ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 15)
”ޝްޝްޝްޝް“ އަހަރެން ޝަފްކާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން އެއްވެސް އެއްޗެކޭ ނުބުނުމަށް އަންގާލީމެވެ. ޝަފްކާ ހިންދިރުވާލިތަން ފެނި އޭނާގެ ހިތް އަވަސްވެފައި ހުރި މިންވަރު އަހަންނަށް އަންދާޒާ ކޮށްލެވުނެވެ.އެ މަންޒަރު ފެނި އިސާހިތަކު އަހަރެންގެ ތުންފަތް އެއް މިޔަކަނުން ދެމިލީ ބޮލަށް ވަދެގަތް ލާނެތް ޚިޔާލުތަކެއްގެ ސަބަބުންނެވެ.
އަހަރެން ޝަފްކާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތް ކޮށްލާފައި އިނގިލިތަކުގެ ކުރިން މަޑު މަޑުން އެ މޫނުގައި ބީހިލީމެވެ.އެއާއެކު ޝަފްކާ ލައި ލައި ހުރި ނޭވާވެސް ހުއްޓުމަކަށް އައިހެން އަހަންނަށް ހީވިއެވެ.މަސްތީ ގޮތަކަށް،ލަސް ލަހުން އެ ދެލޯ މެރިގެން ދިޔަ ގޮތް ފެނި އަހަރެންގެ ހިއްސުތަކަށް ލޮޅުން ގެނުވިއެވެ.ކާމިޔާބީގެ ހިނިތުންވުމަކުން އަހަރެންގެ ދެ ތުންފަތް ދެމިލިއެވެ.އަހަރެންގެ އެ ލުއި ބީހިލުމަށް އޭނާ މަރުހަބާ ކިޔައިފިކަން އިހުސާސްވި ހިނދު އެ ބީހުންތައް އެހެން ހަރުފަތަކަށް ގެންދަން އަހަރެންގެ ހިތް އެދި ގޮވައިގަތެވެ.
”އާކި…ޕްލީޒް ދުރަށް-“ މަސްތުކަން އެކުލެވިފައިވާ އަޑަކުން ޝަފްކާ ބުނެ ބުނެ ހުރި ލަފްޒުތައް ހިނދިގެން ދިޔައީ އަހަރެން ކުއްލިއަކަށް ދެ އަތުން އެ މޫނު ޖޯޑުކޮށްލާފައި އެ ތުންފަތުގައި ބޮސްދޭން ފެށުމުންނެވެ. އިޚުތިޔާރަކާއި ނުލައި ވިޔަސް ސިކުންތުކޮޅަކަށް ނަމަވެސް ޝަފްކާއަށްވެސް އަހަންނާއި ބައިވެރިވެވުނެވެ.ނަމަވެސް މިވަނީ ކީއްކަން ރެއަކާލި ހިނދު އޭނާ އަވަސް އަވަހަށް އަހަންނާ ދުރަށް ޖެހިލައިފިއެވެ.އޭރު އެ ދެ ތުންފަތް ރަތްކަމުން ހީވަނީ ލޭކޮޅެއްހެންނެވެ.އެ މޫނަށްވެސް ވަނީ އެކަށް ޖަންބު ކުލަ ފާއްދާލާފައެވެ.
”ސައި..ސައިބޯންވީނުން…“ މާހައުލަށް ވެރިވެފައިވި އުދާސްކަން ކުޑަކޮށްލުމުގެ ގޮތުން ކަންނޭނގެއެވެ.އެހެން ބުނެ ކަރުކެހިލާފައި ހަމަޖެހެން މަސައްކަތް ކުރަމުން ޝަފްކާ ހިނގައިގަތީ އަހަންނާ ދުރަށެވެ.އަވަސް ފިޔަވަޅު ތަކެއްގައި އޭނާ ގޮސް ހުއްޓުނީ ފުރިޖު ކައިރިއަށެވެ.ފުރިޖުގެ ދޮރު ހުޅުވާލައިގެން އިރުކޮޅަކު އެގޮތުގައި އޭނާ ހުއްޓެވެ.ދެން ފެނުނީ ކުއްލިއަކަށް ފުރިޖުގެ ދޮރު ލައްޕާލާފައި ހުސް އަތާ އައިސް ގޮނޑިއެއް ދަމާލައިގެން ކިޗެން އައިލެންޑް ކައިރީގައި އިށީނދެލި ތަނެވެ.ހިތް އަވަސް ވެގެން ގޮސް އުޅެވޭ ނޫޅެވޭ ގޮތްވެސް ޝަފްކާއަށް ނޭނގުނީކަން ރެއަކާލުމުން އަހަންނަށް އެތެރެ އެތެރެއިން ހީލެވުނެވެ.ކިހާ ދުވަހެއް ވާންދެން ޝަފްކާއަށް އެގޮތަށް އަމިއްލަ އިހުސާސްތަކަށް ފުރަގަސް ދެވިދާނެބާއޭ ހިތަށް އެރުމުނާ އަހަންނަށް މަޑު މަޑުން ދެ ފަރާތަށް ބޯހޫރާލެވުނެވެ.
އަހަރެންވެސް ގޮސް ގޮނޑިއެއް ކައިރިކޮށްލައިގެން އިށީނދެ ސަޔަށް އިންސާފު ކުރަން ފެށީމެވެ.ސައިބޯން ތިބިއިރު ދެމީހުންކުރެ އެކަކުވެސް އަނގައިނެއް ނުބުނަމެވެ.އެ ހިމޭންކަމުން ކިތަންމެ އުނދަގުލެއްވިޔަސް އަހަރެން އިނީ ޝަފްކާ އިސްވެ ހަމަ އެންމެ ބަހެއްވެސް ބުނޭތޯ ކެތްމަދުވެފައެވެ.އެހެނަސް އޭނާ އަހަރެން މާޔޫސްކޮށްލިއެވެ.ސައިބޮއެ ނިމުމުން ތެދުވެ އަހަރެން ކެއި ތަށިތައްވެސް ހިފައިގެން އޭނާ ލެފިލީ ޒިންކު ކައިރިއަށެވެ.
”ޝަފް އަހަރެންގެ ޓީޝާޓެއް-“ މިފަހަރުވެސް ޝަފްކާ އަހަރެންގެ ޖުމުލައިގެ ކުރި މަރާލިއެވެ.
”އަހަރެން ނުކުތީ އެއްޗެހި އިސްތިރިކޮށްފަ…އިންނާނެ ކޮނޑެއްގަ އަޅުވާލާފަ…“ އަހަންނަށް ބަލައިލުމެއްވެސް ނެތި އަވަސް ހަރަކާތަކާއި އެކުގައި ތަށިތައް ދޮންނަމުން ޝަފްކާ ބުނެލިއެވެ.ފުން ނޭވާއެއް ދޫކޮށްލަމުން ކަންނެތް ގޮތަކަށް އަހަރެން މިސްރާބު ޖެހީ ކޮޓަރިއާއި ދިމާލަށެވެ.
ފެންވަރައިގެން އަހަރެން ނުކުތްއިރު އަށްގަޑި ބައިވެއްޖެއެވެ.ނުހައިކު ނިދާފައި އޮތުމުން ބޮކި ނުޖައްސަންވެގެން އަހަރެން ރީތިވާން ފެށީ ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރޭގައެވެ.އޭރު ޝަފްކާ އުޅެނީ އެ އަނދިރީގައި ނުހައިކުގެ ކުޅޭ ވަށިގަނޑު އެއް އަތުން ހިފައިގެން، ފޯނުގެ ބައްތި ޖައްސައިގެން ޓައިލްސް މަތީގައި އުކާފައި އޮތްހާ ކުޅޭ އެއްޗެހިތައް ހޮވުމުގެ މަސައްކަތުގައެވެ.މިހާ ހެނދުނާވެސް ނުހައިކު މިހާރު ކުޅުމުގެ ބުރެއް ޖަހާލައިފިކަމުގެ ހެކި މުޅި ކޮޓަރިތެރެއިން ފެންނަން އޮތެވެ.ކޮޓަރިތެރޭގެ ތަރުތީބު އެގޮތަށް ގެއްލި، މުޅި ތަން ހަޑިވެފައި އޮތުމަކީ ޝަފްކާގެ ބޮލަށް ވަރަށް އުނދަގޫވާ ކަމެކެވެ.އޭނާއަކީ ފެށުނީއްސުރެވެސް އެހާ ސާފުތާހިރު، އެހާމެ ތަރުތީބު މީހަކަށްވާތީއެވެ.ކުއްޖަކު ލިބުނޭ ކިޔާފައި ޝަފްކާ އެއްވެސް ވަރަކަށް އެކަމުގައި ފަރުވާ ކުޑަ ކޮށެއް ނުލައެވެ.ކޮޓަރިއާއި ސިޓިންރޫމްވެސް ދެއިރު ދެ ދަޅައަށް ވެކިއުމްކޮށް މޮއްޕު ނާޅާ އެންމެ ދުވަހެއްވެސް ނުދެއެވެ.
އަހަރެން ފެނުނު އިރަކަށް މާ ނޫން ކަމަށް އަހަންނާ ދިމާލަށް ވަށް ކަޅިން ބަލާލާފައި، ޝަފްކާ އަވަސް އަވަހަށް ގޮސް އެ ވަށިގަނޑު ހުންނަ ދިމާލުގައި އެ ބަހައްޓާފައި، ދުމެއް ޖެހިހެން ކޮޓަރިން ނުކުމެ ދޮރު ލައްޕާލައިފިއެވެ.ހަމަ ހީވީ އަހަރެން ކޮށްފާނެ ސަމާސާއަކަށް ފިލަންވެގެން ދިޔައީހެންނެވެ.އޭނާގެ އެ ހަރަކާތުން އަހަރެންގެ ތުންފަތަށް ވެރިވެގެން ދިޔައީ ލާނެތް ހިނިތުންވުމެކެވެ.
ތައްޔާރުވެ ނިމިގެން ކޮޓަރިން ނުކުންނަން ދަނިކޮށް ކުއްލިއަކަށް އެނދުގެ ހެޑްބޯޑު މަތީގައި ބާއްވާލެވިފައި އޮތް މާހިންގެ ސައިކަލު ރިމޯޓު އަހަރެންގެ ލޮލުގައި އަޅައިގަތެވެ.މިއަދު ކޮންމެހެންވެސް އޭނާއަށް އެ ރައްދުކުރަން ޖެހޭނެކަން އަހަރެން ހަނދާންވިއެވެ.ފަހުން ގެންދަން ހުރެގެން ހަނދާނުން ކަހާލައިފާނެތީ އަހަރެން ގޮސް އަވަހަށް އެ ނަގައި، ލައިގެން ހުރި ސޯޓުގެ ޖީބަށް ކޮއްޕާލީމެވެ.އެއަށްފަހު މާހިންގެ ނަންބަރަށް ޑައިލް ކުރަން ފެށީމެވެ.އެހެނަސް ދެ ފަހަރަކު ރިންގުކޮށްލުމުންވެސް އޭނާ ފޯނެއް ނުނެގިއެވެ.ބިޒީވީކަމަށް ނިންމާފައި އަހަރެން އެ ކޯލު ކަނޑާލާފައި، ހަމަ ފޯނު ޖީބަށް ލީތަނާހެން ފޯނު ވައިބްރޭޓްވާން ފަށައިފިއެވެ.ބަލާލިއިރު ގުޅަމުން ދިޔައީ ރާއިފެވެ.
”އޭ ކީކޭ؟“ ފޯނު ނަގާފައި، ކަންފަތުގައި ޖަހާލި ގޮތަށް އަހަރެން އަހާލީމެވެ.
”އޭ ކޮބާ ބުރޯ…؟ފައިބާ…މިހިރީ ތިރީގަ…“ ރާއިފު ބުނެލިއެވެ.އަހަރެން މިދަނީ އޭ ކިޔާފައި ފޯނު ބޭއްވި ވަގުތު ޝަފްކާ މަޑު މަޑުން ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ދެމިގަތްތަން ފެނުނެވެ.ބުޅަލަކަށް ފިލަން އުޅޭ މީދަލެއް އުޅޭ އުސޫލުން ނިކަން ސިއްރު ސިއްރުން، އަޑެއް ބަޑެއްވެސް އިއްވާ ނުލައި ،ޝަފްކާ ގޮސް އެނދުމަތީގައި އޮތް އޭނާގެ ފޯނު ހިފައިގެން އަނެއްކާވެސް ކޮޓަރިން ނުކުމެއްޖެއެވެ.
”ހެހެ..ސިލީ ގާރލް“ އެމަންޒަރު ފެނިފައި އަހަންނަށް މަޖާވިވަރުން ހެވުނެވެ.ޝަފްކާގެ އެފަދަ ޅަކަން އެކުލެވޭ އާދަތައް އަބަދުވެސް އަހަންނަށް ވަރަށް ކަމުދެއެވެ.
*****
އަހަރެން މަގަށް ނުކުތްއިރު މަގުގެ އެއްފަރާތުގައި ސައިކަލުގައި މަޑުކޮށްލައިގެން ރާއިފު އިނެވެ.އަހަރެން ގޮސް ފަހަތު ސީޓަށް އަރާ ހަމަ ޖެހިލަމުން އޭނާ ސައިކަލު ދުއްވައިލީ ފުދޭވަރަކަށް ބާރަށެވެ.
ރާއިފަކީ ގަޑިއަށް ފަރުވާތެރި މީހެކެވެ.އެހެނަސް ކަން ދިމާކުރިގޮތުން މިއަދު އާދެވުނުލެއް ތަންކޮޅެއް ލަސްވުމުން އޭނާ އުޅުނީ ދެފަޔަށް ހިނި އަރައިގެން އުޅޭ މީހެއް އުޅޭހެންނެވެ.މަގުތަކުން ޖާގަ ލިބޭ ތަންކޮޅު ކޮޅުން އޭނާ ސައިކަލުގެ ދުވެލި ހިފާލާ ވަގުތުތަކުގައި އަހަރެންގެ މޭގަނޑުވެސް ހީވަނީ އަނގަޔަށް އަންނަ ހެންނެވެ.އޭނާ ދުއްވަނީ އެހާވެސް ބާރަށެވެ.ޓުރެފިކް ޕޮލިހެއްގެ އަތު ޖެހިދާނެތީވެސް އޭނާ އެއްވެސް ވަރަކަށް ހާސް ނުވާ ކަހަލައެވެ.އަހަރެމެން ނުލައި ލޯންޗު ނައްޓާނުލާނެކަމުގެ ޔަގީންކަން އޮތަސް ރާއިފު ގަބޫލު ކުރާ ގޮތުގައި ގަޑިއެއް ކިޔާފައި އޮންނަނީ ވަކި ކަމަކުއެވެ.ވީމާ އެ ގަޑިއަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެއެވެ.އެހެނަސް ހެނދުނުގެ އެ ވަގުތަކީ ދުވަސް ފަށައިގަތުމަށްޓަކައި މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު މަގުތަކަށް ނުކުމެ ހޭލަމޭލަވާން ފަށާ ވަގުތުކަމުން މަގުތައް އޮތީ ބާރު ބޮޑުވެފައެވެ.އެހެނަސް ރާއިފު ފަރިތަކަމާއެކު މާލޭ އެއް ނަންބަރު ޖެޓީ ގާތަށް ސައިކަލު ކައިރިކޮށްލީ ހަމަ އެންމެ ފަސް މިނެޓުގެ ތެރޭގައެވެ.އޭރު ގަޑިން އަށްގަޑި ފަންސާސް ފަހެއް ހިނގައިފިއެވެ.
”ބުރޯ ދޭ މަޑުނުކޮށް އަރަން…މަ އެބަ އަންނަން ޕާކަށް ޖަހާލާފައި.“ އާދައިގެ މަތިން ރާއިފު ބުނެލިއެވެ.
ލޯންޗު ދުއްވާލުމުން ވަގުތު ކުޑަކޮށްލުމުގެ ގޮތުން އަހަރެމެން ދެމީހުން ދައްކަންފެށީ މުޅިންވެސް ރިޒޯޓުގައި ކުރިއަށް ގެންދާ އާރޓް ޕްރޮޖެކްޓުގެ ވާހަކައެވެ.ރާއިފަކީ ގިނަ މީހުންހެން ލޯންޗަށް އަރާފައި އިއަރ ޕޮޑް ޖަހާލައިގެން ހައްޕު ކިޔައިގެން އިންނަ ކަހަލަ މީހެއް ނޫނެވެ.އާރޓުގެ ވާހަކަ އޭނާ ކިތަންމެ އިރެއްވާންދެންވެސް ދައްކަފާނެއެވެ.ފޫއްސެއްވެސް ނުވާނެއެވެ. މިއަދު އަހަރެމެން ކުރުމަށް ހަމަޖެހިފައި އޮތް މަސައްކަތަކީ އެތަނުގެ ރެސްޓޯރަންޓެއްގެ ބޭރު ބިތުގައި ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ މަންޒަރުތައް ހިމެނޭހެން ބޮޑު މިޔުރަލްއެއް ކުރެހުމެވެ.އެހެންކަމުން ރާއިފް ދިޔައީ އަނގަ ވަރުނުލައި، އެކަމާ ގުޅޭގޮތުން އޭނާއަށް ކަމުދާ ޚިޔާލުތައް އަހަންނާ ހިއްސާކުރަމުންނެވެ.އެހެނަސް ކޮންމެ ކުރެހުމެއްގެ ކޮންސެޕްޓާއި ރަފް ސްކެޗުތަކަށް ރިޒޯޓްގެ ބޮޑުންގެ އެޕްރޫވަލް ލިބިގެން މެނުވީ ކުރެހުންތައް ފައިނަލެއް ނުކުރެވެއެވެ.ހުއްދަ ލިބުމަށްފަހު އެކަމުގެ މުގުލުގައި ހުންނަން ޖެހެނީ އަހަންނެވެ.ރާއިފާއި ދެން ތިބި އާރޓިސްޓުންނަކީ އަހަރެންގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ބައެކެވެ.
****
ބައިގަޑިއިރެއްހާއިރު ތެރޭގައި އަހަރެމެނަށް ރިޒޯޓަށް ދެވިއްޖެއެވެ.ކުރަހަން ބޭނުންކުރާ ސާމާނު އަޅާފައި ހުރި ފޮށިތައް ލޯންޗުން ބާލައިގެން އަހަރެމެން ބަލާ އައިސް އޮތް ބަގީއަށް ހުރިހާ ސާމާނެއް އަރުވައި ހެދީ ރާއިފާއި ދެން ތިބި މީހުން ވެގެންނެވެ.އެކަމުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށް ނުލެވޭތީ އަހަރެން ވަރަށް ދެރަވެއެވެ.އެހެނަސް އެންމެނަށްވެސް އަހަރެންގެ ހާލަތު ރަނގަޅަށް އެނގޭތީ އަހަންނަށް ބަރު އެއްޗެހި އުފުލަން ޖައްސައި،ބުރަ ބޮޑުކޮށްލާކަށް އެއްވެސް މީހަކު ބޭނުމެއްނުވެއެވެ.
****
މަސައްކަތް ހަމަޖެހިފައި އޮތް ސަރަޙައްދަށް ގޮސް ސެޓަޕްތައް ހަދާލާފައި ލަސްނުކޮށް އަހަރެމެން މަސައްކަތް ފަށައިގަތީމެވެ.އެހެނަސް އެކަމުގައި ގަޑިއެއްހާއިރު ހޭދަވީފަހުން އަހަރެން އާދަޔާ ޚިލާފަށް ވަރުބަލިވާން ފެށިއެވެ.ހުން އަންނަން އުޅޭ ފަދަ އިހުސާސެއް ކުރެވެން ފެށިއެވެ.އަހަރެން ފާޑަކަށް ހުރިކަން ފާހަގަވެގެން ރާއިފު ހުރިހާ ކަމެއް ރަނގަޅުހޭ އަހާ ސުވާލުވެސް ކުރިއެވެ.އެހެނަސް އެމީހުން އެލާޓަށް އަންނަ ފަދަ އެއްވެސް އެއްޗެކޭ ބުނާކަން އަހަރެން ބޭނުމެއްނުވިއެވެ.ހިތްވަރުކޮށްލާފައި މަސައްކަތާއިގެން ކުރިއަށް ދެވޭތޯ ބެލީމެވެ.ނަމަވެސް ފަހަރަކަށް ވުރެ ފަހަރެއް އަހަރެންގެ ހަށިގަނޑުން ހަކަތަ ދަށްވަމުން ގޮސް ބޮލަށް ވެސް އެނބުރުން އަރަން ފެށިއެވެ.އެހިސާބުން އަހަންނަށް މަސައްކަތް މެދުކަނޑާލަން މަޖުބޫރުވިއެވެ.އަހަރެންގެ ހަރަކާތްތަކަށް ސަމާލުވެ ހުރި ރާއިފަށްވެސް އަހަންނަށް ވަމުން ދިޔަ ގޮތްތައް ފާހަގަވެގެން މަސައްކަތް މެދުކަނޑާލާފައި އަހަންނާ ގާތަށް ލެފިލިއެވެ.
”މޭން އޯކޭތަ؟ ހާދަ ފާޑަކަށޭ ތިހުރީ… ކިހިނެއް ވަނީ އަނެއްކާ؟!“ ރާއިފުގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.
”ބޯ…އަނބުރަނީ… ފާޑަކަށް..“ އަހަރެން އަތުގެ އިޝާރާތާއި އެކުގައި ބުނެލީމެވެ.އެއާއެކު ރާއިފު އަވަސް އަވަހަށް ކުރަހަން ގެންގުޅުނު ފިިހިގަނޑު ދޫކޮށްލާފައި އަހަރެންގެ ގައިގައި ހިފަހައްޓައިފިއެވެ.
”ސައި ބޮއެގެންތަ އައީ އަނެއްކާ؟ ޔާރައްބީ ބުރޯ ހުމާ ފިހެނީނުން ތިޔޮއް… އަވަހަށް ހިނގާ ޑޮކްޓަރަށް ދާން…ހައި ފީވަރ އިޒް ބޭޑް ފޮރ ޔޫ… ފަރުވާކުޑަކޮށްލާކަށް ނުވާނެ.ހިނގާ އިހަށް އިށީނދެލަން ދާން މިތާ އެތެރެއަށް…ޝީނާ ފެންފުޅިއެއް ގެނެސްދީބަލަ…“ ރާއިފު ވަރަށް ކަންބޮޑުވެފައި ބުނެލިއެވެ.އޭރު ދެން ތިބި މީހުންވެސް މަސައްކަތްތައް ދޫކޮށްލާފައި އަހަރެންގެ ގާތަށް އައިސްފިއެވެ.
”ތެދެއް އަވަހަށް ދިޔުން ބުއްދިވެރީ…އާކިލާ ކައިރިއަށް ޖެހިލީމަވެސް އެބަ ހޫނު އަރާ…ކިޑްނީ ޕޭޝަންޓްސަށް އިންފެކްޝަންވުމުގެ ފުރުސަތު ވަރަށް ބޮޑު…“ އެތަނުން އެކަކު ބުނެލިއެވެ.
”އަހަރެން ބޮސްއަށް އިންފޯރމްކޮށްލާފަ އެބަ ބުނަން ލޯންޗު ހަމަ ޖައްސާލަ ދޭށޭ… އަހަރެން ދާނަން އާކިލާއެކީ…ވައިފަށްވެސް ގުޅާލާފަ ބުނެލަންވާނެއެއްނު.“ ރާއިފު ބުނެލިއެވެ.
”ހޫމް…ރަނގަޅަށް ސައިބޮއެގެން ހަމަ އައީ..އަހަރެން އެބަ ޝަފްއަށް މެސެޖެއް ކޮށްލަން…އޯލްސޯ އަަހަންނަކަށް އެހާ ގިނައިން ފެނެއް ނުބޮވޭނެ އިނގޭ“ އަހަރެން ބުނެލީމެވެ.
”ހޫމް އެނގޭޔޭ ތިކަން…އެކަމަކު ދެން ލޯންޗު މިހިސާބަށް ފޯރަންދެންވެސް ތި ހުންގަނޑު ގަަދަވިޔަ ނުދީ ހިފަހައްޓަން އެބަ ޖެހެޔެއްނު…ނޫނީ ހިނގާ މޫދަށް އެރި އޮންނަން…“ ހާސްވެފައި ހުރި ވަރުން ރާއިފަށްވެސް ކިޔޭ ނުކިޔޭވެސް ނޭނގެއެވެ.
”ހަމަ ސާބަސް އިނގޭ ރާއިއަަށް.އޭނަ ބޯ އަނބުރައޭ ބުންޏެއްނު އަޅެ..ދެން މޫދަށް އެރުވާ ތަނުން އޭނާ އަނބުރާގަތްފިއްޔާއޯ…؟ ބަލާބަލަ ރާއި ދައްކާ މޮޔަ ވާހަކަ ހުރެގެން.“ޝީނާ ރާއިފަށް ކުދި ކިޔައިލިއެވެ.
ޝީނާއާއި ރާއިފަކީ ދެބެންގެ ދެދަރި ދެމީހުންނެވެ.ޓޮމް އެންޑް ޖެރީ އެކޭ އެ ދެމީހުންނެކޭ އަޅައިފިތަނެއް ނެތެވެ.އަބަދުވެސް އުޅޭނީ ކޮންމެވެސް ކޯޅުމެއްގައެވެ.
”އޯކޭ ދެން ސިސީމެންހާ މިކަހަލަ ކަން ކަމަކަށް އަހަރެން ހޭލުންތެރިއެއް ނުވާނެ އިނގޭ…“ ރާއިފަށް ޝީނާ އޭނާއަށް ރައްދު ކުރި ބަސް ކަމު ނުގޮސްގެން އެޔަށް ރައްދުދިނެވެ.ޝީނާ ތުން އަނބުރައިލިއެވެ.
ރާއިފު އަހަރެންގެ ދެކޮނޑުގައި ހިފާ ގާތްކޮށްލައިގެން ގެންގޮސް އެތެރޭގެ މަސައްކަތްތައް ނިމިފައިވާ އެ ރެސްޓޯރެންޓުގެ މޭޒެއްގެ ކައިރިން ގޮނޑިއެއް ދަމާލާފައި އަހަރެން ބޭންދިއެވެ.
”އަން… ފުދޭވަރަކަށް ހަމަ ފިނިފެން މީ އިނގޭ އާކިލް… އޯކޭވާނެތަ އަނެއްކާ؟“ ޝީނާ އައިސް ދޮޅު ލީޓަރުގެ ފިނި ފެންފުޅިއެއް ރާއިފުގެ އަތަށް ދިއްކޮށްލަމުން ބުނެލިއެވެ.
”އޭނާ ތެންމާލާ ރަނގަޅަށް…ތެތް ޓީޝާޓުގަނޑުގަ ހުރީމަވެސް ދެން ކޮންމެވެސް ވަރެއް ވާނެ ކަންނޭނގެއެއްނު އެކޮޅަށް ދެވެން ވާއިރަށް…އެކަމަކު ހާދަ ހުން ގަދަކޮށްފިއޭ ދޯ!“ ޝީނާ ކަންބޮޑުވެފައި ބުނެލިއެވެ.
”އޭ މަޑުކުރޭ އިހަށް…ޖީބުގަ އެބަ އޮތް ފޯނު.މީހެއްގެ ސައިކު ރިމޯޓާ…ތިމީހުންނާ ހެދި އަހަރެން ދަރަން ޖެހިދާނެ…އަދި ވައިފަށްވެސް މެސެޖެއް ނުކުރެވޭ…“ ޝީނާ ދިއްކޮށްލި ފެންފުޅީގެ މަތި ނަގައިގެން ރާއިފު އަހަންނާ ދިމާލަށް އަންނަން ފެށުމުން އަހަރެން އެކަން އިޝާރާތުން މަނާކޮށްލީމެވެ.
އަހަރެން ފޯނު ނަގައި ހުން އައި ވާހަކަ ބުނެ ޝަފްކާއަށް މެސެޖެއް ކޮށްލީމެވެ.ހަމަ ވަގުތުން އޭނާ އެ މެސެޖު ބަލައިފިއެވެ.ހީވަނީ އަހަރެންގެ ޚަބަރެއް ނުވެގެން އިންތިޒާރުގައި އޭނާ އިންހެންނެވެ.އިސާހިތަކު އެ ފުލު ފުލުގައި އަހަރެންގެ ފޯނަށް އަންނަން ފެށީ އޭނާގެ ކޯލުތަކެވެ.އަހަންނަށް ފޯނު ނަގައި ކަންފަތުގައި ޖެހި ގޮތަށް ހެލޯއޭވެެސް ނުބުނެވިގެން އުޅެނިކޮށް ޝަފްކާގެ ބިރާއި ހާސްކަން އެކުލެވިފައިވި ތޫލި އަޑު ކަންފަތުގައި ޖެހުނު ހިނދު ކަންފަތަށް ވީ އުނދަގުލުން ދެލޯ މަރާ ތަގުޅިކޮށްލެވިއްޖެއެވެ.
”ބޭބީ…އަޅެ ހުންއައީއޭ؟!! ޕްލީޒް އަވަހަށް އާދޭ މިކޮޅަށް ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދައްކަން ދާން… އަޅެ އަހަރެން ވަރަށް ހާސްވޭ އެބަ…އަޅެ އާކީ“ ޝަފްކާ ހީވަނީ ދެންމެ ދެންމެ ރޯން ފަށައިފާނެހެންނެވެ.އެ އަޑުގައި އެކުލެވިފައިވި ލޯތްބާއި ކުލުނު އިހުސާސް ކުރެވި އެވަގުތުގައިވެސް އަހަންނަށް ހިނިތުންވެވުނެވެ.
”ހަލޯ…އާކީ… ކޮން އިރަކުންތަ އަންނަނީ؟؟؟.އަޅެ އަވަހަށް އައިސްބަލަ… އަހަރެން ބިރުގަނެޔޭ“ އަހަންނަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަނެއްކާވެސް ޝަފްކާ ބުނެލިއެވެ.
”ހަމަ ޖެހިބަލަ ލަވް… މިއުޅެނީ ދާންށޭ ތިކޮޅަށް…އަދި ލޯންޗަށް ނާދެވެޔޭ…އިރުކޮޅެއް ވާނެއެންނު މި ހިސާބަށް ފޯރަންވެސް…އައިހާ އަވަހަކަށް ތިކޮޅަށް ދާނަމޭ ހާސް ނުވެބަ…މިހާރު ފެންވެސް ހާކަންވެގެންނޭ މިއުޅެނީ…ދެން ތިހާ ހާސްނުވެބަ ޕްލީޒް…އަމް އޯކޭއޭ…“ އަހަރެން ޝަފްކާ ހަމަ ޖައްސަންވެގެން ބުނެލީމެވެ.އެހެނަސް ހަގީގަތަކީ އެޔެއް ނޫނެވެ.ފަހަރަކަށްވުރެ ފަހަރެއް އަހަރެންގެ ހަށިގަނޑުން ވަރު ދިޔައީ ދޫވަމުންނެވެ.އިށީނދެ އިންނަންވެސް އަސްލު އަހަންނަށް އުނދަގުލެވެ.ބޭނުންވީ ހަމަ އޮށޯވެލާށެވެ.ބޮލަށް އެނބުރުން އަރާވަރުންނެވެ.އެހެނަސް ދެން ތިބި މީހުން އެހާ ބޮޑު ހާސްކަމެއްގެ ތެރެއަށް ވައްޓާލަން ބޭނުން ނުވާތީ އަހަރެން ދިޔައީ ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްކުރަމުންނެވެ.
”އާާާރރރގްހް! ސްޓުޕިޑް ލޯންޗްގަނޑު…އަޅެ ތި ތަނުގަ މިހިސާބަށް އާކި ގެނެސްދެވޭވަރުގެ އުޅަނދެއްހާ ހިސާބުވެސް ނެތީތަ…؟ އެ ލޯންޗުގަނޑުވެސް އެޔަށްވުރެން ބާރަށް ދުއްވާނަމައެއްނު…އޯކޭ ދެން އަވަހަށް އަންނާތި!…ކޮން ހޮސްޕިޓަލަކަށްކަން ދަނީ ބުނައްޗޭ…ރެޑީވާން މިދަނީ…ނޫކްވެސް ރެޑީ ކުރަން ޖެހޭނެއެއްނު…“ ޝަކުވާގެ ރާގެއްގައި ޝަފްކާ ބުނެލިއެވެ.
”ދެން އެހާ އެމަޖެންސީ އެއްވެސް ނޫނެއްނު…މިތާގަ މިއޮތީ މިތަން ހަދަން އުޅޭ ބޭރު ބައެއްގެ އުޅަނދުފަހަރޭ…އަހަރެމެންގެ ދަތުރުތައް ހަމަޖައްސަނީ އެކޮޅުން ބޮސްއޭ..އެހެންވީމަ ދެން އެހާ އެމަޖެންސީ ނޫނިއްޔާ އެކޮޅުން ލޯންޗު ފޮނުވީމައެންނު އަހަރެމެނަށް ދެވޭނީ…އޯކޭ…ދެވުނީމަ ޝަފްއަށް މެސެޖް ކޮށްލާނަން… އޯކޭއެއްނު އެގޮތް…؟ބަލާބަ…މޭބީ ދިސް ހެޕެންްޑް ފޮރ އެ ގުޑް ރީޒަން..ބަލަ ޝަފް އަހަރެން ދެކެ އައިސްފައި ހުރި ރުޅިގަނޑު ކޮބާ މިހާރު…؟ ހިނގާލަން ދިޔައީތަ؟“ އެ ހާލުގައި އިނދެވެސް ޝަފްކާއާއި ސަމާސާއެއް ކޮށްނުލާ އަހަންނަކަށް ކެތެއް ނުވިއެވެ.
”އޫނ… ވަރަށް ފޫހިވޭ…ތި މީހާގަނޑު ދެކެ ޝަފްއަކަށް ރުޅި އައިސްފައެއް ނުހުރެވެޔޭ…އައި ހޭޓް އިޓް!ދެން އެހެން ނޫނަސް އާކި ބަލިވީމަ އަހަރެން ރުޅި އައިސް އާކިއާ އަޅާނުލާ ހުރީމަ އާކި އަވަހަށް އޯކޭވާނެތަ އަޅެ؟“ ޝަފްކާ ތަންކޮޅެއް ތުއިވެލާފައި ޝަކުވާކޮށްލިއެވެ.
*****
ލޯންޗު އައުމުން އަހަރެން ގޮވައިގެން މާލެ ދާން ފުރީ ރާއިފު އެކަންޏެވެ.އެއީ ބޮސް ނިންމި ގޮތެވެ.ވީމާ އެކަމާ ދެކޮޅަށް ބަސް ކިޔުމެއް ނެތި ދެން ތިބި މީހުން މަސައްކަތަށް އެނބުރި ދިޔައެވެ.ޝީނާމެންގެ މަސައްކަތް އަހަންނާއި ރާއިފުގެ ފެންވަރާ އެއްވަރު ނުވިޔަސް އެއީވެސް ހަމަ ވަރަށް ހުނަރުވެރި ކުދިންކޮޅެކެވެ.ކޮންމެ މީހަކީވެސް ވަރަށް ތަފާތު އަމިއްލަ ސްޓައިލެއް ގެންގުޅޭ މީހެކެވެ.މަސައްކަތުގެ ކޮލިޓީވެސް ހަމަ ފުދޭވަރަކަށް ރަނގަޅެވެ.
****
ލޯންޗު އެއް ނަންބަރު ޖެޓީއަށް ކައިރިކޮށްލިއިރު ރާއިފު އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރު ކުރި ކުލީ ކާރުވެސް އައިސް އެތަނާ ކައިރިއަށް މަޑުކޮށްލަނީއެވެ.އަހަންނަށް ކާރަށް އެރުނީވެސް ރާއިފުގެ އެހީގައެވެ.މުޅި މީހާ ވަށައިގެން ދުނިޔެ އެނބުރޭހެން ހީވާ ވަރުން ދެންމެ ދެންމެ ވެއްޓިދާނެހެން ހީވާ ފަހަރު ދިޔައެވެ.ރާއިފުގެ އެހީތެރިކަން ނުލިބުނު ނަމަ އަހަރެން މިހާރު އޮންނާނީ ބިންމަތީގައިކަން ޔަގީނެވެ.
އަހަންނަށް ބުނެވުމުގެ ކުރިން ދާންވީ ހޮސްޕިޓަލުގެ ނަން ރާއިފު ޑުރައިވަރު ގާތުގައި ބުނެފިއެވެ.އެއީ އަހަރެން ޑޮކްޓަރަށް ދައްކައި ޑައިލިސިސް ހަދަން ދާ ހޮސްޕިޓަލެއް ނޫނެވެ.އެކަން ރާއިފު ގާތުގައި ބުނަން އުޅެފައިވެސް އަހަރެންގެ ޚިޔާލު ބަދަލުވިއެވެ. ހޮސްޕިޓަލެއް ވިިއްޔާ ފަރުވާ ލިބޭނެތީއެވެ.ހުރިހާ މެޑިކަލް ރިކޯޑެއްވެސް ޕޯރޓަލުން ފެންނަން ހުންނާނެތީއެވެ.
އަހަރެން ޝަފްކާއަށް ގުޅީވެސް އަހަރެންގެ ފޯނުން ރާއިފު ލައްވައެވެ.މެސެޖެއް ލިޔެލެވޭ ވަރަަށްވުރެވެސް އަހަރެންގެ ހަކަތަވަނީ ދަށަށް ގޮސްފައެވެ.ފޯނުގައި ހިފަހައްޓަންވެސް އަހަންނަށް ވީ އުނދަގޫ ކަމަކަށެވެ.
ޝަފްކާ ގާތުގައި ދާންވީ ހޮސްޕިޓަލުގެ ނަން ބުނެފައި ފޯނު ބޭއްވިއިރު ރާއިފުގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ.
”އާކިލް ކަޑަކޮށް އުޅޭ ވާހަކަ ބުނީމަ ވައިފްވެސް ވަރަށް ހާސްވެފަ ކަންނޭނގެ އެ ހުރީ…އެބަ އާދޭ އިނގޭ އޭނަ…“ ރާއިފް ބުނެލިއެވެ.
އެމަޖެންސީ އޭރިޔާއަށް ކާރުފަދަ އުޅަނދު ތަކަށް ވަނުމުގެ ހުއްދަ ނޯންނާތީ ޑުރައިވަރު ކާރު ގޮސް މަޑުކޮށްލީ, ހޮސްޕިޓަލުގެ މައި ދޮރޯށި ކުރި މައްޗަށެވެ. އަހަންނަށް ހިނގަން އުނދަގޫވާނެތީ ރާއިފު އަވަސް އަވަހަށް ނުކުމެ މައި ދޮރޯށި ކައިރީގައި ހޮސްޕިޓަލުން ފޯރުކޮށްދީފައި ހުންނަ ފުރޮޅު ލީ ގޮނޑިތަކުން ގޮނޑިއެއް ހިފައިގެން އައިސް ކާރުގެ އަހަރެން އިން ފަރާތާ ކައިރިއަށް މަޑުކޮށްލިއެވެ.އޭރު ޑުރައިވަރު ފައިބައިގެން އައިސް އަހަރެން އިން ފަރާތުގެ ކާރުގެ ދޮރު ހުޅުވާލަ ދީފިއެވެ.އަމިއްލަ ހާލަށް ނުވެސް ހިނގޭއިރު އެމްބިއުލާންސުގައި ނައީ ކީއްވެހޭ ކިޔައިގެން ކުދި ކިޔުމުގެ ބަދަލުގައި އެމީހާގެ ފަރާތުން ފެނުނީ ހިތްހެޔޮ ކަމެވެ.ރާއިފު އައިސް އަހަރެންގެ އަތުގައި ހިފަހައްޓައިގެން މަޑުމަޑުން ކާރުން ނެރެން ފެށުމުން އެމީހާވެސް އެހީތެރިވެދިނެވެ.ދެމީހުންވެގެން މަޑު މަޑު މަޑުން އަހަރެން ނެރެ ގޮނޑީގައި ބޭންދިއެވެ.އެއަށްފަހު އެމީހާއަށް ޝުކުރުއަދާކުރުމަށްފަހު ގޮނޑި ކުރިއަށް ކޮއްޕަމުން ހޮސްޕިޓަލުގެ ތެރެއަށް ވަންނަން އޭނާ މިސްރާބު ޖެހިއެވެ.
****
ރާއިފު އަހަރެން ގޮވައިގެން އެމަޖެންސީ ބަޔަށް ވަތްތާ ހަމަ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޝަފްކާވެސް އަތުވެއްޖެއެވެ.ތުއްތު ނޫކް ކިހިއްޔަށް ޖަހާލައިގެން ދުވެފައި ކަހަލަގޮތަކަށް އަހަރެންގެ ގާތަށް އައިސް ހުއްޓުނުއިރު އޭނާއަށް މައިނޭވާ ލެވެމުން ދިޔައެވެ.
”އަޅޭ ހާދަ ހުން ގަދައޭ..“ ޝަފްކާ ވަގުތުން އަހަރެންގެ ނިތްކުރީގައްޔާއި ކަރު ދޮށުގައި އަތް ޖައްސާލިއެވެ.އޭރުވެސް އަހަރެންގެ ޓީޝާޓު ރާއިފުމެން އޭރު ތެންމާލި ގޮތަށް އެއްކޮށް ނުހިކެއެވެ.އެހެނަސް އެ ފެންފޮދަށްވެސް އަހަރެން އައިސްފައި ހުރި ހުންގަނޑު ކުޑަކޮށްވެސް ގުޑާލަން ހިތަށް ނޭރިއެވެ.ހުންގަނޑު ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުންނެވެ.
ނަސީބަކުން މާގިނައިރުތަކެއް ނުވެ ދެއްކޭ ގޮތްވިއެވެ.ޝަފްކާ އަހަރެންގެ އައިޑީ ނަންބަރު ކިޔާލަ ދިނުމުން ޑޮކްޓަރ ސިސްޓަމުން ޕޯޓަލަށް ވަދެގެން އަހަރެންގެ ހުރިހާ މައުލޫމާތެއް ބަލައިލިއެވެ.ދިވެހި ޑޮކްޓަރެއްކަމުން އަހަރެން ތަންކޮޅެއް ހިތްހަމަވެސް ޖެހުނެވެ.އެކޮޅުން އަހަރެން ދައްކަނީވެސް ހަމަ ދިވެހި ޑޮކްޓަރަކަށް ކަމަށްވާތީއެވެ.
އަހަންނަކީ ޑައިލިސިސް ޕޭޝަންޓެއްކަން އެނގުމުން ޑޮކްޓަރުވެސް ހިސާބަކަށް ކަންބޮޑުވިއެވެ.
”ކިހާ ދުވަހެއް މިހެން ހުން އަންނަތާ މިވީ؟“ ޑޮކްޓަރ އަހާލިއެވެ.
”އަދި މިއަދު މި ހުން އައި…“ އަހަރެން ބުނެލީމެވެ.
”އޯހ އެއްވެސް ބޭހެއް ނެގިންތަ ހުމަށް؟“ ޑޮކްޓަރ އެއްސެވެ.
”ނޫން ހަމަ ހުން އެހާ ގަދައަށް އައިމަ ވަގުތުން މިކޮޅަށް މިގެނައި…“ ޖަވާބު ދިނީ ރާއިފެވެ.
”ޑައިލިސިސް ޕޭޝަންޓެއްވީމަ އައިމް ގޮއިން ޓު ޗެކް ޔުއަރ ފިސްޗުލާ ފޮރ އެނީ ސައިންސް އޮފް އިންފެކްޝަން…ބީޕީވެސް ތަންކޮޅެއް ދަށްކޮށް އުޅެނީ.ސޯ ނީޑް ޓު ރަން ސަމް ޓެސްޓްސް.“ ޑޮކްޓަރ އަހަރެންގެ ގާތަށް ޖެހިލައި، އަހަރެންގެ ވައަތުގައިވާ ފިސްޗުލާ ރަނގަޅަށް ބަލާ ޗެކު ކުރިއެވެ.
”މްމްމ.ފިސްޗުލާ ސީމްސް އޯކޭ ޓޫ…ނޯ ސައިންސް އޮފް އިންފެކްޝަން ފްރޮމް އައުޓްސައިޑްް…ބަޓް މި އޭރިޔާ އޯކޭކޮށް ހުއްޓަސް ލޭގަ އިންފެކްޝަން ހުރުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެއް…އެހެންވީމަ ބްލަޑް ޓެސްޓްތަކާ ޗެސްޓް އެކްސްރޭއެއް ލިޔެލަން އެބަ…ޓެސްޓް ހަދާފަ ރިޒަލްޓްސް ލިބެންދެން މިކޮޅުގައި މޮނިޓަރ ކޮށްލަން ޕޭޝަންޓް އެބަ ބާއްވާލަން ޖެހޭ…“ ޑޮކްޓަރ ބުނެލިއެވެ.
*****
*އެއް މަސް ފަސް*
އިންސާނާގެ ދިރިއުޅުމަކީ ހާދަ ހީނުކުރާހާ ގޮތްގޮތަށް ބަދަލުވެގެން ދާ އެއްޗެކެވެ.ހާލަތު ބަދަލުވެގެން ދަނީ ކުރިޔާލައި އިންޒާރެއްވެސް ލިބުމަކާ ނުލައެވެ.އެއްބައި ފަހަރު ހިތާމައެވެ.އަނެއްބައިފަހަރު އުފަލެވެ.
ޝާމިންގެ ސްޓަޑީގެ ޑެސްކު މަތީގައި އަތުރާލެވިފައިވާ ލިޔެ ކިޔުންތަކަށް ބަލަހައްޓައިގެން އިން އިރު އަހަރެން ގާތަށް އައިސްފައި ހުރި ދިލަ ރުޅިން އަހަރެންގެ މުޅި ހަށިގަނޑުގައިވެސް ވަނީ މަޑު ތުރުތުރެއް އުފެދިފައެވެ.ޝާމިންގެ ދެބުމަ ވެސް ކައިރިކޮށްލެވިފައިވާ ގޮތުން އޭނާގެ ނުރުހުންވެސް ސިއްރެއް ނުވެއެވެ.
”ހާދަ ގޮތެއް ފޮތެއްވެސް ނެތް ބަޔެކޭ ދޯ… އަހަރެން ހަމަ އަންތަރީސްވެއްޖެ.މުދަލާ ހެދި ބޫތުކެޔަސް ބޮޑުވަރު…އެ އަންހެނާ ހީކުރަނީ ކީކޭ ކަމަށްތަ އަޅެ…؟ތިމާ ހޭވި ހަޑި އަބަދު ބޮޑު ފޮށި އަޑީގައި ފޮރުވާފައި ބޭއްވޭނެކަމަށްތަ؟“ އަހަންނާ ޖެހިގެން މޭޒުގަައި ދެއަތް ވިއްދާލައިގެން އިން ޝަފްކާގެ ދެލޮލުންވެސް ހީވަނީ އަލިފާން ކަނި ބުރާހެންނެވެ.
”އަދި މީ އެންމެ ކަމެއް…މިކަހަލަ ކިތައް ކަންތައް އެމީހުން ކޮށްފައި އޮންނާނެ…ބަލާބަލަ މި ފަކީރަށް އެ މީހުން އެ ޖެއްސި ހާލު…..އަޅެ ހެޔޮވާނެތަ އެހެން ހަދަން…؟ލޭގެ ގުޅުން ހިނގާ މީހެކޭ މީ ގައިމު…ދެން އެހެންވީމަ ބުނެބަލަ ކޮށްފަ އެމީހުން ނުކުރާނީ ކީއް މުދަލުގެ ދަހިވެތިކަމުގައި…؟ބާރާ ނުފޫޒު އެބައޮތްވިއްޔަ މުހުސިނުގެ އާއިލާގަ…ދެން ހަމަ ބިރު ކަނޑާލާފައި އުޅެންވިއްޔޭނު ޚަލީސާމެން.އެވަރަށް މުދަލާ ފައިސާޔާ ބާރާ ނުފޫޒް އޮތް އިރުވެސް އެ އުޅެނީ ހިތް ނުފުރިގެންވިއްޔަ އެ ދަހި ބައިގަނޑު…އެ ޚަލީސާ ހުންނާނެ މުހުސިނު ޖަހާހާ ބެރަކަށް ހެވި ދިލިފަ ނަށަން…މަ ބަލާނަމޭ ކިހާ ދުވަހަކު އެހެން ދެން އެ މީހުނަށް އުޅެވޭތޯ…“
ޝާމިންގެ އަޑުގައިވަނީ ސާބިތުކަމެވެ.އޭނާ ކުރަން ފަށައިފި ކަމެއްގެ އެންމެ ފުނަށް ފީނާފައި ނޫނީ އޭނާ ހުއްޓާ ނުލާނެ ކަމީ އަހަންނަށް އެނގި ޔަގީންވާ ކަމެކެވެ.
”މިކަން އެންމެ ފުނުގައި ޖައްސާފަ މިފަހަރު ހުއްޓާލަންވާނީ…ކޮންމެ ގޮތެއް ހަދާފައިވެސް އާކިއަށް އިންސާފު ހޯދައިދޭން އަހަރެން ބޭނުން…“ އަޑު ހަރުކޮށް ޝަފްކާ ބުނެލިއިރު އެ ދެލޮލުގައި ވިދަމުން ދިޔައީ ކަރުނައެވެ.
”ހާސްކަނޑާލާ…ކަމާ ބެހޭ ފަރާތްތަކަށް އަންގަން ޖެހޭ ކަންކަން އަންގާފައި މިހާރު އޮންނާނީ…ހެކި ވެސް އެބަހުރި ބޯކޮށް…ލާހިކެއް ނޫން ދެން ރެކި ގަންނާކަށް… އިރާދަކުރެއްވިއްޔާ އަހަރެން އެމީހުން ޖަވާބުދާރީ ކުރުވާނަން….އެމީހުންގެ ހަގީގަތް މުޅި ދުނިޔެއަށް ހާމަވެސް ކޮށްދޭނަން…އާކިލަށް އިންސާފުވެސް ހޯދައިދޭނަން“ ޝާމިންގެ ތުންފަތް އެއް މިޔަކަނުން ދެމިލީ ކާމިޔާބު އޮތީ މާ ދުރެއްގަ ނޫނޭ ބުނެލާ ފަދަ ގޮތަކަށެވެ.
(ނުނިމޭ)
2 Comments!
Comments are closed.






Vrh romm ingey sifa kohdheefa hunnaleh!!💓
Hmm kon kanthah gadaakatha laigen mi ulheny after a month?
Waiting for next….
Ly
Thank you Your fav bab ❤️
Something is up for sure… let’s see dho
Stay tuned for next part.