ނޭދެން ވަކިވާކަށް 8 ވަނަ ބައި
ކޮޓަރިއަށް ވަންއިރުވެސް ޔޫލީގެ ރުޅިގަނޑު މަތައެއް ނުވެއެވެ. ވަން ގޮތަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެ އަޑަށް ސިހުނު ވަރުން ނިދާފައި އޮތް ޝިފްނާވެސް ކޮޅަށް ޖެހުނެވެ. އެ އަޑު ބޭރުގައި ހުރި މާންއަށްވެސް އިވޭނެކަން ގައިމެވެ. ޝިފްނާ އަވަސް އަވަހަށް ޔޫލީއާއި ގާތްވެލިއެވެ. އޭނާވަނީ ވަރަށް ހާސްވެފައެވެ. ޔޫލީ އޭނާއަށް އެ ވާހަކަ ކިޔާދިނުމުން ހާސްކަން ފިލާ އޭނާއަށް ހީގަނެވުނެވެ. ޝިފްނާ ހޭންފެށުމުން ޔޫލީ ތުން އޫ ކޮށްލާފައި ދެން އެއްވެސް ވާހަކައެއް ނުކިޔާދޭނަމޭ ބުންޏެވެ. ޝިފްނާ މައާފަށް އެދި ޔޫލީ ގައިގާ ބައްދާލީ އޭނާ ހަމައަކަށްއެޅޭތޯއެވެ.
*****
ހަލުވި ކަމާއެކު އީދު ދުވަހުގެ ތައްޔާރީތައް ކުޅުދުއްފުށީގައި ކުރިއަށް ދިޔައެވެ. ވިޔަފާރީގެ ކަންކަމުގައި ނާއިލްއާއި މާން އަވަދިނެތި އުޅުމުގެ ސަބަބުން ގިނަ ވަގުތު އެމީހުން އުޅެނީ ބޭރުގައެވެ. ޔޫލީއަށް މާން ފެނުނު ކަމުގައި ވިޔަސް މޫނު ހަދާލާ ލޯ އަޅާލާފައި އޭނާ ބަލަނީ މާންގެ ކުރިމަތިން ދެވޭތޯއެވެ.
ޒާހިރާގެ އެދުމުގެ މަތިން އީދު ނަމާދަށް ޔޫލީވެސް ދިޔައެވެ. ނަމާދު ކޮށްގެން އެންމެންނަށް ގެއަށް އާދެވުނީ އެކުއެކީގައެވެ. މާޝާ ވަނީ ޔޫލީމެންނަށް އެ ގެއަކީ މާންގެ ގެއެއްކަން ބުނެދީފައެވެ. ގެ ފަރުމާ ކޮށްފާވަނީ މާންއެވެ. މާޝާގެ ދިރިއުޅުން މިގެއަށް ބަދަލްކޮށް މާޝާގެ ގޭގެ ހުރިހާ އެޕާޓްމެންޓެއް ވަނީ ކުއްޔަށްދީފައެވެ. އެއީ މާންގެ އެދުމުގެ މަތިން މާޝާ ނިންމި ނިންމުމެކެވެ. މާންގެ ގެއާއި ދުރުނޫން ހިސާބެއްގައި މާޝާގެ ގެ ހުންނާތީ ދިރިއުޅުން މާންގެ ގެއަށް ބަދަލްކުރި ކަމުގައި ވިޔަސް ވިޔަފާރި ހިންގާ ބެލެހެއްޓުމަށް ދައްޗެއްނުވެއެވެ.
އީދު ސައި ވަރަށް ފުރިހަމައަށް ތައްޔާރުކޮށްލާފާވިއެވެ. އެކި ކަހަލަ ހެދިކާއާއި އީދު ސައިގެ ހާއްސަ ދެ ވައްތަރުގެ ބޯކިބާ ހުއްޓެވެ. އެންމެންވެސް ނަމާދުން އައިސް އީދު ސަޔަށް އިންސާފްކުރަން ފެށިއެވެ. ޔޫލީ މާން އަށް ކަޅި އަޅާލުމަށްފަހު އޭނާއާއި ވީހާވެސް ދުރު ގޮނޑިއެއްގައި އިށީނެވެ. މީހުނާއި މާ ދުރުވި ކަމުގައި ވިޔަސް ޝިފްނާވެސް އިށީނީ ޔޫލީ ކައިރީގައެވެ. ” ދަރިފުޅާ ޔޫލީ، އާދޭ މިކޮޅަށް .. މާ ދުރުގައެއްނު ތިތިބީ ” މި މަންޒަރު ފެނުމުން ނާއިލްއަށް ކަމުނުގޮސްގެން ބުނެލެވުނެވެ. ގަޔާނުވިކަމުގައި ވިޔަސް ޔޫލީ އެ ކަމަށް އިންކާރެއް ނުކުރެއެވެ. އެ ވަގުތު މާންގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނިފާ ޔޫލީ އިންތިހާއަށް ރުޅިއައެވެ. ދެ ބުމަ ގޮށް ޖަހާލާފައި އެއްޗެއް ބުނަން ހުޅުވާލި އަނގަ ލައްޕާލީ ޝިފްނާ އޭނާގެ އަތަށް ފިތާލުމުންނެވެ. ވާހަކައިގެ ތެރެއިން ޝިފްނާ މަސައްކަތް ކުރަނީ މާންގެ އޮފީހުގަކަން ނާއިލްއަށް އެނގުނެވެ. ނާއިލްއަށް މިކަން އެނގުމުން މޮޅު ހިޔާލެއްއައެވެ.
“މާން، ތި އޮފީހުގައި ވޭކަންސީއެއް އެބައޮތްތަ؟” ނާއިލް އަހާލިއެވެ.
” ކޮންކަހަލަ ޖޮބްއެއްތޯ ތި ހޯއްދަވަނީ؟ ”
” އަންހެންކުއްޖަކަށް .. އޮފީސް އެޑްމިނިސްޓްރޭޓިވް ޖޮބްއެއް ރަގަޅުވާނެ.” ޔޫލީ އާއި ދިމާއަށް ބަލާލަމުން ނާއިލް ޖަވާބުދިނެވެ. މާންއަށް ނާއިލްގެ އެ އަމަލު ފެނުމުން އޭނާއަށް މިވާގޮތް ރޭކާލާކަށް ސިކުންތެއްވެސް ނުނެގިއެވެ. އިހްތިޔާރެއްނެތި ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.
” އަޅުގަނޑުގެ ޕަރސަނަލް އެސިސްޓެންްޓް ވަނީ ރިޒައިން ލާފަ.. މި ދަނީ އެ ވަޒީފާއަށް ކުއްޖަކު ހޯދަމުން.” މާންގެ ލޯ އަމާޒުވެފައިވަނީ ކުރިމަތީ އިން ޔޫލީއަށެވެ. އެމީހުންގެ ވާހަކައަށް ސާމާލުކަމެއްނުދީ ބޯކިބާ ބުރިއެއް ކާން ޔޫލީއިނީ އެއީ މާ ގަޔާވާ ވާހަކައަކަށް ނުވާތީއެވެ.
” ޔޫލީ ތި ވަޒީފާއަށް ރަގަނޅެއް ނޫންތޯ..” ނާއިލް އަވަސް އަވަހަށް ބުނެލިއެވެ. މާންއާއިއެކު ޔޫލީ މަސައްކަތްކޮށްފިނަމަ ކަންތައްތައް ދަސްވާނެވަރު ހިތަށް އަރާފައެވެ. މާދަމާވެސް އޭނާ ނެތް ދުވަހަކުން، އޭނާގެ ވިޔަފާރި ޔޫލީއަށް ނުބުލެހެއްޓޭނެކަން އޭނާ ދަނެއެވެ. ޔޫލީގެ ހުންނަ އަޅާލުންކުޑަކަމާއި ދޯދިޔާ ގޮތްގަޑުގެ ސަބަބުން ނާއިލް ފިކުރު ބޮޑުވެ ވިސްނައެވެ. ވަޒީފާގެ މާހައުލަށް ފޮނުވުމަކީ އޭނާއަށް ޒިންމާ ދަސްވާނެކަމެއްކަމުގައި ނާއިލް ދެކެއެވެ. ހާއްސަކޮށް މާން ފަދަ ކުޅަދާނަ ހުށިޔާރު ޒިންމާދާރު މީހެއްކައިރީ މަސައްކަތްކޮށްފިނަމަ ޔޫލީ އިސްލާހުވެދާނެއެވެ. އެ އަޑު ޔޫލީއަށް އިވުމާއެކު ސިހިގެންގޮސް ކާންއިން ބޯކިބާކޮޅު ކަރުގައި އަޅައިގަނެ އޭނާ ކެއްސާގަތެވެ.
” ދަރިފުޅާ ފެންފޮދެއްބޯލާ އަވަހަށް” ފެންތަށި ކައިރި ކޮށްލަމުން ޒާހިރާ ބުނެލިއެވެ.
މި މަންޒަރު ފެނި މާންގެ މޫނުމަތީގައިވި ހިނިތުންވުން ފުޅާވެލިއެވެ. ” ހަމަ ވަރަށް ރަގަނޅުވާނެ.” ޔޫލީއަށް އިންކާރުކުރުމަށް ފުރުސަތު ނުދިނުމަށް މާން އަވަސް އަވަހަށް ބުނެލިއެވެ.
މާން އެހެން ބުނި އަޑު އިވި އެހާލުގައިވެސް ޔޫލީ އޭނާއަށް ބަލާލީ ނަފްރަތުގެ ނަޒަރުންނެވެ. ‘ މި މީހާގަޑު އަޅެ މިއުޅެނީ ކީއް ނުވެގެންތަ؟ ހަމަ ދަތްކޮޅު އުފުރާލަންވީ..’ ހިތަށް އަރަމުން ދިޔަ އެއްޗިސް ދުލަށް އަޔަނުދިނުމަށްޓަކާ ޔޫލީ ތިރީ ތުންފަތުގައި ދަތްއަޅާލިއެވެ. ސީދާ ޔޫލީގެ މޫނަށް ބަލަހައްޓައިގެން އިން މާންގެ ނަޒަރު ޔޫލީގެ ތުންފަތަށް އަމާޒުވުމުން އޭނާގެ ލޯ ހަނި ކޮށްލެވުނީ ހިތުގައި ހިގާ ޖަޒުބާތުތަކުގެ ސަބަބުންނެވެ. ޝިފްނާ އަށް މިތަން ފެނި ހިނިގަނޑު ކޮންޓްރޯލް ކުރެވެނީ ކިރިޔާއެވެ. ޒާހިރާ ނާއިލްއާއި އެއްކޮޅަށް ވާހަކަ ދައްކަން ފެށުމުން ޔޫލީއަށް މި ވެއްޓުނު ވަޅުގަނޑުން ސަލާމަތް ނުވެވޭނެކަން ޔަގީންވިއެވެ. އެހެންކަމުން އެކަމާ އިންކާރުކުރާކަށް އޭނާ ނުހެދިއެވެ. ނަމަވެސް އޭނާގެ ހިތުގައި ރާވަމުން ގެންދިޔައީ މި ފޮނި ފިރިހެނާއަށް ދޭނެ ރަގަނޅު ލަގާއެކެވެ. ‘ މާ ހެވިފަ އަހަންނަށް ލަޑެއް ދެވުނީ ކަމަށްދޯ ހީވީ.. ބަލަން ހުންނާތި.. ފިސާރު ކުޅިވަރު ދައްކާލާނަން..’ ހިތާ ހިތުން ޔޫލީ ބުނެލިއެވެ.
****
ދެ ހަފްތާ ފަސް.
ޔޫލީ އިނީ ރީތިވާ މޭޒު ކުރިމަތީ ހުރި ފިޔާތޮށި ކުލައިގެ މަހުމާ ވައް ގޮނޑީގައެވެ. ގަދަ ރަތް ކުލައިގެ ލިޕްސްޓިކް އަކުން އޭނާގެ ރީތި ތުންފަތް ފަޅުފިލުވާލިއެވެ. ހެދުން އަޅާފައިވަނީ ވަރަށް ރަސްމީކޮށެވެ. ނަމަވެސް ދިވެހިންގެ މާހައުލާ ވަރަށްވެސް ތަފާތެވެ. ކަޅު ކުލައިގެ ހައި ވެއިސްޓް ޕެންސިލް ސްކަރޓް އާއި ގުޅުވާލައިފައިވަނީ ހުދު ކުލައިގެ އަތް ކުރު މައްޗެކެވެ. ލައިފާ ހުރި ސްކަރޓް އޭނާގެ ކަކުލާ ހިސާބަށްވެސް ނާރައެވެ. އެ ކުރު ސްކަރޓް ވަނީ އެއް އަރިމަތިން 3 އިންޗި ވަރު ފަޅާލާފައެވެ. އެހެންކަމުން އޭނާގެ ފައިފަލަ މަސްގަނޑުގެ ބޮޑުބައެއް ވަނީ ހާމައަށެވެ. ލާފައިވާ މަތިކޮޅުގެ ވީކޮށްފަޅާލައިފާވާ ކަރުން އޭނާގެ ކަރާއި މޭމަތިން ބައެއް ފެނެއެވެ. ހަމަޖެހިލައިގެން ތައްޔާރުވަމުން ދިޔަ ޔޫލީ ގަޑި ބަލާލިއެވެ.
“ޖޯދިޝް” އޭނާ ދެލޯ ބޮޑުކޮށްލަމުން ހަރު އަޑުން އެގޭ ކާރު ޑްރައިވަރަށް ގޮވާލިއެވެ.
ވާނީވެސް އެހެންތާއެވެ. ގަޑިން މިހާރު 9 ޖަހަން އިނީ 5 މިނެޓެވެ. މިއަދަކީ އޭނާ ‘އެމް ޑިޒައިންސް ޕރވ ލމޓ’ ގެ މަސައްކަތަށް ނިކުންނަ ފުރަތަމަ ދުވަހެވެ. ފުރަތަމަ ދުވަހުވެސް އެ ގަޑި ޖެހެނީއެވެ. އެވަގުތު އޭނާގެ ފޯން ރިންގް ވިއެވެ. ގުޅަނީ ޝިފްނާއެވެ. ޔޫލީއަށް އޭނާ އެގުޅަނީ ޔޫލީ ލަސްވާތީކަން އެނގެއެވެ. އެހެންކަމުން ފޯން ކަނޑާލުމަށްފަހު އޭނާ މި ދަނީ ކަމަށް ބުނެ މެސެޖް ކޮށްލިއެވެ. ނިކުންނަން ދިޔަ ޔޫލީ ފެނި ޒާހިރާ ވަރަށް އަޑުލިއެވެ. އޭނާގެ ހެދުން އެޅުން ކަމުނުދާތީއެވެ. ޔޫލީ އެކަމަށް މާ ބޮޑު ފަރުވާލެއްނެތި ގަޑި ޖެހެނީ ކަމަށްބުނެ އަވަސް އަވަހަށް ކާރަށް އެރިއެވެ.
****
މާން އޭނާގެ ކެބިންގައި ގަޑިއަށް ބަލާލަ ބަލާލާ އިނެވެ. ބޮޑު ކެބިންގައި ބޭނުން ކޮށްފާވަނީ އޮލިވް ފެހި ކުލައާއި ކުކުޅު ބިސް ކުލައެވެ. ފެހި ކުލައަކީ އޭނާއަށް އެންމެ ކަމުދާ ކުލަ ކަމުން މާންއަށް އެ ކުލަ ބޭނުން ކުރެވޭލެއް ވަރަށް ގިނައެވެ. އެކި ކަހަލަ ޕޮޓްތަކުގައި އެކި ވަރު ވަރުގެ ގަސް އިންދާފާވެއެވެ. އޭނާގެ ޕަރސަނަލް އެސިސްޓަންޓްއަށް މަސައްކަތް ކުރެވޭނޭހެން ސްޓޭޝަންއެއް ކެބިންގެ އެއްފަޅީގައި ހުއްޓެވެ. ލަޔާލްއަށް މާންގެ މޫނުން ކަންބޮޑުވުމުގެ އަސަރު ފެނުންކަމުގައި ވިޔަސް އޭނާއާއި ސުވާލްކުރާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ އިނީ މާންގެ އިޝާރާތަކަށް ހުޝިޔާރުވެއެވެ.
“ލަޔާލް، ނިޔު ގަރލް އެރައިވްޑް؟” މާން އަށް އެންމެ ފަހުން ނީންދެވިގެން އަހާލެވުނެވެ.
“ނޯ ސަރ، ޝުޑް އައި ކޯލް ހަރ” ލަޔާލް އަތުކުރީގައި އަޅާލައިފައިވާ ގަޑިއަށް ބަލާލަމުން ބުނެލިއެވެ. ގަޑިން މިހާރު 9 ޖަހާ ދިހަ މިނެޓް ހިނގާފިއެވެ. ‘މީ ކޮންކަހަލަ ކުއްޖެއްބާއެވެ. ފުރަތަމަ ދުވަހުވެސް ގަޑިއަށް ނާދެވުނެވެ. އިންޓަވިއުއަކާއި ނުލާ މި ވަޒީފާ ދިން ކުއްޖާއަކީ މި ވަޒީފާ އަދާކުރެވޭނެ ކުއްޖެއްބާއެވެ. މާން ސަރ އަކީ އެއްކޮށް މަސައްކަތް ކުރަން ފަސޭހަ ވަރަށް ރަނގަޅު ވެރިއެކެވެ. ނަމަވެސް މާން ސަރގެ ގަވާއިދުތަކާއި އުސޫލްތަކެއްވެއެވެ. އެގޮތުން އޭނާ އެންމެ ހިތްހަމަ ނުޖެހޭ ކަންތައްތަކުގެ ތެރޭގައި ގަޑިއަށް ފަރުވާތެރި ނުވުން ހިމެނެއެވެ. މިއަދު މިކަން ދާނެ ގޮތެއްވެސް ނޭންގެއެވެ.’ ލަޔާލް އަށް ވިސްނާލެވުނެވެ. ޔޫލީ އަކީ ލަޔާލްއަށް މަތީ ތައުލީމް ހާސިލް ކުރުމަށް ސްކޯލަރޝިޕް އެއް ލިބުމުގެ ސަބަބުން އޭނާ ވަޒީފާއިން ކެޑޭތީ އޭނާގެ މަގާމަށް ނަގާ ކުއްޖާއެވެ.
“ނޯ ނީޑް.. ޖަސްޓް ލެޓް މީ ނޯ ވަންސް ޝީ އިސް ހިއަރ..އައިމް އިން ދަ މީޓިން ރޫމް” މާން ރުންކުރު ރާގެއްގައި ބުނެލާފައި ކެބިން އިން ނިކުތެވެ.
މީޓިން ރޫމް ތެރެއަށް ވަދެ ވަދެ ހުރި މާންގެ ލޮލުގައި އޮފީހުގެ މައި ދޮރުން ވަތް ޔޫލީ އަޅައިގަތެވެ. މާންއަށް ލޯ ހިމަކޮށްލެވުނީ ޔޫލީ ލާފާ ހުރި ހެދުމުންނެވެ. ހިތްހަމަ ނުޖެހިފާ ހުރި މާން އިތުރަށް ރުޅި ގަދަވިއެވެ.
***ނުނިމޭ***
ވާހަކައިގެ މި ބައި ވެސް ކަމުދިޔަކަމަށް އުންމީދުކުރަން.
ވާހަކަ ކަމުދާނަމަ ކޮމެންޓެއް ކޮށްލަދެއްވާ. އަދި އަޅުގަނޑުގެ ފޭސްބުކް ޕޭޖް އަށް އިތުރު އަޕްޑޭޓްސް ބަލާލުމަށް ފޮލޯ ކޮށްލަދެއްވާ.
ހަފްތާއަކު އެއް ފަހަރު ވާހަކައިގެ ބައެއް ގެނެސްދޭނަން. ނަމަވެސް ވަގުތު ހުންނަ ގޮތުން މި ހަފްތާ ފަދައިން 2 ބައި ވެސް ގެނެސްދޭން މަސައްކަތް ކުރާނަން.
ވާހަކަ ކިޔާ ހުރިހާ ކިޔުންތެރިންނަށް ޝުކުރިއްޔާ.
-ވިޝް-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


