ.” މަޖުދާ ބުންޏެވެ. “ހިބްއަށް އިނގޭތަ. ޒޭބާއަކީ މަޖޫގެ ވަރަށް ކްލޯސް ފްރެންޑެކޭ. ޒޭބާ، ހިބްއަކީ ވަރަށް ރަގަޅު ކުއްޖެއް. ވަރަށް ހިތްހެޔޮވާނެ.” ޒޭބާ ކުރިމަތީ ހިބާގެ ރަގަޅު ވަހަކަ ދައްކާތީ ހިބާ ހުރީ ލަދުންނެވެ. ޒޭބާވެސް ހުރީ ހިތް ނުތަނަވަސް ވެފަ އެވެ.
“ޒޭބާއަށް އިނގެޔޭ.” ޒޭބާ އެންމެ ފަހުން ބުންޏެވެ. “ހިބާ ރަގަޅު ކަމުންނާއި ރީތިކަމުން ޒޭބާ ހުންނަނީ ވަރަށް ޖޭ ވެފަ. އެކަމަކު މިހާރު އިނގޭ އެއީ ވަރަށް ގޯސް ކަމެއްކަން. ޒޭބާ ކުރިން އަބަދު ހުންނަނީ ހިބާއާއި ޖައްސާލާފަ ދޯ ހިބާ. ޒޭބާ މިހާރު އަސްލު ވަރަށް ލަދުގަނޭ އެކަމާ.” ޒޭބާ ހުރީ ހަގީގަތުގައި ވެސް ލަދުންނެވެ.
“ހިބާ، އަހަންނަށް މާފްކުރޭ.” ޒޭބާ ހިބާގެ އަތުގައި ހިފާލަމުން ބުންޏެވެ. “އަހަރެން އަސްލު ވަރަށް ދެރަވި ނަދޫ ހިބާގެ އިސްތަށިގަނޑު ބުރިކޮށްލި ދުވަހު. އަހަރެން ނަދޫ ހިފަހައްޓަން ވެސް އުޅުނިން. ހިބާ އައި އޭމް ރިއަލީ ސޮރީ.” ޒޭބާގެ ލޮލުން ކަރުނަ ނިރާލި އެވެ. ޒޭބާ ހުރީ ހަގީގަތުގައި ވެސް ދެރަވެފައިކަން ހިބާއަށް އެނގުނެވެ.
“އެހެންވެސް ވާނެ،” ހިބާ ޒޭބާއަށް ހީލި އެވެ. “ހިބާ މާފް ކޮށްފިން.”
“ހިބާއަށް އެގޭތަ، ކުޑައްތައަށް އަޒްކާ ހުރިހާ ވާހަކައެއް ކިޔައިދީފި. ނަދޫ ދެކެ ކުޑައްތަ ހުންނަނީ ވަރަށް ފޫހިވެފަ. އެކަމަކު އެއްޗެއް ނުބުނެ. ހިބާއާއި މެދު ކަންތައް ކުރެވުނު ގޮތުންވެސް ކުޑައްތަ ހުންނަނީ ވަރަށް ދެރަވެފަ. ނަދޫ ދައްކައިގެން އުޅޭ ދެކޮޅު ނުޖެހޭ ވަހަކަ ތަކެއްގެ ސަބަބުން ކުޑައްތަ އަސްލު ހިބާދެކެ ރުޅި އައީ. މިހާރު ކުޑައްތަ އެކަމާ ވަރަށް ދެރަވޭ. މިހާރު އަބަދު ބޭރުގަ އުޅެނީވެސް. ގެއަށް އަންނަނީ ވަރަށް މަދުން. އައިސްފަވެސް ނަދޫއާއި ވާހަކަ ނުދައްކަ އުޅެވޭތޯ ބަލަނީ. ކަމެއް ކުރަންވެސް ބުނަނީ މަ ކައިރީ.” ޒޭބާ ހުރިހާ ވާހަކައެއް ހިބާއަށް ކިޔައިދިނެވެ. ހިބާގެ ހިތަށް ހިތަހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ކުޑައްތަގެ ހިތް ހިބާއާއި މެދު ހެޔޮވެފައި ވާކަން އިނގުމުންނެވެ.
“ޒޭބާ އަނެއްކާ އެކަކު ކައިރީވެސް ނުބުނައްޗޭ ހިބާއާ މީޓްވީ ވާހަކަ. ޒޭބާތީ އެގެއާއި ގުޅުން ހުރި މީހެންކަން ބައްޕައަށް އެގިއްޖެއްޔާ ނިމުނީ. އޭރުން ޒޭބާއަށް ފަހަރެއްގައި މިގެއަށް އައުން މަނާ ވެދާނެ. ބައްޕަ އަށް މިކަން ނާންގަ އުޅެން ޖެހޭނީ.” ހިބާ ބުންޏެވެ.
“އޯކޭ. ދެން ހިގާ ކާން ދަމާ. މަޖޫ ވަރަށް ހައިވެފަ މިހިރީ.” ދެމީހުންގެ ވާހަކަ އަޑުއަހަން މަޑުމަޑުން ހުރި މަޖްދާ ބުންޏެވެ. އެންމެން ކާން ބަދިގެއަށް ވަނެވެ. ހިބާއަށް ނުކެވުނެވެ. ނުކައިނުކައި މިހާރު ކާ ހިތް ވިއަސް ނުކެވެނީ އެވެ. ހަމަ އެކަނި ޖޫސް ތައްޓެއް ބޯލައިގެން ހިބާ ބޭރަށް ނިކުތީއެވެ.
އެރޭ ޖަމާލް ގެއަށް އައިއިރު އާދައިގެ މަތިން ގޭތެރެ އޮތީ ފަޅުކޮންނެވެ. ޖަމާލް ހިބާ ކޮބައިތޯއާއި ހިބާ ކައިފިތޯ ގީތާ ކައިރީ އަހާލި އެވެ.
“މެޑަމް އަދިވެސް ރަގަޅު ފަރިއްކުޅު ނުވޭ. އަބަދު ކޮޓަރީ ގިނައިން ހުންނަނީ. ސިމީ ގޮވާނީ ވެސް މެޑަމް ވަޑައި ނުގަނޭ.” ގީތާ ބުންޏެވެ.
އެވަގުތު ޒެކް އައިސް ގެއަށް ވަނެވެ. ޒެކް ހުރީ ދަބަހެއް އަޅުވައިގެންނެވެ.
“އަންހަ، ކިހިނެއްވެގެން ކުއްލިއަކަށް ތިއައީ؟” ކުއްލިއަކަށް ޒެކް ފެނުމުން ޖަމާލް ހައިރާން ވެފައި އަހާލި އެވެ.
“ދެން ހަމަ އައީ. އެއްޗިހި ގަންނަން ވެފައި ހުރުމާއި އެކު މިއައީ،” ޒެކް ބުންޏެވެ. ޖަމާލް ބޯ ޖަހާލި އެވެ. “މިހާރު ގާތް ގަޑަކަށް ގެ ހަދާ ނިމެނީ އެވެ. ދެން ހުރީ ކުލަލުމާއި ވައިރިންގެ މަސައްކަތް ތަކެކެވެ. “ހިބާ މިގޭގަތޯ މިހާރު އުޅޭނީ؟” ޒެކް އަސްލު އައީ ހިބާއަށް ދިމާވިގޮތުގެ ވާހަކަ އަޒްކާ ބުނުމުން އެކަމާހެދި އެކޮޅުގައި ނުހުރެވިގެންނެވެ. ހިބާއަށް ދެރަގޮތެއް ވާކަށް އެއްވެސް އިރަކު ޒެކްއެއް ނޭދެއެވެ.
ޖަމާލް ޒެކްއަށް ވީގޮތް ކިޔައިދިނެވެ. ޖަމާލްގެ ވާހަކައިން ޖަމާކް ކުއްވެރި ކުރަނީ ފައުޒާންއެވެ. ފައުޒާން ވާހަކަތަށް ސިއްރުކުރުމުގެ ސަބަބުން ދިމާވި ކަންކަން ކަމުގައި ޖަމާލް ބުންޏެވެ. ޒެކްއަށްވެސް އެކަމާއި އެއްބަސް ވެވުނެވެ.
ޖަމާލްއާއި ޒެކް މައްޗަށްއެރީ ހިބާ ކޮބައިތޯ ބަލާށެވެ. ހިބާގެ ކޮޓަރީގައި ދެފަހަރު ޒެކް ޖަހާލި އެވެ. ހަބަރެއް ނުވިއެވެ. ޖަމާލް ގޮވާލުމުން ޖަވާބެއްވެސް ނުލިބުނެވެ. ޖަމާލް މަޑުމަޑުން ތަޅުގައި ހިފާލި އެވެ. ތަޅު ނުލާ ހުރުމުން ދޮރު ހުޅުވާލާ ހިބާއަށް ގޮވާލަމުން އެތެރެއަށް ބޯ ދިއްކޮށްލި އެވެ. ބިންމަތީ ހިބާ އޮއްވާ ޖަމާލްއަށް ފެނުމުން ހުރެވުނު ތަންވެސް ނޭގެ އެވެ. އަވަހަށް އެތެރެއަށް ވަދެ ހިބާ ކައިރީ އިށީނދެވުނެވެ.
ޒެކްވެސް ވަދެ ހިބާގެ ވިންދު ބަލައިލި އެވެ. އަދި އަވަހަށް ހިބާ ނަގާ އެނދަށް ލިއެވެ. ޖަމާލް އަވަހަށް ޑޮކްޓަރަށް ގުޅާލި އެވެ. އެއީ ޑޮކްޓަރު ގުރޭޝާ އެވެ. އެއީ ޖަމާލްގެ އާއިލާގެ ޙާއްސަ ޑޮކްޓަރެކެވެ.
ޑޮކްޓަރ އަންނަން މާ ގިނަ އިރެއް ނުނެގިއެވެ. ޑޮކްޓަރ އައިސް ހިބާ ރަގަޅަށް ބަލައިލި އެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމަށް ލަފާދިނެވެ. މާބޮޑަށް ލޭ ދަށަށް ގޮސްފައި ވާކަމަށް ޑޮކްޓަރ ބުންޏެވެ.
ހިބާ ހޮސްޕިޓަލަށް ގެންދެވުނެވެ. ހިބާ އޮތީ އޭ.ޑީ.ކޭ ޕްރައިވެޓް ކޮޓަރިއެއްގައި އެނދުމަތި ކުރެވިފަ އެވެ. އައިވީ ގުޅާފައިވަނީ ވަރުދެރަވެފައި ވާތީ އެވެ. ބައިވަރު ޓެސްޓް ހެދުމަށް ޑޮކްޓަރ އެންގި އެވެ. އެރޭ ޒެކްއާއި ޖަމާލް ހިބާ ކައިރީ ހޮސްޕިޓަލުގައި ހޭދަކުރިއެވެ. ފަތިސް ވަމުން އައި ތަނާ ހިބާއަށް ހޭވެރިކަން ވާން ފެށި އެވެ. ޒެކް ގޮސް ޑޮކްޓަރު ގޮވައިގެން އައިސްފި އެވެ. ޑޮކްޓަރު ހިބާބަލާފައި އެތަކެއް ސުވާލު ކޮށްފައި ނުކުންނަށް ދިޔައެވެ.
“ކިހިނެއްތޯ މިވަނީ؟” ޑރ. ގުރޭޝާ ކުރެން ޖަމާލް އެހިއެވެ.
“އިރުކޮޅަކުން ރިޕޯރޓުތަށް ލިބުނީމަ އެއްޗެއް ބުނަން އެނގޭނީ.” އެހެން ބުނެ ޑރ ގުރޭޝާ ނުކުމެގެން ހިގައްޖެ އެވެ.
ހެދުނު ވުމުން ޒެކް ނިކުތީ ސައިބޯން ކެންޓީނަށް ދިއުމަށެވެ. އެތަނުން ދިމާވީ ޖަމާލް މެންގެއާއި ޖެހިގެން ހުރިގޭގައި އުޅޭ ނަސްފާއާ އެވެ. ނަސްފާ މަސައްކަތް ކުރަނީ އޭ.ޑީ.ކޭ ލެބޯޓްރީގަ އެވެ.
“ޒެކް، އެބައޮތް ވާހަކައެއް އަހާލަން ވެފަ،” ނަސްފާ ބުންޏެވެ. ޒެކް މަޑުކޮށްލައިގެން ހުއްޓެވެ. “ތިގޭ ކުއްޖެއްތަ ހިބާ އަކީ؟” ނަސްފާ ބުންޏެވެ. ޒެކް ބޯ ޖަހާލި އެވެ. “އޭނަ އުޅެނީ މީހަކާ އިނދެގެންތަ؟” އަނެއްކާވެސް ނަސްފާ އަހާލި އެވެ.
“އާން، ކިހިނެއްވީ؟” ޒެކް އަށް އަހާލެ ވުނެވެ. އެހާ ގިނަ ސުވާލު ކުރާތީ ޒެކް ހުރީ ހިތްހަމަ ނުޖެހިފަ އެވެ.
“ދެން ޑޮކްޓަރެއްނު އުފާވެރި ހަބަރު ދޭނީ.” ނަސްފާ އެހެން ބުނަމުން ހެމުން ހެމުން ހިގައްޖެ އެވެ. ޒެކް ހައިރާން ވެފައި ބަލަހައްޓައިގެން ހުރެވުނީ އެވެ. ކުރަން އައި ކަންތައް ވެސް ހަދާން ނެތިގެން އަނެއްކާވެސް ކޮޓަރިއާއި ދިމާއަށް ޒެކްއަށް ދެވެން ފެށިއެވެ. ޒެކް ކޮޓަރިއަށް ވަންއިރު ޑޮކްޓަރު ޖަމާލްއާއި ވާހަކަ ދައްކަނީ އެވެ.
“ޖަމާލް، އުފާވެރި ޙަބަރެއް. ޖަމާލް ކާފައަކަށް ވާން އުޅެނީ. ޝީ އިޒް ޕްރެގްނެންޓް.” ޑޮކްޓަރ ބުންޏެވެ. ޖަމާލް ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފަ އެވެ. ވާންވީ އުފާކަމެއް ދެރަކަމެއް ނޭގެ އެވެ. އެހާ ޅައިރު ހިބާ ބަނޑުބޮޑުވާކަށް ޖަމާލް ނޭދެ އެވެ. ނަމަވެސް އެ ލިބިގެން ދިޔަ ޙަބަރުން ޖަމާލްގެ ހިތަށް އުފާވެރިކަން ނޫން އެއްޗެއް ނުވަދެ އެވެ. ހިބާއަށް ވެސް ލިބުނީ ބުނަން ނޭގޭ އުފާވެރި ކަމެކެވެ.
“ޖަމާލް. ބަޓް ވަރަށް ކްރިޓީކަލް އިނގޭ.” ޑޮކްޓަރު ދެން ބުނި އެތިން އުފާވެރިކަން ފިލައިގެން ހިގައްޖެ އެވެ. އެންމެންގެ މޫނުމަތި މިލައިފި އެވެ.
16 Comments!
Comments are closed.
V salhi next part soon plx
V salhi….alhe maadhan v avahah next part upload kohdhehchey……plxx can’t wait to read next part
V reethi plxxxxxx zaan aai hibaa dhurunukurachey
V nice….konmes gothakun hibaa preg vaahaka hafeezaa ah angaalahchey and nadhoo. Avahah Lep ga huri haneemoon photo than nadhuvaa Balan ulhey…eyrun v j vaane.. next part soon plx
Aasi haadhameehuneh ulhey vaahakaekeydhw ekamu varahsalhi
Ey mi vaahaka dhen kon site eggga tha huree
Dhivehivaahaka sitega innaane…
Aey mivaahaka ehkon kiyaaalan libidaanetha asi plxx varah reethi cant stop reading plx avaskon anehbai up kondanvaa plx
Heyyy… Dhivehivaahaka site akunn nufenun mivhk eh
Aasikudy name ah click khlliyas or loabi category ah click kuryma fennaane
Alhe xaan n hibaa dhurunukurahche. V rythi. Avahah up kohla dhiyba plz aasi
Varah varah salhi avas kurey
Minmii kiyaifin whole story….fennihjje dhivehi.com Inn luvv this story…minmi ge best story Eva…hib and zaan ge parts I fyl like real…BTW thanks aasi
Mimi ah reethi vaane hurihaaehcheh vex BTW vv reeth mi vaahaka
Alhe I also want to read the story.. kon sitehga mi story inee? Kommes kujjeh bunedheebala
Dhivehivaahaka site akah nuvadhevey. .. try koffin ehen site thakehves.. ekamaku mi vaahaka eh nufenunu