ގާތުގާ… 19
އެނބުރި ގޮސް ވޭންއަށް އަރަމުން އަހަރެން ރުހާމްއަށް އެނބުރި ބަލައިލީމެވެ. އޭރު އޭނާވެސް ތެދުވެ ކޮޅަށް ހުއްޓެވެ. އަހަރެން ވޭންއަށް އެރުމުން އާކިފްއާއި އިލްޔާސްވެސް އެރިއެވެ. ކާމިޔާބުގެ ފޮނިރަހަ އަހަރެންގެ އަރުގައިލީ ހަމައެކަނި ރުހާމްއަށް ވެފައި އިންގޮތް ފެނިގެންނެއްނޫނެވެ. ޒާނާ މިލްކުވާންވެސް ދެން މާގިން ދުވަހެއް ނެތްކަން އެނގުމުންނެވެ. އެދުވަސް ވަރަށް ކައިރީގައި އެބައޮތްކަން އެނގުމުންނެވެ. ކެތްތެރިކަން ކުޑަވެފައި އަހަރެންނަށް މިހާރު އިންތިޒާރުކުރެވެނީ އެދުވަހަށެވެ. އަބަދަށް ގެނެސް އަހަރެންގެ އަތުގެ ހިމާޔަތް ދެވޭނެ ދުވަހަކަށެވެ. ދުނިޔޭގައިވާ ހުރިހާ އުފަލެއް ގެނެސް އެ އުގުތެރެއަށް އަޅައިލެވޭނެ ދުވަހަކަށެވެ. ޒާނާއަށް ޓަކައި އަހަރެން މިހިރީ ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށެވެ. އެކަން އޮންނާނީ މާޒީގައިވެސް އަހަރެން ސާބިތު ކޮށްދީފައެވެ.
*******
ޗެޕްޓާ 7
ޒާނާ
ކޯޓު މަރުހަލާ ނިމުނު ފަހުން މިހާރު މަހެއް ވަނީއެވެ. މިވީ ދުވަސްތަކުގެ ތެރޭގައި ރުހާމްގެ އެއްވެސް އުނދަގުލެއް އަހަރެންނަކަށް ޖެހިފައެއް ނެތެވެ. އެކަންވީ އަހަރެން ވަރަށް ހައިރާން ކުރުވި ކަމަކަށެވެ. އަދި ރުހާމްއާއި ވަރަށް ނުގުޅޭވެސް އަމަލަކަށެވެ. އަހަރެން ހީކޮށްގެން މިހުންނަނީ ރުހާމްގެ އެކި ކަހަލަ އުނދަގުތަށް އަހަރެންނަށް ވަރަށް ޖެހޭނެ ކަމަށެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުން ދައްކަމުން މިދަނީ ހުސްވެސް ހައިރާން ވާ ކަހަލަ ކުލަތަކެވެ. ގަބޫލު ކުރަން ދަތި ކަންތައް ތަކެވެ. ރުހާމް ފަދަ ބާރާއި ނުފޫޒުގެ ބޭނުން ހިފާ މީހެއްގެ ކައިރިން ވަރިވުމުގެ ކަންކަން މިހާ ފަސޭހައިން ނިމެން އުޅެނީ ކަމަކަށް އަހަރެންނަކަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ.
އެދުވަހު ޕާކިން ޒޯނުގައި ހުރެފައި އަހަރެން ހޯދުމަށް އަދި އަންނާނެ ކަމަށާއި އަހަރެންނަށް އުނދަގު ކުރާނެ ކަމަށް ރުހާމް ވަނީ އިންޒާރު ދީފައެވެ. ނަމަވެސް އޭގެ ފަހުން ރުހާމެގް މިސް ކޯލެއްހައި ހިސާބުވެސް ނުވަތަ މެސެޖެއްހާ ހިސާބުވެސް ލިބިފައެއް ނެތެވެ. ނަމަވެސް ޓީވީންނާއި ޕޯޑިއަމް ތަކުންނާއި އަދިވެސް އެހެން ތަންތަނުން ފެންނާތީ ރުހާމް ހުރީ ހެޔޮހާލުގައި ގަދަވެ ސަލާމަތުން ކަން އަދި އެދުވަހު ރުހާމްގެ ކައިރިއަށް ވޭން އިން ފައިބާތަން ފެނުނު މީހުން ރުހާމްއަށް ކަމެއް ނުކުރާކަން އެނގޭވަރުވިއެވެ. ފަހަރެއްގައި ކެމްޕެއިން ދުވަސްވަރަށް ވާތީ ވަގުތެއް ނުވެގެން އުޅެނީ ކަމަށް ވެދާނެއެވެ. ޖަނާ ކައިރީގައި އެމިހުންގެ ވާހަކަ އަހައިލާނަމޭ ހިތަށް އަރުވައިގެން ހުރެ އަދިވެސް އަހައިލެވޭ ގޮތެއް ނުވެގެން މިއުޅެނީ ޖަނާވެސް ވަރަށް އަވަދި ނެތި އުޅޭތީއެވެ. ކޮންމެ ގޮތެއް ވިޔަސް ރުހާމްގެ އުނދަގުލެއް ނުވާތީ އަހަރެން މިހުންނަނީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. ވަރަށް ބޮލަށް ފަސޭހަ ވެފައެވެ. ނަމަވެސް މަޑުން ހުރެފައި ރުހާމް ކޮށްލާނީ ކޮންފަދަ ކަމެއްކަން ނޭނގޭތީ ވެސް އަހަރެން ކަންބޮޑުވާ ފަހަރު ފަހަރުވެސް މަދެއް ނޫނެވެ. އެހެން ނަމަވެސް ލިއަމްމެންގެ އެހީ ތެރިކަން ލިބޭތީ އަހަރެން މިހުންނަނީ ތަންކޮޅެއް ހަމަ ޖެހިފައެވެ.
ޖަނާގެ ކައިވެނީގެ ދުވަސް ކައިރި ވަމުން އަންނާތީ އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތަށް ވުމަށްޓަކައި އަހަރެންނަށް ޖަނާއާއި އެކު ވަރަށް ގިނަ ވަގުތު އުޅެން ޖެހުމުގެ ސަބަބުން ދުވަސްތައް ވަރަށް ހަލުވި ކަމާއިއެކު ދާން ފެށިއެވެ. ވެޑިން ޑްރެސް ފެހުމާއި ފައިވާން ހޯދުމާއި މޭކަޕް ކުރާނެ ރަނގަޅު މީހަކު ފައިނަލް ކުރުމާއި ބްރައިޑް މެއިޑްސްގެ ހެދުންތަށް ފަހަން ފޮތި ގަތުމާއި މިހެން ގޮސް ވަރަށް ގިނަ ކަންކަން ކުރަންވެފައި ހުއްޓެވެ. ރިސޯޓެއްގެ ބީޗުގައި ޖަނާ ވެޑިން ބާއްވަން ބޭނުންވާތީ ކުރަން ޖެހޭ އަދި ވާން ޖެހޭ ވަރަށް ގިން ތައްޔާރީތަށް ހުއްޓެވެ. ޖަނާގެ ސައިޑުގެ ކަންކަމާއި ޖަނާ ހަވާލުވެގެން ހުރެވެސް އޭނާ ބޯގޮވައިގެން އުޅޭ މަންޒަރު ފެނުމުން އަހަރެންނަށް އަހަރެންގެ އަމިއްލަ ހިތާމަތަކުގެ މަތިންވެސް ހިނދުކޮޅަކަށް ހަނދައިން ނެތޭ ފަހަރު އާދެއެވެ. ކޮންމެ ގޮތަކަށް ވިއަސް އަހަރެން ވަރިވުމާއި ޖަނާގެ ވެޑިންގެ ކަންކަމުގައި އުޅެން ޖެހުން މިއީ އަހަރެންނަށް ފިކުރުތަކާއި ދުރަށް ދާން ލިބުނު ވަރަށްބޮޑު އެހީތެރި ކަމެކެވެ.
އެއްދުވަހެއްގެ މެންދުރު ފަހުގެ ވަގުތެވެ. އަހަރެންނާއި ޖަނާ ފިހާރަ ތަކަށް ނިކުމެލީ ކައިވެނީގެ ކުރިން ޖަނާގެ ބައެއް ހެދުންތައް ބަދަލުކޮށްލަން ބޭނުންވާތީ އާއި ހަނީމޫންގައި ލާނެ ބައެއް އެއްޗެހި ގަންނަން ޖަނާ ބޭނުން ވެގެން ބުނުމުންނެވެ. ހިނގަމުން ހިނގަމުން ގޮސް ވަރަށް ބޮޑު، އަންހެން ކުދިންގެ އެއްޗެހި ވިއްކާ ފިހާރައަކަށް ވަދެވުނެވެ. އެތަނުގައި އަންހެން ކުދިންނަށް ބޭނުންވާނެ އެކި ކަހަލަ ފައިވާނާއި އެކި ކަހަލަ ހެދުން، މަތިކޮޅު، އަބާޔާ އަދި ޝޯލް ވެސް ހުއްޓެވެ. އަދި މިނޫނަސް އަންހެން ކުދިންގެ އެކި ކަހަލަ ގަހަނާއާއި ސެންޓުގެވެސް އެކި ވައްތަރު ހުއްޓެވެ. ކޮންމެ ބަޔަކަށް ވަކިން ސެކްޝަނެއް ހަދައިފައި ވުމުންނާއި ޖާގައިގެ ބޮޑުމިނުންނާއި އަދި އެއްޗެހީގެ ބްރޭންޑް ތަކަށް ބަލައިލުމުން އެއީ ވަރަށް މުއްސަނދި މީހެއްގެ ތަނެއްކަން އެނގުނެވެ.
އެކި ކަހަލަ ޓޮޕްތައް ހުރި ބަޔަށް ވަދެފައި ޖަނާ ޓޮޕްތައް ބަލަން ފެށިއެވެ. އަދި އެކި އެއްޗެހި ނަގަމުން ވަށިގަނޑަށް އަޅަމުން ދިޔައެވެ. އަހަރެން އެއްވެސް އެއްޗެއް ބަލާ ހިތް ނުވެފައި ޖަނާ ކައިރީގައި ޖަނާ ކުރާ ކަމެއް ބަލަން އަހަރެން ހުރީމެވެ.
“ޒާ…. ކިހިނެއް ވީ ތިހުރީ މާ މަޑުން .؟ ޒާ ވެސް ބަލާބަ ރަނގަޅު ހެދުމެއް ފެނޭތޯ…” އަހަރެން މަޑުން ހުންނަން ފެށުމުން ޖަނާ ބުންޏެވެ.
“ނޫން އަހަރެން ނުގަންނާނަން… އަހަރެން މިއައީ ކާޑުވެސް ގޭގަ ބާއްވާފަ…” އަހަރެން މަނާ ވެލީމެވެ.
“އަޅޭދެން އެ އޯކޭ ވާނޭ… އަހަރެން ދީފާނަމޭ… އެއީ އެވަރުގެ ކަމެއް ނޫނޭ….” ޖަނާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
“ނޫން ދެން އެހެން ފަހަރަކުން…” އަހަރެން ބުނީމެވެ.
“އެއްކަލަ ޒާނާ… އެދެން ހަމަ އޯކޭ ވާނޭ.. ފަހުންވެސް ޒާނާ ބޭނުމިއްޔާ އަހަރެންނަށް ޕޭ ކޮށްލެވޭނެ ދޯ… އެހެން ނޫނަސް އަހަރެންނަށް އޯކޭ ފަހުން ނުދިނަސް..” ޖަނާ ފަތިވަރު އަމުނައިލިއެވެ.
“އަހަރެން ދެން މަވަގުތު އެއްވެސް އެއްޗެއް ގަންނަ ހިތެއްވެސް ނެތް…” އަހަރެން ބުނީމެވެ.
“ޖަނާއޭ ރީތި އެއްޗެހި ގަންނަންވީ …ތިއުޅެނީ މެރީ ކުރަންށޭނުން… ” އަހަރެން ބުނީމެވެ.
” ހޫމް ދެން މީނަ ގޮތެއް ދުލެއް ނުކުރާނެ… ތިއެއް ނޫނޭ ރުހާމްގެ އުނދަގުލެއް ނުވޭތަ ދެން ފަހަކުން…؟” ޖަނާ ކުއްލިއަކަށް ކަމެއް ހަނދައިންވެގެން އަހައިލާ ފަދަ ގޮތަކަށް އަހައިލިއެވެ.
” ޔާ ތިހެން ބުނީމަ އަހަރެންވެސް މި ހަނދައިންވީ… އޭނަގެ އުނދަގުލެއް ނުޖެހޭ އެދުވަހަށް ފަހަކުން.. އަހަރެންވެސް މިހުންނަނީ ހައިރާންވެފަ އެކަމާ… ވަރަށް ރުހާމްއާއި ނުގުޅޭ ކަމެއް ދޯ… ކިހިނެތްވީބާ ދޯ…އެކަމަކު ދެން އެއްގޮތަކުން ބޮލަށްވެސް ފަސޭހަ… އަހަރެން އެއްވެސް ވަރަކަށް ހިއެއް ނުކުރަން މިހާ ފަސޭހައިން މިކަން ކުރިއަށް ދާ ގޮތް ވެދާނެ ކަމަކަށް… އެކަމަކު އަދިވެސް ކުޑަކޮށް ބިރުގަނޭ…. ނޭނގޭނުން މަޑުން ހުރެ ހުރެފަ ކޮށްލާނީ ކޮންފަދަ ކަމެއް ކަމެއްވެސް….ވަރިވެ ހުރިހާ ކަމެއް ނިމޭ ފަހުން ވެސް އޭނަގެ އުނދަގު ފޯރަފާނެ… އެހެންވެ ވަރަށް ކަޑަވޭ އަސްލު…” އަހަރެން ޖަނާއާއި ވާހަކަ ދެކީމެވެ. އަހަރެންގެ ކަންބޮޑުވުން ފާޅުކުރީމެވެ.
” ނޫނޭ… ރަނގަޅު ވާނެ ކަމަށް ބަލަން ވާނީ… ލިއަމްމެން ވެސް އެތިބީނުން ކަމެއް ޖެހިއްޖެއްޔާ ދޯ… ދެން ރުހާމްގެ އުނދަގުލެއް ނުޖެހެންޏާ ބޮލަށް ފަސޭހައޭނުން ބަހައްޓާ…އޭނަ ކޮބައިތޯވެސް ބަލާނެ ކަމެއް ނެތް… އޭނައާއި ދޭތެރެ ވިސްނާނެ ކަމެއްވެސް ނެތް…” ޖަނާ އެހެން ބުނެލުމާއިއެކު ފޯނެއް އައިސްގެން އަހަރެން ގާތު އެބަ އަންނަމޭ ބުނެލަމުން އަހަރެންނާއި ތަންކޮޅެއް ދުރަށް ފައިވާން ހަރުގަނޑާއި ކައިރިއަށް ޖެހިލިއެވެ.
ޖަނާ ދިއުމުން އަހަރެން ވެސް ހެދުންތަށް ކުޑަކޮށް ބަލަން ފެށީމެވެ. ގަނެވެން ނެތަސް ބަލައިލުމަކުން ގޯހެއް ނެތްތާއެވެ. އެހެން، ފަހަރަކު ހެދުމެއް ބަލަނިކޮށް ހުދު ކުލައިގެ ވަރަށް ރީތި ހެދުމެއް ފެނިގެން އަހަރެން ނެގީމެވެ. އެހިނދު ހަނދާންތަކެއް އާވެގެން އައެވެ. ވަރަށް ހާއްސަ ފަރާތެއް އަހަރެންނަށް އަބަދުވެސް ހުދު ހެދުން ގަނެދިން ހަނދާނެވެ. ހުދު ހެދުމުގައި އަހަރެން ހުންނައިރު ހޫރެއް ފަދައޭ ބުނެ ތައުރީފުގެ ބަސްތަކުން އަހަރެން ލަދުން މޯޅިވާވަރު ކޮށްލާ ގޮތެވެ.
އަހަރެން އެ ހެދުމަށް ބަލައިލީމެވެ. ހުދު ކުލައިގެ ދިގު ލޭސް އަތެއް ލައިފައިވާ އެ ހެދުމުގައި ކުޑަ ވިދުމެއްވެސް ހުއްޓެވެ. ރީއްޗަށް ބަލައިލުމުން އެ ހެދުމުން ކިރިޔާ އަހަރެންގެ ބުޑު ނިވާވާ ވަރުކަން ވާނީ އެނގުނެވެ. ހެދުމުގެ އުނަގަނޑާއި ހަމައިން ތިރި އިނީ ވައްތިރި ގޮތަށެވެ. ހެދުމުގެ ކަރު ބޮޑު ނަމަވެސް އެހެދުން ސާދާ ކަމުންނާއި ގޮތްބޮޑު ނޫން ކަމުން އަހަރެންނަށް ވަރަށް ކަމުދިއައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެހެދުމުގެ އަގު ފެނުމުން އަހަރެންގެ ދެލޯ ބޮޑުވެގެން ދިއައެވެ. އަވަސް އަވަހަށް އެހެދުން އިންތަނުގައި ބައިންދަން އުޅުނު ވަގުތު ޖަނާއައެވެ. އޭނާގެ އަތުގައި ވަރަށް ރީތި ހުދު ކުލައިގެ ވިދާ، ވަރަށް ފުންނާބު އުސް ފައިވާނެއް އޮތެވެ. އަދި އަހަރެން ހެދުން އިންތަނަށް ލާން އުޅުނު ވަގުތު ހެދުން އަހަރެންގެ އަތުން އަތުލައިފައި ވަރަށް ރީއްޗަށް ބަލައިލިއެވެ. އޭނާގެ މޫނު މަތިންވެސް އެހެދުން ވަރަށް ކަމުދިއަކަން ދޭހަވިއެވެ..
” ވާއު… ވަރަށް ރީތި… ޒާނާއާއި ވަރަށް ގުޅޭނެ މިހެދުމާއި މި ފައިވާނާ…” ޖަނާ ފައިވާނާއި ހެދުން އަހަރެންނަށް ދައްކައިލަމުން ބުނެލިއެވެ.
“އެކަމަކު ހާދަ އަގު ބޮޑޭ ޖަނޫ…” އަހަރެން ކަންބޮޑު ވެލާފައި ބުނީމެވެ.
” ސޯ ވަޓް… އަގު ބޮޑަސް ލައިފަ ރީތިތޯ ބަލައިލެވިދާނުން…” ޖަނާ ގޮތް ދޫނުކޮށް ބުންޏެވެ.
” ދޭބަ ލާން މީތި. މި ފައިވާނަށްވެސް އަރާތި. އޭނީ ޗޭންޖިން ރޫމް. އެތާ ކުރިމަތީގަ އޭނދަ ސޯފާގައި އަހަރެން އިންނާނަން. އަވަހަށްދޭ… އަހަރެން ބޭނުން ފޮޓޯއެއް ވެސް ނަގަން…” ޖަނާ އަހަރެން އަތަށް ފައިވާނާއި ހެދުން ދެމުން ޗޭންޖިން ރޫމާއި ދިމާއަށް ކުޑަކޮށް ކޮއްޕައިލިއެވެ. ޖަނާ ކިޔަން ފަށައިފި ކަމެއް ކުރު ނުކުރާނެކަން އެނގުމުން އަހަރެންވެސް އެންމެ ފަހުން ހަތިޔާރު ބަހައްޓާފައި ހިނގައިގަތީމެވެ.
*******
ޗެޕްޓާ 8
ނަވީން
މެންދުރު ފަހުގެ ވަގުތެވެ. އޮފީހުގައި ވަރަށް މުހިންމު މަސައްކަތެއްގައި އަހަރެން އިނީމެވެ. އަހަރެންގެ ފޯނު ރިންގް ވާން ފެށުމުން ނަގައި ބަލައިލީމެވެ. ގުޅަނީ އަހަރެންގެ ބައްޕައެވެ. ބައްޕަ އެގުޅަނީ ކޮން ބޭނުމަކު ކީއްކުރަން ކަން އަހަރެންނަށް އެނގެއެވެ. ބައްޕައަށް ކޮންމެވެސް ކަހަލަ އަޑުތަކެއް އިވިގެން އުޅެނީ އެވެ. ނުވަތަ ކަންތައްތަކެއް އެނގިގެން އުޅެނީއެވެ. މި ހަފްތާގައިވެސް ބައްޕަ ކިތަންމެ ފަހަރަކު ގުޅައިފިއެވެ. ނަމަވެސް އަހަރެން ބައްޕަގެ ފޯނަށް ޖަވާބެއް ނުދެމެވެ. ހުރިހާ ކަމެއް ހަމަ ޖެހުމުން ރަނގަޅު ވަގުތެއް ބަލާފައި އަހަރެން މިހުރީ ބައްޕައާއި އެވާހަކަ ދައްކާށެވެ. ފޯނު ސައިލެންޓް ކޮށްލަމުން އަހަރެން ފޯނު އަނބުރައި ޖީބަށް ލީމެވެ.
އިރުކޮޅެއް ފަހުން އަނެއްކާވެސް ފޯނަށް ނޯޓިފިކޭޝަން އެއް އައުމުން އަހަރެން ފޯނު ނަގައި ބަލައިލީމެވެ.
” މިތިބީ ސަންފްލާވާގަ… ޒާނާވެސް…” ޖަނާގެ ކުރު މެސެޖުގައި އޮތެވެ. ޒާނާގެ ނަން އޮތުމުން އަހަރެންގެ ހިތް ތެޅިފޮޅީގަތް ވަރުން ހީވީ ފުންމައިގެން އަތުވެދާނެ ހެންނެވެ.
އަވަސް އަވަހަށް އަހަރެން އޮފީހު މޭޒުމަތީގައި ހުރި ކޮމްޕިއުޓަރާއި ކުޅެލަމުން ސަންފްލާވާ ފިހާރައިގެ ކެމެރޭތައް ބަލަން ފެށީމެވެ. ޖަނާ ބުނިހެން ޒާނާވެސް ޖަނާއާއި އެކު ފިހާރަ ތެރޭގައި ހުއްޓާއި ފެނުނެވެ. ޒާނާ ފެނުމުން އަހަރެންގެ ހިނިތުންވުން ފުންވިއެވެ. ހިތް އުފަލުން ނަށައިލި ފަދަ އިހުސާސެއް ކުރެވުނެވެ. އަހަރެންގެ ހިތުގައި މަޑުމަޑުން މީހަކު ފިރުމައިލި ކަހަލައެވެ. އެ މޫނު ފެނުމުން މުޅިދުވަސް އުޖާލާވިއެވެ. އަހަރެންގެ ހިތަށް ބުނަން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އެއީ ޝިފާއެއް ފަދަ އަންހެން ކުއްޖެކެވެ.
ޖަނާ ހެދުންތަށް ބަލަމުން ދިއަ ވަގުތުވެސް ޒާނާ އެއްވެސް އެއްޗެއްގައި އަތްވެސް ޖައްސައިނުލައި ހުއްޓެވެ. އަންހެން ކުދިން މޮޔަވާނެ ފަދަ ހުރިހާ އެއްޗެއް އެފިހާރައިގައި ހުރި އިރު އެ އަޖައިބެއްފަދަ އަންހެން ކުއްޖާ އެއިން އެއްވެސް އެއްޗަކަށް ޝައުގުވެރި ކަމެއް ނުދިނެވެ.
ކުއްލިއަކަށް ކަމެއް ހަނދައިން ވެގެން އަހަރެން އަވަސް އަވަހަށް ފޯނުނެގީމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Vrh vrh reethi ❤️
Thankx🤍