ނޭދެން ވަކިވާކަށް – 5 ވަނަ ބައި
“ދޮންތައަށް ގުޅާލާނަން މިއަދު.” މާހިން އަވަސް އަވަހަށް ބުނެލިއެވެ. މިހެން ބުނެ މަޑުކުރުމެއްނެތި މާހިން ނިކުތެވެ.
މާން ވިސްނާލިއެވެ. މާހިން އަށް އެހާ ބޮޑު ބަދަލްތަކެއް އަންނަމުންދާތީ އޭނާ އެކަމާ އުފާވި ނަމަވެސް ކަންބޮޑުވުން ފިލާ ނުދެއެވެ. މާހިން އަކީ އެ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. އަދި މަންމައާއި ބައްޕަގެ ވަކިވުމުން އެންމެ އަސަރުކުރީވެސް މާހިން އަށްކަން މާން ގަބޫލްކުރެއެވެ. އެހެންކަމުން މާހިންގެ އުޅުމާއި ދޭތެރޭ މާންއާއި މާޝާ ވެސް ވިސްނާ ފިކުރުކުރެއެވެ. އޭނާއަށް ދިމާވާ ކޮންމެ ކަމެއްގައި އެ ދެމީހުން ކަންބޮޑުވެއެވެ. މާންގެ އުމުރުން އެންމެ 14 އަހަރުގައި، މި ތިން ބެއިންގެ މަންމައާއި ބައްޕަ ނުރައްކާތެރި ކާރު އެކްސިޑެންޓް އެއްގާ ނިޔާވިއިރު 12 އަހަރުގެ މާޝާއާއި 10 އަހަރުގެ މާހިންގެ ބަލަދުއަރާ ޒިންމާނެގުން ނޫންގޮތެއް މާން އަކަށް ނެތެވެ. މައިންބަފައިންގެ ވަފާތެރި ނޯކަރު ގޭގެ ކަންކަން ބަލަހައްޓަމުންދިޔަ ނަމަވެސް ވިޔަފާރި ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ދަށަށެވެ. އާއިލާގެ ލޯޔަރާއި ވާހަކަދައްކާ މާން ވިޔަފާރީގެ ތެރެއަށް ވަނީ ވިޔަފާރި ބޮއްސުންލާ އާއިލާ ބިކަ ވިޔަނުދިނުމަށެވެ. މާން އަކީ ވިސްނުންތޫނު ހިތްވަރުގަދަ މީހެއްކަމުން އޭނާ ދިޔައީ ކިޔަވަމުން، އާއިލާގެ ވިޔަފާރިވެސް ބަލަހައްޓަމުންނެވެ. އާއިލީ ވިޔަފާރި މާންގެ ބެލުމުގެ ދަށުން ދިޔައީ ކުރިއަށްވުރެވެސް ރަގަޅަށް ފޯދެމުންނެވެ. ވިޔަފާރީގެ ގަސްތައް އެކި ރަށްތަކުގައި އިންދަމުން ކުރިލާ ހެދި ބޮޑުވާން ފެށި ތަނާ، ވިޔަފާރީގެ މުދާ ބަހަން ޖެހުނެވެ. މާހިންއަށް 18 އަހަރުވުމުން އޭނާގެ ގޮތްދޫނުކުރުމާއި ބޯހަރުކަމުގެ ސަބަބުން ލޯޔަރަށް އެންގުމުން މާންއާއި މާޝާއަށް ފެނުނު އެންމެ ރަގަޅު ގޮތަކީ އެއީ ކަމުން ބައްޕައާއި މަންމަގެ މުދާ ބެހީއެވެ. މާންއަށް ލިބުނު ފައިސާއިން އޭނާ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދިއެވެ. އިމާރާތް ކުރެހުމާއި، އިމާރާތްކުރުމުގެ ވިޔަފާރިއަށް އޭނާވަނީ ފިސާރި ކެރި ހުރެއެވެ. ޒުވާން އުމުރު، ދުވަސްވީ ކުންފުނިތަކާއި ވާދަކޮށް މިއަދު އޭނާގެ ކުންފުންޏަކީ އެ ދާއިރާގެ ދިވެހިރާއްޖޭގެ އެއްވަނަ ކުންފުންޏެވެ. މާޝާވެސް އޭނާއަށް ލިބުނު ލާރިން ދެބެންނާއި ވާހަކަ ދެއްކުމަށްފަހު ކޯޓު މެދުވެރިކޮށް އޭނާގެ މަންމަގެ ބިމުން މާންއާއި މާހިންއަށް ލިބުނު ބައި ގަތެވެ. މާން ފައިސާގައި ނުހިފިނަމަވެސް މާހިން އެ ފައިސާވެސް މާޝާ އަތުން ނެގިއެވެ. ކުޅުދުއްފުށީގައި އޮތް މި ގޯތީގައި މާޝާ ރީތި މި ޒަމާނުގެ ފެންވަރުގައި ގެއެއް އަޅައި، ތިރީ ބައިގެ މަގަށް ވީ ފަޅީގައި ފިހާރައެއް ހުޅުވިއެވެ. މި ފިހާރަ ހިންގަނީވެސް މާޝާއެވެ. މާޝާ ދިރިއުޅެނީވެސް ކުޅުދުއްފުށީގައެވެ. އޭނާގެ ފިރިމީހާ ރާހިލްއާއިއެކުއެވެ.
އެ ދެބެއިން ވިސްނުންތެރިކަމާއެކު މައިންބަފައިންގެ މުދާ ބޭނުންކުރިއިރު މާހިން އެއާއި މުޅިން ތަފާތެވެ. މާހިންގެ ދިރިއުޅުން ލަންކާއަށް ބަދަލުކުރީވެސް މާހިންނަށް މިނިވަންކަން ނޯންނަ ކަމަށް ބުނެއެވެ. މާންއާއި މާޝާ މާހިން ހުއްޓުވަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެ ހުރިހާ އާދޭހެއްވީ ފޫނެތްފަޔަށް ފެންފުރުން ފަދަ ބޭކާރު ކަމަކަށެވެ. މާހިން ލަންކާއަށް ދިރިއުޅުން ބަދަލްކުރިތާ ދެ އަހަރު ތެރޭ ފައިސާ ހުސްވެއްޖެއެވެ. އެހާ ބައިވަރު ފައިސާއަށް އޭނާ ކުރިކަމެއް ފެންނާކަށް ނެތެވެ. މީހާވަނީ ޑްރަގް ގެ ވަބާގައި ޖެހި ހަލާކުވެފައެވެ. މަސްތުވާ އެއްޗިހީގެ ތެރޭގައި ބޭނުން ނުކުރާ ބާވަތެއް ނެތެވެ. މީހާ ވަނީ ހިކިވެ އަނަރޫފަވެފައެވެ. ފައިސާ ހުސްވުމުން ގާތުގައި އުޅުނު މީހުންނަށް މާހިން މާ ކަމަކު ނުދިޔައެވެ. އޭނާއަށް ފައިސާއާއި ނުލާ ލަންކާގައި އުޅެވެނޭ ގޮތެއްނެތެވެ. މާންއާއި މާޝާ ގާތުން ފައިސާއަށް އޭނާ އެދުނެވެ. ނަމަވެސް އެ ދެމީހުންވެސް އެކަމަށް އިންކާރުކޮށް މާހިންއަށް އެންގީ އެ މީހުން ގާތަށް އައުމަށެވެ. މާހިންއަށް އިތުރުގޮތެއްނެތުމުން އޭނާ މާންއާއި މާޝާގެ އެދުމުގެ މަތިން ރާއްޖެއައިސް ރިހަބުގެ ދެ އަހަރުގެ ފަރުވާ ފުރިހަމަ ކުރިއެވެ. ފަރުވާއަށް ފަހު މާޝާ ގާތު އޭނާ 6 މަސްދުވަސް ހޭދަ ކުރިއެވެ. އެ ދުވަސްތަކުގާ މާންއާއި މާޝާ ހައިރާންވާވަރުގެ ރަގަޅު ސިފަތަކެއް މާހިންގެ ފަރާތުން ފެނުނެވެ. އެހެންކަމުން މާހިން ވިޔަފާރިއެއް ފަށަން ބޭނުންވާ ވާހަކަ ބުނުމުން، މާން އޭނާ ބޭނުންވި ގޮތަށް ފިހާރައެއް ހުޅުވާދިނީ މާހިން އަނެއްކާވެސް މަގު އޮޅި، ގޯސް މަގަކުން ދިއުމަށް ފުރުސަތު ނުދިނުމަށެވެ.
*****
މާންއާއި ނާއިލް ތިބީ މ.އޯކިޑްމާގޭ ސިޓިންރޫމްގައެވެ. މާންގެ ކުންފުނިން ވަނީ ނާއިލްގެ ރިސޯޓް ޕޮރޮޖެކްޓްއާއި ހަވާލްވެފައެވެ. މާން ނާއިލްގެ ގެއަށް އައީ އެ ކަމުގައި ނާއިލް މާންއާއި މަޝްވަރާކޮށްލަން ބޭނުންވާ ކަންކަން ހުރުމުން އޭނާގެ އެދުމަށެވެ. ތަނަވަސް ބޮޑު ސިޓިންރޫމްއެކެވެ. 100 އިންޗީގެ ޓިވީ އެއް ބަހައްޓާފައިވާ ފާރުގައި ވަނީ މި ޒަމާނުގެ ކަބަޑު ސެޓެއްޖަހާލައި ލެޑް އަލިން ޖަރީކޮށްލާފައެވެ. ސިޓިންރޫމްގައި ބޭނުންކޮށްފައިވަނީ ބެއިޖް ކުލައާއި ރަން ކުލައެވެ. ދެ ކުލަ ގުޅުވާލާފައިވާއިރު އެ ޒަމާނީ ސިޓިންރޫމް ވަރަށް ޗާލެވެ. ބެއިޖް ކުލާގެ ޒަމާނީ ސޯފާގެ ކުރިމަތީގައި ރަން ކުލައާއި ބެއިޖް ކުލައިގެ މަރބުލް ކޮފީ މޭޒެއް ހުއްޓެވެ.
” މިހާރު ކުޅުދުއްފުށީގައި އަހަރެން މި އަޅަން އުޅޭ ހޮޓެލްގެ އަޕްޑޭޓްސް އަކީ ކޮބާ؟ ކުރެހުމާއި އެކު އިމާރާތްކުރުމުގެ ކަންތައް ވެސް އަހަރެން ބޭނުން ވަނީ ތި ކޮޅުން” ރިސޯޓް ޕްރޮޖެކްޓްގެ ކަންކަމުގެ މަޝްވަރާ ނިމުމުން ނާއިލް ބުނެލިއެވެ.
ނާއިލް އަކީ މާން ވަރަށް އިހްތިރާމް ކުރާ އަދި ގަދަރުކުރާ މީހެކެވެ. އޭނާގެ ކުލައިންޓުން ތެރެއިން ހާއްސަ ކަމެއް އަބަދުވެސް ދެވެއެވެ.
” މިހާރު އިންނާނެ 3 ކޮންސެޕްޓެއް. ތި ކޮޅަށް މެއިލް ކޮށްލާނަން، ދެން ސެލެކްޓް ކޮށްލީމަ މަސައްކަތް ފެށޭނެ. އިމާރާތްކުރުމުގެ ވާހަކަ ކުރިން ބުނުއްވާފައި ނެތުމުން އެ ކަމަކަށް އަޅުގަނޑު ތައްޔާރެއް ނުވަން. ނަމަވެސް ތިއީ ނާއިލް އެދިލައްވާ ގޮތަށް ވަންޔާ ހަމަޖައްސާލަދޭނަން”
” އަދި އެބަ އޮތް އަހަރެންގެ އެދުމެއް. މާން އެ ގޮތާއި އެއްބަސްވާނަމަ މި ޕްރޮޖެކްޓްގެ ޝެއަރ މާން އަށް ލިބޭ ގޮތަށް މާންގެ ބެލުމުގެ ދަށުން ހޮޓެލް ހިންގާދިނުން. އެއީ މާންގެ ރަށަށް ވެފައި، އެ ރަށުގައި މާންއަށް އިތުބާރު ކުރެވޭ މީހުން ތިބޭނެ.” ނާއިލްގެ ބޭނުމަކީ މާން އާއި މިހާރު އޮތް ގުޅުމަށްވުރެ ބަދަހި ގުޅުމެއް އުފެއްދުމެވެ. ނާއިލްގެ ހިތުގައި މާންއަށް ދެވިފައިވަނީ ދަރިއެއްގެ ދަރަޖައެވެ. މާންގެ މިޒާޖާއި އޭނާގެ އުޅުމުގެ ސާދާކަން ނާއިލްއަށް ވަނީ ފާހަގަ ކުރެވިފައެވެ.
” ޝެއަރ އަކަށް އަޅުގަނޑުގެ އިންވެސްޓް އެއްވެސް ވާންވާނެ. އެގޮތާއި އެއްބަސްވެލައްވާ ނަމަ އަޅުގަނޑުގެ މައްސަލައެއް ތި ކަމުގައި ނެތް” މާން ވިސްނާލާފައި ބުނެލިއެވެ.
” އަހަރެން ތި ކަމާއި ވިސްނާލާނަން”
” އިތުރު ކަމެއް ނެތިއްޔާ އަޅުގަނޑު ދެން ގޮސްލަނީ އިނގޭ.”
” ނޫނޭ އެހެން ކަމަކު ނުދާނެ، މި ގެއަށް އާދެވުނު ފަހަރު ވާނީ އެއްޗެއް ބޯލައިގެން ދާން.” ނާއިލް މިހެން ބުނެލިމަށްފަހު ” ދަރިފުޅާ” އޭ ކިޔާ ބާރަށް ގޮވާލިއެވެ.
” ޔެސް ޑޭޑް” ކައިރީގައި ހުރި ކޮޓަރިއަކުން އަންހެން ކުއްޖެއްގެ ޖަވާބު އަޑު އިވުނެވެ.
” ޖޫސް ތަށްޓެއް ގެނެސްދީބަލަ.” ޔޫލީ ސްޓަޑީގެ ދޮރު ހުޅުވާލި އިރު ނާއިލް ބުނެލިއެވެ.
ޔޫލީ އިނީ ސްޓަޑީގައި ވާހަކައެއް ކިޔާށެވެ. ސްޓަޑީ އަކީ އެގޭގައި ސިޓިންރޫމް ތެރެއިން ވަދެވޭ ގޮތަށް ހާދާފާވާ ބޮޑު ތަނެކެވެ. އެ ތަން ފަރުމާ ކޮށްފާވަނީ އޮފީސް މަސައްކަތް ކޮށްލާ ފޮތް ކިޔާލެވޭ ގޮތަށެވެ. އެކި ކަހަލަ ފޮތް އެތާވެއެވެ. ލައިބްރަރީ އެކޭ އެއްގޮތެވެ. ޔޫލީ ނިކުމެގެން މާބޮޑު ސަމާލުކަމެއް ސިޓިންރޫމްއަށް ނުދީ ބަދިގެއާއި ދިމާއަށް ހިގައިގަތެވެ.
‘ މަންމަ ވެސް ޝިޔާނާއްތަ ކައިރިއަށް މިރޭ ދާންވެއްޖެ. ޑޭޑް ވެސް އެހާ ގިނަ މެއިޑް އިން ގޭގަ އުޅޭއިރުވެސް މެއިޑް އެއްކައިރި ނުބުނާނެ މީހަކު އައިއްސިއްޔާ ޖޫސް ތައްޓެއް ހަދަންވެސް. ނޭންގެ ދެން ކާކު ކަމެއްވެސް މިރޭ ގެނެސްގެން އެ އެޅެނީ. ދެން މީހަކު އަޔަސް ޖޫސް ބޯންދޭންޖެހޭތަ؟’ ޔޫލީ ޖޫސްތަށި ހަދަމުން ދިޔައީ ކުދި ކިޔަމުންނެވެ.
*ނުނިމޭ*
******************
ތިޔަ ކިއުންތެރިންގެ ހިޔާލުގައި ޔޫލީއާއި މާން ގުޅޭނެތޯ؟ އެ ދެމީހުން ގުޅިއްޖެނަމަ މާހިން އަށް ވާނީ ކިހިނެއްތޯ؟
ވާހަކަ ކަމުދާނަމަ ކޮމެންޓެއް ކޮށްލަދެއްވާ… ވާހަކަ ކިޔާ ހުރިހާ ކިއުންތެރިންނަށް ޝުކުރިއްޔާ.
- -ވިޝް-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Vhk ge cover vrh hadi 🙄
Characters introduce kohla dheyn vegen cover change kohlaafa
Application use kuraanama cover ehkoh nufennaane .. will change a bit next time
Yep meehun thah dhow
?
It’s just ewww 😰🤧
You have the option to skip the story 😊