Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 10

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 30, 2026 6 Mins Read
3 Comments

ހަވަނަ ފަހަރަށް އައި ކޯލްއާ އެކު ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން އަޒްޔަން ބެލްކަންޏަށް ނިކުތެވެ.

“އަޒްޔަން.. ކަމް ބެކް ޕްލީޒް—” ކިއާރާ ބުނަން ފެށި ނަމަވެސް އަޒްޔަން އެ އަޑު އަހާކަށް މަޑެއް ނުކުރިއެވެ.

“ކިއާރާ ޕްލީޒް. ތިހެން އަހަންނަށް އުނދަގޫ ނުކުރޭ. އަހަރެން މީ މިހާރު ކިއާރާގެ އަޒްޔަންއެއް ނޫން، އަހަންނަކީ ނޫރީންގެ ހަޒްބަންޑް. ކިއާރާއާ އަހަރެންގެ ގުޅުމެއް މިހާރަކު ނެތް. ދެން ދުވަހަކުވެސް އަހަންނާ ކިއާރާގެ މެދުގަ އެ ގުޅުމެއް ނޯންނާނެ. ތިން އަހަރު ވަންދެން އަހަރެން ކިއާރާ ކައިރީ އާދޭސް ކުރިން. އަހަންނާ ކައިވެނި ކުރަން ނޫރީން ރަންކީ ފަހުންވެސް ކިއާރާ ކައިވެނި ކުރަން ބޭނުމިއްޔާ ވަގުތުން ކުރާނަމޭ ބުނިން. ނޫރީންއާ ކައިވެނި ކުރި ފަހުންވެސް ކިއާރާ ދެ އަނތްބަށް އިންނަން ބޭނުން ވިޔަސް އިންނާނަމޭ ބުނިން. އެ ވަރުންވެސް ކިއާރާ އެއްބަސް ނުވީމެއްނު؟

ނޫރީން އަހަންނަށް ކުރި އިތުބާރު ގެއްލުވާލެވުނު އިރު ކިއާރާއަށް އެވަރުގެ އިތުބާރެއް އަހަންނަށް ނުކުރެވުނު. ދެން މިހާރު ކީއްކުރަން އަހަންނަށް ތި ގުޅަނީ؟ އަހަންނަށް އިތުބާރު ނުކުރި މީހަކާ ހެދި އަހަރެންގެ ކައިވެނި ރޫޅިގެން ދާކަށް ގަބޫލެއް ނުވެވޭނެ. ކުރިން ކިއާރާގެ ދެކެ ކިތަންމެ ލޯބި ވިޔަސް މިހާރު އެ ލޯބި މަތިން، ކިއާރާ މަތިން އަހަރެން ފޫހި ވެއްޖެ.

ފަހު ފަހަރަށް މި ބުނަނީ. ކިއާރާ އަޑު އަހާ! އަހަރެންނަށް ދެން ކިއާރާއާ އެއްވެސް ގުޅުމެއް ނުބޭއްވޭނެ. ކޮންމެވެސް ސަބަބަކާ ހެދި މި ކައިވެނި ރޫޅުނަސް ދެން ކިއާރާއާ ގުޅުމަކީ ނުވާނެ ކަމެއް. އަހަރެން ވީ ލޯތްބަށް ކިއާރާއަށް އިތުބާރެއް ނުކުރެވުނު، ގަދަރެއް ނުކުރެވުނު. އަހަންނަށް މިހާރު އެ ފިލާވަޅު ދަސްވެއްޖެ. އަހަރެންގެ މަންމައާ ބައްޕަގެ ރުހުން ލިބެން ނެތް، އަދި ނަމެއް ދެވެން ނެތް ގުޅުމަކަށް ދެން ޗާންސެއް ނުދެވޭނެ. ލޯތްބަކީ ހުރިހާ އެއްޗެއް ނޫން ކަން އަހަންނަށް ޔަގީން ކޮށްދިނީވެސް ކިއާރާ.

އަހަރެން ކިއާރާގެ ނިންމުން ބަލައިގަތް ހެން ކިއާރާވެސް އަހަރެންގެ ނިންމުން ބަލައިގަނޭ. ދެން އަހަންނަށް ނުގުޅާ” ކިއާރާ ދައްކަން އުޅުނު ވާހަކަ އަޑު އެހުމެއް ނެތި އަޒްޔަން ބުނަން ބޭނުންވި އެއްޗެއް ބުނެފައި ފޯން ކަނޑާލިއެވެ.

ބެލްކަނީގެ ދޮރު ކައިރީ ހުރި ނޫރީން އެތެރެއަށް ވަނެވެ. އަޒްޔަން ފޯން ހިފައިގެން ނިކުތުމުން ނޫރީންވެސް ތެދުވެ އަޒްޔަންގެ ފަހަތުން ދިޔައީ އަޒްޔަންއަށް ގުޅަނީ ކިއާރާ ހެން ހީވެ، އެ ދެމެދުގައި ދެކެވޭ ވާހަކަ އަޑު އަހާށެވެ. އަޒްޔަންގެ ވާހަކަ ހުރީ ނޫރީން ހީކުރި ގޮތަކަށް ނޫނެވެ. ކިއާރާއާ އޮތް ގުޅުން ހަގީގަތުގައިވެސް އަޒްޔަން ނިންމާލާފައި ވާ ކަން އަޑު އިވުނު ވާހަކައިން ޔަގީންވި ނަމަވެސް ނޫރީންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.

ކަންތައް ކުރެވުނު ގޮތާ މެދު އަޒްޔަން ދެރަވާ ކަން، އަދި ދެން އިތުރަށް ކިއާރާއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަން އަޒްޔަންގެ ވާހަކައިން ނޫރީންއަށް ޔަގީން ވެއްޖެއެވެ. އެހެން ނަމަވެސް ނޫރީންގެ ހިތުގައި ލެވުނު ޒަޚަމް އަދި ތާޒާއެވެ. އެހެން ކަމުން އަޒްޔަންއަށް އަލުން އިތުބާރު ކުރުން ފަސޭހައެއް ނޫނެވެ. ދެވަނަ ފުރުޞަތެއް ދެވުނު ނަމަވެސް އެ ގުޅުމަށް ވަގުތު ބޭނުން ވެއެވެ.

އަޑު އިވުނު ވާހަކައިން ހިތުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލުނު ނަމަވެސް އެ ހިތަށް ވީ އަނިޔާގެ ރިހުން ކުޑައެއް ނުވެއެވެ. ކޮންމެ ކަމަކަށްވެސް ވަގުތު ބޭނުންވާ ހެން، އެ ދެމެދުގައި އޮތް ގުޅުމަށްވެސް ވަގުތު ބޭނުން ވާނެއެވެ. ހުރިހާ ކަމެއް ވަގުތާއެކު ރަނގަޅު މިސްރާބަށް ވާސިލް ވާނެކަން އަމިއްލަ ނަފްސަށް ނޫރީން ހަނދާން ކޮށްދިނެވެ.

އެ ޚިޔާލުތަކުގައި އޮތް ނޫރީން ލޯމަރާލީ އަޒްޔަން ކޮޓަރިއަށް ވަދެފައި ބެލްކަނީގެ ދޮރު ލައްޕާލި އަޑު އިވުމުންނެވެ.

އަޒްޔަން ވަން އިރު ކުރިންވެސް އޮތް ހެން ނޫރީން އެނދުގައި އޮތެވެ. އެނދު ކައިރީ އިރުކޮޅަކު ހުރެފައި އަޒްޔަން ލަސްލަހުން އިށީނެވެ. ނޫރީން އެއްޗެއް ބުނޭތޯ މަޑުކޮށްލާފައި އަޒްޔަން އޮށޯތެވެ. ލޯ މަރާލި ނަމަވެސް ނުނިދިފައި އޮވެވުނީ އަޒްޔަން އެނދުގައި އޮތުމުން ނޫރީންއަށް އެ ގޮތް ކަމުނުގޮސްގެން އެއްޗެއް ބުނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

ނޫރީންއަށް ހޭލެވުނު އިރު މެންދުރުފަހު ދެގަޑި ބައިވެ ހިނގައްޖެއެވެ. އެނދުގައި އޮވެ ފުރޮޅިލި އިރަށް އަނެއް ފަރާތުގައި، ނޫރީންއާ ވީ ފަރާތަށް އެނބުރި ނިދިފައި އޮތް އަޒްޔަން ފެނުމުން ނޫރީންއަށް ބަލަން އޮވެވުނެވެ. އަޒްޔަންއަށް ނިދުމުން އެ ދެމެދުގައި ނޫރީން ބޭއްވި ކަންނެޔޮ ކައިރި ކޮށްލައިގެން އެއް އަރިއަކަށް ވާ ގޮތަށް އޭގައި ބޯ އަޅައިގެން އަޒްޔަން އޮތެވެ. އެހެން އޮއްވާ ނޫރީން ސިހުނީ ފޯން ރިންގް ވީ އަޑަށެވެ.

އެ އަޑަށް ހޭލެވުނު އަޒްޔަން ލޯ ހުޅުވާލާ ބަލާލި އިރު ނޫރީން ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން އެނދުން ތެދުވީއެވެ.

“އެއް ދުވަސް އެއްކޮށް ދެވިއްޖެ ތި ދެމީހުންނަށް. ދެން އަހަންނަށް ވަގުތުކޮޅެއް ހުސްކޮށްފަ ހުރިހާ ކަމެއް ކިޔާދޭންވީ. އަހަރެން ދާންވީތަ؟ ނޫނީ ރީން އަންނާނީތަ؟” ފޯނުގެ އަނެއް ކޮޅުން ޝަބާ އަހާލި އަޑު އިވުނެވެ.

“މޮޔަ ނުގޮވާ ފޯނު ބާއްވާ. ފަހުން ގުޅާނަން” ނޫރީން އަވަސްއަވަހަށް ބުންޏެވެ.

“އޯއޯއޯހހ! އެހެންދޯ ވީ؟ ހަޒްބަންޑްއާ އެކީ އިން ވަގުތެއްގަ ދޯ މި ގުޅުނީ؟ ސޮރީ ސޮރީ.. ވަގުތެއް ވިއްޔާ އަހަންނަށް ގުޅާ—”

“ތި އިރުކޮޅަކަށް ހަމަޖެހިބަލަ! ހީކުރާހާ ގޮތަކަށް ހުރިހާ ކަމެއް ނުވެދާނެއޭ ހިތަކަށް ނާރާތަ؟” ޝަބާ ބުނަމުން ދިޔަ އެއްޗެއް މެދު ކަނޑާލަމުން ނޫރީން ސިއްރުން ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ބެލްކަންޏާ ދިމާއަށް ދިޔައެވެ.

“ތި ބުނީ ކީކޭ؟” ޝަބާއަށް ނޫރީން ބުނި އެއްޗެއް ނުވިސްނުނެވެ.

“ދެން މިހާރަކު ނޫން.. ފަހުން. އިހަށް ބާއްވަނީ” ޝަބާއަށް އިތުރު ސުވާލެއް ކުރާނެ ފުރުޞަތެއް ނުދީ ނޫރީން އެ ކޯލް ކަނޑާލިއެވެ. އަދި އެރޭ ބައްދަލު ކުރުމަށް އެދިފައި ޝަބާއަށް މެސެޖް ކޮށްލިއެވެ.

ފެން ވަރައިގެން ނަމާދު ކޮށްލުމަށް ފަހު ނޫރީން ޝަފަގު ކައިރިއަށް ދިޔައެވެ. އޭރު ޝަފަގު އުޅެނީ ބަދިގޭގައެވެ.

“ޝަފައްތަ— ސޮރީ! މަންމަ މިހާރު ތެދުވެގެން މަސައްކަތް ފެށީތަ؟” ޝަފަގުއާ މެދު ކަންބޮޑުވެފައި ނޫރީން އައިސް ޝަފަގު ކައިރީ ހުއްޓެމުން އެހިއެވެ.

“ދެ ކުދިން މެންދުރު ކާކަށްވެސް ނާންނަމެއްނު؟ އެހެންވެ ހަވީރަށް ސައި ބޯ އެއްޗެއް ހަދާލަން މިއުޅެނީ” ކަބަޑުތައް ކައިރީ ހުރި ޝަފަގު ހިނިއައިސްފައި ބުންޏެވެ.

“ތި އަޅު— އަހަރެން އަތަށް ދީފަ މަންމަ އާދޭ އިށީންނަން. މިތާ އިނދެ ހަދަންވާ ގޮތް ކިޔާދިނީމަ އަހަރެން ހަދާނީ” ނޫރީން ޝަފަގުގެ އަތުގައި ހިފައިގެން ގޮސް ގޮނޑިއެއްގައި ބޭންދިއެވެ.

“މަންމަ މިހާރު ރަނގަޅޭ” ޝަފަގު ދެކޮޅު ހަދަން އުޅުނެވެ. ނަމަވެސް ނޫރީން ޝަފަގުގެ އަޑެއް ނޭހިއެވެ.

“މަންމަ ރަނގަޅަކަސް ހެޔޮ. މިއަދު އަހަރެން މި ހަދާނީ. ކުޅި ބޯކިބާ ދޯ؟ މިހުރީ ހުރިހާ އެއްޗެއް ރެޑީ ކޮށްފައެއްނު؟ ދެން މަންމަ ކިޔާ ނުދިނަސް އެނގޭނެ” ކޮށާ ތައްޔާރު ކޮށްފައި މޭޒުމަތީ ހުރި އެއްޗެއްސަށް ބަލާލަމުން ނޫރީން ބުންޏެވެ.

ބޯ ޖަހާލަމުން ޝަފަގު އިތުރަށް ދެކޮޅު ނުހަދާ ނޫރީންގެ މަސައްކަތަށް ބަލަން އިނެވެ. ނޫރީން އެކި ވާހަކަ ދައްކަމުން މަސްގަނޑު މޮޑެން ފެށިއެވެ. އަޒްޔަން އައީ އެކަން ނިމެން އުޅެނިކޮށެވެ.

“މާ އަވަހަށޭ އަޒްޔަން ތި އައީ. މިއަދު ނޫރީން އެ އުޅެނީ ބޯކިބާ އަޅަން. އަސުރުގެ ފަހުންނެއްނު ސައި ބޯނީ؟” އަޒްޔަން ފެނުމުން ޝަފަގު ބުންޏެވެ.

“މަންމަ ފަށާފަ ހުރީ އަހަރެން އައި އިރު. ބަލި ވިޔަސް މަންމަ ރެސްޓެއް ނުކުރޭ، ރޭ އެކީގަ ހޮސްޕިޓަލުގަ އޮވެފަ އައި ގޮތަށް ބަދިގެއަށް ވަނީމަ ކަމަކު ނުދާނެއެއްނު؟” ނޫރީން އަޒްޔަންއާ ވާހަކަ ދެއްކި ނަމަވެސް އަޒްޔަންއާ ދިމާއަށް ބަލައެއް ނުލައެވެ.

“އެހެންވެޔޭ މަންމަ ކައިރީ މި ކިޔަނީ މެއިޑެއް ގެންނަން. ރެސްޓެއް ނެތި އަބަދު މަސައްކަތުގަ އުޅެންޏާ ބަލިވާނެ” އަޒްޔަން ބުންޏެވެ.

“އާނ، ގެންނަންވީ. މިއަދު ބައްޕަވެސް ބުނެފި ތިހެން” އަޒްޔަން އެތައް ދުވަހެއްގެ މަތިން ބުނަމުން ދިޔަ ވާހަކައަށް އެންމެފަހުން ޝަފަގު އެއްބަސްވިއެވެ.

“ހަވީރު ވަންދެން އެއްޗެއް ނުކައި ހުންނަ ވަރަށް ވުރެ ބަނޑުހައި” ޝަފަގު ގާތު ބުނަން ބޭނުން ނުވި ނަމަވެސް ނޫރީން ގާތު ކާން ހަދައިދޭން ނުވަތަ އެހެން އެއްޗެއްވެސް ހަދައިދޭން ބުނަން ނުކެރިފައި ހުރެ އަޒްޔަން ވާހަކަ ދެއްކީ ޝަފަގުއާއެވެ.

“ކާންވީ ދޯ؟” ޝަފަގު ގޮނޑިން ތެދުވީ ނޫރީން އަދިވެސް ބޯކިބާ މަސްގަނޑު މޮޑެ ނުނިމޭތީއެވެ.

“މަންމަ އިނދޭ. މިކަން މި ނިމުނީއޭ. ކާން ހަދަނީ މި، އިރުކޮޅެއް ވާނީ” އަތަށް ލައްވާފައި އޮތް އަންގި ނައްޓާލަމުން ނޫރީން ބުންޏެވެ.

“މިގަޑީގަ ދެން ނުއެއް ކާނަން. ކޮފީއެއް ރަނގަޅު ވާނެ” އަޞްރު ވަގުތު ކައިރިވެފައި ވާތީ އަޒްޔަން އެ ގަޑީގައި ކާން ބޭނުން ނުވީ ނޫރީން ހަވީރު ސަޔަށް އެއްޗެއް ހަދާތީ، އެ ވަގުތު ކެއުމުގެ ބަދަލުގައި އެންމެންނާ އެކީ ސައިގައި ބައިވެރި ވުމަށެވެ.

ނޫރީން އެއްޗެއް ނުބުނެ ކޮފީ ހަދަން ފެށިއެވެ.

“މަންމަ ކޮފީ ބޯނަންތަ؟ އަހަރެންވެސް ކޮފީ ބޯން މިއުޅެނީ” ނޫރީންވެސް ބަނޑުހައިވެފައި ހުރީތީ ދެ މީހުންނަށް ކޮފީ ގިރަން ފަށާފައި ޝަފަގު ގާތުވެސް އަހާލިއެވެ.

“ނޫން، މަންމަ މިހުރީ ކައިގެން. ދެ ކުދިން ކޮފީ ބޯލާ. ނޫރީން ސަޔާ ހަވާލު ވީމަ މަންމަ ދެން މި ދަނީ ޖައްސާލަން” ޝަފަގު އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ.

ނޫރީން ކޮފީއާ އެކު އެކި ކަހަލަ ބަދަން އަޅާފައި ހުރި ތައްޓެއް ހިފައިގެން އައިސް ކޮފީ ތައްޓެއް އަޒްޔަން ކުރިމަތީ ބެހެއްޓިއެވެ. އަދި އަޒްޔަންއާ ކުރިމަތި ވާހެން ހުރި ގޮނޑީގައި އިށީނދެ ނަޓް ތަށި މެދުގައި ބެހެއްޓިއެވެ.

ހިމޭން ކަމުގައި ދެ މީހުން ކޮފީ ބޯން ތިއްބާ އަޞްރު ނަމާދު ވަގުތު ވީ ކަމުގެ ނޮޓިފިކޭޝަން ފޯނުން އައުމުން އެއް ނޭވައިން ކޮފީތަށި ހުސްކޮށްލާފައި ތެދުވި އަޒްޔަން ހުއްޓުނީ ނޫރީން ގޮވާލުމުންނެވެ.

“ޝަބާއާ އެކީ ބޭރަށް ގޮސްލަން..” ނޫރީން ބުންޏެވެ.

“އޯކޭ” އެހެން ބުނެފައި ނޫރީން އިތުރު އެއްޗެއް ނުބުނުމުން އަޒްޔަން ނިކުތެވެ.

 

ހަވީރު ފަހެއް ޖެހި އިރު އެންމެން މަޑު ކޮށްލައިގެން ތިބީ ޔާސިރު އޮފީހުން އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އޭރު ޝަފަގު ގުޅާފައި ބުނުމުން ބޭރުގައި އުޅުނު ޒަޔާންވެސް އައިސް ނޫރީންއާ ވާހަކަ ދައްކަން އިނެވެ. ޝަފަގުއާ ޖެހިގެން އިން އަޒްޔަންއަށް އިރުއިރުކޮޅާ ޒަޔާން ކައިރީ އިން ނޫރީންއަށް ބަލާލެވެއެވެ. ޝައުގުވެރިކަމާއެކު ޒަޔާންގެ ވާހަކަ އަޑުއަހަން އިން ނޫރީން އެއްޗެއް ބުނެލަނީ މަދު ފަހަރެއްގައެވެ. އެ މަންޒަރު ބަލަން އިން އަޒްޔަންއަށް ބުނެދޭން ނޭނގޭ އުނދަގުލެއް ވަމުން ދިޔައެވެ. އަމިއްލަ ކޮއްކޮއާ މެދު ހިތުގައި ނުރުހުމެއް އުފެދެމުން ދިޔައެވެ.

ގޭ ދޮރު ހުޅުވާލާފައި ވަން ޔާސިރު ފެނުމުން ނޫރީން ވަގުތުން ތެދުވިއެވެ.

“ބައްޕަ ނައިސްގެން ސައި ނުބޮވިފަ މި ތިބީ. މި ދަނީ މޭޒުމައްޗަށް އެއްޗެހި ނަގަން. އެންމެން އަވަހަށް އާދޭ” ބަދިގެއާ ދިމާއަށް ދަމުން ނޫރީން ބުންޏެވެ.

ސައިބޯން ތިބިއިރު ޒަޔާންއާ ޔާސިރު ނޫރީންއަށް ތަޢުރީފް ކުރަމުން ދިޔައެވެ. އެއްޗެއް ނުބުނެ އިނީ އަޒްޔަންއެވެ.

“ވަރަށް މީރު. ނޫރީން ވަރަށް މޮޅު” ޔާސިރު ބުންޏެވެ.

“އަސްލުވެސް. މަންމަ އަޅާ ބޯކިބަލެކޭ ތަފާތެއް ނެތް، ސޭމް ޓޭސްޓް. ވެލްޑަން!” ޒަޔާންވެސް ނޫރީންއަށް ސާބަސްދިނެވެ.

“ތީ އަސްލު އަހަރެންގެ މަސައްކަތެއް ނޫން. މަންމަ ހުރިހާ އެއްޗެހި ރެޑީކޮށްފަ ހުރީ، އަހަރެން ހަމައެކަނި މޮޑެލީ. އެއްޗެހި ހަމަކުރި މީހަކަށް ދޯ ތައުރީފް ލިބެން ވާނީ” ނޫރީން ބުންޏެވެ.

“ދޮންބޭ، ޔޫ އާރ ލަކީ އިނގޭ. އަހަރެންވެސް ބޭނުމީ ނޫރީން ކަހަލަ ވައިފްއެއް. މަންމާ، އަހަންނަށްވެސް ކުއްޖަކު ހޯދުން މަންމައާ ހަވާލު” ޒަޔާން ބުންޏެވެ.

“އަދި ތިހާ ހިސާބަށް ނުވިސްނާ މައިތިރި ވޭ! ފުރަތަމަ ކިޔަވާ ނިންމާކަށްނު ވީ” ޒަޔާންގެ ކޮނޑުމަތީ ޖަހާލަމުން އަޒްޔަން ކޮއްކޮއާ ދިމާ ކޮށްލިއެވެ.

“އިރާދަ ކުރެއްވިއްޔާ ޒަޔާން ކިޔަވާ ނިމިގެން އަންނަން ވާ އިރަށް މަންމަ ކުއްޖަކު ހޯދާނަން. އެކަމަކު ތިހެން ބުނެފަ އެންމެ ފަހު ވަގުތު ނޫނެކޭ ބުނާނީއެއް ނޫން. މި ކަހަލަ ކަމެއްގަ ޒަޔާންގެ ދޮންބެއަށް ކުރެވުނު އިތުބާރު ޒަޔާންއަށް ކުރަން މަންމައަށް އުނދަގޫ. މަންމަމެންނާ ދުރުގަ ހުންނަ އިރު ނޭނގެ ކައިވެނި ކުރަން ކުއްޖަކު ހޯދާފަ ނެތް ކަމެއްވެސް” ޝަފަގު ސަމާސާ ގޮތަކަށް ބުންޏެވެ.

ޝަފަގު އެހެން ބުނުމާއެކު އަޒްޔަންއާ ނޫރީންއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ކުރެވުނު ކުށްވެރި އިހުސާސްއާ އެކު އަޒްޔަން އިސްޖަހާލިއެވެ. އަޒްޔަންއަށް މަންމައާ ބައްޕަ ކުރި އިތުބާރު ގެއްލުވާލެވުނު ކަން އެ މީހުންނަށް ނޭނގޭ ކަމަށް ޓަކާ އަޒްޔަން ހިތާހިތުން ޝުކުރު ކުރިއެވެ.

ނޫރީން ބަލާ ޝަބާ އައީ އިރުއޮއްސި ހަތެއް ޖެހިތަނާއެވެ. ނޫރީން ތައްޔާރު ވެގެން ކޮޓަރިން ނިކުތް އިރު ޓީވީ ހުޅުވައިގެން ސިޓިންގްރޫމްގައި އަޒްޔަން އިނެވެ. މަތިން ފެށިގެން ކަކުލާ ހަމައަށް ގޮށް އަޅުވާފައި، ފައިގެ ތަނބިކައްޓަށް ވުރެ ތަންކޮޅެއް މައްޗަށް ހުރި ވަޅުފެހި ކުލައިގެ ހެދުމަކާ އެކު ބެއިޖް ކުލައިގެ ހިމަ ހަރުވާޅެއް ލާފައި ގަދަ ކްރީމް ކުލައިގެ ޝޯލްއެއް އަޅައިގެން ތައްޔާރު ވެގެން ހުރި ނޫރީންއަށް އަޒްޔަންގެ ނަޒަރު ހުއްޓުނެވެ. ނޫރީންގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލާލެވުނު އަޒްޔަންގެ ނަޒަރު ހުއްޓުނީ ނޫރީންގެ ތުންފަތާ ހަމައަށެވެ. އެއާއެކު ކައިވެނީގެ ފުރަތަމަ ރޭގެ މަންޒަރުތައް އަޒްޔަންގެ ސިކުނޑީގައި ތަކުރާރުވެގެން ދިޔަހެން ހީވިއެވެ. އެ ހަނދާންތަކުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެފަދަ އެތައް ވަގުތެއް ކިއާރާއާ އެކު ހޭދަވެފައި ވީ ނަމަވެސް ނޫރީންއާ އެކު ހޭދަ ކުރެވުނު ވަގުތުގެ މަތިން ހަނދާން ވުމުން އަޒްޔަންއަށް ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ. ހީވީ ކުރިން ކުރެވިފައި ނެތް އާ ތަޖުރިބާއެއް ކުރެވުނު ހެންނެވެ.

އަތް ދަބަހުގައި އެއްޗެހި ހަމަތޯ ބަލާލަން މަޑުކޮށްލި ނޫރީންއަށް އަޒްޔަންގެ ނަޒަރު ހުރިކަން އިހުސާސް ކުރެވި އަޒްޔަންއާ ދިމާއަށް ބަލާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ؟…22

Next

ހިތް ދެވިއްޖޭ ކަލާ އަށް ޓަކައި 7

Next
April 30, 2026

ހިތް ދެވިއްޖޭ ކަލާ އަށް ޓަކައި 7

Previews
April 30, 2026

ހަގީގަތަކީ ކޮބައިހޭ؟…22

3 Comments!

  1. Mar Sha Mar Sha says:
    April 30, 2026 at 11:23 am

    ސަލާމް ކުދިން، 10 އަޕްލޯޑް ކޮށްލެވުނީ މި، 11 ގެނެސްދެވޭތޯ ބަލާނަން ހޯމަ ދުވަހު. ކިޔާލާފަ ކަމުދަންޏާ އަންގާލައްޗޭ. ބާއްޖަވެރި ހުކުރު ދުވަހަކަށް އެދެން.

  2. Aisha says:
    April 30, 2026 at 1:08 pm

    Vrh reethi ♥️.. kiyara adhi fahun vx badhalu hifan anaane hen heevanee

    1. Mar Sha Mar Sha says:
      May 3, 2026 at 11:56 pm

      Kiara adhi annan vaane dho, noony dhen kiara ge chapter ninmaalan vytha, thank u Aisha

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 11←


All Right Reserved!