“”އަހަރެންގެ ހުވަފެނަކަށް ވެފައިވާ، ތިޔަ ޔާރާއަށް،
“އަހަރެންގެ ހުރިހާ ޚިޔާލެއް ރަނިކަން ކުރާ މަލިކާއަށް،”
“އަހަރެންގެ ހިތާއި ވިންދުގެ މިލްކުވެރިޔާއަށް”
“އެހެން އެއްވެސް މީހެއްދެކެ ލޯބި ނުވާ މިންވަރަށް، އަހަރެން ލޯބިވި އަދި ލޯބިވާ ރޫޔާއަށް،”
“އަހަރެންގެ މި ލޯބި ޤަބޫލުކުރާނަންތަ؟”
އެ ސިޓީގެ ފަހު ޖުމުލައާއެކު ރޫޔާގެ ދެއަތް ތުރުތުރު އަޅައިގެން ދިޔައެވެ. ދެލޯ ފެންކަޅިވީ، ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ރޮވެން އުޅުނެއްކަމަކު، އެމޫނުމަތިން އުޖާލާކަން ބަބުޅަމުންދިޔައެވެ. ހިތަށް ލިބުނު އުފާވެރިކަން އިންތިހާއެވެ. ލޮލަށް ޖަމާވި ކަރުނަތައް ފޮހެލުމެއް ނެތި ރޫޔާ، އެނދުމަތީގައި އޮތް ފޯނު އަތަށް ނެގިއެވެ. ސްޕީކަރު ކަނޑައިލުމަށްފަހު އެފޯނު ކަންފަތުގައި ޖައްސައިލިއެވެ.
“ރަޒާން….މީ…” ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ރޫޔާއަކަށް ހިފަހައްޓައެއް ނުލެވުނެވެ. ފަހަރަކު ކަރުނަ ތިއްކަކުން ތިއްކެއް އޮހެގެން، އެނާގެ ކޯތާފަތް މަތިން ތިރިއަށް ދަތުރު ކުރަން ފެށިއެވެ. “ހަމަ…… އަސްލަށްވެސް ރަޒާން އަހަރެންދެކެ ލޯބިވެވުނީތަ؟” އެނާގެ އަޑުވެސް އައީ ތުރުތުރު އެޅުމަކާއެކުއެވެ. ހަޤީގަތް ގަބޫލުކުރަން، އެ ސިޓީ އަކުންނެއް އޭނާއަކަށް ނޫފުދުނެވެ. އޭނާ ބޭނުންވީ، ސީދާ ރަޒާންގެ ދުލުން، ރަޒާންގެ އަޑުން އޭނާ ދެކެ ލޯބިވާކަން ޔަޤީން ކުރަންށެވެ.
“ރޫޔާ…އަހަރެން ހަމަ އަސްލަށްވެސް ރޫޔާ ދެކެ ލޯބިވެވިއްޖެ. އިންތިހާއަށް. އަހަރެންގެ މުޅި ދުވަސް ވޭތުވެދަނީ ރޫޔާގެ ޚިޔާލުގައި. ބޭނުންވަނީ އަބަދުވެސް ރޫޔާ އުފާކުރުވަން…. ޢައިޝަތު ރޫޔާ އިސްމާޢިލް، ކަލާ ތިވަނީ އަހަރެންގެ ހިތާއި ޖާނު އެކީ މިލްކުކޮށްލައިފަ” ރަޒާންގެ މަޑުމައިތިރި، އެހެނަސް ބަރު އަޑުން، އޭނާ ރޫޔާ ދެކެ ލޯބިވާ ވަރު އަޑުއަހަން ހުރި މީހަކަށް ހާމަވެގެންދާނެއެވެ.
‘ދެން ބުނެބަލަ..ރޫޔާ އަހަރެންދެކެ ލޯބިވޭތަ؟” ރަޒާން ކުރި ސުވާލުން ރޫޔާ ހުރިތަނަށް ހުއްޓުނެވެ. ދެ ލޯ މަރައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލެވުނެވެ. މަޑުމަޑުން ނަމަވެސް އެ ހިތަށް، ހަޤީގަތް ސާފުވިއެވެ.
“އަހަންނަށްވެސް ރަޒާނާމެދު އިހުސާސްކުރެވެނީ ތިހެން…ތެދަށް ބުނާނަމަ” ރޫޔާގެ ޖަވާބާއެކު ރަޒާނަށް ހީނުލައެއް ނުހުރެވުނެވެ. އޭނާގެ އޮފީސް މޭޒުމަތީގައި އިން ފްރޭމް، އެއް އަތުން ނަގައިލުމަށްފަހު، އެ ފޮޓޯގައި ހުއްޓިހުރި ރޫޔާއަށް ބަލައިލިއެވެ.
“ދެން…އަހަރެމެންނަކީ….ދެ ލޯބިވެރިންދޯ؟” ރަޒާން ގެ އަޑުން ރޫޔާ ހީބިހި ނަގައިގެން ދިޔައެވެ. ހިތުގެ ތެޅުން ކުރިއަށްވުރެ އަވަސްވިއެވެ. ރަކިވިވަރުން، އޭނާ އިސްދަށަށް ޖަހައިލިއެވެ.
“ރަޒާން ބޭނުންނަމަ….އަހަންނަށް އޯކޭ..އެކަމަކު-”
“އެނގޭ…އަހަރެންވެސް…އެގޮތަކަށް އެހާ ގިނަ ދުވަސްވަންދެން ކައިވެންޏެއް ނުކޮށް ހުންނާކަށެއް ބޭނުމެއް ނޫން. އަހަރެން އެއްގޮތަކަށްވެސް އެޚިޔާލެއްނެތް. އެހެންވީމާ ހާސްނުވޭ…” ރަޒާން ބުންޏެވެ.
“ދެން އޭގެ މަނައަކީ؟؟” ރޫޔާ މޭ ތެޅިގަތެވެ. މީހަކު އޭނާ ދެކެ ލޯބިވުމާއި، އެނާއާ އިންނަން އުޅުމަކީ ތަފާތު ދެކަމެވެ. ހަމަ އަސްލަށްވެސް ރަޒާން އޭނައާ ކައިވެނި ކުރަން ބޭނުންވަނީ ހެއްޔެވެ.
ރަޒާން ރޫޔާއަށް ޖަވާބުދޭން އުޅެނިކޮށް އެނާގެ ފޯނަށް އެހެން ކޯލެއް އައެވެ. ސްކްރީނުން ބައްޕަގެ ނަމްބަރުފެނި އެނާގެ ހިތް ތެޅިގަނެވުނެވެ. އަނެއްކާ ބައްޕަގެ ހާލަތު ގޯސްވީ ބާއެވެ؟
“ރޫޔާ…އަހަރެން ފަހުން ގުޅާނަން.. ބައްޕަ އެބަ ގުޅާ” ރަޒާންގެ ފޯނަށް އިތުރު ކޯލެއް އަންނާތީ އަވަހަށް ރޫޔާގެ ކޯލް ކަނޑައިލިއެވެ. ރޫޔާއަށްވެސް ރަޒާންގެ ބައްޕަގެ ސިއްހަތުގެ ވާނުވާ އެނގޭތީ އިތުރު އެއްޗެކޭ ނުބުނެއެވެ. ބައްޕަގެ ކޯލް ޤަބޫލުކޮށްލުމަށްފަހު އެނާގެ ކަންފަތަށް ފޯނުގެނައީ، އިށީނދެ އިން ގޮނޑިން ތެދުވަމުންނެވެ.
“ލައްބަ ބައްޕާ، ކިހިނެއްވީ؟” ރަޒާން ހާސްވެ ހުރެ އަހައިލިއެވެ. އަނެއްކާ ބައްޕަގެ ސިއްހީ ހާލަތު ގޯސްވީ ހެއްޔެވެ؟
“ދަރިފުޅާ…ބައްޕަ އަދި ރަނގަޅޭ…ދަރިފުޅުގެ ކޭސް ކާމިޔާބުވި ވާހަކަ އަޑުއިވިފަ މި ގުޅާލީ…ބިޒީ ގަޑިއެއްތަ؟” ޝަފީޤްގެ އަޑުގައި ބަލިކަމެއް ހުއްޓަސް، އެ ދަރިފުޅަށް ފަޚުރުވާ ވަރު އެ އަޑުން އެނގުނެވެ. ރަޒާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އިށީނދެއިން ގޮނޑިން ތެދުވެ، މަޑު ހިނގުމެއްގައި އޮފީހުގެ ކުޑަދޮރު ކައިރީ ހުއްޓުނެވެ.
“ކުޑަ ކަމަކު އުޅުނީ…ދެން މިހާރު އެކަން އޯކޭ…” ރަޒާން ޝަފީޤް ގާތު ރޫޔާގެ ވާހަކަ ދައްކަން އަދިއެއް ބޭނުމެއްނުވިއެވެ. ރޫޔާގެ ލޯބިން އެނާއަށް ލިބުނު އުފާ، ހަމައެކަނި އެނާގެ މުށުގެ ތެރޭގައި ބާއްވަން ބޭނުންވިލެއް ބޮޑުކަމުންނެވެ.
“ދަރިފުޅާ…ދެން ބުނެބަލަ…ޢާއިލީ ވިޔަފާރިއަށް ވަންނަން ނުވިސްނަންތަ؟” ޝަފީޤްގެ ވާހަކައިން ރަޒާން ނިއްކުރީގައި އަތްކާތައިލެވުނެވެ. ރަޒާން ވަކީލަކަށްވީ ޝަފީޤްގެ ރުހުމާއެކު ކަމަށްވިޔަސް، ޝަފީޤްގެ އަބަދުވެސް އުންމީދަކީ، ކޮންމެވެސް އެއްދުވަހަކުން، އެނާގެ ‘ރަންމުތް ހޯލްޑިންގްސް’ އާ ރަޒާން ހަވާލުވާނެ ދުވަހަކަށެވެ.
“ބައްޕަ، އަޅުގަނޑު ތިކަމާ މެދު ވިސްނާނަން. އެހެންވީމާ ބައްޕަވެސް އުޅޭ ތި ބަލިން ރަނގަޅުވޭތޯ” ރަޒާން ބުނެލިއެވެ. ޝަފީޤު ރަޒާންގެ ބަހަށް ހީލިއެއްކަމަކު، އެ ބަލި ހިތުގައި ހިނގަނީ އެހެން ޝުޢޫރުތަކެކެވެ. އޭނާގެ އަޖަލު ހަމަވަނީކަން އޭނާއަށް އެނގެއެވެ. އެހެނަސް، އޭނާގެ ޚިޔާލުތަކާއި ދެރަތަކުން، އެހެންމީހުންގެ ދިރިއުޅުމަށް އަސަރުކުރަން ބޭނުންނުވަތީ، އެ ޝުޢޫރުތައް ފާޅުނުކޮށް އެތެރެއަށް ދިރުވާލިއެވެ.
“ކޮބާ މަންމައާއި ބޮޑުދޮންބެ؟” ރަޒާން ވާހަކަ ބަދަލުކޮށްލައި، އޭނާގެ މަންމައާއި ބޮޑުބޭބެގެ ވާނުވާ އެހިއެވެ. ރަޒާން އިތުރަށް ވިޔަފާރީގެ ވަހާކަ ދައްކަން ބޭނުން ނުވާކަން އެނގިގެން ޝަފީޤުވެސް އެ މަޢުޟޫގައި އިތުރަށް ހިފާކަށެއްނޫޅުނެވެ.
“މަންމަ ވީ ކޮޓަރީގެ…ބޮޑުދޮންބެ ވެއްޖެ ރަނާ ސްކޫލުން ބަލައި ގޮސް..އަދިއެއް ނާދެ. ރާއިފްވެސް ޔުނީގައި ވީ” ޝަފީޤް ބުންޏެވެ. “އެހެން..ސަލާމް ބުނައްޗޭ… ބައްޕާ..އަޅުގަނޑު ފޯނު ބާއްވަނީ… ޑިއުޓީގައި މިހުރީ” ރަޒާން އެހެން ބުނުމާއެކު، ދެ މީހުން އެކަކު އަނެކަކަށް ސަލާމް ބުނެފައި ފޯނު ބޭއްވިއެވެ.
***
ރަޒާންގެ ފޯނު ކެނޑުނުކަމެއް ނޭނގެ ރޫޔާގެ ފޯނު އެނދުމައްޗަށް އެއްލައިލިއެވެ. ގޮތް ހުސްވެފައިހުރި މީހެއްހެން ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔައީ، ބޮލުމަތީ އިސްތަށިގަނޑަށް ދަމަމުންނެވެ.
“މަށާއި..ރަޒާން؟؟” ވީ ގޮތް ޤަބޫލުނުކުރެވޭ ހާލު، އޭނާ އެ ސުވާލު ތަކުރާރުކުރަމުން ދިޔައީ ދެކޮޅަށް ހިނގަމުންނެވެ.
“މަށާއި ރަޒާން!….އަޅެ މަށާއި ރަޒާން” ދެ އަތުން އޭނާގެ އަމިއްލަ ދެކޮލުގައި މަޑުމަޑުން ޖަހައިލިއެވެ. އެވަގުތު ސްކޫލު ނިމިގެން ކޮޓަރިއަށް ވަތް ރަހާއަށް މިހުރިހާ މަންޒަރެއްފެނުނެވެ. ރަހާ ކޮޓަރިއަށް ވަދުނު ކަމެއް ނޭނގެ، ރޫޔާ ގޮސް އޭނާގެ ގައިގައި އޮޅުލައިގަތެވެ. ވީގޮތް ނޭނގިހުރެ ރަހާ ކޮޓަރިން ކުޑަ ހޯލަށް ބޯ ދިއްކޮށްލުމަށްފަހު ހަލީމާއަށް ގޮވައިލިއެވެ.
“މަންމާ! ދޮންތަ އަނެއްކާވެސް މޮޔަވެއްޖެ”
***
ރޭގަނޑު ކައި ނިމިގެން ރޫޔާ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ހަނދާނަށް ރަޒާންގެ ސިޓީ އައުމާއެކު އޭނާއަށް ހީލެވުނެވެ. ލަސްލަހުން، އޭނާ ކަޅި އެއްލައިލީ، އެނދުކައިރީގައި ހުރި ކުޑަ ކަބަޑުގެ މަތީގައި ބަހައްޓައިފައި އިން ފްރޭމްއަށެވެ. އެނާ އެ ފޮޓޯއަށް ގެއްލިފައި އިން އިރު، އެ ކޮޓަރިއަށް ހަލީމާ ވަދުނެވެ. ރޫޔާގެ ނަޒަރު ހުރި ދިމާލަށް އޭނާވެސް ބަލައިލި ތަނާ، އެ ފޮޓޯ ފްރޭމް ފެނުނެވެ.
“ދަރިފުޅާ ރޫޔާ” ހަލީމާގެ އަޑާއެކު ރޫޔާ ލުއްކެއްޖަހައި، އެނދުން ތެދުވިއެވެ. ދެލޯ ބޮޑުކޮށްލައިފައި އޭނާ މަންމައާ ދިމާލަށް އެނބުރި ބަލައިލިއެވެ. ރޫޔާގެ އިޖާބައަކަށް މަޑުކުރުމެއްނެތި، ހަލީމާ އެކޮޓަރިއަށް ވަދެ، އެ ކުޑަ ކަބަޑާ ދިމާލަށް ހިނގައިގަތެވެ. އަދި އެ ކަބަޑު މަތީ އިން، އެއްކަލަ ފޮޓޯ ފްރޭމް ނެގިއެވެ.
މަންމަގެ ޢަމަލުތައް ފެނި ރޫޔާއަށް އެއްވެސް އެއްޗެއް ނުބުނެވި ހުރީ ހަދާނެ ގޮތް ނޭނގޭ ހާލުގައެވެ. ހަލީމާގެ ފުރިހަމަ ސަމާލުކަން އެ ފޮޓޯއަށް ހުރިކަން އެނގުމާއެކު ރޫޔާ ބިރުވެސްގަތެވެ.
“މަންމާ…މީ..އަހަރެން….މި ބުނީ-” އޭނާ ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
“ދަރިފުޅާ މިތާ އިށީނދެލަބަލަ” ހަލީމާ އެ ފްރޭމް އަނބުރާ ކުޑަކަބަޑު މަތީ ބެހެއްޓިއެވެ. އަދި އެނދުގައި އިށީނދެލައި ރޫޔާ އިށީންދެލިތަން ބަލަލިއެވެ. އަދަބެއް ލިބިފައި ހުރި ކުޑަ ކުއްޖެއްހެން ރޫޔާ، އޭނާ މަންމަ ކައިރީ އެނދުމަތީގައި އިށީނދެލީ އިސްދަށަށްޖަހައިގެންނެވެ.
“އެ ސޮރު ފޮނުވި އެއްޗެއްތަ އެއީ؟” ފްރޭމަށް އިޝާރަތްކުރަމުން ހަލީމާ އަހާލިއެވެ. އިޖާބައަކަށް ރޫޔާ ބޯ ޖަހައިލިއެވެ. “ދެން މިހާރު ތި ދެކުދިން…ރައްޓެހިވެގެންތަ އުޅެނީ؟”
“ހޫމް. އެހާ ގިނަ ދުވަހު ރައްޓެހިވެގެން ހުންނާކަށެއް ނޫޅެން.. ރަޒާންވެސް ބުނި އޭނާ އިންނަންބޭނުންވާ ވާހަކަ” ހަލީމާގެ އަޑުގައި އެއްވެސް ރުޅިވެރިކަމެއް ނެތުމާއެކު ރޫޔާގެ ހިތަށް ފިނިކަމެއް ލިބުނެވެ.
ހަލީމާ، އެނާގެ އަލަތު ދަރިފުޅަށް ބަލައިލީ ލޯބިން ފުރިފައިވާ ނަޒަރެކެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ އުންމީދާއި ހިތްވަރަކީވެސް ރޫޔާއެވެ. އޭނާ އަތްނަގައި ރޫޔާގެ ބޮލުގައި ލޯބިން ފިރުމާލިއެވެ. އެ އިސްތަށިގަނޑު ތެރެއަށް އަތް މަހައިލައި އަތުން ފުނާ އަޅައިލިއެވެ. “މަންމަގެ ހުރިހާވެސް ދުޢާއަކީ ދަރިފުޅަށް ރަނގަޅުގޮތް މެދުވެރިވުން. ދަރިފުޅުގެ ނިންމުން ރަޒާނާ އެއްކޮށްވާނަމަ، މަންމަ އެކަމަށް ރުހެން. މަންމަގެ ހުރިހާ އުފަލަކީވެސް، ހަމަ ދަރިފުޅުގެ އުފަލުގައި އުޅުން” ހަލީމާގެ އޯގާތެރި ފިރުމުންތަކުން ރޫޔާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. މަންމަ ގައިގައި އޮޅުލައިގަނެ، އެ ކޮނޑުގައި ބޯ އަޅައިލީ، ލޮލަށް ޖަމާވި އުފާވެރި ކަރުނަތައް މިނިވަންކޮށްލުމަށްފަހުއެވެ.
***
އަތު ތެރޭގައި އޮތް ފޯނަށް ބަލަމުން، ރޫޔާ ސިއްހީ މަރުކަޒަށް ވަދުނީ ރަޒާންގެ އެންމެ ފަހުގެ ލޯބީގެ މެސެޖްތައް ކިޔަމުންނެވެ.ފާރުގައި ހަރުކޮށްފައިހުރި މެޝިނުގެ ސްކްރީނުގައި އިނގިލި ޖެއްސުމަށްފަހު، ޑޮކްޓަރުން ބަލާ ކޮޓަރިއަށް ވަދުނެވެ. ފުން ނެވާއެއް ދޫކޮށްލުމަށްފަހު އޭނާގެ އަތްދަބަސް މޭޒުގެ ކަބަޑު ތެރެއަށްލިއެވެ. އެވަގުތު އެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދިނެވެ. އެކަމަކު ރޫޔާ އިޖާބު ދިނުމުގެ ކުރިން އެ ދޮރު ހުޅުވައިލައިފައި ވަދުނީ އިއްޔެ ރޭގެ އޮން-ކޯލް، ޑޮކްޓަރ ލަކްޝްމީއެވެ.
“މޯނިންގ ޑޮކްޓަރ ރޫޔާ” ލަކްޝްމީ ފެނިފައި ރޫޔާ އޭނާއަށް ބަލައިލީ ވާނުވާގައި ހުރެފައެވެ. “މޯނިންގ ޓު ޔޫ ޓޫ. ވޯޒް ދެއަރ އަ ކޭސް ދިސް މޯނިންގ؟” ރޫޔާ އެހެން އަހައިލީ އެ ކޮޓަރިން ނުކުންނަމުންނެވެ.
“ޔެސް. އަ ކޭސް އޮފް ފެބްރިލް ސީޝަރ.” ރޫޔާގެ ފަހަތުން ލަކްޝްމީވެސް ހިނގައިގަތީ ވާރޑާއި ދިމާލަށެވެ. “މޭލް، 3 އިޔަރޒް އޯލްޑް. ކޭމް އިން އެރައުންޑް 3:30 ވިތް ފީވަރ އެންޑް ޖެނެރަލައިޒްޑް ޓޮނިކް-ކްލޮނިކް ސީޝަރ. އެކޯޑިންގ ޓު ދަ މަދަރ، އިޓް ލާސްޓެޓް ފޯ 4 މިނެޓްސް” ލަކްޝްމީ ރޫޔާއަށް ތަފްސީލު ދެމުން ދިޔައެވެ. ދެމީހުން ވާރޑަށް ވަދުނު މަންޒަރު ފެނި ދެތިން ނަރުހުން، ކޭސް ފައިލް ހިފައިގެން ބަލި ކުއްޖާގެ އެނދާ ދިމާލަށް ހިނގައިގަތެވެ.
“އެނީ ޕްރިވިއަސް ހިސްޓްރީ އޮފް ސީޝަރ؟” ރޫޔާ ކޭހާ ބެހޭގޮތުން ސުވާލުކުރަމުން ދިޔައެވެ.
“ނޮން.” ލަކްޝްމީގެ ޖަވާބުން ރޫޔާގެ ހިތަށް ކުޑަ އުންމީދެއް ލިބުނެވެ. އަދި އެ ކުޑަ ފިރިހެން ކުއްޖާއަށް ރަނގަޅަށް ބަލައިލިއެވެ.
“ކަރެންޓް ޓެމްޕް؟”
“، ވެން ހީ ކޭމް، އިޓް ވޯޒް 40.1 ޑިގްރީ ސެލްސިއަސް، ނާއު އިޓްސް 38.2 އާފްޓަރ ޕެރެސެޓަމޮލް، ޓެޕިޑް ސްޕޮންޖިންގ އެންޑް އައި.ވީ. އޮކްސިޖެން ސެޗުރޭޝަން ސްޓެއިޑް ސްޓޭބަލް. ނޯ ރިޕީޓް ސީޝަރ. ހީ ވޯޒް ޕޯސްޓިކްޓަލް ފޯ އެބައުޓް 20 މިނެޓްސް ބަޓް ބިކޭމް ރެސްޕޮންސިވް އާފްޓަރވާރޑްސް” ރޫޔާގެ ހިތުން ޙަމްދުކުރެވުނެވެ. ދެމުންދާ ފަރުވާ، ކާމިޔާބު ވަމުން އަންނަކަން އިހުސާސް ކުރެވި ރޫޔާ ހިތްހަމަ ޖެހުނެވެ.
ލަކްޝްމީ ކިޔައި އެއްޗެހި އަޑުއަހަމުން ރޫޔާ ބަލިކުއްޖާއާ ކައިރިވެލިއެވެ. އަދި ކުޑަ އަތްބައްތީގެ އެހީއާއެކު، ރޫޔާ އެކުއްޖާގެ ލޯ ޗެކުކުރަން ފެށިއެވެ.
“އެނީ ނެކް ސްޓިފްނެސް؟ ރޭޝް؟ ސައިންސް އޮފް މެނިގްޖައިޓިސް؟”
“ނޯ އޮބްވިއަސް ނެކް ސްޓިފްނެސް، ނޯ ރޭޝް. ބަޓް ހީ ވޯޒް ލެތަރޖިކް އިނީޝިއަލީ”
“ބްލަޑް ޝުގާ؟”
“ނޯމަލް”
ރޫޔާ ލަކްޝްމީގެ ޖަވާބަށް ބޯ ޖަހައިލިއެވެ. އެ ކުޑަ ކުއްޖާގެ ކައިރީގެ އިން މަންމަ، ލަކްޝްމީގެ ހުރިހާ ވާހަކައެއް އަޑުއަހަން ހުރެފައި ރޫޔާ ގާތު އަހައިލީ، ދަރިފުޅުގެ ހާލާމެދު ކަންބޮޑުވެފައި އިން މައި ލަގޮނޑިއަށް ކެތް ނުވެގެންނެވެ.
“ޑޮކްޓަރ ރޫޔާ.. އަހަރެންގެ ދަރިފުޅު ރަނގަޅުވާނެތަ؟” އެ މަންމަގެ އަޑުންވެސް ރޫޔާގެ ހިތަށް އަސަރުކުރިއެވެ. އެ ދައްތައާ ކައިރިއަށް ޖެހިލުމަށްފަހު ރޫޔާ ހިތްވަރު ދިނުމުގެ ހިނިތުންވުމެއް ދިނެވެ.
“އިރާދަކުރެއްވިއްޔާ މިހާރު ސްޓޭބަލް.” ރޫޔާ އޯގާތެރިކަމާއެކު ޖަވާބު ދިނެވެ. “މިހާރު ހުންވެސް ހުރީ ތިރިވެފައި، އޭގެ ފަހުން އިތުރު ފިޓެއްވެސް ނުޖެހޭ. އެހެންވީމާ، އަދި ރަނގަޅަށް ފަރުވާ ދަނީ”
“އަނެއްކާވެސް މަގޭ ދަރިފުޅު ފިޓު ޖެހޭނެތަ؟” ހާސްވެ، ބިރުގަނެފައި ހުރި ހާލުގައި އެ މަންމަ ރޫޔާއަށް ސުވާލުކުރިއެވެ. ރޫޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެ ކުއްޖާގެ މަންމައަށް ކަމުގެ ތަފްސީލުދިނުމައިގެން އުޅުނެވެ.
“ކުޑަ ކުދިންގެ ހުން މާބޮޑަށް މަތި ވެއްޖެނަމަ، ‘ފެބްރިލް ސީޝަރ’ ނުވަތަ ފިޓު ޖެހެން މެދުވެރިވާނެ. މިހެން ފިޓު ޖެހޭ ގިނަ ކުދިން، ބަލިން ރަނގަޅުވެ، ކުރިން އުޅުނު ދިރުއުޅުމަށް ދޭ” ރޫޔާ، އެ މަންމައަށް އުންމީދު ދެމުން ދިޔައެވެ.
ރޫޔާގެ ބަހުން އެ މަންމައަށް ހިތްވަރެއް ލިބުންފަދައެވެ. އެ މަންމަ ރޫޔާ ހިނިތުންވެލައި އެ ދަރިފުޅަށް ސަމާލުކަން ދިނެވެ. ރޫޔާވެސް އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
އޯ..ޕީ.ޓީގެ ގަޑި ފެށެން ވަގުތު ކުޑަތަން ވެފައި ވުމާއެކު، ރޫޔާ އަވަހަށް، ޑޮކްޓަރުންބަލާ ކޮޓަރިއަށް އަނބުރާ އައެވެ. އަތުގައި ސެނެޓައިޒަރ ފޮދެއް އުނގުޅުމަށްފަހު ސިސްޓަމަށް ލޮގިންވިއެވެ. ވަގުތު ޖެހުމާއެކު އަވަހަށް ނަމްބަރ އެކަކަށް ގޮވައިލިއެވެ.
***
ގަޑިން 11:30 ވެއްޖެއެވެ. ރޫޔާ ބްރޭކް ފެށޭނީ 12 ޖަހާއިރަށެވެ. ބަލާނެ އިތުރު ޕޭޝަންޓެއް ނެތުމާއެކު އެނާގެ ފޯނު ނަގައި ރަޒާނަށް މެސެޖުކޮށްލީ ފޫހިވެ ހުރެއެވެ. ރަޒާނާއި ދެމީހުން ލޯބީގެ އެކި އެކި މެސެޖުކުރަން ހުއްޓައި، ކޮމްޕިއުޓަރުން ނޯޓިފިކޭޝަނެއް އައެވެ. އެނާގެ އޯ.ޕީ.ޓީ ލިސްޓަށް އިތުރު ޕޭޝަންޓެއް އިތުރުކޮށްފައިންތަން ފެނިފައި އަވަހަށް ފޯނު މޭޒުމަތީގައި ބާއްވާލިއެވެ.
“ރަޝްދާ އިބްރާހިމް” ރޫޔާ އެނަން ކިޔައިލެވުނެވެ. އަނެއްކާ ޝަފަޤްގެ މަންމައަށް ކިހިނެތްވީބާއެވެ؟ ރޫޔާ އަވަސްއަވަހަށް އެ ނަމްބަރަށް ގޮވާލިއެވެ. އިރުކޮޅެއްނުވެ އެކޮޓަރި ދޮރުގައި މީހަކު ޓަކި ދިނުމަށްފަހު އެތެރެއަށް ދޮރު ހުޅުވައިލިއެވެ. ދިގު ހެދުމަކާއި އާދައިގެ ބުރުގަލެއް އަޅައިގެން ހުރި ރަޝްދާ ސަލާމް ގޮވައިލުމަށްފަހު އެ ކޮޓަރިއަށް ވަދުނެވެ.
“ރަޝްދާ ދަައްތާ..އަވަހަށް އިށީނދެލާ” ރޫޔާގެ ސަމާލުކަން ހުރީ ރަޝްދާއަށެވެ. ރަޝްދާގެ މޫނުން ފެށިގެން ފަޔަށް ރޫޔާ ބަލައިލިއެވެ. އެވަގުތު އެނާއަށް ރަޝްދާގެ ހިނގުން ފާހަގަވިއެވެ. އެއްފަޔަށް ބަރޯސާވެގެން ހިނގަމުން އައިސް ރަޝްދާ ރޫޔާ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.
“ދައްތާ ކިހިނެތްވީ؟” ރޫޔާ އެހެން އަހައިލީ ވަރަށް އޯގާތެރިކަމާއެކުއެވެ. ރޫޔާގެ ބަހުން ރަޝްދާގެ ޖެހިލުންވުން ކުޑަވިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެނާގެ ހަށިގަނޑަށް އައި ބަދަލުތަކުގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ. “މިހާރު ދުވަސްކޮޅެއްވެއްޖެ…އަބަދު ވަރުބަލިވެފައި ހުންނާނީ” ރަޝްދާ ކިޔައިދެމުންދާ ބަލީގެ ނިޝާންތައް ރޫޔާ ކޮމްޕިއުޓަރުގައި ޓައިޕްކުރަމުން ދިޔައެވެ.
“ކިހާ ދުވަހެއް؟” ރޫޔާ ސުވާލުކުރީ ވެގެން އުޅޭ ގޮތުގެ ތަފްސީލު ހޯދަންވެގެންނެވެ.
“ދެތިން މަސްވެދާނޭ. ދައްތަ ހީކުރީ އެއީ މުސްކުޅިވާތީކަމަށް…” އެ ޖަވާބާއެކު ރޫޔާ ބޮލުގައި ރިއްސައިލިއެވެ.
“ކިހިނެތް ވަރުބަލި ވެފައި ހުންނަނީ؟ މި ބުނީ ހަށިގަނޑުން އެއްކޮށް ވަރުގޮއްސަތޯ ނުނީ އަބަދު ނިދިއައިސްތޯ ހުންނަނީ؟” ރޫޔާ އަހައިލިއެވެ.
“އަބަދުވެސް ވަރުބަލިވެފައި ހުންނަނީ.. ދެން..މިހާރަކަށް އައިސް…” ރަޝްދާ، އެނާ ލައިގެން ހުރި ހެދުމުގެ ފަސްބައި ހިއްލައިލިއެވެ.”ފައި ދުޅަވެފައި ހުންނަނީ.” އެ ބުނި ބަހާއެކު، ރޫޔާ ރަޝްދާގެ ފަޔަށް ރަނގަޅަށް ބަލައިލިއެވެ.
“ދެފައި ވެސް؟”
ރަޝްދާ އެއްބަސްވިއެވެ.
“ނޭވާ ކުރުވޭތަ؟”
“ބައެއް ފަހަރު”
“ބޮލުގައި ރިއްސާތަ؟”
“އާނ.”
“ލޯ ފުސްވެފަތަ ހުންނަނީ؟”
ރަޝްދާ އެސުވާލަށްވެސް ބޯ ޖަހައިލިއެވެ. ރަޝްދާގެ ޖަވާބު އަޑުއިވިފައި ރޫޔާ ސީރިއަސްވިއެވެ.
“ދައްތަ ހަކުރުބަލި ހުރޭތަ؟” ރޫޔާގެ ސުވާލާއެކު ރަޝްދާ ރޫޔާއަށް ހައިރާންވެފައި ބަލައިލިއެވެ. “އެހެންނަކުންނެއް އެނގިފައެއްނެތް. އެކަމަކު ވަރަށް ކުރިން ހަކުރު ކުޑަކޮށް މަތި ކަމަށް ބުނި” ރޫޔާ ރަޝްދާގެ ޖުމުލައާ މެދު ވިސްނައިލިއެވެ. “އެންމެ ފަހުން ހަކުރު ޗެކުކުރީ ކޮން އިރަކު؟”
“ވަރަށް ކުރިން.”
ރޫޔާ މަޑުމަޑުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ޓެސްޓުގެ ރެކުއިޒޭޝަން ތައްޔާރުކުރަން އުޅުނެވެ.
“އެހެންވީމާ ހިނގާ މިއަދު ޗެކު ކޮށްލަން ދޯ”
ރިކުއިޒޭޝަން ޕްރިންޓް ކުރަން ޖެއްސުމަށްފަހު ރޫޔާ އުޅުނީ ރަޝްދާގެ ލޭގެ ޕްރެޝަރު ބަލަންށެވެ. މޮނީޓަރުގެ ސްކްރީނުން އަރަމުންދާ ނަމްބަރުތައް ފެނި ރޫޔާ ކަންބޮޑުވިއެވެ.
“ލޭގެ ޕްރެޝަރު ވަރަށް މަތި..” ރަޝްދާގެ މޫނުން ހައިރާންކަމެއް ފެންނަން ނެތުމުން ރޫޔާ އަނެއްކާވެސް ލޭގެ ޕްރެޝަރ ޗެކުކުރިއެވެ. އެ ފަހަރުވެސް ދެއްކި ރީޓިން ހުރީ މަތީގައެވެ.
“މިއޮތީ ޓެސްޓަށް އެދޭ ފޯމް. ދައްތަ ޓެސްޓު ހަދައި ނަތީޖާއާއެއްކޮށް ދައްކާލަން އުޅޭ.” ރޫޔާ ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު އެ ފޯމް ރަޝްދާއަށް ދިއްކޮށްލިއެވެ. “ނަތީޖާއަށް ރިއާޔަތްކޮށްފައި އެއްޗެކޭ ބުނަން އެނގޭނީ”
***
ރޭގަނޑު ކައި ނިމިގެން ރޫޔާ ކޮޓަރިއަށް ވަދެ، އެނދުގައި އޮށޯވެލިއެވެ. ފޯނުން މައިރާގެ މެސެޖުތަކަށް ރައްދުދެމުން ދަނިކޮށް އެނާގެ ފޯނަށް ރަޒާންގެ ކޯލެއް އައެވެ. އަވަސްއަވަހަށް އެ ކޯލް ޤަބޫލުކުރުމަށްފަހު ކަންފަތުގައި ފޯނު ޖަހައިލިއެވެ.
“ރޫޔާ…”ރަޒާންގެ އަޑު އިވިފައި ރޫޔާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލުނެވެ. “ރަޒާން..” ރޫޔާ ރަޒާނަށް ގޮވައިލީ ލަދުން އިނގިލީގައި ދަތްއަޅައިލެވުނެވެ. ރޫޔާގެ ރަކި އަޑަށް، ޖެހިގެން ހުރި އެނދުގައި އޮށޯވެ އޮތް ރަހާ ބޯހިތްލައިލައިގެން ރޫޔާއަށް ބަލައިލީ ފަކުރެއް ފެނުނުހެންނެވެ.
“ކައިފިންތަ؟” ރަޒާންގެ ސުވާލުން ރޫޔާ އިސްދަށަށް ޖަހައިލިއެވެ. “ހޫމް…ރަޒާން ކައިފިންތަ؟” ރޫޔާ މޫނު މައްޗަށް ވެއްޓުނު އިސްތަށިކޮޅު ކަންފަތުގެ ފަހަތުގައި އަޅުވައިލަމުން އަހައިލިއެވެ. “މަ ކައިފިން. އެކަމަކު ރޫޔާގެ ކެއްކުން މަތިން ވަރަށް މިސްވޭ އެބަ” ރަޒާން އެހެން ބުނުމާއެކު ރޫޔާ ލަދުން ހުރެ މޫނު ފޮރުވައިލިއެވެ. ރޫޔާ އެނދުން ތެދުވެލައިފައި ހިނގައިގަތީ ބެލްކަންޏާ ދިމާލަށެވެ. ބެލްކަންޏަށް ނުކުމެ އުޑަށް ބަލައިލިއެވެ.
“ބެލްކަންޏަށް ނުކުމެގެންތަ ތިހުރީ؟” ރަޒާނަށް، ފޯނުން ވައިގެ އަޑު އިވޭތީ އަހައިލިއެވެ. ރޫޔާ އާއެނކޭ ބުނުމުން އޭނާވެސް، އެނާގެ ކޮޓަރީގެ ބެލްކަންޏަށް ނުކުމެލިއެވެ.
“ރަޒާންގެ ބައްޕަ ކިހިނެއްތަ؟ ރަނގަޅުތަ؟” ރޫޔާގެ ސުވާލުން ރަޒާން މާޔޫސްވިއެވެ. އެނާ މާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރެއިލިންގ ގައި ލެގިލިއެވެ. “ބައްޕަ ދޯ؟ ރޫޔާ…އަހަރެން ތެދަށް ބުނާނަމަ ބިރުގަނެފަ މިހުންނަނީ…ބައްޕަ ހުންނަނީ އަބަދު ވަރުބަލިވެފައޭ ކުރީ ހަފްތާގައި މަންމަ ބުނީ. މިހާރު ރަނގަޅަކަށް ނުވެސް ކައި. ފައިވެސް ދުޅަވެފައޭ ބުނީ. ކަންކަން މަތިން ހަނދާންނެތިފައި ހުންނަނީ. މެލޭއަށް އަހަރެން އަންނަން ވިހޭ އެހީމަ ބައްޕަ ބުނީ އަންނާނި ކަމެއްނެތޭ. ޑޮކްޓަރަށް ދައްކަން ދާން އުޅޭށޭ ކިޔައި ކިޔައި މަންމަމެން އެހުންނަނީ ވަރުބަލި ވެފަ. އަހަރެން ކިހިނެއްތަ ހަދަންވީ؟” ރަޒާންގެ ހިތު ތެރޭގައިވާ ވަހުމާއި ވޭން، ރޫޔާއަކަށް ފޮރުވާކަށެއް ނޫޅުނެވެ. އެއް އަތުން އޭނާ ނިއްކުރީގައި ފިރުމާލީ މަގު ގެއްލިފައި ހުރި މީހެއްހެންނެވެ.
ރޫޔާއަށް ރަޒާންގެ ހިތުގެ އާދޭސް ރަނގަޅަށް އިވުނެވެ. ދެމީހުންވެސް އެއްޗެކޭ ނުބުނެއްކަމަކު، އެ ދެމީހުންނަށްވެސް ކުރެވެނީ އެއް އިހުސާސެކެވެ. ރޫޔާއާއި ޝަފީޤް ދިމާވެފައި ނެތެއްކަމަކު، ޝަފީޤާމެދު ހިތް ހަމްދަރުދީވިއެވެ. އޭނާއަށްވެސް ޝަފީޤު އެހާ ދުވަސްވަންދެން ދުނިޔޭގައި ނުހުންނާނެކަން އެނގުނެވެ.
“ރަޒާން…އެއްޗެއް ބުނަންތަ؟” ރޫޔާގެ އަޑުއިވިފައި ރަޒާން ހޫމް އަޅުވައިލިއެވެ.
ރޫޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އުޑު ދިއްލައިލައިފައިވާ، ސާދަވިލޭރޭގެ ހަނދަށް ބަލައިލިއެވެ.
“އަހަރެންގެ ޢުމުރުން ހަތް އަހަރުގައި އަހަރެންގެ އުފަން ބައްޕަ ޖަލަށް ދިޔަ.” ރޫޔާ އެވާހަކަ ފެށީވެސް ވަރަށް އުނދަގުލުންނެވެ. ރޫޔާގެ ބަސްތައް އިވިފައި ރަޒާން އެއްވެސް ސުވާލެއް ނުކޮށް އަޑުއަހަން ހުރީއެވެ.
“ގެވެށި އަނިޔާ. އެކަމަކު އަހަންނަކަށް އަނިޔާއެއް ނުކުރޭ. ބައްޕަ ވަރަށް ލޯބިވޭ އަހަރެންދެކެ.” ރޫޔާ އެ ހަނދަށް ބަލަމުން އެނާގެ ވާހަކަ އައިގެން ކުރިއަށް ދިޔައެވެ. “ބައްޕަ ތަޢުބާ ވުމުން މަންމަ މަޢާފުކުރި. އަހަރެންވެސް އެބައްޕައަށް މަޢާފުކުރިން. ބައްޕަ ޖަލަށް ދިޔަތާ ފުރަތަމަ ދުވަސްކޮޅު އަހަރެން އުޅުނިން ބައްޕަ މަތިން ހަނދާން ނައްތައިލަން. އެކަމަކު…އަހަންނަށް އަހަރެންގެ ކައިރީގައި ބައްޕަ ނެތްކަމުގެ އިހުސާސް މަޑުމަޑުން ކުރެވެން ފެށި. ފުރާވަރުގައި އެތަކެއް ކާމިޔާބުތަކެއް ލިބިގެން ދިޔައިރު، އެ އުފަލުގައި ބައިވެރިވާކަށް ބައްޕައެއް ނެތް..އަހަރެމެން ދެމީހުން ހޭދަކުރެވުނު ވަގުތުތަކަށްވުރެ، ގެއްލިގެންދިޔަ ވަގުތުތައް އިތުރުވާން ފެށި… އެހެން ދުވަސްތައް ދަމުންގޮސް އަހަރެން އަމިއްލައަށް ބައްޕަގެ ހާލުބަލަން ފެށި. މަހަކު ދެފަހަރަކު ޖަލަށް ގުޅައިގެން ވާހަކަ ދައްކަމުން ދިޔައިން. އަދި ގުޅާ ވަގުތުތަކަށް އިންތިޒާރުކުރަމުން އަހަރެން އަބަދުވެސް ދުވަސް ގުނިން. ބައްޕަ ކައިރީ ހުރިހާ ވާހަކައެއް ނުދެއްކޭތީ އަބަދުވެސް ކިޔައިދެނީ ދިމާވި އެންމެ މުހިންމު އަދި އެންމެ އުފާވެރި ކަންތައްތައް. ބައްޕަ ރައްދުގައި އަބަދުވެސް ބުނާނެ. ‘ތީ ބައްޕަގެ ރޫޔާއެއްނު. ރޫޔާ ނޫން އެހެން މީހަކަށް އެކަމެއް މިކަމެއް ނުވާނެ’ އެހެން ބުންޏެއްކަމަކު އަހަންނަށް އެނގޭ…ބައްޕަ ކިހާވަރަކަށް އަހަންނާ އެކު ވަގުތު ހޭދަކުރަން ބޭނުންވާކަން. ތަޤްުދީރު ނިޔާ ކުރި ގޮތުން އެ ބައްޕައަށް އެ ފުރުސަތެއް ނުލިބުނު” ރޫޔާ ފުންނޭވާއެއް އަނެއްކާވެސް ދޫކޮށްލީ ރޮވެދާނެހެން ހީވެގެންނެވެ.
“ބުނަންމިއުޅެނީ، ކޮންމެ ބައްޕައެއް ބޭނުންވާނެ ދަރިންނާއެކު ވަގުތު ހޭދަކުރަން. ހާއްސަކޮށް އެނާގެ އެންމެ ފަހުގެ ވަގުތުތައް. ފަހަރެއްގައި ރަޒާންގެ ބައްޕަ ބޭނުންނުވަނީ ކަންނޭނގެ، އެހެންމީހުންގެ ނަޒަރުގައި އޭނާއަކީ އެހާ ބަލި މީހެއްގަތުގައި ފެންނާކަށެއް. އެކަމަކު އަހަންނަކީ ރަޒާން ނަމަ، އަހަރެން ހުންނާނީ އެ ބައްޕަ ކައިރީގައި، އެބައްޕަގެ އަރިހުގައި” ރޫޔާގެ ވާހަކަތަކާ މެދު ރަޒާން ވިސްނައިލިއެވެ.
ރޫޔާ އެބުނަނީ ރަނގަޅު ވާހަކައެކެވެ. ރަޒާނަށްވެސް، އޭނާގެ ބައްޕަ ދުނިޔޭގައި އެހާ ގިނަދުވަސް ވަންދެން ހުންނާނެކަމުގެ ޔަޤީންކަމެއްނެތެވެ. ބައްޕަ ނެތް ދުނިޔޭގައި އާއިލާއާ ހަވާލުވާން ހުރި ހަމައެކަނި މީހަކީވެސް އޭނައެވެ. ދަރިއަކަށްވެ ހުރެ، އޭނާވެސް ބޭނުންވަނީ އެނާ ބައްޕަގެ އެންމެ ފަހުގެ ވަގުތުތައް އުފަލުގައި ފާހަގަ ކުރަންށެވެ.
“ރޫޔާ..ޝުކުރިއްޔާ” ރަޒާންގެ ތުންފަތުގައިވަނީ ލުއި ހިނިތުންވުމެކެވެ. ރޫޔާގެ ބަހުން އެނާއަށް ދެން ހަދަންވީ ގޮތް ވިސްނުނެވެ. ރޫޔާއާ ވާހަކަ ދައްކަން އިރުކޮޅެއްވަންދެން ހުރެފައި އޭނާ ފޯނު ކަނޑައިލީ، މެލޭޝިޔާއަށް ދާން ޓިކެޓް ނަގަންވެގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Varah varah reethi maashaa allah..
Next part avahah upload kohdhehvahcheyy…
When next part?
In Sha allah by this Saturday