Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 9)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 13, 2026 7 Mins Read
4 Comments

ޝަހީމްގެ ބަސްމަގު ހުރިގޮތުން އާތިޔާ ގާތަށްވެސް ރުޅިއައެވެ.އޭނާ ހިތުގައި ބާއްވައިގެން އުޅުނު ހުރިހާ ވާހަކަތަކެއް ގޮވައިލިއިރު އެ ދެލޯ ވަނީ ރުޅިއާއި ހިތާމަ އެކުވެގެން ފެންކަޅިވެފައެވެ.

”އަހަރެން ކަންތައް ކުރާނެ ގޮތެއް އެނގޭނީ ހަމަ އަހަންނަށް…ކޮންމެހެން މަށަށް ކަން ކުރަންވީ ގޮތް ކިޔައިދޭން ހަދާނެ ކަމެއް ނެތް.މި ދޭތެރެއަށް އަނގަ ނުބާނާ މަޑުން ހުރޭ އާތިޔާ!ވަރަށް ސާފު ދިވެހިބަހުން އަހަރެން މިބުނަނީ ތި ކައިވެނި ކުރާކަށް އަހަރެން އެއްބަހެއް ނޫނޭ.އަޑު އިވިއްޖެ!؟ހަމަ މިހާރު ނުކުމޭ މިގެއިން…ދަމާ ކޫއްތާފަ މިތަނުން ނުނެރެނީސް!“ ޝަހީމް އަހަންނާ ދިމާލަށް ހަޅޭއްލަވައިގަތެވެ.އެވަގުތު ޝަފްކާ އަހަރެންގެ ކުރިމައްޗަށް ވާނެހެން އަރައި ދެއަތް ދަމާލައި ހުރަސްކޮށްލިއެވެ.

”ބައްޕާ!…އަހަރެން އާކި ނޫން މީހަކާ ނީންނާނަން…މިި ބުނީނު ނީންނާނަމޭ…ހެޔޮ ދުވަހަކު މީހަކާ ނީނދެ ހުންނަން ޖެހުނަސް އަހަރެން އާކި ނޫން މީހަކާ ނީންނާނަން.އަހަރެން އަހަރެންގެ ދަރިފުޅު އޭނާގެ ބައްޕައަކާ ވަތްކެއް ނުކުރާނަން…މީ އަހަރެން އަމިއްލަ ނަފްސަށް ވާ ވައުދެއް…ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އަހަރެން ނޫކް އާކިއަކާ ވަތްކެއް ނުކުރާނަން!ބައްޕަ އަހަރެންގެ އިހުސާސްތައް ބަލައިގަންނަން ބޭނުން ނުވިޔަސް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތް… އަހަންނަށް ދެން އިތުރަށް ބައްޕަގެ ރުހުމާ ލޯބި ނުލިބުނަސް… ނޫކްއަށް ބައްޕައެއްގެ ލޯބި ލިބެނިކޮށް އަހަންނަށް ފުދޭނެ.“ ޝަފްކާ ރޮމުން ބުނެލިއެވެ.

”ބަލާ ބޮޑުކުރީމަ މައިންބަފައިންގެ މޫނުމަތީގަ ކޮޅުފައިން ޖަހަން އެނގޭނީ މި މީހުނަށް.މަ ބަލާނަމޭ މަށާ ނުޖެހި ޝަފްކާއަށް އުޅެވޭތޯ އަޅެ..ކަލޭ އޭނަޔާ އިންނަން ޖެހޭނީ މަ މީ ބަފާ ނޫންކަމަށް…ހަނދާން ކުރާތި! އެނބުރި މަގޭ ފައިބުޑަށް އައިސް ވެއްޓި ރޮއެ ހޭރި އާދޭސް ކުރިޔަސް މަގޭ ކަންފަތަކަށްވެސް އަޑެއް ނީވޭނެ.ދަރިންނަކަސް ހިސާބަށްވުރެ ބޯ ހަރުވީމާ ޖެހޭނީ ދޫކޮށްލަން.“ ޝަހީމްގެ ފަހު ބަސް އިއްވިއެވެ.އެ އަޑު އަހާފައި ޝަފްކާއަށް ވީ ގޮތް ފެނި އަހަރެން އަދި ވަކިން ހިތްދަތިވިއެވެ.

”ޝަހީމު މޮޔަވީތަ؟ އޭނ؟! ތި ހިތުގަ ރަހުމުގެ ކަންފުޅެއްވެސް ނެތީތަ އަޅެ…؟ އޭނަ އެ އުޅެނީ ފާފައެއް ކުރާކަށް ނޫނޭ!…ރީތި ގޮތުގައި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނީމަވެސް ތިހުރީ އަމިއްލަ އަންހެން ދަރިއަށް ދިން ޖަވާބު. ތިމަންނަ މީ ބައްޕަ ނޫންކަމަށް އިންނާށޭ ބުނިއިރު ތި ބުނެވުނީ ކިހާ ވަރެއްގެ އެއްޗެއްކަން އެނގޭތަ؟ރަހިމުގެ ގުޅުމޭ ތި ކަނޑާލެވެނީ ހަމަ! މަޙުޝަރު ދުވަހު ސުވާލުކުރެވެނީ ދަރިން މައިންބަފައިންނާ ދޭތެރޭ ކަންތައް ކުރި ގޮތާ މެދު އެކަންޏެއް ނޫނޭ.މައިންބަފައިން ދަރިންނާ ދޭތެރޭ ކަންތައް ކުރި ގޮތަކާ ދޭތެރޭވެސް ސުވާލު ވެވޭނެ.މައްސަލައެއް ނެތް…ޝަފްކާއަށްވެސް ކުރިން އުޅެވިފަ ހުރީ ރަނގަޅަކަށް ނޫން…އެކަމަކު އޭނާ ދެން އިތުރަށް އެ ގޮތަށް އުޅެން ބޭނުން ނުވާތީ ދޯ ކައިވެނިކުރަން ބޭނުންވެގެން އެ އުޅެނީ…ދެންވެސް ޝަހީމު ވީ ޝަހީމުގެ އީގޯ އިސްކޮށްފަ އެމީހުންގެ ކައިވެންޏަށް ހުރަސް އަޅަންތަ؟!އެއީ ނޫކްގެ ބައްޕަ ނޫންކަމަކަށް ނުހެދޭނެ ޝަހީމު ކިތަންމެ ބޭނުންވިއަސް… ކިތަންމެ ރުޅިއެއް އަޔަސް.ދަރިން ތިބޭ މީހުންނާ އިންނަން މިހާރު މިއުޅޭ ޒުވާނުން ބޭނުން ނުވާ ވަރު ޝަހީމަށްވެސް ފެނެއެއްނު… ޝަފްކާއަށް އަދި ވީ އެންމެ ވިހި އަހަރު…ނޫކްގެ ބައްޕަ އިންނަން ހުއްޓާ އޭނާ ވަކި އެހެން މީހަކާ އިންނަން ބޭނުންވާނެތަ؟ ޝަހީމުވެސް ނޫކް ދެކެ ލޯބިން އުޅޭއިރު ހީވާނީ އެހެންފަދަ ކަމެއްހެން.އެ ކުއްޖާ ބައްޕައެއްގެ ލޯބިން މަހުރޫމު ކޮށްލަން ވީމަ އޯކޭ… ތީތަ ޝަހީމް ނޫކް ދެކެ ވާ ލޯތްބަކީ؟“ އާތިޔާ ފެށިއެވެ.

”ހެވޭ…ނޫކްގެ ބައްޕައެއް ކަމަކު ޑުރަގު ބޯ މީހެއްކަން ކަނޑައެޅިގެން އެނގޭއިރު ޝަފްކާ ކަލެޔާ ދެވަން މަ ހަމަ ހޭގައި ސަލާމަތުން ހުރިހާ ހިނދަކު އެއްބަސްވާނެ ގޮތެއް އެއީ ނެތް ގޮތެއް…އެހެނެއް ނޫން…އިންނަންޏާ އިންނަން ޖެހޭނީ މަ މީ ބަފާ ނޫންކަމަށް…އެހާ ހިސާބުން މަ ނުބަލާނަން ތީ މަގޭ ދަރިއެއް ކަމަކަށްވެސް… ޝަފްކާގެވެސް ހުރި ލަދު ހަޔާތް ކުޑަކަން އެނގޭނެއެއްނު އޭރުން…“ ޝަހީމް ގޮތް ދޫކުރަން ހިތަށް ނޭރިއެވެ.ދުލަށް އައިހާ ވިހަ ބަސްތަކުން ޝަފްކާގެ ހިތުގައި އެތަކެއް ޒަޚަމްތަކެއް ލައްވަމުން ދިޔައިރު އޭނާގެ ބަފައިވަންތަކަމުގެ ލޯބި ވަދެ ވީތަނެއްވެސް ނޭނގެއެވެ.

”މީ ހަމަ އާތިޔާގެ ސަބަބުން ވާހާ ކަންތަކޭ! އެންމެ ފާޑު ފާޑަށް އުޅޭ އުމުރަށް އެރީމަ ޝަފްކާ އުޅޭ ނޫޅޭ ގޮތެއް އާތިޔާ ބަލައިލީކީ ނޫން…ނުހާޒުވެސް  ގެޔަށް ނުވަދެ ބޭނުން ވައްތަރަކަށް ތެޅުނުއިރުވެސް އެކަމާވެސް އެއްޗެއް ބުނީކީ ނޫން…ބީރު މަންމަން ކަނު މީހަކަށް ހެދިގެން އާތިޔާ އުޅުނީ…އާތިޔާއަށްވެސް ދަރިންނަށްވުރެ މުހިންމުވީ ކެރިއަރު.ބަލަ މަ އެކަނި އެއްޗެކޭ ބުނެގެން އެމީހުން އަޑު އަހާނެތަ؟“އިތުރަށް ބުނާނެ އެއްޗެއް ޝަހީމަށް ނޭނގުނީ ކަންނޭނގެއެވެ.އޭނާ އާތިޔާ ކުށްވެރިކޮށްފައި ވާހަކައިގެ މިސްރާބު އަނބުރައިލީ ނިކަން އަވަހަށެވެ.

”ކިހާ ރީތި!ވާ!އަހަރެން މިހުރީ ހަމަ ބުނާނެ އެއްޗެއްވެސް ނޭނގިފަ…ޝަހީމު ތީ ހާދަ ހެއްވާ މީހެކޭ ދޯ…؟! މިހާރު މި ގޯސްވީ މަށެއްނު…ހުރިހާ ކަމެއް މަގޭ ބޮލަށް ޖަހާފަ ނިންމާލަން ދޯ މިހާރު ތިއުޅެނީ. ބަލަ ދަރިންނަށް ހައްދެއް ނެތް މިންވަރަށް މިނިވަންކަން ދީފަ ދަރިން ނުބެލީ މަށޭ ކިޔައިގެން ޝަހީމަކަށް ވަކި އަހަންނަކަށް އިނގިލި ދިއްކުރެވޭކަށް ނޯންނާނެ އިނގޭ!މިކަމުގެ ޒިންމާ ނަގަންޏާ ނަގަންޖެހޭނީ ދެމީހުން އެއްވަރަކަށް…ޝަހީމެއްވެސް ކުރިޔަކުން ތިހާ ފޯރިއެއް ނާރުވާ… އެމީހުން އުޅޭ ނޫޅޭ ގޮތެއް ވަކި ޝަހީމެއްވެސް ނުބަލާ.އާނ އެހެންނުން ވާނީ…ޝަހީމަށް ވަކި ޝަހީމުގެ އާއިލާ މުހިންމުވާނެތަ…ޝަހީމް ހީކުރީ މަށަށް ހަމަ އެކައްޗެއްވެސް ނޭނގޭތީ ކަމަށްތަ މަޑުން މިހުންނަނީ އޭނ؟ތިމާ މީހާ ފަޟީހަތް ވާން ބޭނުން ނޫނިއްޔާ މަގޭ ދުލުގަ ހިފައިގެން ދަމަން ނުހަދާ! ދައްކަންޏާ ވަރަށް ބޮޑެތި ވާހަކަ ދެއްކިދާނެ މަށަށްވެސް…ފުރަތަމަ ތިމާ މީހާ ވިސްނާލަބަލަ އަހަރެން އެހާ ގިނަ ވަގުތު މަސައްކަތަށް ހުސްކުރަން ޖެހުނު ސަބަބު…އެހާ ރީތިކޮށް އުޅެ އުޅެ ހުއްޓަ ޝަހީމް އަހަންނަށް ހެދީ ކިހިނެއް؟ހަމަ ދަރިންނަށްޓަކައޭ ބީރު މަންމަން ކަނު މީހަކަށް ހެދިގެން އަހަރެން އުޅުނީ… އެކުދިންނަށް އެ މަންޒަރުތައް ފެންނާން ބޭނުން ނުވާތީ…އެކަމަކު އަހަރެންގެ އަމިއްލަ ނަފްސުވެސް އަހަންނަށް މުހިންމުވާނެ ދޯ…ޝަހީމަށް އަހަރެން މާޔޫސްކޮށްލެވުނުވަރު އިހުސާސްވެސް ނުކުރެވޭނެ.ހިތަށްވެސް ނުގެނެވޭނެ…ދަރިން ކުޑައިރު ދަރިންނަށްޓަކައި ކެރިއަރއިން އަތް ދޫކޮށްލިން….އެކަމަކު އަނބުރާ ދާން މަޖުބޫރުކުރީ ހަމަ ޝަހީމް…ހިތަށް އަރާ ނަސީބޭ.އެނޫންނަމަ މިހާރު ގޭގައި އިނދެ ފިކުރު ކޮށް ކޮށް އަހަރެންގެ ބޯ ހުރީހީ ގޮވައިފަ…މިވަރަށްވެސް މި ކެތްކޮށްލެވުނީ ކަންކަމާ ވިސްނާނެ ވަގުތު ނުދީ ބިޒީކޮށް އުޅެވުނީމަ… މިހާރުތާ ދެން ނޫކްވެސް އުޅެނީ …ޝަހީމަށް ހެޔޮވާނެ އަހަރެން ނެތަސް…މަމީ ނަމަކަށް ހުންނަ މީހެއްވިއްޔަ… އެދުވަހު އަހަރެން ގޭގަ ދަރިން ބަލާށޭ ކިޔާފައި މަޑު ކުރިނަމަ ޝަހީމް އުޅޭ ނޫޅޭ ގޮތަކާ ދޭތެރޭ ވިސްނާ ވިސްނާ އަހަރެންގެ ބޯ ގޮވީސްކަން ކަށަވަރު…ކިހާ މަންޒަރުތަކެއް މަށަށް ފެނުނީސް އޭރުން…ކިހާ މައްސަލައެއް ޖެހުނީސް…އަހަރެން ކަމެއް ފެންނަ ކަމަށް ނުހަދާ އުޅުނީމަ މިހާވަރުވެސް މިވީ…ބަޓް އައި ޑޯންޓް ސީ ދަ ޕޮއިންޓް އޮފް ދިސް މެރިޖް އެނީމޯރ…!“ބޮލުގައި އެޅުނު އިލްޒާމުގެ ސަބަބުން ހިތްހަމަ ނުޖެހިގެން އާތިޔާ ހަޅޭއްލަވައިގަތެވެ.އޭނާ އެބުނި އެއްޗަކުން އަހަންނާ ޝަފްކާއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ އެއްފަހަރާ ކަހަލަގޮތަކަށެވެ.މިހާރު މީ ހަމައެކަނި އަހަންނާ ޝަފްކާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނެގެން އުފެދިގެން އުޅޭ ހަމަނުޖެހުމެއް ނޫންކަން އަހަންނަށް ޔަގީންވެއްޖެއެވެ.އަހަންނަށް އައިސް މި ދަރު އަޅާލެވުނީ ކުރިންވެސް ރޯވެފައިވާ އަލިފާންގަނޑަކަށެވެ.އެ ދެމީހުން ބަދަލު ކުރަމުން ދިޔަ ބަހުގެ ހަމަލާތަކުން އެކަން އެބަ ވަރަށް ރަނގަޅަށް ސާފުވެއެވެ.

އެހެނަސް އެކަމަށްވުރެ މިވަގުތު އަހަންނަށް ބޮޑަށް މުހިންމީ ޝަހީމަށް ވިސްނައިދީގެން އޭނާގެ ރުހުން ހޯދާނެ ގޮތެކެވެ.އެހެންކަމުން އަހަރެން އަނެއްކާވެސް ވަރަށް ހިތްވަރު ކޮށްފައި އަލުން ކައިވެނީގެ މައުޟޫ ނެގީމެވެ.

”ތެދެއް… އަހަންނަކީ ބަލި މީހެއް…އެކަމަކު އެހެންނޭ ކިޔާފައި އަހަރެން ހިތްވަރު އެލުވައެއް ނުލަން.. އަހަންނަށްވެސް ކުރެވޭ ކަހަލަ މަސައްކަތް އަދި  އެބަހުރި… މިހާރުވެސް މިއުޅެނީ ވަޒީފާއެއްގަ… ޝަފްކާޔާ ނޫކްގެ ޚަރަދު ބަރަދު ބަލަހައްޓާފަ އިތުރުވާ ވަރަށްވެސް މިހާރު އަހަންނަށް އިރާދަ ކުރެއްވިއްޔާ ލިބޭ.. އަލްހަމްދުލިއްލާހި…ދެން ތިބުނީ ޑުރަގުގެ ވާހަކަ…ތެދެއް…އިރެއްގަ އަހަންނަކީ ޑުރަގާ ނުލާ ނޫޅެވުނު މީހެއް…އެކަމަކު މިހާރު… އަހަރެން އެ ބޭނުމެއް ނުކުރަން…ކުރާކަށް ބޭނުމެއްވެސް ނޫން… ރީހެބްގަ ބައިވެރިވެގެން އަހަރެން ކުރި ހިތްވަރާއި މިންނެތް މަސައްކަތުން މިއަދު އަހަންނަށް މިވަނީ އެކަމުން މިންޖުވެވިފަ.ކިތަންމެ ގަބޫލުކުރަން އުނދަގޫ ވިޔަސް, ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް އަހަރެން އެކަމަށް އުމުރަށްވެސް އަލްވަދާޢު ކިޔައިފިން…ޝަފްއާ ނޫކްއާ ދެމީހުން ދެކެ އަހަރެން ވަރަށް ވަރަށް ލޯބިވޭ… ދިރިއުޅުމުގައި ދެން ބާކީ އޮތް ދުވަސްތައް އަހަރެން ހޭދަކުރަން ބޭނުމީ އެ ދެމީހުންނާ އެކުގައި… އަހަރެން ނެތިން ޝަފްގެ ވަގުތުތަކެއް ބޭކާރު ކޮށްލާކަށް… ބޭނުންވަނީ ވީހާވެސް އަވަހަކަށް ޝަފްއާ ކައިވެނި ކުރަން.އަހަރެންގެ އުނިކަމެއް ހުއްޓޭ ކިޔާފައި އިރާދަ ކުރެއްވިއްޔާ ޝަފްއަށް އެއްވެސް ކަމެއް އުނިވިޔަކަ އަހަރެން ނުދޭނަން.އަހަރެމެންގެ ކައިވެންޏަށް ފުރުސަތެއް ދީ…މުޅި އުމުރަށްވެސް ޝަފްކާއާ ނޫކް އުފަލުގައި ގެންގުޅޭނަން.“ އަހަރެން ޝަހީމްގެ އަލިފާން ކަނި ބުރަމުން ދިޔަ ދެލޮލާއި ނަޒަރު ސީދާކޮށްލަމުން މަޑުމައިތިރިކަމާއި އެކުގައި ބުނެލީމެވެ.އެއާއެކު އޭނާގެ ކަތުރުކަށިގަނޑަށް ވާންވެގެން ދިޔަތަން އަހަންނަށް ފެނުނެވެ.

”ކިހާ ދެރަވެއްޖެ ކަމެއްތަ؟މި *** މިތަނުން ނުކުންނާކަށްވެސް ނޫޅުނޭ…“ ޝަހީމް އަހަންނާ ދިމާލަށް އަތް މަޅައިލިއެވެ.އެހެނަސް އެވަގުތު ކުއްލިއަކަށް ޝަފްކާ އަހަރެންގެ ކުރިމައްޗަށް ވާނެހެން އަރައި ހުށިޔާރުކަމާއެކުގައި އެ އަތުގައި ހިފެހެއްޓިއެވެ.ޝަހީމް ވަގުތުން އެ އަތް ފޮޅުވާލައިފިއެވެ.

”ބައްޕައެއް ކަމަކު އާކި ގަޔަށް އަތްލާކަށް ނުޖެހޭނެ!“ ޝަފްކާ ހަޅޭއްލަވައިގަތެވެ.

”އާޗާ! މީ މަގޭ ގެ… ނުކުންނާށޭ ކިޔާ ކިޔާ ނުނިކުތީމަ ދެން ޖެހޭނީ ބާރުގެ ބޭނުންވެސް ކުރަން.“ ޝަހީމްވެސް ދުލެއް ނުދެއެވެ.ޝަފްކާއަށް ލިބިފައި މިހުރީ ކޮން ކަހަލަ ބައްޕައެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ.ކުރިން ދިމާވި އިރު ޝަހީމަކީ އެހާ ކަންތައް ފަލަ މީހެއް ނޫނެވެ.އޭރު އެއީ ދަރިންގެ އެއްވެސް ކަމަކާ ނުބެހި އުޅުނު މީހެކެވެ.އެހެން އުޅުނު މީހަކަށް އެހާ ކުއްލި ބަދަލެއް އައިސްފައިވާތަން ފެނުމުން އަހަންނަށް ހުރެވުނީ ހައިރާންވެ އަންތަރީސްވެފައެވެ.

”އަހަރެން ދައްކާ ވާހަކަ ގަބޫލު ކުރަން އުނދަގުލިއްޔާ އަހަރެންގެ ވަކީލާވެސް ބައްދަލުކޮށް ދެވިދާނެ…އަހަރެންގެ ކޭސް ވަރަށް ޑީޓެއިލްކޮށް އޭނާ ކިޔައިދޭނެ… ހުރިހާ ހެއްކެއް އޭނާ އަތުގައި ހުންނާނެ…ދެން ނުހާޒަށް އެހެން ހެދީ އަހަންނެއް ނޫން… އޭނާއަށް އެވަރުގެ ދެރައެއް އަހަރެން ދުވަހަކުވެސް ނުދޭނަން.“ އަހަރެން ބުނެލީމެވެ.

”ތި ރީހެބަކީ އެއްވެސް ޔަގީންކަމެއް އޮންނަ އެއްޗެއް ނޫން…އެއީ ހަމަ މީހުންގެ ލޮލުގަ އަޅުވާލާ އަނދުނެއް.އެ ނޫންނަމަ ކީއްވެ ހުއްޓާ މީހާ އަލުން ބަލުން އެކަން ފަށަންވީ ކީ…؟މީ ދެން އަރަތެއްނު“ ޝަހީމް ހަރުކަށި ކަމާއި އެކުގައި ބުނެލިއެވެ.އެހެނަސް އޭނާގެ އެ ސުވާލުން އަހަރެން ބުނި އެއްޗަކާ މެދުގައި އޭނާ ވިސްނާލި ފަަދަ އިޝާރާތެއް ލިބިގެން ދިޔައެވެ.

”އޭގައި އޮންނާނީ އެމީހެއްގެ ހިތްވަރު.“ އަހަރެން އޭގެ ޖަވާބުގައި ބުނެލީމެވެ.

”ކޮބާ އެހެންވީމާ ތީީޔަކީ އެއްވެސް ޔަގީންކަމެއް އޮތް ކަމެއް ނޫނެއްނު.ކޮންމެހެން ހަގީގަތެއް ނެތް މާ މޮޅެތި ވާހަކަ ދައްކައިގެން މަގޭ ބޮލަށް އެރެން އުޅޭނެކަމެއް ނެތް.ނުވާނެ ތިކަމެއް…މި ބުނީނު ނުވާނެޔޭ!ކަލޭ ޖެހޭނީ ހަމަ ޝަފްކާ މަތިން ހަނދާން ނައްތާލަން…. ޝަފްކާވެސް ތިހާ މީހަކާ އިންނަން ބޭނުންވަންޏާ އަހަރެން ދައްކާ މީހަކާ އިންނަން ތައްޔާރުވޭ!ކަލޭ ނުކުންނާށޭ މިގޭން“ ޝަހީމް ދޮރާއި ދިމާލަށް އިނގިލި ދިއްކުރަމުން އަހަންނާ ދިމާލަށް ރުންކުރުކަމާއި އެކުގައި ބުނެލިއެވެ.

”ޝަހީމް!“އެ އަޑު އަހާފައި ރުޅި ގަދަވެގެން ގޮސް އާތިޔާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.އެހެނަސް ޝަހީމަށް އެ އަޑު އިވުނުހެންވެސް ހީ ނުވެއެވެ.އޭނާ ހުރީ އޭނާގެ ގޮތުގައެވެ.ހިތުން އެންމެ ރަނގަޅު ނިންމުން ނިންމައިގެންނެވެ.

އަހަރެންގެ ސަބަބުން ޝަފްކާގެ އާއިލާ ތެރޭގައި ބޮޑު މައްސަލަގަނޑެއް ޖެހުނީތީ އަހަރެން ވަރަށް ކަންބޮޑުވިއެވެ.އެހެނަސް ދެވަނަ ފަހަރަކަށް ޝަފްކާ ދޫކޮށްލެވޭ ވަރަށްވުރެ އަހަރެންވެސް މިވަނީ އަމިއްލަ އެދުން ބޮޑުވެފައެވެ.

”އަހަރެން އާކިލާ އެކީގައި މިގެއިން ނުކުމެގެން ހިނގައިދާނަން.އޭރުން އަހަރެންގެ އުނދަގުލެއް ދެން ނުޖެހޭނެއެއްނު…ފަހު ފަހަރަށް މިބުނަނީ…އަހަރެން އާކި ނޫން މީހަކާ ނީންނާނަން…ބައްޕަ އަހަރެން އާކިއާ އިންނަން އެއްބަސް ނުވަންޏާ މައްސަލައެއް ނެތް… އަހަރެން އަމިއްލައަށް ތީ މިއަދުން ފެށިގެން އަހަރެންގެ ބައްޕަ ނޫންކަމަށް ނިންމައިފިން…ތީ އަހަރެން ދެކެ ލޯބިވާ ބައްޕައެއް ނަމަ ތިފަދަ ޝަރުތެއް ނުކުރީސް… ކުރާކަށް ނުވެސް ކެރުނީސް…އާއިލާއެއް ބިނާކުރަން އަހަންނަކަށް ހުރަހެއް ނޭޅީސް…ނޫކް އޭނާގެ ބައްޕައާ ދުރުކުރަން މަސައްކަތެއްވެސް ނުކުރީސް…“ ޝަފްކާ ރޮމުން ބުނެލިއެވެ.

”ޔާރައްބީ…ދަރިފުޅާ…“ ޝަފްކާގެ ދުލުން ބޭރުވި ބަސްތައް އިވި ސިހިފައި އާތިޔާއަށް ބުނެވުނެވެ.އޭރު އޭނާގެ ދެލޯ ހުރީ ތަން މިނަށް ބޮޑުވެފައެވެ.

”ހޫނ އަދިވެސް ދިފާއު ކުރާތި…ފެނިއްޖެއެއްނު ހުރި ލަދު ހަޔާތް ކުޑަކަން!“ ދެން ފެނުނީ ކުއްލި ހަރަކާތަކާއި އެކުގައި ޝަހީމް،ޝަފްކާގެ މޫނުމަތީގައި ބާރު އެތިފަހަރެއް ވީއްލައިލި ތަނެވެ.އެވަގުތު ޝަފްކާގެ އަނގައިން ބޭރުވެގެން ދިޔައީ ވޭނީ އާހެކެވެ. ލިބުނު ކުއްލި ސިހުމާއި އެކުގައި އަހަންނަށްވެސް ޝަފްކާގެ ދެކޮނޑުގައި ހިފައި ފަހަތަށް ދަމައިލެވުނެވެ.

”ޝަފް..!!!“ އޭރު ޝަފްކާ ހުރީ އޭނާގެ މޫނުމަތީގައި ޝަހީމް ޖެހި ދިމާލުގައި އަތް އަޅައިގެން ހުއްޓުން އަރާފައެވެ.ވީ ތަދުންނާއި ގަތްފައިވާ ބިރެއްގެ ސަބަބުން އެ ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް ވަނީ ދެގުނަވެފައެވެ.ހިނދުކޮޅެއް ކުރިން ހިނގައިދިޔަ ކަންތައް ގަބޫލު ނުކުރެވިފައި ހުރި ފަދަ ގޮތަކަށް ޝަފްކާ ޝަހީމްގެ މޫނަށް ބަލައިލިއެވެ.އޭރު އެ ހަށިގަނޑުގައި މަޑު ތުރުތުރެއްވެސް އުފެދިފައި ހުއްޓެވެ.އެ މަންޒަރު ބަލާކަށް  އަހަރެންގެ ހިތަކަށްވެސް ކުޅަދާނައެއް ނުވިއެވެ. އަހަރެން ޝަފްކާ އިހުނަށްވުރެވެސް ގާތްކޮށްލީމެވެ.

”ނިމުނީ…މި ނިމުނީ… ވަރަށް ކެތްކޮށްފިން…އެކަމަކު ދެނެއް ނުވާނެ… މިހާރު މާ މައްޗަށް ތި ދިޔައީ… ދަރިއަކަސް ކަލޭ ބޭނުންހާ ގޮތެއް ނުހެދޭނެ ޝަފްއަކަށް…ދެން ޝަފް ގައިގަ އިނގިލި ކުރި ޖައްސާލިޔަސް ނިމުނީ… އިރާދަކުރެއްވިއްޔާ އަހަރެމެން ކައިވެނިވެސް ކުރާނަން… ވަރަށް މަސައްކަތް ކުރެވިއްޖެ ރުހުން ދޭތޯ…އެކަމަކު ޝަފްއާ ދޭތެރޭ ތި ކަންތައް ކުރި ގޮތް ފެނުނީމަ ދެން އިތުރަށް ވިސްނާކަށްވެސް އަހަރެން ނެތިން…“ އަހަރެން ރުޅިވެރިކަމާއި އެކުގައި ބުނެލީމެވެ.

އެވަގުތު އާތިޔާ އައި ގޮތަށް އައިސް ޝަހީމުގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލައިފިއެވެ.އެފަދަ ކަމަކަށް ތައްޔާރު ނުވެ ހުރި ޝަހީމަށް، ނުވެއްޓި ބިމުގައި ފައި ހަމަ ކޮށްލެވުނީ ހަމަ ކިރިޔާއެވެ.އާތިޔާގެ އެ ކުއްލި ހަރަކާތުން އަހަންނަށާއި ޝަފްކާއަށްވެސް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.

”ދެން އަހަންނެއްވެސް މަޑަކުން ނުހުންނާނަން… ވާހާ ދުވަހު މަށަށްވެސް ކެތް ކުރެވިއްޖެ!ބަލަ ޝަފްކާ އެއީ ހަމައެކަނި ޝަހީމްގެ ދަރިއެއް ނޫނޭ…އެއީ ހަމަ ކަލެޔެކޭ އެއްވަރަށް މަގޭ ވެސް ދަރިއެކޭ. އަހަރެންވެސް ދަރިން ދެކެ ލޯބިވޭ.ކޮންމެހެން އޭނާގެ ގަޔަށް އަތް އިސްކުރާނެ ކަމެއް ނެތް. ބަލަ ޝަހީމާ ހެދިއޭ އޭނަ އެހެން ބުނަން ޖެހުނީ…ކަލޭ އެ ކައިވެންޏަށް އެއްބަސްވިނަމަ އަހަންނަށް ޔަގީން އޭނާ އެހެނެއް ނުބުނާނެކަން.މުޅި އާއިލާ ގަޑުބަޑު މިވީ ހަމަ ޝަހީމާ ހެދި“އަނެއްކާވެސް އެކަކު އަނެކަކު ކުށްވެރި ކުރުމެވެ. އާތިޔާގެ ރުޅި މިހާރު އެވަނީ ކޮންޓްރޯލުން ނައްޓައިފައެވެ.

”މައިތިރިވޭ އާތިޔާ…“ ޝަހީމު ރުޅި އައިސްފައި ހުރި ނަމަވެސް އެ ދެލޮލުން ޖެހިލުންވުމުގެ ވިދުވަރެއް އަހަންނަށް ފެނުނެވެ.އާތިޔާ އެހާ ރުޅި އައިސްފައި ހުއްޓާ އޭނާއަށް އެ ފެނުނީ އަލަށްހެން ހީވެއެވެ.

”މަންމާ…ޕްލީޒް ހުއްޓާލާ“ ޝަފްކާވެސް ޖެހިލުންވެފައި ގޮވައިލިއެވެ. އޭރު އޭނާ ހުރީ އަހަރެންގެ ހިމާޔަތުގެ ތެރޭގައި ނަމަވެސް ކުޑަވެސް ހަމަ ޖެހުމެއް އަހަރެންގެ ހިތަކަށް ނުލިބުނެވެ.އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ޝަފްކާ ގޮވައިގެން އެތަނުން ނުކުމެގެން ދާށެވެ.އެހެނަސް  ޝަހީމާއި އާތިޔާ އާއި ދެމެދުގައި ތަޅާފޮޅުމެއް ހިނގައިފާނެތީ އެވަގުތު އެތަނުން ނުކުންނާކަށްވެސް ނުކެރުނެވެ.

ޝަފްކާގެ ދޮން މޫނަށް ޝަހީމްގެ އަތްތިލައިގެ ހަމަލާ އެރި ހިސާބު ވަނީ އެކަށް ރަތްވެފައެވެ.އަތް ތިލައިގެ ނިޝާންވެސް ނުލާހިކު ރީތިކޮށް ފާޅުވާން ހުއްޓެވެ.އެ މަންޒަރު ފެނިފައި އަދި ވަކިން ބޮޑަށް އަހަރެންގެ ލޭ ކެކިގަތެވެ.ބާރަށް ދަތްކުނޑިވިކައިގަނެވުނެވެ.އެއީ ޝަފްކާގެ ބައްޕަ ނޫންނަމަ މިއަދު އަހަންނަށް ޝަހީމުގެ ގައިގައި ޔަގީނުންވެސް ބޮނޑިއެއް އެޅުނީހެވެ.އެހާވެސް އަހަރެންގެ ރުޅިގަނޑު ހުރީ ގަދަވެފައެވެ.އެހެނަސް ހިތްވަރު ކޮށްލާފައި އަހަރެން އަމިއްލަ ނަފްސު ކޮންޓްރޯލުގެ ދަށަށް ގެނައީ ހަމަ ޝަފްކާއަށް ޓަކައެވެ.އެފަަދަ ކަމެއް ހިނގަން އޭނާ ނޭދޭނެވަރު އަހަންނަށް އިހުސާސް ވާތީއެވެ.

”ޝަހީމް އަހަންނާ އިނދެގެން ހުރެ ގަންނަމުން ދިޔަ ގަނޑު އަހަންނަށް ނޭނގެނީކީ ނޫން…އެކަމަކު ހަމަ މި އާއިލާ ރޫޅެން  ބޭނުން ނުވާތީ އަހަރެން ކެތްކޮށްލީ. އަހަރެން ބޭނުންވީ އެ ދެކުދިންނަށް އަހަރެމެން ދެމީހުން ކޯޅޭ މަންޒަރު ދުވަހަކުވެސް ނުދައްކާ އުޅެން.“ އާތިޔާއަށް އެއްޗެހި ކިޔަމުން ގޮސް ރޮވުނެވެ.

”ހަމަ މިހާރު ހުއްޓާލާ އާތިޔާ.މިގަޑީ ތިވާހަކަ ދައްކާކަށް މަ ބޭނުމެއްނޫން… ޝަފްކާ…ކަލޭގެ އެތިކޮޅު ހިފައިގެން މިގޭން ނުކުމެގެން ރައްކާވޭ…ދެން މަގޭ ލޮލު ކުރިމައްޗަށް ނާރާތި“ ޝަހީމް ހަޅޭއްލަވައިގެންފައި ގޮސް ކޮޓަރިއަށް ވަދެ ބަން ލާފައި ދޮރު ޖެހިއެވެ.އެވަގުތު ޝަފްކާގެ ކޮޓަރިން ނުހައިކް ރޮއެގަތް އަޑު އިވުނެވެ.

”ހޭލެވުނީ އެ.“ ޝަފްކާ ދެލޯ ފުހެމުން އެ ކޮޓަރިއަށް ވަންނަން ދިޔައެވެ.

”އާކިލް…ދަރިފުޅާ… މަންމައަށް މާފުކުރޭ…“ ޝަފްކާ ގޮސް ކޮޓަރިއަށް ވަތް ފަހުން އާތިޔާ އަހަންނަށް މުޚާތަބުކޮށް ބުނެލިއެވެ.އަހަންނަށް ގަބޫލު ކުރަން ދަތިވެފައި އާތިޔާގެ މޫނަށް ބަލައިލެވުނެވެ.އަހަރެންގެ މޫނަށް އެރި ކުލަވަރު ފެނި ދެން ގަބޫލު ކުރާށޭ ބުނާ ފަދައަކުން އާތިޔާ ބޯޖަހައިލިއެވެ.އޭނާ އަހަންނަށް ދަރިފުޅާއޭ ކިޔާ މުޚާތަބުކުރުމުން އަހަންނަށް ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެއް އިހުސާސް ކުރެވިގެން ދިޔައެވެ.

”މަންމަ ތި ކައިވެންޏަށް ހިތުން ރުހުމުން ގަބޫލު… މަންމައަށް ފެނިއްޖެ އާކިލް ޝަފް ދެކެ ވާ ލޯބި…“ އާތިޔާ އޭނާގެ ހިތް ހުޅުވައިލިއެވެ.

ޝަފްކާ ނުކުންނަން ދެން އެމީހާ އަހަންނާ ވާހަކަ ދެއްކަން އިނެވެ.ނުހައިކް ގޮވައިގެން ޝަފްކާ ނުކުތްތަން ފެނުމުން އާތިޔާއަށް އަނެއްކާވެސް ރޮވުނެވެ.ޝަހީމުގެ ގޮތް ދޫ ނުކުރުމުގެ ސަބަބުން ހުރި ހަމައެކަނި މާމަ ދަރިފުޅާ ވަކިވާން ޖެހުނީ ތީ ދެރަވެގެން އެމީހާ ކަރުނަ އެޅިއެވެ.ނުހައިކުވެސް އާތިޔާއަށް އެހާ ވަރު ހުރެއެވެ.އާތިޔާ ފެނުނުހާއިރަކަށް އެ ކުޑަ ކުއްޖާގެ ނިދި މޫޑުވެސް ހީވީ އެކަށް ފިލައި ދިޔަހެންނެވެ.މާމާ މާމާ އޭ ކިޔަމުން އާތިޔާއާ ދިމާލަށް އަތް ދިއްކުރަން ފެށި ގޮތުން އެ ތުއްތު ހިތު ތެރޭގަައި އާތިޔާއަށްޓަކައިވާ ލޯތްބާއި ކުލުނު އަހަންނަށްވެސް އިހުސާސް ކުރެވިގެން ދިޔައެވެ.

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ހިތް ދެވިއްޖޭ ކަލާއަށްޓަކައި (އާ ސީރީސްއެއް)

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 30

Next
April 14, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 30

Previews
April 13, 2026

ހިތް ދެވިއްޖޭ ކަލާއަށްޓަކައި (އާ ސީރީސްއެއް)

4 Comments!

  1. Sheex says:
    April 13, 2026 at 12:47 pm

    Wow haadha reechey mi part
    Zuvaabu gadgah hama 💯 dhey varuve igey
    WHAT shaheem haadha… just EWww
    Bappa veema kanthah kuran hama igey goytha
    Keehkuran kudhin hoadhii
    CW4THENEXTP
    Tc

    1. Lamtty Lamtty says:
      April 13, 2026 at 1:20 pm

      Thank you Sheex ❤️
      Keehkuraany e fenvaruge bappain mujuthamauga ulhey hama.
      Exactly egothah kanthah kurangna dharin hoadhumuge beynumeh neh aslu 💯
      Stay turned.
      Tc 💕

  2. Anaq says:
    April 14, 2026 at 11:04 am

    Mibai vvvvv reethi..zuvaabu gandu v hoonu 🔥🔥😍

    1. Lamtty Lamtty says:
      April 14, 2026 at 2:50 pm

      Awwn thank you Anaq ❤️

Comments are closed.

Next Episodeވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 10)←


All Right Reserved!