ރޫޔާއަށް ހުރެވުނީ ގުޑައިލަން ނޭނގިފައެވެ. އޭނާ މިހާރު އެހުރީ ތެމިފޯވެފައެވެ. އެހެން ގޮތަކުން ބުނާނަމަ، މިޢީދުގެ ފެން ރޭހުން އޭނަ ބަލިވީއެވެ. އެވެސް ރަޒާން ގެ އަތްދަށުން، އެހާ ފަސޭހަލުންނެވެ. އެކަމަކު އެނާއަށް، ބަލިވިކަމެއް އިހުސާސެއް ނުކުރެވުނެވެ. ރަޒާން، އޭނާ ގައިގައި އަތްނުލިއެއް ކަމަކު، އެ ފިރިހެންވަންތަ، ބާރުގަދަ ނަޒަރުގައި އޭނާ ގައިދުވެފައި ހުރެވުނީއެވެ.
“ޔޫ ލޮސްޓް” ރަޒާން އެހެން ބުނެލީ ރޫޔާއާ ދުރަށް ޖެހިލަމުންނެވެ. ރަޒާންގެ ބަހަށް، ރޫޔާ ހަމަހެއަށް އާދެވުނެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ބޮލުގައި އަތްކާތާލެވުނެވެ. މިހާރު އެނާ އެހުރީ ތެމިފަކަން އެނާއަށް ރޭކާލިއެވެ. ރޫޔާ ގާތަށް ރުޅިވެސް އައެވެ. އެހާ ފަސޭހަލުން ފިރިހެނެއްގެ އަތްދަށުން އެނާ ބަލިވުމަކީ އެއް ގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު އެނާ، އެ ބަލީގެ ބަދަލު ހޯދުމުގެ ކުރިން، ކުރިމަތީގައި ހުރި ރަޒާން އޭނާއަށް ގޮންޖެހުމުގެ ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އަވަހަށް ގަހުން ފޭބިއެވެ. ރޫޔާއަށް މަޑުކުރުމެއް ނެތި އެނާ އަވަހަށް އެތަނުން ހިނގައިގަތީ ވަސީމްމެން ހޯދަންށެވެ.
ރޫޔާ ބަނބުކެޔޮގަހުން ފޭބިއިރު، ރަޒާން ފެންނާކަށެއް ނެތެއެވެ. ރުޅި ހިނދައިލަމުން އެހެނަސް ރަޒާނަށް ކުދި ކިޔަމުން ބިންމައްޗަށް އެޅިފައި ހުރި ފެން ޕެކެޓްތައް އެނާ ހޮވަންފެށީ މަގުމަތި ހަޑިކޮށް ބާއްވަން ބޭނުން ނުވާތިއެވެ.
ހަލާކުވެފައި ހުރި ފެން ޕެކެޓްތައް ޑަސްބިނަށް އެޅުމަށްފަހު ރޫޔާ ހިނގައިގަންނަން އުޅުނީ އަތިރިއަށެވެ. އެހެނަސް….
“އެހުރީ ރޫޔާ” ސާޖިދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ހަމްދާންގެ އަޑާއެކު ރޫޔާ ފަސް އެނބުރި ފަހަތަށް ބަލައިލިއެވެ. ފުރާވަރު ޢުމުރުފުރާގެ ފަސްވަރަކަށް ކުދިންތަކެއް، ފެން ޕެކެޓުތަކާއި ފެން ބާލިދީތަކެއް ހިފައިގެން ރޫޔާއާ އަރާ ހަމަކުރަނީއެވެ. އެމީހުންނަށް ބަލާކަށް ނުހުރެ ރޫޔާ ރާސްލައިފައި ކުރިއަށް ދުއްވައިގަތެވެ. އެކުދިންވެސް ރޫޔާ ފަހަތުން ދުއްވައިގަތީ ރޫޔާ ތެތްމާލުމުގެ ނިޔަތުގައެވެ..
އެހެން ގޮއްސަ އެޅުނު ގޯޅިން، ފެނުނު މަންޒަރުން ރޫޔާއަށް ހުއްޓުނެވެ. އެ ގޯޅީގެ މެދުގައި، ފެން ކުޅި ކުޅެން ތިބި އެކި ޢުމުރުފުރާގެ ބޮޑު ގްރޫޕުވެސް، އެ ގޯޅިއަށް ވަދެގެން އައި ރޫޔާއަށް ބަލައިލިއެވެ. ރޫޔާގެ ފަހަތުން ހަމްދާންމެން އަރާ ހަމަކުރާތަން ފެނިފައި އެމީހުންނަށް ވެގެން އުޅޭ ގޮތް އެނގުނެވެ.
“ހައްމު…އެންމެން އެއްކޮށް” އެ ގްރޫޕުގައި ހުރި، ހަމްދާންގެ ކްލާސް ކުއްޖެއް، އޭނާގެ އަތަށް ފެން ޕެކެޓު ނެގިއެވެ. އެ ކުއްޖާގެ ބަހާ އެއްކޮށް އެ ގްރޫޕު ކުދިން ކޮޅުވެސް ރޫޔާއާ ހަމަލާދޭން ތައްޔާރުވިއެވެ. ރޫޔާގެ ފަހަތުގައި ތިބި ކުދިންކޮޅުވެސް ތައްޔާރުވީ އެކަމަށެވެ.
ހަމްދާނުއާއި ދެންތިބި އެންމެން އެކައްޗެއް ކިޔައި، އެއްވަގުތެއްގައި ފެންޕެކެޓުތައް ރޫޔާއާ ދިމާލަށް އެއްލައިލިއެވެ. ރޫޔާ ބަލާކަށް ނުހުރެ، ފެން ޕެކެޓުތައް އުކައިލި ވަގުތު ތިރިވިއެވެ. އޭނާއަށް އަމާޒުވި ފެން ޕެކެޓުތައް ޖެހުނީ އޭނާ ނޫން އެހެން މީހުންގެ ގައިގައެވެ. އެހިސާބުން ހަނގުރާމަ ފެށުނީއެވެ. ވަކި ބަޔަކަށް ބެލުމެއްނެތި އެކަކު އަނެކަކު ތެތްމަން އުޅުނެވެ. ރޫޔާވެސް އެމީހުންނާ ބައިވެރިވާންވެގެން، މީހުން އަތުން ފެން ޕެކެޓު ހޯދައި އެކިއެކި ދިމާލަށް އުކިއެވެ. އެހާލުގައި އެނާއަށް އެންމެފަހުން އަތިރިއަށް އާދެވުނެވެ. އަތިރިމަތީގައި އެކި އެކި އުމުރުފުރައިގެ މީހުން އެކި އެކި ކަންކަމުގައި އުޅުނެވެ. އެނާއަށް އެވަގުތު ދުރުގައި ހުރި މައިރާ ފެނުނެވެ މައިރާވެސް ހުރީ ބޮލުން ފެށިގެން ފަޔަށް ތެމިފައެވެ. އެނާ ހުރީ ގަދައަށް ރުޅި އައިސްފައިކަން ރޫޔާއަށް އެނގުނެވެ. ކައިރީގައި ޝެހެނާ ހުއްޓިހުރެ ހެނީއެވެ.
ރޫޔާއަށް ހުރެވުނީ އެ ދެމީހުންނަށް ބަލަންށެވެ. އެ ވަގުތު ޝަފަޤްވެސް ޝެހެނާމެންނާ ގާތްވިއެވެ. ތިން މީހުން ސަކަރާތް ޖަހަމުންދާ މަންޒަރު ބަލަމުންދިޔަ ރޫޔާގެ ހިތަށް އަސަރެއްކުރިއެވެ. ރޫޔާގެ އެހާ ގިނަ ރައްޓެހިންނެއް ނުތިބޭއިރު، އާއިލާ ފިޔަވައި ކިރިޔާވެސް ކަމަކަށް އިތުބާރު ކުރެވޭ ތިން މީހުންނަކީ އެޔެވެ. ސާޖިދް ނުލައެވެ. އެ ތިން މީހުންގެ ތެރޭގައި ރޫޔާއަށްވެސް ޖާގައެއް އެބައޮތްހެއްޔެވެ؟ އެމީހުން ރޫޔާއާއެކު އުޅެނީ އެނާއާ މެދު ހަމްދަރުދީވެގެން ހެއްޔެވެ؟
އެވަގުތު އަތިރިއަށް އާދެވުނު ސާޖިދަށް ރޫޔާ ފެނިގެން ރޫޔާ ކައިރިއަށް ފިޔަވަޅުތަކެއް އެޅިއެވެ. ރޫޔާ މަޑުޖެހިފައި ހުރި ގޮތުން އެނާ ވިސްނުމެއްގައި ތެރޭގައި ގެއްލިފައި ހުރިކަން ސާޖިދަށް އެނގުނެވެ. ރޫޔާ ބޯ ނުގޮވަނީސް އަވަހަށް އެކަން ހުއްޓުވަން ސާޖިދް އުޅުނެވެ.
“ކޮންކަމަކާ ތި ވިސްނަނީ؟ ސާޖިދް ރޫޔާގެ މޫނު ކުރިމަތީ އަތްތިލަބަޑި ޖަހާލިއެވެ. އެއަޑަށް ރުޔާ ދުނިޔެއަށް އާދެވުނު ފަދައެވެ. ސިހިފައި ފަހަތަށް ޖެހެވުނީ ކުއްލިއަކަށެވެ.
“ސާޖިދް. ހުވާ މިބުނީ!!” ރޫޔާ ރުންކުރު ރާގަކަށް ބުނެލިއެވެ.
“ދެންވެސް ބުނެބަލަ، ކޮން ފިކުރެއްގެ ތެރޭގައި ތި ފަތަނީ؟” ސާޖިދް ހިޔަލުގައި އިށީނދެލިއެވެ. ރޫޔާ ގޮސް ސާޖިދްގެ ކުރިމަތީ އިށީނދެލިއެވެ.
“ސާޖިދަށް އިނގޭއެއްނު އަހަރެންގެ މާޒީ. އެހެންވީމާ ސުވާލެއް ކޮށްލަންތަ؟”
“ހޫމް”
“އަހަންނަކީ މީހުން އެހާފަސޭހައިން ހަމްދަރުދީވެވޭ ފަދަ މީހެއްތަ؟” ރޫޔާ ކުރި ސުވާލުން ސާޖިދްގެ ސަމާސާ މޫޑުވެސް ފިލައިފިއެވެ. އެނާ ހުއްޓުވަން އުޅުނު ކަންތައްތައް ނާކާމިޔާބުވިއެވެ. ފުންނޭވާއެއްވެސް ދޫކޮށްލެވުނީ އެހެންވެގެންނެވެ. ދެން އޭނާއަށް ކުރެވޭން އޮތް ކިރިޔާވެސް ކަމަކީ ރޫޔާއަށް ވިސްނައިދިނުމެވެ.
‘ރޫ..ކޮންމެ މީހަކުވެސް ރޫގެ މާޒީ އިވި އެންމެންވެސް ރޫ އާ މެދު ހަމްދަރުދީ ވާނެ. ރޫއަށް ކުޑައިރު ފެނުނު މަންޒަރާއި އަޑަކީ އެއްވެސް ކުޑަކުއްޖަކު ތަހައްމަލު ކުރަން ޖެހޭނެ ކަމެއް ނޫން. އެކަމަކު ރޫ ބަލާބަލަ. މިއަދު ކޮންމެ މީހަކުވެސް ރޫ އަށް ބަލާފަ ފަޚުރު ވެރިވާނެ. ރޫ ތީ މިހާރު ޑޮކްޓަރެއްނު. މިރަށުން އަލަށް ޓޮޕް ޓެނަށް އެރީވެސް ރޫ. ސްކޫލުގައި އުޅުނު އިރު އެތަކެއް މުބާރަތްތަކުގައި ރަށް ތަމްސީލުކޮށް އެތަކެއް ވަނައެއް ރަށަށް ހޯދައިދިން އެކަކަކީވެސް ރޫ. އެހެންވީމާ މިއަދު މީހުން ރޫ އާ ވާހަކަ ދައްކަނީ ރޫ އާ މެދު ހަމްދަރުދީވެގެންނެއް ނޫން. ރޫ އާމެދު ފަޚުރުވެގެން. މިރަށުގެ ކޮންމެ މީހަކުވެސް ރޫއަށް ބަލާފަ ބުނާނެ. އެހުރީ އަހަރެމެންގެ ރޫ އޭ. އެމީހުންނެއް ނުދައްކާ މާޒީގެ އެއްވެސް ވާހަކައެއް. އެހެންވީމަ ރޫޔާވެސް އެމާޒީގައި ހިފައިގެން އުޅޭނި ކަމެއް ނެތެއްނު”
ރޫޔާ ސާޖިދުގެ ބަހަށް ރަނގަޅަށް ވިސްނާލިއެވެ. އެނާއަށް އިހުސާސްކުރެވުނީ އަދިވެސް އޭނާ އުޅެނީ މާޒީގެ ފޮށިގަނޑުގައި ހިފައިގެންނެވެ. އޭނާ ނޫން އެހެން މީހުން، އެމީހެއްގެ އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދިޔަސް، އޭނާއަށް އަދިވެސް އެ އުޅެވެނީ އެ މަޒީގައި ފީނަމުންނެވެ.
“ރޫ..ތިހެން ފިކުރު ބޮޑުކުރަންޏާ ބޮލުން އިސްތަށި ފައިބާނެ. ތަލަބޮލެއް ބޭނުންވާނަމަ ތިގޮތަށް ފިކުރު ކުރަން އިނދޭ” ސާޖިދް އުޅުނީ ކޮންމެވެސް ގޮތަކުން ރޫޔާގެ ޚިޔާލުން އޭނާގެ މާޒީ ފިލުވާލަންށެވެ. ވަޤުތީގޮތުން ވިޔަސް ހެވެއެވެ.
“ދެން ބުނެބަލަ. މިރަށު ހޮސްޕިޓަލަށްތަ ރޫ ވަޒީފާއަށް ވަންނަން ތިއުޅެނީ؟” ވާހަކަ ބަދަލުކޮށްލުމަށްޓަކައި ސާޖިދް އެހެން ވާހަކައެއް ފެށިއެވެ. ސާޖިދްގެ ނަސީބު ރަނގަޅުކަމުން ރޫޔާ އެ މަޢުޟޫގައި ހިފައިފިއެވެ.
“ޕޯއް” ޝަފަޤް، ވާހަކައިގައި ގެއްލިފައި އިން ރޫޔާގެ ކޮނޑުގައި އަތްލައި ކަންފަތް ދޮށުގައި ހަޅޭއްލަވައިލިއެވެ. ރޫޔާ ސިހި، ތެޅިގަނެފައި ފަހަތަށް ބަލާލިއެވެ. އެނާގެ ތިން އެކުވެރިން ފެނި އެނާއަށް ހަމަޖެހުމުގެ ފުންނޭވާއެއް ދޫކޮށްލެވުނެވެ.
“އޭތް…ސާޖިދް…މިތާނގަ؟” މައިރާ ސާޖިދަށް ބަލައިލިއެވެ.
“މި ކޮންކަމެއް؟” ސާޖިދާއި ރޫޔާއަށް، އޭނާގެ އިނގިލިން ދެމީހުންނަށް އިޝާރަތް ކުރަމުން ޝަފަޤް އަހާލިއެވެ. “ރޫ..އެންމެ ފަހުން ސާޖިދަށް އޯކޭ ވީތަ؟” ޝެހެނާވެސް ހުރީ ވާނުވާ ގައެވެ. ތެދެކެވެ. މިދިޔަ ދެހަފްތާ ފާއިތުވީ، ރޫޔާ ސާޖިދަށް ފިލަން އުޅުމުގެ ތެރޭގައި އެވެ. ދެން ކުއްލިއަކަށް ދެމީހުން އެއްގަލަކަށް އަރައި، ވާހަކަ ދައްކަން ތިބި ތަން ފެނިފައި، ތިން މީހުންވެސް ތިބީ ވާނުވާގައެވެ.
‘”ކޮބާ؟ ސާޖިދް. އެމީހުންނަށް އަވަހަށް ކިޔައިދޭން އުޅޭ.” ރޫޔާ އަތުން ވެލި ފޮޅައިލަމުން ސާޖިދަށް ބުމަ އަރުވާލިއެވެ. ސާޖިދަށްވެސް، އެހާ ގިނަ ދުވަސް ވަންދެން ހަޤީޤަށް ވަޅުލައިގެން ނޫޅެވޭނެކަން އެނގެއެވެ. ފުން ނޭވާއެއް ލުމަށް ފަހު އެނާ އެ ތިން އެކުވެރިންނަށް ބަލާލިއެވެ.
“މަ އުޅެނީ ރައްޓެހިވެގެންނޭ.” ސާޖިދް ފުރަތަމަވެސް އެއްލައިލީ ބޮޑު ބޮމެކެވެ.
“ރޫޔާއާ؟” ޝެހެނާ، ޝަފަޤް އަދި މައިރާއަށް އެއްފަހަރާ އަހާލެވުނެވެ. ލުއްކެއް ޖަހާފައި ޝެހެނާމެން ސާޖިދަށް ބަލައިލީ ދޮގުނުހަދާށޭ ބުނާ ފަދަ ނަޒަރަކުންނެވެ. ޝަފަޤްމެންގެ ސުވާލަށް، ރޫޔާ އެމީހުންނަށް ބަލައިލީ ބޮޑު ފަކުރެއް ފެނުނު ފަދައިންނެވެ.
“މަށާއި…ސާޖިދް؟؟؟ ނޫން!!” ރޫޔާ އިންކާރުކުރިއެވެ. “ސާޖިދް އުޅެނީ އެހެން މީހަކާ ރައްޓެހިވެގެންނޭ”
“ދެން!!….ސާޖިދް…ކަލޭގެ ބިޓަށް ޗީޓުކުރަނީ ރޫޔާއާއެކު؟ މައިރާއަށް ސާޖިދުގެ ބަހުން ނަގައިގަނެވުނީ އެހެން މާނައަކެވެ.
“މާތްކަލާނގެއަށް ވަކީލު! މައިރާާ…ވަކީލަކަށްވާން އުޅޭ މިހާ ކިހިނެއް ތި ނިންމުމަށް އާދެވުނީ؟” ސާޖިދު އެނާގެ މޫނުމަތީގައި އަތްއަޅައި މާޔުސީ އާހްއެއް ބޭރުކޮށްލިއެވެ. ރޫޔާ އަށް ހުރެވުނީ މައިރާއާ ދިމާލަށް ދެލޯ ބޮޑު ކޮށްގެން ބަލާށެވެ.
“މައިރާ!! ހީވޭތަ އަހަރެން އެފަދަ ދަށު ދަރަޖައިގެ އަމަލެއް ކުރާނެ ހެން. ޗީޑި!” ރޫޔާ މައިރާގެ އަތުގައި ވިކާލިއެވެ.
“ދެން ރޫޔާ އުޅުނު ގޮތޯ؟ ސާޖިދަށް ފިލަންވެގެން އެކި ތަންތަނަށް އަރައި، ވަޅަށް ފައިބާ ހެދި ކީއްވެ؟ ވަރަށް ރުޅިއައިސްގެންނެއްނު އެވަރު ކުރާނީ” މައިރާ އަހާލިއެވެ.
ރޫޔާ ސާޖިދަށް ބަލައިލިއެވެ. ސާޖިދުވެސް އެނާގެ ނަޒަރަށް އިޖާބުދިނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
“ވީ އެއްޗަކީ…..ލިނާ، އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާ ދެކެ އައިސް ހުރި ރުޅިން، އޭނައަށް އަހަންނާއި ރޫޔާގެ ފޮޓޯއެއް ދެއްކި. އެނގޭ…ޓޮކްސިކް، ޔެސް… އެކަމަކު އޭނާއަށް އެއްޗެއް ވިސްނައިދޭންވެގެން ދެއްކީ. އެކަމަކު މަ ހީކުރި ގޮތަކަށް ނޫން ކަންތައްތައް ވެގެން ދިޔައީ. އޭނާ ޖޭ ވެގެން އިންސްޓައިން ރޫޔާ އަށް ވަރަކަށް އެއްޗެހި ގޮވި. އަހަރެން އުޅުނީ ރޫ ރަށަށް އައުމުން މަޢާފަށް އެދެން. އެކަމަކު މަގޭ ގަނަ ތަޅުވަންވެގެން ފިލައިގެން އުޅުނީ.”
ސާޖިދުގެ ވާހަކަ އަޑުއަހަން ހުރި ތިން އެކުވެރިން އެކަކު އަނެކަކަށް ބަލައިލިއެވެ. ދެން ރޫޔާއަށް ނަޒަރު ހިންގާލިއެވެ. އެމީހުންގެ ނަޒަރަށް ރޫޔާ ދެކޮނޑު އަރުވައިލިއެވެ.
“ސާޖިދަށް ސާބަސް…” މައިރާ ނޭވާއެއް ދޫކޮށްލިއެވެ.
“ދެން އެކަމަކުވާ ދޯ” ޝަފަޤް ބޯ ހޫރާލިއެވެ. އެއްޗެކޭ ބުނަން އުޅެފައި ކުއްލިއަކަށް ހަޅޭއްލަވައިގަތީ، އޭނާގެ ފަހަތުން މީހަކު އައިސް، ދެއަތްދަނޑިމައްޗަށް އޭނާ އުފުއްލާލީމައެވެ. ވަސީމް، އޭނާގެ އަތްދަނޑިމަތީގައި ޝަފަޤް ހަމައަކަށް އެޅެން ވަގުތުނުދީ ދުއްވައިގަތީ މޫދާ ދިމާލަށެވެ.
“ސާބަހޭ ވަސީމް..ގޮސް އޭނާ މޫދަށް އެއްލައިލާ!” އެއް ރާގެއްގައި މައިރާއާއި ޝެހެނާ ހަޅޭއްލަވައިގަތެވެ. ވަސީމް ޝަފަޤް މޫދަށް އެއްލައިލިތަން ތިން އެކުވެރިންނަށް ފެނިފައި ހޭން ފެށިއެވެ. ތިން މީހުން އެ ފޯރީގައި ޝަފަޤަށް ދިމާކުރަން ހުއްޓައި، ޒަޔާން ދުވެފައި އައިސް، ހަލުވި މިނެއްގައި ޝެހެނާ އުރައިލައިގެން މޫދާ ދިމާލަށް ދުއްވައިގަތެވެ. މޫދާ އަރައި ހަމަވުމުން، ޒަޔާން ވެސް ޝެހެނާ މޫދަށް އެއްލައިލިއެވެ. ރޫޔާއަށް އެވަގުތު އެމީހުންގެ ގާތު މަޑުކޮށްލައިގެން، ޒަޔާނަށް ތަރުހީބުދޭން ހުރި ޒާޝާ ފެނުނެވެ. ވަޤުތުގެ ބޭނުންހިފައި، ރޫޔާ އެ ކުޑަ ކުއްޖާ އުރައިލައިގެން މޫދާ ދިމާލަށް ދުއްވައިގަތެވެ. ޒާޝާ ހަޅޭއްލަވަމުން، ރޫޔާގެ ކަނދުރާގައި ބައްދައިލިއެވެ. އެ ދިޔަގޮތަށް ގޮސް ދެމީހުން އެކީ މޫދަށް ފުންމައިލިއެވެ. ދެމީހުން މޫދު އަޑިން، ފެންގަނޑު މައްޗަށްއެރުމާއެކު ޒާޝާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.
އެއްގަމުގައި، އެ ހަތަރު އެކުވެރިންގެ ތެރެއިން ބާކީވެފައި ހުރި މައިރާ ފެނި، މޫދުގައި ތިބި ތިން އެކުވެރިން އެކަކު އަނެކަކަށް ބަލައިލިއެވެ. ދެން ބަލައިލީ މައިރާއަށެވެ. އެ ތިން މީހުންގެ ނަޒަރުގައި ލާނެއްކަން ފެނި މައިރާގެ ހިނިތުންވުން ފަނޑުވިއެވެ. އެ ތިން މީހުންގެ ރޭވުމަކީ ކޮބައިކަން ދެނެގަނެވެގެން އަވަހަށް އެތަނުން މިންޖުވާންވެގެން ފަހަތަށް ފިޔަވަޅުތަކެއް ނެގިއެވެ. “ސާޖިދް…އެ މައިރާ ދޫނުކުރާތި!” އެއްގަމަށް އަރަމުން އައި ޝަފަޤް ސާޖިދަށް އަޑުއިވޭވަރަށް ބުނެލިއެވެ. ކައިރީގައި ހުރި ޒަޔާނަށް، ޒާޝާ ހަވާލުކުރުމަށްފަހު ރޫޔާ އެއްގަމަށް އަރަން ހިނގައިގަތެވެ. މައިރާ ފިލަން ދުއްވައިގަންނަން އުޅުނެއް ކަމަކު ކުރިމަތިން ސާޖިދް، އޭނާގެ މަގު ބަންދުކޮށްލިއެވެ.
“ސާޖިދް…. ދުރަށް ދޭ. އެހެންނޫނީ ބޮޑުދޮންބެ ކައިރީގައި ބުނާނަން ސާޖިދް ރައްޓެހިވެގެންއުޅޭ ވާހަކަ”
“އެހެން. އަހަރެންގެ ބައްޕައަށް އެނގިފައި އޮތް ވާހަކަ ބުނަންތިއުޅެނީ؟ މަ ގޮސް ބުނާނަން ތުއްތަ ކައިރީގައި މައިރާއާއި އެ މިއުވާންގެ ވާހަކަ”
ސާޖިދުގެ ބަހުން މައިރާ ހުރިތަނަށް ހުއްޓުނެވެ. އަދި ސާޖިދާ ދިމާލަށް އޭނާ ލޯ އަޅައިލިއެވެ. ސާޖިދުގެ ކިބައިން ރެކެން އޭނާގެ ކަނާތްފަރާތަށް ދުއްވައިގަންނަން އުޅުނު ގަޑީ މިއުވާން އޭނާގެ ކުރިމައްޗަށް އެރީ ކުއްލިއަކަށެވެ. “މިއުވާން.. ރަނގަޅު ގަޑިއެއްގައި ތިއައީ.” ޝަފަޤްމެން އެމީހުންނާ ގާތްކުރަނީއެވެ. މައިރާ ބަލި ނުވާންވެގެން، އޭނާގެ ވާތް ފަޅިއަށް ދުއްވައިގަތެވެ. އެހެނަސް މިއުވާން، އޭނާގެ ފަހަތުން އައިސް އަނެއްކާ ކުރިއަށް އެރިއެވެ.
“އެހޭ…ހާދަ އަވަހަކަށް ބެޗެން ތިއުޅެނީ؟؟” މިއުވާން ފެށީ މައިރާއާ ކޯޅެންށެވެ.
“ތި މޫނު ފެނިފައި ކޮންމެ މީހަކުވެސް ބެޗެން އުޅޭނެ. ބެޗެން ކީއްކުރާކަށް؟ ފިލަން ވެސް އުޅޭނެ” ދެބުމަ ގޮށްޖަހަމުން މައިރާ ރުޅިއައިސްގެން މިއުވާނަށް ބަލައިލިއެވެ.
“އެހެން. ދެން ފިލަން އުޅެބަލަ” މިއުވާން ބޭނުންވި ގޮތަށް މައިރާ ފިލަން އުޅުމުގެ ބަދަލުގައި އޭނާއާ ޖަދަލުކުރަން ފެށިއެވެ.
ޝަފަޤްމެން، ލިބުނު ފުރުސަތުގެ ބޭނުން ހިފައި ގޮސް މައިރާގެ އަތުގައި ހިފިއެވެ. ސާޖިދް އެ ދަނޑުވަޅުގެ ބޭނުން ހިފައި، ގޮސް މައިރާގެ ދެފައިގައި ހިފިއެވެ. މިއުވާނާއި ރަޒާންގެ އެހީއާއެކު، އެ ހަ މީހުންގެ ބޯމައްޗަށް، މައިރާ އުފުއްލައިލައި، އެންމެން އެކައްޗެއް ކިޔައިގެން، ދުވެފައި ގޮސް މައިރާ މޫދަށް އެއްލައިލިއެވެ.
***
މެންދުރު ގަޑީގައި ރަށުތެރޭ ހަމަހިމޭންވެފައި އޮތެއް ކަމަކު، ހަވީރު ގަޑީގައި ވަރަށް ފޯރި އޮތެވެ. މަގު ދެފަރާތުގައި އެކި އުމުރުފުރާގެ މީހުން އެއްވެގެން ތިބީ، މަގުމަތީ ކުޅިވަރު ބަލަންވެގެންނެވެ. ރޫޔާވެސް މާއިޝް އުރައިގެން، ގޭގެ މަގަށް ނުކުމެގެން ހުރީވެސް މިއަދުގެ ކުޅިވަރުތައް ބަލަންވެގެންނެވެ. އެ މަގުގެ ދެފަރާތުގައި އެކި އެކި މީހުން ތިއްބެވެ. އިސާހިތަކު އެންމެން އިންތިޒާރުކުރަމުން ދިޔަ އަޑު ރަށު ތެރޭގައި ގުގުމައިލައިފިއެވެ. ދުރުން، ވަކި ހިސާބަކުން ބެރު ޖަހަމުން އެހުރެ އަންނަނީ މިއަދު ހަވީރީ ކުޅިވަރުގައި ބޮޑުބެރުޖަހައި އަދި އެތަކެއް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދާ ބައިގަނޑެވެ. ލޯމައްޗަށް އެމީހުން ފެނުމާއެކު، ކުޅިވަރު ބަލަން އެއްވެގެން ތިބި މީހުން އުފަލާއެކު ސާބަސް ދޭން ފެށީއެވެ.
ބެރުގެ އަޑު އިވުމާއެކު ރޫޔާއަށް ހީވީ ބިންހެލުމެއް އައިހެންނެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ އެކި ދިމަދިމާލުން ހުނުމުގެ އަޑާއި ހަޅޭއްލެވުމުގެ އަޑު ކުއްލިއަކަށް ގަދަވެގެންދިޔައެވެ. އުރުގައި އިން މާއިޝްވެސް، ރޫޔާގެ ކަންފަތުގެ ހާލަށް ބެލުމެއްނެތި ހަޅޭއްލަވަމުންދިޔައެވެ.
މަގުމެދުގައި ހުއްޓި، ބޮޑުބެރުގެ މިޔުޒިކާއެކު ފެށިގެން ދިޔައީ ފިރިހެނުންގެ ދަނޑިޖެހުމެވެ. ދަނޑިޖެހުމުގައި ބައިވެރިންގެ ތެރޭގައި އަހުމަދާއި ވާފިރުވެސް ހުއްޓެވެ. އަހުމަދު ފެނުމާއެކު މާއިޝާއާއި މާއިޝް އުފަލުން ކޮޅެއްނެތެވެ. އެވަގުތު ހަތުމާ އެދެކުދިންގެ އަތަށް ދިނީ ކަރުގައި އަޅާ މާފަތިތަކެވެ. ރޫޔާ މާއިޝް އުރައިގެން މިސްރާބު ޖެހީ ވާފިރުގެ ކަރުގައި މާފަތި އަޅުވަންށެވެ. މާއިޝާ އުރައިގެން ރަހާ ގެ މިސްރާބު ހުރީ އަހުމަދާ ދިމާލަށެވެ.
ދެބެންގެ ކަރުގައި މާފަތި އެޅުމަށްފަހު ރޫޔާމެން އެނބުރި މަގުގެ އެއްފަރާތަށް އެރިއެވެ. ފިރިހެންވެރިންގެ ފޯރި ބަލަމުން، މާއިޝްއާއެކު ސަމާސާކުރަމުން ދަނިކޮށް އެނާއަށް ފެނުނީ މަގުގެ އަނެއް ފަރާތުގައި، މީހުންތަކުތެރޭގައި ހުއްޓިހުރި ރަޒާނެވެ. ދެމީހުން އެކަކު އަނެކަކުގެ ނަޒަރުގައި ހައްޔަރުވެވުނެވެ. އެ ދެމީހުން ވަށައިގެން، އެހެން މީހުން އުފާފާޅުކުރަމުން ދިޔައިރު އެ ދެމީހުންނަށް ދުނިޔެ ހަމަހިމޭންވި ފަދައެވެ.
ރޫޔާ ރަޒާނަށް ހިނިތުންވުމެއް ހަދިޔާކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. މި އުފަލުގައި ރަޒާންވެސް ބައިވެރިވާން އޭނާ ދަޢުވަތު ދޭ ފަދައެވެ. ރަޒާންއަށް ރޫޔާގެ ޖާދޫވި ހިނިތުންފެނި އެނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެނާއަށް ރޫޔާ ނޫން އެހެންމީހަކަށް ނުބެލުނެވެ. ރޫޔާގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިނަމަވެސް، ރަޒާނަކަށް އެކަމެއް ނުކުރެވުނެވެ. އެނާގެ ނަޒަރު އެހެން ދިމާލަކަށް ގެންގޮސްފިނަމަ އެނާގެ ލޯމަތިން ރޫޔާ ގެއްލިދާނެކަމުގެ ބިރު އިހުސާސްކުރެވުނު ފަދައެވެ.
ރޫޔާ ރަޒާނަށް ދެވަނަ ފަހަރަށް ބަލައިލީ، މަގުމެދުގައި ކުރިއަށް ދަމުންދާ ކުޅިވަރުގެ ފޯރި ގަދަވި ގަޑީގައެވެ. ރަޒާނަށް މިފަހަރަކު ރޫޔާގެ ޢަމަލުތަކަށް ރައްދެއް ނުދީ ނުހުރެވުނެވެ. އެނާވެސް ރޫޔާއަށް ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
ރަޒާންގެ ލުއި ހިނިތުންވުމުން ރޫޔާ ނޭވާ ހުއްޓުނެވެ. އެ ފިރިހެންވަންތަ ކަތުރުކަށިގަނޑަށް އަރައިފައި ހުރި ބާރު ކެނޑި، ލޮލާ ހަމައަށް ފޯރައިގެން އައި ހިނިތުން ފެނި، އޭނާއަށް ކަޅި ޖަހަން ނޭނގުނެވެ.
އެ ދެމީހުންގެ މި އެކުވެރިކަން މުޅި ދުނިޔެއަށް ސިއްރެއް ފަދައެވެ. ދެ މީހުންވެސް، އިތުރު އެހެން މީހަކަށް އެ ގުޅުން އެނގެން ބޭނުމެއް ނުވިއެވެ. އެއީ ހަމަ އެކަނި އެ ދެ މީހުންނަށް ހާއްސަވެގެންވާ ސިއްރީ ގުޅުމެކެވެ. ދެމީހުންގެ ހިތުން އެ އަމަލުތައް ވަންހަނާ ކުރެވުނު ކަމަށް ހީކުރެވުނު ކަމުގައިވިޔަސް، މީހުންތަކުގެ ތެރެއިން ކޮންމެވެސް އެކަކަށް، އެ ދެމީހުންގެ އަމަލުތަކަށް ހެކިވެއްޖެއެވެ.
ކުއްލިއަކަށް އިވުނު ސަންގުގެ އަޑުން، އެންމެން އެ އަޑު އިވުނު ދިމާލަށް ބަލާލިއެވެ. ބެރުވެރިންގެ ފަހަތުން އަންނަމުންދިޔަ ބޮޑު މަސް އެންމެންނަށް ފެނިއްޖެއެވެ. އުފަލުން ކޮޅެއްވެސް ނެތެވެ.އެ ބޮޑު، ދިގު މަހުގެ ފަހަތުން، ފަންވަތުން ތައްޔާރުކޮށްފައި ހުރި އެކި އެކި ކުދި މަސްތަކާއި ބޯވާތައްވެސް އަންނަތަން ފެނުނެވެ.
***
ބަންގި ގޮވަން އަދި ވަގުތުކޮޅެއް އޮތުމާއެކު ރޫޔާ އަވަސްވެގަތީ ފޭރު ގަހަށް އަރައި ދެތިން ފޭރު ބިންނަންށެވެ. އެ ވަގުތު ގޭތެރެއިން ނުކުތް ހަލީމާއަށް، ވަލެއްހެން އެލިގެން އޮތް ރޫޔާ ރީތިކޮށް ފެނުނެވެ.
“ދަރިފުޅާ! ބަންގި ގޮވަން އެއުޅެނީ އިރުކޮޅަކުން. އަވަހަށް ގަހުން ފައިބަން އުޅޭ” ފޭރު ގަހާ އަރާ ހަމަކުރަމުން ހަލީމާ ބުނެލިއެވެ. މަންމަގެ ބަހަށް ޖަދަލުނުކޮށް ރޫޔާ އަވަހަށް ގަހުން ފޭބިއެވެ. އަދި އަތުގައި ހުރި ފޭރުކޮޅުތައް މަންމައާ ހަވާލުކުރުމަށްފަހު، ފެންޑާގައި ހުރި ޖޯލީގައި އިށީނދެލީ ފޭރެއް ހިފައިގެންނެވެ. ރޫޔާގެ ފަހަތުން ހަލީމާވެސް އައިސް ޖޯލީގައި އިށީނދެލިއެވެ.
“ދަރިފުޅާއި ރަޒާންގެ ދެމެދުގައި އޮތީ ކޮން ގުޅުމެއް؟” ހަލީމާގެ ޖުމުލައިން ފޭރު ކާން އިން ރޫޔާ ކޮށިއެރިއެވެ. އޭނާ މަންމައާ ދިމާލަށް ބަލާލީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެނާ މަންމައަށް އެނާއާއި ރަޒާންގެ ގުޅުން އެނގުނީ ކިހިނަކުން ހެއްޔެވެ؟ އެނާ އުޅުނީވެސް ވަރަށް ސިއްރުންނެވެ. “މަންމައަށް ކިހިނަކުން އެނގުނީ؟” ރޫޔާ ކާން ގެންގުޅުނު ފޭރު މަތިން ހަނދާންވެސް ނެތުނެވެ. ރަނގަޅަށް ހަލީމާއާ ދިމާލަށް ބަލަން ހުރީ މަންމައަށް އެ ގުޅުން އެނގުނު ގޮތް އެނގެން ބޭނުންވެފައި ހުރި ވަރުންނެވެ.
“ދަރިފުޅު ކިތައްމެ ވަރަކަށް ކަންކަން ފޮރުވަން އުޅުނަސް މި މަންމައަށް ދަރިފުޅުގެ ކަންކަން ރަނގަޅަށް ފޮރުވޭނެތަ؟” ހަލީމާ އަހާލިއެވެ.
ހަޤީޤަތުގައިވެސް ހަލީމާ އެ ކުރީ ރަނގަޅު ސުވާލެކެވެ. މަޔަކާއި ދަރިއަކާ ދެމެދު އޮންނަ ގުޅުން ރަނގަޅު ނަމަ، އެކަކު އަނެކަކަށް ސިއްރު ފޮރުވަން ނުލާހިކު ދަތިވާނެއެވެ. ރޫޔާއަށްވެސް ވީ އެހެންނެވެ. ކުޅިވަރު ބަލަމުން ދިޔަ ގަޑީގައި ރޫޔާއަށް ރަޒާން ފެނުމާއެކު އެ މޫނުމައްޗަށް ވެރިވީ އެހެން ކަހަލަ އުފާވެރިކަމެވެ. އެމޫނުގެ ކުލަވަރަށް އައި ބަދަލު، ހަލީމާއަށް ނުލާހިކު ރަނގަޅަށް ފެނުނެވެ. އަދި ނުވިތާކަށް، މި ފާއިތުވި ހަފްތާގައި، ފަތިސް ނަމާދުކޮށްނިމި، ބޭރަށް ދާ ރޫޔާ ގެއަށް އަނބުރާ އަންނަނީ އެހެންނާ ނުކުރާހާ ލަސް ކޮށްގެންނެވެ. މިއަދު ހަލީމާއަށް ފެނުނު މަންޒަރުން އެނާގެ ޝައްކުތައް ޔަޤީނަކަށް ބަދަލުވިއެވެ. ރޫޔާއާއި ރަޒާންގެ ދެމެދުގައި ކޮންމެވެސް ގުޅުމެއް އޮވެއެވެ.
ރޫޔާ ހަށިގަނޑު ތެދުކޮށްލުމަށްފަހު ފެންޑާގެ އެކި އެކި ދިމާލަށް ނަޒަރު ހިންގާލިއެވެ. ކަންފަތަށް އަޑު ޖެހޭ ހިސާބުގައި އެއްވެސް މީހަކު ނެތްކަން ޔަޤީންވުމުން ރޫޔާ ހަލީމާއާ ދިމާލަށް އެނބުރުނެވެ.
“މަންމާ. އެއްވެސް މީހެއް ގާތު ނުކިޔައްޗޭ މިކަންތައް ތަކުގެ ވާހަކަ. ޝަފް މެން ގާތުވެސް.” ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ރޫޔާގެ ދެލޮލުގައިވާ އާދޭސް ފެނިފައި ހަލީމާ އެއްބަސްވާން މަޖުބޫރުވީ އެ ދަރިފުޅު މަންމައަށް ކުރާ އިތުބާރުގެ ސަބަބުންނެވެ. “ހޫމް، މަންމަ ނުބުނާނަން އެކައްޗެއްވެސް. ދެން ބުނެބަލަ” ހަލީމާ ބުނެލިއެވެ. ހަލީމާގެ ޖަވާބާއެކު ރޫޔާ ލަދުން ހުރެ ކިޔައިދެން ފެށިއެވެ.
“މިދިޔަ ހަފްތާ އަތިރި މަތިން ދިމާވެގެން….ވާހަކަ ދައްކަން ފެށީ. އަދި ފޯނު ނަމްބަރެއް އެހެން އެކަށްޗެއްވެސް ނުދެން. ހަމައެކަނި އަތިރި މައްޗަށް ގޮސް ވާހަކަ ދައްކަނީ. ދެ މީހުން އެކަކު އަނެކަކު ދަސްކުރަންވެގެން. ދެން މިހާރު ބުނެވޭނެ ކަންނޭނގެ އަހަރެމެން ދެމީހުންނަށް ކޮންމެވެސް ވަރަކަށް އެކަކު އަނެކަކު އިނގެޔޭ.”
ރޫޔާގެ ވާހަކަ އަޑު އިވިފައި ހަލީމާ ހިނިތުންވެލިއެވެ.
“އެނގޭ…ނުދަންނަ މީހެއްކަން އޭނާއަކީ..އެކަމަކު..އަޅުގަނޑު ބޭނުން އޭނާ އިނގެން” ރޫޔާ އެހެން ބުނެލުމުން ހަލީމާއަށް ހިތާހިތުން ދުޢާ ކުރެވުނީ އެ ގުޅުމުގެ ސަބަބުން ރޫޔާއަށް ދެރަށް މެދުވެރި ނުކުރެވުމަށް އެދިއެވެ. ދެމީހުން ވާހަކަ ދައްކަން އިން އިރު، ގޭގެ ގޯތި ތެރެ ކަޑަތުކޮށް ގެއަށް ވަންނަންވެގެން ރަހާ އައެވެ.
ރަހާ ހުއްޓިހުރެ، އެ ދެމައިންނަށް މާނަ ފުންނަޒަރަކުން ބަލައިލިއެވެ. ހިތަށް ގޮތެއްވި ކަމުގައި ވިޔަސް، އެކަން ނުވާކަމަށް ހެދި ރޫޔާމެން ގާތަށް ހިނގައިގަތީ މޫނުމައްޗަށް އުފާވެރިކަން ގެންނަމުންނެވެ. ރަހާ އަންނަ ތަން ފެނި ދެ މައިންވެސް އެވާހަކަ ހުއްޓައިލުމަށްފަހު އެހެން ވާހަކައެއް ފެށިއެވެ. ރަހާއަށް އެކަން އިހުސާސްކުރެވުނުކަމުގައި ވިޔަސް އަޅައިނުލާ ކަމަށް ހެދުނެވެ.
***
ޢިޝާ ނަމާދަށްފަހު ގޭގެ އެންމެން ރޭގަނޑުގެ ކެއުމާއިގެން އަވަސްވެގަތީ، ކައި ނިމިގެން ކުޅިވަރުގެ މައިދާނަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.
ވާފިރުގެ ޕިކަޕުގައި އެ އާއިލާ މައިދާނަށް ދެވުނުއިރު އަދި ކުޅިވަރާއި ސްޓޭޖު ޝޯއެއް ނުފެށެއެވެ. ޕިކަޕު ޕާކުކުރުމަށްފަހު އަހުމަދާއި ވާފިރު ދިޔައީ ސްޓޭޖުގެ ފަހަތަށެވެ. ޝޯ ބަލަން މީހުން ޖަމާވުމުގެ ކުރިން، ކުޅިވަރުގެ މައިދާނާއި ސްޓޭޖު ރަނގަޅަށް ފެންނަ ހިސާބެއް ހޯދައި، ހަލީމާމެން ހަމަޖެހުނެވެ. މައިޝާމެން ރޫޔާއާ ހަވާލުކޮށްފައި ހަތުމާ ދިޔައީ ފެންފުޅިއަކާއި ޕޮޕްކޯނު ގަންނަންވެގެން، ދުރުގައި ހުރި ގާޑިޔާ އާ ދިމާލަށެވެ.
އިރުކޮޅެއްނުވެ ޝަފަޤާއި ވާފިރުމެންވެސް އެތަނަށް އައެވެ. ވާފިރުގެ ފަހަތުން މައިރާއާއި މިއުވާންމެންގެ އިތުރުން ޒަޔާންގެ ކުޑަ އާއިލާވެސް އެމީހުންގާތަށް ޖެހިލިއެވެ.
ސްޓޭޖު ޝޯ ފެށުމާއެކު އެތަނަށް މީހުން ބޮޑިވާން ފެށިއެވެ. މީހުން ގިނަކަމުން ކުޑަކުދިންނަކަށް ރަނގަޅަކަށް ޝޯއެއް ނުފެނިގެން ޝަކުވާކުރާ އަޑު، ދެން ތިބި މީހުންނަށް ރަނގަޅަށް އިވުނެވެ.
“ރޫ ދޮންތާ! މާއްކޮއަކަށް ނުފެނޭ”
“މައިސްއަށްވެސް”
ގޭގެ ކުޑަކުދިންނާ ހަވާލުވެގެންހުރީ ރޫޔާކަމުން މާއިޝާއާއި މާއިޝްގެ ޝަކުވާތައް އައީ ރޫޔާއަށެވެ. ޒާޝާވެސް މާއިޝާމެންނާ ބައިވެރިވެލަމުން ޝެހެނާއަށް ޝަކުވާކުރިއެވެ. ރޫޔާގެ ފަހަތުގައި ހުރި ރަޒާނަށް މާއިޝާގެ ޝަކުވާ އަޑުއިވިފައި ރަޒާން މާއިޝާގެ އިސްކޮޅަށް ތިރިވެލިއެވެ.
“ބޭބެގެ ކޮނޑަށް އަރަން ބޭނުންތަ؟” ރަޒާންގެ ސުވާލާއެކު މާއިޝާ އަވަސްއަވަހަށް އާނއެކޭ ބުނެލީ ރޫޔާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީއެވެ. ރަޒާންގެ ކޮނޑަށް މާއިޝާ އެރުވުމުގެ ކުރިން ރަޒާން ހަތުމާއަށް ބަލައިލީ ހުއްދައަށް އެދިއެވެ. ހަތުމާ ބޯޖަހައިލުމާއެކު ރަޒާން މާއިޝާ ފަސޭހަކަމާއެކު އެނާގެ ކޮނޑުމައްޗަށް ލިއެވެ. މާއިޝާގެ ދެއަތުގައި އެނާ ހިފައިލައިގެން ހުރީ އެކުއްޖާ ވެއްޓިދާނެތީއެވެ. ރަޒާންގެ ކޮނޑުމަތީގައި ހަމަޖެހިލުމަށްފަހު މާއިޝާ ހޭންފެށިއެވެ. މާއިޝާގެ ހުނުމުގެ އަޑާއެކު ރޫޔާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލުނެވެ. ރަޒާނާ ދިމާލަށް އެނާ ބަލަލީ ޝުކުރުގެ ނަޒަރަކުންނެވެ
“މިހާރު އެންމެންނަށް ވުރެ މާއްކޮ ދިގު. ދޯ ބޭބެ”
“މައިސްވެސް.” މާއިޝް ދެރަވެލައިފައި ބުނެލިއެވެ. އެވަގުތު މިއުވާން ކުރިއަށް ޖެހިލުމަށްފަހު މާއިޝް އޭނާގެ ކޮނޑަށް އެރުވިއެވެ. މިއުވާންގެ ކޮނޑުމަތީގައި ހަމަޖެހިލުމަށްފަހު މާއިޝްވެސް މާއިޝާއަށް ބަލައިލައިފައި ހޭންފެށިއެވެ.
ސްޓޭޖުމަތީގައި ކުރިއަށް ގެންދަމުންދާ ބޮޑުބެރުގެ ފޯރިއަށް އެންމެން ތިބީ ގެއްލިފައެވެ. ފުރުސަތުގެ ބޭނުން ހިފައި ރަޒާން މަޑުމަޑުން ރޫޔާގެ ފަހަތުގައި ހުއްޓުނެވެ. އޭރުވެސް އޭނާގެ ކޮނޑުމަތީގައި މާއިޝާ އިނެވެ. މީހަކު ފަހަތުގައި ހުއްޓުނުހެން އިހުސާސްވެގެން ރޫޔާ ފަހަތަށް ބަލައިލިއެވެ. އޭނާއަށް ރަޒާން ފެނިފައި ހުއްޓުން އެރިއެވެ. ރަޒާންގެ ފުން ނަޒަރުގައި ހައްޔަރުވެފައި ހުރެވުނީއެވެ. އޭނާއަށް ރަޒާން ނޫން އެހެން މީހަކުއެއް ނުފެނެއެވެ. އޭނާ ވަށައިގެން އެހެން މީހުން އުފާ ފާޅުކުރަމުން ދިޔައިރު އެދެމީހުންނަކަށް އެހެންނެއް ހިޔެއްނުވެއެވެ.
ރަޒާންގެ ދެލޯ ތަގުޅިކޮށް މަރައިލެވުނީ، ލިބުނު ފޯރީގެ ސަބަބުން މާއިޝާ އޭނާގެ އިސްތަށިގަނޑަށް ދަމައިގަތުމުންނެވެ. އޭނާގެ އަނގައިން ވޭނުގެ އަޑެއް ނުނިކުތެއްކަމަކު، އިސްތަށިގަނޑަށް ވީ ތަދު ރޫޔާއަށް އަންދާޒާކޮށްލެވުނެވެ.
“މާއްކޮ…ބޭބެގެ އިސްތަށިގަނޑަށް ނުދަމާ!” ރަޒާން އަޑަށް ދަމާލައިފައި ބުނެލި ގޮތުން ރޫޔާ ގާތަށް ހިނިވެސް އައެވެ.
“ސޮރީ ބޭބޭ! ތަދުވިތަ؟” މާއިޝާ ދެރަވެލައިފައި ސުވާލުކުރީ، ރަޒާންގެ މޫނު ފެންނަ ވަރަށް ގުދު ވެލައިފައެވެ.
“ލައްބަ. ވަރަށްވެސް ތަދުވި. އެކަމަކު ބަލާބަލަ..މާއްކޮގެ ދޮންތަ ބޭބެއަށް މަލާމަތްކުރަނީ” ރަޒާންގެ ފަހު ޖުމުލަ އަޑުއިވިފައި ރޫޔާ ރަޒާނަށް ބަލައިލީ ދެލޯ ބޮޑުކޮށްލުމަށްފަހުއެވެ. އާގަމަވެފައި ހުރިވަރުން އަނގައިގައި އޮތް ބަސް ހުސްވެގެން ދިޔައީއެވެ. ފެނިގެން މިދިޔައީ ދުވަހަކުވެސް ރަޒާންގެ ފަރާތުން އުންމީދުކުރި ޢަމަލުތަކެއް ނޫނެވެ.
“ދޮންތާ…އެހެން ނުވާނެ ހަދާކަށް. ބޭބެ ކިހާ ދެރަ ވާނެ” މާއިޝާ ރަޒާންގެ ކޮޅު ނެގީވެސް އެހާ އަވަހަށެވެ. ރޫޔާއާއެކު ހޭދަވި ފަސްއަހަރުގެ ދުވަސްތައް އެއްލައިލައިފައި، މާއިޝާއަށް މުހިންމުވީ ރަޒާން ހެއްޔެވެ؟
އެނާއަށް މާއިޝާއާ ދިމާލަށް އެއްޗެކޭ ބުނަން އުޅުމުގެ ކުރިން، ސްޓޭޖުމަތީގައި އެހެން ހަރަކާތެއް ފެށުމާއެކު، މާއިޝާގެ ސަމާލުކަން އެދިމާލަށް ދިޔައެވެ. ރޫޔާއަށް އެންމެފަހުން ޖެހުނީ ދެއަތް އުރައިލަންށެވެ. އޭނާ ރަޒާނަށް ބަލައިލުމުން ރަޒާން އޭނާއަށް އެއްލޯ މަރައިލީ ލާނެއްކަމާއެކުއެވެ.
އިރުކޮޅެއް ނުވެ ބޮޑު މަސް ބޭނުމުގެ ކުޅިވަރު ފެށުނެވެ. ކުޅިވަރުގައި ހަރަކާތްތެރިވާ އަތޮޅުވެރިން މައިދާނަށް ވަޑައިގެން، ގޮޑިގޮޅުގައި ވެޑުވިގަތެވެ. ކެޔޮޅުންވެސް މައިދާނަށް ވަދުނެވެ. ކުޅިވަރު ކުރިއަށް ދިޔަ ވަގުތު މުޅި ފަޒާ ގުގުމާލަމުން ދަނީ މީހުންގެ ސާބަހާއި ހުނުމުގެ އަޑުންނެވެ.
***
އެރެއަށް ކަނޑައެޅިފައިވާ ކުޅިވަރު ނިމުމާއެކު އެންމެން އެއްކޮށް ވާފިރުގެ ޕިކަޕުގެ ފަހަތަށް އަރައި ގެއަށް ދިޔައެވެ. ފަހަރަކު ގެއަކަށް މަޑުކުރަމުން، ވާފިރުގެ ކުޑަ ޢާއިލާއަށް، އެމީހުންގެ ގެއަށް ދެވިއްޖެއެވެ
ޖެހިގެން އައި ދުވަހު، އަރައިގެން އައި އިރާއެކު އެންމެން އަވަދިނެތި އުޅުނީ ޝަފަޤާއި ވަސީމްގެ ވަލީމާ ހަފްލާއަށް އެއްޗެހި ތައްޔާރުކުރުމުގައިއެވެ. ވަސީމްގެ އެކުވެރިންނާއި އާއިލާގެ ފިރިހެންވެރިން އުޅުނީ ވަލީމާ ހަފްލާއަށް އިސްކޫލު ހޯލު ތައްޔާރުކުރުމުގައެވެ. އަންހެންވެރިން އުޅުނީ ހަފްލާއަށް ކެއުމާއި ބުއިންތައް ތައްޔާރުކުރުމުގައިއެވެ. ނަމާދުގެ ވަޤުތުތަކަށް މަސައްކަތް މެދުކަނޑައިލުމަށްފަހު، ނަމާދުކޮށް ނިމިގެން އަނެއްކާވެސް އެމީހުންގެ މަސައްކަތަށް ރުޖޫޢަވެއެވެ.
***.
ރޫޔާ އޭނާއާ ރަހާ އުޅޭ ކޮޓަރިއަށް ވަދެ، ފެންވަރައި ނިމިގެން ރަހާއާ އެކު މަޣްރިބު ނަމާދުކުރިއެވެ. ނަމާދުކޮށް ނިމިގެން ހަފްލާއަށް ރީތި ވުމުގައި އުޅުނެވެ. ރީތިވެ ނިމިގެން ރޫޔާ ފަހުފަހަރަށް ލޯގަނޑު ބަލައިލިއެވެ. އޭނާ ލައިގެން ހުރީ ރިހިކުލައިގެ، ފަށުވި ފޮތީގެ އަތް ދިގު، ދިގު ހެދުމެކެވެ. ބޮލުގެ އިސްތަށިގަނޑު ހުޅިއަކަށް އައްސާލެވިފައިވާއިރު، ހުޅީގެ އަރިމަތީގައި ލިލީ މަލެއް ވަނީ ހަރުކޮށްލައިފައެވެ. މޫނުމަތީ ކޯތާފަތް މައްޗަށް ދެ ފަރާތުން އިސްތަށިކޮޅު ވައްޓައިލައިފަވެއެވެ.
“ރަހާ. ދޮންތަގެ ހެދުން އޯކޭތަ؟” ސެންޓު ޖަހަން ހުރި ރަހާއާ ދިމާލަށް އެނބުރެމުން އަހާލިއެވެ. ރަހާ ރޫޔާއަށް ރަނގަޅަށް ބަލާލިއެވެ. ރޫޔާ ލައިގެން ހުރި ހެދުމަކަށް ނޫނެވެ. އެނާ ބެލީ ސީދާ ރޫޔާއަށެވެ.
“ހެދުން އޯކޭއޭ.” ވަރަށް އެހެން ރާގަކަށް ރަހާ ބުނެލިއެވެ. އަދި ރޫޔާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އެ ކޮޓަރިން ނުކުމެގެން ދިޔައެވެ.
ރަހާ ކޮޓަރިން ނުކުތް މަންޒަރު ބަލަން ރޫޔާއަށް ހުރެވުނީއެވެ. އެނާގެ ކޮއްކޮ، އޭނާއާ މުހާތަބު ކުރި ރާގު އޭނާ ރަނގަޅަށްވެސް ނަގައިގަނެވުނެވެ. އަނެއްކާ ރޫޔާއަށް ނޭނގި ނަމަވެސް ރަހާއަށް ދެރައެއް ދެވުނީ ހެއްޔެވެ؟
އެޚިޔާލުތަކުން ރޫޔާ ބޯ ހުރައިލުމަށްފަހު، އަވަސް އަވަހަށް އޭނާ ދިޔައީ ޝަފަޤްމެން ގެއަށެވެ. އޭރު ޝެހެނާ އެގޭގައި، ޝަފަޤް ރީތިކުރުމުގައި އުޅެމުން ދިޔައެވެ. ހުދުކުލައިގެ އަތްދިގު ވެޑިން ޑްރެސްގައި ޝަފަޤް ފެންނާލެއް ނުލާހިކު ރީއްޗެވެ. ހެދުމާ ގުޅޭ ހުދުކުލައިގެ ޝޯލެއް ހިފައިގެން ކައިރީގައި މައިރާ ހުއްޓިހުރިއެވެ.
“އަޅޭ..ޝަފޫ…މާޝާﷲ.” ރޫޔާ ޝަފަޤްގެ ފަހަތުގައި ހުއްޓެމުން ބުނެލިއެވެ. “ހެހެ. ޝެހޭގެ މޮޅުކަމޭ މި ފެންނަނީ. އަހަންނަށް ހިލޭ ވެޑިން ކޭކުވެސް އަޅައިދިނީ. މިހާރު މިކަންވެސް.” ޝަފަޤްގެ ތަޢުރީފުގެ ބަސް އަމާޒުވީ ޝެހެނާއަށެވެ. ޝަފަޤްގެ ބަސް އިވިފައި މައިރާ ހިތުގައި ޖެހުނުކަމަށް ހެދުނެވެ.
“ރޫ. ޝަފްއަކަށް އަހަރެމެން ނުވޭ އެކަޗެއްވެސް. ރޫ މިއަދު ރޮށި ދަމައިދިނީ. އަހަރެން އުޅުނީ ޕިރިނީ ހަދަން. އެވެސް ކޮއްދިނީ ހިލޭ. އެކަމު ބަލަ. ތަޢުރީފުގެ ބަސްތައް ލިބުނީ ކާކަށް؟ ޝެހޭ އަށް. އިންސާފެއް ނޫނޭ ޝަފް”
‘ދެން މައި ދައްކާ ވާހަކަ. އަހަރެން ތި ދެމީހުން ކޮށްދިން ކަންތައްތަކަށްވެސް ޝުކުރު ވެރިވަމޭ. ހަމަ އަސްލަށްވެސް” ޝަފަޤް އެހެން ބުނުމަށްފަހު ހަމަހިމޭންވިއެވެ. އަދި އޭނާގެ އެންމެ ގާތް ތިން މިތުރުންނަށް ބަލައިލިއެވެ. އިރުކޮޅެއްނުވެ އެ ދެލޯ ފެން ކަޅިއެވެ.
ޝަފަޤް ފެންކަޅިވެފައި ހުރިތަން ފެނިފައި ތިން އެކުވެރިން ހާސްވިއެވެ. މިފަދަ އުފާވެރި ދުވަހަކު ޝަފަޤް ކަރުނަ އަޅައި ރޯންވީ ކޮން ސަބަބަކާ އޮވެ ހެއްޔެވެ؟
“ޝަފް..ކިހިނެއްވީ؟ ތަނަކަށް ތަދުވީތަ؟”
“އެހޭ..ޝަފް. ނުރޮއްޗޭ…އޭރުން މޭކަޕް-”
“ރޫ..ޓިޝޫ”
ރޫޔާ ޓިޝޫ ދިއްކޮށްލުމާއެކު ޝަފަޤް އިސްނަގައިގެން ހުރެ ކަރުނަފޮދު ފޮހެލިއެވެ. މީހާ ހަމައަކަށް އެޅުމަށް އަމިއްލަ ނަފްސު މަޖުބޫރުކުރިއެވެ.
“ހަނދާންވޭތަ؟ އޯލެވެލް ދުވަސްކޮޅު މަތިން. އަހަރެމެން އޭރު މުސްތަޤުބަލުގެ ވާހަކަ މާ ބޮޑަށް ނުދެއްކި ކަމުގައި ވިޔަސް، އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް މީ. އަހަރެމެން ހަތަރު މީހުންގެ ގުޅުން އަބަދަށް ދެމިގެން ދިއުން. އަދި އެކަކު އަނެކަކުގެ ކައިވެންޏަށް ގޮސް އެކީގައި އުފާ ފާޅުކުރުން. އެކަމަކު…..އޯލެވެލް ދުވަސްކޮޅު ނިމުމުން އެންމެން އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދިޔައީތާ. ރޫ އެހެން ޤައުމަކަށް، މައި ވެސް އަހަރެންވެސް މާލެއަށް.”
ނޭފަތް ދަމަމުން ޝަފަޤް އެނާގެ އިހުސާސްތައް ކިޔައިދިނެވެ. “ދިރިއުޅުން އަހަރެމެންނަށް އެގޮތް މަޖުބޫރު ކުރީމަ ދޯ އަހަރެމެންވެސް އެހެން އުޅުނީ. އެކަމަކު…އެ ގޮތަށް ދުވަސްތައް ފާއިތުވާ ވަރަކަށް އަހަރެންގެ އެ ހުވަފެން ހަޤީގަތަށް ވުމުގެ ހުޅުކޮޅު މަޑުމަޑުން ފަނޑު ވަމުންދިޔައީ. އެކަމު ބަލާބަލަ. ޝެހެނާގެ ކައިވެންޏަށްވެސް، އަހަރެންގެ ކައިވެންޏަށްވެސް އަހަރަމެން ހަތަރު މީހުންނަށް އާދެވުނު ދޯ. އެހެންވެ..އުފަލުން މިހުރެވުނީ”
ޝަފަޤްގެ ވާހަކަ އަޑުއަހަން ތިބި ތިން މީހުން އެކަކު އަނެކަކަށް ބަލައިލީ ފެންކަޅިވެފައެވެ. ތެދެކެވެ. އެ އެންމެންވެސް މިހިސާބަށް އާދެވުނީ ނުހަނު ގިނަ ކަންތައްތަކާއި އިމްތިހާނުތައް ގިރާކޮށްގެންނެވެ. އަމިއްލަ ދިރިއުޅުމައިގެން ބިޒީ ވަމުންދާ ކޮންމެ ދުވަހަކު، އެ އެކުވެރިންނާ ދުރުވެވޭ ކަމުގެ އިހުސާސް އެ ހަތަރު އެކުވެރިންނަށް ކުރެވުނެވެ.
އަތުގެ ނޫފުށުން ކަރުނަ ފޮހެލުމަށްފަހު ރޫޔާ ޝަފަޤްގެ ކޮނޑުގައި އަތް އަޅުވައިލިއެވެ.
“ޝަފް. އަހަރެމެން ރޮއްވަންތަ ތިއުޅެނީ؟” މައިރާ ނޭފަތް ދަމަމުން ސަމާސާ ކޮށްލިއެވެ.
“ހެވޭ..ހެވޭ. ނުބުންޏަސް އެންމެންނަށް އެނގޭ ތި ތިން މީހުންނަކީ ބޭބީ ތަކެއްކަން. ދެން އަވަހަށް ތި ކަރުނަތައް ފޮހެން އުޅޭ. އެންމެ ގޯސް ދުވަހު ތި މި އެކުވެރިކަމަށް ކަރުނަ އަޅަން ފެށީ” ޝެހެނާ މައިރާގެ ލޮލުން ކަރުނަ ފޮހެލަމުން ބުނެލިއެވެ. “އެހެންނޫނީ އެންމެން އެކީ ފޮޓޯ ނަގައި ގަޑީގައި އަހަރެމެން ހުންނަން ޖެހެނީ ދެލޯ ރަތްވެ ދުޅަވެފައި ހުއްޓައި ފޮޓޯނަގަން. އޭރުން ކިހާ ހަޑިވާނެ” ޝެހެނާ އެހެން ބުނެލީ ރޫޔާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް، ޓިޝޫއަކުން ފޮހެމުންނެވެ. އެހެން ޓިޝޫއެއް ނެގުމަށްފަހު އޭނާ ފަހަރަކު މީހެއްގެ ކަރުނަތައް ފޮހެމުން ދިޔައެވެ.
“އެކަމަކު ވިސްނާލަބަލަ. އެހެން އަހަރެމެން ފޮޓޯއެއް ނޭގީ..މިސާލަކަށް.” ރޫޔާގެ ބަހަށް ދެން ތިބި ހަތަރު އެކުވެރިން އެ މަންޒަރު ޚިޔާލުކުރިއެވެ. އެ ހަތަރު މީހުންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހަތަރު މީހުން އެކަކު އަނެކަކާ ސަމާސާ ކުރަމުން، ހަފްލާއަށް ޝަފަޤް ތައްޔާރުކުރަމުން ދިޔައެވެ. ތައްޔާރުވެ ނިމުމުން، ހަތަރު މީހުން އެކީ ކާރުގައި ހަފްލާ އޮތް ސުކޫލު ހޯލަށް ދިޔައެވެ.
***
“ރެޓީތަ؟ ޝެހޭ މެސެޖު ކޮށްފި ކާރަށް އެރި ވާހަކަ” ޒަޔާން އޭނާގެ ފޯނު ޖީބަށްލަމުން ވަސީމަށް ބަލައިލިއެވެ. ޕާޓީއަށް އަންނަ މެހެމާނުންނަށް މަރުހަބާކިޔުމަށް ހާއްސަކޮށް، ތައްޔާރުކޮށްފައި އިން އިސްޓޭޖުމަތީ މަޑުކޮށްގެން ވަސީމާއި މިއުވާންގެ އިތުރުން ރަޒާން ހުއްޓެވެ. އެ ހަތަރު މީހުންވެސް ތިބީ ކޯޓު ފަޓުލޫނު ލައިގެންނެވެ.
***
ވަސީމް މަޑުން ހުރިކަމުގައި ވިޔަސް އޭނާ ހާސްވެފައި ހުރިވަރު އެ ހަތަރު މީހުންނަށް އެނގުނެވެ. މިއުވާން ވަރަށް ނުވާކަމަށް ހެދި ވަސީމްގެ ޓައި ރަނގަޅުކުރަމުން ބުނެލިއެވެ.”ވަސީމް. މައި ބްރަދަރ. ކައިވެންޏަކީ %25 އޯގާތެރިކަން، %25 ކެތްތެރިކަން. ދެން ބާކީ %50 އަކީ އަނބި ގޮއްޔެއަށް ބުނާ ކޮންމެ އެއްޗަކަށް އެއްބަސްވުން ސޯ ނޯ ވޮރީސް.”
“މިއުވާން. ސާބަސް.” ޒަޔާން އެތަނުން މިއުވާން ފޮޅައިލިއެވެ. “މިއުވާން ބުންޏަކަސް، ތެދުވާނީ ތެދަށް.” ޒަޔާން މިއުވާންގެ ބަހަށް އެއްބަސްވިއެވެ.
“ކޮބާ އަޑުއިވޭތަ؟ އަހަރެމެން ހަތަރު މީހުންގެ ތެރެއިން އިނދެގެން ހުރި މީހާގެ ބަސް…”
މިއުވާންގެ ބަހަށް ހުއްޓުމެއް އައީ އެވަގުތު މާލަމުގެ ތެރެއަށް ވަދެގެން އައި ޝެހެނާ، މައިރާ އަދި ރޫޔާ ފެނިގެންނެވެ. ރޫޔާއަށް ރަޒާން ފެނި ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ރަޒާންވެސް ރޫޔާއަށް ވަކިން ހިނިތުންވެލިއެވެ. “ވަސީމް، ފަހަތަށް އެނބުރޭ. އޭރުން ޝަފަޤްއަށް މި ހޯލަށް ވެއްދޭނީ” މައިރާ ވަސީމަށް އަޑުއިވޭވަރަށް ބުނެލިއެވެ.
މައިރާގެ ބަހަށް ތަބާވަމުން ވަސީމް އެނބުރުނެވެ. މިހާރު އެނާ އެހުރީ އެމާލަމުގެ ދޮރަށް ފުރަގަސްދީގެންނެވެ. އޭނާ ފިޔަވައި ދެން ތިބި އެންމެން، މާލަމުގެ ތެރެއަށް ވަދެގެން އައި ޝަފަޤްފެނި ތަރުހީބުގެ ބަސްތައް އޮއްސައިލީ ވަކި އެޔެއް މިޔެއް ނުބަލައެވެ.
“ގުޑްލަކް” ވަސީމްގެ ކޮނޑުގައި ޖަހައިލަމުން، ރަޒާންމެން އިސްޓޭޖުގެ އެއް ފަރާތަށް ޖެހުނެވެ.
ވަސީމަށް ރަނގަޅަށްވެސް ޝަފަޤް އިސްޓޭޖަށް އެރިކަން އިހުސާސްކުރެވުނެވެ. އެނާގެ ހިއްސުތައް ކޮޅަށް ޖެހިފައިހުރި ހާލުގައިވެސް އިންތިޒާރުކުރެވެމުން ދަނީ ޝަފަޤްގެ އަޑަށެވެ.
“ވަސީމް، ދެން މިކޮޅު ބަލައި ލަބަލަ” ޝަފަޤް ލަދުން، އެހެނަސް އޯގާތެރިކަމާއެކު ބުންޏެވެ. ޝަފަޤްގެ އަޑަށް ވަސީމް މަޑުމަޑުން ޝަފަޤް ހުރި ފަޅިއަށް އެނބުރެވުނެވެ.
ޝަފަޤް އެ ކައިވެނީގެ ހުދު ހެދުން ލައިގެން ހުރެ ފެނުމުން ވަސީމަށް ކުރެވުނީ އެހެންކަހަލަ އިހުސާސްތަކެވެ. އެނާގެ ހިތުގައި ޝަފަޤަށް އޮތް ލޯބި އިހުނަށް ވުރެ ގަދަވިއެވެ. އެނާއަށް ލިބިފައިވަނީ ވަރުގަދަ ނަސީބެއްކަން ހަނދާންވެގެން ހިތާހިތުން އެތަކެއް ޝުކުރުގެ ދުޢާއެއް ކުރެވުނުއެވެ. ކުރެވުނު އިހުސާސްތަކުގެ ބޮޑުކަމުން ވަސީމްގެ ލޮލުން ކަރުނަ ނީރަލިއެވެ. ކަރުނަތައް ފޮރުވަން އޭނާ އެއްއަތުން ދެލޯ ވަންހަނާ ކުރިއެވެ.
“އައްދެ. ވަސީމް. ކަމެއް ވީތަ؟” ޝަފަޤްގެ މޫނުމަތިން ހާސްކަން ފާޅުވިއެވެ. ބޯ އަރިކޮށްފައިވެސް ވަސީމްގެ ހާލު ހުރިގޮތް އޭނާ ބަލަން އުޅުނެވެ.
“ނޫނޭ. ކުޑަކޮށް ރޮވިފަ. މާ އިމޯޝަނަލްވީ. ނުވާންވީ ކީއްވެ؟ ތިހާ ރީތި، ހިތްހެޔޮ އަނތްބެއް އަހަންނަށް މިލިބުނީ.” ވަސީމް މަޑުމައިތިރި ކަމާއެކު އެހެން ބުންޏެއް ކަމަކު، އެ އަޑުގައި ޝަފަޤްއަށް އޮތް ލޯތްބާއި އިހުތިރާމް ޚުދު ޝަފަޤަށްވެސް ނަގައިގަނެވުނެވެ. ވަސީމް ޝަފަޤްގެ ދެއަތް އެނާގެ އަތުތެރެއަށް ލުމަށްފަހު ޝަފަޤްގެ ގައިގައި ލޯބިން ބައްދައިލިއެވެ. އިސް އުފުލައިލުމަށްފަހު ޝަފަޤްގެ ނިތުގައި ބޮސްދިނީ އެނާގެ ލޮލުގައިވާ އުފާވެރިކަމުގެ ކަރުނަތައް މިންޖުކޮށްލަމުންނެވެ. ވަސީމްގެ އެ ލޯބިން ޝަފަޤްވެސް ނުރޮވި ހުރެވުނީ ކިރިޔާއެވެ.
***
ހަފްލާ ފެށެން އަދި 30 ވަރަކަށް މިނެޓް އޮތުމާއެކު، ޢާއިލާއާއި ރައްޓެހިން އުޅުނީ އަވަހަށް ދެމެފިރިންނާއެކު ފޮޓޯނެގުމުގައެވެ. އެކި ގޮތްގޮތަށް އާއިލާއާއެކު ފޮޓޯ ނެގުމަށްފަހު ދެން އޮތީ ގާތް ރަހުމަތްތެރިންނާއެކު ފޮޓޯ ނެގުމެވެ.
ފޮޓޯގްރަފަރގެ އިރުޝާދާ އެއްގޮތަށް އެންމެ ފުރަތަމަ ފޮޓޯ ނެގީ ވަސީމާއެއްކޮން ފިރިހެނުންނެވެ. ދެން އަންހެނުންނާއި އެކު ޝަފަޤްއެވެ. ވަކި ވަކިން ފޮޓޯ ނަގައި ނިމުމުން ފޮޓޯގްރަފަރ އެދުނީ އެންމެން އެކީ ފޮޓޯ ނަގަންށެވެ. ފޮޓޯގްރަފަރގެ އެދުމުން އަންހެންވެރިން ގޮނޑީގައި އިށީނދެ ތިބި އިރު، ފިރިހެންވެރިން ތިބީ އަންހެންވެރިންގެ ފުރަގަހުގައެވެ. ރަޒާން ނުވާކަމަށް ހެދިފައި ހުއްޓުނީ ރޫޔާގެ ފުރަގަހުގައެވެ. އެ ފޮޓޯ ނެގުމާއެކު ފޮޓޯގްރަފަރ އިރުޝާދު ދިނީ ދެން ނަގަން އުޅޭ ފޮޓޯއަށް ހުއްޓި ހުންނަން ޖެހޭ ގޮތެވެ.
“ސޯ…މިފަހަރު ކަޕުލްސް ޕެއަރ އަޕް ވާންވީ. ޒަޔާނާއި ޝެހެނާ ކަނާތް ފަރާތުގެ ފަހަތުގައި މަޑުކޮށްލާ. ދެން ބްރައިޑްގެ ބޭބެ ޝާއިފްގެ ކަޕުލް، ލެފްޓް ސައިޓް. ދެން…ދެން ތިބި ދެ ކަޕުލްސް، އެކަކު ޒަޔާނާއި ވަސީމެންގެ މެދަށް ވާގޮތަށް ފަހަތަށް. އަނެކަކު ޝާއިފްއާއި ވަސީމެންގެ މެދަށް ވާގޮތަށް.”
ފޮޓޯގްރަފަރ އެހެން ބުނުމާއެކު އެންމެން އެކަކު އަނެކަކަށް ބަލާލިއެވެ. ޝަފަޤާއި ވަސީމް ސްޓޭޖުގެ މެދުގައި ހުއްޓި ހުރެ، އެހެން މީހުންނަށް ބަލާލިއެވެ. އެވަގުތު ސްޓޭޖުގައި ޝެހެނާގެ ދެމަފިރިންނާއި، ޝަފަޤްގެ ބޭބެ ޝާއިފްގެ ދެމަފިރިން ފިޔަވައި އިތުރު ‘ކަޕްލް’ އެއް ނެތެވެ.
އެންމެން ވާނުވާ ގައި ހުއްޓައި، މީހެއްގެ ބަހަކަށް، ނަޒަރަކަށް ބެލުމެއްނެތި ރަޒާން ރޫޔާ ކައިރީ ހުއްޓުނެވެ. އަދި ރޫޔާގެ އަތުގައި ހިފައިގެން އެނާ ހިނގައިފައި ގޮސް ދެމީހުން ހުއްޓުނީ ޝެހެނާއާއި ޝަފަޤްގެ ދެމެދު، ފަހަތުގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


MA mi part vx varah varah reethi…
When next
Vrh reethi mi bai ves 😍😍
When’s next?
Vrh reethi mi bai ves