ގާތުގާ… 17
އަތުގައި އޮތް ސިނގިރޭޓު އެންމެ ފަހު ފަހަރަށް ދަމައިލަމުން ބިންމައްޗަށް ވައްޓައިލައި ފައިން އަރައި އޭގެ އަލިފާން ކޮޅު ނިއްވައިލީމެވެ. ނަމަވެސް ރުހާމްގެ މޫނު ފެނުމުނުންނާއި މިއަދު ރުހާމް އެ ކުރަން އުޅުނު ކަންތަށް ހިތަށް އެރުމުން އަހަރެންގެ ހިތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ހިނދުނު ނަފްރަތާއި ރުޅިވެރިކަމުގެ އަލިފާން އަނދައިގަތެވެ. އަނގައިގާ ހުރި ދުންތަށް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ރުހާމްގެ ގާތަށް އަހަރެން ޖެހިލީމެވެ. ކަންބޮޑުވެ ނުތަނަވަސް ވެފައިވީ ކަމުގައިވީ ނަމަވެސް ހަމަޖެހޭ ގޮތް ދައްކަމުން ރުހާމް އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
އަހަރެން އާކިފްއަށް ބަލައިލަމުން ބޮލުން އިޝާރާތް ކޮށްލީ ކުރިއަށް ގެންދާށޭ ބުނާ ފަދަ ގޮތަކަށެވެ.
*******
ހަލުވި ކަމާއިއެކު އާކިފް އޭނާގެ ޖީބުން ފޯނު ނަގައި ކުޅެލުމާއިއެކު ވީޑިއޯއެއް ޕްލޭކޮށްލިއެވެ. އަދި ރުހާމްއާއި ދިމާއަށް ފޯނު އަނބުރައިލިއެވެ. ރުހާމްގެ ދެލޯ ބޮޑުވެ މުޅި މޫނު ހުދު ކަފަ ކޮޅަކަށް ވެގެން ދިއަތަން ފެނުމުން އަހަރެންގެ ތުންފަތަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ. އެއޮށް ބާރުގަދަ ނުފޫޒުގަދަ މީހާ ހަމަ ކުއްލިއަކަށް އެންމެ ވީޑިއޯއެއްގެ ސަބަބުން ހަމަ ބިމަށް ތިރިވެ ފުކަކަށް ވިތަން ފެނުމުން އަހަރެންނަށް ކާމިޔާބު ލިބެމުންދާކަމުގެ އިހުސާސް ކުރެވުނެވެ.
ރުހާމްގެ އުނދަގޫ ޒާނާއަށް ފޯރާނެކަން އެނގި ހުރެ މިއަދަށް ތައްޔާރު ވެވުނުކަން އެއީ އަހަރެންނަށް ކުރެވުނު ވަރަށް ރަނގަޅު ކަމެކެވެ. ރުހާމްގެ ފަތިފުށް ހޯދުމުގެ ތެރޭގައި އޭނާގެ އެ “މާތް” ކަމުގެ ފަހަތުގައި ފޮރުވިފައިވީ ކަޅު ފަރުދާ ކެހިގެން ދިއުމާއިއެކު ރުހާމްގެ ހީނުކުރާ ކަހަލަ އެތަށް ކަމެއް އަހަރެންނަށް އެނގިގެން ދިއައެވެ. އެތަށް ކަމެއް ފެންމަތިވެގެން ދިއުމާއިއެކު އޭނާއާއި ދެކޮޅަށް ނެގޭނެ އެތަށް މައުލޫމާތު ތަކެއް ލިބިގެން ދިއައެވެ. ނަމަވެސް ވިސްނުންތެރި ކަމާއިއެކު ރަނގަޅު ވަގުތު ތަކުގައި އެ މައުލޫމާތު ތަކުގެ ބޭނުން ހިފަން އަހަރެން މިހުރީ ނިއްމައިގެންނެވެ.
” ކޮބާ ތި އަހަރެންނަށް ދެއްކުމުގެ ބޭނުމަކީ؟” މޫނުމަތީގައި ހުރި ކަންބޮޑުވުމުގެ އަސަރު ފިލުވައިލަން މަސައްކަތް ކުރަމުން ހަމަޖެހެން މަސައްކަތް ކުރަމުން ރުހާމް އަހައިލިއެވެ. އަހަރެންނަށް ދުރު ބަލައިލެވުނީ ރުހާމް ކުޅެން އެއުޅޭ ޑްރާމާ އެނގުމުން ބޮލަށް އުނދަގުވީ ވަރުންނެވެ.
“ތީގަ ތިފެންނަނީ މަށެއް ނޫނޭ….” ރުހާމް އިނގިލި ދިއްކޮށްލަމުން ބުނެލީ ފަސްޖެހުމަކާއި އެކުގައެވެ.
” ނާހަމޭނުން…..އަދި މިދެއްކުމުގެ ބޭނުންވެސް ކިޔައެއް ނުދެމޭނުން…. ” އަހަރެން ބުނީމެވެ. ރުހާމްގެ އަނގަ މޮށްވިއެވެ.
” ދެން މައްސަލައެއްނެތް. ކިތަންމެ ވަރަކަށް އިންކާރު ކުރިޔަސް މިއީ ރުހާމް ނޫން ކަމަކަށް ނުވާނެ. އެންމެނަށްވެސް އެނގޭނެ މިއީ އޭއައި އެއް ނޫންކަން…. ބެލޭނެ ގޮތްގޮތްވެސް ހުންނާނެތާ ދޯ…ހައް…” އަހަރެން ހީލަމުން ބުނީމެވެ.
” އޯކޭދެން މިސާލަކަށް މި އެޑިޓެކޯ…..އެހެން ކަމަށް ވިޔަސް މިއީ ހަޤީޤަތް ކަމަށް ގަބޫލުކުރާނެ މީހުންވެސް ތިބޭނެ ދޯ ހަމަ. އެހެން ނޫނަސް ކޮންމެވެސް ވަރެއްގެ ހަޤީޤަތެއް ނެތިއެއް އެޑިޓު ކުރާ މީހުން އެޑިޓެއް ވެސް ނުކުރާނެ ކަންނޭނގެދޯ…ބުނެ އުޅެއޭނުން އަޑެއް ކިޔައިފިއްޔާ ރެނދެއް ލާނޭ….އެހެން ނޫނަސް ކުރިންވެސް ބުނިހެން މީ އެޑިޓެއް ނޫން.. ހަޤީޤަތެއް މީ ހަމަ….އެކަން ކަލެއަށް އެނގޭނެ… އެހެން ނޫންނަމަ ތިހާ ކަންބޮޑެއް ނުވާނެ ކަލޭ…” އަހަރެން ބުނީމެވެ. ރުހާމް ހަމަހިމޭން ވިއެވެ. މުޅިމީހާ ބަސްހުއްޓުނެވެ.
” ކި…ކިހިނެތް…..ކިހިނެތް ތި ވީޑިއޯ ލިބުނީ؟” އެންމެފަހުން ބަލި ގަބޫލުކޮށްފައި، ހިންދިރުވައިލަމުން ކަންބޮޑުވެފައި ރުހާމް އަހައިލިއެވެ.
“އެނގޭތަ މީހުންގެ ތިކަހަލަ ވީޑިއޯ ގެންގުޅުމަކީ ޤާނޫނީ ކުށެއްކަން…؟ އަހަރެންނަށް ދައުވާ ކުރެވިދާނެ އިނގޭ…” ތުރުތުރު އަޅާ އަޑަކުން ރުހާމް އަހަރެންނަށް އިނގިލި ދިއްކޮށްލަމުން އިންޒާރެއް ދިނެވެ. އޭނާ ހިތުން އެބުނެވުނީ ވަރަށް މޮޅު އެއްޗެކެވެ.
” އެހެންތަ؟ ދެން މިކަހަލަ ކަންކަން ކޮށް މިކަހަލަ އެއްޗެހި ހެދުމަކީޔޯ…؟” އަހަރެން މަލާމާތުގެ ހިނިތުންވުމެއް ރުހާމްއަށް ދެމުން އަހައިލީމެވެ.
” އަހަރެން ނޯއްނާނެ ވީޑިއޯ ކޮށްފައެއް އިނގިއްޖޭ…. ” ރުހާމްގެ ގާތަށް ރުޅިއައެވެ.
“އެހެން ނޫނަސް އަހަރެން ކީއްކުރަން އަހަރެންގެ އަމިއްލަ ވީޑިއޯއެއް ކުރަންވީކީ. މަމީ މޮޔައެއް ކަމަށްތަ ކަލޭ ހީކުރީ….އޭން..” ރުހާމް ރުޅިއައިސްފައި ދަތްވިކާލައިފައި ބުނެލިއެވެ.
” އެހެންތަ؟ ޒާނާގެ ވީޑިއޯއެއްވެސް ނުކުރަންތަ؟” އަހަރެން ރުހާމްއާއި ކައިރިވެލަމުން މަޑުމަޑުން އެހެނަސް ހިތްހަމަ ނުޖެހިފައި އަހައިލީމެވެ. ކުއްލި ޝޯކެއް ލިބުމާއިއެކު ހައިރާންކަމާއި ސުވާލު އުފެދުނުކަން ވެސް ރުހާމްގެ މޫނުމަތިން ހެކިދިނެވެ. އެހާ ކުރީގެ ކަމެއް، އެހާ ސިއްރުން އޭނާ ކޮށްފައި އޮތް ކަމެއް އަދި އެހެން މީހަކަށް އެނގިދާނެ ކަމަށްވެސް ހީކޮށްފައި ނެތް ކަމެއް އަހަރެން ބުނުމުން ގަބޫލު ނުކުރެވުނީ ކަންނޭނގެއެވެ. އަދި އަހަރެން ރުޅިއައިކަން އެނގުމުންނާއި އަހަރެންނަށް ކަންކަން އެނގޭވަރު އިހުސާސް ވުމުން ރުހާމް ފަސްޖެހުނެވެ. އަދި އަހަރެން ކައިރީގައި ހުރި އިލްޔާސް، އަދި އާކިފް އަށް ބަލައިލަމުން ރުހާމް މައިތިރި ވެލައި އެއްޗެއް ވިސްނާލީ ކަންނޭގެއެވެ.
” އެހެން ނޫނަސް އިންތިހާބް މިހާ ކައިރި ވެފަ އޮއްވައި މިކަހަލަ އެއްޗެއް ލީކު ވެއްޖެޔާ ……. ގޮނޑި ގެއްލިދާނެ ދޯ….؟” އަހަރެން އިންޒާރެއް ދިނީމެވެ.
“އަދި….” އަހަރެން ޖުމްލަ ފުރިހަމަ ނުކޮށް އާކިފްގެ އަތުން ފޯނު ނެގީމެވެ. އަދި އެވީޑިއޯ ޕްލޭ ކޮށްލަމުން އަހަރެން އެވީޑިއޯއަށް ބަލައިލީ ރުހާމްއަށް މަލާމާތް ކޮށްލުމުގެ ނިޔަތުގައެވެ. ފޯނު ރުހާމްއާއި ދިމާއަށް އަނބުރައިލަމުން އަހަރެން އެއްކޮލުން ހީލީމެވެ.
އެ ވީޑިއޯއިން ފެންނަނީ ރުހާމްއާއި ސަރުކާރުގެ އިސް މީހެއްގެ އަންބަކާއި ނަހަމަ ގުޅުމެއް ހިންގަނިކޮންނެވެ. ވީޑިއޯ ބަލާ މީހަކަށް އެއީ ރުހާމްކަންވެސް އަދި އެވީޑިއޯއިން އެފެންނަނީ ކާކުގެ އަނބެއްކަން ވެސް އެނގި ސާފު ވާވަރަށް ރީއްޗަށް އެދެމީހުންގެ މޫނުވެސް ހުރީ ފެންނާށެވެ. އަދި އެދެމީހުން ކުރަމުން ދިއަ އަމަލުތަކާއި ކައިވެންޏެއް ކޮށްގެން ތިބޭ ދެމަފިރިންނަށްވެސް ކުރުން ހަރާމް ކުރައްވާފައިވާ އަމަލުތަކަށް އަރައިގަންނަ މަންޒަރު ދަނީ ފެންނަމުންނެވެ.
އެފަދަ ނާޒުކު އަމަލުތަކެއް ފެންނަ އެ ވީޑިއޯގައި އަދި އެދެމީހުންގެ ރިޝްވަތު ބެހިކަމުގެ ވާހަކަތަކެއްވެސް ހުއްޓެވެ. ފަނަރަ މިނެޓުގެ އެވީޑިއޯ ލީކު ވެއްޖެ ނަމަ ރުހާމްގެ ސަބަބުން ގުޑިގެން ދާނީ އެތަށް ބައެއްގެ ސިޔާސީ މަޤާމުތަކެކެވެ.
އަހަރެން އެވީޑިއޯ ދައްކައިލުމުން ރުހާމް މޫނު އަނބުރައިލަމުން އިސްޖަހައިލައި ނިއްކުރީގައި ހިފަހައްޓައިލިއެވެ. އޭނާ އެހުރީ ހަމަ ރަނގަޅަށްވެސް ކަންބޮޑުވެ ހަދާނެ ގޮތް ހުސްވެފައެވެ. އެ ވީޑިއޯގައި ހުރި މައުލޫމާތު ތަކުގެ ނާޒުކުކަން ހަމަ ރަނގަޅަށްވެސް އިހުސާސްވެފައެވެ. އެމޫނުމަތިން ކަންބޮޑުވުމާއި އެއްވަރަށް ހިތްހަމަ ނުޖެހުން ވެސް ފެންނަން ހުރީ މިކަމުގައި އޭނާގެ އަތުގައި ބާރު ނެތްކަން ފަހުމް ވުމުން ކަންނޭނގެއެވެ.
” މީގަ އަނެއްކަ ގުޅުމެއް ހިންގާފަ މިއޮތީވެސް މީހެއްގެ އަންބަކާއޭ ދޯ…. އަދި އާދައިގެ މީހެއްގެ އަންބަކާވެސް ނޫނޭ ދޯ…. ” އަހަރެން އެއްފަހަރު ރުހާމްއަށް އަދި އަނެއް ފަހަރު ފޯނަށް ބަލައިލަމުން މަލާމާތުގެ ރާގަކަށް ބުނެލީމެވެ. ރުހާމް ހަމަ އެއްވެސް އެއްޗެއް ނުބުނެ ސައިޒު ވެފައި ހުއްޓެވެ.
” ހަމައެކަނި ސެކްސް އަކުން ނިމިފައެއްވެސް ނޫނޭ ދޯ… ރިޝްވަތު ދިން ކަމުގެ ކޮންވޯއެއް ވެސް އެބައުޅެއޭ ދޯ އެތަށް ބައެއްގެ ނަން ތަކަކާއިއެކު……. ޔާ… ދިސް އިޒް ރިއަލީ ސެންސިޓިވް ޕޮލިޓިކަލް އިންފޮމޭޝަންސް…..ޑާހ…..ހައްހައް….” އަހަރެން ރުހާމްއަށް ބަލައިލަމުން އެއްބުމަ ހިއްލައިލަމުން ލާނެއް ހިނިތުން ވުމެއް ދިނީމެވެ. ކަންބޮޑުވެފައި، އަނގަ ބެދިފައި ރުހާމް އެތާނގައި ހުއްޓެވެ.
” ދެން އަނެއްކާ މި ލީކު ވެއްޖެޔާ ކަލެއަށްވެސް ހުތުރު ދޯ…. ކަލެއަށް އެކަންޏެއް ނޫން ފިރިހެނުންނަށްވެސް ހުތުރު…. އެންމެ ދިހަ މިނެޓު ވިއްޔާ ހިފަހައްޓާ ލެވުނީ….ހައްހައްހައްހާ…” އަހަރެން ހިނިގަނޑެއް ޖަހައިލަމުން ބުނީމެވެ. އާކިފްވެސް ހިނިގަނޑު ހިފަހައްޓަން މަސައްކަތް ކޮށްލިތަން އަހަރެންނަށް ލޮލުގެ ހިމަކޮޅުން އަހަރެންނަށް ފެނުނެވެ.
“ކިހާވަރެއް…؟” ރުހާމް ކުއްލިއަކަށް އަހައިލިއެވެ.
“ވަޓް….” އަހަރެން ސުވާލުކޮށްލީމެވެ.
” ކިހާވަރެއް ދިނިއްޔާ ތި ވީޑިއޯ އެކްސް ޗޭންޖް ކުރާނީ….” ރުހާމް އަހއިލިއެވެ. އަހަރެން ހަމަ ހައިރާންވެ އަންތަރީސް ވިއެވެ.
“ޝިޓް މޭން…ކީއްވެތަ ހުރިހާ ކަމެއް ލާރިން ނިމޭނޭ ހީވަނީ ކަލެއަށް؟….ހުރިހާ ކަމެއް ލާރިން ހައްލެއް ނުވާނޭ….” އަހަރެން ބުނީމެވެ.
” އެހެން ނޫނަސް ހީވޭތަ ލާރީގެ ބޭނުމުގަ ހެން ހަމަ މިއުޅެނީ.. ކުރިންވެސް ބުނީމޭނުން ދޯ ލާރީގެ ބޭނުމެއްނެތޭ… ލާރި އެއީ އަހަރެންނަށް ފެންފަދަ އެއްޗެއް މިހާރު… ސޯ ކީއްކުރާ ރުފިޔާއެއް….” އަހަރެން ވަރަށް ހަމަޖެހިލާފައި ބުނީމެވެ.
” ހަމަ ކުރިންވެސް ބުނި ކަންތަށް ….ޒާނާ…” އަހަރެން ކުއްލިއަކަށް ރާގު ބަދަލު ކޮށްލީމެވެ. ސީރިއަސް ވެލީމެވެ.
“ޒާނާ ދޫކޮށްލާ….އޭރުން މިއާއި ދޭތެރޭގަ ކަލޭ ހާސްވާކަށް ނުޖެހޭނެ…” އަހަރެން ފޯނުނަގައ ހިއްލައިލަމުން ބުނީމެވެ.
“އެހެންނޫނީ ހުރިހާ އެއްޗެއް ގެއްލެން ތައްޔާރުވޭ….” އަހަރެން ބުނީމެވެ.
“އަހަރެންނަށް ކޮން ޔަގީން ކަމެއް އޮތީ…އެހެންނޫނަސް އަދިވެސް އަހަރެންނަށް ޒާނާގެ މައްޗަށް ހައްގެއްވޭ….” ރުހާމް ބުނެލިއެވެ.
“ހައްގުގެ ވާހަކަ ނުދައްކާ ކަލޭ…. ތީ އެވަރުގެ މީހެއް ނޫން..” އަހަރެން ވިއްދާ ބުނީމެވެ.
” ތީ ކާކުތަ އަހަރެމެން ދެމިހުންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން… ޒާނާއާއި އަޅައިގަނެގެން ނެއްޓެން ނޭނގިގެން ތިއުޅެނީ ކިހިނެއް ވެގެންތަ..؟” ރުހާމްގެ ބޮލަށް އުނދަގުވެފައި ހުރި ރާގެއްގައި ހިތްހަމަ ނުޖެހިފައި އަހައިލިއެވެ.
“ތީ ކާކުތަ..؟ ޒާނާގެ ލޯބިވެރިޔާތަ؟” ޝައްކެއް ވެގެން އަހައިލާ ފަދަ ގޮތަކަށް އަނެއްކާވެސް ރުހާމް އަހައިލިއެވެ.
” އޯހް…. މީ ދޯ މިވީ ގޮތަކީ…” އަހަރެންގެ ޖަވާބެއް ނުލިބުމުން ރުހާމްއަށް ވިސްނުނެވެ.
” މިއޮށް ހުރިހާ ދުވަހު….. ޅަބުޅާ ގަނޑެއްހެން މަ ހެދިހާ އެއްޗެއް ހެދިގެން މަ ކައިރީގަ އުޅެފަ.” އަޑަށް ބާރުލަމުން އަކުރުތަކަށް ބާރުލައިފައި ރުހާމް ބުނެލިއެވެ..ރުޅިއައިވަރުން ރުހާމް ދަތްވިކައިލިއެވެ. އޭރު މުޅިމީހާގެ މޫނު އެކަށް ރަތްވެ ދާހިއްލާލައިފިއެވެ. ރުހާމްގެ ބޮޑާ ބަސްތައް އަޑުއިވެން ފެށުމުން އަހަރެންގެ ލޭވެސް ހޫނުވާން ފެށިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Maashaallah, mi bai ves vrh furihama 😍
Curiously waiting for next one
Thankiu❤️