ގާތުގާ… 9
އަޅުގަނޑު ބަލިވެ އުޅޭތީ ހުކުރު ދުވަހުގެ ޕާޓް ގެނެސް ނުދެވުނީ… އެކަމަށްޓަކައި އެންމެހާ ކިޔުންތެރިންގެ ފަރާތުން މައާފަށް އެދެން…..
***
“ކީއްކުރެވޭނީ…………..؟” އަކުރުތަކަށް ބާރުލައިފައި އަހަރެން އަހައިލީމެވެ.
” އެހެން ނޫނީ ފުލުހުންނަށް މިގުޅަނީ…. ” ޖެހިލުން ވުމާއިއެކުވެސް ކުޑަ ތުރުތުރެއް ހުރި އަޑަކުން ރުހާމް އަނެއްކާވެސް އަމުރު ކޮށްލިއެވެ.
****
އަހަރެންގެ ގާތަށް ކުޑަކޮށް ހިނިއައެވެ.
” ގުޅާ…..!” އަހަރެން ބުނެލީމެވެ. ރުހާމްގެ މޫނުމަތިން ހައިރާން ކަން ފާޅުވީ އަހަރެން ހަމަޖެހިލައިފައި ހުރިވަރުންނާޢީ އަހަރެން ގާތަށް ހިނި އައުމުން ކަންނޭނގެއެވެ.
” ގުޅާފަ ކީކޭ ބުނާނީ…؟” އަހަރެން އަހައިލީ މަލާމާތުގެ ޒާތަށް ހީލަމުންނެވެ.
” ހަމަ ކަލޭ ކަމެއް ނުކޮށް ހުއްޓައޭ މިހުރިހާ ކަމެއް ވީ….؟” ކޮންޓްރޯލް ގެއްލެމުން ދާކަމުގެ އިހުސާސް ވެފައި ރުހާމް ޖެހުނީ ހުންނާށެވެ.
” ގުޅާ ފުލުހުންނަށް….” އަހަރެން ބުނެލީމެވެ.
” ނެތޭ މައްސަލައެއް…” އަނެއަކާވެސް އަހަރެން ބުނެލީމެވެ. ފަހުރުވެރިކަމާއިއެކުއެވެ. އާރާއި ބާރާއި ނުފޫޒު ބޭނުން ކޮށްގެން އެހެން މީހުންނަށް ބޭނުންހާއި ގޮތެއް ހަދައިލެވުނަސް އަހަރެންނަށް ރުހާމް ބޭނުންހާ އެއްޗެއް ނުހެދޭނެކަން އަންގާލުމަށެވެ.
“ހަމަ އެއްވެސް މައްސަލައެއް ނެތް…”
” އެކަމް އޭރުން ދެން ވާނެގޮތް އެނގޭތަ؟…” އަހަރެން މަލާމާތުގެ ރާގަކަށް އަހައިލީމެވެ.
” ބޭނުންތަ އެނގެން ….؟”
“އިއްޒަތާ…… އަބުރާ……….” އަކުރުތަކަށް ދަމާލާފައި އަހަރެން ބުނެލީމެވެ. ޖުމްލަ ފުރިހަމަ ނުކުރި ކަމުގަ ވިޔަސް އަހަރެން ބުނަން އެއުޅެނީ ކީކޭކަން ރުހާމްއަށް ފަހުމް ވާނެކަން އަހަރެންނަށް އެނގެއެވެ. އޭނާއަށް ޖެހުނީ ހަމަ ހިތްހަމަނުޖެހިފައި ހުންނާށެވެ. ރުޅިއައިސް ވެސް ހުންނަން ޖެހުނީ ބުނެވޭނެ އެއްޗެއްވެސް ކުރެވޭނެ ކަމެއްވެސް ނެތުމުންނެވެ.
” ދޯ…….!” އަހަރެން އެއްބުމަ އަރުވައިލަމުން ދޯ ޖަހައިލީމެވެ.
” އެހެން ވީމާ ރަނގަޅަށް އަޑު އަހާ މިބުނާ ވާހަކަ…. މީގެ ފަހުން ޒާނާއަށްވެސް އަދި އެ އާއިލާގެ އެއްވެސް މީހަކަށްވެސް އުނދަގުލެއް ކޮށްގެން ނުވާނެ….” އަހަރެން ބުނެލީމެވެ.
” ކޮއްފިއްޔާ ހަދަންވާ ގޮތް އެނގޭނީ މަށަށް…” އަހަރެން ރުހާމްގެ ގިރުވާނުގައި ހިފައި ކައިރި ކޮށްލަމުން ބުނެލީމެވެ ބުނީމެވެ.
” މީ އިންޒާރެއް ކަމަށް ބެލިޔަސް ނަސޭހަތެއް ކަމަށް ބެލިޔަށް މައްސަލައެއް ނެތް…” ރުހާމްގެ ގިރުވާނުން ދޫކޮށްލަމުން އަހަރެން ބުނީމެވެ. އަހަރެންގެ އަޑުގައި ހުރި ރުޅި އޭނާއަކަށް ސިއްރެއް ނުވާނެއެވެ.
އަހަރެނާއި އަހަރެންނާއިއެކު އައި ދެމީހުން ކޮޓަރިން ނިކުންނަން ހިގައިގަތީމެވެ. އަހަރެންގެ ފިޔަވަޅުތައް މަޑުޖެހުނީ ރުހާމްގެ އަޑުންނެވެ.
” ކަލެއަށް އެނގޭތަ ކާކަށް ކަން އިންޒާރު ދީފަ ތިދެވެނީ…..؟” ރުހާމް ހަލޭލަވައިގަތެވެ. އަދިވެސް އޭނާއަށް އެއްޗެއް ވިސްނުނުހެން ހިއެއްނުވެއެވެ. ވާނީވެސް އެހެންނެވެ. ރުހާމްއަކީ އެހާ ފަސޭހައިން ބަލި ގަބޫލު ކުރާނެ މީހެއްހެން ނޫންކަން އަހަރެންނަށް އޮތީ އެނގިފައެވެ. އޭނާއަކީ ފައިސާއާއި މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން އެތަކެއް ޖަރީމާ ތަކެއް ހިންގާފައިވާ މީހެކެވެ. އަދި ހިންގަމުން އަންނަ މީހެކެވެ. އެތައްބަޔަކު ވަނީ އޭނާގެ ޝިކާރައަކަށް އެކި ގޮތްގޮތުން ވެފައެވެ. އޭގެ ތެރެއިން ޒާނާއަކީ އެކަކެވެ.
ފެންނަ ފެނުމަށް ރުހާމް އަކީ މީހުންގެ ނަޒަރުގައި ވަރަށް ރަނގަޅު ވަރަށް މާތް މީހެކެވެ. މީހުންނަށް އެހީވެ މީހުންނަށް ކަންކަން ކޮށްދޭ “ހިތްހެޔޮ” މީހެކެވެ. މީހުންގެ “އިހުސާސްތައް” ދަންނަ މެންބަރެކެވެ.
“ހައް…….” އެކަމަކު ރުހާމްގެ އެސުވާލުން އަހަރެން ރުހާމްއަށް ބަލައިލަމުން ހީލީމެވެ.
” ކަލެއަށް އެނގޭތަ މަ މިއީ ކާކުކަން….؟” އަހަރެންގެ އެސުވާލުން ރުހާމް ހުއްޓުން އެރިއެވެ. ހީވީ ދުވަހަކުވެސް މީހަކު އެސުވާލު އޭނާއާއި ކޮށްފައި ނުވާހެންނެވެ.
ސުވާލުގެ ބޮޅުފައްޗެއް ތެރެއަށް ރުހާމް އަމުނައިލުމަށްފަހު އަހަރެމެއް ރުހާމްގެ އެޕާޓުމަންޓުން ނިކުމެ ލިފްޓަށް އެރީމެވެ.
” އާކިފް…. އެކަންތަށް ބެލިންތަ؟” ލިފްޓުގެ ދޮރު ލެއްޕުމާއިއެކު އަހަރެންގެ ކަނާތް ފަރާތުގައި ހުރި އާކިފް ގާތު އަހަރެން އަހައިލީމެވެ. އާކިފްއަކީ އަހަރެން އެންމެ އިތުބާރުކުރާ އަހަރެންނަށް އެންމެ ވަފާތެރި މުވައްޒިފެވެ. އެއީ ގާތްގަނޑަކަށް އަހަރެންގެ ކަނާއަތޭވެސް ބުނެވިދާނެ އެވެ.
” ލައްބަ ….. ދެދުވަސްކުރިން ފޯމު ލައިފައި ވަނީ…” އާކިފް ބުނެލިއެވެ.
” އެހެންވީމަ…. އިތުރު ބޭކާރު މަރުހަލާތަކެއް ކަޑައްތު ނުކޮށް ، ރުހާމްގެ ބާރެއް ފޯރިޔަނުދީ، އެކަން ޒާނާއަށް އަވަހަށް ނިމޭނެ ގޮތް ހަދައިދީ އިނގޭ….” އަހަރެން އާކިފްއަށް ކަންކަން ކުރަންވީ ގޮތުގެ އިރުޝާދު ދިނީމެވެ.
” އޯކޭ ސާރ….” އިތުރު ސުވާލެއް ނެތި އާކިފް ބުނެލިއެވެ.
އޮފީހަށް ވަދެ ހަމަޖެހި ލެވުމާއިއެކު އަހަރެން ޖަނާއަށް މެސެޖު ކޮށްލީ ޒާނާގެ ހާލެއް އޮޅުން ފިލުވައި ލުމުގެ ބޭނުމުގައެވެ.
” ކިހިނެތް މިހާރު؟….” އަހަރެން މެސެޖު ކޮށްލީމެވެ.
” ނޮޓް ގުޑް…..” ޖަނާގެ ޖަވާބު އައީ އަހަރެން ހީކުރި ވަރަށް ވުރެންވެސް އަވަހަށެވެ.
” ވަރަށް ރުއިތަ ފަހުންވެސް….؟” އަހަރެން އަނެއްކާވެސް އަހައިލީމެވެ. އަހައިލި އިރުވެސް ޒާނާ ވަރަށް ރޯނެކަން އަހަރެންނަށް އެނގެއެވެ. އެކަމަކުވެސް ހަމަ އަހައިނުލައި ހަމަ ކެތްނުވީއެވެ. ޒާނާ ރޯނެވަރާއި ބިރުގަންނާނެ ވަރު ހިތަށް އަރާފައި އެއަންހެން ކުއްޖާ ގެނެސް ބައްދާލަން އަހަރެން އެހާ ބޭނުންވި ވަގުތެއް އެނޫނީ ނާދެއެވެ. އަބަދަށް އަހަރެންގެ ދެއަތުގެ ހިމާޔަތް ދޭން ބޭނުންވިއެވެ. އަހަރެންނަށް ވެގެން ވާނެނަމަ ޒާނާގެ ލޮލުން އެންމެ ކަރުން ތިއްކެއްވެސް ވެއްޓުނަކަ ނުދިނިމުހެވެ.
” ކުޑަކޮށް….” ޖަނާގެ ޖަވާބުން އަހަރެން ކުޑަކޮށް ހިތްހަމަ ޖެހުނެވެ.
” އެހިތަ އެއްވެސް އެއްޗެއް؟…” އަހަރެން އެއިޝާރާތް ކުރީ ކޮން ކަމަކަށް ކަން ޖަނާއަށް އެނގޭނެކަން އެނގި އަހަރެން މެސެޖެއް އަނެއްކާވެސް ފޮނުވައި ލީމެވެ.
” ޔެސް… އަހަރެން ބުނިން ނޭނގެއޭ…” ޖަނާ ބުނެލިއެވެ.
” އިތުރަކަށް ނާހާ…؟” އަހަރެން އަހައިލީމެވެ…
“ޔެސް….” ޖަނާ ބުނެލިއެވެ.
” ގުޑް….” އަހަރެން އިތުރަށް ބުނެލީމެވެ.
” ޓޭކް ވެރީ ގުޑް ކެއާ އޮފްހާ…. ވާނުވާ އަންގާތި…..” އަހަރެން ޖަނާއަށް ބުނެލީމެވެ. އަހަރެންނަށް މިހާރުވެސް ޒާނާއާއި ބައްދަލު ކުރެވިދާނެއެވެ. އެކަމަކު ކުރިއެކޭވެސް އެއްފަދައިން ޒާނާ ފެނުމުން އަހަރެންގެ އަމަލުތަށް ނުހިފެހެއްޓިދާނެތީ އަހަރެން ޖެހިލުން ވެއެވެ. އެހެން މީހެއްގެ ހައްޤެއްގެ ގޮތުގައި ޒާނާ އިންދައި އަހަރެން ޒާނާގެ ގައިގައި އިނގިލި ކުރިވެސް ޖައްސާލާކަށް ބޭނުމެއް ނޫނެވެ. އެއީ މުޅިން އަހަރެންގެ އުސޫލުތަކާއި ހިލާފު ކަމެކެވެ.
އަހަރެން ދެން ކަންކަން ކުރަންވީ ގޮތް ރާވައިލީމެވެ. ރުހާމް ކޮށްފާނެ ކަމަކާއި އެކަމަކށް އެޅެން ހުރި ފިޔަވަޅުތަކާއި ދޭތެރޭވެސް ވިސްނައިލީމެވެ.
އަހަރެންގެ ޒާނާގެ ހިޔާލުތަކުގެ ކަނޑަށް ޣަރަގު ވަމުން ދަނިކޮށް އަހަރެންގެ ކެބުންގެ ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ.
” ވަދޭ….” އަހަރެން ޖަވާބު ދިނުމުން ދޮރު ހުޅުވައި ލައިފައި އެތެރެއަށް ވަނީ އާކިފްއެވެ.
” ޝައުކަތު ސާރ އިޒް ހިއާރ…..” އާކިފް ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

