
އަނދިރިވުމުން
ތިންވަނަބައި
ސިފާންމެން ރަށުގައި ސިފާންމެން ދިރިއުޅުނު ގެ މިހާރު ވެސް ރަނގަޅަށް އެބަހުއްޓެވެ.އެގޭގައި އެއްވެސް ބަޔަކު ދިރިނޫޅޭތާ މިހާރު ހައެއްކައަހަރު ވެފައިވާތީ އެގެ ހުންނާނެގޮތެއް ސިފާނަކަށްވެސް ނޭނގެއެވެ. ސިފާންމެން މާލެއައިފަހުން އެގޭގައި ދިރިއުޅެމުން ދިޔައީ ރަށުންބޭރުން އައިސް ކުއްޔަށް އުޅުނު މީސްމީހުންނެވެ. އެހެނަސް އެފަދަބަޔަކު ވެސް އެގޭގައި ނޫޅޭތާ މިހާރު ހައެއްކައަހަރު ވީއެވެ.
ނިހާޔަތާއި ސިފާން ވާހަކަދައްކާ މަޝްވަރާކުރުމަށްފަހު ނިންމީ،އެދެމަފިރިންގެ ދަރިފުޅަށް ދެއަހަރުފުރުމުން ސިފާންމެންގެ ރަށަށް ދިރިއުޅުން ބަދަލުކުރާށެވެ. އޭރަށް ފައިސާކޮޅެއް ޖަމާކޮށް އެފައިސާއިން ގޭތެރޭގެ މަރާމާތުތައް ނިންމާލުމަށް ވެސް ވާހަކަދެކެވުނެވެ.
އެދެމަފިރިންގެ ދިރިއުޅުން ރަށަށް ބަދަލުކުރުމަށް ނިންމިކަން ހާމަކުރަމުންއެކަމާބެހޭގޮތުން މަހުދީގާތު ސިފާން ވާހަކަ ދެއްކިއެވެ. އެކަމާ މަހުދީވެސް އުފާކުރިއެވެ. އަދި މާލޭންތަނެއް ކުއްޔަށްހިފައިގެންއުޅުމުގެ ގެއްލުންތަކާއި ގޮންޖެހުންތައް ކިޔައިދިނެވެ. އަދި އެފަދަ އެތައްވާހަކައެއް ދައްކައި އެތައްނަސޭހަތެއް ދިނެވެ.
މަހުދީ އާއި ސިފާންގެ އިތުރުން އައިމިނާނިކެ ވެސް އެވާހަކަތަކުގައި ބައިވެރިވިއެވެ. އަދި އެކަމާއުފާކުރިއެވެ. ރަށުގައިހުރިގެ މަރާމާތުކުރުމުގެ މަސައްކަތުގައިސިފާންމެންނަށް އެހީވާނެކަމުގައި މަހުދީބުންޏެވެ. އެނިންމުމަކީ ނިހާޔަތުގެ ވިސްނުމެއްކަން އެނގުމުން އޭނާގެ އެނިންމުމަށް ތަޢުރީފުކޮށްއައިމިނާނިކެ ވާހަކަދެއްކިއެވެ. ހަމައެހެންމެ ނިހާޔަތަކީ ސިފާނަށް ލިބިފައިވާއަގުބޮޑު ޖަވާހިރެއްކަމަށާއި އެޖަވާހިރު ގެއްލޭފަދަ ކަމެއް ނުކުރުމަށްބުނެ ނަސޭހަތް ދިނެވެ.
ސިފާންމެންރަށަށް ބަދަލުވިނަމަވެސް މާލެ އަންނާން ޖެހިއްޖެނަމަ އަވަހަށް މާލެއައުމަށާއި، ސިފާންމެން މާލެ އައިސް އެގޭގައި ތިބެވޭނެގޮތް ހަމަޖެހިފައިވާ ކަމަށް ވެސް އައިމިނާނިކެ ބުންޏެވެ. އައިމިނާނިކެ އާއި މަހުދީގެ ވާހަކަތަކުގެސަބަބުން ސިފާން ވަރަށްއުފާވިއެވެ.
ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދިޔައިރު ސިފާންމެން ދެމަފިރިން އެދެމަފިރިންގެ ދަރިފުޅު ގޮވައިގެން ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު ދުވަސްތައް ވޭތުކުރަމުން ގެންދިޔައެވެ.
ފިހާރައިގެ އެކިކަންކަމުގައި ރާއްޖެތެރެއަށް ސިފާން ކުރަމުންދާ ދަތުރުތަކުން އެއްދަތުރެއްގައި އޭނާގެ ރަށަށް ވެސް ދާން ޖެހިއްޖެއެވެ. އެދަތުރުގައި ނިހާޔަތާއިއަސްރާ ގެންދާންސިފާން ބޭނުންވިނަމަވެސްފިހާރައިގެކަންތައްތައްހުރިގޮތުން ނިހާޔަތަށް އެދަތުރުގައި ބައިވެރިވެވޭގޮތެއް ނުވިއެވެ.އެހެންވެ އަސްރާއަކަށް ވެސް ނުދެވުނެވެ.
ނިހާޔަތުމެނަށް ދަތުރުގައި ބައިވެރި ނުވެވުނު ނަމަވެސްގެމަރާމާތު ކުރުމަށް ބޭނުންވާ ތަކެއްޗާއި ގެއަށް ބޭނުންވާތަކެތި ނޯޓްކޮށްގެން އައުމަށް ސިފާންގާތު ނިހާޔަތުބުންޏެވެ. މިދަތުރަކީ އެފަދަކަމަކަށް އެންމެއެކަށީގެންވާ ދަތުރުކަމުގައި ސިފާނަށް ވެސް ގަބޫލުކުރެވުނެވެ. އެހެންވެ އޭނާ ދިޔައީ އެކަމަށްވެސް ވިސްނައިގެންނެވެ.
އޭނާގެ އާދައިގެމަތިން ސިފާން ފުރައިގެންހިނގައްޖެއެވެ. އެއާއެކު އަނެއްކާ ވެސް ނިހާޔަތާއި އަސްރާ އެކަނިވީއެވެ.
ދުވަސްތަކާއި ރޭތައް ހަފްތާތަކަށް ބަދަލުވަމުން މާޒީއާއި އެކުވަމުން ދިޔައެވެ. ސިފާން ރަށުގައި ހުރިއިރު ވެސް ފޭސްބުކް އާއި ޗެޓް އަދި ފޯނުފަދަ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ކޮންމެދުވަހަކު ކަހަލަގޮތަކަށް ނިހާޔަތާއި މުޢާމަލާތް ކުރަމުން ގެންދިޔައެވެ. އެހެންވެ ދެމީހުން ވެސް ތިބެނީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.
ރަށުގައި ދެމަހެއްހާދުވަސްމަޑުކޮށް އޭނާގެމަސައްކަތް ނިންމާލުމަށްފަހު ސިފާން މާލެއައީ ގެމަރާމާތުކުރުމަށް ބޭނުންވާ ތަކެއްޗާއި އެކަމަށް ބޭނުންވާ މަޢުލޫމާތު ވެސް އެއްކޮށްގެންނެވެ.
ރަށުގައި ދެމަހެއްހާ ދުވަސް ހޭދަކޮށް ވިޔަފާރީގެކަންކަން ހަމައަކަށް އަޅުވާލުމަށްފަހު ސިފާން މާލެއައިފަހުން އޭނާ ފޯނުގައި ހޭދަކުރާވަގުތުތައް ގިނަވަމުންދާކަން އޭނާއާއެކުގައި މަސައްކަތްކުރާ މީހުންނާއި ނިހާޔަތަށްފާހަގަކުރެވެމުންދިޔައެވެ.ހަމައެހެންމެ ބައެއްމީހުން އެކަމާބެހެގޮތުން ވާހަކަދައްކާ ސުވާލުކުރަމުންދިޔައެވެ.
އެކަމާބެހޭގޮތުންއޭނާއާ ސުވާލުކުރާމީހުންނާއި ނިހާޔަތަށް ޖަވާބުދެމުން ސިފާން ބުނަމުންދަނީ އެހާ ގިނަދުވަސްކޮށްފައި ރަށަށް ދެވުމުން ކުރީގެ ރައްޓެހިންނާއި ބައްދަލުވެ ގުޅުން ބަދަހިވުމުން ފޯނުއަންނަވަރު ގިނަވަނީ ކަމަށެވެ. ހަމައެހެންމެ ރަށަށް ބަދަލުވާން ވިސްނާއިރު ގިނަރައްޓެހިންނާއި އެހީވާނެމީހުން ވަރަށް މުހިންމުވާނެ ކަމަށެވެ.
އިރުހަނދުގެ ދައުރުވުމާއި އެކުހެން ދުވަސްތައް މާޒީއާއި އެކުވަމުން ސިފާންމެން ރަށަށް ބަދަލުވާދުވަސް ގާތްވަމުންދިޔައެވެ. ހަމައެހެންމެ އޭގެކުރިން ގޭގައި ކުރާންހުރި މަސައްކަތްތައްނިންމުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމާއިގެން ވެސް ސިފާން އުޅެމުންދިޔައެވެ.
ރަށަށް ބަދަލުވުމުގެ ކުރިން ކޮންމެހެން ކުރާންޖެހޭ މަސައްކަތްތައް ނިންމުމަށްޓަކައި އެކަމަށް ބޭނުންވާ ހުރިހާތަކެތިހިފައިގެން ހަފްތާއެއްހާ ދުވަހުގެ ޗުއްޓީއެއް ނަގައިގެން ސިފާން އޭނާގެ ރަށަށް ހިނގައްޖެއެވެ.
ގެ މަރާމާތުކުރުމަށްޓަކައި ސިފާން ރަށަށްގޮސްހުރިއިރު ނިހާޔަތު ވަރަށް ގިނައިން ސިފާނަށް ފޯނުކުރެއެވެ. އެހެނަސް ސިފާން ފޯނުނިވާލާފައި އޮންނާތީ ވަރަށްމަދު ފަހަރަކު ނޫނީ ދިމައެއް ނުވެއެވެ. އެކަމާބެހޭގޮތުން ނިހާޔަތު ސުވާލުކުރުމުން ސިފާންބުނަމުންދަނީ ފޯނުނިވާލާފައި އޮންނަނީ ނޫންކަމަށާއި ރޭންޖްގެ މައްސަލަ ދިމާވަނީ ކަމަށެވެ. ސިފާންގެ އެވާހަކަތައް، ސިފާނަށް އޭނާ ކުރަމުންދާ އިތުބާރައި ޔަގީންކަމުގައި ނިހާޔަތު ގަބޫލުކުރަމުން ދިޔައެވެ.
ސިފާންމެން ދިރިއުޅުން ރަށަށްބަދަލުކުރާ ދުވަސްވަރާއި ދިމާކޮށް ޗުއްޓީނަގާން އުޅުނު ނަމަވެސް ދުވަސްވަރުގެ ގޮތުން އެކަމެއް ނުވިއެވެ.
ނިހާޔަތު ބޭނުންވިފަދައިން އޭނާގެ ދިރިއުޅުން މާލެއިން ބޭރަށް ބަދަލު ކުރާތީ އޭނާ ވަޒީފާއިން ވަކިކޮށްދިނެވެ.
ސިފާންމެން ރަށަށް ދިއުމަށްޓަކައި މާލެއިން ފުރީ އިރުއޮއްސި ހަތެއް ޖަހާކަން ހާއިރުއެވެ. ސިފާންމެންރަށަށް ދިއުމަށްޓަކައި ދަތުރުކުރަމުންދިޔަ ދޯންޏަކީ މާލެ ދަތުރުކުރުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ވަރަށް ފުރިހަމަ ބޮޑުދޯންޏެކެވެ. އޭރު އެދޯނީގައި ސިފާންމެންގެ އިތުރުން ވެސް އެތައްބަޔަކު ތިއްބެވެ.އޭގެތެރޭގައި އެރަށުގެ މީހުންގެ އިތުރުން ކައިރިބައެއް ރަށްރަށުގެ މީހުން ވެސް ތިއްބެވެ.
މާލެއިން ފުރައި މާގިނައިރެއް ނުވަނީސް އެކިމީހުން އެކިތަނުގައި އޮށޯވެ ހަމަޖެހޭން ފެށިއެވެ. ސިފާންމެން ވެސް އޮށޯވެ ހަމަޖެހެލިއެވެ. މަޑުމަޑުން ދޯނިތެރޭން އަޑުތައް މަޑުވަމުން ހަމަހިމޭންވަމުން ދިޔައެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައިރު ހުރިހާދަތުރުވެރިން ކަހަލަގޮތަކަށްތިބީ ނިދާފައެވެ.
ވަރަށް އަރާމުގައި ނިދާލާފައި ތިބި ސިފާންމެނަށް ހޭލެވުނި މީހުންތައް ވާހަކަދައްކާ އަޑުގަދަ ވެގެންނެވެ. އަވަސްއަވަހަށް ތެދުވަމުން ވަށައިގެން ހޯދާލިއިރު ދޯނި އޮތީ ރަށުފަޅުތެރޭގައެވެ. އޭރު ހެނދުނު ހަތެއް ޖަހަނީއެވެ.
އަސްރާގޮވައިގެން ތެދުވެ ގޮނޑިއެއްގައި އިށީންނަމުން ނިހާޔަތު ބަލާލީ އެއްގަމާ ދިމާއަށެވެ.ފެންނާންއޮތް ހިސާބަށް ވިސްނާލުމުން ގަބޫލުކުރެވެނީ މި ރަށުގެ މީހުންނަކީ ސާފުތާހިރުކަމާއި ރީތިކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައެވެ.
ފެރީދޯނި ލަފާތީ ވަރަށްގިނަބަޔަކު ރަށުގެ އަތިރިމައްޗަށް އައިސް ތިއްބެވެ.
ދޯނިތެރޭގައި އެއްފަހަރާ އެތައްބަޔަކު ވާހަކަ ދައްކަމުންދާތީ ދައްކާ ވާހަކައެއް ސާފުވާވަރެއް ނުވެއެވެ.
ބަނދަރުތޮށިގަނޑުގައި ދޯނި ބަނދެލުމާއެކުހެން މީހުންތައް ރަށަށް ފައިބާން ފެށިއެވެ.
ސިފާންގެ ފަހަތުން ކަހަލަގޮތަކަށް އަސްރާ ގޮވައިގެން ނިހާޔަތު ވެސް އެއްގަމަށް ފޭބިއެވެ. އަތިރިމައްޗަށް ޖަމާވެފައިވާ މީހުންގެ ތެރެއިން ގިނަބައެއްގެ ނަޒަރު އަމާޒުވެފައިހުރީ ނިހާޔަތަށެވެ. އެއީ އެމީހުންނަށް ނިހާޔަތު އާވުމުން ވާގޮތެއްކަން ނިހާޔަތަށް އެނގެއެވެ.
ނުނިމޭ
One Comment
Comments are closed.
pis pis.. adhi mihaa introduction koosani vaahaka eh nukiyan hayaathuga ves. dhen tha’aaraf koh nimunu kamakah nuvey 3 va bayah dhiya iruves… :/