ނޭދެން ވަކިވާކަށް 12 ވަނަ ބައި
މާންވެސް އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ނަމަވެސް އެ ހިތުގައި ރިއްސާލިއެވެ. އެ އަންހެންކުއްޖާގެ އަޑުގައިވި އަސަރުންނެވެ.
****
އޮފީހުގެ ދެވަނަ ދުވަހެވެ.
ޔޫލީގެ ހެދުން އެޅުން މިއަދު ތަފާތެވެ. އޮފީހުގެ މިންގަނޑުތަކަށް ފެތެއެވެ. ފިޔާތޮށި ކުލައިގެ އަތްދިގު ހެދުމެކެވެ. ހެދުމުގެ ދިގު މިން އޭނާގެ ތަބިކައްޓާ ހަމައަށް ހުރިއިރު އެއް ފަޅިން ވަނީ ކަކުލާ ހަމައަށް ފަޅާލާފައެވެ. މޭ މަތިން ހެދުން ވަކިކޮށްލާފައިވާއިރު މޭ މައްޗަށް ހެދުން ވަނީ ހިފާލާފައެވެ. ހެދުމުގެ ގިރުވާނު ސިފަ ކޮށްދެނީ ކޯޓުގެ ގިރުވާނެވެ. އެއް ފަޅިއަށް ސާދާ ގޮތަކަށް ރުލެއް ނަގާލާފައި ވާއިރު އެ ހެދުމުން އޭނާގެ ވަނާތައް ފާޅު ނުވި ނަމަވެސް ބައްޓަން އެނގެއެވެ. މޭކަޕްވެސް ކޮށްލާފައި ވަނީ ފުރަތަމަ ދުވަހާއި ނުހަނު ތަފާތު ކޮށެވެ. އޭނާގެ ހަމުގެ ކުލައާއި ގުޅޭ ކުލަތަކެއް ބޭނުން ކޮށްފާ ވުމުން އެ ކިރުކޮޅެއް ފަދަ މޫނުގައި އިތުރު ފުރިހަމަ ކަމެއްވިއެވެ. ތުންފަތުގައި ވަނީ މުށި ކުލައަށްދާ ފިޔާތޮށި ކުލައެކެވެ. ހަމަ އެ ކުލައިގެ އުސް ފާވައިނަކަށް އަރާލާފާވާއިރު ދަބަސް ވެސް ވަނީ އެ ހެދުމާ ގުޅުވާލާފައެވެ. ތަފާތު ވީ ނަމަވެސް މިއަދުވެސް އޭނާގެ ރީތި ކަމަކަށް ބަދަލެއް ނާދެއެވެ.
ޔޫލީއަށް އޮފީހަށް ވަދެވުނީ 9 ޖަހަން ފަނަރަ މިނެޓަށް ވެފާ ވަނިކޮށެވެ. ހަމަޖެހުމުގެ ނޭވާއެއް އޭނާ ދޫކޮށްލީ މިއަދު ގަޑި ނުޖެހި އާދެވުނީތީއެވެ.
” ހާއި .. ހިނގާ އޮފީހުގެ މަސައްކަތްތައް ފެށުމުގެ ކުރިން ސަޔަށް ދަމާ “ ޔޫލީގެ ފަހަތުން އޮފީހަށް ވަދެލި ރިލްވާން ޔޫލީ އާއި ގާތްވެލަމުން ބުނެލިއެވެ.
” ޝުއަރ… އެކަމް ޝިފް އައީމަ، އޭނަވެސް ގޮވައިން” ޔޫލީ އެއްބަސްވެލި ކަމުގައިވިޔަސް އޭނާ ސައި ބޯންދާނީ ޝިފްނާ އައުމުން އޭނާ އާއި އެކީގައެވެ. އެމީހުނާއި ރިލްވާން ބައިވެރިވިޔަސް ނުވިޔަސް އޭނާގެ ފަރުވާލެއްނެތެވެ.
ޔޫލީ ކެބިން ތެރެއަށް ވަން އިރު މާން އިނީ ފޯނެއްގައެވެ. އޭނާގެ މޫނުގައި ހިތްހަމަނުޖެހުމުގެ ކުލަވަރު ވިއެވެ. ‘އިރު އެރީ ވެސް ބޭފުޅާއަށް މިއަދު ގޯސްކޮށް.. އެހެންވީމާ އަހަރެންގެ ގޭމްގެ އަސަރު ބީސްޓް އަށް މިފަހަރު ކުރަންވާނެ’ މާންގެ އެ ހިތްހަމަނުޖެހުމުން ޔޫލީއަށް ފެނުނީ އޭނާގެ މަގްސަދް ހާސިލްވާނެ ކަމުގެ އުންމީދެވެ. ޔޫލީ އޭނާގެ ސިސްޓަމް ދޮށުގައި އިށީންދެލާ އަދުގެ މަސައްކަތު ތާވަލް ފުރިހަމަކޮށްލިއެވެ. ޝިފްނާ އައުމުގެ ކުރިން އެކަން ނިންމާލަން އޭނާ ބޭނުމެވެ.
ޝިފްނާއާއި ޔޫލީއާއި އެކު ހެދުނުގެ ސައިގައި ރިލްވާންވެސް ބައިވެރިވިއެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ދެކެ ފަރިތަ ރަހްމަތްތެރިއެއްގެ ގޮތްގަނޑު ހުރުމުން ގާތްކަން އުފެދޭކަށް މާ އުދަނގުލެއް ނުވިއެވެ. އޭނާގެ ސަކަ މިޒާޖާއި މަޖާ ވާހަކަތަކުގެ ސަބަބުން އޭނާވެސް ހަމަ ހީވަނީ އެ ދެމީހުންގެ ޒަމާންވީ އެކުވެރިއެއް ހެންނެވެ.
****
ކެބިން ތެރޭ މާން އަދިވެސް އެ އިނީ ސިސްޓަމް ދަށުގައެވެ. އޭނާގެ ނަޒަރު މާ ދުރަށް ހުއްޓިފާވުމުން، އޭނާ އެހެން ދުނިޔެއެއްގައިވާ ފަދައެވެ. ދެ ބުމަ ގާތްވެ ގޮއްޖެހިފާވާއިރު، ދަތްތައް ބާރުކޮށް ޖައްސާ ފިއްތާލާފައި ވުމުން މޫނުގެ ކުލަވަރު ފެންނަނީ ވަރަށް ބަނަކޮށެވެ.
ކުރިމަތީގައި އިން ލަޔާލް އިރު ކޮޅު ކޮޅާ މާންއަށް އެ ބަލާލަނީ އޭނާގެ މޫނުމަތިން ނުފެންނަ މަންޒަރެއް ފެންނާތީއެވެ.
” ލަޔާލް ކޮބާ ޔޫލީ؟” ބަޔާން ކުރަން ދަތި ހަމަހިމޭންކަން ފޫ އަޅުވާލީ މާންގެ ހަރުކަށި އަޑެވެ.
” ސަޔަށް ގޮސް އަދި ނާދޭ..” ލަޔާލްގެ ޖަވާބުގައި ފަސްޖެހުމެއްވިއެވެ.
” މިހާރު އެއޮއް ގަޑި އިރެއް ވަނީ .. އިސް ދިސް އެކްސެޕްޓަބަލް؟” ލަޔާލްގެ ޖަވާބަކަށް މަޑު ކުރުމެއްނެތި މާން ތެދުވެ ހަރުކޮށް ހިނގައިގަތެވެ.
****
ޔޫލީމެން ތިން މީހުން އެކި އެކި ވާހަކައިގައި ހީ ސަކަރާތް ޖަހަމުން ދިޔައެވެ.
” އޭ ހިނގާ ދާން ދެން .. މިއަދު މާ ލަސްވޭ އެބަ..” ޝިފްނާ ގަޑި ބަލާލަމުން ބުނެލިއެވެ.
” ޔާރ … އެއޮއް މިހާރު މިތާ ތިބޭތާ ގަޑިއިރެއްވީ .. މަސައްކަތް އެހާ ވަރަށް އެބައޮތް ” ޔޫލީ ވެސް ފޯނު ނަގާ ބަލާލަމުން އެއްބަސް ވެލިއެވެ.
އެމީހުން ތެދުވުމުގެ ކުރިން ހިޔަންޔެއްވުމުން ތިން މީހުން އެއްފަހަރާ އިސް އުފުލާލިއެވެ.
ޝިފްނާ ވަގުތުން ހަށިގަނޑު ސީދާ ކޮށްލާ އެލަރޓް އަށް އައެވެ.
ކުރިމަތީގައި އެ ހުރީ މާންއެވެ. މޫނުމަތީވީ ދެނެގަންނަން ނޭނގޭ އިހްސާސެކެވެ. ނަމަވެސް އޭނާގެ ލޮލުގައިވި ހަރުކަށިކަން އެކަނިވެސް އެ މޭޒަށް ވެރިވި ހިމޭންކަމަށް ފުދެއެވެ. ޔޫލީ ހައިރާންވެފައި ދެ ތިން ފަހަރު އެސް ފިޔަ ޖަހާލިއެވެ. ފެންނަ މަންޒަރު ޔަގީންކޮށްލީ ކަމަށް ވެދާނެއެވެ.
” މަސައްކަތް ހުރި ހެނެއް ހިޔެއް ނުވޭ.. ޔޫލީ އެއަށްވުރެ މާ ހަމަޖެހިލައިގެން ހުރިހެން ހީވޭ.” މާންގެ ވާހަކަ ދެއްކުން މަޑުމައިތިރި ނަމަވެސް އެ އަޑުގައި މަލާމާތެއްވިއެވެ.
“އަހަރެމެން މިއައީ ސައިބޯން.. އައި.ސީ.ޔޫ އަކަށް ނޫން.” ޔޫލީގެ ޖަވާބުން ރިލްވާންގެ ދެ ލޯ ބޮޑުވިއިރު ޝިފްނާ އިހްސާސްތައް ފޮރުވަން ކުރި މަސައްކަތުން ކޮށިއެރިއެވެ.
‘ މީހުން ސައި ބޮނީ ހަމަޖެހިގެން ވިއްޔާއެވެ. މި ބީސްޓް ހިތުން އަހަރުމެން މި އައީ ހޮސްޕިޓަލްގައި އޮތް ބަލި މީހަކަށް ޒިޔާރަތް ކުރަންބާވައެވެ. އައިވީ ގުޅަންވީ އޭނާގެ އޮފީހުގައި ވާ މަސައްކަތު ފައިލްތަކަށެވެ. މި ފުރޭތައާއި ހެދި ނޭވާ ލެވެނީއެއް ނޫނެވެ. އަހަރެން އުޅޭ ނޫޅޭ ބަލަން ހަދައިން އަހަރެން ޖަހަން ފަށާފައި މަޅި އަދިވެސް އެ ފޮނި ފިރިހެނާއަށް ރޭކާ ނުލައެވެ.’ ޔޫލީ ހިތާ ހިތުން ފައްޗަކަށް މާން އަށް އެއްޗިސް ކިޔަމުން ދިޔައެވެ.
” މިހާރު ގަޑިއިރެއް ވެއްޖެ.. އޮފީހަށް އަންނަނީ ހުސް އަނގަ ތަޅާކަށް ނޫން..” މާން ބުނެލިއެވެ.
” އޯ ޕްލީސް.. އަހަރެން އެންމެ ދުވަހަކުން ހަފްތާއެއްގެ މަސައްކަތް ނިންމާފިން..” ސީދާ މާންގެ ލޮލަށް ބަލާލަމުން ޔޫލީ ބުންޏެވެ.
” ޔޫލީއާއި ހަވާލް ވެފައިވާ މަސްއޫލިއްޔަތެއް ވޭ .. ޔޫލީގެ ޒިންމާތަކެއްވޭ ނޫންތަ؟..”
” އަޅެ ފަހު އަހަރެންނަކީ ގައިދީއެއްތަ. ތިޔަ އުޅެނީ ޖަލު ފާރަ ވެރިއެއްހެން” ލޯ ހިމަ ކޮށްލަމުން ހަމަ އެ ބީދައިން އަނެއްކާވެސް ޔޫލީ ބުނެލިއެވެ.
” އޮފީހުގެ އަސާސީ މިންގަނޑުތަކަކީ ޔޫލީއަށް އަދަބެއްކަމަށް ހީވާނަމަ ދެޓް އެކްސްޕްލެއިން އިނަފް”
ޔޫލީއަށް މިފަހަރު މާން ބުނެލި ޖުމްލައިން އަސަރު ކުރިއެވެ. ” އަހަރެން މީ ކުޑަ ކުއްޖެއް ނޫން އަހަރެން ފަހަތުން ޒިންމާ ހަދާން ކޮށްދެމުން ދުވާކަށް”
” އޮފީހުގެ މިންގަނޑު ތަކެއްވޭ..” މާން މަޑުމަޑުން ބުނެލި ނަމަވެސް އޭނާގެ އަޑުގައި ހިތްހަމަ ނުޖެހުން އެކުލެވެއެވެ. އަވަސް އަވަހަށް ރިލްވާން އެތަނުން ދިޔައީ މާންގެ ކަތި ނަޒަރު އޭނާއަށް އަމާޒުވުމުންނެވެ.
” ހުމްމްމް.. ތިޔަ މިންގަނޑު ތަކުގައި ނޭވާލުންވެސް މަނާ އެހެންނު.. ހުސް މައްސަލަ .. އަހަރެންގެ ހެދުން .. އަހަރެންގެ މިޒާޖް މިއަދުގެ މައްސަލަ އަށް މިވީ އަހަރެން ސައި ބުއިން .. އެހެންޔަ .. އިއްޔެ މައްސަލަ އަށްވީ އަހަރެންގެ ހެދުން ….. ތަބިކަށްޓަށް ވުރެ ކުރު ނޫން، އަތު ކުރި ހަ އިންޗި ކުރު ނުވާހެން މީހާގެ ގަޔަށް މާ ބާރު ނޫން .. މޭމަތި ރަގަޅަށް ނިވާވާ ހެދުމެއްނޫންތަ މީ.. ތިޔަ އޮފީހުގެ މިންގަނޑަށް ހެދުން މިއަދު ފެތުނީމަ އަނެއްކާ އާ މިންގަނޑެއް؟؟ ސަލާމަތެއް ނެތެއްނު.. ” ޔޫލީ ބޭނުން އެއްޗެއް އެއް ނޭވާއިން ކިޔާލުމަށްފަހު ޝިފްނާގެ އަތުގަ ހިފައިން ބާރަށް އެ ތަނުން ނިކުތެވެ.
މާން ޖެހި ބުދެއްހެން ނިކުމެގެން ދިޔަ ޔޫލީއަށް ބަލަހައްޓައިގެން ހުއްޓެވެ.
****
ހެދުނުގެ ނާސްތާގެ ސަބަބުން މެންދުރުގެ ކެއުމުގެ މަތިން ޔޫލީ ވަނީ ފޫހިވެފައެވެ. އޭނާއަށް ހެދުނު މާ ގިނައިން ކެވުނީއެވެ. މަސައްކަތުން ދުރަށް ޖެހިލާ ސިކުނޑި ތާޒާ ކޮށްލުމަށްޓަކާ ކޮފީއެއް ބޯލުމަށް އޭނާ ދިޔައީ އޮފީހުގެ ސައި ކޮޓަރިއަށެވެ.
މަސައްކަތްތެރިންނަށް ފަސޭހަވާނޭހެން އެ އޮފީހުގައިވާ ސައި ކޮޓަރީގައި އިންތިޒާމްތައް ވަރަށް ވެސް ފުރިހަމައެވެ. ޒަމާނީ ފެންވަރަށް ހަދާފާ ހުރި ހުދު ކަބަޑުސެޓްގެ މަރބްލް ކައުންޓަރު މަތީ، ކެއުން ތައްޔާރުކޮށްލެވޭނެ ފަދަ ކަރަންޓް ތެއްޔެއް ހުއްޓެވެ. ފެންވަރުގެ ކޮފީ މެޝިނެއް ހުރި އިރު އެއާ ވިދިގެން ހުރީ މިޒަމާނުގެ މަޝްހޫރު އެކި ކަހަލަ ސައި ތައްޔާރުކުރާ މެޝިނެކެވެ. ފެންވަރު ރަގަނޅު މެދުމިނުގެ އައިސް އަލަމާރި ކައިރީ ހޫނު ފެނާއި ފިނި ފެން ލިބޭ ކޫލަރެއް ހުއްޓެވެ.
ހަ ގޮނޑީގެ ކާ މޭޒެއް ހުރި އިރު ކަނަކަށްވާ ގޮތަށް ސޯފާ އެއް ވިއެވެ. ސޯފާގެ ކުރިމަތީ ހެޔޮވަރު ވަރެއްގެ ކޮފީ މޭޒެކެވެ. ދަމާލެވޭ ބިއްލޫރި ދޮރުން ނިކުމެވޭގޮތަށްވާ ބޮޑު ބެލްކަނީގައި ވެސް ތިރި މޭޒެއް ބަހައްޓާ، ބެންޗް ގޮނޑިތަކުގައި ކުޝަން ޖަހާލާފައި ވެއެވެ.
ކޮފީ ތައްޔާރުކޮށްލުމަށްފަހު ޔޫލީ ނިކުމެލީ ބެލްކަންޏަށެވެ. މެންދުރުގެ ވަގުތު ކަމުގައިވީ ނަމަވެސް ދުވަހަކީ ބަނަ ދުވަހެއްކަމުން ހިތްފަސޭހަ ވައި ރޯޅި ބެލްކަންޏަށް ވެއެވެ.
“ހާއި ޔޫލީ” ކޮފީ ތައްޓެއް ހިފައިގެން ބެލްކަންޏަށް ނިކުތް ރިލްވާން ބުނެލިއެވެ.
*****
މާންގެ ލޯ ހޯދާލީ ޔޫލީއެވެ. ކެބިން ތެރޭ ނެތުމުން ބޭރުވެސް ބަލާލިއެވެ. އޭނާ ކޮފީއެއް ބޭނުންވީއެެވެ. ޔޫލީއާއި ލަޔާލް ވެސް ނުފެނުމުން ކޮފީ ތައްޔާރުކޮށްލުމަށް އޭނާ ސައި ކޮޓަރިއަށް މިސްރާބު ޖެހިއެވެ.
****
ޔޫލީއާއި ރިލްވާން އެކި ވާހަކަތައް ދައްކާ ހީ ސަކަރާތްޖަހަމުން ދިޔައެވެ. ބެލްކަންޏަށް ނިކުމެވެން ހުރި ދޮރަކީ، ބޭރުން އެތެރެ ނުފެންނަ ބިއްލޫރީގެ ދޮރެއް ކަމުން ކޮޓަރި ތެރެއަށް ވަން މާންގެ ހިލަމެއް އެދެމީހުނަށް ނުވި ކަމުގައިވިޔަސް މާންއަށް އެދެމީހުން ފެނުނެވެ. ވަގުތުކޮޅަކަށް އޭނާ މަޑުޖެހިލިއެވެ. އޭނާގެ ނަޒަރު ވަނީ އެދެމީހުނަށެވެ. ‘ މި އަންހެން ކުއްޖާއަކީ ހާދަ އަވަހަށް މީހުނާއި ގާތްވެ ސަކަރާތްޖަހާ އުޅޭ ކުއްޖެކެވެ. ނާއިލްގެ ދަރީގެ އަހްލާގީ ފެންވަރު މިހާ ދަށްވާނެ ކަމަށް ހީ ކުރާނީވެސް ކާކު ހެއްޔެވެ؟ މި ކަމުން އަހަރެންނަށް ބުނެދޭން ނޭންގޭ އުދަގުލެއް މި ވަނީ ކީއްވެ ހެއްޔެވެ؟” މާންގެ ސިކުނޑީގައި އެބުރެމުން ދިޔަ ހިޔާލްތަކުގެ ސަބަބުން އޭނާގެ ދެ ބުމަވީ ގޮށްޖެހިފައެވެ.
ކޮފީ ތައްޔާރު ކޮށްލުމަށް މަސައްކަތް ކުރަމުން ދިޔަ އިރުވެސް އޭނާ ދިޔައީ އެދެމީހުންގެ ހަރަކާތްތަކަށް ބަލަމުންނެވެ.
މިނިވަންކަމާއެކު އުދުހިލާފައި ޔޫލީއާއި ދިމާއަށް އައި ކުރަފި މާންގެ ލޮލުގައި އަޅައިގަތެވެ. ފަޔަށްބާރު ލާފާ އޭނާއަށް އެ ދިމާއަށް ހިނގައިގަނެވުނެވެ. ކުރަތްޕަކަށް ދެވޭނީވެސް ފަހެ ކޮން ގޯނާއެއް ހެއްޔެވެ؟
މާންއަށް އެކަން ވިސްނޭވަރަށްވުރެ އޭނާގެ ސިކުނޑި ވަނީ ވަރުބަލިވެފައެވެ.
އުދުހިލާފާ އައި ކުރަފި ހަމަޖެހިލީ ޔޫލީގެ ކަނދުރާގައެވެ. އެ ސޮރުގެ ފައިތަށް ހުރަހެއްނެތި ޔޫލިީގެ ހަމުގައި ޖެހުމުން އޭނާއަށް ވީ އުނދަގުލުން ކުޑަކޮށް ބޯ އަރި ކޮށްލިއެވެ.
“ކުރަތްޕެއް” ރިލްވާން ޔޫލީގެ ކަރަށް އިގިލި ދިއްކޮށްލިއެވެ.
“ އާ … އާ …” މެދުކެޑުމެއްނެތި ހަޅޭއްލަވަމުން ތެދުވި ޔޫލީގެ ހަށިގަނޑު ނުހިފެހެއްޓި ކައިރީގައި އިން ރިލްވާންގެ އުގަށް އޭނާ ވެއްޓުނެވެ. ޔޫލީއަށް ގެއްލުމެއް ވެދާނެތީ ރިލްވާންއަށް ދެ އަތުން ޔޫލީގެ އުނަގަނޑުގައި ހިފަހައްޓާލެވުނެވެ.
“ ކަރމް ޑައުން ޔޫލީ… އޭތި މިހާރު ގޮއްސި” ޔޫލީގެ ހަމަޖެހުން ގެއްލިފާވާ މޫނު ފެނި، އޭނާ ހަމައަކަށް އެޅުވޭތޯ ރިލްވާން މަސައްކަތްކުރިއެވެ.
ދެވަނަ ސިކުންތުގައި ކައްޓެއްޖެހިހެން ޔޫލީ ތެދުވިީ ރިލްވާންގެ އެ ބަހަކަށް ނޫނެވެ. ކުރިމަތިން ފެނުނު މާންގެ ސަބަބުންނެވެ.
މާންއަށް އެ މަންޒަރު ފެނުމަށް އޭނާގެ ހިތް ނޭދެނީއެވެ. އިންތިހާ ލަދުވެސް ގަތެވެ. އޭނާގެ މޫނު ހީވަނީ ރަތްކަން ގަދަ ޓޮމާޓޯ އެއް ހެންނެވެ.
“ކުރަތްޕެއް…..” ޔޫލީ ލަދުވެތިކަމާއިއެކު އިސް ޖަހާލަމުން ބުނެލިއެވެ. އޭނާގެ އަޑު މަޑުވެފައި ކުޑަ ތުރު ތުރެއްވިއެވެ.
“ ޔޫލީ ވެއްޓުނީ…” މާންގެ މޫނުގައިވި ހިތްހަމަ ނުޖެހުމުގެ އަސަރުން ރިލްވާންގެ ހިތުގައިވެސް ނޭންގޭ ބިރެއް އުފެދުނެވެ.
އެ ދެމީހުން އެތާ ހިނގި ކަންކަމުގެ ތަފްސީލް ނުދިނަސް އޭނާއަށް ކަން ހިނގާ ދިޔަ ގޮތް އެނގެއެވެ. ނަމަވެސް އޭނާގެ ހިތްވަނީ އެކަން ބަލައިގަތުމަށް އުޒުރުވެރިވެފައެވެ. ސަބަބު ތޯއެވެ؟ މާންއަށް ވެސް އެ ސަބަބު އެނގޭހެނެއް ހިއެއްނުވެއެވެ.
ހިނގާ ދިޔަ ކަންތަކާމެދު އެއްޗެއް ބުނުމުގައި އޭނާއަށް ހައްގެއް ނެތްކަން ހިތަށް ވިސްނާދެމުން މާން އެތެރެއަށް ވަނެވެ. މާންގެ ތަބިއްޔަތު ގޯސްވި ވަރުން އޭނާގެ ކޮފީ ތަށި ވެސް އޭނާއަށް މި ވަގުތު މުހިންމެއް ނުވިއެވެ.
*****
ހަވީރުގެ ވަގުތެވެ.
އޮފީސްތެރެއިން މަޑުމަޑުން މީހުން މަދުވަމުން ގޮސް ޔޫލީއާއި މާންއަށް ވެއްޖެއެވެ. ހެދުނުގެ ބަހުސްއާއި މެންދުރުގެ ހާދިސާއަށްފަހު ދޭތެރެއަކުން ޔޫލީގެ ތޫނު ނަޒަރު މާންއަށް އަމާޒުވީ ނަމަވެސް ދެމީހުންވެސް އެކަކު އަނެކަކާއި ވާހަކައެއް ނުދައްކައެވެ.
ސިސްޓަމްއަށް ޝައުގުވެރިކަމާއެކު ބަލަހައްޓައިން އިން މާންގެ މޫނުގައި ވީ ކުލަވަރު ބަދަލުވީ ކުއްލިއަކަށެވެ. ސީދާ މާންއަށް ބަލަހައްޓައިން އިން ޔޫލީއަށް މާންއަށް އައި ބަދަލު ނަގައިގަންނަން އުދަގުލެއްނުވިއެވެ.
“ފައިނަލީ.. ” ލާނެތް ހިނިތުންވުމެއް ޔޫލީގެ ތުންފަތުގައި ވިއެވެ.
***ނުނިމޭ***
****
މާންއަށް އެ އުނގުނީ ކޮން ކަމެއްބާ؟ އެ ކަމުގައި ޔޫލީގެ އަތެއް ވަނީބާ؟ މާންގެ ހަމަޖެހުން ގެއްލިފާ ވަނީ ކީއްވެބާ؟
ސުވާލް ތަކުގެ ޖަވާބަށް ކެތްރެތިކަމާއެކު ބުރާސްފަތި ދުވަހުގެ ބަޔަށް އިންތިޒާރުކޮށްލައްވާ.
ވާހަކައިގެ މި ބައި ވެސް ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް އުންމީދުކުރަން.
ވާހަކަ ކަމުދިޔަނަމަ ކޮމެންޓެއް ކޮށްލަދެއްވާ.
އަޅުގަނޑުގެ ވާހަކައަށް ކިޔުންތެރިން ތިޔަ ދެއްވާ ތަރުހީބަށް ހާސް ޝުކުރު. ވާހަކައަށް ކޮމެންޓް ކޮށްލާ ކޮންމެ ކުއްޖަކަށް ހިތުގެ ފުން މިނުން ޝުކުރިއްޔާ. އަދި ވާހަކަ ކިޔާ ކޮންމެ ކިޔުންތެރިއަކަށްވެސް އިހްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން.
މަންޒަރު ލޮލަށް ސިފަ ކޮށްލަން ބޭނުންވާ ކިޔުންތެރިންނަށް: ޔޫލީގެ އޮފީހުގެ ދެވަނަ ފެނިލުންވެސް އަޅުގަނޑުގެ ފޭސްބުކް ޕޭޖްގައި ވާނެ.
- – ވިޝް –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.



Awwn…. V salhi ingey
Thank you Falak for the lovely comment 😊
Oh hoWish. Nice
Thank you for the lovely comment xxx 🙂
Nice story…. can I ask u something?? Where are u from?
Thank You 🙂 , I would like to keep that private for now. I am really glad you are enjoying the story
can u tell me how old r u ???
I assure you that I am old enough to share the story
Hehe
Hi Lulu 🙂
Dheyyyynnnnn.
Plzzzz buneba u ge age. Eiiii ehaa varuge Kameh tha ??????
Eiy ehaa varuge kameh nun ekamaku hama adhi share kohlan beynun nuvaathy ehves personal detail eh … adhi konmes dhuvahakun share kohlafaane hama 🙂
nice
keep it up