ލޯބިން ބުނާތީ
ލިއާއަށް ގެއަށް ގޮސް ވަދެވުނު އިރު އަނދިރި ވެއްޖެއެވެ. އަރައިގެން ހުރި ބޫޓު ބަލާފައި ގޭގެ ވަންނަ ދޮރު ކައިރި ހުރި ފައިވާން ހަރުގައި ބަހައްޓާލަމުން ލިއާ ގޭތެރެއަށް ވަނެވެ. ބަލާ ބެލުމަށް އެއީ އާދައިގެ ގެއެކެވެ. ސިމެންތި ޖަހާ އޮމާންކޮށްފައިވާ ފާރުގެ އެކު ދިމަ ދިމާލުން ވަނީ ކުލަ ވެއްޓިފައެވެ. ގޭތެރެއަށް ވަދެގެން ދާއިރު ދެފަރާތުގައި ތިން ކޮޓަރި ހުއްޓެވެ. ގޭގެ އެތެރެއަށް ވަދެގެން ދާ ވަރަކަށް ދެން ޖެހޭނީ ބަދިގެ އާއި އެވެ. އަދި ބަދިގެއާއި އިންވެގެން ހުރި ކާގެއެވެ. ބަދިގެއާއި ޖެހިގެން ހުރި ދޮރުން ނިކުމެވޭނީ ގޯތިތެރެއަށެވެ.
“ލިއާ..ތި އައީތަ..؟” ކޮޓަރިއަށް ވަދެވަދެ ހުއްޓާ ބޮޑުދައިތަ ގޮވާލި އަޑު އިވުމުން ލިއާ މަޑުޖެހިލިއެވެ. އޭރު ބަދިގެ ފަރާތުން ނުކުމެގެން ލިއާގެ ބޮޑުދައިތަ ޝަރީފާ އާދެއެވެ. ޝަރީފާ އަކީ ލިއާގެ ބައްޕަގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ލިއާގެ މަންމަ ނިޔާވުމުން ލިއާގެ ބައްޕަ އެހެން މީހަކާ ކައިވެނިކޮށް އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރީއެވެ. ނަމަވެސް ތައުލީމީ ގޮތުން ކުރިއަރާފައިވާ ރަށަކީ ލިއާގެ ރަށް ކަމަށް ވުމުން ލިއާގެ ބައްޕަގެ އެދުމުގެ މަތިން ބޮޑުދައިތަ ގާތު ލިއާ ކިޔަވަން ބެހެއްޓީއެވެ. ބައްޕަ ފަރާތުން މާ ބޮޑު އަޅާލުމެއް ލިއާއަށް ނުލިބުނަސް ލިއާއަށް ހަރަދު ކުރަން ބަރާބަރަށް ލާރި ފޮނުވައެވެ.
“ލިއާ ވަރަށް ވަރުބަލިތަ..؟” ޝަރީފާ ތަންކޮޅެއް މާޔޫސް ގޮތަކަށް އަހައިލިއެވެ. ލިއާއަށް ބޮޑުދައިތަ ބުނަން އުޅޭ އެއްޗެއް ކޮންމެވެސް ވަރަކަށް ދޭހަ ވުމުން ނޫނެކޭ ބުނެލިއެވެ. ނަމަވެސް ހަގީގަތުގައި ލިއާ ހުރީ ވަރަށް ވަރުބަލިވެފަ އެވެ. “އެހާ ވަރުބަލިއެއް ނޫން..ކިހިނެއް ވީ ދައްތާ..؟” ލިއާގެ ހިތުގައި ބޮޑުދައިތަ އާއި ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. ބޮޑުވެފައި ހުރި ދެ އަންހެންދަރިން ތިބި ކަމަކު ގޭގޭ ގިނަ ކަންތައް ކުރަނީ ބޮޑުދައިތަ އަމިއްލައަށެވެ.
“އާދެބަލަ ދައްތައަށް އެ ތަރުކާރީ ކޮޅު ކޮށާލަދޭން..މިއަދު ހެނދުނު މަދު ފަޅަން އިނދެފައި އަތަށް ތަދެއް އަރައިގެން ރަނގަޅަށް އެއްޗެއްގައި ނުވެސް ހިފޭ..ޝަމްނާއާއި ޝައުރާ ގާތު ބުނީމަވެސް ބަހަނާ ދައްކާފައި ނުވެސް އައި..ދައްތައަށް އެނގޭ ލިއާ ވަރަށް ވަރުބަލި ވެފަކަން ހުންނާނީ..އެކަމަކު އިތުރު ގޮތެއް ނެތީމަ މި ބުނީ..ސަހާދެއްފަދަ ތެދެއް މިބުނީ، މުރާލި ދަރިންތަކެއް މަށަށް ލިބުނީ..” ވާހަކަ ދައްކާ ނިމެން ވާއިރަށް ބޮޑުދައިތަގެ ރާގުވެސް ބަދަލުވެއްޖެއެވެ. އެކަން ވާނީ އެހެންނެވެ. އެކަނިމާއެކަނި ހުރިހާ ކަމެއް ކުރާއިރު ވަރުބަލިވުމުން ރުޅިވެސް އަންނާނެތާއެވެ. “ދައްތާ މަޑުކޮށްލާ އެއްވެސް އެއްޗެއް ނުކޮށާ..އަޅުގަނޑު މި ނިކުންނަނީ ވަރަށް އަވަހަށް..” ލިއާ އަދިވެސް ހުރީ ޔުނީފޯމްގަ ކަމަށް ވުމުން އެއްޗެހި ބަދަލުކޮށްލަން ކޮޓަރިއަށް ވަނެވެ.
އެއްޗެހި ބަދަލުކޮށްގެން ނިކުމެ ބަދިގެއަށް ގޮސް ތަރުކާރި އަޅާފައި ހުރި ތަށި ނަގާފައި ލިއާ ގޮނޑިއެއްގައި އިށީނެވެ. ލައިގެން ހުރި އަތްދިގު ޓީޝާޓުގެ އަތުކުރި އޮޅާލަމުން އަތަށް ވަޅި ހެޔޮވަރުކޮށްލާފައި ފަރިތަކަމާއި އެކު އެއްޗެހި ކޮށަން ފެށިއެވެ. އެހެން އިން އިރު މުޅި މީހާ އިނީ ހަމަހިމޭން ވެފައެވެ. އެ ނަފްސަށް އުނދަގޫ ކުރަމުން ދަނީ ކޮން ހިޔާލުތަކެއް ކަމެއް ނޭނގެއެވެ.
ލިއާ އަށް ބަލަން ހުރެފައި ޝަރީފާ މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލިއެވެ. “ދައްތައަށް އެނގޭ ލިއާއަށް ވެގެން އުޅޭ ގޮތް..ދައްތަ ދިޔައީމޭ ޖަލްސާއަށް..ލިއާއަށް އިނާމު ލިބުނުފަހުން ގެއަށް އައީ ޖަލްސާ ނުނިމެނީސް..އަވަހަށް އައިސްގެން ނޫނީ ރެޔަކަށް ނުކެއްކޭނެ ވިއްޔަ…” ޝަރީފާ ބުނެލި ވާހަކަ އަހާފައި ކުއްލިއަކަށް ލިއާ އިސްއުފުލައިލިއެވެ.
“އަސްލުވެސް ދައްތަ ދިޔައިންތަ..؟” ލިއާގެ މޫނުން ހިނިތުންވުމެއް ފާޅުވިއެވެ. މި ހުރިހާއިރު އޭނާ މާޔޫސްވެފައި ހުރީ އޭނާގެ އެ ފަހުރުވެރި ވަގުތުކޮޅު އެ އުފަލުގައި ބައިވެރިވާން އާއިލާގެ އެކަކުވެސް އެވަގުތު އެތަނުގައި ހާޒިރުވެ ނެތޭ ހިތާއެވެ. ނަމަވެސް ޝަރީފާ އެ ޖަލްސާއަށް ދިޔަކަން އެނގުމުން ލިއާގެ ހިތަށް ލިބުނީ ބޮޑު ހަމަޖެހުމެކެވެ.
“ދެން ދާނޭނު..ލިއާ އަށް ލިބޭ ކޮންމެ ކުރިއެރުމަކީ ދައްތައަށްވެސް ލިބޭ ފަހުރެއް..ދައްތަ ކައިރި ހުރެގެން ލިއާ ކިޔަވާ މޮޅުވުމަކީ ދައްތައަށްވެސް ލިބޭނެ ރީތި ނަމެއް ދޯ..” ވާހަކަ ދައްކަމުން ދިޔަ ޝަރީފާގެ އަނގަޔާ އެއްވަރަށް އޭނާގެ އަތްފައިވެސް ހެލެމުން ދިޔައެވެ. މިކްސްޗަރުން މުގުރާލި ހަވާދުކޮޅު ބޯތައްޓަކަށް ހުސްކޮށްލުމަށްފަހު ޒިންކު ކައިރިއަށް ޖެހިލާފައި މިކްސްޗަރު ދޮންނަން ފެށިއެވެ.
ޝަރީފާ ދެއްކި ވާހަކައަށް ރައްދުގައި ލިއާގެ ފަރާތުން އިވުނީ ލުއި ހީލުމެއްގެ އަޑެވެ. އެއްޗެއް ނުބުނެ އިސްޖަހައިގެން އިނދެ ތަރުކާރިތައް ކޮށަމުން ދިޔައެވެ. “ދައްތައަށް ހާދަ ހީވޭ ކޮންމެސް އެހެން ކަމަކާ ލިއާ ދެރަވެފަ ހުރިހެން..” އަތުގައު ހުރި ފެންތައް ފޮޅާލަމުން މޭޒު ކައިރިއަށް ޖެހިލާފައި ޝަރީފާ ބުނެލިއެވެ. ލިއާ ދޫކޮށްލި ފުން ނޭވާގެ އަޑު އިވުނެވެ. އިސް އުފުލައިލުމެއް ނެތި ލިއާ އޭނާ މާޔޫސްވެފައި ވީ ކަންތަކުގެ ވާހަކަ ޝަރީފާއަށް ކިޔައިދިނެވެ. އެކަމަކު އެ ވާހަކައިން ޝަރީފާގެ މޫނު އައީ އުޖާލާވެގެންނެވެ.
“ކީކޭ..؟ ތީ ވަރަށް އުފާވެރި ހަބަރެއް..އެ ސުކޫލުން ޖާގަ ލިބުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް..އެނގޭ އެންމެ ގާތްކޮށް އުޅުނު ކުދިންނާ ދުރުވާން ޖެހުނީމަ ދެރަވާނެކަންވެސް..އެކަމަކު އަބަދުވެސް ދިރިއުޅުމުގަ ދިމާވާ ހިތްހަމަޖެހޭ ކަންތައް ކުރިޔަށް ނެރެ، ވިސްނުން ހަރުދަނާ ކުރަން ޖެހޭނެ..ލިއާއަށް ރާއްޖެއިން ބޭރަށް ކިޔަވަން ނުދެވުނަސް އެކަހަލަ ފެންވަރު ރަނގަޅު ތަނަކުން ކިޔަވަން ތި ފުރުސަތު ލިބުނީ..ދައްތަ ވަރަށް އުފާވެއްޖެ…” ޝަރީފާގެ އަޑުން އެކަނިވެސް އުފާވި ވަރު ހާމަވިއެވެ. ހަމަ އެއާއިއެކު އޭނާ ލިއާއަށް ހިތްވަރު ދިނެވެ.
“ކޮންކަމަކާ ދެކުދިން އުފާ ފާޅު ކުރަނީ..؟” ބަދިގެޔަށް ވަދެގެން އައި ޝަމްނާ ފްރިޖް ހުޅުވާލަމުން ވާހަކަ ދެއްކިއެވެ. ލައިގެން ހުރި ކުރު ސޯޓުބުރިންނާއި ކުރު ޓީޝާޓުކޮޅުން ހަށިގަނޑުގެ ބޮޑުބައެއް ވަނީ ހާމަޔަށެވެ.
“ކޮންމެހެން އަހަރެމެން ދައްކާ ވާހަކައެއް ބަލާނެ ކަމެއް ނެތް..ކަލޭގެ ތިހުރި ކަންނެތްކަމުގައި ގޮސް ކޮޓަރީގައި ދެފައި ދަމައިގެން އޮވެވޭތޯ ބަލާ..” ކުއްލިއަކަށް ޝަރީފާގެ ރާގު ބަދަލުވެއްޖެއެވެ. މޫނުމަތިން ފާޅުވީ ރުންކުރުކަމެވެ. “ދެން މަންމަވެސް ދޯ..ބަނޑުގަ ރިއްސާތީއޭ މި އުޅެނީ..” ޝަރީފާ ގޮވަމުން ދިޔަ އެއްޗެއްސަށް މާ ބޮޑު ފަރުވާލެއް ނެތި ޝަމްނާ ފިނި ފެންފުޅިއެއް ހިފައިގެން ގޮނޑީގައި އިށީންނަމުން ލިއާ ކޮށަމުން ދިޔަ ކެރެޓުން ކެރެޓުކޮޅެއް ނަގާ އަނގަޔަށް ލިއެވެ.
“ކަލޭމެން ތަނެއްގަ ނުރިއްސާ ދުވަހެއް ދޭތަ..؟ ބޭރަށް ތަނަކަށް ދާން ވިއްޔާ އަބަދުވެސް ގަދަފަދަ ވާނެ..ގޭތެރޭގެ މަސައްކަތެއް ކުރަން ވިއްޔާ އަބަދުވެސް ކޮންމެސް ބައްޔެއް ވެފަ..” އުނދުން މައްޗަށް ތެލި އުދާލަމުން ޝަރީފާ ރުންކުރުކަމާއި އެކު ބުނެލިއެވެ.
“ދެން ހެވޭ..ދެން ބުނެބަލަ ކޮން ވާހަކައެއްތަ ތި ދެއްކީ..؟” ޝަރީފާ ކިޔަމުން ދިޔަ އެއްޗަކަށް މާ ބޮޑު ފަރުވާލެއް ނެތި ޝަމްނާ ލިއާގެ އަތުގައި ކޮށްޓާލިއެވެ.
“ލިއާއަށް އޭ.އޭ.އެޗް.އީ އިން ޖާގަ ލިބުނީ..ކަލޭމެން ތިބެބަލަ..ގޭތެރޭގެ މަސައްކަތެއް ނުކޮށް ނުވިތާކަށް ކިޔަވާނެ ކަމެއްވެސް ނެތް…” ޝަރީފާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ކުއްލިއަކަށް ޝަމްނާ އުފަލުން އަތްޖަހާލަމުން ލިއާ ގައިގައި ހިފައިގަތެވެ. އަޅޭ…އޯ އެމް ޖީ..ސެލެބްރޭޓް ކުރަން ވާނެ ދޯ..” ފަހު ޖުމްލަ އޭނާ ބުނެލީ ސިއްރުންނެވެ. ލިއާގެ ފަރާތުން އިވުނީ ލުއި ހީލުމެއްގެ އަޑެވެ. ޝަމްނާއަކަށް އެވަރަކުން ނުފުދުނެވެ. ކޮޓަރީގައި އޮތް ޝައުރާއާއި ހަމަޔަށްވެސް އެ ހަބަރު ފޯރުކޮށްދިނެވެ. ގޭތެރެއަށް ހީވީ ކުޑަވަރެއްގެ އީދެއް އައިހެންނެވެ. އެމީހުންގެ ހަރަކާތްތަކަށް ބަލަން ހުރި ޝަރީފާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
އަށްގަޑި ފަންސާސް ވީ އިރު ލިއާ ހުރީ ގޭ ދޮރުމައްޗަށް ނިކުމެގެންނެވެ. އިރުކޮޅެއް ނުވަނީސް ފެހިކުލައިގެ ސްކޫޕީއެއްގައި އެތަނަށް ގާތްކޮށްލީ އަލްޔާއެވެ.
“އަދި ތިހެން އުޅެފައި މީނާ ބޮނޑިއެއް ބޯނެ..” ސައިކަލު ފަހަތަށް އަރަމުން ލިއާ ބުންޏެވެ.
“ލިއާގެ ތި އަނގަޔާ ހެދި ބޮނޑިއެއް ލިބުނަސް ލިބޭނީ..ކަމޯން ދެން..މި އުމުރުގައި ދެން އެންޖޯއި ކޮށްލެވޭނީ..ލައިސަންސް ނެތި ޕޮލިހުންނަށް ފިލައިގެން އުޅުމަކީ ހާދަ މަޖާ ކަމެކޭ..” ސައިކަލު ދުއްވާލަމުން އަލްޔާ ވާހަކަ ދެއްކީ މަޖާ ރާގަކަށެވެ. “މަޖާ ވާނީ އެމީހުނަށް އަތުވީމަ..” ލިއާ އިތުރުކޮށްލިއެވެ. އަލްޔާގެ މަޖާ ހުނުމުގެ އަޑު އިވުނެވެ.
ސައިކަލުގައި ގޮސް ދެކުދިން މަޑުކޮށްލީ ރަށުގެ އަނެއް ފަރާތުގައި ހުރި ސުމާގެ ގޭ ކައިރިއަށެވެ. ސައިކު ލޮކް ކޮށްލަމުން އަލްޔާ ފޭބި އިރު ލިއާ ހުރީ މާ ކުރިން ފައިބެގެންނެވެ.
“ކޮބައިތަ އެ ތަތްބޮނޑި..؟” ތިންބުރިއަށް ނަގާފައިވާ ސުމާގެ ގެއާއި ދިމާއަށް ބަލައިލަމުން އަލްޔާ ފޫހި ރާގެއްގައި ބުނެލިއެވެ. އަލްޔާ ބުނި ގޮތުން ލިއާއަށް ހެވުނެވެ. “އަލް ދޭބަލަ ބަލާލަން..އައިލް ވެއިޓް ހިއަރ..” ލިއާ ބުނެލިއެވެ. ކުދި ކިޔަމުން ސުމާގެ ފޯނަށް ގުޅޭތޯ ބަލަމުން އަލްޔާ ގޮސް އެގެޔަށް ވަނެވެ.
އިސްޖަހައިގެން ފޯނާއި ކުޅެން ހުއްޓާ ގަޔަށް އައްޔެއް އެޅުމުން ލިއާއަށް އިސްއުފުލައިލެވުނެވެ. އެވަގުތު ލޮލުގައި އަޅައިގަތީ އެހިސާބުގައި ހުރި ރެސްޓޯރެންޓުން ނިކުމެގެން އައި ޒުވާނެކެވެ. ކުރިން ލިއާއަށް ރަށުން ފެނިފައިނުވާ މީހެކެވެ. ބަލާބެލުމަށް ވައްތަރީ ހޮލީވުޑްގެ ސްޓާރަކާއެވެ. އުމުރުން ލިއާއާއި އެއްވަރެއް ވެދާނެކަމަށް ލަފާކުރެވުނެވެ. ދިގު އިސްކޮޅާއި ބައިމަތި ފުޅާ ހަށިގަނޑުން އެ ޒުވާނާގެ ފުރިހަމަކަން ހާމަވިއެވެ. ލައިގެން ހުރި އަތް ކުރު ކަޅުކުލައިގެ ޓީޝާރޓްގެ އަތްކުރި ވަނީ އަތުގެ ބާރުގަދަ މުލައްދަނޑިއަށް ހިފާލާފައެވެ. ބަލަހައްޓައިގެން ހުއްޓާ އެ ޒުވާނާއި ލިއާގެ ހަތަރުކަޅި ހަމަވިއެވެ. ނަމަވެސް އިރުކޮޅަކަށެވެ. އޭނާ ފަރުވާލެއް ނެތް ގޮތަކަށް ނަޒަރު ވަކިކޮށްލުމާއިއެކު ސައިކު ސްޓަރޓްކޮށްގެން އިންތިޒާރުގައި އިން ފިރިހެން މީހާގެ ސައިކު ފަހަތަށް އެރިއެވެ. ސުމާއާއި އަލްޔާ ނިކުތީ އެވަގުތުއެވެ.
“މައި ގޯޑް…އެ ދިޔައީ ކާކުތަ…އަނެއްކާ މޭލް މޮޑެލްއެއްތަ…؟” މަޑު ދުވެއްޔެއްގައި އެކުދިން ކުރިމަތިން ހުރަސްކޮށްލި ޒުވާނާ އަލްޔާއާއި ސުމާގެ ލޮލުގައިވެސް އަޅައިގަތެވެ. ބޭއިހްތިޔާރުގައި ސުމާއަށް ވާހަކަދެއްކުނެވެ. އަލްޔާ ހުރީ ދެލޯ ބޮޑުވެފައެވެ.
“ތި ދެމީހުންނަށް ވަރެއް ވެއްޖޭނު..ހަމަ އެހާ ރީތީތަ އޭނަ..؟” ލިއާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
“އޯ ކަމޯން..އަހަރެމެން ދެލޯ އަނދިރީކީ ނޫނިއްޔާ…ލިއާއަށް ރިހާން ނޫން ފިރިހެނަކު ނުފެންނާނެކަން އެނގޭ…ހުވާ މިބުނި ހިތަށް އަރާ އެ ރިހާންއަށް ވަރުގަދަ ބޮނޑިއެއް ދީފާނަމޭވެސް..” އަލްޔާއަށް ބުނެވުނު ވާހަކައިން ކުއްލިއަކަށް ލިއާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެ މަންޒަރު އެ ދެކުދިންނަށްވެސް ފާހަގަވިއެވެ. ނަމަވެސް އިތުރު ވާހަކަ ދެއްކުމެއް ނެތި ތިންކުދިން އެކުގައި ހިނގައިގަތީ ސުމާގެ ގެޔާ ތިރީހަކަށް ފޫޓް ދުރުގައި ހުރި ރެސްޓޯރެންޓަށެވެ.
ގޮނޑީގައި ހަމަޖެހިނުލެވިގެން އުޅެނިކޮށް ވެއިޓަރަކު އައިސް މެނޫތައް އަތުރާލައިފިއެވެ. އޭނާ އެނބުރި ގޮސް ފެންފުޅި ހިފައިގެން އައި އިރު ތިން މީހުންވެސް ތިބީ ކާނެ އެއްޗެއް ކަނޑައަޅައިގެންނެވެ. އޯޑަރު ނެގުމަށްފަހު ވެއިޓަރު އެނބުރި ދިއުމުން ސުމާއާއި އަލްޔާގެ ސަމާލުކަން ހުއްޓުނީ މައިތިރިވެފައި އިން ލިއާއަށެވެ.
“ސޯ…އަހަރެމެންނަށް އެނގޭ މިވާހަކަ އެތައް ފަހަރަކު އެތައް ގޮތަކަށް ދެއްކިއްޖެކަން…އެކަމަކު އަނެއްކާވެސް މި ވާހަކަ ދައްކަން އެބަޖެހޭ…ލިއާ ހެޔޮނުވާނެ ތި ރިހާންއަކާއި ގުޅުން ކަނޑާލަބަލަ…އޭނަ ހިތުހުރިހާ ގޮތެއް ހަދާއިރުވެސް ތި ހުންނަނީ ވަރިހަމަވެފަ…އެހާ ޗީޓް ކުރާއިރު އަދިވެސް އޭނާ ފަހަތުން ތި އުޅެނީ…
“ލޯބިވަނީ އެހެން ކުއްޖެއް ދެކެޔޯ…ހެއްވާ ކަމަކީ އެ ކުއްޖަކާ ރައްޓެހިވެ އުޅެމުންވެސް އޭނަ ޖެހޭ ލިއާއާއި ގުޅުން ބާއްވަން…ލިއާއަށް ހެޔޮ އޭނަ ކޮންމެ ގޮތެއް ހެދިޔަސް…ގުޅައިގެން އާދޭސް ކުރާނެ ވިއްޔާ…އަހަންނަކަށް ނޭނގެ ތި ދެމީހުން ރަށްޓެހި ވެފަ ބްރޭކްއަޕް ވި އަދަދެއްވެސް…” ސުމާއާއި އަލްޔާގެ ވާހަކަތައް އަޑުއަހަން ލިއާ އިނީ އިސްޖަހައިގެންނެވެ.
“މިހާރަކު ނުގުޅަން…” ލިއާ މަޑުމަޑުން ބުނެލިއެވެ.
“ނުގުޅަމޭ ބުނާނެ…ތިޔެއްވެސް އެނގޭނީ ތި ފޯނު ބަލާލީމަ…އަހަރެން ހިތަށް އަރާ ތިގޮތުގައި ހުރެވޭނީ ކިހާ ދުވަހެއް ވަންދެން ބާއޭ…އޭނާ މިރަށަށް އަރާފައި އެންމެ ފަހަރަކު ބުނެލަން ޖެހޭނީ، ޔަގީން ލިއާ ދުވާނެ އޭނައާއި މީޓް ނުވެގެން…އޭނާގެ ސަބަބުން ލިއާގެ ނަންވެސް ހަޑިވެފަ ތިވަނީ…އަހަންނަށް އެނގޭ ލިއާ އޭނައާއި އެކު ނަހަމަ ގުޅުމެއް ނުހިންގާކަން…ދެން ކިސިން، ހަގިން އިޒް ރިއަލީ ނޯމަލް މިޒަމާނުގަ…އެކަން ނުކުރާ ބަޔަކު ނުތިބޭނެ ކަންނޭނގެ…އެކަމަކުވެސް މިރަށު މީހުންގެ ގޮތް އެނގޭނު…ދެރަ ނިކަމެތި މީހާގެ ވާހަކައެއް ވިއްޔާ ފެތުރޭނެ ފަތު އަޑު ކިޔާފަ…ހުވާ މިބުނި ބައެއް ފަހަރު ހިތަށް އަރާ މީ އަތޮޅު ވެރިކަން ކުރާ ރަށަށް ނުވި ނަމައޭ…އޭރުން އެހާ ފަސޭހައިން އެ ފިރިހެނާއަށްމި ރަށަށް ނޭރުނީސް…” އަލްޔާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ސުމާ މަޑުމަޑުން އަލްޔާގެ އަތުގައި ޖަހައިލިއެވެ. އޭނާ އިޝާރާތުން ދައްކައިލީ ދެލޮލުގައި ޓިޝޫ ޖައްސާލައިގެން އިން ލިއާއެވެ. އަލްޔާ ކަންބޮޑުވެފައި ދެފަރާތް ބަލައިލިއެވެ. ކައިރި ހިސާބުގައި ހުރި މޭޒުތައް ހުސްކޮށް ހުރިކަން އެއީ ނަސީބެކެވެ.
“ލުކް…ލިއާ…އަހަރެމެން މިއުޅެނީ ދާން…އޭރުން މިހާރު މި ދިމާވާ ގޮތަކަށް ދިމައެއްވެސް ނުވާނެ…އަހަންނަށް އެނގޭ މިގޮތަށް ލިއާއަށް ނަސޭހަތް ދޭނެ އިތުރު ރަށްޓެހިންނެއް ނުތިބޭނެކަން…ސޯ ޕްލީޒް…ތި ރިހާނަކާ އެއްކޮށް ގުޅުން ކަނޑާލާ…އަމިއްލަ ނަފްސަށްވެސް ކޮންމެސް ވަރެއްގެ ސެލްފް ރެސްޕެކްޓެއް އޮންނަންވާނެ…އަހަރެމެން ކިޔަވަން ދާ ފަހުން ލިއާއަށް ދެރަގޮތެއް ވިއްޔާ އަހަރެމެން މާ ދެރަވާނެ…” އަލްޔާ މިފަހަރު ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ.
“އައި…އައި ޖަސްޓް ލަވް ހިމް…ސޯ މަޗް…” މޫނުން އަތް ނުނަގާ އިނދެ ލިއާ ރޮމުން މަޑުމަޑުން ބުނެލިއެވެ. ރިހާން ކަންތައް ކުރާ ގޮތުން މާޔޫސްވެފައި ހުންނައިރު ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބެނީ ސުމާއާއި އަލްޔާ އާއި އެކު ހޭދަކުރާ ވަގުތުތަކުގައެވެ. ނަމަވެސް މިރޭ އެ ދެކުދިންގެ ފަރާތުންވެސް ލިއާއަށް ލިބުނީ ނުތަނަވަސްކަމެވެ. ސުމާއާއި އަލްޔާ އެކަކު އަނެކަކަށް ބަލާފައި ދެފަރާތަށް ބޯ ހޫރައިލިއެވެ.
“ލިއާ ނުހިފާއްޓާނަމަ އަހަރެން މިހާރު ރިހާންއަށް ގުޅާ ބަވާލާނެތާ ކިތައްމެ ދުވަހެއް…ބައެއްފަހަރު ހިތަށްއަރާ އަހަރެންގެ ބޭބެ ލައްވާ އިންޒާރު ދީ ބިރުގަންނަވާލަންވެސް…” ސުމާ ބުނެލި ވާހަކައިން އަލްޔާއަށް ހެވުނެވެ. ސުމާގެ ބޭބެ ސައިމަން އަކީ އެރަށުގައި އޮންނަ މަޝްހޫރު ގޭންގެއްގެ ބޮޑެކެވެ. މުއްސަނދި ވީމައި ހިތުހުރިހާ ގޮތަކަށް އުޅުމުގެ ކުޅަދާނަކަން ސައިމަންއަށް ވަނީ ލިބިފައެވެ. ރަށުގެ ގިނަ ޒުވާނުންވެސް އޭނާ ދެކެ ޖެހިލުންވެއެވެ.
“ޕްލީޒް ދެން އެހެން ވާހަކައެއް ދައްކަބަލަ…އެނގޭތަ…؟ އަހަރެން ވަރަށް ނާވަސް ވޭ އެ ސުކޫލަށް ދާން…ހިތަށް އަރާ ހުރިހާ ނެޕޯ ކިޑްސްތަކު ތެރެޔަށް ގޮސްފިއްޔާ އަހަންނަށް ހާދަ ބުލީ ކުރާނޭ…” ލިއާ މައުލޫ ބަދަލުކޮށްލިއެވެ.
“ސަމްޓައިމްސް ޔޫ ހޭވް ޓު ސްޓޭންޑް ފޯރ ޔުއަރސެލްފް…އަބަދު މަޑުން ހުންނާކަށް ނުޖެހޭނެ…ބުލީ ކުރާ މީހުންނަށް އެ ފުރުސަތު ނުދީ…ލިއާވެސް ތަންކޮޅެއް ގަދަވާންވެއްޖޭ…” އަލްޔާ ބުނެލިއެވެ. ލިއާ ރީތިކޮށް މޫނުމަތި ސާފު ކޮށްލުމާއި އެކު ބުމަ އަރުވައިލިއެވެ.
“ހޫން ދެން ހެވޭ…އެ ރިހާނަކާއި ހެދި އެންމެ މުހިއްމު ވާހަކަ ނުދެއްކުނު…އޭ ސީރިއަސްކޮށް ކޮން ފިރިހެނެއްތަ ދެންމެ މިހެން ލާފަ އެދިޔައީ…ރާއްޖެއިން ބޭރު ކުއްޖެއް ކަންނޭނގެ…” ސުމާގެ އަޑުގައި ހުރި ޝައުގުވެރިކަމުން ލިއާއަށް ހެވިއްޖެއެވެ.
“ކުރިއަކުން މިރަށުން ނުދެކެން ދޯ…އެކަހަލަ ރީތި ފިރިހެނެއް ފެނިގެންވެސް ލިއާގެ ހިތް ބަދަލުވެ ތި ރިހާނެއް މަތިން ފޫހިވާނެ ނަމަ ހާދަ ރަނގަޅޭ…” އަލްޔާ އަނގަޔަށް ގޮތެއް ހަދައިލިއެވެ. ހީވީ ރިހާންގެ ނަން ކިޔަންވެސް ފަކުރު ގަންނަހެންނެވެ.
“އޭނާ ނޫޅޭ ލޮލަށް މިރުސް އެޅިގެން…އަހަރެން ކަހަލަ އާދައިގެ އަންހެން ކުއްޖަކާ އެހާ ރީތި ފިރިހެނެއް އެކަށީގެން ވާނެތަ…ތި ދެމީހުންނާ މާ ގުޅޭނެ…” ލިއާ މޭޒުގައި އަތް އަޅުވައިލަމުން ބުނެލިއެވެ.
“އޯހ…އެހެންވީމަ އޭނަ ރީތިކަމަށް އެއްބަސްވީތާ ތި…ކިހިނެއް އެނގޭނީ ފިއުޗާގަ ލިއާގެ ބޯއިފްރެންޑަށް ނުވާނެ ކަމެއްވެސް…؟” ސުމާ ދިމާކޮށްލިއެވެ.
“އިމްޕޮސިބަލް ކަންތަކުގެ ވާހަކަ ނުދައްކަބަލަ…” ލިއާ މިހެން ބުނި ވަގުތު ވެއިޓަރު ކާއެއްޗެހި ހިފައިގެން އައިސްފިއެވެ. ކާއެއްޗެހި އަތުރާލާފައި އޭނާ ދިއުމުން ތިން ކުދިން ކެއުމުގައި މަޝްއޫލުވީއިރުވެސް އެކި ވާހަކަ ދައްކަމުން ދިޔައެވެ.
ލިއާ ގެނެސް ގެއަށް ލާފައި ރޭގަނޑުގެ ސަލާމްކޮށްލަމުން އަލްޔާ ސައިކަލު ދުއްވާލިއެވެ. އަލްޔާ ދިޔަ ތަން ބަލަން ހުރެފައި ލިއާ ގޮސް ކޮޓަރިއަށް ވަނެވެ. އަނދިރިކޮށް އޮތް ކޮޓަރީގެ ލައިޓު ޖައްސައިލުމާއިއެކު އޭނާ ސިހިގެން ދިޔައީ ޝަމްނާ އާއި ޝައުރާގެ ހަޅޭކުގެ އަޑު އިވިގެންނެވެ.
“ސަރޕްރައިޒް…” ލިއާ ހައިރާންވެފައި ހުއްޓާ ޝައުރާ އައިސް ލިއާގެ އަތުގައި ހިފާ ދަމައިގަތެވެ. އޭރު ޝަރީފާވެސް ހިނިއައިސްފައި ހުއްޓެވެ. ކޮޓަރީގައި ހުރި ލިއާ ކިޔަވަން ގެންގުޅޭ މޭޒުމަތީގައި ކުޑަވަރެއްގެ ބެންޓޯ ކޭކަކާއި އެކު ދެވައްތަރެއްގެ ޕިއްޒާއާއި ކޯކު އަތުރާފައި ހުއްޓެވެ. “މިޔޯ…؟” ލިއާ އަހައިލިއެވެ.
“މަންމަ ޝާކިރުބެއަށް ގުޅާފަ ލިއާއަށް އޭ.އޭ.އެޗް.އީ އިން ޖާގަ ލިބުނު ވާހަކަ ބުނީމަ ލިއާއަށް ސެލެބްރޭޓް ކޮށްދޭށޭ ކިޔާފައި ޝާކިރުބޭ މަންމައަށް ލާރި ފޮނުވީނު…” ޝަމްނާ ބައްތިރީސް ދަތް ދައްކާލައިގެން އިނދެ ވާހަކަ ދެއްކިއެވެ.
“ހޫނހޫނ ކޮންމެހެން މަގޭ ބޮލަށް ޖަހަން އުޅޭނެ ކަމެއް ނެތް…ކަލޭމެން ދެމީހުންގެ ނޮހޮރޮއްޕާނާ ހުރެ ބޭބެއަށް ގުޅަން ޖެހުނީ…ކޮންމެ ކަމަކުންވެސް އަމިއްލަ ފައިދާ ނެގޭތޯ ބަލަންވާނެ ކަލޭމެން ދެމީހުން…ތިއެއް ނޫނޭ…ބައްޕަ ބުނި ލިއާ އައިމަ ގުޅާލާށޭ…” ދެ ދަރިންނަށް ފަތިވަރު ދަމާލާފައި ޝަރީފާ ލައިގެން ހުރި ހަރުވާޅުގެ ޖީބުން ފޯނު ނަގަމުން ލިއާ އާއި ވާހަކަ ދެއްކިއެވެ. އެވަގުތު ލިއާ އަމިއްލަ ފޯނުން ބައްޕައާއި ގުޅާލާނަމޭ ކިޔާފައި ބައްޕަގެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ.
“ބައްޕަ ކިހިނެއްތަ…؟ ވަރަށް ބޮޑަށް ތޭންކްސް އިނގޭ…” ޝާކިރު ފޯނު ނަގާ ހަލޯ އޭ ބުނުމާއިއެކު ލިއާ ވާހަކަދައްކަން ފެށިއެވެ. ލިއާގެ ހާލު އަހުވާލު އޮޅުންފިލުވާފައި ދަރިފުޅަށް ޝާކިރު މަރުހަބާ ކިޔެވެ. އެގޮތުގައި ކުރިއަށް ދާން ލިއާއަށް ހިތްވަރު ދިނެވެ. މާ ގިނަ ވާހަކަތަކެއް އޭނާ ނުދައްކައެވެ. ފަހުން ގުޅާނަމޭ ބުނެފައި ފޯނު ބޭއްވިއެވެ. އެއީ އަބަދުވެސް އާދައެވެ. ބައްޕަގެ އެ އަޅާލުންކުޑަކަމަށް ލިއާ ވަނީ ހޭނިފައެވެ. ނަމަވެސް އެ މޫނުން ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ފާޅުވިއެވެ. އެމަންޒަރު އެތަނުގައި ތިބި އެންމެންނަށްވެސް ފާހަގަވިއެވެ.
“އަޅެ ދެން ވަރަށް ރަނގަޅަށް ކައިގެން މި އައީވެސް…” ލިއާގެ ސަބަބުން މާހައުލަށް ނުތަނަވަސްކަން ވެރިވެއްޖެހެން ހީވެ އަވަސްއަވަހަށް ވާހަކަދެއްކިއެވެ. އެވަގުތު ފޯރި އަރައިގެން އައި ޝައުރާ އަވަސް އަވަހަށް ކޭކު ފަޅާ ވަޅި ލިއާއަށް ދިއްކޮށްލިއެވެ. “ލިއާއަށް ވީ ޕިއްޒާތައް އަހަރެން ކާލަފާނަމޭ…” ޝައުރާ ބުނެލިއެވެ.
“ކޮންމެހެން އެ ކާނެ ކަމެއް ނެތް…މިކަހަލަ އެއްޗެއް ވިއްޔާ ދިން ވަރެއް ހެޔޮ ދޯ…” ޝަރީފާ ބުނެލިއެވެ. އޭރުވެސް އޭނާ އެއްޗެއް ނުބުނެ ނުދާނެކަން އެ ތިންކުދިންނަށް އެނގެއެވެ. “އަޅެ ދެން މަންމަ ކީއްތަވާނީ ލޯބިން އެއްފަހަރުވެސް އަގައިން ބުނިއްޔާ…” ކުޑަކުއްޖެއްހެން ތުން ދަމާލަމުން ޝަމްނާ ޝަރީފާގެ ކަނދުރާގައި އެލިގަތެވެ. “ކޮންމެހެން މަ ގައިގަ އުނގުޅޭނެ ކަމެއް ނެތް…” ޝަމްނާގެ އަތް ފޮޅުވާލަމުން ޝަރީފާ ބުނެލިއެވެ. ނަމަވެސް ޝަމްނާ ދޫނުކޮށް ޝަރީފާގެ ކޮލުގައި ހިފަހައްޓާ ދަމާލިގޮތަށް ކޮލުގައި ބޮސްދިނެވެ. އެތަން ފެނި ޝައުރާ އާއި ލިއާ ހޭންފެށިއެވެ. ރުޅި ގޮތްގަނޑު ދައްކަން އުޅުނު ޝަރީފާއަށްވެސް ހެވުނީއެވެ. ޝަރީފާގެ އެ ހަރުކަށިކަމުގެ ފަހަތުގައި ފޮރުވިފައިވާ ލޯބި އެ ތިންކުދިންނަށްވެސް ފެނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.




Maashaa Allah vrh reethi…
In dhuvas thakehga nerenee??
Whn next?
Thank you 🤍 week Aku 2 days ga upload kureveytho mi balani ☺️
Varah intestin vaane hen heeve ❤️ keep it up
Waiting for the next part
Thank you sm 🥹💗
Wauu vrh Reethi Mi part MA! 💗
Curiously waiting for the next part
When’s next?
Lyy and tc <3 ❤️
Thank you sm you’re so sweet 🥹💗
Vrh reethi Masha Allah 🤩
When is next??
Soon IA ☺️💗
Vrh reethi!! Can’t wait to see who this mysterious model is😍
Hehe I love this comment ❤️ will do a character reveal soon 🥰
i just started reading this story and im already hooked. i love how you describe everything. it makes u like your really there.