Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 13 ވަނަ ބައި

wish
wish Level 2100 Login10 Stories
May 15, 2026 6 Mins Read
0 Comments

“ފައިނަލީ.. ” ލާނެތް ހިނިތުންވުމެއް ޔޫލީގެ ތުންފަތުގައި ވިއެވެ.

މާން ލޯ ކުޑަކޮށްލާ ވަރަށް ފަރުވާތެރި ކަމާއެކު ދެތިން ފަހަރު އެ ލިޔެކިއުންތައް ބެލިއެވެ. ފުރަތަމަ އޭނާއަށް ހީ ކުރެވުނީ ޔޫލީގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތުގައި ލަސްކަމެއް އޭނާއަށް ފާހަގަ ކުރެވުނީ ގަވާއިދު ތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް ރަގަނޅަށް އެ ލިޔެކިއުންތައް ކިޔާލުމުން ކަން ހިނގާފައިވާ ގޮތް ސާފުވާން ފެށިއެވެ.

ކޮންމެ ބައްދަލުވުމެއް ވެސް ވަނީ އާދަޔާ ހިލާފު ގޮތަކަށް ތަރުތީބު ބަދަލުކޮށްފައެވެ.

ނުބައިކޮށް ގެނެސްފާވާ ބަދަލެއް ނެތެވެ.

އަދި އުސޫލުން ބޭރަކުންވެސް ބަދަލެއް ގެނެސްފައި ނެތެވެ.

އެކަމަކު…..

ބަދަލުތައް ގެނެސްފާވަނީ އެންމެ އުނދަގޫވާނެ މަސައްކަތް ދިގުލައިގެން ދާފަދަ ގޮތަކަށެވެ.

އާންމުކޮށް ވަގުތު ސަލާމަތްވާނޭހެން ޖައްސަޖައްސައިގެން ހުންނަ ބައްދަލުވުންތައްވެސް މިހާރު ބަދަލްކޮށްފައިވަނީ ދެބައްދަލުވުން ދޭތެރޭ ވާ ވަގުތުގެ ފަރަގު ބޮޑުކޮށެވެ.

މުހިންމު ރިވިއުއަކަށްފަހު ވަގުތުން އޮންނަންޖެހޭ ކްލަޔަންޓް ކޯލެއްވެސްވަނީ، ފަންސަވީސް މިނެޓް ފަހަށް ޖައްސާފައެވެ.

ދަތުރުފަތުރުގެ ވަގުތުތަކަށް ބަދަލު ގެނެސްފައެވެ. ބްރޭކް ގަޑިތައްވެސް ވަނީ އެ ވަރަށް ބަދަލުކޮށްފައެވެ. އިސްކަންދޭންޖެހޭ ފައިލްތައް އެހެން ނަންތަކެއްގެ ދަށުން އަލުން ތަރުތީބުކޮށްފައެވެ. ފަންނީ ގޮތުން ބަލާއިރު އެއްވެސް ކުށެއް ނެތެވެ. ފާޅުގައި ފާޑުކިޔޭނެ ފަދަ ކަމެއްވެސް ނެތެވެ. ނަމަވެސް މުޅި މަސައްކަތުގެ ތަރުތީބު ވަނީ އިންތިހާއަށް އުނދަގޫވާ ފަދަ ދަތި ގޮތަކަށެވެ.

މާން މަޑުމަޑުން ގޮނޑީގައި ލެނގިލިއެވެ. އަދި އެންމެ ފަހުން އިސްއުފުލާ ބަލާލިއެވެ. ސީދާ ޔޫލީއާ ދިމާއަށެވެ.

އޭނާ އެއްވެސް ކަމެއް ނޭންގޭ ކަމަށް ހެދިގެން، ވަރަށް ފަރުވާތެރިކަމާއެކު ސިސްޓަމުން ޝައުގުވެރިކަމާއެކު އެއްޗެހިތަކެއް ޓައިޕްކުރަން އިނެވެ. މީގެ ކުރިން އޭނާގެ މޫނުމަތިން ފެނުނު ހިނިތުންވުން މިހާރު ފެންނާކަށް ނެތެވެ. ނަމަވެސް އޭނާގެ ދެލޯ …އެ ދެލޮލުން ފެންނަނީ ނުހަނު ބޮޑު ހިތްހަމަޖެހުމެކެވެ. ކާމިޔާބީއެވެ.

‘ ހެންޑްސަމް ބީސްޓް.. ޓްކް ޔޫ ލޯންގް އިނަފް ޓު ފިގަރ އިޓް އައުޓް… އެކަމަކު އަހަރެންވާނީ ކޮންމެ ބަދަލެއްވެސް ވަރަށް ވިސްނައިގެން ގެނެސްފަ އެހެންވީމާ ތި ފުރޭތަ އަކަށް ހަމަ އެއް ގޮތް ވެސް ނޯންނާނެ އަހަރެން ބަދުނާމް ކުރެވޭނެ.’ ޔޫލީގެ ހިތުގައިވި ޝުއޫރުތައްވެސް އޭނާގެ އެ ކާމިޔާބީ ފާހަގަކުރިއެވެ.

“ޔޫލީ.” އޭނާގެ އިނގިލިތަކުގެ ހަރަކާތް ވަގުތުން ހުއްޓުނެވެ. އަދި މަޑުމަޑުން އިސްއުފުލާ ބަލާލިއެވެ.

“ޔެސް؟” އޭނާގެ ޖަވާބު އައީ މަޑުމައިތިރިކޮށެވެ. އަދަބުވެރިކަމާއެކުގައެވެ. ނަމަވެސް އެ ޖަވާބުގައި އާންމުކޮށް މާންއާއި އޭނާ ވާހަކަ ދައްކާއިރު ނުހުންނަ ހަމަޖެހުމުގެ އަސަރެއްވެސް ވިއެވެ.

މާން ކުޑަވަގުތުކޮޅަކަށް އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި މޮނިޓަރު ކުޑަކޮށް އޭނާއާ ދިމާއަށް އަނބުރާލިއެވެ.

“މި ބަދަލުތައް.”

ޔޫލީ އެއްވެސް ޖެހިލުމެއް ނެތި ތެދުވެގެން އޭނާގެ މޭޒާއި ދިމާއަށް ހިނގައިގަތެވެ. އޭނާ ކައިރީގައި ހުރި ގޮނޑީގައި އިށީނުމުން، މާން ސްކްރީނަށް އިޝާރާތް ކުރިއެވެ.

“ޝެޑިއުލް މިގޮތަށް އަލުން ތަރުތީބުކުރީ ކީއްވެ؟”

ޔޫލީ ސިސްޓަމްއަށް ބަލައިލިއެވެ. ” މަސައްކަތް އިތުރަށް ފުރިހަމަކޮށްލަން”

މާންގެ ދަތްކުނޑިވިކުނެވެ. “ކޮން ގޮތަކަށް؟”

“ވެލް…” ވަރަށް މަޑުމައިތިރިކަމާއެކު ދެއަތް އުރާލަމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ. ” މިންގަނޑުތަކާއި ނިޒާމީ އުސޫލުތަކަކީ މުހިންމު އެއްޗެއް ކަމަށް އިއްޔެ ތިބޭފުޅާ ވިދާޅުވީމެއް ނޫންތޯ؟” އޭނާގެ ރާގު ހުރީ ނުހަނު އިހުތިރާމާ އެކުގައެވެ. ނަމަވެސް އެކަމުގެ ސަބަބުން މާންއަށް އިތުރު އުނދަގޫތަކެއް އިހުސާސްވިއެވެ. ވާނީވެސް އެހެންތާއެވެ. މީ މިއަންހެން ކުއްޖާ ވާހަކަ ދައްކާ ގޮތެއްނޫނެވެ. ހީވަނީ ބޯ މާސްކް އަކުން އަމިއްލަވަންތަކަން ފަރުދާކޮށްލާފައިވާހެންނެވެ. “އެހެންވެ، މަސައްކަތްތައް ފުށުނާރާނޭހެން، ވިސްނުމަށް ވަގުތު ދީ، އަދި ބޭކާރު ހާސްކަމެއް ކުރިމަތިނުވާނޭހެން އަލުން ތަރުތީބުކޮށްލީ.”

އެހެން ބުނެލާއިރު، އެއީ ވަރަށް ބުއްދިވެރި ނިންމުމެއްގެ ގޮތުގައި ފެނެއެވެ. މާން އަނެއްކާވެސް ސްކްރީނަށް ބަލައިލިއެވެ. އަދި ޔޫލީއާ ދިމާލަށް ބަލައިލިއެވެ. “ކުރިން އޮތް ގޮތް މާ ރަނގަޅެއްނު. މަސައްކަތުގެ ސްޕީޑް އަވަސް ދޯ؟”

“އާދެ،” ވަރަށް އަދަބުވެރިކަމާއެކު ޔޫލީ ޖަވާބުދިނެވެ. “އެކަމަކު މިގޮތް މާ ބޮޑަށްވެސް ރޭވުންތެރިވެފައި ފުރިހަމަކަން މަސައްކަތަށް ގެނެސްދޭ.”

ހިމޭންކަން ވެރިވިއެވެ. އޭނާ މިކަން ކުރީ ގަސްތުގައިކަން މާންއަށް މިހާރު ޔަގީންވެއްޖެއެވެ. އޭނާގެ ޖެހިލުމެއްނެތް ޖަވާބުތަކުންނެވެ. އޭނާގެ ގަބޫލްކުރަން ދަތި ފަރި ހިނިތުންވުމުންނެވެ. ނަމަވެސް އެކަން ސާބިތުކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އެއީ އޭނާ ގެނައި ކޮންމެ ބަދަލަކީވެސް، ލިޔެކިޔުމުން ބަލާއިރު ނުހަނު ހަމަޖެހޭ ކަންކަމަށް ވާތީއެވެ.

ޔޫލީ ކުޑަކޮށް ބޯ އަރިކޮށްލިއެވެ. “އެއްވެސް މައްސަލައެއް އުޅޭތޯ؟”

“ޔޫލީ މަސައްކަތް ގަޑުބަޑު ކޮށް އެކަން ދިގު ދަންމައިފި.”

އެއީ ޔޫލީއާއި ކުރި ސުވާލެއްނޫނެވެ. ނުރައްކާތެރި ހިމޭންކަމެއް ދެމީހުންގެ ދެމެދަށް ވެރިވިއެވެ. ޔޫލީގެ ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއް އައެވެ. އެއީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ކުއްލިއަކަށް މާންއަށް ހުރިހާ ކަމެއް ފަހުމްވިއެވެ. މިއީ ބަދަލުހިފުމެކެވެ. ފަރުވާކުޑަކޮށް ކޮށްފާވާ ކަމެއް ނޫނެވެ. މިއީ ވަރަށް ބޮޑަށް ރޭވިގެން ދިން ރައްދެކެވެ. ސީދާ ނިޒާމުގެ ތެރެއިންނެވެ.

މާންއަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ އޭނާ ގޮސް އަވަސް އަވަހަށް އޭނާގެ މޭޒުގައި އިށީނެވެ. މާން ބަހެއްވެސް ބުނަން ނޭނގިފައި، ހިމޭނުން ސްކްރީނަށް ބަލަން ހުއްޓެވެ. އެއްވެސް އުސޫލަކާ ޚިލާފުނުވެ ހުރެ ކުޅަދާނަކަމާއިއެކު އެންމެ ދުވަހެއްގެ ތެރޭގައި މާންގެ ސިކުނޑި މި އަންހެންކުއްޖާ ބޮއްސުންކޮށްލައިފިއެވެ. އެކަމާ މެދު ޝަކުވާ ކުރާނެ އެއްވެސް ބުއްދިވެރި އުޒުރެއް މާންއަށް ނުފެނުނެވެ. ލިޔެކިއުމަށް ހަމަ ޔޫލީގެ ބަދަލްތަށް ވަރަށްވެސް ފުރިހަމަ އެވެ. ނަމަވެސް އަމަލީ މަސައްކަތަށް އަސަރުކުރެއެވެ. އެ ކަމުގެ ސަބަބުން އަމަލީ މަސައްކަތް ދިގުލައިގެން ދަނީއެވެ. އެ ގޮތް މާން ބޭނުމެއްނުވެއެވެ.

މާން ޔޫލީއާ ދިމާއަށް ބަލާލިއެވެ. އެނާ ހަމަޖެހިލައިން ކީބޯޑްގެ ފިއްތަކަށް އޮބާލަ އޮބާލަ އިނެވެ. އެ ރީތި ތުންފަތުގައި ހިނިތުންވުން ނުފިލާ ވިއެވެ. އެވަގުތު އޭނާގެ ހިތަށް އެހެން މަންޒަރެއް ސިފަވެގެން ދިޔައެވެ. އެއީ އޭނާގެ ސިކުނޑިއަށް މިއަދު އެހާ ބާރު ބޮޑުވެގެން އުޅޭ ހަގީގީ ސަބަބު ކަމުގައިވިއެވެ. މިއަދު ހެދުނު ރިލްވާނާއެކު ޔޫލީ އިށީނދެގެން އިން މަންޒަރެވެ. ހީނލާފައި، ވަރަށް ހަމަޖެހިލައިގެން، އެއްވެސް ފިކުރެއް ނެތި އޭނާ ރިލްވާންއާއި މައްލަވަ ކުރި މަންޒަރެވެ. ރިލްވާންގެ އަތުތެރޭ އޭނާވީ ތަނެވެ. ‘ޔޫލީ ހެނދުނުގެ ނާސްތާ ކުރީ ކާކާއެކުތޯ ބަލައި، ކޮފީ ބޯން ވަގުތު ހޭދަ ކުރާ މީހަކު ބަލައިން، އެކަމާ ހެދި އަހަރެންގެ ތަބިއްޔަތު ގޯސް މިވަނީ ކީއްވެ ހެއްޔެވެ. ކޮންމެ މީހަކާއި އެކު އޭނާ އުޅުނަސް ފަހެ ކީއް ހެއްޔެވެ.’ މާންގެ ސިކުނޑި ދިޔައީ ކެޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އޭނާގެ ހިތަށް، އެ ކަމަކީ އޭނާއާއި ގުޅުންހުރި ކަމެއް ނޫންކަން ވިސްނާދޭން އުޅުން ނަމަވެސް، އެ ދެމީހުން އެކުގައި ފެނުނު ފަހުން، ޔޫލީ ކުރާ ކޮންމެ ކަމަކުން މާންއަށް ލިބޭ އުނދަގޫ ދެގުނައަށް އިތުރުވެފާވާ ކަހަލައެވެ. މި ތާވަލަށް ގެނައި ބަދަލުތައްވެސް ހިމެނޭ ގޮތަށެވެ. މާން މަޑުމަޑުން ގޮނޑީގައި ލެނގިލިއެވެ. އޭނާއަށް ބޭއިހްތިޔާރުގައި އޭނާގެ ދަތްތަށް ޖައްސާލާ ބާރުކޮށްލެވުނެވެ. ޔޫލީ އޭނާގެ މޭޒުދޮށުގައި މަސައްކަތް ކުރަމުން ދިޔައީ، މާންގެ ތާވަލަށް އެވަރުގެ ބޮޑު ގަޑުބަޑެއް ގެނައި ކަމުގެ އެއްވެސް އަސަރެއް ނެތް ފަދަ ހަމަޖެހޭ ގޮތަކަށެވެ. އެ ހަމަޖެހުން ފެނިފައިވެސް މާން އިތުރަށް ރުޅިގަދަވިއެވެ.

“ޔޫލީ،” އޭނާ ގޮވައިލިއެވެ.

ޔޫލީ ވަގުތުން ބަލައިލިއެވެ. “ޔެސް؟” އޭނާގެ މޫނުމަތީގައި އަދިވެސް ވަނީ އެ ހަމަޖެހުމެވެ.

“ލެޕްޓޮޕް ހިފައިގެން އާދޭ.”

ޔޫލީ ކުޑަކޮށް ނިތްކުރު އަރުވައިލިއެވެ. “…އެއީ؟”

“ތާވަލު އަލުން މުރާޖައާ ކުރޭ.”

“އަމިއްލައަށް ކޮށްލަންވީނޫންތޯ؟” ކޮޅަށް ތެދުވަމުން، ވަރަށް އާދައިގެ ގޮތަކަށް ޔޫލީ ބުންޏެވެ.

“އަހަރެން ޔޫލީގެ މަސައްކަތް ބަލާނީ .. އަނެއްކާވެސް ތިފަދަ ބޮލުގަ ރިއްސުމެއް އަހަންނަށް ދީފާނެ”

އެވަގުތު އޮފީސް އޮތީ ވަރަށް ބޮޑަށް ހިމޭންވެފައެވެ. ޔޫލީއަށް ފޫހިވެގެން ލޯ އަޅާލެވުނެވެ. އޭނާގެ ފަރުދާ ކެހި އޭނާގެ އާންމު ނަފްސަށް އޭނާގެ އަމަލުތައް ރުޖޫއަވާން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ބޭނުންވި ރިޅިވެރިކަން މާންގެ ފަރާތުން ނުފެނި މި ޖެހުނީ އޭނާ ކުރިމަތީ އިދެ މަސައްކަތް ކުރަން ވިއްޔާއެވެ. ” މިހާރު ގަޑިޖެހުނީ ނޫންތޯ؟ ގެއަށްވެސް ދާންވެއްޖެ.” ޔޫލީ އުޒުރެއް ދައްކާލިއެވެ. އޭނާއަށް މާން ކުރިމަތީ ހުންނަން ވެއްޖެއްޔާ ދެބަސް ވެވޭނެކަން ގާންމު ވާތީއެވެ.

” މި މަސައްކަތް ނިންމާ އޭގައި ޝާމިލްވާ މީހުނަށް މެއިލް ކޮށްލުމަށްފަހު ޔޫލީއަށް ދެވޭނެ. އަހަރެން ނާއިލްއަށް އަންގާލާނަން.” މާން ހުރީ ދޫދޭ ގޮތަކަށްނޫނެވެ.

” މީ ވާ ފިސާރި ގޮތް ދޫ ނުކުރާ ފިރިހެނެއް. ޖެއްސުން ކުރަން ހަދައިން ނިކަން ރީތި ލަޑެއް މި ލިބުނީ.” މާން އަށް ނީވޭހާ މަޑުމަޑުން ބުނެލަމުން އޭނާ ތެދުވިއެވެ. ” ކޮބާތޯ ދެން އޭގައި މައްސަލައެއް؟ އަހަރެންނަށް ނުފެންނަ މައްސަލަ އެއް އިސްލާހު ކުރާނީ ކިހިނެއް؟” ރީތި ހިގުމެއްގައި އައިސް މާން ގާތު އިށީންނަމުން އޭނާ ބުނެލިއެވެ.

” އެއީ ހަމަ ސީދާ ޔޫލީ ގަސްދުގާ ކުރި ކަމެއް. ޔޫލީ މަސައްކަތުގެ ތާވަލް ހަގުރާމައަކަށް ހަދާފި.”

“ތިބޭފުޅާ ހެދުން އެޅުމުގެ ގަވާއިދު ގައުމީ ގާނޫނަކަށްވެސް ހެދީނު؟”

“ޔޫލީ” ތަންކޮޅެއް ބާރަށް މާން އަށް ބުނެލެވުނެވެ. ޔޫލީގެ އެ ގޮތްދޫނުކުރުން މާންގެ ގަޑުބަޑު ވެފައިވާ ނަފްސަށް އިތުރު ލޮޅުމެއް ގެނުވި ފަދައެވެ.

“އަޅެ ފަހެ ދޮގެއްތަ؟ އަހަރެންގެ ސްކަރޓް އާއި ހެދި އަހަރެންގެ ފުރަތަމަ ދުހު އަހަންނާއި ހަވާލްކުރީ އިންތިހާ އުދަނގޫ ބޯ ފަޅައިން ދާވަރު މަސައްކަތެއް.”

“އެހެންވެތާ އިއްޔެ މެންދުރު ދިމާވި ފިރިހެނާއެކު ގޮސް މުޅި ދުވަސް ހީ ސަކަރާތްޖަހަން އިނީ؟ވަގުތު ގިނަވެގެންނު” ބުނެވީއްލާލެވުނު ބަހުގެ ބަރުކަން މާން އަށް އިހްސާސްވީ މާ ލަހުންނެވެ. އެނާގެ ސިކުނޑީގެ ހަމަނުޖެހުމުގެ އަސްލު ހާމަވެއްޖެއެވެ.

“އޯ ޕްލީސް.. އަހަރެން އެކުގައި އުޅޭ މީހަކާއި ކުރާ ކަމެއް މާން އަކަށް ބަލާކަށް ނުޖެހޭނެ.” ޔޫލީއަށް ހީވީ މާން އެ ވާހަކަ އެ ދައްކަނީ އޭނާގެ މައްޗަށް ކުރި ހޯދަން ކަމަށެވެ. ސަބަބު އެ މައުސޫމް ހިތަށް ނަގައިގަނެވޭނީ ކިހިނެއް ހެއްޔެވެ. މާންއަށް އޭނާ ހިތުގައިވީ ނަފްރަތު އެއަށްވުރެ ބޮޑެވެ.

“އިތުރު ކަމެއް ނެތިއްޔާ އަހަރެން ދިޔައީ.” ލެޕްޓޮޕް އަބުރާލަމުން އޭނާ މާން އެދޭ ގޮތަށް ނިންމާފައިވާ ތާވަލް ދައްކާލަމުން ރުންކުރު ރާގެއްގައި ޔޫލީ ބުނެލިއެވެ.

އެ މަސައްކަތް އޭނާ ކޮށްލިލެއް އަވަސްވެފައި ފުރިހަމަކަމުން މާން އަށް ކުޑަ ހިދުކޮޅެއްގެ ހުއްޓުމެއްއައެވެ.

ލެޕްޓޮޕް ހިފައިން ދާން ޔޫލީ ހިނގައިގަތެވެ. މާންގެ ނަޒަރު ތަޅުންގަނޑަށް އަމާޒްވެލިއެވެ. އެތަނުގެ މުވައްޒަފަކު ފަރުވާކުޑަކޮށް ގޮނޑީގެ ފައިކައިރީގައި ކޭބަލެއް ބާއްވާފައި އޮތްތަން އޭނާއަށް ފެނުނެވެ. “ބަލައިގެން” މާންގެ ދުލުން މި ބަސްތައް ބޭރުވިއިރު މާ ލަސްވެއްޖެއެވެ.

ޔޫލީ އެނބުރިލަމުން ފަހަތަށް އެޅި ފިޔަވަޅާއިއެކު، އޭނާގެ ފައި އެ ކޭބަލްގައި ވަރަށް ބާރަށް އަޅައިގަތެވެ. އަތުގައި އޮތް ލެޕްޓޮޕް ދޫވެގެން ދިޔަ ހިނދު، ކުއްލިއަކަށް އޭނާގެ ހަށިގަނޑުގެ ހަމަހިފެހެއްޓުން ގެއްލުނެވެ. “ޔޫލީ….” މާންއަށް ގޮވާލެވުނެވެ.

އޭނާ ވަރަށް ބާރަށް ބިމުގައި ޖެހުނެވެ. ފުރަތަމަ ކަކޫ ޖެހުމަށްފަހު، ފައިގެ ކުޑަހުޅު ބިރުވެރި ގޮތަކަށް އެނބުރިލުމުން އޭނާއަށް ބޮޑު އަނިޔާއެއް ވިއެވެ. ވެއްޓުނު އަޑާއެކު މާންގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ތަދުވިލެއް ބޮޑުކަމުން ޔޫލީއަށް “އާހް” އޭ ބުނެވުނެވެ. އަދި ވަގުތުން އޭނާގެ ފައިގައި ހިފަހައްޓާލެވުނެވެ. އޭނާގެ ކައިރިއަށް ލެޕްޓޮޕްވެސް ވެއްޓި ތަޅައިގެން ދިޔަ އަޑު އިވުނެވެ.

ސިކުންތުކޮޅެއްގެ ތެރޭގައި މާން އޭނާގެ ގާތަށް ދިޔައެވެ. އޭނާގެ ހަރަކާތްތައް އެހާވެސް އަވަހެވެ. “ޑޯންޓް މޫވް” މާންގެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. ތަދުވާވަރުން ޔޫލީ ލޯ މަރާލިއެވެ. “އިޓް ހަރޓްސް” އޭނާއަށް މަޑުމަޑުން ބުނެވުނެވެ.

މާން ވަގުތުން އޭނާގެ ކައިރީގައި އިށީނެވެ. “ކޮންތާކަށް ތަދުވަނީ؟” “އެންކަލް….” ވޭނީ އަޑަކުން ޔޫލީ ޖަވާބުދިނެވެ. މާން ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ ފައިގެ ކުޑަހުޅު ކައިރީގައި އަތްލުމުން ޔޫލީއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. “ކޭން މޫވް؟” މާން އެހިއެވެ. “ތަދުވޭ!” އޭނާގެ އަޑުގައި ތަދާއި ރުޅިވެރިކަން އެކުލެވިފައިވެއެވެ. މާން ދަތްކުނޑިވިކާލިއެވެ. “އަހަރެން ބުނީމެއްނު ބަލަން”

“އެހެން ބުނީ އަހަރެން ވެއްޓުނު ފަހުން!” ޔޫލީ ރުޅިއައިސްފައި އޭނާއާ ދިމާލަށް ބަލާލިއެވެ. އަނިޔާވެފައި ހުރި ނަމަވެސް، އޭނާ އަދިވެސް ހުރީ ޒުވާބުކުރާ މޫޑެއްގައެވެ. “މީ ހުސް މާންގެ ސަބަބުން ވާކަންތަށް،” އޭނާ މާންގެ ބޮލުގައި އިލްޒާމް އެޅުވިއެވެ.

މާން ހައިރާންވެފައި ބަލާލިއެވެ. “އަހަރެންނޭ؟ ޔޫލީ ތީ އެއް އިރެއްގާވެސް ހިނގާއިރު ބަލައިން ހިނގާ މީހެއް ނޫން. މިއަދުވެސް ރިލްވާންގެ އުގަށް ވެއްޓިފަ ……އެ ދުވަހުވެސް އަހަރެން ގައިގަ އަޅައިގަތީ ނުބަލާ އައިސް” އޭނާ ކުޅުދުއްފުށީގެ އެ ހާދިސާއަށް ނިސްބަތްކޮށް ބުނެލިއެވެ.

“އަޅެ ތިބޭފުޅާ އެދުހުވެސް އަހަރެން ކުރިމަތީ ބުދެއްހެން ހުރީ.. އަހަރެން ހޫރާލާ އަނިޔާ ދިނީ .. މިއަދު އަހަރެން ރިލްވާން އުގަށް ވެއްޓުނީ ކުރަތްޕެއް ގައިގަ ޖެއްސީމަ…. ދެން މިހާރު އަހަރެން މިތަނަށް ތި ގެނައީ މި އަނިޔާ ދޭން؟” ޔޫލީގެ އަޑު ބާރުވިއެވެ. އެ ހާދިސާގެ ވާހަކަ މާން ބުނުމުން އޭނާ އިތުރަށް ރުޅިއައެވެ. އެއީ ނަފްރަތްގެ ހުޅުކޮޅު އެ ހިތުގައި އަށަގަތް ދުވަހެވެ.

ޔޫލީ ތެދުވަން އުޅުމުން ދެވަނަ ފަހަރަށް ވެއްޓުނަ ނުދީ މާން އޭނާ ހިފެހެއްޓިއެވެ. އެއް އަތުން ޔޫލީގެ އަތުގައި ބާރަށް ހިފަހައްޓާލިއިރު، އަނެއް އަތުން އޭނާ ފަރުވާތެރިކަމާއެކު އުނަގަނޑުގައި ހިފާލަމުން ގާތްކޮށްލިއެވެ. އެ ދެމެދުގައި ވައި ދަތުރު ކުރުމަށްވެސް ޖާގައެއް ނުވާ ފަދަ ގޮތަކަށް އެ ދެމެދުގައިވި ދުރުމިން އެއްކޮށް ނެތިގެން ދިޔައެވެ.

ޔޫލީއަށް ބޭއިޚްތިޔާރުގައި މާންގެ ގަމީހުގެ އަތުކުރީ ބާރަށް ހިފަހައްޓާލެވުނީ ފަޔަށް އެރި ތަދެއްގެ ސަބަބުންނެވެ. “ކެއަރފުލް،” މާން ވަރަށް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. މިފަހަރު އޭނާގެ އަޑުގައި ކުރިން ހުރި ފޫހިކަމެއް ނެތެވެ. ޔޫލީ ވަގުތުން އޭނާގެ މޫނަށް ބަލާލިއެވެ. އެ ކުޑަހިނދުކޮޅުގެ ތެރޭގައި ދެމީހުން ކުރެ އެކަކަށްވެސް ގުޑިލާކަށް ނޭނގުނެވެ. މާންގެ ލޮލުން އަބަދު ފެންނަ ރުޅިވެރިކަން މިހާރު ވަނީ މުޅިން ފިލައިގޮސްފައެވެ. އޭގެ ބަދަލުގައި އެ ދެލޮލުން ފެންނަނީ މުޅިން ތަފާތު، އޯގާތެރި އަސަރެކެވެ. އެކަމުގެ ސަބަބުން ޔޫލީއަށް ބުނެދޭން ނޭނގޭ ފަދަ އުނދަގޫ އިހުސާސެއް ކުރެވުނެވެ. އޭނާއަށް މާންގެ މޫނުގައިވާ އެ އިހްސާސް ދެނެގަންނަން ނޭންގުމުންނެވެ.

ދެން ވަރަށް މަޑުމަޑުން، އަމިއްލަ ނަފްސަށް އިވޭ ވަރަށް ކަހަލަ ގޮތަކަށް މާން ބުންޏެވެ.

“ޔޫލީ ، ބަލައިން ނޫޅެނީ އަޅެ ކީއްވެތަ؟”

ޔޫލީގެ ނިތްކުރިއަށް ރޫއެރިއެވެ. ސަބަބަކީ ފުރަތަމަ ފަހަރަށް މާންގެ އެ ބަސްތަކުން ފާޑުކިޔުމުގެ ރާގަށްވުރެ ބޮޑަށް، ކަންބޮޑުވުމާއި އަޅާލުމުގެ އަސަރު ފާހަގަވުމެވެ. އެ އިހުސާސްތަކާމެދު ފުންކޮށް ވިސްނާލުމުގެ ކުރިން، ކެބިންގެ ދޮރު ހުޅުވާލި އަޑު އިވުނެވެ.

***ނުނިމޭ***

ޔޫލީއާއި މާންގެ ގުޅުން ރަނގަޅު ވަނީބާ؟👀

މާންގެ އަޑުގައި މިފަހަރު ރުޅިވެރިކަމެއް ނެތް… އެއީ ހަމަ ލޯބީގެ އިހުސާސެއްތަ؟ 🤍

ޔޫލީއަށް ވެސް އެ ބަދަލު ފާހަގަވި… އެކަމަކު އޭނާއަށް އެ އިހުސާސް ދެނެގަނެވޭނީ ކޮން ވަގުތަކު؟ ✨

އަދި… އެ ނާޒުކު ވަގުތު ކެބިންގެ ދޮރު ހުޅުވީ ކާކު؟ 🚪👀

ކިޔުންތެރިންގެ ހިޔާލަކީ ކޮބާ؟

މި ހަފްތާގެ ބައިވެސް ކިޔުންތެރިންނަށް ކަމުދިޔަކަމަށް އުންމީދުކުރަން..

ވާހަކައިގެ މި ބައި ކަމު ދިޔަ ނަމަ ކޮމެންޓެއް ކޮށްލަދެއްވާ.

ވާހަކައަށް އިންތިޒާރުކުރާ ހުރިހާ ކިޔުންތެރިންނަށް ޝުކުރިއްޔާ.

-ވިޝް-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

wish
Follow Me Written By

wish

Level 2100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ތަދު!

Next

ވަފާތެރިމަވީމޭ 2 (4)

Next
May 15, 2026

ވަފާތެރިމަވީމޭ 2 (4)

Previews
May 15, 2026

ތަދު!



All Right Reserved!