Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (3)

Thea reminisces
Thea reminisces Level 210 Stories
May 13, 2026 10 Mins Read
3 Comments

(ރި-އަޕްލޯޑް)

“ދުވަހަކުވެސް ނުދެނަ ހުރިން އަހަރެން ވާހަކަ ދައްކަނީ ތި އަޑުން ކަމެއް؟” ފަހަތުން އިވިގެން ދިޔަ އަޑާއެކު މައިރާގެ މުޅިމޫނުމަތިން ކުލަވަރު ފިލައިފިއެވެ. ފަހަތުގައި މިއުވާން ހުރިކަން ޔަޤީންވީ އެނާގެ ތިން އެކުވެރިން އެއްފަހަރާ، ލޮލުން މައިރާގެ ފަހަތަށް އިޝާރަތް ކުރުމުންނެވެ. ލަދުނުގަންނަންވެގެން މައިރާވެސް މިއުވާނާ ދިމާލަށް އެނބުރުނެވެ.

“ނޫނޭ…އެއީ މަށަށް އަޑު އިވޭގޮތް” އެއާއެކު އެފެށުނީ މައިރާއާއި މިއުވާންގެ ކޯޅުމެވެ.

“އޯހް. މިހާރު މައިރާގެ ކަންފަތްވެސް ސަކަރާތްވީތަ؟ އީ.އެން.ޓީ އަކަށް ދައްކަން އުޅޭ”

“ތި ކާކުތަ އަހަންނަށް ގޮތް ކިޔައިދެން؟”

ދެމީހުންގެ ޖަދަލަށް ހެކިވާން ތިބި ޝަފަޤް، ޝެހެނާ އަދި ރޫޔާ އެކަކު އަނެކަކަށް ބަލާފައި ބޯ ހޫރާލިއެވެ. މަކުނު ފިނދުން ވަލެއް ހުހެއް ނުވާނެއޭ ބުނާ ބީދައިން، މިއުވާންވެސް މައިރާވެސް ހުރީ އެކަކު އަނެކަކަށް ދޫކުރާ ގޮތަކަށެއް ނޫނެވެ. މާ ބޮޑަށް ކަންތައްތައް ބޮއްސުއްނުލަނީސް އަވަހަށް މިދެމީހުންގެ ކޯޅުމުގެ އަލިފާން ނިއްވާލަން ޝަފަޤް އުޅުނެވެ.

“މިއުވާން އެކަމު މިތާ ކީއްކުރަނީ؟” ޝަފަޤް އަހާލިއެވެ. ތެދެކެވެ. މިއުވާން ރަށުގައި އެހުރީ ކީއްވެ ހެއްޔެވެ؟ މިއުވާންވެސް ވަސީމްމެންނާއެކު ބޮއްކުރާއަށް އަރައިގެން އެކުރާކަމެއް ކުރަން ދިޔަކަން ޝަފަޤަށް އެނގެއެވެ.

“ހަތަރު މީހުން ވާހަކައަށް ގެއްލިފަ އިނީމަ ނޭނގޭނެ ކަމެއްވާކަމެއްވެސް. އިފުރީތު އަރައިގެން އަޔަސް ނޭނގޭނެ ކަންނޭނގެ.” މިއުވާން އެހެން ބުނެލުމަށްފަހު އެމީހުންގެ ކުރިމަތިން އެއްފަރާތަށް ޖެހިލިއެވެ. ދުރުން، މޫދުގައި އޮތް ބޮއްކުރާއަކުން ރަޒާނާއި ޒަޔާން ފުއްމަލައިގެން އެއްގަމަށް އަރަން އުޅުނުތަން އެ ހަތަރު އަންހެންވެރިންނަށް ފެނުނެވެ. ޒަޔާން އަތުގައި ފަރުމަސްކޮޅެއްވެސް ހުއްޓެވެ.

“މިރޭ ވަރަށް ކަންތައް އޮންނާނެ. ހަތަރު އުދަރެސް ފެނުޖެހުނީތި.” ޒަޔާން އަތުގައި ހުރި ފަރުމަސްކޮޅު ފެނިފައި ޝެހެނާ ބުނެލިއެވެ. އެނާ ވެލިގަނޑުން ތެދުވީ ޒާޝާ ޒަޔާނާ ދިމާލަށް ދުއްވައިގަތުމުންނެވެ.

“ތެދެއް. މަ ދާންވީ ކަންނޭނގެ ޝެހޭމެން ގެއަށް މިރޭ. ރޫ..މައި. ދެމީހުންވެސް އަންނަން އުޅޭ.” ޝަފަޤްވެސް ހިނގައިގަތީ ވަސީމް ހުރި ދިމާލަށެވެ. ރަޒާނަށް ރޫޔާ ފެނުނީ އެވަގުތުއެވެ. އެނާ ރޫޔާއަށް ބަލާލިއެވެ. އަދި ބޯޖަހައިލުމަށްފަހު ވަސީމްގެ ފަހަތުން ރަށަށް އަރައިގެން ދިޔައެވެ.

ރަޒާން ލޯމަތިން ގެއްލެންދެން ބަލަން ހުރި ރޫޔާ ކައިރިއަށް ދުވެފައި އައި މާއިޝާއައެވެ. އެއާއެކު ރޫޔާ މާއިޝާއަށް ބަލައިލިއެވެ. އެ ކުޑަ ކުއްޖާ ހުރީ ގަދައަށް ކުޅުމުގެ ސަބަބުން ދާހިތްލައި ފޯވެފައެވެ.

“މާއްކޮ ބަލާބަލަ. ބޮލުގައި ހުސް ވެލި” ރޫޔާ ކައިރީ މާއިޝާ މާނެވާލަމުން، އިށީނދުމާއެކު ރޫޔާ ބުނެލިއެވެ. އެނާ ބުނީވެސް ރަނގަޅެށެވެ. މާއިޝާގެ އިސްތަށިތަކު ތެރެއިން ވެލި ފުއްތަށް ފެންނަން ހުއްޓެވެ.

“މާއްކޮގެ މަންމަ ރޫދޮންތަ ނޮޅާލާނެ. ރޯސް ކުރަން ތައްޔާރު ކުރާ ކުކުޅެއްހެން” ރޫޔާ މާއިޝާ ގަޔާ ކައިރި ކޮށްލުމަށްފަހު އޭނާ މަޑުމަޑުން މާއިޝާގެ އިސްތަށިގަނޑުން ވެލި ފުއް ހޮވަން ފެށިއެވެ. ރޫޔާގެ ބަހަށް މާއިޝާއަށް ހެވުނެވެ. “ރޫދޮންތަ ކުކުޅަކަށް ވެގެންނު ފުރަތަމަ ކުކުޅެއްހެން ނޮޅާލެވޭނީ. ރޫދޮންތަ އަކީ ކުކުޅެއް ނޫނެއްނު.” މާއިޝާ ގައިގެ ވަރު ދޫކޮށްލަމުން ބުނެލިއެވެ. ޖެހޭ ވަޔާއި، ވެފައި ހުރި ވަރުބަލިން މާއިޝާގެ ލޮލަށް ނިދިއަންނަ ގޮތްވިއެވެ.

މާއިޝާގެ ހަބަރެއް ނުވެގެން ރޫޔާ މާއިޝާއަށް ނަޒަރު ހިންގާލިއިރު މާއިޝާ އޮތީ ނިދިފައެވެ. އެ މައުސޫމު މޫނު ފެނި ރޫޔާއަށް ހިނިތުންވެލެވުނީ ބޭ އިޙްތިޔާރުގައެވެ. އެނާ މާއިޝާގެ ބޮލުން ވެލި ފިލުވުން ހުއްޓައިލުމަށްފަހު މާއިޝާގެ ބޮލުގައި ލޯބިން ފިރުމާލިއެވެ. އެނާގެ ހިތުގައި މާއިޝާގެ މުސްތަޤުބަލަށާއި ރައްކާތެރިކަމަށްއެދި ހާސް ދުޢާއެއް ކުރެވުނެވެ. އެނާ ބޭނުންވަނީ މާއިޝާގެ ކުޑައިރުގެ ދުވަސްތައް ވީހާވެސް އުފާވެރިކުރުވާށެވެ. އޭނާހެން ތަހައްމަލު ކުރި އަނިޔާތަކަކީ ކޮން އެއްޗެއްކަން ނޭނގި ބޮޑުވާށެވެ.

ކަންދިމާކުރި ގޮތުން އަހުމަދު ކޮންމެވެސް ކަމެއް ކުރަން އުޅެފައި ގެއަށް ދާން ހިނގައިގަތީ އަތިރިންނެވެ. ވަކި ހިސާބަކުން ރޫޔާއާއި ނިދިފަ އޮތް މާއިޝާ ފެނި އެނާ ފިޔަވަޅުތައް އަވަސްކޮށްލީ އެދިމާލަށެވެ. އަޞްރު ނަމާދު ބަންގި ގޮވަން އުޅޭތީވެ އަހުމަދު މާއިޝާ އުރައިލައިގެން އަނެއްކާވެސް ގެއަށް މިސްރާބު ޖެހިއެވެ. ރޫޔާވެސް އެމީހުންގެ ފަހަތުން ގެއަށް ދިޔައެވެ.

ޢިޝާ ނަމާދުކޮށްގެން ރޫޔާ ދެޚިޔާލެއްގައި ހުރެފަވެސް ޝެހެނާގެ ގެއަށް ދިޔައެވެ. އޭރު އެގޭ ގޯތިތެރޭގައި ދަރު އަލިފާނުގެ ވަސް ހިފާލައިފައި ހުއްޓެވެ. އަލިފާންގަނޑު ކައިރީގައި ޒާޝާއާއި ވަސީމް އުޅޭތަން ރޫޔާއަށް ފެނުނެވެ. ކުޑަ ހިނިތުންވުމެއް އެމީހުންނަށް ހަދިޔާ ކޮށްލުމަށްފަހު، ރޫޔާ ސިޓިންރޫމް ކަޑަތުކޮށް ބަދިގެއަށް ވަދުނެވެ.

ކަމަކު ދާކަށް ނެތެވެ.

މިތަނުގައި ތިންވަނަ ބޮޑު ހަނގުރާމަ ނުހިނގާކަމެވެ.

“ރޫ…ތިހެންބަލަން ނުހުރެ ރަޒާންގެ އަތުން އެއް ފުއްގަނޑު އަތުލަބަލަ. އޭނާ މޮޅުވާންވެގެން އެއަށް ފެންއަޅާ އެ ފުއްގަނޑު ދިޔާ ކޮށްލާފި. ޒަޔާން…އާދޭ ބޭސް އަޅަން. އަތް ކަނޑައިގެން ގޮއްސަ އިރުވެސް ތި އަތްލީ ފުނޑައިފައި ހުރި ލޮނު މިރުސް އެއްޗަށް…. އަދިވެސް މޮޅުވާން އުޅޭތި. މިއުވާން!!..ތީ ލޮނު. ކަރާ ފަނި ގިރަން ލޮނެއް ނާޅާނެ. ލޮނާއި ހަކުރު ވަކި ކުރަން ދަސްކުރޭ ފުރަތަމަ.”

ޝެހެނާ ކަރުގެ ބުޑުން އެންމެންނަށް އަމުރު ހިންގަމުންދިޔައެވެ. ރޫޔާގެ ފަހަތުގައި ޝަފަޤާއި މައިރާ ހުއްޓިހުރެ ބަދިގޭގެ ‘ޝޯ’ ބަލަމުން ދިޔައެވެ.

“ޝެހޭ. މި ކިހިނެއް ވެގެން އުޅޭ ކަމެއްތަ؟” ޝަފަޤް ބަދިގެއަށް ވަންނަމުން އަހާލިއެވެ.

“ކިހިނެއްތަ ނުވެގެން މިއުޅެނީ؟ މަގޭ ބޮލުގައި ނުރަ ނުޖަހާކަން މި މީހުންނާ ހެދި. މޮޅު ހެދެން ވެގެން ތިމަންނަ މެންނޭ މިއަދު ކާން ތައްޔާރު ކުރާނީއޭ ކިޔާފަ ބަދިގެއަށް ވަދުނު މީހުންގެ ހާލަތު މިހުރީ” ޝެހެނާ ގާތަށް އައިސް ހުރި ރުޅިން މީހާ ހުލިނުވާކަމެވެ.

“އޭތް. އަލިފާންގަނޑު ތައްޔާރުވެފައި އެހުރީ. މަސް ފިހަން އުޅެން ވީނު” ވަސީމަށް ބަދިގެއަށް ބޯދިއްކޮށްލަން އެނގުނީ އެވަގުތުގައެވެ. ވަސީމް އެ އަޅައިލީ ޝެހެނާގެ ރުޅީގެ އަލިފާނަށް ދަރެވެ.

މުޅި ބަދިގެ ހަމަހިމޭންވީ ހަމަ ކުއްލިއަކަށެވެ. ހުރިހާ އެންމެންވެސް ބަލަން ހުރެވުނީ ޝެހެނާއަށެވެ. އެނާ ހުރިގޮތުން އެންމެންނަށްވެސް އެނާގެ ރުޅިގަނޑު ފަޅައިގެންދާން މާގިނަ ވަގުތެއް ނެތްކަން އެނގުނެވެ.

“ނަސީބެއްނު އަހަރެމެން އައިކަން” މައިރާ އެހެން ބުނެލީވެސް ރޫޔާގެ ކަންފަތާ ކައިރިވެލައިފައެވެ. އެހެނަސް އެ ބުނި އެތި ޝެހެނާގެ ކަންފަތަށްވެސް ފޯރިއެވެ.

“ނަސީބޭކޭ ކަތީބޭކޭ ނުކިޔާ ދެންވެސް މި މީހުން މަތަ ކުރަން އުޅެބަލަ!!”

ޝެހެނާގެ ބަހާއެކު ތިން އަންހެނުން ލުއްކެއްޖަހައިފައި އަވަހަށް އުޅުނީ ފިރިހެންވެރިންނަށް އެހީވުމުގައެވެ. މައިރާ އަތަށް އަންގި ލުމަށްފަހު މަސްތަކުގައި ލޮނު މިރުސްކޮޅު އުނގުޅަން ފެށިއެވެ. ޝަފަޤް އުޅުނީ ފަނި ގިރަންށެވެ. ޝެހެނާ، ޒަޔާން ގޮވައިގެން ބަދިގެއިން ނުކުތީ އަތުން ކަނޑައިގެން ގޮއްސަ އޮތް ދިމާލުގައި ބޭސް ބަލަން އަޅަންވެގެންނެވެ. ރޫޔާ ރަޒާން ކައިރީ ހުއްޓިލައިގެންހުރެ، ފުއްގަނޑު ރަނގަޅަށް މޮޑޭނެގޮތް ކިޔައިދިނެވެ. ދެމީހުން އުޅުނީ ދެ ބީރައްޓެހިން އުޅޭ ގޮތަށެވެ. މިއަދު ފަތިހު ވާހަކަ ނުދައްކާ ފަދައެވެ.

އެތި ކޮޅަކުން އެތި ކޮޅަކުން ފުށާއި ތެޔޮފޮދު އަޅަމުން އެންމެ ފަހުން ފުއްގަނޑު ރަނގަޅަށް މޮޑެވިއްޖެވެ. އަތުގައި ތަތްވެފައި ހުރި ފުއްކޮޅު ސާފުކުރަންވެގެން ރަޒާން ސިންކު ކައިރިއަށް ދިޔަވަގުތު ރޫޔާ އުޅުނީ ފުއްގަނޑު ގުޅަކުރުމުގައެވެ.

“ރޫޔާ ރޮށި ފިހަން އުޅޭ! އަހަރެން ރޮށި ދަމާނަން” ރޫޔާ ރޮށިދަމާ ގޮނޑި ނަގަން އުޅުނު ވަގުތު މިއުވާން އެހެން ބުނެލީ ގުޅަކޮށްފައި ހުރި ފުއްކޮޅުތައް ހުރި ތަށްޓަށް ބަލައިލަމުންނެވެ.

“އެހެން. މިއުވާނަށް އިނގޭތަ ރޮށި ދަމަން؟”

“ނޫން! އެކަމު ދަމަން ބޭނުން.” މިއުވާނަށް ރޮށި ދަމަން ނޭނގޭއިރު، ރޮށި ދަމަން އުޅޭތީވެ، ރޫޔާ މިއުވާނަށް ބަލައިލީ ތީ މޮޔައެއްހޭ އަހާ ނަޒަރަކުންނެވެ. އެހެނަސް މިއުވާން ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.

ރޮށި ފިހަން ބޭނުންކުރާ ތަވާއަކާއި ފަތި ހިފައިގެން އުނދުން ކައިރީގައި މަޑުކޮށްލި ރަޒާން ފެނި ރޫޔާއަށް ދެލޯ މަރައިލަން މަޖުބޫރުވިއެވެ. އަމިއްލަ ނަފްސު މޮޔަ ނުވަނީސް ހަމައަކަށް އަޅުވަން އޭނާ ދެތިންފަހަރު ފުންނޭވާތަކެއް ލިޔެވެ.

“ރަޒާން ރޮށި ފިހަން ދޯ؟. މައްސަލައެއް ނެތް. އެކަމަކު މަ ބުނާގޮތަށް ދެމީހުން ކަންތައްކުރަންވާނީ.” ރޫޔާއަށް އެންމެ ފަހުން ޖެހުނީ ރަޒާނާއި މިއުވާނަށް ރޮށި ދަމާށާއި ރޮށި ފިހަން ދަސްކޮށްދެންށެވެ.

“މިހެން ފުރަތަމަ ހަދާ. ފުއްގުޅަ ރީތިކޮށް ބޯޅަކޮށްލާ. ދެން ފުއް އަޅައިގެން މަޑު މަޑުން ދަމަންވީ. ރަޒާން އެހަށް މަޑުކުރޭ. މިއުވާނަށް ދެތިން ރޮށި ދެމުނީމަ ތަވާ ހޫނުކުރަން ޖައްސާނީ” ރޫޔާ ކެތްތެރިކަމާއެކު ދެމީހުން ހަދަންވީ ގޮތުގެ އިރުޝާދު ދެމުން ދިޔައެވެ. މިއުވާންވެސް ރޫޔާގެ އިރުޝާދަށް ބޯލަނބަމުން ރޫޔާ ކިޔައިދިން ގޮތަށް ރޮށި ދަމަމުން ދިޔައެވެ.

“އޭތް. ހާދަ ވައްކޮށޭ މިދެމުނީ.” ހަޔާތުގައި އަލަށް ދެމި ރޮށީގެ ބައްޓަން އެހާ ވައް ވުމާއެކު މިއުވާން އެ ރޮށި ނަގައި ބަދިގޭގައި ތިބި އެންމެންނަށް ދައްކާލިއެވެ. “ހޫން. ދެން އެންމެން އަތްތިލަބަޑި ޖަހަންވީ ދޯ؟” މައިރާ ރުންކުރު ރާގަކަށް ބުނެލިއެވެ. “މައިރާއަށް ވާނަމަ އެކަން ކުރޭ. ކޮންމެހެން މައިރާ އަތްތިލަބަޑި ނުޖަހައިގެން މަށެއް ދެރައެއް ނުވާނެ” މިއުވާން އެ ރޮށި ތަށީގެ ތުންފަތްމަތީ ބާއްވާލަމުން ބުނެލިއެވެ. މިއުވާން އިތުރު ދެތިން ރޮށި ދެމުމުން ރޫޔާ ތަވާ ހޫނު ކުރަން އުޅުނެވެ. ރަނގަޅަށް ތަވާ ހޫނު ވުމުން އެނާ ރަޒާނަށް ބަލައިލިއެވެ.

“އަތް ދޮވެގެން ތިހުރީ؟” ރޫޔާގެ ސުވާލަށް ރަޒާން ބޯޖެހުމުން ރޫޔާ ރަޒާންގެ އަތަށް ރޮށްޓެއް ލައިދިނެވެ. “ދެން ތި ތަވާ މައްޗަށްލާ. މިހެން” ރޫޔާ ރަޒާނަށް، ރޮށި ތަވާ މައްޗަށް ލާންވި ގޮތް ކިޔައިދިނެވެ. ރޫޔާ ބުނި ގޮތަށް ރަޒާން އެކަން ކުރިއެވެ. ރޮށި ފިހަން ހަދަންވީ ގޮތް ކިޔައިދިނުމަށް ފަހު ރޫޔާ އެއްފަރާތަކަށް ޖެހިލިއެވެ. ދެ ފިރިހެނުންނަށް ރޮށި ދަމާއި ފިހަން ދޫކޮށްލިއެއްކަމަކު އޭނާ އެތަނުން ދުރަށް ނުދިޔައީ އެމީހުން އޭނާގެ އެހީ ފަހަރެއްގައި ބޭނުންވެދާނެކަމަށް ހީކޮށްގެންނެވެ.

 

ރޮށި ދަމާފިހެ ނިމުމުން ދެ ފިރިހެނުން އަވަސްވީ ތަން ސާފުކުރަންށެވެ. އުނދުން މައްޗާއި ޝީޓުމަތި ސާފުކުރުމަށްފަހު އެ ދެމީހުން ދެން އުޅުނީ ބޭނުންކުރި ތަވާއާއި އެހެނިހެން އެއްޗެހި ދޮވުމުގައެވެ. އޭރު މަސްތައް ގާތްގަނޑަކަށް ފިހެ ނިމެނީއެވެ. މަސް ފިހެވުމާއެކު އެންމެން ކެއުމަށް އަވަސްވެގަތެވެ. ޝަފަޤް ތައްޔާރުކުރި ޖޫހުން، ފިހުނު މަހުގެ ކުޅި ފިލުވަމުން އެކަކު އަނެކަކާ ސަމާސާކުރަމުންނެވެ. ދައްކަމުން ދިޔަ ވާހަކައިގެ މަޢުޟޫއަކީ ޝަފަޤާއި ވަސީމްގެ ކައިވެނީގެ ވާހަކައެވެ. އަދި ބޯމަތިވަމުން އަންނަ ޢީދުގެ ވާހަކައެވެ.

އެހެން މީހުން ވާހަކައަށް ގެއްލިފައި ތިބިއިރު، ރަޒާންގެ ނަޒަރު ހަރުލައިފައިހުރީ ރޫޔާއަށެވެ. ރޫޔާވެސް ދޭތެރެއަކުން ރަޒާނަށް ބަލާލައެވެ. އަދި އެ ދެމީހުން ހަތަރު ކަޅި ހަމަވާ ކޮންމެ ފަހަރަކު ރަކިވެފައި ރޫޔާއަށް، އެނާގެ ނަޒަރު އެހެން މިސްރާބަކަށް ގެންދެއެވެ. އޭނާއަށް އިންތިޒާރު ކުރެވެނީ މާދަމާ އެ ދެމީހުން ދިމާވާނެ ގަޑިއަކަށެވެ.

ޖެހިގެން އައި ދުވަހު ރޫޔާ ފަތިސް ނަމާދުކޮށްގެން، ރަށުގެ އިރުމަތި ފަރާތު އަތިރިމައްޗަށް ދިޔައީ ދުވެފައެވެ. ބައްދަލުކުރަން ނިންމައިފައިވާ މަންޒިލަށް ވާސިލްވުމާއެކު އޭނާގެ ދުވުން، ހިނގުމަށް ބަދަލުކޮށްފައި ފަސްގަނޑުގައި އިށީނދެލިއެވެ.އޭނާއަށް އާދެވުނީ ރަޒާނަށްވުރެ ކުރިންނެވެ.

މާގިނައިރެއް ނުވެ، ރަޒާން ލަސް ދުވަމެއްގައި ދުވަމުން އައިސް އެތަނަށް ހުއްޓުނެވެ. ކުރިންހެން ރޫޔާގެ ކައިރިން އޭނާ ހުއްދައަށް އެދުމަށްފަހު ވެލިގަނޑުގައި އިށީނދެލިއެވެ.

“ބާއްޖަވެރި ހެނދުނެއް.” ރޫޔާ ރަޒާނަށް ކުޑަ ހިނިތުންވުމެއް ދިނެވެ.

“ރޫޔާއަށްވެސް ބާއްޖަވެރި ހެނދުނެއް” ރަޒާން އެނާގެ ޓްރެކްސޫޓުން ފޯނު ނަގަމުން ބުނެލިއެވެ. ފޯނަށް އިރުކޮޅަކުން ބަލަން ހުރެފައި އޭނާ ފޯނު ތިރިކޮށްލިއެވެ.

“ރޫޔާ ކީއްވެ އަބަދު އިސްތަށިގަނޑު ތިގޮތަށް ހުޅި ޖަހާފަ ބަހައްޓަނީ؟” ރަޒާން ވާހަކައެއް ފަށާލިއެވެ. ދެމީހުންގެ ވާހަކައިގެ ރާގު ހުރި ގޮތުން އެދެމީހުންނަކީ ބީރައްޓެހިންނެކޭ މިހާރު ނުބުނެވޭނެއެވެ.

“އެއީ…ދޯ. އަސްލު އަހަރެންގެ އިސްތަށިގަނޑު ވަރަށް ދިގުވާނެ. ދިގުކަމުން އަބަދު އިށީނދެވެނީ އިސްތަށިގަނޑުގެ ބުޑުގައި. ދެން އޮންނަނީ ބޮލަށް ވާން ވެފަ. އެހެން ވެ” ރޫޔާ މޫދަށް ބަލަމުން ޖަވާބު ދިނެވެ. ރޫޔާ ވެސް އުޅުނީ ރަޒާން ގާތު ސުވާލެއް އަހަންށެވެ. އެހެނަސް ރަޒާނުގެ ފޯނަށް މެސެޖެއް އައުމާއެކު ވައިބްރޭޓް ވި އަޑަށް ރޫޔާ ކުރަން އުޅުނު ސުވާލުނުކޮށް މަޑުކޮށްލިއެވެ.

ރަޒާން ފޯނުނަގައިފައި އެ މެސެޖަށް ޖަވާބު ދޭ މަންޒަރު ރޫޔާ ބަލަން ހުރިއެވެ. އެ ފިރިހެންވަންތަ މޫނަށް އުޖާލާ އަލިކަމެއް އައިކަން އެނާއަށް ފާހަގަ ވިއެވެ. އެ މެސެޖުކުރީ ފަހެ ކާކު ހެއްޔެވެ؟ އަންހެނެއް ހެއްޔެވެ؟ ރޫޔާގެ ހިތަށް ކުޑަ ނުތަނަވަސްކަމެއް ސަވާރުވިއެވެ.

“ސޮރީ. އަހަރެންގެ ބައްޕަ މެސެޖު ކުރީ.” ރަޒާން ރޫޔާގެ މޫނަށް ބަލާލިއެވެ. ރޫޔާ ވިސްނީ ކޮންއެއްޗެއް ކަން އެމޫނުގައި ލިޔެވިފައިވާހެނެވެ.

“އޯހް. އެހެންދޯ”

“ހޫމް. ބައްޕަ ވަރަށް ގުޅާނެ އަހަންނަށް. ” ރަޒާން ހިތާހިތުން ރޫޔާއާ ދިމާކުރަން ބޭނުންވި ކަމުގައި ވިޔަސް އެ ފަދަކަމަކަށް މާ އަވަސްކަން އެނާގެ ހިތަށް ވިސްނައިދިނެވެ.

“ދެން ނުހުރޭތަ އިތުރު އެއްބަނޑު އެއްބަފާ ކުދިންނެއް؟”

“ނޫން. ހުރޭ. ފިރިހެން ކޮއްކޮއަކާއި އަންހެން ކޮއްކޮއެއް. ފިރިހެން ކޮއްކޮއަށް 20. އަނެކަކަށް 15. އެކަމަކު ބައްޕަ ބަލިވި ފަހުން ޢާއިލާގެ ހުރިހާ ކަމެއް އަހަރެން ބަލާތީވެ ބައްޕަ ގުޅާނެ އެހެން ދޭތެރެ އަކުން ޚަބަރު ދަބަރު ހޯދަން. ރޫޔާގެ ޢާއިލާ އޮންނަނީ ކިހިނެތް؟” ރަޒާން އެނާގެ އާއިލާ ތަފްސީލުކޮށްދިނެވެ.

“އަހަރެން ހުރޭ މަންމަ. ދެން ވާފިރު ބައްޕައަކީ އަސްލު ރޫޔާގެ ދޮން ބައްޕަ. އަހުމަދު ދޮންބެ އަކީ ރޫޔާގެ ދޮން ބޭބެ. މަންމައާއި ވާފިރު ބައްޕަގެ ކައިވެންޏަށް ރަހާ ލިބުނީ. ދެން ދޮންބެ މެރީ ކޮށްގެން އުޅެނީ ހަތުމާ ދޮންބެދައްތައާ. އެ ދެމީހުންގެ ކައިވެންޏަށް މާއިޝާއާއި މާއިޝް ލިބުނީ. ދެން އަހަރެންގެ އަސްލު ބައްޕައަށް ކިޔަނީ އިސްމާޢިލް. ބައްޕަ އެހެން ރަށެއްގެ އުޅެނީ. އެރަށުގެ ކޮންމެވެސް ބޯޓެއްގައި މަސްވެރިކަން ކުރަން. އެ ބައްޕަގެ ހުރި ހަމައެކަނި ޢާއިލާ، ހަމައެކަނި ދަރިއަކީ އަހަރެން. އެހެންވެ ވަރަށް ގުޅާނެ.” ރޫޔާގެ ތުންފަތުގައިވަނީ ލުއި ހިނިތުންވުމެކެވެ. ގާތުގައި އިސްމާޢިލް ބައްޕަ ނެތަސް، އެ ބައްޕައާ މެދު ވާ ފަޙުރު އޮތީ ނިކަން ހާމަކޮށް އެ މޫނުމަތިން ފެންނަންށެވެ.

“އެހެންތަ. އަހަރެންގެ ބައްޕަ ވަރަށް ގުޅާ މިހާރު. ކުރިން ބަލާފަ މާގިނައިން. ވެދާނެ ރާއްޖޭން ބޭރުގައި ހުރީމަކަމަށް. މާ ބޮޑަށް ދޮށީ ފިރިހެންދަރި މަތިން ހަނދާންވަނީ ކަންނޭނގެ”

“ރާއްޖެއިން ބޭރުގައި؟”

“ހޫމް. މެލޭގައި. ބައްޕައަކީ އަނެއްހެން ބަލި މީހެއް. ޑައިލޭޓެޑް ކާޑިއޯމަޔޯޕެތީ އިނގޭތަ؟”ރަޒާންގެ ސުވާލަށް ރޫޔާ ބޯޖަހާލިއެވެ.މެޑިކަލް ސްކޫލްގައި ރޫޔާ އެބަލީގެ ވާނުވާ ދަސްކުރިއެވެ. އެއީ ވަރަށް ނާޒުކު ހިތުގެ ބައްޔެކެވެ. އެ ބަލީގައި، ހިތުގެ ވާތު ވެންޓްރިކަލް ފުޅާވެ ވާން ވުމުގެ ސަބަބުން ހިތުގެ ފާރުތައް ތުނިވެ ހަށިގަނޑަށް ރަނގަޅަށް ލޭ ފޯރުކުރަމަށް ދަތިވެއެވެ.

“ވަރަށް ސީރިއަސް ކޮންތަ؟” އެ ބަލީގެ ނުރައްކާތެރިކަން ރޫޔާއަށް އެނގޭތީވޭ އޭނާ ރަޒާނަށް ހަމްދަރުދީވިއެވެ.

“ނޫނޭ…ބައްޕަ އަނެއްހެން ރަނގަޅު. ބޭސްވެސް ކައިގެން އުޅެނީ. އަސްލު ބައްޕައާއި ޢާއިލާ ދޫކޮށްފަ އަންނާކަށް ބޭނުމެއް ނުވޭ. އެކަމު ބައްޕަ ބުނީ އަހަރެން މާ ބޮޑަށް ވަޒީފާގެ ކަންތައްތަކުގައާއި އާއިލާގެ ކަންތައްތަކުގައޭ އުޅެނީއޭ. ރައްޓެހިންނަށް ވަގުތުވެސް ނުދޭއޭ. ބައްޕަ ބޭނުންވީ އަހަރެން އެހުރިހާ ކަމަކުން ޗުއްޓީއެއް ނަގައިގެން ވަސީމްގެ ކައިވެންޏަށް ހާޒިރުވާން. ދިރިއުޅުމަކީ ހަމައެކަނި ވަޒީފާއަށާއި އާއިލާއަށް މުޅި ހަޔާތް ހުސްކޮށްލުމެއް ނޫންދޯ. އެހެން ކަންތައްތައްވެސް ތަޖުރިބާ ކުރަން ޖެހޭނެތާ. އެކަމަކު މިރަށަށް މިއައީ ހަމައެކަނި ބައްޕަމެން ކިޔައިގެންނެއް ނޫން. އެނގޭ. ވަސީމްއަކީވެސް އަހަރެންގެ ގާތް އެކުވެރިއަކަށްވާތީވެ. މަ ހަމަ އަސްލަށްވެސް ހުރީ ވަސީމްގެ ކައިވެންޏަށް އަންނަންވެގެން އިނގޭ” ރަޒާން ކިޔައިދިނެވެ. އެއާއެކު ފެށުނީ އެހެން މަޢުޟޫއަކަށް ވާހަކަ ދައްކަންށެވެ. އެގޮތަށް ވަގުތު ހިނގަމުންދިޔައީ ދެމީހުން އެކަކު އަނެކަކު ދަސްކުރަމުންދަނުކޮށެވެ. ދުނިޔެވެސް އެމީހުންނަށް ހަމަހިމޭންވެފައިވާ ފަދައެވެ. އިރުވެސް އެރީ ދެމީހުން އެކަކު އަނެކަކު ދަސްކުރަމުން ދަނިކޮށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ހައްޖު ދުވަސް އަތުވެއްޖެއެވެ. ހައްޖުދުވަހުގެ ރޯދަ ވީއްލުމަށްފަހު ރޫޔާ އަވަސްވެ ގަތީ ޝަފަޤްގެ ކައިވެނީގެ ހަފްލާއަށް ތައްޔާރުވާށެވެ.

މަޑު ފިޔާތޮށިކުލައިގެ އަތްދިގު ގަމީސް ހެދުމަކާއި ހަމަ އެކުލައިގެ ދިގު ސްކާޓެއް ލައި، ރީތިވެ ނިމިގެން ރޫޔާ ސިޑިން ފޭބިއިރު ދޮރުމަތީގައި މައިރާ ހުއްޓިހުރިއެވެ. ދެމީހުންވެސް އަވަސް ފިޔަވަޅުތަކެއް އަޅަމުން ޝަފަޤްމެންގެއަށް ވަދުނެވެ. އޭރު ޝަފަޤާއި ވަސީމްގެ އާއިލާގެ އެކި މީހުން އެގޭތެރޭ ތޮއްޖެހިފައި އޮތެވެ. މީހުންގެ ތެރެއިން ކޫއްތެމުން ރޫޔާމެންނަށް އެންމެ ފަހުން ޝަފަޤްގެ ކޮޓަރި ދޮރުމައްޗަށް ވާސިލްވިއެވެ. އަވަސް އަވަހަށް އެކޮޓަރިއަށް ދެމީހުންވަދެ ދޮރު ތަޅުލިއެވެ. އޭރު ޝެހެނާއާއި ޝެހެނާގެ ކޮއްކޮ ޝުޢާ އުޅުނީ ޝަފަޤް ރީތިކުރުމުގައެވެ. ވަޒީފާއަކަށް ނުގޮސް، ޝެހެނާ ގޭގައި ދަރިން ބަލައި ބޮޑުކުރަން މަޑުކޮށްގެން ހުއްޓެއްކަމަކު، އެނާއަކީ އެކި އެކި ކަހަލަ ކަންތައްތައްކުރުމުގެ ހުނަރާއި ފަންނު ލިބިފައިވާ އަންހެނެކެވެ. އެނާވަނީ އެކި އެކި މޭކަޕް ކޯހަކާއި، ފަހާ ކޯހަކާއި ބޭކިން ކޯސް ވެސް ހަދާފައެވެ. ދުރާލައި އެނާކައިރީގައި އެކި ކަންކަން ކޮށްދޭން އެދުމުން، ނުލާހިކު ފުރިހަމަކަމާއެކު ޝެހެނާ އެކަންކޮށް ނިންމާލައެވެ.

“ބަލާބަލަ. އަހަރެމެންގެ ލޯބި ޝަފް. ހަމަ އެންމެ ރީތި ބްރައިޑް ތީ” މާއިރާ ފެންކަޅިވެ ހުރެ ބުނެލިއެވެ. ތެދެކެވެ. ޅައިރުން ސުރެ އެކުގައި އުޅެމުން އައި އެކުވެރިޔާ އެއުޅެނީ ހަޔާތުގެ އާބަބެއް ފަށަންށެވެ. އާ ދިރިއުޅުމެއް އާރާސްތުކުރަން ފައި ކުރުކުރަނީއެވެ.

“ޝަފް.” ރޫޔާ ކުރިއަށް ޖެހިލީ ޝަފަޤް އެނާ އިށީނދެއިން ގޮނޑިން ތެދުވުމުންނެވެ. “އަހަރެންގެ ދުޢާއަކީ ތި ދެމީހުން އަބަދުވެސް އުފަލުގައި އުޅެން.” ރޫޔާ އެނާގެ އަތުގެތެރެއަށް ޝަފަޤްގެ އަތް ގެނައެވެ. ” މިއަދަށްފަހު ޝަފްއާއި ވަސީމަކީ އެކައްޗެއް. ތިއުޅެނީ ދެމީހުން އެކީ ދިރިއުޅުމެއް ބިނާކުރަން. އެކަމަކު އެއީ އެހާ ފަސޭހަކަމެއް ނޫން. ކައިވެންޏަކަށް ދުވަހަކުވެސް ލޯތްބެއް ނުފުދޭނެ. ކައިވެންޏެއް ދެމެހެއްޓޭނީ އެކަކު އަނެކަކަށް އޮންނަ އިތުބާރެއްގެ ސަބަބުން. ކިތަންމެ ލޯބިވިޔަސް އިތުބާރު ނެތްހާތާކު އެ ގުޅުމެއް ދިގު ދެމިގެނެއް ނުދާނެ، އެހެންވެ އެކަކު އަނެކަކާ ދެމެދު ކަންކަމާ މަޝްވަރާކޮށް، ކަންތައްތަކުގެ މައްޗަށް ކެތްތެރިވާންވީ. ދެމީހުންގެ ސިއްރުތައް ރައްކާކުރަންވީ. އަހަރެމެން އެންމެންވެސް ބޭނުންވަނީ ޝަފަޤް އުފަލުގައި ހުންނަން. ދިމާވާ ހިތާމަތަކުން ކެތްތެރިކަމާއެކު އަރައިގަންނަން މަސައްކަތް ކުރާތި” ރޫޔާ ހުރީ ނުރޯންވެގެންނެވެ. އެކަމަކު ޝަފަޤް ރޫޔާގެ ގައިގައި އޮޅުލައިގަތުމުން ރޫޔާއަށްވެސް އުފަލުން ރޮވުނެވެ.

ޝަފަޤް، މައިރާއާއި ޝެހެނާގެ އަތަށް ދަމާލައި އެނާ ގާތަށް ގެނައި، އެ ބައްދާލުމުގައި އެ ދެމީހުންވެސް ބައިވެރިކުރުވަންށެވެ.

“ރޫ އެބުނީ ތެދެއް. ކައިވެންޏަކީ ބަލާބެލުމުން ފަސޭހަ އެއްޗަކަށް ވެދާނެ. އެކަމަކު ކައިވެނީގައި ދެމިތިބުމަކީ އެހާ ފަސޭހަކަމެއްނޫން. އެކަކު އަނެކަކުގެ ސިއްރުތައް އެހެން މީހުންނަށް ވަންހަނާކުރާތި. ޝަފަޤްގެ ދިރިއުޅުމުގައި ކަމެއް ދިމާވެއްޖެނަމަ ހަނދާންކުރާތި ޝަފަޤްގެ ފިރިއެއްވާކަން. ތި ދެމީހުންނަކީ މިއަދުން ފެށިގެން އެކަކު އަނެކަކުގެ ބައިވެރިޔާ. އެންމެ ގާތް އެކުވެރިޔާ. އެކަން އަބަދުވެސް ހަނދާންކުރައްޗޭ” ޝެހެނާވެސް ނަސޭހަތްތެރިވިއެވެ.

***

އިސާހިތަކު ޝަފަޤާއި ވަސީމްގެ އަޤުދުގެ މަރުހަލާ ފެށިއްޖެއެވެ. ދެ ހެކިވެރިންނަށް ތިބީ ރަޒާނާއި ޒަޔާނެވެ. ރޫޔާއަށް ރަޒާން ފެނުމާއެކު އޭނައަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ރަޒާން ހުރީ ކަޅު ގަމީހެއް ލައިގެންނެވެ. ކަޅު ފަޓުލޫނުގެ ތެރެއަށް ހުރީ ގަމީސް ބެގީކޮށްލައިފައިއެވެ. އެހެން ރަޒާން ހެދުންއަޅައިގެން ފެންނަން ހުރުމުން ރޫޔާއަށް، ހާޒިރުވެފައިވާ އެންމެންގެ ތެރެއިން ރީތިވީ ރަޒާނެވެ.

ކައިވެނީގެ ޣާޒީ ކައިވެނި ފެށުމުގެ ގޮތުން، ކައިވެނީގެ މުހިންމުކަމާއި ދެމަފިރިންގެ ހައްގުތަކާ ޚުތުބާ ކިޔައިދިނެވެ. އެއާއެކު ޣާޒީ އަނބިގަބޫލުކޮށްފިތޯ އެހުމުން ވަސީމް އަނބި ޤަބޫލޭ ބުނެލިއެވެ. ދުރުގައި މީހުންތަކުގެ ތެރޭގައި ތިބި ތިން އެކުވެރިންނަށް ހިނިތުންވެލެވުނީ ބޭ އިޚްތިޔާރުގައެވެ. މައިރާއަށް ހުރެވުނީ ރޮވިފައެވެ. އުފަލުންނެވެ. އެނާގެ ކަރުނަތައް ފޮރުވުމަށް އޮތީ ރޫޔާގެ ކޮނޑުމަތީ ބޯ އަޅައިގެންނެވެ.

ކައިވެނިކުރެވުނު ދެމަފިރިންނާއެކު ފޮޓޯނަގަން އެކި މީހުން އުޅުނެވެ. ދެމެފިރިންގެ އާއިލާ މީހުން ފޮޓޯ ނަގައިނިމުމުން ތިން މީހުން ޝަފަޤްމެން ގާތަށް ޖެހިލިއެވެ. އެ ދަނޑިވަޅުގައި މިއުވާންވެސް އަލަތު ދެމެފިރިންނާއެކު ފޮޓޯނަގަން ކައިރިވެލިއެވެ. ވަސީމްގެ ކައިރީގައި ޒަޔާން، މިއުވާން އަދި ރަޒާން ފޮޓޯއަށް ހުއްޓުނެވެ. އަދި ޝަފަޤް ގާތު ޝެހެނާމެން ހުއްޓުނެވެ.

ފަތިސްނަމާދުގެ ބަންގި ގޮވުމުގެ އެއް ގަޑިއިރު ކުރިން ރޫޔާއާއި ރަހާ ނިދިން ތެދުވިއެވެ. މޫނު ދޮވެލައިގެން ދެމީހުން ބަދިގެއަށް ވަދެވުނު އިރު ހަލީމާއާއި ހަތުމާ އުޅުނީ ބޮކިބާ ތައްޔާރުކުރުމުގައެވެ. ރަހާ އަތްލީ މަސްރޮށްޓަށް ފުއްގަނޑު މޮޑޭށެވެ. ރޫޔާ އަވަސްވެގަތީ ކޭކު އެޅުމަށެވެ. ހަތަރު މީހުންވެސް ބަދިގެއިން ނުކުމެވުނު އިރު، އަދި އިރު އަރަން ވަގުތުކޮޅެއް އޮތެވެ. އަވަސްއަވަހަށް ވުޟޫކޮށްލައިގެން ފަތިސް ނަމާދުކުރަން އެންމެން އުޅުނެވެ.

އިރު އެރުމާއެކު ގޭ އެންމެން އަވަދިނެތިގެން އުޅުނީ، ޢީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި ބައިވެރިވުމަށް ތައްޔާރުވުމަށެވެ. އެންމެން ތައްޔާރުވެ ނިމުމުން، އެ ޢާއިލާ، ޕިކަޕުގައި ބޮޑު ޖަމާޢަތަށް ދިޔައެވެ.

އީދު ނަމާދާއި ޢީދު ސަލާމް ކުރުމަށްފަހު ޕިކަޕުގައި އެންމެން އެކިއެކި ތިމާގެ މީހުންގެ ގެއަށް ދިޔައެވެ. ތިމާގެ މީހުންގެ އެކިގެޔަށް ޒިޔާރަތްކޮށް ނިމިގެން، ވާފިރުގެ އެ ކުޑަ އާއިލާ އަނބުރާ ގެއަށް އައި ވަގުތު، އެގެޔަށްވެސް އެކި އެކި މެހެމާނުން ޢީދު ސަޔަށް އައެވެ.

ޢީދު ސަޔަށްފަހު ރައްޓިއްސެއްގެ ގެއަށް ދާންވެގެން ރަހާ ގޯތިން މަގަށް ނުކުތް ވަގުތު، މީހަކު އެއްލި ފެންކޮތަޅު އޭނަގައިގައި ޖެހުނެވެ. އެއަޑަށް ރޫޔާ، ރަހާ ހުރި ދިމާލަށްބަލާލިއެވެ. ކުޅި ފެށުނީކަން އެނގުމާއެކު ފިލަފިލައިގެން ރޫޔާ ގެއިން ނުކުތީ ހަބިއްތަ ގެއަށް ދާންވެގެންނެވެ. ވަކި ހިސާބަކުން އޭނާ ފިލައިގެން އުޅޭކަން ބަޔަކަށް ފަޅަ އެރިއެވެ. އަތު ނުވާންވެގެން ގައިގައި ހުރި ބާރެއް ލައިފައި ރޫޔާ ދުއްވައިގަތުނެވެ. އޭރުވެސް ބައެއް މީހުން ރޫޔާ ތެތްމާލަންވެގެން ފެން ޕެކެޓުތައް، ރޫޔާގެ ގަޔާ ދިމާލަށް އުކަންފެށިއެވެ. އެމީހުންނަކަށް އެކަން ކާމިޔާބުވި ގޮތެއް ނުވިއެވެ. ރޫޔާ އެމީހުންގެ ހަމަލާއިން ރޭކެމުން ހަބިއްތަގޭ ގޯތި ތެރެއަށް ވަދުނެވެ. ރޫޔާގެ ފަހަތުން ބައެއް މީހުން އެ ގޯތި ތެރެއަށް ވަދުނެވެ. އެމީހުން އެގޭ ގޯތިތެރެއަށް ވަދެވުމާއެކު އެކި ދިމަދިމާލުން އައި ފެން ޕެކެޓްތަކެއް އެމީހުންގެ ގައިގައި ޖެހިފައި ފަޅައިގެން ދިއެވެ.

މިއުވާން، ވަސީމް، ޒަޔާން އަދި ރަޒާން އެހެން ފިރިހެނުންނާ ބައިވެރިވެލައިގެންވެސް ފެންކުޅި ރޭހުގައި އުޅުނެވެ. ޒަޔާންގެ ކައިރީގައި ކުޑަ ޒާޝާވެސް މަޖާވެގެން އުޅުނެވެ.

“ބައްޕިއާއި ޒާޝް ވެގެން ދޯ މަންމި ތެންމާލާނީ” ޒަޔާން ޒާޝާގެ އަތަށް ފެންކޮތަޅެއް ދެމުން ބުނެލިއެވެ.

ވަސީމްގެ އިރުޝާދާ އެއްގޮތަށް ރަޒާން ހުރީ އެމީހުންނާ ތަންކޮޅެއް ފަހަތުގައެވެ ދެން ތިބި ތިން މީހުން ކުރީގައި އެކި އެކި މަގުތަކަށް ލަނބަމުން ހިނގަމުން ދިޔައެވެ. އެހެން އެޅި ގޯޅިއެއްގެ އެއްފަރާތުގައި ބޮޑު ބަނބުކެޔޮ ގަހެއް ހުއްޓެވެ. ބޯ ފަތްތަކާއި ގޮފިގަނޑުތަކުގެ ތެރެއިން އަންހެން ކުއްޖެއް ފެނުނުހެން ރަޒާނަށް ހީވިއެވެ. ނޫނޭއެވެ. ޔަޤީންވިއެވެ. އެ އަންހެންކުއްޖާއަކީ ކާކުކަންވެސް އެނާއަށް އެނގުނެވެ.

 

ޝަފަޤާއި ޝެހެނާގެ ރޭވުމުގެ ދަށުން ރޫޔާއަށް ޖެހުނީ ފެންކޮތަޅުތައް ހިފައިގެން ބަނބުކެޔޮގަހަށް އަރަންށެވެ. ފެން ޕެކެޓްތައް އަޅައިފައި ހުރި ކޮތަޅު އެއް އަތުން ހިފައިގެން ހުރެ އެނާ ތައްޔާރުވީ އެމަގުން ހިނގަމުން ދިޔަ ވަސީމްމެން ގަޔަށް އެ ކޮތަޅުތައް އެއްލަންށެވެ. އެހެނަސް އެނާ އެއްލިކަޅިއަކުން ފެނުނު މަންޒަރުން އެނާގެ މޭގަނޑު އަތަށް ނޭރީ ކިރިޔާއެވެ.

އެނާ އަރައިގެން ހުރި ގޮފިގަނޑާ ތަންކޮޅެއް ދުރު ގޮފިގަނޑުގެ މައްޗަށް އަރައިގެން އެނާއަށް ބަލަން އެހުރީ ރަޒާނެވެ. ކުއްލިއަކަށް ރަޒާން ފެނުމާއެކު ސިހުނު ވަރުން އަތުގައި އޮތް ފެން ކޮތަޅުތައް އަޅައިފައި އޮތް ބޮޑު ކޮތަޅު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އެ އަޑު ވަސީމްމެންނަށްވެސް އިވުނެވެ. އެކަމަކު އެމީހުންނަށް ކަމެއް ކުރެވުމުގެ ކުރިން އެކި ދިމަ ދިމާލުން ޝެހެނާމެން ނުކުމެ ފެން ކޮތަޅުތައް އުކަން ފެށިއެވެ.

ވަސީމްމެން އެމީހުންގެ ހާލަތަށް ދޫކޮށްލުމަށްފަހު، ރަޒާން އެއްގޮފިގަނޑުން އަނެއް ގޮފިގަނޑު ކަޑަތުކުރަމުން، ރޫޔާއާ ދެމެދު ހުރި ދުރުމިން ކުޑަކުރަމުން ދިޔައެވެ. ރޫޔާއަށް ރަޒާންގެ އަތުގައި ހުރި ފެން ކޮތަޅުތައް ފެނުނީ އެވަގުތުއެވެ. އެނާ ފިލޭތޯ އުޅުނެވެ. އެކަމަކު އެހެން ވާކަށެއް ނެތެވެ. އޭނާ ކުރިމަތިން ރަޒާނެވެ. ފަހަތުން ބަނބުކެޔޮ ގަހުގެ ބުޑެވެ. އެނާއަށް ކުރެވުނުހާ ކަމަކީވެސް ފަހަތަށް ޖެހުމެވެ. އެންމެ ފަހުން އެނާގެ ބުރަކަށި ޖެހުނީ އެ ގަހުގެ ބުޑުގައެވެ. ލިބުނު ރަން ފުރުސަތުގެ ބޭނުން ހިފައި، ރަޒާން އަވަސް އަވަހަށް އެދެމެދުގައިވި ޖާގަ ކުޑަކޮށްލިއެވެ.

ރޫޔާގެ މޭ ފިނިވެގެންދިޔައީ އެޔެއް މިޔެއް ނުބަލައެވެ. ވާން އުޅޭ ގޮތް ނޭނގޭ ހާލު އެނާއަށް ހުރެވުނީ ރަޒާނަށް ބަލަންށެވެ. އެ ކަނޑުފަދަ ފުން ދެލޮލުގެ ތެރޭގައި ރޫޔާ ޣަރަޤުވި ފަދައެވެ. ރަޒާންގެ ލޮލަށް ބަލަން ގެއްލިފައި ހުރި ރޫޔާއަށް ހޭވެރިކަމެއްއައި އެނާގެ ބޯ ތެމުނުހެން އިހުސާސްކުރެވުމުންނެވެ. ރަނގަޅަށް ބަލާލިއިރު ރަޒާންގެ އަތް އޮތީ އެނާގެ ބޮލަށް ވުރެ މަތީގައެވެ. އަދި އެ ގޮށްމުއްކަވައިލެވިފައިވާ އަތު ތެރޭގައި ފަޅައިގެން ގޮއްސައޮތް ޕެކެޓް އޮތެވެ.

ރަޒާން އަނެއްކާވެސް އާ ފެން ޕެކެޓެއް ނަގައި، ރޫޔާ ގެ ބޯ މަތިން  އެ ފެންޕެކެޓު އެނާގެ މުށުތެރެއަށްލައި ފަޅާލިއެވެ. އެނާ ބަހެއް ބުނުމެއް ނެތި އެ ފެންފޮދުތައް ރޫޔާގެ ހަންގަނޑުގައި ބީހެމުންދާ މަންޒަރު ބަލަން ހުރެވުނީއެވެ. ހާއްސަކޮށް އެ ފެން ތިކިތައް އެ ދިގު އެސްފިޔަތަކުގައި ހަރުލާ މަންޒަރު ރަޒާންގެ ސިކުނޑީގައި ބިންވަޅު ނަގަމުން ދިޔައެވެ. އެ މަންޒަރުގެ ރީތިކަމުން ރަޒާން ތިންވަނަ ކޮތަޅުވެސް ރޫޔާގެ ބޯ މައްޗަށް ފަޅައިލިއެވެ. އެގޮތަށް އޭނާގެ އަތުގައި ހުރި ފެންކޮތަޅުތައް ރޫޔާގެ ބޯ މައްޗަށް ފަޅައިލައި ހުސްކޮށްލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

ގޮތް ހުސްވެފައި ހުރީމޭ..14

Next

އާއެކޭ ލޯބިވޭ…. ސާޅީސްދެވަނަބައި (ގެއްލުން ހިތާއި ނަވު)

Next
May 13, 2026

އާއެކޭ ލޯބިވޭ…. ސާޅީސްދެވަނަބައި (ގެއްލުން ހިތާއި ނަވު)

Previews
May 13, 2026

ގޮތް ހުސްވެފައި ހުރީމޭ..14

3 Comments!

  1. White rose White rose says:
    May 13, 2026 at 9:09 am

    WOW WOW WOW SOO GOOOD 🤩🤩
    Heehee halaaku vejje mi bai kiyaafa 🤣🤣
    Rooyaa and Razaan vrh gulhey 🥰🥰
    Dheb oiy bai kiyaaa hithun keiymadhu vefa mi iny, kon irakun 4 vana bai upload kuraany 🙃🙃

  2. Anonymous says:
    May 16, 2026 at 6:25 pm

    Whn next?

    1. Thea reminisces Thea reminisces says:
      May 16, 2026 at 9:12 pm

      In sha allah, mi feshey sunday or monday

Comments are closed.

Next Episodeމި ލޯތްބާއި ތި ވަޢުދު (4)←


All Right Reserved!