Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ – 2 (އަށްވަނަ ބައި)

H noora Level 1
June 21, 2026 8 Mins Read
0 Comments

ޒާޔާ އެނދުން ތެދުވެ ލޯގަނޑު ކުރިމައްޗަށް ގޮސް ބޮލުގައި އަޅާފައި އޮތް ބޮޑު ބުރުގާ ރީތިކޮށްލިއެވެ. އެވަގުތު ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރައަށް ބަލަހައްޓައިގެން ހުރެވުނެވެ. އެ ސޫރަ، މަލައިކާ ދެންމެ ދެއްކި ކޮންމެ ވާހަކައެއް ކިޔައިދެމުން ދިޔަ ކަހަލައެވެ. މަލައިކާ ދެއްކި ހުރިހާ ވާހަކައެއް ހަނދާންވި ވަރަކަށް ޒާޔާއަށް މަޑުމަޑުން ހިނިތުންވެލެވުނީ ދެން އަންނަން އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް އެ ހިތަށް ޔަޤީންވެ، ވަރަށް ބޮޑު ހިތްވަރެއް އެ ހިތަށް ލިބުމުގެ ސަބަބުންނެވެ.

 

*********

 

އެދުވަހުގެ އިރު އަރައިގެން އައީ ޒާޔާގެ ހިތަށް އާ އުއްމީދުތައް ގެނުވައިދެމުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އާ އުއްމީދުތަކަކާ، ހިތްވަރެއް އެ ހިތަށް ލިބިފައި ވިޔަސް ދޭތެރެ ދޭތެރެއަކުން އެ ކުރެވުނު އުއްމީދުތަކާމެދު ޒާޔާގެ ހިތުގައި ޝައްކުތައް އުފެދެމުން ދެއެވެ. އެހެނިހެން ދުވަސްދުވަހާ ޚިލާފަށް، ޒާޔާއަށް މިއަދު ކާމިޔާބުކަމާއެކު ކުރެވުނު ކަމަކީ، އެ ހިތުގައި ޝައްކުތަކާ، ވަހުމުތައް އުފެދޭ ކޮންމެ ފަހަރަކު އެ ސިކުނޑިއަށް ވެރިވާ ގޯސް ޚިޔާލުތައް އެއްވެސް އުނދަގުލަކާ ނުލައި އެއްފަރާތްކޮށްލެވުމެވެ. ކިތަންމެ ކުޑަ ނަމަވެސް، ލުއިކަމެއް ޒާޔާގެ ސިކުނޑިއަށް ލިބިފައިވި ކަމަށް ޓަކައި ހެއްދެވި ފަރާތަށް ޙަމްދު ކުރެވުނެވެ.

 

އެދުވަހު ބޭއްވުނު އެއްގަޑިއިރުގެ ތެރަޕީ ސެޝަން ކުރީ ދުވަހަށް ވުރެ ރަނގަޅަށް ނިންމައިލެވުނެވެ. ޒާޔާއަށް އުނދަގޫތައް ވަމުން ދިޔަޔަސް ކޮންމެވެސް މިންވަރަކަށް ޒާޔާއަށް ވާހަކަތައް ދެއްކުނެވެ. މިއަދު، ޒާޔާގެ ދިރިއުޅުމާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ދެކެވުނީ ޒާޔާ ކުރާހިތްވާ ކަންތައްތަކުގެ ވާހަކައެވެ. ދާހިތްވާ ތަންތަނުގެ ވާހަކައެވެ. އެ މަޢުޟޫއަށް ޝަޒާ ވާހަކަ ދެއްކި ސަބަބަކީ، އެ އެއްގަޑިއިރުގެ ވަގުތުކޮޅަށް ނަމަވެސް ޒާޔާއަށް ކުރެވެމުންދާ ފިކުރުތައް ޒާޔާއާ ދުރުކޮށްލުމަށް ޓަކައެވެ. އެކަން ކާމިޔާބުވެއްޖެކަން ޝަޒާއަށް ކަށަވަރުވީ، ޒާޔާ އެ މަޢުޟޫއާ ވަރަށް ގަޔާވެގެން ވާހަކަ ދެއްކީތީއެވެ. އަދި ޒާޔާ ވާހަކަ ދައްކަމުން ދިޔައިރު އެ ތުންފަތުގައި ނުފިލާ، ރީތި ހިނިތުންވުމެއްވީތީއެވެ.

 

***********

 

މެންދުރު ފަހުގެ ވަގުތު ކޮންމެވެސް ވަރަކަށް ނިދިޖެހިފައި އޮތް ނިހާނަށް ލޯ ހުޅުވައިލެވުނީ އޭނާގެ ފޯނު ރިންގް ވާ އަޑަށެވެ. ފޯނު ނަގައި ބަލައިލި އިރު ގުޅަނީ ނިހާއެވެ. މަޑުމަޑުން ތެދުވެ އެނދުގައި ލެނގިލަމުން ނިހާން ފޯނު ނެގިއެވެ. އެވަގުތު ހިނިތުންވެލައިގެން ހުރި އޭނާގެ ދަރިފުޅުގެ ސޫރަ ފޯނުގެ ސްކްރީނުން ފެންނަމުން ދިޔައެވެ.

 

“ބައްޕާ. ބައްޕަ ކިހިނެއްތަ؟” ނިހާ އެހިއެވެ. “ބައްޕަ ރަނގަޅު ދަރިފުޅާ. ދަރިފުޅު ހާދަ ދުވަހެއް ވެއްޖެއޭ ބައްޕައަށް ނުގުޅާ.” ނިހާން ބުންޏެވެ. “ސޮރީ ބައްޕާ. ކިޔެވުމުގަ ވީމަ. ޖޮބަށް ވެސް ދާން ޖެހޭތީއާ އެކީ. ދޮންތަ ކޮބާ ބައްޕާ؟ ދޮންތަ ރަނގަޅުތަ؟” ނިހާ އެހިއެވެ. “ދަރިފުޅު ދޮންތައަށް ގުޅާލިންތަ؟” ނިހާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނިހާން ސުވާލު ކުރިއެވެ. “ނުގުޅޭ. އެހާ ވަގުތެއް ނުލިބެއެ ބައްޕާ. ހާލަކުން ފަހަރަކު ހުސްވަގުތުކޮޅެއް މި ލިބެނީ.” ނިހާ ވާހަކަ ދެއްކިއެވެ. “އެންމެ ރަނގަޅު. ދަރިފުޅު ކޮންއިރަކު ރާއްޖެ އަންނަނީ؟” ނިހާން އެ ސުވާލު ކުރީ، ނިހާގެ ފަރާތުން ލިބޭނެ ޖަވާބު ވަރަށް ރަނގަޅަށް އެނގި ހުރެއެވެ. “އަދި ނެތިން ދާކަށް. ރާއްޖޭގަ އުޅޭހިތެއް ނުވޭ. މިތަން މާ ރަނގަޅު.” ނިހާގެ ފަރާތުން އިވުނު ޖަވާބުގެ ސަބަބުން ނިހާންގެ ހިތް ދެރަވިއެވެ. އެކަމަކު، އެކަން ނިހާންގެ މޫނުމަތިން ނުދައްކައެވެ. ނިހާން ދެންވެސް ވާހަކައެއް ބުނަން އުޅެނިކޮށް ނިހާ އިހަށް ދަނީއޭ ބުންޏެވެ. އަދި ނިހާން ބޯ ޖަހައިލުމާއެކު ބައްޕަ ދެކެ ވަރަށް ލޯބިވެއޭ ބުނެ ފޯނު ކަނޑައިލިއެވެ.

 

ނިހާ އެންމެ ފަހުން ބުނި ޖުމުލަ ނިހާންގެ ހިތުގެ ފުންމިނަކަށް ވާސިލެއް ނުވިއެވެ. އެ ޖުމުލައަކުން ނިހާންގެ ހިތަކަށް އުފާވެރިކަމެއް ނުލިބުނެވެ. އަދާ ހަމައަށް ވެސް ނިހާން އެންމެ ދެރަވާ ކަމަކީ، އޭނާގެ ހަގު ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި އޭނާގެ ދައުރު ކުޑަވީމައެވެ. ނިހާ ކުޑައިރުއްސުރެވެސް، އެންމެ ގިނައިން ނިހާ ގެންގުޅުނީ ނިހާގެ މަންމަ، ޖަމީލާއެވެ. ޖަމީލާ އަކީ ގޯސް މަންމައަކަށް ނުވިޔަސް، ޖަމީލާއަށް، ނިހާ ބޮޑުވެ ޒުވާނަކަށް ވީ އިރު މާ ބޮޑަށް މިނިވަންކަން ދެވުނީއެވެ. އުޅެންވީ ރަނގަޅު ގޮތް ބުނެނުދެވުނީއެވެ. ނިހާ ލޯބިކުރާ، މިނިވަން ‘އިންޑިޕެންޑެންޓް’ ދިރިއުޅުމަށް ފުރުޞަތު ދެވުނީއެވެ. އެ ވާހަކަތަކަކީ އެއްދުވަހަކު ޖަމީލާ ނިހާނަށް ގުޅާފައި ވަރަށް ދެރަވެގެން ދެއްކި ވާހަކަތަކެކެވެ. އަދި ނިހާ ތަރުބިއްޔަތު ކުރަން ނިހާނަށް ދެވުނު ނަމަ މިއަދު ނިހާ އެފަދައިން ނުވީސްކަމަށް އެދުވަހު ޖަމީލާ ނިހާން ގާތުގައި ބުނެފައިވެއެވެ.

 

ނިހާން ޤަބޫލުކުރާ ގޮތުގައި މިނިވަންކަމަކީ ވެސް އަންހެން ކުއްޖަކަށް ލިބެންވާނެ އެއްޗެކެވެ. ނަމަވެސް، މައްސަލައަކީ އެ މިނިވަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފޭތީއެވެ. މިނިވަންކަމަށް، އަމިއްލައަށް ދިރިއުޅެން ބޭނުންވާ މީހަކު ވެސް، ރަނގަޅު ގޮތް ވިސްނިފައިވާނަމަ އުޅޭނީ ވަރަށް ރަނގަޅަށްކަން ނިހާނަށް އެނގެއެވެ.

 

އެހެންނަމަވެސް، މައްސަލައަކީ ނިހާ ކިޔަވަން ރާއްޖެއިން ބޭރަށް ބަދަލުވިފަހުން ނިހާގެ އުޅުމަށް އެތައް ބަދަލުތަކެއް އައީމައެވެ. މިނިވަންކަމަށް ލޯބިކުރަމުން ގޮސް “ފެމިނިޒްމް” އަށް ވެސް ނިހާއަށް ލޯބިކުރެވުނީ މާ ބޮޑަށެވެ. ރާއްޖޭގައި އުޅުނު އިރު ރީތިކޮށް ހެދުން އަޅައިގެން ބުރުގާ އަޅައިގެން އުޅުނު ކުއްޖާ މިހާރު މުޅިންވެސް އުޅެނީ ބޭރު މީހުން އަޅާކަހަލަ ހެދުން އަޅައިގެނެވެ. ރާއްޖެއިން ބޭރަށް ބަދަލުވިތާ ގިނަ ދުވަސްތަކެއް ނުވެ ބުރުގާ ވެސް ނަގައިފިއެވެ.

 

ދެން އޮތް މައްސަލައަކީ، ނިހާއަށް ވަގުތު ނުވާ މައްސަލައެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ، ނިހާއަށް ހުސް ވަގުތު ލިބުނަސް ‘ވަގުތު ނުވަނީ’ އެވެ. ކިޔެވުމުގެ ސެޝަންތައް ނިންމައި އެދުވަހަކު އަދާ ކުރަން ޖެހޭ ޑިއުޓީ އަދާ ކުރުމަށް ފަހު ގެއަށް އާދެވުމުން ދެން އެ ފެށުނީ ނިހާގެ ‘އަމިއްލަ’ ވަގުތެވެ. އެ ވަގުތު ތަކަކީ ފިލްމް ބެލުމާ ރައްޓެހިންނާއެކު ބޭރަށް ގޮސް މަޖާކުރުމުގައި ހޭދަ ކުރާ ވަގުތުތަކެވެ. އެއީ އާއިލާ މީހަކާ މެދު ވިސްނާލައި، އެއިން މީހެއްގެ ހާލު ބަލައިލަން ނިހާއަށް ވަގުތު ނުވާ ސަބަބެވެ.

 

ނިހާއަށް ޓަކައި ނިހާން އަބަދުވެސް ކުރާ ދުޢާ އަކީ އެ ދަރިފުޅަށް ހެޔޮ ވިސްނުން ދެއްވުމަށް އެދި ކުރާ ދުޢާއެވެ. ޒާޔާ ފަދަ ބަސްއަހާ، ރަނގަޅު ދަރިއަކަށް އެ ދަރިފުޅު ވުމެވެ.

 

*********

 

ހަވީރު ވަގުތު ޝަޒާގެ ޑިއުޓީ ނިންމާލައި ދަބަހަށް އެއްޗެހިތައް އެޅުމަށް ފަހު ކްލިނިކުން ނުކުތެވެ. އޭރު ހަސްނައިން ހުރީ، ޝަޒާ ބަލައި އައިހެވެ. ޝަޒާ ސައިކަލަށް އަރާފައި ކޮފީއެއް ބޯން ބޭނުންވާ ވާހަކަ ބުނުމުން ހަސްނައިން މިޞްރާބު ޖެހީ ކޮފީ ޝޮޕަކާ ދިމާލަށެވެ.

 

“ދަރިފުޅު ގާތުގަ ވާހަކައެއް ދައްކަންވެފަ އެބޮތް.” ކޮފީ ފޮދެއް ބޯލުމަށް ފަހު ހަސްނައިން ބުންޏެވެ. ޝަޒާ ކޮން ވާހަކައެއްހޭ އެހުމުން ހަސްނައިން ވާހަކަ ދައްކަން ފެށިއެވެ. “ދަރިފުޅު މީހަކާ އިންނާކަށް ނުވިސްނަންތަ؟” ހަސްނައިން ކުރި ސުވާލުން ޝަޒާ ކައިރިއަށް އައީ ހިންޏެވެ. ޝަޒާއަށް އެ މަޢުޟޫއަކީ ބޮޑު ޖޯކެއް ފަދައެވެ. “ބައްޕައަށް ހީވޭތަ؟ އެހެންނޫނަސް، ކޮބާ ބޭނުމެއް؟ ކޮން ފައިދާއެއް ވާނީ؟” ޝަޒާ އެހިއެވެ. ޝަޒާ ސުވާލު އެހި ގޮތުން ހަސްނައިން އަށް މި ދެއްކުނީ އޭނާގެ ދަރިފުޅު މާ ގަޔާވާ ވާހަކައެއް ނޫންކަން އެނގިއްޖެއެވެ. “ބައްޕައަށް އެހިދާނެތަ ދަރިފުޅުގެ ވިސްނުން ތިހެން ތިހުރީ ކީއްވެތޯ؟” ހަސްނައިން އެހިއެވެ.

 

ޝަޒާ އެވަގުތު ކޮފީ ފޮދެއް ބޯލާފައި ހަސްނައިން އަށް ބަލައިލި ގޮތުން ހަސްނައިން ކުރި ސުވާލަށް ޖަވާބުދޭން ވަރަށް ރަނގަޅަށް ތައްޔާރުވެލިހެން ހީވިއެވެ. “ބައްޕާ. ލުކް އެޓް ޓުޑޭޒް ޖެނެރޭޝަން. ރަނގަޅު މީހަކު އުޅޭތަ؟ އަންހެން ކުއްޖަކަށް ރަނގަޅަށް ޓްރީޓް ކުރަން އެނގޭ ފިރިހެނަކު އުޅޭތަ؟ އެމީހުންގެ ސޯޝަލް މީޑިއާތަކުގަ ތިބޭނީ ހުސް އަންހެނުން. އަންހެނެއްގެ ފޮޓޮއެއް ފެނުނިއްޔަ އެއަށް ބަލަ ބަލާފަ ލައިކް ދިނުން ކަމަކީ. ޝަޒާގެ، މެރީޑް ގިނަ ފްރެންޑްސް ގެ ފަރާތުން އަޑު އިވޭ ވާހަކަތަކަކީ އެއީ. އެމީހުންގެ ފިރިން މަގުމަތިން އަންހެނެއް ފެނިގެން ނުބެލިޔަސް އޮންލައިންކޮށް އެތައް އަންހެނުންނަކަށް ބަލާ ހަދާނެ. އެކަމާ ހިތާމަ ނުކުރާ އެކެއްވެސް ނެތް. ސޯ، އައިމް ލަކީ ދެޓް އައިމް އޮން ސޭފް ސައިޑް. އެކަހަލަ މީހަކާ އިނުމަށް ވުރެ މިހެން އަމިއްލައަށް މަސައްކަތް ކޮށްގެން އުޅުނީމަ މާ ހިތްހަމަޖެހޭ. ބޭކާރު ކަންކަމާ ވިސްނާ ހިތާމަ ކުރަން އިންނާކަށް ނުޖެހޭނެ..”

 

ޝަޒާ އެ ދެއްކީ ތެދު ވާހަކަތަކެއްކަން ހަސްނައިން އަށް ވެސް ވިސްނެއެވެ. އެހެނަސް، ޝަޒާ އެގޮތުގައި ހުއްޓައި ޝަޒާއަށް ވުރެ ކުރިން ހަސްނައިން ދުނިޔެ ދޫކޮށް ދާ ދުވަހު، އެ ދަރިފުޅު އެކަނިވާނެ ވަރު ހިތަށް އަރާފައި ހަސްނައިން އެކަމާ ކަންބޮޑުވެއެވެ. ހަސްނައިންގެ ހިތުގެ ދުޢާއަކީ، ކޮންމެވެސް ދުވަހަކުން ޝަޒާ ބޭނުންވާ ކަހަލަ، ރަނގަޅު މީހަކާ ޝަޒާއާ ބައްދަލުވުމެވެ.

 

**********

 

ގަޑިން ރޭގަނޑު 10:30 ވެއްޖެއެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތަކުން، މަގުމަތީ އުޅަނދުފަހަރުތައް މަދެއް ނުވެއެވެ. ރޭގަނޑުގެ ކަނު އަނދިރީ ތެރެއިން އުޅަނދުތަކުން ދިއްލިފައިވާ އެކި ކުލައިގެ އަލިތަކާ، ފެންނަމުންދާ އެކިއެކި އިމާރާތްތަކުން ދިއްލިފައިވާ އެކިއެކި ލައިޓްތަކުން އެ މަންޒަރަށް ހިތްގައިމުކަން ގެނުވައިދެއެވެ.

 

ރޭގަނޑުގެ އެވަގުތު އިޒްވާ އިނީ ބްރިޖަށް އަރާ ހިސާބުގެ އެއްފަރާތުގައި ހަދާފައި ހުރި ކުޑަ ޕާކު ތެރޭގައެވެ. އެކި ކޮޅުކޮޅަށް އުޅަނދުތައް ދުއްވާ މަންޒަރު ބަލަން އޭނާ އިނެވެ. ދޭތެރެއަކުން ފަރާތް ފަރާތް ހޯދާ ގޮތުން އިޒްވާ އެއިނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައިކަން ބަލާލި މީހަކަށް ފާހަގަވާނެއެވެ.

 

އިޒްވާ އެހެން އިންނަތާ މިނެޓްތަކެއް ވީ އިރު އޭނާ ކައިރިން ފިރިހެނަކު ‘ހައި’ ބުނި އަޑު އިވުނެވެ. އިސް އުފުލާ ބަލައިލިއިރު ކުރިމަތީގައި ހުރި މީހާ ފެނުމުން އިޒްވާއަށް ހިނިތުންވެވުނެވެ. އަދި އެތާ ބެންޗުގައި އިށީނުމަށް އެ މީހާ ގާތުގައި އެދުނެވެ.

 

“އެއްކަލަ ރޭ ބިޒީވީމަ އިނގެ އަހަންނަށް ޚަބަރެއް ނުވެވުނީ.” އެ މީހާ ބުންޏެވެ. “އައި ނޯ. ރިފާއުމެން ކަހަލަ ލޯޔަރުންނަށް ވަގުތު އެއީ ވަރަށް ނުލިބޭ އެއްޗެއް. ދޯ! ކޭން އަންޑަސްޓޭންޑް… މިހާރު ކޮން ކޭސްއަކަށް ތި ވޯކް ކުރަނީ؟” އިޒްވާ އެހިއެވެ.

 

ރިފާއު އަކީ ޤާނޫނީ ވަކީލެކެވެ. ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ އަދި އޭނާ ނެގި ކޮންމެ ކޭސްއެއް ކާމިޔާބުކޮށްފައިވާ ‘މޮޅު’ ވަކީލެކެވެ.

 

“އަނިޔާގެ ކޭސް އެއް. ވަރަށް ޗެލެންޖިންގް. ދައުވާ ކުރާ މީހާގެ ވަކީލު ހުރީ ދޫ ދޭ ގޮތަކަށް ނޫން. ބަޓް އައި ނީޑް ޓު ވިން ދިސް ކޭސް. ރިވަރޑް ލިބޭނީ އޭރުންތާ.” ރިފާއު ބުންޏެވެ. “ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް އޯކޭ ދޯ. ޖަސްޓިސް އަކަށް ނުބަލަން ދޯ.. ހެހެހެ..” އިޒްވާ ބުންޏެވެ. “ވަޓްސް ދި ޔޫސް އޮފް ދެޓް؟ ލާރި ލިބެނިކޮށް އެވީއޭ. މިޒަމާނަކީ އަނެކާގެ އިހުސާސްތަކަށް، އަނެކާއަށް ލިބޭނެ ދެރައަކަށް ބަލައިގެން އުޅެވޭނެ ޒަމާނެއް ނޫން.” ރިފާއު ބުންޏެވެ. ދުރުވިސްނޭ މީހަކަށް ރިފާއު އެ ބުނި ވާހަކަ އަޑުއިވުނު ނަމަ، ރިފާއުގެ ވިސްނުން އެހުރީ ރަނގަޅަކަށް ނޫންކަން ދެނެގަންނާނެއެވެ.

 

“އަސްލުވެސް ދޯ. ދެން ތިއެއް ނޫނޭ.. މަ ބޭނުން ލިއަމްގެ ގެ ހޯދަން. ލައިކް.. މަގޭ ނަން މައްޗަށް ބަދަލުކުރަން. ހިސް އޯލް ޕްރޮޕަރޓީސް ޓޫ. އައި ވޯންޓް އަ ކޭސް އެގެއިންސްޓް ހިމް.” އިޒްވާގެ އަސްލު ބޭނުން ރިފާއުއަށް ކިޔައިދިނެވެ. “މްމްހްމްމްމް.. ދެޓްސް ނޮޓް އީޒީ ގަރލް.. ދިރިހުރި މީހެއްގެ މުދަލެއް ތިހާ ފަސޭހައިން ނުހޯދޭނެ.” ރިފާއު ބުންޏެވެ. “ތިކަން އެނގޭ. ދިރިހުރި މީހަކު ވެސް، ދިރުން ނެތް މީހަކަށް ހަދާލެވިދާނެއެއްނު.” އިޒްވާ ބުންޏެވެ. އޭނާގެ ވާހަކަދެއްކުމުގެ ރާގުގައި މަކަރުވެރިކަމުގެ ‘ކުލަ ޖެހިފައިވެއެވެ’.

 

“އޭނަ މަރަން ތިއުޅެނީ؟ ކިހިނެތް؟ ތީ ފުލުހުންގެ އެންމެ މަތީ މީހާއޭ.” ރިފާއު، އިޒްވާއަށް ކަމެއް ހަނދާންކޮށްދޭފަދަ ރާގެއްގައި ބުންޏެވެ. “ސްޓިލް.. ސީދާ ސީދާ އޭނަ މަރާކަށް ނޫޅެމޭ. އެންމެންގެ ލޯތަކަށް އޭނާ މަރުވެއްޖެކަމަށް ހެދިދާނެ.” އިޒްވާ ބުންޏެވެ. “ހްމްމް.. ކޮބާ އޭނަގެ އަންހެން ދަރި؟” ރިފާއު އެހިއެވެ. “އުޅޭނެއްނު. ނިކަން ފޫހިވާ ވައްތަރަކަށް އުޅެނީވެސް. އަބަދު މަންމައަކާ ބައްޕައެއް ހޯދަން. ބޮޑު ސިންގާ އަންހެނަކަށްވީއިރުވެސް އެ އުޅުމެއް އޭނަ ނުހުއްޓައެ.” އިޒްވާ ވާހަކަދެއްކިއިރު އޭނާގެ އަޑުގައި ކޮންމެވެސް ވަރަކަށް ރުޅިވެރިކަމުގެ އަސަރުތައް ހުއްޓެވެ.

 

މީހަކާ މެދު ނަފްރަތާ ރުޅިވެރިކަން އުފެދިއްޖެ މީހަކަށް އެމީހަކާ މެދު ރުޅި ނައިސް ހުރެ ވާހަކައެއް ނުދެއްކޭނެއެވެ. އެހެން މީހަކު ނުވަތަ ބަޔަކު އެ މީހަކަށް ތަޢުރީފުކޮށް، އެ މީހެއްގެ ރަނގަޅު ވާހަކަތައް ދައްކާނަމަ އެއީ، އެފަދަ މީހަކަށް ‘ހަޖަމު’ ވާނެ ކަންކަމެއް ނޫނެވެ.

 

ދެމީހުން އެތައް އިރަކު އެތަނުގައި އެކިއެކި ކަންކަމާ ވާހަކަ ދައްކައި މަޝްވަރާ ކުރަން ތިއްބެވެ. ދެމީހުންގެ ބައްދަލުވުން ނިމުމަކަށް އައީ އެރޭ މެންދަމުން އަލިވެ ބާރަ ޖަހައި ބޮޑުވި ފަހުންނެވެ.

 

*********

 

ދަންވަރުގެ ވަގުތު މާލޭގެ މަގުތަކުން ފެންނަނީ ހަމަހިމޭންކަމެވެ. މަދުމަދުން ދުއްވާ އެއްޗެއްސާ މީހުން ފެނުނަސް މަގުތައް ހަމަހިމޭން ވެފައި އަޑުމަޑެވެ.

 

ފޯނު ކޯލެއް ނިންމައިލުމަށްފަހު، މަޖީދީ މަގުގައި ހުރި އިޒްވާ ގެއާ ދިމާލަށް ދާން ހިނގައިގަތެވެ. އެވަގުތު ކޮންމެވެސް މީހަކު ފަހަތުން އަންނަކަމުގެ ހިލަމެއްވެ އިޒްވާ ފަސްއެނބުރި ބަލައިލިއެވެ. އެވަގުތު އެއްވެސް މީހަކު ފެންނަން ނެތުމުން މާބޮޑުކަމަކަށް ނުހަދާ އިޒްވާ ހިނގައިގަތެވެ. ހަމަ އެހިނދު މީހަކު އޭނާގެ ކޮނޑުގައި އަތްބާއްވައިލިހެން ހީވެ ސިހިފައި ފަހަތަށް އެނބުރިލެވުނެވެ. އެވަގުތުވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަނެއްކާވެސް ހިނގައިގަތެވެ.

 

“މަ ނުބުނަންތަ ތިހެން އުޅޭހާ ހިނދަކު މަގޭ އުނދަގޫ ޖެހޭނެޔޭ؟” ކަންފަތާ ނުހަނު ކައިރިން އިވުނު އަޑުން އަނެއްކާވެސް އިޒްވާ ސިހުނެވެ. މިފަހަރު އޭނާ ރަނގަޅަށް ބިރުގަނެފިއެވެ. އެކަމަކު މޫނުމަތިން އެކަމެއް ނުދައްކައެވެ. ކަންފަތާ އެހާ ކައިރިން ވާހަކަދައްކާކަށް އޭނާ ގާތުގައި އެއްވެސް މީހަކު ނެތެވެ. ވީއިރު އެ ވާހަކަ ދެއްކީ ކާކު ހެއްޔެވެ؟

 

އިޒްވާ މަޑުމަޑުން ފަހަތަށް އެނބުރިލިއިރު ކުރިމަތީ ޒާޔާ ހުރިތަން ފެނުމުން މީހާ ސިހި، ދެލޯ ބޮޑުވެގެން ދިޔައެވެ. މިއޮއްފަދަ ވަގުތު ކުއްލިއަކަށް ޒާޔާ މިތަނަށް އަންނާނީ ކިހިނެއް ހެއްޔެވެ؟ ނަފްސާނީ ގޮތުން ބަލިކަށި ކޮށްލާފައި ހުރި މީހަކު މިހާ ވަރުގަދަކޮށް އޭނާ ކުރިމައްޗަށް މި އަންނަނީ ކިހިނެއް ހެއްޔެވެ؟ މިހާރުވެސް، އެއްފަހަރު އޭނާއާ ކުރިމަތިލައިފިއެވެ. އޭރުވެސް އިޒްވާގެ ވިސްނުން ކޮށި ސިކުނޑިއަށް އެއީ ޒާޔާގެ ސިފައިގައި ހުރި އެހެން މަޚުލޫޤެއްކަމެއް ނޭނގެއެވެ.

 

“ކަލޭ މިތާ ކީއްކުރަނީ؟” އިޒްވާ އެހިއެވެ. ޒާޔާ އެ ސުވާލަކަށް ޖަވާބެއް ނުދެއެވެ. އިޒްވާއާ ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ. އިޒްވާއާ ނަޒަރު ސީދާކޮށްގެން ހުރި ގޮތުން އިޒްވާއަށް އުނދަގޫވާން ފެށިއެވެ. ޒާޔާއާ ދިމާލަށް ބަލަހައްޓައިގެން ހުންނަން އިޒްވާއަށް އުނދަގުވިއެވެ.

 

އިޒްވާ އަށް ދެން ޒާޔާއާ ދިމާލަށް ބަލައިލެވުނުއިރު ޒާޔާގެ ދެލޯ ހުރީ ވަރަށް ބޮޑަށް ރަތްވެފައެވެ. ރަތްވަމުން ގޮސް ހޯސްލާފައި އެ ދެލޮލުން ލޭތައް ފައިބަން ފެށިއެވެ. އިޒްވާއަށް އެ މަންޒަރު ފެނި އުނދަގޫވެ ލޯ މަރައިލެވުނެވެ. އޭރު އޭނާގެ ހިތް، ބުނެދޭން ނޭނގޭހާ ބާރުމިނެއްގައި ތެޅެމުން ދެއެވެ. އިޒްވާ ހުރީ ހިރިލަން ވެސް ނުކެރިފައެވެ. “ފުލުހެއް ކަމަކު ހާދަ ފިނޑިއޭ ދޯ ކަލޭ.” މަލާމާތުގެ ރާގެއްގައި ޒާޔާ ބުންޏެވެ. ޒާޔާއަށް ރައްދުދޭން ލޯ ހުޅުވައިލި އިޒްވާއަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. ދެލޮލުން އެހާވަރަށް ލޭތައް ފައިބާއިރުވެސް ޒާޔާ ހަމަ އެހުރި ގޮތަށް ހުއްޓެވެ.

 

އިޒްވާއަށް ހިރިލަން ނުކެރިފައި ހުއްޓައި ކުއްލިއަކަށް ޒާޔާގެ ދެއަތްތިލައިން ލޭގެ ކޯރުތައް ފައިބަން ފެށިއެވެ. ކުއްލިއަކަށް ޒާޔާ ހޭން ފެށިއިރު އޭނާގެ އަނގައިން ހޯސްލާފައި ލޭތައް ފޭބި މަންޒަރު ފެނުމާއެކު އިޒްވާއަށް ހުރިތަނުން ދުއްވައިގަނެވުނެވެ. އޭރު ޒާޔާ ފަހަތުން އަންނަކަން އިޒްވާއަށް އެނގުނެވެ. އެހެންވިޔަސް، އޭނާ ބިރުން ހުރިވަރުން ފަހަތް ބަލަން ނުކެރި ހުރެ ދުވެވުނު އެންމެ ބާރަކަށް ދުވުނެވެ.

 

ބައިގަޑިއިރު ވަންދެން ދުވުނުއިރު ވެސް އިޒްވާއަށް ގެއާ ހަމައަކަށް ނުދެވުނެވެ. ދުވެދުވެ ވަރުބަލިވެގެން އިޒްވާއަށް ގުދުވެވުނެވެ. އޭނާ އޮތީ އޭރު މާނޭވާ ލެވިލެވިއެވެ. ގުދުވެ އޮތް އިޒްވާއަށް އޭނާގެ ފައި ކައިރީ، ފަހަތުގައި އެއްޗެއް ހުރިހެން ހީވެ، އަވަހަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ނިކަން ބިރުން ހުރެ މަޑުމަޑުން ފަހަތް ބަލައިލިއިރު ބިންމަތީގައި ފިޔަވަޅުތަކެއް ހުރި މަންޒަރު ފެނުނެވެ. އެ ފިޔަވަޅުތައް ހުރީ ލޭކުލައިގައެވެ. ލޭތައް ހުރީ ކޮންމެވެސް ވަރަކަށް ފޭދިފައެވެ.

 

ބިރުން މީހާ ތުރުތުރު އަޅާ ޙާލު، އިޒްވާ ހުރީ ހަދާނެ ގޮތެއް، ދާނެ ދިމާލެއް ނޭނގިފައެވެ. ބިރުން ހުރެ އެކި ފަރާތް ފަރާތް އިޒްވާ ހޯދަން ފެށިއެވެ. ޒާޔާ ފެނޭތޯއެވެ. އެކަމަކު އެއްވެސް ފަރާތަކުން އޭނާއަށް ޒާޔާ ފެންނާކަށް ނެތެވެ.

 

ކުއްލިއަކަށް ފަހަތުން މީހަކު ހަޅޭއްލަވައިގަތް އަޑު އިވިގެން އިޒްވާއަށް ފަހަތަށް އެނބުރެވުނެވެ. ހަމަ އެ ސިކުންތުގައި އޭނާ ބިރުން ފަހަތަށް ޖެހުނެވެ. އިޒްވާގެ ކުރިމަތީގައި ހުރީ އޭނާއަށް ވުރެ އިސްކޮޅުން ދިގު ކަޅު ހިޔަންޏެކެވެ. އިޒްވާ ހުރީ ދުއްވައިގަންނަން ބޭނުންވެފައެވެ. އެކަމަކު ދުއްވައިގަންނާކަށް ނުކެރުނެވެ. ބިރުން ސިހި ސިހި އެ ހިޔަންޏާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

 

އިޒްވާ އެހެން ހުއްޓާ އެ ހިޔަނި އޭތީގެ އަތްތިލަ އުފުލައިލިއެވެ. އޭރު އެ އަތުތެރޭ ދޫންޏެއްހެން ސިފަވާ ކަހަލަ އެއްޗެއް އޮތެވެ. އެ ދޫނިވެސް ފެންނަން އޮތީ ހިޔަންޏެއްގެ ސިފައިގައެވެ. އިޒްވާ ބަލަބަލާ ހުއްޓާ އެ ހިޔަނި، ދޫނީގެ މޫނާ، ކަރުން ތިރީގައި ހިފުމަށްފަހު ކުއްލިއަކަށް ލަންބައިލިއެވެ. އެއްޗެއް ބިންދައިގެން ދާ އުސޫލުން އެ ދޫނީގެ ކަރު ބުރިވެގެން ދިޔައެވެ. ފެނުނު މަންޒަރުގެ ސަބަބުން ބިރުން ސިހި ސިހި ހުރި އިޒްވާ، އެންމެ ފަހުން ހޭ ހުސްވެގެން ހުރިތަނަށް ވެއްޓުނެވެ.

 

“ލާހިކެއްނޫން އިރުނާރަނީސް ގެޔަށް ވަންނާކަށް. އެކުއްޖާއަށް ކަލޭ އަނިޔާކުރާކަށް މަ ކަލޭ ގެއަށް ދިޔަކަ ނުދޭނަން. އެކުއްޖާގެ ހިތާ ސިކުނޑިއަށް އަނިޔާދީދީފަ، އަދި އަހަންނަށް އެނގޭ ކަލޭ އޭނަ ގައިގަ ޖަހަންވެސް ޖަހާނެކަން. އެ މަންޒަރު މަގޭ ދެލޮލަށް ފެންނަ ދުވަހަކީ ކަލޭގެ ފަހު ދުވަސްކަން ހަނދާން ބަހައްޓާތި.” ހިޔަނީގެ ތެރެއިން ފޭދިގެން ނުކުތް މަލައިކާގެ ރުޅިވެރި ނަޒަރު ހުއްޓިފައިވީ ބިންމަތީގައި އޮތް އިޒްވާއާ ދިމާލަށެވެ.

 

އިޒްވާއަށް މަޑުމަޑުން ދެލޯ ހުޅުވައިލެވުނު ވަގުތު މަލައިކާ އަވަހަށް އޭނާގެ ދެލޮލުން އަލިތައް ދޫކުރަން ފެށިއެވެ. އަލިތައް ގޮސް އިޒްވާގެ ބޮލުގައި ޖެހުނު ބާރުމިނުގައި އިޒްވާ އަނެއްކާވެސް ހޭހުސްވިއެވެ. ހޭހުސްވެފައި އޮތަސް، އިޒްވާގެ މޫނުމަތިން އެއްވެސް ކަހަލަ ‘ރީތި’، ‘ހިތްހެޔޮ’ ކަމުގެ ކުލަވަރުތަކެއް ފެންނާކަށް ނެތެވެ. ނަފްރަތާ ރުޅިވެރިކަމުން ފުރިފައިވި ހިތެއް ނަމަ އެ މީހެއްގެ ސޫރަ ވެސް ވަކި، ރީއްޗެއް ނުވާނެއެވެ.

 

ދެލޮލުން ލޭ ތިކިތައް ފައިބަމުން ދާ ޙާލު، މަލައިކާ، އޭނާގެ ދެ އަތުގެ އިނގިލިތައް ބޮޑަށް ހުޅުވައިލިއެވެ. އޭރު އެ އިނގިލިތަކުގެ ނިޔަފަތިތައް ދިގުވެ، ކަނޑިއެއްގެ މިޔަހާ، ތޫނުވެއްޖެއެވެ. މަލައިކާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ކޮން ކަންތައްގަނޑެއްކަމެއް ނޭނގެއެވެ. އެހެނެއްކަމަކު، އިނގިލިތަކުގެ ނިޔަފަތިތަކަށް ބަލައިލުމަށްފަހު، ދެން މަލައިކާގެ ތޫނު ނަޒަރު އަމާޒުވީ ބިންމަތީގައި ހޭހުސްވެފައި އޮތް އިންސާނާއަށެވެ.

 

-ނުނިމޭ-

 

 

Share Article

Follow Me Written By

H noora

Level 1

Reading and writing is my passion. What motivates me more is the comments I get from readers & their support. Lots of love to the readers <3 <3 <3

Other Articles

Previous

ސިއްރު ކައިވެނި – 3

Next

ލޯބިން ބުނާތީ 25

Next
June 21, 2026

ލޯބިން ބުނާތީ 25

Previews
June 21, 2026

ސިއްރު ކައިވެނި – 3



All Right Reserved!