ނޭދެން ވަކިވާކަށް – 6 ވަނަ ބައި
ޔޫލީ އިނީ ސްޓަޑީގައި ވާހަކައެއް ކިޔާށެވެ. ސްޓަޑީ އަކީ އެގޭގައި ސިޓިންރޫމް ތެރެއިން ވަދެވޭ ގޮތަށް ހާދާފާވާ ބޮޑު ތަނެކެވެ. އެ ތަން ފަރުމާ ކޮށްފާވަނީ އޮފީސް މަސައްކަތް ކޮށްލާ ފޮތް ކިޔާލެވޭ ގޮތަށެވެ. އެކި ކަހަލަ ފޮތް އެތާވެއެވެ. ލައިބްރަރީ އެކޭ އެއްގޮތެވެ. ޔޫލީ ނިކުމެގެން މާބޮޑު ސަމާލުކަމެއް ސިޓިންރޫމްއަށް ނުދީ ބަދިގެއާއި ދިމާއަށް ހިގައިގަތެވެ.
‘ މަންމަ ވެސް ޝިޔާނާއްތަ ކައިރިއަށް މިރޭ ދާންވެއްޖެ. ޑޭޑް ވެސް އެހާ ގިނަ މެއިޑް އިން ގޭގަ އުޅޭއިރުވެސް މެއިޑް އެއްކައިރި ނުބުނާނެ މީހަކު އައިއްސިއްޔާ ޖޫސް ތައްޓެއް ހަދަންވެސް. ނޭންގެ ދެން ކާކު ކަމެއްވެސް މިރޭ ގެނެސްގެން އެ އެޅެނީ. ދެން މީހަކު އަޔަސް ޖޫސް ބޯންދޭންޖެހޭތަ؟’ ޔޫލީ ޖޫސްތަށި ހަދަމުން ދިޔައީ ކުދި ކިޔަމުންނެވެ.
ޖޫސްތަށި ހިފައިން ސިޓިންރޫމްއަށް ނިކުތް އިރުވެސް ޔޫލީ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމާއި ފޫހި ކަމުގެ އަސަރުތަކެވެ. އޭނާގެ ސަމާލުކަން ދެވިފާވަނީ ޖޫސްތައްޓަށެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ޖޫސްތަށި ބަންދުން ވިޔަ ނުދިމުމަށެވެ. އެހެންކަމުން އަދިވެސް ޔޫލީގެ ލޮލުގައި މާން އަޅައި ނުގަނެއެވެ. ނަމަވެސް މާން އިނީ ސީދާ ޔޫލީ އަށް ބަލާށެވެ. އެއްމިޔަކަނުން ހީލާގެން އޭނާ އިނީ ޔޫލީ އުޅޭ ހާލުންނެވެ. ‘އެއީ ހަމަ އެ ކުއްޖާއެވެ. މި ކުއްޖާއަކީ މުއްސަދި ދިރިއުޅުމުގެ ސަބަބުން ހަލާކުވެފާވާ ކުއްޖެވެ.’ އޭނާގެ ހިތަށް އެހެން އެރުމާއެކު އޭނާގެ ތުންފަތުގައިވާ ހިނިތުންވުން ފިލާ ގޮސްފިއެވެ. ޔޫލީ އެމީހުނާއި އަރާ ހަމަވުމުން އަތުގެ އިޝާރާތުން ޖޫސްތަށި މާން އަށް ދިނުމަށް ނާއިލް ބުންޏެވެ. ޔޫލީ ޖޫސްތަށި މާންއަށް ދިއްކޮށްލަމުން ހިނިތުންވެލިއެވެ. މާން ޖޫސްތަށިގައި ހިފާލަމުން އިސް އުފުލާލާ ޔޫލީގެ ލޮލަށް ނަޒަރު ސީދާ ކޮށްލިއެވެ. ޔޫލީއަށް ލިބުނު ހައިރާންކަމުގެ ސަބަބުން މާންގެ މޫނަށް ބަލަހައްޓައިން ކުޑަ ވަގުތު ކޮޅަކު ހުރެވުނެވެ.
“ޝުކުރިއްޔާ” މާން މިހެން ބުނެލި އަޑަށް ޔޫލީ އަވަސް އަވަހަށް މާން އާއި ދުރަށް ޖެހިލާ އެތެރެއަށް ވަންނަން ހިނގާގަތެވެ.
“ދަރިފުޅާ ޔޫލީ ފެންތައްޓެއް ގެނެސްދޭތީ” ދާން ހިގައިގަތް ޔޫލީ އަށް ނާއިލްގެ އަޑު އިވުނެވެ.
ލައިގެންހުރި ކުރު ސޯޓު ކޮޅުން ފޫކޮޅު ނިވާވީ ނަމަވެސް އޭނާގެ ހިމަ ދޮން ފައި ވަނީ ހާމައަށެވެ. ގަޔަށްބާރު އަތްކުރު ރަތް ޓީޝާޓެއްގައި ހުރި އިރު އޭނާގެ ގައިގެ ބައްޓަން ރީއްޗަށް އެނގެއެވެ. މޫނުގައި މޭކަޕްގެ އެއްވެސް ފަރުދާއެއްނެތުމުން ގުދުރަތުން އޭނާއަށްލިބިފައިވާ ރީތިކަން ހާމަވެއެވެ.
‘ކޮންފަދަ އިއްތިފާގެއް ހެއްޔެވެ؟ އެ ކުއްޖާއާއި މިހެން ބައްދަލުވާނެ ކަމަކަށް ހިތައްވެސް ނާރައެވެ. ދޮން އޮމާން މޫނުގައި މޭކަޕްގެ ކުލައެއްނެތެވެ. އެއީ އިންތިހާއަށް ރީތި ކުއްޖެކެވެ. ނަމަވެސް ރީތި އަދާތަކެއްނެތެވެ. އެހެންކަމަށްވިޔަސް އަހަރެންނަށް އެ ކުއްޖާ ފެނުމުން ހިތްހަމަ ޖެހުން މި ލިބެނީ ކީއްވެ ހެއްޔެވެ. އަހަންނަކީ އެ އުޅުމާ ގަޔާވާ މީހެއްނޫނެވެ. އޭނާގެ ހެދުންއެޅުމުގައި ހުރި އިސްލާމްދީނުގެ ރީތި އަދާތަކާއި ހިލާފު ގޮތްގަޑުން އަހަރެން އޭނާއަށް ނަފްރަތްކުރަން ބޭނުމެވެ. ނަމަވެސް އަހަރެން އޭނާ ހަމަމަގަށް އަޅުވަން ބޭނުންމިވަނީ ކީއްވެ ހެއްޔެވެ؟ އޭނާ ކޮންމެގޮތަކަށް އުޅުނަސް އަހަރެންނަށް ކޮންކަމެއް ހެއްޔެވެ.’
“ހޮޓެލް ޕްރޮޖެކްޓަށް ކުޅުދުއްފުއްޓަށް ދެވޭ ގޮތްވިތޯ؟………….މާން” މާންގެ ޖަވާބެއް ނުލިބުމުން ނާއިލް މާން އަށް ގޮވާލިއެވެ. “ކީކޭތޯ” ސިހިފާ މާން ބުނެލިއެވެ. ހިޔާލުތަކުގައި ސިކުޑިވުމުގެ ސަބަބުން މާންއަށް ނާއިލް ބުނި އެއްޗެއް ނޭންގުނީއެވެ. ނާއިލް ސުވާލު ތަކުރާރު ކޮށްލިއެވެ.
“އާދެ.. ނާއިލްއާއިއެކު ދާނަން”
ފެންތަށި ހިފައިގެން އައި ޔޫލީއަށް މާންގެ މި ޖުމްލަ ރީއްޗަށް އަޑު އިވުނުވެ. އެ އަޑަށް އޭނާގެ ހިތްތެޅިލިއެވެ. ހިނިތުންވެލަމުން ޔޫލީ މާންއަށް ތަށި ދިއްކޮށްލިއެވެ. އިތުރަށް މަޑުކުރުމެއްނެތި ޔޫލީ ވަނީ ސްޓަޑީ އަށެވެ.
ޔޫލީގެ ސިކުޑީގައި އެބުރެމުން ދިޔައީ މާން ބުނެލި ޖުމްލައެވެ. ރާއްޖެތެރެއަށް ދަތުރު ރޭވިފާވުމުން އޭނާ ފޫހިވެފާވީ ނަމަވެސް މާން އެ ދަތުރުގައި ބައިވެރި ވެދާނެ ކަމުގެ އުއްމީދެއް އޭނާގެ ހިތުގައި އުފެދިފާވުމުން އޭނާއަށް ވަނީ ބުނެދޭން ނޭންގޭ ހިތްހަމަޖެހުމެއް ލިބިފައެވެ.
**************
ޔޫލީގެ ހިތިގައިވި އުއްމީދުގެ ހުޅުކޮޅު ފަޑުވާންފެށީ ދަތުރުގެ ނިމުމާ ގާތްވި އިރުވެސް މާން ނުފެނުމުންނެވެ. އޭނާ ހީކޮށްގެން ހުރީ ހުޅުލޭ އެއަރޕޯޓުން ނުފެނުނު ކަމުގައި ވިޔަސް ފްލައިޓުން ފެންނާނެ ކަމަށެވެ.
” މާން ބޮސް މެހެމާނުންތޯ؟” ކުޅުދުއްފުށީ އެއަރޕޯޓުން ނުކުމެވުމާއެކު ބޭރު މީހެއް ނާއިލް އާއި ގާތްވެލާ އަހާލިއެވެ. ނާއިލް އެއްބަސްވުމަށް ބޯ ޖަހާލިއެވެ. ބޭރުމީހާ ރަތް ކުލައިގެ ކާރަކަށް އިޝާރާތް ކޮށްލާ އެރުމަށް ބުނުމަށްފަހި ދަބަސް ތަކާއި ހަވާލްވެއްޖެއެވެ.
“ދުރުވަނީ، ދުރުވަނީ … މެޑަމް އެންޑް ބޮސް ތިބެނީ އިންތިޒާރު” ކޮށި ގޮތަކަށް އެ ބޭރުމީހާ ވާހަކަދެއްކިއެވެ.
ނަމަވެސް އެ ބޭރު މީހާގެ ވާހަކައިން ޔޫލީގެ ހިތުގައި ސުވާލް އުފެދުނުވެ. އެ މީހާ ބޮސްއޭ ކުރިން ބުނީ މާން އާއި މުހާތަބުކޮށެވެ. ފަހުން އޭނާ އެ ބުނީ މެޑަމް އާއި ބޮސް އިންތިޒާރުގަ ތިބި ކަމަށެވެ. އެހެންކަމުން އެ ބުނާ މެޑަމް އަކީ ކާކުބާވައެވެ. މާން ހުރީ އެމީހުންގެ އިންތިޒާރުގައި ބާވައެވެ.
**************
ކާރު މަޑުކޮށްލީ ޒަމާނީ ފެންވަރަށް ހަދާފައިވާ ރީތި ގެއެއްގެ ކުރިމައްޗަށެވެ. އެގެ އަޅާފައިވާ ވަރަށް ބޮޑު ގޯއްޗެއްގައެވެ. އެގެއާއި ވިދިގެން އެއްވެސް އިތުރު ގެއެއްނެތެވެ. ކާރު މަޑުކޮށްލުމާއެކު ރަން ކުލައިން ޖަރީ ކޮށްފައިވާ ބޮޑު ގޭޓު ހުޅުވުނެވެ. ގޯތި ތެރޭގައި އެއްކޮށް ވިނަ އިންދާފައި އޮތް ކަމުގައި ވިޔަސް ގެއާއި ގަރާޖަށް ދެވޭ ގޮތަށް ގައު އަޅައި މަގެއް ހަދާފައި ވެއެވެ. ގޯތި ތެރެއަކީ ތަރުތީބުކޮށް އެކި ކަހަލަ މާ ގަސް ހައްދާފައިވުމުން ބަގީޗާއެއްފަދައެވެ. ގޯތިތެރެއަށް ވަދެގެންދާއިރު ބޮޑު ގަހެއްގާ އިދޯންޔެއް އަޅުވާފައި ހުއްޓެވެ. ލަކުޑިން ހަދާފައިވާ އެ އިދޯލީގައި ކުޝަންއާއި ބާލީސް ބަހައްޓާލާފާ ހުއްޓެވެ. ގެ ހަދާފައިވަނީ ދެ ބުރިއަށެވެ. ގެއަށް ވަދެވެނީ ބޮޑު ސިޓިން ރޫމް އަކަށެވެ. އެއް ފަޅީގައި ފުޅާ ސިޑިއެއް ހުއްޓެވެ. ބޮޑު ވެލްވެޓް އޮލިވް ފެހި ކުލާގެ ސޯފާގައި އަންހެނަކާއި ފިރިހެނަކު ތިއްބެވެ. ސިޓިން ރޫމް ގެ މެދަށްވާ ގޮތަށް މަތީގައި ރީތި ޗާންދަލިއަރ އެއް ހަރުކޮށްލާފާވެއެވެ. ފުރަތަމަ ފެނިލުމުންވެސް އެ ގޭގެ ހައިބަތު ސިފަވެއެވެ. ގޭގެ ބޮޑު ދޮރު ހުޅުވާ ނާއިލްމެން ގެއަށް ވަދެލުމާއެކު ސޯފާގައި އިން އަންހެންމީހާ ތެދުވެ އެމީހުނާ ސަލާމްކޮށް ތައާރަފްވެލިއެވެ. “މާޝާ، މާންގެ ދޮންތަ …. މީ އަހަރެންގެ ފިރިމީހާ ރާހިލް” އަދި ކައިރީގައި އިން ފިރިހެންމީހާ އަށް އިޝާރާތްކޮށްލާ އޭނާ ބުނެލިއެވެ.
މާޝާ ރަތް ކުލައިގެ ޝޯލްއެއް އަޅާލާފާވާއިރު އޭނާގެ ދޮން، ކުޑަ މޫނާއި ވަރަށް ގުޅެއެވެ. ދޫ ކުރުތާ ސްޓައިލް ޕާކިސްތާނު ހެދުމެއްލާފާވާއިރު އޭނާގެ ހަށިގަނޑުގެ ބައްޓަން ހާމަ ނުވިނަމަވެސް އޭނާގެ ހަށިގަނޑުގެ ހިމަ ތޮޅިކަން އެނގޭވަރުވެއެވެ. ރާހިލް ތެދުވެ މާޝާގެ ހިމަ އުނަގަނޑުމަތީ އަތް ބާއްވާލި ގޮތުން އެމީހުންގެ ލޯބި ހާމަވެއެވެ. އެ ދެމަފިރިން ވަރަށް ގުޅެއެވެ.
މާޝާ ވަނީ ވަރަށް ރަގަޅަށް ސައި ތައްޔާރުކޮށްލާފައެވެ. ސަޔަށް އިންސާފުކުރުމަށްފަހު ޔޫލީ އާއި ޝިފްނާ ދިޔައީ އޭމީހުނަށް ހާއްސަ ކުރެވިފާވާ ކޮޓަރިއަށެވެ. އެ ކޮޓަރި ވެސް ވަރަށް ބޮޑެވެ. ކޮޓަރީގެ ފާރުގައި ވަނީ މަޑު ފެހި ކުލައެކެވެ. މުޅި ގޭގައިވެސް ފެހި ކުލަ ބޭނުންކޮށްފާވާކަން ފާހަގަވެއެވެ. ކިންގް ސައިޒް އެދެއް ބަހައްޓާލާފާވާއިރު ގަދަ ފެހި ވެލްވެޓް ހެޑްބޯޑް މަތިން ފާރުގައި ރީތި ކުރެހުމެއް ހަރުކޮށްލާފާވެއެވެ. އެދުގައި ވަނީ ކޮޓަރިއާއި ގުޅެނޭހެން ފެހި ކުލައިގެ ބެޑްޝީޓް އެއް އަޅާފައެވެ. ކޮޓަރީގައި ވަދެވޭ ގޮތަށް ހަދާފާވާ އަލަމާރި ކޮޓަރި ތެރޭ ފެހި ކުލައިގެ ބެންޗް އެއް ހުއްޓެވެ. އަދި ރީތިވާ އެއްޗިސް ބަހައްޓަން ހަދާފާވާ ތަނުގެ ކައިރީ ވަށް ފެހި ކުލައިގެ ގޮޑިއެއް ހުއްޓެވެ. އެ ކޮޓަރީގައި ވަނީ އެކި ދިމާލުގައި ލޯގަޑެވެ. އެދުގެ ކުރިމަތީ ބިއް އެއްކޮށް ވަނީ ފެހި ކުލައިގެ ދޮރު ފޮތިން ނިވާކޮށްލާފައެވެ. ޔޫލީ ދޮރު ފޮތިގަނޑު ކަހާލިއެވެ.
**ނުނިމޭ***
****************
ވާހަކައިގެ ކަވަރ މިފަހަރު ރީތިވި ކަމަށް އުންމީދުކުރަން….
ވާހަކަ ކަމުދިޔަނަމަ ކޮމެންޓެއް ކޮށްލައްވާ….
إن شاء الله ވާހަކައިގެ އަނެއްބާވެސް ވަރަށް އަވަހަށް ގެނެސްދޭނަން..
ހުރިހާ ކިއުންތެރިންނަށް ޝުކުރިއްޔާ
-ވިޝް-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Vrh reethi MA ❤️
Cover page reethi kamun ithurah kiyaa hiyyvejjeee
When’s next??
Thank You for the lovely comment 🙂 , mihaaru mi genesdheveny hafthaa aku part eh.. mifaharu masaiykaiy mikurany mi hafthaaga 2 part genesdheyn…