Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ – 2 (ހަތްވަނަ ބައި)

H noora Level 1
June 20, 2026 7 Mins Read
0 Comments

މާލޭގެ މަގުތަކު މަތިން އަލި ދަތުރުކުރާހާ ބާރުމިނުގައި މަލައިކާ ހިނގަމުން ގޮސް އިޒްވާ ދިރިއުޅޭ ގެއާ އަރާ ހަމަކޮށްފިއެވެ. އޭރު އެ ގޭގެ ބޭރުން ފަނޑު އަލިކަމެއް މުޅިތަނަށް ފަތުރާލާ ބޮތްކެއް ދިއްލައިފައިވިއެވެ. އެ ބޮތްކަށް މަލައިކާ ދިނީ އެންމެ ނަޒަރެކެވެ. ހަމަ އެހިނދު އެ ބޮކި އަނދައިފިއެވެ.

 

މަގުގެ ދެކޮޅު ބަލައިލުމަށް ފަހު މަލައިކާ ހުރިތަނަށް ޣައިބުވިއެވެ. ސިކުންތުކޮޅެއްގެ ތެރޭ މަލައިކާ އެ ގޭތެރެއަށް ފާޅުވެއްޖެއެވެ. އޭރު ދުރުން ކޮންމެވެސް މީހަކު ވާހަކަދައްކާ އަޑު މަލައިކާގެ ތޫނު ކަންފަތަށް އިވުނެވެ. މަޑުމަޑުން ހިނގަމުން ގޮސް އެ އަޑު އިވޭ ހިސާބުގައި މަލައިކާ މަޑުކޮށްލިއެވެ. އެހިނދު އެ ދެލޮލަށް ފެނުނު މަންޒަރަކުން މަލައިކާ ރުޅިއައިސްގެން އޭނާގެ ސޫރަ ބިރުވެރި ނުބައި އެއްޗެއްގެ ސިފައަށް ބަދަލުވެގެން ދިޔައެވެ.

 

މަލައިކާގެ މުޅި ހަންގަނޑުގައި ރެނދުލާފައި ވީ އިރު އެ ދެލޯ ދިއްލިފައިވީ އަލިފާނުގެ ހުޅުކޮޅުންނެވެ. ދެ ކޮލުން ކަށިކޮޅުތައް ނުކުމެފައިވާއިރު، އަނގައިގެ ދެ އަރިމަތިން ފޭރާ ދަތްތައް ދިގުވެފައި ތޫނުކަމަށް ދައްކައެވެ. ބިރުވެރި ސޫރައަކަށް ބަދަލުވިއިރު ކުރިން މަލައިކާގެ ހުރި ރީތިކަން އެކީ ގެއްލިފައިވާ ފަދައެވެ. އަޅައިގެން ހުރި އެއްވެސް ގަހަނާއެއް މިހާރު އެ ހަށިގަނޑަކު ނެތެވެ.

 

މުޅިން އަނދިރިކޮށްލެވިފައިވި ގޭތެރޭގެ އެކި ދިމަދިމާލަށް މަލައިކާ ބަލަން ފެށިއެވެ. މަލައިކާ ބޭނުންވެފައިވީ އެ ގޭތެރޭގައި ހުރިއްޔާ ހުރި ހުރިހާ އެއްޗެއް ހަލާކުކޮށްލާށެވެ. އެއްލި ކަޅިއަކުން ސިޓިންގް ރޫމްގައި ހުރި ބިއްލޫރި މޭޒެއްގެ މަތީ ބަހައްޓާފައި ހުރި މާ ވަށިގަނޑެއް މަލައިކާގެ ލޮލުގައި އަޅައިގަތެވެ. ދެވަނަ ވިސްނުމަކާނުލައި މަލައިކާގެ ދެލޮލުން އެ ވަށިގަނޑުގައި ހުރި މާތަކާ ދިމާލަށް އަލިތައް ދޫކޮށްލިއެވެ. ހަމަ އެ ސިކުންތުގައި އެ ރީތި މާތަކުގައި އަލިފާނުގެ ހުޅުހިފަން ފަށައިފިއެވެ.

 

އެއްޗެއް އަނދާ ކަހަލަ ވަހެއް ދުވާހެން ހީވެގެން ޒަމްލާ ކައިރީގައި ހުރި އިޒްވާ ދުވެފައި ސިޓިންގް ރޫމަށް ނުކުތެވެ. ފެނުނު މަންޒަރުން އިޒްވާގެ ދެލޯ ބޮޑުވީ ހައިރާންވި ވަރުންނެވެ. ރީތިކޮށް ހުރި މާވަށިގަނޑެއްގައި ކުއްލިއަކަށް ރޯވާންވީ ސަބަބެއް އޭނާއަކަށް ނޭނގުނެވެ. އެންމެ ހައިރާންވީ ކަމަކީ، އެ އަލިފާންގަނޑު އެހެން ތަނަކަށް ނުފެތުރި ހަމައެކަނި މާވަށިގަނޑުގައި ހިފާފައި ހުރީމައެވެ.

 

“ރާމިޝް.. ރާމިޝް… އަމާނާ…” އެގޭގައި އުޅޭ މީހަކަށް ވިއްޔާ އިޒްވާ ގޮވަމުން ދިޔައެއްކަމަކު އޭގެން އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެއްވެސް މީހަކު ނުނުކުމެގެން ދެކޮޅަށް ދެކޮޅަށް އިޒްވާ ދުވާތަން ބަލަން މަލައިކާ ހުރީ ނުލަފާ ހިނިތުންވުމެއްގައެވެ. ހިނިތުންވެގެން ހުރިއިރު އެ އަނގަ ހުޅުވިފައިވިއެވެ. އޭރު ލޭފޮދުތައް ކޮންމެވެސް ވަރަކަށް އެ އަނގަ ތެރެއިން ފައިބަމުން ދެއެވެ.

 

“ކަލޭ ތި ނިވޭތޯ އުޅޭ. ތިތަނުން ދުރަށް ޖެހިލައިފިއްޔަ މުޅި ގޭގަ ރޯ ކޮށްލާނަން.” މަލައިކާ ބުންޏެވެ. އެ އަޑު އިޒްވާއަށް އިވުނުވެސް މެއެވެ. އެކަމަކު އިޒްވާއަށް އެ އަޑު އިވުނީ ވަރަށް ފަނޑުކޮށެވެ. ވާހަކަދެއްކީ ކާކުކަމެއް، އަޑު އައީ ކޮން ދިމާލަކުން ކަމެއް، ހިތް ނުތަނަވަސްވެފައި ހުރި އިޒްވާއަކަށް ނޭނގުނެވެ. އިޒްވާގެ ސަމާލުކަން މިވަގުތު ހުސްވެފައިވީ އެ އަލިފާންގަނޑު ނިއްވާނެ ގޮތަކާ މެދުގައެވެ.

 

އިޒްވާ އަލިފާންގަނޑު ނިއްވަން އުޅޭ މަންޒަރު ބަލަން ހުރި މަލައިކާ އޭނާގެ ވާތް ފަރާތަށް ނަޒަރެއް ދިން ވަގުތު އައިސްފައިވި ގަދަ ރުޅި އެއްކޮށް ފިނިވެގެން ދިޔަ ފަދައެވެ. އެވަގުތު އޭނާ ހުރި ބިރުވެރި ސޫރަ ކުރިން ހުރި ރީތި ސޫރައަށް ރުޖޫޢަވެއްޖެއެވެ. ކޮޓަރި ދޮރުމަތީ އިސްޖަހައިގެން ރޮވިފައި ހުރި ޒަމްލާ ފެނުމުން ދާދި ދެންމެއަކު އިޒްވާ އެ ކުއްޖާއާ ދިމާލަށް ކީ އެއްޗެހި މަލައިކާގެ ސިކުނޑީގައި ގުގުމަން ފެށިއެވެ.

 

“ކަލޭގެ މަންމައެއް ބައްޕައެއް ނާންނާނެ ކަލޭ ހޯދާކަށް. ކޮން ފާޑަކަށްތަ ތިއުޅެނީ؟ ކާކަށް ތުއި ދެއްކެންވެގެން ތި ރޮނީ ކޮންމެދުވަހަކު ކޮޓަރީގަ އިނދެގެން؟ ކަލޭ ކޮންމެ ގޮތަކަށް އުޅުނަސް ކަލެއާ ދިމާލަށް އެއްޗެއް ބުނާނެ މީހަކު ނޫޅެއެއްނު މިގެއަކު ދޯ. ކޮންމެހެން ތުއި ނުދައްކާ ރީތިކޮށް އިނދެވިދާނެއްނު.. މި ގެއިން ނުކުންނަން ކަލޭ ބޭނުންވަނީތަ؟ މަންމަ ކައިރިއަށް ދާން ބޭނުންވަނީތަ…؟ އެހެންވީއިރު ހަނދާން ކުރައްޗޭ.. އެއްފަހަރު ކަލޭ އެހެން މަށާ ދިމާލަށް ބުނާނީ އިނގެ. ކަލޭގެ މަންމަ ދުނިޔޭގަ ހުރިއްޔާ އޭނަ ދުނިޔެއިން ނައްތާލާނެކަން ހަނދާންކުރާތި. ކަލޭ ބައްޕަގެ ޒަމާންވެސް ދާނެކަން ހަނދާން ބަހައްޓާތި. ނުބައި ނުލަފާ ބައެއް އެއީ. އެމީހުން މަތިން ހަނދާންކޮށްކޮށްފަ ޅަ ކުއްޖެއްހެން ތި ރޮނީ… މީހުނަށް ތުއި ދެއްކެން.”

 

“ދަންވަރު ޑިއުޓީ ނިންމާފަ މަ އަންނައިރު ކަލޭ ތި ފާޑަށް ކޮޓަރި ތެރޭ އިންނަންޏަ މަށަށް އެނގޭނީ ދެން ހަދާނެ ގޮތް. ކަލެއަށް ވެސް އެހެން މީހުން އުޅޭހެން ރީތިކޮށް އުޅެވޭނެ ދޯ. މަ ބަލާނަމޭ ކޮންމެ ރެއަކު. ނުނިދާ ހުރިއްޔާ މި ބުނީ ހަދާނެ ގޮތް އެނގޭނީ އަހަންނަށް.”

 

އިޒްވާގެ ދުލުން ޒަމްލާ އާ ދިމާލަށް ބޭރުކޮށްލި ކޮންމެ ލަފްޒެއް ރީތިކޮށް މަލައިކާގެ ސިކުނޑީގައި ބިންވަޅު ނެގިގެން ދިޔައެވެ. މަލައިކާ އަބަދުވެސް އަޑުއަހަނީ އިންސާނުންނަށްވުރެ ޖިންނީން މާ ނުލަފާވާނެއޭ ބުނާ ވާހަކައެވެ. އެކަމަކު އޭނާގެ ލޯ މައްޗަށް މި ފެންނަނީ އެ ބުނާ ބުނުމާ މުޅިން ނުބައްދަލު މަންޒަރުތަކެކެވެ. ޖިންނި ޝައިޠާނުންނަށް ވުރެ އިޒްވާގެ ނުބައިކަން މާ ބޮޑުކަން މިރޭ މަލައިކާއަށް ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެއެވެ. ދެން އިތުރަށް މަލައިކާ މަޑުން ހުންނާކަށް ބޭނުމެއް ނުވިއެވެ. މިހާރުން މިހާރަށް އޭނާއަށް ކުރެވެން އޮތް ކަމެއް ވިއްޔާ ކުރަން އެވަގުތު މަލައިކާ ނިންމިއެވެ.

 

އިޒްވާއަށް އެ ހުރިތަނުން ދުރަށް ނުދެވޭނެކަން ޔަޤީންކުރުމަށް ފަހު މަލައިކާ ޒަމްލާގެ ކޮޓަރިއަށް ވަނެވެ. އޭރު ޒަމްލާ ކޮޓަރިތެރޭ އިނީ ދެކަކުލުގައި ބޯ އަޅައިގެނެވެ. ޒަމްލާގެ ދެ ކޮނޑު ހެލެމުން ދިޔަގޮތުން އެ ކުއްޖާ ރޮނީކަން މަލައިކާއަށް އެނގުނެވެ. މިރޭ އެ ރޮނީ އެހެން ދުވަސް ދުވަހާ ޚިލާފަށް ވަރަށް ސިއްރުންކަން މަލައިކާއަށް އެނގުނެވެ. ކިތަންމެ ސިއްރުން ރުޔަކަސް އެ ނިކަމެތި ކުއްޖާގެ ހިތަށް ކޮށްފައިވާނެ އަސަރާ، ހިތް ފަޅައިގެން ގޮސްފައިވާ މިންވަރު މަލައިކާއަށް އަންދާޒާ ކުރެވުނެވެ.

 

“ޒަމްލާ.” މަލައިކާ މަޑުމަޑުން ޒަމްލާއަށް ގޮވައިލިއެވެ.

 

މަންމަގެ އަޑު ކަންފަތުގައި ޖެހުނުހެން ހީވި ވަގުތު ޒަމްލާއަށް އިސްއުފުލައިލެވުނެވެ. އެކަމަކު ކޮޓަރީގެ ވަށައިގެން ނަޒަރެއް ދިން އިރުވެސް އެއްވެސް ދިމާލަކުން މަންމައެއް ނުފެނުނެވެ. އެހެންވިޔަސް، މަންމަ އޭނާއަށް ގޮވި އަޑު ޔަޤީންވާހާ ސާފުކޮށް އޭނާއަށް އިވިއްޖެއެވެ.

 

ޒާޔާގެ ސިފަ ޖެހިގެން މަލައިކާ ހުއްޓަސް މަލައިކާއަށް ޒަމްލާގެ ލޯ މައްޗަށް ފާޅުވާކަށް ނުކެރުނެވެ. ފަހުން ވެދާނެ ގޮތަކާ މެދު ވިސްނާލެވުމުން މަލައިކާ އަށް އެގޮތަށް ޒަމްލާ ކުރިމައްޗަށް ފާޅުވާން ނުކެރުނީއެވެ. އެހެންކަމުން އެހެން ރޭރެއެކޭ އެއްފަދައިން މިރޭ ވެސް މަލައިކާ އޭނާގެ ބާރުގެ ބޭނުންކޮށްގެން ޒަމްލާ ނިންދަވައިލިއެވެ. މިރެއަށް ފަހު ދެން ކޮންމެ ރެއަކުހެން ތަންކޮޅެއް ކުރިއަށް ޒަމްލާ ކައިރިއަށް އަންނަންވާނެކަމަށް މަލައިކާގެ ސިކުނޑި ބުނަން ފެށިއެވެ. އެއީ، ޒަމްލާގެ ޙާލަތު ނުވިސްނޭ، ނުވަތަ ވިސްނަން ބޭނުން ނުވާ ރަޙުމު ކުޑަ އިންސާނާގެ ދަލުގައި އެކުއްޖާ ޖެހިދާނެތީ، އެކަމުން އެކުއްޖާ ރައްކާތެރިކުރުމަށް ޓަކައެވެ.

 

ޒަމްލާއަށް ރަނގަޅަށް ނިދުމުން މަލައިކާ އެ ކޮޓަރިން ނުކުތެވެ. އޭރުވެސް އިޒްވާ އަލިފާންގަނޑަށް ފެން އަޅަނީއެވެ. ފެން އަޅަ އަޅާ، އަލިފާންގަނޑު ނިވޭގޮތް ނުވުމުން އިޒްވާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ނުލަފާ ހިނިތުންވުމެއްގައި ހުރި މަލައިކާ އޭނާގެ އަތުން ފެންތައް މާވަށިގަނޑާ ދިމާލަށް ދުއްވައިލިއެވެ. ހަމަ އެހިނދު އަލިފާންގަނޑު ނިވިއްޖެއެވެ.

 

އައިނައިތަނެއް ނޭނގި ކުއްލިއަކަށް ފެންގަނޑަކުން އަލިފާންގަނޑު ނިވުމުން އިޒްވާއަށް ފަސް އެނބުރި ބަލައިލެވުނެވެ. އޭރު އިންސާނެއްގެ ސިފައިގައި ހުރި ހިޔަންޏެއް އިޒްވާއަށް ފެނުނެވެ. ގޭތެރެ އަނދިރިކަމުން ރީތިކޮށް އެމީހަކު ނުފެންނަނީކަމަށް ހީވެ އެ މީހަކު މި ގެއަށް ވަނީ ކީއްކުރަންތޯ އިޒްވާ އެހިއެވެ. އޭރުވެސް އިޒްވާއަށް ހުރީ މާނޭވާ ލެވިލެވިއެވެ.

 

“އަހަރެން މިތަނަށް އައީ ކީއްކުރަންތޯ ބަލާނެކަމެއް ނެތް. ޖިންނީންނަށް ވުރެ ވެސް ނުބައިވެގެންވާ އިންސާނަކު މިގޭގަ އުޅޭކަން އެނގޭތަ؟” ޒާޔާގެ އަޑާ ވައްތަރު އަޑަކުން މަލައިކާ ވާހަކަ ދެއްކިއެވެ. “ތީ ކާކު؟” އިޒްވާގެ އަޑުން އޭނާ ބިރުގަނެފިކަން މަލައިކާ އަށް އެނގުނެވެ. އެވަގުތު މަލައިކާ ލުއި ގޮތަކަށް ހީލިއެވެ. “ކަލޭ ކަހަލަ ދިރޭ މަޚުލޫގެއް. އެކަމަކު ކަލޭހާ ރަހުމު ކުޑައެއް ނުވާނެ.” އިޒްވާ އަށް ހީވީ އޭނާއަށް މަލާމާތުގެ ބަހެއް ރައްދުވިހެނެވެ. ފުރަ މެންދަމު ގަޑީ ގޮތްނޭނގޭ މީހަކު ވަދެ އޭނާ އެހާ ‘ދަށް’ ކޮށްލީތީ އިޒްވާ ހުރީ އަޖައިބުވެފައެވެ. އިޒްވާއަށް އެސްފިޔަ ޖަހައިލެވުނު އިރު އެ މީހަކު އެތަނުން ފެންނާކަށް ނެތެވެ. އެހާ އަވަހަށް އެ މީހަކު އެ ދިޔައީ ކޮންތާކަށް ބާވައޭ އެވަގުތު އިޒްވާގެ ހިތަށް އެރިއެވެ. ސިކުންތުކޮޅެއް ވަންދެން ވިސްނަން ހުރުމަށް ފަހު އިޒްވާ، މާވަށިގަނޑުގައި އަނދާފައި ހުރި މާތައް ނަގައި ޑަސްބިނަށް ލުމަށްފަހު އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

 

***********

 

ފަތިހަށް ފަރިވެލައިގެން ހުރި ހުދުކުލައިގެ މަލެއް ފަދައިން ނަލަވެގެން ހުރި މަލައިކާ މަޑުމަޑުން ހިނގާފައި ގޮސް ޒާޔާ ދިރިއުޅޭ ގެއާ އަރާ ހަމަކުރަނީއެވެ. ގެ ކައިރިއަށް ދެވުމާއެކު ދެއަތް އުފުލާ ދުޢާއެއް ކުރުމަށް ފަހު މަލައިކާ އެ ގޭތެރެއަށް ވަނެވެ.

 

ޒާޔާ ހޭލާ އުޅޭކަން އެނގުމުން މަލައިކާ ފޭދިގެން ގޮސް އެ ކޮޓަރިތެރެއަށް ވަނެވެ. އަދި ކުރީ ރެއެކޭވެސް އެއްފަދައިން ޒާޔާގެ ދެލޯމައްޗަށް ފާޅުވިއެވެ. “މަލައިކާ. މިގަޑީގަ؟ ކޮބާ މަގޭ ދަރިފުޅު؟” އެނދުމަތީ ޚަތިމް ހިފައިގެން އިން ޒާޔާއަށް އެންމެ ފުރަތަމަވެސް ކުރެވުނީ އެ ސުވާލެވެ. ޒާޔާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މަލައިކާ އިޝާރާތް ކުރީ ޒާޔާގެ އަތުގައި އޮތް ޚަތިމަށެވެ. މަލައިކާ ކުރި އިޝާރާތް ފަހުމުވުމާއެކު ޒާޔާ މަޑުމަޑުން އެނދުން ތެދުވެ މުޞްޙަފް ހިފައިގެން މަލައިކާ ކައިރިއަށް ދިޔައެވެ.

 

ޒާޔާ މުޞްޙަފް ހިފައިގެން ގޮސް ކޮޓަރީގައި ހުރި މޭޒުމަތީ ބޭއްވިއެވެ. އެވަގުތު މަލައިކާ، ޒާޔާއަށް ކިޔައިދޭނެ އާޔަތަކާ މެދު ވިސްނައިލުމަށްފަހު ކިޔަވަން ފެށިއެވެ. މަލައިކާ ކިޔެވީ ބަޤަރާ ސޫރަތުގެ 286 ވަނަ އާޔަތުގެ ފުރަތަމަ ބައެވެ. މަލައިކާގެ ކިޔެވުމުގެ ރާގު ހުރިލެއް ރީތިކަމުން ޒާޔާ ހުރީ އާޝޯޚުވެފައެވެ. ހިނދުކޮޅަކަށް އޭނާ ކުރަމުންދާ ހިތާމަތައް ހަނދާން ނެތުނު ފަދައެވެ. “އެއޮތީ.. މާތްﷲ އަހަރުމެނަށް އަންގަވާފަ. ﷲ އެއްވެސް ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައޭ.” ޒާޔާއަށް މާނަ ބުނެދިނުމަށް ފަހު ދެން މަލައިކާ، އާލު ޢިމްރާން ސޫރަތުގެ 139 ވަނަ އާޔަތް ކިޔަވައިލިއެވެ. “އަނެއްކާވެސް މާތްﷲ އަންގަވާފަ އެއޮތީ.. ތިޔަބައިމީހުން ފިނޑިވެ ނިކަމެތި ނުވާށޭ. އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އެއީ ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައޭ.”

 

“ކީއްވެ ތި ކިޔަވަދެނީ؟” ޒާޔާ އެހިއެވެ. އެހިނދު މަލައިކާ ޒާޔާގެ ބޮލުގައި މަޑުމަޑުން ފިރުމައިލިއެވެ. “ހިނގަ އިށީންނަން.” މަލައިކާ އެހެން ބުނެ ޒާޔާ ގޮވައިގެން ގޮސް އެނދުގައި އިށީނެވެ. “ޒާޔާ. އެންމެ އޯގާވަންތަ އިލާހު އަހަރުމެނަށް އަންގަވާފަ އޮތް ބައެއް ކަންކަން މި ކިޔާދިނީ. އިންސާނުން ހިތާމަ ވެސް ކުރާނެ. ހިތްދަތިވާ ކިތަންމެ ހާލަތެއް އަންނާނެ. ހިތް ފަޅައިގެން ދާވަރު ކަންކަން ދިމާވެދާނެ. އެކަމަކު.. ﷲ ގެ ރަޙުމަތާ މެދު އުއްމީދު ކަނޑާނުލާ ޒާޔާ.” މަޑުމައިތިރި ރީތި އަޑަކުން މަލައިކާ، ޒާޔާއަށް ވިސްނައިދެވޭތޯ ބެލިއެވެ. އޭރު ޒާޔާ ކޮންމެވެސް ވަރަކަށް އިސްޖެހިފައި އިނެވެ. ޒާޔާ އިންގޮތުން އޭނާ ދައްކާ ވާހަކަތައް އެބަ އަޑުއަހާކަން މަލައިކާއަށް އެނގުނެވެ.

 

“ދުނިޔޭގަ އުޅޭއިރު އެތައް އެތައް އިމްތިޙާނުތަކާ ކުރިމަތިވާނެ. އެކަމަކު އެ އޯގާވަންތަ އިލާހު އެއްވެސް މީހަކަށް ކުޅަދާނަވެގެން ނުވާ މިންވަރަށް ތަކުލީފެއް ނުޖައްސަވާނެ. އެހާމެ ބޮޑަށް އެކަލާނގެ ގެ އަޅުން ދެކެ ލޯބިވެވޮޑިގެންވޭ. ޒާޔާގެ ހިތުގެ ހާލު އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ. ޒާޔާއަށް ތި ކުރިމަތިވެފަވާ އިމްތިހާން ތީ ދާއިމަށް ދެމިގެންވާނެ ކަމެއް ނޫން ޒާޔާ. ކޮންމެވެސް ދުވަހަކުން ޒާޔާއަށް ގޮތެއް ފެންނާނެ. ކޮންމެވެސް ދުވަހަކުން ޒާޔާއަށް ޒާޔާގެ ފިރިމީހާއާ ދަރިފުޅު ފެންނާނެ.” މަލައިކާ ވާހަކަދައްކަމުން ގޮސް އެންމެ ފަހު ޖުމްލަތައް ބުނި ހިސާބުން ޒާޔާއަށް އިސްއުފުލާ މަލައިކާއާ ދިމާލަށް ބަލައިލެވުނެވެ. އެ ދެލޮލުން ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ފެންނަން ހުއްޓަސް، މަލައިކާއަށް ޝުކުރުވެރިވާކަން އެ ދެލޯ ހެކިދެއެވެ.

 

“ޒާޔާ ތެރަޕީ ފެށިކަން ވެސް އަހަންނަށް އެނގޭ. އެކަމަށް ވެސް އެއްބާރުލުން ދީ ޒާޔާ. އުނދަގޫތައް ވާނެކަން އަހަންނަށް ވެސް އެނގޭ. ޒާޔާގެ ހާލަތު ހުރިގޮތުން ފުރަތަމަކޮޅު ހުރިހާ ވާހަކައެއް ހިއްސާކުރަން އުނދަގޫވާނެކަން އަހަންނަށް ވިސްނޭ. އެކަމަކު މަޑުމަޑުން އަމިއްލަ ނަފްސަށް ވިސްނަދޭންވީ ތިމާ މީހާ ވެސް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކޮށްގެން ކަން ކުރިއެރުން ލިބޭނީ. އިނގެ… ދެން ގިނަގިނައިން އިސްތިޣްފާރުކޮށް ގިނަގިނައިން ދުޢާކުރުން މަތީ ދެމިހުރޭ. ނަމާދުތައް ކުރާއިރުގަވެސް އަވަސް އަރުވާލުމުގެ ބަދަލުގަ ނަމާދުގަ އެ ކިޔާ އެއްޗަކާ މެދު ވިސްނައިގެން ޚުޝޫޢަތްތެރިކަމާއެކު ނަމާދުތައް ކުރޭ. ކީރިތި ޤުރުއާން ކިޔަވާއިރުގަވެސް ހަމަ އެ ކިޔެވޭ އެއްޗަކާމެދު ވިސްނައިގެން ކިޔަވާ. ތަރުޖަމާ އެބޮތް. ވަރަށް ވިސްނައިންގެ ކިޔައިފިއްޔާ ވަރަށް ބައިވަރު އެއްޗެހި އެނގިގެން ދާނެ ޒާޔާ. މިބުނި ގޮތަށް ކަންތައް ކޮށްފިއްޔާ އިރާދަކުރެއްވިއްޔާ ޒާޔާގެ ހިތުގަ ހަމަޖެހުން ވާނެ. އަބަދު ދެރަވެފަ އިންނާކަށް ނުޖެހޭނެ.”

 

މަލައިކާ ދެއްކި ކޮންމެ ވާހަކައެއް ޒާޔާ ވަރަށް ކަނުލާ އަޑުއެހިއެވެ. އެއިން ކޮންމެ ލަފްޒެއްވެސް ޒާޔާގެ ކަންފަތުން ވަދެ ހިތުގެ އެންމެ ފުންމިނުގައި ހަރުލަމުން ދާ ކަހަލައެވެ. “ޒާޔާ ދެން ދަސްކުރަންވީ ކަމަކީ ޤަޟާ ޤަދަރަށް އީމާންވުން. ހިތް ނުރުހޭ، ހިތާމަވެރި ކަމެއް ދިމާވެއްޖެއްޔާ ކެތްތެރިވާން ދަސްކުރަންވީ. މިބުނަނީ އެއްވެސް ކަމެއް ނުކޮށް މަޑުމަޑުން ހުންނާށެކޭ ނޫން. މަސައްކަތް ވެސް ކުރަންވާނެ ހިތާމަތަކުން އަރައިގަންނަން. ޒާޔާގެ އާއިލާ މީހުން ހޯދަން ވެސް ޒާޔާ މަސައްކަތް ކުރަންވާނެ. އެކަމަކު، ކެތްތެރިވެގެން. ކުރާ މަސައްކަތުގަ ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައިގެން.” މަލައިކާ ވިސްނައިދިނެވެ.

 

މަލައިކާ ދެއްކި ވާހަކަތަކުގެ ސަބަބުން ޒާޔާ އަށް ކުރިއަށް ދާންވީ މަގު ވަރަށް ސާފުކޮށް ކޮށިގެން ދިޔަ ފަދައެވެ. އެހެން މަޚުލޫޤެއްގެ ފަރާތުން އެ އިވުނު ރީތި، އަގުހުރި ނަޞޭޙަތުގައި ހިފަން ޒާޔާއަށް އެވަގުތުން ވަގުތަށް އޭނާގެ ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅުނެވެ. އެހެންނަމަވެސް އެ ވަރުގަދަ އަޒުމަށް ގުޑުން އަރާކަށް ސިކުންތުކޮޅެއް ވެސް ނުނެގިއެވެ. އަނެއްކާވެސް އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލިފައިވުމުގެ ސަބަބުން ކޮންމެވެސް ނުބައި ޚިޔާލުތަކެއް އެ ސިކުނޑިތެރޭ އެނބުރެން ފެށީއެވެ.

 

“މަލައިކާ.. އަހަންނަށް ތީގެން އެއްވެސް ކަމެއް ކާމިޔާބު ނުވެއްޖެއްޔާ؟ އަހަރެން ވަރުބަލިވެއްޖެއްޔާ؟ އަހަންނަށް ތިބުނާ ގޮތަށް ކަންތައް ނުކުރެވިއްޖެއްޔާ..؟ ދެން ކިހިނެތް ހަދާނީ؟” ޒާޔާއަށް ސުވާލު ކުރެވުނެވެ. “އަމިއްލަ ނަފްސަށް އިތުބާރު ކުރަންވާނެ ޒާޔާ. ގޯސް ޚިޔާލުތަކުގެ ކުރިއަށް ރަނގަޅު ވިސްނުންތައް ގެންނަން މަސައްކަތް ކުރޭ ޒާޔާ. ޒާޔާއަށް ވާނެ. ޒާޔާ އަށް އެއްވެސް ކަމެއް ކާމިޔާބު ނުވާންވީ އެއްވެސް ސަބަބެއް ނެތް އަހަރެން މިބުނި ގޮތަށް ޒާޔާ އަމަލު ކޮށްފިއްޔާ. އަހަރެން އިރާދަކުރެއްވިއްޔާ ހުންނާނަން ޒާޔާއަށް އެހީތެރިވެދޭން. ޒާޔާގެ ފިރިމީހާއާ ދަރިފުޅު ހޯދަން ޒާޔާ މަސައްކަތް ފަށާ ހިސާބުން އަހަރެންގެ މަސައްކަތް ވެސް ފެށުނީ… ހަނދާން ބަހައްޓައްޗޭ… މިހާރު ފަތިސް ނަމާދަށް ބަންގި ގޮވަން ގާތްވަނީ. އަހަރެން ދެން ދަނީ އިނގެ.” މަލައިކާ ބުނަންވީ ވާހަކަތައް ބުނުމަށްފަހު އެނދުން ތެދުވިއެވެ. އަދި މަޑުމަޑުން ހިނގާލާފައި ގޮސް ކޮޓަރީގެ އެއް ކަނުގައި ހުއްޓުނެވެ.

 

“މި ދެއްކި ހުރިހާ ވާހަކައެއް ހަނދާނުގަ ބަހައްޓައިގެން އަހަރެން ބުނި ގޮތަށް ކަންތައް ކުރައްޗޭ.” ފުރިހަމަ ހިނިތުންވުމެއްގައި ހުރެ މަލައިކާ ބުންޏެވެ. އޭރު މަލައިކާގެ ވަށައިގެން ހުދު އައްޔެއް ދިއްލިފައިވިއެވެ. ޒާޔާ ބަލަހައްޓައިގެން އިންދަ އެ އަލި މަޑުމަޑުން ފަނޑުވަމުން ގޮސް މަލައިކާ ހުރިތަނަށް ޣައިބުވެއްޖެއެވެ. އެވަގުތަކީ ފަތިސް ނަމާދަށް އައުމަށް އިމާމު މީހާ ބަންގި ގޮވަން ފެށި ވަގުތެވެ.

 

ޒާޔާ އެނދުން ތެދުވެ ލޯގަނޑު ކުރިމައްޗަށް ގޮސް ބޮލުގައި އަޅާފައި އޮތް ބޮޑު ބުރުގާ ރީތިކޮށްލިއެވެ. އެވަގުތު ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރައަށް ބަލަހައްޓައިގެން ހުރެވުނެވެ. އެ ސޫރަ، މަލައިކާ ދެންމެ ދެއްކި ކޮންމެ ވާހަކައެއް ކިޔައިދެމުން ދިޔަ ކަހަލައެވެ. މަލައިކާ ދެއްކި ހުރިހާ ވާހަކައެއް ހަނދާންވި ވަރަކަށް ޒާޔާއަށް މަޑުމަޑުން ހިނިތުންވެލެވުނީ ދެން އަންނަން އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް އެ ހިތަށް ޔަޤީންވެ، ވަރަށް ބޮޑު ހިތްވަރެއް އެ ހިތަށް ލިބުމުގެ ސަބަބުންނެވެ.

 

–ނުނިމޭ–

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

H noora

Level 1

Reading and writing is my passion. What motivates me more is the comments I get from readers & their support. Lots of love to the readers <3 <3 <3

Other Articles

Previous

ގާތުގާ… 30

Previews
June 20, 2026

ގާތުގާ… 30



All Right Reserved!