ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 12)
”ކޮބާ މިހާރު ނޫކް؟“ ޝަފްކާ ކުއްލިއަކަށް ބުނެލިއެވެ.އަހަންނަށްވެސް މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގައިލެވުނެވެ.ނުހައިކުގެ އަޑެއް ބަޑެއް ނީވެންޏާ އެސޮރު ޔަގީނުންވެސް އުޅޭނީ ވަރަށް މޮޅު ކަމެއް ކޮށްލުމުގައެވެ.
”އަޅެ ދަރިފުޅާ ނޯ…“ ކޮޓަރީގެ ކަނަކަށް ވަދެ ނުހައިކު ކުރަން އިން މަސައްކަތް ފެނި ޝަފްކާ ކުސްތަޅައިގަތެވެ.
އެހާ ހިނދުކޮޅަކަށް ނުހައިކު އިނީ އެ ވޮލެޓުގައި ހުރިއްޔާ ހުރި ނަގުދު ފައިސާއެއްް ނަގައިގެން އެ ވީދުމުގެ މަސައްކަތުގައެވެ.ކުޑަ ކުޑަ ދެއަތުން ރުފިޔާގެ ނޫޓުތައް ކުދިކޮށް ޓައިލްސް މައްޗަށް އަޅަމުން ދިޔައިރު އެ ތުންކޮޅު އޫވެފައި ހުރިގޮތުން އެކުއްޖާގެ ސަމާލުކަން އެކަމަށް ދެވިފައި ހުރި މިންވަރު ދޭހަވެއެވެ.
ޝަފްކާ އެނދުން ފުންމާލައިގެން ގޮސް ކުއްލިގޮތަކަށް ނުހައިކުގެ އަތުން އެ ވޮލެޓް އަތުލާފައި އަހަންނާ ދިމާލަށް އެއްލައިފިއެވެ.އެއާއެކު ލިބުނު ސިހުމުގައި ވޮލެޓަށް ވީނުވީއެއް ނޭނގިގެން އެކުއްޖާ ތުން ފިތާފައި ރޯން ފަށައިފިއެވެ.
”އަޅެ ދަރިފުޅު ކުޅަދާނަ އިނގޭ…މަންމި ހޯ ހޯ ކަމެކޭ ބުނީމަވެސް ހަމަ…ނަސީބެއް ދެން ބޮޑު އަދަދެއް ނޫންކަން އެކަމަކުވެސް ރުފިޔާ ވިއްޔަ ދޯ…ދަރިފުޅޫ އެއީ ކުޅޭ އެއްޗެއް ނޫން އިނގޭ..އޭގަ ދަރިފުޅު އަތް ނުލާނެ..އެއީ ބޮޑެތި ކުދިން ގެންގުޅޭ އެއްޗެކޭ ދަރިފުޅޫ..ދެން އަވަހަށް ހުއްޓާލާ.“ ޝަފްކާ ނުހައިކު އުރާލައިގެން މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ.
”ދަރިފުޅަށް ނޭނގުނީ އޭ ދޯ ބައްޕި ދޫނީ؟“ އަހަރެންވެސް ބުނެލީމެވެ.ޝަފްކާ އަހަންނާ ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ.
”ދަރިފުޅު ހިނގާ އަވަހަށް ފެންވަރައިގެން މާމަ އަންނަންވާއިރަށް ތިއްތިވެގެން ހުންނަން ދާން…އަވަހަށް ހިނގާ މަންމި ބޭބީ.“ ޝަފްކާ ވަރަށް ޅަވެލާފައި ނުހައިކުއާއި ވާހަކަ ދައްކަމުން ދިޔައިރު އެމަންޒަރު ބަލަން އަހަންނަށް އޮވެވުނީ ހިނިތުންވެފައެވެ.އޭރުވެސް އެކުއްޖާގެ މޫޑު އެހާ ރަނގަޅަށް ނޫނެވެ.ފެންވަރަން ގެންދާ ވާހަކަ ފެށުމުން އަދި ވަކިން ބޮޑަށް އެކުއްޖާ ބޮޑާ ހާކަން ފެށިއެވެ.ކަމާ ކަންފަށާ ފެންވަރަން ދިޔުމަކީ ނުހައިކު އެހާ ގަޔާވާ ކަމެއް ނޫނެވެ.ހީކަރުވާތީއެވެ. އެކަމަކު ފެންވަރަށް ވައްދާފައި ދެން އެކުއްޖާ ފާޚާނާއިން ނެރެން ޖެހެނީވެސް ގަދަކަމުންނެވެ.ފެން ފޮދެއް ގައިގައި ޖެހި އެ ފިނިކަމަށް ހޭނުނީމާ ދެން އޭނާ ބޭނުންވާނީ ފެނާ ކުޅޭށެވެ.ބައެއް ފަހަރަކަށް ފާޚާނާއަށް ކުޅޭ އެއްޗެހިވެސް ވައްދައިގެން އުޅެއެވެ.
ރޮމުން ދިޔަ ނުހައިކު މަސަލަސްކުރެވޭތޯ މަސައްކަތް ކުރަމުން، ޝަފްކާ އެކުއްޖާ ފެންވަރުވަން ފާޚާނާއަށް ވެއްދިއެވެ.އޭރުވެސް އެކުއްޖާ ބޮޑާ ހާކާފައި ރޯ އަޑުއިވެއެވެ.ވަރުބަލި ފިލުވާލަން އޮވެ އޮވެފައި ނުނިދުނީމާ އަހަރެން ސިޓިން ރޫމަށް ނުކުންނަން ދިޔައީ ހަމައެކަނި ކޮޓަން ފޮތީގެ ޕަޖާމާ ހަރުވާޅަކަށް ބަދަލުކޮށްލައިގެންނެވެ.ގޭތެރޭގައި އުޅޭއިރު މަތިން އެއްޗެއް ނުލައި އުޅުމަކީ މިހާރަކަށް އައިސް އަހަންނަށް އާދަވެފައިވާ ގޮތެވެ.އަހަރެން ބަލިވި ފަހުން ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ފުރަތަމަކޮޅު ޝަފްކާގެ ކުރިމަތީގައި އެގޮތަށް އުޅެން އަހަރެން ފަސްޖެހުނެވެ.ފަނޑު އަލިކަމުގެ ތެރޭގައި ހޭދަކުރެވޭ ދެމަފިރިންގެ ގައިގޯޅި ވަގުތުތަކުގައި ޝަފްކާއަށް އަހަރެންގެ ހަށިގަނޑުގެ ނިކަމެތިކަމާއި އައިބުތައް ފާހަގަ ނުވިޔަސް އޭނުން ވަގުތުތަކުގައި އެފަދަ ހާމަކަން ބޮޑު ގޮތަކަށް އޭނާގެ ކުރިމަތީގައި އަހަރެންގެ ހަށިގަނޑު ކަޝްފު ކުރަން އަހަރެން އޭރު އެއްގޮތަކަށްވެސް ބޭނުން ނުވީއެވެ.ޚާއްސަކޮށް ޑައިލިސިސް ހެދުމަށްޓަކައި ލޭ ދައުރުކުރުމަށް އަހަރެންގެ ވާއަތުގައި ގުޅާފައިވާ ފިސްޗުލާގެ ނިޝާނަކީ މީހުންނަށް ފެންނަން އަހަރެން އެންމެ ހިތް ނޭދޭ މަންޒަރެވެ.ބައެއްފަހަރު އެހިސާބު ވަރަށް ބޮޑަށް ރަތްވެ ނޫފައިގަނެފައި ހުންނަ ފަހަރުވެސް ދެއެވެ.އަހަރެން އާންމުކޮށް އަތް ދިގު ޓީޝާޓު ލައި އުޅެނީވެސް ހަމަ އެހެންވެއެވެ.އެހެނަސް ޝަފްކާގެ ފަރާތުން ފެންނަމުން ދިޔަ އިންތިހާ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން އަހަންނަށް ކުރެވެމުންދިޔަ އެ އުނދަގޫ އިހުސާސްތަކަށް މިހާރު މިވަނީ ނިމުމެއް އައިސްފައެވެ.އަހަރެންގެ އެ އައިބުތައް ފެނިގެން ޝަފްކާ އަހަރެން ޖަޖު ނުކުރާނެކަން މި ފާއިތުވެގެން ދިޔަ ދުވަސްތަކުގައި އޭނާ އަހަންނަށް ވަރަށް ރަނގަޅަށް އިހުސާސް ކޮށްދިނެވެ.
އަހަރެން ސިޓިން ރޫމަށް ނުކުތްއިރު މުޅި އެތަން ވަނީ އިރުގެ ނަލަ ނަލަ ރަން ދޯދިތަކުން ހުޅުދާންވެފައެވެ.ގަޑިން އޭރު ފަސްގަޑި ބައިވާން އުޅެއެވެ.ސިޓިން ރޫމުން ބެލްކަންޏަށް ނުކުމެވެން ހުންނަ ކަހާލެވޭ ބިއްލޫރި ދޮރު ފޫއަޅުވާލާފައި ވަދެފައިވާ އެ ދޯދިތައް އަހަރެންގެ ހަށިގަނޑުގައި ބީހިލި ވަގުތު އެވީ އަރާމަކުން ބޭއިޚްތިޔާރުގައި އަހަންނަށް ދެލޯ މަރާލެވުނެވެ.އެ މަޑު މަޑު ހޫނުކަން އަދިވެސް ބޮޑަށް އިހުސާސްކޮށްލަން އަހަރެންގެ ހިތް އެދުނުވަރުން ދެތިން ފިޔަވަޅު ކުރިއަށް އަޅާލެވުނެވެ.ކޮޓަރީގައި އޮވެ އޮވެފައި ނުކުތީމާ އޭސީގެ ސަބަބުން ހަށިގަނޑުގައި ހިފާލާފައި ހުރި ފިނިކަން ކަނޑުވައިލަން ބޭނުންވެފައި ހުރިވަރުންނެވެ.އަހަރެންގެ އަތްތިލައާއި ފައިތިލަވެސް ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ.ބޮޑަށް އެ އަވި ގަޔަށް ފޯރާނޭ ގޮތަށް އަހަރެން ގޮސް އެ ދޮރު ކަހާލައި ހުޅުވާލީމެވެ.އެއްވެސް ހުރަހެއް ނެތި އެ ދޯދިތައް އައިސް އަހަރެންގެ އޮޅަލި ހަންގަނޑުގައި ބީހިލި ވަގުތު އަދި ވަކިން ބޮޑަށް އަރާމުވިއެވެ.
އިރުކޮޅަކު އެ އަވިގަނޑުގެ ތެރޭގައި ހުރެފައި އަހަރެން ދުރަށް ޖެހިލިއިރު މުޅި ހަށިގަނޑުގައި މަޑު ހޫނުކަމެއް ހިފާލާފައި ހުއްޓެވެ.ލަސް ފިޔަވަޅުތަކެއްގައި އަހަރެން ދެން ޖެހިލީ ބަދިގެ ބަޔަށެވެ.ކޮފީއެއް ގިރާލާނަމޭ ހިތާ ކަރަންޓު ކުރަޔަށް ފެން އަޅާފައި ކައްކަން ޖެއްސީމެވެ.ކޮފީ ބަހައްޓާފައި ހުންނަ ކަބަޑު ހުޅުވާލި ވަގުތު އަހަރެންގެ ތުންފަތުގައި ކުޅެލީ މާނަވީ ހިނިތުންވުމެކެވެ.އެހާ ހިނދުކޮޅަކަށްވެސް އަހަރެން ހަނދާނަށް އައީ ޝަފްކާއެވެ.ކިތަންމެ ގާތުގައި ހުއްޓަސް ލޯބިވާ މީހެއްގެ މަތިންވިއްޔާ އަބަދުވެސް ހަނދާންވާނޭ މީހުން ބުނެ އުޅެނީ ހަމަ ތެދު ވާހަކައެކެވެ.އަހަރެން ކޮފީ ގިރާ ފަހަރަކުވިއްޔާ އަބަދުވެސް ޝަފްކާއަށްވެސް ކޮފީ ތަށްޓެއް ގިރައިދެމެވެ.އެއީ ހަމަ އަހަންނަށް އަމިއްލައަށް ފެނިގެން ވަރަށް ލޯބިން އަހަރެން ކޮށްދޭ ކަމެކެވެ.އެހެނަސް ކޮފީގެ ރަހަތަކަށް ބަލައިފިނަމަ އަހަންނާ ޝަފްކާއަކީ ހަމަ އުޑާއި ބިމޭ ބުންޏަކަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ.އަހަރެން މުޅިންވެސް ބޮއެ އުޅެނީ ކަޅު ކޮފީއެވެ.ފުދޭވަރަކަށް ހަމަ ހާޑުކޮށެވެ. އެވެސް ދުވާލަކު ގިނަވެގެން ދެ ކޮފީއެވެ.ޑައިލިސިސް ހަދަން ޖެހޭތީ އަހަރެން ދިޔާތަކެތި ބޯ މިންވަރުވެސް ގެންގުޅެންޖެހެނީ ވަކި މިންގަނޑަކަށް ކަމަށް ވާތީއެވެ.އެހެނަސް ޝަފްކާއަކީ ޔޭ ޔޭ ކޮފީގެވެސް ޑައިޓު ވައްތަރު ނޫނީ ނުބޯ މީހެކެވެ.އެ ނޫނީ އޭނާއަށް ބޯން ކެރޭ ކަމަކަށްވެސް ނުވެއެވެ.އަހަރެން ހުސް ކަޅު ކޮފީ ބޯތީ ޝަފްކާ އިންނަނީ ގިނަފަހަރު އެކަމާވެސް މޭ ބޮޑުވެފައެވެ.އަހަރެން ބޯން އިންނަ ކޮފީ ތަށްޓަށް އިޝާރާތްކޮށް ތި އަޅެ ހިއްޗެއް ނޫންހޭ އިރު އިރުކޮޅަކާ އަހާލާ ގޮތުން އަހަރެން ގާތަށް ވަރަށް ހިނިވެސް އާދެއެވެ.
އެ ޚިޔާލުތަކުގައި ހިނިއައިސްފައި ހުރެ ކޮށް ފަރިތަ ކަމެއްހެން އަހަރެން ދެ ތަށި ކޮފީ ތައްޔާރުކޮށްލީ ނިކަން އަވަހަށެވެ.އެތަނުން ޝަފްކާއަށް ވީ މަގު ހިފައިގެން ގޮސް ކޮޓަރި ދޮރު މައްޗަށް ހުއްޓި ޝަފްކާއަށް ދެފަހަރަކު ގޮވައިލިފަހުން ޝަފްކާ އޯތްވޭ ބުނި އަޑު އިވުނެވެ.އޭރު ކޮފީގެ މަސްތުކުރުވަނިވި، ތަޒާ ،މީރު ވަހުން މުޅި ސިޓިން ރޫމް ވަނީ އެކަށް އެއްވަސް ވެފައެވެ.
”މިދަނީ މިދަނީ“ އަނެއްކާވެސް ޝަފްކާ ބުނެލިއެވެ.އޭރުވެސް ނުހައިކު ކުސްތަޅާ އަޑު އިވެއެވެ.އޭނާ އަދިވެސް އެ އުޅެނީ ނުހައިކު ރީތިކުރުމުގައިކަން އަހަންނަށް އެނގުނެވެ.
އިރުކޮޅަކުން ޝަފްކާ އައިސް ދޮރު ހުޅުވާލިއިރު އެ މޫނުމަތިން ފާޅުވޭވޭ ހުރީ ވަރުބަލިކަމެވެ.އޭސީގެ ފިނިކަމުގައިވެސް އެ ނިތްކުރި މަތީގައި ދާތިކިތައް ބަބުޅަމުން ދިޔައެވެ.ކުލޯ ކުލިޕަކުން އެ ފަން އިސްތަށިގަނޑު ހައްޔަރުކޮށްލާފައިވީ ނަމަވެސް ނުފޯރާ ބައެއް އިސްތަށިތަކުން އެ ރީތި މޫނަށް އުނދަގޫ ކުރަމުން ދިޔައެވެ.މޭކަޕަކާ ނުލައި އެންމެ އާދައިގެކޮށް ހުންނަ އިރުވެސް އެ ރީތިކަން ކުޑަކޮށްވެސް ފަނޑުވެ ނުލައެވެ. ނުހައިކު ފެންވަރުވައިގެން ނުކުތީމާ ކަންނޭނގެއެވެ.ޝަފްކާ ލައިގެން ހުރި މަތިކޮޮޅުވެސް ވަނީ ހިސާބަކަށް ތެމިފައެވެ. އޭރު ދޮރުން ފޭވެފައި ހުރި ތަންކޮޅުން ނުހައިކު ހަމައެކަނި ނެޕީ ކޮޅުގައި އިނދެ ރީތިވާ ސާމާނު އަޅާފައި ހުރި ކުޑަ ވަށިގަނޑުގައި ހުރިި ހުރިހާ އެއްޗެއް އެނދުމައްޗަށް އަޅާލައިގެން އުޅޭތީ ފެނެއެވެ.
”އަޅޭ ތެންކްޔޫ ސޯ މަޗް ލަވް…ޔުއަރ އަ ލައިވް ސޭވަރ ހަމަ…ކޮފީއެއް ބޭނުންވެފައި ހުންނަތާ ކިތަންމެ އިރެއް ވެއްޖެ މިހާރު…މި ނޫކް ފާޚާނާއިން ނުނެރެވިގެން ދެންމެ މި އުޅުނީ…ވަރަށް ވަރު ދައްކާލި ދެންމެގަ….އަހަރެން ތެންމާވެސްލައިފި….ހަމަ ހުވާ މުޅިން ވަރުބަލިކޮށްލައިފި…“ފުން ނޭވާއެއް ބޭރުކޮށްލާފައި ޝަފްކާ ކޮފީ މަގުގައި ހިފަމުން ޝުކުރުވެރިކަމުގެ ނަޒަރަކުން އަހަރެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
”ޝަފް އާދެބަ ބޭރަށް ހަމަ ޖެހިލައިގެން ތި ކޮފީތަށި ބޯލަން… އަހަރެން ނޫކް ރީތިކޮށްލަފާނަމޭ.“ އަހަރެން ހީލާފައި ބުނެލީމެވެ.ގަބޫލު ކުރަން ދަތިވި ފަދަ އަސަރުތަކެއް ޝަފްކާގެ މޫނުމަތިން ފާޅުވެލިއެވެ.
”ރިއަލީ؟!!އާކިއަށް ހަމަ އެނގޭނެތަ؟ނޫކް ވަރަށް މަޑުން ނުހުންނާނެ އިނގޭ ރީތިކުރާ ގަޑީގަ…“ ހިސާބަކަށް ހައިރާންވެފައި ޝަފްކާ ބުނެލިއެވެ.
”އިޓްސް އޯކޭއޭ…ދީބަ އަހަރެން އަތަށް.“ އަހަރެން ބުނެލީމެވެ.
”އަމް…އޯކޭ…އެކަމަކު ނޫކް މޫނުގައި ފުށްޖަހަން އުޅޭ ގަޑީގަ ވަރަށް ގަދަ ހަދާލާނެ އިނގޭ…ރޯންވެސް ފަށާފާނެ.އަހަރެން ނޫކް ލައްވާނެ އެއްޗެހި އޮންނާނެ ނަގާފައި ބެޑް މަތީ ބާއްވާލާފައި…“ދޮރު ބޮޑަށް ފޭކޮށްލައި،އަހަރެން އެތެރެއަށް ވަންނަން ތަން ދައްކަމުން ޝަފްކާ ބުނެލިއެވެ.އޭނާ ހުރީ އަހަރެންގެ އެ އިސް ނެގުމުން ވަރަށް ހިތްހަމަ ޖެހިފައިކަން އެ މޫނުމަތިން އެނގެއެވެ.ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ނުހައިކު ރީތިކުރަން އަހަރެންގެ އަތަށް ދިނުމަށް އަހަރެން އިސްވެ އެދުނު މިއީ ފުރަތަމަ ފަހަރެވެ.އަހަންނަށް ކުޑަކުދިންގެ ގިނަ ކަންކަން ކުރަން ނޭނގޭތީ ކުރީގައި އަހަރެން ފަސް ޖެހުނީއެވެ.އެހެނަސް މިހާރު ނުހައިކުގެ ހުރިހާ ކަމެއްގައިވެސް ހިއްސާވާން އަހަރެން ބޭނުންވެއެވެ.ދަސްވެސްވާނީ އެކަމަށް މަސައްކަތްވެސް ކުރީމައިތާއެވެ.
”ޔަގީންތަ އެނގޭނެކަން؟“ ޝަފްކާ އަހައިލީ ދިމާކުރާ ފަދަ ރާގަކަށެވެ.އަހަންނަށް ޖެއްސުމަށްކަން އަހަންނަށް އެނގުނެވެ.
”އައްދޭ ކީއްވެ ނޭނގެންވީ…؟ޝަފް ނޫކް ރީތި ކުރަން އުޅޭ ގަޑި ގަޑީގަ އަހަރެން އިންނަމޭ ބަލަން…ބަލަން އިންނަންޏާ ދަސްވެސްވާނެތާ…މިހާރު ބޭނުމީ ކުރަން…އޭރުން ދޯ ތަޖުރިބާ ލިބޭނީ…އަހަރެން ނޫކް ރެޑީކޮށްލައިގެން ގެނައިމަ ޝަފް ވާނެ ނިކަން ރަނގަޅަށް ފާޑުކިޔާލަން އިނގޭ..“ އަހަރެންވެސް ޖެއްސުމަށް ބުނެލީމެވެ.އެއާއެކު މައްސަލައެއް ނޯންނާނޭ ކިޔާފައި ޝަފްކާ ޖަހާލީ ހިނިގަނޑެކެވެ.
އަހަރެން ވަދެ ނުހައިކު ރީތި ކުރަން ފެށުމުން މަންމަ ނޫންވީމާ އެކުއްޖާއަކަށް ކަމަކު ނުދިޔައެވެ.އަހަންނަށް ހުރިހާ ކަމެއްވެސް ކުރަން ޖެހުނީ ނުހައިކު ރޮއްވާލައިގެންނެވެ.އެ ކުއްޖާ ރޯތީވެ ޝަފްކާ އަހަރެންގެ އަތުން އަތުލަންވެސް އުޅުނެވެ.އެކަމަކު ހާނުވަން ޖެހޭނޭ ކިޔާފައި އަހަރެން އޭނާގެ އަތަށް ނުދިނީއެވެ.އެންމެފަހުން ނުހައިކު ރޮއެފައި ހުރުމާއި ވެސް އެކުގައި އަހަންނަށް އެކުއްޖާގެ މޫނުގައި ފުށް ޖެހުނީ ގަނޑު ގަނޑަށެވެ.ހީވަނީ ފުށް ޓަށްޕަކަށް އެކުއްޖާ މޫނު ކޮށްޕާލާފައި ހުރި ހެންނެވެ.އެމަންޒަރު ފެނިގެން ޝަފްކާ ހޭން ފެށިގޮތަށް ދެލޮލުން ފެން އަންނަ ވަރުވާންދެން އޭނާ ހުނެވެ.ހަމަ އެއްވަނައޭ ކިޔާ އަހަންނާ ދިމާ ވެސް ކުރިއެވެ.
****
އިރު އޮއްސުމަށްޓަކައި ދުނިޔެ ތައްޔާރުވެލިއެވެ.އެތައް ރީތި ކުލަތަކަކުން މުޅި އުޑުމަތި އޮތީ ފެވިފައެވެ.އިރުގެ ދޮން މަޑުވެލައި ޖައްވަށް ފިނިކަން ވެރިވާން ފެށިއެވެ. އެކި ހިސާބަށް ފެތުރިފައިވާ ކުދި ކުދި ވިލާތައް އުޑުމަތީގައި އެތުރިފައިވާ ގޮތްވެސް ނުހަނު ހިތްގައިމެވެ.ގުދުރަތުގެ އެ ރީތި ފުރިހަމަ މަންޒަރުން ހިތްތަކަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދެމުން އިރު ކަނޑުގެ ސަތަޙަޔާއި ނިވާވެލަން ތައްޔާރުވެލިއެވެ.އެވަގުތުވެސް މާލޭގެ ހަލަބޮލި މަގުތައް އޮތީ ތޮއްޖެހިފައެވެ.އުޅަނދުތަކުގެ ބަރުގޮނު އަޑާއި އެކުވެ މަސްހުނިވެފައިވާ އެކި ފުރައިގެ މީހުންގެ އަޑުތަކުން މުޅި މާހައުލުގެ ހަމަ ހިމޭންކަންވަނީ ގެއްލިފައެވެ.
އިރު އޮއްސި ހަ ގަޑި ބައިވާން އުޅެނިކޮށް އާތިޔާ ވެސް އައިސްފިއެވެ.ޝަހީމުގެ ކަންތަކާ ހެދި މާޔޫސްވެ މޮޅިވެފައި ހުރި ނަމަވެސް ނުހައިކު ފެނުމުން އެ މޫނުމަތި އުޖާލާވެ، ދިރުން ލިބިގެން ދިޔައެވެ.ނުހައިކުވެސް އޭނާގެ މާމަ ފެނުމުން އުފަލުން ގޮސް ހީވީ އެހެންފަދަ ކަމެއްހެންނެވެ.އާތިޔާގެ ކައިރިއަށް ވެއްޓިގަނެގެން އޭނާއާއި އެކުގައި ކުޅެން ފެށިއިރު އެވަގުތު ޝަފްކާގެ މަތިން އެކުއްޖާ ހަނދާންވެސް ނެތުނު ކަހަލައެވެ.
”ދަރިފުޅު މިރޭ މާމަޔާ އެކީ ދޯ ނިދާނީ“ އާތިޔާ ނުހައިކުގެ މޫނުގައި ވަސްގަނެ ލޯބިކޮށްލަމުން ބުނެލިއެވެ.
”ދަރިފުޅާ… މަންމަ ނޫކުއަށް ކާންދޭނަން…ދަރިފުޅުމެން ދޭ ދެން ނަމާދުކޮށް ހަދަން…މަންމަ މިއައީ ގޭގައި ނަމާދުކޮށްލައިގެން….ކިހާ އިރަކުތަ ދަރިފުޅުމެން ދަނީ؟“އާތިޔާ އަހައިލިއެވެ.
”އަށް ގަޑި ބައިކަށްހާއިރު…މާ ލަސްނުކޮށް އަންނާނަން މަންމާ…އައިސްފަ މަންމަ ގެއަށް ލައިދޭން ދާނަން.“އަހަރެން ބުނެލީމެވެ.
”އެ ތެދެއް މަންމާ “ ޝަފްކާވެސް ބުނެލިއެވެ.
”ސާބަސް އަޅެ މަންމަ ނޫޅެމޭ ގެއަށް ދެވޭލެއް ލަސްވެގެނެއް…ގެޔަށް ވުރެ މިތަންވެސް މާ ހިތަށް ފަސޭހަ…އެ ލެއޯރާ ހީވަނީ ދެލޮލުން މަންމަ ކާލަން އުޅޭހެން…ކަޅި އަޅައިގެން ހުންނަނީ…މިހާރު މުޅި ސިޓިން ރޫމު ވެސް ވެރިކޮށްލައިފި އޭނަ…އެހެން ނޫނަސް މަންމަ މިއައީވެސް ސައިކަލުގައޭ… މަންމަ އެކަނި ގޮސްލާނަންް… ދަރިފުޅުމެން ދާނެކަމެއް ނެތް.“ އާތިޔާ ބުނެލިއެވެ.
”ހެޔޮ ނުވާނެ މަންމާ…މާމަމެން ގެއަށް ޗޭންޖްވޭ….ތިދާ ވަރުން ދަންޏާ ކޮޓަރިންވެސް މަންމަ ބޭރުކޮށްލާކަށް އެ ދެޔޯ ފަހަކަށް ނުދާނެ…މިއުޅެނީ ގެއަށް ވައްޓާލިތާ ދެދުވަސްވެސް ނުވެގެން“ ޝަފްކާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
”ތިކަމާ މި ވިސްނަނީ.“އަނެއްކާވެސް އާތިޔާގެ މޫޑު ޚަރާބުވެ މީހާ ނެގި މަޑުވިއެވެ.
”އެވަރަށް ވިސްނާނެ ކަމެއް ނެތޭ މަންމާ…ބައްޕަ ވަކި ވިސްނާލިތަ މަންމައަށް ވާނެ ގޮތަކާ ދޭތެރޭ…؟ނުވިސްނިއެއްނު…ހަމަ ތެދެއް މަންމާ… އެއްފަހަރުވެސް އަމިއްލަ ނަފްސު އިސްކޮށްބަލަ.“ ޝަފްކާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
އާތިޔާ ވަކި އެއްޗެކޭ ނުބުނެ އަނެއްކާވެސް އޭނާގެ ހުރިހާ ސަމާލުކަމެެއް ނުހައިކަށް ހުއްޓާލިއެވެ.އެ މައުޟޫއަށް އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާކަން އާތިޔާގެ އެ އަމަލުން އަހަރެމެން ދެމީހުނަށްވެސް ވިސްނުނެވެ.ޝަފްކާ އަހަރެންގެ މޫނަށް ބަލާލާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ.
****
މިރެއަކީ އަހަންނަށް ވަރަށް ޚާއްސަ ރެއެކެވެ.މިރެއަށްޓަކައި އަހަރެން ތައްޔާރުވެ ދުވަސް ގުނަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ.މިރެއަށް ތައްޔާރުވުމަށްޓަކައި އަހަންނަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔައީ މާހިނާއި ޝާމިންގެ ފަރާތުންނެވެ.އަހަންނަކީ އެ ކަހަލަ ކަންކަމުގައި އެއްވެސް ކަހަަލަ ތަޖުރިބާއެއް ހުރި މީހެއް ނޫނެވެ.އެ ދެމީހުންގެވެސް ތަޖުރިބާއެއް ނެތެއް ކަމަކު ދިން ކޮންމެ ޚިޔާލެއްވެސް އަހަންނަށް ހަމަ ވަރަށް ކަމުދިޔައެވެ.
ޝަފްކާއަށް ތައްޔާރުވެލަން ވަގުތު ދޭން ވެގެން އަހަރެން ކުރިޔާލައި ތައްޔާރުވާން ފެށީމެވެ.އަހަރެން ފެންވަރައިގެން ނުކުތީއްސުރެ ޝަފްކާގެ ސިއްރު ނަޒަރުތައް އަހަންނަށް އަމާޒުވަމުން ދިޔަކަން އަހަންނަށް ފާހަގަވިއެވެ.އަހަރެންގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.
”ކިހިނެއްވީ…؟“ އަހަރެން ސަމާސާ ރާގެއްގައި އަހައިލީމެވެ. ޝަފްކާ ކަރުކެހިލާފައި ކަމެއް ނުވެޔޭ ބުނެ ދުރު ބަލައިލީ ނިކަން އަވަހަށެވެ.
”އުހޫނ….ބުނެބަލަ….ޝަފް ތިވަރަށް ބަލާތީ ދޯ…ހެހެ… އަހަރެން ހީކުރީ-“ ޝަފްކާ އަހަރެންގެ ޖުމްލަ ފުރިހަމަ ނުވަނީސް ހުއްޓުވިއެވެ.
”އަޅެ ދެން އާކީ…ދެން ނުކުންނަން އުޅޭ…“ ޝަފްކާ ރަކިވީވަރުން އެ ދެކޮލަށް ފިނިފެންމާ ކުލަ ފާއްދާލާން ނެގި ފަޅި ސިކުންތެކެވެ.އޭނާ ލަދުގަތްކަން އެމޫނު މަތިން ނުހަނު ރީތިކޮށް ފެންނަން ހުއްޓެވެ.
”އައްދޭ ލަދުގަތީތަ…އެކަމަކު ކުރީ ދުވަ-“ އަހަރެން ބޭނުންވީ އަދިވެސް ބޮޑަށް ޝަފްކާ ރަކިކޮށްލާށެވެ.އެހެނަސް ޝަފްކާ އެ އައިގޮތަށް އައިސް އަހަރެންގެ އަނގަމަތީގައި އަތް އަޅައި، އަހަރެންގެ އަނގަ ބަންދުކޮށްލައިފިއެވެ.އެއާއެކު އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.
”ހޭނެ ކަމެއް ނެތް…އާކި ހަމަ ޝަފް ލަދުގަންނުވަން ތިއުޅެނީ…“ ޝަފްކާ ކުޑަކުއްޖެއްހެން ކުސްތަޅައިލިއެވެ.
އަހަރެން ޝަފްކާގެ އަތް އަނގަމަތިން ނައްޓުވާލާފައި އޭނާގެ ދެއަތް ފުރަގަހަށް ވާގޮތަށް ގެންގޮސް ދެއަތް ހައްޔަރުކޮށްލީމެވެ.
”އެހެންވިއްޔާ އަނެއްކާވެސް ތި ޝައިނެސް ކަނޑުވާލަން އުޅެމާ…“ އެއްލޯ މަރާލާފައި އަހަރެން ލާނެތް ރާގެއްގައި ބުނެލީމެވެ.
”ދެން އާކީ…ނޮޓް ނައު…އަޅެ މަންމަވެސް އެބަ އުޅެޔޭ..މީނަ އުޅޭ ގޮތެއް ދެން…އިޔޫ..“ ޝަފްކާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.އަހަންނަށް ހައްތަހާ ބާރަށް ހެވުނެވެ.
”ސީރިޔަސްލީ…ޕުޓް ސަމް ކުލޯތްސް އޯން އެން ގެޓް އައުޓް…“ ޝަފްކާ ތުންކޮޅު އޫކޮށްލަމުން ބުނެލިއެވެ.
”ހަމަ ޔަގީންތަ؟“ އަހަރެން އަނެއްކާވެސް ޝަފްކާ ރުޅި އަރުވާލަންވެގެން އެއް ލޯ މަރާލަމުން ބުނެލީމެވެ.އޭނާ ވަގުތުން އަހަރެންގެ ބުރަކަށީގައި ތަޅައިގަތެވެ.
”ތިހެން އުޅެންޏާ ނޯ ސަޕްރައިޒް ފޮރ ޔޫ…އާކި އެންމެ ފޫހިވާ ހެދުން ލައިގެން އަހަރެން ދާނީ.“ ޝަފްކާ ތުން އަނބުރާލަމުން ބުނެލިއެވެ.
”އޭ ނޫން އެހެން ނުހަދައްޗޭ…“ އަހަރެން އާދޭހުގެ ރާގެއްގައި ބުނެލީމެވެ.ޝަފްކާ ހަށަން ބަނދެލާފައި ދެލޯ ހަނި ކޮށްލި ގޮތުން ހީވީ އޭނާ ހުންނާނީ ގޮތުގައޭ ބުނެލިހެންނެވެ.
”އޯކޭ މެޑަމް…މުޖޭ މާފް…މިއަޅާ އެއްޗެހި ލައިގެން މި ނުކުންނަނީ…ކަމަނާ ރީތިވާން ކޮޓަރި ހިތަކަށް ދީފައި…“ އަހަރެން ތަންކޮޅެއް ޑުރާމާ ބައި ބޮޑުކޮށްލާފައި ބުނެލި ގޮތުން ޝަފްކާއަކަށް އޭނާގެ ހިނިގަނޑު ހިފަހައްޓައެއް ނުލެވުނެވެ.
”ސީރިޔަސްލީ އާކި…މީނައަކާ ހެދި ނުހީއެއް ނުހުރެވޭނެ ޖޯކު ކަމުންވެސް…އޯކޭ ދެން ނުކުންނަން އުޅޭ… މިހާރު މަންމަވެސް ނޫކް ނިންދަވަން ރޫމަށް އަންނަން އުޅޭނެ…“ ޝަފްކާ ހިނިގަނޑު މައިތިރިކޮށްފައި ބުނެލިއެވެ.
އަހަރެން ލީ ކަޅު ކުލައިގެ އަތް ދިގު ގަމީހަކާއި ޖިންސެކެވެ.އިސްތަށިގަނޑުގައި ފުނާ އަޅާލާ ރީތިކޮށްލާފައި ސެންޓު ޖަހާލައިގެން އަހަރެން ކޮޓަރިން ނުކުންނަން ދިޔަ މަންޒަރު ފެނިފައި ޝަފްކާގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ކުޅެލިތަން އަހަރެން ދުށީމެވެ.ޝަފްކާ ކޮންމެވެސް ކަލަރ ކޯޑެކޭ ކީ ހަނދާނެއް އަހަރެންވީ ދެނެވެ.އޭރު ޝަފްކާ ލައިގެން ނުކުންނާނެ ހެދުމެއް ބަލައިލާ ހިތުން އަހަންނަށް ހުރެވެނީއެއް ނޫނެވެ.
އަހަރެން ސިޓިން ރޫމަށް ނުކުތުމުން އާތިޔާ ނުހައިކު ނިންދަވަން ކޮޓަރިއަށް ވަނެވެ.އަހަރެން އަވަސްވެގަތީ ޢިޝާ ނަމާދަށް ބަންގި ނުދެނީސް އަވަހަށް ގޭ ކައިރި މިސްކިތަށް ގޮސް މަޣުރިބު ނަމާދު ކޮށްލެވޭތޯއެވެ.މަޣުރިބު ނަމާދަށް ފަހު އަހަރެން މިސްކިތުން ފޭބީ ޢިޝާ ނަމާދުވެސް ކޮށްލައިގެންނެވެ.ގެއަށް އާދެވުނުއިރު އަށެއް ޖެހުމާއި ގާތްކުރަނީއެވެ.އެތެރެއަށް ވަތްއިރު ސިޓިން ރޫމުގައި އެކަކުވެސް ނެތުމުން އަދިވެސް ޝަފްކާ ތައްޔާރުވެ ނުނިމެނީކަން އަހަންނަށް އެނގުނެވެ.ވަގުތު ކުރުކޮށްލުމުގެ ގޮތުން އަހަރެން ގޮސް ޓީވީ ހުޅުވާލައިގެން ވަރަށް ހަމަޖެހިލައިގެން ސޯފާގައި ޖައްސާލީމެވެ.ފޯނު ނަގާފައި މާހިންގެ ނަންބަރަށް ޑައިލް ކޮށްލިއިރުވެސް އަހަންނަށް އިނދެވުނީ އިޚުތިޔާރަކާއި ނުލައި ހިނިތުންވެވިފައެވެ.
”ކޮބާ ބުރޯ…އޯކޭ އިނގޭ…އައިސްފަ މެސެޖެއް ކޮށްލާ…ބެލް ނާޅާތި…“ އަހަރެން މާހިން ގާތުގައި އެހެން ބުނެފައި ފޯނު ބޭއްވީމެވެ.
އިރުކޮޅެއްފަހުން އަހަރެންގެ ފޯނަށް މާހިންގެ މެސެޖެއް އައެވެ.އޭނާ ދޮރުމަތީގައި ހުރި ވާހަކަ ބުނެފައެވެ.އަހަރެން ވަރަށް މަޑު މަޑުން ގޮސް ދޮރު ހުޅުވާލިއިރު ރަތް ފިނިފެންމާ ބޮނޑިއަކާއި އެތެރޭ ނޭނގޭ ކުޑަ ކޮތަޅެއް ހިފައިގެން އައިސް އޭނާ ހުއްޓެވެ.
”ހަަމަ އާކިލްގެ ނަސީބު މިރޭ އަހަރެން ޑިއުޓީ ނޫންކަން…ޝާމިން ފަކީރު އަދިވެސް ސަލާމަތް ނުވޭ…މާ ޑީޓެއިލެއް ނުދޭ ވޯރކްޕްލޭސްގަ ވަރަށް ބޮޑުކަމެއް ލައިގަތީއޭ ބުނީ…މިރޭ ހަމަ އެކަމެއްވެސް ލައިގަންނަން އެނގުނީ ކީއްކުރާނީ…ކޮބާ ހުރިހާ ކަމެއްވެސް ރެޑީ އިނގޭ… އަހަރެންގެ ސައިކު އިންނާނެ ގޭ ކުރިމަތީ ޕާކިންގ ޒޯންގަ…މިއޮތީ ކީ…“ މާހިން މައިނޭވާ ލެވިފައި ހުރެ ސައިކަލު ތަޅުދަނޑި ދިއްކޮށްލަމުން ބުނެލިއެވެ.
”ތޭންކްސް މޭން…މައިނޭވާ ލެވިފައެއްނު ތިހުރީ…ލިފްޓަކުން ނޫންތަ އެރީ؟“މާހިން ހުރި ހާލު ފެނިފައި އަހަރެން ބުނެލީމެވެ.
އަހަރެމެން އުޅެނީ އެ އިމާރާތުގެ ފަސްވަނަ ފަންގިފިލާގައެވެ.އާންމުކޮށް ސިޑި ބޭނުން ނުކުރާ މީހަކަށް އެހިސާބަށް އެރޭއިރު ހުންނާނީ ގުނބުހިލިފައެވެ.
”ހޫނ…އަހަރެން ލިފްޓުން އަރަންށޭ އުޅުނީ އެކަމަކު އަހަންނާ އެކީގައިހެން ލިފްޓަށް އަރަން އައި ތުއިކަމެއް ދެއްވާފައި ތިބި އަންހެން ކުދިންތަކެއް ފެނިގެން ޚިޔާލު ބަދަލުވީ…އަހަރެން އަތުގަ މި މާ ބޮނޑި އޮއްވާ ފެނިގެން ވެސް އެމީހުން ހީވީ އެހެންފަދަ ކަމެއްހެން…އެމީހުން ބަލާވަރުން އަހަރެން ލަދުވެސްގަތް…ގައިމު އަހަރެން މީ ރީތި މީހެއްވެސް ނޫނޭ…އަދި ރީތި މީހެއް ނަމަ ކޮބާ ސަލާމަތެއް…ހާދަ ފޫއްސެއްވިޔޭ.ދެން އަނެއްކާ އަހަރެން މައްޗަށް މިއެރީވެސް ދުވެލާފައި…“ މާހިން ބުނެލިއެވެ.
”ހެހެހެ…ސާބަސް ބުރޯ..ކައެވެސް ދެން އެކަހަލަ ކަމަކާ އުޅެންވިއްޔޭ…މިހާރު މާ ލަސްވެސް ވެއްޖެ…“ އަހަރެން މާހިނާއި ދިމާކޮށްލީމެވެ.
”ހޫނ ކައެވެސް ފެށީ ދޯ…މަންމަވެސް މިހާރު ތިހެން ކިޔާފައި ބޮލުގައި ކޮށާވަރުން ބޮލަށް އުނދަގޫ…ދެން އެކަމަކު ކިޔެއްތަ ކުރާނީ އަހަންނަށް ކަމުދާ ކަހަލަ ކުއްޖަކު ހަމަ ނުފެންނަނިއްޔޭ…ކަމުދާ އެއް ކަންތައް ފެނުނިއްޔާ ކަމުނުދާ ފަސް ހަ ކަންތައް އެބަ ފެނޭ…ދެން އެވަރުން ކިހިނެއް ކަމަކާ އުޅޭނީ…ބެލެންސެއް ނުވެޔޭ…“ މާހިން ބުނެލިއެވެ.
”އޭ އޯކޭ މޭން ދިޔައްޔޭ…ހޭވް އަ ގުޑް ޓައިމް އިނގޭ ދެކުދިން.“ މާހިން ބުނެލިއެވެ.އަހަރެން ޝުކުރު އަދާކޮށްފައި ދޮރު ކައިރިކޮށްލީމެވެ.އަތުގައި އޮތް މާ ބޮނޑި އާއި ކޮތަޅުގެ އެތެރޭގައި އޮތް ޕެކޭޖްގެ ފެނި އަހަރެންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.
”ފައިނަލީ މައި ލަވް.“ އަހަރެންގެ ދެލޯ ވިދައިގަތެވެ. ހިތަށް ލިބިފައިވާ ހިތްހަމަ ޖެހުން ބަޔާން ކުރަންވެސް ދައްޗެވެ.އަހަރެން ކުރަމުން އައި އިންތިޒާރަށް ނިމުން އައުމުގެ ވަގުތު ކުޑަތަންވަނީކަން އިހުސާސް ކުރެވުނު ހިނދު ޖަޒުބާތީވި ވަރުން ދެލޮލަށް ފެންވެސް ޖަމާވިއެވެ.އަބަދުވެސް ޝަފްކާ އުފަލުގައި ބެހެއްޓުމަކީ އަހަރެންގެ އަމިއްލަ ނަފްސަށް އަހަރެން ވެފައިވާ ވަޢުދެކެވެ.މި ޚާއްސަ ރޭގެ ސަބަބުން ޝަފްކާގެ ހިތުގައި ދުވަހަކުވެސް ފިލައިގެން ނުދާނޭ ފަދަ އުފާވެރި ހަނދާންތަކެއް ބިންވަޅު ނެގިގެން ދިޔުމަކީ އަހަރެންގެ އަޒުމެވެ.ހިތުގެ މުރާދެވެ.އެ ރީތި ހިނިތުންވުމަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވާން ޖެހުނަސް އަހަރެން ފަހަކަށް ނުޖެހޭނަމެވެ.އެހާވެސް އަހަރެން ޝަފްކާ ދެކެެ ލޯބިވެއެވެ.
****
އަށް ގަޑި ބައިވެ ސާޅީސް ފަހެއް ހިނގުމާ ގާތްވެެއްޖެއެވެ.އަދިވެސް ޝަފްކާގެ ހިލަމެއް ނުވެއެވެ.ޝަފްކާއަށް ގުޅަން އުޅެފައިވެސް ޚިޔާލު ބަދަލުވެގެން އަހަރެން ފޯނު ބޭއްވީއެވެ.އާތިޔާ ނުހައިކު ނިންދަވާލުމުން އެކުއްޖާގެ އަޑެއް ބަޑެއްވެސް އިވި ނުލާތީ މުޅި ގޭތެރެއަށް ވެރިވެފައި އޮތީ ފަޅުކަމެވެ.އަހަންނަށް އިރު އިރުކޮޅަކާ ފޯނުން ގަޑި ބަލާލެވެއެވެ.ނުވައެއް ޖެހުމާ ގާތްވަމުން ދާތީ އަހަރެންގެ ހިތް ވަނީ އަވަސްވެފައެވެ. އާންމުކޮށް އަންހެން ކުދިންނަކީ ފަރިވާން ވެއްޖިއްޔާ ވަރަށް ވަގުތު ނަގާ ބައެއްކަން އަހަންނަށްވެސް އެނގެއެވެ.އެހެނަސް ޝަފްކާ ދުށުމަށް ކެތްތެރިކަން ކުޑަވެފައި ހުރިވަރުން އަހަންނަށް އިނދެވުނީ ގަޑި ހިނގާލެއްވެސް ލަސްވެފައެވެ.ރިމޯޓު ނަގައި ފަހަރަކު ޗެނަލަކަށް ބަދަލުކުރަމުން ގޮސް އިނގިރޭސި ލަވަ ފޮނުވަމުން ދިޔަ ޗެނަލަކަށް އަހަރެން ލީމެވެ.އެ ޗަނަލުން ދައްކަމުން ދިޔަ ’އެޑް ޝީރަންގެ‘ ’ޕާރފެކްޓް‘ ލަވަ އަޑުއިވުމުން އަހަރެންގެ ތުންފަތް ދެމިލިއެވެ.ވަގުތުން އަހަރެންގެ ލޯ ކުރިމައްޗަށް ސިފަވެގެން ދިޔައީ ޝަފްކާއެވެ.އެ ލަވައިގައި އެބުނާ ފަދައިން ޝަފްކާވެސް ހުރިހާ ގޮތަކުންވެސް ހާދަހާ ފުރިހަމައެވެ.އެ ލަވަޔާ ގަޔާވެވުނު ވަރުން އަހަރެން ކުޑަކޮށް ޓީވީގެ އަޑު ބާރުކޮށްލީމެވެ.
އިރުކޮޅެއް ފަހުން ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ.އެއާއެކު ސިޓިން ރޫމުގައި ހިފާލި އަންހެން ސެންޓުގެ މީރުވަސް އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ފޯރުވިއެވެ.އަހަރެންގެ ތުންފަތް އެއް މިޔަކަނުން ދެމިލިއެވެ.ފަހަތް ބަލައިލަންވެގެން އެނބުރެން އުޅެނިކޮށް ޝަފްކާ އައި ގޮތަށް އައިސް އަހަރެންގެ މޫނުމަތީގައި ފަހަތުން ދެއަތް އަޅައި ދެލޯ ފޮރުވާލައިފިއެވެ.އަހަރެންގެ ކަންފަތާއި އަނގަ ކައިރިކޮށްލާފައި އޭނާ ބުނެލި ބަސްތަކުން އަހަރެންގެ ހިނިތުންވުން އަދިވެސް ބޮޑަށް ފުންވެގެން ދިޔައެވެ.
އަހަރެންގެ މޫނު މަތިން އަތް ނަގާފައި ޝަފްކާ އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނީ ދެނެވެ.އަހަންނަށް ލައި ލައި ހުރި ނޭވާވެސް ހިފަހައްޓާލެވުނެެވެ.އެ ޗާލުކަން ފެނި އަހަރެން ހަމަ ރަނގަޅަށްވެސް އާޝޯޚުވިއެވެ.
ކަކުލުން ތިރިއަށް ގައިގެ ބައްޓަމަށް ހިފާލާފައި ހުރި ކަޅުކުލައިގެ ’އޯފް ޝޯލްޑަރ‘ ހެދުމުގައި އޭނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ.ފަލަމަސްގަނޑާއި ހިސާބުން ހެދުމުގައި ފަޅާލާފައި ހުރި ކުޑަ ތަންކޮޅުން ޝަފްކާގެ ދޮން ފަލަމަސްގަނޑުގެ ބައެއް ފެނިލި ހިނދު އަހަންނަށް ތުންފަތުގައި ދައިގަނެވުނެވެ.މި އަންހެން ކުއްޖާ މިއުޅެނީ އަހަރެން ހަމަ ރަނގަޅަށްވެސް މޮޔަކޮށްލަންބާވައޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.އޭނާގެ ފަން އިސްތަށިގަނޑަށް ހިސާބެއްގެ ރާޅުބާނިކަމެއް ގެނެސް ސުޓައިލުކޮށްލާފައިވާ ގޮތުން އޭނާގެ އެ ’ލުކަށް‘ އިތުރަށް ފުރިހަމަކަމެއް ގެނެސްދީފައި ވެއެވެ.ލުއި ލުއި މޭކަޕްވެސް އެ ދޮން މޫނާއި ނުހަނު ގުޅެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.






Alhey haadha reechey mi part💗💗
Descriptions in a another level frfr!!
Haha.. Shaf hama aslah vx e ulheny aaky moya kohlan😂
When next?
Lyy
Thank you girl ❤️
Alheyy aslutha 🫣❤️
Next episode soon Inge working on it ☺️
Tc.
Alhey haadha reechey mi part💗💗
Descriptions in a another level frfr!!
Haha.. Shaf hama aslah vx e ulheny aaky moya kohlan😂
When next?
Lyy and tc