މަންޒިލް 39
“އެންމެ ދެރަވަނީ އެދެމީހުންނާ ބާބީއާ ބައްދަލު ނުވީމަ… މި ވާހަކަ ބާބީގާތު ބުނާނެ ގޮތެއް އަހަންނަކަށް ނޭންގެ…އަހަރެން ބޭނުން މިއާއާ ކައިވެނި ކުރަން” އެ ބަސްތަށްވީ އިޝަލް ހިތުތެރޭގައެވެ. ދުލާއި ހަމައަށް ގެންނާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. މިއާގެ ހިތުގައި އޭނާއާ މެދު ވަނީ ކޮންކަހަލަ އިހުސާސެއް ކަމެއް އިޝަލަކަށް ނޭންގެއެވެ. އެނގޭހާވެސް އެއްޗަކީ ނޭންގި ހުއްޓައި މިއާ ވަނީ އޭނާގެ ހިތްއަތުލާފައިކަމެވެ. މިއާ އޭނާއަށް ކޮށްދޭ އެންމެ ކުދިކުދިކަންކަން ވެސް އިޝަލް ހަނދާން ހުރެއެވެ. އެގެއަށް އައި ދުވަހެއްގައި އޭނާއަށް މިންޓް ސައި މީރު ވާހަކަ އޭނާ ވަނީ ބުނެފައެވެ. އޭގެ ފަހުން އޭނާ ދާ ދުވަހެއްގައި މިއާ ގޭގައި ހުރެއްޖެ ނަމަ އަބަދުވެސް މިންޓް ސައިތަށް އޭނާއަށް ހަދައިދޭނެއެވެ. މިއާ ކޮންމެހެން އޭނާގެ ސަމާލުކަން ހޯދާކަށް މަސައްކަތެއް ނުކުރެއެވެ. މިއާ އެ ކަންތަށް ކޮށްދެނީ ހެޔޮހިތުންނެވެ.
ވާހަކަ ދައްކަ ދައްކާ ހުރެފައި ކުއްލިއަކަށް އިޝަލް ހިމޭންވުމުން މިއާ އިޝަލަށް ބަލާލިއެވެ. އޭރު އިޝަލްގެ ނަޒަރު ހުރީ ސީދާ އޭނާގެ ލޮލަށް އަމާޒުވެފައެވެ. ވަގުތުން މިއާގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. ގަތް ލަދާއެކު އޭނާގެ ނަޒަރު ނިކަން އަވަހަށް ކާންއިންތަށްޓަށް އަމާޒު ކޮށްލިއެވެ.
މިންހާއަށްޓަކައި އުފާވި ނަމަވެެސް ޒާޔާގެ ހިތްވަނީ ހަލާކުވެފައެވެ. ރިޔަން އާއި އޭނާ ވެސް ކައިވެނީގެ ވާހަކަ ދައްކާފައެވެ. ކައިވެނީގެ އެންމެ ކުދި ކުދި ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންކަން ރިޔަންއާއެކު އޭނާ ވަނީ ރާވާފައެވެ. އޭނާގެ އެހުވަފެންތަކުގައި ކުލަ ނުޖެހި އެ ވަނީ ފެނަށް ބަދަލުވެފައެވެ. މޫނު މަތިން ހިނިތުންވުން ފެންނަން ހުރި ކަމުގައި ވިއަސް ހިތްދިޔައީ ކަރުނަ އަޅައި ރޮމުންނެވެ.
މިންހާ އަދި އެރިކްގެ ކައިވެނި ޖުލައި މަހު ކުރެވޭ ގޮތަށް ހަމަޖެހިގެން ދިޔައެވެ. މިންހާ ބޭނުންވަނީ ރާއްޖޭގައި ކައިވެނި ކުރާށެވެ. އެރިކް ބޭނުންވީ މިންހާ ހިތްއެދޭ ގޮތަށް ކައިވެނީގެ ކަންތަށް ކުރިއަށް ގެންދާށެވެ. ކާރާ އާއި ބެހްރަދް ވެސް އެ ގޮތަށް އެއްބަސްވިއެވެ.
އިޝަލް ގެއަށް ދާން ނުކުތްގަޑީ އެރުނީ ސީދާ ކާރާ އާއި ބެހްރަދްގެ އިތުރަށް އެރިކްގެ ކުރިމައްޗަށްށެވެ. ސުވާލުގެ ނަޒަރަކުން ކާރާ އާއި ބެހްރަދް އިޝަލްއަށް ބަލާލިއެވެ. މިންހާ އާއި އެރިކްގެ ކައިވެނީގެ ކަންކަން ސައްލާކުރި ގަޑީ އިޝަލް ނެތްކަމެއް އެމީހުންނަކަށް ފާހަގައެއް ނުވެއެވެ. އިޝަލްގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. ނުތަނަވަސްކަމުގެ ތެރެއިން ހިނިތުންވާން އޭނާ މަސައްކަތް ކުރިއެވެ. ކާރާ އާއި ބެހްރަދަށް ދޭނެ ޖަވާބެއް އޭނާގެ ސިކުނޑިއަކަށް ނައެވެ.
“އެލެކް ވަރަށް ބޮޑަށް ޝުކުރިއްޔާ.. މަންމާ މިއީ އަހަރެން ބުނެގެން މިއާއަށް ކާއެއްޗިހި ހިފައިގެން އެލެކް އައީ… މަންމައަށް ވެސް އެނގެއެއްނު މި މިއާގެ ގޮތް.. ހެހެހެހެހެ…” އިޝަލްއަށް ވުރެ ކުރިން އެރިކް ބުނެލިއެވެ. އެރިކް އެބުނީ ތެދޭ ބުނާ ފަދައިން އިޝަލް ބޯޖަހާލިއެވެ. އޭރުވެސް އޭނާގެ ހިތްދިޔައީ ބާރަށް ތެެޅެމުންނެވެ. ކާރާ އާއި ބެހްރަދް އޭންއާ ކިތަންމެ ގާތްކޮށް އުޅުނު ނަމަވެެސް އެ ވަގުތު އިޝަލް ހުރީ ބިރުންނެވެ. ކާރާ ހިނިތުންވެލާފައި އިޝަލަށް ޝުކުރު އަދާކުރިއެވެ. ބެހްރަދް އެއްވެސް އަސަރެއް ދެއްކުމެއް ނެތި ކާރާ ފަހަތުން ގޭތެރެއަށް ވަނެވެ.
“އޭ ވަރަށް ބޮޑަށް ޝުކުރިއްޔާ އަހަރެން ސަލާމަތްކޮށްދިނީމަ…” އިޝަލް ފުންނޭވައެއް ދޫކޮށްލުމަށްފަހު އެރިކް ކޮނޑުގައި އަތް އަޅުވާލިއެވެ. އިޝަލްގެ ހިތުގައި މިއާއަށްޓަކައި އުފެދެމުން ދިޔަ އިހުސާސްތަށް އޭނާ ވަނީ އެރިކާއި ހިއްސާކޮށްފައެވެ. މިރޭ މިއާއާ ބައްދަލުކުރަން އައީވެސް އެރިކް ގާތު އަހާފައެވެ. އޭނާ ހިތުގެ ހާލު މިއާ ގާތު ބުނަން ބޭނުންވާ ކަމަށް ބުނެފައެވެ. “މަށަކަށް ނުބުނެވުނު…ހަމަ ދުލަށް ނައީ… މިއާ ހިތުގައި ވަނީ ކީކޭ ކަން ނޭންގޭތީވެ ބިރުގަތީ..” އެރިކް ސުވާލު ކުރުމުން އިޝަލް މާޔޫސްކަމާއެކު ޖަވާބު ދިނެވެ. “ހުމްހުމް.. ދޮގެއް ވެސް ނޫން ތިބުނީކީ.. މަށަށް ކުޑަކޮށް ހީވޭ މިއާއަށް އަހާން ކަމުދާހެން… އެދެމީހުން ދެމެދު ކޮންމެސް ކަމެއް ހިނގިހެން ހީވަނީ…” އިޝަލްގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ލޯބީގައި އޭނާއަށް ކާމިޔާބުވެވޭ ގޮތެއް ނެތޭ ހީވާންފެށިއެވެ. އެރިކް އެ ބުނީ ދޮގު ވާހަކައެއް ނޫނެވެ. ޖަރުމަނުގައި އޭނާ އުޅުނު ދުވަސްކޮޅުގައި މިއާ އަދި އަހާންއާ ދެމެދު ގާތް ގުޅުމެއް ވަނީ އުފެދިފައެވެ. އެދުވަސްކޮޅު އަބަދުހެން ޒާޔާގެ ކަމަކީ އަހާންގެ އުޅުމާމެދު ޝަކުވާ ކުރުމެވެ. އަހާން އޭނާއަށް ސަމާލުކަން ނުދީ މިއާއަށް ސަމާލުކަން ދޭތީއެވެ. އެހުރިހާ ކަމެއް އަލުން ހަނދާންވާން ފެށުމުން އިޝަލްގެ މެއަށް އުނދަގޫވިއެވެ. ލޮލަށް ކަރުނަ އަންނަ އުޅޭހެން ހީވާން ފެށުމާއެކު އެރިކް ކުރިމަތިން ދާން ބޭނުންވިއެވެ. “ދިސް ކާންޓް ބީ ހެޕެނިން އަގައިން” އެރިކްއަށް ފުރަގަސްދެމުން ވައިއަޑުން އިޝަލަށް ބުނެވުނެވެ.
ޕްރިމިއާރ ލީގުގައި ތަފާތު ކުޅުމެއް އާސެނަލްގެ ފަރާތުން ފެންނަމުން ދިޔައެވެ. އާ އަހަރުގެ ޗުއްޓީއާ ހަމައަށް އައިއިރު އާސެނަލް އޮތީ ދިހަ ޕޮއިންޓުގެ ފަރަގަކާއެކު ލީގުގެ އެއްވަނައިގައެވެ. ފަހަތުން ދެވަނާއިގައި އޮތީ ލިވަޕޫލެވެ. ޗެމްޕިއަންސް ލީގުގެ ވެސް ގަދަ ސޯޅައަށް އާސެނަލް ވަނީ ދަތުރުކޮށްފައެވެ. ގަދަ ސޯޅާގައި އެމީހުން ކުޅެެން ޖެހެނީ އިޓަލީގެ ނަޕޯލީއާއެވެ. ފަހަކަށް އައިސް ނަޕޯލީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެމެޗަށް ތައްޔާރުވުމަށްޓަކައި ވަރުގަދައަށް ފަރިތަކުރުންތަށް އާސެނަލުން ކުރިއަށް ގެންދިޔައެވެ. އެންމެ ފަހުން ބޭއްވުނު ތިން ފަރިތަކުރުންތަކުގައި ވެސް އިޝަލްގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނެވެ. ވަރަށް ވެސް އާދައިގެ ގޯސްތަށް ހަދަމުން ދިޔައެވެ. ކުޅުންތެރިންގެ އިތުރަށް އަކަމަލްގެ ނުރުހުން ވެސް އިޝަަލަށް ލިބެމުން ދިޔަވެ. ނަޕޯލީ މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ބޭނުންނަމަ ކުޅުން ރަނގަޅު ކުރަން އަކްމަލް އެންގިއެވެ. އިޝަލްއާއި ހެދި އަކްމަލް ވެސް ނުތަނަވަސް ވިއެވެ. ނަޕޯލީ މެޗަށް އަރުވަން އޭނާ އިތުބާރު ކުރާ ކީޕަރަކ އިޝަލެވެ. އެހެނަސް ފަރިތަކުރުންތަކުގައި އިޝަލް ހަދަމުން ދިޔާ ގޯސްތަކުން އިޝަލްގެ އެ މެޗަށް އެރުވުމާމެދު ޝައްކު ކުރެވުނެވެ.
ގަދަ ސޯޅާގައި ނަޕޯލިއަށް ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު އޮތީ އަމިއްލަ ދަނޑުގައި ލަންޑަަންގައެވެ. މެޗުގެ ކުރިން ބޭއްވިގެން ދިޔަ ފަހު ދެ ފަރިތަކުރުމުގައި ވެސް އިޝަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައި ވުމާއެކު މެޗުގެ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ދިނުމާމެދު އަކްމަލް އެއްވެސް ޝައްކެއް ނުކުރެއެވެ.
ހަތްގަޑި ބައިވާން އުޅެނިކޮށް މިއާ ދަނޑަށް އައެވެ. އޭނާ ބޭރުގައި މަޑުކޮށްގެން ހުރީ މިންހާމެންނަށް މަޑުކޮށްގެންނެވެ. ފަސްވަރަކަށް މިނެޓު ފަހުން އަހާން އަތްހޫރާތަން ފެނުނެވެ.
“ވަރަށް މަޢާފް ލަސްވީމަ.. މި އުޅޭ މިންނުއާ ޒާޔާ ތައްޔާރު ނުވެގެން… މަ އެންމެ ފަހުން އެމީހުން ބައިތިއްބާފަ ބައްޕައާ މާއިޒްބޭބެއާ އެއްކޮށް މިއައީ.. ހިނގާ އަހަރުން ވަންނަން.. އެލެކް މިންނުއަށް ނަގައިދިން ރަނގަޅު ސީޓު މަށަށް” މިންހާ އާއި ޒާޔާ ތައްޔާރުވާލެއް ލަސްކަމުން އަހާން ހުރީ ހިތްހަމަ ނުޖެހިފައެވެ. އަހާން ތައްޔާރުވެގެން ބައި ގަޑިއިރުވީ އިރުވެސް މިންހާ އާއި ޒާޔާއަށް ތައްޔާރުވެވުނު ކަމަކަށް ނުވިއެވެ. އެންމެފަހުން އެދެމީހުން އަލައިކާއާ ހަވާލުކޮށްފައި އަހުސަމާއި އެއްކޮށް އޭނާއައީއެވެ.
އަހާން އާއި މިއާ ގޮސް އިށީނީ އެންމެ ރީތިކޮށް ދަނޑު މަތި ފެންނަން ހުރި ގޮނޑި ބަރީގައެވެ. އެ ގޮނޑިތަކަކީ މިންހާ އާއި މިއާއަށް އެރިކް އަދި އިޝަލް ނަގައިދީފައި ހުރި ދެގޮނޑިއެވެ. މިންހާ ލަސް ކުރުމުން އަހާން އެ ގޮނޑި އަތުލީއެވެ. އޮލަ ވާހަކައިގައި ތިބެ އަހާނާއި މިއާ ތިއްބެވެ. އެ ދެޒުވާނުން ސުވާލު އުފައްދަމުން ދިޔައީ މިންހާމެންނަށް ގަޑިއަށް އާދެވޭނެތޯއާ މެދުގައެވެ. މިންހް އާއި ޒާޔާ އުޅޭ ގޮތް އަހާން ނަކަލު ކުރަމުން ދިޔައެވެ.
ދަނޑަށް އަރަން ދިޔަ އިޝަލަށް ފުރަތަމަ ވެސް ފެނުނީ ހީނހީފައި އަހާނާއި ވާހަކަ ދައްކަމުން ދިޔަ މިއާއެވެ. ހިނދުކޮޅަކަށް މެޗު މަތިން އޭނާ ހަނދާންނެތުނެވެ. އެ ވަގުތުން ވަގުތަށް ގޮސް އަހާނާއި މިއާ ދުރުކުރަން ބޭނުންވިއެވެ. އަހާނާއި މެދު ހިތުގައި ހަސަދަވެރިކަން އުފެދުނެވެ.
ހަމައެވަގުތު ކެމެރާ އިޝަލްގެ މޫނަށް އެޅިގެން ދިޔައެވެ. ސަޕޯޓަރުންނާއި މެޗު އެނަލިސްޓަރުންނަށް ހީވެގެން ދިޔައީ އިޝަލް އެހާ ސީރިއަސްކަން މަތީ ހުރީ މެޗަށް ކަމަށެވެ. އިޝަލްގެ ‘ގޭމް ފޭސް’ގައި ހުރުމުން ނަޕޯލީން އޭނާ ކޮޅަށް ލަނޑެއް ވައްދަށް އުނދަގޫވާނެ ކަމަކަށް ތަޖުރިބާކާރުން އަންދާޒާ ކުރިއެވެ.
އިޝަލް މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރުގެ ހަގީގީ ސަބަބު އެނގޭ ހަމައެކަނި ފަރާތަކީ އެރިކެވެ. “އެލެކް މިރޭ ވިސްނާނީ ހަމައެކަނި މި މެޗަށް…ޕްލީޒް އެހެން ކަންކަމާ ނުވިސްނާތި.. އަމިއްލަ ދަނޑުގަ މި މެޗު މި ކުޅެވެނީ..” ދަނޑަށް އެރުމަށްފަހު އެރިކް މިރޭގެ މެޗުގެ މުހިންމުކަން އިޝަލަށް ހަނދާންކޮށްދިނެވެ. ފުން ނޭވާއެއްލުމަށްފަހު އިޝަލް އޭނާގެ ސިކުނޑިން މިއާ ނެރެލެވޭތޯ މަސައްކަތް ކުރިއެވެ. މިވަގުތު މިއާއަށް ވުރެ މުހިންމީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުމެވެ. މިއާއަށް ހިތުގެ ހާލު އަންގާނެ ގޮތަކާ މެދު ވިސްނާނީ މެޗަށް ފަހުގައިކަމަށް އަމިއްލަ ނަފުސަށް ވިސްނައިދިނެވެ.
ނުނިމޭ
3 Comments!
Comments are closed.






Nice episode!
Mia and alec would be a perfect match
Whn nxt??
Luv u 💗
Can’t wait for the next part. Pls pls upload it soon. I love this series a lot… pls pls can’t wait for the next part.
When next