Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 17

Marsha
April 11, 2016
9 Mins Read
100 Views
17 Comments

އެގާރަ ޖެހިތަނާ ޝިޔާޒް މިޒްނާ ބަލާ އައިސް އެގޭ ކައިރީ މަޑުކޮށްލާފައި މިޒްނާއަށް ގުޅާލިއެވެ.

މިޒްނާއާ އެކީ އަނޫޝާވެސް ބޭރަށް ނިކުތެވެ.

“ދޮންބެ ހަމަ ނުވަންނާނަންތަ؟” އަނޫޝާ އަހާލިއެވެ.

“ނުވަނިއްޔާ އަހަރެން ބަލަން ބޭނުން ނޫން މަންޒަރެއް ނުފެންނާނެ، އަޑު އަހަން ބޭނުން ނޫން އެއްޗެއް އަޑެއްވެސް ނީވޭނެ… މިގޮތް މާރަނގަޅެއްނު؟ އެހެން ނޫނަސް މިހާރު އަނޫ ފެނިއްޖެ، ސަލާމަތުން ހުރިކަން އެނގިއްޖެ” ޝިޔާޒް އަނޫޝާއަށް ބަލާލާފައި ބުންޏެވެ.

“ޝިޔާޒް، ގެޔަށް ދިޔައީމަ ވާހަކައެއް ބުނާނަން އިނގޭ” ސައިކަލަށް އަރާފައި މިޒްނާ ބުންޏެވެ.

“ކޮން ވާހަކައެއް؟” ޝިޔާޒް އަހާލިއެވެ.

“ގެޔަށް ގޮއްސަ ބުނާނަން” މިޒްނާ ބުންޏެވެ.

“ދެން ބުނެބަލަ!” ގެޔަށް ގޮސް ކޮޓަރިއަށް ވަން ގޮތަށް ޝިޔާޒް ބުންޏެވެ.

“ޝިޔާޒް، އަނޫ ބަނޑުބޮޑު” ޝިޔާޒްގެ އަތުގަ ހިފައިގެން ގޮސް އެނދުގައި ބައިންދާފައި މިޒްނާ ބުންޏެވެ.

އެއަޑު އަހާފައި ޝިޔާޒް އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ.

“ޝިޔާޒް، އެއްޗެއް ބުނެބަލަ!” މިޒްނާ ބުންޏެވެ.

“އަހަރެން ކީކޭ ބުނަންވީ؟ ހައްތަހާ ބޮޑަށް މިޝާލްއާ އެކީ އަނޫ ބަނދެވޭ ގޮތެއްނު މިވަނީ…؟” ޝިޔާޒް ބުންޏެވެ.

މިޒްނާ އެއްޗެއް ނުބުނެ އިނެވެ.

“މިޒޫ، މިޒޫގެ ދޮންބެއާ މެދު އަހަރެން މިކަހަލަ އެއްޗެހި ހިތަށް އަރާތީ ބުނެވެނީ… ސޮރީ، އެކަމަކުވެސް އަހަންނަށް އޭނަޔާ ދޭތެރޭ ހިތް ހެވެއް ނުކުރެވޭނެ” މިޒްނާގެ އަތުގަ ހިފާލަމުން ޝިޔާޒް ބުންޏެވެ. މިޝާލްއާ މެދު ޝިޔާޒްގެ ހިތުގައިވާ ރުޅިވެރިކަން މިޒްނާއަށް އެނގި، އޭނަ އެކަމާ ދެރަވާކަން ޝިޔާޒްއަށް އެނގޭތީ ޝިޔާޒް ބޭނުންވީ އެވާހަކަ މިޒްނާއަށް ބުނެދޭށެވެ.

“ޝިޔާޒް، މަންމަ ބުނި މިހާރު ދޮންބެ ވަރަށް ޗޭންޖް ވެއްޖެޔޭ… ކުރީގަ ދާހެން މިހާރު ބޭރަކަށްވެސް ނުދެޔޭ… މިހާރު ޑްރަގްސްވެސް ޔޫސް ނުކުރާހެން ހީވާ ވާހަކަވެސް ބުނި… ވެދާނެއެއްނު އޭނަ ޗޭންޖްވާން މަސައްކަތް ކުރަނީ ކަމަށްވެސް؟” މިޒްނާ މަޑުމަޑުން ބުންޏެވެ.

“ވެދާނެ ތިހެންވެސް… އެކަމަކު އަހަރެން ހަނދާނެއް ނުނެތޭނެ އެރޭ މިޝާލްއާ ޝަމްހާ ފެނުނު ގޮތެއް… އެމަންޒަރު އަހަރެންގެ ސިކުނޑިން ފޮހެލެވޭނީ މިޝާލްގެ ސަބަބުން އަނޫއަށް ހުރިހާ އުފަލެއް ލިބުނު ދުވަހަކުން. މިޒޫ ތިބުނިހެން މިޝާލް ބަދަލު ވެއްޖެއްޔާ އަހަންނަށް ހީވަނީ އަނޫއަށް ވުރެން އަހަރެން އުފާ ވާނެހެން… އެކަމަކުވެސް އެދުވަސް ފެނުމުގެ ކުރިން އަހަރެންގެ ހިތް މިޝާލްއާ މެދު ބަދަލެއް ނުވާނެ” ޝިޔާޒް ބުންޏެވެ.

 

އަނެއް ދުވަހު ހޭލި އިރު މިޝާލް ހުރީ ހުން އައިސްފައެވެ. ސައި ބޮއެގެން މިޝާލް ކޮޓަރިއަށް ވަދެ އަނެއްކާވެސް އޮށޯވެލީ އެހެންވެއެވެ. ހުން އައި ވާހަކައެއް މިޝާލް އަނޫޝާ ކައިރިއަކުވެސް އަދި ގޭ އެހެން މީއަކު ކައިރިއަކުވެސް ނުބުނެއެވެ.

މެންދުރު ކާން ހަދާފައި ކާން ގޮވަން ދިޔައިރު މިޝާލްއަށް ނިދިފައި އޮތުމުން އަނޫޝާ މިޝާލްއަށް ގޮވާލިއެވެ. ދެފަހަރަކު ގޮވާލުމުންވެސް މިޝާލްއަށް ހޭނުލެވުމުން އަނޫޝާ މިޝާލްގެ އަތުގައި ކޮއްޓާލަމުން ގޮވާލިއެވެ. މިޝާލް ހުން އައިސްފައި ހުރިކަން އަނޫޝާއަށް އެނގުނީ އެވަގުތުއެވެ.

ދެތިން ފަހަރު މިޝާލްގެ އަތުގައި އަތް ޖައްސާލާފައި އަނޫޝާ ގޮވާލުމުން މިޝާލްއަށް ހޭލެވުނެވެ.

“ކައިގެން ބޭސްގުޅައެއް ކާލައިގެން އޮށޯންނަންވީނު؟” އަނޫޝާ ބުންޏެވެ.

“ބޭހޭ؟” މިޝާލްއަށް އަހާލެވުނެވެ.

“ހުން އައިއްސަ ތިއޮތީ… އެހެންވެ…” އަނޫޝާ ބުންޏެވެ.

“ކާހިތެއް ނެތް… ބޭސްގުޅައެއް ގެނެސްދީ” ތެދުވެ ދެއަތުން މޫނު ފޮހެލަމުން މިޝާލް ބުންޏެވެ.

ރޭވީއިރުވެސް މިޝާލް ހުންމަޑެއް ނުވެއެވެ. ވަރުދެރަވެ ގައިގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ދާން އަނޫޝާއާ ނަސީރާ ބުނުމުންވެސް މިޝާލް އެއްބެއް ނުވިއެވެ.

ރައްޓެހިންގެ އިތުރުން ޝަމްހާވެސް ގުޅާތީ އުނދަގޫ ވެގެން މިޝާލް އެންމެ ފަހުން ފޯން ނިވާލިއެވެ. ވީގޮތެއް ބުނާކަށް ޝަމްހާއަކަށްވެސް ނުގުޅައެވެ.

މިޝާލްއާ އެކީ ދާން އުޅުނު ނަމަވެސް މިޝާލް ބަލި ވުމުން އަނެއް ދުވަހު އަނޫޝާ ޑޮކްޓަރަށް ދައްކަން ދިޔައީ މިލްނާއާ އެކީގައެވެ.

އެތައް ފަހަރަކު ގުޅުމުންވެސް ފޯން ނުނަގާ މިޝާލް ފޯން ނިއްވާލުމުން ޝަމްހާ ކުރިއަށް ވުރެން ރުޅިއައެވެ. އަތުގައި އޮތް ފޯން އެއްލާލަން އުޅެފަވެސް މަޑުކޮށްލީ އެއީ ޝަރީފާގެ ފޯން ކަން ހަނދާން ވުމުންނެވެ.

މިޝާލް ފޯން ނުނަގާނެ ނަމަ ދެން އޮތީ އެންމެ ގޮތެކެވެ. ކޮންމެ ގޮތެއް ވިޔަސް މިޝާލްއަށް އެކަން އަންގަން ޖެހެއެވެ.

ހަވީރު ފަހެއް ޖެހިތަނާ ޓެކްސީއެއްގައި ޝަމްހާ މިޝާލްމެން ގެޔަށް ދިޔައިރު އަނޫޝާއާ މިލްނާ ނިކުތްތާ ދިހަ ވަރަކަށް މިނެޓްވެސް ނުވާނެއެވެ. އޭގެ އިތުރުން ނަސީރާއާ މަޒްނާ ލަޔާލްއާ ރައްޔާން ގޮވައިގެން ނަސީރާގެ ރައްޓެއްސެއްގެ ދައުވަތަކަށް އެދުވަހު ދިޔުންވެސް ވީ ޝަމްހާއަށް މިޝާލްއާ ބައްދަލު ކުރުން ފަސޭހަ ވެގެން ދިޔަ ކަމަކަށެވެ.

ބެލް ޖަހާލުމުން ގޭ ދޮރު ހުޅުވީ އަޒީޒާއެވެ.

“މިޒޫ މާމާ، އަނޫ ކޮބާ؟” މިޝާލްގެ ވާހަކަ ނާހަން ވެގެން ޝަމްހާ އަނޫޝާއާ ބެހޭ ގޮތުން ސުވާލު ކުރިއެވެ.

“އަނޫ ވެއްޖެ ހޮސްޕިޓަލަށް ގޮސް” އަޒީޒާ އެތެރެއަށް ވަދެ ޝަމްހާއަށްވެސް ވަނުމަށް ތަން ދައްކަމުން ބުންޏެވެ.

“މިޝާލްއާ އެކީތަ ދިޔައީ؟ ކޮބާ މިޒޫ މަންމަމެން؟” ގޭގައި އުޅެނީ ކޮން ބައެއްތޯ ބަލާލުމުގެ ގޮތުން ޝަމްހާ ދުރުދުރުން ސުވާލު ކުރިއެވެ.

“އަނޫ ދިޔައީ މިލްނާއާ އެކީ، މިޝާލް އެބައޮތް ހުން އައިއްސަ، ގޭގަ އެކަކުވެސް ނެތް ދުވަހެއްގަ ތިއައީ” އަޒީޒާ ޝަމްހާއަށް ބަލާލާފައި ހީލަމުން ބުންޏެވެ.

“އެހެން ދޯ؟ ދެންމެތަ އަނޫމެން ދިޔައީ؟” ޝަމްހާ އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން އަހާލިއެވެ.

“އާނ، އަދި ނުވާނެ މާގިނަ އިރެއް… ހިއެއް ނުވޭ އަވަހަކަށް އަންނާނެ ހެންނެއް” އަޒީޒާ ބުންޏެވެ.

“އެހެންތަ؟ އެހެން ވިއްޔާ ދެން އެހެން ދުވަހަކުން އަންނާނީ… އެކަމަކު އިހަށް އަންނާނަން މިޝާލްއަށް ގޮވާލާފަ” ޝަމްހާ މަޑުކޮށްލީ އަޒީޒާ ބުނާ އެއްޗެއް ބަލާށެވެ.

އަޒީޒާ އެއްޗެއް ނުބުނެ ބޯޖަހާލާފައި ގޮސް ވަނީ ކޮޓަރިއަށެވެ.

ޝަމްހާ މައްޗަށް އަރާ މިޝާލްގެ ކޮޓަރީ ދޮރު ހުޅުވާލީ މަޑުމަޑުންނެވެ. ފެން ވަރައިގެން ނިކުމެ ލޯގަނޑު ކުރިމަތީ ހުރި މިޝާލް، ދޮރު ހުޅުވުނު އަޑަށް އެނބުރި ބަލާލިއެވެ.

“ޝަމް…” ޝަމްހާ ފެނިދާނެ ކަމަށް އެއްގޮތަކަށްވެސް ހީވެފައި ނެތުމުން އެވަގުތު އެގޭން ޝަމްހާ ފެނުމުން މިޝާލްއަށް ލިބުނީ ހައިރާން ކަމެވެ.

“އަހަރެން ގުޅާތީތަ ފޯން ނިއްވާލައިގެން ތިއުޅެނީ؟” ޝަމްހާ އެހިއެވެ.

މިޝާލް ސައިޑްޓޭބަލް މަތީ އޮތް ފޯނަށް ބަލާލިއެވެ.

“ޝަމް ގުޅާތީކީ ނޫން، އިއްޔޭން ފެށިގެން ކުޑަކޮށް ބަލިވެ އުޅޭތީ މީހަކު ގުޅައިގެންވެސް ބޭރަށް ދާން ޖެހިދާނެތީ ނިވާލީ” އުނަގަނޑުގައި އޮޅާލައިގެން ހުރި ތުވާލި އިތުރަށް ބާރުކޮށްލަމުން މިޝާލް ބުންޏެވެ.

“އެންމެ ފަހަރަކުވެސް މިޝާލް ހިތަކަށް ނާރާތަ އަހަރެން އެވަރަށް ގުޅާނީ ކޮންމެސް ކަމެއް ވެގެންނޭ؟ ކީށްވެތަ ވީކީއްތޯ އެއްފަހަރުވެސް އަހާނުލީ؟” ޝަމްހާ ސުވާލު ކުރަމުން ގޮސް މިޝާލްގެ ކުރިމަތީ ހުއްޓުނެވެ.

“ކިހިނެއްތަވީ؟ ބުނެބަލަ ދެން…” އިރުކޮޅެއް ފަހުން މިޝާލް އަހާލިއެވެ.

އެއާއެކު ޝަމްހާ ރޮއެގެންފައި މިޝާލް ގައިގައި ބައްދައިގަތެވެ.

“ޝަމްހާ… ވީގޮތެއް ބުނެބަލަ” ޝާމްހާގެ ދެކޮނޑުގައި ދެއަތުން ހިފާލަމުން މިޝާލް ބުންޏެވެ.

“މިޝާލް، އަހަންނަކަށް ނޭނގެ ދެން ހަދާނެ ގޮތެއް…” ޝަމްހާއަށް އަދިވެސް ވެގެން އުޅޭ ގޮތެއް ނުބުނެވުނެވެ.

“ވީގޮތެއް ބުނެބަލަ އިހަށް…” ވީގޮތެއް ޝަމްހާ ނުބުނާތީ މިޝާލް ރުޅި އައިސްގެން ޝަމްހާ ގަޔާ ދުރުކޮށްލިއެވެ.

“އަހަރެން ބަނޑުބޮޑު…” ޝަމްހާ މިޝާލްގެ މޭގައި މޫނު ޖައްސާލައިގެން ހުރެ ބުންޏެވެ.

“ކީކޭ…؟” މިޝާލްއަށް އަހާލެވުނީ އެއީ ތެދެއްކަން ގަބޫލު ކުރަން ބޭނުން ނުވެ ހުރެއެވެ.

“އަހަރެން ބަނޑުބޮޑޭ މިޝާލް” ޝަމްހާ ދެވަނަ ފަހަރަށް ބުންޏެވެ.

ޝަމްހާ ގައިން ދޫކޮށްލާފައި މިޝާލް އެނބުރި ލޯގަނޑަށް ބަލާލަމުން ބޯހަލުވާލިއެވެ. ޑްރެސިންގޓޭބަލް މަތީ ދެއަތް ވިއްދާލަމުން މިޝާލް އިސް ޖަހާލީ ހަދާނެ ގޮތެއް ނުވިސްނުމުންނެވެ.

ހަމަ ހިތަށް އަރާ އިރަށް އެއްވެސް މީހަކަށް އެމީހެއްގެ މާޒީ ދޫކޮށް ނުލެވޭނެކަން އެވަގުތު މިޝާލްއަށް ވިސްނުނެވެ. އުޅެވުނު ގޮތާ، ކުރެވުނު ކަންތައް ވިސްނި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ގަބޫލު ކުރެވި، ދިރި އުޅުން ބަދަލު ކުރަން އަޅާލި ފުރަތަމަ ފިޔަވަޅާ އެކީވެސް މިޝާލްއަށް މާޒީގެ ހިޔަންޏާ ކުރިމަތިލާން މިވަނީ ޖެހިފައެވެ.

އެއީ ކުރީގެ މިޝާލް ނަމަ ޝަމްހާ އެދިން ޚަބަރަކީ އެއްވެސް ކަމަކަށް މިޝާލްއަކަށް ނުވީހެވެ. ހަމަ ވަގުތުން މިޝާލްގެ ދިރިއުޅުމުން ޝަމްހާ ނެރެލީހެވެ. އެއްވެސް ކަމެއްގެ ޒިންމާއެއް ނަގަން ޖެހޭނެ ކަމަކަށް މިޝާލް ގަބޫލެއް ނުކުރީހެވެ. ނަމަވެސް މިއަދު މިޝާލް އެފަދަ ގޮތެއް ހަދަން ހިތަށްވެސް ނާރައެވެ. އެކަމުގައި ޝަމްހާ އެކޭ އެއްވަރަށް މިޝާލްގެ ޒިންމާވެސް ވާނެ ކަމަށް ގަބޫލު ކުރިއެވެ.

ނަމަވެސް އެއްޗެއް ބުނަން މިޝާލްއަށް ފަސް ޖެހެވުނީ އަނޫޝާއާ މެދު ވިސްނާފައެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު ޝަމްހާއަށް ވުރެން މިޝާލްއަށް މުހިންމު ވީ އަނޫޝާއެވެ.

“މިޝާލް! ކޮންމެސް އެއްޗެއް ބުނެބަލަ” އެއްޗެއް ނުބުނެ ގިނައިރު ވާން ފެށުމުން ޝަމްހާ ބުންޏެވެ.

“އަހަރެން ކީކޭ ބުނަންވީ؟” ޝަމްހާއާ ދިމާއަށް އެނބުރިފައި މިޝާލް އެހިއެވެ.

“މިޝާލް، ހެލްޕް މީ، ޕްލީޒް…” ޝަމްހާ އަނެއްކާވެސް މިޝާލް ގައިގައި ބައްދައިގަތެވެ.

“ޝަމްހާއަށް ހެލްޕް ވާން އަހަރެން ހަދަންވީ ކިހިނެއްތަ؟ އަހަންނަކަށް ނޭނގެ އަހަރެން ހަދަންވީ ގޮތެއް” މިޝާލްއަށް ހަގީގަތުގަވެސް ހަދާނެ ގޮތެއް ނުވިސްނެއެވެ.

“ހިނގާ މެރީ ކުރަން… ޕްލީޒް މިޝާލް” މިޝާލްގެ މޭގައި މޫނު ޖައްސާލައިގެން ރޯން ހުރި ޝަމްހާ ބޯހިއްލާ މިޝާލްގެ މޫނަށް ބަލާލަމުން ބުންޏެވެ.

“އެކަމަކު… އަނޫ…” މިޝާލްއަށް އެހާ ފަސޭހައިން އެކަމާ އެއްބަހެއް ނުވެވުނެވެ.

“މިޝާލް އަނޫ ވަރިނުކުރިޔަސް އަހަންނާ އިނދެވިދާނެ… ޕްލީޒް މިޝާލް… އާއެކޭ ބުނޭ” ޝަމްހާ ބުންޏެވެ.

މިޝާލް އެއްވެސް އެއްޗެއް ނުބުންޏެވެ. ފުރަތަމަ ކަމަކީ މިޝާލް ޝަމްހާއާ ކައިވެނި ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މިއަދު ޝަމްހާއާ ދިމާއަށް އެހެން ބުނެވޭކަށް ނެތެވެ. ޝަމްހާއަށް މިއަދު ދިމާ ވެގެން މިއުޅޭ ކަންތަކުގައި މިޝާލްވެސް ހިއްސާ ވާތީއެވެ.

އަނެއް ކަމަކީ… އަނޫޝާ ގަބޫލު ވާނެ ބާއެވެ. ކަންތައް މިވީ ގޮތުން އަނޫޝާ ވިސްނާނީ ކޮން ގޮތަކަށް ބާއެވެ. މިޝާލްއަށް ކުއްލިއަކަށް މިއައި ބަދަލުގެ ފަހަތުގައި ވަނީ މިކައިވެންޏަށް އަނޫޝާ ރުއްސުން ކަމުގައި އަނޫޝާ ހީނުކުރާނެ ބާއެވެ.

މިޝާލްއަށް ދެފަރާތަށް ބޯހަލުވާލެވުނީ އެގޮތަށް އަނޫޝާ ހީކުރުމަށް ހިތް ނޭދޭތީއެވެ.

“ނޫނެކޭތަ ތިބުނީ؟” މިޝާލް ބޯހަލުވާލި ތަން ފެނުމުން ޝަމްހާއަށް ހީކުރެވުނީ އެގޮތަށެވެ.

“ނޫން، އެހެންނެއް ނުބުނަން… އެކަމަކު އަނޫ ގަބޫލު ނުވެއްޖެއްޔާ ކިހިނެއް ހަދާނީ؟” މިޝާލްއަށް އަހާލެވުނެވެ.

“އޭނަ ގަބޫލު ނުވިއްޔާ ކޮން ކަމެއްތަ ވާނީ؟ މިޝާލް ބޭނުން ގޮތަކަށް ކަންތައް ކުރުން ހުއްޓުވަން އޭނައަށް ކޮން ކަމެއް ކުރެވޭނީ؟ އެހެން ނޫނަސް އޭނަ ގަބޫލު ނުވިއްޔާ މިޝާލް އޭނަ ވަރި—” ޝަމްހާއަށް ބުނެވުނީ އެވަރަށެވެ.

“ނޯ!” ޝަމްހާގެ ދެކޮނޑުގައި ހިފާ ދުރުކޮށްލަމުން މިޝާލް ބާރަށް ބުންޏެވެ.

ޝަމްހާ މިޝާލްއާ ދިމާއަށް ބަލަން ހުއްޓެވެ.

“އަހަރެން ކުރިންވެސް ބުނީމެއްނު އަނޫ ވަރިއެއް ނުކުރާނަމޭ؟ މިއަދުވެސް އަހަރެންގެ އެ ނިންމުން ބަދަލެއް ނުވޭ، ޝަމްހާއަކަށްވެސް އެކަން ބަދަލެއް ނުކުރެވޭނެ. އަހަރެން ނުބުނަމެއްނު ޝަމްހާއަށް ހެލްޕެއް ނުވާނަމެކޭ؟ އެކަމަކު އަހަރެން ވިސްނާލަން އަދި ވަގުތު ބޭނުން” މިޝާލް ބުންޏެވެ.

“ވަގުތެއް ނެތޭ މިޝާލް… ވަގުތެއް ނެތޭ. މިހާރު މީ ތިންވަނަ މަސް… މިޝާލް ބުނެބަލަ! އަހަރެން ކިހިނެއްތަ މިޝާލްއަށް ވަގުތު ދޭނީ؟” ޝަމްހާއަށް އަނެއްކާވެސް ރޮވުނެވެ.

“ޝަމް… ދެން ނުރޮއެބަލަ! ކޮންމެސް ގޮތެއް އޮންނާނެއެއްނު؟” މިޝާލް ޝަމްހާގެ އަތުގަ ހިފާލަމުން ބުންޏެވެ. ޝަމްހާ އަނެއްކާވެސް މިޝާލް ގައިގައި ބައްދާލިއެވެ.

ޝަމްހާ ގަޔާ ދުރުކޮށްލަން ބޭނުންވި ނަމަވެސް އެވަގުތު ޝާމްހާ ރޯތީ މިޝާލްއަށް އެހެން ހަދާކަށް ނުކެރުނެވެ.

“ވީ ޝުޑް ހޭވް ބީން މޯރ ކެއަރފުލް… އަސްލު މީ އަހަރުމެންގެ މެދުގަ އޮވެގެން ވާނެ ގުޅުމެއްވެސް ނޫން… އެކަމަކު ދެން އެހެން ބުންޏަކަސް ވާނެ ކަމެއް ނޯންނާނެ…” މިޝާލް މަޑުމަޑުން ބުންޏެވެ.

ޝަމްހާ މިޝާލް ދެއްކި ވާހަކަޔާ ހިތާހިތުން އެއްބަސް ވިއެވެ. ނަމަވެސް ދުލުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އަނޫޝާއަށް ދެރައެއް ދެވޭނެ ކަމަށް ކުރި ކަމަކުން ހަގީގަތުގައި ހުރިހާ ދެރައެއް މިލިބުނީ ޝަމްހާއަށެވެ. މިޝާލް ބޭނުން ނަމަ އެކަމާ އަޅާނުލާވެސް ހުރެވިދާނެއެވެ. އެހެން ހެދިޔަސް ޝަމްހާއަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ.

އެހުރި ގޮތަށް ހުރެ ޝަމްހާއަށް ދުޢާ ކުރެވުނީ މިޝާލް ޝަމްހާއާ ކައިވެނި ކުރޭތޯއެވެ. އެކަމަށް އެއްވެސް ހުރަހެއް މެދުވެރި ނުވޭތޯއެވެ.

 

ހީކުރި ގޮތާ ޚިލާފަށް އަނޫޝާއަށް ފުރަތަމަ ނަމްބަރު ލިބުމުން ގަޑިއެއްހާއިރު ވީއިރު ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހަދަން ދީ ނިމިއްޖެއެވެ. ދެން އަންނަންވީ ދުވަސް ބުނެދީފައި ބޭސް ސިޓީ ދިނުމުން އަނޫޝާއާ މިލްނާ ބޭސް ނަގައިގެން ކައިރީގައި ހުރި ދެތިން ފިހާރައަކަށް ވަދެލާފައި ގެޔަށް އައި އިރު ހައެއް ޖެހީއެވެ. އަނޫޝާމެން އައި ޓެކްސީގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް މަޑުކޮށްލި ޓެކްސީއިން ނަސީރާއާ މަޒްނާ ލަޔާލްއާ ރައްޔާން ގޮވައިގެން ފޭބުމުން އެންމެން ގެޔަށް ވަނީ އެކީގައެވެ.

ނަސީރާ ދެކުދިންނާ އެކީ ސިޓިންގރޫމްގައި އިށީނެވެ. މިލްނާ ގަނެގެން ގެނައި ހެދިކާ ކޮތަޅު ހިފައިގެން މަޒްނާއާ އެކީ ބަދިގެއަށް ވަނީ ސައި ހަދާށެވެ. މިޝާލް ކޮބާތޯ ބަލާލާފައި އެބަ އަންނަން ކަމަށް ބުނެފައި އަނޫޝާ އެރީ މައްޗަށެވެ.

ކޮޓަރީ ދޮރުގެ ތަޅުގައި ހިފާލި އިރު ތަޅު ނުލާ ހުރި ނަމަވެސް އަނޫޝާ މަޑުމަޑުން ދޮރު ހުޅުވާލާފައި ވަނީ މިޝާލްއަށް ނިދިފައި އޮވެދާނެތީ އުނދަގޫ ވެދާނެ ކަމަށެވެ. ނަމަވެސް އެތެރެއަށް ވަން ގޮތަށް އަނޫޝާއަށް ލިބުނު ސިހުމުގައި ބަލަހައްޓައިގެން ހުރެވުނީއެވެ.

ހުޅުވާފައި ހުރި ކުޑަދޮރުން ވަން ވައިރޯޅިއާއެކު ދޮރު ލެއްޕުނު އަޑަށް މިޝާލް އެނބުރި ބަލާލިއެވެ. މިޝާލްގެ އަތުތެރޭ ހުރި ޝަމްހާވެސް ބޯހިއްލާ ބަލާލިއެވެ.

އަނޫޝާ ފެނުމާއެކު މިޝާލް ޝަމްހާ ގައިން ދޫކޮށްލިއެވެ. ޝަމްހާވެސް މިޝާލްއާ ދުރަށް ޖެހިލަމުން ދެއަތުން މޫނު ފޮހެލިއެވެ.

މިޝާލްއާ ޝަމްހާ ތިބި ގޮތާ، އަނޫޝާ ފެނުމުން އެދެމީހުން ދުރަށް ޖެހުނު ގޮތް އަނޫޝާއަށް ރީތިކޮށް ފެނުނެވެ. މިޝާލް ހުރި ގޮތް އަނޫޝާއަށް ފާހަގަ ކުރެވުނީ އޭގެ ފަހުންނެވެ.

އަނގައިން ނުބުނެ ހަރަކާތެއް ނެތިފައި ހުރެވުނު ދެތިން މިނަޓެއް ހާއިރު އަނޫޝާގެ ހިތަށް އެތައް އެއްޗެއް އަރަމުން ދިޔައެވެ. މިޝާލްއާ އަނޫޝާގެ މެދުގައިވާ ގުޅުން ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް، އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބި ނުވި ނަމަވެސް މިޝާލްއަކީ އަނޫޝާގެ ފިރިމީހާއެވެ. އަނޫޝާއަށް އެދެމީހުން ތިބި ގޮތް ފެނުމުން ޝަމްހާއާ މިޝާލްގެ މެދުގައި އޮތީ ކޮންގުޅުމެއް ކަން އެނގުނެވެ. ނަމަވެސް އަނޫޝާއަށް ނޭނގުނު ކަމަކީ އެގުޅުން ހުރިހާ ހައްދެއް ހުރަސް ކޮށްފައި ވާކަމެވެ.

އަނޫޝާއަށް މިޝާލް ދެކެ ރުޅި އާދެވުނެވެ. ނަމަވެސް އެއަށް ވުރެން ބޮޑަށް އަނޫޝާ ރުޅި އައީ ޝަމްހާ ދެކެއެވެ. އަނޫޝާ މަޑުމަޑުން ގޮސް މިޝާލްއާ ޝަމްހާގެ ކައިރިއަށް ހުއްޓި ފުރަތަމަ މިޝާލްގެ މޫނަށް، އެއަށް ފަހު ޝަމްހާގެ މޫނަށް ބަލާލިއެވެ. ދެން ކަންތައް ވީ އެހެން ވެދާނެ ކަމަށް އެތިން މީހުން ތެރޭން އެކަކުވެސް ހީނުކުރާ ގޮތަކަށެވެ.

ޝަމްހާގެ ވައަތު ކޯތާފަތަށް އަނޫޝާގެ ކަނާތު އަތްތިލައިގެ ހޫނުކަން އިހުސާސް ވެގެން ދިޔައީ ދިލަ ތަދަކާ އެކުއެވެ. އެއާއެކު ޝަމްހާ ގޮސް ޖެހުނީ މިޝާލް ގައިގައެވެ. މިޝާލްއަށް ޝަމްހާ ގައިގައި ހިފަހައްޓާލެވުނެވެ.

“އަނޫ…” މިޝާލް އަނޫޝާއަށް ގޮވާލި އިރު އެއަޑުގައި ވަނީ ހައިރާން ކަމެވެ. ޚުދު އަނޫޝާއަށްވެސް އަމިއްލަ އަތްތިލައަށް ބަލާލެވުނީ ކުރެވުނު ކަންތަކާ މެދު ޔަގީން ކުރަން ދަތިވެފައި ވާފަދަ ގޮތަކަށެވެ.

“ތީ އަހަރެންގެ ފިރިމީހާއަށް ވިޔަސް އަހަރެން މިޝާލްގެ ފަރާތުން އެއްވެސް ކަމަކަށް އުންމީދެއް ނުކުރަން، އެންމެ ކުޑަ މިނުން މިޝާލް އަހަންނަށް ވަފާތެރިވާނެ ކަމަކަށްވެސް އުންމީދެއް ނުކުރަން… މިފެންނަނީ މިޝާލްގެ ފަރާތުން އަހަންނަށް ފެނިދާނެހެން ހީވި ކަހަލަ މަންޒަރެއް… އަހަރެން މިގެޔަށް އައިތާ އެންމެ ދުވަހެއްގެ ތެރޭގަ އަހަންނަށް އެނގިއްޖެ މިޝާލްއަކީ އަހަރެންގެ ކާކު ކަމާ، އަހަންނަކީ މިޝާލްގެ ކާކު ކަން… މިއަދު އަހަންނަށް މިތަނުން ފެނުނީ އެހެން އަންހެނެއް ނަމަ ލޯ މަރާލާފަ އެއީ ނުފެންނަ މަންޒަރެއް ކަމަށް ހަދާފަ، ކޮޓަރީގެ ދޮރު ލައްޕާލާފަ އަހަރެން މިތަނުން ނިކުންނާނީ… އެކަމަކު…” މިޝާލްއާ ދިމާއަށް ބަލަން ހުރެ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލާފައި އަނޫޝާ ޝަމްހާއަށް ބަލާލިއެވެ.

“ތީ އަހަރެން އެއްބަނޑު އެއްބަފާ ދައްތައެއް ކަމަށް ދެކުނު މީހެއް… ތުއްތައަށް ތުއްތަގެ ލޯބި ހޯދާދޭން އަހަންނަށް ކޮށްދެވުނު ކަންތައް ކުޑަ ވެގެންތަ މިއަދު ތުއްތަ އަހަރެންގެ ފިރިމީހާގެ އަތުތެރޭ… އަހަރެން ދެކެ ކިތަންމެ ރުޅި އަޔަސް އަހަރެން ހިއެއް ނުކުރަން ތުއްތައަށް މިވަރުގެ ކަމެއް ކުރަން ކެރިދާނެ ކަމަކަށް” އަނޫޝާ ޝަމްހާއަށް ބަލަން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.

“އަހަންނަށް ތިދެމީހުން ކުރާ އެއްވެސް ކަމެއް ނުހުއްޓުވޭނެ… އެނގޭ ތިދެމީހުން ކުރެ އެކަކަށްވެސް އަހަރެން ބުނާ އެއްޗަކީ އެއްވެސް އަގެއް ހުރި އެއްޗަކަށް ނުވާނެ ކަންވެސް… އެކަމަކުވެސް… މިޝާލް! ތިހެން ގެންގުޅޭ އެއްވެސް އަންހެނަކު ދެން މިގެޔަށް ނުވައްދައްޗޭ، އަހަންނަށް ފޮރުވާކަށް ނޫން… މިގޭގަ މިޝާލްގެ މަންމައާ ބައްޕައާ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮމެން ތިބީމަ މިހެން މިބުނީ… މިޝާލްއަށް އެވަރު ވާނެ ކަމަށް ހީކުރަން” އަނޫޝާ އެވަރަށް ބުނެފައި އެދެމީހުންނަށް ފުރަގަސް ދެމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

“އަނޫ، އަހަރެން…” އަނޫޝާ ނިކުންނަން އުޅެނިކޮށް ޝަމްހާ އަނޫޝާއަށް ގޮވާލަމުން އެއްޗެއް ބުނަން އުޅުނެވެ.

“މިއަދުގެ ފަހުން ތީ އަހަންނާ އެއްވެސް ގުޅުމެއް އޮތް މީހެއް ކަމަކަށް އަހަރެން ނުދެކެން. އަހަންނަށް ރަނގަޅީ މިހާރު މިގޭން ނިކުތިއްޔާ” ހުއްޓިފައި އެނބުރެމުން އަނޫޝާ ޝަމްހާއަށް ބުންޏެވެ.

“އަނޫ…” މިޝާލްވެސް އެވަގުތު އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެއަށް ވުރެން ކުރިން އަނެއްކާވެސް ޝަމްހާ ވާހަކަ ދައްކަން ފެށިއެވެ.

“އަނޫ، އިހަށް ރުޅި މަޑުކޮށްފަ އަޑު އަހާބަލަ” ޝަމްހާ ބުންޏެވެ.

“މިބުނީނު މިގޭން ނިކުންނާށޭ” އަނޫޝާގެ އަޑުގައި ވާ ހަރުކަށިކަމާ މެދު އަނޫޝާވެސް ހައިރާންވިއެވެ.

މިޝާލްވެސް ހުރީ އަނޫޝާގެ ފަރާތުން ފެންނަމުން މިދާ ކަންތައްތަކާ މެދު ހައިރާން ވެފައެވެ. އަމިއްލަ ލޮލަށް ފެނި އަމިއްލަ ކަންފަތުން އަޑު އިވޭތީ މިޝާލްއަށް ގަބޫލު ކުރެވުނީއެވެ. އެހެން ނޫންނަމަ އެއީ އެ މަޑުމައިތިރި ބަސްމަދު އަނޫޝާ ކަމަކަށް މިޝާލްއަކަށް ގަބޫލެއް ނުކުރެވުނީހެވެ.

“އަނޫ، އަހަރެން ބަނޑުބޮޑޭ… މިޝާލް—” ޖެހިލުން ވީ ނަމަވެސް އަނޫޝާ ނިކުތުމުގެ ކުރިން ޝަމްހާ ބުންޏެވެ. ނަމަވެސް ޝަމްހާ ބުނަން ބޭނުންވި އެއްޗެއް އޭނައަށް ފުރިހަމަ ނުކުރެވުނީ މިޝާލްގެ ސަބަބުންނެވެ.

“ޝަމްހާ!” މިޝާލް ޝަމްހާއަށް ގޮވާލި އިރު އަޑުގައި ވަނީ ރުޅިވެރިކަމެވެ.

ކޮޓަރިން ނިކުންނަން ދޮރުގެ ތަޅުގައި ހިފާލި އަނޫޝާއަށް އެނބުރިފައި ޝަމްހާއާ ދިމާއަށް ބަލަން ހުރެވުނެވެ.

އިތުރަށް އެއްވެސް އެއްޗެއް ނުބުނި ނަމަވެސް އަނޫޝާއަށް ހުރިހާ އެއްޗެއް ވިސްނުނެވެ. އެވާހަކަ ގަބޫލު ކުރާކަށް އަނޫޝާއަށް އުނދަގުލެއްވެސް ނޫނެވެ. މިޝާލްއާ ޝަމްހާގެ ފަރާތުން އެފަދަ އަމަލެއް ފެނުން އެއީ ހައިރާން ވާންވީ ކަމެއް ނޫނެވެ.

އެހެން ނަމަވެސް އަނޫޝާގެ ހިތަށް ތަދުވިއެވެ. ލޮލުން ކަރުނަ އައެވެ. މިދިޔަ ދެތިން ދުވަހު މިޝާލްގެ ފަރާތުން ފެންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުން ދިރިއުޅުމާ މެދު އަނޫޝާއަށް ފެނުނު ހުޅުކޮޅު އެވަގުތު ނިވުނެވެ.

“އަހަރެން ހުރީ ތިވާހަކަ ދައްކާށޭ… ތިގޮތަށް ނުބުންޏަސް ތިކަން އަނޫއަށް އެންގިދާނެއެއްނު؟” މިޝާލް ރުޅިއައިސްފައި ޝަމްހާއަށް ބުންޏެވެ.

އަނޫޝާ އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިން ނިކުތެވެ. ނަމަވެސް ބޭރަށް ދެފިޔަވަޅުވެސް ނޭޅެނީސް މިޝާލް އައިސް އަނޫޝާގެ އަތުގައި ހިފެހެއްޓިއެވެ.

“އަނޫ…” މިޝާލް އެއްޗެއް ބުނަން އުޅުނެވެ.

އެވަގުތު އަނޫޝާއަށް ރުޅި އާދެވުނީ ކިހިނެއް ކަމެއްވެސް އަނޫޝާއަކަށް ނޭނގުނެވެ.

“އަތް ނުލާތި!” އަތް ފޮޅޫވާލަމުން އަނޫޝާ މިޝާލްއާ ދިމާއަށް ބުންޏެވެ. ނަމަވެސް މިޝާލް ދެވަނަ ފަހަރަށްވެސް އަނޫޝާގެ އަތުގައި ހިފަހައްޓަން އުޅުނެވެ.

“މިބުނީ މަގޭ ގައިގަ އަތް ނުލާށޭ! އަޑެއް ނީވޭތަ؟” އަނޫޝާ އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ.

ކާމޭޒު ދޮށުގައި އަނޫޝާ އަންނަންދެން މަޑުކޮށްލައިގެން ތިބި މިލްނާއާ މަޒްނާއާ ނަސީރާ އަނޫޝާގެ އަޑު އިވުމުން އެކަކު އަނެކަކަށް ބަލާލާފައި އަވަސްއަވަހަށް ތެދުވިއެވެ. އަނޫޝާ އެހާ ބާރަށް ހަޅޭލަވައިގަންނާނީ ކޮންމެވެސް ބޮޑު ކަމެއް ވެގެންކަން އެތިން މީހުންނަށްވެސް ޔަގީންވެއެވެ.

“ލަޔާލް، އިހަށް އާދޭ މާމަ ކައިރިއަށް ގޮސްލަން” ރައްޔާން އުރާލައިގެން ހުރި މަޒްނާ ލަޔާލްގެ އަތުގައި ހިފައިގެން ގޮސް އަޒީޒާގެ ކޮޓަރިއަށް ވަނެވެ.

“މާމާ، އިހަށް ރައްޔާން އުރާލަދީބަލަ… ލަޔާލްވެސް މިތާ ބައިންދާފަ މިދަނީ އިނގޭ” އަޒީޒާ އަތަށް ރައްޔާން ދެމުން މަޒްނާ އެހެން ބުނެފައި ނިކުމެ ސިޑިން މައްޗަށް އެރިއެވެ.

އުނަގަނޑުގައި ތުވާއްޔެއް އޮޅާލައިގެން ހުރި މިޝާލްއާ، މިޝާލްއާ ދުރަށް، ފަހަތަށް ފިޔަވަޅު އަޅަމުން ރޮމުން ދިޔަ އަނޫޝާއާ، މިޝާލްއާ އަނޫޝާގެ ކޮޓަރި ދޮރު ކައިރީގައި ހުރި ޝަމްހާއަށް ނަސީރާ ބަލާލީ ވަކިވަކިންނެވެ. ނަސީރާއެކޭ އެއްވަރަށް އެމަންޒަރު ފެނުމުން މަޒްނާއާ މިލްނާވެސް ތިބީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވެގެން އުޅޭ ގޮތް ނުވިސްނޭތީކީ ނޫނެވެ. ގަބޫލު ކުރަން ދަތިވީއެވެ.

“ކިހިނެއް ވެގެންތަ މިއުޅެނީ؟ އަނޫއަށް ކިހިނެއްތަވީ؟” ނަސީރާ އަހާލިއެވެ. ނަމަވެސް އެކަކުވެސް ނަސީރާގެ ސުވާލަށް ޖަވާބެއް ނުދިނެވެ.

“އަނޫ، ޕްލީޒް… އިހަށް އަޑު އަހާބަލަ!” މިޝާލް އަނެއްކާވެސް އަނޫޝާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

“ދެން އިތުރަށް އަޑު އަހަން ކޯޗެއްތަ އޮތީ؟ ހުރިހާ އެއްޗެއް އަޑު އިވިއްޖެ” އަނޫޝާ ބުންޏެވެ. އަދި ނަސީރާ ކައިރިން ލާފައި ގޮސް ދުވެފައި ސިޑިން ފޭބިއެވެ.

ނުނިމޭ

67
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

ފުންއަސަރު 24

Next

ހާދަހާވޭ ކުރާހިތް ސަމާސާ 16 ވަނަ ބަައި

Next
April 11, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 16 ވަނަ ބަައި

Previews
April 11, 2016

ފުންއަސަރު 24

17 Comments

  1. bitch says:
    April 11, 2016 at 6:29 pm

    Wow.. When next part??
    ♥♥♥♥♥♥♥??????

  2. aff says:
    April 11, 2016 at 6:33 pm

    finally up vehje .. story vrh habeys .. dhen waani kihineh baa ? .. ?

  3. Piyaaara says:
    April 11, 2016 at 6:36 pm

    Aalhey kiyhineh dhen vaani samhaa preg kurey eyhenmihakah

  4. Kidy says:
    April 11, 2016 at 6:43 pm

    Haadha kurey mi part… bt v v salhi

  5. ny says:
    April 11, 2016 at 7:04 pm

    Alheyyy,, dhn kihineiytha vaany???.. haadha reehcheyyy.. avas up kohdhehchey ingey..

  6. Faathun says:
    April 11, 2016 at 7:25 pm

    Anu aa zihan gulhuwaba pls…

  7. Aishath says:
    April 11, 2016 at 7:56 pm

    Anu n mishal gulhu vaany ingey….mishal ah vx adhi 1 chance libenvaane……mi vaahaka vvvv reethi…..keep it up……

  8. Aimsithu says:
    April 11, 2016 at 8:47 pm

    Emme kiyaa hiyyvi hisaabun thi nimmaaly.. but story is superb!!

  9. waroo says:
    April 11, 2016 at 8:50 pm

    Wow………………..next part plx…… anoo liben vaany hama mishaal ah

  10. aff says:
    April 11, 2016 at 10:47 pm

    assu anu n mishaal gulhuvee a reethi waani .. mishaal ah chanceh libenvaanethaa .. nw eyna anu dheke loabi vex vey thewhche .. shamha n xihan gulhuwaany .. xihan kahala myhaka shamha jehunyma rangalhu vex vedhaane .. loved it .. love u maarsha .. mwarrrh

  11. faathun says:
    April 11, 2016 at 11:30 pm

    mee faathun kurin kee vaahaka eh.. mivaa ha kaiga enme fahun anoo and xihan gulhey ny.. mishal and shamha gulheyny.. aslu v beynunmishalal and anoo gulhuvan bt keekuraany dww

    1. Visnun says:
      April 12, 2016 at 6:13 pm

      Kurin vaahaka. Kee kamagai viyas vaahakaiga vaagoi kiyaidginyma theres no suspense in it… dont do that… v faahaga vaa kameh mihaarakah ais vaahaka eh kiyaafa othiya comment ga vaahakaige nimun inna goi bunelaa hadhaa kan…

  12. Nee says:
    April 12, 2016 at 8:11 am

    mishal eh anu deserve eh nukurey…. dont make anu a typical gal who wuld live with mishal for the sake of their baby…. xihan shuld get anu…. story is amazing n i jst luv it..

  13. aff says:
    April 12, 2016 at 6:07 pm

    marrsha.. story up kohdheebah ..

  14. aff says:
    April 12, 2016 at 6:26 pm

    i agree with u visnun .. ?

  15. lam says:
    April 12, 2016 at 7:10 pm

    Asluvx dhw vaahaka kiyaa hiyy kendey ehn hedhyma. Ehvx kuhjaku ehn nahadhahchey. Maasha Avahah next part up kohdhyba

  16. Amy says:
    April 12, 2016 at 8:09 pm

    Pls upload next part vaahakakiya hithun kehmaduvepha.

Comments are closed.

All Right Reserved!