ބަދަލުވެ ދިޔަ ހަޔާތް – 12
އާދައިގެ މަތީން އުފާވެރި ވަގުތު ކޮޅަކަށްފަހު ދެމީހުންނަށްވެސް އޮތީ ނިދިފައެވެ. ނާޒިމް އަށް ހޭލެވުނީ ނާޒްގެ ފޯން ރިންގްވާ އަޑަށެވެ.
ނުދަންނަ ނަންބަރެކެވެ. އެކަން ދެނެގަންނަން ނާޒިމް އަށް އެހާ ފަސޭހަވީ ނާޒް އަށް ގުޅާނެ މާގިނަ މީހުންތަކެއް ނުތިބޭތީ އެވެ. އެގުޅާ މީހަކު އެގުޅަނީ އޮޅިގެން ކަމަށް ނިންާމާފަ ނާޒިމް ވެސް އޮށޯތީ ނިދާށެވެ. ފޯން ސައިލެންޓް އަށްލުމަށްފަހުއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ނާޒިމް އާ ނާޒްގެ ކައިވެންޏަށް ދެމަސް ފުރިއްޖެއެވެ. ކައިވެނީގެ އުފަލަކީ ކޮބާކަން މިހާރު ނާޒް އަށް ވިސްނެއެވެ. ނާޒިމް ގޭގަ ނޫޅޭ ހުރިހާ ވަގުތަކުވެސް ނާޒް ވަގުތު ހޭދަކުރަނީ ރައުލް އާ އެކުއެވެ. ރައުލް އަށް ބޭނުންވާނެ ހުރިހާ ކަމެއް އެންމެ ފުރިހަމަ އަށް ކުރެވޭތޯ ނާޒް އަބަދުވެސް މަސައްކަތް ކުރެއެވެ.
*************************************
އެތައް ދުވަހަކަށްފަހު އަކީލް މާލެ އަންނަ ދުވަހެވެ. ކޯހުގެ މުއްދަތު ކުރުކޮށްލާފަ އަކީލް މާލެ އަންނަން ނިންމި ނިންމުމާމެދު ނާހިދާ އެހާ ހިތްހަމައެއް ނުޖެހެއެެވެ. އެކަމަކު ފަހަކަށް އައިސް އަކީލް ގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުގެ ސަބަބުން ނާހިދާ އެކަމާ އިތުރަށް ބަހުސް ކުރަން ބޭނުން ނުވީއެވެ.
ސިޓިންގރޫމްގަ އިން ނާހިދާ އަށް ސިހުމެއް ލިބުނީ ވަދެގެން އައި އަކީލް ފެނިފައެެވެ.
” އަނހަ ދަރިފުޅާ ކިހިނެތް ތިހެދީ. ހަވީރަކު ނޫންތަ އަންނަން އޮތީ ” ނާޙިދާ ގެ އެސުވާލަށް ޖަވާބު ދިނުމަކީ އަކީލް އަށް މާ މުހިއްމު ކަމަކަށް ނުވިއެވެ. އެންމެ ކުޑަމިނުން އަނގައިންވެސް ނުބުނެ ދިޔަގޮތަށް އެރީ މައްޗަށެވެ.
” މަންމާ ކިހިިނެތްވީ ދޮންބެ މާ އަވަހަށް އެއައީ ” އާރިޔާ އައިސް ނާހިދާ އާ އަރާ ހަމަކުރަމުން އަހާލިއެވެ.
” ނޭނގެ އެކައްޗެކޭ ވެސް ނުބުނެ އެދިޔައީނު. ހާދަ ހިކިފައޭ ދޯ އެސޮރު މިހާރު އެހުރީ ” އަކީލް އަށް އައިސްފަވާ ބަދަލު ނާޙިދާ އަށް ފާހަަގަ ކުރެވުނެެވެ.
މެންދުރުގެ ކެއުމުގެ ވަގުތެވެ. އަކީލް އައުމުގެ ސަބަބުން ނާހިދާ ގޭގަ އުޅޭ މީހާ ލައްވާ ދެތިން ވައްތަރެއްގެ ކާއެއްޗިހި ހުރީ ތައްޔާރު ކޮށްލާފައެވެ. އާރިޔާ އާ ހާފިޒުވެސް ކެއުމުގާ ބައިވެރި ވިއެވެ.
” ދަރިފުޅު ހާދަ ހިކިފައޭ ތިހުރީ. އެކޮޅުން ނުލިބޭ ދޯ ރަނގަޅު އެއްޗެއްވެސް ކާލަން ” ނާހިދާ އުޅުނީ އަކީލް އާ ވާހަކަ ދެއްކޭތޯ އެވެ. އެވަރުންވެސް އަކީލް ގެ އަނގައިން އެންމެ ލަފްޒެއްވެސް ނުނިކުތެވެ.
” މަންމަ އަށް އިނގޭތަ އެއްކަލަ ނާޒް މިހާރު އުޅެނީ އެއުޅޭ ޑޮކްޓަރ ނާޒިމް އަތުއަޅުވާ ލައިގެން. މިހާރު ކައިވެނިވެސް ކޮށްފިޔޯ ” އާރިޔާ ގަސްތުގަ އަކީލް އަށް އަންގާލުމުގެ ބޭނުމުގަ އެވާހަކަ ފެށިއެވެ. އެކަންވީ ވެސް އެހެންނެވެ. ކުރިން އަކީލް އަށް ވެސް ހީކުރެވުނީ އެހެންނެވެ. އެކަމަކު ފަހުން އެއީ ދޮގެއްކަން ވަނީ އެނގިފައެވެ. އަނެއްކާ އޭގެފަހުން އެދެމީހުން ކައިވެނި ކުރި ބާވައެވެ. ބޯން ނެދި ފެންތަށި ހުރި ބާރަށް މޭޒުމަތީ ޖެހުމަށްފަހު އަކީލް ތެދުވެގެން ދިޔައެވެ.
” އާރިޔާ ޖެހޭތަ ކޮންމެހެން މިގަޑީ ތިވާހަކަ ފަށަން. އެ ނުލަފާ އަންހެން މީހާގެ އެއްވެސް ވާހަކައެއް ނުވާނެ މިގޭތެރޭ ދައްކައިގެން ” ނާޙިދާ ރުޅިގަނޑު ބޭލީ އާރިޔާ އަށެވެ.
އަކީލް ފޯނު ނެގުމަށްފަހު އަޔާޒް ގެ ނަންބަރަށް ގުޅާލިއެވެ.
” ކޮބާ މިކޮޅަށް ޖައްސާލަންވީތަ އަނެއްކާވެސް. ފޭކް މީހެކޭ ތީ. ކޯސްވެސް ނުނިންމާ ތިހިރީ މިހާރު މާލެގޮސް ” އަޔާޒް ފޯނު ނެގިގޮތަށް އަކީލް އާ ދިމާކޮށްލިއެވެ.
” އަޔާޒް ބުނީމެއްނު ދޯ އެއްކަލަ ނާޒިމް އާ ނާޒް އަކީ ދެމަފިރިންނެއްނޫނޭ. ކޮބާ މިހާރު އެމީހުން ” އަކީލް ކުރިންވެސް އެވާހަކަ އެހުމުން އަޔާޒް އެކަމާ ގުޅޭގޮތުން ވަނީ އަކީލް އާ ސުވާލު ކޮށްފައެވެ. އަކީލް އާ އަޔާޒް ދިމާވެފަ ވަނީ ނާޒް އާ ކައިވެނި ރޫޅުނު ފަހުން ކަމަށްވާތީ ނާޒް އާ އަކީލް ގެ ގުޅުމެއް ވާކަމެއް އަޔާޒް އަކަށް ނޭނގެއެވެ.
” ކިހިނެތްތަވީ އަކީލް. އާނ އޭރު އަހަންނަށް އޮޅުނީއޭ. އޭގެ ފަހުން ނުވޭ ހަބަރެއް. އެކަމަކު އެހެން މީހެއްގެ ފަރާތުން އަޑުއެހިން އެދެމީހުން ކައިވެނި ކުރި ވާހަކަ، ދެން ރަނގަޅުތާ، ނާޒިމް ކަހަލަ ސްމާޓް މީހަކާ ގުޅޭނީވެސް އެކަހަލަ ރީތި އަންހެން ކުއްޖެއްނު ދޯ ” އަކީލް ގެ ހިތުގެ ހާލަކީ ކޮބާކަން ނޭނގޭ އަޔާޒް މަޖާވެލާފަ ބުންޏެވެ.
” އެކަމަކު ބުނެބަލަ. ތިހާ ވަރުން ކީއްވެ އެމީހުންގެ ވާހަކަ ތިއަހަނީ ” އަވަސް އަވަހަށް ފަހުން ގުޅާނެ ކަަމަށްބުނެފަ އަކީލް ފޯން ކަނޑާލިއެވެ. ހިތާހިތުން ނާޒް އާ ދިމާލަށް ގޮވުނު ހުރިހާ އެއްޗެއް އަކީލް ގޮވަމުން ދިޔައެވެ.
ހަގީގަތަށް ބުނަންޔާ އަކީލް ކޯސް ނިންމާލާފަ މާލެ އައި އެންމެ މުހިއްމު އެއްބޭނުމަކީ އަލުން ނާޒް އަށް ގުޅާ މައާފަށް އެދޭށެވެ. އެންމެ ފަހުން ނާޒް އާ ދިމާވި ރެއަށްފަހު އަކީލް ވިސްނުން ވަނީ މުޅިން ބަދަލު ވެފައެވެ. ނާޒް އެވަރުގެ ކަމެއް ނުކުރާނެ ކަމަށް އަކީލްގެ ހިތްވަނީ އަކީލް އަށް އަންގަދީފައެވެ.
އެކަމަކު އެއީ ހައްތަހާވެސް އަކީލްގެ ހިތުގަ ނާޒް އަށް ޓަކައި ދެވިފަވާ ލޯބީގެ ބޮޑުަކަމުން ވީ ގޮތެއްކަމަށް އަކީލް އަށް އަނެއްކާވެސް ގަބޫލު ކުރަން މަޖުބޫރު ކުރުވައިފިއެވެ.
ނާޒް އަކީ ބޭވަފާ ތެރިއެކެވެ. ފައިސަލް އާ އެކު އޭރު އެފެނުނު ފޮޓޯތަކަކީ ހަމަ ހަގީގަތެވެ. އެހެން ނޫންނަަމަ އެހާ އަވަހަށް ތަނަކުން މީހަކު ފެންނަ އިރަކަށް ނާޒް ކައިވެންޏެއް ނުކުރީހެވެ. ނާޒް ގެ ކުށެއް ނެތްކަމަށް ގަބޫލު ކުރެވުނީތީވެސް އަކީލް އަމިއްލަ ނަފްސް ކުއްވެރި ކުރިއެވެ.
ދެފަހަރަކު މީހަކު ދޮރުގަ ޓަކިޖެހުމުން އަކީލް ދޮރުހުޅުވިއެވެ. ކުރިމަތީ ހުރީ ސަބީނާ އެވެ.
ސަބީނާ އަކީ އަކީލް މަންމަ ރައްޓެއްސެއްގެ ދަރިއެކެވެ. އެންމެ ކުޑައިރުންސުރެ މިގެއަށް އައިސް ގޮސްއުޅޭ ކުއްޖެކެވެ. ނާޒް އާ ކައިވެނި ކުރުމާ ހަމައަށްވެސް ސަބީނާ ވަނީ އަކީލް ހޯދުމަށް އެތައް މަސައްކަތް ތަކެއް ކޮށްފައެވެ. އެކަމަކު އަކީލް ފާޅުގަ އެކަމާ ދެކޮޅު ހެދީ ނާޒް ދެކެ ވާ ލޯބީގެ ބޮޑުކަމުންނެވެ.
” އަނހަ ސަބީ ކޮންދަތުރެއް ” އަކީލް ފަރުވާ ކުޑަ ގޮތަކަށް އަހާލަމުން އެނދުމައްޗަށް އަރާ ލެޕް ހިފައިގެން އިށީނެވެ.
ސަބީނާ އެއްވެސް ޖެހިލުމެއްނެތި އަކީލް އާ ޖެހިގެން ހެން އެނދުމަތީ އިށީނެވެ. ސަބީނާ ލާފަ އިން ހެދުމުގެ ކަރު ބޮޑުކަމުން ނިވާވާ ބަޔަށްވުރެ ބޮޑީ ނިވާނުވާ ބަޔެވެ. ހެދުން ކުރުކަމުން ފަލަމަސްގަނޑާ ވީ ހިސާބުން ފައި އެއްކޮށް އޮތީ ހާމައަށެވެ.
އެއީ އަކީލް އަށް އެއްވެސް އިރަކު ކަމުދާ ގޮތެއްނޫނެވެ. އެކަމަކު އެވާހަކަ އަކީލްއެއް ނުދައްކައެވެ. ސަބީނާ ދައްކާ ވާހަކަ ތަކަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި އަކީލްގެ އަމިއްލަ މަސައްކަތް ކުރުމުގަ މަސްއޫލު ވިއެވެ.
” މިއަކީލް ދެކެ ވަރަށް ފޫހިވޭ. ސަބީ މިހާ ވަރަށް ވާހަކަ ދައްކާ އިރުވެސް ތި އިންނަނީ ހަމަ ލެޕް އަށް ބަލަން. ކީއްތަވާނީ ސަބީ އާ ވާހަކަ ދެއްކިއްޔާ ” އަކީލް އެންމެ ފޫހިވަނީ އެހެންވެއެވެ. އެގޮތަށް އަމިއްލަ އަށް ފިރިހެން ކުދިންނާ ގައިގޯޅި ވާ ކުދިން ދެކެ އަކީލް އަބަދުވެސް ފޫހިވެއެވެ.
އެކަމަކު ކުއްލިއަކަށް އަކީލްގެ ވިސްނުމުގާ މުޅިން އެހެން ކަމެއް ހިނގައިގަތެވެ. ނާޒް އަށް އެހެން މީހަކާ ކައިވެނި ކުރެވޭ ކަމަށްވާނަމަ އަކީލް އަށް ވަކި ނުކުރެވެންވީ ސަބަބެއް ނެތެވެ. އެކަމަކު އެއީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. އަނެއްކޮޅުން އަކީލް އަކީ ވަކީލް ކަމުގެ ދާއިރާއިން ކިޔަވަމުންދާ ހަރުދަނާ ޒުވާނެކެވެ. ސަބީނާ ފަދަ ކުއްޖަކާ އަކީލް އާ އެކަށީގެނެއް ނުވެއެެވެ.
” ސަބީ އަށް ކެރިދާނެތަ އަހަންނާ ކައިވެނި ކުރަން ” ސަބީނާގެ އަނގަހުޅުވި ދެލޯ ބޮޑުވެފަަ އިންތަން ފެނުމުން އަކީލް ގާތަށް އައީ ލާނެއް ހިންޏެކެވެ. އެކަމަކު އެކަން ބޭރުން ފާޅުނުކޮށްވޭތޯ އަކީލް ބެލިއެވެ. އަކީލް ބުނި އެއްޗެއް ގަބޫލު ނުކުރެވިގެން ދެވަނަ ފަހަރުވެސް ސަބީނާ އެސުވާލު ތަކުރާރު ކޮށްލިއެވެ.
އަކީލް އެއްވެސް ޖެހިލުމެއްނެތި ސަބީނާގެ އަތުގަ ހިފައިގެން ކޮޓަރިން ނުކުމެ ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ސިޓިންރޫމްގަ އިން ނާހިދާ އާ އާރިޔާގެ ބެލުން އަކީލް އާ ސީދާވި ގޮތަށް ތިއްބެވެ. އެގޮތަށް ސަބީނާގެ އަތުގަ ހިފައިގެން އަކީލް އަންނަ މަންޒަރު ފެނުމުން ދެމީހުންވެސް ތިބީ ހައިރާންވެފައެވެ. އަކީލް އައިގޮތަށް އައިސް ހުއްޓުނީ ނާޙިދާގެ ކުރިމަތީ އެވެ.
” މަންމާ. އަހަރެން މިއުޅެނީ ސަބީ އާ ކައިވެެނި ކުރަން. ވީ އެންމެ އަވަހަކަށް އަހަރެން މިކަން ކުރަން ނިންމައިފިން. ޕާޓީވެސް ބޭއްވޭނެ. މަންމަމެން ބޭނުންވާ މީހުންގެ ލިސްޓްވެސް ތައްޔާރު ކޮށްލާ ” ސަބީނާ ހުރީ އަދިވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ. އަކީލް ދާން ހިނގައިގަނެފަ އަނެއްކާވެސް ހުއްޓި ނާހިދާ އާ ކުރިމަތި ލިއެވެ.
” ސަބީނާގެ މަންމަ މެންނާ ވާހަކަ ދައްކާ މިކަން ހަމަޖެއްސުމަކީ މަންމަގެ ކަމެއް. ރަންކިޔަން މީހުން ފޮނުވާނެ ވާހަކަ ވެސް ބުނެލާތި ” އަކީލް ނުކުމެގެން ދިޔައީ ބޭރަށެވެ. ސަބީނާ ހުރިގޮތަށް ނުކުމެގެން ދިޔައީ އެވެ.
މަންމާ މީ ކޮންކަންތައްގަނޑެއް އަނެއްކާ ” އާރިޔާ ހިތްހަމަ ނުޖެހި އިނދެ ބުންޏެވެ.
” ސަބީނާ އަކީ މަންމަގެ ރައްޓެއްސެއްގެ ދަރިއަކަށްވިޔަސް އަހަރެން ހިތްހަމައެއް ނުޖެހޭ ދޮންބެ އެވިޔާނުދާ ސަބީނާ އާ ކައިވެނި ކުރާކަށް ” އާރިޔާ ހުއްޓާނުލާ ވާހަކަ ދައްކަމުން ދިޔައެވެ.
” ތީ ހަމަ ތެދެއް. އެސަބީނާގެ މަންމަ ފާތުމަ އަކީ ވަރެއްގެ ދަހިވެތި މީހެއް. އެހާ އެއްޗިހި މުހުތާދުވާނެ ” ނާހިދާވެސް އާރިޔާގެ ވާހަކައަށް އިތުރު ކޮށްލިއެވެ.
” އެހެންވިޔަސް ހިއެއްނުވޭ އަކީލް އެހުރި ފެންވަރުން މިކަން ހުއްޓުވޭނެ ހެނެއްވެސް ” ނާހިދާ ބުންޏެވެ.
*********************************
ނާޒިމް އަށް އެންމެ މީރު ކެއިން ނާޒް ތައްޔާރުކޮށްލިއެވެ. ކުޅިމަހާ ގަރުދިޔަ އެވެ. ނާޒިމް އަކީ ކިތަންމެ ޕްރޮފެޝަނަލް މީހަކަށްވިޔަސް އަމިއްލަ ދިރިއުޅުމުގާ އާދައިގެ ގޮތްތަކެއް ގެންގުޅޭ މީހެކެވެ. ރައުލް ވެސް ނިދާފަ އޮތުމުން ނާޒް އަަވަސްވީ ނާޒިމް އަންނަންވާއިރަށް ފެންވަރާލާ ރީތިވެލާށެވެ.
” މެޑަމް ނިމެނީތަ ކައްކާ ” ބަދިގެއިން ނުކުމެގެން ދިޔަ ނާޒް އާ އަރޫނާ އާ ދިމާވެގެން އަހާލިއެވެ.
” އަރޫނާވެސް ދޭ ދެން ނިދާލަން. އަހަރެން ތަށިތައް ނަގާ ސާފުކޮށްލާނަން ” އަރޫނާ އަކީ މަސައްކަތު މީހާއަށްވިޔަސް ނާޒް ދެކެނީ އެއީވެސް އާއިލާގެ މީހެއްގެ ގޮތުގައެވެ.
ނާޒް އަށް ފެންވަރާލާ ރީތިވެވުނީ ހަމަ ކިރިޔާ އެވެ. ނާޒިމް އައިސްފިއެވެ.
” ހާދަ ރީއްޗޭ މިރޭ ” ނާޒިމް އާދައިގެ މަތީން ނާޒް އާ ދިމާކޮށްލިއެވެ.
” ދެން ނާޒިމް ފޮނި ވާހަކަ ނުދައްކާ އާދޭ ފްރެޝްވެލައިގެން ކާން ” ނާޒް ލަދުރަކި ގޮތަކަށް ބުނެލިއެވެ.
މޭޒުމަތި ރެޑީކޮށްލި ތަނުން ނާޒިމް އައިސް ބަދިގެއަށް ވަދެއްޖެއެވެ.
” ކާ އެއްޗިހީގެ ވަސްޖެހުނީމަވެސް ބަނޑު ފުރިއްޖެ ” ނާޒްގެ އަތުގަ ހިފާ ޖެހިގެން އިން ގޮނޑީގަ ބައިންދަމުން ނާޒިމް ބުނެލިއެވެ. ނާޒް ވެސް ނާޒިމް އާ އެކު ކެއުމުގަ ބައިވެރިވިއެވެ.
**************************************************
ސްކޫލް ގަޑިއަށް އައި ބަދަލަކާ ގުޅިގެން ރައުލް ސްކޫލަށް ގެންދަން މިހާރު ޖެހެނީ ހެނދުނު އެވެ. އެހެންކަމުން ގިނަ ފަހަރު ރައުލް ސްކޫލަށް ގެންދަނީ ނާޒް އެވެ. ގެއާ ސްކޫލާ މާދުރެއްނޫނެވެ. ނާޒިމް ކިތަންމެ ވަރަކަށް ކިޔަސް ނާޒް ދަނީ ހިނގާލާފައެވެ.
” މަންމީ ކޮއްކޮ ދާނީ ހިނގާފަ ” ރައުލް ބޮޑާ ދައްކާލުމަށްފަހު ނާޒް ގެ އުރުން ފައިބާ ހިނގަން ފެށިއެވެ. ނާޒް އަށް ރައުލް އަތުގަ ނުހިފި އުޅެނިކޮށް ފޮޅުވި ގަނެގެން ކުރިއަށް ދުއްވައިގަންވަގުތު ޖެހިގެން ހުރި ފިހާރައިން ނުކުތް މީހާ ގެ ގައިގަ ޖެހި ރައުލް ޕޭވްމަންޓް މައްޗަށް ވެއްޓުނެވެ.
” މަގުމަތީ އެހެން މީހުންވެސް އުޅޭކަން ބަލައިގެން ނުކުމެބަލަ ” ނާޒް ރުޅިގަދަވި ވަރުން އެމީހެއްގެ މޫނަށްވެސް ބަލާލުމެއްނެތި ބުންޏެވެ. އޭރު ރައުލް އަށް ރޮވެނީ އެވެ.
( ނުނިމޭ )
14 Comments!
Comments are closed.


ވ ވ ވ ރީތި
reesh mi vaahakaige aneh bai up kohdhybala pls pls pls
Mi vaahakaige anehbai up kohdheebaaaaaaa pleeeeeeeeez pleeeeeeez reeesh….. alhe plx plz up kohdheycbey
reeeeeesh mivaahakaige 13 vanabai up kohdheeeeeeeeeeeeeeeeeeeeeeeba pls pls pls pls pls pls pls pls reeeeeeeeeeeeeeeeeeeeeesh
anehbai up kohdhyba
Mi storyy ge anehbai alhe up kohdheeba.. btw nice story eh..
mi stry ge aneh bai kobaa v reethi mi stry plxxxx aneh baikoba?
Kobaa mi storyge fahuba plx… Upload kohba…
Kobaa mi storage fahubai plx plx upload kohba… This story very nice…
Dhen aadheys kurias update nukoh dhen yaamu nukiyeyne dhw…
mi storyge ane part kobaa
Next part dhn up eh nuvaane dhw…. v fooohiveje mi vaahaka kiyan feshuneeema dhn
Mi vaahska dhannuliyaneetha vara keyaa hie vaa reethe vaahaka ae
when next part up kola dhenyyyyyy