“ކާކު ބުނީ އަހަރެން އޮފީހަކަށް ނުދާނެޔޭ؟” އީމަން ވާހަކަ ދެއްކީ އިނގިރޭސިންނެވެ.
އީމަންގެ ހައިރާންކަން ފެނި އެމީހުންވެސް ފަސްޖެހޭ ގޮތްވިއެވެ.
“މާން! އަހަރެން ގުޅާފަ ބުނީ!” އީމަންގެ ފަހަތުން އަރާ ހަމަވި ރީމް ބުނެލިއެވެ.
“ރީމް؟ ކީއްވެ؟” އީމަން އޮޅުން ފިލުވަން ބޭނުންވިއެވެ.
“މާން! އަހަރެންނަށް އެނގޭ އަހަންނަށް ޔާނާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ރޫޑް ކޮށްކަން. އައި ވޯންޓް އަ ފްރެޝް ސްޓާރޓް!” ރީމް ތަފްސީލު ކޮށްދިނެވެ. އީމަން ހުރީ އަދިވެސް ވާނުވާ ނޭނގިފައި ކަމުން ސުވާލުކޮށްލިއެވެ. “ސޯ؟”
“އައި ހޭވް ޕްލޭންޑް އަ ޕިކްނިކް ފޯރ ބޯތް އޮފް ޔޫ އެޓް ދަ ފާރމް ހައުސް!” ރީމް ފަސްޖެހޭ ރާގެއްގައި ޖުމުލަ ފުރިހަމަ ކޮށްލިއެވެ.

“ރީމް! ވަރަށް އުފާވެއްޖެ ރީމްގެ ވާހަކަ އަޑު އިވުމަށްފަހު. އެކަމަކު ތި ހުރިހާ ކަމެއް ކުރުމުގެ އެއްވެސް ބޭނުމެއް ނެތް. ވީ އާރ ހެޕީ!” އީމަން ހިނިތުންވެލަމުން ބުނެލިއެވެ. އެއަށްފަހު އެތަނުގައި ތިބި މީހުންކައިރީގައި އޮފީހަށް މިދަނީކަމުގައި ބުނެ އެމީހުން ފޮނުވައިލިއެވެ.
“މާން! ޕްލީޒް. އަހަރެން ވަރަށް އުންމީދާއެކީގައި މިހުރިހާ ކަމެއް ހަމަ ޖެއްސީ! ކެންސަލް ނުކުރޭ. ޕްލީޒް. މާން މިދަޢުވަތު ޤަބޫލު ނުކޮށްފިނަމަ އަހަރެން ބަލާނީ މާންމެން އަހަންނަށް މަޢާފު ނުދެނީކަމަށް.” ރީމް އީމަންގެ ފަހަތުން ހިނގަމުން އާދޭސް ކުރަމުން ދިޔައެވެ.

ސިޑިއާ އަރާ ހަމަވެފައި ހުރި އީމަން ރީމްއާ ދިމާއަށް އެނބުރިލިއެވެ. “ރީމް! އެހެނެއް ނޫނޭ ވީ. އަހަރެން މިއަދު އޮފީހަށް ދިޔުން ވަރަށް މުހިންމު.” އީމަންގެ ވާހަކައިން ރީމް ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ. އެހެންކަމުން އިތުރަށް ވާހަކަ ދެއްކިއެވެ. “އޯކޭ. ކިހިނެއްވާނެ މިގޮތް. މިރޭ އަހަންނާ ރީމް އަދި ޔާނު ތިން މީހުން އެއްކޮށްދާނީ ޑިނާރ އަކަށް. އޯކޭއެއްނު؟ މިގޮތް މާ ރަނގަޅެއްނު. ތިންމީހުންނަށް އެކީ ސެލެބްރޭޓް ކުރެވޭނެ.” އީމަންގެ ހިޔާލަށް ރީމް ތާޢީދު ކުރިއެވެ. އަދި ޔާނާއާ ދިމާއަށް އީމަން ބަލައިލީ މައްސަލައެއް ނެތްހޭ އަހާލާ ފަދަ ގޮތަކަށެވެ. ޔާނާވެސް ހުރީ ހިނިތުންވެލައިގެންނެވެ. ގޭތެރޭގެ މާހައުލު ކިތަންމެ އޮމާންކޮށް ފެނުނު ކަމުގައިވިޔަސް އެންމެންގެ ހިތުގައި ހިނގަމުންދިޔައީ ތަފާތު ޝުޢޫރުތަކެކެވެ.

އީމަން އޮފީހަށް ދިޔަތާ މާގިނައިރުތަކެއްނުވެ ޔާނާވެސް ބޭރަށް ދިޔައެވެ. ހާމިޒާ ކައިރިއަށެވެ. ގޭގެ ދޮރުން ބޭރަށް ނިކުމެވުމާއެކީ ޔާނާ ސިހިގެން ދިޔައީ ރޭ އޭނާއަށް ކުރެވުނު އިހުސާސް އަނެއްކާވެސް ކުރެވުމުންނެވެ. އޭނާއަށް މީހަކު ފާރަލާހެން ހީވުމުންނެވެ. ވަށައިގެން ހޯދާލެވުނު ނަމަވެސް އެއްވެސް މީހެއް ފެންނަ ހިސާބެއްގައެއް ނެތެވެ.

ޔާނާ ގެއަށް އައީ އެދުވަހު އިރު އޮއްސުނު ފަހުންނެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލީ ވަރުބަލި ފިލުވާ ލުމަށްޓަކައެވެ. ހާމިޒާއަށް އިތުރު އެއްވެސް ކުރިއެރުމެއް ނަޔަސް ހާލަތު އިތުރަށް ގޯހެއްވެސް ނޫނެވެ. ލޯމަރާލައިގެން އޮއްވާ ސިހުން ލިބި ދެލޯ ހުޅުވުނީ ދޮރު ޖެހުނު ހެން ހީވުމުންނެވެ. ބޯހިއްލާލާފައި ދޮރާއި ދިމާއަށް ބަލާލިއިރު ދޮރުމަތީގައި ހުރި އީމަން ފެނުމުން ހިނިތުންވެވި ކޮޅަށް ތެދުވެވުނެވެ.

“އީމް! ގޭގަތަ ތިއުޅެނީ؟ އަހަރެން ހީކުރީ އަދި ނާންނަކަމަށް!” ޔާނާ ބުނެލިއެވެ.
“އިރުކޮޅެއްވެއްޖެ؟ ޔާނު ނައިސްގެން މިހުރީ.” އީމަން ޖަވާބުގައި ބުނެލިއެވެ.
“އެއީ؟ އަނެއްކާ ކަމެއް އޮތީތަ؟” ޔާނާ ސުވާލުކޮށްލިއެވެ.
އީމަން ޔާނާއާ ކައިރިއަށް ޖެހިލިއެވެ. “އާނ! ކަމެއް ބޭނުންވެގެން.” ޔާނާއާ ދިމާއަށް މަސްތީ ގޮތަކަށް ބަލާލަމުން އީމަން ބުނެލި ޖުމުލައިގެ މާނަ ޔާނާއަށް އެނގުނު ކަހަލައެވެ. މޫނު މައްޗަށް ލަދުވެތި ފަރުދާއެއް ވެއްޓިގެން ދިޔައެވެ. އިސް ޖަހާލެވުނެވެ.
“ކިހިނެއްވީ؟ އެއީ ލަދު ގަންނަން ޖެހޭ ކަމެއް ނޫނޭ. ޔާނު ވަކި އަހަރެންނަށް ދޫނުކުރާކަން އަހަރެންނަށްވެސް އެނގޭ.” ޔާނާ ލަދު ގަނެފައިވާކަން އެނގުމުން އީމަން ބޭނުންވީ އިތުރަށް ލަދުގަންނަވާށެވެ. ޔާނާގެ މޫނު މައްޗަށް ވެރިވަމުން ދިޔަ ލަދުރަކި ހިނިތުންވުން އީމަންގެ ހިއްސުތަކާ ކުޅެމުން ދިޔަ ފަދައެވެ.

“ހާދަ ލޯތްބޭ!” އީމަން ގެ ދުލުން ބޭރުވިއެވެ.
“ދެން އީމު!” ޔާނާ ލަދުން ގޮސް ކިޔާނެ އެއްޗެއް ނޭނގުމުން އަނެއްފަރާތަށް އެނބުރިލީ އީމަންއާ ހަތަރުކަޅި ހަމަކުރަން އުނދަގޫވުމުންނެވެ. އީމަން ބޭނުންވަނީ ޔާނާ ލަދުގަންނަވަންކަން ޔާނާއަށް އެނގެއެވެ. އީމަން ހީގަތެވެ. އަދި ފަހަތުން އައިސް ޔާނާގެ އުނަގަނޑުގައި ދެއަތްވަށާލިއެވެ. ޔާނާވެސް އީމަންގެ މޭގައި ލެނގިލިއެވެ.
“އީމް! އަހަރެން ވާހަކައެއް އަހަންތަ؟” ޔާނާ ކުޑަކޮށް ސީރިއަސްވެލަމުން ބުނެލިއެވެ.
“ހުމް. ބުނެބަލަ!” އީމަން ޔާނާގެ ކޮނޑުގައި ދަތްދޮޅި ވިއްދާލަމުން ގުދުވެލާފައި ކަންފަތްދޮށުގައި ބުނެލިއެވެ.
“ރީމްއަށް އެހާ ބޮޑު ބަދަލެއް އެއައީ ކީއްވެ؟” ޔާނާ ހިތުގައި އުފެދިފައިވާ ސުވާލު ބޭރުކޮށްލިއެވެ.
އީމަން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ސީދާވެލިއެވެ. އަދި ޔާނާ އީމަންއާ ދިމާއަށް އެނބުރިލިއެވެ. “ޔާނު! ތެދަށް ބުނަނީނަމަ އަހަރެންނަކަށްވެސް ނޭނގެ! ރެއާ ހަމައަށް އައިއިރު ހިތުގައި އުފެދިފައިވާ ނަފުރަތުގެ ހުޅުގަނޑު ކުއްލިއަކަށް ނިވެން ޖެހުނު ސަބަބެއް އަހަރެންނަކަށްވެސް އެއްވެސް ގޮތަކަށް ނޭނގެ. ވެދާނެ ރީމްގެ ކޮންމެވެސް މަޤްސަދެއް އޮވެގެން ކުރާ ކަމެއް ކަމަށްވެސް.”
“ވެދާނެއެއްނު ހަމަ އަސްލުވެސް ރީމްއަށް ވިސްނުނީ ކަމަށްވެސް.” އީމަންގެ ވާހަކައަށް ޔާނާ ހިޔާލު ހުށައެޅިއެވެ.
އީމަން ހިނިތުންވެލުމަކާއެކު ފުންނޭވާއެއް ދޫކޮށްލިއެވެ. “ވެދާނެ.” ބޯޖަހާލަމުން ބުނެލިއެވެ.
“ޔާނު! ކޮންމެ ގޮތަކަށް ކަންތައް ނިމިގެން ދިޔަޔަސް އަބަދުވެސް ހަނދާންކުރާތި، އަހަރެން މީ ޔާނުގެ މީހެއް. ޔާނު ދެކެ ވަރަށް ބޮޑަށް ލޯބިވޭ. ދުވަހަކުވެސް ޔާނުއާ ވަކިވާކަށް މިހިތެއް ނޭދޭނެ.” އީމަން ހިތުގެ ޝުޢޫރުތައް ބޭރުކޮށްލި ހިނދު ޔާނާގެ ހިތް އުފަލުން ފޮޅިގަތެވެ. އީމަންގެ ހަށިގަނޑުގައި ދެއަތުންވަށާލަމުން ބައްދައިލީ އެތަނަވަސް މޭމަތީގައި ބޯއަޅާލަމުންނެވެ. ހިތްބުނެލިއެވެ. ލޯބިމީ ހާދަ ފޮނި އެއްޗެކެވެ. އީމަން ޔާނާދެކެ ލޯބިވާކަން ޔާނާއަށް އެނގެއެވެ. އެކަމަކު އީމަންގެ ދުލުން ލޯބިވާ ވާހަކަ އަޑުއިވޭ ކޮންމެ ފަހަރަކު ޔާނާގެ ހިތަށް ވެރިވަމުންދާ އުފާވެރި އިހުސާސް ތަކަކީ ދުލުން ބަޔާންކޮށްދެވޭވަރަސް ވުރެ ދަތި އެއްޗެކެވެ.
ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔުމާއެކު އީމަންއާ ޔާނާ ސިހި ދުރަށް ޖެހުނެވެ. ދޮރު ހުޅުވީ ރީމްއެވެ.

“އުޕްސް. ސޮރީ!” ލަދުރަކި ގޮތަކަށް ދެކޮނޑު އަރުވާލަމުން ރީމް ބުނެލިއެވެ. އެފަދަ ގޮތަކަށް ރީމް ވަނުމުން ޔާނާ އަށް ކުޑަކޮށް އުނދަގޫވިއެވެ. ނަމަވެސް ގަދަކަމުން ހިނިތުންވެލިއެވެ.
“ރީމް! އާދޭ!” ޔާނާ ބުނެލިއެވެ.
“އަސްލުވީގޮތަކީ މާން ނުފެނިގެން ހޯދަމުން ހޯދަމުން މިއައީ. ހިތަށް އެރީ ޔާނު ކޮޓަރިވެސް ޗެކްކޮށްލާނީއޭ.” ރީމް އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.
ތިން މީހުންގެ މެދަށް ދެން ވެރިވެގެން ދިޔައީ އަޖާއިބުވަނިވި ހަމަ ހިމޭންކަމެކެވެ. ރީމް ކުއްލިއަކަށް އެގޮތަށް ވަނުމުން ޔާނާ އާއި އީމަން އުނދަގޫވެފައި ތިބިއިރު ރީމްގެ ނަޒަރު އެދެމީހުންގެ މޫނުން އެންމެ ފަރަކުވެސް ވަކިނުވާ ފަދައެވެ.
“ދެން! މިރޭގެ ޕްރޮގްރާމް ކިހިނެއް އޮތީ؟” ރީމް އެހަމަހިމޭންކަން ފޫ ދުއްވާލަމުން ސުވާލުކޮށްލިއެވެ. “ކޮންތަނަކަށް ދާނީ؟”
“ދާނީ ރީމް ބޭނުންތަނަކަށް.” އީމަން ޖަވާބުގައި ބުނެލިއެވެ.
“ޔާނު! ކޮންތަނަކަށް ދާނީ؟” ރީމް ސުވާލު އަމާޒުކޮށްލީ ޔާނާއާއެވެ.
“މިތާނގެ ތަންތަން ކިހިނެތް އަހަރެންނަށް އެނގޭނީ. ކުޑަމިނުން މިގޭ ހުންނަ ތަނެއްވެސް ބުނެދޭކަށް ނޭނގޭ.” ޔާނާ ރައްދުގައި ބުނެލިއެވެ.
“އަހަރެންނަށް މާ ގަމާރު ސުވާލެއް ދޯ މިކުރެވުނީ؟” ރީމް ކުޑަކޮށް ހީގަންނަމުން ބުނެލިއެވެ.
“އޯކޭ، މިރޭ ދާނީ އަހަރެން ބުނާ ތަނަކަށް. އެހެންވީމަ ރެޑީ ވަމާ!” ރީމްގެ އެދުމަށް ޔާނާއާއި އީމަންވެސް އެއްބަސްވަމުން ބޯޖަހައިލިއެވެ.

ރީމް ދޮރާ ދިމާއަށް ދާން ހިނގައިގަތެވެ. ނަމަވެސް ދޮރާއަރާ ހަމަވެފައި ފަހަތަށް އެނބުރި ބަލައިލިއެވެ.
“މާން! ނުދަންތަ؟” ޔާނާއަށް ބަލަހައްޓައިގެން ހުރި އީމަންއަށް ބަލައިލަމުން ރީމް ސުވާލުކޮށްލިއެވެ.
“ނޫނޭ! ހިނގާ.” އީމަން ދާން ބޭނުންނުވިޔަސް ބުނެލިއެވެ. އަދި ރީމްގެ ފަހަތުން ހިނގައިގަތެވެ.
ތިންމީހުންވެސް ދިޔައީ ތައްޔާރުވަމުންނެވެ. ތިންމީހުންގެ ހިތަށްވެސް ވެރިވެފައިވަނީ އުފާވެރިކަމެވެ. މޫނު މަތީގައިވަނީ ހިނިތުންވުމެކެވެ.

ރީމް ގަޔަށްބާރު ކަޅުކުލައިގެ ހެދުމެއް ލައިގެން ހުރިއިރު ހެދުމެގެ ކޮނޑުމަތިންފެށިގެން ދިގު ދެއަތްވަނީ ކަޅުކުލައިގެ ލޭސް ފޮތިންނެވެ. ހެދުންވަނީ ގައިގެ ބައްޓަމަށްކަމުން ރީމްގެ ލޫޅާފަތި ހަށިގަނޑުގެ ރީތިކަން ހާމަވަމުން ދިޔައެވެ. އުނަގަނޑުގައި ރަތްކުލައިގެ މިނާފަށެއް އޮތްއިރު ރީމް ބޭނުންކޮށްފައިވާ ގަހަނާ ތައްވެސް ވަނީ ރަތްކުލައިންނެވެ. ބޮލުގެ އިސްތަށިގަނޑު ހަމްޕް ހުޅިއެއްގައި މައްޗަށް ނަގާފައިވާއިރު އެއްފަރާތެއްގައި ކުދިކުދި ރަތްމާތަކެއް ޖަހާފައި ހުއްޓެވެ. ތުންފަތުގައި ވާ ރަތްކުލައިން އެމޫނަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. ކަޅުކުލަ ގަދަ ލޮލާއި ދިގު އެސްފިޔަތަކުން ރީމްގެ ރީތިކަން ކޮންމެ މީހެއްވެސް އާޝޯކޮށްލާނެއެވެ.

ރީމްވެސް އޭނާގެ ރީތިކަމާމެދު ފަޚްރުވެރިވިއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރިއިރު މޫނުމަތިން ބޮޑާކަމުގެ ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް ކުއްލިއަކަށް ސިހިގެން ދިޔައީ ކޮންމެވެސް މީހަކު ރީމްގެ ކޮނޑުގައި ހިފައި އަނެއްފަރާތަށް އަނބުރާލުމުންނެވެ.

“އައުޗް! މަންމަތަ؟ ސާބަސް. ބިރުންކިރިޔާ މޭގަނޑު އަނގަޔަށް ނައީ!” ކުރިމަތީގައި ހުރި ޝަކީލާ ފެނުމުން ރީމް މޫނު ހަދާލަމުން ޝަކުވާ ކޮށްލިއެވެ. އަދި އަނެއްކާވެސް ލޯގަނޑަށް އެނބުރި އަމިއްލަ ސޫރައަށް ބަލަންފެށިއެވެ.
“މޭގަނޑު އަނގަޔަށް ލައިގެން މި އިންނަނީ އަހަރެން.” ސައުދިއްޔާ މާނައިންފުރިގެންވާ ރާގެއްގައި ބުނެލިއެވެ.
“ކީކޭ؟” ރީމް ހައިރާންވެފައި ކުޑަކޮށް ފަހަތަށް ބަލާލަމުން ބުނެލިއެވެ.
“މިކިޔާ އެއްޗެއް ނޭނގެނީތަ ހަމަ؟ ނޫނީ ރީމްގެ ހޭބުއްދި ފިލައި ގޮސްގެންތަ ތިއުޅެނީ؟” ޝަކީލާ ހިތްހަމަ ނުޖެހިފައި ސުވާލުކޮށްލިއެވެ.
“މަންމަ ތިދައްކަނީ ކޮން ވާހަކައެއްތަ؟” ރީމް ހިނިއައިސްފައި ހުރެ ސުވާލުކޮށްލި ނަމަވެސް މޫނު މަތިން އެއްވެސް ކަހަލަ ނޭނގުމުގެ އަސަރެއް ނެތެވެ. ފެންނަމުން ދިޔައީ ބޮޑާކަމާއި ފަޚްރުވެރިކަމެވެ. ކޮލުގައި ބްލަޝްކޮޅެއް އުނގުޅާލުމަށްފަހު ތުންފަތުގައި ގްލޮސް ހާކާލިއެވެ.

ރީމް ދެމުންދިޔަ ސަމާލުކަން ކުޑަކަމުން ޝަކީލާ ރުޅިގަދަވާ ގޮތްވިއެވެ. އަނެއްކާވެސް ރީމްގެ ކޮނޑުގައި ހިފައި ރުޅިވެރިކަމާއެކީ ޝަކީލާއާ ދިމާއަށް އަނބުރާލިއެވެ.
“މިދައްކަނީ މާ މާތް މީހަކަށްވެގެން ޔާނާއާ އީމަން ގުޅުވަން އުޅޭ ވާހަކަ. ބަލަ ރީމްއަށް ނޭނގެނީތަ އަމިއްލަ އަތުންކަމެއް ތިޔަ ދިރިއުޅުން ހަލާކުކޮށްލެވެނީ. ނުވިސްނުނަސް ތި ބޮޑުވަރު.” ޝަކީލާ ހިތުގައިވާ ނުރުހުން ބޭރުކޮށްލި ފަދައެވެ.
ރީމް ހަމަޖެހިލަމުން ހީލިއެވެ. “މަންމައަށް ހީވޭތަ އަހަރެން އެފަދަ ބޮޑު މޮޔަ ކަމެއް ކޮށްފާނެޔޭ. އަދި އަމުދުން މާން އެހެންމީހަކަށް ދީގެން ހުންނާނެޔޭ ހީވަނީތަ؟ އެ ދުވަހަކުވެސް ވާނެ ކަމެއް ނޫން.” ރީމް ލޯގަނޑާ ދިމާއަށް އަނެއްކާވެސް އެނބުރެލަމުން ވާހަކަ ދެއްކިއިރު ލޮލުން ރުޅިވެރިކަން ފެނިގެން ދިޔައެވެ.
“ދަރިފުޅު ތި ދައްކާ ވާހަކައެއް ނުވިސްނުނު. ތިއީ ދަރިފުޅު ބޭނުންވާ ގޮތް ކަމުގަވަންޏާ ކީއްކުރަން އެދެމީހުން ކައިރިކުރުވަން ތި އުޅެނީ. ޕިކްނިކް ދަތުރު ފޮނުވަން އުޅުމާ، ކެއުމަށް ގެންދިޔުމާ، މިހެން ގޮސް ދަރިފުޅުގެ ހަރަކާތްތައް…” ޝަކީލާ ދައްކަން ބޭނުންވި ވާހަކަތައް ގިނަކަމުން ހިތްއަވަސްވިއެވެ.
“މަންމާ، މަންމާ! ނިކަން ހަމަޖެހިބަލަ.” ރީމް ޝަކީލާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ. “ހަނދާންވޭތަ ރަށުގަ އުޅޭއިރު އީދު ދުވަހު ކުކުޅު ކަތިލާ ހަނދާން. ކަތިލުމުގެ ކުރިން މުދިންބެ އަބަދުވެސް އެސޮރަށް ފެންފޮދެއް ދޭނެ. މަންމައަށް އެނގޭތަ އެއީ ކީއްވެގެންކަން؟ އެސޮރުވެސް ހިތްހަމަ ޖައްސައިދިނުމަށްފަހު މަރާލަން ވެގެން. ކަރުހިއްކުން ފިލުވައި ދިނުމަށްފަހު މަރާލުމަށްޓަކައި.” ރީމްގެ ލޮލުން ފެންނަމުން ދިޔައީ ނަފުރަތުގެ ހުޅުފަދައެވެ. ރުޅިވެރިކަމާއި ބިރުވެރިކަމަވެ.

ޝަކީލާ ހާސްވާގޮތްވިއެވެ. ރީމް ދައްކަމުން ދިޔައީ ކޮންވާހަކަ އެއްކަން ޔަޤީންކޮށްލަން ދަތިވިއެވެ. “ދަރިފުޅު ކީކޭތަ ތި ކިޔަނީ؟ ކިހިނެތް ކަން ކުރަންތަ ތިއުޅެނީ؟” ޝަކީލާ ސުވާލުކޮށްލިއެވެ.
“މަންމާ! މަންމަ ބޭނުމެއް ނޫންތަ މަންމަގެ ދަރިފުޅު އުފަލުގަ އުޅެން. ބޭނުމެއްނު ދޯ؟” ރީމްގެ ސުވާލަށް ޝަކީލާ ބޯޖަހައިލިއެވެ. ރީމް ކުރިއަށް ގެންދިޔައެވެ. “އެއީ އަހަރެން މިކުރާ ކަމަކީ. އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ކުރަންޖެހޭ މިކަހަލަ ކިތަންމެ ކަމެއް ހުންނާނެ.” ޝަކީލާ ހަމައަކަށް އެޅޭ ގޮތެއް ނުވިއެވެ. “ދަރިފުޅު. އެހެންމީހަކަށް ގެއްލުމެއް ލިބޭ ކަހަލަ ކަމެއް..”
“މަންމާ. އަހަރެން އެއްވެސް މީހަކަށް ގެއްލުމެއް ނުދޭނަން. އަހަރެން މިވިސްނަނީ ތިން މީހުންގެވެސް އުފަލަށް. އެންމެ ރަނގަޅުގޮތަށް.” ޝަކީލާގެ ވާހަކަތައް މެދުކަނޑާލަމުން ރީމް ބުނެލިއެވެ.

ޝަކީލާ ނިކުމެގެން ދިޔައެވެ. ރީމް ގޮސް ކުޑަ ދޮރުކައިރީގައި ހުއްޓުނެވެ. އަނދިރިކަން ވެރިވެގެންވި އުޑަށް ބަލައިލަމުން ހިނިތުންވެލިއެވެ. “މާން! ދެން މާ ދިގު އިންތިޒާރެއް ކުރާކަށް ނުޖެހޭނެ.” ދެއަތުން ހަށިގަނޑުގައި ބައްދާލަމުން ރީމް ބުނެލިއެވެ.

34

6 Comments

  1. ރިން

    July 17, 2013 at 2:41 pm

    ނަށާ ހާދަކުރުހެން ހީވެޔޭ މި ބައި…..

  2. pinky

    July 17, 2013 at 8:17 pm

    ނައިސް.. އަނެއްކާ ރީމްގެ ޕްލޭން ކާމިޔާބް ވިޔަ ނުދެއްޗޭ…. ވ.ވ.ވރީތި. އަނެއްބަޔަށް އިންތިޒާރު ކުރަން 🙂 🙂

  3. ޖަމީ

    July 17, 2013 at 10:08 pm

    އަވަހަށް އަޕްޑޭޓް ކޮށްދެއްޗޭ. ވ.ރީތި މި ޕާޓްވެސް….މާކުރުހެން ހީވޭ….

  4. އެކުސް

    July 18, 2013 at 3:07 pm

    މާ ކުރީ މިޕާޓް

    • Joaquin

      February 4, 2014 at 11:06 am

      Cheers pal. I do apaetcipre the writing.

  5. mai

    October 27, 2016 at 1:06 pm

    Nice

Comments are closed.