ގާތުގާ… 18
“ތީ ކާކުތަ..؟ ޒާނާގެ ލޯބިވެރިޔާތަ؟” ޝައްކެއް ވެގެން އަހައިލާ ފަދަ ގޮތަކަށް އަނެއްކާވެސް ރުހާމް އަހައިލިއެވެ.
” އޯހް…. މީ ދޯ މިވީ ގޮތަކީ…” އަހަރެންގެ ޖަވާބެއް ނުލިބުމުން ރުހާމްއަށް ވިސްނުނެވެ.
” މިއޮށް ހުރިހާ….. ދުވަހު ޅަބުޅާ ގަނޑެއްހެން މަ ހެދިހާ އެއްޗެއް ހެދިގެން މަ ކައިރީގަ އުޅެފަ.” އަޑަށް ބާރުލަމުން އަކުރުތަކަށް ބާރުލައިފައި ރުހާމް ބުނެލިއެވެ..ރުޅިއައިވަރުން ރުހާމް ދަތްވިކައިލިއެވެ. އޭރު މުޅިމީހާގެ މޫނު އެކަށް ރަތްވެ ދާހިއްލާލައިފިއެވެ. ރުހާމްގެ ބޮޑާ ބަސްތައް އަޑުއިވެން ފެށުމުން އަހަރެންގެ ލޭވެސް ހޫނުވާން ފެށިއެވެ.
***********
“އިށީންނާނެ ގަލެއް ލިބުނީމަ ދޯ މަ ކައިރިން ވަރިވެގެން އުދުއްސައި ގަންނަން މިއުޅުނީ… އެހެންވީމަ މާ ރަނގަޅު މައުސޫމު ކަމަށް ހެދިގެން އުޅެފައި ވަކި ރަނގަޅެއް ނުވިތާ ޒާނާއެއް ވެސް ދޯ…ލައްކަ ގަނޑު ގަނެފިތާ ދޯ މަށަށް ސިއްރުން، ވަގަށް….ބަލާބަލަ ހުރި ހަޔާތް ކުޑަކަން… މަށާ އިނީވެސް އުޅޭނެހާ ފާޑަކަށް ރަންޑިއެއް ހެން ތެޅިތެޅިފަ…ނޭނގެ ކިތަށް މީހުންނާ ކަމެއްވެސް.. ލާރި ލިބެންޏާ ހެޔޮވާނެ….އެއީ އެކަހަލަ އަންހެނުންގެ ވައްތަރު ހަމަ…. ބަޑިކަމުން………” އަހަރެންނަށް ކެތްވީ ރުހާމް އެހިސާބަށް ބުނާންދެނެވެ. ޒާނާއޭ ކިޔައިގެން ރުހާމް ކިޔަން ފެށި ހަޑި ހުތުރު އެއްޗެހި ތަކުން އަހަރެންގެ ލޭ ހޫނުވެގެން އައީ ކުއްލިއަކަށެވެ. މުޅި ނަފްސު ރުޅީގެ އަލިފާނުން އަނދައިގަތެވެ. ގޮށްމުށްކަވާފައި ރުހާމްގެ މޫނުމަތީގައި، ގައިހުރި ބާރެއްލައިފައި އަހަރެން ޖެހީމެވެ. ރުހާމް ފަހަތަށް އެއްލިގެން ދިއުމާއިއެކު ބިންމައްޗަށް ގުޅައަކަށް ޖެހުނެވެ. މުޅިތަނަށް ލޭތިކިތަށް ބުރައިގެން ދިއައީ ރުހާމްގެ މޫނުން އައި ލޭތަކުންނެވެ.
އަހަރެން ރުހާމްގެ ގިރުވާނުގައި ހިފައި ނަގައި އޭނާގެ ކާރާއި ދިމާއަށް ހޫރައިލީމެވެ. އަދި އަނެއްކާވެސް ރުހާމްގެ ގަމީހުގައި ހިފައި އަހަރެންނާއި ކައިރި ކޮށްލީ އިންޒާރު ދިނުމަށެވެ. އޭރު ރުހާމްގެ މޫނުމަތިން ބިރުވެރިކަމުގެ ހުރިހާ އަސަރެއް ފެންނަމުން ދިއައެވެ. ސިހުމާއި އަހަރެންގެ އަމަލުން ޝޮކެއް ލިބިފައި ހުރި ކަހަލައެވެ. މީހާ ބިރުން ތުރުތުރު އަޅައެވެ.
“އޭތް……” އަހަރެން ރުހާމްއަށް ހަޅޭލަވައިގަތީމެވެ.
” ހަބަރުދާރް….މީގެފަހުން ޒާނާއޭ ކިޔައިގެން އެކަހަލަ ހަޑި ހުތުރު އެއްޗެއް ބުނަން ހިތަށް އަރުވައިލިޔަސް މަ މީ ނުބައިމީހެއްކަން އަންގާލާނަން…” އަހަރެން ރުހާމްއަށް ހަޅޭލަވައިގަތީ އިންޒާރެއް ދެމުންނެވެ.
“ކަލޭ ހީކުރަނީ ކީކޭ ކަމަށްތަ އޭން…؟ ބޭނުންހާ އެއްޗެއް ބޭނުންހާ ބަޔަކަށް މުޅި އުމުރު ދުވަހު ހެދޭނޭ ކަމަށްތަ؟ އެހެން ހީވަންޏާ އެއީ ކުށްހީއެއް… ވަރަށް ބޮޑު ކުށްހީއެއް…” އަހަރެން ރުހާމްއާއި ދިމާއަށް އެހެން ބުނެލީ އިތުރު ގޯހެއް އަތުން ފައިން ހެދިދާނެތީ ނަފްސުގައި އުފެދެމުން ދިއަ ރުޅިވެރިކަމުގެ އަލިފާން ކޮންޓްރޯލް ކުރެވޭތޯ ބަލަމުންނެވެ. ރުހާމްގެ ސަބަބުން ޒާނާ މިވޭތުވެދިއަ އަހަރުތަކުގައި ތަހަންމަލު ކުރަމުން ދިއަ ކަންތައްތަކާއި ރުހާމްގެ ދުލުން ޒާނާއާއި ބެހޭ ގޮތުން ބޭރު ކުރި ހަޑި ހުތުރު ބަސްތަށް ހިތަށް އެރުމުން ހަމަ އަހަރެންގެ ލޭ ކެކި ގަންނަނީއެވެ. އަހަރެން އެހައި ލޯބިން ގެންގުޅުނު ޕަރީއެއްފަދަ އަންހެން ކުއްޖާއާއި ވަކިވާން ޖެހުނު ގޮތް ހިތަށް އަރާފައި އަހަރެންގެ ރުޅި ކޮންޓްރޯލުން ނައްޓާ ގޮތްވިއެވެ.
ރުހާމްގެ ގަމީހުގެ ގިރުވާނުގައި ދެއަތުން ހިފައި އަނެއްކާވެސް ކާރާއި ދިމާއަށް ކޮށްޕައިލީމެވެ. ވީތަދެއްގެ ބޮޑުކަމުން ރުހާމް ލޯމަރައިލިތަން އަހަރެން ދެކުނީމެވެ. ހަމަ މިހާރު މިވަގުތު ރުހާމްގެ ދުވަސް ދުއްވައިލަން އަހަރެން ބޭނުންވިއެވެ. މަރައިލަން ބޭނުންވިއެވެ. އޭނާގެ ވަސްވެސް މުޅި ދުނިޔެއިން ފުހެލަން ބޭނުންވިއެވެ. އެކަމަކު އެހާ ވޭންކުޑަ މަރެއް ވެސް ރުހާމްއަކަށް ހައްޤެއް ނޫނެވެ. އެހާ ފަސޭހަ ބަދަލު ހިފުމެއްވެސް ރުހާމްއަކަށް ހައްގެއް ނޫނެވެ. އެއީ އެއަށް ވުރެން މާ ބޮޑު އަނިޔާވެރިއެކެވެ. މަކަރުވެރިއެކެވެ. ހިޔާނާތްތެރިއެކެވެ.
ބޮލުގައި އަތް އަޅައިގެން ކާރު ބުޑަށް ބިއްޖެހިފައި އިން ރުހާމް ކައިރިއަށް އަހަރެން ތިރިވެލީމެވެ. އަހަރެން ތިރިވެލުމުން އޭނާ ސިހިފައި ފަހަތަށް ޖެހިލީ އަނެއްކާވެސް އަހަރެން ފަރާތުން ހަމަލާއެއް އަތުވެދާނެކަމުގެ ބިރު އޮތުމުން ކަންނޭނގެއެވެ. ކޮންމެފަދަ ކަމެއްވެސް އަހަރެން މިހާރު ކޮށްދާނެކަން އޭނާއަށް މިހާރު ފަހުމްވީ ކަންނޭނގެއެވެ.
” އާން…. އަހަރެން މީ ޒާނާގެ ލޯބިވެރިޔާ….” އަޑަށް ބާރުލައިފައި އަކުރުތައް ވަކިވަކިން ދޭހަވާނެ ގޮތަށް އެހެނަސް ރުޅިވެރިކަމާއިއެކު އަހަރެން ބުނީމެވެ. ކޮންމެހެން މިހާރު ދެން ހަޤީގަތް ނުބުނެ ހުރުމުގެ ބޭނުމެއް ނެތެވެ. އަހަރެންގެ ޖުމްލައިން ރުހާމް ކުއްލިއަކަށް ސިހިގެން ގޮސް އަހަރެންނަށް ބަލައިލިއެވެ. އެމޫނުމަތިން އަހަރެން ބުނި ވާހަކަ ގަބޫލު ނުކުރެވިފައި އިންކަމުގެ ހެކިތައް ފާޅުވިއެވެ.
” ހަނދާން ވޭތަ؟…ހަނދާން ވާނެ… ކަލޭ ހަމަ ރަނގަޅަށް ހަނދައިން ހުންނާނެ… މީގެ ހަތް އަހަރު ކުރިން ކަލޭ ބިރުދައްކައިގެން ބާރާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އެމީހަކާއި ޒާނާ ވަކި ކުރި މީހަކީ މިއީ….އެއީ އަހަރެން….” އަހަރެންގެ މޭގައި އިނގިލި ޖައްސައިލަމުން ބުނީމެވެ. ރުހާމްއަށް ޝޮކެއް ލިބުމާއިއެކު ހުއްޓުން އެރިއެވެ. މުޅި މީހާގެ އަނގައިން ބަސް ހުއްޓި އާގަމަ ވެފައި އިންނަން ޖެހުނީ މާޒީ އެނބުރި އައިސް އޭނާގެ ކުރިމައްޗަށް މިފަދަ ގޮތަކަށް ހުއްޓިދާނެ ކަމަށް ވިސްނިފައި ވެސް ނެތީމަ ކަންނޭނގެއެވެ.
” މިހާރު ހަނދައިން ވެއްޖެ ދޯ…..އެދުވަސް ހަނދައިން ވޭތަ؟ އޭން….” ދަތްވިކާލަމުން އަހަރެން އަހައިލީމެވެ. އޭރުވެސް އަހަރެންގެ ރުޅި ފިންޏެއް ނުވެއެވެ.
“ކަލޭ ޒާނާގެ ނިކަމެތި ކަމުގެ ފައިދާ ނެގި ގޮތް ހަނދައިން ވެއްޖެތަ؟ ކަލެއަށް ހީވީ ކަންނޭނގެ މަޖުބޫރު ކޮށްގެން ޒާނާގެ ލޯބި ހޯދިދާނޭ…. އެހެންނެއް ނުވާނެ އިނގޭ…އެއީ ކަލެއަށް އެދުވަހު ވެސް ހީވި ވަރަށް ބޮޑު ކުށްހީއެއް… މިއަދުވެސް ކަލޭ ތިހީކުރަނީ ބާރާއި ނުފޫޒުން ޒާނާ އަނެއްކާވެސް ހިފެހެއްޓޭނޭ… ކުރިންހެން…އެކަމަކު އެކަން ވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް އަހަރެން ކުރާނަން….” އަހަރެން ރުޅިވެރި ކަމާއި އެކު ވާހަކަ ދެއްކީމެވެ.
ކަލޭ އަހަރެން އަތުން ޒާނާ ޖަހައިގަތީ…….އަހަރެން އަތުން ފޭރިގަތީ….ހަނދާން ވޭތަ އެދުވަސް… އޭން….ކަލޭ ޒާނާގެ ވެސް އުފާތަށް ޖަހައިގަތީ…އަހަރެން ކޫރުމެއްވެސް އަޅުވައި ނުލައި ގެންގުޅުނު ކުއްޖެއް އެއީ.. ނޯއްނާނެ ފެންކަޅިވެސް ވެލާނެ ފުރުސަތެއް ވެސް ދީފައެއް.. އެކަމަކު އެހުރިހާ ކަމެއް ކަލޭ ހަމަ އެންމެ ސިކުންތެއް ތެރޭގައި ބަދަލު ކޮށްލީ…އަހަރެން ޒާނާއަށް ދިން ހުރިހާ ލޮތްބަކަށް އުފަލަކަށް އޭގެ ބަދަލުގަ ކަލޭ އޭނައަށް ދިނީ ހުސް އަނިޔާ…” އަހަރެން ރުޅިވެރި ކަމާއިއެކު ބުނެލީމެވެ. މާޒީގެ އެހަނދާން ތަކުން ހިތުގައި އުފެދުނު ރިހުމާއި އެއްވަރަށް ރުހާމް ދެކެ ރުޅިވެސް އާދެވުނީ އެކަން އެހެން ވާން ޖެހުނީ ރުހާމްގެ ސަބަބުން ކަމަށް ވީމައެވެ. އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހައިލި މީހަކީ ރުހާމް ކަމަށް ވުމުންނެވެ. އަހަރެން އެންމެ ލޯބިވި ކުއްޖާ އަށް ވެފައިވަނީވެސް އަނިޔާވެރިއެވެ. އަހަރެން އެންމެ ރުޅި އަންނަނީ އެހެންވެއެވެ.
“އަހަރެންގެ ދިރިއުޅުން ފުނޑަލާފަ ޒާނާ ޖަހައިގަނެގެން ގޮސް ކަލޭ ޒާނާއާއި އެކީ ރަނގަޅަށް އުޅުނުނަމަ ވެސް މައްސަލައެއް ނެތް. އެކަމަކު ކަލޭ އެއަންހެން ކުއްޖާއަށް ވެސް ދިނީ ހުސް އަނިޔާ…އޭނާގެ ދިރިއުޅުމުން ކަލޭ ކިހާ ދުވަހެއް ބޭކާރު ކޮށްލީ…މިނިވަން ނުކުރިއިރު އެކުގަ އުޅުންވެސް ހެދީ ވޭނަކަށް…” އަހަރެން މުށްކަވައިލީމެވެ.
” ޒާނާ އަތުން ކަލޭ ފޭރިގަތް އުފާތައް ކަލޭ އަތުން އަހަރެން އަނބުރައި ހޯދާނަން…” ވަރަށް ވަރުގަދަ އަޒުމަކާއިއެކު އަހަރެން ރުހާމްއަށް އިނގިލި ދިއްކޮށްލަމުން އަމުރުވެރި ރާގަކަށް ބުނީމެވެ.
“އޭނައަށް ދިން ކޮންމެ އަނިޔާއަކަށް އަހަރެން ކަލެއަށް އަނިޔާ ދޭނަން…ކުޅި ދައްކާލާނަން…” ރުހާމް ބިރުން ހިންދިރުވައިލިތަން އަހަރެންނަށް ފެނުނެވެ. އެދެލޮލުން ބިރުވެރި ކަމުގެ އިންތިހާ ފެންނަން ހުއްޓެވެ.
“ބަދަލަށް ބަދަލު ހިފާލާނަން…” އަހަރެން އަކުރު ތަކަށް ބާރުލައިފައި ބުނީމެވެ.
” ކަލޭ ބޭނުމިއްޔާ ފައިޓް ކުރެވިދާނެ…އެކަމަކު ފައިޓް ކޮށްގެން ވެސް ކަލެއަކަށް މިފަހަރަކު މަ ކައިރިއަކުން މޮޅެއް ނުވެވޭނެ… އެހެން ނޫނަސް އޭރުން ލީކުވާނީ މި ވީޑިއޯ އެކަންޏެއް ނޫން.. ކަލޭ ކައިފަ ހުރި ރިޝްވަތުގެ ހުރިހާ މައުލޫމާތު ތަކެއްވެސް…މީހުންނަށް ވެފައި ހުރި ‘އެހީ’ ތައްވެސް… ހީނުކުރައްޗޭ އިނގޭ އަބަދު ތިހެން ހުއްޕާފަ އުޅެވިދާނެކަމަށް…ބުނެ އުޅެ އޭނުން ހިކަންޖަކަށް ދުވަހެއް އައިއްޔާ މީދަލަކަށް ވެސް ދުވަހެއް އަންނާނޭ….ކޮންމެ މީހަކަށްވެސް ދުވަހެއް އަންނާނެ… މިއަދު މިއީ އަހަރެންގެ ދުވަސް….އެހެންވީމަ ކަލޭ ނިއްމާނީ ހަމައެކަނި ޒާނާ ދޫކޮށްލައިގެން ކަލޭގެ އަބުރާއި މުޅި ދިރި އުޅުންތޯ ބޭނުމީ ނޫނީ އެންމެންނަށް ތިއީ މީހުން ހީކުރާ ކަހަލަ މާތް މީހެއް ނޫންކަން އެނގެންތޯ ބޭނުމީ… ” އަހަރެން ރުހާމްއަށް ބިރުދެއްކީމެވެ. އިންޒާރު ދިނީމެވެ. އޭނާގެ މޫނުމަތިން ގޮތް ހުސްވެފައި އިންކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ހުރިހާ މަގެއް ބަންދުވެފައި އިން ކަހަލައެވެ.
އަހަރެން ދޭން ބޭނުންވި މެސެޖު މާރީއްޗަށް ވެސް ރުހާމްއަށް ފަހުމް ވެއްޖެކަން އެނގުމުން އަހަރެން ތެދުވީމެވެ.
އެނބުރި ގޮސް ވޭންއަށް އަރަމުން އަހަރެން ރުހާމްއަށް އެނބުރި ބަލައިލީމެވެ. އޭރު އޭނާވެސް ތެދުވެ ކޮޅަށް ހުއްޓެވެ. އަހަރެން ވޭންއަށް އެރުމުން އާކިފްއާއި އިލްޔާސްވެސް އެރިއެވެ. ކާމިޔާބުގެ ފޮނިރަހަ އަހަރެންގެ އަރުގައިލީ ހަމައެކަނި ރުހާމްއަށް ވެފައި އިންގޮތް ފެނިގެންނެއްނޫނެވެ. ޒާނާ މިލްކުވާންވެސް ދެން މާގިން ދުވަހެއް ނެތްކަން އެނގުމުންނެވެ. އެދުވަސް ވަރަށް ކައިރީގައި އެބައޮތްކަން އެނގުމުންނެވެ. ކެތްތެރިކަން ކުޑަވެފައި އަހަރެންނަށް މިހާރު އިންތިޒާރުކުރެވެނީ އެދުވަހަށެވެ. އަބަދަށް ގެނެސް އަހަރެންގެ އަތުގެ ހިމާޔަތް ދެވޭނެ ދުވަހަކަށެވެ. ދުނިޔޭގައިވާ ހުރިހާ އުފަލެއް ގެނެސް އެ އުގުތެރެއަށް އަޅައިލެވޭނެ ދުވަހަކަށެވެ. ޒާނާއަށް ޓަކައި އަހަރެން މިހިރީ ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށެވެ. އެކަން އޮންނާނީ މާޒީގައިވެސް އަހަރެން ސާބިތު ކޮށްދީފައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Loved it! ❤️
🤍🤍🤍🤍