ލޯބިން ބުނާތީ 21
ދުވަސްތަކެއް ފާއިތުގެން ގޮސްފިއެވެ. ލިއާގެ ދިރިއުޅުމަށް ބަދަލުތަކެއް އައެވެ. ކައިލްއާއި ދެމީހުންގެ ގުޅުން ކުރިޔަށްވުރެ ގާތްވެފައިވާއިރު އަދިވެސް އެ ގުޅުން އޮތީ ރަހުމަތްތެރިކަމުގެ ފަތްތަރުގައެވެ. ހިތުގެ ހާލު ލިއާއަށް ސިއްރުކޮށްގެން ހުރެ ކައިލް އެކުވެރިކަމުގެ ރޯލު އަދާކުރަމުން ދިޔައެވެ. ފަހަކަށް އައިސް ކްލާސްތެރޭގައިވެސް މަދުމަދުން ދެމީހުން ވާހަކަދެކެވެން ފަށައިފިއެވެ. މިހާރު ކްލާހުގެ ގިނަ ކުދިންނަށް ކައިރާއާއި އިޝާންގެ ގުޅުން އެނގެއެވެ. އަދި ކައިރާއާއި ކައިލްގެ އާއިލީ ގުޅުންވެސް ވަނީ އެނގިފައެވެ. ހަތަރު މީހުން އެކުގައި ސްކޫލް ކެންޓިނުގައި، ރެސްޓޯރެންޓްފަދަ ތަންތަނުގައި ވަގުތު ހޭދަކުރެއެވެ. މިކަމާ އެންމެ ބޮޑު އަސަރެއް ކުރަނީ އަލީޝާއަށެވެ. އޭނާ ހުންނަނީ ކައިލްމެން ލިއާއާއި ދޭތެރޭ ބަހައްޓާ ގާތްކަމުން އެތެރެއިން އަނދަ އަނދައެވެ. ނަމަވެސް އޭނާ ފަރާތުން ގެއްލުން ވާފަދަ އަމަލެއް އަދި ފެނިފައި ނުވެއެވެ.
ކައިރާ އާއި އިޝާން އަތުގުޅުވާލައިގެން ސުކޫލްތެރޭ އުޅޭ މަންޒަރު ފެނުމަކީ އާއްމުކަމަކަށް ވެއްޖެއެވެ. އެ ދެމީހުން ވެފައިވަނީ ގިނަ ކުދިންތަކެއްގެ އެންމެ ކަމުދާ ޖޯޑަށެވެ. ބައެއްފަހަރު ގިނަ ކުދިން އިންތިޒާރު ކުރަނީ ދެމީހުން ކޯޅިގަންނާނެ ވަގުތަކަށެވެ. މުނިފޫހި ފިލުވުމުގެ ހަރަކާތެއްކަމުގައި އެފަދަ މަންޒަރުތައް ކުދިންނަށް ސިފަވެއެވެ. އަނެއްކޮޅުން ލިއާ، ކައިލް، ކައިރާ އަދި އިޝާންގެ މެދުގައި އޮންނަ ގާތްގުޅުން ޓީޗަރުންނަށްވެސް ފާހަގަވެފައި ވެއެވެ. އެއިން ކުއްޖަކު ފެންނަން ނެތްނަމަ، ޓީޗަރަށްވެސް އަހާލެވެނީ ބާކީ ތިބޭ ތިންކުދިން ތެރެއިން ކުއްޖެއް ގާތުއެވެ.
ލިއާއަށް އައި އެންމެ ބޮޑު ބަދަލަކީ ރިހާންއާއި ވާހަކަ ދެއްކުން ހުއްޓުމެވެ. ރިހާން އެ ހަޔާތަށް އައިފަހުން މިހާ ގިނަ ދުވަސް ވަންދެން އޭނާ ރިހާންއާއި ވާހަކަ ނުދައްކާ މި ހުރެވުނީ އަލަށެވެ. ހަތް މަސް ފާއިތުވެގެން ދިޔައިރު، ދޭތެރެއަކުން ރިހާން މަތިން ހަނދާންވެ، އެ ނަންބަރަށް ބަލަން އިނދެވެއެވެ. ނަމަވެސް އެއްފަރުވެސް ރިހާންއާއި މުއާމަލާތްކުރަން މަސައްކަތް ކޮށްފައެއް ނުވެއެވެ. ލިއާގެ އެންމެ ބޮޑު ހިތްވަރަކަށް ވެފައިވަނީ ކައިރާ އާއި ކައިލްއެވެ.
ހަތަރު ކުދިންގެ އެއްބައިވަންތަކަމާއެކު، މި ހަތްމަސްތެރޭ ފާއިތުވެދިޔަ އިމްތިހާނުތަކަށް ގަދައަޅާ މަސައްކަތްކުރުމުގެ ސަބަބުން ހަތަރު ކުދިންވެސް ވަނީ ފާހަގަކޮށްލެވޭފަދަ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. ދެން ކުރިޔަށް އޮންނާނީ އެންމެ ބޮޑު އިމްތިހާނެވެ.
ކޮޓަރިތެރެ ފޮޅާ ސާފުކުރަން ހުރި ލިއާއަށް ފޯނު ވައިބްރޭޓްވުމާއެކު ބަލާލެވުނެވެ. އޭރު އެ އޮމާން މޫނުގައި ދާތިކިތައް ވިދަމުން ދިޔައެވެ. މައްޗަށް އިސްތަށިގަނޑު އައްސާލެވިފައިވާއިރު ހުޅި ޖަހާފައިވަނީ ފަރުވާކުޑަ ގޮތަކަށެވެ. ދެއަތް ފޮޅާލާފައި އައިސް ފޯނު އަތަށް ނެގުމުގެ ކުރިންވެސް މެސެޖު ކުރީ ކާކުކަން އޭނާއަށް އެނގޭކަހަލައެވެ.
“ބިޒީތަ…؟” ކައިލް އަހާފައި ވެއެވެ. ލިއާ ޖަވާބުގައި އާނއެކޭ ބުނެލިއެވެ.
“މިހާރު ތިނެއް ޖެހީ…ޔޫ ޕްރޮމިސްޑް އިނގޭ…! މިއަދު މެޗް ބަލަން އަންނަންވާނެ…ޕްލީޒް…” ކައިލްގެ ދެވަނަ މެސެޖުގައި ވެއެވެ. ފޯނަށް ބަލަން ހުރި ލިއާ ހިނިތުންވެފައި ހުރެ ގޮސް ގޮނޑީގައި އިށީނެވެ.
ރަށުގައި ކުޅެމުންދާ ފުޓްބޯޅަ މުބާރާތުގައި، ކައިލްއަށް ބައިވެރިވެވުނީ އިޝާންގެ ރޭވުމުގެ ދަށުންނެވެ. ކައިލްއަށް އަންގާލުމެއް ނެތި ޓީމެއްގައި ނަންނޯޓު ކުރީއެވެ. އެކަން ފަޅާއެރުމާއެކު ކައިލް ވަގުތުން އިންކާރުކުރިއެވެ. ނަމަވެސް ޓީމު މެންބަރުންގެ އާދޭހާއެކު ކައިލްއަށް ގޮތްދޫކުރަން މަޖުބޫރުވީއެވެ. އެމީހުން ކައިލް ހޯދަން ގެޔަށް އައީއެވެ. އަކީލްއާއި އާލިކްވެސް ބާރުއެޅީ ކައިލް އެ މުބާރަތް ކުޅުމަށެވެ. ނިމިގެން ދިޔަ މެޗްތަކުގައި ކައިލްމެންގެ ޓީމުން ގިނަ ކާމިޔާބުތަކެއް ހޯދާފައިވާއިރު ކައިލްއަށް ދެ މެޗުން މޭން އޮފް ދަ މެޗް ލިބިފައިވެއެވެ. މިއަދަކީ ފައިނަލް މެޗް އޮންނަ ދުވަހެވެ. ކައިލް އާއި ކައިރާ ކިޔާކިޔާވެސް އޭނާ އެންމެ މެޗެއްވެސް ބަލަން ނުދިޔައެވެ. ނަމަވެސް ފަހު ރޭ ކައިލްގެ އެތައް އާދޭހާއެކު ލިއާ އެއްބަސްވީއެވެ.
“ދާނަމޭ…ނުގޮސްފިއްޔާ ކައިރާ އަހަރެން މަރާނެ…މިހާރުވެސް އެބައިން ފުލުފުލުން މެސެޖުކޮށްފަ…” ލިއާ ރިޕްލައި ދިނެވެ. ކައިލް އިރުކޮޅަކު ވާހަކަދައްކަން ހުރެފައި ވަކިވީ މެޗަށް ދާން ވަގުތު ކުޑަތަންވެފައި ވުމުންނެވެ.
ލިއާއަށް ގެއިން ނިކުމެވޭ ވަރުވީއިރު ފަހެއް ޖަހައިފިއެވެ. އޭރު ރުޅިއައިސް ރަތްވެފައި ހުރެ ކައިރާ ލިއާމެންގޭ ދޮރުމަތީ ހުއްޓެވެ. ލިއާ އައިސް އަރާ ހަމަވުމާއެކު އެއްޗެހި ގޮވައިގަތެވެ. މެޗަށް ނުދާންވެގެން ގަސްތުގައި ލަސްކުރަނީއޭ ބުންޏެވެ. މިހާރު ފުރަތަމަ ހާފް ނިމިއްޖޭ ބުންޏެވެ. ލިއާއަށް ޖެހުނީ ދަނޑާއި ހަމަޔަށް ދެވެންދެން ކައިރާގެ ބޮޑާހޭކުން އަޑުއަހާށެވެ.
ދަނޑު ބޭރު ވަނީ ފުރިފައެވެ. އެތެރޭގައިހުރި ގޮނޑިތައްވެސް ވަނީ މީހުންނައިގެން ތޮއްޖެހިފައެވެ. ލިއާ އާއި ކައިރާ އުޅެއުޅެވެސް މީހުން މަދު ދިމާލެއް ނުފެނުނެވެ. އެންމެފަހުން ކައިލްމެން ޓީމްގެ ދިދަޖަހާ، އެ ކުލައިގެ ފުއްޕާ ހަންތައް އެލުވާފައިވާ ދިމާލުގައި މަޑުކޮށްލައިފިއެވެ. އޭރު ދެވަނަ ހާފް ކުރިޔަށް ދަނީއެވެ. ދެޓީމްވެސް ވަނީ އެއް ލަނޑު ޖަހާފައެވެ.
ކައިރާ އާއި ލިއާ މެޗް ބަލަމުން ދިޔައިރު ގާތު ތިބި އަންހެންކުދިންތައް ދައްކަމުން ދިޔައީ ކައިލްގެ ވާހަކައެވެ. މީގެ ކުރިން ދުވަހަކުވެސް ދަނޑުކައިރިން ނުފެންނަ އަންހެންކުދިންވެސް އެތަނުގެ ތިއްބެވެ. މެޗަށްވުރެ އެމީހުންގެ ޝައުގުވެރިކަން ހުރީ ކައިލްއަށެވެ. އެކަން އެނގެނީ ކުޅެމުން އެދިމާ ކައިރިއަށް ކައިލްއަށް އާދެވޭ ކޮންމެފަހަފަކު ދިއްކުރާ ފޯނުތަކުންނެވެ. އެމީހުން ދައްކަމުންދާ ވާހަކަތައް އަޑުއިވިފައި، ކައިރާ ދޭތެރެއަކުން ލިއާއަށް ބަލާލާ މޫނަށް ވައްތަރު ޖައްސާލައެވެ. ލިއާއަށް ނުހީ ކެތްވަނީ ކިރިޔާއެވެ.
ދާހިތްލާފޯވެފައި ހުރިއިރު ކައިލް ފެންނަނީ މޮޔަވާހާ ފިރިހެންވަންތަކޮށެވެ. އެ މޫނުމަތީގައިވާ ސީރިއަސް ކުލަވަރުން، ފެންނަލެއް ފުރިހަމަކަމުން ބަލަން ތިބި އަންހެންކުދިން ދީވާނާވަމުން އައެވެ. ގިނަ އަންހެންކުދިންގެ ފޯނު ތިރިކޮށްލެވޭ ވަގުތު ނާދެއެވެ. ނަމަވެސް ކައިލްގެ މުޅި ސަމާލުކަން ދެވިފައިވަނީ ކުޅުމަށެވެ.
މެޗު ނިމެން އިތުރުގަޑި ދައްކާފައިވަނިކޮށް ފަހު ވަގުތު ލިބުނު ހަނި ފުރުސަތެއްގައި ކައިލް ލަނޑު ޖެހުމާއެކު މުޅި ދަނޑު ހީވީ ކެކި އުތުރިއެރިހެންނެވެ. އަންހެންކުދިން ހަޅޭއްލަވަމުން ލަދެއް ނެތި ކައިލްގެ ނަމުން ބާރަށް ގޮވާހެދިއެވެ. ލަނޑު ޖެހުމާއެކު ލިބުނު ހިތްވަރުގައި ކައިލް ދުވެލާފައި ގޮސް ކަނަކަށް ވާގޮތައް ހުއްޓުމާއެކު އޭނާ ގައިގަ އެންމެ ފުރަތަމަ އޮޅައިގަތީ ދުވެފައި އައި އިޝާންއެވެ. ސަމާލުވެގެން ހުރި ކައިރާ އެމަންޒަރުގެ ފޮޓޯއެއް ނެގިއެވެ. ދެވަނަ ސިކުންތުގައި ޓީމްގެ ފަހަރަކު މީހަކު އައިސް އެމީހުން ގައިގަ އޮޅުލައިގަނެއްޖެއެވެ. އޭރު ބައެއް ސަޕޯޓަރުން ދަނޑަށް ވަދެއްޖެއެވެ. އުފާ ފާޅުކުރަމުން ދިޔައިރު ކައިލް އެއްލި ކަޅިއަކުން ލިއާ ފެނުނެވެ. ކައިލް ބަލާލުމާއެކު ލިއާ ހިނިތުންވެފައި އަތުގެ ބޮޑުވާއިނގިލި ހިއްލާލިއެވެ. ކައިލްގެ ތުންފަތްމައްޗަށް ފެތުރުނު ރީތި ހިނިތުންވުމާއެކު އޭނާ ސިއްރުން ލިއާއަށް އެއްލޯ މަރާލިއެވެ. އެމަންޒަރު ދުށް ކައިރާ ލިއާގެ އަތުގައި ޖަހާލީ ލިއާއާއި ދިމާކޮށްލުމުގެ ގޮތުންނެވެ.
“މެޗް ވެސް ނިމުނީނު…؟ ޔުއަރ ލަވިން ބީއެފްގެ ޓީމް މޮޅުވީ…ދެން ހިނގާ ގެޔަށް ދާން…” ކައިލްމެން އެނބުރި ޓީމާއެކު ދިއުމުން ލިއާ ކައިރާ ގާތު ބުންޏެވެ.
“މަޑުކޮށްބަލަ…ކައިލްމެންނަށް އިނާމު ލިބޭތަން ސްނެޕް ކުރަން ޖެހޭނެ…” އަވަހަކަށް ލިއާ ފޮނުވުމުގެ ހިޔާލެއް ކައިރާގެ ނެތެވެ. ލިއާއަށް ޗަސް ޖަހާލެވުނެވެ. ކައިރާ ގާތުން ސަލާމަތްވުން ފަސޭހަ ނުވާނެކަން އެނގުނެވެ. އޭރުވެސް ދަނޑުމަތިން މީހުން މަދެއް ނުވެއެވެ.
އިނާމު ލިބި މުޅި މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ކައިލްއަށް ލިބުނެވެ. ޓީމް މީހުން ހީވަނީ ކައިލް އުރާލަފާނެހެންނެވެ. ޝަރަފުވެރި މެހެމާނުންނަށް ހާއްސަވެފައިވާ ގޮނޑީގައި އެ މަންޒަރު ބަލަން އިން އަކީލްގެ މޫނުމަތީގައިވަނީ ފަހުރުވެރިކަމެވެ. އެ މޫނުމަތިން ހިނިތުންވުން ފަނޑުނުވެއެވެ. އަކީލް ގާތު އިން ކައިރާގެ ބައްޕަ އާމިރު އަކީލްގެ ކޮނޑުގައި ޖަހާލީ އޭނާވެސް ކައިލް އާއި މެދު ފަހުރުވެރިވަމޭ ބުނާފަދައަކުންނެވެ.
“އޯލްރައިޓް…ގެއަށް ނުގޮސް އިންތިޒާރުގައި ތިބި ބޭފުޅުންނަށް އުފާވެރި ހަބަރެއް…މިހާރު މިވަނީ ތިބޭފުޅުން އިންތިޒާރު ކުރި ވަގުތު އައިސް…” އިނާމު ދިނުމުގެ ރަސްމިއްޔާތު ނިމުމުން މައިކް ހިފައިގެން ހުރި މީހާ ވާހަކަދެއްކިއެވެ. އޭރު ކައިލްމެންގެ ޓީމް ލައިނަކަށް އެތުރި ތިއްބެވެ.
“މިހާރު މިއޮތީ ޖޯޒީ ހަވާލުކުރާ ވަގުތު އައިސް…މި ކަމަކީ އަބަދުވެސް މިރަށުގެ އާދަކާދައިގެ މަތިން ކޮންމެ ފުޓުބޯޅަ މުބާރާތެއްގައިވެސް ހިނގަމުން އަންނަ ކަމެއް…އަޅުގަނޑަށް އެނގޭ ހުރިހާ ބޭފުޅުންވެސް އެންމެ އިންތިޒާރު ކުރީ މިވަގުތައްކަން…އެހެންކަމުން އަޅުގަނޑު މާ ގިނަ ވާހަކަތަކެއް ދައްކާކަށް ނެތިން…ތިބޭފުޅުން ކުރިޔަށް ގެންދޭ…!” ވާހަކަ ދައްކާ ނިންމާލަމުން އެމީހާ ފަހު ޖުމްލަ ރައްދު ކުރީ ކައިލްމެންގެ ޓީމަށެވެ. އެވަގުތު މުޅި ދަނޑު ހޯބޯ ލެއްވުމުގެ އަޑުން ގުގުމައިގަތެވެ.
އެރަށުގައި ފެށުނީއްސުރެ އޮންނަ އާދަކާދައިގެ ގޮތުން މޮޅުވާ ޓީމަކުން އެމީހުންގެ ޖޯޒީ، ލޯބިވާ ފަރާތަކަށް، އަނބިމީހާއަށް ނުވަތަ ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ދިނުމަކީ މަޖާ ހަރަކާތެއްގެ ގޮތުން ކުރަމުން އަންނަ ކަމެކެވެ. ކޮންމެ މުބާރާތެއްގެ ފައިނަލް މެޗަށްފަހު މި ހަރަކާތް ކުރިޔަށް ގެންދެއެވެ. މީހުންނަށް އެކަންވަނީ މަޖާ މުނިފޫހި ފިލުވުމުގެ ހަރަކާތަކަށެވެ.
“މައި ގޯޑް…އައި ކާންޓް ވެއިޓް ޓު ސީ ކައިލް ޝާރޓްލެސް…” ގާތުގައި ތިބި އަންހެން ކުދިންތަކުތެރެއިން ކުއްޖަކު ވާހަކަ ދެއްކި އަޑަށް ލިއާ އާއި ކައިރާއަށް ބަލާލެވުނެވެ. ލިއާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ކައިރާ ދެލޯ ވައްކޮށްލި ގޮތުން ލޯ ނުނިކުތީ ކިރިޔާއެވެ.
ޓީމްގެ ގިނަ މީހުން ޖޯޒީ ބާލަން ފެށުމުން ދަނޑު ގުގުމައިގަތީ ހޯބޯ ލެއްވުމުގެ އަޑާއި ހުނުމާއި ސަކަރާތުގެ އަޑުންނެވެ. ގިނައީ މީހުންނާއި އިނދެގެން އުޅޭ މީހުންނެވެ. އެމީހުންގެ އަނބިންނަށް ޖޯޒީ ހަވާލުކުރާ މަންޒަރުތައް ފޮޓޯ ނެގުމުގައި ފޮޓޯގްރާފަރުންތައް ހަރަކާތްތެރިވަމުން ދިޔައެވެ. އިޝާން ޖޯޒީ ބޭލުމާއެކު ކައިލް ބަލާލީ ފޫހިވެފައި ހުރެއެވެ. އިޝާން ހެމުން ހެމުން ގޮސް ކައިރާއަށް ޖޯޒީ ދިއްކޮށްލުމާއެކު އެދިމާލަށް ކެމެރާއެއްގެ ފްލޭޝް ކެނޑިގެން ދިޔައެވެ. ކައިރާ ތުއިވެފައި ހުރެ ޖޯޒީގައި ހިފުމުން އިޝާން ކައިރާއަށް ހިނިތުންވުމެއް ދީފައި އެނބުރި ޓީމް ގާތަށް ހިނގައްޖެއެވެ. އޭރު ކައިލް ފިޔަވާ އެންމެން ޖޯޒީ ހަވާލުކޮށްފިއެވެ.
އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ ކައިލްއަށެވެ. މައިކް ހިފައިގެން ހުރި މީހާވެސް ދެވަނަ ފަހަރަށް ހުރިހާ ކުޅުންތެރިންވެސް އަވަހަށް ޖޯޒީ ހަވާލު ކުރުމަށް ނުސީދާގޮތަކަށް ބުނެލިއިރު ކައިލްއަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ.
“ސީރިއަސްލީ…މިވެސް ދެން މީހުން ކުރާ ކަހަލަ ކަންތައްތަ…؟” ފޫހިވެފައި ހުރެ ކައިލް ވާހަކަދެއްކިއެވެ. އޭނާގެ ޓީމް މެންބަރުންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ކައިލްއަށް ވެފައިހުރި ގޮތް ފެނި މީހަކަށް ނުހެވޭ ވަރެއް ނޫނެވެ. “ތި މައްސަލަ ޖައްސަނީ ޖޯޒީ ދޭން ޖެހޭތީ އެއް ނޫން…ދެން މާ ނޫންކަމަށް ނުހެދިބަލަ ބްރޯ…” ޓީމްގެ މެމްބަރެއް ކަމަށްވާ މާހިލް ބުނެލިއެވެ.
“ދެން ކޮންމެވެސް މީހަކަށް ތި ޖޯޒީ ދޭން އުޅެބަލަ…ޔަގީން ކޮންމެ މީހަކަށް ދިނަސް ތީގަ ހިފާނެކަން…” އަނެކަކު ބުނެލިއެވެ.
“މިތާ މިތިބި އަންހެންކުދިންގެ ކެތްތެރިކަން ކޮޅުންލައިގެން ދަނީއޭ…މިހާރުވެސް އެތިބީ ފޯނުތައް ނަގާ ރެޑީކޮށްގެން…!” ލާނެއް މިޒާޖެއްގެ މީހަކު ބުނެލިއެވެ. އޭނާ ބުންޏެއް ކަމަކު އެ ބުނެވުނީ ތެދު ވާހަކައެކެވެ. ގިނަ އަންހެންކުދިން ތިބީ ކަޅި ޖެހުމެއް ނެތި ކައިލްއަށް ބަލާށެވެ.
ކައިލް ދެލޯ އަޅައިލިގޮތުން އެންމެންނަށް ހެވުނެވެ. އޭނާ ޖޯޒީ ބާލައިފިނަމަ ކަންތައް ވާނެ ގޮތް މިހާރުވެސް އެނގޭ ކަހަލައެވެ. އަންހެން ކުދިން ބުއްދި ނުފިލައިފިއްޔާ ރަނގަޅެވެ. މާދަން މުޅި ސޯޝިއަލް މީޑިއާގައި އޮންނާނީ އޭނާގެ ފޮޓޯތަކެވެ. ކިތައްމެ ނުރުހުންވިޔަސް އޭނާގެ ޓީމް މީހުން ތިބީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.
“ޓޭކް އިޓް އޮފް…! ޓޭކް އިޓް އޮފް…!” ޓީމް މެންބަރުން އަތް ޖަހަމުން އެއް އަޑަކަށް ކިޔަންފެށިއެވެ. ކައިލް ބޯގޮވާވަރުވިއެވެ. ދެން ދުވަހަކުވެސް ރަށުގައި މެޗެއް ނުކުޅޭނަމޭ ހިތަށް އެރިއެވެ. އޭރު ބައްޕަ އަކީލްވެސް ހިނިއައިސް ފޯނު ދިއްކޮށްގެން ހުރި މަންޒަރު ފެނުމުން ކައިލްއަށް ދެފަރާތަށް ބޯހޫރާލެވުނީ ބޯހާސްވެފައި ހުރިކަހަލަގޮތަކަށެވެ.
ފުން ނޭވާއެއް ލާފައި ކައިލް ޖޯޒީގެ ތިރީގައި ހިފާލުމާއެކު ޓީމް މީހުން ހަޅޭއްލެވުމުގެ އަޑުން މާހައުލު ގުގުމާލައިފިއެވެ. އެވަގުތު އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ތިން ފޮޓޯގްރާފަރުންވެސް ދުވެފައި އެދިމާލަށް އައިސްފިއެވެ. ސަމާލުވެ ހުރި އަންހެންކުދިންތައް ފޯނު ދިއްކޮށްލިގޮތުން ހިތް އަވަސްވެގެން އައިވަރު ހާމަވެއެވެ. ކައިލް މަޑުޖެހުމެއް ނެތި ޖޯޒީ ބޭލުމާއެކު ކެމެރާތަކުގެ ފްލޭޝްތައް ކެނޑިގެންދިޔައެވެ. އަންހެންކުދިންތައް ހީވީ މޮޔަވިހެންނެވެ. ލަދެއް ނެތި ބައެއް މީހުން ކައިލްގެ ނަމުން ގޮވާހެދިއެވެ. ބައެއް އަންހެންކުދިންގެ އަނގަ ހުޅުވުނުގޮތައް ލައްޕަން ހަނދާންނެތިފައިވެއެވެ. ބައެއް ކުދިން އަތުން ފޯނު ދޫނުވެ ހުރީ ކިރިޔާއެވެ. މިނެޓެއްހާއިރު ތެރޭ، ކައިލްގެ ސަތޭކައަށް ވުރެ ގިނަ ސްނެޕް އެކި ފޯނުތަކުގެ ޒަރީއާއިން އެކި ދިމާލަށް ދަތުރުކޮށްފިއެވެ.
ބޭލި ޖޯޒީ ކޮނޑުމައްޗަށް އެއްލަމުން ލިބެމުންދާ ސަމާލުކަމަށް ފަރުވާލެއް ނެތި ކައިލްގެ ކަޅި ހުއްޓުނީ ވަކި ދިމާލަކަށެވެ. އެ ތުންފަތްމައްޗަށް ސިއްރު ހިނިތުންވުމެއް ވެރިވިއެވެ. ކައިލް ހިނގައިގަންނަން ފިޔަވަޅު އެޅިވަގުތަކީ ގިނަ ބައެއްގެ ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތަށް ވިއެވެ. ބައެއް އަންހެން ކުދިން ހަށިގަނޑު ސީދާކޮށްލާ ހެދުމަށް ދަމާ ފަރިވަމުން ދިޔައެވެ. ބައެއް ދިމާލުން ނުހުރެވިގެން ކަހަލަ ގޮތަކަށް ކައިލްއާއި ދިމާލަށް ބައެއް އަންހެންކުދިން އަތް ހޫރަމުންދިޔައެވެ. އަދި ކައިލްގެ ނަމުން ބައެއް އަންހެންވެރިން ގޮވަމުން އެމީހުން ގާތަށް އައުމަށް އެދެމުން ދިޔައެވެ.
އިންތިޒާރުގައި ތިބި އަންހެންކުދިންގެ ހިތްތައް މާޔޫސްކުރަމުން ކައިލް އައިސް ހުއްޓުނީ ކައިރާ އާއި ލިއާ ތިބި ދިމާލަށެވެ. އެމީހުން ގާތު ދެން ތިބި އަންހެންކުދިން ހީވީ ދުނިޔެއިން މޮޔަވިހެންނެވެ. އޭގެން އެއްވެސް މީހެއްގެ ފޯނު ތިރިވާ ވަގުތެއް ނައެވެ.
ކައިރާ ކުރީގައި ހުރިއިރު އޭނާއާއި ގާތަށް ކައިލް ޖެހުމުން ލިއާގެ ދެލޯ ބޮޑުވެގެން އައެވެ. އޭނާއަށް ކައިރާގެ ފުރަގަހަށް ވަދެވުނެވެ. އޭރު ކައިލްގެ ފަހަތުގައި ފޮޓޯގްފާފަރުން ތިބީ އިންތިޒާރުގައެވެ.
“ކައި ޕްލީޒް މޫވް…!” ކައިލް ކައިރާ އާއި ވާހަކަދެއްކުމާއެކު ކައިރާ ޑްރެމެޓިކް ގޮތަކަށް ފަހަތަށް މޫނު އަނބުރާލާ، ލާނެއް ހިނިތުންވުމާއެކު ލިއާއަށް ބަލާލިއެވެ. ލިއާ ހުރީ ލަދުން މަރުވާވަރުވެފައެވެ. ކައިރާ ހިނިގަނޑެއް ޖަހާލާ ކުއްލިއަކަށް އެއްކައިރިއަށް ޖެހުމާއެކު ކައިލް ލިއާއާއި ގާތަށް ޖެހިލިއެވެ. ގާތު ތިބި އަންހެންކުދިން ނޭވާ އެތެރެއަށް ދަމާލި އަޑުއިވުނެވެ. އެވަގުތު ކެމެރާތަކުގެ ފްލެޝް ކެނޑެން ފަށައިފިއެވެ.
“ޓޭކް އިޓް…” ކައިލް ލިއާއަށް ޖޯޒީ ދިއްކޮށްލުމާއެކު ޓީމް މީހުންތައް ހަޅޭއްލަވައިގަތުމާއެކު އަތްތިލަބަޑީގެ އަޑުން މާހައުލު ގުގުމާލައިފިއެވެ. ލިއާ ހުރީ ބިންފަޅާ އަޑިޔަށް ދާން ބޭނުންވެފައެވެ. ހާހެއްހާ މީހުންގެ ސަމާލުކަން ހުއްޓިފައިވާއިރު ބޮލަށް އެނބުރުން އަރާހެންވެސް ހީވަމުންދިޔައެވެ. ކޯތާފަތަށް ހޫނުކަން ވެރިވެފައި ވާއިރު މުޅި މޫނު ވަނީ ރަތްވެފައެވެ. ލިއާ މިވަގުތު އެންމެ ބޭނުންވެފައިވަނީ ބިންގަނޑު އޭނާ ދިރުވާލުމަށެވެ. އޭރުވެސް ކައިލް ހަމަޖެހިލާފައި ޖޯޒީ ދިއްކޮށްލައިގެން ހުރި އިރު މުޅި މާހުއުލުގެ ސަމާލުކަން އޭނާއަށް ހުއްޓިފައިވާކަން ރެއަކާނުލާކަހައެވެ. ކައިލް ލަދެއްގައި ނުބައްދަންވެގެން އެންމެފަހުން ފަސްޖެހިފައި ހުރެމެ ލިއާ ޖޯޒީގައި ހިފައިފިއެވެ.
ކައިލް އެނބުރި ހިނގައިގަތުމާއެކު ޓީމް މީހުން އޭނާ ގައިގަ އޮޅުލައިގަތެވެ. ލިއާ އޭރު ހުރީ އިސްޖެހިގޮތަށް އިސްއުފުލާލަން ނުކެރިފައެވެ. އިސްޖަހައިގެން ހުރި އިރުވެސް އޭނާއާއި އަމާޒުވެފައި ހުރި ހަސަދަވެރިކަމުގެ ނަޒަރުތަކުގެ ހޫނުކަން އޭނާއަށް އިހުސާސްވާކަހަލައެވެ. ދިމާކުރުމުގެ ގޮތުން ކައިރާ ކިޔަމުންދިޔަ އެއްވެސް އެއްޗެއް އޭނާއަކަށް އަޑެއް ނީވެއެވެ. އެއަށްވުރެ އޭނާގެ ހާލު ބޮޑެވެ.
ނުނިމޭ
9 Comments!
Comments are closed.



When’s next??? Ure my fav author keep the good work . Waiting for next
Aww thank you so much! 🥹💗 That really means a lot to me. I’m working on the next episode and it’ll be out as soon as it’s ready. Thank you for all the love and support! 🫶💗
Awwwnnnnnnn….
Kailllllllll…. hama huvaa I vx ladhu ganehje 🙈🙈🙈🙈🙈🙈🙈
Maasha allah maasha allah mi part vx varah varah reethi…..
I am speechlessss….
When next??
Awwwnnnnnnn….
Kailllllllll…. hama huvaa I vx ladhu ganehje 🙈🙈🙈🙈🙈🙈🙈
Maasha allah maasha allah mi part vx varah varah reethi…..
I am speechlessss….
When next??
Imagine how Leah felt 😭💗 I’m so happy you enjoyed that part! The next episode is coming soon 💗
omg Lia ah gotheh ves nuvey tha Kyle shirtless koh fenuneema
I would probably throw myself at him 😭😭
next part avahah up kohdheche author this story is going so well 💟
Oh, she definitely had a reaction 😂 Leah was a complete mix of emotions in that moment blushing, nervous, flustered, and trying not to embarrass herself. Seeing Kyle shirtless was one thing, but having the entire team’s attention on them at the same time made it ten times worse 😭💗
snap dhaani rihaan ah dho..?
Let’s see 😭