Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (2)

Thea reminisces
Thea reminisces Level 210 Stories
May 2, 2026 10 Mins Read
2 Comments

“”އަހަރެމެން ކައިވެނި ކުރަން މިއުޅެނީ ހައްޖުދުވަހުރޭ. ދެން ވަލީމާ އޮންނާނީ ބޮޑު ޢީދު ދުވަސް ނޫން އޭގެ އަނެއްދުވަހު ރޭ. ސްކޫލް ގޯތިގައި ބައްވަނީ. ވާފިރުބޭއާއި އަންމަޑޭ ވާނެ ތަން ތައްޔާރުކުރަން އަންނަން. ދެން އަންހެން ވެރިންވާނެ ކައްކަން އަންނަން. ރޫކަމަނާއަށް  އޮތީ ރޮށި ދެމުމުގެ ޑިއުޓީ.” ރޫޔާއަށް ހަމަ ބިމަށް އާދެވުނީ ވަސީމްގެ އަޑުންނެވެ. ކަމެއް ނުވާކަމަށް ހެދި ރޫޔާ އެނާގެ ނަޒަރު ގެންދިޔައީ ޝަފަޤަށެވެ. “މައްސަލައެއް ނެތް. ޝަފް އޯކޭވެއްޖެއްޔާ މަށަށްވެސް އޯކޭ” ރޫޔާ ހީލިއެވެ.

“އެކަމު އޭގެ ކުރިން އަހަރެމެން މަޝްވަރާކުރަންޖެހޭ އެހެންކަމެއް އެބަ އޮތޭ” ޝެހެނާ ރޫޔާއަށް ލާނެއްގޮތަކަށް ހީލަމުން ބުނެލިއެވެ.

“ކޮންކަމެއް؟”

“ފެންކުޅި ރޭސް”

މައިރާ މީހުންތަކުތެރެއިން ދެމިގެން، ހުއްޓުނީ ރޫޔާ ކައިރީގައެވެ.

“ކޮބާ ތި ފެންކުޅީގެ ހާއްސަ ކަމަކީ؟” މިއުވާން ޝައުޤުވެރިކަމާއެކު މައިރާއަށް ބަލަން ހުއްޓެވެ.

“ފިރިހެންވެރިން ވަރސަސް އަންހެން ވެރިން.”

މައިރާވެސް މިއުވާނަށް ބަލާލިއެވެ. އަދި ވާދަވެރި ރާގަކުން ޖަވާބު ދިނެވެ.

“މީގަ އޮންނަ ގޮތަކީ އަންހެންވެރިން ތައްޔާރުކުރާނީ ރަތްކުލައިގެ ފެން ޕެކެޓް. ފިރިހެނުން ފެހި ކުލަ. ދެން ހަދަންވީ ގޮތަކީ ފެން ޖަހާނީ. އަންހެނުން ފިރިހެނުން ގަޔަށް. ފިރިހެނުން އަންހެނުންގެ ގަޔަށް. އެކަމަކު ހުދޫދުގެ ތެރެއިން. ދެން އެންމެ ގިނައިން ނުތެމި ހުރި މީހުން ތިބި ޓީމު މޮޅުވާނީ.” މައިރާ ރޫޔާގެ ކޮނޑުމަތީ އަތްއަޅާލަމުން ކުރިއަށް ގެންދިޔައެވެ. “އަންހެންވެރިންދޯ އަބަދުވެސް މޮޅުވަނީ. 3 އަހަރުގެ ސްޓްރީކް. އަހަރެމެންގެ މޮޅުކަމުން އަންހެންވެރިން މި ރޭހުގައި މޮޅުވާތާ 3 އަހަރު.  ރޫ ބޭރުގައި ކިޔަވަން ހުއްޓަސް ވަރަށް މޮޅު ޚިޔާލުތައް ދޭ. ދޯ ރޫ. މިފަހަރު ރޫ ބައިވެރިވާތީވެ ހަމަ ޔަޤީން ފިރިހެނުން ބޮޑުތަނުން ބަލިވާނެ ކަން.” މައިރާ ތަޢުރީފުގެ ބަސްތައް އޮހެލިގޮތުން އެނާ ރޭހަށް ކެތްމަދުވެފައި ކަން އިނގެވެ.

“މައިރާ ދައްކާ ވާހަކަ. އަހަރެމެން މިތިބީނުއް. މި އަހަރު ވާނީ ފިރިހެނުން ގެ އަހަރަށް” މިއުވާންގެ ބަހުން މައިރާގެ ކެރުމަށް ލޮޅުމެއް އެރިއެވެ.

“އެހޭ. ތި އަދި މި ރޭހުގައި ބައިވެރިވެފައިވާ ބައެއްވެސް ނޫން.”

“ދެން ކޮބާ މައްސަލައަކީ؟”

“މައްސަލައަކީ ދުވަހަކުވެސް މި ރޭހުގައި ބައިވެރި ނުވާ މީހަކު އައިސް ތި ބުނަނީ އަހަރެން ކައިރީގައި ކާމިޔާބު ވާނީ ފިރިހެނުންނޭ. ދަރިޔާ. ދަތުރު ފެންނާނީ ފުރީމަ. ތިހެން ހުރެ ހުސް އަނގަ ތަޅައިގެންނެއް ނޫން”

“އެއީ މައިރާގެ މައްސަލަ. ބިރުގަތީތަ ބަލިވެދާނެތީ؟ ފިނޑި!”މިއުވާނަށް މައިރާއާ އޮޅުލުންވީ މަޖާކަމަކަށެވެ. ޖެއްސުމުގެ ހިނިތުންވުމެއްވެސް ހަދިޔާކޮށްލީ މައިރާ އިތުރަށް ރުޅިއަރުވާލަންށެވެ.

“ޗި. މަ ނޫޅެން ބިރަކުންނެއް” މައިރާ ރުޅިވެރި ނަޒަރަކުން މިއުވާނަށް ބަލާލިއެވެ. މިއުވާން ހަމަ ރަނގަޅަށް މައިރާގެ ޖޯޝުގެ އަލިފާނަށް ދަރު އަޅައިފިއެވެ.

މައިރާއާއި މިއުވާންގެ ޒުވާބު ބަލަން ތިބި ޝަފަޤް އާއި ޝެހެނާ ރޫޔާ ގާތަށް ޖެހިލިއެވެ. ހަތުމާވެސް ހަލީމާއަށް ދެކުދިން ހަވާލުކޮށްފައި އެމީހުން ކައިރިއަށް ބޮޑިވެލިއެވެ. އަދި އަޑު ނިވޭވަރަށް އެކަކު އަނެކަކާ ވާހަކަ ދައްކަން ފެށިއެވެ.

“މަ ނެތިން އެއްޗެކޭ ބުނާކަށް. އެކަމު މި މައިރާ ދޯ”

“ވަރަށް ޓެންޝަންގައި އެހުރީ”

“އަސްލުވެސް. އެ މިއުވާނަށް މަޖާވެގެން އެ އުޅެނީ. އެކަމު މައިދޯ. އޭނައަކަށް ނޭނގެ މިއުވާން އެއުޅެނީ އެނާ ހަމަ ރުޅިއަރުވަންކަން”

“ތެދެއް. ލޯތްބަކީ ކަނު އެއްޗެއް”

ހަތުމާ ބުނެލި ޖުމުލައިން ތިން އެކުވެރިންވެސް ބަލާލި ކޯޅެންތިބި ދެ މީހުންނަށެވެ. ވަސީމްވެސް ޒަޔާނާއި ރަޒާން އަދި އަހުމަދު ކައިރިއަށް ގެނެސްގެން ކޮންމެވެސް މަޝްވަރާއެއް ކުރަނީއެވެ.

“މަށަށްވެސް ހީވޭ އެބަ ތިހެން.”

“ދެމީހުން ގުޅޭ ދޯ”

“ފަޔަރ މީޓްސް ފަޔަރ”

“މިއުވާނަކީ ވަކީލެކޭ ބުނި. މައިރާވެސް ވަކީލުކަން ކިޔަވާނީ. ދެން ހިޔާލުކޮށްބަލަ. ދެމީހުން ކޯޓުގައި”

“ފޯރި ހުންނާނެ ދޯ.”

“އެއޮއް އޭނަ އަންނަނީ. ވާހަކަ ހުއްޓައިލަން އުޅޭ”

“ޝުޝް”

މައިރާ ގްރޫޕާ ދިމާލަށް އަންނަ މަންޒަރު ފެނި ހަތަރު އަންހެނުން މަޝްވަރާ ހުއްޓާލިއެވެ. އެހަތަރު މީހުން މައިރާއަށް ބަލަން ހުރި ގޮތުން މައިރާއަށް އެ ގެންދެވުނު މަޝްވަރާގެ މަޢުޟޫ ދެނެގަންނަން ލަހެއް ނުވިއެވެ.

“ނުކިޔާތި އެއްވެސް އެއްޗެއް. ހިނގާ ރާވަން. އެ ފިރިހެންވެރިން ބަލިކޮށްލަން ކޮންމެހެންވެސް މި ފަހަރު ޖެހޭނެ.” މައިރާ އެއްވެސް ސިކުންތެއް ބޭކާރު ކުރާކަށް ބޭނުމެއްނުވިއެވެ. ޢީދު އަންނަން އަދި ފަސް ވަރަކަށް ދުވަސް އޮތެއް ކަމަކު އެނާ ބޭނުންވީ ވީހާވެސް އަވަހަކަށް އަތުކުރި އޮޅާލައިގެން ރޭހަށް ތައްޔާރުވާންށެވެ. ހަމައެކަނި އެ މިއުވާންގެ ލާނެއް ހިނިތުންވުން މޫނުމަތިން ފިލުވައިލަންވެގެންނެވެ.

މިއުވާންވެސް ހުރީ ވަކި ދޫ ދޭގޮތަކަށްވެސް ނޫނެވެ. ރަޒާންގެ ކޮނޑުގައި އަތް އަޅުވާލަމުންވެސް މިއުވާން ބަލަމުން ދިޔައީ މައިރާއަށެވެ. އެވެސް ޖެއްސުމުގެ ނަޒަރަކުންނެވެ.

***

ރޫޔާ އިޝާ ނަމާދު ކޮށްގެން ބަދިގެއަށް ވަދުނީ މަންމައަށް ރޭގަނޑު ކާމޭޒުމަތި ތައްޔާރުކުރަން އެހީވާންވެގެންނެވެ. މެންދުރަށް ކެއްކި ބިރިޔާނީ ހޫނުކުރަން ޖެއްސުމަށްފަހު ރޫޔާ އަވަސްވެގަތީ ކާމޭޒުމައްޗަށް ކާ ތަށިތައް އަރުވަންށެވެ. އޭރު ހަލީމާ އުޅުނީ ތަރުކާރީ ސެލެޑަށް ކެރެޓު ކޮށަންށެވެ.

“ވަސީމްގެ ރައްޓެހިން ވަރަށް ރީތި ދޯ” ހަލީމާ ފެށި ވާހަކައިން ރޫޔާ އެނާ މަންމައާ ދިމާލަށް ބަލާލީ ދައްކަން އުޅޭ ވާހަކަ އެނގިގެންނެވެ.

“ރީތި ވީމަ ނިމުނީ ދޯ؟ ކޮބާ މީހާގެ ޝަޚުސިއްޔަތު؟” ރޫޔާ ދެން އަވަސްވެގަތީ އަލަމާރީގައި ހުރި ކަރާފަނި ފުޅި ނަގަންށެވެ.

“ތެދެއް. ޝަޚުސިއްޔަތުވެސް މުހިންމު. ވަސީމް ބުނީ އެ މިއުވާނަކީ ވަކީލެކޭ. ދެން ހުރި ކުއްޖާގެ ގޮތެއް ނޭނގޭ” ހަލީމާ އެނާގެ އަތުގައި އޮތް ވަޅި ސިންކަށް ލުމަށްފަހު ސެލެޑް ތައްޔާރުކުރަން ފެށިއެވެ.

“އެހެން.” ރޫޔާ އެހެން ބުނީ ޝައުޤުވެރިނެތް ރާގަކުން ކަމުގައި ވިޔަސް ރޫޔާގެ ޚިޔާލަށް އައީ ރަޒާންގެ ސޫރައެވެ. އެދެމީހުން ހަތަރުކަޅި ހަމަވި މަންޒަރު އަދިވެސް އެ ހިތު ތެރޭ އާވެގެންދިޔައެވެ. އެ ކުޑަ ވަގުތު ކޮޅު ކުރެވުނު އިހުސާސްތައް އަނެއްކާވެސް ކުރެވެން ފެށުނެވެ.

ރޫޔާ ހަމަބިމަށް އައުމަށް އެނާގެ އަމިއްލަ ނަފްސު މަޖުބޫރު ކުރިއެވެ. ރަޒާންގެ ޚިޔާލުތަކަކީ ބޭކާރު ޚިޔާލުތަކެއްކަން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އޭނާ ވައްކަޅިން ބަލާލީ ހަލީމާއާ ދިމާލަށެވެ. މާޒީގައި އެދެބެއިން ތަހައްމަލު ކުރި ވޭން އަދިވެސް އެ ހިތު ތެރޭގައި ބިންވަޅު ނެނގިފައިވެއެވެ. ފިރިހެނެއްގެ އަތްދަށުން އެއްވެސް ކަހަލަ އަނިޔާއެއް ލިބެން ރޫޔާ ބޭނުމެއްނުވޭއެވެ. ކަން މިހެން އޮތުމާއެކު ރޫޔާއަށް ބޭއިޚްތިޔާރުގައިވެސް ކުރެވޭ ކަމަކީ އެނާގެ ހިތް ރައްކާކުރެވުމެވެ. އެއްވެސް ފިރިހެނަކަށް އެ ހިތް މިލްކުކުރުމުގެ ފުރުސަތު ނުދިނުމެވެ.

ހަލީމާއަށް ރޫޔާގެ ވިސްނުން ހުރި މިސްރާބު އިނގެއެވެ. އޭނާއަށްވެސް މާ ފުންނޭވާއެއް ދޫކޮށްލެވުނީ އެހެންވެގެންނެވެ.

“ދަރިފުޅާ. ހުރިހާ ފިރިހެނުން އަބަދު އެއް ގޮތެއް ނުވާނެ.” ހަލީމާ އެހެން ބުނެލީވެސް ރޫޔާގާތަށް ޖެހިލުމަށްފަހު އެވެ. “މަންމައަށްވެސް އިނގޭ ދަރިފުޅު ވިސްނަނީ ކޮންކަމަކާ ކަން. އެކަމަކު އެއީ މާޒީދޯ. އަހަރެމެންނަށް އޮތް ހަމައެކަނި އިޚްތިޔާރަކީވެސް މާޒީން ފިލާވަޅު ލިބިގެން ކުރިއަށް ދިއުން. ވިސްނާލަބަލަ. އަހަރެމެން ތިން މީހުންނަށްވެސް ލިބުނީ ކިހާ ބޮޑު ފިލާވަޅުތަކެއް. މަންމައާއި ދަރިފުޅަށް ކެތްތެރިކަމާއި ހިތް ސާފުކުރަން ދަސްވި. ދަރިފުޅުގެ ބައްޕަވެސް ތަޢުބާވެގެން އަހަރެމެން ކިބައިން މާޢަފަށް ވެސް އެދުނު. އަހަރެމެން އެދުވަހު އެ ފިލާވަޅުތަކުގައި ނުހިފިނަމަ މިއަދު އަހަރެމެން ދެމީހުން ތިބޭނީ ރުޅިވެރިކަމާއި ނަފްރަތުގެ ކަނޑުގައި ޣަރަޤުވެގެން. މިއަދު މިއުޅޭ ދިރިއުޅުން ވެގެން ދަނީ ހަމައެކަނި ހުވަފެނަކަށް” އަސަރާއެކު ހަލީމާ ރޫޔާގެ ބުރަކަށީގައި ފިރުމާލިއެވެ.

“ބުނަން މިއުޅެނީ…ކޮންމެ ކަމަކަށްވެސް ފުރުސަތެއް ދޭންވާނެ. ދަރިފުޅުގެ ބައްޕައަށްވެސް ދަރިފުޅު ދެވަނަ ފުރުސަތެއް ދިނީމެއްނު. އެ ފުރުސަތު ނުދިނިނަމަ މިއަދު އަހަރެމެން އުޅެމުންދާނީ ކިހިނެކުންކަން އަންދާޒާ ކުރާކަށް ނޭނގޭނެ. އެކަމަކު އެ ފުރުސަތު ދިނުމުގެ ސަބަބުން، މިއަދު ދަރިފުޅުގެ އެ ބައްޕައަކީ މާޒީގައި އުޅެވުނު ގޮތާ އިދިކޮޅަށް ދިރިއުޅެމުން އަންނަ މީހެއް. ދަރިފުޅަށްޓަކައި އެ ބައްޕަ އެހުރީ ހުރިހާކަމެއް ކުރަން ތައްޔާރަށް. ނޫންތަ؟”

ހަލީމާގެ ސުވާލުން ރޫޔާ ބޯޖަހާލީ އެއްބަސް ވުމަށެވެ. ތެދެކެވެ. ބައްޕަގެ ކުށަށް ތަޢުބާވެ، އަދަބު ލިބިގަތުމަށް ފަހު އެ ބައްޕައަކީ ރޫޔާގެ ކުޑައިރުގައި ފެނުނު ބައްޕައެކޭ ނުބުނެވޭނެއެވެ.

“އެހެންވީމަ ދަރިފުޅުވެސް އަމިއްލަ ނަފްސަށް އިތުރު ފުރުސަތެއް ދީ. މުސްތަޤުބަލަކީ ބިރުވެރި އެއްޗެއް. އެކަކަށްވެސް ނޭނގޭނެ މުސްތަޤުބަލުގައި ވާނެ ގޮތެއް. އެހެންވެ އެއްނު އަހަރެމެން އަބަދުވެސް އުންމީދުކޮށް ދުޢާ ކުރެވެނީ އުފާވެރި މުސްތަޤުބަލަކަށް” ހަލީމާ ނުލާހިކު ލޯބިން ރޫޔާގެ ބޮލުގައި ފިރުމާލިއެވެ.

“ދެން ބުނެބަލަ. ކާކުގެ ޚިޔާލެއްގައި ތި ހުންނަނީ؟” ހަލީމާވެސް ލޯބިން އަހައިލިއެވެ.

“ވަސީމާއެއްކޮށް ހުއްޓެއްނު ފިރިހެން ކުއްޖެއް. ރަޒާން ކަންނޭނގެ ކިޔަނީ” ރޫޔާގެ އިހުސާސްތަކާއި ޚިޔާލުތައް އޭނާގެ މަންމައަށް ސިއްރުކުރާކަށް ނެތެވެ.

‘އެއީ މަޑުންހުރި ސޮރު ދޯ” ހަލީމާވެސް މޭޒުމަތި ތައްޔާރުކުރުމުގެ ފަހު މަރުހަލާގައި އުޅެމުން އަހާލިއެވެ.

“އާން އެކަމު ވަރަށް އަޚްލާޤު ރަނގަޅު ވައްތަރު ޖަހާ. ބަލާބެލުމަށް.” ރޫޔާއަށްވެސް އޭނާއަށް ފާހަގަވި ކަންތައްތައް ހިއްސާކުރިއެވެ.

ރަޒާންގެ ސިފައިންވެސް އެނާއަކީ ވަރަށް ރޭވުންތެރި ދިރިއުޅުމެއް ދިރިއުޅޭ ފިރިހެނެއްކަން ރޫޔާއަށް ފާހަގަ ކުރެވުނެވެ. އެނާއަކީ ޤަވައިދުން ކަސްރަތުކުރާ މީހެއްކަންވެސް ރޫޔާއަށް އެ ކުޑަ ވަގުތުކޮޅުގެ ތެރޭއިން އެނގުނެވެ. ރޫޔާއަށް ރަޒާން ފެނުނުއިރު ރަޒާން ލައިގެން ހުރި ގަޔަށް ދޫ ކަޅުކުލައިގެ އަތްދިގު ޓީޝާޓުންވެސް ކޮންމެވެސް ވަރަކަށް އަތުގެ ބޯ މަސްގަނޑު ހުރީ އަރާފައެވެ. އިސްކޮޅުންވެސް ދިގެއެވެ. އޭނާގެ އިސްތަށިގަނޑު ކޮށާފައި ހުރީ ‘މިޑް ފޭޑް’ ސްޓައިލަށެވެ. ކޮލުގެ ދެފަރާތުން ތުނިކޮށްފައި، ދަތްދޮޅިއާއި މަތިމަހާ ދިމާލުން ކުޑަކޮށް ބޯކޮށް ހުރި ތުނބުޅިއެކެވެ.

ފެންނަފެނުމުން ހީވަނީ ރީތިކަމާއި ތާޙިރުކަމަށްވެސް ފަރުވާތެރި ފިރިހެނެކެވެ.

***

ޖެހިގެން އައިދުވަހު ފަތިސް ނަމާދުކޮށްގެން ރޫޔާ ބޭރަށް ނުކުތީ ހިނގާލަން ދާންވެގެންނެވެ. މިއީ ވަކި ކަސްރަތަކަށް ރޫޔާ ކުރާކަމެއް ނޫނެވެ. ހަމަ އަތިރީގައި ހިނގާލަން ބޭނުންވެގެން އޭނަ ކުރާކަމެކެވެ. އަތިރިއަށް ފޭބުމަށްފަހު އެނާގެ އަތަށް ފައިވާންކިބަ ނެގިއެވެ. އަދި މަޑު ހިނގުމެއްގައި ރާޅު ޖެހޭ ހިސާބުގައި  ފައި ތެތްމަމުން ހިނގަމުންދިޔައެވެ.

އޭރު ދުވަހުގެ އިރުއަރަން ޖައްވު ތައްޔާރުވަނީއެވެ. ތަރިތަކުގެ އަލި މަޑުމަޑުން ފަނޑުވަމުންދަނީއެވެ. އުޑުމަތި ކަޅުކުލައިން އޮރެންޖުކުލައަށް ބަދަލުވަނީއެވެ. އަނދިރިދުވަސްތަކަކަށް ފަހު އަލިގަދަ ދުވަސްތައް އަންނަ ފަދައިންނެވެ.

ހިނގަމުން ގޮސް ރަށުގެ އިރުމަތިފަރާތު އަތިރިއާ ހަމައަށް ރޫޔާއަށް އާދެވިއްޖެއެވެ. އިރު އަރާކަށް މާގިނަ ވަގުތެއް ނެތެއެވެ. ވެލިގަނޑު ތެތްނޫން ހިސާބެއްގައި އެނާ އިށީނދެ، ފޯނާއި ފައިވާން ކިބަ ކައިރީގައި ބާއްވާލުމަށްފަހު ދެފައި ދަމާލިއެވެ. އޭނާގެ ވިސްނެމުންދިޔައީ ރޭ މަންމަ ދެއްކި ވާހަކައާ މެދު އެވެ.

ތެދެކެވެ. މުސްތަޤުބަލުގައި ވާނެ ކަމެއް ނޭނގޭތީ ރޫޔާ އަބަދުވެސް އުޅެނީ ފިރިހެނުންނާ ދުރުގައެވެ. އެކަމަކު މުސްތަޤުބަލުގައި އޮތްކަމެއް ވާނީ މިހާރު އެނާގެ އަމިއްލަ ނަފްސަށް ފުރުސަތެއް ދީގެންނެވެ. އަމިއްލަ މީހާގެ ބިރުތަކަށް ފިލައިގެން ދިރިއެއް ނޫޅެވޭނެކަން ރޫޔާއަށް ވެސް ވިސްނުނެވެ.

ރޫޔާއަށް ރޭކާ ނުލެވުނު ކަމުގައިވިޔަސް ތަންކޮޅެއް ދުރުގައި ރަޒާން ހުއްޓިހުރީ ރޫޔާއަށް ބަލަހައްޓައިގެންނެވެ. އޭނާވެސް ފަތިސް ނަމާދުކޮށްގެން ނުކުތީ ކަސްރަތަށް ދުވުމަށެވެ. ރަށް ވަށައި ދުވަމުން ދިޔަ ރަޒާންގެ ދުވުމަށް މަޑު ޖެހުނީ ވަކި ހިސާބެއްގައި ރޫޔާ ވެލިގަނޑުމަތީ އިނދެ، ވިސްނުމަކަށް ގެއްލިފައި އިންތަން ފެނިއެވެ.

އެނާގެ ހަނދާނަށް އައީ އިއްޔެގެ މަންޒަރެވެ. ރޫޔާ އެނާގެ ކޮއްކޮމެން ގޮވައިގެން އަތިރިމަތީ ކުޅުނު މަންޒަރުތަކެވެ. އޮއްސެމުން ދިޔަ އިރުގެ ދޯދިން ރޫޔާގެ ރީތިކަން އޭނާއަށްފެނިގެން ދިޔަ ގޮތެވެ. އެ ލޯ ސިފަވާ ކޮންމެ ފަހަރަކު ރަޒާންގެ ގައިން ހީބިހި ނަގައިގެން ދެއެވެ. ނޭނގިނަމަވެސް އޭނާ ބޭނުންވަނީ މި ހުވަފެނީ އަންހެން ކުއްޖާ ދަސްކުރަންށެވެ.

“ރޫޔާ ދޯ ކިޔަނީ؟”

ފިރިހެންވަންތަ އަޑެއް އެހާ ކައިރިން އިވުމާއެކު ރޫޔާ ތެޅިގަނެވުނެވެ. އިސް މައްޗަށްނަގައި ބަލާލިއިރު ފެނުނީ ރަޒާނެވެ. ރޫޔާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އެނާގެ ޚިޔާލުތަކާ ކުޅެމުންދާ ޒުވާނާ މިހުރީ އެނާގެ ދެލޯ ކުރިމަތީގައެވެ. އޭނާގެ އަތްވެސް ފިނިވާން ފެށީ ވާނުވާ ނޭނގި ހުއްޓައެވެ.

“އާނ. ރަޒާން ދޯ” އެނާއަށް ވަމުންދާ ކަންތައްތައް ފޮރުވުމަށް، އަޑުން ހަމަޖެހޭކަން ދައްކަން އުޅުނެވެ.

“މިތާ އިށީނދެލިޔަސް އޯކޭތަ؟”

“ހޫމް”

ރޫޔާގެ އިޒުނައާއެކު ރަޒާން ވެލިގަނޑުގައި އިށީނދެލީ ރޫޔާއާ ދެމެދު ކުޑަވަރެއްގެ ޖާގައެއް ދޫކޮށްލުމަށްފަހުއެވެ.

“ކަސްރަތަށް ހިނގަން ނުކުމެގެންތަ؟” ދެމީހުން ދެމެދުގައި އޮތް ބީރައްޓެހިކަން ފިލުވާލަން ރަޒާން ބޭނުންވިއެވެ.

“ނޫން. އަހަރެން އަބަދުވެސް އަންނަން މިދިމާލަށް ފަތިސް ނަމާދުކޮށްގެން. އިރުއަރާ މަންޒަރު ބަލަން” ރޫޔާ ކުރިމަތީގައި އޮތް އުދަރެހަށް ބަލާލިއެވެ.

“މައިރާ ބުނި ރޫޔާ އުޅެނީ ބޭރުގައި ކިޔަވަންށޭ.”

“އާނ. މެޑިސިން. މިހާރު އިންޓާންޝިޕް ނިންމައިގެން މިއައީ އަސްލު ޗުއްޓީއަށް. އަދި ދެހަފްތާވީ. އެއް މަހުގެ ޗުއްޓީގައި މިހުރީ.”

“ކޮންތާކު ކިޔެވީ؟”

“ބެލަރަސް”

“ދެން ސްޕެޝަލިސްޓަކަށް ވާން ނޫޅެންތަ؟”

ރަޒާންގެ ސުވާލުން ރޫޔާ ރަޒާނަށް ބަލާލިއެވެ. ރަޒާން އެކުރި ސުވާލަކީ ރޫޔާ އަބަދުވެސް ވިސްނާ އެއް ސުވާލެކެވެ.

“އެކަމާމެދު މި ވިސްނަނީ. އެކަމަކު ވިސްނަންޖެހޭ އެތައްކަމެއް އެބަހުރި. ރަޒާން ކޮންކަމެއް ކުރަނީ؟”

“ގެސް ކޮށްބަލަ. ހީވަނީ ކޮންކަމެއްހެން؟”

ރަޒާން އެހެން ބުނުމުން ރޫޔާ ރަނގަޅަށް ރަޒާނަށް ބަލާލިއެވެ. އޭނާ ލައިގެން ހުރި ދުވާ ޓްރެކްސޫޓުން އޭނާގެ ހަށިގަނޑުގެ ވަރުގަދަ ބައްޓަން ފޮރުވައެއް ނުލެވެއެވެ.

“ސިފައިން؟ ޕޮލިސް؟” ރޫޔާއަށް އެނާއަށް ހީވާ ޖަވާބުތައް ކިޔަން ފެށިއެވެ. ރޫޔާގެ ޖަވާބު އިވިފައި ރަޒާން ބޯ ހޫރާލިއެވެ.

“ޖަވާބު ނުބައި. އަދަބެއް ދޭން މި ޖެހުނީ” ރަޒާން ސަމާސާ ކޮށްލިއެވެ.

“ތިހެން ކުރިއަކުންނެއް ނުބުނަމެއްނު. ޖަވާބު ނުބައިވެއްޖެނަމަ އަދަބު އަންނާނެ ވާހަކަ ނުބުނޭ. ތިހެދީ މަކަރެއް” ރޫޔާ ނުރުހޭކަމަށް ހެދިފައި ބުނެލިއެވެ.

“ކޮންމެހެން އެހެން ބުނަން ޖެހޭތަ؟ އަހަންނަށް އެނގިފައި ގޮތުގައި ނުބައި ޖަވާބާ އެއްކޮން އަދަބުވެސް ލިބެން ޖެހޭނެ”

“އޯކޭ! ކޮބާ އަދަބަކީ؟ އަހަރެން ކީއްކުރަންވީ؟” ރޫޔާ ސުވާލު ކުރިއެވެ.

ރަޒާން ވިސްނާކަމަށް ހެދުނެވެ. “އަދި އެއްފަހަރު ދޭނަން ފުރުސަތެއް. ރޫޔާ ޖެހެނީ އަނެއްކާވެސް އަހަރެންގެ ޕްރޮފެޝަން ދިމާކުރަން. އެކަމަކު މިފަހަރު ނުބައިކޮން ޖަވާބު ދީފިނަމަ އަދަބު ދެގުނަ އިތުރުވޭ”

ރޫޔާ މިފަހަރު ރަނގަޅަށް ވިސްނިއެވެ. ރަޒާންގެ އަޑަށާއި، ރަޒާންގެ ހަރަކާތް ހުންނަ ގޮތާއި ހިނގާގޮތާމެދު އެވެ. ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދިޔައިރުވެސް ރޫޔާ އަށް ރަނގަޅު ޖަވާބެއް ނޭނގުނެވެ.

“ޕާރސަނަލް ޓްރެއިނަރ؟ ފިޓްނެސް އިންސްޓްރަކްޓަރ؟”

ވަރަށް ވެސް ޖެހިލުންވެ ހުރެ ރޫޔާ އޭނާގެ ޖަވާބު ހާމަކުރިއެވެ.

ރޫޔާގެ ޖަވާބަށް މިފަހަރު ރަޒާން ހަދިޔާކުރީ ހިނިތުންވުމެކެވެ. އެހިނިތުންވުން ފެނި ރޫޔާއަށް އޭނާގެ ޖަވާބު ރަނގަޅުކަމަށް ހީކޮށް، ހިތުން ކާމިޔާބީ ނެށުމެއް ނެށިއެވެ. އެކަމަކު އެ ކުޑަކުޑަ ކާމިޔާބީ ފޮހެވިގެން ދިޔައީ ރަޒާން ބޯ ހޫރާލުމުންނެވެ.

“ދެން…ތީ ކާކު؟ ހިންޓެއްވެސް ނުދޭ ވިއްޔަ” ރޫޔާ ނޭވާ އެއް ދޫކޮށްލަމުން އަހާލިއެވެ.

“ލޯޔަރ އެއް” ރަޒާން އެހެން ބުނުމުން ރޫޔާ އަނެއްކާވެސް ރަޒާނަށް ބަލާލިއެވެ. ދެމީހުންގެ ދެމެދުގައި ހަމަހިމޭން ކަން ވެރިވިއެވެ.

“އޯހް. އެހެން ދޯ”

“ކިހިނެތްވީ؟ ހާދަ ނުރާގަކުން ތިހެން ތިބުނީ”

“އަހަރެން އަބަދުވެސް ވިސްނެނީ ލޯޔަރުންނަކީ ވަރަށް….ފިސާރީ ބައެއް ގޮތުގައި. މިބުނީ..ވާދަވެރި، އަނގަ ހަލަނި…. މިބުނީ…އެނގޭނު މިބުނި އެއްޗެއް” ރޫޔާއަށް އަނގަ އޮޅޭ ގޮތްވެސް ވެއްޖެއެވެ. ވަކީލުކަމަކީ އޭނާގެ ބޮލަށް އެއް އިރެއްގައިވެސް ވިސްނުނު ޖަވާބެއް ނޫނެވެ. ރަޒާނަކީ ވަކީލެއްކަން އެނގުމުން އެނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“އެހެންވީމަ….މިހާރު ވަކީލުކަން ކުރާތާ ކިތައް އަހަރު؟ މި ފަހަރު އަހަންނެއް ނެތިން ގެސް ކުރާކަށެއް.”

“4 އަހަރު. އަހަރެން ލޯޔަރަކަށްވީ އުމުރުން 24 އަހަރު.”

“އޭގެ މާނައަކީ…ރަޒާނަށް މިހާރު…28 އަހަރުތަ؟” ރޫޔާ ރަޒާނަށް ބަލައިލެވުނީ ޤަބޫލުކުރަން ދަތި ނަޒަރަކުންނެވެ. އޭނާއަށް މި ހުރެވުނީ އެނާއަށް ވުރެ 5 އަހަރު ދޮށީ ފިރިހެނަކާ ވާހަކަ ދައްކަންށެވެ.

“ހޫމް.”

ރޫޔާގެ މޫނަށް އެރި ކުލަވަރު ފެނިފައި ރަޒާނަށް ހިތާހިތުން ހެވުނެވެ. “އެހެންވީމާ..ރޫޔާގެ އަދަބަކީ…މާދަމާވެސް މިތަނަށް އަންނަވީ ފަތިސްނަމާދުކޮށްގެން. ދެވަނަ އަދަބު ދެން އެހެން ދުވަހަކަށް ބާއްވާނީ”

“މައްސަލައެއް ނެތް.” ރޫޔާ އެއްބަސްވެލިއެވެ. ކޮންމެ ގޮތެއްވިޔަސް ރަޒާނާ ވާހަކަ ދެއްކެވުމުން އެނާގެ ހިތަށް ގޮތްނޭނގޭ ފިނިކަމެއް ލިބުނެވެ. އަނެއްކާވެސް ދެމީހުން ދޭތެރޭ ހަމަހިމޭންކަމެއް ފެރުތުނެވެ. އެކަމަކު އެ ހިމޭންކަމުން އެކަކު އަނެކަކަށް އުނދަގުލެއް ނުތަނަވަސްކަމެއް ނުވިއެވެ. ރޫޔާ ލަސްލަހުން އެނާގެ ނަޒަރު ހުއްޓައިލީ ކުރިމަތީގައި އޮތް ކަނޑަށެވެ. މިހާރު އިރު އަރަނީއެވެ.

“ވަރަށް އަންނަންތަ އިރުއަރާ މަންޒަރު ބަލަން؟” ރަޒާން އަހައިލިއެވެ.

“އާން. ހިތަށް ތަސައްލީއެއް ލިބޭކަމެއް މީ”

ރަޒާންވެސް ރޫޔާގެ ބަހަށް އެއްބަސްވިއެވެ.

***

ރޫޔާއަށް ގެއަށް އާދެވުނުއިރު ހަލީމާ އުޅުނީ ގޯތިތެރޭ ކުނިކަހަންށެވެ. ރޫޔާ ވެސް ގުދަނުން އިލޮށިފައްޗެއް ނަގައިގެން އައިސް މަންމައަށް އެހީވާން ފެށިއެވެ. ދެމައިން އެކަން ނިންމާފައި ހަތުމާއާއެއްކޮން އުޅުނީ ނުވަގަޑި ސައި ތައްޔާރު ކުރަންށެވެ. ރަހާ އުޅުނީ ގޭގައި އުޅޭ ދެ ކުދިން އަތުލަފިކޮށްގެންނެވެ.

އަހުމަދާއި ވާފިރު ކާގެއަށް ވަދެވުމާއެކު އެންމެން ނާސްތާއަށް އިންސާފުވެރިވިއެވެ. އެންމެން އެކި ވާހަކަ ދައްކަމުން ކަމުން ދިޔައެވެ. އެންމެން ކައި ނިމުމުން ރަހާ ތަށި ދޮންނަން އަތްލިއެވެ. ދެން ތިބި ތިން އަންހެނުން އުޅުނީ މެންދުރަށް ކާ އެއްޗެހި ތައްޔާރުކުރަންށެވެ.

***

މެންދުރަށް ކައްކާ ނިމުނު އިރު ގަޑިން 11 ޖަހަނީއެވެ. ރޫޔާ އަތް ދޮވެގެން ނުކުތީ ގޯތި ތެރޭ ހުރި އުނދޯލީގައި އޮށޯވެލަން ބޭނުންވެގެންނެވެ. އެކަމު އެނާގެ ފިޔަވަޅުތައް ހުއްޓުނީ ގޭ ދޮރުމަތީ ހުރި ސާޖިދް ފެނިއެވެ.

“ވަގަކަށް ހާސް ދުވަސް. މަށަށް އެއްދުވަސް” ސާޖިދު ބުނެލިއެވެ.

“ދޭ އަމިއްލަ ބިޓު ގޮއްޔައަށް އުނދަގޫ ކުރަން” ރުންކުރު ގޮތަކަށް ރޫޔާ އެހެން ބުނުމަށްފަހު ސާޖިދް ފަހަނަ އަޅާ ގޮސް އުނދޯލީގައި ހަމަޖެހިލިއެވެ.

“ދެން ރޫ. ހަމަ އަސްލަށްވެސް އަހަރެން ވަރަށް ސޮރީއޭ. އަހަރެން ޖޭ ވެފައި ހުރި ވަރުން އެހެން ހެދީ.” ސާޖިދް ދެރަވެ ހުރެ، ޖެހިގެން ހުރި އުނދޯލީގައި އިށީނދެލިއެވެ.

“ދެން ކިހިނެއް ހަދަން ތިއުޅެނީ؟ ލީނާއަށް މިހާރު ވިސްނިފައި އޮންނާނީ މަށަކީ ތީނަގެ ސައިޑް ޗިކެކޭ. އަދި އޭނާއަށް ކަލޭ ދައްކަންވެސް އެނގުނީ އަހަރެންގެ ފޮޓޯ” ރޫޔާ ސާޖިދަށް މަޢާފު ކުރިކަމުގައި ވިޔަސް އެނާ ސާޖިދު ކުރި ކަންތައްތަކާ މެދު ހުރެވުނީ ހިތްހަމަ ނުޖެހިފައެވެ.

“އެ ލީނާ ވެސް އަބަދު އުޅެނީ ފިރިހެނުންނާއެކު. މަ ބުނިން އޯކޭއޭ ފިރިހެނުންނާ ވާހަކަ ދެއްކިޔަސް. އެކަމު ހުދޫދު ގެ ތެރެއިން އުޅޭށޭ އޭނާގެ މަސައްކަތު ހުރި ގޮތުން ފިރިހެނަކާ ވާހަކަވެސް ނުދެއްކެވި ނުހުރެވޭނެތާ. އެކަމަކު އޭނައަކަށް  އެހުދޫދެއް ނުވިސްނޭ. ދެން އެހެންވެ މަ ހެދި އެއްޗަކީ ރޫޔާގެ ފޮޓޯ މަގޭ ފޯނުން ލީނާއަށް ފެންނަ ގޮތަކަަށް ހެދީ. އޭނާވެސް އެގޮތަށް އުޅޭތީވެ އަހަންނަށް ކުރާ އަސަރު އެނާ އަށްކުރޭތޯ ބަލަން ވެގެން. އަހަރެންވެސް ރޫޔާއާއެކު ރަހުމަތްތެރިކަން ދަމަހައްޓަނީ ހުދޫދުގެ ތެރެއިންދޯ. ދެން ކީއްވެ ލީނާއަށް އެހެން ނޫޅެވެން ވީ؟ އެކަމު އަދިވެސް ލީނާ ރޫޔާއަށް ފުރައްސާރަކުރީމަ އެނާގެ ފުށުން މަޢާފަށް އެދެން”

ރޫޔާއަށް އެސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެނާގެ އެކުވެރިޔަކު އެ ހާލުގައި އުޅެމުންދާތަން ފެނުމުން ހަމްދަރުދީ ވެވުނެވެ. ތެދެކެވެ. އޭނާ ބެލަރަސްގައި ހުއްޓާ ލީނާ ވަނީ އިންސްޓަގްރާމުން އޭނާއަށް މެސެޖުކޮށް ވަރަށް ހުތުރުކޮށް އެއްޗެހިގޮވާފައެވެ. މީހާގެ އަބުރު ކަތިލެވޭފަދަ ބަސްތައްވެސް އެ މެސެޖުގައި ހުއްޓެވެ. ގޮތްނޭނގޭ މީހަކު އެގޮތަށް ރޫޔާއަށް އެއްޗެހި ގޮވީމަ ރޫޔާ އެދުވަސްކޮޅު ހުރީވާނުވާގައެވެ. އެކަމަކު ފަހުން، ސާޖިދް އޭނާއަށް ވަކިން މެސެޖުކޮށް ވީގޮތް ކިޔައިދިނުމުން އޭނާ ރުޅި ދިޔައީ އިންތިހާ މައްޗަށެވެ. އެހެނަސް މާގިނަ ދުވަހަކު އެ ރުޅީގެ ރާޅުތެރޭ ފަތަން ރޫޔާ ބޭނުންނުވާތީ ހިތުން ސާޖިދަށް މަޢާފުކުރިއެވެ. ރަށަށް އައުމާއެކު ރޫޔާ ހޯދަން ސާޖިދު އުޅޭނެކަން އިނގޭތީވެ ސާޖިދު ތަޅުވައިލަންވެގެން އޭނާ ފިލަނީއެވެ.

“އޮކޭ. މަޢާފު ކޮށްފިން. އެކަމު އިނގޭތަ؟ ޝަފްއާއި ޝެހޭމެން ހީކުރަނީ ސާޖިދް މަ ފަހަތުން މާވަރަކަށް އުޅެނީ ރައްޓެހިވާން އަހަންވެގެންކަމަށް. ސާޖިދްވެސް ތި ލީނާގެ ވާހަކަ ސިއްރުކުރަން ބުނެފަ އޮތީމަ މަ އެއްޗެކޭ ނުބުނަން. އެންމެން ހީކުރަނީ ސާޖިދާހެދި އަހަރެން ނަފްސާނީވެގެން ފިލަނީކަމަށް” ރޫޔާ ހެމުން ބުނެލިއެވެ.

“މަށަކަށް ރޫޔާ މަތަ ނުވާނެ.” ސާޖިދު ބިރެއް ފެނުނުކަމަށް ހެދި ރޫޔާއަށް ބަލާލިއެވެ. “ވަސީމް ރޭ އިޝާ ނަމާދުން ނިކުތްތަނާ ބުނެފި ރޫޔާ ފިލަން ފޭބީ ގިފިލި ވަޅަށޭ. ދެން ބުނެބަލަ. ތިހާ ހަލަނި އަންހެނެއް ގޮވައިގެން އަހަންނަކަށް ނޫޅެވޭނެ އެހެން ފިރިހެނަކަށް އުޅުނަސް” ސާޖިދް އުނދޯލިން ތެދުވަމުން ބުނެލިއެވެ. “ދެން މިދަނީ. މެންދުރު ނަމާދަށް ފެންވަރަން. އެކަމަކު ދެން ނުވާނެ އިނގޭ މަށަށް ފިލައިގެން” އެހެން ކިޔަމުން ސާޖިދް އެގެއިން ނިކުމެގެން ދިޔައެވެ.

ސާޖިދުގެ ބަހާމެދު ރޫޔާ ވިސްނާލިއެވެ. ތެދެކެވެ. ރޫޔާއަކީ ހަލަނި ކުއްޖެކެވެ. ކަންތައްތަކާ އެހާ ފިކުރުކޮށް ހަދައެވެ. އެކަހަލަ މީހަކާއެއްކޮށް އެއްވެސް ފިރިހެނަކަށް އުޅެވޭނެ ހެއްޔެވެ؟ ރޫޔާއަށް ރަޒާނާ މެދު ވިސްނާލެވުނެވެ. ރަޒާނަށް ރޫޔާއާއެކު އުޅެވޭނެހެއްޔެވެ؟

“މަޑުކޮށްބަލަ!”

ރޫޔާ ފުންމައިގަނެގެން އުނދޯލިން ތެދުވީ ލުއްކެއް ޖަހާފެވެ. އޭނަ މި ވިސްނަނީ ކޮންޗެއްހެއްޔެވެ؟ ރަޒާނާއި އޭނާގެ މުސްތަޤުބަލު ހެއްޔެވެ؟ ރޫޔާގެ އަމިއްލަ ވިސްނުމާ ދޭތެރޭ ހުރީ ހައިރާން ވެފައެވެ. ރަޒާނަކީ އަދި އެހަށްދުވަހު އެރަށަށް އައި ބީރައްޓިސެކެވެ. އެދެމީހުން އަލަށް ވާހަކަ ދެއްކީ މިއަދުއެވެ. މިހާރު އެހާއަވަހަށް ރަޒާނާއެކު ދިރިއުޅެއް ބިނާކުރަން ވިސްނަން ޖެހޭ ހެއްޔެވެ؟ ރޫޔާއަށް ހުރެވުނީ އަމިއްލަ ވިސްނުމާމެދު ކޮސްވެފައެވެ.

އަމިއްލަ ނަފްސަށް ކުދިކިޔަމުން ރޫޔާ ކޮޓަރިއަށް ވަދެ ފެންވަރައިގެން މެންދުރު ނަމާދުކުރިއެވެ. އަދި ބަދިގެއަށް ދިޔައީ މެންދުރަށް ކާމޭޒުމަތި ތައްޔާރުކުރަން ވެގެން ނެވެ.

***

މެންދުރު ކައިނިމިގެން ރޫޔާ މަގުމައްޗަށް މާއިޝާ ގޮވައިގެން ނުކުތީ މާއިޝާ އަތިރިއަށްދާން ބޮޑާ ދައްކާވަރުންނެވެ. މާއިޝާގެ ކުޑައަތުގައި ހިފައިލައިގެން ރޫޔާ މަގުގެ ހިޔަލުން ހިނގަމުންދަނިކޮށް އެރުނީ ޝެހެނާގެ ކުރިމައްޗަށެވެ. ޝެހެނާގެ އުރުގައި ކުޑަކުޑަ ޒާޝާވެސް އެބަ އިނެވެ.

“ރޫ….އަތިރިއަށް ދޯ” ޝެހެނާވެސް މިސްރާބު ހުރީ އަތިރިއަށްކަމުން އެނާ އަހާލިއެވެ. ޖަވާބުގައި ރޫޔާ އާއެނކޭ ބުނެލިއެވެ.

އެކި އެކި ވާހަކަ ދައްކަމުން ހަތަރު މީހުންނަށްވެސް އަތިރި މައްޗަށް އާދެވިއްޖެވެ. ޝެހެނާއާއި ރޫޔާ ހިޔަލުގައި އިށީނދެ ހަމަޖެހިލުމާއެކު ޒާޝާ އާއި މާއިޝާ އުޅުނީ ވެލިން ބަތްކައްކާ ކުޅެންށެވެ. ދެ އެކުވެރިން އެކި ވާހަކަ ދައްކަން ހުއްޓާ ޝެހެނާއަށް ފޯނެއް އައެވެ. އެއީ މައިރާގެ ކޯލެކެވެ. މައިރާ ގާތު އެމީހުން ހުރި ހިސާބު ކިޔައިދިނުމުން މައިރާވެސް އެތަނަށް އައީ ޝަފަޤްވެސް ގޮވައިގެންނެވެ.

“އައްދެ! ވާން އުޅޭ ޅިޔަނު ކޮބާ މިއަދު؟” ރޫޔާ ޝަފަޤް ކައިރީ އަހާލީ ދިމާކުރާ ރާގަކުންނެވެ.

“މަސް ބާނަންކަމެއް ބޯވާ ނަގަން ކަމެއް ނޭގެ ދިޔައީ. އޭނާގެ އެކުވެރިންނާއެކު ބޮއްކުރާއެއްގައި ފަޅަށް ދިޔަކަން މަށަށް އެނގެނީ”

“ހޫން. ތިއެއް ނޫނޭ. ފެންކުޅި ރޭހުގެ ވާހަކަ ދައްކަން ހިނގާ. ރޫ…ނަމަނަމަ ނުތެމޭތި” މައިރާ އަދިވެސް ފައި ވިއްދައިގެން އެހުރީ މިއުވާން ބަލިކޮށްލަން ވެގެންނެވެ. މިއުވާން ބަލި ނުކޮށްލައެއް އޭނާއަކަށް ހަމަ ނިންޖެއް ނުލިބޭނެއެވެ.

“ޔަޤީންތަ ހަމައެކަނި ފިރިހެނުން ބަލިކޮށްލަން ބޭނުންވެގެންކަން ތިއުޅެނީ؟” ޝަފަޤް ބޭނުންވީ މައިރާއާ ދިމާކުރަންށެވެ.

“އަސްލު އަމާޒުގެ މަގުން ބޭރުވަނީއޭ ތިހުރެގެން.” ރޫޔާވެސް ޝަފަޤާ ބައިވެރިވެލިއެވެ.

“ތެދެއް. ދެން ފެންނާނީ ދެމީހުން ކޯޓުގައި ތިބެގެން އޮޅުލާތަން. މިހެން” ޝެހެނާ ހަށިގަނޑު ތެދުކޮށްފައި މައިރާއަށް ބަލާލިއެވެ.

“އިއްޒަތްތެރި ފަނޑިޔާރު. އޭނާ އެހަދަނީ ހުސް ދޮގު، ހެއްކަކާ ނުލާ އެ ފަދަ ބޮޑު އިލްޒާމެއް ނޭޅުވޭނެ” ޝެހެނާއަށް އޭނާއަށް ވީ ވަރަކުން މިއުވާންގެ އަޑާ ވައްތަރު އަޑަކުން ބުނެލިއެވެ. ޝެހެނާ އެ އެކްޓު ޖެއްސިގޮތުން ތިންމީހުންގެ ހިނި ބަޑި ފަޅައިގެން ދިޔައެވެ.

“ޝެހޭ…ތިހެންނަކުން ނޫން! އަނެއްކާ ކޯޓުތަކުގައި ތިހެންނަކުންނެއް ނުކިޔާނެ. ތީ ފިލްމު ތަކުގައި ވާ ގޮތް… ބަލާ ރަނގަޅަށް” މައިރާ ތެދުވިއެވެ. އަދި ޚިޔާލީ ޕޯޑިއަމް ކައިރީ ހުއްޓުނެވެ. އަދި ކަރުކެހިލުމަށްފަހު ތައްޔާރުވީ މިއުވާންގެ އަޑުން ވާހަކަ ދައްކަންށެވެ.

“ޝުކުރިއްޔާ އިއްޒަތްތެރި ފަނޑިޔާރު. އަޅުގަނޑު މިއުވާން އެވެނިއެއްޗެއް، މައްސަލަ ރައްދުވާ ފަރާތުން” މައިރާގެ އެކްޓު ފެނި ދެންތިބި ތިން މީހުންނަށް މަޖުބޫރުވީ ހިނިގަނޑު ހިފަހައްޓަންށެވެ. ” ފުރަތަމަ ކަމަކަށް އަންޑިސްޗާރޑް އިންސޯލްވެންޓް ނުނީ މިފަދަ އިބާރަތް އަންނަން މި ޖެހެނީ ހުކުމާ އެއްގޮތަށް ޢަމަލު ނުކުރާތީ”

މައިރާ ހަށިގަނޑު ތެދުކޮށްފައި ކުރިއަށް ބަލަން ހުރިއެވެ. ހީވަނީ ޚިޔާލީ ފަނޑިޔާރަކާ މުހާތަބު ކުރާހެންނެވެ.

“މާނައަކީ ތަންފީޒާ ހަމައަށްވެސް މައްސަލަ ނުދާނޭ ހުކުމާ އެއްގޮތަށް މީހަކު އަމަލުކުރާކަމުގައި ވާނަމަ.” މައިރާ އެކްޓުކުރަމުން ދިޔައީވެސް ވަކީލަކު ކޯޓުގައި އުޅޭނެހެންނެވެ. މޭ ފުއްޕައިލައިގެން ދެއަތް ފުރަގަހަށްލުމަށްފަހު އޭނާގެ އެކްޓިންނާއެކު ކުރިއަށް ދިޔައެވެ.

“ދުވަހަކުވެސް ނުދެނަ ހުރިން އަހަރެން ވާހަކަ ދައްކަނީ ތި އަޑުން ކަމެއް؟”

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 67

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 50

Next
May 2, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 50

Previews
May 2, 2026

އެދިގެން ކަލާ ލިބޭތޯ 67

2 Comments!

  1. Anonymous says:
    May 4, 2026 at 4:17 pm

    When next?

    1. Thea reminisces Thea reminisces says:
      May 7, 2026 at 9:01 pm

      Before this week, In sha allah, will try to upload two chapters

Comments are closed.



All Right Reserved!