Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 17 ވަނަ ބައި

aasi
April 12, 2016
11 Mins Read
125 Views
9 Comments

ފައުޒާން އައި ގޮތަށް އައިސް ހިބާގެ ބޮލަށް ފެންޖަގު އެއްކޮން އޮއްސާލި އެވެ.

“ތިޔަހެދީ ހަމަ ރަގަޅަށް.” ދޮރުމަތީ އެމަންޒަރު ބަލަން ހުރި މޫމިނާ ހެމުން ހެމުން އަތްޖަހަމުން އެދިމާލަށް އައެވެ. ފައުޒާން ވެސް ހެމުން މޫމިނާ އަތަށް ހުސް ޖަގު ދިނެވެ. ހިބާ ހުރިގޮތަށް ހުރީ ފައުޒާންއާއި ދިމާއަށް ލޯ އަޅައި ގެނެވެ.

“ނޯ!” ހިބާ އެހެން ހުރެފައި އިރުކޮޅަކުން ހަޅޭއްލަވައި ގަތެވެ. އަދި ލައިގެން ހުރި ހަރުވާޅުގެ ޖީބުން ހިބާގެ އައި ފޯނު ނެގި އެވެ. ފައުޒާން ވެސް ކަންބޮޑު ވެފައި އަވަހަށް ހިބާއަތުން ފޯނު އަތުލި އެވެ. އަދި ފައުޒާން ގެ ޓީޝާރޓުން އަވަހަށް ފޯނު ފޮހެލި އެވެ. ނަސީބަކުން ފޯނަށް ފެނުގެ އަސަރު ކޮށްފައެއް ނެތެވެ.

“ފޯނު އޯކޭ. ނަސީބަކުން މިއަކަށް ފެނުގެ އަސަރެއް ނުކުރޭ.” ހިބާ އަތަށް ފޯނު ދެމުން ފައުޒާން ބުންޏެވެ. ހިބާ ވެސް ފޯނަށް ބަލައިލާފައި މޫމިނާ އަތަށް ފޯނު ދިނެވެ. މަގުމައްޗަށް ނުކުންނަ އިރު މިއަދު ފޯނު ގެންދިއުން ރަގަޅެއް ނުވާނެ ކަމަށް ބުނަމުން ނެވެ. ފައުޒާން ވެސް ފައުޒާންގެ ފޯނު މޫމިނާއަތަށް ދިނެވެ. ހިބާއާއި އެކު ކުނި އުކާލަން ދަނީ ކަމުގައި ފައުޒާން ބުންޏެވެ.

ފައުޒާން ބަރޯ ހިފައިގެން މަގުމަތިން ދިޔައިރު ރަށުތެރޭ އެގަޑީގައި މީހުން ވަރަށް މަދެވެ. ގެއެއްގެ ދޮށް ކުނިކަހަން އުޅޭ ދެތިން އަނެހެނެއް ފިޔަވާ މަގުމަތީ މީހަކު ނެތެވެ.

“ހާދަ މީހުން މަދޭ.” ފައުޒާން ބުންޏެވެ.

“އަދި ނުހޭލަނީ. ގަޑިން އަދި ހަމަ ހައެއް ޖެހީ ވިއްޔަ.” ހިބާ ބުންޏެވެ.

ދެމީހުނަށް ކުނިގޮނޑާ ހިސާބަށް ދެވުމުން ހިބާ ފައުޒާން އަތުން ބަރޯ އަތުލައިގެން ދިޔަ އެވެ. ފައުޒާންއަށް ކައިރީގައި ހުރި ފާރުބުރިއަކަށް އަރާފައި އޮތް ދާގަނޑު ކެކުރި ވެލެއް ފެނުނެވެ. ދާގަނޑު ކެކުރި އަކީ ފައުޒާންއަށް ވަރަށް ކަމުދާ އެއްޗެކެވެ. ފައުޒާން އޭގެން ދޮން ވެފައި ވާ ދާގަނޑު ކެކުރި ބިނދެގެން ކާން ފެށި އެވެ.

ހިބާ ކުނި އުކާލަފައި އައި އިރު ފައުޒާން ދޮން ދާގަނޑު ކެކުރި ހޯދައިގެން ބިދެގެން ކަނީ އެވެ.

“ވަރަށް މީރު އެއްޗެއްތަ ތީ؟” ހިބާ އިރުކޮޅަކު ފައުޒާން ކުރާ ކަންތައް ބަލަން ހުރެފައި އަހާލި އެވެ.

“އާން. މިގޮތަށް ބިނދެލައިގެން ކާން އަދި ވަރަށް ކަމުދޭ.” ފައުޒާން ބުންޏެވެ.

“އެހެން ވީމަ ފައުޒާންއަށް ވެސް ގަހުން އަމިއްލައަށް ބިނދެގެން ކެއީމަ މީރީ ތާ ދޯ.” ހިބާ ހިނިތުން ވެލަމުން ދޮން ދާގަނޑު ކެކުރިއެއް ބިދެލާފައި ފައުޒާން އަށް ދިނެވެ.

“ނޫނޭ. ހަމައެކަނި އަތްޖެހޭ ހިސާބުގަ މިގޮތަށް ހުންނަ ގަހުން. ގަހަށް އަރައިގެނެއް ނުބިދެވޭނެ.” ފައުޒާން ހިބާއަށް ބަލައިލަމުން ހިނިތުން ވެލި އެވެ. “ޒާން އަކީ ތިކަހަލަ ވާލެއް ނޫނޭ.”

ހިބާ ހީލި އެވެ. އަދި ދެމީހުން ދާގަނޑު ކެކުރި ބިދެގެން ކެއުމުގައި އިރުކޮޅެއް ވޭތުވެގެން ދިޔައެވެ.

“ފައުޒާން. ހިނގާ ކުންނާރު ބިންނަން.” ކުއްލިއަކަށް ހިބާ ބުންޏެވެ. ފައުޒާންވެސް އެކަމާ ވަރަށް ގަޔާ ވިއެވެ. ދެމީހުން ހިގައި ހަތެވެ.

އެންމެ ކުރިން ޖެހުނު މަގު އެޅި އިރު ފުރަތަމަ ޖެހުނު ގޭގެ ދޮރުމަތީ ބިޔަ ކުންނާރު ގަހެއް ބޭރަށް ވާގޮތަށް އޮތެވެ. އެގޭ ބޭރުފާރު ތިރިކަމުން ފައުޒާންއަށް އެގޭތެރެ ފެނެއެވެ. އެތެރޭގައި އަންހެނަކު ކުޑަކުއްޖަކަށް ކާންދޭން އިނެވެ. ދޮރެއް ނެތް އެގެއަށް ހިބާ ވަދެފައި ހައިރާން ވެފައި ބަލަން ހުއްޓެވެ.

“ހަލީމަދައިތާ.” ހިބާ ގޮވާލި އެވެ. އެ އަންހެން މީހާ ތެދުވެ ބަލައި ލައިފައި ހިނިއައިސްގެން ހިބާ ކައިރިއަށް އައެވެ.

“އެކޮއެ؟ ހިބާދޯ؟ ހާދަ ބޮޑު ވެއްޖެޔޭ.” ހަލީމާ ބުންޏެވެ. ހަލީމާ ހުރީ ހިބާ ފެނުމުން ވަރަށް އުފާވެފަ އެވެ.

“ހަލީމަދައިތަ ކޮން އިރަކު އައީ؟” ހިބާ އަހާލި އެވެ. “ކޮބާ ޒުލް؟”

“މިފަހަރު ޢީދާއި ޗުއްޓީ އާއި މިދިމާވީ. އެހެންވެ އަވަހަށް ރަށަށް މިއައީ. ޒުލް މީނީ ގޮނޑީގަ. ޒުލްވެސް މިހާރު ވަރަށް ރަގަޅު.” ހަލީމާ ބުންޏެވެ. ހިބާ ޒުލް ކައިރިއަށް ދިއައެވެ. ހިބާ ފަހަތުން ފައުޒާން ވެސް ދިޔައެވެ. ޒުލް އަކީ ނުކުޅެދޭ ކުއްޖެކެވެ. ބާރަ އަހަރުގެ އެ އަންހެން ކުއްޖާ ގޮނޑީގައި އިންނަނީ ނުހިގޭތީ އެވެ.

“ބާ! ބާ!” ހިބާ ފެނުމުން ޒުލްގެ ވާގިނެތް ދުލުން ވަރަށް އުނދަގުލުން ހިބާއަށް ގޮވާލި އެވެ. ހިބާ ތިރިވި އެވެ. އަދި ޒުލްގެ އަތް ގެނެސް ހިބާގެ ކޮލުގައި ޖައްސާލި އެވެ.

“ހަލީމަ ދައިތާ. ޒުލް މިހާރު ވާހަކަ ވެސް ދައްކާ. ހިބާ ވަރަށް އުފާ ވެއްޖެ.” ހިނިއައިސް ފައިވާ ހިބާގެ ލޮލުން ވަނީ ކަރުނަ ނިރާލާފަ އެވެ.

“އާން. ޒުލް މިހާރު ވަރަށް ގިނަ އެއްޗިހި ކިޔާ،” ހަލީމާ ހިބާ ކައިރީ ހުއްޓެމުން ބުންޏެވެ. “ދައިތަ ވެސް މިހިރީ ހައިރާން ވެފަ ހިބާ އެހާ ދުވަސް ކޮށްފަ ފެނުނީމަވެސް އޭނައަށް ހިބާ އެގިއްޖެ ވިއްޔަ.”

“ހިބާގެ ޒުލް އެކޭ މީ ދޯ.” ހިބާ ޒުލްގެ ކޮލުގައި ފިރުމާލަމުން ބުންޏެވެ. ޒުލް ބޯ ޖަހާލި އެވެ. އަދި ހެވިފައި އިނެވެ.

“ހަލީމަ ދައިތާ މިއައީ ކުންނާރު ބިންނަން ވެގެން.” ހިބާ ދެތުވަމުން ބުންޏެވެ.

“ހިބާގެ ގަހެއްނު މީ ހިބާ ބިނދެގެން ކާންވީ ހަމަ،” ހަލީމާ ބުންޏެވެ. “މީ ހިބާ ކުޑަ ކުޑަ އިރު ގެނެސް މިގޭ ގޯތިތެރޭ އިންދި ގަހެއް. އަދި އިންދާފަ ކޮންމެ ދުވަހަކު އަންނާނެ މިއަށް ފެންދޭން ވެސް. އެހެން އުޅެނިކޮން ގަހުގަ ކޫޑި އެޅީ. ދެން ކޮންމެ ދުވަހަކު އައިސް ގަސްކައިރީ އިނދެގެން ރޯނީ. އެންމެ ފަހުން ހިބާގެ ބައްޕައަށް ކަންތައް ބޮޑުވެގެން ކޫޑިއަށް ޖަހާ ބޭސް ފޮނުވީ. ދެން ތޔަގަސް ވާނީ ހިބާގެ ގަހަކަށްނު ދޯ.” ހަލީމާ ފައުޒާންއަށް ބަލައިލަމުން ހިބާގެ ގަހަކަށް އެގަސް ވީގޮތް ކިޔައި ދިނެވެ. ފައުޒާން ހެވިފައި ހިބާއަށް ބަލަން ހުއްޓެވެ.

“މުޅި މިރަށުންވެސް އެންމެ ބޮޑެތި ކުންނާރު އަޅާނީ މިގަހުގަ،” ހަލީމާ ދަނޑިއެއް ހިފައިގެން އައިސް ބުންޏެވެ. “އަދި އެހާ މީރުވެސް ވާނެ.”

ފައުޒާން ހިބާއަތުން ދަނޑި އަތުލި އެވެ. އަދި ކުންނާރު ބިންނަން ފެށި އެވެ. ދެމީހުން ކުންނާރު ބިންނަން ޝައުގުވެރި ކަމާއެކު އުޅޭ މަންޒަރު ބަލަން ހަލީމާއާއި ޒުލް ތިއްބެވެ.

ހިބާ އިރުކޮޅަކުން ދަނޑި އަތުލައިފި އެވެ. އަދި ކުންނާރެއްގައި ކޮށްޓާލުމުން އެކުންނާރު އައިސް ޖެހުނީ މަތި ބަލަން ހުރި ފައުޒާންގެ ނޭފަތުގަ އެވެ. ފައުޒާން ނޭފަތުގައި އަތް އަޅާއިގެން ގުދުވީ ވީ ތަދުން ކެތްނުކުރެ ވިގެން ނެވެ.

“އޯހް. ސޮރީ.” ހިބާ ދަނޑިގަނޑު އެއްލައި ލައިފައި އަވަހަށް ފައުޒާން ކައިރިއަށް އައިސް ގުދުވި އެވެ. ފައުޒާން ހިބާއާއި ދިމާއަށް ބަލައިލީ ނޭފަތުގައި އަތް އަޅައިގެން ހުރެއެވެ. އޭރު ފައިޒާންގެ ލޮލުން ވަނީ ފެން އައިސްފަ އެވެ. ތަދުވެގެންނެވެ.

“ހިބާ އާދޭ އޭނަ ގޮވައިގެން އައިސް އަޅަން. އަނެއްކާ ލޭ އާދޭތަ؟” ދުރުގަ އިން ހަލީމާ ކަންބޮޑުވެފައި އަހާލި އެވެ. ފައުޒާން ބޯ ހޫރާލި އެވެ.

ހިބާ ފައުޒާން ގޮވައިގެން އެގޭ ބަދިގެއަށް ވަދެ ގޮންޑިއެއްގައި ފައުޒާން ބޭންދި އެވެ. ހިބާ އައިސް އަލަމާރިން އައިސް ކިއުބެއް ނަގައިގެން އައިސް ފައުޒާންގެ ނޭފަތުގައި ޖެއްސި އެވެ. ފައުޒާން ހިބާގެ ލޮލަށް ބަލަން އިނެވެ. ތަދު ފިލައިގެން ދިޔަ ކަހަލައެވެ. ބޮޑު ބޮޑު ދެލޮލުން ފާޅުވާން ހުރީ ކަންބޮޑު ކަމަކުން ފައުޒާންގެ ހިތަށް އަސަރު ކުރި އެވެ. ހިބާގެ އޯގާތެރި ކަމާ އަޅާލުން ހުރިވަރު މިއަދު ފައުޒާންއަށް އެގިގެން ހިގައްޖެ އެވެ. ނަދޫނަމަ އެކަހަލަ ނުކުޅެދޭ ކުއްޖަކާ ކައިރިވާން ވެސް ފޫހިވާނެ އެވެ. އަދި މިފަދަ ދަނޑި ވަޅެއްގައި ކުރާނެ ކަމެއް ނޭގިގެން ނަދޫ އުޅޭނެ އެވެ. ފައުޒާންއަށް ނަދޫއާއި ހިބާ އަޅުވާ ކިޔެނީ ކީއްވެ ހެއްޔެވެ. ދެމީހުން ތަފާތު ވީމަ އެވެ.

“ދެން ތިތާ އިންނަނީތަ؟ މިހާރު ރަގަޅު ވާނެ.” ފައުޒާންއަށް ރޭކާލީ ހިބާ ވާހަކަ ދައްކަން ފެށުމުން ނެވެ. ތެދެކެވެ. މިހާރު އެހާ ތަދެއް ނުވެ އެވެ. ފައުޒާން ހީލަމުން ތެދުވި އެވެ.

“ހިންގާ ގެއަށް ދާން. މިހާރު އަށެއް ޖަހާ ބޮޑު ވެއްޖެ. މަންމަ މިހާރު އުޅޭނެ ލަސްވެގެން.” ހިބާ ބުންޏެވެ. އެހާ އަވަހަށް ގަޑި ފާއިތު ވެގެން ހިގައްޖެ ހެއްޔެވެ. ހިބާއާއި އެކު އުޅޭއިރު ގަޑި ދާގޮތް ވެސް ނޭގެ އެވެ. ފައުޒާން ހިތަށް އެރި އެވެ.

ދެމީހުން މިސްރާބު ޖެހީ ގެއާ ދިމާއަށެވެ. ބަރޯ ކޮށްޕަމުން ހިބާ ދިޔައިރު ފައުޒާން ދިޔައީ ކުންނާރު ކަމުންނެވެ. ކުއްލިއަކަށް ކޮންމެސް ދިމާލަކުން އައި ފެންކޮތަޅެއް އައިސް ޖެހުނީ ފައުޒާންގެ ބުރަކަށީގަ އެވެ. ފައުޒާންގެ ބުރަކަށި ތެމުނީ އެވެ. ހިބާ ހެމުން ހެމުން ހުއްޓިފައި ފައުޒާންއަށް ބަލައިލި އެވެ. އެވަގުތު ޖެހިގެން ހުރިގޭތެރެއިން ހިބާ ގަޔަށް ފެން ޖެހި އެވެ. ފައުޒާން ހެމުން ހެމުން ދުއްވައި ގަތެވެ. ހިބާވެސް ހެމުން ހެމުން ބަރޯއާއި އެކު ބާރަށް ހިގައި ގަތެވެ.

ދެމީހުން ގެއަށް ދިއައިރު މޫމިނާ ހުރީ ކަންބޮޑު ވެފައި ގޭގެ ދޮރުމަތީ އެވެ. ހިބާއާއި ފައުޒާން ފެނުމުން އެދިމާލަށް އައެވެ.

“ހާދަ ލަހޭ. ކޮންތާކުން ތިއައީ.” މޫމިނާ ހިބާއާއި ދިމާއަށް އެހެން ބުނީ ވަރަށް ނުރުހިފައި ހުރެ އެވެ.

“ހަލީމާ ދައިތަ މެންގޭން ކުންނާރު ބިންނަން އުޅުނީ.” މަޑުމަޑުން ހިބާ ބުންޏެވެ.

“އެއީ ޒާން ބުނެގެން.” ފައުޒާން އަވަހަށް ހިބާ ސަލާމަތް ކޮށްދޭން ބުންޏެވެ.

“ފައުޒާން އަވަހަށް ގެއަށް ވަދެބަލަ. އެމަންޖެ އެޔޮއްގެން ހަލާކުވަނީ ފައުޒާން ނައިސްގެން.” މޫމިނާ ފައުޒާންއާއި ދިމާއަށް ބުންޏެވެ. ފައުޒާން ހިބާއަށް ބަލައިލަމުން ގޭތެރެއަށް ވަނެވެ. ފައުޒާން ފަހަތުން ހިބާއާއި މޫމިނާވެސް ގޭތެރެއަށް ވަން އިރު ގޭތެރޭ އޮތީ ހައިޖާނެއް އުފައްދާލާފަ އެވެ. އެންމެން ނަދުވާ މަސަލަސް ކުރަން އުޅެ އެވެ. ނަދުވާ ސޯފާގައި އިނދެގެން ހަމަ ރޮނީ އެވެ.

“މިއޮއް އައީ ޒާން.” ރިފާ ބުންޏެވެ. އަދި ފައުޒާން ނަދުވާ ކައިރިއަށް ވަންނަން ޖާގަ ހަދާލި އެވެ. ނަދުވާ ކައިރީ އިން ހަފީޒާއާއި ނަދީމާ ތެދުވި އެވެ. ފިޒާ ވެސް ކުޑަކޮން ދުރަށް ޖެހިލި އެވެ.

“ކިހިނެއް ވީތަ؟” ފައުޒާން އަހާލި އެވެ. ހައިރާން ވެފައި އިނދެ އެވެ.

“ޒާން ކީއްކުރަންތަ ފޯނު ނުލާ ތަންތަނަށް ދަނީ؟ ނަދޫ ގުޅައިގެން ޒާންއަށް އުނދަގޫކޮށް ފާނެތީ ދޯ؟ އަދި އެހާ ގިނައިރު ވެސް ވެއްޖެޔޭ!” ނަދުވާ ރޮމުން ރޮމުން ބުންޏެވެ.

“ނަދޫ ތިހީކުރަނީ ރަގަޅަކަށް ނޫން،” ފައުޒާން ނަދުވާގެ ކޮނޑުގައި އަތް އަޅާލަމުން ބުންޏެވެ. “ޒާން ފޯނު ބާއްވާފައި ދިޔައީ މިއަދު ފެން ކުޅި ކުޅޭ ދުވަސް ވީމަ ބޭރުގައި އުޅެނިކޮން ފޯނު ތެމި ދާނެތީ. އަނެއްކާ ނަދޫ އޭރު އޮތީ ނިދާފަ ވިއްޔަ.” ފައުޒާން ބުންޏެވެ.

ހިބާ ދުރުގައި ކަންބޮޑުވެފައި ހުއްޓެވެ. ހިބާ ކައިރީ އަޒްކާއާއި އަޒުމާ ތިއްބެވެ. ހިބާ ތެމިފައި ހުރުމުން އެވާހަކަ އަހަނީ އެވެ.

ހިބާ އެމީހުނަށް އެކަން ވީގޮތް ކިޔައިދޭން ހުއްޓާ ކުއްލި އަކަށް ނަދުވާ ފުންމައިގެން ތެދުވެގެން އައިސް ހިބާގެ ކޯމަތީ ޖެހި އެވެ. ޖެހިލެއް ބާރު ކަމުން ހިބާގެ މޫނު އެއްކޮން އަނެއްފަރާތަށް ދިޔަ އެވެ. ވީ ތަދުން ހިބާއަށް ކޮލުގައި އަތް އަޅާލެ ވުނެވެ. އަދި ލޮލުން ފެން އައެވ. ނަމަވެސް ހިބާ އެންމެ އަޑެއްވެސް ލައްވާ ނުލަ އެވެ. އެންމެންނަށް ތިބީ ހައިރާން ކަމެއް ލިބިފަ އެވެ. ފައުޒާންއަށް ނީދެވިގެން އައިސް ނަދުވާގެ ކޮލުގައި ޖަހަން އަތް ނެގިވަގުތު ހިބާ ފައުޒާން އަތުގައި ހިފެހެއްޓި އެވެ. ހިބާ ފައުޒާން އަށް ބަލަން ހުއްޓެވެ. ފައުޒާން ހުރީ ވަރަށް ރުޅި އައިސްފަ އެވެ. އަދި ހިބާގެ ކޯ ފެނުމުން ފައުޒާން އިތުރަށް ރުޅި އަންނަގޮތް ވި އެވެ. ހިބާގެ ކޮލަށް ހުރީ ނަދުވާގެ އިނގިލި ތަކުގެ ނިޝާން އަރާ ރަތް ވެފަ އެވެ. ފައުޒާން ހިބާގެ އަތް ފޮޅުވާލައިފައި ނަދުވާ އަތުގަ ހިފައިގެން ދިޔަގޮތަށް ގޮސް ވަނީ ފިރިހެން ވެރިން ނިދާ ކޮޓަރި އަށެވެ. އެއީ ހިބާގެ ކޮޓަރި އެވެ.

ގޭތެރޭ ދެންތިބި މީހުން ތިބީ ކަންތައް ބޮޑު ވެފަ އެވެ. މޫމިނާ ހިބާގެ އަތުގައި ހިފައިގެން ގެންގޮސް ވެއްދީ ބަދިގެ އަށެވެ. މޫމިނާ އައިސްއަލަމާރި ހުޅުވާފައި ނެގީ ގަނޑުފެން ކޮޅެ ކެވެ.

“ދަރިފުޅާ، މަންމައަށް އެނގޭ ހިބާއަކީ އެ ނަދުވާ އެބުނާ ކަހަލަ ކުއްޖެއް ނޫންކަން.” މޫމިނާ ހިބާ ގެނެސް ގޮނޑިއެއްގައި ބޭންދި އެވެ. “ހަފީޒާ ވެސް މަންމަ ކައިރީ ބުނި ނަދުވާ އެހެން އެބުނަނީ ނަދުވާ ފައުޒާން ދެކެ މާބޮޑަށް ލޯބިވާތީ ހަސަދަ ވެގެން ކަމުގަ.” މޫމިނާ ހިބާގެ ކޮލުގައި ރަތްވެފައި ވާތަނުގައި ގަނޑުފެން ޖައްސަމުން ބުންޏެވެ.

“ނަދުވާ ކީކޭތަ ބުނީ؟” ފެންކަޅި ވެފައިވާ ހިބާ ކުޑަ ކުއްޖެއް ފަދައިން އަހާލި އެވެ.

“ހިބާ އުޅެނީ ފައުޒާން ފަހަތުން ނެއްޓެން ނޭގިގެނޯ ކިޔައިގެން ބައިވަރު އެއްޗިހި ކީ.” މޫމިނާ ބުންޏެވެ. “ދެން އެކަމާ އަޅާ ނުލާ. އެގޮތަށް ހަސަދަވެ ޝައްކު ކުރާ ކުދިންނަކީ ވަރަށް ނުރައްކާ ބައެއް، ރަގަޅު ވާނީ އެކަހަލަ ކުދިންނާ ވީހާ ވެސް ދުރުން ހިބާ އުޅުނިއްޔާ.” މޫމިނާ ނަސޭހަތް ތެރި ވި އެވެ.

“ހިންގާ ސައިބޯން. އެކަންތައް އިރުކޮޅަކުން ރަގަޅުވާނެ.” ހަފީޒާ ކަން ބޮޑުވެފައި ހުރެ އެންމެން ހިތްހަމަ ޖައްސައި ދޭން ބުންޏެވެ. އަދި އަޒްކާއާއި އަޒުމާ ގޮވައިގެން ބަދިގެއާއި ދިމާއަށް ހިގައިގަތެވެ. ޝަކީލާ އެމީހުން ފަހަތުން ދިޔަ އެވެ.

“އަހަރެން ހަމަ އަޖައިބު ވޭ ނަދުވާ އުޅޭ ވައްތަރުން.” މޭޒު ކައިރީ އިށީންނަމުން ޝަކީލާ ބުންޏެވެ.

“ދެން އަވާހަކަ ދައްކާނެ ކަމެއް ނެތް. އެކުދިން އަމިއްލައަށް އެމައްސަލަ ހައްލު ކުރާނެ.” މޫމިނާ ބުންޏެވެ.

“އެއީ ތެދެއް. އެކަމަކު ހިބާއަށް ހާދަ ތަދެއް ވާނެޔޭ.” މޭޒުކައިރީ އިން އަޒުމާ ބުންޏެވެ.

“އާން. އެއީ ނަދޫގެ ގޮތް. ކީއްކުރާނީ ދޯ.” ހަފީޒާ ވެސް ބައިވެރި ވެލި އެވެ.

“އެކަން އެނިމުނީނު. ދެން އަޅާ ނުލާ.” ހިބާ ހީލަމުން ގޮނޑި މޭޒާ ކައިރިކޮށްލި އެވެ. އޭރުވެސް ކޯ ހުރީ ރަތް ވެފަ އެވެ. ނަމަވެސް އެންމެނާ އެކު ހެދުނުގެ ނާޝްތާގައި ބައިވެރި ވެލި އެވެ.

ގޭތެރޭ ފިރިހެނަކަށް ފެންނަން ހުރީ ޒެކްއާއި މާޒް އެކަންޏެވެ. ހިބާ އަޒްކާ ކައިރީ އެހެން ފިރިހެނުން ކޮބައިތޯ އަހާލުމުން އަޒްކާ ބުނީ އެންމެން މޫސަބޭއާއި އެކު މަސްބާނަން ދިޔައީ ކަމުގަ އެވެ.

އެންމެން ސައި ބޮއެގެން ނުކުތްއިރު ނަވާއާއި އެކު ސޯފާގައި ތިބީ ނަދީމާއާއި ފިޒާ އެވެ. ފިޒާއަށް ހިބާގެ ކޯ ފެނުމުން ހަމްދަރުދީ ވެވުނެވެ. ފިޒާ އެވަގުތު ހުރީ ނަދުވާ އެކުރި ކަމަކުން ހިތްހަމަ ނުޖެހިފަ އެވެ. ފައުޒާންއާއި އެކު ހިބާ ތަނަކަށް ދިއުމަކުން އެވަރު އަރުވާލަން ވާނެ ކަމަކަށް ފިޒާ ނުދެކެ އެވެ.

ފިޒާ ތެދުވެގެން ގޮސް ނަދުވާއާއި ފައުޒާން ވަން ކޮޓަރީގައި ޓަކި ޖަހާލި އެވެ. އަޑެއް ނީވުމުން މަޑުމަޑުން ތަޅުގައި ހިފާލި އެވެ. ތަޅު ނުލާ ހުރުމުން ދޮރު ހުޅުވާލި އެވެ. ނަދުވާ އެނދުމަތީ ބަންޑުން އޮށޯވެގެން އޮތެވެ. ފައުޒާން އެނދުގެ މަގަތުގައި އިށީނދެގެން ކަކުލުގައި އޮޅަބޮށި ޖައްސާލައިގެން އިނެވެ.

“ޒާންބެ ވެސް ދިޔައިރު އަންގާލާފަ ދިޔަ ނަމަ.” ފިޒާ ވަންނަމުން ބުންޏެވެ. ފައުޒާން ފިޒާއަށް ބަލައިލި އެވެ.

“އެންމެން ނިދާފަ ތިބީމަ ކިހިނެއްތަ އަންގާނީ؟” ފައުޒާން ބުންޏެވެ. ފިޒާއަށް ވެސް އެކަން ގަބޫލު ކުރެވުނެވެ.

“ދެން ލަސްވީ ކީއްވެތަ؟” ފިޒާ އަހާލި އެވެ.

“އެއީ އަންނަނިކޮން ހިބާގެ ތިމާގެ މީހަކު ފެނިގެން އެގެއަށް ވަނީ. ދެން ކުންނާރު ގަހެއް އެގޭގަ ހުރީމަ އެނގޭނު ވާނެ ގޮތް.” ފައުޒާން ބުންޏެވެ. ފިޒާއަށް ވެސް ކުންނާރު ވަރަށް މީރުވާނެ އެވެ. އެކަން ފައުޒާންއަށް އެނގެ އެވެ.

“މިރަށުގަ ކުންނާރު ހުރޭތަ؟” ފިޒާ ހައިރާން ވެފައި އަހާލި އެވެ.

“އަބަދު ކޮޓަރީގަ އުޅޭ މީހުންނަކަށް ނޭގޭނެ. ދާގަނޑު ކެކުރި ވެސް ކައިގެން މިއައީ.” ފައުޒާން ބުންޏެވެ.

“އަސްލުތަ،” ފިޒާ ބުންޏެވެ. “ހިނގާބަލަ ފިޒް ގޮވައިގެން.” ފައުޒާންގެ އަތުގަ ހިފަމުން ފިޒާ ބުންޏެވެ.

“ހިބާއޭ ގެންދަނީ. ދޭބަލަ ހިބާއާ އެއްކޮން.” ފައުޒާން ބުންޏެވެ.

“ދާންވެއްޖެ ހިބާ ހޯދަން.” ފިޒާ ކޮޓަރިން ނުކުންނަށް ހިގައި ގަތެވެ.

” އަދާނެ! މާގިނަ އިރު އަވީގަ އުޅުނީމަ އަނދާނެ. އަދި ކަޅު ވެސް ވާނެ. ” ނަދުވާ ބޯ ހިއްލާލާފައި ފިޒާއާއި ދިމާއަށް ބުންޏެވެ. ފިޒާ ނަދުވާއަށް ބަލައިލައިފައި ވެސް ނުކުމެގެން ދިޔައީ އެވެ.

ފިޒާ މަގުމައްޗަށް ނުކުތް އިރު އެކަކު އަނެކަކަށް ފެން ޖަހަނީ އެވެ. ޒެކް ޖަގަކަށް ފެން އަޅައިގެން އައިސް އަޒްކާ ގަޔަށް އޮއްސާލި އެވ. އަތުގައި އޮތް ފެން ފުޅިން ފެން ނުޖެހިގެން އަޒްކާ އުޅެ އެވެ.

ހިބާ ބޮޑު ތައްޓަކަށް ފެން އަޅައިގެން އައިސް ތެމި ފޯވެފަ އިން ރިފާގެ ގަޔަށް އޮއްސާލި އެވެ. ރިފާ ހެމުން ހެމުން ހިބާ ފަހަތުން ދުއްވައި ގަތެވެ. އެކަހަލަ މަޖަލެއްގައި އެންމެން އުޅެމުން ދާތަން ބަލަން ފިޒާ ހުއްޓެވެ. އިރުކޮޅަކުން މާޒް އައިސް އަޒްކާ އުފުއްލާލައިގެން މޫދާވީ ދިމާލަށް ދުއްވައި ގަތެވެ.

“ހިންގާ މޫދަށް.” އަޒުމާ ޒެކްގެ އަތުގައި ހިފާ ދުއްވައި ގަންނަމުން ގޮވާލި އެވެ.

“ދޭ. ހިބާ ފަހުން ދާނަން.” ހިބާ އަތުގައި ރިފާ ހިފުމުން ހިބާ ބުންޏެވެ.

އެންމެން މޫދާ ދިމާލަށް ދާތަން ބަލަން ހުރެފައި ހިބާ ގެއަށް ވަންނަން ހިގައި ގަތެވެ. ދޮރުމަތީ ހުރި ފިޒާ ފެނުމުން ހިބާ ހުއްޓުން އެރި އެވެ.

“ހިބާ!” ފިޒާއާއި ދިމާއަށް ހީލަމުން ހިބާއައިސް ގެއަށް ވަނުމުން ފިޒާ ގޮވާލި އެވެ.

“ކީކޭ.” ހިބާ ހައިރާން ވެފައި ބަލައިލަމުން ބުންޏެވެ. ފިޒާއަކީ މީގެ ކުރިން އެގޮތަށް ގޮވާވެސް ލީ ކުއްޖެއް ނޫނެވެ.

“ޒާންބެއަށް މިއަދު ކުންނާރު ދިނީމެއްނު. ފިޒާއަށް ވެސް ވަރަށް މީރު އެއްޗެއް ކުންނާރަކީ.” ޖެހިލުން ވެފައި ހުރެ ފިޒާ ބުންޏެވެ.

“އަސްލުތަ. ހިނގާ ކުންނާރު ބިންނަން ދާން.” ހިބާ ވަރަށް އުފަލުން ބުންޏެވެ. ފިޒާ އެކަހަލަ ކަމަކު ކިޔާނެ ކަމަކަށް ހިބާ ހިތަށްވެސް ނާރާ ހުއްޓާ ބުނުމުން ހިބާގެ ހިތަށް އުފާވެރިކަން ވަދެގެން ދިޔަ އެވެ.

“އެކަމަކު ފޯނު ބާއްވާފަ ދާން ވާނީ. ނުތެމި ހުރިއްޔާ ފެން ޖަހާނެ. މޫދަށްވެސް ލާނެ.” ހިބާ ފިޒާއާއި ދިމާއަށް ބަލައިލަމުން ބުންޏެވެ.

“ދެން ކިހިނެއް ހަދާނީ؟” ކޮންމެ ގޮތެއް ވިއަސް ކުންނާރު ބިދެގެން ކާން ފިޒާ ބޭނުމެވެ.

“އަމިއްލައަށް ގަޔަށް ފެން އަޅައިގެން ހިގާ. އޭރުން ފިނިވެސް ވާނެނު.” ހިބާ ބުންޏެވެ. ފިޒާއަށް އެގޮތް ކަމުދިޔަ އެވެ. ހިބާ ފިޒާ ގެނެސް ގިފިއްޔަށް ވައްދާފައި އެއްކޮން ތެމޭ ވަރަށް ދާނިން ފެން އެޅި އެވެ. އަދި ހިބާ އަމިއްލައަށް ވެސް ފެން އަޅާލައިގެން ނިކުތީ ހަލީމާ މެންގޭ ކުންނާރު ގަހާދިމާލަށް ދާށެވެ.

ހިބާ އެބުނީ ތެދެކެވެ. ހޫނު ދުވަހަކު ގަޔަށް ފެން އަޅާލުމުން ވަރަށް އަރާމެވެ. ފިޒާ ހިތަށް އެރި އެވެ.

“ނަދޫ، ދެން ހިނގާ ބަލަ ބޭރަށް. ދެން ތިހެން އޮންނާނީތަ؟” ފައުޒާން ނަދުވާ ގައިގަ ކޮށްޓާލަމުން އެހި އެވެ.

“ނަދޫއަކަށް މިރަށެއް ކަމަކު ނުދޭ. ނަދޫ އަސްލު ނުވޭ އެއްވެސް ރަށަކަށް ދާހިތެއް. ކަޓު ފޫހި މީހުން އުޅެނީ.” ނަދުވާ ބުންޏެވެ.

“ނަދޫގެ ވިސްނުން ތި ހުންނަ ގޮތެއް ދޯ. ޒާން އަކަށް ދެން މިހެން އަބަދު ނަދޫ ކައިރީ ކޮޓަރީގަ އިނދެވޭނެތަ. ޒާންމެން މިރަށަށް އައީ މިގޮތަށް ކޮޓަރީގަ ތިބޭކަށް ނޫން ވިއްޔަ.” ފައުޒާން ބުންޏެވެ.

“ޒާން ތިއުޅެނީ އެ ހިބާއާ އެއްކޮން ނުދެވިގެނެއްނު.” ނަދުވާ އެނދު މަތީ ކަކޫ މައްޗަށް އިށީންނަމުން ބާލީހެއް ކައިރި ކޮށްލަމުން ބުންޏެވެ.

“ނަދޫ ކީއްވެތަ ތިހެން ތި ކިޔަނީ. ޒާން ރައްޓެހި ވެގެން މިއުޅެނީ ނަދޫއާ އެއްނު. ޒާން ނޫޅެމޭ ހިބާއާއި އެއްކޮން ކޮންމެހެން ތަނަކަށް ނުދެވިގެނެއް. އެކަމަކު ނަދޫ ތިހެން އަބަދު ކޮޓަރީގަ އޮތީމަ ޒާން ވެސް ފޫހިވެގެން ދެން ކޮންމެސް ތާކަށް ދެވޭނީނު. ވަކި ހިބާއާއި އެއްކޮން ނޫނަސް ކޮންމެ މީހަކާ އެކުވެސް ދެވިދާނެ.” ފައުޒާން ބުންޏެވެ.

ހަމަހިމޭން އިރުކޮޅަކަށް ފަހު ދޮރުގައި މީހަކު ޓަކި ޖެހި އެވެ. ފައުޒާން ވަންނާށޭ ބުނުމުން ކޮޓަރި ތެރެއަށް ވަނީ ނަދީމާ އެވެ.

“ނަދޫ، ކިހިނެއް ވެގެންތަ ތި އުޅެނީ. ދެން ތެދުވެގެން ގޮސް އެ ހިބާގެ ކިބައިން މާފަށް އެދެން ވީނު. އެކުއްޖާގެ ކޯ އެއްކޮަން ހުރީ ރަތްވެ އަރާފަ ވިއްޔަ.” ނަދީމާ އައިސް އެނދު ކައިރީ މަޑުކޮށް ލަމުން ބުންޏެވެ.

“މަންމަވެސް އަދި  އެ ހިބާ ކޮޅަށް ހުންނާނީ. މަށަކަށް ނޭގެ މަންމައާއި ޒާންއާއި ދެމީހުނަށް ކޮން ސިހުރެއް ޖައްސައިގެން ކަމެއް އެ ހިބާ އެ އުޅެނީ.” ނަދުވާ ތެދުވެ އެނދުގައި އިށީނެވެ.

“ސިހުރެއް ޖައްސައިގެނެއް ނޫނޭ. މޫމިނާމެން އެހާ ހެޔޮ އިރުވެސް ނަދޫ ކަންތައް ކުރި ގޮތުން މަންމަ މިއަދު ލަދުން ބޯ ހަލާކުވެފަ މިހިރީ.” ނަދީމާ ބުންޏެވެ. “ހިބާ ކައިރީ ސޮރީ ބުނުމަކުން ނަދޫގެ ގައިން ތަނެއް އުނި ވާނެތަ. އެއްވެސް ކަމަކާ ނުލާ އެކުއްޖާގެ ކޮލުގަ އެހާ ބާރަށް ޖަހަން ހެޔޮ ވާނެތަ؟” ނަދީމާ ބުންޏެވެ.

“އަހަރެން ކުޑަކޮންވެސް ދެރައެއް ނުވޭ ހިބާގެ ގައިގައި ޖެހުނީމައެއް، މަންމައަށް އޭނަގެ ގޮތް ނޭގިގެން ތި އުޅެނީ. އަދިވެސް ޖެހުނު ވަރު މަޑީ. މޫނުމަތީ ހިފާ ހަންގަނޑު ދަމައި ގަނެދާނަމޭ ވެސް ހިތަށް އަރާ. މަ ވަރަށް ފޫހިވޭ.” ނަދުވާ ރުޅި ގަދަވެފައި ބުންޏެވެ.

“މަންމަ ހަމަ ހައިރާން ވެއްޖެ. މިކޮޓަރިއަކީ ހިބާގެ ކޮޓަރި. މި އެނދަކީ ހިބާގެ އެނދު. މިތާ އޮވެގެން ހިބާއާއި ދިމާއަށް ތިގޮތަށް އެއްޗިހި ކިޔަން ނަދުވާ ލަދެއް ނުގަނޭތަ.” ނަދީމާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ އެވެ. ނަދީމާއާއި ނަދުވާ އެހުރިހާ ވާހަކައެއް ދައްކަމުން ދިޔައިރު އެނދުގެ މަގަތުގައި އިށީނދެގެން އިން ފައުޒާން އިނީ އިސް ޖަހައިގެނެވެ.

“އަހަންނަކަށް ތިކަމެއް ނޭގެޔޭ. އަހަރެން މިދަނީ އެގެއަށް. ލަތީފާއްތަ ގެއަށް.” ނަދުވާ ރުޅިއައިސްގެން އެނދުން ތެދުވެގެން ކޮޓަރިން ނުކުންނަން ދަމުން ބުންޏެވެ.

“އޭނަގެ އެ ހިޔާލެއް ބަދަލެއް ނުވާނެ. ޒާން ވެސް ވަރަށް ނަސޭހަތް ދީފިން. އެކަމަކު ނަދޫ ގަބޫލެއް ނުކުރެ.” ފައުޒާން އެނދުން ތެދުވަމުން ބުންޏެވެ. “ނަދޫ ހީކުރަނީ ޒާން އުޅެނީ ހިބާއާ ރައްޓެހި ވެގެން ކަމަށް. އެކަމަކު އެންމެނަށްވެސް އެނގޭނެ ޒާންއާއި ހިބާއާއި ދޭތެރޭ އެކަހަލަ ގުޅުމެއް ނެތްކަން.”

” ޒާން ތިބުނީ ތެދެއް. ތުއްތައްތަ އަކަށް ނޭގެ ނަދުވާ އެ އުޅޭ ވައްތަރެއް، މިހާރު އެކަމަކާ ވިސްނާ ވިސްނާ ބޯހަލާކު ވާން ކައިރި ވެއްޖެ.” ނަދީމާ ބުންޏެވެ.

“ކޮބާ އެންމެންތައް؟” ފައުޒާން އޭނަގެ ދަބަހުން އަވި އައިނު ނަގާ ޓީޝާރޓްގެ ކަރަށް ދުނިގަނޑު ޖަހާލި އެވެ.

“މޫދަށް ގޮސް ވެއްޖެ،” ނަދީމާ ބުންޏެވެ. “ޒާން ދަންޏާ ނަވާ ގޮވައިގެން ދައްޗޭ. އެސޮރު މޫދަށް ދާހިތުން އެ އިންނަނީ.”

ފައުޒާން ނަވާ ގޮވައިގެން އަތިރި މައްޗަށް ދިޔައިރު ޖޯލީގައި ޝަކީލާއާއި ހަފީޒާ ތިބީ ތެމި ފޯވެގެންނެވެ. ފައުޒާން އެތަނަށް ހުއްޓުމާ އެކު އައި ނައި ތަނެއް ނޭގި ފެން ކޮތަޅު ތަކެއްގެ ހަމަލާ ފައުޒާންއަށް އައެވެ. ފައުޒާން އެއްކޮން ތެމިއްޖެ އެވެ. ފައުޒާންގެ ލޮލުގައި އަޅާފައިވާ އަވި އައިނު ނަގާ ޓީޝާެޓުގެ ނުތެމި އޮތް ބައިން ފޮހެލުމަށްފަހު އަޅާލި އެވެ.

“އަހަރުމެނަށް ވެސް ތި ލަނޑު ލިބިފަ މިތިބީ.” ޖޯލީގައި ތިބި ޝަކީލާއާއި ހަފީޒާ ހީހީފައި ބުންޏެވެ.

“ނަވާ ގަޔަށް އެކަކުވެސް ފެނެއް ނުޖަހަ.” ނަވާ ވަރަށް ދެރަވެލާފައި ބުންޏެވެ.

“ތީ ވަރަށް ދެރަކަމެއް.” ފައުޒާން ނަވާއަށް ބަލައިލަފައި ދެރަވާގޮތް މޫނުމައްޗަށް ޖައްސާލި އެވެ. ބިންމަތީ ހިސާބަކަށް ވަޅުޖެހިފައި އޮތް ވެލި ކުޅޭ ކުޑަ ބާލިދިއެއް ފައުޒާންގެ ލޮލުގައި އަޅައި ގަތެވެ. ފައުޒާން ބަލަން ނުހުރެ އެ ބާލިދި ހިފައިގެން ގޮސް މޫދުން ލޮނު ހިފައިގެން އައިސް ނަވާގެ ގަޔަށް އޮއްސާލި އެވެ. ނަވާ އުފަލުން ހޭން ފެށި އެވެ.

ނަވާ ފައުޒާން އަތުން ބާލިދި ހިފައިގެން މޫދާ ދިމާއަށް ދުއްވައި ގަތެވެ. އޭރު އެހެން އެންމެން މޫދުގައި ސަކަރާތް ޖަހަމުން ދާތަން ފެނެއެވެ. ފައުޒާންވެސް ނަވާއާއި ދިމާއަށް ބަލަން ހުއްޓާ ނަވާ ބާލިދިއަށް ލޮނު އަޅައިގެން އައިސް ފައުޒާން ގަޔަށް ޖަހަން އަންނަން ފެށުމުން ފައުޒާން ދުއްވައިގަތީ ނަވާއަށް މަޖާ ކޮށްލާށެވެ. ނަވާ ފައުޒާން ފަހަތުން ދުވަމުން ހެމުން ގެންދެ އެވެ. ފައުޒާންއަށް ހުއްޓެވުނީ ދުރުން ފިޒާއާއި އެކު ހިގަމުން އަންނަ ހިބާ ފެނުމުންނެވެ. އެވަގުތު ނަވާ އައިސް ފައުޒާންގެ ގަޔަށް ބާލިދި އޮއްސާލުމަށް ފަހު ހެމުން ހެމުން ހިގައްޖެ އެވެ.

“ބަލާ، އައި ގޮޓް ބިގަސްޓް ވަން.” ކުޑަ އާފަލަކަށް ވުރެން ތަނކޮޅެއް ކުޑަ ކުންނާރެއް ދައްކާލަމުން ފިޒާ ބުންޏެވެ. ފައުޒާން އެ ޖަހައި ގަނެގެން ކާލަން އުޅުމުން ފިޒާ އެ އަތުލި އެވެ.

“މީ ފިޒްގެ، ޒާންބެ މީގެން ނަގާ.” ކޮތަޅެއް ފުރެންދެން ހުރި ކުންނާރު ފައުޒާންއަށް ދިއްކޮށްލަމުން ފިޒާ ބުންޏެވެ. ފިޒާއާއި ތަންކޮޅެއް ދުރުގައި ހިބާ މަޑުކޮށްލައިގެން މޫދުގައި އެމީހުން އުޅޭގޮތް ބަލަން ހެވިފައި ހުއްޓެވެ.

“ފިޒް، ހިބާ ކައިރީ ބުނެ ބަލަ މަދު ވެސް ވަރަށް ކާ ހިތް ވެޔޭ.” ފައުޒާން ހިބާއަށް ބަލައިލާފައި ފިޒާ ކައިރީ ސިއްރު ސިއްރުން ބުނަމުން ކައިރީގައި ހުރި މަދު ގަހަށް އިށާރާތް ކޮށްލި އެވެ. ފިޒާ އެގަހަށް ބަލައިލި އިރު ވަރަށް ގިނައިން ދޮންމަދު އަޅާފައި އޮތެވެ. ފިޒާއަށް މަދުވެސް ވަރަށް މީރެވެ. ނަމަވެސް އެހާމަތީގަ ހުރި މަދު ދަނޑިއަކުން ވެސް ނުބިދެވޭނެ ކަން ފިޒާއަށް އެނގެ އެވެ.

“ކިހިނެއް އެހާ މަތީގަ ހުރި އެއްޗެއް ބިންނާނީ.” ފިޒާ ވެސް ވާހަކަ ދެއްކީ މަޑު މަޑުން ނެވެ.

“ޔޫ ޖަސްޓް ޓެލް.” ފައުޒާން ބުންޏެވެ.

ފިޒާ ފާޑަކަށް ފައުޒާންއަށް ބަލަން ހުރެފައި ހިބާއާއި ދިމާއަށް އެނބުރުނެވެ. އަދި މަދުގަހަށް ބަލައިލި އެވެ. ހިބާ ފިޒާއަށް ބަލައިލައިފައި ހީލި އެވެ.

“ވަރަށް މަތީގަ ދޯ މަދު ހުރީ.” ފިޒާ ނޭގޭ ކަމަށް ހަދާލާފައި ބުންޏެވެ. ފައުޒާން ކައިރިއަށް ހިނި އައުމުން އަވަހަށް އަނެއް ފަރާތަށް އެނބުރި ނަވާ ކުރާ ކަމެއް ބަލައިލި އެވެ. ނަވާ ގޮނޑުދޮށުގައި އިނދެގެން ބާލިދިއަށް ވެލި އަޅަނީ އެވެ.

“ފިޒާއަށް މަދު މީރުތަ؟” ހިބާ އަހާލި އެވެ. ފިޒާ ބޯޖަހާލުމާއި އެކު ހިބާ އެދިޔަ ގޮތަށް ގޮސް ފައިވާން ވެސް އެއްލާލައިފާ ހަލުވި ކަމާއެކު ގަހަށް އަރަން ފެށި އެވެ. ފިޒާ ހައިރާންވެފައި ހިބާއާއި ދިމާއަށް ބަލަން ހުއްޓެވެ.

“އެއީ މަންކީ އެއްތަ؟” ކޮލަށް ކުންނާރެއް ލައިގެން ހުރެ ފިޒާ އަހާލި އެވެ. ފައުޒާން ކައިރިއަށް އަނެއްކާ ވެސް ހިނި އައެވެ.

“އެއީ ވާލެއް.” ހެމުން ހެމުން ފައުޒާން ބުންޏެވެ. ފިޒާ ފައުޒާންއަށް ބަލަން ހުރެފައި ޖޯލީގައި އޮތް ހަފީޒާ ކައިރިއަށް ގޮސް ކުންނާރު ކޮތަޅު ދިއްކޮށްލި އެވެ.

“ހިފާ.” ހިބާ މަތިން ގޮވާލި އަޑަށް ފައުޒާން ބަލައިލި އެވެ. ހިބާ މަދު އެއްލަން ތައްޔާރުވެގެން ގަހުގެ ގޮތްޕެއްގައި ގުދަށް އޮތެވެ.

ހިބާ މަދު އެއްލާ ވަރަކަށް ޒާން ހިފަމުން ދިޔަ އެވެ. ބައެއް މަދު ނުހިފިގެން ވެއްޓިގެން ވެސް ދިޔައެވެ. ފިޒާ ދެން ހެވޭ ބުނަންދެން ހިބާ މަދު ބިނެވެ.

ހިބާ އަކީ ފިޒާ ހީކުރިގޮތާ މުޅިން ތަފާތު ކުއްޖެކެވެ. ނަދޫއްތަ ފިޒާ ކައިރީ ހިބާއޭ ކިޔައިގެން ދައްކަފައި ހުރި އެއްވެސް ވާހަކައެއް ހިބާގެ މިޒާޖާ ގުޅޭ ކަމަކަށް ފިޒާއަކަށް ގަބޫލެއް ނުކުރެވެ އެވެ.

“އެޔޮއް އަންނަނީ އެމީހުން.” މަދު ބިދެ ނިމިގެން ގަހުން ފައިބަން އުޅެފައި ހިބާ ގޮވާލި އަޑު އިވުނެވެ.

89
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

aasi

Other Articles

Previous

އިންސާފް .. 06 ވަނަ ބައި

Next

ހާދަހާވޭ ކުރާހިތް ސަމާސާ 18 ވަނަ ބައި

Next
April 12, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 18 ވަނަ ބައި

Previews
April 12, 2016

އިންސާފް .. 06 ވަނަ ބައި

9 Comments

  1. SaSha says:
    April 12, 2016 at 9:26 am

    mivaahaka ekkoh dhivehi.com ga eba iney nimifa

    1. Sha says:
      April 12, 2016 at 12:39 pm

      Dhivehi.com thihen jeheema nufeneyy ehves ehcehhh

  2. Ellie says:
    April 12, 2016 at 10:03 am

    Haaaàaaàaa vvv salhi. Mi vaahaka vx kurin upkuraahaa avaheh noon mihaaru. Dhn mahchah dhaa varakah vaane gotheh neyge vaahaka liyaa ehen kudhinnah vaavaru nuviyya rangalhu. Ummeedhu kurany hama mihen avahah vaahaka upkuraane kamah

  3. thoo says:
    April 12, 2016 at 1:04 pm

    Kujekey bunela dhybha mi vaahaka eh koh kiyan beynumiya hadhan vy gotheh. Plz

  4. Aimsithu says:
    April 12, 2016 at 1:21 pm

    Asi ….. varah avahah anh baii up kohlla dheebala

  5. lam says:
    April 12, 2016 at 3:13 pm

    Library akun nufenun

  6. Mal Mal says:
    April 12, 2016 at 5:45 pm

    v reethi mi vaahaka

  7. Minmmi says:
    April 13, 2016 at 10:03 am

    Library aku nei

  8. Faxoo says:
    April 25, 2016 at 8:33 pm

    varah reethi mibai ves.. kury ge udhin ge mizaaju varah majaa 😀 dhw hehe 😛

Comments are closed.

All Right Reserved!