Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ވުމޭ އެދެނީ ތިބާޔާ އެކީ(ޕާޓް 16)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
May 21, 2026 8 Mins Read
5 Comments

”ހާސްކަނޑާލާ…ކަމާ ބެހޭ ފަރާތްތަކަށް އަންގަން ޖެހޭ ކަންކަން އަންގާފައި މިހާރު އޮންނާނީ…ހެކި ވެސް އެބަހުރި ބޯކޮށް… ލާހިކެއް ނޫން ދެން ރެކި ގަންނާކަށް… އިރާދަކުރެއްވިޔާ އަހަރެން އެމީހުން ޖަވާބުދާރީ ކުރުވާނަން… އެމީހުންގެ ހަގީގަތް މުޅި ދުނިޔެއަށް ހާމަވެސް ކޮށްދޭނަން…އާކިލަށް އިންސާފުވެސް ހޯދައިދޭނަން“ ޝާމިންގެ ތުންފަތް އެއް މިޔަކަނުން ދެމިލީ ކާމިޔާބު އޮތީ މާ ދުރެއްގަ ނޫނޭ ބުނެލާ ފަދަ ގޮތަކަށެވެ.

”ވެއިޓް…ތިބުނީއެއްނު މިހާރު މައްސަލަ ހުށައަޅާފަ އޮތް ވާހަކަ.އެމީހުންނަށް ކޮންމެވެސް ގޮތަކުން މިހާރު އެނގިފައެއްނޫންތަ އޮންނާނީ…؟“ ޝަފްކާގެ ހިތުގައި އުފެދިފައިވާ ސުވާލުތައް އޭނާ ބަންޑުން ކޮށްލިއެވެ.

”ޑަޒަންޓް މެޓަރ…އެނގިފަ އޮތަސް ނޭނގި އޮތަސް ދެނެއް އެމީހުންނަކަށް ބޯ ދަމައެއް ނުގަނެވޭނެ…ގައުމު ދޫކޮށްފަ ނުވެސް ފިލޭނެ…އެހާ ޔަގީންކަން އޮތީމައޭ މިހެން މިބުނީ…“ ޝާމިން ވަރަށް ޔަގީންކަމާ އެކުގައި ބުނެލިއެވެ.އެހެނަސް އަހަރެންގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ވީ ހައްތަހާ އިތުރެވެ.ރިޝްވަތު ދީގެން އެތައް ކަމެއް ހިންދާލި ބަޔަކު ދެންވެސް އެފަދަ ކަމެއް ކޮށްފާނެ ކަމުގައި އަހަންނަށް ގަބޫލު ކުރެވުނެވެ.ކޯޓު މަރުހަލާއާއި ހިސާބުން ގާޒީ ގަނެލައި އެމީހުންގެ ކޮޅަށް މައްސަލަ ނިންމައިފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ޝާމިނަށް ފުރިހަމައަށް އިތުބާރުކުރަން އަހަރެން ބޭނުމެވެ.އެހެނަސް ކަންތައްތައް ހިނގާފައި އޮތް ގޮތުން އަހަންނަށް އެއީ ކުރަން އެހާ ފަސޭހަ ކަމަކަށް ނުވިއެވެ.

ޝާމިން އެ ދުވަހުގެ އެ ބައްދަލުވުން ކުރުކޮށްލީ މުހުސިނާ ބެހޭ ގޮތުން ވަރަށް ގިނަ މުހިންމު މައުލޫމާތުތަކެއް އަހަރެމެނަށް އޮޅުންފިލުވައިދީފައެވެ.އެއީ އަހަރެން ހީކުރި ވަރަށްވުރެވެސް އަރާ ހުރި މީހެކެވެ.އަހަރެން ނޫނަކަސް އެތައް ބަޔަކަށް މަކަރާ ހީލަތުން އެތަކެއް ގެއްލުމެއް ދީފައިވާ ނުބައި ނުލަފާ މީހެކެވެ.

ޝާމިން ބޭނުންވީ އަހަރެންނާއި އެކުގައި މުހުސިނުގެ ގެއަށް ގޮސް ސީދާ އޭނާއާއި ދިމާކުރާށެވެ.އެހެންކަމުން އެގެއަށް ގޮސް ދައްކާނެ ވާހަކަތަކަށް ދާންދެން ޝާމިން އަހަންނާ މަޝްވަރާ ކުރިއެވެ.ބުނާ ކޮންމެ ބަހެއްވެސް ބުނަން ޖެހޭނީ ވަރަށް ވިސްނާފައިކަން އޭނާ އަހަންނަށް ބުނެދިނެވެ.ޝާމިން ބޭނުންވީ މުހުސިނުގެ ހުރިހާ ރޭވުމެއް ފަނިފުލަށް ގޮސް، ހުރިހާ ކަމެއްވެސް ބޮއްސުންލައިގެން ގޮސްފިކަން މުހުސިނަށް އަންގާލައި، އޭނާ އިތުރަށް ބިރުގަންނުވާލާށެވެ.މުހުސިނަށް ޝާމިންގެ ކުރިމަތީގައި ޗުއްޕުވެސް ބުނަން ނުކެރޭނެކަމުގެ ޔަގީންކަން އޭނާ ދިނުމުން ފުރަތަަމަ އަހަރެން ހިސާބަކަށް ހައިރާންވެސްވިއެވެ. އެހެނަސް ފަހުން  އަހަންނަށް ޝާމިން ކާމިޔާބު ކޮށްފައި ހުރި ކޭސްތަކުގެ މައުލޫމާތު އެނގުމުން އަހަންނަށް މަންޒަރު ސާފުވިއެވެ.މުހުސިނުވެސް އޭނާ އާއިމެދު ޖެހިލުންވާނޭ ބައިވަރު ސަބަބުތައް އެބަ ހުރިކަން އަހަންނަށް ގަބޫލުކުރެވުނެވެ.ޝާމިނަކީ ހައި ސްޓޭކް އެތައް ލީގަލް ކޭސްތަކެއް ކާމިޔާބު ކޮށްފައިވާ ވަރަށް މަގުބޫލު, ޑިމާންޑް ބޮޑު ލޯޔަރެކެވެ.އަހަރެން ފަދަ އާދައިގެ މީހެއްގެ ކޭސްއަކާ ބެހޭ ގޮތުން ވަކާލާތުކުރަން އެފަދަ ހުނަރުވެރި،މޮޅު ލޯޔަރަކު ލިބުމަކީ ލެއްވި ރަހުމަތެއްކަމުގައި އަހަންނަށް ގަބޫލު ކުރެވުނީ ދެނެވެ.

****

ސީދާ މުހުސިނުގެ ގެޔަށް ގޮސްގެން އެމީހުންނާ ބައްދަލު ކުރާ ވާހަކަ ޝާމިން ދެއްކީންސުރެ އަހަރެންގެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ އެ ޚިޔާލުތަކެވެ.ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ އާއިލާއެވެ.ކިރިޔާވެސް ވި ލޭގެ ގުޅުމެވެ.ބައްޕަ ނެތް ދުނިޔޭގައި ބައްޕަގެ ދަރިއަކާމެދު ބައްޕަގެ އާއިލާގެ ފަރާތުން އެހާ އިހާނެތިކޮށް ކަންތައްތައް ވެގެން ދާކަށް ޚުދު ބައްޕަވެސް ނޭދޭނެކަމީ އަހަންނަށް އެނގި ޔަގީންވާ ކަމެކެވެ.އެހެންކަމުން ކުރެވެމުންދިޔަ ކުށްވެރި ކަމުގެ އިހުސާސްތަކުން ދުރުވުމަށްޓަކައި އަހަރެން ތަކުރާރުކޮށް އަމިއްލަ ނަފްސަށް ވިސްނައިދޭން ފެށީމެވެ.އަހަރެން މިއުޅެނީ ކޮންމެހެން އެމީހުންނަށް ހައްގުނުވާ ގެއްލުންތަކެއް ދޭން ނޫން ކަމަށާއި, އެހެނަސް އަހަންނަށް ހައްގުވާ އިންސާފު ހޯދުމަށް ކަމުގައި ބުނެ އަހަރެން އަމިއްލަ ނަފްސަށް އަޑު ލައިގަތީމެވެ. ޝަރުއީގޮތުން އަހަންނަށް ވާރުތަވާ ބައްޕަގެ މުދާތައް އެމީހުން މަކަރާ ހީލަތުން ފޭރިގަތުމުގެ ކުރިން، އެ މުދާތައް ހައްގު ގޮތުގައި އަހަރެންގެ ފުރިހަމަ މިލްކަކަށް ހަދަން އަހަރެން ހަމަ އެވަގުތު އަޒުމު ކަނޑައެޅީމެވެ.

****

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ.މިއަދު އެތައް ގޮތަކުން އަހަރެންގެ ދިރިއުޅުމަށް ކުރިއެރުން ލިބިފައިވިޔަސް އެކަންތައްގަނޑުގެ ސަބަބުން ނަފްސާނީ ގޮތުން އަހަންނަށް ކޮށްފައިވާ އަސަރުތައް ވަރަށް ބޮޑެވެ.އަހަރެންގެ މުޅި ދިރިއުޅުމާއި ގުޅިފައިވި އެ ހިތި ހަގީގަތްތައް ފަޅާ އެރި ދުވަހު ލިބުނު ޝޮކުން އަދިވެސް އަަހަންނަކަށް މުޅިއަކުން އަރައެއް ނުގަނެވެއެވެ.ގިނަ ވަގުތު އިނދެވެނީ ނެގި މަޑުވެފައެވެ.މީހާ މުޅިން އެހެން މީހަކަށް ބަދަލުވި ކަހަލައެވެ.ބަހެއް ބުނެލަން ދޫވެސް ހަރަކާތް ކުރަނީ މަދު ފަހަރަކުއެވެ.އެވެސް މީހަކު އިސްވެ އަހަންނާ ވާހަކަ ދެއްކިއްޔާއެވެ.ގަބޫލުކުރަންވީ ކޮން ކަމެއްކަންވެސް އަދިވެސް އަހަންނަކަށް ޔަގީނެއް ނުވެއެވެ.ނަތީޖާއަކަށްވީ ވަޒީފާގެ މާހައުލުގައި އަހަންނަށް މަސައްކަތްތަކަށް ދެވޭ ސަމާލުކަންވެސް ބޮޑު ތަނުން ކުޑަވެގެން ދިޔުމެވެ.ސްޓޫޑިޔޯގައިވެސް ގިނަ ވަގުތު އަހަންނަށް އިނދެވެނީ ގަބުކައިފައެވެ.ރިޒޯޓަށް ދާ ދުވަސް ދުވަހު ވެސް ރަނގަޅަކަށް މަސައްކަތެއް ނުކުރެވެއެވެ.ބޭކާރު ސުވާލުތަކެއް ކޮށްގެން އަހަރެންގެ ބޯ ހާސްކޮށްލުމުގެ ބަދަލުގައި އަހަންނާ އެކުގައި މަސައްކަތް ކުރާ އެންމެންގެ ފަރާތުންވެސް އަހަންނަށް ލިބިގެން ދިޔައީ އެއްބާރުލުމެވެ.ކޮންނަ އުސޫލުން ބޭކާރު ސުވާލުތަކެއް ނުކުރިޔަސް އެ އެންމެނަށްވެސް އަހަންނަށް ބޮޑު ކަމެއް ދިމާވެގެން އުޅޭކަން، އަހަރެންގެ އުޅުމާ މިޒާޖަށް އައި ކުއްލި ބަދަލުތަކުގެ ސަބަބުން ނަގައިގަނެވުނެވެ.އެހެންކަމުން އަހަންނަށް ފުރިހަމަ ނުކުރެވި ހުންނަ މަސައްކަތްތައް ފުރިހަމަކޮށް ފޫބެއްދުމުގައި އެމީހުންގެ އެހީތެރިކަމާ އެއްބާރުލުން އަހަންނަށް ވަރަށް ފުރިހަމަ ގޮތުގައި ލިބިގެންދިޔައެވެ.އެމީހުންގެ ރަނގަޅު ކަމުން ބައެއްފަހަރު އަހަންނަށް ކުށްވެރިކަމުގެ އިހުސާސްވެސް ކުރެވެއެވެ.ވަގުތާ ހާލަތުގެ ގޮތުން އަހަންނަށް އަދި އެމީހުންނަށް ހަގީގަތް ކިޔާ ދެވެން ނެތީމައެވެ.އެހެނަސް އެމީހުން އެވަރަށް އަހަންނަށް ހިތްވަރު ނުދޭނަމަ މިހާރު އަހަރެންގެ ގިނަ މަސައްކަތްތަކެއް އޮންނާނީ ހުއްޓުމަކަށް އައިސްފައިކަން އަހަންނަށް ހަމަ ޔަގީނެވެ.އަނެއްކޮޅުން ގެޔަށް އައިސްވެސް އަހަންނަށް ގިނަ ވަގުތު ހޭދަކުރެވެނީ އެކަންޏެވެ.ޝަފްކާ އަހަރެންގެ ކައިރިއަށް އަޔަސް އަހަންނަށް ދެވެނީ އޭނަޔާވެސް ދުރަށެވެ.މި ދުވަސްކޮޅު ނުހައިކުއަށްވެސް ދޭން ޖެހޭ އަޅާލުމާ ލޯތްބެއް އަހަންނަކަށް ނުދެވެއެވެ. އެ ދެމީހުން ފެންނަ ހިސާބުގައި ތިބިއްޔާ އަހަންނަށް ކުރެވެނީ ހިތް ނުތަނަވަސް ކުރުވާ އުނދަގޫ އިހުސާސްތަކެކެވެ. އަހަރެންގެ ސަބަބުން އެ ދެމީހުން ނުރައްކަލަކަށް ހުށައެޅިދާނެކަމުގެ ބިރު ހީވާ ވަރުންނެވެ.މުހުސިނާއި، ބޮޑުދައިތަ ޚަލީސާގެ ރާޑަރަށް އަރައިގެން އެ ދެ މީހުންނަށް އެއްވެސް ކަހަަލަ ބިރުވެރިކަމަކާ ކުރިމަތިލާން ޖެހޭކަަށް އަހަރެންގެ ހިތެއް ނޭދެއެވެ.

އަހަންނަށް ޝަފްކާއާއި ދުރުން އުޅެވެނީ ކޮންމެހެން އޭނަ ހިތުގައި ޖެއްސުމުގެ ނިޔަތަކު ނޫނެވެ.އެހެނަސް އެކަމާ ޝަފްކާ ވަރަށް ދެރަވެ މާޔޫސްވެފައި ހުންނަކަން އަހަންނަށް އެނގެއެވެ.ނަމަވެސް އެކަން އެގޮތަށް ދިމާވާން ޖެހުނު ސަބަބު ޝަފްކާއަށްވެސް ގަބޫލުކުރެވޭތީ އެކަމާ ގުޅުވައި އަހަންނާ ދިމާލަށް ނުރުހުމުގެ އެންމެ ބަހެއްވެސް އޭނާ ބުނެ ނުލައެވެ.ބަދަލުގައި ޝަފްކާގެ ފަރާތުން އަހަންނަށް ލިބެމުން ދިޔަ ލޯތްބާއި އެއްބާރުލުން އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ.

****

ރިޒޯޓުގައި ހިނގަމުންދާ ޕްރޮޖެކްޓުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައިވާތީ މިއަދަކީ އަހަރެމެން އޯވަރޓައިމްކޮށް މަސައްކަތް ކުރި ދުވަހެކެވެ.އެހެންކަމުން އަހަރެމެނަށް ރިޒޯޓުން ފުރައިގެން މާލެ އާދެވުނުއިރު ހަވީރު ހައެއް ޖެހުމާ ގާތްކުރަނީއެވެ.އިރުއޮއްސުމަށް ދުނިޔެ ތައްޔާރުވަމުން ދާތީ އިރުގެ ދޮން މަޑުވެލައި ޖައްވަށް ވަނީ ފިނިކަމެއް ވެރިވާން ފަށައިފައެވެ.

އާދައިގެމަތިން އަހަރެން ގެޔަށް ދިޔުމަށް މިސްރާބު ޖެހީ ރާއިފާއި އެކުގައި އޭނާގެ ސައިކަލުގައެވެ.އަހަރެން ސައިކަލު ފަހަތަށް އެރީއްސުރެ އަނގަވަރުނުލައި ރާއިފު ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އަހަންނަކަށް އޭނާ އެ ކިޔަމުން ދިޔަ އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދެވުނެވެ.އެއަށްވުރެ އަހަރެންގެ ބޮލު ތެރޭގައިވި އަޑުތައް މާ ގަދައެވެ.

”މޭން… ކައެ އޯކޭތަ؟“ ރާއިފު އޭނާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލާފައި ތަންކޮޅެއް ސީރިއަސް ރާގެއްގައި އަހާލިއެވެ.

”އޭނ ކީކޭ؟“ އަހަންނަށް ހަމަ ބިމަށް އާދެވުނީ ކުރިމަތީގައި އޮތް ޕިކަޕެއް ހުއްޓައިގެން ދެން ތިބި އުޅަނދުތައް ހުއްޓާނުލައި ބަރުގޮނު އަޅަން ފެށި އަޑަށް ސިހިފައެވެ.ރާއިފު ބުނި އެއްޗަކަށް ސަމާލުކަން ދެވުނީވެސް ދެނެވެ.

”މޭން އޯކޭހޭ…؟އާނ ހޫން ނޫން އެއްޗެކޭ ނުކިޔާ ވިއްޔަ މިއޮއް ހުރިހާ ވާހަކަތަކެއް އަހަރެން ދެއްކިއިރުވެސް. އަހަރެން މިކީ އެ އުޅޭ ސާހިލު ކޮށްގެން އުޅޭ މޮޅު ކަމެއްގެ ވާހަކަ.“ ރާއިފު ބުނެލިއެވެ.

”އަ…އާނ އާނ އަހަރެން އޯކޭއޭ…އޭނަ މިހާރު ކީއްތަ ކުރީ؟“މާ ބޮޑު ޝައުގެއް ނެތް ނަމަވެސް ރާއިފު ކަޑަކޮށް ނުލާންވެގެން އަހަރެން އަހައިލީމެވެ.

”ދެކޮޅުން ކެއީނު…ހަހަ“ ރާއިފު ފެށީ ހޭށެވެ.

”ތިބުނީ؟“ އަހަންނަކަށް އޭނާ އެބުނި އެއްޗެއްގެ މާނައެއް ނޭނގުނެވެ.

”އޭނަ ދެ މަންޖެއާ އެއްފަހަރާ ޖައްސައިގެން އުޅެނިކޮށް ރީތި ގޮތަކަށް ބަސްޓުވީނު…އެ ދެ މަންޖެއަށް ބަސްޓުވި ހިސާބުން ޖަހާ ޑީލު ހާދަފަ އައިސް ދެމީހުން ވެގެން އެސޮރު ރޮލާ ކާލައިފި…އެޔޮއް ގަޓު ގޮލާ މިއަދު އިނެއްނު މީހެއްގެ މޫނަށްވެސް ބަލައިލަން ނުކެރި އިސްޖެހިފަ… އާކިލަކަށް ފާހަގައެއް ނުވޭތަ؟ ފަހާ ފޮށި ދަތްގަނޑެއްހެން އަބަދު އަނގަ ތަޅުވަ ތަޅުވާ ހުންނަ މީހާ ސައިލެންޓުވެފަ ހުރި ވަރެއް؟އެހެނޭ ވާނީ ސާހިލެއް ކަމަކު އެކަހަލަ ކަންތައް ކުރަންޏާ…ހަމަ ރަނގަޅަށް އެވީ…މިހާރު ހުންނާނީ ރަނގަޅު ފިލާވަޅެއް ދަސްވެފަ..“ ރާއިފު ވަރަށް ފޯރީގައި ކިޔައިދިނެވެ.

”އޭ ދެން އަޅެ ސީރިއަސްކޮށް ބުނެބަލަ.އަސްލު ކިހިނެއް ވެގެންތަ ތިއުޅެނީ؟އަހަރުން އެންމެނަށްވެސް އެނގޭ އާކިލް ކޮންމެވެސް ކަމަކާ އެބަ ޑީލް ކުރަމުންދާކަން…ވަރަށް ޗޭންޖް ވެއްޖެ މިހާރު…ތި ކިހިނެއް އުޅުނު މީހެއް އަހަރުންނާ އެކީ؟!…މިހާރު އަބަދު ތި އިންނަނީ ސައިލެންޓްވެފަ ކަމަކަށް ގެއްލިފަ…އަހަންވެސް ނުކެރިފަ މިހުންނަނީ އަސްލު“ ރާއިފު މަޢުޟޫޢު ބަދަލުކޮށްލިއެވެ.ވަގުތުން އަހަރެންގެ ދުލުގައި ހީވީ ތަޅެއް އެޅުނުހެންނެވެ.އެހެނަސް އަހަންނަށް އެހާ ހެޔޮކޮށް ހިތާ، އަހަރެންގެ ހާލު އަހުވާލު ބަލާ އުޅޭ މީހަކަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ދޭން އަހަރެން ބޭނުންވިއެވެ.އެހެންކަމުން ވަރަށް ކުރުކޮށް ފޮނިކޮށް އަހަރެން އޭނާއަށް ވެގެން އުޅޭ ގޮތް ކިޔައިދިނީމެވެ.އެވާހަކަތަކުން ޚުދު އޭނާއަށްވެސް ލިބުނީ ޝޮކެކެވެ.މިޒާޖުގެ ގޮތުން ވަރަށް ސުވާލު ގިނަ މީހަކަށް ވާތީ ރާއިފު ހުރީ އެކަމާ ބެހެގޮތުން ވަރަށް ގިނަ ސުވާލުތައް އަހަންނާ ކުރަން ބޭނުންވެފައިކަން އަހަންނަށް އެނގުނެވެ.އެހެނަސް ވަގުތާ ހާލަތު އެކަމަށް ތަން ނުދިނީއެވެ.އަހަރެން އުޅޭ ގެ ހުންނަ މަގަށް ސައިކަލު ލަނބާލި ހިސާބުން ރާއިފަށްވެސް ޖެހުނީ އަނގަ މައިތިރިކޮށްފައި މަގަށް ވިސްނާށެވެ.މަގު ތޮއްޖެހިފައި އޮތްލެއް ބޮޑުކަމުން ދުއްވަން ޖެހުނު ގޮތަކުންނެވެ.އަނެއްކޮޅުން އޭރު ކޮންމެވެސް އާއިލީ އިވެންޓަކަށް ރާއިފު ނައިސް ލަސްވެގެން އޭނާގެ މަންމަ ހުއްޓާ ނުލައި އޭނައަށް ގުޅަމުން ދިޔައެވެ.ފޯނު ރިންގުގައި އޮވެފައި އޭގައި އެވަގުތު އަތް ލެވޭނެ ގޮތެއް ނެތުމުން ބޮލަށް އުނދަގޫވެގެން ރާއިފު ޗޮކެއް ކަނޑައިލިއެވެ.ގޭ ދޮރު މައްޗަށް ސައިކަލު މަޑުކޮށްލުމުން ލަސްނުކޮށް އަހަރެން އަވަހަށް ފޭބީމެވެ.އޭރުވެސް ފަހަތުން ކެނޑިނޭޅި ބަރުގޮނު އަޅާ އަޑު އިވެއެވެ. އަހަރެން ފޭބުމުން ރާއިފުވެސް މަޑުނުކޮށް އަވަހަށް ސައިކަލު ދުއްވާލައިފިއެވެ.

****

އަހަރެން ގޮސް އެޕާޓްމަންޓަށް ވަތްއިރު މުޅި އެޕާޓްމަންޓަށް ވެރިވެފައި އޮތީ ފުން ހަމަ ހިމޭންކަމެކެވެ.ޝަފްކާ ވާނީ ކޮޓަރީގައިކަން އެނގުމުން އަހަރެން ގޮސް ކޮޓަރީގެ ދޮރު ފޭކޮށްލާފައި ބަލާލިއިރު ޝަފްކާއާއި ނުހައިކަށްވެސް އޮތީ ނިދިފައެވެ. ބަނޑުހައިވެފައި ހުރި ނަމަވެސް ކާން ހަދައިދޭށޭ ކިޔައި ޝަފްކާއަށް ގޮވާ ހޭލައްވާލާކަށް އަހަރެން އެއް ގޮތަކަށްވެސް ބޭނުމެއް ނުވިއެވެ.އެހެންކަމުން އެނބުރި ބަދިގެ ބަޔަށް ގޮސް ތެލި ތަށީގެ މަތިތައް ހިއްލައި ބަލައިލީމެވެ.ޝަފްކާ ކައްކާފައި ހުރި ގާރލިކް ރައިސްއާއި ފިހުނު ކުކުޅު މަސްކޮޅުތައް ތާޒާކަންމަތީގައި އާވި އަރާ އަރާ ހުރިތަން ފެނުމުން އަހަރެން ކުޅުދިޔާވިއެވެ.ބަނޑުން އަޑު ކިޔައިލިއެވެ.އަހަރެން އަވަސް އަވަހަށް ގޮސް ތަށްޓަކަށް ކާ އެއްޗެހި އަޅާފައި ކިޗެން އައިލެންޑް މަތީގައި ބަހައްޓާފައި،ފުރިޖު ކައިރިއަށް ފެންފުޅިއެއް ބަލައި ލެފިލީމެވެ.އެވަގުތު ފުރިޖުގެ ދޮރުގައި ތަތްކޮށްލާފައިވާ ސްޓިކީ ނޯޓު ކޮޅު އަހަރެންގެ ލޮލުގައި އަޅައިގަތެވެ.

ސެލެޑާއި، ތާޒާ ފެޝަން ފުރުޓް ފަނި ފުރިޖުގައި ހުންނާނެ ވާހަކަ ޝަފްކާ ލިޔެފައި އެވަނީ އަހަންނަކީ އާންމު ގޮތެއްގައި ފުރިޖު ހާވާ މީހަކަށް ނުވާތީ އެ އެއްޗެހި ނުފެނިދާނެތީކަން އަހަންނަށް ވިސްނުނެވެ.އެއާއެކު އަހަރެންގެ ތުންފަތަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.އެ އެއްޗެހި ފުރިޖުން ނަގައިގެން އަހަރެން ގޮސް އިށީނދެ ހަމަ ޖެހިލައިގެން ކާން ފެށި ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވިފައި އަހަންނަށް އިސްއުފުލާ ބަލާލެވުނެވެ.

ނިދި މޫނުގައި ހުރި ޝަފްކާއަށްވެސް އަހަރެން ފެނުމުން ދެލޯ ބޮޑުކޮށްލައިފިއެވެ.އަހަންނަށް ވަގުތުން އިސްޖަހާލެވިއްޖެއެވެ.

”އާކި… ކޮން އިރަކު އައީ…؟ އަންނަ އިރެއް ނޭނގޭތީ އަހަރެން ޖައްސާލީވެސް.ނޫކްވެސް ރޯވަރުން މިއަދު މަތަނުވެގެން އުޅެން ޖެހުނީ…މަންމަ އައި ފަހުން ކިރިޔާވެސް މައިތިރިވީ…ދެން އަހަރެންވެސް ނިދިއަންނަން ފެށީމަ އާކި އަންނަންވާއިރަށް ނުހޭލެވިދާނެތީ ނޯޓްކޮޅެއް ލިޔެފަ އޭނީ…ފެނުން ދޯ؟.“ ކުށްވެރި ރާގަކަށް ޝަފްކާ އަހައިލިއެވެ.

”ހޫމް…އިޓްސް އޯކޭ…“ އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ.ޝަފްކާ ފެންނަ ކޮންމެ ފަހަރަކު އަހަންނަށް ކުރެވެނީ ކުށްވެރިކަމުގެ އިހުސާސެކެވެ.އަމިއްލަ ނަފްސަށް ވަޢުދުވި ފަދައިން އަހަރެންގެ ލޯތްބާއި އަޅާލުން އޭނާއަށް އެންމެ ފުރިހަމަ ގޮތުގައި ނުދެވޭކަން އެނގޭތީ ހަމަ ހިތަށް އުނދަގޫވަނީއެވެ.

ޝަފްކާ އައިސް އަހަރެންގެ ގާތުގައި ގޮނޑިއެއް ދަމާލައިގެން އިށީނދެ ހަމަޖެހިލިއެވެ.އެ މޫނުމަތިން އަހަންނާ އޭނަ ވާހަކަ ދައްކަން ބޭނުންވެފައި އިން މިންވަރު ފާޅުވޭވޭ ހުއްޓެވެ.

”މީރުތަ؟“ ދެންވެސް އިސްވެ ވާހަކަ ދެއްކީ ޝަފްކާއެވެ.އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.

”އާކި…އަހަންނަށް އަންޑަސްޓޭންްޑްވެޔޭ މި ހުރިހާ ކަމަކާ ހެދި އާކި ވަރަށް ބޯ ގޮވާފަ ހުންނަކަން…އެކަމަކު ތިގޮތަށް އަހަރެން ދުރުކޮށް ނުލާބަލަ…ޓޯކް ޓު މީ…ޔޫ ނޯ ޔުކެން ޓޯކް ޓު މީ އެބައުޓް އެނީތިން…އެމީހުންނާ ކުރިމަތިލާން އާކި ބިރުނުގަނެބަލަ… އަހަރެންވެސް ދާނަމޭ އާކި އެކީގަ…“ ޝަފްކާ މާޔޫސްކަން އެކުލެވިފައިވާ ރާގެއްގައި ބުނެލިއެވެ.

”ވަޓް… ކީއްކުރަން ޝަފް ދަނީ؟! ޝަފް ދާނެކަމެއް ނެތް…“ އަހަރެން ވަގުތުން ދެކޮޅުހެދީމެވެ.މުހުސިނާއި ބޮޑުދައިތަ ޚަލީސާއަށް ޝަފްކާއަކީ ކާކުކަން އެނގޭކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ.އެހެނަސް އަހަރެންގެ ދުލުން ބޭރުވި ބަސްތަކުން ޝަފްކާގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

”ކީއްވެތަ އަހަރެން ނުދާންވީ…؟ ކީއްވެތަ އަހަންނަށް ނުދޭވެންވީ؟އާކިއަށް އެ ހާލު ޖައްސަން ކެރުނު ބަޔަކާ ދިމާލަށް ރަނގަޅަށް ބަވާލަން އަހަރެންވެސް ބޭނުމޭ.އެމީހުން ހީކުރަނީ ކީކޭ ކަމަށްތަ؟“ ތަންކޮޅެއް އަޑު ހަރުކޮށް ޝަފްކާ ބުނެލިއެވެ.ދެބުމަ ގޮށްޖަހާލައިގެން އިން އިރު ތުންގަނޑުވެސް މާކަނައެއްގެ ތުންގަނޑު ފަދައެވެ.

”އެމީހުނަށް ޝަފްތީ ކާކުކަން އެނގެން އަހަރެން ބޭނުން ނުވާތީ.ޝަފްއަކީ އަހަރެންގެ ކާކުކަން އެނގޭ ހިސާބުން ޝަފްއާ ދިމާކޮށްލާކަށްވެސް އެމީހުން ފަހަކަށް ނުދާނެ.އެމީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ޝަފްއަށް.އޭގެ ހެއްކެއް އަހަރެން މީ.އަދި އަމުދުން އަހަރެންގެ ދަރިއަކު ހުރިކަން އެނގިއްޖެއްޔާ ކަންތަކާ ޖެހުނީ.އެހެންވާކަށް އަހަރެން ބޭނުމެއްނޫން.“ އަހަރެން ބުނެލީމެވެ.

”ހެވޭ…އަހަރެން ބޭނުން ދާން…“ ޝަފްކާ ހަށަން ބަނދެލަމުން ބުނެލިއެވެ.

”ތިއޭ އެއްކަލަ… ޝަފްއަށް ހަމަ ރަނގަޅަށް އެނގޭނެ ޝާމިން އެ ގެއަށް ދާން ކިޔާފައި އެ އޮތް ދުވަހު މަންމަވެސް ރަށަކު ނުހުންނާނެކަން.އެދުވަހު ކޮންމެވެސް ވޯރކް އިވެންޓަކަށް ރިޒޯޓަކަށް ދާން ޖެހޭ ވާހަކަ ކިޔާފައެއްނު މަންމަ އޮތީ…ޝަފް ތިއުޅެނީ ހަނދާން ނެތިގެން… ފެމިލީ މީހުން ތިއްބަސް ކޮންމެ ކޮންމެ މީހެއްގެ އަތްމައްޗަށް ނޫކް ދޫކޮށްލާކަށް އަހަރެން އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ.ޝަފް މަޑުކުރޭ ނޫކް ގާތުގަ…އަހަންނާ ޝާމިނާ މިކަން ނިންމާލާނަން. ކަމެއް ދަމެއް ބޮޑުވިއްޔާ މާހިންވެސް ހުންނާނެ…ޝަފް އަހަންނާ ދޭތެރޭ ތިހާ ކަންބޮޑު ނުވެބަލަ…އެމީހުން ކިޔާ އެއްޗެއް ކިޔާނީ އަނގަ ބަހުން ދޯ އެހެންނޫނަސް… މުހުސިނަކަށް ނުކެރޭނެ ދެން ފުއްޕާކަށް…އޭނާ އަނގަ ބަންދު ކޮށްލެވޭވަރުގެ ހެކި އެހެރީ ލިބިފަ.“ އަހަރެން ބުނެލީމެވެ.އެ އަޑު އަހާފައި ޝަފްކާ ތުން އަނބުރާލަމުން ދުރު ބަލައިލިއެވެ.

****

ޅަ ދުވަހުންސުރެވެސް ބޮޑުދައިތަމެން އަހަންނަށް ނަފްރަތު ކުރާކަން އެއީ އަހަންނަށް ނޭނގޭ ކަމެއް ނޫނެވެ.އެހެނަސް އަހަންނަށް ހިތަށްވެސް އަރުވާ ނުލެވުނު ކަމަކީ އެ ނަފުރަތު ގޮސްފާނެ ދަރަޖައެވެ.އެ ގިނިން އެމީހުން އަހަރެންގެ ދިރިއުޅުމުގައި ހުޅުޖަހައިފާނޭ ދަރަޖައެވެ.އެހާ ތުއްތުއިރު އަހަރެންގެ މައިންބަފައިން ނިޔާވެފައިވާތީ އަހަންނަކަށް އަހަރެންގެ މައިންބަފައިންނަކީ ކިހިނެއް ތިބޭ ކިހާ ފެންވަރެއްގެ ކޮން ބަޔެއްކަމެއް ކުޑަކޮށްވެސް ނޭނގެއެވެ.އަހަންނަށް އެއީ ކޮން ބައެއްކަން ބުނެދޭންވެސް ތިބީ ބޮޑުދައިތަމެންނެވެ.އެހެނަސް އެއީ މުހިންމުކަމެއް ކަމުގައި އެމީހުން ނުދެކުނެވެ. އެންމެ ކުޑަމިނުން އެމީހުންގެ ފޮޓޯގަނޑެއްހާ ހިސާބުވެސް އަހަންނަށް ދައްކައި ނުލިއެވެ.އަހަންނަށް ހަމައެކަނި އެނގިފައި އޮތް މިންވަރަކީ އެ ދެމީހުންގެ ނަމެވެ.ދެން ހެންވޭރުގައި ބައްޕަގެ ގޯއްޗެއް އޮންނަކަމެވެ.އިތުރަކަށް އެއީ ކޮންބައެއްތޯ އޮޅުންފިލުވާކަށް އަހަރެންގެ އާއިލާގައި އިތުރު މީހަކުވެސް ހުރީކީ ނޫނެވެ.

އަހަރެންގެ ބައްޕައަކީ އަސްލު ކާކު ކަމަށްހެއްޔެވެ؟މާލޭގެ އެތައް ބައިވަރު ވިޔަފާރިއަކާ ބިންތަކެއްގެ މިލްކުވެރި ބޮޑު މަހުޖަނެކެވެ.އަހަންނަށް އަހަރެންގެ އާއިލާގެ ހަގީގީ ފެންވަރު ނޭނގޭނީ ގައިމު ކިހާ އޮޅުވާލުމަކާ ކިހާ ދޮގުތަކެއް އަހަރެންގެ ކަންފަތަށް އެމީހުން އިއްވާފައި ހުރީމަ ހެއްޔެވެ؟ހަގީގަތެއް ނެތް ކިތައް މަންޒަރުތަކެއް އަހަންނަށް ދައްކާފައި ހުރީމައި ހެއްޔެވެ؟އަހަރެން ކަނު އަނދިރީގައި ބަހައްޓައިގެން ބޮޑުދައިތައާއި ޅިޔަނު ހިތުން އެ އުޅުނީ އަހަރެންގެ ހުރިހާ ވާރުތަ މުދަލެއް ފޭރިގަންނާށެވެ.އެހެނަސް މާތް ކަލާނގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ.އެންމެ ހީނުކުރާ ގޮތް ގޮތަށް އެމީހުންގެ މަކަރުވެރި ރޭވުންތައް މިވަނީ އިރާދަފުޅުން އަހަރެމެންނަށް ފަޅާ އަރާފައެވެ.

****

އަހަރެންގެ ބޮޑުދައިތައާއި ޅިޔަނުވެގެން އަހަރެންނަށް ހައްގުވާ އަހަރެންގެ ބައްޕަގެ ގޯތީގެ މައްޗަށްވަނީ  ނުހައްގުން ގަދަވެގަތްފައެވެ.އަހަރެން މަސްތުގެ ހާލަތުގައި ވަނިކޮށް އަހަރެން ލައްވާ އެ ގޭގެ މިލްކުވެެރިކަން ބޮޑުދައިތައަށް ހިބައިން ދިން ކަމުގެ ލިޔެކިޔުންތަކުގައި  އަހަރެން ލައްވާ ސޮއެ ކުރުވި މީހަކީ ޚުދު ޔިޅަނެވެ.އެހުރިހާ ކަމެއްގައި އެމީހުންނަށް އެހީތެރިވެދިނީ ރިޝްވަތުން ފޯވެފައިވި ގަނޫނީ ވަކީލެކެވެ.އޭރު އެ ގޯތީގެ މިލްކުވެރިކަމާމެދު އެއްވެސް ކަހަަލަ ހޭލުންތެރިކަމެއްވެސް އަހަރެންގެ ނެތުމުން އަހަންނަކަށް އެކަމަކާ މާ ބޮޑަަށް ވިސްނައެއްވެސް ނުލެވުނެވެ.ގިނަ ވަގުތު އަހަރެން ހުންނަނީވެސް ހަމަޔަކު ނޫންވިއްޔާއެވެ.އޭރު އެއީ ކޯއްޗެއްކަން،ކިހިނެއް ހިނގި ކަމެއްކަން އޮޅުން ނުފިލިޔަސް މިހާރު އަހަންނަށް އެއީ ކޯއްޗެކަން އަދި ކޮން މަގުސަދެއްގައި ކުރުވި ކަމެއްކަންވެސް ވަރަށް ރަނގަޅަށް އެނގި އޮޅުންފިލައިފިއެވެ.އެ ގޭގެ މިލްކުވެެރިކަން އަތުލުމަށްފަހު ދެން އެމީހުން ދިމާކުރީ  ބައްޕަގެ ފަރާތުން އަހަންނަށް ވާރުތަވާ ވިޔަފާރިތަކާ ބިންތަކުގެ މިލްކުވެރިކަންވެސް ފޭރިގަންނާށެވެ.އެހެނަސް އެއިން ކަމަކަށް އަމަލީ ސިފަ ގެނެވުމުގެ ކުރިން އަހަރެން ޑުރަގުގެ ކުށުގައި ޖަލަށް ލުމުން އެމީހުން ބޭނުންވި ގޮތަށް އެކަން ކުރެވޭ ގޮތް ނުވީއެވެ.އެމީހުން ބޭނުންވިނަމަ އަހަރެންގެ ސޮއެ ފޯޖުވެސް ކުރެވުނީހެވެ.އެކަމަކު އެވަރުގެ ޅަ އެއްޗެއް އަޅާ ވަރަށް ވުރެ އެމީހުންގެވެސް ވިސްނުން ރަނގަޅެވެ.

****

ހުރިހާ ކަމެއްވެސް އެމީހުން ރާވާފައި އޮތީ ވަރަށް ދުރާލާ ވިސްނައިގެން ވަރަށް ރޭވުންތެރިކަމާއެކުގައެވެ. އެދުވަހު އަހަރެމެންނަށް އެ ކަންތައްގަނޑު ފަޅާ ނޭރިނަމަ އާޚިރުގައި ހުރިހާ ކަމެއްވެސް ނިމުނީހީ އެމީހުންގެ ކޮޅަށެވެ.ޅިޔަނާއި އޭނާގެ އައުވާނުން ތިބީ އެކަމަށް އަތުކުރި އޮޅާލައިގެންނެވެ.ރިޝްވަތު ދީ އެތައް ބައެއްގެ ޖީބުތައް ފުރާލައިގެންނެވެ.އަހަރެންގެ ބައްޕަގެ އަގުހުރި މުދަލާއި ފައިސާގެ ދަހިވެތިކަމުގައި ބަނދެވިފައި ތިބިލެއް ބޮޑުކަމުންނެވެ.އެެހެނަސް އެމީހުންގެ އެ ޖަރީމާތަކުގެ ހުރިހާ އަގެއް އަދާކުރަން ޖެހުނު މީހަކީ ޚުދު އަހަންނެވެ.

****

އަހަރެންގެ ޅިޔަނު މުހުސިނަކީ ވަރަށް މުއްސަނދި, މާލޭގައި ވަރަށް ނުފޫޒުވެސް ގަދަ މީހެކެވެ.ސަރުކާރުގެ ހައި ޕްރޮފައިލް އެތައް ބަޔަކާ، އެކި ގައުމުތަކުގެ ވިޔަފާރިވެރިންނާ ގުޅުން އޮންނަ ގިނަ ބަޔަކު ވަރަށް އިހުތިރާމުވެސް ކުރާ މީހެއްމެއެވެ.އެހެނަސް ފަރުދާގެ ފުރަގަހުގައި އެކަމުންވެސް އޭނާ ނަގަމުންދަނީ ނާޖާއިޒު ފައިދާއެވެ.ހެޔޮ ނިޔަތުގައި ތިމާގެ މުދާ ހޭދަކުރުމުގެ ބަދަލުގައި ތިމާއަށް ލިބިފައިވާ އާރާއި ބާރުގެ ބޭނުންކޮށްގެން މީހުންގެ މުދަލާއި ހައްގުތަކަށް އެއްވެސް ބިރެއް ފިކުރެއް ނެތި އަރައިގަންނަމުންދާއިރު ހުރިހާ ކަމަކާ ސުވާލު ވެވޭނެ ދުވަހެއް އަދި އެބަ އޮތްކަން އޭނާގެ ހަނދާނުންވެސް ފުހެލައިފާވާ ކަހަލައެވެ.އޭނާއަކީ މުދަލުގެ ދަހިވެތިކަމާ ދުނިޔަވީ އުފާތަކަށް ގޮސް ހުސްވެފައިވާ މީހެކެވެ.ބޮޑުދައިތައަކީ އޭނާ ގެންގުޅޭ ކުޅޭ ކުޅޭ ބުދެއް ފަދައެވެ.ހެދިހާ ގޮތެއް ހެދިގެން ބުނިހާ ކަމެއް ކޮށްގެން އުޅޭއިރު އަމިއްލަ ލެޔާއި އާއިލާއަށް އެއްވެސް ކަހަަލަ އަގަލެއް ކުލުނެއް ނެތެވެ.އޭނާގެވެސް ހުރިހާވެސް އެއްޗަކީ މުދަލާ ފައިސާ ފަދައެވެ.އެ ދެމީހުންގެ ދަރިންވެސް ހަމަ އެފަދައެވެ.ރިޝްވަތާ ނުފޫޒުގެ ބާރުގައި ކޮންމެ ފަހަރަކުވެސް ގޮޅީގައި ހައްޔަރުނުވެ ސަލާމަތް ވިޔެއްކަމަކު އެ މީހުންވެސް ދަނީ ތަކުރާރުކޮށް އެތައް ކުށަކަށް އަރައިގަންނަމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ދެވުނީ ވޭނޭ 68

Next

ތިޔަ ނަން މި ހިތުގާ 16

Next
May 21, 2026

ތިޔަ ނަން މި ހިތުގާ 16

Previews
May 21, 2026

ދެވުނީ ވޭނޭ 68

5 Comments!

  1. Anaq says:
    May 21, 2026 at 12:35 pm

    Woh 🥰🥰😍😍😍

    1. Lamtty Lamtty says:
      May 25, 2026 at 11:17 pm

      Thank you Anaq ❤️

  2. Your fav bab Your fav bab says:
    May 22, 2026 at 8:49 pm

    Aaaah!!😭😭
    That hurts!! Knowing how he lived in poverty without knowing he’s filthy rich😭!
    Haadha varakah e kujja fulhah olhuvaalaifi ey dhw?? Dhera kamekey..
    Anyways this part was amazing MA✨
    Ly darling 💗

    1. Lamtty Lamtty says:
      May 31, 2026 at 10:00 pm

      Thank you dear ❤️
      Yeah he suffered enough now!
      Tc ly 💓
      Stay tuned

  3. Aminath says:
    June 24, 2026 at 12:57 am

    Is this part 15

Comments are closed.

Next Episodeވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 17)←


All Right Reserved!