Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އަނދިރިވުމުން

mohamed neer Level 210 Stories100 Stories
July 14, 2013 3 Mins Read
2 Comments

ދެވަނަބައި

ދުވަސްތައް މާޒީއާއި އެކުވަމުންދިޔައިރު ނިހާޔަތާއި ސިފާންގެ ލޯބީގެގުޅުންވެސް ތަރައްޤީވަމުންކުރިއަރަމުންބަދަހިވަމުން ދިޔައެވެ. އެކަމުގެ ސަބަބުން އެދެޒުވާނުންނަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން ވެސް އިތުރުވަމުން ދިޔައެވެ.
ސިފާންމެން ވަޒީފާއަދާކުރަމުންދާ ފިހާރައިގެ ފަރާތުން ރާއްޖެތެރެއަށް ކުރަމުންދާ ދަތުރުތަކުގައި ސިފާން ވެސް ވަރަށްގިނައިން ދާންޖެހެއެވެ. ހަމައެހެންމެ ރާއްޖެތެރޭގައި ހިންގާ ފިހާރަތަކުގެ އެކިއެކި މަސައްކަތްތަކުގައި ރާއްޖެތެރޭގައި އުޅޭން ވެސް ޖެހެއެވެ.
އެފަދަކަންކަން ތަކުރާރުވަމުން ދާންފެށުމުން ސިފާން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނު ނަމަވެސް ނިހާޔަތު އެދެމުންދިޔަ އެދުމުގެ މަތިންނާއި އެކަމުން ލިބޭ ފައިސާ އިތުރުވަމުންދާތީ އެކަމަށް ކެތްކުރިއެވެ.
ސިފާން ރާއްޖެތެރޭގައި ހުންނައިރު،ނިހާޔަތާއި ސިފާން ފޯނު މެދުވެރިކޮށް ވާހަކަދައްކާ ލޯބީގެ އަހުދުތަކާއި ވައުދުތައް ވަމުން ކުރިމަގަށް ރޭވުންތައް ރާވަމުން ދެއެވެ. ދުވަހަކު ވަކިނުވެ އެކުގައިވުމަށާއި ވީހާއަވަހަކަށް ކައިވެނިކުރުމަށް ވެސް ވާހަކަދައްކަމުން ދިޔައެވެ.
މަހެއްހާދުވަސް ރާއްޖެތެރޭގައި ހޭދަކުރުމަށްފަހު ސިފާން މާލެއަށް އަންނަވާހަކަ ބުނުމާއެކު ނިހާޔަތުގެ އުފާވެރިކަން ކުރިޔަށްވުރެ އިތުރުވެގެންދިޔައެވެ. ސިފާން ގާތުގައި ހުރެގެން ވާހަކަދެއްކުމަކީ ނިހާޔަތު އަބަދުވެސް ބޭނުންވާ ގޮތެވެ. ހަމަ އެހެންމެ ސިފާން ވެސް ބޭނުންވަނީ އެގޮތެވެ.
ސިފާން މާލެއައުމާއެކު ނިހާޔަތާއި ސިފާންގެ ކައިވެނީގެ ވާހަކަތައް އިތުރުވެގެން ދިޔައެވެ.
ސިފާންމެން ދިރިއުޅޭގޭގައި ސިފާންގެއިތުރުން އޭނާގެ ދޮންމަންމަ އާއި ބައްޕަ އަދި އޭނާއާ އެއްބަފާ ތިންކުދިން ވެސް އުޅެއެވެ. ސިފާންމެން ޢާއިލާ އަކީ އެކަކު އަނެކަކުދެކެ ނުހަނު ލޯބިވާ ގުޅުންބަދަހި ޢާއިލާއެކެވެ.
ސިފާންގެކައިވެނީގެ ވާހަކައާ ކައިވެންޏަށްފަހު އެހެންތަނެއް ހޯދައިގެން ވަކިން ދިރިއުޅުމެއް ފަށާން ބޭނުންވާ ވާހަކަ އޭނާގެ ބައްޕަ މަހުދީ އާއި ދޮންމަންމަ އައިމިނާނިކެ ގާތު ސިފާން ބުނުމުން އެމީހުން ސިފާނަށް މަރުޙަބާކިޔެވެ. ދިރުއުޅުމަކީ ތޫފާނެއް ކަހަލަ ކަމަކަށް ވެސް ވެދާނެކަމަށާއި ކެތްތެރިކަމާއި ވިސްނުންތެރިކަން ކުރިޔަށް ނެރެގެންމެނުވީ ކާމިޔާބު ނުލިބޭނެކަމުގައި ސިފާންގާތު މަހުދީބުންޏެވެ. އަދި ދިރިއުޅުމާއި ގުޅުންހުރި އެތައްވާހަކައެއް ދައްކައި އެތައް ނަސޭހަތެއް ދިނެވެ.
މަހުދީ އާއި އައިމިނާނިކެގެ އެދުމުގެމަތިން އެއްރެއަކު ސިފާން ގެއަށް އައިއިރު ނިހާޔަތު ގެއަށް ގެނައެވެ. މަހުދީ އާއި އައިމިނާނިކެގެ އިތުރުން ސިފާންގެ ކޮއްކޮމެންވެސް ވަރަށްއުފަލާ ހިތްހަމަޖެހުމާއެކު ނިހާޔަތަށް މަރުޙަބާ ކިޔެވެ. އަދި ތަފާތު އެތައްވާހަކައެއް ދައްކައި މަޖާކުރި ވެސް މެއެވެ.
ނިހާޔަތު އެގެއިންދިއުމަށް ނުކުތީ ރޭގަނޑަށް ކައިގެން،ދިހައެއް ވެސް ޖެހިފަހުންނެވެ. އޭރު ނިހާޔަތުގެ މޫނުމަތިންނާއި ހަރަކާތްތަކުން ފާޅުވަމުންދަނީ އުފަލާއިހިތްހަމަޖެހުމުގެ އަސަރުތަކެވެ. ނިހާޔަތުގެފަހަތުން ކަހަލަގޮތަކަށް ސިފާން ވެސް ގެއިން ނުކުތެވެ.
” ހާދަ އުފާވެފައި ހުރިހެން ހީވެޔޭ …..” ނިހާޔަތާއި އެކުގައި ހިނގަމުންދިޔަ ސިފާން، ނިހާޔަތަށް ބަލާލަމުން ބުނެލިއެވެ.
” އާން! …. އަހަރެން ވަރަށްއުފާވެ ހިތްހަމަޖެހިއްޖެ. އަހަރެން އެންމެކުރީއްސުރެ ވެސް އުންމީދު ކުރަމުން އައި ކަހަލަ ޢާއިލާއެއް ސިފާންމެން ޢާއިލާއަކީ … ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ. ” ސިފާންގެ މޫނަށް ބަލާލަމުން ނިހާޔަތު ޝުކުރުއަދާކުރިއެވެ.
” އެހެންތަ ؟ މިކޮޅުން ވެސް ޝުކުރިއްޔާ އާއި މަރުޙަބާ! ” ނިހާޔަތުގެ އަތުގައި ހިފާލަމުން ސިފާން ބުންޏެވެ.
ނިހާޔަތު ގެންގޮސް އޭނާ އުޅޭގެއަށްލުމަށްފަހު ސިފާން ވެސް ދިޔައީ އޭނާގެ ގެއަށެވެ.
ނިހާޔަތުގެ ކައިވެނީގެ ކަންތައްތައް ހަމަޖެހުމާއެކު ނިހާޔަތުގެ މައިންބަފައިން މާލެ އައިސްފިއެވެ.
ނިހާޔާތުގެ ކައިވެންޏަށްޓަކައި މާލެއައިސްތިބި ނިހާޔަތުގެ މައިން ބަފައިންނާއި، ސިފާން ބައްދަލުކުރިއެވެ.އެދެމަފިރިން ވެސް ވަރަށް އުފަލާއެކު ސިފާނަށް މަރުޙަބާ ކިޔެވެ.
ނިހާޔަތާއި ސިފާންގެކައިވެނީގެ ހުރިހާކަމެއްހަމަޖެހުމުން އެދެމީހުންވެސް ތިބީ ވަރަށްއުފާވެ ހިތްހަމަޖެހިފައެވެ. ލޯބީގެގޮތުން ގުޅެވުނު ހިސާބުން ފެށިގެން ވެސް ދެކެމުންއައި ހުވަފެން ޙަޤީޤަތަކަށްވުމުން ދެމީހުންވެސް، ހެއްދެވިފަރާތަށް ޝުކުރު ދެންނެވިއެވެ. ހަމައެހެންމެ އެކަކު އަނެކަކަށް ޝުކުރުއަދާކުރިއެވެ.
ނިހާޔަތާއި ސިފާންގެކައިވެންޏާއި އެކުހެންއެ ދެމަފިރިންގެ ދިރިއުޅުން ވަކިތަނަކަށްބަދަލުކުރިއެވެ. ހަމައެހެންމެ ނިހާޔަތުގެމައިންބަފައިން އެމީހުންގެ ރަށަށް ހިނގައްޖެއެވެ.
ނިހާޔަތާއި ސިފާންގެ މޫނުމަތިން އަބަދުހެން ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ކުރިއެކޭ ވެސް އެއްފަދައިން މިހާރުވެސް ފިހާރައިގެ އެކިކަންކަމުގައި ސިފާނަށް ރާއްޖެތެރެއަށް ދާންޖެހެއެވެ. އެކަމުގެ ސަބަބުން ނިހާޔަތަށް އެކަނިވެރިކަމާއި ފޫހިކަން ކުރިމަތިވެއެވެ.
ކައިވެންޏާއިއެކު ނިހާޔަތު ބޭނުންވީ ދަރިއަކު ހޯދާށެވެ. ސިފާން ރަށުންބޭރުގައި އުޅޭއިރު ނިހާޔަތު އެކަނިމާއެކަނި ގޭގައިއުޅޭން ފޫހިވާކަމަށާއި، އެކަމުގެ ސަބަބުން ވަރަށްބޮޑަށްއެކަނިވެރިކަން އިހުސާސް ކުރެވޭކަމުގައިވެސް ނިހާޔަތުބުނަމުން ދިޔައެވެ.އަދި ކުއްޖަކު ހޯދުމުން އެހުރިހާކަމެއްހަމައަކަށް އެޅޭނެކަމުގައިވެސް ނިހާޔަތު ބުނަމުންދިޔައެވެ.
ސިފާން ރާއްޖެތެރޭގައިހުންނަ ދުވަސްވަރު ފޯނުމެދުވެރިކޮށާއި ޒަމާނީ އެހެންވެސް ވަސީލަތްތަކުގެ އެހީގައި ނިހާޔަތާއި ސިފާން ވާހަކަދައްކަމުން ގެންދެއެވެ.
ނިހާޔަތުއެދެމުންދިޔަ އެދުމާމެދު ސިފާން ވެސް ވިސްނަމުންދިޔައެވެ.
އެތައްދުވަހަކު އެތައްގޮތަކަށް ސިފާން ވިސްނި ވިސްނުމުން އޭނާއަށް ވެސް ފެނުނު އެންމެރަނގަޅު ގޮތަކަށްވީ ނިހާޔަތު އެދެމުންދާފަދައިން ދަރިއަކު ހޯދުމެވެ. އޭރުން އެކަމުގެ ސަބަބުން ނިހާޔަތަށް ލިބެމުންދާ އުފަލާއި ހިތްހަމަޖެހުމުގެ އިތުރުން އޭނާގެ މަތިން ނިހާޔަތު ހަނދާންކުރުން އިތުރުވެގެންދާނެ ކަމުގައި ވެސް ސިފާނަށް ވިސްނުނެވެ.
ނިހާޔަތު އެދެމުންދާފަދައިން އޭނާވެސް ދަރިއަކު ހޯދާން ބޭނުން ކަމުގައި ސިފާންބުނުމުން ނިހާޔަތު ވަރަށްއުފާވެ ހިތްހަމަޖެހުނެވެ. ހަމައެހެންމެސިފާނަށް ޝުކުރުއަދާކުރި ވެސް މެއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންއައިސް ނިހާޔަތާއި ސިފާންގެ ކައިވެންޏަށް އަހަރެއްފުރުނުއިރު އެދެމަފިރިންނަށް އަންހެންކުއްޖަކު ލިބިއްޖެއެވެ.ނިހާޔަތާއި ސިފާންގެ ދަރިފުޅު އަސްރާއަކީ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ ލޯބި ލޯބި ކުއްޖެކެވެ.
ސިފާންގެ ޢާއިލާއިން އެދެމުންދިޔަ ފަދައިން ނިހާޔަތާއި ސިފާން ވަޒީފާއަށްދަނީ އަސްރާ ގެންގޮސް އޭނާގެޢާއިލާމެންބަރުންނާއި ހަވާލުކޮށްފައެވެ. އެޢާއިލާގެ މެންބަރުންވެސް އަސްރާދެކެ ނުހަނު ލޯބިވެއެވެ. އެގޭގައި ހޭދަކުރާވަގުތު މަދުވެ ޝަކުވާ ވެސް ކުރެއެވެ.
ކޮޓަރިކުއްޔަށްހިފައިގެން ދެއަހަރެއްހާދުވަހު މާލޭގައި އުޅެވުމާއި އެކުހެން، އެކަމާމެދު ނިހާޔަތަށް ވިސްނޭންފެށިއެވެ.ދެމަފިރިން މެދުނުކެނޑި ކަހަލަގޮތަކަށް ކުރާމަސައްކަތުން ދެމަފިރިންނާއި ދަރިފުޅުގެ ހުރިހާޚަރަދެއް ހަމަޖައްސަމުން،ތަނުގެ ކުލި ދައްކަމުން ދެންވެސް ކުރާންޖެހޭ ހުރިހާޚަރަދެއް ހަމަޖެއްސުމަކީ ފަސޭހަކަމެއް ނޫންކަމުގައި ނިހާޔަތަށް ވިސްނޭންފެށިއެވެ. ކެއިން ބުއިމުގެ އިތުރުން ފެންފޮދެއް ވެސް ލިބޭންއޮތީ ފައިސާ ޚަރަދުކޮށްގެންނެވެ. އެއްވެސްޚިދުމަތެއް ފައިސާއާނުލާ ލިބޭކަށް ނެތެވެ. މިގޮތަށް މިކަން ކުރާނަމަ މިގޮތަށް މިކަން ކުރުންނޫން ގޮތެއްވެސް ނެތެވެ.
ނިހާޔަތުގެ ރަށަށްވުރެ ތަރައްޤީވެ ކުރިއަރައި މާލެއާއިވެސް ގާތީ ސިފާންގެރަށް ކަމަށްވާތީއެރަށަށް ދިރިއުޅުން ބަދަލު ކުރުމާމެދު ނިހާޔަތު ވިސްނަމުން ދިޔައެވެ. އަދި އެކަމާބެހޭގޮތުން ސިފާނާއި ވާހަކަދައްކާ މަޝްވަރާކުރާން ވެސް ފެށިއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ފަށުފޫ

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 31

Next
July 14, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 31

Previews
July 13, 2013

ފަށުފޫ

2 Comments!

  1. mariyanmaa says:
    July 14, 2013 at 9:26 am

    ދެވަނަބައި ވެސް ރީތި

  2. ސަބީނާ says:
    July 14, 2013 at 9:52 am

    ވަރަށް ރީތި ވާހަކައެއް

Comments are closed.

Next Episodeއަނދިރިވުމުން←


All Right Reserved!