ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 5)
ހިސާބަކަށް ދެވުނު ތަނާ ވަރަށް ގާތުން ކަންފަތުގައި ޖެހިލި ދަންނަ އަޑެއް އަހަރެންގެ ސަމާލުކަން އަތުލިއެވެ.އިސް އުފުލާ ބަލައިލަން މަޖުބޫރުކުރުވިއެވެ.އެވަގުތު އަހަރެންގެ ކައިރިން އަޅާފައި، ރޮމުން ދިޔަ ކުޑަ ކުއްޖަކު މަސަލަސް ކުރަމުން ދިޔަ އަންހެންމީހާގެ މޫނު ފެނިފައި އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ.
އެއީ ޝަފްކާގެ މަންމަ ނޫން ދެ ވަނަ މީހެއް ނޫނެވެ.އެމީހާ އުރާލައިގެން ހުރި ކުޑަ ފިރިހެން ކުއްޖާގެ މޫނު ރީތިކޮށް ފެނުނު ހިނދު އަހަންނަށް ލައި ލައި ހުރި ނޭވާ ވެސް މަޑު ޖައްސައިލެވުނެވެ.ހިތް އޮބިނޯންނަހާ ބާރަށް ތެޅިގަތެވެ.
އެ ކުޑަ ކުއްޖާ ހީވަނީ ހަމަ ޝަފްކާގެ ކުޑަ ދުވަހުގެ ތައްގަނޑެއް ހެންނެވެ.ޝަފްކާގެ ކުޑައިރުގެ ފޮޓޯތައް އޭނާވަނީ ތަންކޮޅެއް ކުރިން އަހަންނަށް ދައްކާފައެވެ.އެކުއްޖާއާއި ޝަފްކާގެ ހުރި ވައްތަރުކަން އަޅާ ކިޔާލަން އަހަންނަށް އެހާ ފަސޭހަވީ އެހެންވެގެންނެވެ.
ފަސް އެނބުރި ދެވަނަ ފަހަރަކަށްވެސް ބަލައިލަން އަހަރެން ބޭނުންވިއެވެ.އެހެނަސް އަހަރެންގެ ފިޔަވަޅުތައް މަޑު ޖެހެން ފެށުމުން އޮފިސަރުން އަހަރެންނަށް މަޑު ނުކޮށް ކުރިއަށް ދިޔުމަށް އެންގި އެވެ.
އިސާހިތަކު އަހަރެންގެ ހިތް ސުވާލުތަކުން ފުނިޖެހިއްޖެއެވެ.އެއީ ކޮން ކުޑަ ކުއްޖެއް ބާވައެވެ؟އެކުއްޖާ ޝަފްކާއާއި އެހާ ވައްތަރީ ކީއްވެގެން ބާވައެވެ؟ގައިމުވެސް އަހަންނަށް އެނގިގެން އެ އާއިލާގައި އިތުރު ކުއްޖަކު ނުހުރެއެވެ.ނުހާޒުވެސް އުޅުނީ މީހަކާ އިނދެގެނެއް ނޫނެވެ.
ޝަފްކާގެ ރޭޕް ކޭސް އަހަރެންގެ ސިކުނޑީގެ ކަނެއްގައި ކޮށައިލީ ހަމަ ކުއްލިއަކަށެވެ.ހިތަށް އެރި އެއްޗަކުން މުޅި ގަޔަށް ފިނި ގަނޑެއް އަރައިގެން ދިޔައެވެ.މުޅި ނަފްސަށް ސިހުން ގެނުވިއެވެ.
އެއީ އަނެއްކާ ޝަފްކާގެ ދަރިއެެއް ހެއްޔެވެ؟ރޭޕްގެ ސަބަބުން ޝަފްކާ އަޒަދުގެ ދަރިއަކަށް ބަނޑު ބޮޑުވީ ހެއްޔެވެ؟އެކަމަކު ޝަފްކާގެ ދަރިއެެއް ހުރިނަމަ ޝާމިން އައި ދުވަހު އޭނާވެސް އެވާހަކަ އަހަރެން ގާތުގައި ނުބުނެ ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ.ހިތުގައި އުތުރިގަތް ސުވާލުތަކުން އަހަރެންގެ ސިކުނޑީގައި ބޮޑު ހައިޖާނެއް އުފެދިއްޖެއެވެ.ވިސްނަންވީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގުނެވެ.ޔަގީންކުރަން ބޭނުންވިޔަސް އަހަރެން ވަކި އަހާނީ ކާކު ކައިރީގައި ހެއްޔެވެ؟ ޝާމިނާވެސް ދެން ބައްދަލު ވާނޭ ދުވަހެއްވެސް އެނގެނީކީ ނޫނެވެ.
ޑައިލިސިސް ހަދަން ވަދެފައި ވެސް އަހަންނަށް އިނދެވުނީ ގަޑި ހިނގާލެއް ލަސްވެފައެވެ.އިރުކޮޅަކާ އެތާ އުޅުނު ނަރުސް ކުއްޖާ ގާތުގައި ގަޑިން ވީވަރެއް އަހައިލެވެއެވެ.
ހޮސްޕިޓަލުން ނިމިގެން އެނބުރި ގޮސްވެސް އަހަންނަށް އިނދެވުނީ ފާޑަކަށް ގަބުވެފައެވެ.ފަށާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދެވޭތޯ ބެލި ނަމަވެސް ބޯ ހާސްވެފައި ހުރުމުން އެކަމަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަމެއް އަހަންނަކަށް ނުދެވުނެވެ.ދޭން ޖެހޭ ސަމާލުކަން ނުދީ މަސައްކަތް ކުރަން ހަދައިގެން މަސައްކަތްތައް ދެގުނަ ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ.އެހެންކަމުން އަހަރެން ނިންމީ ބޯ ހަމަ ޖައްސައިލުމަށްޓަކައި ދުވަހުގެ ބާކީ އޮތްބައިގައި އަރާމުކޮށްލާށެވެ.ޑައިލިސިސް ހެދުމުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަންވެސް ވަކި ކުޑައެއް ނޫނެވެ.
ހަގީގަތުގައި ޝަފްކާގެ މަންމަ ފެނުމުން އަހަންނަށް ކަން އޮތް ގޮތުގެ ހިތިކަން ހަނދާން ކޮށްދީފިއެވެ.ދުވަހެއްގެ ކޮޅުން އަހަރެން މިނިވަންވިޔަސް އެމީހުންނެއް އަހަންނާއި ޝަފްކާގެ ގުޅުމަކަށް ދުވަހަކުވެސް ގަބޫލެއްނުވާނެއެވެ.ހިތް ހަލާލެއް ނުދޭނެއެވެ.އެއީ އަހަރެން ގަބޫލު ކުރަން ޖެހޭ ހިތި ހަގީގަތެކެވެ.އޭރު ނުހާޒުގެ ގާތް ކަމުގައި އެގެއަށް ގޮސް އުޅުނަސް މިހާރު އެމީހުންނަށްވެސް އަހަރެންގެ ހަގީގަތް އޮންނާނީ އެނގިފައެވެ.މަސްތުވާ އެއްޗެހި ބޭނުންކުރާ ސޮރަކާ އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ދެވަން ބޭނުންވާނީ ކޮން މަޔަކާ ބަފައެއް ހެއްޔެވެ؟އަނެއްކާ ރިހެބަށް ދިޔަޔަސް މީހުން އެއަކަށް އެއްވެސް އިތުބާރެއް ނުކުރެއެވެ.އެމީހުންގެ ނަޒަރުގައި މަސްތުވާތަކެތި ބޭނުންކުރަން ފަށައިފި މީހަކަށް ދުވަހަކުވެސް އެކަމެއް ނުހުއްޓޭނެއެވެ.ދުވަސްކޮޅަކަށް ހުއްޓުނަސް އަލުން ބަލުން އެކަން ފަށާނެއެވެ.އެހެނަސް އެއީކީ މުޅިއަކުން ހަގީގަތެއް ނޫނެވެ.ރިހެބް ޕްރޮގްރާމްގެ ސަބަބުން އަހަންނަށް މިއަދު މިވަނީ އެއާ ނުލާ އުޅެން ދަސްވެފައެވެ.ދެން އޮތީ އަހަރެން ކުރި ހިތްވަރެކެވެ.އިރާދަކުރެއްވިއްޔާ މިގޮތުގައި އަހަންނަށް ދެމިވެސް ހުރެވޭނެއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ.މިހާރު ފެއަރ ފަށަން ތިން ދުވަހަށް ވީއެވެ.އަހަރެންގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާލެވިއްޖެއެވެ.ދަބަސްތަކާއިމެދު އަހަރެން ވަރަށް ހިތްހަމަވެސް ޖެހެއެވެ.އެހެނަސް ޝާމިންގެ ޚަބަރެއް ނުވެގެން އަހަރެންގެ ހިތް ވަނީ ނުތަނަވަސްވެފައެވެ.ޝަފްކާއަށް އެ ފެއަރ އޮންނަ ކަމުގެ ޚަބަރު ނުދެވިއްޖެނަމަ އަހަރެން ކުރި ހުރިހާ ފޮނި އުންމީދެއް ވިއްސިވިހާލިވެގެން ދާނެއެވެ.އަަވަސް ރަޙުމަތެއްގައި ޝާމިން އަހަންނާ ބައްދަލުކުރަން އާދޭތޯ އަހަންނަށް ހުރެވުނީ ހިތާ ހިތުން ދުޢާ ކޮށްލަ ކޮށްލައެވެ.
މިފަހަރު ތަގުދީރުގެ ނިޔާ ކަނޑައެޅިފައި އޮތީ އަހަންނާ އެއްކޮޅަށް ކަންނޭނގެއެވެ.ޖެހިގެން އައި ދުވަހު އަހަންނަށް ލިބުނީ ޝާމިން އަހަންނާ ބައްދަލު ކުރަން އައިސް ހުރި ކަމުގެ އުފާވެރި ޚަބަރެވެ.އަހަންނަށް ލިބުނު ހިތްހަމަ ޖެހުން ބުނެދޭންވެސް ނޭނގެއެވެ.އޭނާއާއި ވާހަކަ ދައްކަން ފުރުސަތު ލިބުނުހާ އިރަކަށް އަހަރެން ދައްކަން ބޭނުންވެފައި ހުރި ހުރިހާ ވާހަކަތަކެއް ފައްޗަކަށް އަމުނާލެވިއްޖެއެވެ.
ފުރަތަމަވެސް އަހަންނަށް ބުނެވުނީ ހޮސްޕިޓަލުން ފެނުނު ކުޑަ ކުއްޖާގެ ވާހަކައެވެ.ޝާމިންގެ މޫނުމަތިން ހައިރާންކަމުގެ އަސަރު ފާޅުވި ނަމަވެސް ވަރަށް އަވަހަށް އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލައިފިއެވެ.އެހެނަސް ޝާމިނަށް ވީ ގޮތް އަހަރެންގެ ލޮލުން ކަސިޔާރުވެގެނެއް ނުދިޔައެވެ. އަހަރެންގެ ހިތުގައި އަނދަމުން ދިޔަ ޝައްކުގެ ހުޅުގަނޑު އިތުރަށް ރޯވުން ނޫން ކަމެއް ނުވިއެވެ.
”ޝާމިން ދޮގު ނުހަދާ ތެދަށް ބުނެބަލަ…އެއީ ޝަފްގެ ކުއްޖެއްތަ؟“ އަހަރެން ދެވަނަ ފަހަރަކަށް ސުވާލު ތަކުރާރުކޮށްލީމެވެ.ޝާމިން ވަރަށް ފުންކޮށް އަހަރެންގެ ދެލޮލަށް ބަލައިލިއެވެ.
”އާކިލަށް ހަމަ ހީވޭތަ އެއީ ޝަފްގެ ބޭބީއެއް ހެން؟“ ޝާމިން ވަރަށް ހަމަޖެހިލާފައި އަހައިލިއެވެ.
”ދެން ބުނެބަލަ އެއީ ޝަފްގެ ކުއްޖެއްތަ؟ހަމަ ޝަފްގެ ކޮޕީއެއްހެން ހީވަނީ…ހަމަ އެ މޫނު ކޮޅު.“ ޝާމިން ނުބުނަން އުޅެނީއޭ ހީވެ އަހަރެން ހިސާބަކަށް ހިތްހަމަ ނުޖެހުނެވެ.
”އާކިލް… އަހަރެން އެއީ ޝަފްގެ ކޮއްކޮއޭ ބުނެފިއްޔާ އާކިލަށް ގަބޫލު ކުރެވޭނެ؟“ ޝާމިން އަހައިލިއެވެ.އޭނާ އެ ބުނި އެއްޗަކުން އަހަންނަށް ލިބުނީ ޝޮކެކެވެ.އަނގަ ސަކަރާތް ވިއެވެ.ހަގީގަތުގައިވެސް އެއީ ޝަފްކާގެ ކޮއްކޮ ހެއްޔެވެ؟އެކަމަކު އެހެންވާނީ ކިހިނެއް ހެެއްޔެވެ؟ އަނެއްކާ ޝަފްކާގެ މަންމަ މިހާ ދުވަސް ފަހުންވެސް ކުއްޖަކު ވިހެއީ ހެއްޔެވެ؟ޔަގީނުންވެސް މިހާރު އެމީހާގެ އުމުރުން ސާޅީހަށް ވުރެ މަތިވެދާނެއެވެ.
”ޝަފްގެ ކޮއްކޮއޭ؟“ އަހަންނަށް ތުންފަތުގައި ދައި ގަނެވުނެވެ.ހިސާބަކަށް ރަކިވި ނަމަވެސް އެއީ ޝަފްކާގެ ދަރިއެއް ނޫންކަން އެނގުމުން ހިތަށް ލިބުނު ހަމަޖެހުން މާބޮޑެވެ.
”އާނ… ވަރަށް ގިނަ ކަން ކަން ހިނގައިފި.. ވަރަށް ގިނަ ކަން ކަން ބަދަލުވެސް ވެއްޖެ…އަސްލު އެމީހުން މެލޭއަށް ބަދަލުވީވެސް ޝަފްގެ ރޭޕް ކޭސް އާ އޭނާގެ މަންމަގެ ހައި ރިސްކް ޕްރެގްނެންސީގެ ސަބަބުން…ދެން ނުހާޒުވެސް ހައްޔަރުކުރީމަ އެކަމުން އަރައިގަތުމަށް މާހައުލު ބަދަލުކޮށްލަންވެސް ޝަފްގެ ބައްޕަވެސް ބޭނުންވެފަ ހުރީ.“ ޝާމިން ބުނެލިއެވެ.
އެހިސާބުން އެ މައުޟޫ ބަންދުވެއްޖެއެވެ.ދެން ދެކެވުނީ މުޅިން އެހެން ވާހަކަތަކެކެވެ.
އަހަރެން ވަރަށް ހަމަޖެހިލާފައި ކްރިއޭޓިވިޓީ ފެއަރގައި އަހަރެން ބައިވެރިވެގެން އުޅޭ ވާހަކަ ޝާމިން ގާތުގައި ބުނެލީމެވެ.ވަރަށް ރަނގަޅު ކަމެއް ކަމުގައި ބުނެ އޭނާ އަހަންނަށް ވަރަށް ހިތްވަރު ދިނެވެ.
ފެއަރ އޮންނަ ތަނަށް އަހަންނަށްވެސް ހާޒިރުވެވޭނެ ވާހަކަ ބުނުމުން ޝާމިނަށް ވަރަށް ފަސޭހައިން ހުރިހާ ކަމެއްވެސް ވިސްނިއްޖެއެވެ.
”ހާސްނުވޭ އާކިލް…އަލް މޭކް ޝުއަރ ޝަފް ޝޯޒް އަޕް….އަހަންނަށް ހަމަ ޔަގީން ޝަފްވެސް ހުންނާނީ އާކިލް ދެކޭހިތުން ކެތްމަދުވެފައިކަން..ނޭނގެ ތި ވާހަކަ ބުނާއިރަށް އޭނާ ރޯން ނުފަށާނެ ކަމެއްވެސް..އާކިލް ނޫނަކަސް ޝަފްވެސް ހާދަ ލޯތްބެކޭވަނީ އާކިލް ދެކެ…އަބަދު އަހާ އާކިލްގެ މައްސަލަ އޮތީ ކޮން ހިސާބަކުތޯ…ކޮން އިރަކުންތޯ އާކިލް މިނިވަންވާނީ… ޝަފް ވަރަށް ވަރަށް ބޭނުންވޭ އާކިލަށް ވިޒިޓް ކުރަންވެސް…އެކަމަކު ކީއްކުރާނީ…ގާނޫނު އެކަމަކަށް ތަނެއް ނުދޭ… ކޯޓަށްވެސް ވަރަށް ޕްރެޝަރު ކުރެވިއްޖެ. އެކަމަކު އަދި ހަމަ އަލި މަގެއް ނުފެނޭ…ދުވަސް ނަގާނެ އަދި…އެކަމަކު ސީދާ ކިހާ ދުވަހެއް ކަމެއް ބުނަން ދަތި…“ ޝާމިން ބުނެލިއެވެ.
”ޝާމިން…އަހަންނަކަށް ނޭނގޭ ޝާމިނަށް ޝުކުރު އަދާ ކުރާނެ ގޮތެއްވެސް…ވަރަށް ބޮޑު ކަމެއް ތި ކޮށްދެނީ…“ އަހަރެން ވަރަށް ޖަޒުބާތީވިއެވެ.ފެއަރ އިން ޝަފްކާގެ ސޫރަ ފެންނާނެ އިރަކަށް އަހަރެން މިދަނީ ވަގުތު ގުނަމުންނެވެ.
”އޯހ ކަމޯން އާކިލް…އިޓްސް އޯކޭ…“ ޝާމިން އޯގާތެރިކަމާއި އެކުގައި ބުނެލިއެވެ.
އެ ބައްދަލުވުން ނިމިގެން ދިޔައީ ދުވަސްތަކަކަށްފަހު އަހަރެންގެ ތުންފަތަށް ހިނިތުންވުމެއްގެ އަސަރު ވެރިކުރުވާފައެވެ.ނަފްސަށް ހަމަޖެހުން ގެނުވާފައެވެ.ޝަފްކާ ފެންނާނެތީ އަހަރެން ވެފައި ހުރި އުފަލެއްގެ ބޮޑުކަމުން ހިނދުކޮޅަކަށް ނަމަވެސް އަހަރެން މީ ޖަލުގައި ހައްޔަރުވެފައިވާ ގައިދީއެއްކަންވެސް އަހަރެން ހަނދާން ނެތުނެވެ.
ފާއިތުވި ދެދުވަސްވެސް އަހަންނަށް އިހުސާސް ކުރެވުނީ ދެ ގަރުނު ފަދައިންނެވެ.ކެތްތެރިކަމެއްނެތި އިންތިޒާރުކޮށް ކޮށް ހުއްޓާ ފެއަރ އޮންނަ ދުވަސްވެސް އައިސް ޖެހުނީއެވެ.
ފެއަރ ބޭއްވުމަށް ހަމަޖެހިފައި އޮތީ ނޭޝަނަލް އާރޓް ގެލަރީގައެވެ.ހުށައަޅާ އައިޓަމްތައް މާ ކުރިން ވަނީ އެތަނަށް ގެންގޮސްފައެވެ.ފެއަރ ފަށްޓާ ގަޑި ޖެހެންވާ އިރަށް ބައިވެރިވެފައިވާ ގައިދީން ގޮވައިގެން ވޭންތަކުގައި އޮފިސަރުން އެތަނަށް ދަތުރު ކުރަން ފަށައިފިއެވެ.
ވޭނުގައި ތިބި އިރު ބިޑު އަޅުވާފައިވާ ބޭތިއްބި ނަމަވެސް އެތަނަށް ވަނުމަށްފަހު އެ ހައްޔަރުން ހުރިހާ ގައިދީންވެސް މިނިވަންކުރިއެވެ.އަތަށް ލިބުނު ލުއިކަމެއްގެ ސަބަބުން އަހަންނަށްވެސް ދެއަތް ދެއަތާއި މޮޑެލެވުނެވެ.
ހުށައަޅާފައިވާ އައިޓަމްތަކުގެ ގޮތުން އެގްޒިބިޝަން ހޯލުގެ އެކި ހިސާބުތައްވަނީ ވަކި ވަކި ވައްތަރުގެ އައިޓަމްތަކަށް ބަހާލައި ޚާއްޞަ ކުރެވިފައެވެ.އެގޮތުން އަހަރެން ހުށައެޅި ފަދަ އަތްތެރި މަސައްކަތުގެ އައިޓަމްތައް އަތުރާލާފައި ހުރީ އެއްފަރާތެއްގައި ހުރި ހުދު ފޮތި އަޅާފައިވާ މޭޒުތަކެއްގައެވެ.
ފެއަރ ފަށަން ވާއިރަށް އެމީހަކު ހުށައެޅި އައިޓަމަކާއި ކައިރީގައި އެމީހަކު ހުއްޓި ހުންނަން ހުރިހާ ގައިދީންނަށްވެސް އެންގިއެވެ.އައިޓަމާ ބެހެގޮތުން އާންމުންނަށް މައުލޫމާތު ދީ ވާހަކަ ދައްކަންވެސް ޖެހޭކަން އެނގުމުން އަހަރެން ހުރީ ހާސްވެ ފިނިވާ ގޮތްވެފައެވެ.އެހެނަސް ޝަފްކާއަށްޓަކައި ކޮންމެ ކަމެއްވެސް ކުރާން އަހަރެން ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.ކޮންމެ މޭޒެއްގެ ދެފަރާތުގައި ދެ އޮފިސަރުން ތިބިއިރު މުޅި ހޯލުތެރެވަނީ ވަރަށް ރަނގަޅަށް ގާޑު ކުރެވިފައެވެ.
ފެއަރ ފެށުނެވެ.އާންމުންގެ މީހުންތައް ޖަމާވެ އިސާހިތަކު މުޅި ހޯލުތެރެ ހަލަބޮލިވިއެވެ.އެ އެންމެންގެ ތެރެއިންވެސް އަހަރެންގެ ދެލޯ އެދި ހޯދަމުން ދިޔައީ ހަމަ އެންމެ މޫނެކެވެ.
އެހެނަސް ފަރާތް ފަރާތަށް ކަޅި އުކާކަށް އަހަންނަަކަށް ނުހުރެވުނެވެ.މީހުންތައް އައިސް އަހަރެންގެ އައިޓަމްވެސް ނަގައި،ބަލަން ފެށުމުން އަހަންނަށް އެމީހުންނަށް ސަމާލުކަން ދީ ،ވާހަކަ ދައްކަން މަޖުބޫރުވިއެވެ.
”އާކިލް…“ އަހަރެންގެ ނަމުން މީހަކު ގޮވައިލި އަޑު އިވިފައި ދަންނަ އަޑެއްހެން ހީވެގެން އަހަންނަށް އިސް އުފުލާ އެ ދިމާލަށް ބަލައިލެވުނެވެ.އެވަގުތު އެއްވެފައި އޮތް މީހުންގެ ތެރެއިން ފުރޭނިގެން އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނުތަން ފެނުނީ ޝާމިނެވެ.އޭނާ ހުރީ ވަރަށް ހަމަޖެހިލާފައެވެ.
”ޝާމިން…“ އޭނާ ފެނުމުން އަހަންނަށް ހިނިތުންވެވުނެވެ.އަސްލު އޭނާ އައުމުން އަހަރެން ވަރަށް އުފާވިއެވެ.ވަރަށް ހިތްހަމަ ޖެހުނެވެ.މާހިނާއި ޝަފްކާ ފިޔަވައި އަހަރެން ބަލައިގަންނަ އިތުރު މީހަކު ހުރި ކަމުގެ އިހުސާސް އަހަންނަށް ކޮށްދިން މީހަކީ އޭނާ އެވެ.
ޝާމިން ވަރަށް ސަމާލުކަން ދީގެން ދަބަސްތައް ބަލަން ފެށިއެވެ.އަހަރެންގެ ހުނަރުވެރިކަން ފެނި އޭނާ ހުރީ އާޝޯޚުވެފައެވެ.ވަރަށް ތައުރީފު ކޮށްލިއެވެ.
”ވާއު…މި ބޭގްތައް ހަމަ އެއްވަނަ އިނގޭ….ވަރަށް ރީތި…ވަރަށް ކޮލިޓީ…ޔޫއަރ ސޯ ޓެލެންޓެޑް އާކިލް.. …އަހަރެންގެ މަންމައަށާ ފިއުޗާ ވައިފަށް ދޭން މީގެ ދެ ދަބަސް ގަންނަން ބޭނުން…ކިހާ ވަރަކަށްތަ؟“ ދަބަސްތައް ބަލަ ބަލާފައި އޭނާއަށް ކަމުދިޔަ ދެ ދަބަހެއް ނަގައި ދައްކައިލަމުން ޝާމިން އަހައިލިއެވެ.
އަހަރެން އަގު ބުނެދިނީމެވެ.އެ އަގު ކުޑަވެގެން ޝާމިން ޝަކުވާ ކުރިއެވެ.އަހަރެންގެ އަގުހުރި ބުރަ މަސައްކަތް އެހާ ކުޑަ އަގެއްގައި ވިއްކާތީ އޭނާ ފާޑު ކިޔެވެ.
”އެހާ ބޮޑު އަގެއް ކީމަ މީހުން ނުގަނެފާނެތީ…“ އަހަރެން ދިން ޖަވާބަކީ އެޔެވެ.
”އެކަމަކުވެސް ދޯ!“ ޝާމިން ހުރީ އޭނާގެ ގޮތުގައެވެ.އޭނާ ގޮސް އެ ދެ ދަބަހަށް ފައިސާ ދެއްކި އިރު އިތުރަށް ފައިސާ ދީފައި ބާކީގައި ނުވެސް ހިފިއެވެ.
ފެއަރގެ ގަވާއިދު އޮންނަ ގޮތުން ގަންނަ އައިޓަމްތައް އޭގެ ވެރިފަރާތާ ހަވާލު ކުރެވޭނީ ފައިސާ ދެއްކުމަށްފަހު، ފެއަރ އެއްކޮށް ނިމުނީމައެވެ.
އެހެން އައިޓަމްތައްވެސް ބަލަމުން މީހުންގެ ތެރެއަށް ގޮސް ޝާމިން ގެއްލުމުން އަހަރެންގެ ހިތަށް ވެރިވީ އިންތިހާ ނުތަނަވަސްކަމެވެ.ޝަފްކާ ކޮބައިތޯ އަހަން ބޭނުންވެ އެ ސުވާލު ނުކުރެވިގެން އުޅެނިކޮށް އޭނާ އެ ދިޔައީއެވެ.ގަޑި ހިނގާ ވަރުން ހިނގައެވެ.އަދިވެސް ޝަފްކާގެ ހިލަމެއް ނުވެއެވެ.އެތަކެެއް ނައްސި ޚިޔާލުތަަކަކުން އަހަރެންގެ ތަބީއަތު ޚަރާބުވަމުން ދިޔައެވެ.
ފެއަރ ނިމޭ ގަޑި ކުޑަތަން ވެއްޖެއެވެ.އެހެނަސް އަދިވެސް ތަނުގެ ހަލަބޮލި ކަމަކަށް ބަދަލެއް ނާދެއެވެ.ވަރަށް ތަރުހީބު ލިބުނު ފަހަރެއްގެ ގޮތުގައި ބައެއް ގައިދީން ފާހަގަވެސް ކުރިއެވެ.އެހާތަނަށް އައި އިރު އަހަރެންގެވެސް އެންމެ ދެ ދަބަސް ނޫނީ ހުރިހާ ދަބަހެއް ވަނީ ވިކިފައެވެ.އެހެނަސް އެ ކާމިޔާބީގެ ސަބަބުން އަހަރެން ކުޑަކޮށްވެސް އުފަލެއް ނުވިއެވެ.ޝަފްކާ ނައުމުން އަހަރެން ހުރީ މުޅިން މާޔޫސްވެފައެވެ.
”އެކްސްކިޔުޒް“ އެވަގުތު އަހަރެން ހުރި މޭޒުކައިރީގައި އެއްވެފައި ތިބި މީހުންގެ ތެރެއިން އިވިގެން ދިޔަ އަންހެންކުއްޖެއްގެ އަޑު އަހަރެންގެ ހުރިހާ ހިއްސެއް ސަމާލުކަމަށް ގެނުވިއެވެ.އަހަރެންގެ ނަޒަރު އެ އަޑު އައި ދިމާލަށް ހަރަކާތް ކޮށްލީ ފަޅި ސިކުންތެއްގެ ތެރޭގައެވެ.އެވަގުތު މީހުންގެ ތެރެއިން ތަން ހޯދަމުން އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނު އަންހެން ކުއްޖާ ފެނިފައި އަހަންނަށް ވީގޮތްވެސް ނޭނގުނެވެ.މީހާ ހުރި ތަނަށް ގަނޑުވިއެވެ.މޫނުމަތިން ހީވީ ތަރި ބުރައިގެން ދިޔަހެންނެވެ.އަހަރެންގެ ވަށައިގެންވި އެހެން ހުރިހާ މަންޒަރަކާ އަޑެއް އެއްކޮށް ފުސްވެގެން ދިޔައެވެ.
ކުރިމަތީގައި އެހުރީ ހަމަ އަހަރެންގެ ލޯބިވާ ޝަފްކާ ހެއްޔެވެ؟އޭނާގެ ސިފައަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެއީ ޝަފްކާ ކަމުގައި ގަބޫލު ކުރަންވެސް އަހަންނަށް ދަތިވިއެވެ.އެހާވެސް އޭނާ ތަފާތެވެ.އެހެނަސް އެދެލޯ އަހަންނަށް ދުވަހަކުވެސް ނޯޅޭނެއެވެ.ސިފައަށް ކިތަންމެ ބަދަލެއް އައިސްފައި ވިޔަސް އެ ރީތިކަމަކަށް ކުޑަވެސް ފަނޑުކަމެއް އައިސްފައެއް ނެތެވެ.ކުޑަކޮށް ޗަބީ ވެލާފައި ހުރުމުން އިހުނަށްވުރެވެސް އެ ބައްޓަންތައް މިހާރު ފުރިހަމަހެން ހީވެއެވެ.އެ ލޯބި ލޯބި ދެކޮލަށްވަނީ ޖަންބު ކުލަ ފާއްދާލައިފައެވެ.އެ ދެކޮލުގައި ހިފާލައި ލޯބިކޮށްލަން އަހަރެންގެ ހިތް އެދުނެވެ.މޭކަޕެއްގެ އަސަރު ބޭނުން ނުވާ އެ ރީތި ދެ ތުންފަތް ރަތްކަމުން ހީވަނީ ޗެރީއެއްހެންނެވެ.ގައިގެ ބައްޓަމަށް ހިފާލާފައިވާ ކަޅު ކުލައިގެ މަތިކޮޅާއި މަޑު ނޫކުލައިގެ ޖިންސުގައި ޝަފްކާ ފެންނަލެއް ވަރަށް ހިތްގައިމެވެ.އެހެނަސް އެ ދިގު އިސްތަށިގަނޑު ކަނދުރާއާއި ހަމައަށް ކޮށާލާފައިވާތަން ފެނުމުން އަހަންނަށް ފުން އަސަރުތަކެއް ކުރުވިއެވެ.ހިތަށް ތަދުވިއެވެ.މާޒީގެ އެތަކެއް ލޯބި ހަނދާންތަކެއް އެ ރީތި އިސްތަށިގަނޑާއި ގުޅި ލާމެހިފައިވާތީއެވެ.
ކަޅި ޖަހާލަންވެސް ނޭނގިފައި ބަލަހައްޓައިގެން އަހަންނަށް ހުރެވުނީއެވެ.ކުރިމަތީގައި ހުރީ ޝަފްކާ ކަމުގައި ގަބޫލު ކުރަން އުނދަގޫވެފައެވެ.އޭރު ހިތަށް ކޮށްފައިވާ ފުން އަސަރަކުން އަހަރެންގެ ދެލޯ ފެންކަޅިވަމުން ގޮސް ވަށައިގެންވި ހުރިހާ މަންޒަރެއް ފުސްވެއްޖެއެވެ.
”އާކީ!“ ޝަފްކާގެ ދެ ތުންފަތް ފޫދުއްވާލާފައި ފުރަތަމަވެސް ނުކުތީ އަހަރެންގެ ނަމެވެ.އެ އަޑުގައިވި ރިހުން އިހުސާސްވެ، އަހަރެންގެ ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އިސާހިތަކު އޭގެ މަގާމު ދޫކޮށް އޮހިގެންފިއެވެ.ޝަފްކާގެ ހާލަކީވެސް އެއީއެވެ.ތިބެވުނު ތަނުގެ ގޮތުން ނުރޯން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާއަށްވެސް އެ ޖަޒުބާތުތަކެއް ނުހިފެހެއްޓުނެވެ.އިސާހިތަކު އެ ދެ ކޯތާފަތްވެސް ތެމިގެން ދިޔައީ ހޫނު ކަރުނައިންނެވެ.އެހެނަސް މީހުންގެ ސަމާލުކަން ހުއްޓުމުގެ ކުރިން އޭނާ ވަރަށް އަވަހަށް ޓިިޝޫކޮޅަކުން ދެލޯ ފުހެލާފައި، އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލައިފިއެވެ.މަސްނޫއީ ހިނތުންވުމަކުން އެ ހިތްދަތި އަސަރުތައް ފަރުދާކޮށްލައިފިއެވެ.އަހަރެންވެސް އަވަސް އަވަހަށް ދެލޯ ފުހެލާފައި ގަދަކަމުން ހިނިތުންވެލައިފީމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Ngl but this ep healed me😭😊 finally they got to see each other!! Oh God I’m crying😭😭
Aakil alhe raki vejje dhw varakah? Faadeh ge hiyaal thakah maa samaalukan dheythee ey ehen e vanee😂
Anyways waiting for next^³
Ly💗
Awe thank you your fav bab! ❤️
Hehe yeah ehen dho dhen vaani
Tc 💕
In dhuvas thakehga nerey vhk eh mee??
Don’t have a fixed day but I’m trying to bring at least one ep per week 😊