Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 43

Listen to this story Audio · 6:10 Powered by Esfiya Voice
0:00 6:10

އަނެއްކާވެސް އެޒިކިއެލްއަށް ރޮވުނެވެ. އެއަޑުގައިވީ ވޭން އިވި އެލާރާގެ ހަށިގަނޑުގައި ހީބިހި ނަގައިގަތެވެ. އެޒިކިއެލް ގާތުގައި އިން ޔައުލާންއަށްވެސް ވީ ހަމަ އެވަރެވެ. “އެއްލޫ… އަހަރެންވެސް… އެލާދެކެ ހަމަ ތިހާ ލޯބިވޭ…” މަޑުމަޑުން ޔައުލާން ބުނެލި އިރު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނާގެ ކޯތާފަތުގައި ފިރުމާލާފައި ވެއްޓުނެވެ.

(46 ވަނަ ބައި)

ފަތިހުގެ ފިނި ފިނި ވަގުތެވެ. ތުނި ތުނިކޮށް ވާރޭ ވެހެމުން ދާތީވެ، އެވަގުތު ފިނިކަން ވަކިން ގަދަހެންވެސް ހީވެޔެވެ. އެ އަރާމު ވަގުތުގައި ރަށު އެންމެން ތިބީ ނިދާފައެވެ. މިކްޔާ ފިޔަވައެވެ. އޭނާއަށް ހަމަ ވިސްނެނީއެވެ. އެވަރުގެ ބޮޑު ކަމެއް ވެގެން ދިޔަ ސަބަބު އަދިވެސް ފުލުހުންނަކަށް އެނގިފައެއް ނުވެޔެވެ. ކޮންމެ ކަމެއް ވެގެން ނަމަވެސް، އޭނާއަށް ގެއްލިގެން އެދިޔައީ ލޯބިވާ މަންމައާއި ބައްޕައެވެ. އެއީ ކިތަންމެ ބޭނުން ވިޔަސް، އަނބުރާ ލިބޭނެ ބައެއް ނޫނެވެ.

“ޓޮއް ޓޮއް”

ދޮރުގައި ޓަކި ދިން އަޑަށް މިކްޔާ ދެލޯ ފުހެލިއެވެ. ނަމަވެސް ދޮރުހުޅުވަން ދިޔުމުގެ ޙިޔާލެއް އޭނާގެ ނެތެވެ. އެހާ ވަރު ނެތީއެވެ. އިއްޔެ ހަތަރު ދަމު އެދިޔައީވެސް އެއްވެސް އެއްޗެއް ނުކައެވެ.

ހިނދުކޮޅެއް ފަހުން ތަޅުދަނޑި ފައްޗެއްގެ އަޑު އިވެން ފެށިއެވެ. މިކްޔާގެ ހުރިހާ ސަމާލު ކަމެއް ދޮރަށް ހުއްޓުނީ އެހެން ވެގެންނެވެ. އިރުކޮޅަކު ގުޑާވެސް ނުލާ ދޮރާއި ދިމާލަށް ބަލަން އޭނާ އޮތެވެ. ދޮރު ހުޅުވާލާފައި ވައިން އެޒިކިއެލް ފެނި މިކްޔާގެ ހިތަށް ހަމަ ޖެހުން ލިބުނެވެ.

“އެއްލޫ…” ކޮޓަރިއަށް ވައިން އެޒިކިއެލް ފެނި ދުވެފައި ގޮސް އޭނާގެ ހަށިގަނޑުގައި މިކްޔާ އޮޅުލައިގަތެވެ. “އެއްލޫ… މިކީ…” މިކްޔާ އަޑުން އަޑު ނަގާ ރޯން ފެށިއެވެ. ހިތައް އިތުރަށް ކެތް ނުވީއެވެ. މިކްޔާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ދިޔައީ އެޒިކިއެލް ލައިގެން ހުރި ގަމީސް ތެންނަމުންނެވެ. މިކްޔާގެ އުނަގަނޑުގައި އަތް ވަށާލަމުން މަޑުމަޑުން މިކްޔާގެ ބޮލުގައި އެޒިކިއެލް ތުން ޖައްސާލިއެވެ.

“މިކީ…” އެޒިކިއެލްގެ އަޑު ވެސް ކުރެހުނެވެ. ނޭފަތް ދަމާލަމުން މިކްޔާގެ އަތުގައި ހިފާ ގެންގޮސް ދެމީހުން އެކުގައި ސޯފާގައި އިށީނެވެ. “އެއްލޫ…” ނޭފަތް ދަމާލަމުން މިކްޔާ ވާހަކަ ދައްކަން ފެށިއެވެ. “އެއްލޫ… މަންމަމެންގެ ހަށިގަނޑު އޮތީ ކަޅުވެފަ… މޫނެއްވެސް ނޭނގެ. މިކީއަކަށް ނުވެސް ނިދުން… ލޯ މަރާލިޔަސް ފެންނަނީ މަންމަމެން އޮތް ހާލު… ހާދަ ވޭންދެނިވި މަރެކޭ އެއީ…”

އެޒިކިއެލްއަށް ތުންފިއްތާލެވުނެވެ. މިކްޔާ ވާނެ ދެރަ އޭނާއަށް އިހުސާސްވެސް ނުކޮށްލެވޭނެއެވެ. “ހުއްޓާލާ…” އެޒިކިއެލްއަށް ބުނެވުނީ ހަމަ އެކަނި އެހެންނެވެ. “ހިތައް އަރާ… މިކީއަށް އެ އަޑު އިވިގެން ނުހޭލެވުން ނަމައޭ… އޭރަށް މަންމަމެނާއި އެކު މިކީވެސް ދިޔައީ ހެއްނުން؟ މިކީދެކެ ލޯބިވާ އެކަކުވެސް ދެން ނެތް…” މިކްޔާ ބުނެލި ޖުމްލައާއި އެކު އެޒިކިއެލްގެ މޭ ފިތޭ ކަހަލަ އިހުސާސެއް ކުރެވުނެވެ.

“ނޫން. ތިހެން ނުބުނޭ… މިކީދެކެ ލޯބިވާ މީހުން އެބަ ތިއްބޭ… މިކީގެ ދޮންބެވެސް… … އެއްލު ވެސް…” އެޒިކިއެލް ބުނެލި ޖުމްލައާއި އެކު މިކްޔާ ދެލޯ ބޮޑުވެފައި އެޒިކިއެލްއާއި ދިމާލަށް ބަލައިލިއެވެ.

“މިކީ… މިއަދު އެއްލުއަށް އެނގިއްޖެ މިކީދެކެ ލޯބިވަނީ ކިހާ ވަރަކަށްކަން. ހަގީގަތުގައިވެސް… ބޮޑު ކަމެއް ވީމަ މި އެނގެނީ އަނެކާއަށްޓަކައި ހިތުގާ ވާ ލޯބި…” އެޒިކިއެލްގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އެވާހަކަތައް އިވި ކަރުނައިގެ ތެރެއިން ވެސް މިކްޔާއަށް ހީލެވުނެވެ. އެޒިކިއެލްގެ ކަނދުރާގައި އަތް އަޅުވާލަމުން މިކްޔާ ވަރަށް ލޯބިން ބައްދާލިއެވެ. “މިކީވެސް… ވަރަށް ލޯބިވޭ…” މިކްޔާ ނޭފަތް ދަމާލަމުން ބުނެލިއެވެ.

އެ ފިނިފިނި ވަގުތުގައި ނުނިދިފައި ތިބި މީހުންގެ ތެރޭގައި މީކައިލްވެސް ހިމެނުނެވެ. މީކައިލް އޮތީ ވިޝާހާއަށް ގުޅައިގެންނެވެ. “ވިޝާ… އަހަރެން ދެން ކިހިނެތް އުޅޭނީ؟ މިކަމުން ކިހިނެތް އަރައިގަންނާނީ…؟ އަދިވެސް އެމަންޒަރު ފެންނަ ކަހަލަ…” މީކައިލްއަށް އަނެއްކާވެސް ރޮވުނެވެ. އޭރުވެސް އޭނާއަށް ސިފަވަމުން ދިޔައީ އެ ބިރުވެރި ހާދިސާއެވެ…

***

ޑިއުޓީ ނިންމާފައި ހަސްފަތާލުން ނިކުން މީކައިލް ނިކުތީ އަނގައިން މަޑު ރާގެއް ލައްވަމުންނެވެ. ސައިކަލަށް އެރުންހެން ހީނުވަނީސް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ މިރުޝާލް ކަމުން މީކައިލް އަވަހަށް ފޯނު ނެގިއެވެ. “ކީކޭ ޕޮޕްސްސް” މީކައިލް ވާހަކަ ދެއްކީ ހަމަ އާންމުކޮށް ވާހަކަ ދައްކާހެން ލާނެތް ގޮތަކަށެވެ.

“ދަރިފުޅާ. އަވަހަށް އާދެބަލަ ގެއަށް. ގޭގަ މިއޮތީ އަލިފާން ރޯވެފަ. މިކީއާއި މަންމަ ހުރީ އެތެރޭގަ” މިރުޝާލް ބުނެލި ޖުމްލައާއި އެކު އަވަސް އަވަހަށް ފޯނު ބާއްވާފައި މީކައިލް ސައިކަލު ދުއްވާލިއެވެ. އޭގެ ކުރިން އޭނާ ފުލުހުންނައްވެސް ގުޅިއެވެ. އޭނާއަށް ސައިކަލު ދުއްވުނީވެސް ލިމިޓައްވުރެ މާ ބޮޑަށްވެސް ބާރަށެވެ. ނަމަވެސް އެކަމަށް ވިސްނާ ވަރަށްވުރެ އޭނާ ހުރީ ހިތް އަވަސް ވެފައެވެ.

ގެއާއި ހަމައަށް ދެވުން އިރު ކަމަކު ދާކަށް ނެތެވެ. ހިނދަކައް ވުރެ ހިނދެއް އެ އަލިފާން ގަނޑު ދިޔައީ ބޮޑު ވަމުންނެވެ. އަނގަ މަތީގައި އަތް އަޅަމުން މީކައިލް ދޮރާށިން އެތެރެއަށް ވަނެވެ. ފުރަތަމަވެސް އޭނާއަށް ފެނުނީ ސަފިއްޔާގެ އަތުގައި ހިފައިގެން ގެއިން ނިކުމެ ނިކުމެ ހުރި މިރުޝާލްއެވެ.

އެމަންޒަރު ފެނި ހަމަ ނޭވާ ލެވުން މީކައިލް ސިހުނީ އިވުނު ބާރު އަޑު ފައްގަނޑުންނެވެ. ވަގުތުން އޭނާ ދިޔައީ މާ ދުރައް ވިއްސައިގެންނެވެ. އަތަށާއި ބޮލަށް ވީ ތަދައް ވިސްނަންވެސް ނުހުރެ އަލުން ގެއާއި ދިމާލަށް ދިޔުމުން ފެނުނީ އަލިފާން ރޯވެފައި ތިބި އޭނާގެ މަންމައާއި ބައްޕައެވެ.

“މަންމާ! ބައްޕާ!” މީކައިލް އުޅުނީ އެތެރެއަށް ވަންނާށެވެ. “ނޫން. ދަރިފުޅާ. ނުވަންނާތި…” ވަމުން ދިޔަ ހޫނަށް ކެތްކުރަމުން މިރުޝާލް ވާހަކަ ދައްކަން ފެށިއެވެ. އޭނާ ވަންނާނެކަން މިރުޝާލްއަށް އެނގުނީތާއެވެ.

“ނިކުމޭ ދަރިފުޅާ. މިކީ ހޯދާ. މިކީ ބަލާތި. މަންމަވެސް ބައްޕަވެސް ވަރަށް ލޯބިވޭ ދަރިފުޅުމެންދެކެ…” މަޑުމަޑުން މިރުޝާލްގެ އަޑު މަޑުވާން ފެށިއެވެ. ފިހުނަސް ހެޔޮކަމަށް ބަލާ މީކައިލް އުޅުުނީ ވަންނާށެވެ. ނަމަވެސް އެކަން ހުއްޓުވީ އެވަގުތު އެތަނަށް އައި ފުލުހުންނެވެ…

***

(ނުނިމޭ)

ސާޅީސްހަތްވަނަބައިގެ ތެރެއިން:

“މިއޮތީ އެގޭގައި ރޯވި ސަބަބު” އެލާރާ ދައްކާލީ ކުޑަ ކުޑަ ރަބަރު ޕެކެޓެކެވެ. އެއޮށް ކުޑަކުޑަ އެތި ފެނިފައިވެސް ޔައުލާންއާއި އެޒިކިއެލް ދިޔައީ އެލިގެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Sheex

    V reethi MA
    adhi v bodah rovijje
    Firihenaku roaii hama v bodu varuvegen
    I’m so happy for miky and ellu
    Congratulations 🎊 sheex ge faraathun
    What a “rabaru packet” ekey
    Is it “DRUNGS” ?
    IM SO CURIOUS
    CW4THENEXTP
    TC

    1. shihaamaa ali
      Sheex

      Jazaakallah khairan Sheex🩶
      Asluvess dhww i feel so sad too…
      Yesss.. haha neynge dhw lets see dhww..
      In sha allah next tmrw
      Tc

  2. Mrs.Blackyy

    Heyy…Shiherr..💗💗
    IA, Weekend ga I’ll read & Give you a feedback..💗😇

    1. shihaamaa ali
      Mrs.Blackyy

      Labba☺️☺️

Comments are closed.