ތިޔަ ނަން މި ހިތުގާ 21
“އައި ވޯޒް ނެވަރ ޕޭޝަންޓް ރީން. ރީންއަށް ވަގުތު ދީގެން ހުއްޓަސް އަހަރެންގެ ހިތެއް އެ ގޮތަކާ ނުރުހޭ. އައި ވޯންޓް ޔޫ ޓު ބީ މައިން! އައި ވޯންޓް ޓު މޭކް ޔޫ މައިން..” ފަހު ޖުމްލައާ އެކު ދާނިޝްގެ އަޑާ ރާގުވެސް ބަދަލުވެގެން ދިޔައެވެ. އެއާއެކު ނޫރީންގެ ހުނުމުގެ އަޑު އިވުނެވެ.
ފެންބޯން އައި ކަން ހަނދާން ނެތި އަޒްޔަން ބާރު ހިނގުމުގައި ނިކުތީ އިތުރަށް އަޑު އަހަން ހުންނަން ކެތް ނުވާނެތީއެވެ. އެ އިމާރާތުން ނިކުތް ގޮތަށް ޓެކްސީއެއް ހޯދުމުގެ ބަދަލުގައި އަޒްޔަން ހުންނަ ހޮޓެލްއަށް ހިނގާފައި ދިޔައީ ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން ދުރުވެވޭތޯއެވެ. ނަމަވެސް ވިހި މިނަޓްގެ ހިނގުމަށް ފަހު ހޮޓެލްއަށް ވަދެ އަޒްޔަންގެ ކޮޓަރިއަށް ވަދެވުނު އިރުވެސް ސިކުނޑިއަށް ލުޔެއް ނުލިބުނެވެ.
އެހާ ބާރަށް ހިނގާފައި އައުމުން ހޫނުވެފައި ހުރުމުގެ އިތުރުން ސިކުނޑިއާ ހަށިގަނޑަށް އަރާމެއް ދިނުމަށް ބޭނުންވެ އަޒްޔަން ލައިގެން ހުރި އެއްޗެހި ގަޔާ ވަކިކޮށްލާ ފާހާނާއަށް ވަދެ ފެންމާގަނޑު ދޫކޮށްލާ ފެންތަކުގެ ދަށުގައި ހުއްޓުނެވެ.
ނޫރީންއާ ވަކިވުމަށް ފަހު ދެ އަހަރު ވާން ކައިރީ ވީ އިރު އަޒްޔަންގެ ހިތުން އެ ލޯބި ފޮހެވިގެން ނުދެއެވެ. ކަންތައް ވީ ގޮތުން ދެރަވި ނަމަވެސް، އަދި އެ ކަންތައް އެހެން ގޮތަކަށް ވީ ނަމައޭ ހިތަށް އެރި ނަމަވެސް އެއްވެސް ކަމެއް ބަދަލު ނުވާނެކަން އަޒްޔަން އަމިއްލަ ހިތަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
އަޒްޔަންއަށް ދެން އަލުން ނޫރީން ލިބުމުގެ ފުރުސަތު ނެތް ކަމުގައި ހިތަށް ވިސްނައިދީގެން އެ ގޮތާ ރުހިގެން އެ ހުރިހާ ދުވަހު ހުރި ނަމަވެސް ކޮންމެވެސް ދުވަހަކުން އެހެން މީހަކާ ނޫރީން ގުޅިދާނެކަން އެއީ އަޒްޔަންއަށް ވިސްނިފައި ނުވާ ކަމެކެވެ. ނަމަވެސް އެރޭ އެ އިވުނު އަޑަށް ފަހު، އެހެން މީހެއްގެ ހައްގަކަށް ނޫރީން ވާތަން ދެކެން ކެތް ނުވާނެކަން އަޒްޔަންއަށް ވިސްނުނެވެ. އެ ޚިޔާލުން އެކަނި ހިތަށް އެ ވަރުވީ އިރު، އެ ހަގީގަތް ދެކެން ކެތްވާނީ ކިހިނެއް ހެއްޔެވެ؟
އިތުރު މީހަކަށް އެ ދެމެދުގައި ދެކެވުނު ވާހަކަ އަޑުއިވުނު ކަން ނޭނގި ދާނިޝްއާ ނޫރީން ކުރިއަށް ދިޔައެވެ.
“އަދި އެހާ ލަސްވެގެން އުޅޭކަށް ނުވެއެއްނު؟ އަދި ދާނިޝްގެ މަންމަމެންނަކަށްވެސް ނޭނގޭ. ދާނިޝް މާ އަވަހަށް ތި ކުރިއަށް ދަނީ” ނޫރީން ބުންޏެވެ.
“މަންމަމެން ކައިރީ ބުނެވޭނީ ރީން މެރީ ކުރަން އާނއެކޭ ބުނީމައެއްނު؟ އަހަރެން މިހާރުވެސް ރެޑީއޭ” ނޫރީންގެ އަތްތިލައިގައި ހިފާ ދެ މީހުންގެ އަތުގެ އިނގިލިތައް ގުޅުވާލަމުން ދާނިޝް އެ އަތުގައި ބޮސްދިނެވެ.
ނޫރީންއާ ކައިވެނި ކުރަން ކެތްތެރިކަން ކުޑަވެފައި ދާނިޝް ހުރިކަން އެނގުމުން އުފާވާންވީ ނަމަވެސް ނޫރީންގެ ހިތަށް ވެރިވީ ނުތަނަވަސްކަމެވެ. އެ ވަގުތު ނޫރީންގެ ހިތަށް ވެރިވީ އަޒްޔަންގެ ޚިޔާލެވެ.
ކުރިން ދާނިޝްއާ އެކު ވަގުތު ހޭދަ ކުރި އިރު އިހުސާސް ނުކުރެވުނު ނުތަނަވަސްކަމަކާ ހާސްކަމެއް، ފަހުން ދާނިޝް އައިސް ބައްދަލުވާ ފަހަރުތަކުގައި ނޫރީންއަށް އިހުސާސްކުރެވެމުން ދިޔައެވެ. ދާނިޝްއާ އެކު ހޭދަވާ ވަގުތުތަކުގައި އަޒްޔަންގެ ޚިޔާލުތައް ހިތަށް އުނދަގޫ ކުރެއެވެ. އެ ކަމުގެ ސަބަބުން ދާނިޝްއާ ދުރުވެވޭ ކަންވެސް ނޫރީންއަށް އެނގެއެވެ. އެ ވަގުތުވެސް ނޫރީންއަށް ވީ އެހެންނެވެ. ދާނިޝްގެ އަތާ ނޫރީންގެ އަތްތިލަ ވަކިކޮށްލަމުން ނޫރީން ދުރަށް ޖެހިލިއެވެ.
“ރީން..” ނޫރީންއަށް އަންނަމުން ދިޔަ ބަދަލު ފާހަގަ ކުރެވުނު ނަމަވެސް އެ ވާހަކަ ދެއްކުމުގެ ބަދަލުގައި ދާނިޝް ކައިރިވެލަމުން ނޫރީން ގައިގައި ބައްދާލިއެވެ.
“އަހަރެންގެ ލައިފްއަށް ރީން ގެންނަ ހިތުން މިހާރު ހުރެވެނީއެއް ނޫން. ދެ ފެމިލީއަށްވެސް އަންގާފަ މީޓް ކުރުވާފަ ޑޭޓްއެއް ފައިނަލް ކޮށްފަ އަހަރެންގެ މީހަކަށް ރީން ހަދަން ދެން ހިނގާ. ރީން ކަހަލަ ލޯބިލޯބި ކުއްޖަކު ލިބޭނީ ވަރަށް ލަކީ މީހަކަށް. އަހަންނަށް ރީން ގެއްލޭކަށް ބޭނުމެއް ނޫން” ދާނިޝް ބުންޏެވެ.
“ބީ ޕޭޝަންޓް ދާނިޝް. ކެތްތެރިކަމުގެ މޭވާ ފޮނިވާނެއޭ ބުނެއެއްނު؟” ދާނިޝް ބުނި އެއްޗަކަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ނޫރީން ދެއްކީ އެހެން ވާހަކައެވެ.
އެކަން ދާނިޝްއަށްވެސް ވިސްނުނެވެ. ނަމަވެސް ބޮޑުކަމަކަށް ހަދަން ބޭނުން ނުވާތީ އަޅާނުލާ ދޫކޮށްލީއެވެ. ނޫރީންއަށް ބަދަލެއް އަންނަމުން ދާކަން އެނގުނު ނަމަވެސް، އެކަމާ އެއްޗެއް ބުނެ އެދެމެދުގައި ދެބަސްވުމެއް ހިނގަން ބޭނުން ނުވާތީއެވެ.
އަނެއް ދުވަހު އަޒްޔަންގެ ގިނަ ވަގުތު ހޭދަވީ އޮފީހުގައި ދިމާވެގެން އުޅޭ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރުމުގައެވެ. އަޒްޔަންއާ ޔާސިރުގެ ގުޅުން ރަނގަޅުވެފައި ވީ އިރު، އެ ދުވަހު އަޒްޔަން ނާންނާތީ ޔާސިރު ދެތިން ފަހަރަށް ޝަފަގުއާ ސުވާލު ކުރިއެވެ. އެންމެ ފަހުން އެ ދުވަހު މެންދުރު ނަމާދަށް ފަހު ލަސްވެގެން ޔާސިރު ކިޔަން ފެށުމުން ޝަފަގު ގުޅައިގެން އަޒްޔަން އައެވެ.
އަޒްޔަން ލިފްޓަށް ވަދެ ލިފްޓްގެ ދޮރު ލެއްޕިލެއްޕި ހުއްޓާ އަންހެން ކުއްޖަކު މަޑުކޮށްލުމަށް ގޮވާލި އަޑަށް އަޒްޔަން ލިފްޓްގެ ދޮރުގައި އަތް ޖައްސާ ހުއްޓުވާފައި ބަލާލިއެވެ. އެ އަންހެން ކުއްޖާ ދުވެލާފައި އައިސް ލިފްޓަށް ވަނެވެ.
“ތޭންކްސް!” އަޒްޔަންއަށް ބަލާލާފައި ހީލަމުން ޝަދާ ހިނިތުންވުމަކާއެކު ޝުކުރު އަދާ ކުރިއެވެ.
ޖަވާބުގައި އަޒްޔަންވެސް ހީލިއެވެ.
“ސޭމް ފްލޯރ ދޯ؟” ޝަދާ އަހާލިއެވެ.
އަޒްޔަން އެއްޗެއް ބުނުމުގެ ބަދަލުގައި ހަމައެކަނި ބޯ ޖަހާލިއެވެ.
“ރީންމެން ފްލެޓް ދޯ؟ ފެމިލީތަ؟” ޝަދާ ހީވީ އަޒްޔަން ލައްވާ ވާހަކަ ދައްކުވަން އުޅުނު ހެންނެވެ.
ނަމަވެސް ދެންވެސް އަޒްޔަން ހަމައެކަނި ބޯ ޖަހާލީއެވެ.
“ރީންގެ ބްރަދަރއެއްތަ؟ ނޯ ނޯ، ސޮރީ، ރީންގެ ނުހުންނާނެ ބްރަދަރއެއް.. ކަޒިންސް؟” ދެންވެސް ޝަދާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.
އެ ސުވާލަށްވެސް އަޒްޔަން ޖަވާބު ދިނީ ބޮލުންނެވެ.
“ކަމްއޯން! ހަމަ ވާހަކައެއް ނުދައްކާނަންތަ؟” ހިނިއައިސްފައި ހުރެ ޝަދާ އަހާލިއެވެ.
“ވާހަކަ ނުދައްކާކަށް ނޫން” ޝަދާގެ ސަބަބުން އަޒްޔަންއަށްވެސް ހީލެވުނެވެ.
“އައިމް ޝަދާ. ދާނިޝްގެ ސިސްޓަރ. ދާނިޝް އެނގޭ ދޯ؟” ޝަދާ އަމިއްލައަށް ތަޢާރަފް ވިއެވެ.
ނޫރީންމެން ގެއަށް އައިސް އުޅުމުގެ ތެރޭ އަޒްޔަންއަށް ވަނީ ޝަދާއާ ދިމާވެފައެވެ. ނަން ނޭނގުނު ނަމަވެސް އެއީ އެ ފްލޯރގެ އެހެން އެޕާޓްމެންޓެއްގައި އުޅޭ އަންހެން ކުއްޖެއް ކަން އެނގެއެވެ. އެހެން ނަމަވެސް އެއީ ދާނިޝްއާ ގުޅުމެއް އޮންނަ ކުއްޖެއް ކަމެއް ނޭނގެއެވެ. ދާނިޝްއާ އަދި ދިމާވެފައި ނެތަސް، ނޫރީންއާ ދާނިޝްގެ ގުޅުން އަޒްޔަންއަށް ރޭގައި ވަނީ އެނގިފައެވެ. ކުރިން ޝަދާއާ މެދު އެއްވެސް ޝައުގުވެރިކަމެއް ނެތް ނަމަވެސް އެ ދިން މަޢުލޫމާތުގެ ސަބަބުން އަޒްޔަންއަށް ޝަދާއާ ވާހަކަ ދައްކަން ބޭނުން ވިއެވެ.
“އަޒްޔަން.. މިކޮޅުގަތަ އުޅެނީ؟” އަޒްޔަން އަމިއްލަ ނަން ބުނަމުން އަހާލިއެވެ. އަދި އެ ވަގުތު ލިފްޓް ހުޅުވުމުން ދޮރުގައި ހިފަހައްޓާލާފައި އަޒްޔަންއަށް ވުރެ ކުރިން ނިކުންނަން ޝަދާއަށް އިޝާރާތް ކޮށްލިއެވެ.
“އަހަރެން އައީ ބަންދަށް. ދޮންތަގެ ފެމިލީ އުޅޭނީ މިކޮޅުގަ. ދެން ދޮންބެވެސް ކިޔަވަން މިކޮޅުގަ ހުންނަނީ” ދެ މީހުން އެކުގައި ހިނގަމުން ޝަދާ ކިޔާދިނެވެ.
“އެހެންތަ؟ ވަރަށް ދުވަސް ވެއްޖެތަ މިތާ އުޅޭތާ؟” އަޒްޔަން އަހާލިއެވެ.
“ނޫން. އަދި މަންތެއްހާ ދުވަސް މިވީ. ދޮންބެ ޗުއްޓީއަށް ގޮއްސަ އައި އިރު އަހަރެން އައީ. ދެން އެކަމަކު ދުވަސްކޮޅަކު މަޑުކޮށްލާފަ ދާނީ. ދެން ބުނެބަލަ، އަޒްޔަން ތީ ރީންގެ ފެމިލީތަ؟” އަޒްޔަންއާ ބެހޭ ގޮތުން އޮޅުން ފިލުވަން ބޭނުންވެ ޝަދާ ސުވާލު ކުރިއެވެ.
“ފެމިލީއެއް ނޫން، ފެމިލީ ފްރެންޑްސް” ނޫރީންއާ އަޒްޔަންގެ މެދުގައި އޮތް ގުޅުމުގެ ތަފްސީލެއް ދިނުމުގެ ބަދަލުގައި އަޒްޔަން ދިނީ ކުރު ޖަވާބެކެވެ.
“އޯހ..! ސޯ، ސީ ޔޫ އެރައުންޑް..؟” އެޕާޓްމެންޓްގެ ދޮރާ ހަމައަށް އާދެވުމުން ޝަދާ އަތުން ހަނާ އަޅާލަމުން ބުންޏެވެ.
އެއްޗެއް ނުބުނެ އަޒްޔަންވެސް އަތުން ހަނާ އަޅާލަމުން ކުރިއަށް ހުރި އެޕާޓްމެންޓްއާ ދިމާއަށް ދިޔައެވެ.
އަޒްޔަން އެ ދޮރުން ވަންނަން ދެން ބަލަން ހުރެފައި ޝަދާ ލޯމަރާލަމުން މޭގައި އަތް ޖައްސާލިއެވެ. ފާއިތުވި މަހެއްހާ ދުވަހު އެކިއެކި ފަހަރު މަތިން އަޒްޔަން ފެނި ޝަދާގެ ހިތުގައި އަޒްޔަންއާ މެދު ވަނީ ޝައުގުވެރިކަން އުފެދިފައެވެ. އޭގެ ކުރިން ވާހަކަ ދައްކާލާނެ ފުރުސަތަކަށް ބަލަބަލާ ހުރި ޝަދާއަށް އެ ފުރުސަތު ލިބުނީ އެ ދުވަހުއެވެ. ހިތްހަމަޖެހޭ ވަރަށް ވާހަކަ ނުދެއްކުނު ނަމަވެސް އެއީ ރަނގަޅު ފެށުމެއް ކަމަށް ޝަދާ ގަބޫލު ކުރިއެވެ.
އަޒްޔަން ބެލް ޖަހާލުމުން ދޮރު ހުޅުވީ ނޫރީންއެވެ.
“އަވަހަށް އާދޭ، އަޒްޔަންއާ އެކީ ކާން މަޑުކޮށްގެން ބައްޕަ އެބައިން” ނޫރީން ބުންޏެވެ.
ކުރީރޭ އެނގުނު ކަންތަކަށް ފަހު ނޫރީން ފެނުމުން ނޫރީންއާ ވާހަކަ ދެއްކުމަށް އަޒްޔަންގެ ހިތް ވަގުތުން ގޮވާލިއެވެ. ނަމަވެސް ފަސް ޖެހުނީ ނޫރީން ގާތު ބުނާނީ ކީކޭ ކަން ނޭނގޭތީއެވެ. އަޒްޔަންއާ ވާހަކަ ދައްކަން ނޫރީން އެއްބަސް ވާނެ ކަމެއްވެސް އަޒްޔަންއަކަށް ނޭނގެއެވެ. އެހެން ނަމަވެސް ހިތުގެ ގޮވުމަށް އަޒްޔަންއަށް ދެކޮޅެއް ނުހެދުނެވެ.
“ނޫރީން..” ދޮރު ލައްޕާލާފައި އަޒްޔަންގެ ކުރީގައި ހުރެ އެތެރެއަށް ވަންނަން ދިޔަ ނޫރީންއަށް އަޒްޔަން ގޮވާލިއެވެ.
ނޫރީން ހުއްޓިފައި ބަލާލިއެވެ.
“ވާހަކަ ދައްކާލެވިދާނެތަ..؟ މި ވަގުތު ނޫނަސް ފަހުންވެސް އޯކޭ..” އަޒްޔަން އަހާލިއެވެ.
އިސްޖަހައިގެން އިރުކޮޅަކު ހުރެފައި ނޫރީން ބޯޖަހާލި ގޮތަށް ކުރިއަށް ހިނގައިގަތެވެ. ނޫރީން ދިން ޖަވާބުން އަޒްޔަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި ނަމަވެސް ރޭގެ ހަނދާން ވުމާއެކު އެ ހިނިތުންވުން ފިލިއެވެ.
ދޮޅު އަހަރެއްހާ ދުވަސް ފަހުން އަޒްޔަންއާ ޔާސިރު އެއް ސުފުރާ މަތީ ކާން ތިބިތަން ފެނުމުން އެންމެ އުފާވީ ޝަފަގުއެވެ. ދެބަފައިން ކާން ތިބި އިރު އެކިއެކި ވާހަކަ ދައްކަމުން ދިޔައެވެ. ގިނައިން ދެއްކީ އޮފީހުގެ މަސައްކަތުގެ ވާހަކައެވެ. އޮފީހުގައި އެ ދުވަސްކޮޅު ބޮޑު ކަމެއް ދިމާވެގެން އުޅޭތީ އެކަމާ ކަންބޮޑުވެ ޔާސިރު ސުވާލު ކުރި ނަމަވެސް އަޒްޔަން ޖަވާބު ދެމުން ދިޔައީ ޔާސިރު ކަންބޮޑު ނުވާނެ ގޮތަށެވެ. އެ ސުވާލުތައް ގިނަވާން ފެށުމުން އަޒްޔަން އެހެން ދިމާއަކަށް ވާހަކަ އަނބުރާލާ، ޒާއިންގެ ކިޔެވުމުގެ ވާހަކަ ފެށިއެވެ. އަޒްޔަންއާ ޔާސިރުއާ ބައިވެރިވުމަށް އެއްޗެއް ބުނެލި ނަމަވެސް ޝަފަގުއާ ނޫރީން ތިބީ އެ މީހުންގެ ވާހަކަ އަޑު އަހާށެވެ.
ޔާސިރުއާ އަޒްޔަންގެ މެދުގައި ކަންތައް ވީ ގޮތް ނޫރީންއަށް އެނގުނީ ޝަފަގުގެ ފަރާތުންނެވެ. އެހާ ދުވަސް ފަހުން އެ ދުވަހު ފެނުނު މަންޒަރުން ނޫރީންވެސް އުފާވިއެވެ. ކެއުމުގެ ތެރޭގައި ވާހަކަ ދައްކަމުން ކަމުން ދިޔަ ދެބަފައިންގެ ފޮޓޯއެއް ނަގާފައި ނޫރީން އެ ފޮޓޯ ޒާއިންއަށް ވައިބަރ ކޮށްލިއެވެ. ވަގުތުން ޒާއިންގެ ރައްދު އައެވެ. ދެތިން މިނަޓް ވަންދެން ނޫރީންއާ ވާހަކަ ދައްކާފައި ޒާއިން ގުޅީ ޝަފަގުއަށެވެ. ވީޑިއޯ ޖައްސައިގެން އެންމެންނާ ވާހަކަ ދައްކާލާފައި މާ ގިނަ އިރު ނުކޮށް ޒާއިން ކޯލް ކަނޑާލިއެވެ.
“ހެނދުނުތަ ފުރަނީ؟” ކައި ނިމިގެން އަޒްޔަންއާ އެކު ސޯފާގައި އިށީނދެފައި ޔާސިރު އެހިއެވެ.
އަޒްޔަން ބޯ ޖަހާލިއެވެ.
“ދެން ކޮން އިރަކު މިކޮޅަށް އަންނާނީ؟” ޔާސިރު އެހިއެވެ.
“މި ކަންތައް ހޭންޑްލް ކުރެވުނީމަ އެހެން ކަންތައްތައްވެސް ބަލާލަން ވާނެއްނު؟ އެކަމަކު ހަފްތާއެއްހާ ދުވަހަށް ވުރެ ލަހެއް ނުވާނަން” ޔާސިރު އެދެނީ އަޒްޔަން އަވަހަށް އައުން ކަން ވިސްނި އަޒްޔަން ބުންޏެވެ.
ޔާސިރު ބޯ ޖަހާލާފައި އެކިއެކި ވާހަކަ ދައްކަން ފެށިއެވެ. ދޭއް ޖަހަން ދެން އެހެން ތިބެފައި ޝަފަގު ހަނދާން ކޮށްދިނުމުން ޔާސިރު ތެދުވީ ހޮސްޕިޓަލަށް ދާން ތައްޔާރުވާށެވެ. ފިޒިއޮތެރަޕީ ސެޝަން ނިންމާފައި ޔާސިރު ގެއަށް ލާފައި އަޒްޔަން ހޮޓެލްއަށް ދިޔަ ގޮތަށް ލެޕްޓޮޕް ހިފައިގެން އަނެއްކާވެސް ދިޔައީ ޔާސިރު ކައިރިއަށެވެ. ހަވީރު ޔާސިރުއަށް ނިދުނު ވަގުތު މަސައްކަތުގައި ހޭދަ ކުރުމަށް ފަހު ދުވަހުގެ ދެން އޮތް ބައި އަޒްޔަން ހޭދަކުރީ މަންމައާ ބައްޕައާ އެކުއެވެ.
“ހެނދުނު ނާދެވިދާނެ. އެކަމަކު ބައްޕައަށް ގުޅާނަން. އަހަރެން އަންނަން ދެން މަންމަ ބުނާ ބަސް އަހައިގެން ބައްޕަ އުޅެން ވާނީ. ފިޒިއޯއަށް ދާން ވާނެ، އެކްސަރސައިޒްތައްވެސް ކުރަން ވާނެ، އެއް ދުވަހުވެސް މިސް ކޮށްގެން ނުވާނެ. ހުރިހާ އިރަކު ބައްޕަ ކަންތައް ކުރާ ގޮތް ބަލަން ގުޅާނަން. މަންމާ، ބައްޕައަށް ބަލައްޗޭ” އެރޭގެ ކެއުމަށް ފަހު ޔާސިރު ގޮވައިގެން ކޮޓަރިއަށް ވަދެފައި އަޒްޔަން ބުންޏެވެ.
“ހެހެ.. އޯކޭ އޯކޭ. މިހާރު މި ޖެހުނީ ދަރިންގެ ބަސް އަހައިގެން އުޅެން، ދޯ ޝަފަގު؟” ހެމުން ޔާސިރު ބުންޏެވެ.
ހިނިއައިސްފައި ހުރި ޝަފަގު ބޯޖަހާލަމުން އަޒްޔަންގެ ބުރަކަށީގައި ފިރުމާލިއެވެ.
“މަންމަވެސް ބަލައިގެން އުޅެއްޗޭ. ބައްޕައާ ދޭތެރޭ މާ ބޮޑަށް ނުވިސްނާތި. ބައްޕަ މިހާރު ރަނގަޅެއްނު؟” ޝަފަގުއަށް ބަލާލަމުން އަޒްޔަން ބުންޏެވެ. އެ ވަގުތު ޝަފަގުއާ ޔާސިރު އެކުގައި އަޒްޔަން ގައިގައި ބައްދާލިއެވެ.
“ދެން ބައްޕަ އޮށޯވޭ” އިރުކޮޅަކު އެހެން ހުރެފައި އަޒްޔަން ދުރަށް ޖެހިލަމުން ބުންޏެވެ.
އަޒްޔަން އެ ކޮޓަރިން ނިކުންނަމުން ނޫރީންއަށް ގުޅާލިއެވެ. ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި ނޫރީން އިނީ ބަދިގެއިން ނިކުމެވެން ހުރި ބެލްކަނީގައި ކަމުގައި ބުނެފައި އަޒްޔަންއަށް އައީ މެސެޖެކެވެ.
އަޒްޔަން ދިޔަ އިރު ބެލްކަނީގެ ރެއިލިންގ ކައިރީ ހުރެފައި އަޒްޔަން އައުމުން އިށީނުމަށް ބުނެފައި ނޫރީންވެސް އިށީނެވެ.
“ވަރަށް އުފާވެއްޖެ ބައްޕައާ އަޒްޔަންއާ އޯކޭ ވީމަ. އެންމެންނަށް ވުރެވެސް ޒާއިން އުފާވި ހެން ހީވަނީ” އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ނޫރީން ވާހަކަ ދެއްކިއެވެ.
ނޫރީން ބުނި އެއްޗަކަށް ޖަވާބެއް ދިނުމުގެ ބަދަލުގައި އަޒްޔަން ހަމައެކަނި ހީލީއެވެ.
“އަޒްޔަން.. ބޭބީ.. ބޭބީގެ ވާހަކަ އަޑު އިވުނީމަ.. އޭރު ގުޅާލަން ބޭނުންވި، އެކަމަކު ނުކެރުނީ.. އައިމް ސޯ ސޮރީ..” ނޫރީން ލަސްލަހުން ބުންޏެވެ.
ނުނިމޭ
5 Comments!
Comments are closed.








hello readers! part 21 uploaded, kiyaala, mibaives kamudhaane kamah hykuran, let me know in a comment inge. 22 on Monday. happy weekend!
When next?
Mi part ves vrh reethi MA!!
Yea gurrrllll.
It’s breathtaking 😍 ✨️
Wow wow wow perfect.
Shen next ????
mipart ves vrh reethi