Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 11

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
April 3, 2016 8 Mins Read
10 Comments

“ރޭގަ ނުނިދުނީތަ؟ ނޫނީ ދޮންބެ އަނޫ ނިދިޔަ ނުދިނީތަ؟” އަނޫޝާ ކައިރިއަށް ޖެހިލާފައި މަޒްނާ އަހާލިއެވެ.

އަނޫޝާއަށް މަޒްނާއާ ދިމާއަށް ބަލާލެވުނެވެ. އަނޫޝާއަށް ހީވީ މަޒްނާ އެހެން އެބުނީ އަނޫޝާއާ މިޝާލްގެ މެދުގައި ކަންތައް ވީގޮތް އެނގިގެން ކަމަށެވެ. ނަމަވެސް މަޒްނާގެ މޫނުމަތިން ފެންނަން ހުރި ލާނެތް ހިނިތުންވުމުގެ ސަބަބުން އެހާސްކަން އަނޫޝާގެ ހިތުން ފިލިއެވެ.

“އެހެން ވީމަތާ ކޮންމެ ދުވަހަކު ފަތިހު ހޭލާ އަނޫއަށް މިއަދު މިހާލަސް ވިއިރުވެސް ހޭނުލެވުނީ… ކުރީރޭ އަނޫ ދެކެ ރުޅި އައިސްގެން އަނިޔާ ކުރެވުނީމަ އެކަމާ ދެރަ ވެގެން އޭގެ ބަދަލު ރޭގަ ލޯބިން ދޯ ދިނީ؟ އަހަރެން ހިއެއް ނުކުރަން އަބަދު ކޮންމެސް ކަމަކާ ރުޅި އައިއްސަ ހުންނަ ދޮންބެ އެހާ ރޮމް ވާނެ ކަމަކަށް” އަނޫޝާގެ ހިތުގައި ހިނގަމުން ދިޔަ ތޫފާނުގެ އެއްވެސް ހިލަމެއް ނެތި އަނޫޝާއާ ދިމާ ކުރުމުގެ ގޮތުން މަޒްނާ ވާހަކަ ދައްކަމުން ދިޔައެވެ. “މިޒޫ ހުރިނަމަ އަނޫއާ ދިމާ ކޮށްލީސް… ވަރަށް ފޯރި ހުންނާނެ އެކަހަލަ ކަންތަކާ… އަސްލުވެސް، ދޮންބެ ހީވަނީ އަނޫ ދެކެވެސް އަބަދު ރުޅި އައިއްސަ ހުންނަހެން ވިއްޔަ… އެވަރުގެ މީހަކު—”

“ދެން ދޮންތާ…” އަނޫޝާ ގޮވާލިއެވެ. އެވާހަކަތައް އަޑު އަހަން ބޭނުން ނުވާތީއެވެ. ރޭގެ ހަނދާން ކުރަން ބޭނުން ނުވާތީއެވެ. ނަމަވެސް އަނޫޝާ ގޮވާލި ގޮތުން މަޒްނާއަށް ހީވީ އަނޫޝާ ލަދުގަތީ ކަމަށެވެ.

“އޯކޭ… ދެން އެހެނެއް ނުކިޔާނަން…” ހިނި އައިސްފައި މަޒްނާ ބުންޏެވެ.

“މިއަދު އަނޫ ނުދަންތަ ޝައުފާ ކައިރިއަކަށް” ދެމީހުން ސައިތަށި ހިފައިގެން ކާމޭޒު ކައިރިއަށް އައުމުން ނަސީރާ އަހާލިއެވެ.

“ގެޔަށް ދޫކޮށްލީމަ ދެން ދާނީ” އިއްޔެވެސް އަނޫޝާ ހޮސްޕިޓަލަށް ނުދިޔައީ ޒިހާންއާ ދިމާ ވެދާނެތީއެވެ. ހޮސްޕިޓަލުން ޒިހާންއާ ދިމާވިކަން އެނގިއްޖެއްޔާ ދެން މިޝާލް ހަދާނެ ގޮތެއް ނޭނގޭތީއެވެ.

“މިޒޫ ބުނި އިއްޔެ ހަވީރު ދޫކޮށްލި ވާހަކަ، އަނޫއަކަށް ނޭނގޭތަ؟” މަޒްނާ އަހާލިއެވެ.

“އާނ، އަހަރެން ގުޅި އިރު ދޫކޮށެއް ނުލާ” އަނޫޝާ ބުންޏެވެ.

“އެހެންތަ؟ އެހެން ވިއްޔާ ހިނގާ މިއަދު ޝައުފާއަށް ގޮވާލަން ދާން. މަންމަވެސް އަދި މިހިރީ ނުގޮސް، މިއަދު އެންމެން އެކީގަ ދާން ހިނގާ، ހަވީރުން މިޒޫއާ މިލްވެސް އުޅޭނެ ގޭގަ” ނަސީރާ ޚިޔާލެއް ދިނެވެ.

އެދުވަހު ހަވީރު ފަހެއް ޖެހި ތަނާ އަނޫޝާއާ ނަސީރާއާ މަޒްނާ، މިޒްނާ އަދި މިލްނާއާ ލަޔާލް ނިކުތީ ޝައުފާއަށް ގޮވާލަން ދާށެވެ. އެންމެން އެކީ ދާތީ މިޝާލްވެސް އަނޫޝާ ދިޔުމަކާ ދެކޮޅެއް ނަހަދައެވެ. ހަވީރު ދިޔަ މީހުންނަށް ގެޔަށް ދެވުނީ އެރޭ އިޝާ ނަމާދަށްވެސް ގޮވި ފަހުންނެވެ.

ހަވީރު އަނޫޝާމެން ބޭރަށް ދިޔުމުގެ ކުރިން ގޭން ނިކުތް މިޝާލް އެހެން ރޭރެޔާ ޚިލާފަށް އެރޭ ދިހަގަޑި ބައިވީތަނާ ގެޔަށް އައެވެ. އަނޫޝާ ކާން ހެދުމުން ކައިގެން މިޝާލް ކޮޓަރިއަށް ދިޔުމުން އަނޫޝާ މައްޗަށް ކޮޓަރިއަށް ދާން ފަސް ޖެހުނެވެ. ބަދިގޭގައި އެއްޗެހި ހޫނުކޮށްލާ ތަށިތައް ނެގުމުގައި އަނޫޝާ އެހެން ރޭރެއަށް ވުރެން ލަސް ވިއެވެ. ސިޑިން މައްޗަށް އެރީވެސް ލަސް ލަހުންނެވެ.

 

ގޭއެންމެން ތައްޔާރު ވަމުން ދިޔައީ މިޒްނާއާ ޝިޔާޒްގެ ކައިވެންޏަށެވެ. މަދުމަދުން އެގެޔަށް އަންނަ ޝިޔާޒް އެގޭގައި ގިނަ ވަގުތު ހޭދަ ކުރަން ފެށީ ނަސީރާއާ ޒަރީރު އަދި މިޒްނާގެވެސް އެދުމުގެ މަތިންނެވެ. ކުރިއަށް ވުރެން ބޮޑަށް ޝިޔާޒްއަށް މިޝާލްވެސް ދަސްވާން ފެށިއެވެ. ޝިޔާޒް ހީކުރި ގޮތާ ޚިލާފަށް މިޝާލްއާ ވާހަކަ ދައްކަން ފެށުމުން އަނޫޝާގެ ހޮވުމާ މެދު ޝިޔާޒްގެ ހިތުގައި ސުވާލު ވީ ގިނައެވެ. ޝިޔާޒް ހީކުރީ މިޝާލްގެ މިޒާޖު ދަސްވުމުން އަނޫޝާއަށް ޒިހާންއަށް ވުރެން ބޮޑަށް މިޝާލް ކަމުދިޔަ ސަބަބު ޝިޔާޒްއަށް ވިސްނޭނެ ކަމަށެވެ.

ނަމަވެސް ޝިޔާޒްއަށް ފެނުނީ ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. އަނޫޝާއާ މެދު މާބޮޑު އަޅާލުމެއް މިޝާލްގެ ފަރާތަކުން ނުފެނެއެވެ. ގޭގައި ހޭދަ ކުރާ މަދު ވަގުތުގައިވެސް މިޝާލް އަނޫޝާއާ ވާހަކަ ދައްކާ ހަދާ ތަނެއް ނުފެނެއެވެ.

މިޝާލްގެ މިޒާޖު ޒިހާންއާ އަދި ޝިޔާޒްއާވެސް ތަފާތީ ކަންނޭނގެއެވެ. މީހުންގެ ތެރޭގައި އަނޫޝާއާ މެދު މިޝާލް އެހާ ފަރުވާތެރި ނުވަނީ ކަންނޭނގެއެވެ. އެދެމީހުން އެކަކު އަނެކަކު ދެކެ ވާލޯބި ފާޅު ކުރަނީ ދެމީހުން އެކަނި ވުމުން ކަންނޭނގެއެވެ. އެއީ ޝިޔާޒްއަށް ވިސްނުނު ގޮތެވެ. އެކަމާ އަނޫޝާއާ ސުވާލު ކުރަން ބޭނުން ވިޔަސް އެއީ އަނޫޝާއާ މިޝާލްގެ އަމިއްލަ ކަމަކަށް ވާތީ އެކަމުގެ ތެރެއަށް ވަނުން އެއީ ރަނގަޅު ކަމެއް ކަމަކަށް ޝިޔާޒްއަކަށް ނުފެނުނެވެ.

އެދުވަސްކޮޅު ޝަމްހާވެސް އެގެޔަށް އަންނަން ފެށިއެވެ. ބައެއް ފަހަރަށް ޝަރީފާއާ އެކީގައެވެ. އަނެއްބައި ފަހަރަށް އެކަންޏެވެ. ކޮންމެ ފަހަރަކުވެސް ޝަރީފާވެސް އަދި ޝަމްހާވެސް އަނޫޝާއާ ވަރަށް ވާހަކަ ދައްކައެވެ. ހީވަނީ އެދެމީހުންވެސް އަނޫޝާ ދެކެ ވާލޯބި އެގޭ މީހުންނަށް ދައްކަން މަސައްކަތް ކުރާހެންނެވެ. އެހެން އެންމެންނަށް އެކަން ނޭނގުނަސް އެއީ ދެއްކުމަށް ކުރާ ކަމެއް ކަން މިޒްނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. މިޒްނާއަށް ޝިޔާޒްމެން ގެއިން އެމަންޒަރު ވަނީ ފެނިފައެވެ. އޭގެ އިތުރުން ޝިޔާޒް ވަނީ އެވާހަކަތައް މިޒްނާއަށް ކިޔާދީފައެވެ.

ކައިވެނި ކުރަން އޮތް ދުވަހުގެ ހަވީރުގެ ވަގުތެވެ. އެންމެންވެސް އުޅުނީ ކައިވެނި ކޮށް ނިމިގެން ބާއްވާ ސަޔަށް އެއްޗެހި ތައްޔާރު ކުރުމުގައި އަވަދި ނެތިއެވެ. އަނޫޝާއާ މިޒްނާއާ މިލްނާ އަދި ނަސީރާވެސް އުޅުނީ ބަދިގޭގައެވެ. މިޝާލްވެސް އެދުވަހު ބޭރަށް ނުގޮސް ނިހާންއާ އެކުގައި ގޭތެރެ ތައްޔާރު ކުރުމުގައި އެހީވެދޭން އުޅުނެވެ.

“އަނޫ…” ޝަމްހާ ގޮވާލި އަޑަށް ކުޅިބޯކިބާ ކޮށަން ހުރި އަނޫޝާ ބަލާލިއެވެ.

“ޝަމްހާ…” ޝަމްހާ ފެނުމުން މިޒްނާ ގޮވާލިއެވެ.

“މަންމަ ދިން ހެދިކާ ހިފައިގެން މިއައީ” އަތުގަ އޮތް ބޮޑު ކޮތަޅު މޭޒުމަތީ ބަހައްޓަމުން ޝަމްހާ ބުންޏެވެ.

“އެހެންތަ؟ ޝަރީފާވެސް ވަރަށް ކަންތައް އެބަ ކުރެޔޭ ދޯ؟ އެހެންނު ވާނީ! ދަރިފުޅުގެ ކައިވެނި ވިއްޔަ! ތިތާ ކޮޅަށް ނުހުރެ އާދޭ އިށީނދެލަން” ނަސީރާ ގޮނޑިއެއް ދައްކާލަމުން ބުންޏެވެ.

އެކި ވާހަކައިގައި ޝަމްހާ ހަތެއް ޖަހަންދެން އެގޭގައި އިނެވެ. އެހުރިހާ އިރު ޝަމްހާ ވިސްނީ އަނޫޝާއާ މެދުއެވެ. އަނޫޝާގެ ހިތަށް އަނިޔާއެއް ދޭނެ ގޮތަކާ މެދުއެވެ. އެހާ މަސައްކަތުންވެސް ޒިހާން ހާސިލް ނުކުރެވުމުން އެކަމުގެ ބަދަލު އަނޫޝާއަށް ދޭނެ ގޮތަކާ މެދުއެވެ.

އެކަމާ ޝަމްހާ ވިސްނަން އިންދާ މިޝާލް އަނޫޝާއަށް ގޮވާލިއެވެ. ކުރަން ހުރި މަސައްކަތް ވަގުތުން ހުއްޓާލާފައި އަނޫޝާ މިޝާލްގެ ފަހަތުން މައްޗަށް އެރިތަން ބަލަން ޝަމްހާ އިނެވެ. އެވަގުތު ޝަމްހާއަށް ގޮތެއް ވިސްނުނެވެ. އޭގެ ފަހުން ޝަމްހާ ފަރުވާތެރިކަމާ އެކީ މިޝާލްގެ ކޮންމެ ހަރަކާތަކަށް ބަލަން އިނީ ހިތުގައި ރޭވުންތަކެއް ރާވަމުންނެވެ.

“ބޭނުންވާ ވަގުތު ޓެކްސީއެއްވެސް ނުލިބޭނެ…” ހަތެއް ޖެހިތަނާ ސިޓިންގރޫމްގައި މިޝާލްއާ މަޒްނާއާ އަނޫޝާ ކައިރީ އިނދެ ކާރެއް ލިބޭތޯ އެކި ޓެކްސީ ސެންޓަރުތަކަށް ގުޅަމުން ޝަމްހާ ބުނެލިއެވެ.

“އާނ، އަސްލުވެސް… ލަސް ވެގެން ގުޅައިފިއްޔާ ހަމަ ލާހިކެއް ނުވާނެ ކާރެއް ހޯދާކަށް” މަޒްނާވެސް ޝަމްހާއާ އެއްބަސް ވިއެވެ.

“މިޝާލް، ގޮސްދެވިދާނެތަ އަހަރެން ގެޔަށް ލައިދޭން؟” ދިހަ ވަރަކަށް މިނެޓް މަސައްކަތް ކޮށްފައި ކާމިޔާބު ނުވުމުން ޝަމްހާ މިޝާލްއާ ދިމާއަށް ބަލާލިއެވެ.

“އާނ، ހިނގާ” މިޝާލް ތެދުވަމުން ބުންޏެވެ.

ދެމީހުން ދިޔަތާ ފަސް ވަރަކަށް މިނެޓް ފަހުން މިޒްނާ ތައްޔާރު ވެގެން ނިކުތެވެ.

“ޝަމްހާ ދިޔައީތަ؟” މިޒްނާ އަހާލިއެވެ.

“އާނ، ދެންމެއަކު އެދިޔައީ، ކިހިނެއްވީ؟ ކަމަކުތަ؟” މަޒްނާ އެހިއެވެ.

“އުހުނ…” މިޒްނާ ބޯހަލުވާލިއެވެ.

“އަންނާނަން ފެން ވަރައިގެން” ސޯފާއިން ތެދުވަމުން އަނޫޝާ ބުންޏެވެ.

“ދޮންބެ ކޮބާ؟” މިޒްނާ އަހާލިއެވެ.

“ހިނގައްޖެ—”

“މަށަށް އެނގެޔޭ އެ ދޮންބެގަނޑު ނުހުންނާނެކަން! ވަރަށް ފޫހިވޭ، ކިށްތަ ވާނީ މިރޭ ބޭރަށް ނުދިޔަ ނަމަވެސް…” މަޒްނާ ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް މިޒްނާ ކުޑަ ކުއްޖެއް ބޮޑާހާކާ ފަދަ ގޮތަކަށް ބުނެލިއެވެ.

“ސާބަހޭ ބޭބީ! ދޮންބެ ދިޔައީ ޝަމްހާ ގެޔަށް ދާން ކާރެއް ނުލިބިގެން އޭނަ ގެޔަށް ލައިދޭން ވެގެން. އަންނާނެޔޭ އަދި، ކެތް ކޮށްބަލަ!” މަޒްނާ ދިމާކޮށްލިއެވެ.

“ޝަމްހާ ގެޔަށް ލައިދޭށޭ؟” މިޒްނާއަށް ކުއްލިއަކަށް އަހާލެވުނެވެ. ހަނދާންވީ މަހެއްހާ ދުވަސް ކުރިން މިޝާލް އަނޫޝާއަށް ކުރި އަނިޔާއެވެ. މިޒްނާ ގާތު އަނޫޝާ ދެއްކި ވާހަކައެވެ. މިއަދުވެސް އަނެއްކާ ޝަމްހާގެ ހިތުގައި އެފަދަ ރޭވުމެއް ނުވޭ ބާއެވެ.

“ސާބަސް! ދޮންބެ އަންނާނޭ… ތިހާ ވަރަށް ދެރަ ވާކަށް ނުވާނެ” މިޒްނާ ހުރި ގޮތުން މަޒްނާ ބުނެލިއެވެ.

މިޝާލްގެ ފަހަތުގައި ސައިކަލުގައި އިން އިރު ޝަމްހާ އިނީ މިޝާލް ގައިގައި ޖެހި ފިތިގެންނެވެ. އެކަމާ މިޝާލް ކަންބޮޑެއް ނުވެއެވެ. ފާޑަކަށް ހިނި އައިސްފައި އިނީ އެއީ އޭނައަށް އާކަމަކަށް ވެގެންނެއް ނޫނެވެ. އަނޫޝާއާ ކައިވެނި ކުރި ފަހުން ކުރިން އުޅުނުހެން އަންހެން ކުދިން ގޮވައިގެން ނޫޅުނަސް އޭގެ ކުރިން މިޝާލްގެ ސައިކަލު ފަހަތުގައި އަންހެން ކުއްޖަކު ނެތި މިޝާލްއެއް ނުފެންނާނެއެވެ. މިއަދު މިޝާލްއަށް ތަފާތު ކަމަކަށް ވީ އޭނައާ އެހާ ކައިރީގަ އިނީ އަނޫޝާގެ ދެބޭންގެ ދެދަރި ދައްތައަކަށް ވީކަމެވެ.

“ވެއްޓިދާނެތީ ބިރުންތަ ތިހާ ބާރަށް ހިފަހައްޓައިގެން އިތީނީ؟” ޝަމްހާ މިޝާލްގެ ބަނޑުގައި ހިފަހައްޓައިގެން އިން ގޮތުން މިޝާލް އެހިއެވެ.

“އާނ، އެހާ ބާރަށް ވިއްޔަ ތިދުއްވަނީ” ޝަމްހާ ބުނެލިއެވެ.

“ތިކަހަލަ ކުދިން ސައިކަލު ފަހަތަށް އަރުވައިގެން ބާރަށް ދުއްވީމައެއްނު މަޖާ ވާނީ؟” މިޝާލް އަދިވެސް ސްޕީޑް ބާރު ކޮށްލިއެވެ. ޝަމްހާ ހީލާފައި ކުރިއަށް ވުރެން ބާރަށް މިޝާލްގެ ގައިގައި ހިފެހެއްޓިއެވެ.

މިޒްނާއާ ޝިޔާޒްގެ ކައިވެނީ އެރޭ ކުރެވުނު ނަމަވެސް ޕާޓީ އޮތީ އަނެއް ދުވަހުގެ ރެއެވެ. ޕާޓީ ނިމެން ދެން ޝިޔާޒްމެންގޭ މީހުންނާ މިޒްނާމެންގޭ މީހުން ތިއްބެވެ. އެންމެންގެ ތެރޭގައި ދެއާއިލާގެ އެންމެން އެއްބަޔަކު އަނެއް ބަޔަކާ ސަކަރާތް ޖަހާ މަޖާ ކުރަމުން ދިޔައިރު ޝަމްހާއާ މިޝާލްގެ މެދުގައިވާ ގުޅުން މަޑުމަޑުން ބަދަލު ވަމުންދާ ކަމެއް އެކަކަށްވެސް ފާހަގައެއް ނުކުރެވެއެވެ. ޝަމްހާ މިޝާލްގެ ސަމާލުކަން ހޯދުމަށް ކުރަމުން ދިޔަ މަސައްކަތަށް ވިސްނަމުން ދިޔަ މިޝާލްއަށް އެރޭ އެޕާޓީގައި ޒިހާން އުޅޭކަންވެސް ފާހަގަ ނުކުރެވޭ ފަދައެވެ. އަނޫޝާ އެތާ އުޅޭކަން މިޝާލްއަށް ނުވެސް އެނގެއެވެ.

މިޝާލްއަށް ފެނިދާނެތީ އަނޫޝާ ޒިހާން ހުރި ދިމާއަކަށް ބަލާވެސް ނުލާ ވޭތޯ މަސައްކަތް ކުރިއެވެ. މިޒްނާވެސް ވީވަރަކުން ޒިހާންއާ އަނޫޝާ ބައްދަލު ނުވޭތޯ މަސައްކަތް ކުރީ އެންމެ ކައިރީގައި ހުރި ޝިޔާޒްއަށްވެސް ސިއްރުންނެވެ. މިޝާލް އަނޫޝާއަށް ކޮށްފާނެ އަނިޔާ އަކަށް ޓަކާ ޖެހިލުން ވާތީއެވެ. ކުރިން މިޒްނާ ހުރީ ޝަމްހާއާ ބެހޭ ގޮތުން ޝިޔާޒްއާ ވާހަކަ ދައްކާށެވެ. ނަމަވެސް ފަހުން ޝަމްހާގެ ފަރާތުން އެފަދަ ކަމެއް ފެނިފައި ނުވާތީ އެވާހަކަ ނުދެއްކީއެވެ. ޝަމްހާ އަޅާ ކޮންމެ ފިޔަވަޅަކަށް ފާރަލަމުން ދިޔަ މިޒްނާއަށް އިއްޔޭން ފެށިގެން ޝަމްހާ ކުޅެމުން ދާ ކުޅިގަނޑުގެ ޚަބަރެއް ނުވީ އަމިއްލަ ކައިވެނީގެ ސަބަބުން ހިތަށް ލިބިފައިވާ އުފަލެއްގެ ސަބަބުން ކަންނޭނގެއެވެ. އެހެން ނޫންނަމަ ޝަމްހާގެ ބޭނުން މިޒްނާއަށް ވިސްނުނީހެވެ. މިޒްނާ ހުރީ އަނޫޝާގެ އުފަލަށް ޓަކާ ޝިޔާޒް އެކޭ އެއްފަދައިން އޭނައަށް ކުރެވުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ.

ޕާޓީ ތެރޭގައި ޝަމްހާއާ މިޝާލް ވާހަކަ ނުދެއްކި ނަމަވެސް އެރޭގެ ނިމުން އައި އިރު އެދެމީހުންގެ ގުޅުން ވަނީ ބަދަލު ވެފައެވެ. އަނޫޝާއަކަށްވެސް އެކަމުގެ ހިލަމެއް ނުވެއެވެ. އެކަކުވެސް އެރޭ މިޝާލްއަކަށް ވެސް އަދި ޝަމްހާއަކަށްވެސް ސަމާލު ކަމެއް ނުދެއެވެ.

އަނެއް ދުވަހު މިޝާލް ހޭލީ ޝަމްހާގެ ފޯންކޯލެއް އައުމުންނެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް އެދުވަހު ހެނދުނު ދިހައެއް ޖެހިތަނާ މިޝާލް ފެންވަރައިގެން ތިރިއަށް ފޭބިއެވެ. ސައި ބޮއެގެން ބޭރަށް ދިޔައިރުވެސް އަނޫޝާއާ ވާހަކައެއް ނުދައްކައެވެ. ނަމަވެސް އެކަމާ އަނޫޝާ ހައިރާނެއް ނުވެއެވެ. އެއީ މިޝާލްގެ އާދައަކަށް ވާތީއެވެ.

އެންމެންނަށް ސިއްރުން މިޝާލްއާ ޝަމްހާ ބައްދަލުވުންތައް ބާއްވަން ފެށިއެވެ. މާލޭން ނޫނިއްޔާ ހުޅުމާލޭންނެވެ. އަދި ވިލިނގިލިންނެވެ. އެކަމުގެ އެއްވެސް ހަބަރެއް ނުވާ އަނޫޝާ ގޭގައި މިޝާލް ރުޅި ނާންނާނެ ގޮތަށް ކަންތައް ކުރެވޭތޯ އުޅެއެވެ.

އަނޫޝާއާ މިޝާލްގެ ކައިވެންޏަށް ހަތްމަސް ވީތަނާ މަޒްނާ ވިހެއެވެ. އެކަމާ ގޭތެރޭގެ މަސައްކަތާ ހެދި އަނޫޝާއަށް މިޝާލްއާ މެދު ވިސްނާލާނެ ފުރުސަތެއް ނުލިބި ދުވަސްތައް ފާއިތުވަމުން ދެއެވެ. ލަޔާލްއާ މަޒްނާގެ ދަރިފުޅު ރައްޔާން ބެލުމާ ގޭތެރޭގެ އެކި އެކި މަސައްކަތުގައި އުޅެމުން ދިޔަ އަނޫޝާއަށް މިޝާލްގެ އުޅުމަށް އަންނަމުން ދިޔަ ބަދަލު ފާހަގައެއް ނުކުރެވުނެވެ.

ކުރިން އަނޫޝާ ކުރާ ކަންތައްތަކާ މާބޮޑު އަޅާލުމެއް ނުބަހައްޓާ މިޝާލް ފަހުންފަހުން އައިސް އަނޫޝާ ކުރާ ކޮންމެ ކަމަކާ މެދު ހިތްހަމަ ނުޖެހި އެއްޗެހި ކިޔަން ފެށިއެވެ. އެކަނި ހުއްޓަސް އަދި މީހުންގެ ތެރޭ ހުއްޓަސް މިޝާލް ރުޅި އައިސްފި ނަމަ އެއްޗެހި ކިޔާ ހަޅޭ ލަވާކަށް ފަހެއް ނުޖެހެއެވެ. ކިތަންމެ ރުޅި އައި ނަމަވެސް މިޝާލް އަނޫޝާއަށް އަނިޔާއެއް ނުކުރެއެވެ. ނަސީރާގެ ބަސް ހަނދާން ހުރީ ކަންނޭނގެއެވެ. ނޫން ނަމަ އަނޫޝާގެ ކުށެއް ނެތް ކަން މިޝާލްއަށް އެނގޭތީ އެގޮތަށް އަނިޔާ ކުރަން ނުކެރެނީއެވެ.

އޭގެ އިތުރުން އެދެމީހުންގެ މެދުގައިވާ “ގާތްކަން” ދުވަހެއް ދުވަހަކަށް ދިޔައީ ދުރުވަމުންނެވެ. މިޝާލް އަނޫޝާއަށް ބޭނުންވާ ރޭރޭ ދިޔައީ މަދު ވަމުންނެވެ. ނަމަވެސް އެކަމާ އަނޫޝާގެ އެއްވެސް ޝަކުވާއެއް ނެތެވެ. މިޝާލްގެ ފަރާތުން އެގާތް ކަމެއް އަނޫޝާ ބޭނުމެއް ނޫނެވެ. އެފަދަ ރޭރޭ ބޭރު ފުށުން ފެންނަން ނުހުންނަ އެތައް އަނިޔާއެއް އަނޫޝާއަށް ލިބެއެވެ. އެފަދަ ގާތް ކަމަކަށް ވުރެން އެދުރުކަން އަނޫޝާއަށް މާ ރަނގަޅެވެ.

އެކަކަށްވެސް ފާހަގަ ނުކުރެވުނު ކަންތައް ފާހަގަ ކުރެވުނީ މިޒްނާއަށެވެ. ރައްޓެހި ކުއްޖެއްގެ ގެޔަށް ހަފްތާއަކު އެއްދުވަހު ކަހަލަ ގޮތަކަށް ހުންނަން ހުޅުމާލެއަށް ދާން ފެށި ޝަމްހާ ފަހުން ފަހުން އައިސް އޯވަރނައިޓަށް އެރަށުގައި މަޑުކުރަން ފެށުމުން އެކަމާ މިޒްނާ ހިތްހަމަ ނުޖެހުނީ ޝަމްހާ ސިއްރުން ކުރާ ކަންތައް އެނގިގެނެއް ނޫނެވެ. އަންހެން ކުއްޖަކު އެގޮތަށް އެކަނި އެހެން ރަށެއްގައި ރޭގަނޑު އެކީ ހޭދަ ކުރުމަށް ދާތީ އެކަމާ ހިތްހަމަ ނުޖެހުނީއެވެ. މިޒްނާ އެކަމާ ވާހަކަ ދެއްކީ ޝަރީފާއާއެވެ. ނަމަވެސް ޝަރީފާ މިޒްނާގެ އެވާހަކައަކަށް މާބޮޑު ސަމާލު ކަމެއް ނުދިނެވެ.

“އެއީ މިހާރު ކުޑަ ކުއްޖެއް ނޫނެއްނު؟ އޭނައަށްވެސް އެނގޭނެ ރަނގަޅު ގޮތާ ގޯސް ގޮތް… އަޅާނުލާބަލަ އެވަރުގެ ކަންކަމާ” މިޒްނާ އެވާހަކަ ދެއްކުމުން ޝަރީފާގެ ޖަވާބަކީ އެއީއެވެ.

އޭގެ ފަހުން މިޒްނާ އެވާހަކަ ޝަރީފާއަކާ ނުދައްކައެވެ. އެކަމާ ކަންބޮޑު ވާތީ މިޒްނާ އެވާހަކަ ޝިޔާޒްއާ ދައްކަން ބޭނުން ވިއެވެ. ނަމަވެސް އެވާހަކަ ދައްކާނެ ރަނގަޅު ފުރުސަތަކަށް އިންތިޒާރު ކޮށްގެން ހުރީ ޝަމްހާގެ ކަންތައް ހުންނަ ގޮތުން ޝިޔާޒް ހިތްހަމަ ނުޖެހޭ ވަރު މިޒްނާއަށް އެނގޭތީއެވެ.

ދެމީހުންގެ ކައިވެންޏަށް ފަހު ހަފްތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް މިޒްނާއާ ޝިޔާޒް ނަސީރާމެން ގެޔަށް ދެއެވެ. އެގޮތުން ހުކުރު ވިލޭރެއެކެވެ.

“ދޮންބޭ، މިޒޫ…” މިޒްނާއާ ޝިޔާޒް އައިތަން ފެނުމުން އަނޫޝާ ގޮވާލިއެވެ.

“ކޮބާ މަންމަ؟ ދޮންތަވެސް ނެތީތަ؟” ގޭތެރޭން އެކަކުވެސް ފެންނަން ނެތުމުން މިޒްނާ އަހާލިއެވެ.

“އާނ، މާމަ ނޫން އެކަކުވެސް ނެތް. މަންމައާ ބައްޕަ އެކީ ކޮންމެސް ރައްޓެއްސަކު ހައްޖަށް ދާތީ ބައްދަލު ކޮށްލަން ގޮސްވީ، ތުއްތައާ ދޮންތަވެސް ބާޒާރަށް ދިޔައީ” އަނޫޝާ މިޒްނާ ކައރީ އިށީންނަމުން މިޒްނާގެ ސުވާލަށް ޖަވާބު ދިނެވެ.

“ދޮންބެވެސް ނެތް؟” މިޒްނާ އަހާލިއެވެ.

“އާނ، ހުޅުމާލެއަށް ކަންނޭނގެ ދިޔައީ” އަނޫޝާ އެހެން ބުނުމާ އެކީ މިޒްނާގެ ހިތުގައި ސުވާލެއް އުފެދުނެވެ. ނަމަވެސް އެއްޗެއް ބުނުމުގެ ކުރިން އަނޫޝާ ކާން ހިނގާށޭ ބުންޏެވެ.

“އުހުނ، ނުކާނަން… އެކަމަކު އެއްޗެއް ބޯލަފާނަން، ދޯ ޝިޔާޒް؟” މިޒްނާ ބުންޏެވެ.

“އާނ، އަހަންނަށް ހެޔޮ. މިރޭ އަހަރެން އައި ކަމެއް އަނޫއަކަށް ނުވެސް އެނގޭ، މިޒޫ އެކަނި ވިއްޔަ ފެނުނީ، އެހެން ވީމަ ދެން މިޒޫ ބުނި ގޮތަކަށް ހަދާކަށްނު ޖެހޭނީ؟” ޝިޔާޒް ސަމާސާ ރާގަކަށް ޝަކުވާ ކޮށްލިއެވެ.

“ދެން ދޮންބޭ… ފެނުނޭ ދޮންބެވެސް. ކިހިނެއްތަ؟” އަނޫޝާ ހެމުން އަހާލިއެވެ.

“ރަނގަޅޭ…” ޝިޔާޒް ހީލަމުން ބުންޏެވެ.

“އަންނާނަން އިނގޭ އައިސް ކޮފީ ހަދައިގެން” އަނޫޝާ ތެދުވިއެވެ.

“ހިނގާ، އަހަރެންވެސް ދާނަން އަނޫއާ އެކީ. އަން، އިހަށް ޝިޔާޒް މީގެން ފޫހި ފިލުވާލާ އިނގޭ” މިޒްނާވެސް ތެދުވެފައި ޓީވީ ރިމޯޓް ޝިޔާޒް އަތަށް ދީފައި އަނޫޝާއާ އެކީ ބަދިގެއަށް ވަނެވެ.

“އަނޫވެސް ދޮންބެއާ އެކީ ހުޅުމާލެއަށް ދިޔަ ނަމައެއްނު؟” ބަދިގެއަށް ވަންނަމުން މިޒްނާ ބުންޏެވެ.

“ކީއްކުރަން؟ އޭނަ އެތާ އުޅޭނީ ރައްޓެހިންނާ އެކީ، އެތަނުގަ އަހަރެން ގޮސް ކީއްކުރާނީ؟” އަނޫޝާ އަހާލިއެވެ.

“އެހެން ދޯ ވީ! ވަރަށް ގިނައިން ދޮންބެ ދޭތަ؟” މިޒްނާ ގޮނޑިއެއްގައި އިށީނެވެ.

“އާނ، މިހާރު ވަރަށް ގިނައިން ދޭ. އާންމުކޮށްވެސް ދާނެ ހުކުރު ވިލޭރޭ” އަނޫޝާ މިޒްނާގެ ސުވާލަށް ޖަވާބު ދިނެވެ.

އަނޫޝާގެ އެޖަވާބާ އެކީ މިޒްނާގެ ޝައްކު ޔަގީނަށް ބަދަލު ވިއެވެ. އެހެން ވިއްޔާ ޝަމްހާ ކޮންމެ ހުކުރު ވިލޭރެއަކު ރައްޓެހި ކުއްޖެއްގެ ގެޔަށޭ ބުނެ ޝަރީފާ ގާތު ދޮގު ހަދާފައި އެދަނީ  މިޝާލްއާ އެކީއެވެ. މިޒްނާއަށް މިޝާލް ދެކެ ރުޅި އާދެވުނެވެ. އެހެން އުޅެން ބޭނުން ވިއިރު މިޝާލް އަނޫޝާއާ ކައިވެނި ކުރީ ކީއްކުރަން ހެއްޔެވެ. ޒިހާންއާ އަނޫޝާގެ މެދަށް ވަދެ އެދެމީހުން ދުރު ކުރީ މިޝާލް ހެއްޔެވެ. އޭރުން ފެށިގެން މިޝާލްގެ ބޭނުމަކީ ކޮންމެ ހާލެއްގައި ވިޔަސް އަނޫޝާ ހާސިލް ކުރުން ހެއްޔެވެ.

ޝަމްހާ ދެކެވެސް މިޒްނާ ރުޅި އައެވެ. ހިތާހިތުން ޝަމްހާއާ ދިމާއަށްވެސް އެއްޗެހި ކިޔުނެވެ. އަނޫޝާ ޒިހާންއާ އެކީ އުޅުނު އިރު ޝަމްހާ އުޅުނީ ޒިހާންގެ ފަހަތުންނެވެ. އޭގެ ފަހުން އަނޫޝާ މިޝާލްއާ ކައިވެނި ކުރުމުން މިހާރު އެއުޅެނީ މިޝާލްގެ ފަހަތުންނެވެ. އެދެމީހުންގެ ބޭނުމަކީ ކޮބާ ހެއްޔެވެ. އަނޫޝާގެ ކޮންމެ އުފަލަކަށް ހުރަސް އަޅަން އެދެމީހުން އެކުރާ މަސައްކަތުގެ ބޭނުމަކީ ކޮބާ ހެއްޔެވެ.

ޝަރީފާއަށް ޝަމްހާ އެއުޅޭ ގޮތް ހަމަ ނޭނގެނީ ބާއެވެ. މިޒްނާ އެވާހަކަ ދެއްކުމުންވެސް ޝަމްހާ ހުއްޓުވަން މަސައްކަތް ނުކޮށް، އެއުމުރުގެ އަންހެން ކުއްޖަކު އެގޮތަށް އެކަނި ރައްޓެހި ކުއްޖެއް ކައިރީ ވިޔަސް އެހެން ރަށެއްގައި ހުންނަން ހުއްދަ ދެނީ އެހާ ވަރުގެ އިތުބާރެއް ޝަރީފާއަށް ޝަމްހާއާ މެދު އޮތީ ހެއްޔެވެ. އެވެސް މަންމައިން ދަރިންނަށް ޓަކާ ކުރަން ޖެހޭ ކަމެއް ހެއްޔެވެ. އިތުބާރު ކުރަމޭ ބުނެ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ.

“މިޒޫ…؟” މިޒްނާގެ މޫނާ ދިމާލުން ދެފަރާތަށް އަތް ހަލުވާލަމުން އަނޫޝާ ގޮވާލިއެވެ.

މިޒްނާ ސިހިފައި އަނޫޝާއާ ދިމާއަށް ބަލާލިއެވެ.

“ކޮން ކަމަކަށް ގެއްލިފަ ތީނީ؟ ދޮންބެއާ ދެމީހުން ހުޅުމާލޭގަ ބުރެއް ޖަހާލަނީތަ؟” ހިނި އައިސްފައި އަނޫޝާ އަހާލިއެވެ.

“އާނ، ތީ އަސްލު ރަނގަޅު ހިޔާލެއް” މިޒްނާ ހީލަމުން ބުންޏެވެ. މިޒްނާއަށް ހީވި ހީވުމާ މެދު އަނޫޝާ ގާތު އެއްވެސް އެއްޗެއް އަދި ނުބުނަން މިޒްނާ ނިންމިއެވެ. މިޒްނާ ބޭނުންވީ ފުރަތަމަ އެވާހަކަ ޝިޔާޒް ކައިރީގައި ދައްކާށެވެ.

 

“މިޝާލް، މިހެން އުޅެނިކޮށް ލަނޑެއް ލިބިދާނެ” މިޝާލް ކައިރީ އޮށޯވެލައިގެން އޮތް ޝަމްހާ ބުންޏެވެ.

“ތިކަހަލަ ވާހަކަ ނުދައްކަބަލަ” އެއީ މިޝާލް ދައްކަން ބޭނުން ވާހަކައެއް ނޫނެވެ.

“މިޝާލް އެހެން ހިތަކަށް ނާރާތަ؟” ޝަމްހާ އަނެއްކާވެސް ދެއްކީ އެވާހަކައެވެ.

“އެހެން ހިތަށް އަރާއިރު ކީއްވެތަ ޝަމް ދެކޮޅު ނަހަދަނީ؟ ތިހެން ހަމަ އެކަނި ބުނެލިޔަކަސް ސޭފްއެއް ނުވާނެ” މިޝާލް ބުންޏެވެ.

“މިޝާލް ބުނެބަލަ، އަނޫއަށް އެނގިއްޖެއްޔާ ކިހިނެއް ހަދާނީ؟” ޝަމްހާ ތެދުވެ މިޝާލްގެ މޫނަށް ބަލާލަމުން އަހާލިއެވެ.

“އެދުވަހަކުން އެނގޭނީ ހަދާނެ ގޮތެއް، މިހާރު ކީއްކުރަން އެކަމާ ވިސްނަންވީ؟ ޝަމް ބުނެބަލަ، ޝިޔާޒްއަށާ ޝަމްގެ މަންމައަށް އެނގިއްޖެއްޔާ ޝަމް ކިހިނެއް ހަދާނީ؟” މިޝާލްވެސް ސވާލެއް ކޮށްލިއެވެ.

“ނޭނގެއެއްނު އަދި އެކަކަށްވެސް؟ މިޝާލް ތިބުނިހެން އެނގުނު ދުވަހަކުން އެކަމާ ވިސްނާނީ” ޝަމްހާވެސް އެކަމާ ވިސްނަން ބޭނުން ނުވާ ކަހަލައެވެ.

ނަމަވެސް ހަގީގަތަކީ މިޝާލް ގާތު އެހެން ބުނި ކަމުގައި ވިޔަސް އެކަމާ ޝަމްހާ ވިސްނައެވެ. ގޭމީހުންނަށް އެނގުނު ދުވަހަކުން އެކަމާ ޝަރީފާވެސް ރުޅި އަންނާނެއެވެ. ޝިޔާޒްއަށް އެނގުމުން ހަދާނެ ގޮތެއްވެސް ޝަމްހާއަކަށް ނޭނގެއެވެ.

“މިރޭވެސް މިކޮޅުގަތަ؟” ޝަމްހާ މިޝާލް ގައިގައި ބައްދާލަމުން އަހާލިއެވެ.

“ކިހިނެއްވީ؟ ދާންވީތަ؟” މިޝާލް އެހިއެވެ.

“ނޫނޭ.. މިހާރު ކޮންމެ ރެއަކު މަޑު ކުރާތީ މަންމަ ސުވާލުވެސް ކުރޭ، އެހެންވެ…” ޝަމްހާ ބުންޏެވެ.

“ޝަމް ހާދަ ބިރެއް ގަނެޔޭ ދޯ!” ލުއި ހުނުމަކާ އެކު މިޝާލް ދިމާ ކޮށްލިއެވެ.

“ދެން ބިރު ގަންނަނީކީ ނޫނޭ… އެކަމަކު…” ޝަމްހާ ބުނަން އުޅުނު އެއްޗެއް ހުއްޓުވީ މިޝާލްއެވެ.

“ދެން އެހެން ވިއްޔާ ބޭކާރު ވާހަކަ ދައްކައިގެން ކީއްކުރަން ވަގުތު ދުއްވާލަން ތިއުޅެނީ؟” މިޝާލް އެހިއެވެ.

“ދެން ކީއްކުރަންވީ؟” ޝަމްހާ އަހާލިއެވެ.

މިޝާލް ހީގެންފައި ހަދަންވީ ގޮތް ބުނެދިނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ 2 ވަނަ ބައި

Next

މަންޝާ (ފަސްވަނަ ބައި)

Next
April 4, 2016

މަންޝާ (ފަސްވަނަ ބައި)

Previews
April 3, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 2 ވަނަ ބައި

10 Comments!

  1. Ki says:
    April 3, 2016 at 6:40 pm

    V rythi avaha up kurachey

  2. Aimsithu says:
    April 3, 2016 at 7:20 pm

    Varah avahah aneh bai up kohlachey ingye

  3. aff says:
    April 3, 2016 at 7:23 pm

    story hama habeys .. chiiii .. that bloody mishal and shamha haadha gothehvex nethey dhw ..

  4. sss says:
    April 3, 2016 at 7:31 pm

    V v reethi mi bai ves…Alhe daily koh up kohdhehchey… plxxxx..

  5. Zaanaa says:
    April 3, 2016 at 7:45 pm

    Keevetha mehaaru up nukuranee gavaidun vvvvvbv reethi me part ves

  6. naa says:
    April 3, 2016 at 7:59 pm

    Haadha lahey up kuraa leh

  7. Faathun says:
    April 3, 2016 at 8:18 pm

    Haha. Salhi.. dhen e shamha aa mishal aa gulhuwaaba.. eyrah shamha ah fennaani eyge hithi raha.. dhen anu aa zihaan aa gulhuwaa.. eyrah hama perfect..

  8. Mar Sha Marsha says:
    April 3, 2016 at 8:59 pm

    Thnx all… Marsha bunymehnu fri and sat noon konme dhuvahaku story up kuraanamey… ehen mi hadhany… so thursday ga part 10.. n today, sunday ga part 11.. dho?? Next part tomorrow evening ga ingey… thnx again.. ☺☺☺

  9. noo says:
    April 3, 2016 at 10:14 pm

    Saaabahey dhariyaaa thithi beni vaahaka liyan dhanna kudhin haadha haadha salhiye.. Marsha aki fisaari anheneh…vvv salhi

  10. Luyoona says:
    April 4, 2016 at 1:38 pm

    haadha kurey but nice

Comments are closed.


All Right Reserved!