ބަދަލުވެ ދިޔަ ހަޔާތް – 11

- by - 0- July 12, 2013

އެންމެފަހުން ހިތްވަރު ކުރުމަށްފަހު ނާޒް ގޭގެ ބޮޑު ދޮރުހުޅުވާލިއެވެ. އޭރު ނާޒްގެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ.
ފަހަތަށް އެނބުރި ބަލާލެވުނު ނަމަވެސް ލިބެނީ މާޔޫސްކަމެވެ. ނާޒިމް އެއް ނާދެއެވެ. ނާޒް ދޮރު މަޑުމަޑުން ލައްޕާލިއެވެ. ލައްޕާލި ހިނދުން ދޮރު ހުޅުވިއްޖެއެވެ. ކުރިމަތީ ހުރީ ނާޒިމް އެވެ. ދެންމެ އާ ޖެހެންދެން ނާޒް އުއްމީދުކުރީ ނާޒިމް ނުކުންނާނެ އިރަކަށެވެ. އެކަމަކު ކުއްލިއަކަށް ނާޒިމް ކުރިމަތިން ފެނުމުން ނާޒް ހިފައިގެން ހުރި ދަބަސް ވެސް އަތުން ދޫވެއްޖެއެވެ.
ނާޒިމް އެއްވެސް އެއްޗެކޭ ނުބުނެ ނާޒްގެ ދަބަސް ނެގިއެވެ. އަދި ނާޒްގެ އަތުގަ ހިފައިގެން ގޭތެރެއަށް ވަދެ ދޮރު ލެއްޕި އެވެ. ނާޒް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނާޒިމް ދޮރު ތަޅުލުމަށްފަހު ނާޒްގެ އަތުގަ ހިފައިގެން ގޮސް ވަނީ ނާޒްގެ ކޮޓަރިއަށެވެ. އެއަށްފަހު ނާޒްގެ އަތުން ދޫކޮށްލިއެވެ.
” ނާޒް ހީކުރަނީ އަހަރެން މީ ކުޅޭ ކުޅޭ މީހެއްކަމައްތަ؟ ހިތަށް އެރީމަ މިގޭގަ އުޅެލާފަ ހަމަ ދާންވީމަ ބުނެވެސް ނުލާ ދާން. ނާޒް އަށް ނުވިސްނޭތަ އަހަރެން ހިތުގަ ވާ އެއްޗެއް. އަހަރެން ނާޒް ދެކެ މިވާ ލޯބި ނުވިސްނޭ ވަރު ކުޑަ ކުއްޖެއްތަ ތީ ؟ ” ނާޒް އަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ނާޒިމް އެހާމަކުރީ އޭނާގެ ހިތުގެ ހާލެވެ. އެކަމަކު މިފަދަ ގޮތަކަށް އެއަޑު އިވިދާނެއޭ ނާޒްގެ ހިތެއް ނުބުނެއެވެ.
ކަޅި ޖަހާނުލާ ނާޒިމް އާ ދިމާލަށް ނާޒް އަށް ބަލަން ހުރެވުނީ އެތައް އިރެއްވަންދެނެވެ. ނާޒިމް އަށްވެސް ބުނެވުނު އެއްޗަކާ ދޭތެރޭ ވިސްނާލެވުނީ އެހިސާބަށް ބުނެފައެވެ. އިތުރަށް ބުނަންވީ އެއްޗެއް ކުރަންވީ ކަމެއް އެކަކަަށްވެސް ނުވިސްނުނެވެ.
އެންމެފަހުން ނާޒިމް ކޮޓަރިން ނުކުންނަން ހިނގަައިގަތްވަގުތު ނާޒްގެ އަޑަށް ނާޒިމް ހުއްޓުނެވެ.
” ނާޒިމް ތިހެން ބުނާއިރު އެއްފަހަރުވެސް ކީއްވެތަ ނުވިސްނުނީ އަހަރެންގެ ހާލު. އަހަރެންގެ ހިތަށް އަރާ އެއްޗިސް ” ނާޒްގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ދައްކަން އުޅުނު ވާޙަކަވެސް ނާޒް އަށް ދެއްކޭވަރެއް ނުވިއެވެ.
ނާޒިމް ކުރިއަށް ޖެހި ނާޒްގެ މޫނުގަ ހިފަހައްޓާ ލިއެވެ. އަދި ނާޒްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލާ ނާޒިމްގެ އަތުތެރޭ ނާޒްގެ އޮމާން ހަށިގަނޑު ފޮރުވާލިއެވެ. އެތައް ދުވަހަކަށްފަހު ނާޒް އަށް ލިބުނު ހިތްހަމަޖެހުން ދުލުން ބަޔާންކޮށްދޭންވެސް ނާޒްއަކަށް ނޭނގެއެވެ. ދެތިން މިނެޓް އެގޮތުގަ ހޭދަވެގެން ދިޔައެވެ. ނާޒިމްގެ ހަޔާތަށް އުފާވެރި ކަމުގެ ތޫފާނެއް އައުމެކޭ އެއްގޮތެވެ.
ނާޒިމް ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންތައް ހަމަޖައްސާށެވެ. އެކަމަކު ނާޒް އަތުގަ ކުރީގެ ކައިވެންޏާ ގުޅޭ އެއްވެސް ލިޔުމެއްގެ އިތުރުން ކައިވެނި ކުރުމަށް ބޭނުންވާނެ އެއްވެސް ލިޔުމެއް ނެތެވެ. އެހެންކަމުން އެހުރިހާ ކަމެއް ހަމަޖެއްސުަމަށްޓަކާ ދުވަސްތަކެއް ނެގިއެވެ.
ނާޒިމް އާ ނާޒްގެ ކައިވެނި ކުރެވުނީ ދެމީހުންގެ ގުޅުމަށް މަސްދުވަސްވީ ފަހުންނެވެ. ދެމީހުންނަކީ ވެސް ކުރިން ކައިވެނީގެ ބިންގާ އަޅާފަ ވީ ދެމީހުން ނަމަވެސް ހީވަނީ އަލަށް ކައިވެނި ކުރި ދެމީހުންނެވެ. ކުޑަ ގޮތަކަށް ކޯޓަށް ގޮސް ކައިވެނީގެ ހުރިހާ ކަމެއް ނިންމާލީ ވެސް އެހެންވެއެވެ.
ކައިވެނި ކޮށްގެން ނާޒިމް ބޭނުންވީ ރެސްޓް ކޮށްލާ މާހައުލު ބަދަލު ކޮށްލުމުގެ ގޮތުން އެެހެން ތަނަކަށް ދިއުމަށެވެ. ރައުލް ބަހައްޓާފަ ދާތީ ހަނީފު ގެއަށް ގެނައުމަށްފަހު ދާން ނިންމީ އެންމެ ތިންދުވަހަށެވެ.
ދަތުރަށް ތައްޔާރުވެގެން ހުޅުލެއަށް ދިއުމާ ދޭތެރޭވެސް ނާޒް ވާހަކަ ދައްކާ އުޅެނީ ވަރަށް މަދުންނެވެ. ހަގީގަތުގަ ނާޒް ނާޒިމް ދެކެ ލަދުގަންނަނީ އެވެ. އެކަން ނާޒިމް އަށް ފާހަގަ ކުރެވެއެވެ. ހުދު ނާޒިމް އަށްވެސް ނާޒް ކުރިމަތި ހުންނައިރު ވާހަކަ ދައްކަން ޖެހިލުންވާއިރު އަދިނާޒް އަށް ވާނެ ވަރަކީ ކޮބާ ހެއްޔެވެ؟
ނާޒްމެންނަށް ބެންކޮކަށް ދެވުނީ އިރުއޮއްސި އަނދިރިވީ ފަހުންނެވެ. ފިނި މޫސުމަށްވާތީ ވަރަށް ފިނި ގަދައެވެ. ނާޒް ހުރީ ހީކަރުވައިގަނެގެން ގޮސް ހަލާކު ވާވަރުވެފައެވެ. އެކަމަކު އެވާހަކަ ނާޒިމް ގާތު ބުނާކަށްވެސް ނުކެރުނެވެ. އެހެން ނަމަވެސް ނާޒިމް އަށް އެކަން ފާހަގަ ކުރެވި އެއަރޕޯޓް ތެރެއިން ފިނި މޫސުމުގަ ލާ ކަހަލަ ކޯޓެއް ނާޒް އަށް ގަނެދިނެވެ.
ނާޒިމް މެން ބަލާ އައިމީހާ އާ އެކު ކުއްޔަށް ހިފާފަ ހުރި އެޕާޓްމެންޓަށް ދެވުނު އިރު ނާޒް ހުރީ ވަރުބަލިވެެފައެވެ. އެކަމަކު ދަތުރު މަތީ އެހާގިނަ އިރުވުމުން ނާޒް ބޭނުންވަނީ ފެންވަރާލާ ތާޒާވެލުމަށެވެ. ޗުއްޓީ ހޭދަކޮށްލުމަށްޓަކާ ވަރަށް ހިތްފަސޭހަ ތަނެކެވެ. އެކަމަކު އެންމެ ފުރަތަމަ ކަމަކަށް ނާޒިމް ގާތު ބުނެގެން ނާޒް އަރޫނާ އަށް ގުޅިއެވެ. ނާޒް ނެތުމުން ނުނިދަން ބޮޑާ ދައްކާނެ ކަން ނާޒް އަށް އިނގޭތީ އާ އެކުއެވެ. ކަންތައްވީ ވެސް އެހެންނެވެ. އަރޫނާ އާ ވާހަކަ ދައްކާލުމަށްފަހު ނާޒް ހުރީ ފެންވަރާލަން ބޭނުންވެފައެވެ. އެކަމަކު ނާޒިމް ހުރުމުގެ ސަބަބުން ނާްޒް އަށް ލަދުވެތިކަމުގެ އިހުސާސް ކުރެވުނީ ކައިވެނި ކުރެވުނު ނަމަވެސް ނާޒް އާ ނާޒިމް އާ ދެމެދު އަދި އެހާގާތް ގުޅުމެއް ނުވާތީ އެވެ.
ނާޒިމް ލާނެއް ފާޑަކަށް ނާޒް އާ ދިމާލަށް ބަލަން ހުއްޓެވެ.
” ކިހިނެތްވީ. ނާޒް ކަމެއް ބޭނުންވަނީތަ ” ގަސްތުގަ ނާޒިމް ބޭނުންވީ ނާޒް ތަޅުވާލާށެވެ.
” މީ އަހަރެން……. މި…މި ” ނާޒް އަށް ބުނަން އުޅުނު އެއްޗެއް ވެސް ބުނެވޭވަރެއް ނުވިއެވެ. ނާޒިމް ގާތަށް ހިނިއައި ނަމަވެސް ހިފަހައްޓާލައިގެން ހުރި އަދިވެސް ނާޒް ތަޅުވާލުމުގެ ގޮތުންނެވެ.
” އޯކޭ.. ނާޒް ފެންވަރާލާ. އަހަރެން މިދަނީ ޖަސިން އާ އެކު ކެއުމުގެ ކަންތައް ހަމަޖައްސާލަން ” ނާޒިމް ހިނި އައިސްގެން ހުރެ ކޮޓަރިން ނުކުތީ ނުކުންނަ ހިތަކުން ނޫނެވެ. ނާޒް ލަދުގަނެފަ ހުރި ވަރުންނާ ނާޒް އަށް މާފިނިވުމުން ބަލިވެދާނެ ތީ އެވެ. ނާޒް އަވަސް އަވަހަށް އެތެރެއިން ކޮޓަރި ތަޅުލާ ފާހާނާ އަށް ވަނެވެ.
ނާޒް ފެންވަރާލައިގެން ސިޓިންގރޫމް އަށް ނުކުތްއިރު ނާޒިމް އުޅެނީ ބަދިގެ ބައިގައެވެ. އެއީ ދުވަހަކުވެސް ނާޒް އަދި ދެކުނު މަންޒަރެއް ނޫނެވެ. ނާޒިމް އަކީ ޕްރޮފެޝަނަލްް ޑޮކްޓަރ އެކެވެ. އެހާ އާދައިގެ ދިރިއުޅުމެއް ނާޒިމް އުޅެދާނެ ކަމަށް ނާޒް އަށް ގަބޫލުވެސް ނުކުރެވުނެވެ.
ނާޒް ބަދިގެއަށް ވަދެ ބުންޏެވެ.
” ގެނޭ.. އަހަރެން އަތަށް.. ނާޒިމް ދޭ ފެންވަރަން ” ނާޒިމް އަތުގަ ހުރި ތަށީގަ ހިފަމުން ނާޒް ބުނެލިއެވެ. ނާޒިމް ތަށިން ދޫކޮށްލުމަށްފަހު ދިޔައެވެ. ނާޒް ހުރިހާ އެއްޗެއް ބަލާލިއިރު ނޫޑްލްސް ޕެކެޓް ތަކަކާ އެއްޗިހި ހުއްޓެވެ. އެންމެ އަވަހަށް ތައްޔާރު ކޮށްލެވޭނީ މިކަހަލަ އެއްޗެއް ކަމުން ނާޒިމް އަންނަންވާއިރަށް ނާޒް ނޫޑްލްސް ކައްކާ ކާންހަދާލިއެވެ.
ނާޒިމް ފެންވަރާލައިގެން އައިއިރު ހުރީ ކުރު ސޯޓަކާ އެކު ޓީޝާޓެއް ލައިގެންނެވެ. ނާޒް އަށް ބަލާލެވުނު ގޮތުން އަވަސް އަވަހަށް އިސްޖަހާލިއެވެ.
ކައި ނިމިގެން ނާޒިމް ގޮސް އިށީނީ ސިޓިންރޫމް ގައެވެ. ނާޒް ހުރީ އިށީންނަން ނުކެރިފައެވެ.
” ތިހެން ކޮޅަށް ހުއްޓަކަސް ނާންނާނެ ޕަރީއެއް ނާޒް ކައިރިއަށް ގޮނޑި ހިފައިގެނެއް ” ނާޒިމް ގަސްތުގަ ނާޒް އާ ދިމާކޮށްލިއެވެ. ނާޒް އަށް މަޖުބޫރުވީ ނާޒިމް ކައިރި އިށީންނާށެވެ. ނާޒިމް ޓީވީ ހުޅުވާލާ ޗެނަލަކަށްފަހު ޗެނަލަކަށް ބަދަލު ކުރަމުން ދިޔައެވެ. ނާޒް ހަމަ މަޑުމަޑުން އިނެވެ.
” ނާޒް ތީ އަބަދުވެސް ތިހާ މަޑުން އިންނަ މީހެއްތަ ” ނާޒް އަށް ޖެއްސުން ކުރުމުގެ ގޮތުން ނާޒިމް ބުނެލިއެވެ. ނާޒް ހިނިތުން ވެލިއެވެ. އެހިނިތުންވުން ފެނުމުން ނާޒިމް އަށް ލިބުނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. ނާޒް އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް މިއަދާ ހަމައަށްވެސް ނާޒްގެ މޫނުމަތިން އެފަދަ ހިނިތުންވުމެއް ނާޒިމް އަކަށް ނުފެނެއެވެ.
ދެންވެސް ނާޒް އެއްޗެކޭ ނުބުނެއެވެ. ހަމަ އެއިންގޮތަށް ހިނި އައިސްގެން އިނީއެވެ. ނާޒިމް ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ނާޒް ހިނިއައިސްގެން އިންނަނީ އެވެ. ނާޒްގެ ދެލޮލުން ދަތުރު ވަރުބަލިވެފަ ހުރި ވަރު ހާމަކޮށްދެއެވެ. ނާޒިމް އުއްމީދުކުރަމުން ދިޔައީ ނިދަން ދާނެ ވަގުތަކަށެވެ. ނާޒިމް އަކީވެސް ހިއްސުތައް ސަލާމަތުން ހުރި ޒުވާނެކެވެ. ހަލާލު އަނބިމީހާ ކައިރީގަ އިން ނަމަވެސް ނާޒިމް ކެތްކޮއްލައިގެެން އިނީއެވެ. އެގޮތުގަ ގަޑިއެއްގެ ހާއިރު ވީ ތަނުން ނާޒިމް ފިލްމް ނިއްވާލުމަށްފަހު ނާޒް އަށް ބަލާލިއެވެ. ސޯފާގަ ބޯއަޅާލައިގެން ނާޒް އަށް އޮތީ ނިދިފައެވެ.
ނާޒިމް އަށް އެތައް އިރަކު އެހެން ބަލަން އިނދެވުނެވެ. އަދި ނާޒްގެ ކަރަށް ތަދުނުވާނޭހެން ނާޒިމް ސޯފާއިން ތެދުވެފަ ނާޒް ރީތިކޮށް ބާއްވާލިއެވެ. ކޮޓަރިއަށް ގެންދަން ނަގައިފިއްޔާ ނާޒް އަށް ހޭލެވިދާނެ ތީއެވެ. ކޮޓަރިން ގެނައި ބޮޑު ރަޖާ ނާޒްގެ ހަށިގަނޑުގާ އޮޅާލަ ދިނުމަށްފަހު ނާޒިމް ޖެހިގެން ހުރި ސޯފާގަ އިށީނގެ ހަމަޖެހިލިއެވެ.
ގޭގަ އަރާމް ބޮޑު ކޮޓަރިއެއް ހުރި އިރުވެސް ދެމީހުންވެސް ނިދީ ސިޓިންގރޫމްގައެވެ. ނާޒް އަށް ހޭލެވުނީ އަލިވިލުނު ފަހުންނެވެ. ނާޒިމް އޭރުވެސް ކުރިމަތީ ހުރި ޓޭބަލް އަށް ފައިލައިގެން ނިދާލާފަ އިނެވެ. ނާޒް ދެރަވީ ރޭގަ ނިދުނީމައެވެ. ކައިވެނީގެ ބޭނުމަކީ ކޮބާކަމާ ފިރިމީހާއަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ނާޒް އަށް އިނގެއެވެ. ނާޒް އަކީ އެހުރިހާ ކަމަކަށް އަބަދުވެސް ވިސްނާ ކުއްޖެކެވެ.
ނާޒިމް ހޭލިއިރު ނާޒް ހުރީ ސައިތައްޔާރު ކޮށްލާފައެވެ. ދެމީހުންވެސް ސައިބޮއި ހަދާލައިގެން ޝޮޕިންގ ކޮށްލާ ހެދުމަށް އުޅެފަ ގެއަށް އާދެވުނީ އިރުއޮއްސުމާ ކައިރިވެފަ ހުއްޓައެވެ. ނާޒް އެޕާޓްމެންޓް އަށް ލުމަށްފަހު ނާޒިމް ދިޔައީ ޖަސިން އާ އެކު ކައްކާ ހަދާނެ ބައެއް އެއްޗިހި ގަނެލުމަށެވެ.
އެއްރޫމް އެޕާޓްމަންޓް އަކަށްވިޔަސް މައްޗަށް އެރޭގޮތަށް ސިޑިއެއް ހުރެއެވެ. ނާޒް ސިޑިންގ މައްޗަށް އެރީ އެތަން ބަލާލުމުގެ ބޭނުމުގައެވެ. ރީތިކޮށް ހަދާލެވިފައިވާ ޓެރަސް އެކެވެ. އެއްފަރާތެއްގަ ބަހައްޓާލެވިފައިވަނީ ދެމީހަކަށް އިށީނދެވޭ ވަރުގެ އުނދޯއްޔެކެވެ. ރީތިކޮށް ހައްދާލެވިފައިވާ ގަސްތައް ފެނުމުންވެސް މީހެއްގެ ހިތްފުރޭހާވެއެވެ. އެހާވެސް ފުރިހަމަ އެވެ. މަގުތަކަކީ ހަލަބޮލި ތަނަކަށްވިޔަސް މިގެ ހުންނަ ގޮތުން މަގުަމަތީގަ ދުއްވާ އެއްޗިހީގެ އެއްވެސް އުނދަގުލެއް މިހިސާބަަކަށް ނުފޯރައެވެ.
ޓެރަސް މަތީ ހުންނަ އިރު ފެންނަނީ ގޯތި ތެރޭގެ ރީތިކަމެވެ. އިރުއޮއްސި އަނދިރިވީއިރުވެސް ނާޒް އަށް ހުރެވުނީ ޓެރަސް މަތީގައެވެ. ފިނި މޫސުންކަމުން ޖެހެމުން ދާ ފިނިވައިރޯޅިން ނާޒްގެ ހަށިގަނޑުވަނީ ފިނިވެފައެވެ. އުޑުމައްޗަށް ބަލާލުމުން ހީވަނީ ދެންމެ ދެންމެ ވާރޭވެހެން އުޅޭ ހެންނެވެ. ވާރެ އާ ނާޒިމް އާ ވަނީ ގުޅިފައެވެ. އެންމެ ފުރަތަމަ ނާޒް އަށް ނާޒިމް ފެނުނީވެސް މިފަދަ ރެއެއްގައެވެ. އެކަމަކު އެރޭގެ އެދިމާވުން މިހިސާބަށް ދަތުރު ކޮށްފާނެ ކަމަކަށް ނާޒް ފަހަރެއްގަވެސް އުއްމީދެއް ނުކުރެެއެވެ.
ކުއްލިއަކަށް ޖަހާލި ގުގުރިއަކާއެކު ނާޒް ބިރުން ތެޅިގަތެވެ. އަދި އަވަހަށް ތިރިއަށް ދިއުމަށް އެނބުރިލި ވަގުތު ނާޒްގެ މޫނު ޖެހުނީ ނާޒިމް ގެ މޭމަތީ އެވެ. ދެން ވިދާލި ވިދުވަރާއެކު ވާރޭ އޮއްސާލީ ބޯކޮންނެވެ. ނާޒް އުޅުނީ ސިޑިއާ ދިމާލަށް ދާށެވެ. އެކަމަކު އޭގެ ކުރިން ނާޒިމް ނާޒްގެ އަތުގަ ހިފާ ގަޔާ ކައިރިކޮށްލިއެވެ. ނާޒްގެ މޫނުގަ ދެއަތުން ހިފަހައްޓާ ނާޒިމް ގެ ހޫނު ތުންފަތުން ނާޒްގެ ތުރުތުރު އަޅަމުން ދިޔަ ތުންފަތުގާ ބީހިލިއެވެ. ނާޒް ގެ ދެއަތުން ނާޒިމްގެ ހަށިގަނޑުގަ ބާރަށް ހިފަހައްޓާލިއެވެ. ދެމީހުން ތެމި ފޯވަމުން ދިޔަ އެވެ.
ނާޒް އަނެއްކާވެސް ކުރިއަށްޖެހިލާ ނާޒިމް އާ ދުރުވިއެވެ. ނާޒިމް އަށް ފުރަގަސްދީގެން ނާޒް ހުއްޓުނީ ލަދުންނެވެ. ނާޒިމް ކުރިއަށް ޖެހި ނާޒްގެ އަތުގަ ހިފާ ލިއެވެ. އަދި ފުރަގަހުން ގަޔާ ކައިރިކޮށްލިއެވެ. ނާޒް ލަދުން ދެލޯ މަރާލިއެވެ. ނާޒްގެ އެސިފަ ނާޒިމް އަށް ވަރަށް ކަމުދެއެވެ. ނާޒްގެ އޮމާން ހަށިގަނޑުގާ ބީހިލެވުމުން ނާޒިމް އަށް ބަޔާން ނުކުރެވޭފަދަ ހިތްހަމަޖެހުމެއް ލިބެއެވެ. ނާޒިމްގެ މުޅި ދިރިއުޅުން މިއަންހެންކުއްޖާ ބަދަލު ކޮށްލައިފިއެވެ. ނާޒިމްގެ ހިތުގެ ކޮންޓްރޯލް ނާޒިމް އެވަނީ އަތުލާފައެވެ.
ނާޒިމް އަކީ ޑޮކްޓަރެކެވެ. އެގޮތަށް ވާރޭ ތެރޭ ހުރުމުން ނާޒް ބަލިވެދާނެތީ ނާޒިމް ގެ އެދުމަށް ނާޒްވެސް ތިރިއަށް އައިސް ކޮޓަރިއަށް ވަނެވެ. ފުރަތަމަ ފެންވަރާލާ ހެދީ ނާޒް އެވެ. ނާޒް ފާހާނާ އަށްވަނީ ބޭނުންވާނެ ހުރިހާ އެއްޗެއް ހިފައިގެންނެވެ.
ނާޒިމް ފެންވަރާލައިގެން ނުކުތްއިރު ނާޒް އިނީ އެނދުމަތީ އިށީނދެލައިގެން ކްއިލްޓުން ފައިފޮރުވާލައިގެންނެވެ. އިންގޮތުންވެސް އިނީ ހީކަރުވައިގަނެފަކަން ނާޒިމް އަށް އެނގުނެވެ. ނާޒް ކައިރިއަށް ޖެހިލިވަގުތު ދެމީހުންގެ ހަތަރު ކަޅި ދިމާވިއެވެ. ދެމީހުންނަށްވެސް ކުރެވުނީ އެހެންކަހަލަ އިހުސާސެކެވެ.
ނާޒިމްގެ ތޫނު ބެލުމުން ސަލާމަތްވުމަށް ނާޒް އިސްޖަހާލިއެވެ.
” ކީއްވެ ތިހާ ލަދުގަންނަނީ. ހަމަ ބަލާލާއިރަށް އުޅޭނީ ފިލަންވެގެން ” ސީދާ ނާޒްގެ ލޮލަށް ބަލަންހުރެ ނާޒިމް ބުނެލި އެވެ. ނާޒް އަށް ވީ ވަރަކީ ދެއަތާ ކުޅެ ކުޅެ އިނދެވުނީއެވެ. ނާޒް ކައިރި އިށީނދެ ނާޒްގެ ދެއަތުގާ ނާޒިމް ހިފަހައްޓާލިއެވެ. ފިރިމީހާގެ ހަށިގަނޑުގެ ހޫނު ލިބުުމުން ނާޒް ބޮޑައް ނާޒިމް އާ ގާތްވެލިއެވެ. ނާޒިމްގެ ހަށިގަނޑުގާ ބާރައް ބައްދާލެވުނެވެ.
ނާޒްގެ އެއަމަލަށް އިންތިޒާރު ކުރަމުން ދިޔަ ނާޒިމް އަކަށް ކެތެއް ނުކުރެވުނެވެ. ނާޒިމްގެ ހިތް އުފަލުން މޮޔަވި ކަހަލަ އެވެ. އިތުރަށް އެއްވެސް ބަހެއް ބުނާނެ ފުރުސަތެއް އެދެމީހުންނަކަށް ނުލިބުނެވެ. ބައްދާލުންތަކާއި، ބޮސްދިނުން ތަކަށް ފަހު އައީ އެންމެ އުފާވެރި ވަގުތު ތަކެވެ. ކުރިންވެސް ކައިވެނީގެ އުފަލާ އަރާމް ހިއްސާކޮށްފައިވާ ދެމީހުންނަށް ވީ ނަމަވެސް މިފަހަރު އެހެން ހުރިހާ ފަހަރަކާ ތަފާތުކަން ދެމީހުންނަށްވެސް ފާހަގަ ކުރެވުނެވެ. ދެ ހަށިގަނޑު ގުޅިލާ މެހުނީ ދެން ދުވަހަކުވެސް އެދެމެދަށް އެހެން މީހަކަށް ނުވަދެވޭނެހާ ބޮޑަށެވެ.
ތިންދުވަސް ފާއިތުވެގެންދިޔައީ ހީނުކުރާހާ އަވަހަށެވެ.
ގެއަށް އާދެވުމާއެކު ފުރަތަމަ ވެސް ނާޒް ރައުލްއާ އެއްކޮށް ވަގުތު ތައް ހޭދަކުރިއެވެ. ކުރިއާ ހިލާފަށް ނާޒިމް ވެސް މިހާރު ނާޒް އާއެކު ރައުލް ކައިރީ ވަގުތު ހޭދަ ކުރެއެވެ.
އާދައިގެ މަތީން އުފާވެރި ވަގުތު ކޮޅަކަށްފަހު ދެމީހުންނަށްވެސް އޮތީ ނިދިފައެވެ. ނާޒިމް އަށް ހޭލެވުނީ ނާޒްގެ ފޯން ރިންގްވާ އަޑަށެވެ.
( ނުނިމޭ )

0

Reesh

ވާހަކަ ލިޔުމަކީ ރީޝް އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް.

You may also like...

Leave a Reply

Your email address will not be published.