Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 14)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
May 7, 2026 9 Mins Read
4 Comments

އަހަރެންގެ ހިތުގައި މީހަކު ހިފާ ބާރުކޮށްލި ފަދަ އިހުސާސެއް އަހަންނަށް ކުރެވިގެން ދިޔައެެވެ.އަހަރެންވެސް ޝަފްކާއާއި އެކުގައި މުސްކުޅިވެ މުޅި އުމުރު ހޭދަކޮށްލަން ބޭނުމެވެ.ނުހައިކު ފުރާ ފުރިހަމަވެ ކާމިޔާބު ކުއްޖަކަށް ވާތަންވެސް ދެކެން ބޭނުމެވެ.އެހެނަސް ޝަފްކާގެ އެ އެދުމަށް އަހަރެން އިޖާބަދޭނީ ކިހިނެއް ހެއްޔެވެ؟އެ ހަށީގައި އެންމެ ލަކުނެއްވެސް ލައްވާލާކަށް އަހަރެން ބޭނުމެއްނޫނެވެ.

”ޝަފް…އަމް ސޮރީ… އަހަރެންގެ ޖަވާބު ބަދަލެއް ނުވާނެ… އަހަންނަކަށް ތިކަމަށް އޯކޭ އެއް ނުދެވޭނެ…ޕްލީޒް އަހަންނާ ދޭތެރޭ ހިތް ބުރަކަމެއް ނުބާއްވާތި…މީ އަހަރެންގެ ނިންމުން.“ދެލޯ ކަރުނުން ފުރެމުން ދިޔަ ހާލުގައި ބަރު ހިތަކާއިއެކު އަހަރެން ބުނެލީމެވެ.މި އުފާވެރި ރޭ މިފަދަ ގޮތަކަށް ބަދަލުވެގެން ހިނގައިދާނެކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ.ޝަފްކާ ވާހަކައެއް ދައްކަން ބޭނުން ވާހަކަ ބުނުމުން ފަހަރެއްގައިވެސް އެއީ އެފަދަ ވާހަކައެއް ކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. ޝަފްކާ ރޮމުން އައި ގޮތަށް އަހަރެންގެ ގަމީހުގެ ގިރުވާނުގައި ދެ އަތުން ހިފައި ތަޅުވައިގަތުމުން އަހަންނަށް އަވަސް އަވަހަށް އެ ދެއަތުގެ ކުޑަ ހުޅުގައި ހިފަހައްޓާލެވުނެވެ.

”ކީއްވެތަ އާކިއަށް އާނއެކޭ ނުބުނެވެންވީ؟ އޭނ؟!! އާކި ބޭނުމެއް ނޫންތަ އަހަންނާ އެކީ ދިރިއުޅޭކަށް؟ ނޫކް ބޮޑުވާތަން ދެކޭކަށްވެސް؟ އޭނ ބުނެބަލަ؟! ޔޫ ކޭންޓް ޑޫ ޑައިލިސިސް ފޮރ އެވަރ އާކިލް!އެއްފަހަރު ނަމަވެސް އަހަރެން ބުނާ ބަސް ގަބޫލުކޮށްބަލަ…އަމް ހެލްދީ… އަހަރެންގެ އެއް ކިޑްނީ ދިނަކަސް އަހަރެންގެ ބޮޑީ ފަންކްޝަންތަކަށް މާ ބޮޑު ބަދަލެއް ނާންނާނޭ…އެއް ކިޑްނީއާ އެކުގައިވެސް އިންސާނަކަށް ދިރިހުރެވޭނެ..އިފް ދެޓްސް ވަޓް ޔޫއަރ ވޮރިޑް އެބައުޓް…. އަހަރެން ނޫޅެމޭ އޮޕަރޭޝަނެއް ކުރަން ޖެހޭނެތީ ބިރަކުންވެސް…އާކިއަށްޓަކާ އަހަރެން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަން…އެކަމަކު އާކިގެ ތި ބަލި ހާލަށް އާކި ދޫކޮށްލާށޭ ދުވަހަކުވެސް ނުބުނާތި.ބުންޏަސް އަހަރެން އަޑެއްވެސް ނާހާނަން…އައި ނީޑް ޔޫ ވިތް މީ…ވީ ނީޑް ޔޫ“ ޝަފްކާ އަސަރާއި އެކުގައި ބުނެލިއެވެ.

”ޝަފް! އަހަރެން ޝަފްއާ އެކީ ދިރިއުޅެން ބޭނުން ނުވަނީކީ ނޫނޭ..ނޫކް ބޮޑުވާތަން ދެކެންވެސް ބޭނުން ނުވަނީކީ ނޫނޭ…އައި ޖަސްޓް ކާންޓް ޑޫ ދެޓް ޓު ޔޫ ޝަފް… އަހަރެން ޝަފް ދެކެ ހާދަ ލޯބިވެޔޭ…ތި ހަށިގަނޑުގައި ކުޑަވެސް ވޭނެއް އަޅާކަށް އަހަރެންގެ ހިތަކަށް ކެތެއް ނުވާނެ… ޝަފްގެ ގައިގައި އެންމެ ލަކުނެއްވެސް ލައްވާލާކަށް އަހަރެން ބޭނުމެއްނޫން ޝަފް…ދެން ތިބުނީ އެއް ކިޑްނީއާ އެކީގައި އިންސާނަކަށް ދިރިއުޅެވިދާނޭ.ވަޓް އިފް ޔޫ ގެޓް ސިކް ހަނ؟؟ ބުނެބަލަ….އަހަރެން ބޭނުމެއްނޫން ޝަފް އަހަންނަށްޓަކައި ތިހާ ބޮޑު ރިސްކެއް ނަގާކަށް…އައި ވޯންޓް ޔޫ ޓު ލިވް އަ ހެލްދީ ލައިފް…ނޫކުއަށްޓަކާވެސް“ އަހަރެން މަޑުމަޑުން ޝަފްކާގެ ދެއަތުގައި ހިފާލަމުން ބުނެލީމެވެ.އެއާއެކު ޝަފްކާ އަހަރެންގެ ދެއަތް ފޮޅުވާލާފައި، އަހަންނާ ދުރަށް ފަހަތަށް ދެ ފިޔަވަޅު އަޅާލިއެވެ.

”އައި ކޭންޓް ބިލީވް…ޔޫ…އާކި…ތިހާ…އަމިއްލަ.. އެދުން ބޮޑުވާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން…“ ޝަފްކާގެ އަޑުގައިވަނީ ރިހުމެވެ.މާޔޫސްކަމެވެ.

”އަހަރެން މި އުޅުނީކީ އާކިއަށް ދެރައެއް ދޭކަށް ނޫން…އާކިގެ ދިރިއުޅުމަށް ކުރިއެރުމެއް ހޯދައިދެވޭތޯ…ތި ވޭންތަކަށް ލުޔެއް ހޯދައިދެވޭތޯ.އަހަރެންވެސް އާކި ދެކެ އިންތިހާއަށް ލޯބިވާތީ…ތި އުޅޭ ހާލު ފެނި މިހިތަށް ކެތް ނުވާތީ…އަހަންނަށް ހީކުރެވުނީ އަހަރެން މި ވާހަކަ ބުނީމަ އާކި ވާނީ އުފާކަމަށް.އާކިވެސް އަވަހަށް ޓްރާންސްޕްލާންޓް ހަދަން ބޭނުންވާނެކަމަށް…އެކަމަކު އާކިގެ ޖަވާބު ވަރަށް ސާފު…އައި ޑޯންޓް އީވެން ނޯ ހައު ޓު ޕުޓް ދިސް…“ ޝަފްކާ ބުނާނެ އެއްޗެއް ނޭނގިގެން ވައިގެ ތެރޭގައި އަތް ހަރަކާތް ކޮށްލިއިރު އެ ހިމޭން ގިސްލުމުގެ އަޑު ފަޒާގައި ގުގުމާލާފައިވެއެވެ. ހިތަށް ތަދުވި ވަރުން އަހަންނަށް ޝަފްކާއާއި ގާތަށް ކުރިއަށް ޖެހިލެވުނެވެ.އެހެނަސް ދެންވެސް އޭނާ އަހަރެންގެ އެ ގާތްކަމުން މަނާވެގަތެވެ.

”ކޭން ޔޫ ޖަސްޓް ޓޭކް މީ ހޯމް… އަހަރެން ބޭނުމީ ދެން ގެޔަށް ދާން…“ އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނދެފައި ޝަފްކާ އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ބުނެލިއެވެ.

”ޝަފް…ޕްލީޒް…. އަހަރެން ދެކެ ރުޅި ނާދޭ…“ހިތުގައި ޖެހުނު ވަރުން އަހަންނަށް ބުނެވުނެވެ.

”އައި ޖަސްޓް ވޮނަ ގޯ ހޯމް…“ކުރެހިފައިވާ އަޑަކުން ޝަފްކާ ތަކުރާރުކޮށްލިއެވެ.

މުޅި ރޭގެ އުފާވެރިކަން ވިއްސި ވިހާލިވެގެން ދިޔައީ ހަމަ ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.އަހަރުމެން ދެމީހުން އެކު އެކީގައި ގޮސް ޓެރަހުން ފައިބަން ލިފްޓަށް އެރި އިރު ދެމެދަށް ވެރިވެފައިވަނީ ނުތަނަވަސް ހަމަ ހިމޭންކަމެކެވެ.ޝަފްކާގެ މޫނުމަތިން ފާޅުވޭވޭ ހުރި އަސަރުތައް އަހަރެންގެ ހިތަށް ތުރާކުރަމުން ދިޔައީ އިންތިހާއަށެވެ.އެހެނަސް މިވަގުތު އޭނާ އަހަރެންނާ ވާހަކަ ދައްކަން ބޭނުން ނުވާކަން އެނގޭތީ ބަހެއް ނުބުނެ އަހަރެން ކެތްކޮށްލީމެވެ.ނަމަވެސް އަހަރެންގެ ބޮލު ތެރޭގައިވަނީ ވަރުގަދަ ހައިޖާނެއް އުފެދިފައެވެ.މިކަމުގެ ސަބަބުން އަހަންނާއި ޝަފްކާގެ ގުޅުމަށް ކުޑަވެސް ހީނަރުކަމެއް އަންނާކަށް އަހަރެންގެ ހިތެއް ނޭދެއެވެ.ޝަފްކާ ހިތްހަމަ ޖައްސައިދޭން އަހަރެން ވަކި ބުނާނީ ކީކޭ ކަމެއްވެސް ނޭނގުނެވެ.ކޮންމެ ގޮތެއްވިޔަސް އަހަންނަކަށް އެކަމަކާ އެއްބަސް ވެވޭކަށް ނެތެވެ.ޝަފްކާއަށް އެއީ މާ ބޮޑު ކަމަކަށް ނުވިޔަސް އަހަންނަށް ހަމަ އެކަން ސިފަކުރެވެނީ އޭނާއަށް ދެވޭ ބޮޑު އަނިޔާއެއްގެ ގޮތުގައެވެ.

ސައިކަލަށް އަރާފައިވެސް ޝަފްކާ އިނީ އަހަރެންގެ ގަޔާ ގައި ނުޖެހޭނެހެން ދެމެދުގައި ހުސްތަންކޮޅެއް ބާއްވައިގެންނެވެ.ހަށަން ބަނދެލައިގެން އިން ގޮތުން އެއީ އަހަންނާ އޭނަޔާއި ދެމެދު އަޅާފައިވާ ހުރަހެއް ފަދައެވެ. މޫނު އަނބުރާލައިގެން އޭނާ އިން އިރު ދޭތެރެއަކުން ސައިކަލުގެ ލޯގަނޑުން އަހަންނަށް ޝަފްކާގެ މޫނަށް ބަލާލެވެއެވެ.ޝަފްކާ އަދިވެސް އިނީ ތުންފިތާލައިގެންނެވެ.އިރު އިރުކޮޅަކާ ދެލޯ ފުހެލާތަން ފެނެއެވެ.

ގެޔާއި ހަމައަށް އާދެވެން ދެންވެސް ދެމެދަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ.އެހެނަސް ނަސީބަކުން ގެޔަށް ވަދެވުނުއިރު ޝަފްކާގެ މޫނުމަތިން ކޮންމެވެސް ވަރަަކަށް ހަމައަކަށް އެޅިލާފައި ހުރިހެން ހީވެއެވެ.ނޫނީ އާތިޔާގެ ސުވާލެއް ކުރިމަތި ވެދާނެތީ އެކަން ވިސްނި އެ އަސަރުތައް އޭނާ ފަރުދާކޮށްލީ ކަމަށްވެސް ވެދާނެއެވެ.

އަހަރެމެން އެޕާޓްމަންޓަށް ވަތްއިރު ސިޓިން ރޫމުގައި ޓީވީ ހުޅުވާލައިގެން އާތިޔާ އިނެވެ.އެ މޫނުމަތިން ނިދީގެ ކަންފުޅެއްވެސް ފެންނާކަށް ނެތެވެ.ޓީވީއަށް ގެއްލިފައި އިންހެން ހީވިޔަސް އެސްފިޔަވެސް ޖަހާނުލާ އެއް ދިމާލަށް ބަލަހައްޓައިގެން އިން ގޮތުން ކަމަކާ ވިސްނަނީކަން އެނގެއެވެ.އެހެނަސް އަހަރެމެން އައިސްފިކަން ރެއަކާލުމުން ހިނިތުންވެލަމުން އެ އަސަރުތައް ފޮރުވާލީ ނިކަން އަވަހަށެވެ.

”އަނހާ ދަރިފުޅުމެން އައީތަ؟“ އާތިޔާ އޯގާތެރިކަމާއި އެކުގައި އަހައިލިއެވެ.

”ހޫމް…މިއައި…މަންމަ ކީއްވެ ހޭލާ ތި އިނީ…؟އަޅެ ނިދާލިނަމަ…އަހަރެން އައިސްފަ ގޮވީމުހޭ…އަހަރެމެން ދިޔައިރު އޮތީ ނިދިފަ ވިއްޔަ…“ ޝަފްކާ އައިސް ސޯފާގައި އިށީނދެލަމުން ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

”މަންމައަށް ހޭލެވުނީ ފޯނެއް އައިސްގެން…ދެން އަނެއްކާ ދަރިފުޅުމެން އަންނައިރު މަންމަ މިތާ ނިދާފައި އޮތީމަ ދަރިފުޅުމެނަށް ކިހާ އުނދަގޫވެސްވާނެ… އެހެންވެ ދެން ހިތަށް އެރީ ނުނިދާ މަޑުކޮށްލާނީއޭ….ނޫކްވެސް ދެފަހަރަކު ހޭލި… ދަރިފުޅު ރެޑީކޮށްފަ ދިޔަ ފުޅި ދިނީމަ ނަސީބަކުން އެވަރަށް ނުރޮއެ ނިދައިފި އަނެއްކާވެސް…“ އާތިޔާ ބުނެލިއެވެ.

”އެހެންތަ؟އަޅޭ ވަރަށް ލަސްވެސްވެއްޖެ ދޯ…ސޮރީ މަންމާ…އަދި ކިރިޔާ ގަޑިން ވީވަރެއް މި ބަލާލެވުނީ…ބާރަ ޖަހަން ކައިރިވަނީ އެޔޮއްގެން… ހެނދުނު މަންމަ ޑިއުޓީއަށްވެސް ދާން ޖެހޭނެއެއްނު…ހިނގާ އަހަރެން މަންމަ ގެއަށް ލައިދޭން ދާނަން…“ ޝަފްކާ ބުނެލިއެވެ.

”އުހޫނ ޝަފް މަޑުކުރޭ އަހަރެން ދާނީ…“ އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

”ދެން ދަރިފުޅުމެން ތިބެބަލަ…މަންމަ އައީވެސް ސައިކަލުގައޭ އޭރު ބުނީމެއްނު…ތިއެއްނޫނޭ…ދަރިފުޅުގެ ސްކޫޕީ ދެން މިކޮޅަށް ގެންނަންވީނުން… އޭރުން ދަރިފުޅުމެނަށްވެސް ފަސޭހަވާނެއެއްނު އަޅެ…މަންމަ މިހުރީ އެވާހަކަ ކިޔަން ހަނދާން ނެތިފައޭ…އެ ނުދުއްވާ އެހެން ބެހެއްޓީމަ މައްސަލަވެސް ޖެހޭނެއެއްނު…އެ ދުއްވާނެ މީހަކު މިހާރު ނޫޅޭ ވިއްޔަ…ދޮންބެ ސައިކަލުވެސް ހުރި ގޮތަށް އެހުރީ…މަންމައަށްވެސް ވާ ގޮތަކީ ވަކި ސައިކަލެއް ހުންނާތީ އެކުން ކަމާ ކަންފަށާ ގަރާޖުން ނެރެގެން އެ ދެ ސައިކަލެއް ނުދުއްވޭ…ދެން ބައްޕަ އަބަދުހެން ކާރުގަ އެ އުޅެނީ..“ އާތިޔާ ބުނެލިއެވެ.

”އަހަންނަކަށްވާ ލާހިކެއް ނޫން މަންމާ…ސައިކު ނެތީމަ އުނދަގޫވެސްވޭ… އެކަމަކު ބައްޕަ ގަނެދީފަ ހުރި އެއްޗެއްވީމަ އަހަންނަކަށް ނުކެރޭނެ މިހާރު އެ ގެންނާކަށް.އެޔަށް ފަހުން ބައްޕަ ކުރިމައްޗަށް ނާރާ އަދި މިއުޅެނީ… އަނެއްކާ އަހަރެން ސައިކަލު ބަލައި ގެޔަށް ދިޔަކަން އެނގިއްޖެއްޔާ ނޭނގެ ކީކޭ ކަމެއްވެސް ކިޔާނީކީ… މިހާރު ދެން އުޅޭނެއެއްނު އެއްކަލަ ދެޔޯ…އެ ދެޔޯއަށް ދެން އެވެސް ދީފާނެއެއްނު…“ ޝަފްކާ ތުން އަނބުރާލަމުން ބުނެލިއެވެ.

”ސާބަަސް ދަރިފުޅާ..ދެން ރުޅިއަޔެއްކަމަކު މީހުންނާ ދިމާލަށް ތިޔަކަހަލަ އެއްޗެހި ކިޔާކަށް ނުވާނޭ…އެކަމަކު ބުނަން…މަންމައަކަށް ހިޔެއް ނުވޭ ކާރެއް އޮއްވައި ސައިކަލަކަށް އަރާ ކަހަލަ ހިތްތިރި ކުއްޖެއްހެން އެ ލެއޯރާއަކީ… އަބަދުވެސް ބައްޕަޔާ އެކީ ކާރުކޮޅުގަ އެ އުޅެނީ… ގެޔަށް ވިޔަފާރި ކޮތަޅުތައް ގެނޭ ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު…އަހަރެން ހިތަށް އަރާ އެވަރަކަށް ކޯއްޗެއްބާވައޭ އެ ގަންނަނީ…ނޭނގޭނެ މަންމަމެނަކަށް މިހާރު މާ މުސްކުޅިވެއްޖެވިއްޔާ ދޯ…ހެހެ..“ އާތިޔާ ހިތިގޮތަކަށް ހީލަމުން ބުނެލިއެވެ.

”އެއްކަލަ މަންމަ…ކާކުތަ ބުނީ އަޅެ މަންމަ މުސްކުޅިއޭ…؟އަދި ކިރިޔާ ފޮޓީ ސިކްސް ތި ވީ…މިހާރުވެސް މަންމަ އެ ދެޔޯއަށްވުރެ މާ ރީތި…މަންމައަކީ ސީދާ ނެޗުރަލް ބިއުޓީއެއް… ޔޫ ޑޯންޓް ހޭވް އެނީ ވޯރކް ޑަން ޓު ޔޯރ ފޭސް މޯމް…ބަޓް ދެޓް ދެޔޯ….އޭނަ ނުކުރަނީ ކީއް…؟ސީދާ ޕްލާސްޓިކުގަނޑެއް އެއީ…މުޅި މޫނަށް ބޮޓޯކްސް އިންޖެކްޓް ކޮށްފަ…ނުވިތާކަށް ފޭސް ލިފްޓް ވެސް ހަދާފަ އެޔޮއް ޔަންގް އިރުވެސް…ތުންފަތުގަ ހުސް ފިލާރ…އެ ނޭފަތް ވެސް އެއީ ރައިނޯޕްލާސްޓީ ހަދާފަ…ހަމަ ތެދެއް މި ބުނީ…“ ޝަފްކާ ހަށަން ބަނދެލަމުން ބުނެލިއެވެ.

”ވެއިޓް… ދަރިފުޅަށް އަދި ގައިމު ލެއޯރާ ނުވެސް ފެނެއެއްނު…ދެން ކިހިނެއް ދަރިފުޅަށް-“ އާތިޔާ އިނީ ހައިރާންވެފައެވެ.

”އޯ ކަމޯން މަންމާ…މީ ސޯޝަލް މީޑިޔާގެ ޒަމާނޭ… އަނެއްކާ ބައްޕަ އެއީ ސޯޝަލް މީޑިޔާގަ ނުލާހިކު އެކްޓިވްކޮށް އުޅޭ މީހެކޭ މަންމަ ނޫޅުނަކަސް…ބައްޕަ ފޮލޯ ކުރާ މީހުންތައް ބަލާލި ތަނުން އެ ދެޔޯގަނޑު ފެނިއްޖެ ނިކަން ފަސޭހައިން…އަހަރެން ދެން ނިކަން ރަނގަޅަށް ހާވާލީ އޭނާގެ އައިޑީ… ޕްރައިވެޓް އައިޑީ އެއްވެސް ނޫންވިއްޔަ…ހުރިހާ ކަމެއް އެބަ އޮތޭ އޭގަ އިޝްތިހާރުކޮށްލާފަ…އަދި އިނގޭތަ ބައްޕަގެ ބައެއް ފޮޓޯ ވައްޓާލާފަ ހުރީ އެ ދެޔޯއަށް ޓެގް ވެސް ކޮށްލާފައޭ…އަހަރެން ހިތަށް އަރާ ބައްޕަ އަޅެ ލަދެއްވެސް ނުގަނޭބާއޭ…މަންމަޔާ މެރީ ކޮށްގެން ހުރެ.. އަޅެ ކިހާ ބަޔަކަށް ފެންނާނެ…“ ޝަފްކާގެ އަޑުވަނީ ރުޅިއާއި ހިތާމައިން މަސްހުނިވެފައެވެ.

”ހައްގު ތެދެއް؟! ދަރިފުޅު ކޮން އިރަކު ތި ހުރިހާވަރެއް ބެލީ؟! ޕިސް ޕިސް…ޝަހީމްވެސް ދޯ…ދެން އިރާދަ ކުރެއްވިއްޔާ މާގިނަ ދުވަހެއް ނުވާނެތާ..ކޯޓަށް ކީމަ ދެން މާ ލަސްތަކެއް ނުވެ މިކަންވެސް ނިމިދާނެ…މަންމަ ހުންނާނީ ފޮށި އެއްޗެހި ޕެކްކޮށް ހަދާފަ މިހާރު… ދަރިފުޅު ނޫނަކަސް މާމަވެސް މިހާރު ވަަރަށް އެބަ ކިޔާ އަންނާށޭ…އެކަމަކު އަދި އެކަން އެއްކޮށް ނުނިމޭތީ މަންމަ މިހުރީ މަޑުކޮށްގެން…ރީތި ގޮތަކީ އެއީއެއްނު ދޯ؟އޯކޭ ދަރިފުޅުމެން…ހަމަ ތެދެއް ދެން މަންމަ ލައިދޭން އަންނާނެ ކަމެއް ނެތް…އާކިލްވެސް ނުލާހިކު ވަރުބަލިވެފަ ހުންނާނީ މިހާރު.. މާދަން ރިޒޯޓަށްވެސް ދާން ޖެހޭނެއެއްނު…ދޭ ނިދާލަން ދެން….“ އާތިޔާ ކުރެއް ނުކުރިއެވެ.

އެންމެފަހުން  ގޮތުގައި ހިފަހައްޓާލާފައި އާތިޔާ ނުކުމެގެން ދިޔައީ އެކަންޏެވެ.އެއާއެކު ގޭތެރެއަށް ވެރިވީ ފަޅުކަމެވެ.އަހަރެމެން ދެމީހުން އެކަނިވުމުން ޝަފްކާގެ މޫނުމަތި އަދި ވަކިން ބޮޑަށް މިލައިގެން ދިޔައެވެ.އަހަރެން ގޮވާލުމުން އަނގައިންވެސް ނުބުނެ ޝަފްކާ ތެދުވެގެން ގޮސް ސިޓިންގް ރޫމުގެ އަލިކަން ފަނޑުކޮށްލިއެވެ.އެއަށްފަހު ފަސް އެނބުރި ބަލާވެސް ނުލާ އޭނާ މިސްރާބު ޖެހީ ކޮޓަރިއާއި ދިމާލަށެވެ.އެހެނަސް ޝަފްކާގެ އެ އަޅާލުން ކުޑަކަމުން ހިތަށް ކުރި އަސަރުން އަހަރެންގެ ކެތްތެރިކަން ކޮޅުން ލިއެވެ.އަވަސް ފިޔަވަޅުތަކެއްގައި ޝަފްކާގެ ފަހަތުން ގޮސް އަހަރެން އޭނާގެ އަތުގައި ހިފައި ހުއްޓުވީމެވެ.ހީކުރި ގޮތާ ޚިލާފަށް މިފަހަރު ޝަފްކާ އެ އަތް ފޮޅުވައެއް ނުލިއެވެ.އެއީ ލިބުނު ފެހި ސިގުނަލެއް ކަމުގައި އަހަރެންގެ ހިތާއި ސިކުނޑިވެސް އެއްބަސްވިއެވެ.

”އަޅެ އަހަންނާ ވާހަކަވެސް ނުދައްކާނަންތަ ދެން ހަމަ؟ ބޭބީ ތިހެން ހެދީމަ އަހަރެން ވަރަށް ދެރަވޭ އިނގޭ…“ އަހަރެން ވަރަށް ދެރަވެލާފައި ބުނެލީމެވެ.ހަގީގަތުގައިވެސް އަހަރެން ހުރީ ކަން ވީ ގޮތުން ވަރަށް ދެރަވެފައެވެ.އަހަންނާ ޝަފްކާއާއި ދެމެދުގައި އެވަރުގެ ދެބަސްވުމެއް ހިނގި މިއީ ފުރަތަމަ ފަހަރެވެ.

ޝަފްކާ މަގަތަށް އެނބުރި ލަސް ލަހުން އަހަންނާ ހަތަރުކަޅި ހަމަކޮށްލިއެވެ.އޭރު ކަރުނައިގެ މުތީތަކުން އެ ދެލޯ ބަބުޅަމުން ދިޔައެވެ.

”އާކިލް…އަހަރެންވެސް ދެރަވިޔޭ އެވަރުގެ މުހިންމު ކަމަކަށް އާކިލް އެއްބަސް ނުވީމަ.ޕްލީޒް މިވަގުތު ދެން އަހަރެންގެ އަތުން ދޫކޮށްލާ…އަހަންނަށް މިގަޑީ ބުނަން ނުވާ ވަރުގެ އެއްޗެއް ބުނެވިދާނެ…އަމް ރިއަލީ ހާރޓް…އައި ޖަސްޓް ވޮނަ ބީ އެލޯން“ ނޭފަތް ދަމާލަމުން  ރޮވިފައިވާ އަޑަކުން ޝަފްކާ ބުނެލިއެވެ.

ހިތާއި ދެކޮޅަށް ނަމަވެސް އަހަރެން ޝަފްކާގެ އެދުމުގެ މަތިން އޭނާގެ އަތުން ދޫކޮށްލީމެވެ.ޝަފްކާ ގޮސް ކޮޓަރިއަށްވަދެ މަޑުމަޑުން ދޮރު ލައްޕާލިއެވެ.އެއާއެކު އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.ކޮންމެ ގޮތަކުން ވިޔަސް ޝަފްކާގެ ރުހުން އަލުން އަނބުރާ އަހަރެން ބޭނުމެވެ.އެހެން ނޫނީ މި ގުޅުން އެކަށް ހީނަރުވެގެން ހިނގައިދާނެއެވެ.އަހަރެން އެކަމަށް ޖާގަ ދޭނީ ކިހިނެއް ހެއްޔެވެ؟މިހާރުވެސް ޝަފްކާ ނުރުހިފައި ހުރިކަން އެނގޭތީ އަހަރެންގެ އެތެރެހަށި މިވަނީ ހައިޖާނު ހަދާފައެވެ.ހިތުގެ ހަމަ ޖެހުން މިވަނީ ގެއްލިފައެވެ.

ޝަފްކާ އޮށޯންނަހާ އިރުކޮށްފައި އަހަރެން ކޮޓަރިއަށް ވަތްއިރު އޭނާ އޮތީ ކަންނޭލުގައި ބައްދައިގެން އަހަންނަށް ފުރަގަސްދީގެންނެވެ.އޭނާ ނުނިދާ އޮތްކަން އަހަންނަށް ޔަގީން ކުރެވުނީ ދޭތެރެއަކުން ހަށިފުރާ ނޭވައެއް ދޫކޮށްލާ އަޑު އިވިލާތީއެވެ.

”ޝަފް…“ ގޮވަން ނުގޮވަން ހުރެފައިވެސް އަހަރެން ގޮވައިލީމެވެ.އެހެނަސް ޝަފްކާގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ.މިރޭ ދެން އޭނާއާއި ވާހަކަ ދައްކަން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއްކަން ވިސްނި އަހަރެން އެކަން ހުއްޓައިލީ މާޔޫސްވެފައިވާ ހިތަކާއިއެކުގައެވެ.

ފާޚާނާއަށްވަދެ ތާޒާވެލައިގެން ނުކުމެ އޮށޯތްތަނާ އަހަރެންގެ ދެލޮލަށްވެސް އިސާހިތަކު ނިދި ސަވާރުވެގަތީ ވެފައި ހުރި ވަރުބައްޔެއްގެ ބޮޑުކަމުންނެވެ.

****

އައު ދުވަހަކަށް އިރު އަރަން ދުނިޔެމަތި ތައްޔާރުވެލީ އައު އެތައް އުންމީދުތަކާއި ފުރުސަތުތަކަށް މަރުޙަބާ ކިޔަމުންނެވެ.ފަތިސް ނަމާދުކޮށްގެން އައިސް ކޮފީއެއް ބޯލައިގެން  ބަދިގެއަށް ވަތް ގޮތަށް އަހަރެން އުޅުނީ އެތަނުގައެވެ.ޝަފްކާ ނުކުންނަންވާއިރަށް މިއަދު ކޮންމެހެންވެސް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިންމާލަން އަހަރެން ބޭނުންވީ ވަރުންނެވެ.އާންމުކޮށް ނޫނަސް ދޭތެރެއަކުން އަހަރެން ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލަމެވެ.އެކަމަށް އަހަރެން ނުލާހިކު ކުޅަދާނަވެސްމެއެވެ.އެންމެ މޮޅު ޝެފުންގެ ތެރޭ ނަގާ ކިޔޭ ވަރު ނުވިޔެއް ކަމަކު އަހަރެން ކައްކަން ދަންނަމެވެ.

ބޮޑު ދައިތަމެން ގޭގައި އުޅުނު އިރު ގިނައިން އަހަރެން ކައިފައި ހުންނާނީ އަހަރެން އަމިއްލައަށް ’ހޭވި‘ އެއްޗެއްސެވެ.ގިނަ ފަހަރު ބޮޑުދައިތަ ކައްކާ އެއްޗެހިން އަހަންނަކަށް ކާކަށް ނުލިބެއެވެ.އެެހެންކަމުން އެ ވަގުތާ ހާލަތު އަހަންނަށް އަމިއްލައަށް ކައްކަން ދަސްކުރުމަށް މަޖުބޫރުކުރީއެވެ.އެހެނަސް އެކަންވެސް އަހަރެން ކުރަން ޖެހުނީ ސިއްރުންނެވެ.ދެތިން އަހަރެއްވީއިރު އަހަރެން ކައްކަން ނުދަންނަ އެއްޗެއް މަދެވެ.އެހެނަސް ފުރަތަމަކޮޅު އަހަރެން އުޅުނީ ވަރަށް ހާލުގައެވެ.އޭރު ކައްކާ އެއްޗެހީގެ ރަހަތައް ހެޔޮވަރުކުރާކަށް އަހަންނަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ.އަހަރެން ވަކި އަހާނީވެސް ކާކު ކައިރީގައި ހެއްޔެވެ؟އެހެނަސް ފަހުން ފަހުން އައިސް އަހަރެން ހަދަން ފެށި ގޮތަކީ ބޮޑުދައިތަ ބަދިގޭގައި ކައްކަން އުޅޭ ވަގުތުތަކުގައި މާ ނޫން ކަމަކަށް ގޮސް ބޮޑުދައިތަ ކައްކާ ގޮތާއި،އެއްޗެހި އަޅާ މިންގަނޑުތައް އޮބްޒާވްކުރަން ފެށީއެވެ.އާންމުކޮށް އަހަރެން ފެންނަ އިރަށް ކުނި މޫނު ހަދާ ބޮޑުދައިތަ އަހަރެންވެސް ވަދެ ބަދިގޭގައި ހުންނަ ކުދި ކުދި ކަންކަން ކޮށްލާތީ އެ ގަޑިތަކުގައި އަހަންނާ ދިމާލަކަށް އެއްޗެއްސެއް ނުކިޔައެވެ.އެކަން ވެގެން ދިޔައީ އަހަންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރަކަށެވެ.އެހެން ދެތިން ފަހަރަކު ވަރަށް ވިސްނައިގެން އޮބްޒާވްކޮށްލި ފަހުން އަހަންނަށް އެ އެއްޗެހި ކައްކާނެ ގޮތް ކުލަވާވަރުވިއެވެ.ނަސީބަކުން ދެން އެ ގެޔަކީ ތަފާތު ވައްތަރުގެ ގުރޯސަރީ ސާމާނު ހުސްނުކޮށް ހުންނަ ގެޔެކެވެ.އެހެނަސް ފަޅާ އަރައިފިނަމަ ބޮޑުދައިތައާއި ޅިޔަނު ނުރުހުންވާނޭ ވަރު އެނގޭތީ އަހަރެން އުޅެން ޖެހުނީ ވަރަށް ވިސްނައިގެންނެވެ.ކޮންމެ އެއްޗެއް ބޭނުން ކުރި ކަމުގައި ވިޔަސް އިގްތިސާދު ކުރުމުގެ ރިވެތި ސިފަ އަހަރެން އިޚުތިޔާރުކުރީމެވެ.އެހެނަސް އެވަރުން އުޅުނީމައިވެސް އެމީހުންނަށް އެކަން ފަޅާ އަރާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ.ގުރޯސަރީގެ ޚަރަދުވެސް ބޮޑުވަނީ އަހަންނާ ހެދިއޭ ކިޔައި އެމީހުން އަހަންނާ ދިމާލަށް ހެއްދެވި ނުހެއްދެވިއެއް ގޮވާލިއިރު ތިމާމެން މި އުޅެނީ ޔަތީމެއްގެ މުދާ ބަނޑުއަޅައިގެން ކަމެއް އެމީހުން ހަނދާނެއް ނެތެވެ.ފަހުން ފަހުން އައިސް އަހަރެން ކައްކާލާ މަދު އެތިކޮޅުވެސް އަހަންނަކަށް ކާކަށް ނުލިބެއެވެ.އެޔަށްވެސް އަތްގަދަ ކުރަނީ އެމީހުންނެވެ.

****

އަހަރެން ފުރިޖު ހުޅުވާލާފައި ބަލާލިއިރު ތަފާތު ވައްތަރުގެ ގުރޯސަރީ ސާމާނު ހުސްނުކޮށް ހުއްޓެވެ. އަހަންނަށް ތުން އޫކޮށްލެވުނީ އިޚުތިޔާރުތައް ގިނަކަމުން ހަދާނެ އެއްޗެއް ނޭނގިގެންނެވެ.ތައްޔާރުކުރާނެ އެއްޗެއް ނުވިސްނިފައި ފުރިޖު ދޮރު ހުޅުވާލި ގޮތަށް އިރުކޮޅަކު ވިސްނާލަން އަހަންނަށް ހުރެވުނެވެ.

****

އެންމެފަހުން ވަރަށް ވިސްނަ ވިސްނާފައި އަހަރެން ތައްޔާރުކޮށްލީ ބިސް ސޭންޑްވިޗާއި ސޮސެޖް ރޯލްސްއެވެ.އެއީ ޝަފްކާއަށް އަބަދުވެސް ވަަރަށް ކަމުދާ ދެ ބާވަތްކަން އަހަންނަށް އެނގި ޔަގީންވާތީއެވެ.ކޮފީ ގިރަންވެގެން ތައްޔާރުވެލިތަނާ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އަހަންނަށް އެދިމާލަށް ނަޒަރު ސީދާކޮށްލެވުނެވެ.އޭރު ނުހައިކު އުރާލައިގެން ޝަފްކާ ނުކުންނަނީއެވެ.ގަދަ ޗޮކުލެޓު ކުލައިގެ އަތްދިގު ޕަޖާމާ ގަމީސް މަތިކޮޅަކާއި ހަރުވާޅުގައި އޭނާ ފެންނަލެއް ވަރަށް ހިތްގައިމެވެ.އަނދިރި ކުލައެއްގެ ހެދުމަކަށްވާތީ އޭނާގެ ދޮން ހަންގަނޑުގެ އަލިކަން އިހުނަށްވުރެވެސް ގަދަވެފައިވާކަމަށް ދައްކައެވެ.މޭކަޕެއްގެ އަސަރު ނުވާ އޮމާން މޫނުން ފާޅުވޭވޭ ހުރީ ތާޒާކަމެވެ.ކުލޯ ކުލިޕަކުން އިސްތަށިގަނޑު ފަހަތަށް ގެންގޮސް ހައްޔަރުކޮށްލާފައިވާއިރު އިސްތަށިގަނޑުން ކޮންމެވެސް ވަރަަކަށް ތެތްކަމުގެ އަސަރު ފާޅުވާން ހުއްޓެވެ.އަހަރެން ބަލަން ހުރިތަން ފެނިފައި ޝަފްކާ ކުރިއަށް އަޅަ އަޅާ ހުރި ފިޔަވަޅުތައްވެސް މަޑު ޖައްސާލިއެވެ.

”އަނހާ ބައްޕި ދޫނި ހާދަ ހެނދުނަކާ ހޭލައިގެން“ ޝަފްކާގެ މޫނުމަތިން ފާޅުވޭވޭ ހުރި ކުލަވަރުތަކުން އޭނާ އަދިވެސް އަހަންނާ އެހާ ވާހަކަ ދައްކަން ބޭނުން ނުވާހެން ހީވެ އަހަރެން މުޚާތަބުކޮށްލީ ޝަފްކާގެ އުރުގައި އިން ނުހައިކަށެވެ.

”ހޫމް…ހީވަނީ ކޮންމެވެސް އުނދަގުލެއް ވާތީ އުޅޭހެން…ރޯގާ ވައްތަރުވަނީހެން ބޮޑަށް ހީވަނީ… އަހަރެން އޭސީވެސް ނިވާލައިފިން އެހެންވެ…އިރުއަރަން އުޅޭނެއެއްނު މިހާރު އެހެންވެ ނޫކް ގޮވައިގެން ބޭރަށް ނުކުމެލަންކަމަށް…“ އަހަރެން ހީކުރި ގޮތާ ޚިލާފަށް ޝަފްކާ މަޑުމައިތިރި ކަމާއި އެކުގައި ބުނެލިއެވެ.

”އަދި ޖައްވުތެރޭން ފިނިކަން ނުފިލާނެ…އަވި އަރަން ދެން ނުނިކުމެ އިހަށް މަޑުކޮށްލަން ވީނުން…“ އަހަރެން ބުނެލީމެވެ.ޝަފްކާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

”ޝަފް…އަންނަންވީނުން… ސައިބޯން… އަހަރެން ކޮފީ-“

”އިހަށް ކޮފީއެއް އޯކޭ.. އިރުކޮޅަކުން ސައިބޯން އުޅޭނީ“ އަހަރެންގެ ވާހަކަ ނުނިމެނީސް ޝަފްކާ އަވަސް އަވަހަށް ބުނެލައިފިއެވެ.އަހަރެން ބޯ ޖަހާލާފައި އޭނާއަށް ޔޭ ޔޭ ޑައިޓު ކޮފީއެއް ގިރައި ދިނުމަށް އަވަސްވެގަތީމެވެ.އެޔާ ނުލައި ޝަފްކާގެ ދުވަސް ރަނގަޅަށް ފަށައިވެސް ނުގަނެވޭނެއެވެ.

****

ނުހައިކުގެ ނިދިގަނޑު ރަނގަޅަށް ފިލައި ދިޔުމުން ދެން އެންމެ ހިނދުކޮޅަކަށްވެސް ޝަފްކާގެ އުރުގައި އިންނާކަށް އެކުއްޖާ ބޭނުމެއްނުވިއެވެ.ޖަހާ ޝަފްކާގެ އަތުން ވީއްލިގަނެގެން ޓައިލްސް މައްޗަށް ފައިބައިގެން ކުޅެން ފެށިއިރު އެކުއްޖާއަށް މިއީ ހެނދުނު އެންމެ މާއިރާކަންވެސް އިހުސާސް ނުވާ ކަހަލައެވެ.މަޖާވެލާފައި ކުޅެން އިންއިރު ސިޓިން ރޫމުން ފެންނަން ހުރި ހުރިހާ ކޫސަނި އެއްޗަކާ ކުޅެން އެކުއްޖާ މަސައްކަތް ކުރަމުން ދިޔައެވެ.ޝަފްކާ އަވަސްވެގަތީ ޓީވީގެ ރިމޯޓް ފޮރުވުމަށެވެ.އެޔަށްވުރެ ނުހައިކު ކުޅެން ބޭނުންވާ އެއްޗެއް ސިޓިން ރޫމަކު ނޯވެއެވެ.ދެފަހަރުން އެއްފަހަރު ރިމޯޓުގެ ބެޓެރި ބުރި ނަގައިލަނީ އެ ކުއްޖާއެވެ.އެކަންވެސް ބޮޑު ކަމަކަށް ވެގެން ޝަފްކާ އޮންނަނީ މިހާރު ރިމޯޓު ވަށައިގެން ދެތިން ފަށަލައަށް ޓޭޕުވެސް އަޅާފައެވެ.

****

އަވި އަރައި ޖައްވުތެރެއަށް ހޫނުކަން ފެތުރުމުން ނުހައިކު ގޮވައިގެން ޝަފްކާ ތިރިއަށް ފޭބިއެވެ.އެއްކަލަ އިރުގެ ފަހުން ދެން އަހަންނާ ވާހަކަ ނުދެއްކީމައި އަހަންނަކަށް  އޭނާގެ ފަހަތުން ފައިބާކަށްވެސް ނުކެރުނެވެ.މިހާ ހެނދުނާ އަށްޓަމަހެއްހެން ޝަފްކާގެ ފަސްފަހަތުން އުޅެން ހަދައިގެން އޭނާ އިތުރަށް ހިތްހަމަ ނުޖެހިދާނެތީ އަހަރެން ޖެހިލުންވީއެވެ.

ވިއްސަކަށް މިނެޓް ފަހުން ޝަފްކާ އެނބުރި އައިސްފިއެވެ.އޭރު ނުހައިކު އުޅެނީ އަނެއްކާވެސް ނިދި އައިސްގެން އުޅޭކަހަލަ ގޮތަކަށެވެ.ނިދަން ދާން ހިނގާށޭ ކިޔައި ނުހައިކާއި ވަރަށް ލޯބިން ވާހަކަ ދައްކަމުން ޝަފްކާ އަހަރެން ފެންނަ ކަމަށްވެސް ހަދާ ނުލައި ގޮސް ކޮޓަރިއަށް ވަނުމުން މާޔޫސީ ގޮތަކަށް އަހަންނަށް ކަރު އެލުވާލެވުނެވެ.އެހެން ދުވަސް ދުވަހު ހެނދުނުގެ ވަގުތުގައި މިހެން ބާކީވެފައި އިންނާކަށް އަހަންނަކަށް ނުޖެހެއެވެ.ޝަފްކާގެ އަޅާލުމާއި އޯގާތެރިކަން އަހަންނަށް އެންމެ ފުރިހަމައަށް ލިބެއެވެ.ނުހައިކު ހޭލައިގެން ބޮޑާހާކާ ހެދިޔަސް މި ނޫނީ އަހަންނާ ދުރު ދުރަކުން އޭނާ ނޫޅެއެވެ.އަހަންނަށް އެންމެ ކަމަކާ ދެކޮޅު ހެދުނީތީ ޝަފްކާގެ ފުށުން މި ފެންނަން ފެށި ފިނިކަން އަހަރެންގެ ނަފްސުގެ ހަމަ ޖެހުން މުޅިން ނަގާލައިފިއެވެ.ހިތް މުޅިން މާޔޫސްކޮށްލައިފިއެވެ.އަހަރެން އޭނާއަށް ދިން ޖަވާބާ ދޭތެރޭ އަލުން ވިސްނާ ފިކުރު ހިންގާލަން އަހަރެންގެ ހިތާއި ސިކުނޑިވެސް ބާރުއަޅަން ފެށި ކަހަލައެވެ.

ސޯފާއަށް ހަށިގަނޑު ދޫކޮށްލައިގެން އޮވެ އަހަންނަށް އެކަމާ ދޭތެރޭ ފުންކޮށް ވިސްނެން ފެށުނެވެ.ޓްރާންސްޕްލާންޓް ހަދަން އަހަރެން ފަހަރެއްގައިވެސް ބޭނުން ނުވަނީކީ ނޫނެވެ.ހުރިހާވެސް މައްސަލައަކީ ކިޑްނީ ހަދިޔާ ކުރަން އުޅޭ ފަރާތެވެ.އަހަރެން ލޯބިވާ، އެމީހަކަށްޓަކައި އަހަރެންގެ ހިތުގައި ކުލުނާއި ހަމްދަރުދީގެ ޒައްރެއްގެ މިންވަރުވެސް އުފެދިފައިވާ އެއްވެސް މީހެއްގެ ގުނަވަނެއް އަހަރެން ބޭނުމެއް ނޫނެވެ.އެއީ އެމީހުންނަކީ އަހަރެންގެ މުޅި ދިރިއުޅުމާއި، އިހުސާސްކުރެވޭ އެންމެހާ ޖަޒުބާތުތަކާއި ގުޅިފައިވާ ބަޔަކަށް އެމީހުން ވާނެތީއެވެ.އެމީހުން ފެންނަ ކޮންމެ ފަހަރަކު އުމުރު ދުވަހަށްވެސް އެމީހުންނަށް ދަރަނިވެރި ވެފައިވާފަދަ ފުން އިހުސާސްތަކެއް އެކަމުން އަހަންނަށް ކުރުވާނެތީއެވެ.

****

ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އަހަންނަށް އެ ޚިޔާލުތަކުން އެއްފަރާތް ވެވުނެވެ.ކަށްޓެއް ޖެހިހެން އަހަންނަށް ސޯފާއިން ތެދުވެވުނު ގޮތް ފެނި ޝަފްކާ ގާތަށް ހިނި އަންނަން އުޅުނު ނަމަވެސް އަނގަމަތީގައި އަތް ހިންގާލައި، އެ އަސަރުތައް ފަރުދާކޮށްލަމުން އޭނާ ކަރުކެހިލިއެވެ.

”ސައިބޯން ހިނގާ…ކޮން އިރަކު ރިޒޯޓަށް ދަނީ؟“ އާދައިގެ ގޮތަކަށް ޝަފްކާ އަހައިލިއެވެ.

”ނައިންއަށް ލޯންޗު އޮންނާނޭ ރާއި ބުނި…އޭނާ އަންނާނެ އަހަރެން ބަލާ…“ އަހަރެން ބުނެލީމެވެ.

ރާއިފަކީ އެ ޕްރޮޖެކްޓްގައި ދެން އިސްކޮށް އަހަންނާ އެކުގައި އުޅޭ އާރޓިސްޓުންގެ ތެރެއިން އެކެކެވެ.މާ ގާތް ނޫނެއްކަމަކު އަހަންނާ ރާއިފަކީވެސް ހަމަ ދެކެފަރިތަ ރައްޓެހިންނެވެ.

ޝަފްކާ ގޮސް ކިޗެން އައިލެންޑް މަތީގައި އަހަރެން މަތި އަޅާފައި ހުރި ތަށި ތަކުގެ މަތި ހިއްލާލިއެވެ.އެވަގުތު އޭނާގެ މޫނުމަތިން ހިސާބެއްގެ ހައިރާންކަމެއް ފެނިގެން ދިޔައެވެ.ދެވަނަ ސިކުންތު އެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ.

”ބޭބީ އަޅެ.. ބްރެކްފަސްޓް ހެދީތަ އަޅެ…އަދި އަހަރެން މިއައި ލުއި އެއެއްޗެއް ރެޑީކޮށްލަންކަމަށް…މަތި އަޅާފަ ހުރީމަ ކޯއްޗެއްތޯ މި ބަލާލި ހިޔެއްނުކުރަން-“އަހަރެން ދެކެ ރުޅި އައިސް ހިތްހަމަ ނުޖެހިފައި ހުރި މީހާއަށް އަހަންނާ ވާހަކަ ދެއްކުނީ ނިކަން ލޯބިންކަން ވިސްނި ވާހަކަ މެދުކަނޑާލާފައި ފާޑަކަށް އަހަރެންގެ މޫނަށް ބަލާލިއެވެ.އަނެއްކާވެސް ކަރުކެހިލާފައި މޫނު މައްޗަށް ހިތްހަމަ ނުޖެހެމުގެ އަސަރުތައް ވެރިކޮށްލިއެވެ.އެހެނަސް އޭރު އަހަންނަށް ވަގު ހިފިއްޖެއެވެ. އަހަރެންގެ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ.އެ ހިނިގަނޑު ބޭރުވިޔަނުދީ ހިފަހައްޓަން އަހަންނަށް ކެތްތެރިވެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްތެރިވީމެވެ.ޝަފްކާގެ ރުހުން އަހަރެން ބޭނުންވެފައި ހުރި ވަރުންނެވެ.އަހަރެން ހޭން ފަށައިފިނަމަ އޭނާ ނިންމާނީ އަހަރެން އޭނައަށް މަލާމާތްކޮށް ހެނީ ކަމުގައެވެ.ޝަފްކާ ހަމަ ގަސްދުގައި ރުޅި އަންނަ ކަމަށް ހެދިގެން އުޅެނީކަމާއި،އަހަރެން ދެކެ ރުޅި އައިސްފައި އޭނާއަށް ނުހުރެވުނުކަން އަހަންނަށް ބޮޑުތަނުން ފަޅާއެރީއެވެ. އަދި އެ ހިތުގައި އަހަންނަށްޓަކައި އޮތް އޯގާތެރިކަމާއި ލޯބި، ފޮރުވުމުގައި އޭނާ ބޮޑުތަނުން ފޭލިވެއްޖެކަން އޭނާގެ އެ ބަސްތަކުން އަހަންނަށް އެނގި ޔަގީންވީއެވެ.އެހެންކަމުން އަހަންނަށް ލިބިގެން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރި ކަމެކެވެ.ލިބުނު ކުއްލި ހިތްވަރުގެ ސަބަބުން އަހަންނަށް ޝަފްކާއާއި ގާތަށް ފިޔަވަޅެއް އަޅާލެވުނެވެ.ހަމަ އެޔާ އެއްވަރަށް އޭނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.އެހެނަސް އިތުރަށް ދުރަށް ޖެހޭނެ ފުރުސަތު ނުދީ އަހަރެން ދިޔަ ގޮތަށް ގޮސް އެއް އަތުން އޭނާގެ އުނަގަނޑުގައި އަތް އަޅުވާލައި ގާތަށް ދަމާލީމެވެ.އެއާއެކު ޝަފްކާ އައިސް ލައްވީ އަހަރެންގެ މޭގައެވެ.އެފަދަ ކަމަކަށް އުންމީދު ނުކޮށް ހުރި ޝަފްކާއަށް ލިބުނު ސިހުމުގައި އެ އަނގައިން ބޭރުވެގެން ދިޔައީ އާހެކެވެ.

”އާކި-“ޝަފްކާ ހުރީ ފާޑަކަށް ދެލޯ ބޮޑުކޮށްލައިގެންނެވެ.

”ޝްޝްޝްޝް“ އަހަރެން ޝަފްކާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން އެއްވެސް އެއްޗެކޭ ނުބުނުމަށް އަންގާލީމެވެ.ޝަފްކާ ހިންދިރުވާލިތަން ފެނި އޭނާގެ ހިތް އަވަސްވެފައި ހުރި މިންވަރު އަހަންނަށް އަންދާޒާ ކޮށްލެވުނެވެ.އެ މަންޒަރު ފެނި އިސާހިތަކު އަހަރެންގެ ތުންފަތް އެއް މިޔަކަނުން ދެމިލީ ބޮލަށް ވަދެގަތް ލާނެތް ޚިޔާލުތަކެއްގެ ސަބަބުންނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ނޭދެން ވަކިވާކަށް 11 ވަނަ ބައި

Next

ގާތުގާ… 18

Next
May 9, 2026

ގާތުގާ… 18

Previews
May 7, 2026

ނޭދެން ވަކިވާކަށް 11 ވަނަ ބައި

4 Comments!

  1. Anaq says:
    May 7, 2026 at 11:15 pm

    Wow 😍😍😍😍 waiting for the next part

    1. Lamtty Lamtty says:
      May 11, 2026 at 2:40 pm

      Thank you Anaq darling ❤️

  2. Fihaaraeh Thereyn says:
    May 8, 2026 at 4:44 pm

    Varah furihama

    1. Lamtty Lamtty says:
      May 11, 2026 at 2:40 pm

      Thank you dear ❤️

Comments are closed.

Next Episodeވުމޭ އެދެނީ ތިބާޔާ އެކީ(ޕާޓް 16)←


All Right Reserved!