Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 3

Itxlevender
Itxlevender Level 210 Stories100 Comments100 Login
March 30, 2026 11 Mins Read
9 Comments

އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ތިން މީހުންވެސް އެމީހެއްގެ ކޮޓަރިއަށް ދިއުމުން، ލިއާ ގޮސް ކޮޓަރި ތަޅުލިއެވެ. އޭރު ވެފައި ހުރި ވަރުބަލިން ހަށިގަނޑަށް ވަނީ ލޮޑުކަމެއް އިހުސާސްވެފައެވެ. ކޮޓަރީގެ ފަންކާ ފުލްކޮށްލުމަށްފަހު ގައިގާ ހުރި އަންނައުނުތައް ވަކިކުރަމުން ގޮސް ފާހަނައަށް ވަނެވެ.

ފެންވަރާލުމުން ހަށިގަނޑަށް ތާޒާކަން ވެރިވިއެވެ. ފާހާނާ ދޮރު ހުޅުވާލާފައި ލިއާ ނިކުތުމާއެކު ކޮޓަރިތެރޭގައި މީރު ވަހެއް ފެތުރިގެން ދިޔައެވެ. ތުވާލިން އުނަގަނޑާ ހަމަޔަށްވި އިސްތަށިގަނޑު ހިއްކަމުން އައިސް ލިއާ ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އެވަގުތު ދެން ވީގޮތެއް ނޭނގުނެވެ. އިސްތަށިގަނޑު ހިއްކުމަށްޓަކައި މައްޗަށް ނަގާލެވިފައިވާ ދެއަތް މަޑުމަޑުން ތިރިކޮށްލުމާއެކު ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް ނަޒަރު ހުއްޓާލެވުނެވެ.

“އައެމް ސޮރީ ބަޓް، ހޭވް ޔޫ އެވަރ ސީން ޔުއަރސެލްފް ފްރޮމް ދަ މިރަރ…؟” އަންހެންކުއްޖެއްގެ އަޑު ލިއާގެ ކަންފަތުގަ ގުގުމާލި ކަހަލައެވެ. އެ އަޑާއި އެކުވެގެން އިވުނު މަލާމާތުގެ ހުނުމުގެ އަޑާއެކު ލިއާއަށް އަވަސްއަވަހަށް އަތުގައި އޮތް ތުވާލި ލޯގަނޑު ކުރިމަތީ ހުރި ގޮނޑިއަށް ޖެހުނެވެ. ދެލޯމަރާ ފިއްތާލަމުން ދެފަރާތަށް ބޯ ހޫރާލިއިރު ހީވީ އިވެމުން ދިޔަ އަޑުތަކުން ސަލާމަތްވާން އުޅުންހެންނެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން އަނެއްކާވެސް ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް ލިއާގެ ނަޒަރު ހުއްޓައިލިއެވެ. މާ ދޮން ނޫނަސް ރާއްޖެއިން އާންމުކޮށް ފެންނަފަދަ ދޮން ކުލައެއްގެ މޫނެކެވެ. ހިމަ ދިގު ބުމައާއި، އަލްމަންޑް ލޮލާއިއެކު ގަދަ ޗޮކުލެޓު ކުލައިގެ ކަޅިއެކެވެ. ބިސްބުރު ބައްޓަމަށް ވާ މޫނެކެވެ. ހަގީގަތުގައި ހުތުރޭ ބުނާވަރު ސިފައެއް އެ އަންހެންވަންތަ ސޫރާގައި ނުވެއެވެ.

ނަމަވެސް ޒަމާނަކީ، އަތުގައި ފައިސާ ނެތްނަމަ މީހާގެ އަގެއް ނޯންނަ ޒަމާނެވެ. ލިއާއަށްވެސް ވެފައި ވަނީ އެހެންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ބުލީގެ ޝިކާރައަކަށްވެފައި ވަނީ، މުއްސަނދި އާއިލާއަކުން އައިސްފައި ނުވާތީ އެވެ. އަދި މަންމަ ނިޔާވި ފަހުން، ލިއާ ވެގެން ދިޔައީ ގިނަ ބަޔެއްގެ ފަސޭހަ ޝިކާރައަކަށެވެ. ލިއާގެ ބޯމަތީގައިވި ހިމާޔަތުގެ، އޯގާތެރި ދެއަތް ނެއްޓިގެން ދިއުމުން ދިރިއުޅުން ބަނަވެގެން ދިޔައީއެވެ. މުނި ފޫހި ފިލުވުމުގެ ގޮތުން، ސުކޫލުގެ ގިނަ ބަޔަކު ހަނގާކުރަމުންދާ ކުޅޭ އެއްޗަކަށް ލިއާ ވީ ފަދައެވެ. ކިރިޔާވެސް ހިމާޔަތެއް ލިބުނީ ގްރޭޑް ރިޕީޓްވެ، ޖެހިގެން އައި އަހަރު ސުމާ އާއި އަލްޔާއާ އެއް ކްލާހަކަށް ދެވުމުންނެވެ.

އެގޮތުގައި ދުވަސްތައް ވޭތުވަމުން ދަނިކޮށް ލިއާގެ ދިރިއުޅުން ބަދަލުކޮށްލީ ރިހާނެވެ. އަލްޔާ އާއި އެކު، އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއާއި ދިމާވާން ދިޔަ ދުވަހެއްގައި ލިއާ ދިޔައީ އަލްޔާގެ އެދުމުގެ މަތިންނެވެ. އެދުވަހު އަލްޔާގެ ލޯބިވެރިޔާ އާއި އެކު އައިސް ހުރި ރީތި ޒުވާނާއަށް ލިއާ ޝައުގުވެރިވިއެވެ. ނަމަވެސް އޭނާއާއި ވާހަކަ ދައްކާކަށް ނުކެރުނެވެ. ބީޗްގައި ދުރު އެކަހެރި ހިސާބެއްގައި އަލްޔާ އަދި އަލްޔާގެ ލޯބިވެރިޔާ އިށީނދެ ތިބިއިރު ލިއާ ހުރީ އެތަނަށް އެހެލާފަ ހުރި ދޯންޏެއް ކައިރިއެވެ. ލިއާ އާއި މާ ދުރު ހިސާބެއްގައި ރިހާން ހުރީ ފޯނާ ކުޅޭށެވެ. ލިއާގެ ސިއްރު ނަޒަރު އިރު އިރުކޮޅާ ރިހާނަށް ހުއްޓެއެވެ.

“ކީކޭ…؟ އޭނަ ކައިރި ބުނޭ އަދި އިރުކޮޅެއް ވާނޭ…” ކުއްލިއަކަށް ރިހާން ވާހަކަ ދެއްކި އަޑު އިވުމުން ލިއާ ބަލައިލިއިރު ރިހާން ހުރީ ކަންފަތުގައި ފޯނު ޖަހައިގެންނެވެ. ފޯނު ކަނޑާލާފައި ރިހާން ހިނގައިގަތީ އަލްޔާމެން ތިބި ދިމާލަށެވެ. އޭރު ދެން ހަދަންވީ ގޮތެއް ނޭނގިފައި އެ ހުރިތާގައި ލިއާ ހުރިއެވެ. ރިހާން ގޮސް އޭނާގެ އެކުވެރިޔާ ނާވީއާއި ވާހަކަދެއްކިތަން ފެނުނެވެ. ލިއާ ފޫހިވެފައި ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކަށް ނަޒަރު ހިންގައިލިއެވެ.

ކުއްލިއަކަށް ފޯނު ރިނގްގުވާން ފެށުމުން ލިއާ ބަލާލިއިރު އަރާފައި އިނީ ނުދަންނަ ނަންބަރެކެވެ. ކުޑަކޮށް ހައިރާންވެފައި ހުރެ ފޯނު ނެގިއިރަށް އިވުނީ އަލްޔާގެ އަޑެވެ.

“އޭ ހާދަ ވަރަކަށް އެބަ ގޮވަމޭ…މިކޮޅަށް އައިސްބަލަ…” އަލްޔާ ބުނެލިއެވެ. ލިއާ ފޯނު ކަނޑާލަމުން އެދިމާލަށް ދާން ހިނގައިގަތް އިރު ހިތް ވަނީ އަވަސްވެފައެވެ.

“ހޭ…އަހަރެންގެވެސް ނާވީގެ ފޯނުގަވެސް ބެލެންސެއް ނެތް…އެހެންވެ ރިހާންގެ ނަންބަރުން މި ގުޅީ…ތިއެއް ނޫނޭ…ނާވީމެންނާއެކު އައި ގްރޫޕް ކާއެއްޗެހި އޯޑަރކޮށްގެން ކާއެއްޗެހި އައިސްގެން ގުޅިއްޔޯ…ފުރަންވާއިރަށް ކިރިޔާ ގޮސް ކެވޭނީ…ހީ އިޒް އިންވައިޓިން މީ…އެކަމަކު ލިއާ ދަންޏާ ދެވޭނި…” ލިއާ އައިސް ހަމަވުމާއެކު އަލްޔާ ވާހަކަ ދެއްކިއެވެ. އޭނާ ހުއްދައަށް އެދުމަށް ވުރެ ބޮޑަށް ހީވަނީ އެކަމަށް އެއްބަސްވާށޭ ލިއާ ގާތު އާދޭސްކޮށްލިހެންނެވެ. ލިއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭރު ރިހާންގެ ނަޒަރުވެސް ހުރީ ލިއާއަށް ހުއްޓިފައެވެ.

“އަހަންނަކަށް ނުކެރޭނެ…” ލިއާ މަޑުމަޑުން ބުނެލިއެވެ. އެވަގުތު އަލްޔާގެ މޫނު މިލައިގެން ދިޔައެވެ. ލިއާ އަވަސްއަވަހަށް ވާހަކަ ދައްކަން އުޅެނިކޮށް ރިހާންގެ އަޑު އިވުނެވެ.

“ލިއާ ދާނެ ދޯ…ލިއާއަށް އަންޑަރސްޓޭންޑްވާނެ އަދި އައިފަހުން މި ކަޕްލްއަށް ގިނަ ޓައިމްތަކެއް ލިބުނީއެއްވެސް ނޫންކަން…” ކުޑަކުއްޖަކު ހައްލާލަން އުޅޭ ފަދައަކުން ރިހާން ބުނެލިއެވެ. އެހެންނަމަވެސް އެ ފިރިހެންވަންތަ އަޑު ޖެހުމާއިއެކު ލިއާގް ހިތަށް ފިނިވެލިއެވެ. އޭރު ހިނިއައިސްހުރެ ނާވީވެސް ހުރީ ލިއާ ދޭނެ ޖަވާބަކަށް އިންތިޒާރުކުރާށެވެ.

“ދެން…ދާނީ ދޯ…” ލިއާ ޔަގީން ނުވާ ގޮތަކަށް ބުނެލިއެވެ. އޭނާއަށްވެސް ވީގޮތެއް ނޭނގުނެވެ. ރިހާންގެ އަޑު ޖެހުމާއި އެކު ދެކޮޅު ހެދުމުގެ ބާރު ކެނޑުނީއެވެ. އެހެންނޫންނަމަ ލިއާ އަކީ ފިރިހެން ކުދިންނާއިއެކު ރެސްޓޯރެންޓްފަދަ ތަނަކަށް ދާން ނުހަނު ލަދުގަންނަ ކުއްޖެކެވެ.

ލިއާ އެއްބަސްވުމުން އަލްޔާ އުފަލުން އަތްޖަހާލިއެވެ. އޭރު ނާވީ އާއި ރިހާން ވާހަކައެއްގައި ހުރެ ކުރިޔަށް ހިނގައިގަތީއެވެ. ފަހަތުން ލިއާ އާއި އަލްޔާ އައި އިރު އަލްޔާ ދައްކަމުން ދިޔަ ވާހަކައަކަށް ލިއާއަށް ސަމާލުކަން ނުދެވުނެވެ.

ފުރަގަހުން ފެންނަމުން ދިޔައިރު ވެސް ރިހާންގެ ބައިމަތި ފުޅާ ކަމާއި ފިރިހެންވަންތަކަން ހާމަވެއެވެ. ދިގު އިސްކޮޅެއް ލިބިފައި ވާއިރު ހަމުގެ ކުލަ އައްޔެވެ. ރާއްޖެއިން އާންމުކޮށް ފެންނަ ވަރަށްވުރެ ފިރިހެންވަންތަ ޒުވާނެކެވެ. ލިއާގެ މޭގައިވި ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

ރިހާނަށް ލިއާގެ ނަމްބަރ ލިބުނީ އެފަދަ ގޮތަކަށެވެ. އެދުވަހު އިރުއޮއްސުން ފަހުން ގެޔަށް ގޮސް ބެލި އިރު ލިއާގެ ފޯނަށް މެސެޖެއް އައިސް އިނެވެ. އެ މެސެޖު ހުޅުވާލިއިރު ދެފައި ބިމުގައި ތަތްލައިފިއެވެ.

“ޔޫ ލުކް ސޯ ބިއުޓިފުލް…ވަރަށް ލައިކް ވެވިއްޖެ…” އެ މެސެޖު އައިސްފައި ވަނީ ރިހާންގެ ނަންބަރުންނެވެ. ލިއާއަށް އިހުސާސްވީ ބަނޑުތެރޭ ކުދި ކޮކާތަކެއް އުދުހިގަތްހެންނެވެ. ނޭނގި ހުއްޓާ އެ ތުންފަތް ދެމިލައިފިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލަމުން ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ.

“އެނދުގައި ރަނގަޅަށް ހަމަޖެހިލަމުން ފޯނު ނަގާ ޓައިޕްކުރަން ފެށިއެވެ. “އަލަށް ދިމާވާ މީހެއް ދެކެ އެހާ ފަސޭހައިން ލައިކް ވެވޭތަ…؟” ލިއާ ދިން ރައްދު ޖަވާބުގައި ވެއެވެ. އެ މެސެޖުގައި ޖެއްސުން ކުރުމުގެ ކުލަވަރު އެކުލެވިފައި ވިޔަސް ހަގީގަތަކީ އޮބި ނޯންނަ ވަރަށް އެހިތް ތެޅެމުން ދިޔަކަމެވެ. ރިހާން ފެނުނީއްސުރެ ހިތުތެރެއިން އެ ސޫރަ ފިލައިގެން ނުދެއެވެ. ކެތްތެރި ކަމެއް ނެތި ދެފައި ތަޅުވާލަތަޅުވާލަ އިންދާ ރިހާންގެ ރިޕްލައި އައުމުން މެސެޖު ހުޅުވާލީ ސިކުންތެއްވެސް ނުވަނީހެވެ.

“އެހެން މީހުންގެ ގޮތެއް ނޭނގެ…އަހަރެން ގައިމުވެސް ވަރަށް ލައިކް ވެއްޖެ…” ރިހާން ބުނެފައި އިން ޖުމްލައިން ލިއާގެ ހިތަށް ފޮނި އިހުސާސެއް ކުރެވުނެވެ. އެކަނި އިނދެގެން މަޑުމަޑުން ހެވެމުން ދިޔައިރުވެސް ނޭނގުނެވެ. ފޯނު ގެނެސް ބޭއިހްތިޔާރުގައި މޭގައި ޖައްސާލެވުނު އިރު ނަޒަރު ހުރީ ކުރިމަތީ ހުރި ފާރަށެވެ. ނަމަވެސް މީހާގެ ހިޔާލު ވަނީ އެހެން ދުނިޔެއެއްގަކަން ބަލާލާފައި އެނގެއެވެ.

ލިއާ ގާތު ރައްޓެހިވާން ރިހާން އެހީ އޭގެ ދެ ދުވަސް ފަހުންނެވެ. ވަގުތުން އާނއެކޭ ބުނަން ބޭނުންވިޔަސް ލިއާ ސިކުނޑީގެ ބޭނުން ކުރިއެވެ. އަދި ދެމީހުންނަށް އެކަކު އަނެކަކު ރަނގަޅަށް ނުވެސް އެނގެޔޭނުހޭ ބުނެލިއެވެ. ރިހާންގެ ޖަވާބަކަށްވީ ދުވަހަކުވެސް މީހެއްގެ ގޮތެއް ނޭނގޭނެ ކަމުގައެވެ. ލިއާވެސް އޭނާއާއި ގަޔާވާކަން އެނގޭ އިރު، ދެ ލޯބިވެރިންގެ ގޮތުގައި ނުތިބެ އުމުރު ބޭކާރު ކުރަންވީ ކީއްވެތޯއެވެ. ދެމީހުން ދަސްކުރަން މުޅި އުމުރު އޮތީނުންހޭ ރިހާން ބުނެލިއެވެ. އެއާއި އެކު ލިއާ ހަތިޔާރު ބަހައްޓާ އާނބަސް ދިނީއެވެ. ރިހާންގެ ވާހަކަތަކަށް ދެކޮޅު ހަދާނެ ގޮތެއް އޭނާއަށް ނުފެނުނީއެވެ. އޭރު ރަނގަޅަށްވެސް ލިއާއަށް ރިހާން ދެކެ ލޯބި ވެވިއްޖެއެވެ.

ދެން އައި ދުވަސްތަކުގައި ލިއާގެ ތުންފަތުން ހިނިތުންވުމެއް ނުފެންނަ އިރެއް މަދެވެ. ކުރިން ސުކޫލަށް ދާ އިރު މާޔޫސްވެފައި ހުންނަ ކުއްޖާ މިހާރު ފެންނަނީ ކުރިމަތިވާ ހަނގާތަކަށް ސަމާލުކަން ކުޑަވެފައި ވާކަމެވެ. މިކަމާ ގިނަ ކުދިންވެސް ތިބެނީ ހައިރާންވެފައެވެ. އަދި އެކަމުގެ ހަގީގަތް ހޯދަން ބައެއް ކުދިން އުޅުނެވެ. މިޒަމާނުގެ ބަހުރުވައިން ބުނާނަމަ ހަޖަމް ނުވީއެވެ. ހަގީގަތް އެނގޭ ތިބީ ހަމައެކަނި ސުމާއާއި އަލްޔާއެވެ. އެކުދިން ތިބީ ލިއާއަށްޓަކާ އުފަލުންނެވެ.

އެއްރޭ ދަންވަރު ލިއާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފޯނު ނެގި އިރު ވާހަކަ ދެއްކީ އަލްޔާއެވެ. އަވަސް އަރުވާލާފައި ހުރިވަރުން ކީއެއްޗެއް ރަނގަޅަށް ސާފުވެސް ނުވިއެވެ. އޭނާ އެދުނީ ވަރަށް އަވަހަށް ރެޑީވެގެން ބޭރަށް ނިކުމެލަދިނުމަށެވެ. “ވަޓް…؟ އަލް މޮޔަވީތަ…؟ އަނެއްކާ ހޭލާ ހުރެތަ ތި ވާހަކަ ދައްކަނީ…؟ އަހަރެން ކިހިނެއް މި ދަންވަރު ނިކުންނާނީ…؟ އަދި……” ލިއާގެ ވާހަކަ ނުނިމެނީސް އަލްޔާ ވާހަކަ ދައްކަން ފެށިއެވެ.

“ޕްލީޒް ޕްލީޒް…ސަމްތިން ރިއަލީ އާޖެންޓް ހެޕެންޑް…ނިކުމެބަލަ އިނގޭ…މި ގާތް ކުރީ…” އަލްޔާ ގެ އަވަސްއަރުވާލެވިފައިވާ އަޑުއިވުނެވެ.

“ނޫން ސައިކުގަ ނާންނާތި…މިގަޑީ ޕޮލިހުން……” ލިއާ ވާހަކަ ދައްކަދައްކާ ހުއްޓާ އަލްޔާ ފޯނު ކަނޑައިލިއެވެ. ދެން ގުޅީމަވެސް ފޯނު ނުނެގިއެވެ. ލިއާ ކުދިކިޔަމުން ގައިގަ އޮތް ބެޑްޝީޓް ނަގާ ގުޅައަކަށް ޖަހާފައި ގޮސް ހެދުން ބަދަލުކުރިއެވެ.

ނިދާފައި ތިބި މީހުންނަށް ހިލަމެއް ނުވާނެހާ ސިއްރުން ދޮރު ހުޅުވާފައި ނިކުތް އިރު ލިއާގެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައެވެ. ޝަރީފާއަށް ހޭލެވުނިއްޔާ ހަދާނެ ގޮތެއްވެސް ނޭނގެއެވެ. ލޯމަރާ ބާރުކޮށްގެން ހުރެ މަޑުމަޑުން ދޮރު ލައްޕާލާފައި ދުވެފައި ގޮސް މަގަށް ނިކުތެވެ. އޭރު ސައިކަލުގެ ލައިޓު ނިއްވާލައިގެން ގޯޅި ކަންމަތީ އަލްޔާ އިނެވެ.

“މީނަ ކަންތައް ބޮޑޭ ދޯ…ކިހިނެއްތަ ވެގެން ތިއުޅެނީ އަސްލު…؟” ސައިކަލަށް އަރަމުން ލިއާ ވާހަކަދެއްކީ ނުރުހުންވެފައެވެ. އޭރުވެސް އޭނާ ހުރީ ބިރުން ސިހިސިހިއެވެ. މިގޮތަށް ސިއްރުން ދަންވަރު ބޭރަށް ނިކުމެ އުޅުމަކީ އޭނާއަށް ކުރަން ކެރޭވަރު ކަމެއް ނޫނެވެ. ނަމަވެސް ސިކުނޑި ބުނަމުން ދިޔައީ ރަނގަޅު ސަބަބެއް އޮވެގެން ނޫނީ އަލްޔާވެސް މި ވަގުތު ލިއާ ބޭރަށް ނުނެރޭނެ ކަމެވެ. އޭރު ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިން ލިއާ އިނީ ހީގަނެފައެވެ.

“ވަރަށް ބޮޑު ކަމެއް ވެގެން މިއުޅެނީ…ދިޔާމަ އެނގޭނެ…” އަލްޔާ އިތުރު އެއްޗެއް ނުބުނެ ސައިކަލު ދުއްވާލިއެވެ. އިތުރު ސުވާލު ކުރަން ބޭނުންވިޔަސް ލިއާ ހިމޭންކަން ހިޔާރުކުރިއެވެ.

ސައިކަލުގައި ގޮސް އަލްޔާގެ ގޭ ގަރާޖަށް ޕާކްކޮށްފައި އަލްޔާ ފައިބަމުން ލިއާއަށް ފަހަތުން އައުމަށް އިޝާރަތްކުރިއެވެ. ހިތް ނުތަނަވަސްވެ ހުރެ ލިއާ އައެވެ. އަލްޔާގެ މިސްރާބު ހުރީ އެ ގޭގެ ފަހަތުގައި ހަދަން ފަށާފައި ހުރި ގެޔަށެވެ. އެޅިގަލުން ރާނާފައިވާ އެގޭގެ ގިނަ މަސައްކަތް ހުރީ ނުނިމިއެވެ. އެއްބައި ހިޔާކޮށްފައި ވީއިރު އަނެއްބައި ހުރީ ހާމަޔަށެވެ. އެ ދިމާ އަނދިރިކަމުން ލިއާ ހުރީ ހިތް ބިރުގަނެފައެވެ.

“މިއޮއްފަދަ ގަޑީ މިތަނަށް ކީއްކުރަން ތިއައީ…؟ އަލް އަހަރެން ވަރަށް އެބަ ބިރުގަނޭ…ޕްލީޒް ދެން ވެގެން އުޅޭ ގޮތް ބުނެބެލަ…” ފައިދަށުވަމުން ދިޔަ ހުސް ސިމެންތި ގޯނިތަކުން ކިޔަމުން ދިޔަ އަޑުތަކުން ލިއާ ރޫރޫ އަޅަމުން ދިޔައެވެ. އަލްޔާ އެއްޗެކޭ ބުނަން އުޅެނިކޮށް ކުއްލިއަކަށް ކުރިމަތިން ދެ މީހަކު ފެނުނެވެ. ލިއާއަށް ސިހިގެން ގޮސް ހަޅޭއްލަވައިގަނެވުނު އިރު އަލްޔާ އަވަސްއަވަހަށް ލިއާގެ އަނގަމަތީ އަތް އެޅިއެވެ.

“ހޭ…ހޭ…އިޓްސް މީ…” އިވިގެން ދިޔައީ ރިހާންގެ އަޑެވެ. ލިއާއަށް ދެލޯ ބޮޑުކޮށްލެވުން އިރު ރިހާން އިތުރަށް ލިއާ ހަމަޔަކަށް އަޅުވަން ފޯނުން އަމިއްލަ މޫނަށް އިރުކޮޅަކަށް އަލިކޮށްލިއެވެ. ލިއާގެ އަނގަމަތިން އަލްޔާ އަތް ނެގުމުންވެސް ލިއާ ހުރީ ހުއްޓުން އަރާފައެވެ.

“ވަޓް…؟ އަލް ވަޓް ހޭވް ޔޫ ޑަން…؟ މީހަކަށް ފެނުނިއްޔާ ކިހިނެއް ވާނީ…؟” ރިހާން ފެނުމުން ހިތް އުފާވިޔަސް ދެވަނަ ސިކުންތުގައި ހިތް ފުރިގެން އައީ ބިރުވެރިކަމުންނެވެ. މީހަކަށް ބޭޒާރު ވިއްޔާ ލިއާއަށް މިރަށުގައި އުޅެން ދަތިވާނެއެވެ.

“ހަމަޖެހިބަލަ…އެހެން ނޫނަސް މިކަހަލަ ރަށެއްގައި ދުވާލު އެއްވެސް ތާކުން މީޓް ކުރެވޭ ވަރުތަ…؟ ވާހަކަ ފެތުރުމުގަ މި ފެންވަރުގެ ރަށެއް އަދި ނުދެކެން…އެހެންވެ އޭ މިގަޑީ މީޓް ކުރަން އަލް ކައިރި ބުނީ…” ރިހާން ގާތު ހުރި ނާވީ ވާހަކަދެއްކިއެވެ. އެވަގުތު ރިހާން އައިސް ލިއާގެ އަތުގައި ހިފައިލިއެވެ. އަލްޔާ އާއި ނާވީ ހުއްޓާ ރިހާން މިކުރި ކަމަކުން ލިއާގެ މޫނު ރަތްވިއެވެ. އެތަން އަނދިރި ނޫންނަމަ ލިއާގެ މޫނަށް ވެރިވި ކުލަވަރު އެމީހުންނަށް ފެނުނީހެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުނު ފަހުން ރިހާން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވުމުން ލިއާގެ ހިތުގައި ވަނީ ފޮނި ހީލިކެރުވުމެއް އުފެދިފައެވެ.

“ހމމމ ދެން މިތަނުން ރޫމަކަށް ދާންވީނު…؟” ނާވީ ޖެއްސުމަށް ބުނެލީ ގުޅިފައިވާ ރިހާން އަދި ލިއާގެ އަތަށް ބަލާލާފައެވެ. “ނުސީދާކޮށް ތިބުނަނީ އަމިއްލަ މީހާއަށް ޕްރައިވެސީ ދޭށޭ ދޯ…؟ އޯކޭ ގޮސްފާނަމޭ…” ނާވީއައް ވަރުގަދަ ރައްދެއް ދީފައި ރިހާން ލިއާ އަތުގައި ހިފައިގެން ގޮސް އެންމެ ފުރަތަމަ ހަދަން ފަށާފައި ހުރި ކޮޓަރިއަށް ވަނެވެ.

ލިއާގެ ހިތް ތެޅެމުން ދިޔަ އަޑު ރިހާނަށް އިވޭނެކަން ގައިމެވެ. ލިއާ ހުރީ އިސްއުފުލާލަން ނުކެރިފައެވެ. މިގޮތަށް ރިހާންއާއިއެކު އެކަހެރި ވެވުމުން އެތައް އިހުސާސަކުން ހިތް ގެނބެމުން ދިޔައެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔައިރު ހަދާނެ ގޮތެއް ނޭނގިފައި ހުރެވުން ކަހަލައެވެ.

“ނާރވަސް…؟ އަހަރެން އައިމަ ހެޕީއެއްވެސް ނުވޭތަ…؟” ރިހާން ބުނެލީ އިރުކޮޅަކު ލިއާގެ ހަރަކާތްތަކަށް ބަލަން ހުރެފައެވެ. އެއާއިއެކު ލިއާއަށް ސިހިފައި ރިހާންއަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި ރިހާންއާއި ހަތަރުކަޅި ހަމަކުރަން ނުކެރިގެން އިސްޖަހާލައިފިއެވެ. އޭރު ރިހާން ހުރީ ލާނެއް ގޮތަކަށް ހިނިއައިސްފައެވެ.

“ހެޕީ ނޫނީކީ ނޫން…އެކަމް އެނގޭ ދޯ މީހަކަށް ފެނުނިއްޔާ ވާނެ ގޮތް…؟” ލިއާ ހިތްވަރު ކޮށްފައި ބުނެލިއެވެ.

“ކަމޯން ބޭބް…އެކަމާ ނުވިސްނަބަލަ…އެއްވެސް މީހަކަށް ނޭނގޭނެ…ކަމް ހިއަރ…” ލިއާ ނުވިސްނާ ހުއްޓާ ރިހާން ލިއާގެ އަތުގައި ހިފާ ދަމާލުމާއިއެކު ގެނެސް މޭގައި ޖައްސާލާފައި ލިއާގެ ހަށިގަނޑުގައި ދެއަތުން ވަށާލިއެވެ. ލިއާއަށް ލިބުނު ސިހުމާއި އެކު ލަދުން މަރުވާވަރުވިއެވެ. މި ނޫނީ ދުވަހަކުވެސް އޭނާ ފިރިހެން ކުއްޖަކާ މިހާ ގާތެއް ނުވެއެވެ ނަމަވެސް ރިހާންގެ އަތުތެރޭ ހުރެވުނު އެވަގުތު ކުރުވި ފޮނިފޮނި އިހުސާސަކުން ލޯ މަރައިލެވުނެވެ.

ވާރޭ އޮއްސާލީ އެވަގުތުއެވެ. މާހައުލުގައިވި ފިނިކަން އިތުރުވީ ކަހަލައެވެ. އޭރު ގަޑިން ތިނެއް ޖަހާފާނެއެވެ. އެ ފިނިކަމުގެ އަސަރުން ރިހާންގެ ހަށިގަނޑުގެ ހިއްސުތައް ހޭލަމުން ދިޔައެވެ. މިއިން ކަމެއްގެ ހިލަމެއް ނުވާ ހާލު ލިއާ ވާހަކަ ދެއްކިއެވެ.

“ކޮން އިރަކު އައިސްގެން ތިއުޅެނީ…؟ މިރޭތަ ފުރަނީ…؟ ނޫނީ މާދަމާގެ ފެރީންތަ…؟” ރިހާންއަށް ކުރުވަމުން ދިޔަ އިހުސާސް ނޭނގޭ ހާލު ލިއާ ވާހަކަދެއްކިއެވެ. އޭރު އަނދިރިއަށް ލޯ ހޭނިފައިވުމުން ދެމީހުންނަށް ސާފުކޮށް އެކަކު އަނެކަކު ފެނެއެވެ. ރިހާން ޖަވާބެއް ނުދީ ލިއާށް ބަލަހައްޓައިގެން ހުރި ގޮތުން ހިތުގެ ތެޅުން މަޑުޖެހޭގޮތްވިއެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު ރިހާން ދެއަތުން ލިއާގެ ކޯތާފަތުގައި ހިފަހައްޓައިލިއެވެ. ރިހާން މޫނު ގާތްކޮށްލުމާއިއެކު އެ ނޭވާގެ މީރުވަސް އެޅި ލިއާއަށް ތެޅިގަނެފައި އަމިއްލަ އަނގަމަތީ އަތް އެޅުނެވެ. ރިހާންގެ އެއްމިޔަކަނުން ހިނިތުންވުމެއް ފާޅުވުމާއިއެކު ދުރުވެލަމުން ދުރަށް ނަޒަރު ހުއްޓާލިއެވެ.

ލިއާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ދެންމެ އޭނާއަށް ހީވީ ހަށިގަނޑަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. ނަމަވެސް ރިހާން ހިތްހަމަ ނުޖެހުނީއޭ ހިތާ އޭނާ ކަންބޮޑުވިއެވެ.

“ޑިސެޕޮއިންޓް ވީތަ…؟” ބާރަށް ތެޅެމުން ދިޔަ ހިތް ހަމަޔަކަށް އަޅުވަމުން ލިއާ ވާހަކަ ދެއްކިއެވެ. ރިހާން ބަލައިލިއިރު އެ ނަޒަރުން ދޭހަ ކުރަންވި އެއްޗެއް ނޭނގުނެވެ. “ނޫން…ބަޓް ޔުއަރ ނޮޓް ލެޓިން މީ ޑޫ ދެޓް…ސޯ އެހެންވެ ދުރުގަ މިހުރީ…ނޫނީ ލިއާ ހިތްހަމަ ނުޖެހޭ ވަރު ކަމެއް ވެދާނެ…” ރިހާން އެ ހިނިތުންވުމަގައި ހުރެ ވާހަކަ ދެއްކިއިރު ލިއާއަށް ތުންފަތުގައި ދަތް އެޅުނެވެ.

“އިޓްސް……އިޓްސް…ޖަސްޓް…ދިސް އިޒް…މައި ފަސްޓް ޓައިމް…އެންޑް ޔޫ އަރ މައި ފަސްޓް ބީއެފް…އައި ހެވް ނެވަރ ކިސްޑް/ހަގްޑް އެނީ ގައި ބިފޯޜ…” ލިއާ ނުކެރި ހުރެ ވާހަކަ ދެއްކިއެވެ. އޭނާގެ އެ ވާހަކައިން ރިހާންގެ ހިނިތުންވުން ފުޅާވިއެވެ. ލިއާ އާއި ގާތަށް ރިހާން ޖެހިލިއިރު ލިއާ ދުރަށް ދިޔަ ނުދީ އެ ދެއަތުގައި ރިހާން ހިފައިލިއެވެ.

“ދެން ލެޓް މީ ސްޓީލް ޔުއަރ ފަސްޓް ކިސް…މޭކް މީ ދި ލަކީ ގައި…” ރިހާން ބުނެކލި ވާހަކައިން ލިއާއަށް ލަދުން މޫނުގައި ދެއަތް އެޅުނެވެ. އެވަގުތު އޭނާ ބޭނުންވީ އެތަނުން ދުވެ ފިލުމަށެވެ. މޫނުން އަތް ނެގި ވަގުތު ރިހާން ކައިރިވާން ފެށުމުން ލިބުނު ސިހުމުގައި ފަހަތަށް ފިޔަވަޅެއް އަޅާލެވުން އިރު މަތަވީ ފާރުގައި ޖެހިފައެވެ. އިތުރަށް ލިއާ ސިހުނީ ރިހާން ގާތްވެލާފައި ލިއާގެ ދެފަރާތުން ފާރުގަ އަތް ވިއްދާލުމުންނެވެ. ލިއާ ރަނގަޅަށް ހައްޔަރުވީއެވެ.

“ރި…ރިހާން…ޑޯންޓް ޔޫ ތިންކް…އިޓްސް…ޓޫ ސޫން…؟” ހިތް ތެޅެމުން ދިޔައިރު ލިއާގެ އަޑު ނިކުތީ ކިރިޔާއެވެ. ހިތް ބިރުގަނެފައި ވިޔަސް ރިހާންގެ ރީތިކަމުން ލިއާއަށްވެސް އަސަރު ކުރަމުން ދިޔައެވެ. ލިއާގެ ވާހަކަ އަހާފައި ރިހާންއަށް ބުމަ ހިއްލާލެވުނެވެ.

“ގޯޝް…ވައި އަރ ޔޫ ސޯ އިނޮސެންޓް…؟ ދެން ތިވަރަށް ލަދުނުގަނެބަލަ…” ވާހަކަ ނިންމާލާފައި ލިއާއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ރިހާން ނުދިނެވެ. ލިއާގެ ދެލޯ ބޮޑުވެގެން އައުމާއިއެކު ހަށިގަނޑަށް ހީވީ ކަރަންޓު ޝޮކެއް އައިހެންނެވެ. ފައި އަރި އަޅާލަން އުޅުމާއިއެކު ރިހާން ދުރުވެލުމެއް ނެތި ހުށިޔާރުކަމާއެއި އެކު ލިއާގެ އުނަގަނޑުގައި އެއް އަތް އަޅުވާލިއެވެ. އިރުކޮޅަކަށް ލިއާއަށް ހީވީ އެހެން ދުނިޔެއަކަށް ދެވުނުހެންނެވެ. ވާރޭ ވެހޭ އަޑުވެސް އިވެމުން ދިޔައީ މިއުޒިކެއްގެ ސިފައިގައެވެ.

އިރުކޮޅެއްފަހުން ރިހާން ދުރުވެލިއިރުވެސް ލިއާ ހުރީ ޝޮކެއްގައެވެ. މަޑުމަޑުން އަތް ހިއްލާލަމުން ތުންފަތުގައި އަތްލެވުނެވެ. ރިހާންއަށް ލިބިފައިވާ ހިތްހަމަ ޖެހުމާއިއެކު އެ ރީތި ހިނިތުންވުން ފެންނަމުން ދިޔައެވެ. ލިއާ އަށް ހޭވެރިކަންވެ ލަދުން ބިންފަޅާ އަޑިޔަށް ދާނަމައޭ ހިތަށް އެރިއެވެ. އަވަސްއަވަހަށް ރިހާނަށް ފުރަގަސް ދިން އިރު ލަދުން ގޮސް އޭނާ ހުރީ ފެންކަޅިވެފައެވެ. އެހެން ހުއްޓާ ރިހާން ފަހަތުން އައިސް މަޑުމަޑުން ބައްދާލިކަން އިހުސާސްވިއެވެ.

ރިހާންއާއި އެކު އެ ހޭދަކުރެވުނު ލުއި ގާތް ވަގުތަށްފަހު، ލިއާގެ ހިތް އިތުރަށް ރިހާނަށް އެދެވެން ފެށުނެވެ. އެރޭ ގެޔަށް އައިސް ކޮޓަރިއަށް ވަން އިރުވެސް އޭނާއަށް ހުރެވުނީ މޮޔައަކު ފަދައިން ހިޔާލަކަށް ގެއްލިފައެވެ. ދޭތެރެއަކުން އަމިލައަށް ހީގަންނަމުން މޫނުގައި އަތް އަޅައެވެ. އަލިވިލުނު އިރުވެސް ލިއާއަށް ލޮލުފިޔަ ޖަހާނުލެވުނެވެ. ސުކޫލަށް ދިއުމާއެއި އެކު ކުރިމަތިލާންޖެހުނީ ސުމާ އާއި އަލްޔާގެ ދިމާކުރުންތަކާއެވެ. އަލްޔާގެ ފަރާތުން ސުމާއަށްވަނީ އެރޭގައި ކަންތައް ވީގިތް އެނގިފައެވެ.

އެދުވަހަށްފަހު ލިއާ ފާޑަކަށް ރިހާންއަށް އެޑިކްޓްވި ކަހަލައެއްވެ. ރިހާން އެރަށަށް އައިސް ބުނެލާ ކޮންމެ ފަހަރަކު ލިއާ ބައްދަލު ކުރަން ދެއެވެ. ގިނަފަހަރު ބައްދަލު ކުރަނީ މީހުން ނޫޅޭ ފަޅު ގޯތިތަކުންނާއި އަތިރިމަތިންނެވެ. ދެމެދުގައި އޮތް ގުޅުން އޮތީ ވަކި މިންގަނޑެއްގައި ހިފެހެއްޓިފައެވެ. އެއީ ލިއާގެ ހިތްވަރުންނެވެ. އެއަށްވުރެ ދުރަށް ދާން ރިހާން ބޭނުންވި ނަމަވެސް ލިއާގެ ގޮތުގައި ހިފެހެއްޓުމުގެ ސަބަބުން އެކަން ވަނީ ނުވެފައެވެ. ބައެއްފަހަރު ރިހާންގެ އަމަލުތައް ހުންނަ ގޮތުން ލިއާގެ ހިތް ނުތަނަވެސްވެ، ރިހާން ބޭނުންވަނީ ހަމައެކަނި ލިއާގެ ހަށިގަނޑޭ ހީވާ ފަހަރުވެސް އާދެއެވެ. ނަމަވެސް ރިހާންގެ ކުޅަދާނަ ވާހަކަތަކުން އެ ޝައްކު ފިލުވާލައެއެވެ. ލިއާގެ އުފާވެރި ދުނިޔެ ބަނަވެގެން ދިޔައީ އެ ގުޅުމަށް ދެމަސް ވީ ފަހުންނެވެ.

އެއްދުވަހެއްގެ ހަވީރު ތިން މީހުންގެ މެދުގައި ހެދިފައިވާ ގުރޫޕްގައި ވަރަށް އަވަހަށް އަތިރިޔަށް އައިސްދިނުމަށް ސުމާ އާއި އަލްޔާ އެދުނެވެ. ލިއާގެ ރިޕްލައި ލަސްވެގެން ގުޅަންވެސް ގުޅިއެވެ. އެ އަޑުގައިވި ހާސްކަމުން ލިއާވެސް ކުރަން ހުރި ކަންތައްތައް ބަހައްޓާފައި އަތިރިޔަށް ދިޔައެވެ.

އެހިސާބަށް ދެވުނު އިރު ސުމާ އާއި އަލްޔާގެ އިތުރުން ނާވީ ހުއްޓެވެ. ސުމާއާއި އަލްޔާގެ މޫނުގައިވާ ކުލަވަރުން ކަންތައްތައް ރަނގަޅު ނޫންކަން ލިއާއަށް ދެނެގަނެވުނެވެ. ނާވީގެ މޫނުމަތީގައި ވަނީ ކުށްވެރި އިހުސާސެކެވެ.

“ކިހިނެއް ވެގެން މިއުޅެނީ…؟” ލިއާ ސުވާލު ކުރިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އަލްޔާ އޭނާގެ ފޯނު ނަގައި ކޮންވަރޒޭޝަނެއް ހުޅުވައި ކިޔާށޭ ކިޔާފައި ލިއާ އަތަށް ފޯނު ދިނެވެ. ލިއާ ހައިރާންވެފައި ހުރެ އޭގައި ހިފިއެވެ.

އޭގައިވި މެސެޖުތައް ކިޔަމުން ދިޔަ ވަރަކަށް ލިއާ އަށް ހީވީ މީހަކު އޭނާގެ ހިތް ފިއްތަމުން ދިޔަހެންނެވެ. އޭގައި އަލްޔާއަށް މެސެޖުކޮށްފައިވަނީ އަންހެން ކުއްޖެކެވެ. އޭނާ ބުނެފައި ވަނީ ސޯޝިއަލް މީޑިއާ މެދުވެރިކޮށް ލިއާ ފެނޭތޯ އޭނާ ވަރަށް މަސައްކަތް ކޮށްފިން ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އަލްޔާއަށް މެސެޖު ކުރަން ޖެހުނީއެވެ. އޭނާގެ ވާހަކައިގައި އޭނާއަކީ ރިހާންގެ ލޯބިވެރިޔާ ކަމަށާއި، ރައްޓެހިވެގެން އުޅޭތާ ދެ އަހަރު ވެއްޖެ ކަމަށް ބުންޏެވެ. މީގެ އެއްމަސް ކުރިން ރިހާންގެ މަކަރުވެރިކަން ހާމަވެ، އޭނާ އާއި ގުޅުން ކަޑާލިކަމަށް ބުނެފައިވެއެވެ. ނަމަވެސް ރިހާން ރޮއެ އާދޭސް ކުރުމުން އަނެއްކާވެސް އިތުރު ފުރުސަތެއް ދިނީއެވެ. އެ މެސެޖާއި އެކު ދެން ހުރީ ރިހާން އާއި އެ އަންހެން ކުއްޖާ އާއި ދެކެވިފައި ހުރި ވާހަކަ ތަކުގެ ސްކްރީންޝޮޓެވެ. އޭގެން ސާފުކޮށް ރިހާން އެ އަންހެން ކުއްޖާ ގާތު ކޮށްފައިވާ އާދޭސްތައް ފެންނަން ހުއްޓެވެ.

ފެންކަޅިވެގެން އައުމާއި އެކު އަތުގައި ވި ފޯނު ތިރިކޮށްލަމުން ލިއާއަށް އެތާ ތިބި ތިން މީހުންނަށް ބަލާލެވުނެވެ. އޭރުވެސް ނާވީ ހުރީ އިސްޖަހައިގެންނެވެ. “އަދި ނިމުނީކީ ނޫން…ނާވީ އަށް ހުރިހާކަމެއް އެނގޭނެ…” އަލްޔާ ރުޅިވެރިކަމާއެއި އެކު ނާވީއަށް ބަލާލިއެވެ. އެވަގުތު ނާވީ ފުން ނޭވާއެއް ދޫކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.

“އެންމެ ފުރަތަމަ ލިއާ އާއި ރިހާން ދިމާވިއިރުވެސް ރިހާން އުޅެނީ ރޫޔާއާއި ރައްޓެހިވެގެން…ތި ދެމީހުން ރައްޓެހިވިކަންވެސް އަހަންނަށް އެނގުނީ މާ ފަހުން…އެކަން އެނގުނު ދުވަހު ރިހާން ކައިރި ބުނިން ތީތި ކަޑައޭ، ޓައިމް ޕާސް ކުރަން އުޅެގެން ލިއާ ހަގީގަތުގައިވެސް ރިހާން ދެކެ ލޯބިވިއްޔާ ކިހިނެއްހޭ ހަދާނީ…؟ ރިހާން ބުނީ ކޮންމެ ގޮތެއްވެސް ވަރިހަމައޭ…އަހަރެން ވަރަށް ނަސޭހަތް ދިނިން…އަހަރެންވެސް ބޭނުމެއް ނުވޭ އަލްގެ ކްލޯޒް ފްރެންޑެއް ވީމަ ލިއާއަށް ދެރަގޮތެއް ވާކަށް…ބަޓް ހީ އިޒް މައި ބެސްޓްފްރެންޑް…އަހަރެން ހުންނަން ޖެހުނީ ދެމެދުގައި ތާށިވެފައި…” ނާވީ ކުށްވެރި ރާގަކަށް ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަ ނިމުމާއިއެކު އަލްޔާ އެ އައިސްފައި ހުރި ރުޅީގައި އޭނާއަށް އަޑުލާންފެށިއެވެ.

ލިއާގެ ހިތް ކުދިކުދިވިއެވެ. އޭނާއަށް ކުރެވުނީ މުޅި ދުނިޔެއަށް ގިނަވި ކަމުގެ އިހުސާސެކެވެ. ސުމާ އެއްޗެކޭ ބުނަން އުޅެނިކޮށް ލިއާ ފޯނު ނަގައި ރިހާނަށް ގުޅިއެވެ. އޭނާއަށް ވާހަކަ ދެއްކުނީ ރޮމުންނެވެ.

“ދެން ތިއޮތީ ބަސްޓްވެފަ އޭނު…ތީގަ އަހަރެން ދައްކަން ޖެހޭ ވާހަކައެއް އެބައޮތްތަ…؟” ރިހާން ފޫހި ރާގަކަށް ވާހަކަދެއްކިއެވެ. ފޯނު ކަނޑާލުމެއް ނެތި ލިއާއަށް ފޯނު ތިރިކޮށްލެވުނެވެ. ނާވީ ހުރުމުން ރޯން ބޭނުން ނުވިޔަސް ލިއާއަކަށް ނުހިފޭއްޓުނެވެ. ގިސްލުމުގެ އަޑާއި އެކު ލިއާ ރޮމުން ރޮމުން މޫނުގައި އަތް އެޅިއެވެ. ސުމާ ފެންކަޅިވެގެން އައުމާއިއެކު ލިއާގެ ގައިގާ ބައްދާލިއެވެ. އޭރު ލިއާގެ ރުއިމުގެ އަޑު އިވި އަލްޔާގެ ރުޅިގަނޑު ދެގުނަވެ ނާވީއަށް އެއްޗެހި ގޮވަމުން ދިޔައެވެ.

އޭގެފަހުން ލިއާ ގުޅުމުން ރިހާން ފޯނެއް ނުނަގައެވެ. ލިއާ އެފްބީ އެކައުންޓެއް ހުޅުވީ ރޫޔާއާއި ވާހަކަ ދެއްކުމުގެ މަގްސަދުގައެވެ. މެސެންޖާއިން ރޫޔާއަށް ގުޅުމާއިއެކު ރޫޔާގެ ވާހަކަ ހުރިގޮތުން ލިއާގެ ހިތަށް އިތުރަށް އަނިޔާވިއެވެ.

“ލުކް…އަހަންނަށް އެނގޭ ލިއާ ރިހާންއާއި ރައްޓެހިވިއިރު ރިހާން ރިލޭޝަންޝިޕެއްގައި އުޅޭކަން ލިއާއަށް ނޭނގި ވީ ކަމެއްކަން…އެކަމަކު މިހާރު ރިހާން އާއި ދުރުގަ ހުންނަން ވެއްޖޭނު…” ރޫޔާ ވާހަކަ ދެއްކީ ފޫހި ރާގަކަށެވެ.

“ރޫޔާ ކައިރި މިހެން ބުނާކަށް ބޭނުމެއް ނޫން…އެކަމަކު އަހަރެން ހާދަ ލޯބިވޭ ރިހާން ދެކެ…ރިހާން މިހެން ކަންތައް ކުރަންވީ ކީއްވެތަ…؟” ރޮމުން ލިއާއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ. އެއާއިއެކު އެކޮޅުން އިވުނީ ރޫޔާގެ މަލާމާތުގެ ހުނުމުގެ އަޑެވެ. “އައެމް ސޮރީ ބަޓް، ހޭވް ޔޫ އެވަރ ސީން ޔުއަރސެލްފް ފްރޮމް ދަ މިރަރ…؟” ރޫޔާގެ އެ ޖުމްލަ އަޑު އިވުމާއެކު ލިއާ ހުއްޓުން އެރިއެވެ. އިތުރަށް ވާހަކަ ދެއްކުމެއް ނެތި މަޑުމަޑުން ފޯނު ތިރިކޮށްލެވުނެވެ. ހީވީ ރޫޔާއަށް ލިއާގެ ބަލިފައި އެނގި ދިން ހަމާއެއްހެންނެވެ. އަމިއްލައަށްވެސް އެކަން ގަބޫލުކުރެވުނެވެ. އޭނާއަށް ވަނީ ރޫޔާގެ ޕްރޮފައިލް އިން ރޫޔާގެ ފޮޓޯ ފެނިފައެވެ. އޭނާއަށް ވާދަކުރެވޭ ވަރަށްވުރެ ރޫޔާ ފުރިހަމަވެފައި ރީއްޗެވެ. ޒަމާނީއެވެ. ރިހާންއާއި މާ ގުޅެއެވެ.

އެދުވަހަށްފަހު ދޭތެރެއަކުން ކެތް ނުވެގެން ލިއާ ރިހާނަށް ގުޅައެވެ. ހިތަށް އަރައިފިއްޔާ އޭނާ ފޯނު ނަގާނެއެވެ. އޭނާއަށް އެގޮތަށް ކަންތައް ނުކުރުމަށް އެދި ލިއާ އާދޭސްކުރެއެވެ. އޭނާއަށް ކުރެވުނީ ކޮން ކުށެއްތޯ ބުނެދިނުމަށް އެދެއެވެ. ރިހާން ހަދާ ގޮތަކީ ލިއާ ރޯން ފަށައިފިނަމަ ފޯނު ކަނޑާލަނީއެވެ. އެ ރަށަށް ގޮސްފިނަމަ ރިހާން ލިއާއަށް ގުޅައެވެ. ބައްދަލު ކުރަން އެދޭ ކޮންމެ ފަހަރަކު ލިއާ ދަނީ ރިހާންގެ ކުރިމަތީ ހުރެ އާދޭސްކުރުމަށެވެ. ނަމަވެސް ރިހާން އެ ފުރުސަތެއް ނުދެއެވެ. އޭނާ ބޭނުންވާ ހިތްހަމަޖެހުން ލިއާ ފަރާތުން ހޯދައެވެ. ނަމަވެސް އޭނާ އެންމެ ބޭނުންވާ އުފާ ލިއާ ފަރާތުން ލިބޭ ގޮތެއް ނުވެއެވެ. ލިއާގެ ސިކުނޑިއާއި ކުޅެ، އޭނާއަށް އެ ހިތްހަމަޖެހުން ހޯދަދީފިނަމަ ލިއާގެ މީހަކަށް އުމުރަށް ވާނަމޭ ބުންޏެވެ. ނަމަވެސް ކެތްނުވާހާ ލޯބިވިޔަސް ލިއާ ރިހާންގެ އެ ވާހަކަތަކަށް ހެއްލޭކަށް ބޭނުމެއް ނުވިއެވެ. އެގޮތަށް އުޅެނިކޮށް ލިއާގެ ސުކޫލުގައި މަތީ ގްރޭޑްގައި އުޅޭ ފިރިހެން ގުރޫޕަކަށް ލިއާއާއި ރިހާން އެއްކޮށް ތިބިތަން ފެނި މުޅި ސުކޫލުގައި އެވާހަކަ ފަތުރާލިއެވެ.

ހަފްތާއެއް ވަންދެން ލިއާއަށް ސުކޫލަށް ދިއުމަށް ދަތިވިއެވެ. ބުލީ ކުރަމުން ދިޔަ ކުދިންތަކަށް އީދެއް އައިފަދައެވެ. ބައެއްފަހަރު ކްލާސްގައި އިނދެފައި ގެޔަށްވެސް އަންނަން ޖެހުނެވެ. އޭނާގެ ދިފާއުގައި އެއްޗެއް ބުނަން ހުރީ ސުމާއާއި އަލްޔާއެވެ. ނަމަވެސް އެ ދެކުދިންވެސް ތިބެނީ ލިއާ ރިހާން އާއި ވާހަކަ ދައްކާތީ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް ލިއާގެ ދިފާއުގައި ބުނަންޖެހޭ އެއްޗެއް ބުނެއެވެ. ޝަރީފާ ކަންފަތަށް އެ ވާހަކަ ފޯރުމުން އޭނާ ރުޅިއައިސްގެން ލިއާ އާއި ވާހަކަ ދެއްކިއެވެ. ނަމަވެސް ލިއާ ތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޝަރީފާ ރުޅި މަޑުކޮށްފައި ބުނެލީ ކުއްޖަކާ ރައްޓެހިވެގެން އުޅޭނަމަ އޭނާ އަށް އަންގާލާފައި ގޯތިތެރޭގައި އޭނާއަށް ފެންނަ ހިސާބުގައި ބައްދަލު ކުރުމަށެވެ. ނަމަވެސް އޭރު ވަނީ ވަގުތު ފާއިތުވެފައެވެ.

ހިޔާލަތަކުން ބޭރަށް އާދެވުން އިރު ލިއާވަނީ ފެންކަޅިވެފައެވެ. އޭނާ އަދިވެސް ރިހާންދެކެ އިންތިހާއަށް ލޯބިވެއެވެ. މަޑު ހިނގުމެއްގައި ގޮސް އެނދުގައި އޮތް ފޯނު ނެގިއެވެ. އޭގައި އާރް އަކުރަކާއި ރަތް ކުލައިގެ ހިތެއް ޖަހާ ސޭވް ކޮށްފައިވި ނަންބަރަށް ބަލަން ހުއްޓެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 210 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 30

Next

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 6)

Next
March 30, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 6)

Previews
March 30, 2026

ހިތް އެދޭ މަންޒިލަކީ… 30

9 Comments!

  1. Itxlevender Itxlevender says:
    March 30, 2026 at 3:18 pm

    Follow my page ☺️💗
    https://www.instagram.com/lavendertales14?igsh=MmMwY3Jpb3hhNjFo&utm_source=qr

  2. Qweenofwhatever says:
    March 30, 2026 at 8:19 pm

    Pis pis liaa dhen keeh kuran thi reehaanakaa hedhi ulhenee. Btw vaahaka vrh reethi❤️
    When next?

    1. Itxlevender Itxlevender says:
      March 30, 2026 at 8:36 pm

      Ikr 😭 Btw thank you so much 🥰💗 Next part will be uploaded soon IA 💗

  3. Ziv says:
    March 30, 2026 at 10:31 pm

    Maasha Allah varah interesting vaahaka eh 😍😍 I’m curious about the mysterious guy from the second episode

    1. Itxlevender Itxlevender says:
      March 30, 2026 at 10:45 pm

      Hehe let’s see 🤭💗

  4. Reehaan says:
    March 30, 2026 at 11:46 pm

    I wanna see how this ends 😍

    1. Itxlevender Itxlevender says:
      March 30, 2026 at 11:51 pm

      C’mon it just started 😭😂💗

  5. Imu says:
    March 30, 2026 at 11:48 pm

    Mi story varah interesting..site ga huri ehen stories aa thafaathu🫶🏼👌

    1. Itxlevender Itxlevender says:
      March 30, 2026 at 11:52 pm

      I’m glad 🥹💗

Comments are closed.

Next Episodeލޯބިން ބުނާތީ 30←


All Right Reserved!