Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (5)

Thea reminisces
Thea reminisces Level 210 Stories
May 20, 2026 9 Mins Read
1 Comment

އެންމެން ވާނުވާ ގައި ތިއްބައި، މީހެއްގެ ބަހަކަށް، ނަޒަރަކަށް ބެލުމެއްނެތި ރަޒާން ރޫޔާ ކައިރީ ހުއްޓުނެވެ. އަދި ރޫޔާގެ އަތުގައި ހިފައިގަނެ، އެނާ ރޫޔާ ގޮވައިގެން ހިނގައިފައި ގޮސް ހުއްޓުނީ ޝެހެނާއާއި ޝަފަޤްގެ ދެމެދު، ފަހަތުގައެވެ. އެ ހުރިހާ ކަމެއް ހިނގައި ދިޔައިރު ރޫޔާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްގެން ރަޒާނަށް ބަލަންށެވެ. އެނާގެ ނަޒަރު ތިރި ކޮށްލީ، ރަޒާންގެ ހިމާޔަތުގައި އޮތް އޭނާގެ އަތަށެވެ. ރަޒާންގެ އެ ކުޑަ ޢަމަލުން ރޫޔާގެ ނާރުތައްވެސް ހުރީ ކޮޅަށް ޖެހިފައެވެ. ކޯތާފަތަށް ޖަންބުކުލަ އަރަން ފެށީ ރަކިވި ވަރުންނެވެ.

ރަޒާންގެ އެ އަމަލު ދެކިފައި މިއުވާނާއި ވަސީމް ހައިރާންވެ އަންތަރީސްވެފައި ހުރެވުނެވެ. ދުވަހަކުވެސް އަންހެންކުއްޖަކާ ގަޔާނުވެ، މަސައްކަތުގައި މުޅި ދުވަސް ހޭދަކުރާ ރަޒާން ފޮޓޯ ނަގަން ހުއްޓުނީ ރޫޔާއާއެކު އެވެ. އެވެސް އެނާގެ އަމިއްލަ އިޚްތިޔާރުގައި މީހެއްގެ ޚިޔާލަކަށް ނުބަލައެވެ.

ޝެހެނާމެންގެ ހާލު ވަކި ތަފާތެއް ނޫނެވެ. ޝަފަޤް، މައިރާ އަދި ޝެހެނާވެސް ހުރީ ބަސް ހުސްވެފައެވެ. ފިރިހެނުންނާ ދުރުން އުޅޭ ރޫޔާ، މިއަދު އެމީހުންގެ ލޯ ކުރިމަތީގައި އެހުރީ ހަމަ ފިރިހެނަކާއެކު ފޮޓޯނަގަން ހުއްޓިއެވެ.

“ސޯ މިއުވާނާ އެކު…މި ކުއްޖާ ދޯ” ފޮޓޯގަރަފަރުގެ އަޑާއެކު އެ އެންމެން، ރަޒާންމެންގެ ކިބައިން ނަޒަރު ވަކިކުރުމަށްފަހު މައިރާމެނަށް ބަލައިލިއެވެ. މައިރާއަށް ފޮޓޯގްރަފަރުގެ ބަހުން ރުޅިވެސް އައެވެ. އޭނާއާއެކު މިއުވާންހެއްޔެވެ؟ އެފަދަ ނިންމުމަކަށް އެ ފުޓޯގްރަފަރަށް އާދެވުނީ ކިހިނަކުން ހެއްޔެވެ؟ އެކަމަކު މިއުވާން ފިޔަވައި، އިތުރަށް ހުސްކޮށް ހުރި ފިރިހެނެއް އެތަނަކު ނެތެއެވެ. ހިތުން އެއްޗެހި ކިޔަމުންވެސް މައިރާ މިއުވާންގެ ކުރިމަތީ ހުއްޓުނީ ޝަފަޤްގެ އުފަލަށްޓަކައެވެ.

“މިއުޅެނީ ކޭންޑިޑް ޝޮޓެއް ނަގަންވެގެން. އެހެން ވީމާ ތި މީހުން ހަދަންވީ އެއްޗަކީ…. އަހަރެން ފޮޓޯ ނުނަގާ ކަމަށް ހެދެންވި. ޕްރިޓެންޑް ދެއަރ އިޒް ނޯ ކެމެރާ”

ފޮޓޯގްރަފަރގެ ވާހަކަ އަޑުއަހައިފައި އެ އެންމެން ކޮންމެވެސް ކަމެއް ކުރަނީ ކަމަށް ހެދުނެވެ. ރަޒާންވެސް ރޫޔާއަށް ބަލައިލުމަށްފަހު ހީލިއެވެ. ރޫޔާގެ އަތުން ދޫކޮށްލުމުގެ ބަދަލުގައި ރަޒާން އެއަތަށް ދަމާއިލައި، އެދެމީހުންގެ ދެމެދުގައިވީ ޖާގަ ކުޑަކޮށްލިއެވެ. ރަޒާންގެ ނޭވާ ރޫޔާގެ މޫނަށް އެޅުމާއެކު އެނާގެ އެސްފިޔަތަށް ތޮޅެލި މަންޒަރު ރަޒާނަށް ފެނިގެން ދިޔައެވެ. އެ ތުންފަތަށްވެރިވެފައިވާ ލަދުވެތި ހިނިތުންވުމާއެކު ރަޒާންގެ ހިތް، އެ ޖާދޫގައި ޖެހި އަވަދިނުވާވަރެވެ.
“މިއަދު ރޫޔާ ވަރަށް ރީތި.” ރަޒާނަށް ތަޢުރީފު ނުކޮށް ނުހުރުނެވުނެވެ. އޭނާގެ ބޮޑުވައި އިނގިލިން ރޫޔާގެ އިނގިލިތަކުގެ ބުޑުގައި ފިރުމައިލަމުން ދިޔައީ ރޫޔާގެ ކިބައިން ނަޒަރު ވަކި ކުރުމެއް ނެތިއެވެ. ވީ ރަކިން ރޫޔާ އޭނާގެ މޫނު އެހެން ފަރާތަކަށް އަނބުރައިލުމަށްފަހުވެސް އަނެއްކާ ރަޒާނަށް ބަލައިލީ ހަމަ ރަކި ކަން މަތީގައެވެ.

“ދެން ބުނެބަލަ…މިއަދު ކީއްކުރީ؟” ރަޒާން ހަމައެކަނި އެދެމީހުންނަށް އަޑުއިވޭވަރަށް އަހާލިއެވެ.

“ރޮށި ދަމަން އުޅުނީ” ރޫޔާގެ އަޑު އެންމެފަހުން އޭނާގެ ކަންފަތަށް އިވުނެވެ.

“އެހެން. ބައިވަރު މީހުން އުޅުނު ދޯ ރޮށިދަމަން”

“ހޫމް.”

“ދެން ރޫޔާއަށް އިނގޭނެތަ ރޫޔާ އަމިއްލައަށް ދެމުނު ރޮށި ވަކި ކުރަން؟”

“އެ ކީއްކުރަން؟”

“އޭރުންނެއްނު އެ ރޮށީގެ ރަހަ ރަނގަޅަށް ބަލަން އިނގޭނީ” ރަޒާންގެ ޖަވާބުން ރޫޔާ އަނގައިތާވިއެވެ. މޫނުމައްޗަށް އެރި ލަދުވެތި ހިނތުންވުން ފޮރުވުމަށްޓަކައި އަނެއްކާވެސް އޭނާ މޫނު އެހެން ފަރާތަކަށް އަނބުރާލިއެވެ.

ރަޒާން ނުވާކަމަށް ހެދި ބޯ އަރިކޮށްލީ ރޫޔާއާ ކަޅި ހަމަ ކުރަންށެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވުމާއެކު އޭނާ ލާނެއް ހިނިތުންވުމެއް ދިނެވެ. “ދެން..” ރޫޔާއަށް ހަޤީޤަތުގައިވެސް ބުނާނެ އެއްޗެއް ނޭނގިހުރެ، ބޯ ހޫރައިލިއެވެ.

ފޮޓޯގެ ފޯރިއަށް ނިމުމެއް ގެންނަންޖެހުނީ ހަފްލާ ފެށެން އުޅޭކަން ޝަފަޤްގެ މަންމަ ރަޝްދާ އެކަން އިއުލާންކުރުމުންނެވެ. އެއާއެކު މީހުން އެކި ކަންކަމުގައި ބިޒީވިއެވެ. އެ ގޮތަށް ގޮސް ހަފްލާގެ ވަގުތު ފެށިއްޖެއެވެ. ވަލީމާގެ ދަޢުވަތު ޤަބޫލުކޮށްގެން ހަފްލާއަށް އަންނަން ބޭނުންވި މެހެމާނުންތައް، ހޯލްގެ އެތެރެއަށް ވަދެގެން އައެވެ.

މެހެމާނުން ހޯލުތެރެއަށް ވަދެގެންއައި ދަނޑިވަޅުގެ ބޭނުން ހިފައި، ރަޒާން ރޫޔާގެ އަތުގައި ހިފައިގެން ސްޓެޖުން ފައިބައި، މީހުންތަކުގެ ތެރެއަށް ވަދުނެވެ. މީހުންތަކު ތެރޭގައި ފީނަމުން، ދެމީހުންނަށް އެންމެ ފަހުން ކެއުން ތައްޔާރުކޮށްފައި ހުރި މޭޒަށް ވާސިލްވިއެވެ. މޭޒުމަތިން ބަތްކާ ހުސް ތަށްޓެއް ނެގުމަށްފަހު، ރިހައަޅައިފައި ހުރި ބޯތަށިތައް ކައިރިއަށް ރަޒާން ދިޔައެވެ. އުނދުޅިން ރިހަފޮދަކާއި ކުކުޅު މަސްކޮޅެއް ތަށްޓަށް އެޅުމަށްފަހު ރޮށި އަޅައިފައި ހުރި ތަށިތައް ކައިރިއަށް ހުއްޓުނެވެ.

“ކޮބާ މިތަނުން ރޫޔާ ދެމި ރޮށިތައް؟” ރޮށި އަޅައިފައި ހުރި އެކިއެކި ތަށިތަކަށް ބަލަމުން އޭނާ ރޫޔާ ގާތު އަހާލިއެވެ. ރަޒާން ކުރި ސުވާލު އަޑުއިވިފައި، ރޫޔާ ގަބޫލުކުރަން ދަތިވެފައި ހުރި ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

“ރަޒާން ހަމަ އަސްލަށްވެސް ތިއުޅެނީ…އަހަރެން ދެމި ރޮށި ހޯދަންތަ؟” ރޫޔާގެ ރާގުން، އާޝޯހުވެފައި ހުރިވަރު އެނގެއެވެ.

“ހޫމް. ދެން ބުނެބަލަ”

ރަޒާން އެނާގެ މަޤްސަދު އިންކާރު ކުރާކަށެއް ނޫޅުނެވެ. އޭނާއަށްވެސް، މި ހުރިހާ ރޮށިތަކުން ރޫޔާ ދެމި ރޮށިތައް ހޯދުމަކީ ނާދިރުކަމެއްކަން އެނގެއެވެ. އެކަން އެނގިހުރެ އޭނާ ބޭނުންވީ ރޫޔާ އޭނާގެ އެދުމަށްޓަކައި ހަދާނެ ގޮތް ބަލަންށެވެ. ރޫޔާ ހީލައިފައި ހުރި ގޮތުން އޭނާ ހުރީ ލަދުންކަންވެސް ރަޒާނަށް އެނގުނެވެ. ރޫޔާއަށް ނޭނގުނު ނަމަވެސް ރަޒާންގެ އަސްލު މަޤްސަދަކީ ރޫޔާ އިތުރަށް ރަކިކުރުމެވެ.

ރޮށިތަށިތަކާ ކައިރިވެލުމަށްފަހު ރޫޔާ އެ ހުރިހާ ތަށިތަކަށް ބަލައިލިއެވެ. އޭނާ ހަނދާންވާގޮތުން، އޭނާ ދެމި ރޮށިތައް ފިހެފައި އެޅި ތަށިތަކުގެ ތެރޭގައި ކަޅުކުލައިގެ ތަށްޓެއްވެއެވެ. އެ ދެމީހުންގެ ނަސީބު ހުރި ގޮތުން، އެ މޭޒުމަތީގައި ހުރީ އެންމެ ކަޅުކުލައިގެ ރޮށި އަޅާ ތަށްޓެކެވެ.

“އެ ތަށީގައި ހުންނާނެ…އަހަރެން ފިހުނު ރޮށިތައް” ރޫޔާ ޓޮންގްސްގެ އެހީގައި އެތަށިން ރޮށިކޮޅެއް ނެގުމަށްފަހު ރަޒާން ރިހަ އަޅައިފައި ހުރި ތަށީގެ ކަނުގައި އެ ރޮށިކޮޅުތައް ބައްވާލިއެވެ.

ރޫޔާގެ އެ އަމަލުން ރަޒާނަށް ހެވުނެވެ. އެނާ ރޫޔާ ދެމި ރޮށި ކާން ބޭނުންވާ ވާހަކަ ބުނުމުން، ރޫޔާ ހަމަ އަސްލަށްވެސް އެ ރޮށިތައް ހޯދައިދިނީ ހެއްޔެވެ؟ ރަޒާންގެ ހުނުމުގެ އަޑު އިވިފައި ރޫޔާގެ ފަހަތަށް އެނބުރި ރަޒާނަށް ބަލައިލިއެވެ. ރަޒާން އެނާއަށް ބަލަން ހުރި ގޮތުން އޭނާ ލަދުން ފޯވިއެވެ.

“އިތުރު އެއްޗެއް ބޭނުންތަ؟” ރޫޔާ ނުވާކަމަށް ހެދިފައި އަހާލިއެވެ. ޖަވާބުގައި ރަޒާން ނޫނެކޭ ބުނެފައި ހިނގައިގަތީ ޖޫސްތަށްޓެއް ބަލައެވެ. އިތުރު އެއްޗެކޭ ނުބުނެ، ޖޫސްތަށި ހިފައިގެން ގޮސް މިއުވާން ކައިރީގައި ހުރި ހުސް ގޮނޑިއެއްގައި އިށީނދެލައިގެން ކެއުމަށް އިންސާފުކުރަން ފެށިއެވެ.

ރޫޔާވެސް ކޮޅަށް ނުހުންނަންވެގެން، މީހުން މަދު ހިސާބުގައި ހުރި ގޮނޑިއެއްގައި އިށީނދެލިއެވެ. ވަކި ވިސްނުމެއް ނުވިސްނާ، އޭނާ އެ ހޯލުގެ އެކި ދިމަދިމާލަށް ލޯ ހޫރައިލިއެވެ. ވަލީމާގެ ކެއުމަށް އެއްބަޔަކު އިންސާފު ކުރަމުން ދިޔައިރު، އަނެއްބަޔަކު އުޅުނީ ފޮޓޯ ނަގުމުގައެވެ. އެނާ އެހެން އެކި ދިމަދިމާލަށް ނަޒަރު ހިނގަމުން ދަނިކޮށް ސިހިފައި ތެޅިގަނެވުނީ، މީހުންތަކުތެރޭގައި ދެއަތް ހަށަންބަނދެގެންހުރެ، ސީދާ ރޫޔާއަށް ބަލަން ހުރި ސާޖިދް ފެނިފައެވެ. ސިހިގެން ދިޔަ ގޮތުން އެނާ އިން ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ. ސާޖިދަށް، ރޫޔާގެ ސަމާލުކަން ލިބުނުކަން އެނގިގެން މަޑު ހިނގުމެއްގައި އައިސް، ރޫޔާ ކައިރީގައި ހުރި ހޮސް ގޮނޑިއެއްގައި އިށީނދެލިއެވެ. ހަމަ ހަށަން ބަނދެގެން ހުރެއެވެ.

“ރޫޔާ ތިހާ އުފާވެފަ ހުއްޓަކާ ނުދެކެން” ސާޖިދްގެ ޖުމުލައިން ރޫޔާ ސާޖިދަށް ލޯ އަޅައިލިއެވެ.

“ދެން ތިބުނަނީ އަހަންނަކީ އަބަދުވެސް ދެރަވެފަ ހުންނަ ވާހަކަތަ؟” ރޫޔާވެސް އެނާގެ މޭމަތީގައި އަތް ހަށަންބަނދެލިއެވެ.

“ނޫން. ބުނަން މިއުޅެނީ… ރޫޔާއަކީ ސްކޫލު ދުވަސްވަރުން ފެށިގެން ފިރިހެން ކުދިންނާ ދުރުގައި އުޅުނު ކުއްޖެއް. ދުވަހަކުވެސް މީހަކާ ރައްޓެހިވެފައި އޮތްކަމެއް އަހަންނަކަށް ނޭނގޭ. ދެން ކީއްވެ މީނަ؟”

ތެދެކެވެ. އޭނާއަށް ރަޒާން ކަމުދަނީ ކީއްވެހެއްޔެވެ؟ ރަޒާނަށްޓަކައި، އެނާ ދުވަހަކުވެސް ނުކުރާ ކަންތައްތައް ކޮށްފިއެވެ.

“ސާޖް. އަހަންނަކަށް ނޭނގޭ. އަހަރެން މަންމަގެ ނަޞޭހަތުގައި ހިފައިގެން އަހަރެންގެ އަމިއްލަ ނަފްސަށާއި ރަޒާނަށް ފުރުސަތެއް މިދިނީ. އިނގޭނު ބުނަން މިއުޅޭ އެއްޗެއް. އެކަމު…ހަޔާތުގެ އަލަށް….އަހަރެން ބޭނުން ރަޒާން އެނގެން. ރަޒާނަށް ކަމުދާ ކަންތައްތަކާއި، ރަޒާން ނުރުހޭ ކަންތައްތައް. އެހުރިހާ ކަމެއް އެނގެން ބޭނުން. ނޭނގެ ބުނާކަށް ކީއްވެކަމެއް؟” ރޫޔާ އެހެން ބުނެލީ ދުރުގައި ހުރި ރަޒާނަށް ބަލަމުންނެވެ. އޭރު ރަޒާން އިނީ މިއުވާން ދައްކަމުންދާ ވާހަކަ އަޑުއަހަންށެވެ. ރޫޔާގެ ޖަވާބަށް ސާޖިދް އެއްޗެކޭ ނުބުނެ އިރުކޮޅެއް ވަންދެން ހުރިއެވެ. އެ ފާއިތުވި ހިނދުކޮޅުގައިވެސް، ރޫޔާގެ ނަޒަރު ހުރީ ރަޒާނަށެވެ. ސާޖިދަށް އެ ބެލުމުން މާނައެއް ނެގުނެވެ. އެކަމަކު އޭނާ އަދި އެއަކަށް ބަސް ބުނާކަށެއް ބޭނުމެއް ނުވިއެވެ.

***

ވަލީމާގެ ހަފްލާ ނިމުމާއެކު ރޫޔާ އަނބުރާ ގެއަށް ދިޔައެވެ. ލައިގެން ހުރި ހެދުން ބޭލުމަށްފަހު ފެންވަރައިގެން ނިދަން ތައްޔާރުވުމަށްފަހު އެނދުގައި އޮށޯވެލިއެވެ. ކުޑައިރުކޮޅަކަށް ފޯނު ބަލައިލާނީ އޭ ހިތާ ފޯނު ހުޅުވައިލިއެވެ.

އިރުކޮޅެއް ނުވެ އެ ފޯނުން ހުއްޓުމެއް ނެތި މެސެޖްތައް އޮހެން ފެށިއެވެ.

ޝެހޭ: ތަފްސީލު…ތަފްސީލު

މައި: ތެދެއް. ބުނޭ

ޝަފް: ރޫ އޮކޭތަ؟ ހެލޯ

މައި:  އެންމެންނަށްވެސް ފެނުނު ދޯ

ޝަފް: މައި. އެންމެނަށްވެސް ފެނިގެންނޭ މިއުޅެނީ. ރޫ އެންޑް ރަޒާން؟؟ ބެސްޓް ވެޑިން ގިފްޓް އެވާ…

ޝެހޭ: އަޅޭ…ނޯވަން ސޯ އިޓް ކަމިން.

މައި: އޭ….އޭނަ ސީންޒޯން ކުރަނީއޭ.

މައި: ރޫޔާ!!!

އިރުކޮޅެއްނުވެ އޭނާގެ ފޯނަށް ކޯލެއް އައެވެ. އެއީ ގްރޫޕު ކޯލެކެވެ. އަމާޒުވާން އުޅޭ ސުވާލުތައް އެނގިހުރެ ރޫޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެ ފޯނު ކޯލު ނެގިއެވެ.

“ޢައިޝަތު ރޫޔާ އިސްމާޢީލް. މީ ކޮންކަމެއް؟” ފޯނު ނެގިކަމެއް ނޭނގެ، މައިރާގެ ހަރުކަށި އަޑު އައެވެ.. “ތެދެއް ރޫ. އަހަރެމެން މިހާ ސަޕްރައިޒެއް ނުވާނެ މިއުވާނާ މައިރާ އެފަދަ ސްޓަންޓެއް ޖެއްސިޔަސް. އެކަމަކު ރޫ އާއި ރަޒާން؟؟” ޝަފަޤްގެ ބަހުން މައިރާ ޝަފަޤްގެ ނަން، ބާރަށް ގޮވައިލިއެވެ. “މަ ނޫޅެން އެ މީހަކާ ހެދި. އަހަރެންގެ ވާހަކައެއް ނޫނޭ ދައްކަންވީކީއެއް. ރޫ…ތަފްސީލު. އަހަރެމެންނަށް ދޮގު ހަދަން ނަމަނަމަ ނުވިސްނާތި” މައިރާ ހުއްޓުވުމެއް ނެތެވެ. ރޫޔާ އެއްޗެކޭ ނުބުނެ ހުރީއެވެ.

“މައި. އަހަރެމެންނަށްވެސް އެނގޭ މައި ތިހުރީ ވާނުވާ އެނގެން ބޭނުންވެފައިކަން. އެކަމަކު ފުރަތަމަ ހަމަޖެހޭ. ރޫ… ދެން ކިޔާބަލަ” އެ އެކުވެރި ގްރޫޕުގެ ‘މަންމަ’ ޝެހެނާގެ އަޑުން ދެން ތިބި މީހުން މައިތިރިވިއެވެ. އެންމެންވެސް މަޑުކޮށްގެން އެހުރީ ރޫޔާ އެއްޗެކޭ ބުނަންދެންނެވެ.

“ދެން…ކިހިނެތްތަ ކިޔައިދޭންވީ؟……ހޫމް….”

“ހޫމް އޭ ނުކިޔާ ދެމީހުން ފުރަތަމަ ވާހަކަ ދެއްކީ ކޮން އިރަކު؟” އިވުނީ މައިރާގެ ސުވާލެވެ.

“އެއް ދުވަހު ހެނދުނު އިރު އަރާ ތަން ބަލަން ދިޔަތަނާ…އޭނައާ ދިމާވި….ދެން..ކުޑަކޮށް ވާހަކަ ދެއްކިން އެދުވަހު. ދެން އޭގެ ފަހުން…ކޮންމެ ދުވަހަކު…ދެމީހުން ބައްދަލުކޮށް ވާހަކަ ދައްކަނީ” ރޫޔާ ލަދުން ހުރެ ކިޔައިދިނެވެ.

“ކޮންމެ ދުވަހަކު؟”
“ކޮންމެ ދުވަހަކު”

“ބަލާބަލަ….މި ދެމީހުން މާ ފޮޅުވަމުންދާއިރު އަހަރެމެންނަށް އެންގުމެއްވެސް ނެތެއްނު.” އެ ފެށުނީ ރޫޔާއަށް ދިމާކުރުމެވެ.
“އަންގާލުމެއް، ކަހާލުމެއްވެސް ނެތް. މިހުރިހާ ކަމެއްވެގެންދާއިރު” ޝެހެނާ ބުނެލިއެވެ
“ޝެހޭ…ދެން އުޅޭ ރޫ ގެ ވެޑިން ޕްލޭންކުރަން…ރޫ އާއި މައިވެސް… ” ޝަފަޤް އެހެން ބުނުމާއެކު މައިރާ ޝަފަޤްގެ ނަމަށް ބާރަށް ގޮވައިލިއެވެ.
“މަށަށް މިދުނިޔެއިން ފިރިހެނުން ހުސްވިޔަސް، އެ މިއުވާނަކާ ނުވާނަން. ދެން ރޫ ބުނެބަލަ…ކިހިނެއްތަ ތި ބައްދަލުވުންތައް ދަނީ؟”

މައިރާމެން ކުރަމުން ދިޔަ ސުވާލުތަކަށާއި ދިމާކުރުންތަކަށް އެންމެ ފަހުން ހުއްޓުމެއް އައީ ގަޑިއިރެއްފަހުންނެވެ. ރޭގަނޑު ދަންވާން ކައިރިވުމާއެކު ހަތަރު އެކުވެރިން އެ ކޯލް ނިންމައިލިއެވެ.

***

ޖެހިގެން އައި ދުވަހު ފަތިސް ނަމާދުކޮށްގެން ރޫޔާ ގެއިން ނުކުތީ އިރުމަތީފަރާތު އަތިރިއަށް ދާންވެގެންނެވެ. އަވަސްއަވަހަށް ހިނގަމުން އަތިރި މަގަށް އަރާ ހަމަވުމާއެކު ދުވަންފެށިއެވެ. ދެމީހުން ޢާންމުކޮށް ބައްދަލުކުރާ ހިސާބުއަށް އޭނާއަށް ދެވުނުއިރު ރަޒާން ހުރީ ރޫޔާއަށްވުރެ ކުރިން، އެތަނަށް އައިސް މަޑުކޮށްގެންނެވެ.

ރޫޔާ ދުވަމުން ގޮސް ރަޒާނާ އަރާ ހަމަކުރިއެވެ. ދުވުމުގެ ސަބަބުން އެނާ މާނޭވާ ލަމުންދިޔައެވެ. ދެ ކަކުލުގައި އަތް ވިއްދައިލައިގެން އޭނާ ނޭވާ ހަމައަކަށް އަޅުވަން އުޅުނެވެ.

ރަޒާނަށް ރޫޔާގެ ހާލު ފެނިފައި، ބޭއިޚްތިޔާރުގައި ހެވުނެވެ.

“ސޮރީ. ރޫޔާއަށް މަލާމަތްކުރަނީ ކީއް އެއްނު” ރަޒާން އެހެން ބުނެލީ އެނާގެ ހުނުމުގެ އަޑުގެ ސަބަބުން ރޫޔާ އޭނާއަށް ބަލައިލީމައެވެ. “އިށީނދެބަލަ އެހަ.” އެނާ ވެލިގަނޑުގައި އިށީނދެލަމުން ބުނެލިއެވެ. ރޫޔާ އެއްޗެކޭ ނުބުނެ ރަޒާން ދެއްކި ދިމާލުގައި އިށީނދެލިއެވެ.

“ރޫޔާ ދެމި ރޮށި މީރު” ރަޒާންގެ ޖުމުލައިން ރޫޔާއަށް ހެވުނެވެ. އަނގަމަތީ އަތްއަޅައިގެން މޫނު އަނެއް ފަރާތަށް އަނބުރައިލީ ކޯތާފަތަށް ޖަންބުކުލަ އަރަން އުޅޭހެން ހީވާތީއެވެ. “ރަޒާނަށް ޔަޤީންތަ ރަޒާނަށް ކެވުނީ އަހަރެން ދެމި ރޮށިކަން؟”

“ހޫމް. ހަނދާންވޭތަ އަހަރެމެން މަސް ފިހުނު ދުވަހު؟ ރޫޔާ އެއްފަހަރު މިއުވާން އަތުން ރޮށި ދަމާ ރޯލު އަތުލުމަށްފަހު ދެތިން ރޮށި ދެމީމެއްނު؟ ރޫޔާ ރޮށި ދަމާއިރު، ދެމި ރޮށީގެ ސައިޒް ހުންނަނީ ހަމަ އެއްވަރަކަށް. ކުޑައެއް ބޮޑެއް ނުވޭ، ހަމަ ވައްކޮށް ހުރިހާ ރޮށްޓެއް އެއް ސައިޒެއްގައި ހުންނަނީ. ދެން އެ ސައިޒް އެނގެންޏާ އެނގޭނެ އެއްނު ރޫޔާ ފިހުނު ރޮށި ވަކި ކުރަން.” ރަޒާން އެހެން ބުނީ ސަމާސާ ރާގުގައެވެ. ރޫޔާއަށް އަނގަނަގައިގެން އިނދެ ރަޒާނަށް ބަލައިލިއެވެ.

“ދެން..ރަޒާން!! ތި ދެން މީހުން ފާހަގަ ކުރާކަންތައްތައް؟” އެނާއަށް ރަޒާން ދޭހަ ކުރިގޮތުން ނުހޭން ހުއްޓައި އެންމެ ފަހުން ހެވުނެވެ. ރޫޔާ ހޭ އަޑު އިވިފައި ރަޒާނަށް ހިނިތުންވެލުނެވެ. އެކަމަކު އެ ހުނުމަށް ހުއްޓުމެއް އައީ ރޭގައި ވީ ކަންތައްތައް ޚިޔާލަށް އައުމުންނެވެ. އެއާއެކު ރޫޔާ މަޑުމޮޅިވިއެވެ. ވަކި މަޤްސަދެއް އޮވެގެން ނޫނީ އެހެން ނުހަދާނެ ކަން ރޫޔާއަށް އިހުސާސްވިއެވެ.

“ރޭ….ރަޒާން އެހެން ހެދީ ކީއްވެ؟’ ރޫޔާ ފިކުރެއްގައި އިނދެފައި އަހާލިއެވެ. ރޫޔާއަށް އެސުވާލުގެ ޖަވާބު އެނގެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އިތުރު އެއްޗެކޭ ކިޔުމުގެ ކުރިން އެސުވާލުކުރިއެވެ.

ރޫޔާގެ ސުވާލަށް ރަޒާން ރަނގަޅަށް ވިސްނައިލިއެވެ. ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަމުގެ ސުކޫތެއް ފާއިތުވިއެވެ.

“ރޫޔާ. އަހަރެން ރޫޔާއަށް ޝަޢުޤުވެރިވާ ވާހަކަ ބުނެފިނަމަ ޤަބޫލު ކުރާނަންތަ؟”

ރަޒާން އެހެން އެހީ ރޫޔާގެ މޫނަށް ބަލަމުންނެވެ. ރޫޔާއަށް ރަޒާންގެ ސުވާލު އަޑުއިވިފައި ހުރެވުނީ ކަޅިނުޖަހައިލައި ރަޒާނަށް ބަލަންށެވެ. ހިކި ފަންވަތުގައި އަލިފާން ރޯވާހާ އަވަހަށް އޭނާގެ އަތާއި ފައި ފިނިވިއެވެ. އޭނާއަށް ނޭވާލާންވެސް ދަތިވިއެވެ. އެ ހިތާއި ޖިސްމުގެ މައްޗަށް ވެރިވެފައި އޮތް ބާރުވެރިކަން، އޭނާގެ ދެއަތުން ބީވެގެން ހިނގައްޖެއެވެ.

ދެމީހުންގެ ދެމެދުގައި ފެތުރުނު ހަމަހިމޭންކަން ދެމީހުންނަށް އިހުސާސްވިއެވެ. ރޫޔާ އެނާގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގައިލުމަށްފަހު އޭނާގެ ނަޒަރުން ރަޒާން ވަކި ކުރިއެވެ.

“ރަޒާން. އަހަރެން އެއްޗެކޭ ބުނަންތަ؟” ރޫޔާގެ އަޑުގައި ނޭނގެނިވި ހިތާމައެއްވެއެވެ.

“ހޫމް.”

ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ހިތާއި ބުއްދި ބުނަނީ ރަޒާނަށް ކޮންމެވެސް ވަރަކަށް އޭނާގެ ހަޤީޤަތް ކިޔައިދެންށެވެ.

“ރަޒާން. އަހަރެން އުފާކުރަން. ރަޒާން ކަހަލަ ފިރިހެނެއް އަހަންނަށް ޝައުޤުވެރިވީމަ. އެކަމަކު ތެދަށް ބުނާނަމަ…..”

“އަހަރެން މި ޢުމުރަށް އަންނަންދެން، އަހަރެން އުޅުނީ ފިރިހެނުންނާ ދުރުގައި… އަހަރެންގެ ފުރަތަމަ ހަތް އަހަރު ހޭދަވީ އަހަރެންގެ އުފަން ބައްޕަ، އަހަރެންގެ މަންމައަށް އަނިޔާކުރި މަންޒަރު ދެކިގެން. އެހިސާބުން އަހަރެން ނިންމީ…އަހަރެންގެ ހިތް ރައްކާ ކުރަން. މީހެއްގެ އަތަކަށް އަހަރެންގެ ހިތެއް ދޭން ބޭނުމެއް ނޫން…ނުވިތާކަށް އަހަންނެއް ބޭނުމެއް ނޫން، އަނިޔާވެރިއެއްގެ އަތްދޮށުގައި އުޅޭކަށެއް. ނުބައި މީހެއްގެ އަތަށް އަހަރެންގެ ހިތް މިލްކުކުރުމުގެ ފުރުސަތު، ނޭނގިނަމަވެސް ދެވިއްޖެނަމަ އަހަރެން ދެން ހަދާނީ ކިހިނެތް؟ މިހެން ހިނިތުންވެލައިގެން، އުފަލުގައި އުޅެމުން ދާއިރުވެސް…އަހަރެންގެ ހިތުގައި އަދިވެސް އެ ބިރު އެބަ އޮތް”

ދެލޯ ފެންކަޅިވެފައި ހުރެ، ރޫޔާ ރަޒާނަށް ބަލާލިއެވެ. “އަހަރެންވެސް ރަޒާނަށް ޝައުޤުވެރިވަން. ވަރަށް އަމިއްލަ ނަފްސަށް އިތުބާރުކޮށްފަ، އެ ބިރު އެއް ފަރާތްކޮށްލުމަށްފަހު އަހަރެން ރަޒާނާ ވާހަކަ ދެއްކީވެސް. ރަޒާންވެސް އެ އިތުބާރު ގެއްލުވައިލައިފިއްޔާ އަހަރެން ދެން ކިހިނެތް ހަދަންވީ؟” މަޔުސީ ރާގަކަށް ރޫޔާ ޝަކުވާ ކޮށްލިއެވެ. އެނާގެ ހިތުގައިވާ އުދާސްތައް ބަންޑުންކޮށްލިއެވެ.

ރޫޔާގެ ވާހަކަ އަޑުއަހަން ހުރި ރަޒާންގެ ހިތް، ރޫޔާއަށްޓަކައި ހަމްދަރުދީވިއެވެ. މާޒީގެ ވާހަކަތަކަށް ރޫޔާ ތަފްސީލުނުކުރިއެއް ކަމަކު، ރަޒާނަށް މި އަންހެންކުއްޖާ ބޮޑުވެގެން އައި ގޮތް އަންދާޒާކޮށްލެވުނެވެ. އެކަން އެނގިހުރެ، އޭނާގެ ފަރާތުން ރޫޔާއަށް އަނިޔާއެއް ދޭކަށެއް ބޭނުމެއް ނުވެއެވެ.

“އަހަރެން ނެތިން ރޫޔާގެ ތި އިތުބާރު ގެއްލުވާލާކަށް.” ރަޒާން އެހެން ބުނެލީ ވަރަށް މަޑުމައިތިރި ކަމާއި އޯގާތެރިކަމާއެކުއެވެ. ރޫޔާގެ ކިބައިން އޭނާގެ ނަޒަރު މިންޖުކުރުމަށްފަހު އަރަމުން އަންނަ އިރަށް އޭނާ ބަލައިލިއެވެ. “އަހަރެން ދުވަހަކުވެސް ރޫޔާއަށް ދެރަގޮތެއްވާ ފަދަ ޢަމަލެއް ނުކުރާނަން އަހަންނަށް އެނގިހުރެ. އިންޝާ ﷲ” ރަޒާން ފަހު ޖުމުލަ ބުނެލީ ރޫޔާއަށް ބަލަން ހުރެފައެވެ. ރޫޔާވެސް ސަމާލުކަންދީގެން ހުރީ ރަޒާނަށެވެ. އޭނާ އިތުރު އެއްޗެއް ނުބުނެ ހުރުމުން ރަޒާން ބޭނުންވީ އޭނާގެ ސީރިއަސްކަން ރޫޔާއަށް ދައްކަންށެވެ.

“ރޫޔާ….އަހަރެން އަބަދުވެސް ހުންނާނަން ރޫޔާއާއެކު. ކިތަންމެ ދުރުގައި ވިޔަސް، ކިތަންމެ ކައިރީގައި ވިޔަސް. އެއީ އަހަރެންގެ ވަޢުދު.” އެ ވީ ވަޢުދާއެކު ރޫޔާ ރަޒާނަށް ބަލައިލީ ޤަބޫލުކުރަން ދަތިވެފައިއެވެ. ކުރި އަސަރެއްގެ ބޮޑުކަމުން އޭނާގެ ދެލޮލުން ކަރުނަ ނީރަލިއެވެ. ރަޒާން ރޫޔާގެ ބެލުމަކަށް، މަޑުކުރުމެއްނެތި އޭނާ ބުނަން ބޭނުންވާ ބަސްތައް ހާމަކުރިއެވެ. “ކުރިމަގުގައި ވާނެ ގޮތެއް ނޭނގޭނެ އެކަކަށްވެސް. އެކަމަކު އަހަރެން އަބަދުވެސް ވާނަން ރޫޔާއާއެކު. އަހަރެން ދުވަހަކުވެސް ވަޢުދެއް ވެފައެއް، އެ ވަޢުދު ނުފުއްދިފައެއް ނެތް އަދިއެއް. އިންޝާ ﷲ..އަހަރެން މި ވަޢުދުވެސް ފުއްދާނަން”

ރޫޔާއަށް، ރަޒާންގެ އެ ވަޢުދަށް ރައްދެއް ނުދެވުނެވެ. އެނާއަށް ކުރެވުނުހާ ކަމަކީ ދެލޮލުން ފޭބި ކަރުނަ ފޮހެލުމެވެ. އެއާއެކު އަނެއްކާވެސް އެ ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަމުގެ ސާލެއް ފެތުރުނެވެ. ދެމީހުންވެސް އިތުރު ބަސްތަކެއް ބަދަލުނުކުރިއެއް ކަމަކު، މިފަހަރު އެ ހަމަހިމޭންކަމުން އެ ދެމީހުންނަށް ހިތްހަމަޖެހުމެއް ލިބުނުފަދައެވެ.

“ކޮން އިރަކު މާލެ ދާން ތިއުޅެނީ؟” ރޫޔާ އެންމެ ފަހުން އެ ހަމަހިމޭންކަން ފޫދުއްވާލިއެވެ.

“މި ހަފްތާ ހޮނިހިރު ދުވަހު. މާދަން ނޫން އަނެއްދުވަސް އެއީ” ރަޒާންގެ ޖަވާބާއެކު އަނެއްކާވެސް ދެމީހުން ހަނުހިމޭންވިއެވެ. މިފަހަރު އެ ދެހިތަށް އުނދަގޫވިއެވެ.

އެ ދެމީހުންގެ މި ބައްދަލުވުންތައް ނިމުމަކާ ގާތަށް އާދެވުނުކަމުގެ އިހުސާސް ރޫޔާއަށް ކުރެވުމާއެކި އޭނާގެ ހިތަށް ތަދުވިއެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނީ އަނެއްކާވެސް ރޮވެން އުޅޭހެން ހީވުމުންނެވެ. މި ހަފްތާ ނިމުމާއެކު އެ ދެމީހުންގެ ގުޅުންވެސް ނިމުނީ ހެއްޔެވެ؟ ދެން އެ ދެމީހުންވާނީ އެކަކު އަނެކަކަށް ބީރައްޓެހިން ހެއްޔެވެ؟ އެހެން ވާކަށެއް ރޫޔާއެއް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވާނީ ރަޒާންއާ އޭނާއާ ދެމެދު އޮތް އެ ގުޅުން ދެމެހެއްޓުމަށެވެ. ތަޤުދީރު ނިޔާކުރާނަމަ އެ ގުޅުން އެހެން ގުޅުމަކަށް ފޮޅެގެން ދިޔުމަށެވެ.

“އެހެން.” ރޫޔާއަށް ބުނެވުނު ބަހާއި، އޭނާގެ ހިތުގައި ވާ ޝަކުވާތަކަކާއި ދިމާއެއް ނުވިއެވެ.

“ރޫޔާ.”

ރަޒާންގެ އަޑުން ރޫޔާގެ ނަން އިވުމުން އެ ހިތަށް ކުރެވިފައިވާ ހިތްދަތިކަން އިތުރުވި ފަދައެވެ. އެ ދެރަ ރަޒާނަށް ފޮރުވުމަށް، ރޫޔާ ރަޒާނަށް ބަލައިލީ އެއްވެސް އަސަރެއް ނެތިއެވެ.

“ހޫމް.”

“އަހަންނަށް އެނގޭ ރޫޔާ ތި ވިސްނަނީ ކޮން ކަމަކާ މެދުކަން. އަހަރެންގެ ސުވާލުތަކަކީ އެއީ. ތެދަށް ބުނާނަމަ އަހަރެން ބޭނުމެއް ނުވޭ މި ގުޅުން ގެއްލޭކަށެއް. އަހަރެން އޭރުވެސް ބުނީ ތެދެއް. އަހަރެން ރޫޔާއަށް ޝައުޤުވެރިވަން. އަހަރެން ބޭނުން އަހަރެމެން ދެމީހުން އެކަކު އަނެކަކު ދަސްކުރަން. އެހެންވީމާ….ރޫޔާ ބޭނުންނަމަ އަހަރެން ދީފާނަން އަހަރެންގެ ފޯނު ނަމްބަރު”

ރަޒާންގެ އިހުސާސްތަކާއެކު ރޫޔާގެ ހިތުގެ ޒަޚަމްތަކުގައި މަލަން އެޅުނު ފަދައެވެ. އެ ފަޅި ސިކުންތުގައި، އެހިތަށް ވެރިވެފައިވާ މާޔޫސްކަމާއި ހިތާމަތައް ފިލައިގެން ދިޔައެވެ.

“އޯކޭ.” ރޫޔާގެ ފޯނު ނަމްބަރު ކިޔައިދިނުމުން، އެ ނަމްބަރު އެ ފޯނުގައި ރައްކާ ކޮށްލަން އުޅުނެވެ.
“އޯހް” އެ ވަގުތު ރޫޔާ، އޭނާ ބޮލުގެ ހުޅީގައި ހިފަހައްޓައިލީ، އޭނާގެ ހުޅި ދޫވެ، ހައްޔަރުން މިންޖުވެގެން އިސްތަށިގަނޑު ވެއްޓެން އުޅޭހެން ހީވެގެންނެވެ. އިސްތަށިގަނޑުގައި ވެލި ހޭކެން ބޭނުން ނުވާތީވެ، އޭނާ ކޮޅަށް ތެދުވެ ހިނގައިގަތީ މޫދު ރާޅު ޖެހޭ ހިސާބަށެވެ. އޭނާ އުޅުނީ އިސްތަށިގަނޑު ބަންދުކޮށްލަން ޖަހައިފައި އިން ކަކުނި ދަތި ނައްޓައިލެވޭތޯއެވެ. އެކަމަކު، އިސްތަށިގަނޑުގެ ތެރޭގައި އެ ދަތިވެސް އޮތީ އޮޅިފައެވެ.

“ޕިސް. މި ޖެހުނީ ކަންތަކާ!” ރޫޔާގެ ހާލު ފެނި ރަޒާންވެސް ތެދުވެ، މަޑު ހިނގުމެއްގައި އައިސް ރޫޔާގެ ފަހަތުގައި މަޑުކޮށްލިއެވެ.

“އެހީއެއް ބޭނުންތަ؟”

“ހޫމް”

ރޫޔާގެ ހުއްދައާއެކު ރަޒާން، އޭނާގެ އަތުތެރެއަށް ރޫޔާގެ އިސްތަށިގަނޑު ގެނައެވެ. އަރަމުން އަންނަ އިރުގެ ދޯދީގެ އެހީގައި، އޭނާ އުޅުނީ އެ ދަތީގައި އޮޅިފައި ހުރި އިސްތަށިފަށްތައް ވަކި ކުރަންށެވެ. އޭނާ އެ ދަތިން ވަކި ކޮށްލާ ކޮންމެ އިސްތަށިފަށަކުން، ރޫޔާގެ އިސްތަށިގަނޑުގެ އަސްލު ސިފަ، ލޯ ކުރިމަތިން ފާޅުވަމުން ދިޔައެވެ.

ބީހެމުން ދިޔަ ފިނި ވައިރޯޅި ތެރޭގައި، ރޫޔާގެ އެ ރާޅުބަނީ އިސްތަށުގަނޑުގެ ފަށްތައް ވިހުރެމުންދިޔައެވެ. އިރުގެ ދޯދީން، އެ އިސްތަށިގަނޑަށް އިތުރު އަލިކަމެއް ލިބިފައިވެއެވެ. ކަކުނި ދަތީގެ އުނދަގޫ ފިލައިގެން ދިޔުމާއެކު، ރޫޔާގެ އިނގިލިން، އެ ދިގު އިސްތަށިގަނޑު އޮމާން ކުރަން އުޅުނެވެ. އެވަގުތު ރޫޔާ، ރަޒާނާ ދިމާލަށް އެނބުރުނެވެ.

ރަޒާންގެ ނަޒަރު ހުރީ ރޫޔާއަށް ކަން އެނގުމުން، ހިތުގެ ތެޅުން އަވަސްވެ، އަތްފައިވެސް ފިނިއެވެ. ހަދާނެ ގޮތް ނޭނގިގެން، އޭނާ އެންމެފަހުން ފައިން، މޫދުގެ ލޮނުފެންގަނޑުގައި ޖަހައި ރަޒާންގެ ގަޔަށް ފެން ބުރައިލިއެވެ. އެހާ ހިސާބުން ރަޒާނަށް ހޭވެރިކަން ވިއެވެ. ރަޒާނަށް ވީގޮތް ފެނި ރޫޔާއަށް ހެވުނެވެ.

“ރޫޔާ” އިންޒާރުގެ ރާގަކަށް ރަޒާން ރޫޔާގެ ނަން ބުނެލިއެވެ. އަދި އޭނާގެ ހަށިގަނޑު ތެދުކޮށްލިއެވެ.

ރަޒާންއަށް އައި ބަދަލު ފެނި ރޫޔާ ފަހަތަށް ޖެހުނެވެ. ރަޒާންގެ އިންޒާރުގެ ނަޒަރުން ރޫޔާއަށް ކަންތައް ވާން އުޅޭ ގޮތް އެނގުނެވެ. އަވަސްއަވަހަށް ރަޒާނަށް ފުރަގަސްދީފައި އޭނާ ދުއްވައިގަތުނެވެ. ރަޒާންވެސް، ރޫޔާގެ ފަހަތުން ދުވެފައި ގޮސް، ރޫޔާގެ ކުރިއަށް އަރައި މަގު ބަންދުކޮށްލިއެވެ. ހެމުންހެމުން ރޫޔާ އެހެން ދިމާލަކަށް ދުއްވައިގަންނަން އުޅުމުން، ރަޒާންވެސް އަވަހަށް އެ ފުރުސަތުވެސް ގެއްލުވައިލައެވެ.

ރަޒާންގެ ކިބައިން މިންޖުވާން އޮތް ގޮތަކީ، ކައިރީގައި އޮތް ފާލަމަށް އެރުން ކަމަށް ރޫޔާއަށް ޤަބޫލުކުރެވި، އޭނާ އެ ފާލަމަށް އެރިއެވެ. ދުވެފައި ހުއްޓުނީ ފާލަމުގެ ކޮޅުގައެވެ.  ރޫޔާއަށް އޭނާގެ މޮޔަކަން އިހުސާސް ކުރެވުނީ ދެނެވެ.

ރޫޔާ އެނބުރިފައި ރަޒާން ހުރި ދިމާލަށް ބަލައިލިއެވެ. އޭރު ރަޒާން ހުރީ އެ ފާލަމަށް އަރައި، ރޫޔާ އެއްގަމަށް އަރަން ދާން އޮތް މަގު ބަންދުކޮށްލައިގެންނެވެ. މިންޖުވާނެ އިތުރުގޮތެއް ނެތެވެ. ކުރިމަތިން ރަޒާނެވެ. ފަހަތުގައި މާ ސިންގާ މޫދެވެ.

“ރަޒާން…ސޮރީ….މަޖަލަކަށޭ އަހަރެން ފެން ޖެހީ” ހިނިއައިސް ހުރެވެސް ރޫޔާ ރަޒާން ގާތު އާދޭސް ކުރީ އެކުރަން، އުޅޭކަންތައް ނުކުރުމަށް އެދިއެވެ. ރަޒާން ހަށިގަނޑުގެ ވަރު ދޫކޮށްލައިފައި، ދެންމެ އެ ދެމީހުން އިށީނދެ ތިބި ވެލިގަނޑަށް ނަޒަރު ހިންގައިލިއެވެ. އެތަނުގައި ރޫޔާގެ ފައިވާނާއި، ދެމީހުންގެ ފޯނު އޮއްވައި ފެނުނެވެ.

ރަޒާންގެ ޢަމަލުތައް ފެނި ރޫޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ރަޒާން ކުރަން އުޅުނު ކަންތައްތައް ނުކޮށް ދޫކޮށްލީކަމަށް ހީކުރެވުނެވެ. އެހެނަސް އެ ފަޅި ސިކުންތުގައި، ރަޒާންގެ ހަށިގަނޑު ދުއްވައިގަންނަން ތައްޔާރުވިތަން ފެނި، އޭނާގެ ދެލޯ ބޮޑުވިއެވެ. ރަޒާންގެ ނަޒަރު އޭނާއަށް ހުރިކަން ޔަޤީންވުމާއެކު، އޭނާ ހިނިއައިސް ހުރެ ލަސްލަހުން ބޯ ހުރައިލިއެވެ. ފާލަންމަތިން، އޭނާއާ ދިމާލަށް ރަޒާން ދުއްވައިގަތްތަން ފެނިފައި ހެމުން، ހަޅޭއްލެވިއެވެ. އެނާ ދެއަތް ކުރިމަތީގައި ހޫރެން ފެށީވެސް ރަޒާނަށް އަތު ނުވާންވެގެންނެވެ.

“ރަޒާން…ޕްލީޒް… ނުވާނެ…” ރަޒާން ރޫޔާގެ އިންކާރުތަކަށް ދިނީ ބީރު ކަންފަތެވެ. އެ ބާރު މިނުގައި ދުވެފައި އައިސް، ރޫޔާގެ އުނަގަނޑުގައި އޮޅުލައިގަތުމަށްފަހު، ދެމީހުން އެއްކޮށް ފާލަންމަތިން މޫދަށް ފުއްމައިލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

ޖަވާހިރުގެ ބާރު 2 – 8

Next

ދެވުނީ ވޭނޭ 68

Next
May 21, 2026

ދެވުނީ ވޭނޭ 68

Previews
May 20, 2026

ޖަވާހިރުގެ ބާރު 2 – 8

One Comment

  1. xxx says:
    May 20, 2026 at 4:49 pm

    Okayyyy.
    Nice.

Comments are closed.

Next Episodeމި ލޯތްބާއި ތި ވަޢުދު (14)←


All Right Reserved!