ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 6)
”އާކީ!“ ޝަފްކާގެ ދެތުންފަތް ފޫދުއްވާލާފައި ފުރަތަމަވެސް ނުކުތީ އަހަރެންގެ ނަމެވެ.އެ އަޑުގައިވި ރިހުން އިހުސާސްވެ, އަހަރެންގެ ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހިގެންފިއެވެ. ޝަފްކާގެ ހާލަކީވެސް އެއީއެވެ.ތިބެވުނު ތަނުގެ ގޮތުން ކުރީން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާއަށްވެސް އެ ޖަޒުބާތުތަކެއް ނުހިފެހެއްޓުނެވެ.އިސާހިތަކު އެ ދެ ކޯތާފަތްވެސް ތެމިގެން ދިޔައީ ހޫނު ކަރުނައިންނެވެ.އެހެނަސް މީހުންގެ ސަމާލުކަން ހުއްޓުމުގެ ކުރިން އޭނާ ވަރަށް އަވަހަށް ޓިޝޫ ކޮޅަކުން ދެލޯ ފުހެލާފައި، އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލައިފިއެވެ.މަސްނޫއީ ހިނިތުންވުމަކުން އެ ހިތްދަތި އަސަރުތައް ފަރުދާ ކޮށްލައިފިއެވެ.އަހަރެންވެސް އަވަސް އަވަހަށް ދެލޯ ފުހެލާފައި ގަދަކަމުން ހިނިތުންވެލައިފީމެވެ.
”ޝަފް…“ އަހަރެންގެ ދެތުންފަތް ހަރަކާތް ކޮށްލިއެވެ.
”އާކި“ ޝަފްކާވެސް ގޮވައިލިއެވެ.އެހެނަސް ދެން ދެމެދަށް ވެރިވީ މަރު ފަދަ ހިމޭން ކަމެކެވެ.ނަމަވެސް އެ ހިނދުކޮޅުވެސް ދުލާއި ހަމައަށް ގެންނަން ނުކުޅެދުނު އެތައް ވާހަކަތަކެއް އެ ދެ ލޮލުން އެކަނިވެސް އަހަންނަށް ބުނެދެމުން ދިޔައެވެ.
އަހަންނާ ނުލާ އޭނާ އުޅުނު ހާލެވެ.ރުއި ރުއިމެވެ.ނުނިދާ ހޭލާ ހޭދަވީ ރޭތަކެވެ.އަހަންނަށްޓަކައި ރެއާ ދުވާލު އޭނާ ކުރި ދިގު އިންތިޒާރެވެ.އަހަރެން ނެތެމުން އެ ހަޔާތަށް ވެރިވި ހުސްކަމެވެ.ކަނު އަނދިރިކަމެވެ.ޝަފްކާ ބުނަމުން ދިޔަ ކަހަލައެވެ.އަހަންނަކީ އޭނާގެ މުޅި ދިރިއުޅުމެވެ.ހިތުގެ ހަމަ ޖެހުމެވެ.އަހަންނާ ނުލާ ދެން އެންމެ ހިނދުކޮޅަކަށްވެސް އޭނާއަކަށް ކެތެއް ނުވާނެއެވެ.އިންތިޒާރުކޮށް ކޮށް އޭނާ ވަރުބަލިވެއްޖެއެވެ.ލޯބިވާއެވެ.އެނބުރި އަންނާށެވެ.އޭނާގެ އަތު ތެރެއަށް އެނބުރި އަންނާށެވެ.ވަރަށް ވަރަށް ލޯބިވެއެވެ.
”އާކީ… އައި މިސް ޔޫ ސޯ މަޗް!“އިސްވެ އެ ހަމަ ހިމޭންކަން ފުނޑު ފުނޑު ކޮށްލީ ޝަފްކާއެވެ.އޭރު އަނެއްކާވެސް އޭނާގެ ދެލޯ ފުރިގެން ބަންޑުންވަނީއެވެ.
”އައި މިސް ޔޫ ޓޫ މައި ލަވް“ އަހަރެން މަޑުމަޑުން ބުނެލީމެވެ.އެވަގުތު ޝަފްކާ ގެނެސް އަހަރެންގެ އަތު ތެރޭގައި ބޮނޑިކޮށްލަން އަހަރެން ބޭނުންވިއެވެ.މުޅި އުމުރަށްވެސް އެގޮތުގައި އޭނާ ބަހައްޓަން އަހަރެންގެ ހިތް އެދުނެވެ.
”އޭ އޭ ކަލޭ ބިޓު މަންޖެތަ؟“އަހަރެމެންގެ އެ ޖަޒުބާތީ ވަގުތުކޮޅު ޚަރާބު ކޮށްލީ އަހަރެންނާ ޖެހިގެން ކަހަލަ ގޮތަަކަށް ހުރި ތަންކޮޅެއް ލާނެތް މިޒާޖެއްގެ ގައިދީއެކެވެ.ހަމަ ބިމަށް ރުޖޫޢަވެވުނު ހިނދު އަހަންނަށް އެމީހާއަށް ބަލައިލެވުނީ އަލިފާން ނަޒަރަކުންނެވެ.އެމީހާ އަނގަ ގަދަކޮށްގަތީމާ ޝަފްކާވެސް ހުރީ ނިކަން ފާޑަކަށެވެ.
އެ މީހާ އަމާން ދޭ ފަދައަކުން ދެއަތް ހިއްލައިލީ ނުލަފާ ހިންޏެއް އައިސްފައި ހުރެ އަނގައަށް ވައްތަރެއް ޖައްސައިލަމުންނެވެ.އައި ރުޅިން އަހަންނަށް ދެއަތް މުށްކަވާ ބާރުކޮށްލެވުނެވެ.ބައެއް މީހުން ދެން ނުބެހޭކަށް ކަމެއް އޮންނަނީކީ ނޫނެވެ.
”ސޮރީ…“ އަހަރެން ޝަފްކާއަށް ބަލާލާފައި ބުނެލީމެވެ.އެ މުހިންމު ވަގުތުކޮޅު މުޅިން ޚަރާބު ވީތީ އަހަރެން ގާތަށް ރުޅި އައެވެ.ހިތާ ހިތުން އެމީހާއަށް އެއްޗެހި ގޮވައިގަނެވުނެވެ.އެހެނަސް އެތެރެ އެތެރެއިން އެ ރުޅި ހިންދާލީ އެ އަގުހުރި ވަގުތުކޮޅުން އެންމެ ހިނދުކޮޅެއްވެސް އިތުރަށް ބޭކާރު ކޮށްލަން އަހަރެން ބޭނުން ނުވާތީއެވެ.
”މީ ހަމަ އާކި ހަދާފަތަ؟އަޅެ ހާދަ ރީއްޗޭ“ދެލޯ ފުހެލާފައި އެ ދަބަސްތަކަށް އިޝާރާތް ކޮށްލަމުން ޝަފްކާ މަޢުޟޫ ބަދަލު ކޮށްލިއެވެ.
”ރީތިތަ؟ ޝަފްއަށް ކަމުދޭތަ؟“ އަހަރެން ސީދާ އޭނާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ އަހައިލީމެވެ.އެ މޫނަށް ވެރިވާ ކޮންމެ ކުލަވަރެއް އަހަރެންގެ ހަނދާނުން ދުވަހަކުވެސް ނުފިލާ ވަރަށް ހިތުގައި ބިންވަޅު ނެގިފައި ވެއެވެ.
”ޔެސް އައި ލަވް އިޓް…ހުރިހާ ދަބަހެއްވެސް ވަރަށް ވަރަށް ރީތި…އެކަމަކު މި ދަބަސް…އައި ކާންޓް ގޯ ހޯމް ވިތައުޓް ދިސް ވަން…“ ޝަފްކާ އިޝާރާތް ކޮށްލީ ހުރިހާ ދަބަސްތަކުގެ ތެރެއިންވެސް އަހަރެންވެސް އެންމެ ގަޔާވި ދަބަހަށެވެ.އަހަންނަށް އިޚުތިޔާރަކާއި ނުލައި ހިނިތުންވެވުނެވެ.އެ ދަބަހުގައި އެ ވަނީ އަހަރެން އެންމެ ގަޔާވެގެން، އެކުރެހުމަކަށްޓަކައި އެންމެ ވަގުތު ހޭދަކުރި ކުރެހުމެވެ.އަހަރެމެން ދެމީހުންގެ ލޯބި ރަމްޒުކޮށްދޭ ފަދައިން އިސްތަށިގަނޑު ދިގު އަންހެން ކުއްޖަކާއި ފިރިހެނެއްގެ ހިޔަނި އިރުއޮއްސޭ މަންޒަރެއްގައި ކުލަ ވާނޭހެން ކުރަހާފައިވާ ލޯބީގެ ތަސްވީރެކެވެ.އެ ދަބަހަކީ މުޅި ކަލެކްޝަނުންވެސް އަހަންނަށް އެންމެ ޚާއްސަވި ދަބަސްމެއެވެ.
”ގުޑް ޗޮއިސް.“ އަހަރެން ބުނެލީމެވެ.އެ ކުރެހުމުގައި ޝަފްކާގެ ނާޒުކު އިނގިލިތައް ހިންގައިލިއެވެ.އެ ވަގުތު ކަމެއް ވިސްނުނު ފަދައަކުން އޭނާގެ ހަރަކާތްތައް މަޑު ޖެހިލިއެވެ.
”އާކި…މީ އަހަރެމެން ދޯ؟!“ ޝަފްކާއަށްވެސް އެ ކުރެހުމުގެ މާނަ ފަހުމުވީއެވެ.އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލީމެވެ. އޭނާ އުފަލުން ހިނިތުންވެލިއިރު އަނެއްކާވެސް އެ ދެލޯ ފުރި ބަންޑުންވެއްޖެއެވެ.
”އޮހ…އާކި…“ޖަޒުބާތުގައި ޖެހުނު ވަރުން އޭނާއަކަށް އެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ.އޭރު އެމަންޒަރު ބަލަން ތިބި ބައެއް މީހުން ޝަފްކާއަށް ބަލަ ބަލާފައި ސިއްރު ކިޔަން ފަށައިފިއެވެ.ވާނީވެސް އެހެންތާއެވެ.އެހާ ބައިބޯ ތަނެއްގައި އެހާ ޖަޒުބާތީ މަންޒަރެއް ފެނުމުން މީހުންގެ ސަމާލުކަން ހުއްޓޭ ގޮތް ވާނެއެވެ.އެއީ އަބަދުވެސް ކަން ހިނގާ ގޮތެވެ.
”ޝަފް“ އަހަރެން ނުރޮއެ ހުއްޓާލާށޭ ބުނުމުގެ ގޮތުން ޝަފްކާއަށް ބަލަން ހުރެ ދެފަރާތަށް ބޯ ހޫރާލީމެވެ.އެހެނަސް އޭނާގެ ހިތަށް ކޮށްފައިވާ ފުން އަސަރަކުން އެ ރުއިމަކަށް ކުޑަވެސް ހުއްޓުމެއް ނައެވެ.
އެ ކަރުނަތައް ފުހެދީ ޝަފްކާ މަސަލަސް ކޮށްލަން ދާން އަހަރެން އިންތިހާއަށް ބޭނުންވިއެވެ.އެހެނަސް އެ މަންޒަރު ބަލަން އަހަރެން ހުންނަން ޖެހުނީ ދުރުގައެވެ.ޝަފްކާގެ ރުއިމުގައިވާ ހިތްދަތި އަސަރުތަކުން އެވަރަށް އެ ރޮނީ ވަރަށް އަސަރުކޮށްގެންކަން ފެނުނު ކޮންމެ މީހަކަށްވެސް އިހުސާސް ކޮށްލެވޭހާވެއެވެ.ބައެއް އޮފިސަރުންނަށްވެސް އެ މަންޒަރު ފެނިގެން އެތަނުން އެކަކު އައިސް ޝަފްކާ ކުރެން ހުރިހާ ކަމެއް ރަނގަޅުތޯވެސް އަހައިފިއެވެ.ޝަފްކާގެ ރުއިން ކުޑަކޮށް މަޑު ޖެހުނީ ވެސް އެހިސާބުންނެވެ.އޭނާއަށްވެސް ހުރެވުނު މާހައުލު ވިސްނާލެވުމުން ލަދުވެތިކަން އިހުސާސްވެ އެ ރުއިމަށް މެދު ކެނޑުމެއް އައީއެވެ.އަހަރެން ހުންނަން ޖެހުނީ ހިތުގައި ބަރެއް ބާއްވައިގެންނެވެ.
އެ ދަބަސް މެޔާލައި ބޮނޑިކޮށްލައިގެން ޝަފްކާ ދެލޯ ފުހެ ފުހެ ހުއްޓާ ފެއަރގެ ވަގުތު ހަމަވީކަން އޮފިސަރުން އަންގައިފިއެވެ. އައިޓަމް ތަކާއި ހަވާލުވެ މީހުންތައް އެތަން ދޫކޮށް ދާން ފަށެމުން ޝަފްކާވެސް ދެލޯ ފުހެލާފައި ކޭޝް ރެޖިސްޓަރ ގާތަށް ލެފިލައިފިއެވެ.
ޝަފްކާއާއި ވަކިވުމުގެ ވަގުތު އައިސް ޖެހުނީކަން އެނގުމުން އަހަރެންގެ ހިތް އެތެރެއިން ރޯލިއެވެ.
ރޮވިފައި ހުރެ ވަދާޢުގެ ސަލާމަކުން ޝަފްކާ އަހަންނަށް އަތް ހޫރައިލިއެވެ.އެއަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުމެގެން ގޮސް އޭނާ އަހަރެންގެ ލޮލު ކުރިމައްޗަށް ގެއްލުނީ އަހަރެން ކަޅި ޖަހާނުލާ އެދިމާލަށް ބަލަން ހުއްޓައެވެ.އެ ބައްދަލުވުމުގެ މަދު ވަގުތު ކޮޅުގެ ސަބަބުން އަހަރެންގެ ހިތް ރޮއްވައި ހިތްދަތި ކޮށްފައެވެ.މުޅިން އެކަނި ކޮށްފައެވެ.މަޖުބޫރީގެ ހިތިކަން އޭގެ އެންމެ ހިތި ގޮތުގައި އަހަންނަށް އިހުސާސް ކޮށްދީފައެވެ.އެވަގުތު ހިތުގައި ހިފާ މީހަކު ބާރުކޮށްލި ފަދަ ވޭނީ އިހުސާސެއް އަހަންނަށް ކުރެވިގެން ދިޔަ އެވެ.އަހަަރެންގެ މުޅި ހަށިގަނޑުވެސް ބުނެލި ކަހަލައެވެ.ޝަފްކާ އެދިޔައީ އަހަރެންގެ ހުރިހާ ހަމަޖެހުމެއް ހިފައިގެންނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް މަސްތަކަށް ބަދަލުވަމުން ދެއެވެ.އިއްޔެ ދުށް މަންޒަރެއްހެން ޝަފްކާއާއި އެންމެ ފަހުން ބައްދަލުވީ ދުވަހުގެ މަންޒަރުތައް އަހަންނަށް އަދިވެސް ކުލަވެއެވެ.ކަރުނުން ފުރިފައިވީ އެ ދެލޮލެވެ.އެ ލޯބި ލޯބި މޫނެވެ.ކިރިޔާ ހިނިތުންވެލިޔަސް އެ ދެކޮލަށް އެ އެޅޭ އަޑިކޮޅެވެ.އެ ޚިޔާލުތަކުގައި ގެއްލިފައި ހުރެވެނީ ކިހާ އިރެއްވާންދެންކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.
ޝާމިން ބަރާބަރަށް އަހަރެންގެ ހާލު ބަލައެވެ.ބައްދަލު ކުރަން އާދެއެވެ.ކޮންމެވެސް ގޮތަކުން މާހިންވެސް ޝާމިނާ ގުޅުން ބަދަހިކޮށްފިކަން އަހަންނަށް އެނގުނީ އެއްދުވަހަކު އޭނާ އަހަންނާ ބައްދަލު ކުރަން އައިސްފައި، މާހިންގެ ސަލާމް އަހަންނަށް ފޯރުކޮށްދިނުމުންނެވެ.ހެޔޮ ހާލުގައި ވުމަށް އެދޭކަމަށާއި، އޭނާ އަހަރެންގެ މަތިން ވަރަށް ހަނދާންވާ ވާހަކަ ބުނުމުން އަހަރެންގެ ދެލޮލުން ނީރާލީ އުފާވެރި ކަމުގެ ކަރުނައެވެ.އެފަދަ ހެޔޮ ރަހުމަތްތެރިއެއް ދެއްވެވި ކަމަށްޓަކައި އަހަންނަށް ހިތާއި ހިތުން މާތް ރަސްކަލާނގެއަށް ޙަމްދު ކުރެވުނެވެ.ދުނިޔެއިން އަދި ރަނގަޅު މީހުން ހުސް ނުވާކަން އަހަންނަށް އިހުސާސްކޮށްދިން އެކަކީ އެއީއެވެ.
ޕީޖީއިން އަހަރެންގެ މައްސަލަ އަލުން ބަލަން ކޯޓަށް ފޮނުވި ނަމަވެސް ކޯޓުގެ މަރުހަލާގައި އައި ލަސްތަކެއްގެ ސަބަބުން މައްސަލަ އަލުން ބަލަން ފެށޭ ވަރުވީ ގާތްގަނޑަކަށް އޭގެ ފަހުން ހަ މަސް ދުވަސް ފާއިތުވެ ދިޔަ ފަހުންނެވެ.
އަޑު އެހުންތައް ފެށުނެވެ.އަހަރެން ދިފާޢުކޮށް ވަކާލާތުކުރަން ޝާމިން އެންމެ އިސް ސަފުގައި އަތުކުރި އޮޅާލައިގެން އަހަރެންގެ ހައްގުގައި ބަސް ބުންޏެވެ.ފަހުން ހޯދުނު ހެކިތައް ހުށައެޅުމުން އެ މަސްތުވާތަކެއްޗަކީ އަހަރެންގެ އެއްޗެހި ކަމުގައި ބުނެ ދައުލަތުން އަހަންނާ ދެކޮޅަށް ހުށައެޅި ހުރިހާ ހެއްކެއްގެ މައްޗަށް ކުރި ހޯދުނެވެ.އެ ޕެކޭޖުން އަޒަދުގެ ޑީ.އެން.އޭ ފެނިފައި ވާތީ އެއީ އެންމެ ވަރުގަދަ ހެކިތަކުގެ ތެރެއިން ހެއްކެއްގެ ގޮތުގައި ބަލައިގަތެވެ.އަދި އެ ސީސީޓީވީ ފުޓެޖަކީ އެކަން ހިނގި ގޮތަށް އިތުރަށް ބާރުދޭ ހެއްކެއް ގޮތުގައިވެސް ބަލައިގަތެވެ.
އަހަރެން ޖަލުގައި ހުރިއިރު އަޚުލާގީ މިންގަނޑުތައް ދަމަހައްޓާފައިވުމާއި، ރީހެބް ޕްރޮގްރާމްވެސް ފުރިހަމަކޮށް ތަފާތު ދައްކާފައިވާތީ އަހަންނަކީ މުޖުތަމައުއަށް ހުރި ނުރައްކަލެއް ނޫން ކަމުގައި ނިންމާ އަހަރެން އެއްކޮށް މިނިވަންވީ ކަމުގައި ކޯޓުން ހުކުމް ކުރިއެވެ.ގާޒީ ހުކުމް އިއްވި ވަގުތު އުފަލުން ގޮސް އަހަންނަށް ރޮވުނެވެ.ހިތާއި ހިތުން މާތް ރަސްކަލާނގެ ކިބައަށް ޙަމްދު ކުރެވުނެވެ.އޭރު އެ އަޑު އެހުމުގައި ޝަފްކާވެސް ހާޒިރުވެ އިނެވެ.ނޭފަތާއި ހަމައިން މޫނުގައި ދެއަތް އަޅައި އޭނާވެސް އުފަލުން ރޮއިގަތް ތަން އަހަންނަށް ވަރަށް ރީތިކޮށް ފެނުނެވެ.ހިތަށް ލިބުނު ފިނިކަން އަހަންނަށް ބުނެދޭންވެސް ދައްޗެވެ.
ކޯޓުން ނެރުނު ގޮތަށް އަހަރެން އަނބުރާ ގެންދިޔައީ ޖަލަށެވެ.ނިންމަން ޖެހޭ ކަންކަން އަދިވެސް ހުރީމައެވެ.
އެތަނަށް ވަދެވުމުން އެންމެ ފުރަތަމަ ކަމަކަށް އަހަރެން ކުރީ ޝުކުރުގެ ސަޖިދައެކެވެ.އެއަށްފަހު ދުޢާއަށް އަތް ނަގައިގެން އިރުކޮޅަކު އިނީމެވެ.އޭރު އަހަރެންގެ ދެލޯ ތެމެމުންދިޔައީ ތާޒާ ކަރުނައިންނެވެ.ހިތަށް ލިބިފައިވާ ލުއިކަމާއި އުފާވެރިކަންވެސް ޚިޔާރު ކުރީ ކަރުނައިގެ ސިފައެވެ.
އަހަރެން ދޫކޮށްލިކަމުގެ ލިޔެ ކިޔުންތައް ކޯޓުން ކަރެކްޝަނަށް ފޮނުވީ އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.އެޑްމިނިސްޓްރޭޝަނުން ފުރަން ޖެހޭ މައުލޫމާތުތައް ފުރުމަށްފަހު، މިނިވަންވީ ކަމުގެ ލިޔުމުގައި ސޮއި ކުރަން އޮފިސަރަކު އަހަރެންގެ އަތަށް ގަލަން ހަވާލުކުރި ވަގުތަކީ އަނެއްކާވެސް އަހަރެން އުފަލުން ރޮއްވައިލި ވަގުތުކޮޅެކެެވެ.ބިސްމިން ކިޔާ ގަލަމުގެ ދެލި އެ ކަރުދާހުގައި ހިންގައިލީ ހިތް ފުރިފައިވާ ޙާލުގައެވެ.މާތް الله ގެ އިރާދަފުޅުން މިހާރު އަނެއްކާވެސް އަހަންނަކީ ރަސްމީ ގޮތުން މިނިވަނަކަށް ވީއެވެ.
އަހަރެން މިނިވަންވީ ކަމުގެ ނޯޓިސް އަހަރެންގެ ގާނޫނީ ބެލެނިވެރިޔާ ކަމަށްވާ އަހަރެންގެ ބޮޑުދައިތައަށްވެސް ފޮނުވިއެވެ.އެހެނަސް އެމީހާއެއް އަހަރެން ބަލައެއް ނާންނާނެކަން އަހަންނަށް ކަނޑައެޅިގެން އެނގެއެވެ.އެހެނަސް ދެންވެސް އަނބުރާ އަހަރެން ގޮސް ވަންނަން ހުރި ތަނަކީ ހަމަ އެއީއެވެ.ބޮޑުދައިތަ އަހަރެން އެގެއަށް ވައްދާނެބާއޭވެސް އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.
ޖަލުން ބޭރަށް އަހަރެން ނުކުތުމަށް ކަނޑައެޅިފައިވާ ވަގުތަށް ޖަލުގެ މައި ގޭޓް ހުޅުވުނެވެ.އެހާ ދުވަސް ފަހުން ޖަލު ޔުނީފޯމު ނޫން އަންނައުނެއްގައި ހުންނަން ޖެހުމުން އަހަންނަށް ކުރެވެމުން ދިޔައީ ވަރަށް ތަފާތު އިހުސާސެކެވެ.އަހަރެން ލައިގެން ހުރީ ހައްޔަރުކުރެވުނު ދުވަހު އަހަރެން ލައިގެން ހުރި އަތްދިގު ފެހިކުލައިގެ ޓީޝާޓާއި މަޑު ނޫކުލައަކަށްދާ ޖިންސެވެ.އަހަރެންގެ ސާމާނުކޮޅު އަޅާފައިވާ ދަބަސް ކޮނޑުގައި އަޅުވާލައިގެން ގޭޓުން ނުކުންނަން ދަމުން ވަދާއީ ބެލުމަކުން ފަސް އެނބުރި ބަލައިލީމެވެ.ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ ހަޔާތުން މުހިންމު ދުވަސްތަކެއް އަހަރެން ހޭދަކުރި ތަނެކެވެ.އެ ހަނދާންތައް ދުވަހަކުވެސް އަހަރެންގެ ހިތަކުން ފިލައިގެނެއް ނުދާނެއެވެ.އެ ތޭރިތަކުގެ ފަހަތުގައި ހޭދަވީ ހަމަ ކޮންމެ ސިކުންތެއްވެސް އަބަދަށްޓަކައި އަހަރެންގެ ސިކުނޑީގައި ބިންވަޅު ނެގިފައި ހުންނާނެއެވެ.އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
”ބިސްމިالله…‘
ބިސްމީގެ ބަރަކާތުން ޖަލުގެ ގޯތި ތެރެއިން ބޭރަށް ނެގި ފުރަތަމަ ފިޔަވަޅަކީ އަހަރެންގެ ކަނާތުފައި ކަމުގައި އަހަރެން ޔަގީން ކުރީމެވެ.ގޭޓުގެ ދޮރުމަތީގައި އަހަރެންގެ އިންތިޒާރުގައި ހުރި މާހިން ފެނުމުން އަހަރެންގެ ޖަޒުބާތުތައް އުތުރި އަރައިގަތެވެ.ކަރުނުން ދެލޯ ފުރުނެވެ.މާހިން އައިސް އަހަރެންގެ ގައިގައި ހިފައިގަތެވެ.ކޮނޑަށް އަތް ވައްޓާލައި،މަރުހަބާ ކިޔެވެ.
”އަލްޙަމްދުލިއްލާހި! ވަރަށް އުފާވެއްޖެ…މާތް ރަސްކަލާނގެ އަހަރެންގެ ދުޢާ އިޖާބަކުރައްވައިފި.“ މާހިން ބުނެލިއެވެ.
”އަލްޙަމްދުލިއްލާހި…ޝުކުރަން މޭން…“ އަހަރެންގެ ހިތް މާހިނަށްޓަކައި ޝުކުރަން ފުރިފައިވާ ޙާލުގައި ބުނެލީމެވެ.މިނިވަނެއްގެ ގޮތުގައި މާހިނާއި ބައްދަލު ވުމުގެ ފުރުސަތު ލިބުނީތީ އަހަރެން ވަރަށް އުފާވިއެވެ.
އެވަގުތު ކައިރިއަށް އައިސް މަޑުކޮށްލި ރަތް ކުލައިގެ ކާރެއް އަހަރެމެންގެ ސަމާލުކަން އަތުލިއެވެ.އެ ކާރު ފެނިފައި މާހިންގެ މޫނުމަތިން ފެނުނީ ހިނިތުންވުމެކެވެ.އެއީ ކާކުގެ ކާރެއްކަން،އޭގައި އިންނާނީ ކާކުކަން އޭނާއަށް މާކުރިންވެސް އެނގިފައި އޮތް ކަހަލައެވެ.
”ޝާމިން“ ޑުރައިވަރު ސީޓުގެ ދޮރު ހުޅުވާލާފައި ނުކުތް ޝާމިން ފެނި އަހަންނަށް ލިބިފައިވާ އުފާވެރިކަން ދެގުނަވެގެން ދިޔައެވެ.އެހެނަސް ޝަފްކާ ފެންނާނެ އިރަކަށް އަހަރެން ވަނީ އަދި މާ ކެތްމަދުވެފައެވެ.އޭރުވެސް އޭނާ ކޮބައިބާވޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.
”ކޮންގްރާ ބްރޯ“ ޝާމިންވެސް އައިސް އަހަންނާ ކޮނޑާއި ކޮނޑު ޖައްސައި ސަލާމްކޮށްލިއެވެ.
”އެބަ އަންނަން…“ ޝާމިން އެނބުރި ކާރާއި ދިމާލަށް މިސްރާބު ޖެހުމުން އަހަރެމެން މާބޮޑު އެއްޗެކޭ ހިތަކަށް ނާރައެވެ.އެހެނަސް އޭނާ ގޮސް ކުރީ ސީޓުގެ އަނެއް ފަރާތު ދޮރު ހުޅުވާލާފައި މީހެއްގެ އަތުގައި ހިފި ތަން ފެނި އަހަރެންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ.
ކުޑަ ކުއްޖަކު އުރާލައިގެން ހުރެ ޝާމިންގެ އަތުގައި ހިފައިގެން ކާރުން ފޭބީ ޝަފްކާ ނޫން ދެވަނަ މީހެއް ނޫނެވެ.އެވަގުތު އުފަލުން ގޮސް އަހަރެންގެ ހިތް ހީވީ މޭ ފަޅާފައި ފުންމާލަން އުޅުނު ހެންނެވެ.އެއީ އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލަން އަހަރެން އިންތިހާއަށް ބޭނުންވި ވަގުތުކޮޅެކެވެ.އެތައް ދުވަހަކަށްފަހު އަހަރެންގެ ހިނިތުންވުން ދެލޮލާއި ހަމައަށް ފޯރި ވަގުތުކޮޅެކެވެ.އެހެނަސް އޭނާ އުރާލައިގެން ހުރި އެއްކަލަ ކުޑަ ފިރިހެން ކުއްޖާ ފެނުމުން އަހަރެންގެ ހިތް ސުވާލުތަކުން ފުނި ޖެހުނެވެ.ޝަފްކާ މިފަދަ ތަނަކަށް އޭނާގެ ކޮއްކޮ ގޮވައިގެން އައުމުން އަހަރެން ހައިރާންވިއެވެ.
”އާކީ“ އަހަރެން ހަމަ ފެނުނުހާއިރަކަށް ޝާމިންގެ އަތަށް އެ ކުޑަ ކުއްޖާ ދީފައި ޝަފްކާ ދުވެފައި އެ އައި ގޮތަށް އަހަރެންގެ ކަނދުރާގައި އެލިގަނެ، ކޮނޑުގައި ބޯ އަޅައި،މޫނު ފޮރުވާލައިފިއެވެ.އެ ހުރިހާ ދުވަހު ހިފަހައްޓައި، ފިއްތައިގެން ހުރި ހުރިހާ ޖަޒުބާތުތައް ހޫނު ކަރުނައިގެ ސިފައިގައި ބަންޑުންކޮށްލައިފިއެވެ. އަހަރެންވެސް ޝަފްކާގެ ބުރަކަށީގައި ދެއަތް ވަށާލި ގޮތަށް އޭނާ ބިމުން އުފުލައިލީ އުފަލުން ރޮވިފައިވާ ހާލުގައެވެ.ދުވަސްތަކަކަށްފަހު އެ ރީތި އިސްތަށިގަނޑުގައި ވަސް ގަނެވުނެވެ.އަދިވެސް ހަމަ އެ ހިތްގައިމު ވަސް ނުފިލާ ހުއްޓެވެ.އެއްވެސް ތަފާތެއް ނާދެއެވެ.އަހަރެންގެ މުޅި ހިތާއި ރޫހަށް އެވަހުން ދިރުން ގެނުވިއެވެ.ޝަފްކާއާއި އެކުގައި ހޭދަކުރެވުނު ކުރީގެ އެތައް ލޯބި ހަނދާންތަކެއް އާވެގެން ދިޔައެވެ.
”މަންމި..މަންމީ…“އެވަގުތު ޝާމިންގެ އުރުގައި އިނދެ އެ ކުޑަ ކުއްޖާ ކުކުރަން ފަށައިފިއެވެ.އެކުއްޖާއަށް ވީވަރަކުން އޭނާ ކައިރީގައި ނުހުންނަން ގަދަވެސް ހަދަން ފަށައިފިއެވެ.އެ ވަގުތު ޝާމިންގެ މޫނު މައްޗަށް އެރި ކުލަވަރުން ހީވަނީ އޭނާ އެކަމާ ވަރަށް ހާސްވެ ކަންބޮޑުވިހެންނެވެ.އެކި ކަހަލަ ވާހަކަ ދައްކައިގެންނާ، އެކި ކަހަލަ އަޑު އަޑު ލައްވައިގެން އެކުއްޖާ މަސަލަސް ކޮށްލެވޭތޯ އޭނާ ބަލަމުން ދިޔައެވެ. އެހެނަސް އެކަމުގައި އޭނާ ވީ ބޮޑު ތަނުން ފޭއްޔެވެ.ކޯޓު ކޭހެއް ކާމިޔާބުކުރެވޭހާ ގާބިލުކަން ޝާމިނަށް ލިބިފައި ހުއްޓަސް ކުޑަ ކުދިން ގެންގުޅުމުގެ އެއްވެސް ކަހަަލަ ގާބިލިއްޔަތުކަމަކާއި ތަޖުރިބާއެއް އޭނާއަށް ލިބިފައެއް ނެތެވެ.އެ ކުއްޖާ މަސަލަސް ކުރަން އޭނާ އެ އުޅުނު ގޮތުން އެކަން ރަނގަޅަށް ދޭހަވެއެވެ.
އެ ކުއްޖާ ޝަފްކާއަށް ’މަންމީއޭ ‘ކިޔާ ގޮވި ގޮވުމުގައި އަހަރެން ވަރަށް އަޅައިގަތެވެ.އެވަގުތު މާހިންވެސް ޝާމިނާއި ތަންކޮޅެއް ކައިރިއަށް ލެފިލައި، އެކުއްޖާގެ ސަމާލުކަން އަނބުރާލުމަށް ކުޅިވަރެއް ދެއްކޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ.އޭނާގެ މަގުސަދަކަށް ވީ އެހާ ދުވަހަށްފަހު އަަހަރެމެން ދެމީހުނަށް އެކަނި ވަގުތުކޮޅެއް ދިނުންކަން އަހަންނަށް ވިސްނުނެވެ.
”އާކި އައި މިސްޑް ޔޫ ސޯ މަޗް“ ޝަފްކާ އަހަރެންގެ ނިތުގައި ބޮސްދީފައި ރޮވިފައިވާ އަޑަކުން ބުނެލިއެވެ.އަހަރެން ފެނުމުން އެހެން ހުރިހާ ކަމެއްގެ މަތިން އޭނާވެސް ހަނދާން ނެތިފައިވާ ކަހަލައެވެ.
”މަންމީ“ މާހިންގެ ކުޅިވަރުވެސް ފޭލިވެ އެ ކުޑަ ކުއްޖާ ބާރަކަށް ރޯން ފެށްޓީ އެވަގުތުއެވެ.ޝަފްކާވެސް ސިހިފައި އަވަހަށް އެނބުރި އައިސް އެކުއްޖާ އުރާލައި، މަސަލަސް ކުރެވޭތޯ މަސައްކަތް ފަށައިފިއެވެ.
”ޝަފް އަޅެ ކީއްވެ ނުހައިކް ގޮވައިގެން އައީ؟…އޭނަ މަންމަ ނެތިގެން އެ ރޮނީ މިހާރު…ޝަފް ބުނީމެއްނު އޭނާ ރޯން ފަށައިފިއްޔާ ބައެއް ފަހަރު ނޭވާ ނުލައި ވަރަށް ގިނައިރު ވެޔޭ… މޫނުމަތި ބްލޫވެސް ވެޔޭ…އަހަންނަކަށް ނޭނގެ ބޭބީޒް މަތަކުރާކަށް އެއްގޮތަކަށްވެސް…އައި ހޭވް ޒީރޯ އެކްސްޕީރިއަންސް އޮން ދެޓް ޑިޕާޓްމަންޓް…ޝަފް…އަމް ސޮރީ “ ޝާމިން ހުރީ އެވީ ގޮތަކުން ވަރަށް ކަންބޮޑުވެފައެވެ.ނަމަވެސް ނަސީބަކުން ޝަފްކާ އެކުއްޖާ އުރާލާ އިރުކޮޅެއްވިތަނާ ރުއިން މަތަވެއްޖެއެވެ.
”މަންމި“ އެކުއްޖާ ރުއިން ހުއްޓާލާފައި ޝަފްކާގެ މޫނުގައި ވަސް ގަންނަމުން އުޅެން ފެށި ގޮތަކުން އަހަރެންގެ ގައިން ހީބިހި ނަގައިގެންދިޔައެވެ.އެކުޑަ ކުއްޖާ ޝަފްކާ ލައިގެން ހުރި ޓޮޕުކޮޅުގެ މަތިން އޭނާގެ އުރަމަތީގައި މޫނު ހާކައި ކުސް ތަޅަން ފެށީ މައިމީހާގެ ގާތުން ބުއް ބޯ ކުއްޖަކު ބަނޑުހައިވެގެން އެ އުޅޭއިރު އުޅޭހެންނެވެ.އެއީ ތުއްތު ކުއްޖަކާއި އެކުއްޖާގެ މައިމީހާއާއި ދެމެދު އޮންނަ ފަދަ ގާތް ގުޅުމެކެވެ.މަންމިއޭ ކިޔާ އެހާ ގާތްކޮށް އެހެން މީހަކާއިއެކު ކުޑަ ކުއްޖަކު އެ ގޮތަށް އުޅޭނެބާއޭ އަހަރެންގެ ހިތަށް އަރަން ފެށިއެވެ.އެފަދަ އެތައް ޚިޔާލުތަކަކުން އަހަރެންގެ ހިތް އެކި ކަހަލަ ވަހުމާއި ވަަސްވާހުގެ ޝިކާރައަކަށްވެ ނިމިގެން ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
”އާކިލް…އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބަ އޮތް… ޝާމިން…އަހަރެން ބޭނުން ޝާމިންގެ ކިބައިންވެސް މާފަށް އެދެން…އަމް ސޯ ސޮރީ“ އަހަރެމެން ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލާފައި ކުށްވެރިއަކު ފަދައިން އިސްޖެހި ގޮތަށް ޝަފްކާ އަނެއްކާވެސް ފެށީ ރޯށެވެ.ވާނުވާ ނޭނގިފައި އަހަންނަށް ބަލައިލެވުނީ ޝާމިންގެ މޫނަށެވެ.އޭނާގެ ނަޒަރުވެސް ހުއްޓުނީ އަހަންނާ ދިމާލަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.






Eii aaki and shaf dahri.. whn next?
Let’s see dho 🙈
Finally😭 the part I’ve been waiting for so long!!
Alhe I ah heevany hama e kujja akee shaf ge hen😖 akil adhi kiriyaa minivan v then anekka e fakeeru boa haas nukurey😭
Anyways mi part hama best MA!
Ly
Thank you Your fav bab ❤️
Let’s see alhe vaagotheh dho!
Oh my god…..vvv reethi😍😍😍🥰🥰🥰🥰🔥🔥🔥🔥🔥
When next part?
Thank you Anaq ❤️
Part 8 out now