މީހެއްގެ ނަމުގެ މާނަ، އެމީހެއްގެ މުސްތަޤުބަލަށް ނުފޫޒު ފޯރުވާނެ ފުރުސަތު އޮންނާނެ ވާހަކަ މީހުން ކިޔާތީ އަޑުއިވެއެވެ. މައިންބަފައިން، ދަރިންނަށް މާނަ ރީތި ނަން ކިޔަނީ، އެ ކުދިން ބޮޑުވަމުން އަންނައިރު، އެ ނަމުގެ މާނައާ އެއްގޮތަށް އެ ދަރިފުޅުގެ ދިރިއުޅުން ބައްޓަންވާނެކަމުގެ މަޤްސަދުގައެވެ.
ރަޒާންނަށް އެ ބަސްތަކުގެ ތެދުކަން އެނގުނީ އަދި ކިރިޔާއެވެ. ކުރިމަތިން ސިފަ ވަމުންދާ މަންޒަރަކީ، ރަޒާންގެ ހުވަފެނުންވެސް ނުފެންނަހާ ރީތި މަންޒަރެކެވެ. އުދަރެހުން އަރަމުން އަންނަ އިރާއެކު އުދަރެހަށް ފެތުރިފައިވާ އޮރެންޖު ކުލައިގެ އުޑެވެ. ގޮނޑުދޮށަށް ބީއްސަމުންދާ މަޑުމައިތިރި ރާޅުގެ އަޑާއި، ހެނދުނުގެ ފިނިފިނި މަޑު ރޯޅިތަކެވެ. އަދި މި ހުރިހާ ކަމެއްގެ މެދުގައި، ހުވަފެނެއްފަދަ ރޫޔާއެވެ.
އޭނާގެ ރޫޔާއެވެ.
ފަލަމަސްގަނޑާ ހަމައަށް ފެތުރިފައިވާ ދިގު އިސްތަށިގަނޑުގެ ބައެއް އިސްތަށިތައް ވަނީ ރޫޔާގެ މޫނުމައްޗަށް އެޅިފައެވެ. ބާބުޅާލުމެއް އެކުލެވިގެންވާ މައުސޫމު ދެލޮލާއި، ކޮންމެ އެސްފިޔަޖަހާލުމަކާއެކު ކޯތާފަތަށް ހިޔަނި އެޅިގެންދާ ދިގު އެސްފިޔަތަކެވެ.
އެނާގެ ހިތުގެ ވިންދު، އެ ރީތިކަމާއި ފުރިހަމަކަމަށް ސަނާ ކިޔެވުނީ ކިތައް ފަހަރަކު ކަމެއް ނޭނގެއެވެ.
މޫނުމައްޗައް ފެންތެކިތަކެއް ޖެހުނުހެން ހީވުމާއެކު، ޚިޔާލުތަކުން ރަޒާނަށް ބޭރުވެވުނެވެ. ލޮލަށާއި އެނާގެ ކޯތާފަތްމައްޗަށް ބުރައިގެން އައި ފެން ތިކިތައް ސާފުކުރާށް އޭނާ ނޫޅުނެވެ. އޭގެ ބަދަލުގައި، އެނާ ރޫޔާއަށް ރަނގަޅަށް ބަލައިލިއެވެ.
“ރޫޔާ!” އިންޒާރުގެ ރާގަކަށް އެނާ ނަން ކިޔާލިއެއްކަމަކު، އެ ދުލަށް އެނަމާއެކު ފިނިކަމެއް ލިބުނުފަދައެވެ. އެނަން އެނާއަށް އަބަދު ކިޔޭނަމަ ހިތަށްއަރައެވެ.
ރަޒާންގެ އިންޒާރާއެކު، ރޫޔާ ދުއްވައިގަތުނެވެ. އެއާއެކު ރޫޔާގެ އިސްތަށިގަނޑު، މިނިވަންކަމާއެކު ވައިގެ ތެރޭގައި ވިހުރިގަތެވެ. އެތަސްވީރު ރަޒާންގެ ލޯ ކުރިމަތިން ސިފަވި ހިނދު، އޭނާގެ މެއިން ނޭވާ ހުސްވިފަދައެވެ.
ރަޒާނަށް އެވަގުތު، އަތިރިމަތީ ފާލަން ފެނުނެވެ. ބޮލަށް އާ ޚިޔާލާއެކު، އޭނާ ދުއްވައިގަތެވެ. އެނާ ބޭނުންވީ ރޫޔާ އެ ފާލަން މައްޗަށް އަރަންށެވެ. އެ ދިޔަ ގޮތަށް ގޮސް، ރަޒާން ރޫޔާގެ ކުރިމައްޗަށް އެރިއެވެ. ރޫޔާ، އެހެން ދިމާލަކަށް ދުއްވައިގަންނަން އުޅުމުން، އެނާ އެމަގުވެސް ހުރަސް އެޅިއެވެ. ގޮތް ހުސްވެގެން، ރޫޔާ، އެނާގެ ފަހަތުގައި ހުރި ފާލަމަށް އެރިއެވެ. ނޭނގިނަމަވެސް، އޭނާ ރަޒާންގެ ރޭވުމުގެ ޝިކާރައަކަށްވިއެވެ.
ރޫޔާ، ރަޒާނަށް އަތު ނުވާންވެގެން ގޮސް ހުއްޓުނީ ފާލަމުގެ ކޮޅުގައެވެ. އިތުރަށް މިންޖުވުމުގެ ފުރުސަތެއް ނެތެވެ. ކުރިމަތިން މޫދެވެ. ފަހަތުން ރަޒާނެވެ.
ރޫޔާއަށް އޭނާ ބެދުނީ ކަން އެނގުންކަން ރަޒާނަށް އެނގުނެވެ. އޭނާ ކުރަން އުޅޭ ކަންތައްތައް ކުރުމުގެ ކުރިން، ދެންމެ އެމީހުން އިށީނދެ ތިބި ވެލިގަނޑަށް ބަލައިލިއެވެ. އޭނާއަށް އެދެމީހުންގެ ފައިވާނާއި ފޯނުފެނުނެވެ. ހަށިގަނޑު ތެދު ކޮށްލުމަށްފަހު އޭނާ ރޫޔާއަށް، ކުޑަ ހިނިތުންވުމެއް ދިނެވެ. އެހެނަސް އެ ހިނިތުންވުމުގައި އޯގާތެރިކަމެއްނެތެވެ.
ރޫޔާއަށް ރަޒާން ކުރަން އުޅޭ ކަންތައްތައް ވިސްނިގެން، އޭނާގެ ދެއަތް ކުރިއަށް ނެގީ ރަޒާނަށް އާދޭސް ކުރާ ހާލުއެވެ. ރަޒާން އެ އާދޭހަށް ދިނީ ބީރު ކަންފަތެވެ. އެ ދިޔަ ބާރުމިނުގައި ގޮސް، ރޫޔާގެ އުނަގަނޑުގައި އޭނާ އޮޅުލައިގަތެވެ. ރޫޔާގެ ހުނުމުގެ އަޑާއި، ހަޅޭކުގެ އަޑަށް ބެލުމެއްނެތި، ރަޒާންގެ ބާރުގެ ދަށުން، ދެ ހަށިގަނޑު މޫދަށް ވެއްޓިގެން ދިޔައެވެ.
އަޑުފަށްގަނޑަކާއެކު، ދެމީހުން އެކީ މޫދަށް ވެއްޓި، މަޑުމަޑުން ލޮނުގަނޑުގެ އަޑިއަށް ދިޔައެވެ. ފެނު އަޑީގައި އޮތްކަމަކު، ރޫޔާ އޭނާގެ ދެލޯ ހުޅުވައިލިއެވެ. ކުރިމަތިން، ރަޒާން އޭނާއަށް ބަލަން އޮތެވެ.
ކުރިމަތިން ފެންނަން އޮތް ހިތްގައިމު ސިފަތަކުން ރަޒާންގެ ނަޒަރު ވަކިކުރާކަށް ނޭނގުނެވެ. ލޮނުގަނޑުގެ އޮއިވަރާއެކު ރޫޔާގެ ދިގު އިސްތަށިގަނޑު ވިހުރެމުން ދިޔައީ ނުހަނު ފުރިހަމަކަމާއެކުއެވެ. ރޫޔާގެ އުނަގަނޑުން އޭނާގެ އަތް ދޫކޮށްލުމަށްފަހު، ރޫޔާގެ ދެއަތް އޭނާގެ ދެއަތުގެ ތެރެއަށް ގެނައެވެ. މަންޒަރު ކިތައްމެ ރީތިވިއެއް ކަމަކު، ދެ މީހުންގެ ނޭވާ ހުސްވަންދެން މޫދު އަޑީގައި ތިބެން ރަޒާން ބޭނުމެއް ނުވިއެވެ.
ރޫޔާގެ އަތުގައި ހިފައިގެން، ދެމީހުން ލޮނުގަނޑު ކަފައިލުމަށްފަހު މައްޗަށް އެރިއެވެ. ރަޒާންގެ އަތުން ރޫޔާ، އޭނާގެ އަތް ނެގުމަށްފަހު ދެލޮލުގައި ތަތްވެފައި ހުރި ލޮނުފެންފޮދުތައް ސާފުކޮށްލިއެވެ. ނިތްމައްޗާއި މޫނުމަތީ ތަތްވެފައި ހުރި އިސްތަށިކޮޅު ކަންފަތުގައި އަޅުވައިލުމަށްފަހު އޭނާ ރަޒާނަށް ބަލަލިއެވެ.
“ރަޒާން..” އެނާ ރަޒާނަށް ގޮވައިލީވެސް، އެނަމަށް ދަމާލައިފައެވެ.
“ހޫމް”
ރަޒާންގެ ކުރު ޖަވާބުން ރޫޔާ ފަހަތަށް ޖެހިލިއެވެ. ދެމީހުންގެ ދެމެދުގައި ފުދޭވަރެއްގެ ދުރުމިނެއް ފާޅުވުމާއެކު، އޭނާގެ އަތުން، ރަޒާންގެ ގަޔަށް ފެން ޖަހަން ފެށިއެވެ.
ރަޒާން އަށް ފުރަތަމަ ސިހުންކަމެއް ލިބުނުކަމުގައި ވިޔަސް، އޭނާވެސް ރޫޔާގެ އެ ސަމާސާގައި ބައިވެރިވެލިއެވެ. އެ ވަގުތުކޮޅުގައި، ފަޒާގައި ގުގުމަމުން ދިޔައި އެދެމީހުންގެ ހުނުމުގެ އަޑެވެ.
***
އޭގެ ދެދުވަސް ފަހެއެވެ. ރަޒާނާއި މިއުވާން އެ ރަށުން ފުރަންޖެހޭ ދުވަސް އަތުވެއްޖެއެވެ. ބަނދަރުމަތީގައި ޝަފަޤް، މައިރާއާއި ރޫޔާ ހިޔަލުގައި ހުއްޓިލައިގެން ހުރީ އެމީހުން ފުރުވަންވެގެންނެވެ. އިރުކޮޅެއްނުވެ ޝެހެނާގެ ކުޑަ އާއިލާ އެމީހުން ގާތު މަޑުކޮށްލިއެވެ. ޒަޔާންގެ އުރުގައި ކުޑަ ޒާޝާ އިނީ ތުން ބޮޑާ ކޮށްގެންނެވެ.
“ޒަޔާންވެސް ފުރަނީތަ؟” ޝަފަޤް އެހެން ސުވާލުކުރީ، ޒަޔާން އަޅުވައިގެން ހުރި ދަބަސް ފެނިފައެވެ.
“ހޫމް. ހަމައެކަނި ދެ ހަފްތާ ޗުއްޓީއެއްގައޭ މި އައީ…” ޒަޔާން އެހެން ބުނެލިއެވެ.
“ބައްޕަ ނުދޭ….” ޒާޝާގެ ބަޑި ފަޅައިގެންދިޔައެވެ. ބާރުބާރަށް ޒަޔާންގެ ކަރުގައި ބައްދައިގަތީ، އެނާގެ ލޯބިވާ ބައްޕައާ ވަކި ނުވާންވެގެންނެވެ.
ޒަޔާނާއި ޝެހެނާ، ޒާޝާ މަސަލަސް ކުރަން އުޅުނު ވަޤުތު ވަސީމާއި، މިއުވާން އަދި ރަޒާން އައެވެ. ޝަފަޤްއާއި ޝެހެނާ ގެ ދެލޯ ބޮޑުވީ މިއުވާންގެ މޫނު ފެނިފައެވެ.
“މާތްކަލާކޯ؟ މިއުވާން ކިހިނެތް ވީ؟” ޒަޔާނަށްވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއުވާންގެ ނިތްކުރީގަޔާއި، ކޮލުގައި ބޭސް މަލަމެއް އިން އިރު، ތުންފަތުގެ އެއްކަނުން ވަނީ ފަޅައިގެން ގޮއްސައެވެ.
“ތިއެއްނު. އަހަރެމެން އެހީމަ ބުނީ…ތިމަންނަ ވަޅުގަނޑަކަށް ވެއްޓުނީއޭ…” ވަސީމް ބުނެލިއެވެ. ވަސީމްގެ ބަހަށް އިތުރު ތަފްސީލެއް ނުދީ މިއުވާން އެ މީހުންނަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
ރޫޔާއަށް އެވަޤުތު އެހެންކަމެއް ފާހަގަވިއެވެ. އެހެންނާ މިއުވާނާ ކޯޅެން އުޅޭ މައިރާ މިއަދު އެހުރީ، މަޑުންނެވެ. އެކަމަކު އޭނާ އެއްޗެކޭ ނުބުނެ އެހަށް މަޑުކޮށްލީއެވެ.
ރޫޔާ މީހުންނާ ދުރުވެލަމުން ވަކި ހިސާބެއްގައި ހުއްޓުނީ، އޭނާގެ ފަހަތުން ރަޒާންވެސް އަންނާނެ ކަން އެނގޭތީއެވެ. ރަޒާން އޭނާ ކައިރީ ހުއްޓުނުކަން އިހުސާސްވެގެން ރޫޔާ އެދިމާލަށް ބަލައިލިއެވެ.
“ދެން…..ކީކޭ ބުނަނީ؟” ރޫޔާ ރަކިވެފައި އޭނާގެ ތުންފަތުގައި ދަތް އަޅައިގަނެވުނެވެ.
“ބުނެބަލަ…މަ ނެތިން ރޫޔާ ކިޔާއެއްޗަކަށް ޖަޖްކުރާކަށް” ރަޒާންގެ ބަހުން ރޫޔާއަށް ކުޑަ ހިތްވަރެއް ލިބުނެވެ.
ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ރަޒާނަށް ރަނގަޅަށް ބަލައިލިއެވެ.
“ވަރަށް ހަނދާންވާނެ ރަޒާން މަތިން….ތެދަށް ބުނާނަމަ… ދެން….ހިތް ހެޔޮ ކުރާތި… ދެން….ދެން…”
“ދެން؟”
“ދެން…އަހަރެން އިންތިޒާރު ކުރާނަން އަނެއްކާވެސް ރަޒާން ފެންނާނެ ދުވަހަކަށް.” ރޫޔާ އެހެން ބުނެލީ ކިރިޔާވެސް މީހަކަށް އަޑު އިވޭ ވަރަށެވެ. އެ އަޑުން ރަޒާނަށް ބޭ އިޚްތިޔާރުގައި ހީލެވުނެވެ.
“އަހަރެންވެސް އެދުވަހަކަށް އިންތިޒާރުކުރާނަން.” ރަޒާން އެހެން ބުނެލި ގޮތުން، ރޫޔާގެ ހިތަށް ލޮޅުމެއް އެރިއެވެ. އޭނާ ރަޒާނަށް އުންމީދުން ފުރިގެންވާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“މާލެ ދެވުމާއެކު އަހަރެން ރޫޔާއަށް ގުޅާނަން… އަހަރެންގެ ކޯލަށް އިންތިޒާރު ކުރައްޗޭ” އެމީހުން ފުރަން ތައްޔާރުކޮށްފައި އޮތް ލޯންޗުގެ ކައްޕި، ރަޒާންމެންނަށް ހަނާ އަޅަން ފެށުމާއެކު ރަޒާން ބުނެލިއެވެ. ރަޒާން އެހެން ބުނެލުމަށްފަހު ލޯންޗާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ރޫޔާވެސް އައެވެ. ބަނދަރުގެ ވާޓަރު މައްޗަށް އެރުވުމާއެކު އެންމެން އެކަކު އަނެކަކާ ސަލާން ކުރިއެވެ. ރޫޔާއާއި ރަޒާން، އެކަކު އަނެކަކަށް ވަދާޢީ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
ރަޒާން، ލޯންޗަށް އެރިތަން ބަލަން ރޫޔާ ހުރެވުނެވެ. އެނާ ގޮސް އިށީނދެލީ، ބަނދަރުމަތީގައި ތިބި ރޫޔާމެން ރީއްޗަށް ފެންނަ ސީޓެއްގައެވެ. ލޯންޗަށް މީހުން އަރައި، ފުރި އިރުވެސް ރަޒާންގެ ނަޒަރު ހުއްޓިހުރީ ރޫޔާއަށެވެ.
***
ރޫޔާއަށް ހުރެވުނީ ލޮލު ކުރިމަތިން ލޯންޗު ގެއްލެންދެން، އެއަށް ބަލަންށެވެ. ލޯންޗު ނުފެންނަ ވަރުވުމުން އޭނާ އެނބުރި ހިޔަލަށް އައެވެ. ޝަފަޤްގެ ދެމަފިރިންނާއި، ޝެހެނާގެ ކުޑަ ޢާއިލާ ބަނދަރުގައި މަޑު ނުކޮށް ގެޔަށްދިޔައީއެވެ. އޭނާއާއެކު ބަނދަރުގައި މަޑުކޮށްލައިގެން ހުރި ހަމައެކަނި މީހަކީ މައިރާއެވެ.
“ދެން ބުނެބަލަ. ކާކުތަ މިއުވާންގެ މޫނަށް އެހެން ހެދީ؟” މައިރާ ކައިރީގައި އިން ހުސް ޖޯލީގައި އިށީނދެލަމުން ރޫޔާ އަހާލިއެވެ. މައިރާ އިން ގޮތުން ވީގޮތުގެ ކުޑަ މިންވަރެއް ރޫޔާއަށް ނަގައިގަނެވުނެވެ.
“ފާއިޤް އަނެއްކާވެސް އުނދަގޫ ކުރީތަ؟” ރޫޔާ އެހެން އަހައިލުމާއެކު މައިރާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މި ރޫޔާއަކަށް އެނާގެ އެއްވެސް ކަމެއް ވަހުމްނުކުރެވޭނެއެވެ.
“ހޫމް. އެއްޗެހި ގޮވި……ނަހަލާލު ދަރިއަށް ދާންދެން..ގޮވި…އެ ހުރިހާ އެއްޗެއް…..އަހަންނަކީވެސް އަހަރެން މަންމަހެން….ބޮލާކޮޓިޔާއެކޭ ކީ…އަހަރެންވެސް ރުޅިއައިސް އެއްޗެހި ގޮވިން. އޭނާއަކަށް ނޯންނާނެ އެއްވެސް ހައްޤެއް މަގޭ މަންމައާ ދިމާލަށް އެހެން ކިޔާކަށްދޯ. އެއްޗެހި ގޮވަންބޭނުންވާނަމަ ގޮސް….އޭނާގެ ބޭބެއަށް އެއްޗެހި ގޮވީމަ ނިމުނީނު. އެނާ ވިއްޔާ… ހުރިހާ ކަމެއް ގޯސްކުރީ” މައިރާ ފުންނޭވާއެއް ލިއެވެ. އަދި އޭނާގެ ހަށިގަނޑު ތެދުކޮށްލުމަށްފަހު ރޫޔާއަށް ބަލައިލިއެވެ.
“ރޫ…މިއުވާނަށް އެ ހުރިހާ އެއްޗެއް އަޑުއިވުން…. އޭނާ އަހަރެންގެ ދިފާޢުގައި ނުކުމެ ވާހަކަ ދެއްކި. އެކަމާ ހިތްހަމަ ނުޖެހިގެން އެ ދެމީހުން އެކަކު އަނެކަކާ ތަޅައިގަތީ. އަހަންނަށް، ފާއިޤް ކޯޓަށް ގެންދެވުމުގެ ބާރު އޮތް ވާހަކަ ބުނީމަ…އޭނާ ފިލީ…މަ ގެންގޮސް މިއުވާނަށް ފަރުވާ ދިނީ…އެނާ ބުނި އެކަން ކޯޓަށް ގެންދަން އުޅޭށޭ…ތިމަންނަ މައިރާ ތަމްސީލުކުރާނަމޭ…”
މައިރާ އުޑަށް ބަލައިލަމުން ވީ ގޮތް ކިޔައިދިނެވެ. “އެކަމަކު…އަހަންނެއް ބޭނުމެއް ނުވޭ..އެކަން ކުރާކަށެއް. ސައްތާރު ޖަލަށް ދާ ކޮންމެ ފަހަރަކު، އެ ފަރީދާ އުނދަގޫ ކުރަން އެނގެނީ އަހަރެންގެ މަންމައަށް. އަންހެނަކަށް ވެހުރެ، އޭނާއަށް އެނގުނީ އޭނާގެ ރޭޕިސްޓް ފިރިމީހާ ދިފާޢުކުރަން” މައިރާގެ އަޑު ތުރުތުރު އަޅައިގަތެވެ. މާޒީގެ ހިތި ހަންޖަރު، އަދިވެސް އެ ހިތް ޒަޚަމްކުރަމުން ދިޔައެވެ.
“އަހަންނެއް ބޭނުމެއް ނުވޭ…އެ ޢާއިލާއާ އެއްވެސް ގުޅުމެއް އޮންނާކަށް. މިއުވާން ބުންޏަކަސް…އަހަރެން ބޭނުމޭ އެމީހުންނަށް ހައްޤު އަދަބު ލިބެން..އެކަމަކު، ބޭނުންވާހާ ކޮންމެ ކަމަކީ ފަސޭހަލުންވާނެ ކަމެއް ނޫންދޯ.” މައިރާ ޖޯލިން ތެދުވެލިއެވެ. “މަ މިދަނީ…ކުޑަކޮށް ބޮލުގައި ރިއްސާ އެބަ…ރެސްޓް ކޮށްލައިފައި މަ ޚަބަރެއްވެލާނަން” މައިރާ ރޫޔާއަށް ކުޑަ ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު އެތަނުން ދިޔައެވެ.
***
އިރު އޭގެ ވާޖިބުއަދާކުރުމަށްފަހު އޮއްސުނީ، ހަނދު އޭގެ ވާޖިބު އަދާކުރަން ފުރުސަތުދެމުންނެވެ. ފަޒާގައި ގުގުމަމުންދިޔައީ މަޣްރިބު ނަމާދަށް ދަޢުވަތުދޭ ބަންގީގެ އަޑުންނެވެ.
ބަންގީގެ އަޑާއެކު ރޫޔާ އޭނާގެ ކޮޓަރިއަށް ވަދެފައި ނަމާދުކުރުމަށް އަވަސްވެގަތުނެވެ. މަޣްރިބު ނަމާދުކޮށްލައި ނިމިގެން އޭނާ ބޭނުންކުރި މުސައްލަ ފަތްޖަހައިލުމަށްފަހު، އަލަމާރިއަށް ލާން އުޅުނެވެ. އެވަގުތު، އެނާ ނިދާ އެނދުމަތީގައި އޮތް ފޯނު ރިންގު ވާން ފެށިއެވެ.
އަވަސްއަވަހަށް މުސައްލަ އަލަމާރިއަށް ލުމަށްފަހު، ރޫޔާ އެފޯނު އަތަށް ނެގިއެވެ. ސްކްރީނަށް އަރައިފައި އިން ނަން ފެނިފައި އޭނާގެ ނޭވާ ހުއްޓުނެވެ. ތުންފަތަށް، ލުއި އެހެނަސް ލަދުވެތި ހިނިތުންވުމެއްވެރިވިއެވެ. ފޯނު ހިފައިގެން އެނާ އެކޮޓަރީގެ ބެލްކަންޏަށް ނުކުމެ، ފަހަތުން އެ ބެލްކަނީގެ ދޮރު ލެއްޕިއެވެ. ފިނިވެފައިވާ އަތަކައިގެން އޭނާ އެކޯލް ނަގައި، ފޯނު ކަންފަތުގައި ޖައްސައިލިއެވެ.
“ރޫޔާ؟” ފޯނުން އިވިގެން ދިޔަ ފިރިހެންވަންތަ ބަރު އަޑުން ރޫޔާގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އޭނާގެ ކޯތާފަތަށް ލޭ ޖަމާވެ، މޫނު މަތި ހޫނުވާހެން ހީކުރެވުނެވެ. އެއްޗެކޭ ނުބުނެ، ހުސްކޮށް އޮތް އަތުން އޭނާގެ މޫނު ނިވާކުރީ ކާކަށް އެމޫނު ފޮރުވަން ކަމެއް ނޭނގެއެވެ.
ރޫޔާގެ ފަރާތުން ޖަވާބެއް ނައުމުން ރަޒާނަށް ރޫޔާއަށް ވެގެން ދިޔަ ގޮތް ސިފަ ކޮށްލެވުނެވެ. އެނާ ހީލަމުން އަދި އެއްފަހަރު އެނަމުން މުޚާތަބު ކުރިއެވެ.
“ރޫޔާ ނާހާނަންތަ އަހަންނަށް މާލެ އާދެވުނުތޯ؟” ރަޒާންވެސް، އޭނާގެ ކޮޓަރީގެ ބެލްކަންޏަށް ނުކުމެލަމުން އަހައިލިއެވެ. ލައިގެން ހުރި ކަޅުކުލައިގެ ޕޯލޯ ޓީޝާޓުން ރަޒާންގެ ކަސްރަތީ ހަށިގަނޑުގެ ވާނަތައް ފާޅުވެފައި ހުއްޓެވެ. ކަންފަތުގައި ފޯނު ޖައްސައިގެން ހުރިއިރު، އޭނާގެ މުލައްދަނޑީގެ ވަރުގަދަ މަސްތައް ކޮޅަށް ޖެހިފައި ހުރިކަން އެނގެއެވެ. ޖެހެމުންދިޔަ ވަޔާއެކު، ހާވާލެވިފައިވާ އިސްތަށިގަނޑު ނަށަމުންދިޔައެވެ.
“ރަޒާން…މާލޭއަށް ދެވުނީތަ؟” ރޫޔާގެ އަޑު އައި މަޑުމައިތިރިކޮށެވެ. އެ އަޑާއެކު ރަޒާންގެ ހިނިތުންވުން ފުންވިއެވެ.
“ހޫމް. މިހާރު މިހުރީ ގޭގަ. ރޫޔާ ކީއްކުރަނީ މިގަޑީގަ؟” ރަޒާން ބޭނުންވީ ކޮންމެވެސް ވާހަކަ އެއް ފަށައި، ރޫޔާގެ އެ ދުރުކަން ކޮންމެވެސް ގޮތަކުން ދުއްވައިލަންށެވެ.
“ކަމެއް ނުކުރަން..”
“ރޫޔާ ލަދުގަނެފަތަ؟” ރަޒާންގެ ސުވާލުން ރޫޔާ ކޮށި ނޭރީ ކިރިޔާއެވެ. ފޯނު ކަންފަތާ ދުރުކޮށްލުމަށްފަހު ހަނދުގެ ރިހި އަލިން ދިއްލިފައިވާ އުޑުމައްޗަށް ބަލައިލިއެވެ. އަދި މީހާ ހަމައަކަށް އެޅުވުމަށް ދެތިން ފުންނޭވާއެއް ލާން މަޖުބޫރުކުރިއެވެ.
އަމިއްލަ ނަފްސު ހަމައަކަށް އެޅުވުނުކަމަށް ބަލައިފައި، އަނެއްކާވެސް އެފޯނު ރޫޔާގެ ކަންފަތާ ކައިރިކޮށްލިއެވެ. ކުޑަ ހިތްވަރެއްލުމަށްފަހު އޭނާ އުޅުނީ މަޢުޟޫ ބަދަލުކޮށްލާށެވެ.
“ދެން މާދަން މަސައްކަތަށް ނުކުންނަންތަ ތިއުޅެނީ؟” ރޫޔާގެ އަޑުން، އޭނާއަށް އެއްވެސް އަސަރެއް ނުކުރާކަމަށް ދައްކަން އުޅުނެއް ކަމަކު، އެނާގެ ހަށިގަނޑު ދައްކަނީ އެހެން ހެކިތަކެކެވެ. ހީވަނީ ދެންމެ ދެންމެ އޭނާގެ ދެފައިން ވަރުދާން އުޅޭ ހެންނެވެ. ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެފައި، އަތްފައި ދިޔަލައިފައެވެ. އޭނާގެ މޭ ފިނިވެފައި، ހަށިގަނޑުގެ ލޯލިތައް ކޮޅަށްޖެހިފައެވެ. އެނާއަށް މިހާ ބޮޑެތި އަސަރުތަކެއް ކުރަމުންދާއިރު، ރަޒާން އެހާ ހަމަޖެހިލައިގެން އެ ހުންނަނީ ކީއްވެހެއްޔެވެ؟
“ނޫން. މާދަން ނުކުންނަން ޖެހޭ…ކްލައިންޓަކާ ބައްދަލުކުރަން އެބަ އޮތް” ރަޒާން ރޫޔާގެ ސުވާލަށް ޖަވާބު ދިނެވެ. “ރޫޔާއަށް އޯކޭތަ އަހަރެން ރޫޔާއަށް ވައިބާ އެހެންނޫނީ ވަޓްސްއެޕް މެދުވެރިކޮށް ގުޅިޔަސް؟”
“އެ ކީއްކުރަން ވެގެން؟”
“އޭރުންނެއްނު ރޫޔާގެ ފޯނުން ލާރި ހުސްނުވެ ހުންނާނީ…މި ގޮތަށް ކޮންމެ ދުވަހަކު ގުޅަން ހަދައިގެން، ފޯނު ބިލެއްނު ބޮޑުވާނީ” ރަޒާންގެ ޖަވާބާއެކު ރަކިވި ވަރުން، އެނާ ބެލްކަނީ ރެއިލިންގައި ބޯ އަޅައިލިއެވެ.
“ކޮންމެ ދުވަހަކު؟”
“ހޫމް”
ރޫޔާ ބިމަށް ތިރި ނުވާކަމެވެ. ރެއިލިންގައި ހިފަހައްޓައިލައިގެންވެސް ހުރީ އެހެންވެގެންނެވެ.
“ދެން ފަހުން ގުޅާނަން. އިރުކޮޅަކުން ޢިޝާ ނަމާދު ބަންގި ގޮވާނެ. ބާއްވަނީ އިނގޭ” ރަޒާންގެ ވަދަޢީ ސަލާމާއެކު ރޫޔާގެ ކަންފަތުން އޭނާގެ ފޯނު ތިރިކޮށްލިއެވެ. ބެލްކަނީ ދޮރު ކަޑަތުކުރުމަށްފަހު އޭނާގެ އެނދުގައި އިށީނދެލިއެވެ. ފޯނު އެނދުމައްޗަށް އެއްލައިލުމަށްފަހު ކައިރީގައި އޮތް ބާލިސް ނަގައި، ގައިގައި ހުރި ބާރެއްލައިފައި އެބާލީހުގައި ބައްދައިގަތެވެ. އެ ވަގުތު އެ ކޮޓަރިއަށް ވަދުނު ރަހާއަށް އެމަންޒަރު ފެނުނެވެ. ރޫޔާއަށް ރުހާ ފެނުމާއެކު، އެނދުން ތެދުވެ، އަވަސް ފިޔަވަޅުތަކެއް އަޅައިފައި ރަހާ ގައިގައި އޮޅުލައިގަތެވެ. ރަހާއަށް ވާނުވާ ނޭނގިހުރެ، އޭނާ ރޫޔާގެ އަތުތެރެއިން ސަލާމަތްވާން މަސައްކަތް ކުރިއެވެ. ނަމަވެސް، ރޫޔާ ހިފަހައްޓާފައި ހުރީ ކަކުނި ދަތަށްވުރެއްވެސް ބާރަށެވެ. ރަހާ ވަރަށް ހާލުގައި އަނބުރާ ކޮޓަރި ދޮރުމައްޗަށް އަރައި ހަތުމާއަށް ގޮވައިލިއެވެ.
“މަންމާ..ދޮންތަ އަނެއްކާވެސް މޮޔަވެއްޖެ”
***
ރަޒާނާއި ރޫޔާގެ ގުޅުން ދަނީ ދުވަހަކުން ދުވަހަކަށް ބަދަހި ވަމުންނެވެ. ދެމީހުން ދެރަށެއްގައި ތިބި ކަމުގައި ވިޔަސް، އެވާ ދުރުމިނުން އެ ދެމީހުންނަކަށް އަސަރެއް ނުކުރެވެ. މައިރާއާއި ވަސީމްގެ ދެމަފިރިންވެސް މާލެއަށް އަނބުރާ ދިޔައީ އަނެއްކާވެސް ރަސްމީ ދުވަސްތައް ފެށުނީމައެވެ. ޗުއްޓީގެ އުފާވެރިކަން ފިލައި، އެންމެންވެސް އެމީހެއްގެ އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދާން ފެށިއެވެ. ސްކޫލު ފެށުމާއެކު، ޝެހެނާވެސް ޒާޝާ ބަލައި ބޮޑުކުރަމުން ސްކޫލު ކުދިންނަށް ޓިއުޝަން ދިނުމުގައި އުޅުނެވެ.
ރަޒާން އެ ރަށުން ލެފިތާ ދެ ހަފްތާ ފަހުން، އެންމެންގެ ލަފާއާ އެއްގޮތަށް ރޫޔާ އެ ރަށު ސިއްހީ މަރުކަޒުގެ ވަޒީފާއަށް ކުރިމަތިލިއެވެ. ކަން ދިމާކުރި ގޮތުން އޭނާއަށް އެ ވަޒީފާ ލިބުނެވެ.
އެ ގޮތަށް ދެމަސް ފާއިތުވެ ހިނގައްޖެއެވެ. ދުވަހަކީ ރޫޔާގެ އޮފް ދުވަހެއްކަމުން، އޭނާ އުޅުނީ މާއިޝާއާއި މާއިޝް އަތުލަފިކޮށްގެންނެވެ. ދެ ކުދިން ގޮވައިގެން ސަކަރާތް ޖަހަން ހުރި ރޫޔާއަށް، އެގޭ ދޮރުމައްޗަށް މީހަކު އެރިހެން ހީވެގެން ބަލައިލިއެވެ. ދޮރުމަތީގައި ހުރީ ޝަފަޤްގެ ބޮޑުބޭބެއެކެވެ. އެ ބޭބެ އަތުގައި ފޮށިގަނޑެއް އޮތެވެ.
“މިއޮތީ…ބޭބެގެ ބޯޓުން މީހަކު ރޫޔާއަށް ފޮނުވި ހަދިޔާ ފޮށިގަނޑެއް.” އެ ބޭބެ އެހެން ބުނެލުމަށްފަހު ރޫޔާއާ އެ ފޮށިގަނޑު ހަވާލުކުރިއެވެ. އެ ބޭބެ ގެއަށް ދާން ލަސްވެފައި ހުރި ވަރުން، އެގޭގައި އިތުރަށް މަޑު ނުކޮށް ދިޔައީއެވެ.
ހަތުމާ ކޮޓަރިން ނުކުތުމާއެކު، ދެ ބެއިން އޭނާއަށް ހަވާލުކުރުމަށްފަހު ރޫޔާ ސިޑިން މައްޗަށް އަރައި ކޮޓަރިއަށް ވަދުނެވެ. އަވަސްއަވަހަށް ކަބަޑުން ކަޓަރު ނަގައި، އެ ފޮށީގައި ތަތްކޮށްފައި ހުރި ޓޭޕްތައް ކަނޑައިލިއެވެ.
ފޮށީގައި ހުރި އެއްޗެހި ފެނިފައި ރޫޔާއަށް އެއީ ކާކު ދިން ހަދިޔާއެއްކަން އެނގުނެވެ. އެހެން ނުވާންވީ ކިހިނެއްހެއްޔެވެ. ފޮށީގައި ހުރި އެއްޗެހިތަކުގެ އެންމެ މަތީގައި އޮތީ ފްރޭމްކޮށްފައި އޮތް ފޮޓޯގަނޑެކެވެ. އެއީ ޝަފަޤްގެ ޕާޓީގައި އޭނާއާއި ރަޒާން ނެގި ކެންޑިޑް ފޮޓޯގަނޑެވެ. އޭނާ އެ ފްރޭމް އަތަށް ނެގިއެވެ. މަޑުމަޑުން އެ ފޮޓޯގަނޑުގައި އިން ރަޒާންގެ މޫނުގައި ބީހިލިއެވެ.
ރޫޔާ ސިހިގެން ހަޅޭއްލަވައިގަތުނީ އެނދުމަތީގައި އޮތް ފޯނު ރިންގުވި އަޑު އިވިފައެވެ. އަތުތެރެއިން ފްރޭމްވެސް ނުވެއްޓުނީ ކިރިޔާއެވެ. އެ ފްރޭމްގަނޑު، އެނދު ކައިރީގައި އިން ކުޑަ ކަބަޑުމަތީ ބެހެއްޓުމަށްފަހު އެނާ ފޯނު ނެގިއެވެ. ސްކްރީނުން ރަޒާންގެ ނަން ފެނި އެ ތުންފަތަށް ރަކި ހިނިތުންވުމެއް އައެވެ. އަވަސްއަވަހަށް އެ ކޯލް ޤަބޫލުކުރުމަށްފަހު ފޯނު ކަންފަތާ ކައިރި ކޮށްލިއެވެ.
“ލިބުނު ހަދިޔާ ކަމުދޭތަ؟” ރަޒާން އެހެން އަހައިލީ، އެނާގެ އޮފީހުގެ މޭޒުމަތީ އިން، ހަމަ އޭގެ ދެވަނަ ފޮޓޯ ފްރޭމަކަށް ބަލަމުންނެވެ.
“ހޫމް.”
“ދެން ހުރި ހަދިޔާތައް ބަލައިލާފިންތަ؟”
“ނޫން”
“ފޯނު ކަނޑާނުލާ ބަލާބަލަ”
ރަޒާން އެހެން ބުނުމުން ރޫޔާ އެ ފޮށިގަނޑުތެރޭގައި ހުރި އެއްޗެހި ހާވާލިއެވެ. ކްރޮޝެޓް ކޮށްފައި އޮތް ރަތް ފިނިފެންމާ މާބޮޑީގެ އިތުރުން ދެތިން ޗޮކުލެޓުވެސް އެ ފޮށިގަނޑު ތެރޭގައި އޮތެވެ. އެކަމަކު އޭނާގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތީ އެ ފޮށީގެ އެންމެ އަޑީގައި އޮތް ސިޓީ އުރަ ފެނިފައެވެ.
“މީ ސިޓީ؟”
“އަހަންނަށް އަޑުއިވޭވަރަށް ތި ސިޓީ ކިޔާލަބަލަ”
ރޫޔާ އެ ސިޓީ އުރަ ނަގައި، އެތެރޭގައި ފަތް ޖަހައިފައިއޮތް ގަނޑުކޮޅު ނެގިއެވެ. ފޯނު ސްޕީކަރަށް ލުމަށްފަހު އޭނާ އެނދުމަތީގައި އެ ފޯނު ބާއްވައިލިއެވެ. އަދި ދެއަތުން ސިޓީގައި ހިފަހައްޓައިލިއެވެ.
“އަހަރެންގެ ހުވަފެނަކަށް ވެފައިވާ، ތިޔަ ޔާރާއަށް،” މަޑުމަޑުން ރޫޔާ، ސިޓީގައި ލިޔެވިފައިވާ ފުރަތަމަ ޖުމުލަ ކިޔައިލިއެވެ. މީހާގެ މޫނުމައްޗަށް ވެރިވެފައިވާ ހިނިތުންވުން ފިލައި، ސީރިއަސް ވިއެވެ.
“އަހަރެންގެ ހުރިހާ ޚިޔާލެއްގެ މަލިކާއަށް،” ޖެހިގެން އޮތް ޖުމުލަ އޭނާ ކިޔައިލީ ނޭވާ ކުރުވެފައި ހުރި ހާލުގައެވެ. އޭނާ މޭގައި އެއަތް މޭގައި އަޅައިލެވުނީ، ހިތް ތެޅޭވަރުންނެވެ.
“އަހަރެންގެ ހިތާއި ވިންދުގެ މިލްކުވެރިޔާއަށް”
“އެހެން އެއްވެސް މީހެއްދެކެ ނުވާ މިންވަރަށް، އަހަރެން ލޯބިވި އަދި ލޯބިވާ ރޫޔާއަށް،”
“އަހަރެންގެ މި ލޯބި ޤަބޫލުކުރާނަން ހެއްޔެވެ؟”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

