ތިޔަ ނަން މި ހިތުގާ 20
ނޫރީންއާ މެދު ޝައުގުވެރިވާން ފެށުމުން ދާނިޝް އެކަން ސިއްރެއް ނުކުރެއެވެ. ނޫރީންއާ އެ ކަން ހިއްސާ ކުރުމުން ފުރަތަމަ ނޫރީން ދާނިޝްއާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. ނަމަވެސް ދާނިޝްގެ ހުށަހެޅުން ނޫރީން ގަބޫލު ކުރީ، ދިރިއުޅުމާއިގެން ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނިންމާފައެވެ.
ދާނިޝްމެންގެ އާއިލާގެ ވާހަކަ ނޫރީންއަށް ކިޔާދިނީ އަޝްދާއެވެ. ދާނިޝްއަކީ ސަމީއުއާ ނަޒާހާގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. މެދަށް ހުންނަނީ އަޝްދާއެވެ. އެންމެ ކުޑައީ ޝަދާއެވެ. އަޝްދާގެ ފިރިމީހާ ޖައިލަމް މަސައްކަތް ކުރަނީ މެލޭޝިއާ މީހެއްގެ ކުންފުނީގެ ރާއްޖޭގެ މައިއޮފީހުގައެވެ. ދެ އަހަރަށް އެ މީހުން މެލޭޝިއާއަށް ބަދަލުވީ ޖައިލަމްގެ މަސައްކަތުގެ ގޮތުންނެވެ.
ދާނިޝްމެންގެ އާއިލާއަކީ މާލޭ ބައެކެވެ. ދާނިޝް މާސްޓަރސް ހަދަން މެލޭޝިއާއަށް ދިޔައީ އަޝްދާގެ އެދުމަށެވެ. ދާނިޝްއަކީ މީހުންނާ ގުޅޭ އެކުވެރި މިޒާޖެއްގެ ޒުވާނެކެވެ. ފުރަތަމަ ނޫރީންއާ ދިމާވެގެން ދުރުދުރުން އުޅުނު ނަމަވެސް އެ ދެމެދުގައި އެކުވެރިކަން އުފެދޭކަށް ގިނަ ދުވަހެއް ނުނެގިއެވެ. އެ އެކުވެރިކަން އެހެން ހަރުފަތަކަށް ގެންދަން ދާނިޝް ބޭނުންވި ހިސާބުން ދުވަސްކޮޅަކަށް ދުރުވީއެވެ. ނޫރީންގެ ޚިޔާލު ބަދަލު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ އަޝްދާއެވެ.
ކުރިން ކައިވެންޏެއް ކޮށްފައިވާ ކަން ނޫރީން ހާމަކުރީ އަޝްދާ ގާތުއެވެ. އެ ވާހަކަ ދާނިޝްއާ ހިއްސާ ކުރީ އަޝްދާއެވެ. އެއީ ދާނިޝްއަށް މައްސަލައަކަށް ނުވިއެވެ. ދާނިޝް ބޭނުންވީ ނޫރީންއާ އެކު އާ ޙަޔާތެއް ފަށާށެވެ. ނޫރީން ކައިވެނި ކުރީ ކާކާ ކަމާ، ކައިވެނި ކުރެވުނީ ކިހިނެއް ކަން އަދި އެ ކައިވެނި ރޫޅުނީ ކީއްވެ ކަން އެހުމުގެ ބަދަލުގައި ކޮންމެ ގޮތަކަށް އެކަން ނިމުނު ނަމަވެސް ހުރިހާ ފަހަރެއްގައި އެއްގޮތެއް ނުވާނެ ކަން ބުނެދޭން ދާނިޝް މަސައްކަތް ކުރިއެވެ.
އެހެން ނަމަވެސް އެހެން މީހަކަށް އަލުން އިތުބާރު ކުރަން ނޫރީންއަށް އުނދަގޫވިއެވެ. އެހާ ބޮޑު ނިންމުމެއް ނިންމާ އެ ފިޔަވަޅު އަޅަން ފަސްޖެހުނެވެ. ނޫރީންގެ ފަސްޖެހުން ދާނިޝްއަށް ވިސްނެއެވެ. ނޫރީންއަށްޓަކާ ދާނިޝް ކެތްތެރިކަން ޚިޔާރުކޮށް، ނޫރީން ބޭނުންވާ ސްޕީޑްގައި ކުރިއަށް ދިޔުމަށް ދާނިޝް ދެކޮޅެއް ނުހަދައެވެ.
ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް ނޫރީން އެ ދެމެދުގައި ދުރުމިނެއް ބެހެއްޓިއެވެ. އަޒްޔަންއަށް ފަހު އެހެން މީހަކާ އެ ގާތްކަން ބާއްވަން ނޫރީންއަށް އަދިވެސް އުނދަގޫ ވަނީއެވެ. ދާނިޝްގެ އިސްނެގުމަށް ގިނަ ފަހަރަށް ނޫރީން ދެކޮޅު ހަދަނީ އެހެންވެއެވެ. ނަމަވެސް ދާނިޝް ޝަކުވާއެއް ނުކުރެއެވެ. ދާނިޝް ހީކުރި ގޮތުގައި ކައިވެނީގެ ކުރިން އެހާ ގާތްކޮށް އުޅެން ނޫރީން ބޭނުން ނުވަނީއެވެ.
ނޫރީން ވަނީ ޔާސިރު ބަލިވި ވާހަކަ ދާނިޝްއަށް ކިޔާދީފައެވެ. ނަމަވެސް އެއީ އަޒްޔަންގެ މަންމައާ ބައްޕަ ކަމެއް ކުރިއަކުން ނޫރީން ނުބުނެއެވެ. ދާނިޝްއަށް އެނގޭ ގޮތުގައި ނޫރީންގެ މަންމައާ ބައްޕަ ނިޔާވުމަށް ފަހު ނޫރީން އާއިލާގެ ގޮތުގައި ދެކޭ ބަޔަކީ އެއީއެވެ.
ދާނިޝް މާލެއަށް ދިޔައީ އެ މީހުން އައިސް ޔާސިރު ހޮސްޕިޓަލުގައި އޮއްވައެވެ. ލިބުނު ޗުއްޓީގައި މާލެއަށް ގޮސްފައި ދާނިޝް އެ އައީ ދެ މަސް ކޮށްފައެވެ. ދާނިޝް އައި އިރު ދާނިޝްގެ ކޮއްކޮ ޝަދާވެސް ދާނިޝްއާ އެކު އައެވެ. ޝަދާއާ ބައްދަލުވީ އަލަށް ނޫން ނަމަވެސް އެ ދުވަހު ނޫރީން ޝަދާއާ ބައްދަލު ކުރީ ދާނިޝްގެ “ޚާއްސަ” އެކުވެރިއެއް ގޮތުގައެވެ. އެ ތަޢާރަފުން ނޫރީންއަކީ ދާނިޝްގެ ކާކު ކަން ޝަދާއަށް އެނގުނެވެ.
ޝަފަގުމެން އައި ފަހުން ކުރިޔާ ޚިލާފަށް ނޫރީންއަށް ދާނިޝްއާ ބައްދަލު ކޮށް އުޅެން އުނދަގޫވިއެވެ. ކިތަންމެ ކައިރީގައި އުޅުނު ނަމަވެސް ގިނަ ދުވަސްދުވަހު ނޫރީންއަށް ދާނިޝްއާ ވާހަކަ ދައްކާލެވެނީ ހަމައެކަނި ފޯނުންނެވެ. ކުރީގައި ނަމަ ހުސްވަގުތުގައި ނޫރީންގެ އެޕާޓްމެންޓަށް ގޮސް ނޫރީންއާ ވާހަކަ ދެއްކުމުގެ މިނިވަންކަން ދާނިޝްއަށް އޮވެއެވެ. އަދި ނޫރީންވެސް އެ އެޕާޓްމެންޓަށް ދެއެވެ. ނަމަވެސް ޝަފަގުމެން އައި ފަހުން ނޫރީންމެން ގެއަށް ދާނިޝް އަންނާކަށް ނޫރީން ގަބޫލެއް ނުވެއެވެ. ޝަފަގުމެންނަށް ދާނިޝް ތަޢާރަފް ކޮށްދޭނެ ކަމަށް ނޫރީން ބުނި ނަމަވެސް، ނޫރީން އެދުނީ އަދި ވަގުތުކޮޅެއް ދިނުމަށެވެ.
ނޫރީންގެ އެދުމަށް ދާނިޝް ދެކޮޅެއް ނުހަދައެވެ. ނަމަވެސް ދެ މީހުން ބައްދަލުވުމަށް އެޅުނު ހުރަހާމެދު ދާނިޝްއަށް ނުރުހުން ވެވުނެވެ. އެހެން ނަމަވެސް ނޫރީންއަށް ޓަކާ ދާނިޝް އެ ޝަކުވާއެއް ނުކުރެއެވެ.
މެލޭޝިއާއަށް އައިތާ ފަސްމަސް ވީ އިރު ޔާސިރުގެ ޙާލު ކުރިއެކޭ ދާދި އެއްގޮތެވެ. ކޮންމެ ދުވަހެއްގެ ފިޒިއޮތެރަޕީ ސެޝަންތަކުގެ އިތުރުން ގޭގައި ކުރާ ކަސްރަތުތައް ކުރުމަށް ޔާސިރުއަށް އެހީވަނީ އަޒްޔަންއެވެ. ހަމައެއާއެކު ބައެއް ދުވަސް ދުވަހު ޔާސިރުއާ ޝަފަގު ގޮވައިގެން ކައިރީގައި އޮންނަ ޕާކަކާ ހަމައަށް ހިނގާލަން ދެއެވެ.
އެހާ ދުވަސް ވީ އިރުވެސް ޔާސިރު އަޒްޔަންއާ ވާހަކައެއް ނުދައްކައެވެ. ދެރަވި ނަމަވެސް ޝަފަގު ގާތުވެސް އަޒްޔަން އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެކަން ބަދަލުވީ އަޒްޔަން ކުއްލިއަކަށް މާލެއަށް ދާން ޖެހުމުންނެވެ.
ޔާސިރު ބަލިވި ފަހުން، މެލޭޝިއާގައި ހުރި ނަމަވެސް އޮފީހުގެ ކަންތައް ބަލަމުން ދިޔައީ އަޒްޔަންއެވެ. ޔާސިރުއަށް އެކަން އެނގުނީ ގެއަށްވެސް އައި ފަހުންނެވެ. އެއީ ޔާސިރު މަނާ ކޮށްފައި އޮތް ކަމެއް ނަމަވެސް އަޒްޔަން ހުއްޓުވާކަށް، އަދި އެ މަސައްކަތް ކުރުމާ ދެކޮޅަކަށްވެސް ޔާސިރު އެއްޗެއް ނުބުނެއެވެ.
އަޒްޔަން މާލެއަށް ދާން ޖެހުނީ އޮފީހުގެ ކަމެއްގައެވެ. ދުރުގައި ހުރެގެން ހުރިހާ ކަމެއް ބަލަމުން ދިޔަ ނަމަވެސް، ޔާސިރު ސީދާ މަނާކޮށްފައި އޮއްވާ، ޔާސިރުގެ ހުއްދައާ ނުލާ ދާން ފަސްޖެހިފައި ހުރެ، އަޒްޔަންއަށް އެ ހުއްދަ ހޯދާދިނުމަށް އަޒްޔަން އެދުނީ ޝަފަގު ކައިރިންނެވެ.
“މި ހުރިހާ ދުވަހުވެސް އަޒްޔަންއެއްނު ހުރިހާ ކަމެއް ތި ބެލެހެއްޓީ؟ މިހާތަނަށްވެސް ބައްޕަ އެއްޗެއް ނުބުނާ އިރު ދެންވެސް ނުބުނާނެ” ޝަފަގު ބުންޏެވެ.
“ބައްޕަގެ ކަންތަކާ އުޅެންވެސް މަނާ ނުކުރީ ޒާއިންއަށް އާދެވެން ނެތީމަ. މިހެން ދުރުގަ ހުރެ އޮފީހުގެ ކަންތައްތައް ބެލެހެއްޓުމަކީ އަދި އެހެން ކަމެއް. ޕްލީޒް މަންމާ، ބައްޕަ ކައިރީ އަހާލަދީ. ބައްޕަ މަނާ ކޮށްފަ އޮއްވާ ގެއަށްވެސް އޮފީހަށްވެސް ހުއްދަ ނުލިބެނީސް ވަންނާކަށް ނުކެރޭނެ. އަހަރެން ނޫނީ ބައްޕަ ނުގޮސް މި ކަންތަކެއް ނުނިންމޭނެ” އަޒްޔަން ބުންޏެވެ.
ޝަފަގު ބޯޖަހާލާފައި ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ އަޒްޔަންގެ އެދުން ޔާސިރުއާ ހަމައަށް ފޯރުކޮށްދިނެވެ. އިރުކޮޅަކު އަނގައިން ނުބުނެ ޔާސިރު އިން އިރު އަޒްޔަންއަށް ނިސްބަތްކޮށް ޔާސިރު ބުނެފާނެ އެއްޗަކާ މެދު ކަންބޮޑުވެ ޝަފަގުގެ ހިތް ތެޅެމުން ދިޔައެވެ.
“ގޮވާބަލަ!” ޔާސިރު އެހެން ބުނި އިރު ހިތުގައި ވާ އެއްޗެއް ޔާސިރުގެ މޫނުމަތިން ޝަފަގުއަކަށް އެއްގޮތަކަށްވެސް ނޭނގުނެވެ.
“ޔާސިރު.. އަޒްޔަންއާ ދިމާއަށް އެއްޗެއް ނުބުނައްޗޭ..” އަޒްޔަންއާ މެދު ކަންބޮޑުވެފައި ހުރެ ޝަފަގުއަށް ބުނެވުނެވެ.
“ޝަފަގު ކަންބޮޑު ނުވޭ. އަޒްޔަން ކައިރީ ބުނޭ އަހަރެން ގޮވައޭ” ޝަފަގުއަށް ބަލާލަމުން ލުއި ހިނިތުންވުމަކާ އެކު ޔާސިރު ޝަފަގުގެ އަތުގައި ހިފާލިއެވެ. އަޒްޔަންއާ ޔާސިރުގެ މެދުގައި ކަންތައް ވީ ގޮތުން ޝަފަގު ދެރަވެ ކަންބޮޑުވާ ވަރު ޔާސިރުއަށް ވުރެ ބޮޑަށް އެނގޭނެ މީހަކު ނެތެވެ. ޔާސިރު ބުނި ގޮތުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އިހުސާސް ކުރެވުނު ޝަފަގު ބޯ ޖަހާލާފައި ތެދުވިއެވެ.
އަޒްޔަން އައިސް އެ ކޮޓަރީގެ ދޮރުމައްޗަށް އެރި އިރު ސޯފާގައި ޔާސިރު އިނެވެ. އަޒްޔަން އެތެރެއަށް ނުވަދެ ދޮރުމަތީ މަޑުކޮށްލިއެވެ.
“އާދޭ!” ސޯފާގެ އަނެއް ކޮޅަށް އިޝާރާތް ކޮށްލަމުން ޔާސިރު ގޮވާލިއެވެ.
އަޒްޔަން ލަސްލަހުން އައިސް އިށީނެވެ.
“މި ހުރިހާ ދުވަހު އަޒްޔަން ކުރި ކަމެއް ކުރީ ހުއްދަ ލިބިގެންތަ؟” ޔާސިރު އަހާލިއެވެ.
“ބައްޕަ ބަލިވީމަ ބައްޕަގެ ކަންތައް ކުރާކަށް ހުއްދަ ލިބެންދެން ދަރިއަކު ހުންނާކަށް ނުޖެހޭނެ” އިސްޖަހައިގެން އިނދެ އަޒްޔަން ޖަވާބުދިނެވެ.
“ދެންވެސް ހުއްދަ ލިބޭތޯ ހުންނާކަށް ނުޖެހޭނެ. ބައްޕަގެ ކަމެއްގަ ދަރިއަކަށް އިތުރު ހުއްދައެއް ބޭނުމެއް ނުވާނެ” ޔާސިރު ބުންޏެވެ.
“އޭރު ބައްޕަ ހުރީ ހުއްދަ ދެވޭ ޙާލުގައެއް ނޫން.. މިހާރު އެހެންނެއް ނޫނެއްނު؟ ބައްޕައާ ގުޅުން ހުރި މީހަކާވެސް ތަނަކާވެސް އަހަންނާ ގުޅުމެއް ނޯންނާނެޔޭ ބުނީ.. އެހެން ވީމަ ހުއްދަ ނެތި ގެއަކަށްވެސް އަދި އޮފީހަކަށްވެސް ނުވަދެވޭނެ.. ގެއަށް ދާކަށް ނޫން.. އޮފީހަށް ނުގޮސް ނުވާނެތީ އޮފީހަށް ވަނުމުގެ ހުއްދައަށް އެދުނީ.. މާލެއަށް ދެވުނީމަ މަންމައާ ޒާއިންއާވެސް ދެން އިސްވެ ވާހަކައެއް—” އެ ވަރަށް ބުނެފައި އަޒްޔަންއަށް ފުރިހަމައެއް ނުކުރެވުނެވެ. އަޑު ކުރެހިގެން ދިޔުމާއެކު ލޮލަށް ޖަމާވި ކަރުނަ އެއް އަތުން ފޮހެލަމުން އަޒްޔަން ކުރިއަށް ވުރެ ބޮޑަށް އިސް އޮބާލިއެވެ.
“އަޒްޔަން.. ދަރިފުޅު..” ދޮށީ ދަރިފުޅާ ދިމާއަށް އިރުކޮޅަކު ބަލަން އިނދެފައި އެ ދަރިފުޅާ ދިމާއަށް އަތް ދިއްކޮށްލަމުން ގޮވާލި އިރު ޔާސިރުގެ އަޑު ތުރުތުރު އަޅައެވެ.
އިސްޖަހައިގެން އިން އަޒްޔަންއަށް ޔާސިރު ދިއްކޮށްލި އަތް ނުފެނުނު ނަމަވެސް، އެ ދުލުން އަޒްޔަންގެ ނަމާއެކު ދަރިފުޅާއޭ ބުނެ ގޮވާލި އަޑު އިވުނެވެ. އަދި އެ އަޑުގައި ހުރި ތުރުތުރުވެސް ފާހަގަ ކުރެވުނެވެ. އިސް އުފުލާ ބަލާލި އިރު އަޒްޔަންއާ ދިމާއަށް އަތް ދިއްކޮށްގެން ޔާސިރު އިންދާ ފެނުމުން ދުރުގައެއް ނުހުރެވުނެވެ. ސޯފާއިން ތެދުވި ގޮތަށް އަޒްޔަން އައިސް ޔާސިރުގެ ފައި ކައިރީ އިށީނދެ ޔާސިރުގެ ކަކުލުގައި ބޯ ޖައްސާލިއެވެ.
“ބައްޕަ ކޮންމެ އެއްޗެއް ބުންޏަސް ތީ ބައްޕަގެ ދަރިއެއް.. އަޒްޔަންއާ ބައްޕައާ އޮތް ގުޅުމެއް ދުވަހަކުވެސް ނުކެނޑޭނެ.. އެންމެ ބޭނުން ޖެހުނު ދުވަހު ބައްޕަގެ ރުހުން ނެތިވެސް ދަރިފުޅު ބައްޕަގެ ހުރިހާ ކަމެއް ކޮށްދިނީ.. ތީ ބައްޕަގެ ދަރިފުޅު، ބައްޕަގެ އެއްވެސް ކަމަކަށް އަޒްޔަންއަށް ވުރެ ބޮޑަށް ހައްގު އޮތް މީހަކު ދެން ނުހުންނާނެ.. ގެއަށްވެސް، އޮފީހަށްވެސް.. އަދި ބައްޕައާ މަންމައަށްވެސް.. ޒާއިންއަށްވެސް.. ބައްޕަގެ ކޮންމެ އެއްޗަކީ ދަރިފުޅުގެ އެއްޗެއް..” އަޒްޔަންގެ ބޮލުގައި ފިރުމަމުން ޔާސިރު ވާހަކަ ދެއްކި އިރު ދެބަފައިންނަށްވެސް ރޮވިއްޖެއެވެ.
އަޒްޔަން ތެދުވި ގޮތަށް ޔާސިރު ގައިގައި ބައްދައިގަތެވެ.
“އައިމް ސޮރީ ބައްޕާ.. އައިމް ސޮރީ.. ބައްޕަމެންގެ ހިތުގަ ޖެއްސުނީ ގަސްތުގައެއް ނޫން.. އަހަންނަށް މާފު ކޮށްދީ ޕްލީޒް..” އަޒްޔަން ރޮމުން މާފަށް އެދުނެވެ.
“ދަރިފުޅު އެކަންޏެއް ނޫން.. ބައްޕަވެސް މާފަށް އެދެން ޖެހޭ.. އައިމް ސޮރީ ޓޫ! ބައްޕައަށްވެސް މާފު ކޮށްދީ..” ދޮށީ ދަރިފުޅުގެ ބޮލުގައި ފިރުމަމުން ޔާސިރުވެސް މާފަށް އެދުނެވެ.
ދެ މީހުން ހަމަޖެހިލުމަށް އިރުކޮޅެއް ދިޔައެވެ.
“އޮފީހުގަ ކަމެއް ދިމާވީތަ؟” ހަމަޖެހިލެވުމުން ޔާސިރު އެހިއެވެ.
“ބައްޕަ އެކަމާ ނުވިސްނާ. އައި ވިލް ސީ ޓު އިޓް!” އަޒްޔަން ބުންޏެވެ.
އަޒްޔަންއަށް ބަލަން އިނދެ ބޯ ޖަހާލި އިރު އަޒްޔަންގެ ގާބިލިއްޔަތާ މެދު ޔާސިރުގެ ހިތުގައި ޝައްކެއް ނެތެވެ.
އެ ހުރިހާ އިރު ދޮރު ކައިރީ ހުރި ޝަފަގު ދުރަށް ޖެހިލާފައި ދެ އަތުން މޫނު ފޮހެލިއެވެ. އަދި ބަދިގެއިން ނިކުމެވެން ހުންނަ ބެލްކަނީ ދޮރު ކައިރީ މަޑުކޮށްލި ގޮތަށް ޒާއިންއަށް ގުޅިއެވެ. ޒާއިން ފޯން ނެގުމުން އަޒްޔަންއާ ޔާސިރުގެ މެދުގައި ވީ ހުރިހާ ކަމެއް ޒާއިންއަށް ކިޔާދިނެވެ. އަޒްޔަންއާ ޔާސިރުގެ މެދުގައި ހުރިހާ ކަމެއް ރަނގަޅު ވުމުން މަންމައާ ދަރިފުޅު އެ ކަމުގެ އުފާ ފާޅުކުރިއެވެ.
އަޒްޔަން އެރޭ އެ ގެއިން ނިކުތީ އެގާރަ ޖަހަން އުޅެނިކޮށެވެ. ގެއަށް ދާން ނިކުތުމުގެ ކުރިން އަޒްޔަން ބަދިގެއަށް ވަނީ ފެންފޮދެއް ބޯލާށެވެ. އައިސް އަލަމާރި ހުޅުވާލަން އުޅެފައި އަޒްޔަން ހުއްޓުނީ ބެލްކަނީގައި މީހަކު ހުރިހެން ހީވެގެންނެވެ. އެ ދިމާއަށް ފިޔަވަޅެއް އަޅާލި އަޒްޔަން ކުއްލިއަކަށް ގަނޑުވި ފަދައިން ހުއްޓުނީ ނޫރީންގެ އަޑު އިވުމުންނެވެ.
ދާނިޝްއާ އެކު ނޫރީން ބެލްކަންޏަށް ނިކުތީ ވާހަކަ ދައްކާލަން ބޭނުން ވެގެން ދާނިޝް ބުނުމުންނެވެ. އެންމެންނަށް ފެންނަ ތަނެއްގައި ހުންނަން ބޭނުން ނުވާތީ ބެލްކަންޏަށް ނިކުންނަން ބުނީ ނޫރީންއެވެ. އެ ވަގުތު އެއްވެސް މީހަކު ބަދިގެއަށް އައިސްދާނެ ކަމަކަށް ނޫރީން ހިއެއް ނުކުރެއެވެ. އަދި އަމްދުން އަޒްޔަން އޭރު އެ ގޭގައި ހުރި ކަމެއްވެސް ނޫރީންއަކަށް ނޭނގެއެވެ.
“އަދި ލަހެއް ނުވެއެއްނު؟ ބުނާނަމޭ، އެހާ ލަހެއް ނުކުރާނަމޭ” ނޫރީން ބުންޏެވެ.
“އައި ވޯންޓް ޓު ގެޓް މެރިޑް ދެން. އޭގެ ކުރިން ރީންގެ މި ފެމިލީއަށް އަންގަން ބޭނުމީ. އޭރުން މިހެން އުޅޭކަށް ނުޖެހޭނެއެއްނު؟ ރީންއަށް ލަސް ނުވިޔަސް އަހަންނަށް ވަރަށް ލަސްވޭ” ނުދަންނަ ފިރިހެން އަޑެއް އިވުނެވެ.
އަޒްޔަންއަށް ނޭވާ ހިފައްޓާލެވުނެވެ. މުޅި ނަފްސު އެކީ އެ އިވުނު އަޑާ ދެކޮޅަށް އެއްޗެއް ބުނަން ބޭނުން ވި ކަހަލައެވެ. އެހެން މީހެއްގެ ހައްގަކަށް ނޫރީން ވާކަށް އަޒްޔަންގެ ހިތެއް ނޭދެއެވެ. އެ ޚިޔާލުންވެސް އަޒްޔަންގެ ހިތް ޒަޚަމް ވެގެން ދިޔައެވެ.
“ދާނިޝް ކޮން އިރަކު ތިހާ އިމްޕޭޝަންޓް ވީ؟ މި ހުރިހާ ދުވަހުވެސް ތިހެންނެއް ނޫޅެމެއްނު؟” ނޫރީން ބުންޏެވެ.
“އައި ވޯޒް ނެވަރ ޕޭޝަންޓް ރީން. ރީންއަށް ވަގުތު ދީގެން ހުއްޓަސް އަހަރެންގެ ހިތެއް އެ ގޮތަކާ ނުރުހޭ. އައި ވޯންޓް ޔޫ ޓު ބީ މައިން! އައި ވޯންޓް ޓު މޭކް ޔޫ މައިން..” ފަހު ޖުމްލައާ އެކު ދާނިޝްގެ އަޑާ ރާގުވެސް ބަދަލުވެގެން ދިޔައެވެ. އެއާއެކު ނޫރީންގެ ހުނުމުގެ އަޑު އިވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.








ސަލާމް ހުރިހާ ކުދިން. ޗުއްޓީއަށް ފަހު މަސައްކަތަށް ނިކުމެ ބޯ ގޮވާފަ ތިބި ކުދިން އަވަހަށް ވާހަކަ ކިޔާލާފަ ބޯ ހަމަޖައްސާލާ. ވާހަކައިގެ މިބައިވެސް ކަމުދާނެ ކަމަށް ހީކުރަން. 21 ވަނަބައި ބުރާސްފަތި ދުވަހު ގެނެސްދޭނަން.
ވަރަށް ރީތި. ހަފްތާ އަކު 3 ޕާރޓް ގެނެސް ދެވިދާނެ ތަ؟ ޕްލީޒް
@Aaisha, thank u. vaguthu vaa varakun mi varahves mi genesdheveny, ekkoh type koh nimunyma 3 dhuvahu upload kurevidhaane, ehen noony twice weekly.. baeh faharah surprise ep eh genesdheveytho try kuraanan inge dear
V reethi mi part MA
Finally job ge kanthah thakaa boa ehfaraaiy kohlevijje
Alhey yan ah ehen nahadhaa I feel so bad for him
Wow dad ar son ves happy vee dhw
CW4THENEXTP
Tc
thank u sheex, hmm, maybe Azyan and Nooreen should go different ways dhen, e goiy ok nu? aan dhen father son abadhah dhureh nuvaanenu dho,
Vrh happy vejje mi part kiyaalan libuneema 😊
But story ga vaa goi vrh sad ingey
Nooreen aslu Azyan dheke loabi vaa iru ithuru chance eh dhinun rangalhu
She can see how much he’s changed
And also move on kuran ithuru kaiveni eh kuraa kahala eh noon dhw
Abadhu Azyan kaireega ulhey iru move on kuran undhagoo vs vaane kanne
Oops too much opinions dhww
hmm, 2 goiy dho othy, alun ekyga ulhun noony 2 myhun ehen 2 myhunna eky life eh feshun, eky ulheveyny nooryn azyan ah chance eh dhiniyya ehnu dho. adhi vaahaka nunime ehnu, lets see dho. nooney, opinions dhinun is ok, no worries, thanks 👍
VARAREEHI
thank u dear
Masha Allah vrh reethi ♥️.. azyan and bappa dhemyhun ge mahsala hahluvee vrh happy 😊.. but nooreen and azyan dhemyhun vaahaka nudhahkaa kihineh mahsala hahlu kuraane nooreen ah move on kohgen ulevyne baa ey mi hithah aranee 🤔 loabi vanyaa adhi ehfurusathu dhinun rangalu adhi evx azyan vx loabi vaairigaa
thank u Aisha, rangalhu vaahakaeh thi buny, huriha kameh halluvegen vaahaka nimeyny, azyan aa nooryn ves vaahaka dhakkan jehey, ekyga ulhen viyas noony dhe misraabakah dhaan viyas, adhi vaahaka dhakkaane kamah mi balany.