ހާދަހާވޭ ކުރާހިތް ސަމާސާ 18 ވަނަ ބައި
“އެޔޮއް އަންނަނީ އެމީހުން.” މަދު ބިނދެ ނިމިގެން ގަހުން ފައިބަން އުޅެފައި ހިބާ ގޮވާލި އަޑު އިވުނެވެ.
“ކޮން ބައެއް،” އެއްފަހަރާ ފިޒާއާއި ފައުޒާން އަށް ގޮވައި ލެވުނެވެ.
“މަހަށް ދިޔަ މީހުން.” ހިބާ ގަހުން ފުއްމާލި އެވެ.
އިރުކޮޅަކުން މަހަށް ދިޔަ ކުޑަ ޑިނގީ އައިސް ފަޅަށް ވަންތަން ފެނުމުން މޫދުގައި ތިބި މީހުން ވެސް ޑިނގީއާއި ދިމާއަށް ދާން ފެށި އެވެ. ޑިނގީ ބީއްސާލީ ހިބާމެން ތިބި ހިސާބާ ތަންކޮޅެއް ދުރަށެވެ.
އެމީހުން އައީ ވަރަށް ގިނަ މަސް ބާނައިގެނެވެ. ބޮޑު ހިބަރެއް ވެސް ބާނާފައި އޮތެވެ. ހިބަރު ބޭނީ އަޒުމީލުއާއި އަލީއާއި ވެގެންނޭ އެމީހުން ބުންޏެވެ. ހިބަރު ޑިނގީއަށް ލާން އުޅުން ގޮތުގެ ވާހަކަ ހީހީފައި މޫސަބޭ ކިޔައި ދިނެވެ.
“ހިބާ ކޮލަށް ކިހިނެއް ވެފަ ތިހިރީ؟” އަޒުމީލު ކުއްލިއަކަށް އެހި އެވެ. އޭރު ކޮލުގެ ރަތްކަން ހުރީ ވަރަށް ވެސް ކުލަ މަޑު ވެފަ އެވެ. ނަމަވެސް އަޒުމީލުއަށް އެކަން ފާހަގަ ވެއްޖެ އެވެ. އެތާ ތިބި މީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލި އެވެ. އެކަކުވެސް އެވާހަކަ އާކޮށްފައި ދައްކާކަށް ބޭނުމެއް ނޫނެވެ.
“އެއީ އަވީގަ މާ ގިނައިރު އުޅުނީމަ ކަމަށް ވާނީ.” ހިބާ އަވަހަށް ބުނެ ހަމަޖައްސާލި އެވެ.
ހަފީޒާއާއި ޝަކީލާ އެތަނަށް އައި އިރު މޫމިނާވެސް އައިސް އެތާ ހުއްޓުނެވެ.
“މިރެއަށް ހިބަރު ހަދާނީ ދޯ،” މޫމިނާ ބުންޏެވެ. ” މޫސަބޭ! ލަތީފާއްތަ ގޯތި ސަލީމު ގޮވައިގެން އައިސް ތި މަސްތައް ކަނޑައިގެން ގެނޭ ގޭދޮށަށް.” މޫމިނާ މޫސަބެއަށް ބުންޏެވެ.
“އަހަރެން ވެސް މި ކަނޑައިލަދީފާނަމޭ.” އަލީ ބުންޏެވެ.
“ދެން ތިބި މީހުން ހިނގާ ގޭދޮށަށް ކާން ދަމާ.” މޫމިނާ އެހެން ބުނެ އެނބުރުނު ވަގުތު ބޮޑު ބާލިދި އެއްގެ ފެން މޫމިނާ ގަޔަށް އޮއްސާލާފައި ފިރިހެން ކުއްޖެއް ހެމުން ހެމުން ހިގައްޖެ އެވެ.
“މީ އަދި ހާދަ ނުބައި ފުރޭތަ އެކޭ!” މޫމިނާ ބުނުމުން އެންމެން ހޭން ފެށި އެވެ.
އެދުވަހު މެންދުރު އެންމެން ކައިގެން ވެސް އެކަކު އަނެކެއްގެ ގަޔަށް ފެންޖަހަމުން މާ ފޯރި ގަދަކޮށްލައިފި އެވެ. ފިޒާ އަތުގައި އޮތީ ބާލިދި އެކެވެ. ރިފާ ގެންގުޅެނީ ތެއްޔެކެވެ. ފައުޒާން އާއި ފައްވާޒް ގެންގުޅެނީ ބޮޑު ބާލިދި އެކެވެ. ކޭ ތަށިތަކާ އެއްޗިހިނަގާ ބަދިގެ ސާފުކޮށްލުމަށް ފަހު ހިބާ ބޭރަށް ނިކުތީ އަޑުގަދަ ކަމުންނެވެ. ހިބާ ނިކުތް ކަމެއް ނޭގެ ހިބާ ފަހަތުން ފައުޒާން ދުއްވައި ގަތެވެ. ހިބާ ވެސް ދުއްވައި ގަތެވެ. ފަހަތުން އެހެން އެންމެން ފޯރިދީ ހޭ އަޑު އިވެ އެވެ. ހިބާ ދުވަމުން ގޮސް ވަނީ ކަންމަތީ ހުރިގޭ ގިފިއްޔަށެވެ. ހިބާ ގިފިލި ތަނޑު އަޅުވަން އުޅެނިކޮން ފައުޒާން އައިސް ދޮރުގައި ހިފާ އެތެރެއަށް ކޮށްޕާލި އެވެ. ހިބާ ދޮރާ އެއްކޮން ފަހަތަށް ދިޔަ އެވެ. ފައުޒާން އަތުގައި އޮތް ބާލިދި އޮއްސާލަން އުޅެނިކޮން ހިބާ ރެކިލުމުން ހިބާގަޔަށް ޖެހުނީ މަދު ފެންފޮދެކެވެ.
ފައުޒާން ބާލިދި ބަހައްޓާފައި ހިބާގެ އަތުގަ ހިފައިގެން ގެނެސް މާގަނޑު ދަށުގައި ބަހައްޓާ މާގަނޑު ދޫކޮށްލި އެވެ. ހިބާ ދުރަށް ދާން މަސައްކަތް ކުރަމުން ދިޔަވަރަކަށް ފައުޒާން ހިބާގެ އަތުގައި ހިފައިގެން ހިބާއާއި ކައިރިއަށް އަންނަމުން ދިޔަ އެވެ. ހިބާއަށް ފައުޒާންގެ ލޮލަށް ބަލައިލެވުނެވެ. އެލޮލުގައި ވަނީ ކޮންފަދަ ޖާދޫއެއް ހެއްޔެވެ. އެނޫން އެހެން ދިމާއެއް ބަލާހިތެއް އެވަގުތު ހިބާ ނުވި އެވެ. ފައުޒާންވެސް މިހާރު ހުރީ މާގަނޑު ދަށުގަ އެވެ. ދެމީހުން އެއްފަހަރާ ތެމެމުން ދަނީ އެވެ. ދެމީހުންގެ ހިތްވެސް އަވަސް ވަމުން ދިޔައެވެ. ބޭ އިހުތިޔާރުގައި ހިބާގެ ދެއަތުގައި ހިފާ ފައުޒާން ކައިރިއަށް ދަމާ ލެވުނެވެ. އަދި ދެމީހުން ދޭތެރޭ އިންޗިއެއް ނުވާވަރަށް ދެމީހުނަށް ގާތް ވެވުނެވެ. ހިބާގެ ލޮލަށް ފައުޒާން ބަލަން ހުރީ އެލޮލުގައި ވާ ޖާދޫއަކުން ކަމެއް ނޭގެ އެވެ.
“ހިބާ! ޒާން!” ބޭރުން ގޮވާއަޑު އިވުމުން ދެމީހުން ސިހިގެން ގޮސް ދުރުވެލި އެވެ. އަދި ހިބާ އަވަހަށް ގިފިލިން ނިކުމެގެން ދަމުން ދިޔައީ ބޭރުން ގިފިލީގެ ތަންޑު އަޅުވާފަ އެވެ. އޭރު އެހެން މީހުން އެގޭ ދޮރުމަތީ މަޑު ކޮށްލައިގެން ތިބީ އެމީހުން ވަނީ އެގެއަށް ކަމެއް ނޭގޭތީ އެވެ.
“ކޮބާ ޒާން؟” ހިބާ ފެނުމުން އަޒުމާ އެހި އެވެ.
“މިއައީ އެގޭ ގިފިއްޔައް ވަނީމަ ބޭރުން ތަނޑު އަޅުވާފަ.” ހިބާ އެގެއާއި ދިމާއަށް އިޝާރާތް ކުރަމުން ބުންޏެވެ. އެންމެން ހެމުން ހެމުން އެގެއާއި ދިމާއަށް ދިޔަ އެވެ.
“ހިބާ! އާދޭ ފަންކުޅެން ދާން.” އެހެން ދިޔަ އަންހެން ގުރޫޕެއް ގޮވާލި އަޑު އިވުނެވެ. ހިބާ އެމީހުން ފަހަތުން ދުއްވައި ގަތެވެ.
ފައުޒާން ގޮވައިގެން ބޭރަށް ނިކުތް އިރު ހިބާ ފެންނާކަށް ނެތެވެ. ހިބާ ހޯދަން އުޅޭނެ ފުރުސަތު ވެސް ނުލިބުނީ އެވެ. އެއީ ލަތީފާއްތަ މެންގެއިން ސައިބޯން ދައުވަތު ލިބިފައި ވާ ވާހަކަ މޫމިނާ އައިސް ބުނުމުން އެގެއަށް ދާން ޖެހިގެނެވެ. ތިބި ގޮތަށް ތިބެ އެންމެން އެގައަށް ގޮސް ސައި ބޮއެ ހަދައިގެން ހުރިހާ އަންހެނުން ގަސްތު ކުރީ ދެން ފެން ވެރުމަށެވެ. ފިރިހެނުން ގަސްތު ކުރީ އަދި މޫދަށް އެރިލާފައި އައިސް ފެންވަރާށެވެ.
ހިބާއަށް ގެއަށް އާދެވުނީ ބަންގި ގޮވަނިކޮންނެވެ. ހިބާ އައިސް އަވަސްވެ ގަތީ ފެންވަރާށެވެ. އަންހެން ކުދިންގެ ކޮޓަރީގައި އެންމެން ތިބީ ކިއުގަ އެވެ. އަޒްކާ ފާހާނާއަށް ވަންގޮތަށް ނުނިކުމެގެން އަޒުމާ ހުރެގެން ހަޅޭއްލަވަނީ އެވެ. ހިބާ ތުވާއްޔާ ހެދުމާ އެއްޗިހި ހިފައިގެން ނިކުތީ ގިފިލިން ފެން ވަރާށެވެ.
ފިރިހެނުން މޫދުން އައިސް ގެއަށް ވަނީ އެގަޑީގަ އެވެ. އެމީހުނަށް ހަމަޖައްސާފައި ހުރި ކޮޓަރި ފާހާނާއަށް ވަނީ އަޒުމީލު އެވެ. ފައްވާޒް ވަނީ ހަފީޒާ މެނަށް ދީފައި ހުރި ކޮޓަރި ފާހާނާ އަށެވެ. އޭރު ރިފާ ފެންވަރައިގެން ނުކުމެ ފައްވާޒްގެ އެއްޗިހި އިސްތިރި ކުރަން އުޅެ އެވެ.
ކޮޓަރިން ތުވާލި އަދެގެން ނުކުތް ފައުޒާން އައީ އޭނަގެ އަންނައުނު ދެ އިނގިލި ކުރިން ހިފައި ގެން ގިފިއްޔާ ދިމާލަށެވެ. ފައުޒާން ދޮރު ކައިރީ މަޑުކޮށްލައިގެން ހުރީ ކޮންމެސް މީހަކު ގިފިލާގައި އުޅޭތީ އެވެ.
އިރުކޮޅަކުން ގިފިލި ދޮރު ހުޅުވުނެވެ. ފައުޒާންއަށް ފުރަތަމަ ވެސް ފެނުނީ ގައިގައި ތަތް ލަވާފައިވާ ހިބާގެ ދިގު އިސްތަށި ގަނޑެވެ. ފައުޒާން ގިފިއްޔަށް ވަނީ ހިބާއަށް ބޭރަށް ނުނިކުމެ ވެނީހެވެ. ހިބާ ބޭނުންވީ އަވަހަށް އެތަނުން ނިކުމެގެން ދާށެވެ. ނަމަވެސް ފައުޒާން ހިބާގެ އަތުގައި ހިފާ ފައުޒާންއާއި ދިމާއަށް ދަމާލި އެވެ. ހިބާ އައިސް ފައުޒާންގެ މޭގައި ތަތް ވި އެވެ. ނަމަވެސް ހިބާ ތެޅިގަނެފައި އަވަހަށް އެތަނުން ނުކުތީ އެވެ. އަވަސް ވެފައިވާ ހިތަކާއެކު ދުވަމުން އައިސް ކޮޓަރިއަށް ވަން އިރު އަޒްކާ އުޅެނީ ރީތި ވާށެވެ. ރިފާވެސް ކޮޓަރި އެނދުގައި އިށީދެލައިގެން އިނެވެ.
“ކިހިނެއްވީ؟ ހާދަ ހާސްވެފަ ތިހިރީ؟” ރިފާއަށް ހިބާގެ ރަތްވެފައިވާ މޫނު ފެނުމުން ބުންޏެވެ. ހިބާ ކަމެއް ނުވާކަމަށް ބުނެ އަވަހަށް ތައްޔާރުވާން ފެށި އެވެ.
ފައުޒާން އެއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ. ނަދުވާ ދެކެ ލޯބިވާއިރު ހިބާ އާއި އެކު އެގޮތަށް އެއުޅެނީ ކީއްވެ ހެއްޔެވެ. އަނެއްކާ ހިބާދެކެ ލޯބިވަނީ ހެއްޔެވެ. ނޫނީ ފައުޒާންގެ ނިޔަތް ގޯސްވީ ހެއްޔެވެ. ހިބާ އިސްތަށި ގަނޑުގައި ފުނާ އަޅަމުން ދިޔައިރު ވިސްނަމުން ދިޔައީ ފައުޒާންގެ އަމަލުތަށް މިހާރު ހުންނަ ގޮތާއި މެދު އެވެ.
އެރޭ ހިބާ ބެލީ އެކަނިވެރިކޮން ނުހުރެ ވޭތޯ އެވެ. އަދި ފައުޒާން ފެންނަ ހިސާބުގައި ވެސް ނުހުންނަން މަސައްކަތް ކުރި އެވެ. ހިބާ ބޭނުންވަނީ ފައުޒާންއާއި ވީހާވެސް ދުރުން އުޅޭށެވެ. ނަދުވާ ރުޅި އައިސްދާނެތީ ހިބާ ވަރަށް ބިރުގަނެ އެވެ. އަދި ފައުޒާން އުޅޭ ގޮތުން ތަދުވަމުން ދަނީ ހިބާގެ ހިތަށެވެ. އަޒުމީލު ބުނީ ތެދެކެވެ. މިކަމުން ހުރިހާ ދެރައެއް މިވަނީ ހިބާ އެވެ.
އެރޭ ފިރިހެން ވެރިން ކައިނިމުނު ތަނާ ނަދީމާ އައިސް ބަދިގެއަށް ވަނެވެ.
“ޒާން. ނަދޫ އެ އޮންނަނީ މެންދުރުވެސް ނުކައި. މިރޭވެސް ކާން ހިގާށޭ ކިޔާކިޔާ ހަމަ ނާންނަން އެ އޮންނަނީ،” ނަދީމާ ހުރީ ކަންބޮޑު ވެފަ އެވެ. “ޒާން ދޭބަލަ. އޭނަ ކޮންމެސް އެއްޗެއް ކައިތޯ ބަލަން.”
ފައުޒާން އޭރު ހުރީ ފެންފުޅިން ފެން ބޯށެވެ. ފައުޒާންއަށް ބަލައިލެވުނީ އެވަގުތު ބަދިގެ ދޮރު ކައިރީ ހުރި ހިބާ އަށެވެ. ހިބާއާއި ފައުޒާންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ އެވެ. ހިބާ އަވަހަށް އައިސް މޭޒުމަތީ ކައިފައި ހުރި ތަށިތައް ނަގަން ފެށި އެވެ.
“ހިންގާ، މަވެސް ދާނަން.” ގޮނަޑީގައި ކެއުމަށް ތައްޔާރު ވެގެން އިން އަޒުމާ ތެދުވަމުން ބުންޏެވެ.
އަޒުމާއާއި ފައުޒާން ބަދިގެއިން ނިކުމެގެން ދިޔަތަން ބަލަން ހިބާ ހުއްޓެވެ. މިހާރު ހިބާއަށް މިވަނީ ކިހިނެއް ހެއްޔެވެ. އުނދަގޫ ވަނީ އެވެ. ފައުޒާން ބަލާތީ އުނދަގޫ ވެއެވެ. ނަމަވެސް އުފާވެސް ވެއެވެ. ފައުޒާން ކައިރި ވުމުން ބިރު ގަނެ އެވެ. އެހެނަސް އުފާ ވެއެވެ. ފައުޒާން ދެކެ ލޯބިވާ ވާހަކަ ފައުޒާން ކައިރީ ބުނެފިއްޔާ ދެންވާނީ ކިހިނެއް ހެއްޔެވެ. އޭރުން ފައުޒާން ނަދުވާއާއި ރުޅިވެގެން ހިބާ ކައިރިއަށް އަންނާނެ ހެއްޔެވެ. ނޫނެކެވެ. ފައުޒާން ހިބާދެކެ ލޯތްބެއް ނުވެ އެވެ. ދެން ތިހެން ވިއްޔާ ފައުޒާން އެއުޅެނީ ކިހިނެއް ހެއްޔެވެ. ތަށި ދޮންނަން ހުރި ހިބާ ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދާވަރު ވެއްޖެ އެވެ.
ނަދުވާ ގޮވައިގެން ފައުޒާންއާއި އަޒުމާ އައިސް ނަދުވާ ގޮނޑިއެއްގައި ބޭންދި އެވެ.
“ހިބާ، އައި އޭމް ސޮރީ!” ހިބާ ނަދުވާ ކައިރީ ބަތްކާ ތައްޓެއް ބަހަށްޓައި ދީފައި ނުކުމެގެން ދާން އުޅެނިކޮން ނަދުވާ ބުންޏެވެ. ހިބާ ހުއްޓިފައި ފަހަތަށް ބަލައިލި އެވެ. ނަދުވާ އިނީ އިސް ޖަހައިގެންނެވެ. ހިބާ ފައުޒާން އަށް ބަލައިލި އެވެ. ފައުޒާން އެހެން ދިމާލަކަށް މޫނު އަނބުރާލި އެވެ.
“އިޓްސް އޯކޭ.” އެހެން ބުނެފައި އަވަސް އަވަހަށް ބަދިގެއިން ނިކުމެގެން ހިބާ ދިޔައީ އެވެ.
ގޭތެރޭ ވާހަކަ ދެކެވެމުން ދަނީ އަނެއްދުވަހު ކައއިރީގައި އޮތް ފަޅު ރަށަކަށް ދަތުރު ދާ ވާހަކަ އެވެ. އެންމެން ވެސް ތިބީ ވަރަށް ދާ ހިތް ވެފަ އެވެ.
“ހެދުނު ސައި ބޮއެ ހަދައިގެން ދާނީ،” މޫސަބޭ ބުންޏެވެ. “އެރަށާ އޮޑި ކައިރި އެއް ނުކުރެވޭނެ. ނިކަން ފަޅު ބޮޑު ތިލަ ރަށެއް އެއީ. އޮޑި ދުރުގަ ބާއްވައިގެން އެއްޗިހި އުފުލަން ޖެހޭނީ.”
“އެއީީ ތެދެއް،” މޫމިނާ އެއްބަސް ވެލި އެވެ. “މެންދުރަށް ވެސް ކައްކަން ހުރިހާ ތައްޔާރީއެއް ކޮށްގެން ދާނީ. އޭރުން ގޮސް ހަމަ ކައްކާލަން ޖެހޭނީ.”
“ލޮނުމިރުސް ގަޑެއްވެސް ފުޑާލަން ވާނެ،” އަލީ ބުންޏެވެ. “މެސް ފިހަން ޖެހޭނެނު.
ހިބާ އެންމެން ވާހަކަ ދައްކާތާގައި ހުރެފައި ބޭރަށް ނިކުތީ ސުޕާރީއެއް ގަންނަން ދާށެވެ. ގޭ ކައިރި ޖޯލިފަތީގައި ފައުޒާންއާއި ނަދުވާ ތިއްބެވެ. ހިބާ ފަހަތުން އަޒުމީލު ވެސް ނިކުތެވެ.
“ހިބާ ކޮންތާކަށް؟” އަޒުމީލު އަހާލި އެވެ.
“ހިނގާ ހިބާއާއި އެކީ ހިގާލަން.” ހިބާ ގަސްތުގައި އެހެން ބުނީ ފައުޒާންއަށް އަޑު އިއްވަންށެވެ.
“ހިންގާ.” އަޒުމީލު އައިސް ހިބާގެ އަތުގައި ހިފާލި އެވެ. ހިބާ އަޒުމީލުއަށް ހީލަމުން ހިގައި ގަތެވެ. ދުރަށް ދެވުމުން އަޒުމީލު ހިބާގެ އަތުން ދޫކޮށްލި އެވެ.
“ހިބާ،” މަޑު ހިގުމެއްގައި ދަމުން އަޒުމީލު ގޮވާލި އެވެ.
“ހޫމް؟” ހިބާ އަޒުމީލުއަށް ބަލައިލަމުން ބުންޏެވެ.
“މިއަދު ނަދޫ ހިބާގެ ކޮލަށް މާ ވަރުގަދަ ހަދިޔާއެއް ދިން ކަމަށް އަޑު އިވިއްޖެ.” އަޒުމީލު ބުނުމުން ހިބާ ހުއްޓުން އަރާފައި އަޒުމީލުއަށް ބަލައިލި އެވެ.
“ހިބާ ނަމަވެސް އެހެން ވެދާނެ. ލޯބިވާ މީހަކު އެހެން އަންހެނަކާއި އެކު އުޅެންޏާ ދެރަވާނެ، ހަސަދަ ވާނެ.” ހިބާ އަނެއްކާ ވެސް ހިގައި ގަންނަމުން ވާހަކަ ދެއްކި އެވެ.
“ނަދުވާ އެއުޅެނީ ހަމަ ދަޅައެއް ދައްކައިގެން. ހަމަތެދެއް މިބުނީ.” އަޒުމީލު ބުންޏެވެ.
އޭރު ފިހާރަ ދޮރުމައްޗަށް އާދެވިއްޖެ އެވެ. ފިހާރައަށް ހިބާ ވަނުމުން އަޒުމީލުވެސް ހިބާ ފަހަތުން ފިހާރައަށް ވަނެވެ.
“ހިބާ!” ޒުވާން ފިރިހެން ކުއްޖަކު ހިބާއަށް ގޮވާލުމުން ހިބާވެސް އެޒުވާނާއަށް ބަލައިލާފައި ވަރަށް ހިނިއައިސްގެން ޢީދު މުބާރިކް ކިޔާ ސަލާން ކޮށްލި އެވެ. އެކުއްޖާއަށް އަޒުމީލު ފެނުމުން އަވަސް އަވަހަށް ފިހާރައިން ނިކުމެގެން ހިގައްޖެ އެވެ. ހިބާ ހުރީ ހައިރާން ވެފަ އެވެ.
“ހިބާ، އެއީ ކާކު؟” އަޒުމީލުއަށް އެޒުވާނާގެ ނަން ނޭގުނަސް އެއީ މީގެ ކުރިން ދެކެފައިވާ މޫނެކެވެ.
“އެއީ މިންހާޖް. މިރަށު މީހުން ކިޔާނީ ހަޖޭ،” ހިބާ ކައުންޓަރު ކައިރިއަށް ގޮސް ސުޕާރީ ގަތެވެ. އަދި އަޒުމީލުއަށް ސުޕާރީ ޕެކެޓެއް ދިއްކޮށްލި އެވެ.
“އެއީ މިރަށު ކުއްޖެއްތަ؟” އަޒުމީލު އަހާލި އެވެ.
“އާން. އެއީ ހިބާމެނާ ކޮންމެސް ވަރަކަށް ތިމާގެ ކުއްޖެއް، އޭނަ އުޅެނީ މާލޭގަ،” ހިބާ ސުޕާރީ ޕެކެޓު އަނގައަށް ލާފައި ދަމައިގަތެވެ. ދެމީހުން ފިހާރައިން ނިކުމެ އަނެއްކާވެސް ހިގަން ފެށިއެވެ. “ހަޖޭ މަސައްކަތް ކުރަނީ ހިބާ ބައްޕަ ކައިރީ.”
“ހިބާ، އެއީ ނަދުވާއާއި އެއްކޮން އަހަންނަށް ސިޑިމަތިން ފެނުނު ކުއްޖާ. ދެރޭ އޭނަ ފެނުން،” އަޒުމީލު ހިބާ ކައިރީ ބުންޏެވެ. “އޭނައަށް އަހަރެން ފެނުނީމަ އަވަސް އަވަހަށް އެދިޔައީނު ފިހާރައިން ނުކުމެގެން. އޭނައަށް ވެސް އަހަރެން އެނގޭތީނު އެއީ.” ހިބާ ހައިރާން ވެފައި ހުއްޓެވެ. މިންހާޖް އެއީ އެކަހަލަ ކުއްޖެއް ކަމެއް ހިބާއަށް މީގެ ކުރިން އެގިފައެއް ނެތެވެ. މިންހާޖަކީ ވެސް ހިބާއާއި އެއް އުމުރެއްގެ ކުއްޖެކެވެ.
“ހަޖޭއަށް އަދި އަށާރަ އަހަރުވެސް ނުވާނެ.” ހިބާ ބުންޏެވެ.
“ނަދޫއަށް އޯކޭވާނެ ކުޑަކުއްޖަކަސް. އޭނަ ބޭނުން ކަންތައް ފުދެންޏާ.” އަޒުމީލު ބުންޏެވެ.
“ހިބާ،” ހަމަހިމޭން ވަގުތު ކޮޅަކަށް ފަހު އަޒުމީލު ހިބާއަށް ގޮވާލި އެވެ. ހިބާ އަޒުމީލުއަށް ބަލައިލި އެވެ. “އަހަންނަށް ހީވަނީ ޒާން ވެސް ހިބާދެކެ ލޯބި ވާހެން.”
“ވަޓް؟” ހިބާއަށް ހުއްޓިފައި އަހާލެ ވުނެވެ. “ކީއްވެ ތިހެން ތި ބުނީ؟” ހައިރާން ވެފައި ހުރެ ހިބާ އެހި އެވެ.
“ޒާން ހިބާއަށް ކުރާ އުނދަގުލާ، ޒާން ހިބާއަށް ބަލާގޮތުން ހަމަ އެހެން ހީވީ.” އަޒުމީލު ބުންޏެވެ. ހިބާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭގުނެވެ. ހިތުގައި މުޅިން އާ ވިންދެއް ޖަހަންފެށި ކަހަލަ އެވެ. ނަމަވެސް ހީވި ހީވުމަކަށް ބަރޯސާ ވެގެން ހުންނާކަށް ނުވާނެ ނޫން ހެއްޔެވެ. އަޒުމީލުއަށް އެކަން ފާހަގަ ވުމުން އެގެނީ ކޮންމެސް ކަމެއް ފައުޒާންގެ ހިތުގައި ވެސް ވާކަމެވެ. ހިބާ ހިޔާލެއްގައި ހުރެގެން ހިގަމުން ދެއެވެ. އަޒުމީލު ވެސް އަނގައިން ނުބުނެ ހިބާއާއި އެކު އައިސް ގޭކައިރީ މަޑުކޮށްލި އެވެ. އޭރު ޖޯލީގައި ތިބީ ހަފީޒާއާއި ޝަކީލާއާއި ރަޝީދެވެ. ހިބާއާއި އަޒުމީލު އެކަނިވެރި ގޮތަކަށް ފެނުމުން ޝަކީލާ އުފަލުން ފޮޅުނެވެ. ހިބާއާއި އަޒުމީލުގެ ގުޅުމެއް އޮންނަކަމަށް ޝަކީލާއަށް ހީވާން ފެށި އެވެ. ހަފީޒާ ވެސް އިނީ އެކަހަލަ ހިޔާލެއްގަ އެވެ.
ހިބާ އެތެރެއަށް ވަން އިރު ސޯފާގައި ފައުޒާން އާއި ނަދުވާ ތިބީ ނުހަނު ގައިގޯޅި ވެގެންނެވެ. ހިބާއަށް އެދެމީހުން ފެނިފައި ހުއްޓުން އެރި އެވެ. ފައުޒާންއަށް ކުއްލިއަކަށް ހިބާ ފެނުމުން ނަދުވާއާއި ދުރަށް ޖެހިލެވުނީ ބޭއިހުތިޔާރުގަ އެވެ. ހިބާއަށް އެކަން ފާހަގަ ވެސް ކުރެވުނެވެ. ހިބާ އަވަހަށް އައިސް ކޮޓަރިއަށް ވަނެވެ. އޭރު އަޒުމާއާއި ރިފާ ތިބީ އެނދުގައި ނިދާފަ އެވެ. ބިންމަތީ ގޮދަޑީގައި އަޒުކާ ފޯނާ ކުޅެން އޮތެވެ.
“މިރޭ ހިބާއަށް ތިރި ދޯ.” ހިބާ އަޒުކާ ކައިރީ ކަކޫޖަހައިގެން އިށީންނަމުން އަހާލި އެވެ. އަޒުކާ ހީލި އެވެ. އަޒުކާ އޮތީ މާޒްއާއި ޗެޓްކުރަން ކަން ހިބާއަށް އެގުނީ އަޒްކާއަށް ވާހަކަ ދެއްކޭވަރު ވެސް ނުވީމަ އެވެ.
* * * * * * * * * * * *
އެންމެން ތައްޔާރުވަނީ ދަތުރު ދިއުމަށެވެ. މިހާރު ގާތް ގަޑަކަށް އެންމެންހެން ހެދުނުގެ ނާޝްތާކޮށް ނިމިއްޖެ އެވެ. ނަދުވާ ހަމަ ނުދާން ވަރުދައްކަނީ އެވެ. ނަދުވާ ބޭނުންވަނީ އެރަށުގައި މަޑުކުރާށެވެ. ނަމަވެސް ނަދީމާ އެކަމާ އެއްގޮތަކަށް ވެސް ގަބޫލެއް ނުވި އެވެ. އެކަނިމާ އެކަނި ގޭގައި ނޯވެވޭނެ ކަމަށް ނަދީމާ ބުނަމުން ދިޔަ އެވެ.
“ދެން އެމަންޖެ އެހާ ދާހިތް ނުވަންޏާ ބަހައްޓާފަ ދާންވީނު.” އެހާވަރަށް ނަދުވާ އާދޭސް ކުރަމުން ދާތީ މޫމިނާ ބުންޏެވެ. “މެންދުރަށް ކެއްކިތަނުން އެމަންޖެއަށް ވާވަރަށް އެތިކޮޅެއް ބަހައްޓާފަ ދާނީ.”
“ތިގޮތެއް އަހަންނަކަށް ކަމަކު ނުދޭ.” ނަދީމާއަށް އެގޮތެއް ކަމަކު ނުދިޔަ އެވެ. އެންމެފަހުން ރުޅި މޫނާއެކު ނަދުވާއަށް ޖެހުނީ ދާށެވެ. އެކަމާވެސް ރުޅިއައިސްފައި ހުރީ ހިބާ ދެކެ އެވެ.
“ހިބާގެ އާއިލާވެސް ވެއްޖެވިއްޔަ ފާޑެއްގެ ރަށަކަށް ދާން ހަމަ މިއަދު.” ނަދުވާ ބުނީ ހަމައެކަނި އެތާ ހުރި ފިޒާއާށް އަޑު އިވޭ ވަރަށެވެ.
އެގޭ ޑިނގީގައި އެންމެނަށް ނުދެވޭނެތީ، ކުޑަ އިންޖީނެއް ލާފައިވާ ބޮއްކުރައެއް މޫސަބޭ ވަނީ ހަމަޖައްސާފަ އެވެ. އެންމެން ބޮއްކުރަޔައް އެރިއެވެ. ހިބާ ގަސްތުގައި ޒުވާން ކުދިންކޮޅު އެރި އެއްޗަށް ނާރާ މަޑުކޮށްލައިގެން ހުރީ އެވެ. އެއީ ފައުޒާންއާއި ކުރިމަތިލާން ބޭނުން ނުވާތީ އެވެ. އަދި ހާއްސަކޮން ނަދުވާ ފައުޒާން ގައިގައި ތަތްކޮށްލައިގެން އުޅޭގޮތް ފެންނާތީ އުދަގޫ ވާތީ އެވެ.
ދެބައި މީހުނަށް ވެސް ދެވުނީ އެއްކޮނެވެ. ފައިބަން ޖެހުނީ މޫދަށެވެ. ފައިގެ ކަށިމައްޗާ ހިސާބަށް މޫދުގެ ލޮނުގަނޑު އަރައެވެ. ހިނގާފައި އެއްގަމަށް ދާން ވެސް އެހާ ކައިރިއެއް ނޫނެވެ. ކޮންމެ މީހަކުވެސް އެމީހަކަށް އަތު ޖެހުނު އެއްޗެއް ހިފައިގެން އެއްގަމަށް ދާން ފެށި އެވެ. ހިބާވެސް ހިފީ ބޮޑު ދެ ފެން ފުޅި އެވެ.
ނަދުވާ މޫދަށް އެރޭކަށް ބޭނުމެއް ނުވި އެވެ. ނުތެންމަ ގެންގޮސް ދިނުމަށް ފައުޒާން ކައިރީ ކިޔަން ފެށި އެވެ. ފައުޒާން އޭރު ހިފައިގެން ހުރި މަސްފިހޭ ދާގަނޑު މާޒްއާއި ހަވާލުކޮށްފައި ނަދުވާ އެއްގަމަށް ގެނައީ އުރާލައިގެނެވެ.
އެއީ ވަރަށްވެސް ހިތްގައިމު ރީތި ރަށެކެވެ. ބޮޑު ފަޅު ރަށެކެވެ. މުޅި ރަށުގައި ވަނީ ވަލެވެ. ބޮޑު ހިރުދު ގަހެއްގެ ހިޔަލުގައި އެއްޗިހިތައް އަތުރާލި އެވެ. އެކުމީހުން އެކި ބައިބަޔަށް ބެހިލައިފި އެވެ. މަސްބާނަން ދާން ބޭނުން މީހުން ގޮސް ޑިނގީއަށް އަރައިފި އެވެ. އޭގެ ތެރޭ ފައުޒާންއާއި އަޒުމީލު އަދި މާޒް ތިއްބެވެ. ނަދުވާ ގެނައި ފޮތިގަނޑު ހުދު ދޮންވެލި ގަނޑުގައި ފަތުރާލައިގެން އަވިއައިނު އަޅާލައިގެން އޭގެމަތީ އޮށޯވެލައިގެން ނަދުވާ އޮތެވެ. ފިޒާއާއި އަޒްކާއާއި ހިބާ ގަސްތުކުރީ ރަށުތެރެ ބަލައިލަން ދާށެވެ. އެމީހުން ފަހަތުން ނަވާވެސް އަޅުވާލި އެވެ.
އަޒުމާއާއި ޒެކްއާއި ރިފާއާއި ފައްވާޒް ވަނީ ވަލުތެރެއަށް ދަރު އެއްކުރާށެވެ. ނަދީމާއާއި ހަފީޒާއާއި ޝަކީލާއާއި މޫމިނާ އުޅުނީ އަލިފާންގަނޑެއް އެންދުމަށް އުނދުނެއް ހެދުމުގެ މަސައްކަތުގަ އެވެ. ބާނައިގެން އަންނަ މަސް ފިހުމަށެވެ.
“ހިބާމެން މިރަށަށް ވަރަށް ގިނައިން އަންނަންތަ؟” ފިޒާ ހިގަމުން އަހާލި އެވެ.
“އާން. މިދިމާލުގައި ޓެންޓެއް ވެސް އިންނާނެ،” ދިމާލަކަށް އަތް ދިއްކޮށްލަމުން ހިބާ ބުންޏެވެ. “އެތަނަށް އޯވަރ ނައިޓް ކުރަންވެސް މީހުން އަންނާނެ. ހިބާ އެކަމު ވަރަށް ބިރުގަނޭ ރޭގަނޑު މިކަހަލަ ފަޅު ރަށްރަށުގަ އުޅެން.” ހިބާ ބުންޏެވެ.
“ހިބާ، އަސްލު ކުރިން ފިޒް ހީކުރީ ހިބާއަކީ ވަރަށް އެހެން ކަހަލަ ކުއްޖެއް ކަމަށް. އެއީ ފިޒްއަށް އަޑު އިވިފަ އޮތީ ހިބާގެ ވަރަށް ހަޑި ވާހަކަ ތަކެއް.” ފިޒާ ބުންޏެވެ.
“ކޮންކަހަލަ ވާހަކައެއް؟” ހިބާ އަހާލި އެވެ.
“މިހާރަކު އެވާހަކައެއް ނުދެއްކޭނެ.” ފިޒާ ނަވާއާއި ދިމާއަށް ބަލައިލި އެވެ. “ފަހުން ބުނާނަން.” ހިބާ ބޯޖަހާލި އެވެ.
ހިބާމެން ރަށުގެ އަތިރިމަތިން ބުރުޖަހާފައި އައި އިރު ހުރިހާ މަންމަ ތަކެއް އުޅެނީ ބޮޑު އަލިފާން ގަޑެއް ޖަހައިގެނެވެ. ފައްވާޒްއާއި ޒެކް އުޅެނީ ކުރުބާތަކެއް އަޅައިގެން އެ ހަދާށެވެ. ރިފާއާއި އަޒުމާ އެތާއޮތް ރުއްބުޑެއްގައި އިށީދެގެން ތިއްބެވެ. ނަވާ ދުވަމުން އައިސް އެމީހުން ކައިރީ ރުއްބުޑުގައި އިށީނެވެ.
“ހިންގާ މޫދަށް.” އަޒުމާ ބުންޏެވެ.
“ދެން މިއޮއް ތިލަ މޫދަށް އެރެން ވަރަށް ފޫހި.” ރިފާ ބުންޏެވެ.
“ދުރަށް ހިގާފައި ދިޔައިމަ ފުންވާނެ.” ހިބާ ބުންޏެވެ.
“އެހެން ދިމާލަކު ފުންތަނެއް ނެތްތަ؟” އަޒުމާ އަހާލި އެވެ.
“އެދިމާލުގައި އޮންނާނީ ހުސް ގާ. މިކޮޅު އެންމެ ރީތި ވާނީ.” ހިބާ ބުންޏެވެ.
އެންމެން އެއްބަސް ކިޔާފައި ފެންފުޅިއެއް ހިފައިގެން މޫދަށް އެރިގެން ދުރަށް ދާން ފެށި އެވެ. ނަވާ ދާން އުޅުމުން ނަދީމާ އެކުއްޖާ ހިފެހެއްޓީ އެވެ. ވަރަށް ދުރަށް ދިޔަފަހުން ފުން ވެއްޖެ އެވެ. އެތާ މޫދުގައި އެކަކު އަނެކަކަށް ސަކަރާތް ޖަހަން ބާރު އަވީގައި އުޅުނެވެ. މޫދުގެ އެކި ކުޅިވަރުތައް ކުޅެކުޅެފައި އުޅެނިކޮން މަސްބާނަން ދިޔަ ގުރޫޕު އައިސް އެދިމާލަށް ނަގިލި އެއްލި އެވެ. ފައުޒާންއާއި މާޒްއާއި އަޒުމީލު ޑިނގީން ފުންމާލީ އެހެން މީހުން މޫދަށް އެރިގެން އުޅޭ ދިމާލަށެވެ. ދެން ތިބި ހަރު މީހުން، ބޭނި މަސްތައް ހިފައިގެން އެއްގަމަށް ހިގައި ގަތެވެ.
ފައުޒާން ޓީޝާރޓް ބާލައިގެން އައިސް އެނަގާ ހިބާގެ މޫނުގައި އޮޅާލި އެވެ. ހިބާ ރުޅި އައިސްގެން ޓީޝާރޓް ނަގާ އެއްލާލި ތަނުން އެގޮސް އެޅުނީ އަޒްކާގެ ބޮލުގަ އެވެ. އަޒްކާ އެ ހޫރާލީ އަޒުމާ އަތަށެވެ. ދެން އެފެށުނީ އަންހެން ފިރިހެން ވަކިން ބައި ބަހައިގެން އެކުޅިވަރު ކުޅޭށެވެ. ކޮންމެ ފިރިހެނަކަށް އަންހެނެއް ވަނީ ބަހާލާފަ އެވެ. އަޒުމާ ހުރީ ޒެކް ކައިރީ އެވެ. ރިފާ ހުރީ ފެންފުޅި ބަނޑުދަށަށް ލައިގެން އޮތް ފައްވާޒްގެ ޓީޝާޓް އަތަށް އޮޅައިލައިގެނެވެ. އެއީ ފައްވާޒް ދުރަށް ދިޔަ ނުދޭށެވެ. މާޒްގެ ކޮނޑަށް އަރާ އަޒްކާ އޮތެވެ. އަޒުމީލު ކައިރީ ފިޒާ އެނބުރެ އެވެ. ހިބާ ފައުޒާން ގައިގައި އަތްނުލާ ވޭތޯ ބަލަ އެވެ. ކޮންމެ ފަހަރަކު ފިރިހެން ޓީމަށް ޓީޝާރޓް ލިބެނީ ހިބާއަތަށް ދޭ ވަގުތު އެވެ. މިފަހަރު ޓީޝާރޓް އައީ ހިބާމެނާ ތަންކޮޅެއް ދުރަށެވެ. ހިބާ އެދިމާލަށް ދާން އުޅެނިކޮން ފައުޒާން ހިބާގެ ފައިގައި ހިފެހެއްޓުމުން ހިބާއަށް ކުރިއަކަށް ނުދެވުނެވެ. އެތަނަށް އަޒުމީލު އައިސް ޓީޝާރޓް ނެގި އެވެ. ފައުޒާން ހިބާގެ ފައިން ދޫކޮށްލީ ފައިގެ ދައްފުށުގައި ކޮށްޓައި ގަނެފައެވެ. ހިބާ ހީލި އަރައި ގަނެގެން ފައުޒާން ގައިގައި ފައިން ޖަހާފައި ފަތައި ގަތެވެ. އަދި ދިޔަ ގޮތަށް ގޮސް ކައިރީގައި އޮތް ބޮއްކުރައަށް އަރައިފި އެވެ. ހިބާ ބޮއްކުރައިން ފުންމާލިތަން ފެނުމުން އެންމެން ބޮއްކުރައަށް އަރާ ފުންމަން ބޭނުން ވެއްޖެ އެވެ. އެ ސަކަރާތުގައި އެންމެން އުޅެފައި ފެންބޯން ތިއްބާ ހަފީޒާ އެއްގަމުގައި ހުރެ ހަނާ އަޅަމުން ދާތަން ފެނުނެވެ. އެހެން ކަމުން އެންމެން އަވަހަށް އެއްގަމަށް އެރި އެވެ.
މެންދުރު ކައިގެން އެންމެން ތަންތަނަށް ޖެހިފައި ތިއްބެވެ. އިރުކޮޅަކު އެހެން ތިބުމަށްފަހު ނަވާ ގެންގުޅޭ ބޯޅައަކުން ފައިގަ ތަޅާ ކުޅެން އަޒުމާއާއި ހިބާ އުޅެން ފެށި އެވެ. އެމީހުނާ ބައިވެރިވާން ރިފާއާއި ފައްވާޒްއާއި އަޒުމީލުއާއި ޒެކް ދިޔައެވެ. މާޒް އަދިވެސް ތެދުވަން މަސައްކަތައް ވެލިގަނޑުމަތީ ނިދާލާފައި އޮތީ އެވެ. ފައުޒާން އަވި އައިނު އަޅައިގެން ނަދުވާ އޮތް ފޮތިގަނޑު މަތީ ޖައްސައިލައިގެން އޮންނައިރު ހީވަނީ އަދިވެސް ނިދާފައި އޮތް ހެނެވެ. ނަމަވެސް ފައުޒާން ބަލަމުން ދަނީ ހިބާއާއި ދިމާއަށެވެ. ހިބާގެ ކޮންމެ ހަރަކާތެއް ވެސް ފައުޒާންއަށް ކަމުދެ އެވެ. އިރުކޮޅަކާ ފުންމައި ގަންނަގޮތް ވެސް ވަރަށް ކަމު ދެއެވެ.
ހަވީރު ވުމުން އެންމެން ގަސްތު ކުރީ އަވަހަށް އިރު އޮއްސުމުގެ ކުރިން ފުރާށެވެ. އެހެން ކަމުން ގެނައި އެއްޗިހި ތައްޔާރު ކުރަމުން ދިޔަ އެވެ. މޫސަބޭ ވެސް އެތާ ހުރި ހުރިހާ ކުންޏެއް މަސްފިހުނު އަލިފާން ގަޑަށް އެއްކުރަމުން ދިޔަ އެވެ. އަދި ކުނި ތަކުގައި ރޯކޮށްލި އެވެ. އެރަށަށް އަންނަ ކޮންމެ ބަޔަކުވެސް ދަމުން ދަނީ އެހެން ހަދާފަ އެވެ. އޭރުން އެރަށް ރީތިކޮން އޮންނާނެތީ އެވެ.
ފަހަރަކު އެއްޗެއް ޑިނގީއަށާއި ބޮއްކުރައަށް ލާ ނިންމާލި އެވެ. އަދި ޑިނގީ އަށް ވާވަރަށް މީހުން އެރުމުން ފުރައިގެން ދިޔައީ އެވެ. ނަދުވާއާއި ފިޒާވެސް ޑިނގީގައި ދިޔައީ އެވެ. ބޮއްކުރާ މަޑުކޮށްގެން އޮތީ އެވެ.
އެގަޑީގައި ހިބާ ފާހާނާއަކަށް ދާން ވެގެން އެންމެނާ ދުރަށް ޖެހިލަން ވެގެން ހިގައި ގަތެވެ. އޭރު މޫދުގައި ހުރި އަޒުމީލުއަށް ހިބާ ދަނިކޮން ފެނުނެވެ. ހިބާ ފަހަތުން ފައުޒާން ހިގައިގަތްތަން ވެސް އަޒުމީލުއަށް ފެނުނެވެ.
ދެން ތިބި މީހުން މޫދަށް އެރިގެން އައިސް ބޮށްކުރައަށް އެރުމުން މޫސަބޭ ބޮއްކުރާ ދުއްވާލީ އަދިވެސް އެއްފަހަރު އެރަށަށް ބަލައިލާފަ އެވެ. އަޒުމީލު ގަސްތުގައި އަނގައިން ނުބުނެ ހުރީ އެވެ. ފަހުން އެމީހުން ބަލާ އާދެވި ދާނެކަން އަޒުމީލަށް އެނގޭތީ އެވެ.
20 Comments!
Comments are closed.
Wow thanks avahah up kohdhey thee. Varah reethi vaahaka
V reethi mi part vs. Adhi kithah part innaanebaa mi story ga
40 part
Best author . konmeduvahaku upload vey
Wen next part?
Vvvvvvvvvv rythi. Hivany dhen update kohlaa Bai v rythi vaanehen. Aasi keep it up.
Faai Ali
Waaaw eo v gotheh dhw.. salhi ingey.. nadhuvaa roakohlaafa bahattaa
i culdnt find it from there….. i hv tried a lot
Mihaaru Hoo mivaahaka kiyayfin. Eyhen site akun. Varah reethie mivaahaka. Asi varah Molhu. Adie I hope mikahalu ge reethie story liyaaney kamah.
Kon sitakun
hooo mivaahakaiga dhn keheneh vaaaanee hibaa ah fauzaan libeynetha
yah… at the end hibaa gt fauxaan.. they have a happy family….
Kobaa tha next part. Avahah up Kohbala
kobaa tha anehbai.. miadhu haadha lahey up kohdheyleh..
Uplord koba pls
plx uplord
Vr reethi kobaa19 th
Plz upload……
varah reethi mibai ves 😀 alhey moodhah erey hih vany hama .. sifa vany manzarru kurimathy 😉 amazing story!