Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 14

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
May 14, 2026 6 Mins Read
4 Comments

“އަދިވެސް ކިއާރާ ތި ގޮތް ދޫކޮށްލާކަށް ނުވޭތަ؟ އަދިވެސް ނުވިސްނޭތަ؟ އަހަރުމެން ދެ މީހުންނަށް އޯކޭ ވިޔަކަސް މި ކަންތަކުގެ ތެރެއަށް ކުއްޖަކު އުފަންވުން އެއީ ކުޑަ ކަމެއް ނޫނޭ” ރުޅިމަޑު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އަޒްޔަންއަށް ނާކާމިޔާބު ވަމުން ދިޔައެވެ.

“މި ބުނީނު މީ އަޒްޔަންއާ ބެހޭ ކަމެއް ނޫނޭ” އަޑަށް ބާރުލާފައި ކިއާރާ ބުންޏެވެ.

“އަހަރެންގެ ދަރިއެއް ވިއްޔާ އަހަންނާ ބެހޭނެ” އަޒްޔަންގެ އަޑުވެސް ބާރުވިއެވެ.

“ބެހޭ ނަމަ އެހެން މީހަކާ ނީންނާނެ، އެހާ ފަސޭހައިން އަހަރެން ދޫކޮށްލާފަ ނުދާނެ—”

“އަހަރެން ކިއާރާ ދޫކޮށްލާފަ ދިޔައީތަ؟ އަހަރެން އާދޭސް ކޮށްގެންވެސް ކިއާރާ އަހަންނާ ކައިވެނި ކުރަން ބޭނުން ނުވީއެއްނު؟ އެކަން ހަނދާން ނެތުނީތަ؟” ކިއާރާގެ ވާހަކަ މެދުކަނޑާލަމުން އަޒްޔަން ސުވާލު ކޮށްލިއެވެ.

“އަހަރެން ހަނދާނެއް ނުނެތޭ. ފެށުނީއްސުރެވެސް އަހަރެން ބޭނުން ވަނީ ކޮންގޮތެއް ކަން އަޒްޔަންއަށް އެނގޭނެ. ތިން އަހަރު ވަންދެން އެކީ އުޅެފަ ކުއްލިއަކަށް އަޒްޔަން ކައިވެނި ކުރަން ބޭނުންވީ ކީއްވެ ކަމެއް އަހަންނަކަށް އަދިވެސް ނުވިސްނޭ” ކިއާރާވެސް ފަސް ނުޖެހި ޖަވާބު ދިނެވެ.

“ކައިވެންޏަކާ ނުލާ ބަލިވެ އިން އިރުވެސް އަދިވެސް ނުވިސްނޭތަ؟ ތި ގޮތަށް ދަރިއަކު އުފަން ކުރަން ބޭނުން ނުވާތީ އަހަރެން ކައިވެނި—”

“އަހަރެން ކުއްޖަކު ބޭނުމޭ އެއްފަހަރުވެސް އަޒްޔަން ކައިރީ ބުނިންތަ؟ މި ގޮތަށް ކުއްޖަކު އުފަން ކުރާކަށް އަހަރެންވެސް ބޭނުމެއް ނޫން” ހިމޭންވެލަމުން ކިއާރާ މަޑުމަޑުން ބުންޏެވެ.

“ކިއާރާއަކަށް ދުވަހަކުވެސް ނުވިސްނޭނެ.. ދުނިޔޭގެ ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ މީހުންނެއް ނޫން. ކިއާރާ ދޫކޮށްލަން އަހަންނަށް މަޖުބޫރު ކުރީ ކިއާރާ އަމިއްލައަށް. މިހާރު އަހަރެން މީ އެހެން މީހެއްގެ ފިރިއެއް. ކޮންމެ ގޮތެއް ވިޔަސް ދެން އަހަރެން ނޫރީން ދޫކޮށެއް ނުލާނަން. އެއީ އަހަންނަކީ ކިއާރާގެ ބައްޕަ ކަހަލަ މީހެއް ނޫން ވީމަ. އަހަރެން އެދުނު ހެން ކިއާރާ އަހަންނާ ކައިވެނި ކުރި ނަމަ އަހަރެން ކިއާރާ ދޫކޮށެއް ނުލާނަން.. ހަމަ އެހެން ކިއާރާގެ ބަނޑުގަ ތިއޮތީ އަހަރެންގެ ދަރިއަކަށް ވާ އިރު އެކަން އެނގުމަށް ފަހު އަހަންނަށް އަޅާނުލައެއްވެސް ނުހުރެވޭނެ” އެއް އަތުން ނިތްކުރީގައި ފިރުމާލަމުން އަޒްޔަން ކިއާރާއާ ދުރަށް އެނބުރުނެވެ.

ކިއާރާއަށް އެއްޗެއް ނުބުނެވުނެވެ. އެހާ ދުވަސް ވަންދެން އަޒްޔަން ކައިވެނި ކުރުމަށް ބުނަމުން އައީ ކީއްވެ ކަން ކިއާރާއަށް ވިސްނުނީ އެ ވަގުތުއެވެ. އަޒްޔަންއާ ކިއާރާގެ ބައްޕައާ ކިހާ ތަފާތު ކަންވެސް ކިއާރާއަށް ވިސްނުނެވެ. އަޒްޔަންއަށް އިތުބާރު ކުރެވުނު ނަމަ މިއަދު އެ ޙާލުގައި ކިއާރާ ނުވީހެވެ. ބަނޑުގައި އުފެދެމުން އަންނަ ދަރިފުޅާއެކު އެކަނި ނުވީހެވެ.

އިސްޖަހާލި ގޮތަށް ކިއާރާއަށް ރޮވުނީއެވެ. އެމާ ކިއާރާއާ ކައިރިވެލަމުން ކިއާރާގެ ބުރަކަށީގައި ފިރުމާލިއެވެ. ކިއާރާއާ އަޒްޔަންގެ މެދުގައި ދެކެވުނު ވާހަކަ މުޅިން ސާފު ނުވި ނަމަވެސް ދެކެވުނީ ކޮން ވާހަކައެއް ކަން އެމާއަށްވެސް ނަގައިގަނެވުނެވެ.

އަޒްޔަން އެނބުރިފައި ކިއާރާއަށް ބަލާލިއެވެ.

“އަހަރެން ދާން ވެއްޖެ.. ފަހުން ގުޅާނަން.. އެމާ، ޓޭކް ކެއަރ އޮފް ހަރ” އެހެން ބުނެފައި އަޒްޔަން ނިކުތެވެ.

އަޒްޔަން އެނބުރި ހޮސްޕިޓަލް ތެރެއަށް ވަން އިރު ނޫރީން ފެންނާކަށް ނެތެވެ. އެ ވަގުތު ފޯނަށް ޖަވާބު ނުދޭނެކަން އެނގުނު ނަމަވެސް އަޒްޔަން ނޫރީންއަށް ގުޅިއެވެ. ތިން ފަހަރަށް ގުޅާފައި އެންމެ ފަހުން އަޒްޔަން ބޭރަށް ނިކުމެ ސައިކަލަށް އެރިއެވެ.

އަޒްޔަން ގެއަށް ދިޔަ އިރު ނޫރީން ކާމޭޒު ކައިރީ ފެންތައްޓެއް ހިފައިގެން އިނެވެ.

“ނޫރީން..” އަޒްޔަން އައިސް ނޫރީންގެ ކުރިމައްޗަށް ހުރި ގޮނޑީގައި އިށީނދެ ގޮވާލިއެވެ.

“އަހަންނާ ކައިވެނި ކުރި ވަގުތާ ހަމައަށްވެސް ކިއާރާއާ ދުރު ނުވެވިގެން އަޒްޔަން އުޅުނު ސަބަބަކީ އެއީތަ؟ އެ ވަރުގެ ގުޅުމެއްތަ ތި ދެމެދުގަ އޮތީ؟” ނޫރީން އަހާލި އިރު އެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ.

“ކިއާރާ ކައިވެނި ކުރަން ބޭނުން ނުވީ..” ކިއާރާއާ އަޒްޔަންގެ މެދުގައި އޮތް ގުޅުމުގެ ވާހަކަ ނޫރީންއާ ދައްކަން ވުމުން އަޒްޔަންއަށް އުނދަގޫވިއެވެ.

“ކައިވެނި ކުރަން ބޭނުން ނުވާ އިރު އެ ކަހަލަ ގުޅުމެއް ތި ދެމެދުގަ އޮވެފަ މައްސަލައަކަށް ވީ ދަރިއަކު ލިބުންތަ؟ ކޮން ކަހަލަ މީހެއްތަ އަޒްޔަން ތީ؟ އެ ކަހަލަ ގުޅުމަކުން މި ކަހަލަ ނަތީޖާއެއް އައިސްދާނެ ކަމާމެދުވެސް ނުވިސްނަންތަ؟ ކިއާރާވެސް އަމިއްލަ ނަފްސާ މެދު ނުވިސްނާތަ؟ ތި ދެ މީހުންގެ ސަބަބުން ދުނިޔެއަށް އަންނަ ކުއްޖާގެ ކުށެއް ނެތި ކިހާ ބޮޑު ނިކަމެތި ކަމެއް އެ ލިބެނީ؟ އެހެން ނޫނަސް އެހެން އުޅެމުން އަޒްޔަން ކީއްކުރަން އަހަންނާ އިނީ؟ ކައިވެންޏެއް ނުކުރިޔަސް އަޒްޔަންއަށް މަދުވާ އެއްވެސް ކަމެއް ނެތެއްނު؟ ތި ކަންތައްގަނޑުގެ ތެރެއަށް އަހަރެން ނުވައްދާ ކިއާރާއާ އެކީ ތި އުޅުނު ގޮތަކަށް އުޅުނު ނަމަ..” ނޫރީންއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. ރޮވެން ފެށުމުން އެއް އަތުން މޫނު ފޮހެލިއެވެ.

“އަހަރެން ފަހުން ހުރިހާ އެއްޗެއް ކިޔާދޭން އުޅުނީމަވެސް ނޫރީން އަޑު ނޭހީއެއްނު؟ އަހަރެން ގަބޫލު ކުރަން އަހަންނަށް މިސްޓޭކްސް ހެދުނު ކަން. އެކަމަކު އަހަރެން މާފަށް އެދުނީމެއްނު؟ ނޫރީން އަހަންނަށް މާފުވެސް ކުރީމެއްނު؟ މީ އަހަންނަށް އެނގިގެން ވީ ކަމެއް ނޫން. އެ ވަރު ވިސްނައިގެން އުޅުނީ—” ކުއްލިއަކަށް ކުރިމަތިވި ކަންތަކުން ސިކުނޑިއަށް ބާރު ބޮޑުވެ ހާސްވެފައި ހުރި އަޒްޔަންއަށް ނޫރީންގެ ވާހަކަ ހުރި ގޮތުން ނޫރީން ދެކެވެސް ރުޅި އާދެވުނެވެ.

“އެ ވަރު ވިސްނައިގެންނޭ..؟ އަހަންނަށް ގަބޫލު ކުރަން އުނދަގޫ.. ކިއާރާ ޕްރެގްނަންޓް ވުންތަ އަޒްޔަންއަށް މައްސަލައަކަށް ވީ؟ ކައިވެންޏަކާ ނުލާ ދެ މީހުންގެ ގުޅުން އޮތް ގޮތް އެއީ މައްސަލައެއް ނޫން؟” އަޒްޔަން ވާހަކަ ދެއްކި ގޮތުން ގަބޫލު ކުރަން ދަތިވެފައި ނޫރީން އަޒްޔަންއަށް ބަލަން އިނެވެ.

އަޒްޔަން އެއް އަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން އެނބުރުނެވެ. އެ ގޮތަށް ކަންތައް ވެދާނެ ކަމަށް އަޒްޔަންގެ ޚިޔާލަށްވެސް އައިސްފައި ނުވެއެވެ. އެހާ ދުވަސް ވަންދެން ކިއާރާއާ އަޒްޔަންގެ މެދުގައި އެ ގުޅުން އޮތް އިރު ދެ މީހުންވެސް އުޅުނީ ވިސްނައިގެންނެވެ. ނޫރީންއާ އަޒްޔަންގެ މެދުގައި ހުރިހާ ކަމެއް ރަނގަޅުވެފައި ވަނިކޮށް އެ ގޮތަށް ވުމުން ދެން ހަދާނެ ގޮތެއް އަޒްޔަންއަށް ވިސްނާލަންވެސް ދަތިވިއެވެ. އަޒްޔަންގެ އެއްވެސް ވާހަކައެއް ދެން ނޫރީން ގަބޫލު ކުރާނެ ބާއޭ އަމިއްލަ ހިތާ ސުވާލު ކުރެވުނެވެ.

ކަންތައް ވީ ގޮތުން ކިއާރާއާ މެދުވެސް ވިސްނަން މަޖުބޫރު ވެއްޖެ ކަމުގައި އަޒްޔަން ގަބޫލު ކުރެއެވެ. އެ ދެމެދުގައި ވި ގުޅުން ނިމިފައިވީ ނަމަވެސް އަޒްޔަންގެ ދަރިއަކަށް ބަލިވެ އިންދާ ކިއާރާ ދޫކޮށްނުލެވޭނެ ކަން އަޒްޔަންއަށް އެނގެއެވެ. އެ ޒިންމާއަށް ފުރަގަސް ދިނުން އެއީ އަޒްޔަންގެ ގޮތެއް ނޫނެވެ.

 

އިތުރަށް އަޒްޔަން ފެންނަ ހިސާބުގައި ހުރުން ދަތިވުމުން ނޫރީން ތެދުވެގެން ކޮޓަރިއަށް ވަދެ ދޮރު ތަޅުލީ އަޒްޔަންއާ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. އަޒްޔަން އައިސް އިރުކޮޅެއް ވަންދެން ދޮރު ކައިރީ ހުއްޓެވެ. ނޫރީން ރުޅި މަޑުވުމަށް ވަގުތު ނަގާނެ ކަން ވިސްނޭތީ އެ ވަގުތު ވާހަކަ ދައްކަން ނޫޅެ އަޒްޔަން ގޮސް ސޯފާގައި އިށީނެވެ.

އެ ގޮތަށް ކަންތައް ވެދާނެ ކަން އަޒްޔަންއަށް ކުރިން ވިސްނިފައެއް ނުވެއެވެ. ނޫރީންއާ އެކުގައި ދިރިއުޅުމާ މެދު ދެކެމުން އައި ހުވަފެންތަކަށް ހުރަހެއް ކުރިމަތި ވެދާނެކަން ޚިޔާލަށްވެސް އައިސްފައި ނުވެއެވެ. އެހެންވިޔަސް އެއީ އަޒްޔަންގެ މާޒީއެވެ. ނޫރީންއާ އެކު އަލުން އާ ފެށުމަކުން ދިރިއުޅުން ފެށި ފަހުން ޝަކުވާއެއް ކުރާނެ އެއްވެސް ފުރުސަތެއް ނޫރީންއަކަށް އަޒްޔަން ނުދެއެވެ. ހިތުގެ އެންމެ ފުނުން ނޫރީން ދެކެ ލޯބި ވާ އިރު، އަޒްޔަން ދުލުން އެ ބަސްތައް ނުބުނި ނަމަވެސް ޢަމަލުން އެ ކަން ނޫރީންއަށް ބުނެދޭން މަސައްކަތް ކުރިއެވެ. ހަމަ އެހެން ނޫރީންގެ ފަރާތުންވެސް އެ ލޯބި އަޒްޔަންއަށް އިހުސާސް ކުރެވުނެވެ.

ސިޓިންގްރޫމްގައި ދެކޮޅަށް ހިނގަހިނގާ ހުރި އަޒްޔަންއަށް އިރުއިރުކޮޅާ އިސްތަށިގަނޑުގައި އަތްފުނާ އަޅާލެވެއެވެ. އެހެން ހުރެ ވަރުބަލި ވުމުން އަޒްޔަން އައިސް ސޯފާގައި އިށީނެވެ. ފަތިސްވީ އެފަދަ ގޮތެއްގައެވެ. ހައެއް ޖަހަން ގާތްވެފައި ވަނިކޮށް އަޒްޔަން ގޮސް ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. ދެތިން ފަހަރަށް ޖަހާލި އިރަށް ނޫރީން އައިސް ދޮރު ހުޅުވިއެވެ.

ނޫރީން ފެނުމާއެކު މުޅިރޭ އެކުގައި ނޫރީންވެސް ހޭދަ ކުރީ ނުނިދާ ކަން އަޒްޔަންއަށް ޔަގީންވިއެވެ.

އަޒްޔަންއަށް އެއްޗެއް ނުބުނެވެނީސް ނޫރީން އެތެރެއަށް ވަނެވެ. އަޒްޔަންވެސް ނޫރީންގެ ފަހަތުން ވަނެވެ.

“ނޫރީން..!” ކޮޓަރި ތެރެއިން ފެނުނު މަންޒަރުން އަޒްޔަންއަށް ނޫރީންގެ ނަން ކިޔާލެވުނީ އާދޭހެއް ފަދައިންނެވެ.

ނޫރީން އެއްޗެއް ނުބުނެ އެނދުމަތީ ހުޅުވާފައި އޮތް ފޮއްޓަށް އެއްޗެހި އަޅަމުން ދިޔައެވެ.

“ނޫރީން ޕްލީޒް.. ތި ވަރުގެ ސްޓެޕްއެއް ނެގުމުގެ ކުރިން އިހަށް އަހަރެން ބުނާ އެއްޗެއް އަޑުއަހާލަބަލަ” ކައިރިއަށް އައިސް ނޫރީންގެ އަތުގައި ހިފާ އަޒްޔަންއާ ދިމާއަށް އަނބުރާލަމުން އަޒްޔަން އެދުނެވެ.

“ލެޓް މީ ގޯ އަޒްޔަން!” އަޒްޔަންއާ ހަތަރުކަޅި ހަމަކުރަން ބޭނުން ނުވެ އިސްޖަހައިގެން ހުރެ ނޫރީން ބުންޏެވެ.

“އެއީ އަހަރުމެންގެ މި ލައިފް ފެށުމުގެ ކުރިން ވީ ކަމެކޭ ނޫރީން. އަހަރެން އެ ދުވަހުވެސް ނޫރީންއަށް ކިޔާދޭން އުޅުނީ އެ ވާހަކަ. އެކަމަކު ކުރީގެ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވެޔޭ ބުނީ ނޫރީންއެއްނު؟ މީ ކުރީގެ ކަމެއްނު؟ ދެ މީހުން ވާހަކަ ދައްކައިގެން އަދިވެސް މި ކަންތައް ސޯލްވް ކުރެވިދާނެ. އަހަންނަށް ޗާންސެއް ދީ ނޫރީން، ޕްލީޒް..” އަޒްޔަން ވާހަކަ ދައްކަމުން ނޫރީންގެ މޫނުގައި ދެ އަތުން ހިފާ އުފުލާލިއެވެ.

“ކޮން ކަމަކަށް ދެން ޗާންސް ދޭންވީ؟ އަހަންނާ އިންނަން ހަފްތާއަކަށް ވީ އިރުވެސް އެހެން އަންހެނަކާ އެކީ ކުރަމުން ދިޔަ ކަންތަކުގެ ނަތީޖާ މިއަދު ކުރިމަތިން ފެންނަން ހުރި އިރުވެސް އަދިވެސް އަހަރެން އަޒްޔަންއަށް ޗާންސް ދޭންވީތަ؟ އަޒްޔަންގެ ދަރިއަކަށް ބަލިވެއޭ އޭނަ އެއިނީ. އެ ކަންތައް ސޯލްވް ކުރާނެ ގޮތެއް އަޒްޔަން ބުނެބަލަ! މިހާ ހިސާބަށް ކަންތައް ގޮސްފަ އޮތް އިރު ދެން ކޮން ކަމެއްތަ ރަނގަޅު ކުރެވޭނީ؟” އަޒްޔަންގެ އަތް ފޮޅުވާލަމުން ނޫރީން ދުރަށް ޖެހިލިއެވެ. އަދި އަނެއްކާވެސް އަލަމާރި ކައިރިއަށް ގޮސް ބާކީ ހުރި އެއްޗެހިތައް އެއްފަހަރާ ގެނެސް ފޮއްޓަށް އަޅާލިއެވެ.

“ނޫރީން..” އަޒްޔަން ދެންވެސް އެއްޗެއް ބުނަން އުޅުނެވެ.

“ދެން ބޭނުމެއް ނޫން އަޒްޔަންއަށް ޗާންސެއް ދޭކަށް. ދެން އަހަންނަށް އަޒްޔަންއަކަށް ޓްރަސްޓެއް ނުކުރެވޭނެ. އަހަރެން ވަރިކޮށްދީ” އެނބުރި އަޒްޔަންއާ ހަތަރުކަޅި ހަމަކޮށްލަމުން ނޫރީން ބުންޏެވެ.

“ނޯ!” ދެފަރާތަށް ބޯ ހަލުވާލަމުން އަޒްޔަން ވަގުތުން ދެކޮޅު ހެދިއެވެ.

“އަޒްޔަންއަކަށް ދެން އަހަރެން ނުހިފެހެއްޓޭނެ” ނޫރީންގެ އަޑުގައި ވަނީ ގޮތްދޫނުކުރުމެވެ.

“ނޫރީން ޕްލީޒް.. އިހަށް ރުޅި މަޑުކޮށްފަ ރަނގަޅަށް ވިސްނާލަބަލަ.. އަދި ވަރިއާ ހަމައަށް ދާކަށް ނުވެޔޭ.. އަހަރެން ބުނާ އެއްޗެއް އަޑު އަހާބަލަ..” ފޮށި ލައްޕަން އުޅުނު ނޫރީންގެ އަތުގައި ހިފާ ދުރަށް ގެންދަމުން އަޒްޔަން ވާހަކަ ދެއްކިއެވެ.

“އަޑު އަހައިގެން ކޮން ކަމެއްތަ ވާނީ؟ އަހަންނަށް ދެން އަޒްޔަން ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރެވޭނެ. ޕްލީޒް، އަހަރެން ދޫކޮށްލާ!” ނޫރީންއަށް ދެން އަޒްޔަންއަށް އިތުބާރު ކުރުން ވާނީ އުނދަގޫ ކަމަކަށެވެ. ދެން އަޒްޔަންއާ އެކީ އުޅުމަށް މަސައްކަތް ކުރުމަކީ ނުވާނެ ކަމެއް ކަން ނޫރީންއަށް ޔަގީން ވެއެވެ.

“ނޫރީން، އަހަރެން މި ހުރިހާ ކަމެއް ހަމަޖައްސާނަމޭ.. ޕްލީޒް، އިހަށް ނުގޮސް މަޑުކޮށްލަދީ. ނޫރީން ބޭނުމިއްޔާ އަހަންނާ ވާހަކަ ނުދެއްކިޔަސް އޯކޭ.. އެކަމަކު އަހަރެން މި ކަންތައް ކޮންމެވެސް އެއް ގޮތަކަށް ނިންމަންދެން ވަކިވާން ނުބުނޭ..” ނޫރީންއާ ވަކިވުމަކީ އަޒްޔަން އެއްގޮތަކަށްވެސް ބޭނުން ވާ ގޮތެއް ނޫނެވެ.

“މި ކަންތައް ނިންމަން ދެން އޮތީ ކޮން ގޮތެއްތަ؟ އަޒްޔަން އަހަންނާ އިނދެގެން ހުއްޓަސް އަޒްޔަންގެ ދަރިއަކަށް ބަލިވެ އެ އިނީ އެހެން އަންހެނެކޭ. އަހަންނަށް އެކަން ގަބޫލެއް ނުކުރެވޭނެ، ބަލައެއް ނުގަނެވޭނެ. ކޮން ކަމެއްތަ ރަނގަޅު ކުރަން ތި އުޅެނީ؟ ކިއާރާ ބަލިވެ ނީންނަ ކަމަށް ވާނެތަ؟ އެއީ ނުވާ ކަމަކަށް ހެދޭނެތަ؟ ބުނެބަލަ އަޒްޔަން! ކިއާރާގެ ބަނޑުގަ އެ އޮތީ އަޒްޔަންގެ ދަރިއެއް ނޫން ކަމަށް ހެދޭނެތަ؟” ފަހަރަކަށް ވުރެ ފަހަރެއް އަޑު ބާރުވަމުން ގޮސް އެންމެ ފަހު ސުވާލާއެކު ނޫރީންއަށް ހަޅޭލަވައިގަނެވުނެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި އަޒްޔަންއަށް އެއްޗެއް ނުބުނެވުނެވެ. އިސްޖަހާލެވުނީ ދޭނެ ޖަވާބެއް ނެތުމުންނެވެ.

“ޕްލީޒް.. އަހަރެން ދިޔަދީ. އަހަރެން ދޫކޮށްލާ. އައި ކާންޓް.. ނޮޓް އެނީމޯރ..!” ގިސްލެވުމާއެކު ނޫރީން ބުންޏެވެ.

އިރުއިރުކޮޅާ ލޯ ފޮހެމުން ނޫރީން ފޮށި ހިފައިގެން ކޮޓަރިން ނިކުތެވެ.

“ނޫރީން..” އަނެއްކާވެސް ނޫރީންއަށް ގޮވާލަމުން އަޒްޔަންވެސް ނޫރީންގެ ފަހަތުން ނިކުތެވެ. އެއާއެކު ދެ މީހުންވެސް ސިހިފައި ހުއްޓުނީ ބޭރުގައި ތިބި ޝަފަގުއާ ޔާސިރު ފެނިފައެވެ.

ހުކުރު ދުވަހުގެ ހެނދުނު ނޫރީންއާ އަޒްޔަންއާ އެކު އެ އެޕާޓްމެންޓްގައި ސައި ހަދައިގެން ސައި ބުއިމަކީ އެ އާއިލާގެ އާދައެކެވެ. ނަމާދަށް ފަހު ޔާސިރުއާ ޝަފަގުގެ އާދައިގެ މަތިން އެ ދުވަހުވެސް އައި އިރު އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް އެ މީހުން ހިއެއް ނުކުރެއެވެ.

“ކިހިނެއްވީ؟ ނޫރީން ކޮން ތަނަކަށް ދާން ތި އުޅެނީ؟” ޝަފަގު އަހާލިއެވެ.

“މަންމަ އަޒްޔަން ކައިރީ އަހާ..” އިސްޖަހާލަމުން ނޫރީން ބުންޏެވެ.

“އަޒްޔަން، ބުނެބަލަ..” ޝަފަގު ގޮވާލިއެވެ.

އަޒްޔަން ޖަވާބެއް ނުދިނެވެ.

“ދެ މީހުން ޒުވާބު ކުރީތަ؟ މައްސަލައެއް ޖެހުނީތަ؟” އެ ސުވާލު ކުރީ ޔާސިރުއެވެ.

ދެންވެސް އެކަކުވެސް ޖަވާބެއް ނުދިނެވެ.

“އަޒްޔަން، ބައްޕަ ސުވާލެއް އެބަ ކުރަމޭ. އަޒްޔަން ކީއްކޮށްގެންހޭ ނޫރީން ދާން އެ އުޅެނީ؟” ޔާސިރުގެ އަޑު ކުރިއަށް ވުރެ ބާރުވިއެވެ.

“ނޫރީން، ދަރިފުޅު ބުނެބަލަ.. ކިހިނެއް ވީ؟ އަޒްޔަން އެއްޗެއް ބުނީތަ؟ ނޫނީ ނޫރީން ރުޅި އަންނަ ކަހަލަ ކަމެއް ކުރީތަ؟” ދެންވެސް އަޒްޔަން އެއްޗެއް ނުބުނުމުން ޝަފަގު އައިސް ނޫރީންގެ އަތުގައި ފިރުމާލަމުން އެހިއެވެ.

“މަންމާ.. އަހަރެން ބޭނުމެއް ނޫން އަޒްޔަންއާ އެކީ އުޅޭކަށް.. އަޒްޔަން ކައިރީ ބުނޭ އަހަރެން ވަރިކޮށްދޭށޭ” ލޮލުން ކަރުނަ އައި ނަމަވެސް ނުރޯން މަސައްކަތް ކުރަމުން ނޫރީން އިސްޖަހައިގެން ހުރެ މަޑުމަޑުން ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އާއެކޭ ލޯބިވޭ… ސާޅީސް ތިންވަނަބައި ( ހިތްދަތިކަމާއި ނިމުންނެއް އިމްތިޚާނުތައް)

Next

މަގޭ ރަންކޮޅާ 4

Next
May 14, 2026

މަގޭ ރަންކޮޅާ 4

Previews
May 14, 2026

އާއެކޭ ލޯބިވޭ… ސާޅީސް ތިންވަނަބައި ( ހިތްދަތިކަމާއި ނިމުންނެއް އިމްތިޚާނުތައް)

4 Comments!

  1. Manje says:
    May 14, 2026 at 2:01 pm

    Alhey haadha reethi hisaabakunney thi ninmaalee…..
    Alhey kiara e dhari akee aslu azyan ge dhari eh noon kanneyge… noonee kiyara fake jahsanee kanneyge…
    Azyan and nooreen dhuru nukurahcheyy…..
    Curiously waiting for the next part

    1. Mar Sha Mar Sha says:
      May 15, 2026 at 3:15 pm

      hehe, fake pregnancy eh hentha hyvany? Azyan and Nooreen ge loabyga huri baarehves engidhaane thaa dho, thank you Manje

  2. Aisha says:
    May 16, 2026 at 11:56 am

    When next ?

    1. Mar Sha Mar Sha says:
      May 17, 2026 at 10:59 am

      maadhama upload kollaanan

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 15←


All Right Reserved!